-

ޖެންޑަރ އިކުއަލިޓީގެ ގާނޫނުގެ ދަށުން ރިޕޯޓުކުރަންޖެހޭ ކަންކަމާއި ރިޕޯޓުކުރުމާބެހޭ އުސޫލުތައް ބަޔާންކުރުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2021-138)

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 18/2016 (ޖެންޑަރ އިކުއަލިޓީގެ ގާނޫނު) ގެ ދަށުން ޖެންޑަރ އިކުއަލިޓީ ގާއިމުކުރުމާ ގުޅޭގޮތުން ނުވަތަ އަންހެނަކަށްވީތީ ކުރާ އަނިޔާ ހުއްޓުވުމާ ގުޅޭގޮތުން ރިޕޯޓުކުރަންޖެހޭ ކަންކަމާއި، އެކަންކަން ރިޕޯޓުކުރަންޖެހޭ ފަރާތްތަކާއި، ޖެންޑަރ އިކުއަލިޓީގެ ގާނޫނާ ހިލާފުވާ ފަރާތްތަކާއި ށަކުވާ ހުށަހެޅުމުގެ ނިޒާމު ގާއިމުކޮށްފައިނުވާ ޕަބްލިކް ސެކްޓަރާއި ޕްރައިވެޓް ސެކްޓަރުގެ ވަޒީފާދޭ ފަރާތްތަކާ ގުޅޭ މައުލޫމާތުތައް ރިޕޯޓުކުރުމާބެހޭ އިޖުރާއަތުތައް ބަޔާންކުރުމުގެ ގޮތުން، ޖެންޑަރ އިކުއަލިޓީގެ ގާނޫނުގެ 30 ވަނަ މާއްދާގެ (ށ) އާއި، 42 ވަނަ މާއްދާގެ (އ) އާއި، 43 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 47 ވަނަ މާއްދާގެ  (ހ) ގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ޖެންޑަރ އިކުއަލިޓީގެ ގާނޫނުގެ ދަށުން  ރިޕޯޓުކުރަންޖެހޭ ކަންކަމާއި ރިޕޯޓުކުރުމާބެހޭ އުސޫލުތައް ބަޔާންކުރުމުގެ  ގަވާއިދު" އެވެ.  

 

2 ވަނަ މާއްދާ - މަގްސަދު

މި ގަވާއިދުގެ މަގްސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.

(ހ) ޖެންޑަރ އިކުއަލިޓީގެ ގާނޫނު ތަންފީޒުކުރުމަށް މަގުފަހިކުރުމަށްޓަކައި، ޖެންޑަރ އިކުއަލިޓީ ގާއިމުކުރުމާ ގުޅޭގޮތުން ނުވަތަ އަންހެނަކަށްވީތީ ކުރާ އަނިޔާ ހުއްޓުވުމާ ގުޅޭގޮތުން ރިޕޯޓުކުރުމުގެ ނިޒާމެއް ގާއިމުކުރުން؛

(ށ) މި ގަވާއިދުގެ ދަށުން ރިޕޯޓުކުރަންޖެހޭ ކަންކަން ރިޕޯޓުކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައަޅައި، އެ އުސޫލުތައް އާންމުކޮށް އެނގެން ހުންނާނެ ގޮތް މަގުފަހިކުރުން؛

(ނ) މި ގަވާއިދުގެ ދަށުން މިނިސްޓްރީއަށް ހުށަހަޅާ ރިޕޯޓުތަކާ ގުޅިގެން ފިޔަވަޅު އެޅުމަށް މަގުފަހިކުރުން؛

(ރ) މި ގަވާއިދުގެ ދަށުން މިނިސްޓްރީއަށް ހުށަހަޅާ ރިޕޯޓުތަކާ ގުޅިގެން މިނިސްޓްރީން ކުރަންޖެހޭ ކަންކަން ކަނޑައެޅުން؛ އަދި

(ބ) މި ގަވާއިދުގެ ދަށުން ރިޕޯޓުކުރަންޖެހޭ ކަންކަން ފަސޭހަކަމާއެކު މިނިސްޓްރީއަށް ރިޕޯޓުކުރެވޭނެ ނިޒާމެއް ގާއިމުކުރުމާއެކު، ރިޕޯޓުކުރެވޭ މައުލޫމާތުގެ ސިއްރު ހިފެހެއްޓޭފަދަ ރިފަރަލް ނިޒާމެއް މެދުވެރިކޮށް މައްސަލަތަކަށް އެކަށީގެންވާ ހައްލު ހޯދައިދިނުމަށް މަގުފަހިކުރުން. 

 

ދެވަނަ ބާބު

ރިޕޯޓުކުރުމާބެހޭ އުސޫލުތައް

3 ވަނަ މާއްދާ - ރިޕޯޓުކުރަންޖެހޭ ކަންކަން

(ހ) މި ގަވާއިދުގެ ދަށުން ރިޕޯޓުކުރަންޖެހޭ ކަންކަން ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ. 

  1. މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، އަންހެނަކަށްވީތީ ކުރާ އަނިޔާގެ އަމަލުތައް؛
  2. ޖެންޑަރ އިކުއަލިޓީގެ ގާނޫނުގެ 20 ވަނަ މާއްދާގެ (ކ) ގެ (2) ދަށުން ޕަބްލިކް ސެކްޓަރ އަދި ޕްރައިވެޓް ސެކްޓަރގެ ވަޒީފާދޭ ފަރާތްތަކުން ގާނޫނުގައި ކަނޑައަޅައިފައިވާ މުއްދަތުގެ ތެރޭގައި ގާއިމުކުރަންޖެހޭ ށަކުވާ ހުށަހެޅުމުގެ ނިޒާމު ގާއިމުކޮށްފައި ނުވާނަމަ، އެކަން؛ އަދި
  3. ޖެންޑަރ އިކުއަލިޓީ ގާނޫނާ ހިލާފުވާ ފަރާތްތަކުގެ އަމަލުތައް.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން މިނިސްޓްރީން ކަނޑައަޅާ  ހޮޓްލައިނެއް މެދުވެރިކޮށް ނުވަތަ ލިޔުމުން ހުށަހަޅައިގެން ރިޕޯޓު  ކުރެވިދާނެއެވެ.

 

4 ވަނަ މާއްދާ - އަންހެނަކަށްވީތީ ކުރާ އަނިޔާ

(ހ) ޖެންޑަރ އިކުއަލިޓީގެ ގާނޫނުގެ 14 ވަނަ މާއްދާގެ (ހ) ގައި، އަަންހެނަކަށްވީތީ ކުރާ އަނިޔާއަކީ، އެ ގާނޫނުގެ މަގްސަދަށްޓަކައި ޖެންޑަރއަށް ބަލައި ތަފާތުކުރުން ކަމުގައި ބެލެވޭނެ ކަމަށް ކަނޑައަޅައިފައި ވީހިނދު، އެ ގާނޫނުގެ 14 ވަނަ މާއްދާގެ (ށ) އަށް ރިއާޔަތްކޮށް، އަންހެނަކަށްވީތީ ކުރާ އަނިޔާ ކަމަށް ބުނެފައި އެވަނީ، އަންނަނިވި އަމަލުތަކުގެ ތެރެއިން އަމަލެއް ހިންގުމަށެވެ.

  1. ގާނޫނު ނަންބަރު 2012/3 (ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ގެވެށި އަނިޔާގެ އަމަލެއް ހިންގުން؛
  2. ގާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ރޭޕްކުރުން ނުވަތަ ޖިންސީ އަނިޔާގެ އަމަލެއް ހިންގުން ނުވަތަ އެފަދަ އަމަލެއް ހިންގައިފާނެކަމުގެ ބިރުދެއްކުން؛
  3. ޖިސްމާނީ ނުވަތަ ޖިންސީ ނުވަތަ ނަފްސާނީ ގޮތުން ހާނީއްކަ ލިބޭ އަމަލެއް ހިންގުން؛
  4.  މި އަކުރުގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ އަމަލެއް ހިންގައިފާނެކަމުގެ ބިރުދެއްކުން؛
  5. (މީހެއްގެ ނުރުހުމުގައި ވަކި ތަނެއްގައި ބަންދުކުރުން؛
  6. އިޖުތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުން ގަދަރުވެރި ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ނުދިނުން؛
  7. އަމިއްލައަށް އާމްދަނީ ހޯދައިގެން ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ނުދިނުން؛
  8. ގާނޫނު ނަންބަރު 16/2014 (ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލެއް ނުވަތަ އަމަލުތަކެއް ހިންގުން؛
  9. އަންހެނުންނާއި އަންހެންކުދިންގެ އިންސާނީ ވަގުފާރި އާއި ނަހަމަ ގޮތުގައި އެމީހުންގެ ބޭނުން ހިފުން؛ ނުވަތަ
  10. އެހެން ގާނޫނަކުން މަނާކޮށްފައިވާ އަމަލެއް އަންހެނަކާމެދު ހިންގުން.

(ށ) މި މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުން ފެށިގެން 10 ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ އަމަލުތައް، އެހެން ގާނޫނެއްގެ ދަށުން ރިޕޯޓުކުރަންޖެހޭނަމަ، ނުވަތަ އެހެން ގާނޫނަކުން އެފަދަ އަމަލުތަކާގުޅޭ ހާއްސަ އުސޫލުތަކެއް ބަޔާންކުރާނަމަ، އެ ނިސްބަތަށް، އެފަދަ އަމަލުތައްރިޕޯޓުކުރަންވާނީ އެ އަމަލަކާ ގުޅުންހުރި ގާނޫނެއްގައި ބަޔާންކުރާ ނުވަތަ އެ ގާނޫނެއްގެ ދަށުން އުފެދިފައިވާ ނިޒާމެއް ހިންގާ އިދާރާއަކަށެވެ. އެނޫން އަމަލުތައް ރިޕޯޓުކުރަންވާނީ، މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) އާ އެއްގޮތްވާ ގޮތުގެ މަތިން މިނިސްޓްރީއަށެވެ.

 

5 ވަނަ މާއްދާ - ރިޕޯޓުކުރެވޭނެ ފަރާތްތައް

(ހ) އަންނަނިވި ފަރާތްތަކުގެ ތެރެއިން ކޮންމެ ފަރާތަކަށްވެސް މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ އަންހެނަކަށްވީތީ ކުރާ އަނިޔާގެ މައްސަލައެއް މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) އާ އެއްގޮތްވާ ގޮތުގެ މަތިން މިނިސްޓްރީއަށް ރިޕޯޓުކުރެވިދާނެއެވެ.

  1. އެފަދަ އަމަލެއް ރައްދުވާ ފަރާތެއް؛
  2. އެފަދަ އަމަލެއް ރައްދުވާ ފަރާތުގެ އާއިލާގެ މެންބަރެއް؛
  3. އެފަދަ އަމަލެއް ރައްދުވާ ފަރާތުގެ ރަހްމަތްތެރިއެއް؛ ނުވަތަ
  4. އެފަދަ އަމަލެއް ހިނގައިފިކަމުގެ ނުވަތަ ހިންގާކަމުގެ މައުލޫމާތު ލިބިފައިވާ އެނޫންވެސް ފަރާތެއް.

(ށ) އަންނަނިވި ފަރާތްތަކުގެ ތެރެއިން ކޮންމެ ފަރާތަކަށްވެސް މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ފަދަ މައްސަލައެއް މިނިސްޓްރީއަށް ރިޕޯޓުކުރެވިދާނެއެވެ. 

  1. ޖެންޑަރ އިކުއަލިޓީގެ ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ވަޒީފާދޭ ފަރާތަށް ށަކުވާ ހުށަހެޅުމުގެ ހައްގު ލިބިގެންވާ ފަރާތެއް؛
  2. އެތަނެއްގައި ވަޒީފާ އަދާކުރާ އެނޫންވެސް ފަރާތެއް؛
  3. ޖެންޑަރ އިކުއަލިޓީ ގާއިމުކުރުމާ ގުޅޭގޮތުން ނުވަތަ އަންހެނުންގެ ހައްގުތައް ރައްކައުތެރިކުރުމުގައި މަސައްކަތްކުރާ މަދަނީ ޖަމްއިއްޔާ ޖަމާއަތް؛ އަދި
  4. މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން ވަޒީފާދޭ ފަރާތުން ގާއިމުކުރަންޖެހޭ ށަކުވާ ހުށަހެޅުމުގެ ނިޒާމު ގާއިމުކޮށްފައި ނުވާކަމުގެ މައްސަލަތަކާއި، އެ މާއްދާގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން ޖެންޑަރ އިކުއަލިޓީ ގާނޫނާ ހިލާފުވާ ފަރާތްތަކުގެ އަމަލުތަކުގެ މައުލޫމާތު ލިބިފައިވާ އެނޫންވެސް ފަރާތެއް.

 

6 ވަނަ މާއްދާ - ރިޕޯޓުކުރާ ފަރާތްތަކަށް ލިބިދޭ ހިމާޔަތް

މި ގަވާއިދުގެ ދަށުން މައްސަލައެއް ރިޕޯޓުކުރާ ފަރާތެއް އެ މައްސަލައެއް ރިޕޯޓުކޮށްފައިވަނީ ހެޔޮ ނިޔަތުގައި ކަމަށްވާނަމަ، އެ ފަރާތަށް އަންނަނިވި ހިމާޔަތް ލިބިގެންވެއެވެ.

(ހ) މައްސަލަ ރިޕޯޓުކުރާ ފަރާތުން ރިޕޯޓުކުރި ކުރުމަކީ، އޭނާގެ މަސައްކަތުގެ  އަހުލާގާއި ސުލޫކާ ހިލާފު ކަމެއް ކަމުގައި ނުބެލުން؛ އަދި

(ށ) ރިޕޯޓުކުރި ފަރާތާމެދު، ރިޕޯޓުކުރުމުގެ ސަބަބުން ގާނޫނީގޮތުން އެއްވެސް  ފިޔަވަޅެއް ނޭޅުން.

 

7 ވަނަ މާއްދާ - ރިޕޯޓުކުރާ ފަރާތުގެ މައުލޫމާތު ސިއްރުކުރުމާއި، މައުލޫމާތު ހިއްސާކުރުމުގައި ރިޕޯޓުކުރާ ފަރާތުގެ ރުހުން (ޕްރަޔަރ އިންފޯމްޑް ކޮންސެންޓް) ހޯދުން

(ހ) މި ގަވާއިދުގެ ދަށުން މިނިސްޓްރީއަށް ރިޕޯޓުކުރެވޭ މައްސަލައަކާ ގުޅިގެން، ރިޕޯޓުކުރާ ފަރާތުގެ ނަން ނުވަތަ އޭނާއަކީ ކާކުކަން އެނގޭނެ ފަދަ އެއްވެސް މައުލޫމާތެއް، ތިންވަނަ ފަރާތަކާއެކުނަމަވެސް ހިއްސާކޮށްގެންނުވާނެއެވެ.

(ށ) މި ގަވާއިދުގެ ދަށުން މިނިސްޓްރީއަށް ރިޕޯޓުކުރެވޭ މައްސަލައަކާ ގުޅިގެން ކަމާބެހޭ އެހެން އިދާރާއަކަށް ރިފަރަލް ހަދަންޖެހޭ ހާލަތެއްގައި، ރިޕޯޓުކުރާ ފަރާތުގެ ނަން ނުވަތަ އޭނާއަކީ ކާކުކަން އެނގޭނެ ފަދަ އެއްވެސް މައުލޫމާތެއް އެ އިދާރާއަކަށް ދޭންވާނީ، ރިޕޯޓުކުރާ ފަރާތަކީ އެފަދަ މައްސަލައެއްގެ ސަބަބުން ހައްގެއް ގެއްލިފައިވާ ފަރާތެއް ކަމުގައިވާ ހާލަތުގައި، އަދި ރިޕޯޓުކުރާ ފަރާތަށް އެ ފަރާތުގެ މައުލޫމާތު އެފަދަ އިދާރާއަކާ ހިއްސާކުރެވޭ ބޭނުން ބުނެދިނުމަށްފަހު، އެ ފަރާތުގެ ރުހުން ލިޔުމުން ހޯދުމަށްފަހުގައެވެ. އަދި މިފަދައިން އެފަދަ އިދާރާތަކާ މައުލޫމާތު ހިއްސާކުރަންވާނީ، އެ މައުލޫމާތުގެ ސިއްރު ހިފެހެއްޓޭފަދަ ގޮތަކަށް، މައްސަލައާ ގުޅުންނެތް ތިންވަނަ ފަރާތް ނުވަތަ ފަރާތްތަކާ އެ މައުލޫމާތު ހިއްސާނުކުރެވޭ ގޮތުގެމަތިންނެވެ.

 

ތިންވަނަ ބާބު

މައްސަލައެއްގެ ރިޕޯޓު ލިބުމުން އަމަލުކުރަންޖެހޭ ގޮތް 

8 ވަނަ މާއްދާ - މައްސަލައެއްގެ ރިޕޯޓު މިނިސްޓްރީއަށް ލިބިއްޖެކަމުގެ ލިޔުން ދިނުން

(ހ) މި ގަވާއިދުގެ ދަށުން މައްސަލައެއް ރިޕޯޓުކުރާ ފަރާތަކުން، އެ ފަރާތަކުން ރިޕޯޓުކުރި މައްސަލައެއް މިނިސްޓްރީއަށް ރިޕޯޓުކުރެވުނުކަމުގެ ލިޔުންރަސްމީ 7 (ހަތެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީން އެ ފަރާތަކަށް ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މައްސަލަ ރިޕޯޓުކުރެވުނުކަމުގެ ލިޔުން ފޯން މެދުވެރިކޮށް ފޮނުވާ މެސެޖު ނުވަތަ އިލެކްޓްރޯނިކް މެއިލް ނުވަތަ އެނޫންވެސް އިލެކްޓްރޯނިކް ޒަރީއާއަކުން މައްސަލަ ރިޕޯޓުކުރިފަރާތަށް މިނިސްޓްރީން ފޮނުވިދާނެއެވެ.

 

9 ވަނަ މާއްދާ - އަންހެނަކަށްވީތީ ކުރާ އަނިޔާގެ މައްސަލަތަކުގައި ކުރެވޭ ރިޕޯޓުތަކާ ގުޅިގެން އެޅިދާނެ ފިޔަވަޅުތައް

(ހ) މި ގަވާއިދުގެ ދަށުން އަންހެނަކަށްވީތީ ކުރާ އަނިޔާގެ މައްސަލައެއްގެ ރިޕޯޓެއް މިނިސްޓްރީއަށް ލިބުމުން، މިނިސްޓްރީން އަންނަނިވި ކަންކަން ކުރަންވާނެއެވެ.

  1. ރިޕޯޓުކުރި ފަރާތަށް އެ މައްސަލައަކާ ގުޅިގެން ބޭނުންވާނެ މައުލޫމާތާއި ލަފަޔާއި އިރުށާދު ދިނުން؛
  2. އަނިޔާގެ އަމަލު ރައްދުވާ ފަރާތަށް ދޭންޖެހޭ ސައިކޯސޯށަލް ސަޕޯޓާއި އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުން؛
  3. އަނިޔާގެ އަމަލު ރައްދުވާ ފަރާތަށް ދޭންޖެހޭ ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުން؛
  4. އަނިޔާގެ އަމަލަކީ ޖިނާއީ އަމަލަކަށްވާ ހާލަތުގައި، އެ މައްސަލައެއް ދިވެހި ފުލުހުންގެ ހިދުމަތަށް ލަސްނުކޮށް އެންގުން؛
  5. ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހަޅާ މައްސަލަތަކުގެ ތަހުގީގުކުރިއަށްގެންދާކަން ކަށަވަރުކުރުން؛ އަދި 
  6. އަނިޔާގެ އަމަލަކީ، އެހެން ގާނޫނެއްގެ ދަށުން ރިޕޯޓުކުރަންޖެހޭ މައްސަލައެއް ނަމަ، އެ ގާނޫނެއްގެ ދަށުން އެފަދަ މައްސަލައެއް ރިޕޯޓުކުރަންޖެހޭ އިދާރާ އާއި ރިޕޯޓުކުރަންޖެހޭ ގޮތް ބުނެދިނުން.

(ށ) މި ގަވާއިދުގެ ދަށުން ރިޕޯޓުކުރާ، އަންހެނަކަށްވީތީ ކުރާ އަނިޔާގެ މައްސަލައަކީ، އެހެން އިދާރާއެއްގެ ސަމާލުކަމަށް ގެންނަންޖެހޭ މައްސަލައެއް ނަމަ، މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ށ) އާ އެއްގޮތްވާ ގޮތުގެ މަތިން، އެ މައްސަލައެއް ކަމާބެހޭ އިދާރާއެއްގެ ސަމާލުކަމަށް މިނިސްޓްރީން ގެންނަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ކަމެއް ކުރެވެން އޮތީ ކަމާބެހޭ ހިދުމަތް ދޭ އެހެން ފަރާތަކަށް ރިފަރަލް ހަދައިގެން ކަމަށްވާނަމަ، އަނިޔާ ރައްދުވާ ފަރާތަށް އެކަން ބުނެދިނުމާއެކު، އެ ފަރާތުގެ ރުހުން ލިޔުމުން ހޯދުމަށްފަހު، އެފަދަ ހިދުމަތް ދޭ ފަރާތަކަށް އެކަމެއް މިނިސްޓްރީއަށް ރިފަރކުރެވިދާނެއެވެ.

 

10 ވަނަ މާއްދާ - ށަކުވާ ހުށަހަޅާ ނިޒާމު ގާއިމުކޮށްފައި ނުވާކަމުގެ މައްސަލަތަކުގައި ގުޅިގެން އެޅިދާނެ ފިޔަވަޅުތައް

(ހ) ޖެންޑަރ އިކުއަލިޓީގެ ގާނޫނުގެ 20 ވަނަ މާއްދާގެ (ކ) ގެ ދަށުން ޕަބްލިކް ސެކްޓަރ އަދި ޕްރައިވެޓް ސެކްޓަރގެ ވަޒީފާދޭ ފަރާތްތަކުން ގާއިމުކުރަންޖެހޭ ށަކުވާ ހުށަހެޅުމުގެ ނިޒާމު ގާއިމުކޮށްފައި ނުވާކަމުގެ ރިޕޯޓެއް 
މިނިސްޓްރީއަށް ލިބުމުން، މި މާއްދާގައިވާ ގޮތުގެ މަތިން މިނިސްޓްރީންއެ މައްސަލައެއް ބަލަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް، ޖެންޑަރ އިކުއަލިޓީގެ ގާނޫނުގެ 20 ވަނަ މާއްދާގެ (ކ) ގައި ބަޔާންކުރާ ށަކުވާ ހުށަހެޅުމުގެ ނިޒާމަކީ، އެ ގާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ ދަށުން މި ގަވާއިދަށް އަމަލުކުރަން ފަށާއިރު ގާއިމުކޮށްފައި އޮންނަންޖެހޭނެ ނިޒާމަކަށް ވީހިނދު، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ ރިޕޯޓެއް މިނިސްޓްރީއަށް ލިބުމުން، ވަޒީފާ ދޭ ފަރާތުން ށަކުވާ ހުށަހަޅާ ނިޒާމު ގާއިމުކޮށްފައިވޭތޯ ކަށަވަރުކުރުމަށްޓަކައި، އެފަދަ ނިޒާމެއް ގާއިމުކުރެވިފައިވާކަމުގެ އެކަށީގެންވާ ހެކި ހުށަހެޅުމަށް ވަޒީފާ ދޭ ފަރާތަށް ގިނަވެގެން 7 (ހަތެއް) ދުވަހުގެ ފުރުސަތެއް މިނިސްޓްރީން ލިޔުމުން ދިނުމަށްފަހު މި މާއްދާގެ ދެން ހުރި އަކުރުތަކާ އެއްގޮތަށް މިނިސްޓްރީން އަމަލުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި، ވަޒީފާ ދޭ ފަރާތުން މިނިސްޓްރީގެ އެންގުމަށް ޖަވާބު ނުދީފިނަމަ، އެ ތަނެއްގައި ށަކުވާ ހުށަހަޅާ ނިޒާމު ގާއިމުކޮށްފައި ނެތް ކަމަށް ބަލައި، އެ ފަރާތަކާމެދު މި މާއްދާގެ (ކ) އާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އަޅަންވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި، ވަޒީފާ ދޭ ފަރާތުން މިނިސްޓްރީގެ އެންގުމާ އެއްގޮތަށް ހެކި ހުށަހަޅައިފައިވާނަމަ، ވަޒީފާ ދޭ ފަރާތުން ގާއިމުކޮށްފައިވާ ނިޒާމަކީ، މިނިސްޓްރީން ކަނޑައަޅަ އި އާންމުކޮށްފައިވާ އެންމެ ދަށް މިންގަނޑާ އެއްގޮތަށް ގާއިމުކޮށްފައިވާ ނިޒާމެއްތޯ މިނިސްޓްރީން ބަލަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) އަށް އަމަލުކުރުމުގައި، ށަކުވާ ހުށަހެޅުމާބެހޭ ނިޒާމު ގާއިމުކުރެވިފައިވާ ކަމަށް ވަޒީފާ ދޭ ފަރާތުން ދެކޭ ސަބަބުތަކާއި، އެ ނިޒާމު 
ގާއިމުކޮށްފައި ނެތް ކަމަށް ށަކުވާ ހުށަހަޅާ ފަރާތުން ދެކޭ ސަބަބުތައް ދެނެގަތުމަށްޓަކައި، ދެ ފަރާތާ ވަކިވަކިން ބައްދަލުކޮށް، ދެ ފަރާތަށްވެސް ވާހަކަދެއްކުމުގެ ފުރުސަތު މިނިސްޓްރީން ދޭންވާނެއެވެ.

(ޅ) މި މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން މިނިސްޓްރީން މައްސަލަ ބެލުމަށްފަހު،ވަޒީފާ ދޭ ފަރާތުން ކަނޑައަޅައިފައިވާ ނިޒާމަކީ، މިނިސްޓްރީން ކަނޑައަޅައި އާންމުކޮށްފައިވާ އެންމެ ދަށް މިންގަނޑާ އެއް ހަމައެއްގައި ނެތް ނިޒާމެއް ކަމަށް މިނިސްޓްރީއަށް ފެނިއްޖެނަމަ، އެ ފަރާތަކާ މެދު މި މާއްދާގެ (ކ) އާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އަޅަންވާނެއެވެ.މި މާއްދާގެ (ނ) އާއި (ޅ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި، (ކ) މިނިސްޓްރީން ކަނޑައަޅާފައިވާ އެންމެ ދަށް މިންގަނޑާ އެއްގޮތްވާ ގޮތުގެ މަތިން ޖެންޑަރ އިކުއަލިޓީގެ ގާނޫނުގެ 20 ވަނަ މާއްދާގެ (ކ) ގައި ބަޔާންކުރާ ށަކުވާ ހުށަހެޅުމާބެހޭ ނިޒާމު މިނިސްޓްރީން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ގާއިމުކުރުމަށް ވަޒީފާ ދޭ ފަރާތަށް ލިޔުމުން އަންގަންވާނެއެވެ. އަދި މިނިސްޓްރީން ކަނޑައަޅާ މުއްދަތުގެ ތެރޭގައި ވަޒީފާ ދޭ ފަރާތުން ށަކުވާ ހުށަހެޅުމާބެހޭ ނިޒާމު ގާއިމުކޮށްފައި ނުވާނަމަ، އެ ފަރާތަކާމެދު އަންނަނިވި ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް އެޅިދާނެއެވެ.

  1. އެ ފަރާތުގެ މައުލޫމާތު އާންމުކުރުން؛ އަދި
  2. ޕަބްލިކް ސެކްޓަރ ވަޒީފާ ދޭ ފަރާތެއް ނަމަ، ޖެންޑަރ އިކުއަލިޓީގެ ގާނޫނުގެ 20 ވަނަ މާއްދާގެ (ކ) ގައި ބަޔާންކުރާ ށަކުވާ ހުށަހެޅުމާބެހޭ ނިޒާމު ގާއިމުކުރުމުގެ ޒިންމާ އާއި މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ފަރާތް 25،000 (ފަންސަވީސް ހާސް) ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުން؛ ނުވަތަ
  3. ޕްރައިވެޓް ސެކްޓަރގެ ވަޒީފާ ދޭ ފަރާތެއް ނަމަ، އެ ފަރާތެއް 25،000 (ފަންސަވީސް ހާސް) ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުން.

 

11 ވަނަ މާއްދާ - ށަކުވާ ހުށަހަޅާ ނިޒާމު ގާއިމުކޮށްފައި ނުވާކަމުގެ މައްސަލަތައް ބެލުން

މި ގަވާއިދުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މިނިސްޓްރީން މައްސަލަ ބެލުމަށްޓަކައި 5 (ފަހެއް) މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އޮންނަންވާނެއެވެ. މި ކޮމިޓީގައި މިނިސްޓްރީގެ ލީގަލް، ޖެންޑަރ އަދި ޕޮލިސީ އާ ގުޅޭ ޑިވިޜަންތައް ހިމެނޭގޮތަށް، އަދި މި ކޮމިޓީގައި ތިބޭ މެންބަރުންގެ ތެރެއިން އެންމެ މަދުވެގެން 4 (ހަތަރެއް) މެންބަރުންނަކީ ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުން ކަމުގައި ވާންވާނެއެވެ.

 

12 ވަނަ މާއްދާ - ހުށަހެޅޭ ރިޕޯޓަކާ ގުޅިގެން މިނިސްޓްރީން އެޅި ފިޔަވަޅުތައް ބަޔާންކޮށްދިނުން

މި ގަވާއިދުގެ ދަށުން މިނިސްޓްރީއަށް ހުށަހަޅާ ރިޕޯޓަކާ ގުޅިގެން މިނިސްޓްރީން އެޅި ފިޔަވަޅުތައް ބަޔާންކޮށްދިނުމަށް މައްސަލަ ރިޕޯޓުކުރާ ފަރާތުން އެދިއްޖެނަމަ، ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި މިނިސްޓްރީން އަޅާފައިވާ ފިޔަވަޅުތަކަކީ ކޮބައިކަން އެފަރާތަކަށް ލިޔުމުން ބަޔާންކޮށްދޭންވާނެއެވެ.

 

ހަތަރުވަނަ ބާބު

އެހެނިހެން

13 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

 

14 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފްޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފްޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފްޒުތަކަށް ތިރީގައި ދީފައިއެވާ މާނަކުރުމެވެ.

(ހ) "ހިދުމަތް ދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، ސައިކޯސޯށަލް ސަޕޯޓް ނުވަތަ އިޖުތިމާއީ އެހީތެރިކަން ނުވަތަ ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭ ދައުލަތުގެ އިދާރާތަކަށް ނުވަތަ އަމިއްލަ ފަރާތްތަކަށެވެ.

(ށ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ޖެންޑަރ އިކުއަލިޓީ ގާއިމުކުރުމަށް ގައުމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގެ ޒިންމާ އުފުލާ ސަރުކާރުގެ ވުޒާރާއަށެވެ.

(ނ) "ޖެންޑަރ" ކަމަށް ބުނެފައި އެވަނީ، ވަކި ޖިންސަކަށް ނިސްބަތްކޮށް އިޖްތިމާއީ ގޮތުންނާއި ޘަގާފީ ގޮތުން އަންހެނުންނާއި ފިރިހެނުންނަށް ދެވިފައިވާ މާނަކުރުމަށެވެ. މީގެ ތެރޭގައި، އަންހެނުންނާއި ފިރިހެނުންގެ ދައުރާއި، އުޅުމާއި، އެކަމާ ގުޅުންހުރި އެހެނިހެން ކަންކަމާއި، އަދި މުޖްތަމައުގައި ވަކި ޖިންސަކަށް ނިސްބަތްކުރާ ދައުރާއި، މަސައްކަތްތަކާއި،ފުރުސަތުތައް ހިމެނެއެވެ.

(ނޯޓް: މި މާއްދާގެ (ރ) ހިމެނިފައިނުވޭ)

(ބ) "ވަޒީފާދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، ވަޒީފާދޭ ފަރާތާއި، ވަޒީފާ އަދާކުރާ ތަނުގެ އެހެން ވެރިން ހިމެނޭގޮތަށެވެ.

(ޅ) "އަންހެނުން" ކަމަށް ބުނެފައި އެވަނީ، އެމީހެއްގެ އުމުރަށް ނުބަލައި، އަންހެނުންނާއި އަންހެން ކުދިންނަށެވެ.

 

މައި ގާނޫނު

ޖެންޑަރ އިކުއަލިޓީގެ ގާނޫނު (ގާނޫނު ނަންބަރު 18/2016)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު