-

ޖެންޑަރ އިކުއަލިޓީގެ ގާނޫނު

(ގާނޫނު ނަންބަރު 2016-18)

  

 އެއްވަނަ ބާބު

 އާންމު މާއްދާތައް

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ދިވެހިރާއްޖޭގައި ޖެންޑަރ އިކުއަލިޓީ ގާއިމުކުރުމުގެ ގޮތުން ޢަމަލުކުރާނެ ގޮތުގެ މައިގަނޑު އުސޫލުތަކާއި، ޖެންޑަރއަށް ބަލައި ތަފާތުކުރުން މަނާކުރުމާބެހޭ ސިޔާސަތުތަކާއި، ޖެންޑަރ އިކުއަލިޓީ ގާއިމުކުރުމުގައި ދައުލަތުގެ މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ މަސްއޫލިއްޔަތާއި ޒިންމާ ބަޔާންކުރުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ، "ޖެންޑަރ އިކުއަލިޓީގެ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ – މަގްސަދު

މި ގާނޫނުގެ މަގްސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.

(ހ) އަސާސީ ހައްގުތަކާއި މިނިވަންކަން ލިބުމުގައި އެމީހެއްގެ ޖިންސަށް ނުވަތަ އެނޫންވެސް ކަންކަމަށް ބަލައި ތަފާތުކޮށްގެން ނުވާނެކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވީ ހިނދު، އަދި ގާނޫނުގެ ރައްކާތެރިކަމާއި، ގާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބުމަކީ ހަމަ ކޮންމެ މީހެއްގެ ވެސް ހައްގެއް ކަމަށް ގާނޫނުއަސާސީގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވީ ހިނދު، ގާނޫނުއަސާސީއާއި ގާނޫނުތަކުން ލިބިދޭ އަސާސީ ހައްގުތަކާއި މިނިވަންކަން، ވަކި ޖިންސަކަށް ނުވަތަ ޖެންޑަރއަށް ބަލައި ތަފާތުކުރުމެއްނެތި، ހަމަ ކޮންމެ މީހަކަށްވެސް ފުރިހަމައަށް ލިބިގެންވާކަން ކަށަވަރުކޮށްދިނުން؛

(ށ) އަންހެނުންނާ ދެކޮޅަށް ކުރެވޭ އެންމެހައި ތަފާތުކުރުންތައް ނައްތާލުމާބެހޭ ބައިނަލްއަގްވާމީ މުޢާހަދާއަށާއި އެ މުޢާހަދާގެ އޮޕްށަނަލް ޕްރޮޓޮކޯލަށް ރިޢާޔަތްކޮށް، ވަކި ޖިންސެއްގެ މީހަކަށްވީތީ ކުރާ ތަފާތުކުރުންތައް ހުއްޓުވުމަށް އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއް އެޅުމަށާއި، އަންހެނުންނާއި ފިރިހެނުންގެ މެދުގައި ތަފާތުކުރުމަށް ބާރު އަޅާ ވިސްނުމާއި ފިކުރާއި އުސޫލުތައް ހުއްޓުވުމަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް އެޅުމަށް މަގުފަހިކުރުން؛

(ނ) އަންހެނުންނާ ދެކޮޅަށް ކުރެވޭ އެންމެހައި ތަފާތުކުރުންތައް ނައްތާލުމާބެހޭ ބައިނަލްއަގްވާމީ މުޢާހަދާއަށާއި އެ މުޢާހަދާގެ އޮޕްށަނަލް ޕްރޮޓޮކޯލަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގެ އިގްތިސާދީ، އިޖްތިމާޢީ، ސަގާފީ، މަދަނީ އަދި ސިޔާސީ މައިދާނުގައި ފިރިހެނުންނާ އެއްހަމައެއްގައި އަންހެނުންނަށް އިންސާނީ ހައްގުތަކާއި، އަސާސީ ހައްގުތަކާއި އަދި ފުރުސަތުތައް ލިބިގެންވާކަން ކަށަވަރުކުރުން؛

(ރ) އިންސާނީ ށަރަފާއި ކަރާމާތް ރައްކާތެރިކުރުން؛

(ބ) ޖެންޑަރ އިކުއަލިޓީ ގާއިމުކުރުމުގެ ގޮތުން ދައުލަތުގެ އިދާރާތަކުންނާއި ވިޔަފާރި ތަންތަނުންނާއި، ޖަމްޢިއްޔާ ޖަމާޢަތްތަކުންނާއި، ވަޒީފާދޭ ފަރާތްތަކުންނާއި، އެހެނިހެން ގާނޫނީ ށަހްސުތަކުންނާއި އަދި ޢާންމު ފަރުދުން ޢަމަލު ކުރަންޖެހޭ އުސޫލުތައް ކަނޑައެޅުން؛

(ޅ) އިޖްތިމާޢީ ގޮތުންނާއި، އިގްތިސާދީ ގޮތުންނާއި، ސިޔާސީ ގޮތުންނާއި އަދި ސަގާފީ ގޮތުން ޖެންޑަރ އިކުއަލިޓީ ގާއިމުކުރުމަށްޓަކައި އެކަށައަޅަންޖެހޭ ސިޔާސަތުތައް އެކަށައެޅުމުގައި ޢަމަލުކުރަންވީ އުސޫލުތައް ކަނޑައެޅުން؛

(ކ) އަންހެނަކަށްވީތީ ކުރާ އަނިޔާ ހުއްޓުވުމަށްޓަކައި ފިޔަވަޅު އެޅުން؛

(އ) ޖެންޑަރ އިކުއަލިޓީ ގާއިމުކުރުމަށްޓަކައި ހާއްސަ ފިޔަވަޅު އެޅުން؛

(ވ) އަންހެނުންނާއި ފިރިހެނުން ބާރުވެރިކުރެވޭނެ ފަދަ މާހައުލެއް ގާއިމުކުރުމާއި، ދެ ޖިންސުގެ މީހުންނަށްވެސް ހަމަހަމަ ފުރުސަތުތައް ތަނަވަސްކޮށްދީ، ހަމަހަމަ ގޮތެއްގައި ނަތީޖާ ހާސިލުކުރުމަށް މަގުފަހިކޮށްދިނުން.

 

3 ވަނަ މާއްދާގާނޫނު މާންކުރުމުގެ ހާއްސާ އުސޫލު

(ހ) މި ގާނޫނު މާނަކުރަންވާނީ، ގާނޫނުއަސާސީއާއި އިސްލާމްދީނުގެ އަސްލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ށ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން މާނަކުރުމުގައާއި ތަތުބީގުކުރުމުގައި، އަންހެނުންނާ ދެކޮޅަށް ކުރެވޭ އެންމެހައި ތަފާތުކުރުންތައް ނައްތާލުމާބެހޭ ބައިނަލްއަގްވާމީ މުޢާހަދާއާއި އެ މުޢާހަދާގެ އޮޕްށަނަލް ޕްރޮޓޮކޯލްއާއި، އެނޫންވެސް ދިވެހިރާއްޖެ ބައިވެރިވެފައިވާ މުޢާހަދާތަކާއި އެއްބަސްވުންތަކާއި، އިންސާނީ ށަރަފާއި ހަމަހަމަކަމާއި މިނިވަންކަމަށް ބިނާކޮށް އުފެދިފައިވާ، ހުޅުވިގެންވާ ދިމިގްރާތީ މުޖްތަމަޢުތަކުން ގަބޫލުކުރާ އުސޫލުތައް ނަގަހައްޓަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) އަށް ޢަމަލުކުރުމުގައި، ދިވެހިރާއްޖެ ބައިވެރިވެފައިވާ މުޢާހަދާތަކާއި އެއްބަސްވުންތަކުގައި ދިވެހިރާއްޖެއިން އެއްވެސް ރިޒަވޭށަނެއް ނުވަތަ އިސްތިސްނާ ކުރުމެއް ހަދާފައިވާނަމަ، އެކަންކަމަށް ރިޢާޔަތްކުރަންވާނެއެވެ.

 

ދެވަނަ ބާބު

ހަމަހަމަކަމާއި ތަފާތުނުކުރުމުގެ އުސޫލުތައް

4 ވަނަ މާއްދާ - ޖެންޑަރ އިކުއަލިޓީ

މި ގާނޫނުގެ މަގްސަދަށްޓަކައި، "ޖެންޑަރ އިކުއަލިޓީ" ނުވަތަ "ޖިންސުގެ ހަމަހަމަކަން" ކަމަށް ބުނެފައި އެވަނީ، އަންހެނުންނަށާއި ފިރިހެނުންނަށް، ފުރުސަތުތައް ލިބުމުގެ ހަމަހަމަކަމަށާއި، ފުރުސަތުތަކަށް ވާސިލުވުމުގައި ހަމަހަމަކަމަށާއި، ފުރުސަތުތަކުން ނަތީޖާ ހާސިލުކުރުމުގެ ހަމަހަމަކަމަށާއި، ހައްގުތަކާއި މިނިވަންކަމުގެ ފުރިހަމަ މަންފާ ހޯދޭފަދަ މަޢުނަވީ ހަމަހަމަކަމަށެވެ.

 

5 ވަނަ މާއްދާ – ރައްކާތެރިކަން ލިބިގެންވާ ސިފަ

(ހ) އަސާސީ ހައްގުތަކާއި މިނިވަންކަން ލިބުމުގައި އެމީހެއްގެ ޖިންސަށް ނުވަތަ އެނޫންވެސް ކަމަކަށް ބަލައި ތަފާތުކޮށްގެން ނުވާނެކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވީ ހިނދު، "ޖެންޑަރ" އަކީ މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރައްކާތެރިކަން ލިބިގެންވާ ސިފައެކެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ލިބިދޭ ރައްކާތެރިކަމުގެ ނަތީޖާއަކީ، މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކުން، މީހެއްގެ ޖިންސަށް ނުވަތަ ޖެންޑަރއަށް ބަލައި، އެ މީހަކާމެދު ތަފާތުކޮށްފިނަމަ، މި ގާނޫނުގެ ދަށުން ލިބިދޭ ހައްގުތަކާއި ރައްކާތެރިކަން އެފަދަ މީހަކަށް ލިބުމެވެ.

 

6 ވަނަ މާއްދާ – މި ބާބު ހިނގާ ފަރާތްތައް

މި ގާނޫނުގެ 7 ވަނަ މާއްދާއިން ފެށިގެން 12 ވަނަ މާއްދާގެ ނިޔަލަށް ބަޔާންކޮށްފައިވާ ކަންކަން، ދައުލަތުގެ އިދާރާތަކާއި އަދި ވިޔަފާރިކުރާ ތަންތަނާއި، ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ވަޒީފާ ދޭ ފަރާތްތަކާއި، އެހެނިހެން ގާނޫނީ ށަހްސުތަކާއ އަދި ޢާންމު ފަރުދުންގެ މައްޗަށް ހިނގާނެއެވެ.

 

7 ވަނަ މާއްދާ – ޖެންޑަރއަށް ބަލައި ތަފާތުކުރުން

(ހ) ޖެންޑަރއަށް ބަލައި އެއްވެސް މީހަކާމެދު، ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވިޔަސް ތަފާތުކުރުމަކީ މި ގާނޫނުގެ ދަށުން މަނާކަމެކެވެ.

(ށ) މި މާއްދާގައި "ޖެންޑަރއަށް ބަލައި ތަފާތުކުރުން" ކަމަށް ބުނެފައި އެވަނީ، އެކަމުގެ މަގްސަދަކީ، ނުވަތަ ނަތީޖާއަކީ، އަސާސީ ހައްގުތަކާއި މިނިވަންކަން، އަންހެނުންނާއި ފިރިހެނުންނަށް ހަމަހަމަކަމާއެކު ލިބުމަށް އޮތް ހައްގަށް އުނިކަން ލިބޭގޮތަށް ނުވަތަ ނެތިގެންދާ ގޮތަށް އެމީހަކު ނިސްބަތްވާ ޖިންސަށް ނުވަތަ ޖެންޑަރއަށް ބިނާކޮށް، ވަކި ކަމަކުން އެކަހެރި ކުރުމަށް، ނުވަތަ ވަކި ކަމެއް މަނާކުރުމަށް، ނުވަތަ ވަކި ކަމެއްގައި ތަފާތުކުރުމުގެ ގޮތުން ކުރެވޭ ކޮންމެ ތަފާތުކުރުމަކަށެވެ.

 

8 ވަނަ މާއްދާ – ހަމަހަމަކަން ގެއްލިފައވާ ނިޒާމެއްގެ ސަބަބުން ކުރިމަތިވާ ނިޒާމީ ތަފާތުކުރުން

(ހ) ވަކި ޖިންސެއްގެ މީހުންނަށް ވަކި ބާވަތްތަކުގެ މަސައްކަތެއް ހާއްސަކުރުމުގެ ނަތީޖާއެއްގެ ގޮތުން، ވަކި ޖިންސެއްގެ މީހުންނަށް ފުރުސަތު ނުލިބޭ ގޮތަށް އުފެދިފައިވާ ހަމަހަމަކަން ގެއްލިފައިވާ ނިޒާމެއްގެ ސަބަބުން ކުރިމަތިވާ ނިޒާމީ ތަފާތުކުރުން ބެލެވޭނީ، ޖެންޑަރއަށް ބަލައި ތަފާތުކުރުން ކަމުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި "ހަމަހަމަކަން ގެއްލިފައިވާ ނިޒާމު" ކަމަށް ބުނެފައި އެވަނީ، އިޖްތިމާޢީ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް، މުޖްތަމަޢުގައި ވަކި ޖިންސެއްގެ ދައުރާބެހޭ ގޮތުން ނުރަނގަޅު ގޮތެއްގައި މީހުން ގަބޫލުކުރާ ކަންކަން، ގާނޫނުތަކާއި ސިޔާސަތުތަކާއި އާދަކާދަތަކާއި ސަގާފަތުގެ ގޮތުގައި އުފައްދައި، އެކަންކަން އެގޮތުގައި ދެމެހެއްޓޭނެ ގޮތަށް ބައްޓަންކުރެވިފައިވާ ނިޒާމުތަކަށެވެ.

 

9 ވަނަ މާއްދާ – ވަކި ކަންކަމުގެ މައްޗަށް ބިނާކޮށް ތަފާތުކުރުން

(ހ) އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއްގެ މައްޗަށް ބިނާކޮށް، އަންހެނަކާމެދު ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވިޔަސް ތަފާތުކުރުމަކީ މި ގާނޫނުގެ ދަށުން މަނާކަމެކެވެ.

  1. ދަރިމައިވުން ނުވަތަ ދަރިމައިވުމުގެ ފުރުސަތު އޮތުން؛
  2. ވިހެއުން ނުވަތަ ވިހެއުމުގެ ފުރުސަތު އޮތުން؛
  3. ގާތުން ކިރުދިނުން ނުވަތަ ގާތުން ކިރުދިނުމުގެ ފުރުސަތު އޮތުން.

(ށ) އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއްގެ މައްޗަށް ބިނާކޮށް، އެއްވެސް މީހަކާމެދު ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވިޔަސް ތަފާތުކުރުމަކީ މި ގާނޫނުގެ ދަށުން މަނާކަމެކެވެ.

  1. ޖިންސު؛
  2. ކާވެނީގެ ހާލަތު؛
  3. ޢާއިލީ ޒިންމާ؛
  4. ޢާންމު ގޮތެއްގައި ވަކި ޖިންސަކަށް ނިސްބަތްކުރާ ސިފަތައް، ނުވަތަ ޢާންމު ގޮތެއްގައި އެ ޖިންސަކަށް ނިސްބަތްނުކުރާ ސިފަތައް؛
  5. ޢާންމު ގޮތެއްގައި، ވަކި ޖިންސަކަށް ނިސްބަތްކޮށް، އެ ޖިންސުގެ މީހަކަށްވީތީ އެމީހަކު އަދާކުރާ ކަމަށް ބެލެވޭ ދައުރު ނުވަތަ އެ ޖިންސުގެ މީހަކަށްވީތީ އެމީހަކު އަދާ ނުކުރާ ކަމަށް ބެލެވޭ ދައުރު؛
  6. އަންހެނުންނާއި ފިރިހެނުންނާ ދެމެދު އޮންނަ ހަމަހަމަކަން ނެތިގެންދާ ގޮތަށް ޢަމަލުކުރެވޭ އުސޫލުތައް؛
  7. ވަކި ޖިންސެއްގެ މީހުންގެ ކަރާމަތަށް ގެއްލުން ލިބޭ ގޮތަށް ޢަމަލުކުރެވޭ އުސޫލުތައް؛
  8. ވަކި ޖިންސެއްގެ ބަޔަކު އަނެއް ޖިންސެއްގެ ބައެއްގެ މައްޗަށް އިސްވާކަމަށް ނުވަތަ ދަށްވެގެންވާކަމަށް އިޖްތިމާޢީ ގޮތުން ނުވަތަ ސަގާފީ ގޮތުން ގަބޫލުކުރެވޭ ގަބޫލުކުރެވުންތައް.

(ނ) މި މާއްދާގައި "ތަފާތުކުރުން" ކަމަށް ބުނެފައި އެވަނީ، ގާނޫނުތަކާއި، ގަވާއިދުތަކާއި، ސިޔާސަތުތަކާއި، ޢަމަލުކުރަމުންދާ އުސޫލުތަކާއި، ހާލަތްތައް ހިމެނޭ ގޮތުން، މީހަކު ކުރާ ކަމެއްގެ ސަބަބުން ނުވަތަ ނުކޮށް ދޫކޮށްލާ ކަމެއްގެ ސަބަބުން އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ސީދާ ގޮތުން ނުވަތަ ނުސީދާގޮތުން ވިޔަސް މެދުވެރިވުމަށެވެ.

  1. މީހަކަށް ބުރައެއް ނުވަތަ އިލްތިޒާމެއް އުފުލަންޖެހުން ނުވަތަ ދަތިކަމެއް ކުރިމަތިވުން؛ ނުވަތަ
  2. މި މާއްދާގައި ބަޔާންކޮށްފައިވާ ކަމެއްގެ މައްޗަށް ބިނާކޮށް، މީހަކަށް ލިބެން އޮތް މަންފާއެއް ނުވަތަ ފައިދާއެއް ނުވަތަ ފަސޭހައެއް ނުވަތަ ފުރުސަތެއް ހިފެހެއްޓުން.

 

10 ވަނަ މާއްދާ – ސީދާ ގޮތުން ތަފާތުކުރުން

މި ގާނޫނުގެ މަގްސަދަށްޓަކައި، ސީދާ ގޮތުން ތަފާތުކުރުމަކީ އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކުރުމެވެ.

(ހ) ގަވާއިދެއްގައި، ނުވަތަ މުއައްސަސާއަކުން ޢަމަލުކުރާ އުސޫލެއްގައި، ނުވަތަ އެނޫންވެސް އެފަދަ ކަމެއްގައި، ހައްގުތައް ލިބިގަތުމުގައާއި ޒިންމާތައް އަދާކުރުމުގައި އަންހެނުންނާއި ފިރިހެނުންގެ މެދުގައި ކަނޑައެޅިގެން ފެންނަން އޮންނަ ތަފާތުކުރުމެއް ބަޔާންކޮށްފައިވުން؛ ނުވަތަ

(ށ) މި ގާނޫނުގެ ދަށުން ރައްކާތެރިކަން ލިބިގެންވާ ސިފައެއް މީހެއްގެ ކިބައިގައި ހުރުމުގެ ސަބަބުން ނުވަތަ މީހެއްގެ ކިބައިގައި ހުންނަ ށަހްސީ ސިފައެއްގެ ސަބަބުން އެމީހަކާމެދު ފަހިކަން ކުޑަގޮތަކަށް ޢަމަލުކުރުން ނުވަތަ ޢަމަލުކުރަން އުޅުން.

 

11 ވަނަ މާއްދާ – ނުސީދާ ގޮތުން ތަފާތުކުރުން

(ހ) މި ގާނޫނުގެ މަގްސަދަށްޓަކައި، ނުސީދާ ގޮތުން ތަފާތުކުރުމަކީ އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް މެދުވެރިވުމެވެ.

  1. ވަކި ގަވާއިދަކީ  ނުވަތަ ސިޔާސަތަކީ، ނުވަތަ ޢަމަލުކުރަމުންދާ އުސޫލަކީ، ފެންނަ ފެނުމަށް ހަމަހަމަކަން ގާއިމުކުރާ ކަމެއް ކަމުގައިވިޔަސް، އެ ގަވާއިދެއް ނުވަތަ ސިޔާސަތެއް ނުވަތަ ޢަމަލުކުރަމުންދާ އުސޫލެއް އެކުލަވާލެވުމުގެ ކުރިން ހުރި ބޭއިންސާފު ކަންކަން ނައްތާލުމަށްޓަކައި އެކަށީގެންވާ މިންވަރަށް ސަމާލުކަން ދެވިފައިނުވުމުގެ ސަބަބުން، ވަކި ޖެންޑަރއަކަށް ހަމަހަމަނޫން ނަތީޖާތަކެއް ކުރިމަތިކުރުވާ ކަމެއް ކަމުގައިވުން؛ ނުވަތަ
  2. ވަކި ކަމެއް  ކުރުމަށްޓަކައި ނުވަތަ ހާސިލުކުރުމަށްޓަކައި ކަނޑައަޅާފައިވާ ށަރުތެއްގެ ސަބަބުން، ނުވަތަ ހުންނަންޖެހޭ ކަމަށް ބަޔާންކޮށްފައިވާ ސިފައެއްގެ ސަބަބުން، ނުވަތަ އެފަދަ ކަމެއް ކުރުމުގައި ޢަމަލުކުރަމުންދާ ގޮތެއްގެ ސަބަބުން، އެކަމަކީ ނުވަތަ އޭގެ ނަތީޖާއަކީ، މި ގާނޫނުގެ ދަށުން ރައްކާތެރިކަން ލިބިދޭ ފަދަ ހާލަތެއްގައި ހުރި މީހަކަށް އެކަށީގެންނުވާ ގޮތެއްގައި ދެރައެއް ނުވަތަ ދަތިކަމެއް ކުރިމަތިކުރުވާ ކަމެއް ކަމުގައިވުން.

(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ށަރުތަކީ، ނުވަތަ ސިފައަކީ، ނުވަތަ ޢަމަލުކުރަމުންދާ ގޮތަކީ އެކަށީގެންވާ ކަމެއްކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި ކޯޓުން އަންނަނިވި ކަންކަން ހިމެނޭ ގޮތުން، އެކަމެއްގެ ވަށައިގެންވާ ކަންކަމަށް ރިޢާޔަތް ކުރަންވާނެއެވެ.

  1. އެފަދަ ށަރުތެއް ނުވަތަ ސިފައެއް ފުރިހަމަނުކުރެވޭ މީހަކަށް، ނުވަތަ ޢަމަލުކުރަމުންދާ ގޮތާ އެއްގޮތަށް ޢަމަލުނުކުރެވޭ މީހަކަށް އެކަމުގެ ސަބަބުން ކުރިމަތިވާނެ ކަންކަން؛
  2. އެފަދަ ށަރުތެއް، ނުވަތަ ސިފައެއް، ނުވަތަ ޢަމަލުކުރަމުންދާ ގޮތެއްގެ ބަދަލުގައި އެހެން ގޮތަކަށް ޢަމަލުކުރާނަމަ އެކަމުގައި ހުރި ގެއްލުން؛
  3. އެފަދަ ށަރުތެއް ނުވަތަ ސިފައެއް ނުވަތަ ޢަމަލުކުރަމުންދާ ގޮތެއް ތަންފީޒުކުރާ މީހާގެ ނުވަތަ ތަންފީޒުކުރަން ހުށަހަޅާ މީހާގެ މާލީ ހާލަތު.

(ނ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންކަމަކީ، ގާނޫނު ހުއްދަކުރާ މަގްސަދެއް ހާސިލުކުރަން ބޭނުންވާ މިންވަރަށް ކަނޑައަޅާފައިވާ ކަންކަން ކަމަށްވާނަމަ، އެ ކަންކަމަކީ ނުސީދާގޮތުން ތަފާތުކުރުން ކަމުގައި ނުބެލެވޭނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައ ބަޔާންކޮށްފައިވާ ކަމަކާ ގުޅިގެން ހުށަހަޅާ މައްސަލައެއްގައި، މައްސަލަ ހުށަހަޅާ މީހާ ހުށަހަޅާ މައްސަލައަކީ، ފުރަތަމަ ހިނދުން ފެށިގެން ދަޢުވާކުރުމުގެ ހައްގު ލިބިގެންވާ މައްސަލައެއްކަން، ލިބިފައިހުރި ހެކިތަކުގެ ބުރަދަނަށް ބަލައި ސާބިތުކޮށްދީފިނަމަ، މައްސަލަ އަމާޒުވާ ކަމަކީ ނުސީދާ ގޮތުން ތަފާތުކުރުމެއް ނެތް ކަމެއްކަން ނުވަތަ އެކަމަކީ، ގާނޫނު ހުއްދަކުރާ މަގްސަދެއް ހާސިލުކުރަން ބޭނުންވާ މިންވަރަށް ކަނޑައަޅާފައިވާ ކަމެއްކަން ސާބިތުކޮށްދިނުމުގެ ޒިންމާ އޮންނާނީ، އެފަދަ މައްސަލައެއް ރައްދުވާ ފަރާތުގެ މައްޗަށެވެ.

 

12 ވަނަ މާއްދާ – ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ތަފާތުކުރުމެއް ގެންގުޅޭކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި ރިއާޔަތްކޮށްގެން ނުވާނެ ކަންކަން

ވަކި މީހަކު، ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ތަފާތު ކުރުމެއް ގެންގުޅޭކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި އަންނަނިވި ކަންކަމަށް ރިޢާޔަތްކޮށްގެން ނުވާނެއެވެ.

(ހ) އެމީހެއްގެ އެ ޢަމަލުގެ ސަބަބުން ވަކި ޖިންސަކަށް ފަހިކަން ކުޑަ ގޮތްތަކެއް މެދުވެރިވާނެކަމަށް ގަބޫލުކުރެވިފައި އޮތުން؛

(ށ) އެމީހެއްގެ އެ ޢަމަލަކީ ތަފާތު ކުރުމެއްކަމަށް އޭނާއަށް އެނގިފައި އޮތުން؛

(ނ) ޖެންޑަރއަށް ބަލައި ތަފާތުކުރުމަކީ، އޭނާގެ ޢަމަލު އެ މައްޗަށް ބިނާވެގެންވާ ޖައުހަރީ ސަބަބަކަށްވާ ހާލަތުގައި، ޖެންޑަރއަށް ބަލައި ތަފާތުކުރުމަކީ އެކަމުގައި އޮތް ހަމައެކަނި ސަބަބު ނުވަތަ މައިގަނޑު ސަބަބު ކަމަށްވުން؛

(ރ) ތަފާތުކުރުމެއް ގެންގުޅުނު މީހެއްގެ މަގްސަދު؛

(ބ) ތަފާތުކުރުމެއް ގެންގުޅުނު މީހަކު ތަފާތުކުރުމުގެ ޢަމަލު ހިންގީ އެމީހަކު އެކަނި ކަމަށްވުން ނުވަތަ ގިނަ ބަޔަކު ބައިވެރިވެގެން ކަމަށްވުން؛ ނުވަތަ

(ޅ) ތަފާތުކުރުމެއް މެދުވެރިވީ ކަމެއް ކޮށްގެން ނުވަތަ ކަމެއް ނުކޮށް ދޫކޮށްލައިގެން ކަމަށްވުން.

 

13 ވަނަ މާއްދާތަފާތުކުރުން ކަމުގައި ނުބެލެވުން

މި ގާނޫނުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަގްސަދެއް ހާސިލުކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 17 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް، ވަކި ޖިންސެއްގެ ބަޔަކަށް އެހީތެރިވެދިނުމަށްޓަކައި، ނުވަތަ ރައްކާތެރިކަން ލިބިދިނުމަށްޓަކައި ކުރާ ކަންތައްތަކަކީ މި ގާނޫނުގައި ބަޔާންކޮށްފައިވާފަދަ ތަފާތުކުރުމެއް ކަމުގައެއް ނުވާނެއެވެ.

 

ތިންވަނަ ބާބު

އަންހެނަކަށްވީތީ ކުރާ އަނިޔާ

14 ވަނަ މާއްދާ – އަންހެނަކަށްވީތީ ކުރާ އަނިޔާ

(ހ) އަންހެނަކަށްވީތީ ކުރާ އަނިޔާއަކީ، މި ގާނޫނުގެ މަގްސަދަށްޓަކައި، ޖެންޑަރއަށް ބަލައި ތަފާތުކުރުން ކަމުގައި ބެލެވޭނެ ކަމެކެވެ.

(ށ) މި މާއްދާގެ (ހ) ގައި "އަންހެނަކަށްވީތީ ކުރާ އަނިޔާ" ކަމަށް ބުނެފައި އެވަނީ، އަންހެނަކަށް ވީތީ، އެމީހަކާމެދު އަންނަނިވި ޢަމަލުތަކުގެ ތެރެއިން ޢަމަލެއް ހިންގުމަށެވެ.

  1. ގާނޫނު ނަންބަރު 3/2012 (ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ގެވެށި އަނިޔާގެ ޢަމަލެއް ހިންގުން؛
  2. ގާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ރޭޕްކުރުން ނުވަތަ ޖިންސީ އަނިޔާގެ ޢަމަލެއް ހިންގުން ނުވަތަ އެފަދަ ޢަމަލެއް ހިންގަފާނެކަމުގެ ބިރުދެއްކުން؛
  3. ޖިސްމާނީ ނުވަތަ ޖިންސީ ނުވަތަ ނަފްސާނީ ގޮތުން ހާނިއްކަ ލިބޭ ޢަމަލެއް ހިންގުން؛
  4. މި އަކުރުގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢަމަލެއް ހިންގަފާނެކަމުގެ ބިރުދެއްކުން؛
  5. މީހެއްގެ ނުރުހުމުގައި ވަކި ތަނެއްގައި ބަންދުކުރުން؛
  6. އިޖްތިމާޢީ ގޮތުންނާއި އިގްތިސާދީ ގޮތުން ގަދަރުވެރި ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ނުދިނުން؛
  7. އަމިއްލައަށް އާމްދަނީ ހޯދައިގެން ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ނުދިނުން؛
  8. ގާނޫނު ނަންބަރު 16/2014 (ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލެއް ނުވަތަ ޢަމަލުތަކެއް ހިންގުން؛
  9. އަންހެނުންނާއި އަންހެންކުދިންގެ އިންސާނީ ވަގުފާރިއާއި ނަހަމަގޮތުގައި އެމީހުންގެ ބޭނުން ހިފުން؛ ނުވަތަ
  10. އެހެން ގާނޫނަކުން މަނާކޮށްފައިވާ ޢަމަލެއް އަންހެނަކާމެދު ހިންގުން.

(ނ) އަންހެނަކަށްވީތީ ކުރާ އަނިޔާގެ ޢަމަލެއްކަމުގައި މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޢަމަލަކަށް، އެހެން ގާނޫނެއްގެ ދަށުން އެފަދަ ޢަމަލަކަށް ލިބެންޖެހޭ އަދަބު ލިބުމަކީ، މި ގާނޫނުގެ ދަށުން ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާކުރުމަށް އޮތް ހުރަހެއްނޫނެވެ.

 

15 ވަނަ މާއްދާ – އަންހެނަކަށްވީތީ ކުރާ އަނިޔާގެ އަމަލަކަށް ފިޔަވަޅު އެޅުން

މި ގާނޫނުގެ 14 ވަނަ މާއްދާގައި އަންހެނަކަށްވީތީ ކުރާ އަނިޔާގެ ޢަމަލެއްކަމުގައި ބަޔާންކޮށްފައިވާ ޢަމަލަކީ، އެހެން ގާނޫނެއްގައި ފިޔަވަޅުއެޅޭނެ ކަމަށް ބަޔާންކޮށްފައިވާ ޢަމަލެއްނަމަ، އެ ގާނޫނެއްގެ ދަށުން ފިޔަވަޅު އެޅޭނެ އަދި އެ ގާނޫނުގެ އުސޫލުތައް ހިނގާނެ، މަދަނީ ޒިންމާ އުފުލަންޖެހޭ ހާލަތްތަކުގައި މަދަނީ ޒިންމާ އުފުލުމާއެކު، އެ ޢަމަލަކީ ޖިނާއީ ކުށެއްކަމަށްވާނަމަ ޖިނާއީ ކުށުގެ ދަޢުވާ އުފުލޭނެ ކަންކަމެވެ.

 

ހަތަރުވަނަ ބާބު

އިދާރީ ދާއިރާތަކުގައި ދިރިއުޅޭ އަންހެނުން

16 ވަނަ މާއްދާ – ދައުލަތުގެ އިދާރާތަކުގެ ޒިންމާ

އިދާރީ ދާއިރާތަކުގައި ދިރިއުޅޭ އަންހެނުންނަށް ކުރިމަތިވާ މައްސަލަތަކާއި، އިގްތިސާދަށް ފައިދާވާ ގޮތަށް އެފަރާތްތަކުން ކުރާ އާމްދަނީ ނުލިބޭ މަސައްކަތްތައް ހިމެނޭގޮތުން، ޢާއިލާގެ ރައްކާތެރިކަމަށާއި ދުޅަހެޔޮކަމަށް އެފަރާތްތަކުން އަދާކުރާ ދައުރު ދެނެގަނެ، މި ގާނޫނުގެ ހަގީގީ މަންފާ އެފަރާތްތަކަށް ލިއްބައިދިނުމަށްޓަކައި ދައުލަތުގެ އިދާރާތަކުން އެކަށީގެންވާ ފިޔަވަޅު އަޅަންވާނެއެވެ.

 

17 ވަނަ މާއްދާ – އިދާރީ ދާއިރާތަކުގައި ދިރިއުޅޭ އަންހެނުންނަށް ކަށަވަރުކޮށްދޭންޖެހޭ ހައްގުތައް

އިދާރީ ދާއިރާތަކުގައި ދިރިއުޅޭ އަންހެނުންނާމެދު ކުރެވޭ ތަފާތުކުރުންތައް ނައްތާލައި، ޖެންޑަރ އިކުއަލިޓީ ގާއިމުކުރުމާއެކު، އެ ދާއިރާތައް ތަރައްގީކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އަންހެނުން ބައިވެރިކޮށް، ތަރައްގީގެ މަންފާ، އަދި ހާއްސަކޮށް އަންނަނިވި ހައްގުތައް އަންހެނުންނަށް ކަށަވަރުކޮށްދިނުމަކީ ދައުލަތުގެ އިދާރާތަކާއި ވިޔަފާރި ތަންތަނާއި، ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ވަޒީފާދޭ ފަރާތްތަކާއި، އެހެނިހެން ގާނޫނީ ށަހްސުތަކާއި އަދި އަމިއްލަ ފަރުދުންގެ ޒިންމާއެކެވެ.

(ހ) ތަރައްގީއަށް ރޭވޭ އެކި ކަންކަން ފަރުމާކުރުމާއި، ތަފްސީލުކުރުމާއި، ތަންފީޒުކުރުމުގެ އެކި މަރުހަލާތަކުގައި އެމީހުންގެ ޢަމަލީ ހިއްސާއޮތުން؛

(ށ) ހަގީގީ މަންފާ ލިބޭ މިންވަރުގެ އަދި ފެންވަރުގެ ހިދުމަތާއި، ސިއްހަތާ ގުޅުންހުރި މަޢުލޫމާތާއި، ކައުންސެލިންގ އަދި ޢާއިލާ ރޭވުމާގުޅޭ ހިދުމަތްތައް ތަފާތުކުރުމެއްނެތި ލިބުން؛ 

(ނ) އިޖްތިމާޢީ އެހީތެރިކަން ފޯރުކޮށްދޭ އެކި ޕްރޮގްރާމްތަކުގެ ސީދާ މަންފާ އެހެން ފަރާތްތަކެކޭ އެއްފަދައިން ލިބުން؛

(ރ) އެކި ބާވަތްތަކުގެ ރަސްމީ އަދި ނުރަސްމީ ތަޢުލީމާއި ތަމްރީނު ލިބުން؛

(ބ) ސެލްފް ހެލްޕް ގްރޫޕްތަކާއި ކޯޕަރޭޓިވް ސޮސައިޓީތައް މެދުވެރިކޮށް، ވަޒީފާ އަދާކުރުމަށް ނުވަތަ އަމިއްލަ މަސައްކަތުން އާމްދަނީ ހޯދުމަށް ހުރި އިގްތިސާދީ ފުރުސަތުތައް ފިރިހެނުންނާއި އަންހެނުން އެއްހަމައެއްގައި ހޯދުމުގެ މަގުފަހިވެފައި އޮތުން؛

(ޅ) މުޖްތަމަޢުގެ ހުރިހާ ހަރަކާތެއްގައި ބައިވެރިވުމުގެ ފުރުސަތު އޮތުން؛

(ކ) އަންހެނުންނަށާއި ފިރިހެނުންނަށް މާލީ ފެސިލިޓީތަކާއި، މާކެޓްކުރުމުގެ ވަސީލަތްތަކާއި، އެކަށޭނަ ޓެކްނޮލޮޖީއާއި، މުދަލުގެ މިލްކުރެވިކަމަށް ތަފާތުކުރުމެއްނެތި ހަމަހަމަކަމާއެކު ފުރުސަތު ހުޅުވިފައި އޮތުން؛ އަދި

(އ) ގޯއްޗާއި، ނަރުދަމާއާއި، ކަރަންޓާއި ފެނުގެ ހިދުމަތާއި، ދަތުރުފަތުރާއި މުއާސަލާތު ހިމެނޭ ގޮތުން، އެކަށީގެންވާ ފެންވަރެއްގެ ދިރިއުޅުމެއްގެ މަންފާ ހޯދުމުގެ މަގުފަހިވެފައި އޮތުން.

 

ފަސްވަނަ ބާބު

އެކި އިދާރާތަކާއި ފަރާތްތަކުގެ ޒިންމާ

18 ވަނަ މާއްދާ – ދައުލަތުގެ އިދާރާތަކާއި ވިޔަފާރި ތަންތަނުގެ ޒިންމާ

(ހ) ދައުލަތުގެ އިދާރާއަކުން، ނުވަތަ ވިޔަފާރި ތަނަކުން، އެ އިދާރާއެއްގެ ނުވަތަ ތަނެއްގެ މަސްއޫލިއްޔަތު އަދާކުރުމުގައި، އަންނަނިވި ކަންކަން ހާސިލުކުރުމަށްޓަކައި އެކަށީގެންވާ ފިޔަވަޅު އަޅަންވާނެއެވެ.

  1. މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ސީދާގޮތުން ކުރެވޭ ތަފާތުކުރުންތަކާއި ނުސީދާ ގޮތުން ކުރެވޭ ތަފާތުކުރުންތައް ނައްތާލުންވެސް ހިމެނޭ ގޮތުން، ޖެންޑަރއަށް ބަލައި ތަފާތުކުރުން ނައްތާލުން؛
  2. ހަމަހަމަކަން ގެއްލިފައިވާ ނިޒާމެއްގެ ސަބަބުން ކުރިމަތިވާ ނިޒާމީ ތަފާތުކުރުން ނައްތާލުން؛
  3. އަންހެނުންނާއި ފިރިހެނުންގެ މެދުގައި ފުރުސަތުގެ ހަމަހަމަކަން ކުރިއެރުވުން؛

(4) ވަކި ޖެންޑަރއަކަށް ނިސްބަތްކޮށް މުޖްތަމަޢުގައި ގެންގުޅޭ ނޭދެވޭ ތަޢައްސުބު ނައްތާލުމަށްޓަކައި އަންހެނުންނާއި ފިރިހެނުންގެ މެދުގައި ޖެންޑަރ އިކުއަލިޓީ ގާއިމުކުރުމާބެހޭ ވިސްނުމާއި ފިކުރު ކުރިއެރުވުން.

(ށ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފުރުސަތުގެ ހަމަހަމަކަން ކުރިއެރުވުމުގެ މާނައިގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

  1. އަންހެނުންނާއި ފިރިހެނުންގެ މެދުގައި ފުރުސަތުގެ ހަމަހަމަކަން ނެތުމުގެ ސަބަބުން ވަކި ޖިންސަކަށް ކުރިމަތިވާ ދެރަކަމެއް ނުވަތަ ދަތިކަމެއް ނައްތާލުން؛
  2. އަންހެނުންނާއި ފިރިހެނުންގެ މެދުގައި ފުރުސަތުގެ ހަމަހަމަކަން ނެތުމުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ ނަތީޖާއެއްގެ އަސަރު ކުޑަކުރުން؛
  3. ހިދުމަތްތަކާއި ފަސޭހަތައް ލިބިގަތުމުގައި، ވަކި ޖިންސެއްގެ މީހުންނަށް ބޭނުންޖެހޭ ކަންކަމަކީ ތަފާތު ކަންތައްތަކެއްނަމަ، އެފަދަ ބޭނުންތައް ފުއްދައިދިނުމަށްޓަކައި އެކަށީގެންވާ ފިޔަވަޅު އެޅުން؛ ނުވަތަ
  4. ޢާންމު ހިދުމަތުގައާއި ޢާންމު ދިރިއުޅުމުގައި އަންހެނުންނާއި ފިރިހެނުން ބައިވެރިވާ ނިސްބަތަށް ބަލައި، ވަކި ޖިންސެއްގެ މީހުންގެ ބައިވެރިވުން މަދުކަމަށްވާނަމަ، ނިސްބަތުން ބައިވެރިވުން މަދުކަމަށް ފެންނަ ޖިންސުގެ މީހުންގެ ބައިވެރިވުން އިތުރުކުރުން.

(ނ) މި މާއްދާގެ (ހ) ގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް، ޢާންމުންނާ ގުޅުންހުރި މަސްއޫލިއްޔަތެއް އަދާކުރާ ކޮންމެ ފަރާތެއްގެ މައްޗަށް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން ހިނގާނެއެވެ.

(ރ) މި ގާނޫނުގެ މަގްސަދަށްޓަކައި، މި މާއްދާގައި ބަޔާންކޮށްފައިވާ ޒިންމާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ވިޔަފާރި ތަނަކުން އަދާކުރުމުގެ ސަބަބުން ވަކި ޖިންސެއްގެ މީހުންނަށް، ފަހިކަން ބޮޑު ގޮތެއް މެދުވެރިވުމަކީ، މި ގާނޫނުގެ ދަށުން މަނާކުރެވިފައިވާ ތަފާތުކުރުމެއް ހުއްދަ ކުރެވުނީ ކަމުގައި ބެލެވޭނެ ކަމެއް ނޫނެވެ.

 

19 ވަނަ މާއްދާ – ހިދުމަތްތައް ދިނުމުގައާއި އާންމުންނާ ގުޅުންހުރި މަސްއޫލިއްޔަތު އަދާކުރުމުގައި ޖިންސަށް ބަލައި ތަފާތުނުކުރުން

(ހ) ޢާންމުންނަށް ނުވަތަ ޢާންމުންގެ ބަޔަކަށް ހިދުމަތެއް ފޯރުކޮށްދިނުމުގައި، އަންނަނިވި ކަންކަން ކަށަވަރުކުރުމަކީ، ހިދުމަތް ދޭ ފަރާތުގެ ޒިންމާއެކެވެ.

  1. ހިދުމަތެއް ލިބިގަތުމަށް ބޭނުންވާ މީހަކީ ވަކި ޖިންސެއްގެ މީހަކު ކަމުގައި ވީތީ، އެފަދަ މީހަކަށް ހިދުމަތް ފޯރުކޮށް ނުދިނުމުގެ ސަބަބުން ކުރިމަތިވާ ތަފާތުކުރުން ނައްތާލުން؛
  2. ހިދުމަތް ލިބިގަންނަ މީހަކީ، ވަކި ޖިންސެއްގެ މީހަކު ކަމުގައިވީތީ، ހިދުމަތް ފޯރުކޮށްދިނުން ހުއްޓާނުލުން؛
  3. ހިދުމަތް ފޯރުކޮށްދިނުމުގައި، މީހެއްގެ ޖިންސަށް ބަލައި، އެމީހަކަށް ދަތިކަމެއް ނުވަތަ ދެރަކަމެއް ކުރިމަތިވާނެ ކަމެއް ނުކުރުން؛
  4. ހިދުމަތް ދޭ ފަރާތުގެ ހިދުމަތް ލިބިގަތުމަށް ބޭނުންވާ މީހަކާމެދު ނުވަތަ ހިދުމަތް ދޭ ފަރާތުން ހިދުމަތް ފޯރުކޮށްދެމުންދާ މީހަކާމެދު، ހިދުމަތް ފޯރުކޮށްދިނުމުގައި، ޖިންސީ ގޮތުން ނުވަތަ އެނޫންވެސް ގޮތަކުން ފުރައްސާރައާއި ގޯނާ ނުކުރުން.

(ށ) ޢާންމުންނާ ގުޅުންހުރި މަސްއޫލިއްޔަތެއް އަދާކުރުމުގައި ޢާންމުންނަށް ނުވަތަ ޢާންމުންގެ ބަޔަކަށް ހިދުމަތެއް ފޯރުކޮށްދޭނަމަ، އެފަދަ މަސްއޫލިއްޔަތެއް އަދާކުރާ މީހެއް ނުވަތަ ފަރާތެއްގެ މައްޗަށް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން ހިނގާނެއެވެ.

(ނ) މި މާއްދާގައި "ހިދުމަތް ފޯރުކޮށްދިނުން" ކަމަށް ބުނެފައި އެވަނީ، މުދަލާއި ހިދުމަތް ފޯރުކޮށްދިނުމަށެވެ.

(ރ) މި މާއްދާގެ މަގްސަދަށްޓަކައި، ވަޒީފާ ދޭ ފަރާތަކުން، އެހެން ފަރާތެއް މެދުވެރިކޮށް އެ ފަރާތުގެ މުވައްޒަފުންނަށް ހިދުމަތެއް ފޯރުކޮށްދިނުމަކީ، މި މާއްދާގައި ބަޔާންކޮށްފައިވާ ހިދުމަތް ދޭ ފަރާތުގެ މާނައިގެ ތެރޭގައި އެ ވަޒީފާ ދޭ ފަރާތް ހިމެނޭނެ ކަމެއް ނޫނެވެ. އެހެންނަމަވެސް، އެ ހާލަތުގައި ވަޒީފާ ދޭ ފަރާތުގެ މުވައްޒަފުން މާނަކުރެވޭނީ މި މާއްދާގައި ބަޔާންކޮށްފައިވާ ޢާންމުންގެ ބައެއްގެ ގޮތުގައެވެ.

(ބ) މި މާއްދާގައި "ހިދުމަތް ލިބިގަތުމަށް ބޭނުންވާ މީހެއް" ކަމަށް ބުނެފައި އެވަނީ، ހިދުމަތެއްގެ ބޭނުން ހިފުމަށް ނުވަތަ ހިދުމަތެއް ހޯދުމަށް ބޭނުންވާ މީހަކަށެވެ.

(ޅ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި "މީހަކަށް ހިދުމަތެއް ފޯރުކޮށް ނުދިނުން" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ކަންކަމަށެވެ.

  1. ހިދުމަތް ދޭ ފަރާތުން، ޢާންމުންނަށް ނުވަތަ ޢާންމުންގެ ބަޔަކަށް އެ ހިދުމަތެއް ޢާންމު ގޮތެއްގައި ފޯރުކޮށްދޭ ފެންވަރުގައި ފޯރުކޮށް ނުދިނުން ނުވަތަ އެއަށްވުރެ ދަށް ފެންވަރެއްގައި ފޯރުކޮށްދިނުން؛
  2. ހިދުމަތް ދޭ ފަރާތުން، ޢާންމުންނަށް ނުވަތަ ޢާންމުންގެ ބަޔަކަށް އެ ހިދުމަތެއް ޢާންމު ގޮތެއްގައި ފޯރުކޮށްދޭ ގޮތް ނޫން އެހެން ގޮތަކަށް ފޯރުކޮށްދިނުން؛
  3. ހިދުމަތް ދޭ ފަރާތުން، ޢާންމުންނަށް ނުވަތަ ޢާންމުންގެ ބަޔަކަށް އެ ހިދުމަތެއް ޢާންމު ގޮތެއްގައި ފޯރުކޮށްދޭ ށަރުތުތަކާ ތަފާތު ށަރުތުތަކެއްގެ މައްޗަށް ބިނާކޮށް ފޯރުކޮށްދިނުން.

 

20 ވަނަ މާއްދާ – ޕަބްލިކް ސެކްޓަރ އަދި ޕްރައިވެޓް ސެކްޓަރގެ ވަޒީފާ ދޭ ފަރާތްތަކުގެ ޒިންމާ

އަންނަނިވި ކަންކަން ކުރުމަކީ، މި ގާނޫނުގެ ދަށުން، ޕަބްލިކް ސެކްޓަރ އަދި ޕްރައިވެޓް ސެކްޓަރގެ ވަޒީފާ ދޭ ފަރާތްތަކުގެ ޒިންމާއެކެވެ.

(ހ) ވަޒީފާ ދިނުމުގައާއި، ވަޒީފާގައި ހުންނައިރު ދޭ ތަމްރީނުތައް ދިނުމުގައާއި، ވަޒީފާގެ ކުރިއެރުން ދިނުމުގައި އަންހެނުންނަށާއި ފިރިހެނުންނަށް ހަމަހަމަ ފުރުސަތު ދިނުން؛

(ށ) އެއް ތަނެއްގައި، އެއް މަސައްކަތެއް ކުރާ އަންހެނުންނަށާއި ފިރިހެނުންނަށް ހަމަހަމަ އުޖޫރަ ދިނުން؛

(ނ) އެއް ތަނެއްގައި ވަޒީފާ އަދާކުރުމުގައި، އަންހެނަކާއި ފިރިހެނެއް ކުރާ މަސައްކަތަކީ، މަސައްކަތުގެ އަގަށާއި ކުރާ މަސައްކަތަށް ބަލާއިރު، އެކަށީގެންވާ މިންވަރަކަށް އެއްގޮތް މަސައްކަތެއްނަމަ، މުސާރައާއި، އިތުރުގަޑީގެ ފައިސާއާއި، ޢިނާޔަތާއި އެލަވަންސް ދިނުމުގައި އެދެފަރާތުގެ މެދުގައި ހަމަހަމަ އުސޫލުން ޢަމަލުކުރުން؛

(ރ) ކުރަންޖެހޭ މަސައްކަތަކީ ކޮންމެހެން ވަކި ޖިންސެއްގެ މީހަކަށްވުން ލާޒިމުކުރާ މަސައްކަތް ފިޔަވައި، ވަޒީފާއަށް އިޢުލާންކޮށް އިށްތިހާރުކުރާއިރު ހަމައެކަނި ވަކި ޖިންސަކަށް ހާއްސަކޮށްގެން އެފަދަ ވަޒީފާއެއްގެ ފުރުސަތު ނުހުޅުވުން؛

(ބ) ފިރިހެނުންނަށްވުރެ އަންހެނުން މަދުން ކުރިމަތިލާފަދަ ދާއިރާތަކުގެ ވަޒީފާގެ ފުރުސަތު ހުޅުވާލާއިރު، ވަޒީފާއަށް ކުރިމަތިލުމަށް އަންހެނުންނަށްވެސް ދަޢުވަތުދޭފަދަ ގޮތަކަށް ވަޒީފާގެ އިޢުލާންތަކާއި އިށްތިހާރުތައް ލިޔުން؛

(ޅ) އަންހެނުންނަށް މަސައްކަތަށް ނުކުތުމަށް ހުރި ހުރަސްތައް ނައްތާލުމަށާއި އަދި އަންހެނުންނަށް މަސައްކަތްކުރަން ފަހި މާހައުލެއް ގާއިމުކޮށްދިނުމަށްޓަކައި އެޅެން ހުރި ހުރިހާ ފިޔަވަޅެއް އެޅުން؛ އަދި

(ކ) މި ގާނޫނުގެ 29 ވަނަ މާއްދާގެ މަގްސަދަށްޓަކައި ށަކުވާ ހުށަހެޅޭނެ ނިޒާމެއް ގާއިމުކުރުން.

 

21 ވަނަ މާއްދާ – މީޑިއާގެ ހިދުމަތް ދޭ ފަރާތްތަކުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުގެ ޒިންމާ

(ހ) މީޑިއާގެ ހިދުމަތް ދޭ ފަރާތްތަކުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުން އަންހެނުންނާއި ފިރިހެނުންގެ މެދުގައި ހަމަހަމަކަން ބޭއްވުމުގެ އަސާސް ކުރިއަރުވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ މަގްސަދަށްޓަކައި، އެންމެންނަކީ ހަމަހަމަ، އެއް ހަމައެއްގައި ހައްގާއި ފުރުސަތު ލިބިގެންވާ ބައެއް ކަމަށް ގަބޫލުކުރާ ވިސްނުމާއި، ތަބީޢީ ގޮތުން އަންހެނުންނާއި ފިރިހެނުންގެ ކިބައިގައި ތަފާތުތަކެއް ހުރިކަމުގައިވިޔަސް، އަންހެނުންނަށާއި ފިރިހެނުންނަށް މުޖްތަމަޢުގައި ވަކި ހާއްސަ ދައުރެއް ކަނޑައެޅުމެއްނެތި ތަމްސީލުކުރުމަކީ މީޑިއާގެ ހިދުމަތް ދޭ ފަރާތްތަކާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުގެ ޒިންމާއެކެވެ.

 

22 ވަނަ މާއްދާ – ތައުލީމުގެ ހިދުމަތް ދޭ އިދާރާތަކާއި ފަރާތްތަކުގެ ޒިންމާ

އަންނަނިވި ކަންކަން ކުރުމަކީ، މި ގާނޫނުގެ ދަށުން، ތަޢުލީމުގެ ހިދުމަތް ދޭ އިދާރާތަކާއި ފަރާތްތަކުގެ ޒިންމާއެކެވެ.

(ހ) ތަޢުލީމުގެ މަންހަޖުގައި އަންހެނުންނާއި ފިރިހެނުންގެ ދެމެދުގައި ހަމަހަމަކަން ބޭއްވުމުގެ އަސާސްއާއި، އެންމެންނަކީ ހަމަހަމަ، އެއްހަމައެއްގައި ހައްގާއި ފުރުސަތު ލިބިގެންވާ ބައެއް ކަމަށް ގަބޫލުކުރާ ވިސްނުން ކުރިއެރުވުން؛

(ށ) ތަބީޢީ ގޮތުން އަންހެނުންނާއި ފިރިހެނުންގެ ކިބައިގައި ތަފާތުތަކެއް ހުރި ކަމުގައިވިޔަސް، ތަޢުލީމުގެ މަންހަޖުގައާއި ކިޔަވައި ދިނުމުގައި އަންހެނުންނަށާއި ފިރިހެނުންނަށް މުޖްތަމަޢުގައި ވަކި ހާއްސަ ދައުރެއް ކަނޑައެޅުމެއްނެތި ތަމްސީލުކުރުން؛

(ނ) ތަޢުލީމު ލިބިގަތުމުގައާއި، އެއިން ފައިދާ ހޯދުމުގައާއި، ތަމްރީނުވުމުގައާއި، ދަސްކުރުމުގައާއި، ހުނަރުތައް ލިބިގަތުމުގައާއި، މަޢުލޫމާތު ދެނެގަތުމުގައާއި، ސައިންސްއާއި ޓެކްނޮލޮޖީގެ މާއްދާތަކުން ފައިދާ ލިބިގަތުމުގައާއި އީޖާދުކުރުމުގައި އަދި އައު ގޮތްތައް އުފެއްދުމުގައި އަންހެނުންނަށާއި ފިރިހެނުންނަށް ހަމަހަމަ ފުރުސަތު ފޯރުކޮށްދިނުން؛

(ރ) އަންހެންކުދިންނަށާއި ފިރިހެންކުދިންނަށް ހަމަހަމަވާ ގޮތުގެމަތިން، ފުރާވަރަށް އަރާ ޢުމުރުގެ ކުދިންގެ ސިއްހަތާބެހޭ ތަޢުލީމު ފޯރުކޮށްދިނުން؛

(ބ) ކިޔަވާ ކުދިންގެ މެދުގައި، ކިޔެވުމުގެ ބޭރުން ހިންގާ ހަރަކާތްތަކުގައި ޖެންޑަރ އިކުއަލިޓީ ގާއިމުކޮށް، އަންހެނުންނަށާއި ފިރިހެނުންނަށް ހަމަހަމަ ފުރުސަތު ހުޅުވާލައި، އެ ފުރުސަތުގެ ބޭނުން ހިފުމަށާއި މަންފާ ލިބިގަތުމަށް ބާރު އެޅުން؛

(ޅ) ޓީޗަރުން ތަމްރީނުކުރާ ޕްރޮގްރާމްތަކާއި ޓީޗަރުންގެ ޕްރޮފެށަނަލް ޑިވެލޮޕްމަންޓްގެ ތެރޭގައި ޓީޗަރުންނަށާއި ސްކޫލު ހިންގުމުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށްވެސް ޖެންޑަރ އިކުއަލިޓީ ގާއިމުކުރުމާބެހޭ މަޢުލޫމާތާއި ތަމްރީނު ފޯރުކޮށްދިނުން؛ އަދި

(ކ) ތަޢުލީމު އުނގަންނައިދޭ ނުވަތަ ހުނަރު ދަސްކޮށްދޭ ޕްރޮގްރާމްތައް ހިންގާ ތަންތަނުގައި އަންހެނުންނާއި ފިރިހެނުންގެ މެދުގައި ހަމަހަމަކަން ކުރިއަރުވައި،އަންހެނުންގެ ބައިވެރިވުން އިތުރުކުރުން.

 

23 ވަނަ މާއްދާ – މާލީ ހިދުމަތް ދޭ އިދާރާތަކުގެ ޒިންމާ

(ހ) އަންހެނުންނަށާއި ފިރިހެނުންނަށް މާލީ ވަސީލަތްތަކަށާއި ހިދުމަތްތަކަށް ހަމަހަމަކަމާއެކު ފުރުސަތު ފޯރުކޮށްދިނުމަކީ މާލީ ހިދުމަތް ދޭ އިދާރާތަކުގެ ޒިންމާއެކެވެ.

(ށ) މި މާއްދާގެ (ހ) ގެ މަގްސަދަށްޓަކައި، ފިރިހެނުންނާ އެއް ހަމައެއްގައި އަންހެނުންނަށް މާލީ ފެސިލިޓީތައް ލިބޭނެ ގޮތް މަގުފަހިކުރުމަށްޓަކައި، އެކަށީގެންވާ ހާލަތްތަކުގައި، މާލީ ހިދުމަތް ދޭ އިދާރާތަކުންނާއި މާލީ ކަންކަމާބެހޭ މުއައްސަސާތަކުން ކަމާބެހޭ ސިޔާސަތުތައް އެކުލަވާލަންވާނެއެވެ.

 

24 ވަނަ މާއްދާ – ސިޔާސީ މައިދާނުގައި ޖިންސުގެ ހަމަހަމަކަން ގާއިމުކުރުމުގެ ޒިންމާ

(ހ) ސިޔާސީ މައިދާނުގެ ހުރިހާ ފަންތިއެއްގައި ފިރިހެނުންނާ އެއްހަމަ ފުރުސަތުތަކެއް އަންހެނުންނަށް މަގުފަހިކޮށްދިނުމަށް މަސައްކަތްކުރުމަކީ ދައުލަތާއި ސިޔާސީ ޕާޓީތަކުގެ ޒިންމާއެކެވެ.

(ށ) ސިޔާސީ މައިދާނުގެ ހުރިހާ ފަންތިއެއްގައި ފިރިހެނުންނާ އެއް ހަމައެއްގައި އަންހެނުންގެ ބައިވެރިވުމާއި އިސްނެގުން އިތުރުކުރުމަށްޓަކައި، އަންހެނުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ތަމްރީނު ދިނުމަށް މަސައްކަތްކުރުމަކީ، މި ގާނޫނުގެ ދަށުން މިނިސްޓްރީގެ ޒިންމާއެކެވެ.

(ނ) މަގާމުތަކަށް މީހުން ޢައްޔަންކުރުމުގައާއި، ސަރުކާރުގެ ހުރިހާ ގިންތިތަކުގައި މަސައްކަތްކުރުމުގައާއި، ބައިނަލްއަގްވާމީ ފެންވަރުގައި ސަރުކާރު ތަމްސީލުކުރުމުގައާއި އަދި ބައިނަލްއަގްވާމީ ޖަމާޢަތްތަކުގެ މަސައްކަތުގައި ބައިވެރިވުމުގައި، ފިރިހެނުންނާ އެއް ހަމައެއްގައި އަންހެނުންނަށް ފުރުސަތު ހޯދައިދިނުމަށް މަސައްކަތްކުރުމަކީ، މި ގާނޫނުގެ ދަށުން، އެއިރަކު އޮންނަ ސަރުކާރެއްގެ ޒިންމާއެކެވެ.

(ރ) އިންތިހާބުކުރެވޭ މަގާމުތަކަށް ކުރިމަތިލުމުގައާއި، އެފަދަ މަގާމުތަކަށް ކެންޑިޑޭޓުން ނެރުމުގައި، ފިރިހެނުންނާ އެއް ހަމައެއްގައި އަންހެނުންނަށް ފުރުސަތު ހޯދައިދިނުމަށް މަސައްކަތްކުރުމަކީ، މި ގާނޫނުގެ ދަށުން، ސިޔާސީ ޕާޓީތަކުގެ ޒިންމާއެކެވެ.

 

25 ވަނަ މާއްދާ – އިގްތިސާދީ ގޮތުން ބާރުވެރިކުރުން

(ހ) އިގްތިސާދީ ދާއިރާގައި ވަސީލަތްތައް ލިބުމުގައާއި ބޭނުންކުރުމުގައި ފިރިހެނުންނާ އެއް ހަމައެއްގައި އަންހެނުންނަށް ފުރުސަތު އޮންނަންވާނެއެވެ.

(ށ) އިގްތިސާދީ ދާއިރާގައި، ފެންނަ ފެނުމަށް އަންހެނުންނާއި ފިރިހެނުންގެ މެދުގައި ފުރުސަތުގެ ހަމަހަމަކަން އޮތް ނަމަވެސް، އިޖްތިމާޢީ ގޮތުން ފިރިހެނުންނަށް ވަކި ދައުރެއް ދެވިފައި އޮތުމުގެ ސަބަބުން، އަންހެނުންނަށް އިގްތިސާދީ ގޮތުން ބާރުވެރިވުމަށް ހުރި ހުރަސްތައް ދެނެގަނެ، އެ ހުރަސްތައް ނައްތާލުމަށްޓަކައި ސިޔާސަތު އެކުލަވާލައި ތަންފީޒުކުރުމަކީ ސަރުކާރާއި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުގެ ޒިންމާއެކެވެ.

 

26 ވަނަ މާއްދާ – ބޯހިޔާވަހިކަމާބެހޭ ސިޔާސަތުތަކާއި ޕްރޮގްރާމްތައް އެކުލަވާލުމުގައި ޖެންޑަރ އިކުއިލިޓީ ގާއިމްކުރުމަށް އިސްކަންދިނުން

(ހ) ބޯހިޔާވަހިކަމާބެހޭ ސިޔާސަތުތަކާއި މަށްރޫޢުތައް ސަރުކާރުން އެކުލަވާލުމުގައާއި، ރަށްރަށުގެ ބިނާވެށީގެ ޕްލޭން އެކުލަވާލުމުގައި ގާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޖެންޑަރ އިކުއަލިޓީ ގާއިމުކުރުމަށް އިސްކަންދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ މަގްސަދަށްޓަކައި، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތެއް ނުވަތަ މަށްރޫޢެއްގެ ދަށުން މަންފާ ލިބުމުގެ ހަގީގީ ފުރުސަތު އަންހެނުންނަށާއި ފިރިހެނުންނަށް ހަމަހަމައަށް އޮންނަންވާނެއެވެ.

 

27 ވަނަ މާއްދާސިއްހީ ހިދުމަތް ދޭ ފަރާތްތަކުގެ ޒިންމާ

(ހ) އެކަށީގެންވާ ރަނގަޅު ހިދުމަތާއި އަދި ސިއްހަތާ ގުޅުން ހުރި މަޢުލޫމާތު އަންހެނުންނާއި ފިރިހެނުންނަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަކީ ސިއްހީ ހިދުމަތް ދޭ ފަރާތްތަކުގެ ޒިންމާއެކެވެ.

(ށ) ސިއްހީ ހިދުމަތް ދޭ ތަނެއްގައި ދަރިމައިވުމުގެ ސިއްހަތާބެހޭ މަޢުލޫމާތާއި، ޢާއިލާގެ ސިއްހަތާއި ދުޅަހެޔޮކަން ކަށަވަރުކުރުމަށް އެހީތެރިވެދޭފަދަ މަޢުލޫމާތާއި އަދި ޢާއިލާ ރޭވުމާބެހޭ މަޢުލޫމާތު އަންހެނުންނަށާއި ފިރިހެނުންނަށް ހަމަހަމައަށް ލިބޭނެ ނިޒާމެއް ގާއިމުކުރުމަކީ ސިއްހީ ހިދުމަތް ދޭ ފަރާތްތަކުގެ ޒިންމާއެކެވެ.

  

ހަވަނަ ބާބު

ށަކުވާ ހުށަހެޅުމާ ގުޅިގެން އަނިޔާގެ ށިކާރައަކަށް ހެދުން މަނާކުރުން

28 ވަނަ މާއްދާ – ށަކުވާ ހުށަހެޅުމާ ގުޅިގެން އަނިޔާގެ ށިކާރައަކަށް ހެދުން މަނާކުރުން

(ހ) މި ގާނޫނުގެ ދަށުން މަނާކޮށްފައިވާ ތަފާތުކުރުމެއް ގެންގުޅުނު މީހެއްގެ ނުވަތަ ފަރާތެއްގެ މައްޗަށް ށަކުވާ ހުށަހެޅުމާ ގުޅިގެން، ށަކުވާކުރާފަރާތް އަނިޔާގެ ށިކާރައަކަށް ހެދުމަކީ މި ގާނޫނުގެ ދަށުން މަނާކަމެކެވެ.

(ށ) މި މާއްދާގެ (ހ) ގައި "ށަކުވާ ހުށަހެޅުމާ ގުޅިގެން އަނިޔާގެ ށިކާރައަކަށް ހެދުން" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް މީހަކު ކުރުމުގެ ސަބަބުން، ނުވަތަ ކުރާނެ ކަމަށް ށައްކުކުރެވުމުގެ ސަބަބުން ނުވަތަ ކޮށްފާނެތީ، އެމީހަކަށް ގެއްލުމެއް ދިނުމަށެވެ. ނުވަތަ ގެއްލުމެއް ދޭނެކަމުގެ ބިރުދެއްކުމަށެވެ.

  1. މި ގާނޫނުގެ ދަށުން އެއްވެސް ފަރާތެއް ނުވަތަ މީހެއްގެ މައްޗަށް ށަކުވާ ހުށަހެޅުން ނުވަތަ ދަޢުވާކުރުން؛
  2. މި ގާނޫނުގެ ދަށުން ތަފާތުކުރުމުގެ ޢަމަލެއް ހިންގި މީހެއްގެ ނުވަތަ ފަރާތެއްގެ މައްސަލަ ރިޕޯޓުކުރުން؛ ނުވަތަ
  3. މި ގާނޫނުގެ ދަށުން ހިންގާ އެއްވެސް އިޖުރާއަތަކާ ގުޅިގެން އެއްވެސް ހެއްކެއް، މަޢުލޫމާތެއް ނުވަތަ ލިޔެކިޔުމެއް ފޯރުކޮށްދިނުން.

(ނ) ށަކުވާ ހުށަހެޅުމާ ގުޅިގެން އަނިޔާގެ ށިކާރައަކަށްވީ މީހަކަށް، އެފަދަ އަނިޔާގެ ޢަމަލެއް ހިންގި ފަރާތެއްގެ މައްޗަށް މި ގާނޫނުގެ 31 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދަޢުވާކުރުމުގެ ހައްގު ލިބިގެންވެއެވެ.

 

ހަތްވަނަ ބާބު

ދައުވާކުރުމާއި ބަދަލު ހޯދުން

29 ވަނަ މާއްދާ – ވަޒފާ ދޭ ފަރާތްތަކުގެ މައްޗަށް ދައުވާކުރުން

(ހ) އަންނަނިވި ކަންކަމުގެ ތެރެއިން ކަމަކާ ވަޒީފާ ދޭ ފަރާތަކުން ހިލާފުވެއްޖެނަމަ، އެފަރާތުން ހިލާފުވި ހިލާފުވުމެއްގެ ސަބަބުން ގެއްލުމެއް ލިބުނު މީހަކަށް ނުވަތަ މި ގާނޫނު މަނާކުރާ ފަދަ ތަފާތުކުރުމެއް ރައްދުވި މީހަކަށް މި މާއްދާގައިވާ ގޮތުގެމަތިން ވަޒީފާ ދޭ ފަރާތުގެ މައްޗަށް ދަޢުވާކުރުމުގެ ހައްގު ލިބިގެންވެއެވެ.

  1. މި ގާނޫނުގެ ދެވަނަ ބާބު؛ ނުވަތަ
  2. މި ގާނޫނުގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވަޒީފާ ދޭ ފަރާތްތަކުގެ ޒިންމާ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަމަކާ ވަޒީފާ ދޭ ފަރާތަކުން ހިލާފުވެއްޖެނަމަ، އެކަމެއް ރައްދުވި މީހަކަށް، ވަޒީފާ އަދާކުރާ ތަނުގައި މި ގާނޫނުގެ 20 ވަނަ މާއްދާގެ (ކ) ގެ ދަށުން ގާއިމުކުރާ ށަކުވާ ހުށަހަޅާ ނިޒާމެއްގެ ދަށުން މައްސަލަ ހުށަހެޅުމުގެ ހައްގު ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ ށަކުވާއެއް ވަޒީފާ ދޭ ފަރާތަށް ލިބޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، ށަކުވާ ހުށަހަޅާފައިވާ ކަމަކާ ގުޅިގެން މައްސަލަ ބަލައި، އެ މައްސަލައާ ގުޅޭގޮތުން ނިންމި ގޮތް އެފަދަ ށަކުވާއެއް ހުށަހެޅި ފަރާތަށް ވަޒީފާ ދޭ ފަރާތުން ލިޔުމުން އަންގަންވާނެއެވެ.

(ރ) ވަޒީފާ ދޭ ފަރާތުން ނިންމާ ނިންމުމެއް ށަކުވާ ހުށަހެޅި ފަރާތަށް ގަބޫލުނުކުރެވޭނަމަ، ވަޒީފާ ދޭ ފަރާތުން އެ ނިންމުން ނިންމާ ތާރީހުން ފެށިގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި އެ މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅުމުގެ ހައްގު ށަކުވާ ހުށަހެޅި ފަރާތަށް ލިބިގެންވެއެވެ.

(ބ) މި ގާނޫނުގައިވާ ގޮތުގެމަތިން ވަޒީފާ ދޭ ފަރާތަށް ށަކުވާ ހުށަހަޅާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި މައްސަލަ ބަލައި ނިންމާފައި ނުވާނަމަ، އެ މައްސަލައެއް ޓްރައިބިއުނަލަށް ހުށަހެޅުމުގެ އިހްތިޔާރު ށަކުވާ ހުށަހަޅާ ފަރާތަށް ލިބިގެންވެއެވެ.

 

30 ވަނަ މާއްދާ – ށަކުވާ ހުށަހަޅާނެ ނިޒާމެއް ގާއިމްނުކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން

(ހ) މި ގާނޫނުގެ 20 ވަނަ މާއްދާގެ (ކ) ގައިވާ ށަކުވާ ހުށަހަޅާނެ ނިޒާމު، މި ގާނޫނުގެ 20 ވަނަ މާއްދާއިން ލާޒިމުކުރާ ތަންތަނުން، މި ގާނޫނަށް ޢަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، ގާއިމުކޮށް، އެ މަޢުލޫމާތު މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި، މި ގާނޫނުގެ 20 ވަނަ މާއްދާއިން ލާޒިމުކުރާ ތަންތާނގައި މި ގާނޫނުގެ 20 ވަނަ މާއްދާގެ (ކ) ގައިވާ ށަކުވާ ހުށަހަޅާނެ ނިޒާމު ގާއިމުކޮށްފައި ނުވާނަމަ، އެކަމުގެ ށަކުވާ މިނިސްޓަރަށް ހުށަހެޅުމުގެ ހައްގު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި، މި ގާނޫނުގެ 20 ވަނަ މާއްދާއިން ލާޒިމުކުރާ ތަންތާނގައި މި ގާނޫނުގެ 20 ވަނަ މާއްދާގެ (ކ) ގައިވާ ށަކުވާ ހުށަހަޅާނެ ނިޒާމު ގާއިމުކޮށްފައި ނުވާ ފަރާތްތަކާމެދު އަންނަނިވި ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް އެޅުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ.

  1. އެފަދަ ފަރާތްތަކުގެ މަޢުލޫމާތު ޢާންމުކުރުން؛
  2. އެފަދަ ފަރާތަކީ ޕަބްލިކް ސެކްޓަރގެ ވަޒީފާ ދޭ ފަރާތެއް ނަމަ، މި ގާނޫނުގެ 20 ވަނަ މާއްދާގެ (ކ) ގައިވާ ށަކުވާ ހުށަހަޅާނެ ނިޒާމު ގާއިމުކުރުމުގެ ޒިންމާއާއި މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ފަރާތް 25,000 (ފަންސަވީސް ހާސް) ރުފިޔާއަށް ވުރެ ބޮޑު ނޫން ޢަދަދަކުން ޖޫރިމަނާކުރުން؛
  3. އެފަދަ ފަރާތަކީ ޕްރައިވެޓް ސެކްޓަރގެ ވަޒީފާ ދޭ ފަރާތެއް ނަމަ، އެފަރާތެއް 25,000 (ފަންސަވީސް ހާސް) ރުފިޔާއަށް ވުރެ ބޮޑު ނޫން ޢަދަދަކުން ޖޫރިމަނާކުރުން.

 

31 ވަނަ މާއްދާ – މި ގާނޫނާ ހިލާފުވާ ފަރާތްތަކުގެ މައްޗަށް ދައުވާކުރުން

މި ގާނޫނުގެ ދެވަނަ ބާބުއާއި، ތިންވަނަ ބާބުއާއި ހަތަރުވަނަ ބާބު އަދި ފަސްވަނަ ބާބުގައި ބަޔާންކޮށްފައިވާ ކަމަކާ ހިލާފުވާ ފަރާތެއްގެ މައްޗަށް، އެފަރާތުން ހިލާފުވި ހިލާފުވުމެއްގެ ސަބަބުން ގެއްލުމެއް ލިބުނު މީހަކަށް ނުވަތަ މި ގާނޫނު މަނާކުރާ ފަދަ ތަފާތުކުރުމެއް ރައްދުވި މީހަކަށް މި ގާނޫނުގެ 32 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ކަމަކަށް އެދި ދަޢުވާކުރުމުގެ ހައްގު ލިބިގެންވެއެވެ.

 

32 ވަނަ މާއްދާ – ދައުވާކުރުމުގައި އެދެވޭނެ ކަންކަން

މި ބާބުގެ ދަށުން ދަޢުވާކުރުމުގައި، ޓްރައިބިއުނަލަށް ހުށަހަޅަންޖެހޭ މައްސަލަތައް ޓްރައިބިއުނަލަށް ހުށަހެޅުމުގައި ނުވަތަ ކޯޓަށް ހުށަހަޅަންޖެހޭ މައްސަލަތައް ކޯޓަށް ހުށަހެޅުމުގައި އަންނަނިވި ކަންކަމުގެ ތެރެއިން ކަމަކަށް ދަޢުވާކުރާ ފަރާތަށް އެދެވިދާނެއެވެ.

(ހ) ބަދަލު ހޯދުމަށް؛

(ށ) މި ގާނޫނުގައި މަނާކޮށްފައިވާ ތަފާތުކުރުމެއް ގެންގުޅުނު ފަރާތެއްގެ ޢަމަލު މުރާޖަޢާކޮށްދިނުމަށް.

 

33 ވަނަ މާއްދާ – ބަދަލު ނަގައިދިނުން

މި ބާބުގެ ދަށުން ކުރާ ދަޢުވާއެއްގައި ބަދަލު ނަގައިދިނުމުގައި، އެ މައްސަލައެއްގައި ހިމެނިގެންވާ ކަންކަމުގެ މައްޗަށް ބިނާކޮށް، މި ގާނޫނާ ހިލާފުވި ހިލާފުވުމެއްގެ ސަބަބުން ނުވަތަ މި ގާނޫނުގައި މަނާކޮށްފައިވާ ތަފާތުކުރުމެއް ގެންގުޅުމުގެ ސަބަބުން ލިބޭ ގެއްލުމަކާ ގުޅިގެން، އެފަދަ ގެއްލުމެއް ލިބޭ މީހާއަށް ނަގައިދޭނީ، ކޮން ބާވަތެއްގެ ބަދަލެއް ކިހާ މިންވަރަކަށްކަން ކަނޑައަޅާނީ، މި މާއްދާއަށް ހަވާލާދީ، ކަމާގުޅޭގޮތުން ޓްރައިބިއުނަލުން ނުވަތަ ކޯޓުން ކަނޑައަޅާ އުސޫލަކާ އެއްގޮތްވާ ގޮތުގެމަތިން، ޓްރައިބިއުނަލުން ނުވަތަ ކޯޓުންނެވެ.

(ށ) މައްސަލައިގެ ޢަދުލާއި އިންސާފު ދެމެހެއްޓުމަށްޓަކައި، މި ބާބުގެ ދަށުން ކުރާ ދަޢުވާއެއްގައި ބަދަލު ނަގައިދިނުމުގައި، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް ޓްރައިބިއުނަލަށް ނުވަތަ ކޯޓަށް ކަނޑައެޅިދާނެއެވެ.

  1. ބަދަލު ހޯދުމަށްއެދި ހުށަހަޅާފައިވާ ހުރިހާ ކަންކަމަށް ބަދަލު ނަގައިދިނުން؛
  2. ބަދަލު ހޯދުމަށް އެދި ހުށަހަޅާފައިވާ ކަންކަމުގެ ތެރެއިން ޓްރައިބިއުނަލުން ނުވަތަ ކޯޓުން ކަނޑައަޅާ ބައެއް ކަންކަމަށް ބަދަލު ނަގައިދިނުން؛
  3. ކުރިން ބަދަލު ނަގައިދީފައިވާ ހާލަތާ އެއްގޮތް ހާލަތެއް ހިމެނޭ މައްސަލައެއްނަމަ، ކުރިން ދިމާވި ހާލަތުގައި ނަގައިދިން ބަދަލާ އެއްގޮތް ބަދަލެއް ނަގައިދިނުން.

 

34 ވަނަ މާއްދާ – ތަފާތުކުރުމެއް ގެންގުޅުނު ފަރާތުގެ އަމަލު މުރާޖައާކޮށްދިނުން

މި ބާބުގެ ދަށުން ކުރާ ދަޢުވާއެއްގައި މި ގާނޫނުގައި މަނާކޮށްފައިވާ ތަފާތުކުރުމެއް ގެންގުޅުނު ފަރާތުގެ ޢަމަލު މުރާޖަޢާކޮށް ގޮތެއް ނިންމުމުގައި، އަންނަނިވި ކަންކަމުގެ މައްޗަށް ޓްރައިބިއުނަލުން ނުވަތަ ކޯޓުން ވަކި ގޮތެއް ކަނޑައަޅަންވާނެއެވެ.

(ހ) މި ގާނޫނުގައި މަނާކޮށްފައިވާ ތަފާތުކުރުމެއް ގެންގުޅެފައިވާކަން ނުވަތަ ނޫންކަން؛

(ށ) މި ގާނޫނުގައި މަނާކޮށްފައިވާ ތަފާތުކުރުމެއް ގެންގުޅެފައިވާކަން ކަނޑައެޅޭ ހިނދުގައި، އެކަން ބިނާވެގެންވާ ސަބަބުތައް؛

(ނ) މި ގާނޫނުގައި މަނާކޮށްފައިވާ ތަފާތުކުރުމެއް ގެންގުޅެފައިނުވާކަން ކަނޑައެޅޭ ހިނދުގައި، އެކަން ބިނާވެގެންވާ ސަބަބުތައް؛

(ރ) މި ގާނޫނުގައި މަނާކޮށްފައިވާ ތަފާތުކުރުމެއް ގެންގުޅެފައިވާކަން ކަނޑައެޅޭ ހިނދުގައި، އެކަން އިސްލާހުކުރުމަށްޓަކައި އަޅަންޖެހޭނެ ފިޔަވަޅުތައް؛

(ބ) މި ގާނޫނުގައި މަނާކޮށްފައިވާ ތަފާތުކުރުމެއް ގެންގުޅެފައިވާކަން ކަނޑައެޅޭ ހިނދުގައި، އެފަދަ ތަފާތުކުރުމެއް ގެންގުޅެފައިވާ ފަރާތް 12,000 (ބާރަ ހާސް) ރުފިޔާއާއި 50,000 (ފަންސާސް ހާސް) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުން.

 

35 ވަނަ މާއްދާ – އިސްތިއުނާފުކުރުން

މި ގާނޫނުގެ ދަށުން ޓްރައިބިއުނަލުން ނުވަތަ ކޯޓުން ނިންމާ ކޮންމެ ނިންމުމަކީ ގާނޫނުއަސާސީގެ 56 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން އިސްތިއުނާފުކުރެވޭނެ ނިންމުމެކެވެ.

 

36 ވަނަ މާއްދާ – ހެކިންނަށް ދެވޭ ރައްކާތެރިކަން

އެއްވެސް މީހަކު، ލިޔުމުން ނުވަތަ އަނގަބަހުން ވިޔަސް ކޯޓުގައި ދޭ ހެއްކަކާ ގުޅިގެން، އެމީހެއްގެ މައްޗަށް ދޮގު ހެކި ދިނުމުގެ ނުވަތަ ނުރަނގަޅު ހެއްކެއް އުފެއްދި ކަމުގެ ކުށުގެ ދަޢުވާ ނުކުރެވޭހާ ހިނދަކު، އެ ހެކިބަހާ ގުޅިގެން އޭނާ މަދަނީ ނުވަތަ ޖިނާއީ ކޯޓެއްގައި ޒިންމާ އުފުލާކަށް ނުޖެހޭނެއެވެ.

 

އަށްވަނަ ބާބު

ޖެންޑަރ އިކުއަލިޓީ ގާއިމުކުރުމަށްޓަކައި ހާއްސަ ފިޔަވަޅު އެޅުން

37 ވަނަ މާއްދާ – ޖެންޑާރ އިކުއިލިޓީ ގާއިމްކުރުމަށް ހާއްސަ ފިޔަވަޅު އެޅުން

ޖެންޑަރ އިކުއަލިޓީ ގާއިމުކުރުމަށްޓަކައި، އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއްގައި، މި ގާނޫނުގެ 38 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާއްސަ ފިޔަވަޅެއް ނުވަތަ ފިޔަވަޅުތަކެއް ވަގުތީ ގޮތުން ނުވަތަ ދިގު މުއްދަތަކަށް ހިންގުމަށް މި ގާނޫނު ހުރަހެއްނާޅައެވެ.

(ހ) ވަކި ޖިންސަކަށް ނިސްބަތްކޮށް، އެ ޖިންސެއްގެ މީހުންނަށް ދަތިކަމެއް ނުވަތަ ފަހިކަން ކުޑަ ގޮތެއް ކުރިމަތިވުން؛

(ށ) ހިދުމަތްތަކާއި ފަސޭހަތައް ލިބިގަތުމުގައި، ވަކި ޖިންސެއްގެ މީހުންނަށް ބޭނުންޖެހޭ ކަންކަން ނުވަތަ ބޭނުންތައް ތަފާތުވުން؛ ނުވަތަ

(ނ) ޢާންމު ހިދުމަތުގައާއި ޢާންމު ދިރިއުޅުމުގައި އަންހެނުންނާއި ފިރިހެނުން ބައިވެރިވާ ނިސްބަތަށް ބަލައި، ވަކި ޖިންސެއްގެ މީހުންގެ ބައިވެރިވުން މަދުވުން.

 

38 ވަނަ މާއްދާ - ހާއްސަ ފިޔަވަޅު

އަންނަނިވި ކަންކަމަކީ، މި ގާނޫނުގެ 37 ވަނަ މާއްދާގެ ދަށުން، އެޅިދާނެ ހާއްސަ ފިޔަވަޅުތަކެވެ.

(ހ) އަންނަނިވި މަގްސަދުތަކުގެ ތެރެއިން މަގްސަދެއް ހާސިލުކުރުމަށްޓަކައި ގާނޫނެއް ފާސްކުރުން، ނުވަތަ ޕްރޮގްރާމެއް ނުވަތަ ހަރަކާތެއް ހިންގުން؛

  1. ނަތީޖާގެ ހަމަހަމަކަން ހާސިލުކުރުމަށް އެކަށީގެންވާ މާހައުލެއް އަންހެނުންނަށް ގާއިމުކޮށްދިނުން؛
  2. ސިޔާސީ މައިދާނުގެ އެކި ފަންތީގައި އަންހެނުން ތަމްސީލުވާ މިންވަރު މަދުވުން ހައްލުކުރުމުގެ ގޮތުން، އަންހެނުންނާއި ފިރިހެނުންގެ މެދުގައި ބާރާއި ވަސީލަތްތައް ބެހިފައިވާ ގޮތް އަލުން މުރާޖަޢާކުރުމުގެ ގޮތުން ނުވަތަ މަޢުނަވީ ހަމަހަމަކަން ގާއިމުކުރުން އަވަސް ކުރުމުގެ ގޮތުން އެކަމާގުޅޭ ފިޔަވަޅު އެޅުން؛ ނުވަތަ
  3. އެއް ކަމަކަށް ވުރެ ގިނަ ކަންކަމުގެ ސަބަބުން ނިކަމެތިކަން ލިބިފައިވާ މީހުންނާއި، ޖެންޑަރއަށް ބަލައި ތަފާތުކުރެވިފައިވާ މީހުންނާއި، ނިކަމެތިކަން ލިބިފައިވާ ފަރުދުންގެ ހާލަތު ރަނގަޅުކުރުމުގެ ގޮތުން ފިޔަވަޅު އެޅުން.

(ށ) މި ގާނޫނުގެ މަގްސަދަށްޓަކައި، މަޢުނަވީ ހަމަހަމަކަން ގާއިމުކުރުމަށްޓަކައި، މި ގާނޫނުގެ 9 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ކަމެއްގެ މައްޗަށް ބިނާކޮށް، ވަކި ޖިންސެއްގެ މީހުންނަށް ހާއްސަ ރައްކާތެރިކަމެއް ދިނުން؛

(ނ) މި ގާނޫނުގެ 14 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އަންހެނަކަށްވީތީ ކުރާ އަނިޔާގެ ޢަމަލަކުން ހިމާޔަތްކުރުމަށްޓަކައި އަންހެނުންނަށް ހާއްސަ ރައްކާތެރިކަމެއް ދިނުން.

 

ނުވަވަނަ ބާބު

ގާނޫނު ހިންގުން

39 ވަނަ މާއްދާ – އިސް ޒިންމާ އޮތް ފަރާތް

(ހ) މި ގާނޫނުގައި ބަޔާންވެގެންވާ ކަންކަމުގެ ތެރެއިން، ކޯޓާއި އަދި ޓްރައިބިއުނަލާއި ހަވާލުކުރެވިގެންވާ މަސްއޫލިއްޔަތުތަކާއި، ވަކި އިދާރާތަކާއި ފަރާތްތަކަށް ހަވާލުކުރެވިގެންވާ މަސްއޫލިއްޔަތުތައް ފިޔަވައި، ޖެންޑަރ އިކުއަލިޓީ ގާއިމުކުރުމާ ގުޅޭގޮތުން، މި ގާނޫނުގައި ބަޔާންވެގެންވާ ކަންކަން ހިންގުމާއި ތަންފީޒުކުރުމުގެ އެންމެ އިސް ޒިންމާ އުފުލާނީ މިނިސްޓަރެވެ.

(ށ) މި ގާނޫނުގައި ބަޔާންވެގެންވާ ކަންކަމުގެ ތެރެއިން، ކޯޓާއި އަދި ޓްރައިބިއުނަލާ ހަވާލުކުރެވިގެންވާ މަސްއޫލިއްޔަތުތަކާއި، ވަކި އިދާރާތަކާއި ފަރާތްތަކަށް ހަވާލުކުރެވިގެންވާ މަސްއޫލިއްޔަތުތައް ފިޔަވައި، ޖެންޑަރ އިކުއަލިޓީ ގާއިމުކުރުމާ ގުޅޭގޮތުން، މި ގާނޫނުގައި ބަޔާންވެގެންވާ ކަންކަން ހިންގުމަށްޓަކައި، ސީދާގޮތުން ބޭނުންވާ އެންމެހައި ބާރުތަކާއި، ފުރިހަމަގޮތުގައި އެކަންކަން ކުރުމަށް މަގުފަހިކޮށްދޭ އެންމެހައި ބާރުތައް، މި ގާނޫނުގެ ދަށުން މިނިސްޓަރަށް ލިބިގެންވެއެވެ.

 

40 ވަނަ މާއްދާ – ލާމަރުކަޒީ ބައެއް އުސޫލުތައް

(ހ) ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ އިހްތިސާސް ހިނގާ ސަރަހައްދުތަކުގައި މި ގާނޫނު ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެ ކައުންސިލްތަކުން އުފުލުމަށް މަގުފަހިކޮށްދީ، އެކަމަށް ގާނޫނީ ބާރު ލިބިދިނުމުގެގޮތުން، އޭގެތެރެއިން ކޮންމެ ކައުންސިލެއް އެއީ، އެ ކައުންސިލެއް ނިސްބަތްވާ ސަރަހައްދުގައި، މި ގާނޫނު ތަންފީޒުކުރުމަށްޓަކައި އެ ސަރަހައްދަށް ޢައްޔަންކުރެވޭ އޭޖެންޓްކަމުގައި، މި ގާނޫނުގެ ދަށުން މިނިސްޓަރަށް ކަނޑައެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އެއްވެސް ބާރެއް ނުވަތަ މަސްއޫލިއްޔަތެއް، ނުވަތަ މި ގާނޫނު ތަންފީޒުކުރުމުގެ ޒިންމާއެއް، ރަށު ކައުންސިލަކާ ނުވަތަ އަތޮޅު ކައުންސިލަކާ ނުވަތަ ސިޓީ ކައުންސިލަކާ، މިނިސްޓަރ ހަވާލުކުރަންވާނީ، އެ މަސްއޫލިއްޔަތަކާއި ބާރެއް ތަންފީޒުކުރުމަށް ބޭނުންވާ ވަސީލަތްތައް އެ ކައުންސިލަކަށް ފޯރުކޮށްދިނުމާއެކު، މި ގާނޫނުގެ 42 ވަނަ މާއްދާގެ ދަށުން އެކުލަވާލެވޭ ޖެންޑަރ އިކުއަލިޓީ ގާއިމުކުރުމުގެ ސިޔާސަތާއި އެކްށަން ޕްލޭން އާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ނ) ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ ފެންވަރުގައި، ޖެންޑަރ އިކުއަލިޓީ ގާއިމުކުރުމުގެ މަސްއޫލިއްޔަތު އަދާކުރާ ފަރާތްތަކާއި، އަންހެނަކަށްވީތީ ކުރާ އަނިޔާގެ ޢަމަލުތައް ހުއްޓުވުމަށް ރައްޔިތުން ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްކުރާ ފަރާތްތަކާއި، އަންހެނަކަށްވީތީ ކުރާ އަނިޔާގެ ޢަމަލުން މީހުން ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރާ ފަރާތްތަކުގެ މައްޗަށް މިނިސްޓަރުގެ އިރުށާދާއި ބާރު މި ގާނޫނުގެ ދަށުން ހިނގާނެއެވެ.

(ރ) މި ގާނޫނުގެ ދަށުން ވަކި މަސްއޫލިއްޔަތުތަކެއް، ރަށު ކައުންސިލްގެ ފެންވަރުގައި ނުވަތަ އަތޮޅު ކައުންސިލްގެ ފެންވަރުގައި ނުވަތަ ސިޓީ ކައުންސިލްގެ ފެންވަރުގައި ހަވާލުކުރެވޭކަމަށްވާނަމަ، އެކަން ކުރަންވާނީ، އެ ބާރުތައް ނުވަތަ އެ މަސްއޫލިއްޔަތުތައް ސާފުކޮށް އެނގޭނެގޮތަށް ލިޔުމަކުންނެވެ.

(ބ) ރަށު ކައުންސިލްތަކަށާއި އަތޮޅު ކައުންސިލްތަކަށާއި ސިޓީ ކައުންސިލްތަކަށް، މި ގާނޫނުގެ ދަށުން ހަވާލުކުރެވޭ މަސްއޫލިއްޔަތުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައި ތަފްސީލުކޮށް ބަޔާންކޮށް، ޢާންމުކޮށް އިޢުލާންކޮށް، ގެޒެޓުގައި ށާއިޢުކުރަންވާނެއެވެ. އެކަން ކުރުމުގެ ޒިންމާ އުފުލާނީ މިނިސްޓަރެވެ.

 

41 ވަނަ މާއްދާ – މިނިސްޓްރީގެ ދައުރު

އަންހެނަކަށްވީތީ ކުރާ އަނިޔާގެ ޢަމަލުތައް ހުއްޓުވުމަށާއި، އެކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމަށާއި، ޖެންޑަރ އިކުއަލިޓީ ގާއިމުކުރުމަށާއި، އެކަމަށް ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުވުމަށާއި، މި ގާނޫނުގައި ޒިންމާތައް މަތިކޮށްފައިވާ އިދާރާތަކާއި ފަރާތްތައްފަދަ ކަމާގުޅުންހުރި ފަރާތްތަކާ ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތައް ހަމަޖެއްސުމަށާއި، ޖެންޑަރ އިކުއަލިޓީ ގާއިމުކުރުމަށްޓަކައި ދިވެހިރާއްޖޭގައި އެކި ފަރާތްތަކުން ކުރާ މަސައްކަތްތައް ވިލަރެސްކޮށް ގައުމީ ސިޔާސަތެއްގެ ދަށަށް އެ މަސައްކަތްތައް ގެނެސް ހިންގައިދީ، އެންމެ ކުރީ ސަފުގައި، ގައުމީ ފެންވަރުގައި،މިނިސްޓަރުގެ ލަފައާއި އިރުށާދުގެ މަތިން މަސައްކަތްކުރާނީ، މިނިސްޓްރީގައި އެކަމަށް ހާއްސަކުރެވިފައިވާ ޑިޕާޓްމަންޓުންނެވެ.

 

42 ވަނަ މާއްދާ – މިނިސްޓްރީގެ މަސްއޫލިއްޔަތުތައް

މި ގާނޫނުގެ ދަށުން، މިނިސްޓްރީގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) މި ގާނޫނަށް ޢަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި، ގައުމީ ފެންވަރުގައި ޖެންޑަރ އިކުއަލިޓީ ގާއިމުކުރާނެ ގޮތުގެ ގައުމީ ސިޔާސަތަކާއި، ގައުމީ ފެންވަރުގައި ޢަމަލުކުރާނެ އެކްށަން ޕްލޭނެއް އެކުލަވާލައި ތަންފީޒުކުރުން؛

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސިޔާސަތާއި އެކްށަން ޕްލޭން ތަންފީޒުކުރަން ފެށުމަށްފަހު، މި ދާއިރާގައި ހަރަކާތްތެރިވާ އަމިއްލަ ފަރުދުންނާއި، ތަޖުރިބާކާރުންނާއި، މަދަނީ ޖަމްޢިއްޔާތަކުގެ މަށްވަރާއާއެކު، ކޮންމެ ދެއަހަރަކުން އެއްފަހަރު، އެ ސިޔާސަތާއި، އެކްށަން ޕްލޭން މުރާޖަޢާކޮށް، މުތާލިޢާ ކުރުން؛

(ނ) ޖެންޑަރ އިކުއަލިޓީ ގާއިމުކުރުމަށްޓަކައި، ތަފާތު ހަރަކާތްތައް ހިންގައި، ޖެންޑަރ އިކުއަލިޓީ ގާއިމުކުރުމަށް އަންހެނުންނަށް ހުރި ހުރަސްތައް ނައްތާލުމަށްޓަކައި ބޭނުންވާނެ ތަފާތު ފިޔަވަޅުތައް މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ފަރުމާކޮށް، އެ ފިޔަވަޅުތައް ތަންފީޒުކުރުން؛

(ރ) ޖެންޑަރ އިކުއަލިޓީ ގާއިމުކުރުން ހަރުދަނާ ކުރުމަށާއި، ޖެންޑަރއަށް ބަލައި ކުރާ ތަފާތުކުރުންތައް ނައްތާލުމަށްޓަކައި، މިހާރު ޢަމަލުކުރަމުންދާ ގާނޫނުތަކަށާއި ސިޔާސަތުތަކަށް ގެންނަންޖެހޭ އިސްލާހުތައް ނުވަތަ އެކަން ކުރުމަށްޓަކައި މަގުފަހިވާނެ ގޮތަކަށް ކަމާބެހޭ ބިލުތައް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން؛

(ބ) ޢާންމުން ހޭލުންތެރިކުރުމަށް، ނުވަތަ ވަކިވަކި ޖަމާޢަތްތައް ތަމްރީނުކުރުމަށް ބޭނުންވާ މަޢުލޫމާތުތައް ފޯރުކޮށްދިނުމަށްޓަކައި ތަފާތު ޕްރޮގްރާމުތައް ހިންގުން؛

(ޅ) ޖެންޑަރއަށް ބަލައި ކުރާ ތަފާތުކުރުންތައް ދެނެގަނެ އެކަން ނައްތާލުމަށްޓަކައި، ޖެންޑަރއަށް ބަލައި ކުރާ ތަފާތުތައް ދެނެގަނެވޭނެފަދަ ތަފާސްހިސާބުތައް ދެ ޖިންސުވަކިން އެނގޭނެ ގޮތަށް އެއްކޮށް އެކުލަވާލުން؛

(ކ) އަންހެނަކަށްވީތީ ކުރާ އަނިޔާގެ ޢާންމުކަމާ، އެފަދަ އަނިޔާކުރުމަށް މެދުވެރިވާ ސަބަބާއި އެކަމުގެ ސަބަބުން ކުރާ އަސަރު ދެނެގަތުމަށް ކުރަންޖެހޭ ދިރާސާތައް ކުރުމާއި، ހޯދަންޖެހޭ ތަފާސް ހިސާބުތައް ހޯދުމާއި، އޭގެ ތެރެއިން ށާއިޢުކުރަންޖެހޭ ކަންކަން ށާއިޢުކުރުން؛

(އ) މި ގާނޫނާ ހިލާފުވާ ފަރާތްތަކުގެ ޢަމަލުތައް މިނިސްޓްރީއަށް ރިޕޯޓުކުރާނެ ގޮތުގެ ނިޒާމެއް ގާއިމުކުރުން؛

(ވ) މި ގާނޫނުގެ 20 ވަނަ މާއްދާގެ (ކ) ގެ ދަށުން ވަޒީފާ ދޭ ފަރާތްތަކުން ގާއިމުކުރާ ށަކުވާ ހުށަހަޅާ ނިޒާމެއްގައި އެންމެ ދަށްވެގެން ހުންނަންޖެހޭނެ މިންގަނޑުތައް؛ އަދި

(މ)  ގާނޫނާއި ގަވާއިދު ހަދާ ފަރާތްތަކާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް ޖެންޑަރ އިކުއަލިޓީ ގާއިމުކުރުމުގެ ކަންކަމުގައި ލަފައާއި މަޢުލޫމާތު ދިނުން.

 

43 ވަނަ މާއްދާ – ރިޕޯޓުކުރަންޖެހޭ ކަންކަން ކަނޑައެޅުން

ޖެންޑަރ އިކުއަލިޓީ ގާއިމުކުރުމާ ގުޅޭގޮތުން، ނުވަތަ އަންހެނަކަށްވީތީ ކުރާ އަނިޔާ ހުއްޓުވުމާ ގުޅޭގޮތުން ރިޕޯޓުކުރަންޖެހޭ ކަންކަމަކީ ކޮބައިކަން އަދި، އެކަންކަން ރިޕޯޓުކުރަންޖެހޭ މީހުންނަކީ ކޮބައިކަން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައި ބަޔާންކުރަންވާނެއެވެ.

  

ދިހަވަނަ ބާބު

އާންމު މާއްދާތައް 

44 ވަނަ މާއްދާ – މި ގާނޫނު ހިންގުމަށްޓަކައި ބަޖެޓުގައި ފައިސާ ހިމެނުން

ރައްޔިތުންގެ މަޖިލީހުން ކޮންމެ އަހަރަކު، ވިދިގެން އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ފާސްކުރާއިރު، ޖެންޑަރ އިކުއަލިޓީ ގާއިމުކުރުމަށާއި، އަންހެނަކަށްވީތީ ކުރާ އަނިޔާ ހުއްޓުވައި، އެ އަނިޔާގެ ށިކާރައަކަށްވާ މީހުންނަށް އެހީތެރިވުމަށް ބޭނުންވާ އެކަށީގެންވާ ޢަދަދެއްގެ ފައިސާ، އެ ބަޖެޓު މެދުވެރިކޮށް، މިނިސްޓްރީއަށް ކަނޑައަޅައި، ދޫކުރަންވާނެއެވެ.

 

45 ވަނަ މާއްދާގާނޫނު މުރާޖައާކުރުން

(ހ) މި ގާނޫނަކީ މި ގާނޫނަށް ޢަމަލުކުރަން ފަށާ ތާރީހުން ފެށިގެން ކޮންމެ 5 (ފަހެއް) އަހަރަކުން އެއް ފަހަރު، މިނިސްޓަރު މުރާޖަޢާކުރަންޖެހޭނެ ގާނޫނެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މި ގާނޫނު މުރާޖަޢާކުރުމަށްފަހު، މި ގާނޫނަށް ގެންނަންޖެހޭ އިސްލާހެއްވާނަމަ، އެ އިސްލާހެއް ގެނައުމަށްޓަކައި ކަމާބެހޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަކީ، ސަރުކާރުގެ ޒިންމާއެކެވެ.

 

46 ވަނަ މާއްދާ -  ގާނޫނަށް އަމަލުކުރަން ފެށުން

މި ގާނޫނަށް ޢަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިޢުކުރާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

 

47 ވަނަ މާއްދާ – ގަވާއިދު ހަދާ ހިންގުން

(ހ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކުގެ ތެރެއިން، ކަމާގުޅޭ ކޯޓަކުން ނުވަތަ ޓްރައިބިއުނަލުން ހަދައިގެން ހިންގަންޖެހޭ ގަވާއިދެއް ފިޔަވައި، އެނޫން ގަވާއިދުތައް ހަދާނީ މިނިސްޓްރީންނެވެ.

(ށ) މި ގާނޫނުގެ ދަށުން ކަމާގުޅޭ ކޯޓަކުން ނުވަތަ ޓްރައިބިއުނަލުން ހަދައި ހިންގަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ އެ ކޯޓަކުން ނުވަތަ އެ ޓްރައިބިއުނަލަކުންނެވެ.

(ނ) މި މާއްދާގެ ދަށުން ހަދައި ހިންގަންޖެހޭ ގަވާއިދުތައް، މި ގާނޫނަށް ޢަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ހަދައި، ޢާންމުކޮށް އިޢުލާންކުރަންވާނެއެވެ.

(ރ) މި މާއްދާގެ ދަށުން ހެދޭ އެއްވެސް ގަވާއިދަކީ، މި ގާނޫނުގެ މަގްސަދުތަކާ ފުށުއަރާ، ނުވަތަ އެފަދަ މަގްސަދެއް ނަފީވާނެ، ނުވަތަ އެ މަގްސަދުތަކަށް ޢަމަލުކުރުމަށް ހުރަސް އެޅޭނެ ގަވާއިދަކަށް ވެގެންނުވާނެއެވެ.

 

48 ވަނަ މާއްދާ – މާނަކުރުން

މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، އަންނަނިވި ޢިބާރާތްތަކާއި ލަފްޒުތަކަށް ދީފައި އެވަނީ، އެ ޢިބާރާތްތަކާއި ލަފްޒުތަކާ ގުޅިގެން، ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ)  "ކޯޓު" ކަމަށް ބުނެފައި އެވަނީ، މާލޭގައި ނަމަ، ގާނޫނު ނަންބަރު 2010-22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގެ 53 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބުނެފައިވާ ސިވިލް ކޯޓަށެވެ. ނުވަތަ ދިވެހިރާއްޖޭގެ އެހެން ރަށެއްގައި ނަމަ، އެ ކޯޓަކަށް ލިބިފައިވާ އިހްތިސާސްއާ އެއްގޮތަށް، އެ ގާނޫނުގެ ހަތަރުވަނަ ބާބުގައި ބުނެފައިވާ މެޖިސްޓްރޭޓް ކޯޓުތަކަށެވެ.

(ށ) "ޓްރައިބިއުނަލް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ 10 ވަނަ ބާބުގެ ދަށުން އުފައްދާފައިވާ ވަޒީފާއާބެހޭ މައްސަލަތައް ބަލާ، ޓްރައިބިއުނަލަށެވެ.

(ނ) "ޢާންމުންނާ ގުޅުންހުރި މަސްއޫލިއްޔަތެއް" ކަމަށް ބުނެފައި އެވަނީ، ޢާންމު މަސްލަހަތު ހިމެނޭ ތަބީޢަތުގެ މަސްއޫލިއްޔަތަށެވެ.

(ރ) "އަންހެނުން" ކަމަށް ބުނެފައި އެވަނީ، އެމީހެއްގެ ޢުމުރަށް ނުބަލައި، އަންހެނުންނާއި އަންހެން ކުދިންނަށެވެ.

(ބ) "އަންހެނުންނާ ދެކޮޅަށް ކުރެވޭ އެންމެހައި ތަފާތުކުރުންތައް ނައްތާލުމާބެހޭ ބައިނަލްއަގްވާމީ މުއާހަދާ" ކަމަށް ބުނެފައި އެވަނީ، "ކޮންވެންށަން އޮން ދި އެލިމިނޭށަން އޮފް އޯލް ފޯމްސް އޮފް ޑިސްކްރިމިނޭށަން އަގައިންސްޓް ވިމެން" އަށެވެ.

(ޅ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ޖެންޑަރ އިކުއަލިޓީ ގާއިމުކުރުމަށް ގައުމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގެ ޒިންމާ އުފުލާ މިނިސްޓަރަށެވެ.

(ކ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ޖެންޑަރ އިކުއަލިޓީ ގާއިމުކުރުމަށް ގައުމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގެ ޒިންމާ އުފުލާ ސަރުކާރުގެ ވުޒާރާއަށެވެ.

(އ) "މީޑިއާ" ކަމަށް ބުނެފައި އެވަނީ، ޓީވީއަށާއި، ރޭޑިއޯއަށާއި، އިންޓަރެކްޓިވް ސީޑީއަށާއި، ވެބްސައިޓަށާއި، ދުވަހު ނޫސްތަކަށާއި، ހަފްތާ ނޫސްތަކަށާއި، މަޖައްލާތަކަށާއި، ޓްރޭޑް ޕަބްލިކޭށަންތަކަށާއި، މި ނޫންވެސް މި ނަންނަމުގައި ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެންނާއި، ރަޖިސްޓަރީ ނުކޮށް މަޢުލޫމާތާއި، ހަބަރާއި، ހިޔާލާއި، އިށްތިހާރު، ޢާންމުކޮށް ފެތުރުމަށްޓަކައި ގަންނަން ލިބޭ ގޮތަށް ނުވަތަ އަގަކާ ނުލައި ލިބޭ ގޮތަށް ޗާޕްކޮށްގެންނާއި، އިންޓަރނެޓާއި، އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ށާއިޢުކުރެވޭ ށާއިޢުކުރުންތަކަށެވެ.

(ވ) "ފިރިހެނުން" ކަމަށް ބުނެފައި އެވަނީ، އެމީހެއްގެ ޢުމުރަށް ނުބަލައި، ފިރިހެނުންނާއި ފިރިހެން ކުދިންނަށެވެ.

(މ) "ދައުލަތުގެ އިދާރާ" ކަމަށް ބުނެފައި އެވަނީ، ވެރިކަން ހިންގާ ފަރާތާއި، ރައްޔިތުންގެ މަޖިލީހާއި، ޢަދުލު އިންސާފު ގާއިމުކުރުމުގެ ބާރާއި، މިނިވަން މުއައްސަސާތަކާއި، މުސްތަގިއްލު މަގާމުތަކާއި، ސަލާމަތީ ހިދުމަތްތަކާއި، ގާނޫނުއަސާސީގެ ދަށުން އިންތިހާބުކުރެވޭ ކައުންސިލުތައް ހިމެނޭނެ ގޮތުގެ މަތިންނެވެ. އަދި، އެތަނެއް ހިންގުމުގައި ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ކޮންމެ ތަނަކާއި، ދައުލަތުގެ ބަޖެޓުން ހިންގާ ކޮންމެ ތަނަކާއި، ދައުލަތުގެ ބަޖެޓުން އެހީ ލިބިގެން ހިންގާ ކޮންމެ ތަނެއްމެ ހިމެނޭ ގޮތުންނެވެ.

(ފ) "ދައުލަތުގެ ވިޔަފާރި ތަންތަން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2013-03 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ގާނޫނު) ގައި ދައުލަތުގެ ވިޔަފާރި ތަންތަން ކަމަށް ބަޔާންކޮށްފައިވާ ތަންތަނަށެވެ.

(ދ) "ޖެންޑަރ" ކަމަށް ބުނެފައި އެވަނީ، ވަކި ޖިންސަކަށް ނިސްބަތްކޮށް އިޖްތިމާޢީ ގޮތުންނާއި ސަގާފީ ގޮތުން އަންހެނުންނާއި ފިރިހެނުންނަށް ދެވިފައިވާ މާނަކުރުމަށެވެ. މީގެ ތެރޭގައި، އަންހެނުންނާއި ފިރިހެނުންގެ ދައުރާއި، އުޅުމާއި، އެކަމާ ގުޅުންހުރި އެހެނިހެން ކަންކަމާ އަދި މުޖްތަމަޢުގައި ވަކި ޖިންސަކަށް ނިސްބަތްކުރާ ދައުރާއި، މަސައްކަތްތަކާއި، ފުރުސަތުތައް ހިމެނެއެވެ. 

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދާއި އުސޫލު

  1. ޖެންޑަރ އިކުއަލިޓީ ގެ ގާނޫނު ގެ ދަށުން ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ށަކުވާ ހުށަހެޅުމުގެ ނިޒާމާ ގުޅޭ އުސޫލު (އުސޫލު ނަންބަރު 2024-06)
  2. ޖެންޑަރ އިކުއަލިޓީ ގެ ގާނޫނު (ގާނޫނު ނަންބަރު 2016-18) ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު، ލޯކަލް ކައުންސިލް ތަކާ ހަވާލުކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021/169)
  3. ޖެންޑަރ އިކުއަލިޓީގެ ޤާނޫނުގެ ދަށުން ރިޕޯޓުކުރަންޖެހޭ ކަންކަމާއި ރިޕޯޓުކުރުމާބެހޭ އުސޫލުތައް ބަޔާންކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021/138)
  4. ޖެންޑަރ އިކުއަލިޓީ ގާނޫނުގެ ދަށުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ށަކުވާ ހުށަހެޅުމުގެ ނިޒާމާ ގުޅޭ އުސޫލު (އުސޫލު – 29 ޖެނުއަރީ 2020)
  5. ޖެންޑަރ އިކުއަލިޓީގެ ގާނޫނު (ގާނޫނު ނަންބަރު 2016-18) ގެ ދަށުން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ ގައި ގާއިމްކުރާ ށަކުވާ ހުށަހެޅުމާއި ބަލައިގަތުމުގެ އުސޫލު (އުސޫލު - 15 ޖޫން 2017)
  6. ޖެންޑަރ އިކުއަލިޓީގެ ގާނޫނު (ގާނޫނު ނަންބަރު 2016-18) ގެ ދަށުން ވަޒީފާދޭ ފަރާތްތަކުން ށަކުވާ ހުށަހެޅުމުގެ ނިޒާމު އެކުލަވައިލުމުގައި އެންމެ ދަށްވެގެން ހުންނަންޖެހޭ މިންގަނޑު ބަޔާންކުރާ އުސޫލު (އުސޫލު - 12 ޖޫން 2017)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު