-

ވަޒީފާއާބެހޭ ގާނޫނު (ގާނޫނު ނަންބަރ 2008-02) އަށް 5 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2016-22)

 

ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 50 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

50. (ނ) މި ގާނޫނުގައި ވަކިގޮތަކަށް ވަޒީފާ އަދާކުރާ ފަރާތްތަކަށް ދެވޭ މުސާރަ ދިނުމަށް ކަނޑައަޅާފައިވާ ހާލަތުތައް ފިޔަވައި އެހެނިހެން ހާލަތުތަކުގައި މުވައްޒަފަކަށް ލިބޭ މުސާރަ ދޭންވާނީ:

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 52 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާ އިތުރުކުރުން.

ވަޒީފާ އަދާކުރާ ބިދޭސީ ފަރާތްތަކަށް އުޖޫރަ ދިނުން 53.

(ހ) ގާނޫނު ނަންބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ގާނޫނު) ގެ ދަށުން ވާކް ވީޒާ ލިބިފައިވާ ބިދޭސީންނަށާއި، ވާކް ވީޒާ ލިބިގެން މެނުވީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުން މަނާ އެއްވެސް ބިދޭސީ މުވައްޒަފަކަށް، ވަޒީފާދޭ ފަރާތުން، ސަރވިސްޗާޖް އަދި މުސާރައިގެ ގޮތުގައި ދެވޭ އެއްވެސް ފައިސާގެ އަދަދެއް ދޭންވާނީ ތިރީގައި ބަޔާންކޮށއފައިވާ ގޮތުގެމަތިންނެވެ.

  1. ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށް ހިންގުމުގެ ހުއްދަ ލިބިފައިވާ ބޭންކެއްގައި، އެ ބިދޭސީ މުވައްޒަފެއްގެ ނަމުގައި ހުޅުވިފައިވާ ބޭންކް އެކައުންޓެއް މެދުވެރިކޮށް: އަދި
  2. ގާނޫނީ ގޮތުން ސައްހަ ފައިސާއަކުން ނަގުދުގެ ގޮތުގައި ނުވަތަ ދިވެހިރާއްޖޭގައި ހުންނަ ބޭންކެއްގެ ޗެކަކުން، އެ މުވައްޒަފެއްގެ އެކައުންޓަށް ފައިސާ ޖަމާކޮށްގެން.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، ގާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ގާނޫނު) އަށް 5 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، ވަޒީފާދޭ ފަރާތުން މި މާއްދާގައި ބުނެފައިވާ ގޮތަށް ބިދޭސީ މުވައްޒަފުންގެ ނަމުގައި ބޭންކް އެކައުންޓެއް ހުޅުވައި ނިންމަންވާނެއެވެ.

(ނ) ވަޒީފާދޭ ފަރާތުން މި މާއްދާގެ (ހ) އާ ހިލާފުވުމަކީ މަނާކަމެކެވެ.

(ރ) ވަޒީފާދޭ ފަރާތުން މި މާއްދާގެ (ހ) އާ ހިލާފުވެއްޖެނަމަ، ވަޒީފާދޭ ފަރާތް 10،000 (ދިހަހާސް) ރުފިޔާއާއި 50،000 ފަންސާސް ހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތްތަކަށް ލިބިގެންވެއެވެ.

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 56 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާ އިތުރުކުރުން.

އިދާރީ ފިޔަވަޅު އެޅުމާއި މުސާރައާބެހޭ ކަންކަން ވަޒީފާ ދޭ ފަރާތުގެ މައްޗަށް ތަންފީޒުކުރުމާބެހޭ ގަވާއިދު އެކުލަވައިލުން 57.

(ހ) މި ގާނޫނުގެ 50 ވަނަ މާއްދާއާއި، 51 ވަނަ މާއްދާއާއި، 52 ވަނަ މާއްދާއާއި، 53 ވަނަ މާއްދާ އަދި 57 ވަނަ މާއްދާއާ ވަޒީފާ ދޭ ފަރާތްތަކުން ތަކުރާރުކޮށް ހިލާފުވެއްޖެނަމަ، އެފަރާތަކުން ހިލާފުވި ހިފާފުވުން އިސްލާހުކުރަންދެން، އިދާރީ ފިޔަވަޅެއްގެ ގޮތުގައި، ވަޒީފާ ދޭ ފަރާތަށް ސަރުކާރުގެ އިދާރާތަކުން އެވަގުތަކު ފޯރުކޮށްދެމުންގެންދާ ހިދުމަތްތައް ހުއްޓާލަން އެންގެމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ.

(ށ) ވަޒީފާ އަދާކުރާ ފަރާތްތަކަށް ލިބެންވާ މުސާރަ، ސަރވިސްޗާޖް އަދި މުސާރައިގެ ބައެއްގެ ގޮތުގައި ދެވޭ ފައިސާ ނުވަތަ އިނާޔަތް އެފަރާތްތަކަށް ހޯދައިދިނުމަށް ބާރު އެޅުމުގެ ގޮތުން، މި ގާނޫނުގެ 50 ވަނަ މާއްދާއާޢި، 51 ވަނަ މާއްދާއާއި، 52 ވަނަ މާއްދާ އަދި 53 ވަނަ މާއްދާއާ ހިލާފަށް އަމަލުކުރާ ވަޒީފާ ދޭ ފަރާތްތަކުގެ މައްޗަށް، މި ގާނޫނުގައި މުސާރައާއި އިނާޔަތް ދިނުމާބެހޭ ގޮތުން ބަޔާންވެގެންވާ ކަންކަން ތަންފީޒުކުރުމަށްޓަކައި، ކަމާބެހޭ ގަވާއިދު މިނިސްޓަރު އެކުލަވާލަންވާނެއެވެ.

(ނ) މި މާއްދާގެ ދަށުން ހަދަންޖެހޭ ގަވާއިދު، ގާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ގާނޫނު) އަށް 5 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ހަދައި، އާންމުކޮށް ށާއިއުކުރަންވާނެއެވެ.

4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 63 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ބިދޭސީން ވަޒީފާ އަދާކުރުމަށް ހުއްދަދިނުމާއި ޑިޕޮސިޓް ބެހެއްޓުން 63.

(ހ) ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ގެންނަ ކޮންމެ ބިދޭސީއެއް ދިވެހިރާއްޖެއަށް ގެނައުމުގެ ކުރިން އެމީހަކު، ދިވެހިރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަ ނުވަތަ "އެމްޕޮލޮއިމަންޓް އެޕްރޫވަލް" ކަމާބެހޭ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ހޯދަންވާނެއެވެ.

(ށ) ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން ބިދޭސީން ގެންނަ ފަރާތްތަކުން ކަމާބެހޭ ގާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަމާބެހޭ ދައުލަތުގެ މުއައްސަސާގައި ޑިޕޮސިޓް ބަހައްޓަންވާނެއެވެ.

(ނ) ދިވެހިރާއްޖޭގައި ބިދޭސީންނަށް ވަޒީފާދެވޭނެ ގޮތާއި، ބިދޭސީން ވަޒީފާ އަދާކުރުމާއި، ވަޒީފާގައި ގެންގުޅުމާއި، ވަޒީފާއިން ވަކިކުރުމާ އަދި މިނޫންވެސް މިކަންކަމާ ގުޅޭގޮތުން އަމަލުކުރާނެ ގޮތުގެ ގަވާއިދު، ގާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ގާނޫނު) އަށް 5 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި މިނިސްޓަރު ހަދައި، އާންމުކޮށް ށާއިއުކުރަންވާނެއެވެ.

5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 66 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

66. (ށ) ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއެއް ރަޖިސްޓަރީކުރުމާއި، ހުއްދަދިނުމާއި، ހުއްދަ އައުކުރުމާއި، ހުއްދަ ހިފެހެއްޓުމާއި، ހުއްދަ ބާތިލުކުރުމާއި، އޭޖެންސީ ހިންގުމާއި، އެފަދަ އޭޖެންސީން ދެވޭ ހިދުމަތާއި، ހިދުމަތުގެ މިންގަނޑުތަކާ ބެހޭގޮތުން ގަވާއިދު ހެދުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ.

6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 66 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި އަކުރު އިތުރުކުރުން.

66. (ނ) މި ގާނޫނުގެ ދަށުން ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއަކަށް މިނިސްޓްރީން ފޯރުކޮށްދޭ ހިދުމަތްތަކަށް ހިދުމަތުގެ ފީޢެއް ނެގުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. އެގޮތުން ދެވޭ ހިދުމަތަށް ފީ ނެގޭނެ އުސޫލާއި މިންވަރު ކަނޑައަޅައި، ކަމާބެހޭ ގަވާޢިދު ގާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ގާނޫނު) އަށް 5 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި މިނިސްޓަރު އެކުލަވާލައި، ށާއިއުކުރަންވާނެއެވެ.

7 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 69 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން

69. (ށ) ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއަކާ ގުޅޭގޮތުން މިނިސްޓަރަށް ހުށަހަޅާ އެއްވެސް ށަކުވާއެއް ބަލާއިރު، އެއީ ރަނގަޅު ހަގީގަތްތަކެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ ށަކުވާއެއްކަން މިނިސްޓަރަށް ސާބިތުވެއްޖެނަމަ، އޭޖެންސީއެއް ކުރި ކަމެއްގެ ކުޑަ ބޮޑު މިނަށް ބަލައި، އެފަރާތަކާމެދު އަންނަނިވި ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް އެޅުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ.

  1. މިނިސްޓަރަށް އެކަށީގެންވާ ކަމަށް ފެންނަ މުއްދަތަކަށް އެ އޭޖެންސީއެއްގެ ހުއްސަ ހިފެހެއްޓުން؛
  2. 5،000 (ފަސްހާސް) ރުފިޔާއާއި 50،000 (ފަންސާސް ހާސް) ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާކުރުން؛
  3. އޭޖެންސީގެ ހުއްދަ ބާތިލުކުރުން؛
  4. އޭޖެންސީއެއްގެ މަސްއޫލުވެރި ފަރާތްތައް ހިއްސާވާ އެއްވެސް ވިޔަފާރިއަކަށް އޭޖެންސީ ހިންގުމުގެ ހުއްދަ ދޫނުކުރުން.

8 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 69 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި އަކުރު އިތުރުކުރުން.

69. (ނ) މިމާއްދާގެ (ހ) ގެ ދަށުން ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއަކާ ގުޅެގޮތުން މިނިސްޓަރަށް ހުށަހަޅާ ށަކުވާ ބެލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު ގާނޫނު ނަންބަރު 2/20008 (ވަޒީފާއާބެހޭ ގާނޫނު) އަށް 5 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި މިނިސްޓަރު އެކުލަވާލައި، ށާއިއުކުރަންވާނެއެވެ.

9 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 88 ވަނަ މާއްދާގެ ފަހަތަށް، އެގާރަވަނަ ބާބުގެ ގޮތުގައި އަންނަނިވި ގޮތަށް ބާބެއް އަދި އަންނަނިވި މާއްދާތައް އިތުރުކުރުން.

 

11 ވަނަ ބާބު

ރެމިޓެންސް ޓެކްސް

 

89 ވަނަ މާއްދާ - ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން ރެމިޓެންސް ޓެކްސް ނެގުން

(ހ) ދިވެހިރާއްޖޭގައި ވަޒީފާއަދާކުރާ ބިދޭސީން 1 އޮކްޓޫބަރު 2016 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖެއިން ބޭރަށް ފޮނުވާ ފައިސާގެ %3 (ތިނެއް އިންސައްތަ) "ރެމިޓެންސް ޓެކްސް" ގެ ގޮތުގައި ދައުލަތަށް ނެގޭނެއެވެ.

(ށ) މި މާއްދާގެ ބޭނުމަށް، "ދިވެހިރާއްޖޭގައި ވަޒީފާއަދާކުރާ ބިދޭސީން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ގާނޫނު) ގެ ދަށުން ދޫކުރާ ވާކް ވީޒާ ލިބިފައިވާ ބިދޭސީންނަށާއި، އެފަދަ ވީޒާއެއް ލިބިފައި ނެތްކަމުގައިވިއަސް ނުވަތަ އެފަދަ ވީޒާގެ މުއްދަތު ހަމަވެފައިވީކަމުގައިވިއަސް ވާކް ވީޒާ ލިބިގެން މެނުވީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުން މަނާ ބިދޭސީންނަށެވެ.

(ނ) ރެމިޓެންސް ޓެކްސް ނަގާނީ ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގައިވާ ގޮތުގެމަތިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިންނެވެ.

 

90 ވަނަ މާއްދާ - ރެމިޓެންސް ޓެކްސް ނަގައި ދައުލަތަށް ދެއްކުން

މި ގާނޫނުގެ 89 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރެމިޓެންސް ޓެކްސް ބިދޭސީން އަތުން ނަގައި، މި ބާބުގައިވާ ގޮތުގެމަތިން އެ ޓެކްސް ދައުލަތަށް ދެއްކުމަކީ ދިވެހިރާއްޖޭގައި ހިންގާ ބޭންކްތަކާއި ބޭންކް ނޫން މަލީ ވިޔަފާއި ހިންގާ ފަރާތްތަކުގެ ތެރެއިން އެއްވެސް ސިފައެއްގައި ދިވެހިރާއްޖެއިން ބޭރަށް ފައިސާ ފޮނުވައިދިނުމުގެ ހިދުމަތްދޭ ފަރާތްތަކުގެ ޒިންމާއެކެވެ.

 

91 ވަނަ މާއްދާ - ރެމިޓެންސް ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުން

(ހ) ރެމިޓެންސް ޓެކުހަށް ރަޖިސްޓަރީވެފައިވާ ކޮންމެ ފަރާތަކުންމެ، ކޮންމެ މަހަކު ރެމިޓެންސް ޓެކްސްގެ ގޮތުގައި މީރާއަށް ދައްކަންޖެހޭ މިންވަރު ހިސާކުރުމަށްފަހު އެކުލަވާލާ ރެމިޓެންސް ޓެކްސް ބަޔާނެއް ވިދިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް މީރާއަށް ހުށަހަޅައި، ރެމިޓެންސް ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އެ ތާރީހުގެ ނިޔަލަށް މީރާއަށް ދައްކަންވާނެއެވެ.
(ށ) ރެމިޓެންސް ޓެކްސް މީރާއަށް ދައްކަންވާނީ ދިވެހި ރުފިޔާއިންނެވެ.

 

92 ވަނަ މާއްދާ - ފިޔަވަޅު އެޅުން

(ހ) ރެމިޓެންސް ޓެކްސް ދައްކަންޖެހޭ ތާރީހަށް ނުދައްކައިފިނަމަ، ނުވަތަ ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ތާރީހަށް ހުށަނާޅާއިފިނަމަ، ނުވަތަ ފައިސާ ފޮނުވައިދުނުމުގެ ހިދުމަތްދޭ ފަރާތަކުން އަދާކުރަންޖެހޭ އެނޫންވެސް ޒިންމާއެއް އަދާނުކޮށްފިނަމަ، ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގައިވާ ގޮތުގެ މަތިން އެފަރާތަކާ މެދު އަމަލުކުރެވޭނެއެވެ.

(ށ) ރެމިޓެންސް ޓެކްސް ދެއްކުމުން ބަރީއަވާން އެއްވެސް ފަރާތަކުން މަސައްކަތްކޮށްފިނަމަ، ނުވަތަ އެފަދަ ކަމަކަށް އެހީތެރިވެދީފިނަމަ މި މާއްދާގެ (ހ) އަށް އަމަލުކުރުމުގެ އިތުރުން، ދިވެހިރާއްޖެއިން ބޭރަށް ފޮނުވި ފައިސާއާ އެއްވަރުގެ އަދަދަކުން އެފަރާތް ޖޫރިމަނާވާނެއެވެ. އަދި އެކަން ކުރީ ވިޔަފާރިއަކުން ކަމުގައިވާނަމަ، ޖޫރިމަނާކުރުމުގެ އިތުރުން، އެފަރާތަށް ދޫކޮށްފައިވާ ވިޔަފާއިކުރުމުގެ ހުއްދަ ވަކި މުއްދަތަކަށް ހިފެހެއްޓުމުގެ އިހްތިޔާރު ދައުލަތުގެ ކަމާބެހޭ އިދާރާއަށް ލިބިގެންވެއެވެ.

 

93 ވަނަ މާއްދާ - ރެމިޓެންސް ޓެކްސްއާބެހޭ ގަވާއިދު ހެދުން

މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންވެފައިވީނަމަވެސް، މި ބާބުގެ މަގްސަދަށްޓަކައި، އަންނަނިވި ކަންކަމާ ގުޅޭގޮތުން ގަވާއިދު ހެދުމުގެ ބާރު މީރާއަށް ލިބިގެންވެއެވެ.

(ހ) ރެމިޓެންސް ޓެކުހަށް ރަޖިސްޓަރީކުރަންޖެހޭ ފަރާތްތައް ރަޖިސްޓަރީކުރުން؛

(ށ) ބިދޭސީންގެ އަތުން ރެމިޓެންސް ޓެކްސް ނެގުމުގައި ފައިސާ ފޮނުވައިދިނުމުގެ ހިދުމަތްދޭ ފަރާތްތަކުން ގެންގުޅެންޖެހޭ އުސޫލުތައް؛

(ނ) ދިވެހިރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަކީ ކޮބައިކަން ކަނޑައެޅުން؛

(ރ) ރެމިޓެންސް ޓެކްސް ތަންފީޒުކުރުމަށްޓަކައި އެކަށައަޅަންޖެހޭ އުނޫންވެސް ކަންކަމާއި އުސޫލުތައް.


10 ވަނަ މާއްދާ - މި ގާނޫނުން ބުނެވިދިޔަ ގާނޫނަށް އިތުރުކުރާ މާއްދާތަކާ ގުޅިގެން އެ ގާނޫނުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.

11 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ވަކި މާއްދާއަކަށް ނުވަތަ ވަކި މާއްދާއެއްގެ ބަޔަކަށް ހަވާލާދީފައިވާ ތަންތަން، މި ގާނޫނުން ގެންނަ އިސްލާހުތަކާ ގުޅިގެން ބަދަލުކުރުން.

12 ވަނަ މާއްދާ - މި ގާނޫނަސް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

ވަޒީފާއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2008-02)

 

ކޮންސޮލިޑޭޓެޑް ގާނޫނު

ވަޒީފާއާބެހޭ ގާނޫނު (ކޮންސޮލިޑޭޓެޑް) (ފަހުގެ ވަރށަން) (ކޮންސޮލިޑޭޓެޑް ނަންބަރު 2008-02)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު