-

ޖެންޑަރ އިކުއަލިޓީ ގެ ގާނޫނު (ގާނޫނު ނަންބަރު 2016-18) ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު، ލޯކަލް ކައުންސިލް ތަކާ ހަވާލުކުރުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2021-169)

އެއްވަނަ ބާބު

ފެށުން 

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 2016-18 (ޖެންޑަރ އިކުއަލިޓީގެ ގާނޫނު) ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތު، ރަށު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާ ހަވާލުކުރުމާބެހޭ ކަންކަން ބަޔާންކުރުމުގެ ގޮތުން، އެ ގާނޫނުގެ 40 ވަނަ މާއްދާގެ (ބ) އިން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، ގާނޫނު ނަންބަރު 2016-18 (ޖެންޑަރ އިކުއަލިޓީގެ ގާނޫނު) ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތު، ލޯކަލް ކައުންސިލްތަކާ ހަވާލުކުރުމާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.

(ހ) ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ އިހްތިސާސް ހިނގާ ސަރަހައްދުތަކުގައި، ގާނޫނު ނަންބަރު 2016-18 (ޖެންޑަރ އިކުއަލިޓީގެ ގާނޫނު) ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތު އެ ކައުންސިލްތަކުން އުފުލުމަށް  މަގުފަހިކޮށްދިނުން.

(ށ) ޖެންޑަރ އިކުއަލިޓީ ގާއިމްކުރުމާ ގުޅޭ ކަންކަން މެއިންސްޓްރީމް ކުރުމުގެ ގޮތުން ޖެންޑަރ އިކުއަލިޓީ ގާއިމް ކުރުމުގެ ސިޔާސަތާއި އެކްށަން ޕްލޭން ތަންފީޒު ކުރުމުގައި ކައުންސިލްތަކުގެ ބައިވެރިވުން ހޯދޭކަން ކަށަވަރުކުރުން.

(ނ) ގާނޫނު ނަންބަރު 2016-18 (ޖެންޑަރ އިކުއަލިޓީގެ ގާނޫނު) ތަންފީޒު ކުރުމުގައި، ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ މަސްއޫލިއްޔަތު ކަނޑައެޅުމާއި، އެ ކައުންސިލްތަކާ މަސްއޫލިއްޔަތު ހަވާލުކުރުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުން.

(ރ) ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް ނިސްބަތްވާ ސަރަހައްދުތަކުގައި، ގާނޫނު ނަންބަރު 2016-18 (ޖެންޑަރ އިކުއަލިޓީގެ ގާނޫނު) ތަންފީޒު ކުރުމަށް ޓަކައި، އެއިން ކޮންމެ ކައުންސިލަކީ، އެ ސަރަހައްދަކަށް އައްޔަނުކުރާ އޭޖެންޓެއް ކަމުގައި ހަމަޖެއްސުމާއި، ކައުންސިލްތަކުން އެ ގާނޫނު ތަންފީޒު ކުރުމުގައި އަމަލުކުރާނެ އުސޫލު ކަނޑައެޅުން.

(ބ) އަތޮޅު ކައުންސިލްތައް ނިސްބަތްވާ ސަރަހައްދުތަކުގައި، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ރަށު ކައުންސިލްތަކާ ހަވާލުކުރެވޭ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާނެ އުސޫލު ކަނޑައެޅުން.

(ޅ) ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކާއެކު ވިލަރެސް ކުރުމުގައި މިނިސްޓްރީގެ ދައުރު ކަނޑައެޅުން.

 

3 ވަނަ މާއްދާ - ލޯކަލް ކައުންސިލްތަކަށް މަސްއޫލިއްޔަތު ހަވާލުކުރުމުގައި ނަގަހައްޓަންޖެހޭ އާންމު ހަމަތައް

މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް މަސްއޫލިއްޔަތު ހަވާލުކުރުމުގައި އަންނަނިވި ހަމަތައް ނެގެހެއްޓުމަކީ މިނިސްޓްރީގެ ޒިންމާއެކެވެ.

(ހ) ޖެންޑަރ އިކުއަލިޓީ ގާއިމް ކުރުމަށް ޓަކައި، ހިންގުމާއި ގޮތް ނިންމުމުގެ ދާއިރާއިން ކުރެވޭ ކޮންމެ މަސައްކަތެއް ވެސް މެއިންސްޓްރީމް ކުރުމަށް އިސްކަންދިނުން.

(ށ) ގާނޫނު ނަންބަރު 2016-18 (ޖެންޑަރ އިކުއަލިޓީގެ ގާނޫނު) ގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، އަންހެނަކަށްވީތީ ކުރާ އަނިޔާ ރިޕޯޓުކުރުމާއި ހުއްޓުވުމުގައި ރައްޔިތުންނާ ވީހާވެސް ގާތުން ހިދުމަތް ދެވޭނެ މަގުފަހިކުރުން.

(ނ) ގާނޫނު ނަންބަރު 2016-18 (ޖެންޑަރ އިކުއަލިޓީގެ ގާނޫނު) ގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، އިދާރީ ދާއިރާތަކުގައި ދިރިއުޅޭ އަންހެނުންނަށް ދައުލަތުން ކަށަވަރުކޮށްދޭންޖެހޭ ހައްގުތައް، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްކައުތެރިކޮށް ކުރިއަރުވައި ފޯރުކޮށްދެވޭކަން ކަށަވަރުކުރުން.

(ރ) ލާމަރުކަޒީ ނިޒާމުގެ ތެރެއިން، ގާނޫނު ނަންބަރު 2016-18 (ޖެންޑަރ އިކުއަލިޓީގެ ގާނޫނު) ކާމިޔާބުކަމާއެކު ތަންފީޒު ކުރުމަށް ޓަކައި، ލޯކަލް ކައުންސިލްތައް ބާރުވެރިކުރުވުން.

 

ދެވަނަ ބާބު

ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކާ މަސްއޫލިއްޔަތު ހަވާލުކުރުން

 

4 ވަނަ މާއްދާ - ލާމަރުކަޒީ ނިޒާމުގެ ތެރެއިން އޭޖެންޓުން ހަމަޖެއްސުން

(ހ) ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ އިހްތިސާސް ހިނގާސަރަހައްދުތަކުގައި، އެއިން ކޮންމެ ކައުންސިލަކީ، ގާނޫނު ނަންބަރު 2016-18 (ޖެންޑަރ އިކުއަލިޓީގެ ގާނޫނު) ތަންފީޒު ކުރުމަށް ޓަކައި، އެ ސަރަހައްދަށް އައްޔަނުކުރާ އޭޖެންޓެއް ކަމުގައި މިނިސްޓަރު ކަނޑައަޅާ ހާލަތުގައި، އެއިން ކޮންމެ ކައުންސިލެއްގެ މައްޗަށް މި ގަވާ އިދުގައިވާ މަސްއޫލިއްޔަތުތައް ހިނގާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ރަށު ކައުންސިލެއް ނުވަތަ ސިޓީ ކައުންސިލެއްއޭޖެންޓެއްގެ ގޮތުގައި ހަމަޖައްސައި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތެއް އެ ކައުންސިލަކާ ހަވާލުކުރާނީ، ގާނޫނު ނަންބަރު 2016-18 (ޖެންޑަރ އިކުއަލިޓީގެ ގާނޫނު) ގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ޖެންޑަރ އިކުއަލިޓީ ގާއިމުކުރުމަށް މިނިސްޓްރީއަށް ލިބޭ ބަޖެޓުގެ ތެރެއިން، އެ ގާނޫނުގެ 40 ވަނަ މާއްދާގެ (ށ) ގެ ދަށުން އެ ކައުންސިލުތަކުގެ މަސްއޫލިއްޔަތެއް އަދާކުރުމަށް ބޭނުންވާ ވަސީލަތްތައް އެ ކައުންސިލަކަށް ފޯރުކޮށްދިނުމާއެކު، އެ ގާނޫނުގެ ދަށުން އެކުލަވައިލެވޭ ޖެންޑަރ އިކުއަލިޓީ ގާއިމްކުރުމުގެ ސިޔާސަތާއި އެކްށަން ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

5 ވަނަ މާއްދާ - އޭޖުންޓުންގެ މަސްއޫލިއްޔަތު

(ހ) ގާނޫނު ނަންބަރު 2016-18 (ޖެންޑަރ އިކުއަލިޓީގެ ގާނޫނު) ތަންފީޒު ކުރުމުގެ ގޮތުން އޭޖެންޓުންނާ މަސްއޫލިއްޔަތު ހަވާލުކުރަންވާނީ، ޖެންޑަރ އިކުއަލިޓީ ގާއިމްކުރުމުގެ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތީން، އަންނަނިވި ދާއިރާތަކުންނެވެ. 

  1. ލީޑަރށިޕާއި ގަވަރނަންސް؛
  2. އިގްތިސާދީ ބާރުވެރިކަން؛
  3. މުއައްސަސާތަކުގެ ފެންވަރުގައި ޖެންޑަރ މެއިންސްޓްރީމް ކުރުން؛
  4. އަންހެނަކަށްވީތީ ކުރާ އަނިޔާ ހުއްޓުވުން؛ 
  5. އަދުލުއިންސާފަށް ވާސިލުވުން.

 (ށ) މި މާއްދާގެ (ހ) އާ އެއްގޮތްވާ ގޮތުގެ މަތީން އޭޖެންޓުންނާ ހަވާލުކުރަންވާނީ އަންނަނިވި މަސްއޫލިއްޔަތުތަކެވެ.

  1. އެކްށަން ޕްލޭނުގައި ރަށު ކައުންސިލްތަކާއި އަދި/ނުވަތަ ސިޓީ ކައުންސިލްތަކާ މަތިކޮށްފައިވާ ހަރަކާތްތައް ތަންފީޒު ކުރުމާއި، އެ ހަރަކާތްތައް ހިންގުމަށް އެހީތެރިވުން؛
  2. ގާނޫނު ނަންބަރު 2016-18 (ޖެންޑަރ އިކުއަލިޓީގެ ގާނޫނު) ތަންފީޒުކުރުމާ ގުޅޭގޮތުން މިނިސްޓަރު ކަނޑައަޅާ އެނޫންވެސް މަސްއޫލިއްޔަތުތައް.

 

6 ވަނަ މާއްދާ - އޭޖެންޓުންނާ މަސްއޫލިއްޔަތު ހަވާލުކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް

(ހ) އޭޖެންޓެއްގެ ގޮތުގައި މިނިސްޓަރު އައްޔަނުކުރާ ކައުންސިލަކަށް، މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތެއް ހަވާލުކުރަންވާނީ، ޖެންޑަރ އިކުއަލިޓީއާ ގުޅޭ ގޮތުން އެ އޭޖެންޓެއް ނިސްބަތްވާ ކައުންސިލެއްގެ ފަންނީ މުވައްޒަފުން ތަމްރީނު ކުރުމަށް ފަހުގައެވެ. މި ކަމަށް ޓަކައި، އެ ފަދަ ކައުންސިލެއްގައި ޖެންޑަރ އިކުއަލިޓީ ގާއިމްކުރުމާ ގުޅޭ ގޮތުން މަސައްކަތްކުރާނެ މަދުވެގެން އެއް މުވައްޒަފަކު ކަނޑައަޅައި، އެ މަސައްކަތްތައް އެ މުވައްޒަފެއްގެ ވަޒީފާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމަނައިފައި އޮންނަންވާނެއެވެ.

(ށ) މި ގަވާއިދުގެ ދަށުން އޭޖެންޓުންނާ ވަކި މަސްއޫލިއްޔަތުތަކެއް ހަވާލުކުރާނަމަ، އެފަދަ މަސްއޫލިއްޔަތުތައް ހަވާލުކުރަންވާނީ، މިނިސްޓްރީއާއި އެފަދަ އޭޖެންޓަކާ ދެމެދު ލިޔުމުން ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ. މިފަދަ އެއްބަސްވުމެއްގައި، އޭޖެންޓަކާ ހަވާލުކުރާ މަސްއޫލިއްޔަތުތަކުގެ ދާއިރާއާއި، އެ މަސްއޫލިއްޔަތުތައް ތަންފީޒު ކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދާނެ ގޮތާއި، މިނިސްޓްރީއާއި، ކަމާބެހޭ އެހެނިހެން އިދާރާތަކާއި ކައުންސިލްތަކުން މަސައްކަތް ވިލަރެސްކޮށް ގުޅިގެން މަސައްކަތް ކުރާނެ ގޮތާއި، ހަވާލުކުރެވޭ މަސްއޫލިއްޔަތުތަކާ ގުޅިގެން ރިޕޯޓިންގ ހަދަންޖެހޭނެ ގޮތާއި މުއްދަތުތައް ބަޔާންކުރަންވާނެއެވެ. މީގެ އިތުރުން، ގާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 65 ވަނަ މާއްދާގެ (ނ) ހިނގާ ނިސްބަތަށް، އެ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން މިފަދަ އެއްބަސްވުމެއްގައި ހިމަނައިފައި އޮންނަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އޭޖެންޓުންނާ މިނިސްޓްރީން ހަވާލުކުރާ މަސްއޫލިއްޔަތުތަކާ ގުޅޭ ގޮތުން ސިޓީ ކައުންސިލެއް ނަމަ، މިނިސްޓްރީއަށް ނުވަތަ ރަށު ކައުންސިލެއް ނަމަ، އަތޮޅު ކައުންސިލްތަކަށް ހުށަހަޅަންޖެހޭ ރިޕޯޓިންގ ހެދުމުގެ އެންމެ އިސް ޒިންމާ އޮންނާނީ މިނިސްޓަރު އައްޔަނުކުރާ އޭޖެންޓެއްގެ ގޮތުގައި ހިމެނޭ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްއަށެވެ.

 

7 ވަނަ މާއްދާ - އަތޮޅު ކައުންސިލްތަކުގެ މަސްއޫލިއްޔަތު

(ހ) މި ގަވާއިދުގެ ދަށުން ރަށު ކައުންސިލްތަކާ މިނިސްޓަރު ހަވާލުކުރާ މަސްއޫލިއްޔަތުތައް ވިލަރެސްކޮށް މޮނިޓަރ ކުރުމަށް ޓަކައި، އަތޮޅު ކައުންސިލްތަކަކީ އެ ސަރަހައްދެއްގެ ރިޕޯޓިންގ އޭޖެންޓުން ކަމުގައި މިނިސްޓަރު ކަނޑައަޅާ ހާލަތުގައި، އަތޮޅު ކައުންސިލްތަކުގެ މައްޗަށް މި ގަވާއިދުގައިވާ މަސްއޫލިއްޔަތުތައް ހިނގާނެއެވެ.

(ށ) ރިޕޯޓިންގ އޭޖެންޓުންގެ ގޮތުގައި ކަނޑައެޅޭ އަތޮޅު ކައުންސިލްތަކުގެ މަސްއޫލިއްޔަތުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

  1. އޭޖެންޓުންގެ ގޮތުގައި މިނިސްޓަރު އައްޔަނުކުރާ ރަށު ކައުންސިލްތަކުން، އެ ކައުންސިލްތަކުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުން؛
  2. މިނިސްޓްރީން ކަނޑައަޅާ ކަންކަން، ރަށު ކައުންސިލްތަކާއި،  އެ ސަރަހައްދެއްގައި ހުންނަ މިނިސްޓްރީގެ ފެމިލީ އެންޑް ޗިލްޑްރަންސަރވިސް ސެންޓަރުތަކާއެކު ވިލަރެސްކުރުން؛ 
  3. މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީންނާއި، ކަނޑައަޅާ މުއްދަތެއްގައި، ރަށު ކައުންސިލްތަކުން މަސްއޫލިއްޔަތުތައް އަދާކުރާ މިންވަރުބަލައި މޮނިޓަރކޮށް، މިނިސްޓްރީއަށް އެންގުން.

 

8 ވަނަ މާއްދާ - އަތޮޅު ކައުންސިލްތަކަށް މަސްއޫލިއްޔަތު ހަވާލުކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް

(ހ) މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތެއް އަތޮޅު ކައުންސިލަކާ ހަވާލުކުރަންވާނީ، ޖެންޑަރ އިކުއަލިޓީއާ ގުޅޭ ގޮތުންނާއި ރިޕޯޓިންގ ހެދުމާބެހޭ ގޮތުން އެ ކައުންސިލެއްގެ ފަންނީ މުވައްޒަފެއް ތަމްރީނު ކުރުމަށް ފަހުގައެވެ. މި ކަމަށް ޓަކައި، އެފަދަ ކައުންސިލެއްގައި ޖެންޑަރ އިކުއަލިޓީ ގާއިމްކުރުމާ ގުޅޭ ގޮތުން މަސައްކަތްކުރާނެ މުވައްޒަފަކު ކަނޑައަޅައި، އެ މަސައްކަތްތައް އެ މުވައްޒަފެއްގެ ވަޒީފާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމަނައިފައި އޮންނަންވާނެއެވެ.

(ށ) މި ގަވާއިދުގެ ދަށުން އަތޮޅު ކައުންސިލަކާ މަސްއޫލިއްޔަތު ހަވާލުކުރާނަމަ، އެ ފަދަ މަސްއޫލިއްޔަތެއް ހަވާލުކުރަންވާނީ، މިނިސްޓްރީއާއި އެ ފަދަ ކައުންސިލަކާ ދެމެދު ލިޔުމުން ވޭވޭ އެއްބަސްވުމެއްގެ ދަށުންނެވެ. މި ފަދަ އެއްބަސްވުމެއްގައި، އަތޮޅު ކައުންސިލަކާ ހަވާލުކުރާ މަސްއޫލިއްޔަތުތަކުގެ ދާއިރާއާއި، އެ މަސްއޫލިއްޔަތުތައް ތަންފީޒު ކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދާނެ ގޮތާއި، މިނިސްޓްރީއާއި، ކަމާބެހޭ އެހެނިހެން އިދާރާތަކާއި ރަށު ކައުންސިލްތަކާ މަސައްކަތް ވިލަރެސްކޮށް ގުޅިގެން މަސައްކަތް ކުރާނެ ގޮތާއި، މިނިސްޓްރީއަށް ރިޕޯޓިންގ ހަދަންޖެހޭނެ ގޮތާއި މުއްދަތުތައް ބަޔާންކުރަންވާނެއެވެ. މީގެ އިތުރުން، ގާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 65 ވަނަ މާއްދާގެ (ނ) ހިނގާ ނިސްބަތަށް، އެ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން މިފަދަ އެއްބަސްވުމެއްގައި ހިމަނައިފައި އޮންނަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އަތޮޅު ކައުންސިލްތަކާ މިނިސްޓްރީން ހަވާލުކުރާ މަސްއޫލިއްޔަތުތަކާ ގުޅޭ ގޮތުން ރިޕޯޓިންގ ހެދުމުގެ މަގުސަދުގައި މިނިސްޓްރީއަށް އަންގަންޖެހޭ ކަންކަ ން އެންގުމުގެ އެންމެ އިސް ޒިންމާ އޮންނާނީ އަތޮޅު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްއަށެވެ.

 

9 ވަނަ މާއްދާ - ކައުންސިލްތަކަށް މަސްއޫލިއްޔަތު ހަވާލުކުރުމުގައި އެހެން ގާނޫނަކުން ކައުންސިލްތަކުގެ މައްޗަށް މަތިކޮށްފައިވާ ޒިންމާތަކަށް ރިއާޔަތްކުރުން

އޭޖެންޓުންނާއި އަތޮޅު ކައުންސިލްތަކާ މި ގަވާއިދުގެ ދަށުން މަސްއޫލިއްޔަތު ހަވާލުކުރުމުގައި، ކަމާގުޅޭ އެހެން ގާނޫނަކުން މަތިކޮށްފައިވާ ޒިންމާތަކާ ފުށުނާރާނޭ ގޮތުގެ މަތީން، އެފަދަ ޒިންމާތަކާ މި ގަވާއިދުގެ ދަށުން ހަވާލުކުރާ މަސްއޫލިއްޔަތުތައް އެއް މިސްރާބަކަށް ބައްޓަންކޮށް، އެފަދަ އެއްގޮތް ޒިންމާތަކުން ތަސައްވަރުކޮށްފައިވާ ނަތީޖާތަކަށް މަގުފަހިވާނޭ ގޮތަށް މި ގަވާއިދުގެ ދަށުން މަސްއޫލިއްޔަތުތައް ކަނޑައެޅުމަށް މިނިސްޓްރީން މަސައްކަތްކުރަންވާނެއެވެ.

 

10 ވަނަ މާއްދާ - ލާމަރުކަޒީ ފެންވަރުގައި ޖެންޑަރ އިކުއަލިޓީ ގާއިމްކުރުމުގެ މަސްއޫލިއްޔަތުތައް އަދާކުރާ ފަރާތްތަކަށާއި ހަރަކާތްތައް ހިންގާ ފަރާތްތަކަށް މިނިސްޓްރީގެ އިރުށާދާއި ބާރު ހިނގުން

(ހ) ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ ފެންވަރުގައި، ޖެންޑަރ އިކުއަލިޓީ ގާއިމްކުރުމުގެ މަސްއޫލިއްޔަތު އަދާކުރާ ފަރާތްތަކާއި، އަންހެނަކަށްވީތީ ކުރާ އަނިޔާގެ އަމަލުތައް ހުއްޓުވުމަށް ރައްޔިތުން ހޭލުންތެރިކަން އިތުރުކުމުގެ މަސައްކަތްކުރާ ފަރާތްތަކާއި، އަންހެނަކަށްވީތީ ކުރާ އަނިޔާގެ އަމަލުން މީހުން ސަލާމަތް ކުރުމަށް ޓަކައި މަސައްކަތްކުރާ ފަރާތްތަކުގެ މައްޗަށް މިނިސްޓްރީގެ އިރުށާދާއި ބާރު ހިނގާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް މިނިސްޓްރީން ކަނޑައަޅާ ގައިޑްލައިނެއް ނުވަތަ ދޭ އިރުށާދެއް ތަންފީޒު ކުރުމުގައްޔާއި، އެފަދަ އިރުށާދެއް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ރަށު ކައުންސިލްތަކުގެ ނުވަތަ އަތޮޅު ކައުންސިލްތަކުގެ ނުވަތަ ސިޓީ ކައުންސިލްތަކުގެ އެހީތެރިކަމަށް މިނިސްޓްރީން އެދިއްޖެނަމަ، އެފަދަ އެހީތެރިކަން ކައުންސިލްތަކުން ފޯރުކޮށްދޭންވާނެއެވެ.

 

11 ވަނަ މާއްދާ - މަސްއޫލިއްޔަތު ހަވާލުކުރުމުގައި މިނިސްޓްރީގެ ޒިންމާތައް

(ހ) މި ގަވާއިދުގެ ދަށުން އޭޖެންޓުންނާއި އަތޮޅު ކައުންސިލްތަކާ މިނިސްޓްރީންމަސްއޫލިއްޔަތު ހަވާލުކުރުމުގައި، އަންނަނިވި ކަންކަން މިނިސްޓްރީން ކުރަންވާނެއެވެ.

  1. ހަވާލުކުރަން ގަސްތުކުރާ މަސްއޫލިއްޔަތާބެހޭ ގޮތުން ކަމާބެހޭ ކައުންސިލަކާއެކު މަށްވަރާކުރުމާއި، ހަވާލުކުރެވޭ މަސްއޫލިއްޔަތުގެ ދާއިރާ ސާފުކޮށް އޮޅުންފިލުވައިދިނުމާއެކު، އެ މަސްއޫލިއްޔަތުތައް ލިޔުމުން ބަޔާންކޮށް ކައުންސިލްތަކާ ހަވާލުކުރުން؛
  2. މަސްއޫލިއްޔަތު ހަވާލުކުރެވޭއިރު، އެ ކައުންސިލެއްގެ ވަސީލަތްތައް ހުރި މިންވަރާއި، ކުރިމަތިވާނެ ގޮންޖެހުންތަކާއި، އެ ގޮންޖެހުންތައް ގިރާކުރެވިދާނެ ކަމަށް ފެންނަ ގޮތްތަކާއި، އެ ހައްލުތަކަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި އެ ކައުންސިލެއްގެ ލަފާ ހޯދުން؛ 
  3. މަސްއޫލިއްޔަތު ހަވާލުކުރުމުގެ ކުރިން، ގާނޫނު ނަންބަރު 2016-18 (ޖެންޑަރ އިކުއަލިޓީގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ މުހިންމު މަފްހޫމްތަކަށާއި، އެ ގާނޫނުގެ ދަށުން އެކި ފަރާތްތަކަށް މަތިކޮށްފައިވާ ޒިންމާތަކަށާއި، އެ ގާނޫނުން އެކި ފަރާތްތަކަށް ލިބިދޭ ހައްގުތަކަށް ކައުންސިލްތައް ތަމްރީނު ކުރުމާއި، ކައުންސިލްތައް އެކްށަން ޕްލޭނަށް އަހުލުވެރިކުރުމާއި، އެކްށަން ޕްލޭނުގެ ދަށުން ކައުންސިލްތަކުގެ މައްޗަށް މަތިކޮށްފައިވާ ޒިންމާތައް އޮޅުންފިލުވައިދިނުމާއި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތަކާ ގުޅޭ ގޮތުން ރިޕޯޓިންގ ހަދަންޖެހޭ މިންގަނޑުތަކަށް ކައުންސިލްތައް ހޭލުންތެރިކުރުވުން؛
  4. މި ގަވާއިދުގެ ދަށުން، ގާނޫނު ނަންބަރު 2016-18 (ޖެންޑަރ އިކުއަލިޓީގެ ގާނޫނު) ތަންފީޒު ކުރުމަށް ޓަކައި ކައުންސިލްތަކުން ފޯރުކޮށްދޭ ހިދުމަތްތަކާއި، ހިންގޭ ހަރަކާތްތަކަށް ހިނގާނެ މާލީ ހަރަދުތަކާއި، ބަޖެޓާބެހޭ ކަންކަން ހަމަޖެއްސުން؛ 
  5. މި ގަވާއިދުގެ މަގުސަދަށް ޓަކައި، މިނިސްޓްރީން އަދާކުރަންޖެހޭ ދައުރުގެ ގޮތުން ކުރަންޖެހޭ ކަމަށް މިނިސްޓަރު ކަނޑައަޅާ ކަންކަން ކުރުން.

(ށ) މި ގަވާއިދުގެ ދަށުން އޭޖެންޓުންނާއި އަތޮޅު ކައުންސިލްތަކާ މިނިސްޓްރީން މަސްއޫލިއްޔަތު ހަވާލުކުރުމަށްފަހުގައި، އޭޖެންޓުން ނުވަތަ ރިޕޯޓިންގ އޭޖެންޓުން މިނިސްޓްރީގެ ކިބައިން އެހީތެރިކަމެއް ފޯރުކޮށްދިނުމަށް އެދޭ ކަންކަމުގައި މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދޭންވާނެއެވެ.

(ނ) މި ގަވާއިދުގެ ދަށުން އޭޖެންޓުންނާއި އަތޮޅު ކައުންސިލްތަކާ މަސްއޫލިއްޔަތު ހަވާލުކުރުމުގައި، މިނިސްޓްރީގެ ދަށުން މަސައްކަތްކުރާ އެހެނިހެން އިދާރާތަކުގެ ބައިވެރިވުން، މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން ހޯދުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

ތިންވަނަ ބާބު

އެހެނިހެން

 

12 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

 

13 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "އެކްށަން ޕްލޭން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2016-18 (ޖެންޑަރ އިކުއަލިޓީގެ ގާނޫނު) ގެ 42 ވަނަ މާއްދާގެ (ހ) ގެ ދަށުން މިނިސްޓްރީން އެކުލަވައިލާ އެކްށަން ޕްލޭނަށެވެ.

(ށ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ޖެންޑަރ އިކުއަލިޓީ ގާއިމްކުރުމަށް ގައުމީ ފެންވަރުގައި ކުރާ މަސައްކަތްތަކުގެ ޒިންމާ އުފުލާ މިނިސްޓަރަށެވެ.

"މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ޖެންޑަރ އިކުއަލިޓީ ގާއިމްކުރުމަށް ގައުމީ ފެންވަރުގައި ކުރާ މަސައްކަތްތަކުގެ ޒިންމާ އުފުލާ ސަރުކާރުގެ ވުޒާރާއަށެވެ.

"ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަކުގެ ތެރެއިން ކޮންމެ ދާއިރާއެއްގައި މިނިސްޓްރީގެ ފަރާތުން އިޖުތިމާއީ އެހީތެރިކަމާއި ރައްކައުތެރިކަން ފޯރުކޮށްދިނުމަށް ޓަކައި ގާއިމްކޮށްފައިވާ މިނިސްޓްރީގެ އިދާރާއަށެވެ.

(ނ) "ޖެންޑަރ މެއިންސްޓްރީމް ކުރުން" ކަމަށް ބުނެފައި އެވަނީ، ހުރިހާ ދާއިރާއަކާއި ފަންތިއެއް ހިމެނޭ ގޮތުން، ގާނޫނު ހެދުމާއި، ސިޔާސަތުތަކާއި ޕްރޮގްރާމްތައް މެދުވެރިކޮށް ރާވާ އެއްވެސް ހަރަކާތެއްގެ ސަބަބުން އަންހެނުންނަށާއި ފިރިހެނުންނަށް ކުރިމަތިވާނެ އަސަރުތައް ވަޒަންކުރުމަށެވެ. މިއީ، ސިޔާސީ ދާއިރާއާއި، އިޖުތިމާއީ ދާއިރާއާއި، އިގްތިސާދީ ދާއިރާތަކުގައި ސިޔާސަތާއި ޕްރޮގްރާމްތައް ބައްޓަންކުރުމުގައްޔާއި، ތަންފީޒުކުރުމުގައްޔާއި، މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ މަރުހަލާތަކުގެ އަސާސީ ބައެއް ކަމުގައި، އަންހެނުންނާއި ފިރިހެނުންގެ ކަންބޮޑުވުންތަކާއި ތަޖުރިބާތައް ހިމެނުމަށް ޓަކައި ގެންގުޅޭ ސްޓްރެޓެޖީއެކެވެ. މީގެ މަގުސަދަކީ، އަންހެނުންނަށާއި ފިރިހެނުންނަށް ހަމަހަމައަށް މަންފާ ލިބުމާއި، ނަހަމަ ކަންކަން ވިޔަނުދިނުމާއި، ޖެންޑަރ އިކުއަލިޓީ ގާއިމްކުރުމެވެ.

(ރ) "ޖެންޑަރ އިކުއަލިޓީ ގާއިމްކުރުމުގެ ސިޔާސަތު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2016-18 (ޖެންޑަރ އިކުއަލިޓީގެ ގާނޫނު) ގެ ދަށުން މިނިސްޓްރީން އެކުލަވައިލާ ގައުމީ ސިޔާސަތަށެވެ.

(ބ) "އޭޖެންޓުން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2016-18 (ޖެންޑަރ އިކުއަލިޓީގެ ގާނޫނު) ތަންފީޒު ކުރުމަށް ޓަކައި، ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ ތެރެއިން މިނިސްޓަރ ކަނޑައަޅާ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށެވެ.

(ޅ) "ރިޕޯޓިންގ އޭޖެންޓުން" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ރަށު ކައުންސިލްތަކާ މިނިސްޓަރު ހަވާލުކުރާ މަސްއޫލިއްޔަތުތައް ވިލަރެސްކޮށް މޮނިޓަރ ކުރުމަށް ޓަކައި، މިނިސްޓަރ ކަނޑައަޅާ އަތޮޅު ކައުންސިލްތަކަށެވެ.

 

މައި ގާނޫނު

ޖެންޑަރ އިކުއަލިޓީގެ ގާނޫނު (ގާނޫނު ނަންބަރު 2016-18)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު