-

އޮޑިޓް ގާނޫނު

(ގާނޫނު ނަންބަރު 2007-04)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) ދައުލަތުގެ އެންމެހައިއިދާރާތަކާއި އެކައުންޓްތަކާއި، ދައުލަތުގެ ވިޔަފާރި ތަންތަން އޮޑިޓް ކުރުމަށާއި، އޮޑިޓަރ ޖެނެރަލް ވީޖިބުތަކާއި މަސްއޫލިއްޔަތުތައް ކަނޑައެޅުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ، "އޮޑިޓް ގާނޫނު" އެވެ.

 

2  ވަނަ މާއްދާ - އޮޑިޓަރ ޖެނެރަލް އިސްކުރުން

(ހ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން އިސްކުރާ އޮޑިޓަރ ޖެނެރަލެއް ހުންނަންވާނެއެވެ. 

(ށ) އޮޑިޓަރ ޖެނެރަލް އިސްކުރާނީ، ރައްޔިތުންގެ މަޖިލީހުގެ މަށްވަރާގެ މަތިން، ރައީސުލްޖުމްހޫރިއްޔާއެވެ. 

 

3 ވަނަ މާއްދާ - އޮޑިޓަރ ޖެނެރަލްގެ މަސްއޫލިއްޔަތު

 އޮޑިޓަރ ޖެނެރަލް ގެ މަސްއޫލިއްޔަތުތައްއ، ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ދައުލަތުގެ އެންމެހައި އިދާރާތަކާއި، އެކައުންޓްތަކާއި، ދައުލަތުގެ ވިޔޔަވާރި ތަންތަން އޮޑިޓް ކުރުން؛

(ށ) ދައުލަތުގެ އިދާރާތަކާއި، ދައުލަތުގެ ކުންފުނިތަކާއި އަދި ދައުލަތުން ބައިވެރިވާ ކުންފުނިތަކުގެ މާލީ ދާއިރާގެ ކަންތައްތައް ހަރުދަނާކޮށް ޖަވާބުދާރީވުން އިތުރުކުރުން؛

(ނ) ދިވެހިރާއްޖޭގައި އޮޑިޓްކުރުމާބެހޭ އުސޫލުތަކާއި ގަވާއިދުތައް ކަނޑައެޅުން؛

(ރ) އެހެން ގާނޫނަކުން އޮޑިޓަރ ޖެނެރަލް ކުރުން ލާޒިމުކުރާ ކަމެއްވާނަމަ، އެކަމެއް ކުރުން.

 

4 ވަނަ މާއްދާ - ޕަރފޯމަންސް އޮޑިޓް

އޮޑިޓަރ ޖެނެރަލަށް، ކޮންމެ ވަގުތެއްގައިވެސް، އަންނަނިވި ތަންތަނުގެ ޕަރފޯމަންސް އޮޑިޓް ކުރެވިދާނެއެވެ.

(ހ) މިނިސްޓަރީތަކާއި، ޑިޕާޓްމަންޓުތަކާއި، ސަރުކާރުގެ އޮފީސްތަކާއި، އެކިއެކި މުއައްސަސާތައް؛

(ށ) ދައުލަތުގެ ވިޔަފާރި ތަންތަން ނުވަތަ ދައުލަތުގެ ކޮންޓްރޯލިންގ ހިއްސާ އޮންނަ ވިޔަފާރި ތަންތަން؛

(ނ)  ސަރުކާރުގެ ޓްރަސްޓް، ނުވަތަ ސަރުކާރުގެ ބެލުމުގެ ދަށުގައިވާ ޓްރަސްޓް.

 

5 ވަނަ މާއްދާ – އޮޑިޓަރ ޖެނެރަލްގެ ބާރުތައް

އޮޑިޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އޮޑިޓަރ ޖެނެރަލަށް ލިބިގެންވާ ބާރުތައް ތިރީގައި އެވަނީއެވެ.

(ހ) ދައުލަތުގެ މާލިއްޔާއިން ކުރެވޭ އެންމެހައި ކަރަދުތަކާ ގުޅިގެން ހިސާބު ބެލެހެއްޓުމާއި މުދަލާއި ފައިސާގެ ތަފްސީލުތައް ބަލަހައްޓަންވީގޮތް، ދައުލަތުގެ އެންމެހައި އިދާރާތަކަށް އެންގުން؛

(ށ) އޮޑިޓަރ ޖެނެރަލް ކުރާ އޮޑިޓަކާ ގުޅިގެން ބަލަންޖެހޭ ހުރިހާ ރެކޯޑުތަކާއި، ފޮތްތަކާއި، ރަސީދުތަކާއި، ލިޔުންތަކާއި، ފައިސާއާއި، ސްޓޭމްޕާއި މުދަލާއި ފައިސާގެ ތަފްސީލު ބަލަހައްޓަންވީގޮތް، ދައުލަތުގެ އެންމެހައި އިދާރާތަކަށް އެންގުން؛

(ނ) އޮޑިޓަރ ޖެނެރަލް އޭނާގެ މަސައްކަތާއި ގުޅިގެން ހޯދަންޖެހޭ މައުލޫމާތާއި، ސާފުކުރަން ބޭނުންވާ ކަންކަން ސާފުކޮށްދިނުމަށް، ކޮންމެ ފަރާތަކަށްވެސް އެންތުން؛

(ރ) އޮޑިޓް ކުރުމުގައި ސިސްކަންޖޭނެ އެކައުންޓްތައް ކަނޑައެޅުން؛

(ބ) އޮޑިޓަރ ޖެނެރަލް އޭނާގެ މަސައްކަތާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދޭވަރުގެ ލަޔާގަތާއި ގާބިލުކަން ލިބިފައިވާ ބަޔަކު އައްޔަންކުރުން؛

(ޅ) ގާނޫނީގޮތުން އުފެދޭ ސުވާލުތަކަށް، ދައުލަތުގެ ބަންޑާރަނައިބުގެ ލަފާ ހޯދުން؛

(ކ) އޮޑިޓަރ ޖެނެރަލްގެ މަސައްކަތް ނުވަތަ މަސައްކަތުން ބައެއް، އޮޑިޓަރ ޖެނެރަލް ކަނޑައަޅާ ފަރާތަކާ ހަވާލުކުރުން؛

(އ) އޮޑިޓް މެނުއަލްއާއި އޮޑިޓިންގ ސްޓޭންޑަރޑްސް، އޮޑިޓް ކުރުމުގައި ގެންގުޅޭ ބައިނަލްއަގްވާމީ އޮޑިޓް އުސޫލުތަކަށް ރިއާޔަތްކޮށް ކަނޑައެޅުނ؛

(ވ) އޮޑިޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި  ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން؛

(މ) ދިވެހިރާއްޖޭގައި އޮޑިޓް ކުރުމުގެ މަސައްކަތް ކުރުމުގެ ހުއްދަ ދޫކުރުމާއި އެހުއްދަ ބާތިލް ކުރެވޭނެ އުސޫލުތައް ކަނޑައަޅައި، އެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އެކިފަރާތްތަކަށް އެ ހުއްދަ ދޫކުރުމާއި ބާތިލުކުރުން؛

(ފ) މި މާއްދާގެ (މ) ގައި އެހެން އޮތުމަކުން، އެކި އެކި މީސްމީހުންގެ އަމިއްލަ ބޭނުންތަކަށް، އޮޑިޓްގެ މަސައްކަތް ހުއްދައެއްނެތި ކުރުން މަނައެއް ނުކުރެއެވެ.

 

6 ވަނަ މާއްދާމައުލޫމާތު ފޯރުވައިދިނުން

(ހ) އޮޑިޓަރ ޖެނެރަލް އޭނާގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި ބެނުންވާ މައްލޫމާތާއި، ސާފުކުރަންޖެހޭ ކަންކަން ސާފުކޮށްދިނުމަށް އެދިއްޖެ ކޮންމެ ފަރާތަކުން، އެ މައްލޫމާތު އޮޑިޓަރ ޖެނެރަލަށް ސާފުކޮށްދޭންވާނެއެވެ.

(ށ) އޮޑިޓަރ ޖެނެރަލް ކުރާ ސުވާލުތަކަށް ޖަވާގު ދިނުމަށް އޮޑިޓަރ ޖެނެރަލް ކަނޑައަޅާ ތަނަކަށް، އަދި ކަނޑައަޅާ ވަގުތަކަށް ހާޒިރުވުމަށް އެންގިދާނެއެވެ. މިގޮތުން، ވަގުތާއި ތަން ކަނޑައެޅުމުގައި، ހާޒިރުކުރާ މީހެއްގެ ހާލަތަށް ރިއާޔަށްކުރަން ވާނެއެވެ. 

(ނ) މަގްވޫލު އުޒުރެއްނެތި މި މާއްދާގެ (ށ) ގައިވާ އެންގުމަކާ އެއްގޮތަށް ހާޒިރުވާން އަންގާ ފަރާތެއް ހާޒިރު ނުވެއްޖެނަމަ އެފަރާތެއް ކުށްވެރިވާނެއެވެ. އަދި މި މާއްދާގެ ދަށުން ކުށްވެރިވާ ފަރާތަކަށް ތިރީގައިވާ އަދަބު ދެވޭނެއެވެ.

  1. ކުށްކުރީ ފަރުދެއްނަމަ 5،000 (ފަސްހާސް) ރިފިޔައަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން؛
  2. ކުށްކުރީ ށަހްސެއްނަމަ، 25،000 (ފަންސަވީސް ހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުން.

 

7 ވަނަ މާއްދާމައުލޫމާތު ހޯދުމުގެ ގޮތުން ތަންތަނަށް ވަނުން

(ހ) އޮޑިޓަރ ޖެނެރަލް ކުރާ މަސައްކަތަކާ ގުޅިގެން ބޭނުންވާ ލިޔެކިޔުމާއި، މައްލޫމާތާއި އެހެނިހެން ހެކިތައް ހޯދުމަށް، ކުރިން އެންގުމަކާއިނުލައި، އޮޑިޓަރ ޖެނެރަލް ނުވަތަ އޮޑިޓަރ ޖެނެރަލް އައްޔަންކުރާ މީހަކަށް ނުވަތަ ބަޔަކަށް، ދައުލަތުގެ ތަންތަނަށް ވަދެ، އެފަދަ ތަންތާނގައިވާ ލިޔެކިޔުންތައް ބަލައި، އެކުރާ މަސައްކަތަކާ ގުޅޭ ލިޔުންތައް ނަކަލު ކުރެވިދާނެއެވެ.

(ށ) އޮޑިޓަރ ޖެނެރަލް ކުރާ މަސައްކަތަކާ ގުޅިގެން ބޭނުންވާ ލިޔެކިޔުމާއި، މައްލޫމާތާއި އެހެނިހެން ހެކިތައް، މިމާއްދާގެ (ހ) ގައި ބަޔާންވެގެންވާ ފަދަ ތަންތަން ފިޔަވައި އެހެން ތަނެއްގައި ހުރިކަމަށް ކޯޓަށް ގަބޫލުކުރެވިގެން ކޯޓުން ހޯދާ އަމުރަކާއެކު، ކުރިން އެންގުމަކާނުލައި، އޮޑިޓަރ ޖެނެރަލް ނުވަތަ އޭނާ އައްޔަންކުރާ މީހަކަށް ނުވަތަ ބަޔަކަށް، އެފަދަ ތަންތަނަށް ވަދެ، އެފަދަ ތަންތާނގައިވާ ލިޔެކިޔުންތައް ބަލައި، އެކުރާ މަސައްކަތަކާ ގުޅޭ ލިޔުންތައް ނަކަލު ކުރެވިދާނެއެވެ. 

(ނ) މި މާއްދާގެ (ހ) އާއި (ށ) ގެ ދަށުން އައްޔަންކޮށް ފޮނުވާ މީހަކީ ނުވަތަ ބަޔަކީ އޮޑިޓަރ ޖެނެރަލްގެ މަސައްކަތަކާ ގުޅިގެން އޮޑިޓަރ ޖެނެރަލްގެ ފަރާތުން ފޮނުވާ މީހެއްކަން ނުވަތަ ބަޔެއްކަން އަނގޭނޭ ރަސްމީ ލިޔުމެއް، އެތަނެއްގެ ވެރިފަރާތަށް، ނުވަތަ އެވަގުތަކު އެތަނަކާ ހަވާލުވެހުރި ފަރާތަކަށް އޭނާ ދައްކަންވާނެއެވެ.

(ރ) އޮޑިޓަރ ޖެނެރަލް ކުރަންޖެހޭ މަސައްކަތަކާ ގުޅިގެން އޮޑިޓަރ ޖެނެރަލް ނުވަތަ އޭނާ ކަނޑައަޅާ މީހަކު ނުވަތަ ބަޔަކު ތަނަކަށް ޒިޔާރަށްކޮށްފިނަމަ، އެދިޔަ މަސައްކަތެއް ކުރުމަށް، އެވަތުގު އެތަނެއްގައި ތިބި ބަޔަކު، ކަންތައްތައް ފަހިކޮށްދޭންވާނެއެވެ. 

 

8 ވަނަ މާއްދާ – ދައުލަތުގެ ބަޖެޓުގެ އަހަރީ މާލީ ހިސާބުތައް އޮޑިޓްކޮށް، ރިޕޯޓު ހުށަހެޅުން

(ހ) ކޮންމެ މާލީ އަހަރެއް ނިމޭތާ 3 މަހާއި 14 ދުވަހުގެ ތެރޭގައި، ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ 38 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ދައުލަތުގެ އަހަރީ މާލީ ހިސާބުތައް ތައްޔާރުކޮށް، އޮޑިޓްކުރުމަށްޓަކައި، އޮޑިޓަރ ޖެނެރަލަށް، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޒަރީ ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، ދައުލަތުގެ އަހަރީ މާލީ ހިސާބުތައް ތައްޔާރުކޮށް، އޮޑިޓަރ ޖެނެރަލަށް ލިބިފައިނުވާނަމަ، 14 ދުވަހުގެ ތެރޭގައި އެކަން ރައީސުލްޖުމްހޫރިއްޔާއަށައި، ރައްޔިތުންގެ މަޖިލީހަށް ލިހޔުމުން އަންގަންވާނެއެވެ.

 

9 ވަނަ މާއްދާ – އޮޑިޓްކުރުމުގައި ގާނޫނާއި ގަވާއިދާ ހިލާފުވުން

(ހ) އޮޑިޓްކުރުމުގެ މަސައްކަތުގެ ތެރޭގައި، ފައިސާ ބަލައިގަތުމުގައި ނުވަތަ ފައިސާ ކަރަދު ކުރުމުގައި، ނުވަތަ ފައިސާ ބެހެއްޓުމުގައި، ނުވަތަ ސްޓޭމްޕް ނުވަތަ ސެކިޔުރިޓީޒް ނުވަތަ އެހެން މުދާ ބަލައިގަތުމުގައި، ނުވަތަ ބެހެއްޓުމުގައި ނުވަތަ ދޫކުރުމުގައި، ނުވަތަ ވިއްކުމުގައި ނުވަތަ ބަދަލުކުރުމުގައި، ނުވަތަ އެކައުންޓް ކުރުމުގައި، ގާނޫނާއި ގަވާއިދާ ހިލާފުވެފައިވާކަން އޮޑިޓަރ ޖެނެރަލަށް ފާހަގަކުރެވިފައިވާނަމަ، އެކަން ލިޔުމަކުން ރައިސުލްޖުމްހޫރިއްޔާއަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނާކަމެއް ކޮށްފި މީހަކާމެދު ގާނޫނީގޮތުން ފިޔަވަޅު އެޅެންދެން، އެމީހަކަށް ވަޒީފާއަށް ނުނުކުމެވޭގޮތަށް ހަމަޖެއްސުމުގެ އިހްތިޔާރު، އޮޑިޓަރ ޖެނެރަލަށް ލިބިގެންވެއެވެ.

 

10 ވަނަ މާއްދާ – އޮޑިޓްކުރުމަށް ނަގާ ފީ

(ހ) މި ގާނޫނުގެ ދަށުން އޮޑިޓްކުރެވޭ ތަނތާނގެ ތެރެއިން އޮޑިޓް ފީ ނެގުމަށް އޮޑިޓަރ ޖެނެރަލް ކަނޑައަޅާ ތަންތަނުން އޮޑިޓަރ ޖެނެރަލް ކަނޑައަޅާ އުސޫލެއްގެ މަތިން ފީ ނެގިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ނަގާ ފީ، ދައްކަން އަންގާތާ 30 ދުވަހުގެ ތެރޭގައި އެ ފީ، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ދައްކަންވާނެވެ.

(ނ) މި މާއްދާގެ (ށ) ގައި ބުނާ މުއްދަތުގެ ތެރޭގައި އޮޑިޓް ފީ ދައްކާފައި ނުވާނަމަ، އޮޑިޓަރ ޖެނެރަލްގެ ފަރާތުން އެ ފައިސާ ހޯދުމަށް، ދައުލަތުން ދައްވާ ކުރަންވާނެއެވެ.

 

11 ވަނަ މާއްދާ – އޮޑިޓަރ ޖެނެރަލްގެ އަހަރީ ރިޕޯޓު

މި ގާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދައުލަތުގެ އަހަރީ މާލީ ހިސާބުތައް، އޮޑިޓަރ ޖެނެރަލް ލިބޭތާ 3 މަސް ދުވުހުގެ ތެރޭގައި އޮޑިޓަރ ޖެނެރަލް އެހިސާބުތައް އޮޑިޓްކޮށް، އެހިސާބުތައް އޮޑިޓްކުރުމުގައި އޭނާގެ އޮފީހުން ކުރި މަސައްކަތްތަކާއި، އެހިސާބުތަކާމެދު އޭނާއަށް ފެންނަގޮތާއި އަދި އޭނާއަށް ފެންނަ އިސްލާހީ ފިޔަވަޅުތައް ހިމަނާފައިވާ އިޕޯޓެއް، ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ. އަދި އެ ރިޕޯޓު އާންމުކޮށް ށާއިއުކުރަންވާނެއެވެ.

 

12 ވަނަ މާއްދާ – އިސްތިއުފާ ދިނުން

އޮޑިޓަރ ޖެނެރަލް އޭނާގެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، ސަބަބު ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާ ލިޔުމަކުން އިސްތިއުފާ ދެވިދާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އެ އިސްތިއުފާ ގަބޫލުކުރިކަން އަންގަންދެން، އޮޑިޓަރ ޖެނެރަލް އޭނާގެ ވީޖިބުތައް އަދާކުރުންމަތީ ދެމިހުންނަން ވާނެއެވެ.

 

13 ވަނަ މާއްދާ – މަގާމުން ވަކިކުރުން

އޮޑިޓަރ ޖެނެރަލް އޭނާގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާ ނުކުރެވޭކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިއްޖެނަމަ، ރައްޔިތުންގެ މަޖިލީހުގެ މަށްވަރާގެ މަތިން، އޮޑިޓަރ ޖެނެރަލް އޭނާގެ މަގާމުން ވަކިކުރެވިދާނެއެވެ.

 

އިދާރީ ހިންގުން

14 ވަނަ މާއްދާ – އޮފީސް ހިންގުމުގެ ހަރަދު

(ހ) އޮޑިޓަރ ޖެނެރަލާއި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކޮންމެ މާލީ އަހަރެއް ފެށުމުގެ 90 ދުވަސް ކުރިން، އޮޑިޓަރ ޖެނެރަލް އެ އަހަރަކަށް ކަނޑައަޅާ މަސައްކަތު ޕްރޮގްރާމެއް ހިމެނޭ ޕްލޭނަކާއި އެ ޕްލޭންގައިވާ މަސައްކަތްތައް ކުރުމަށް ބޭނުންވާނޭ ތަފްސީލު ބަޖެޓެއް ތައްޔާރުކޮށް، އެވަގުތަކު އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތައް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ކަނޑައަޅާފައިވާ ކޮމިޓީއަށް ފޮނުވަންވާނެއެވެ. އޮޑިޓަރ ޖެނެރަލް ހުށަހަޅާ ބަޖެޓުގައި ތިރީގައިމިވާ ކަންކަމަށް ހިނގާނެ ހަރަދުތައް ހިމަނަންވާނެއެވެ. 

  1.  އޮޑިޓަރ ޖެނެރަލަށް ލިބެންވާ މުސާރައާއި އެހެނިހެން އިނާޔަތްތައް؛
  2. އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންގެ މުސާރައާއި އެހެނިހެން އިނާޔަތްތައް؛
  3. މުވައްޒަފުން ތަމްރީނުކުރުމާއި ފަންނީގޮތުން މުވައްޒަފުންގެ ފެންވަރު މަތިކުރުމަށް ކުރަންޖެހޭ ހަރަދު؛
  4. އޮޑިޓަރ ޖެނެރަލްގެ މަސައްކަތް ހިންގުމަށްޓަކައި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުން ކުރަންޖެހޭ ދަތުރުފަތުރުގެ ހަރަދާއި، ކުރަންޖެހޭ އެހެނިހެން ކަންތައްތަކަށް ހިނގާ ހަރަދު؛
  5. އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އިދާރީ ހަރަދުތަކަށް ބޭނުންވާ ފައިސާ؛

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން އޮޑިޓަރ ޖެނެރަލް ހުށަހަޅާ ބަޖެޓް އެ ކޮމިޓީން ދިރާސާކޮށް، އެ ކޮމިޓީއަށް ފެންނަ ބަދަލުތައް ގެނައުމަށްފަހު، ކޮމިޓީގެ ރިޕޯޓަކާއެކު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކަށް ހުށަހަޅަންވާނެއެވެ. އަދި ރައްޔިތުންގެ މަޖިލީހުން އެ ބަޖެޓް ފާސްކުރާ ގޮތެއްގެ މަތިން ދައުލަތުގެ މާލިއްޔާއިން އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ފައިސާ ދޫކުރަންވާނެއެވެ.

(ނ) ބަޖެއްޓަށް ލިބޭ ފައިސާ ބޭނުންކުރަންވަނީ އޮޑިޓަރ ޖެނެރަލްގެ މަސައްކަތްތަކާއި ވާޖިބުތައް ފުރިހަމައަށް އަދާކުރުމަށް، ހަރުދަނާ މާލީ އުސޫލުތަކާއި ހަމަތަކާ އެއްގޮތްވާގޮތުގެ މަތިންނެވެ.

(ރ) އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތަކާއި، ހިނގަމުންދާ ގޮތާމެދު ކޮންމެ ތިންމަހުން އެއްމަހު ރިޕޯޓެއް ތައްޔާރުކޮށް، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތައް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ކަނޑައަޅާފައިވާ ކޮމިޓީއަށް ހުށަހަޅަންވާނެއެވެ.

(ބ) އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އޮޑިޓްކޮށްފައިވާ އަހަރީ މާލީ ހިސާބާއި، އަހަރީ ޕާރފޯމަންސް ރިޕޯޓެއް ކޮންމެ އަހަރަކު އެއްފަހަރު، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތައް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ކަނޑައަޅާފައިވާ ކޮމިޓީއަށް ހުށަހަޅަންވާނެއެވެ. މިގޮތުން ހުށަހަޅާ ޕާރފޯމަންސް ރިޕޯޓުގައި، އޮޑިޓަރ ޖެނެރަލްގެ އަހަރީ ޕްލޭންގައި ކަނޑައަޅާފައިވަ ކަންތައްތައް ހާސިލްކުރެވުނު މިންވަރަކާއި ނުކުރެވުނު ކަންކަން ސަބަބާއެކު ބަޔާންކުރަންވާނެއެވެ.

 

15 ވަނަ މާއްދާވަޒީފާ ދިނުމާއި، ބަދަލުކުރުމާއި ވަކިކުރުން

(ހ) އޮޑިޓަރ ޖެނެރަލްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށާއި އޮޑިޓަރ ޖެނެރަލްގެބާރުތައް ތަންފީޒުކުރުމަށްޓަކައި އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ބޭނުންވާ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި، ކޮންމެއަހަރަކު އޮޑިޓަރ ޖެނެރަލްގެ އޮފީސް ހިންގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓާ ހިލާފްނުވާ ގޮތެއްގެމަތިން އިތުރު މުވައްޒަފުން އައްޔަންކުރުމާއި، ތަމްރީނުދިނުމާއި، މުސާރަދިނުމާއި، މަގާމުގެ ކުރިއެރުން ދިނުމާއި، އިނާޔާތްތައް ދިނުމާއި އަދި މަގާމުން ވަކިކުރުމުގެ ބާރު އޮޑިޓަރ ޖެނެރަލަށް ލިބިގެންވެއެވެ.

(ށ) އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ބޭނުންވާ ފަންނީ އަދި އެހެނިހެން މުވައްޒަފުންގެ ހާއްސަ އޮނިގަނޑެއް އޮންނަންވާނެއެވެ. މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި، މި އޮނިގަނޑުގައި ހިމެނޭ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި، މަގާމުގެ ކުރިއެރުމާއި، މަގާމާއި ހިދްމަތުގެ ށަރުތުތައް ހިމެނިފައި އޮންނަންވާނެއެވެ. 

 

 

އޮޑިޓަރ ޖެނެރަލްގެ އޮފީސް އޮޑިޓްކުރުން

16 ވަނަ މާއްދާ - އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ހިސާބުތައް އޮޑިޓްކުރުން

(ހ) އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތައް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ކަނޑައަޅާފައިވާ ކޮމިޓީން ކޮންމެ އަހަރަކު އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އަހަރީ މާލީ ހިސާބުތަކާއި، އެކައުންޓްތަކާއި، އޮޑިޓަރ ޖެނެރަލްގެ އޮފީސް ހިންގިފައިވާ ގޮތާއި މެދު ބަލައި ރިޕޯޓުކުރުމަށް، މުސްތަގިއްލު އޮޑިޓަރަކު އައްޔަންކުރަންވާނެއެވެ.

(ށ) ކޮންމެ މާލީ އަހަރެއް ނިމޭ ތާރީހުން ފެށިގެން 2 މަސްދުވަހުގެ ތެރޭގައި، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ހިސާބުތައް، އޮޑިޓް ކުރުމަށްޓަކައި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އައްޔަންކުރާ މުސްތަގިއްލު އޮޑިޓަރާ ހަވާލުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މަސައްކަތް ފުރިހަމަކުރުމަށްފަހު، އެ މަސައްކަތާ ހަވާލުވި ފަރާތަކުން އޮޑިޓާބެހޭ ރިޕޯޓެއް ލިޔުމަކުން ރައިސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި އަދި އޮޑިޓަރ ޖެނެރަލަށް 3 މަސްދުވަހުގެ ތެރޭގައި ހުށަހަޅަންވާނެއެވެ.

 

އެހެނިހެން ކަންތައްތައް

17 ވަނަ މާއްދާ – ސިއްރު މައްލޫމާތު

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ވަޒީފާ އަދާކުރާ އެންމެހައި މުވައްޒަފުންނަށް، އެ އޮފީހުގެ މުވައްޒަފެއްގެ ހައިސިއްޔަތުން ލިބޭ މައްލޫމާތަކާއި، ސިއްރު މައްލޫމާތެކެވެ. އަދި މި ގާނޫނުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތުތަކުގައި މެނުވީ، އެފަދަ މައްލޫމާތެއް ހާމަކޮށްގެން ނުވާނެއެވެ.

 

18 ވަނަ މާއްދާ – ސިއްރު މައްލޫމާތު ހާމަކުރުން

(ހ)

  1. އެ މައްލޫމާތަކާއި އާންމު މަސްލަހަތާ ގުޅޭ މައްލޫމާތަކަށްވެފައި، އާންމުންނަށް އެނގުން މުހިންމު މައްލޫމާތެއްކަމަށް އޮޑިޓަރ ޖެނެރަލަށް ފެންނަ މައްލޫމާތު ހާމަކުރުން
  2. ގާނޫނަކަށް ނުވަތަ ގަވާއިދަކަށް އަމަލުކުރުމުގެ ގޮތުން އެ ގާނޫނުގައި، ނުވަތަ އެ ގަވާއިދުގައި ކަނޑައަޅާފައިވާ އިދާރާއަކަށް، ނުވަތަ ށަހްސަކަށް ހާމަކުރުން؛
  3. ވަކިފަރާތަކުން ދީފައިވާ އެފަރާތެއްގެ މައްލޫމާތު އެހެންފަރާތަކަށް ދިނުމުގައި، އެ މައްލޫމާތު ދިންފަރާތުން އެކަމަށް ރުހޭކަން،، ލިޔުމަކުން ހޯދުމަށްފަހު، މައްލޫމާތު ހާމަކުރުން؛
  4. ރައްޔިތުންގެ މަޖިލީހުން ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކުން ހޯދަން އެދިއްޖެ މައްލޫމާތު؛
  5. ގާނޫނީ ށަހްސަކަށް ލިބިގެންވާ ތަހްގީގީ އިދާރާއަކުން ހިންގަމުން ގެންދާ ތަހްގީގަކަށް ބޭނުންވެގެން ހޯދަން އެޖިއްޖެ މައްލޫމާތު؛
  6. ށަރްއީ އަމުރެއްގެ ދަށުން ހާމަކުރަންޖެހޭ މައްލޫމާތު.

(ށ) މި މާއްދާގެ (ހ) ގައިވާގޮތާ ހިލާފަށް މައްލޫމާތު ހާމަކުރާ ފަރާތެއްގެ އަދަބަކީ 25،000 (ފަންސަވީސް ހާސް) އަށްވުރެން ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން.

(ނ) މި މާއްދާގެ (ހ) ގައިވާގޮތާ ހިލާފަށް، ޒާތީ މަންފާއަކަށް މައްލޫމާތު ހާމަކުރި، ނުވަތަ ބޭނުންކުރާ މީހެއްގެ އަދަބަކީ، އެމީހަކު އެހޯދި މަންފާއަކަށް ރިއާޔަށްކޮށް 10،000 (ދިހަހާސް) ރުފިޔާއަށް ވުރެ މަދުނޫން އަދަދަކުން ޖޫރިމަނާކުރުމާއެކު 3 މަސް ދުވަހާއި 1 އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށްލުމެވެ.

 

19 ވަނަ މާއްދާގާނޫނު ހިންގުމާއި ގަވާއިދު ހެދުން

މި ގާނޫނު ހިންގުމަށްޓަކައި، މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ، އޮޑިޓަރ ޖެނެރަލެވެ.

 

20 ވަނަ މާއްދާ – ކުށާއި އަދަބު

(ހ)

  1. މި ގާނޫނުގެ ދަސުން އޮޑިޓަރ ޖެނެރަލަށް ލިބިދޭ އިހްތިޔާރުތަކުގެ ދަށުން ކުރަންއުޅޭ މަސައްކަތަކަށް ގަސްތުގައި ހުރަސްއެޅުމާއި، އޭނާ ބޭނުންވާ މައްލޫމާތު ވަންހަނާ ކުރުމަކީ ކުށެކެވެ.
  2. މިފަދަ ކުށެއްކޮށްފި މީހަކާމެދު ދައުވާކުރުމަށް ދައުލަތުގެ ބަންޑާރަނާއިބަށް، އޮޑިޓަރ ޖެނެރަލް މައްސަލަ ހުށަހަޅަންވާނެއެވެ.

(ށ) މިމާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް އެއްވެސް މީހެއްގެ އަމިއްލަ ނަފްސާ އިދިކޮޅަށް މައްލޫމާތު ދިނުން ލާޒިމެއް ނުކުރެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއްކޮށްފި މީހެއްގެ އަދަބަކީ 10،000 (ދިހަހާސް) ރުފިޔާއާއި 75،000 (ހަތްދިހަ ފަސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާކުރުމެވެ. ނުވަތަ 3 މަސް ދުވަހާއި 1 އަހާރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. ނުވަތަ ޖޫރިމަނާ އާއެކު ޖަލަށްލުމެވެ.

 

ލަފުޒުތަކާއި އިބާރާތްތަކުގެ މާނަ

21 ވަނަ މާއްދާ – ލަފުޒުތަކާއި އިބާރާތް

މި ގާނޫނުގައި، އެ އިބާރާތް ހިމެނިފައިވާގޮތުން އެހެންގޮތަކަށް ކަނޑައެޅިގެން ދޭހަނުވާނަމަ:

"ދައުލަތުގެ ފައިސާ" ކަމަށް ބުނެފައި އެވަނީ، ކޮންމެ ގޮތެއްގައިނަމަވެސް، ދައުލަތަށް ލިބިފައިވާ، ނުވަތަ ހޯދާފައިވާ ނުވަތަ ދައުލަތުގެ ނަމުގައި ބަލައިގެންފައިވާ އެންމެހައި އާމްދަނީއާއި، ލޯނާއި، ޓްރަސްޓާއި އެހެނިހެން ފައިސާއާއި ހުރިހާ ސްޓޭމްޕަކާއި، ބޮންޑާއި، ޑިބެންޗަރާއި އެހެން ސެކިއުރިޓީއަށެވެ. ޕަބްލިކް ޓްރަސްޓީގެ ގޮތުގައި، ނުވަތަ އޮފިށަލް ރިސީވަރެއްގެ ގޮތުގައި، ނުވަތަ ދައުލަތުގެ ފަރާތުން އެކަމަށް ކަނޑައަޅާފައިވާ ވަކީލެއްގެގޮތުން، ދައުލަތުގެ ފައިސާއެއްގެ ގޮތުގައި ނޫންގޮތެއްގައި ބަލައިގެންފައި، ނުވަތަ ލިބިފައި ހުންނަ ފައިސާވެސް މީގެތެރޭގައި ހިމެނެއެވެ.

"ށަހްސު" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ އިދާރާއަކަށް ނުވަތަ ދައުލަތުގެ ވިޔަފާރި ތަނަކަށް ނުވަތަ ދައުލަތުގެ ކޮންޓްރޯލިންގ ހިއްސާ އޮންނަ ވިޔަފާރި ތަނަކަށް ނުވަތަ އެހެން ގާނޫނެއްގައި ށަހްސެއްކަމަށް ބަޔާންކޮށްފައިވާ ކޮންމެތަނެކަށެވެ.

"އޮޑިޓަރ ޖެނެރަލް އައްޔަންކުރާ މީހެއް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށް އޭނާ ލިޔުމުން ހުއްދަދޭ މީހަކަށެވެ.

"މާލީ އަހަރު" ކަމަށް ބުނެފައި އެވަނީ، ކޮންމެ މީލާދީ އަހަރެއްގެ ޖަނަވަރީމަހުގެ 1 އިން ފެށިގެން ޑިސެމްބަރމަހުގެ 31 ގެ ނިޔަލަށް ހިނގާ މުއްދަށެވެ. މި މުއްދަތު ގުނުމުގައި، އެ މުއްދަތު ފެށޭ ދުވަހާއި ނިމޭދުވަސް ހިމެނެއެވެ.

"އޮޑިޓް ފީ" ކަމަށް ބުނެފައި އެވަނީ، އޮޑިޓްކުރުމަށްޓަކައި އޮޑިޓްކުރާ ފަރާތަށް ދެވޭ އުޖޫރައަށެވެ.

"ފަރފޯމަންސް އޮޑިޓް" ކަމަށް ބުނެފައިއެވަނީ، އެފަރާތުގެ ވަސީލަތްތައް ބޭނޫންކޮށްފައިވާ ގޮތް ބަލައި ވަޒަންކުރުމާއި އެފަރާތުގެ މަސައްކަތް ހިނގާފައިވަނީ ހަރުދަނާ މާލީ އުސޫލުތަކާއި ހަމަތަކުގެ މަތިންތޯ ބަލައި ވަޒަންކުރުމަށެވެ.

"ދައުލަތުގެ ތަންތަން" ކަމަށް ބުނެފައި އެވަނީ، މިގާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތަންތަނަށެވެ.

  

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

 

މި ގާނުގެ ދަށުން ހެދިފައިވާ ގަވާއިދު/ އުސޫލު

  1. އޮޑިޓަރ ޖެނަރަލްގެ އޮފީހުގެ މުވައްޒަފުން ސުލޫކީގޮތުން އަމަލުކުރަންޖެހޭ އުސޫލު (އުސޫލު ނަންބަރު 2022-32)
  2. ރެގިއުލޭށަން އޮން ދި އޮޑިޓް އެންޑް އެކައުންޓެބިލިޓީ އޮފް ސްޓޭޓް-އޯންޑް އެންޓަރޕްރައިސަސް (ގަވާއިދު ނަންބަރު 2021/152)
  3. ގާނޫނުއަސާސީން ނުވަތަ ދިވެހިރާއްޖޭގެ ގާނޫނުތަކުން އެސެޓް ޑިކްލަރޭށަން ތައްޔާރުކޮށް އޮޑިޓަރ ޖެނެރަލަށް ހުށަހެޅުމަށް ލާޒިމުކޮށްފައިވާ ފަރާތްތަކުގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަސްލަހަތުތަކާއި، އަރަންޏާއި ދަރަނީގެ މަޢުލޫމާތު އޮޑިޓަރ ޖެނަރަލަށް ހާމަކުރުމުގެ އުސޫލު (އުސޫލު - 11 ޖުލައި 2020)
  4. އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކުރާ މަސައްކަތްތަކަށް ބޭނުންވާ ލިޔެކިއުމާއި މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 50/2020)
  5. ދިވެހިރާއްޖޭގައި ގާނޫނީ އޮޑިޓްކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 23/2020)
  6. ގާނޫނީ އޮޑިޓްކުރުމާއި އެށޯރެންސްގެ ހިދްމަތް ދިނުމުގެ ގަވާއިދު (2 ވަނަ އިސްލާހާއެކު) (ގަވާއިދު ނަންބަރު 222/2015)
  7. ގާނޫނީ އޮޑިޓްކުރުމާއި އެށޯރެންސްގެ ހިދުމަތް ދިނުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 24/2012)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު