-

ޖިންސީ ކުށުގެ ގާނޫނު 

(ގާނޫނު ނަންބަރު 2014-17)

 

ފުރަތަމަ ބާބު

ތައާރުފާއި މަގްސަދު

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ދިވެހިރާއްޖޭގައި ޖިންސީ ކުށް ކަނޑައެޅުމާއި، އެ ކުށާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ، "ޖިންސީ ކުށުގެ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - މަގްސަދުމި ގާނޫނުގެ ބޭނުމަކީ، އަންނަނިވި މަގްސަދުތައް ހާސިލުކުރުމެވެ.

(ހ) ޖިންސީ ކުށާ ގުޅޭގޮތުން އަމަލުކުރެވޭ ގާނޫނީ އުސޫލުތައް އިސްލާހުކޮށް ހަރުދަނާކުރުން؛

(ށ) ޖިންސީ ކުށް ކަނޑައެޅުމާއި އެ ކުށުގެ އަދަބު ކަނޑައެޅުން؛

(ނ) ޖިންސީ ކުށުގެ އަމަލާ ގުޅިގެން ގާނޫނު ގަބޫލުކުރާ އިފްތިރާޒްތައް ބަޔާންކުރުން؛

(ރ) ޖިންސީ ކުށުގެ އަމަލާ ގުޅިގެން ރުހުން މާނަކުރުމުގެ މިންގަނޑުތައް އެކަށައެޅުން؛

(ބ) ޖިންސީ ކުށުގެ ށިކާރައަކަށްވާ މީހުންނަށް ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ އުސޫލު ތައާރުފުކުރުން؛ އަދި

(ޅ) ޖިންސީ ކުށް ސާބިތުވާ މީހުންގެ މައުލޫމާތު އާންމުކޮށް އެނގޭނެގޮތް ހެދުމަށް މަގުފަހިކުރުން.

 

3 ވަނަ މާއްދާ - ގާނޫނުގެ މަގާމު

(ހ) މި ގާނޫނުގައި ބަޔާންވެގެންވާ ކުށެއް އެއީ، އިސްލާމީ ށަރީއަތުގައި ކުށެއް ކަމުގައިވެފައި، އިސްލާމީ ށަރީއަތުގައި އެ ކުށުގެ ރުކުންތައް މި ގާނޫނުގައި ކަނޑައަޅާފައިވާ ކުށުގެ ރުކުންތަކާ އެއްގޮތް ކަމުގައިވާނަމަ، މި ގާނޫނުގައި އެ ކުށަށް ކަނޑައަޅާފައިވާ އަދަބު ދޭނީ، އިސްލާމީ ށަރީއަތުގައި އެ ކުށަށް ކަނޑައަޅާފައިވާ އަދަބު ދިނުމުގެ އިތުރުންނެވެ.

(ށ) މި ގާނޫނުގައި ބަޔާންވެގެންވާ ކުށެއް އެއީ، އިސްލާމީ ށަރީއަތުގައި ކުށެއް ކަމުގައިވެފައި، އެކަމަކު އިސްލާމީ ށަރީއަތުގައި އެ ކުށުގެ ރުކުންތައް މި ގާނޫނުގައި ކަނޑައަޅާފައިވާ ކުށުގެ ރުކުންތަކާ ތަފާތުވާނަމަ، އެ ކުށަށް އަދަބުދޭނީ، އެ ކުށުގެ ރުކުންތައް ފުރިހަމަވަނީ، މި ގާނޫނުގައިވާ ގޮތުގެމަތިން ކަމުގައިވާނަމަ، މި ގާނޫނުގެ ދަށުންނެވެ. އެ ކުށުގެ ރުކުންތައް ފުރިހަމަވަނީ، އިސްލާމީ ށަރީއަތުގައި ކަނޑައެޅިގެންވާ ކުށަށް އެކަނި ކަމުގައިވާނަމަ، އިސްލާމީ ށަރީއަތުގައިވާ ގޮތުގެމަތިންނެވެ.

(ނ) މި ގާނޫނުގައި ބަޔާންވެގެންވާ ކުށެއް އެއީ، އިސްލާމީ ށަރީއަތުގައި ކުށެއް ކަމުގައި ވެގެން، އިސްލާމީ ށަރީއަތުގައިވާ ގޮތުގެމަތިން އެ ކުށަށް އަދަބުދިނުމަކީ، މި ގާނޫނުގެ ދަށުން އެ ކުށަށް އަދަބު ނުދެވެންވީ ސަބަބެއް ނޫނެވެ. އަދި، އިސްލާމީ ށަރީއަތާއި
މި ގާނޫނުގައި ކުށެއް ކަމަށް ކަނޑައަޅާފައިވާ ކުށަކަށް، އިސްލާމީ ށަރީއަތުގައިވާ ގޮތުގެމަތިން ދެވޭ އަދަބުގެ އިތުރަށް މި ގާނޫނުގެ ދަށުން އަދަބު ދިނުމަކީ، ގާނޫނުއަސާސީގެ 60 ވަނަ މާއްދާގެ ބޭނުމަށްޓަކައި، އެއް ކުށަކަށް ދެފަހަރަށް ދައުވާކުރީ ކަމުގައެއް ނުބެލެވޭނެއެވެ. އަދި، އެ ހާލަތުގައި ބެލެވޭނީ، އެއް ކުށަކަށް ދެ އަދަބު ދިނުން ލާޒިމުވެގެންވަނީ، ކަމުގައެވެ.

(ރ) މި ގާނޫނުގައި ބަޔާންވެގެންވާ އެއްވެސް އުސޫލެއް އޭގެ ޒާތުގައި، ނުވަތަ އެ އުސޫލެއް ހިންގުމުގައި، ގާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީގޯނާ ކުރާމީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު) ހިމެނޭގޮތުން، މި ގާނޫނުގެ ކުރިން އަމަލުކުރަން ފަށާފައިވާ ގާނޫނަކާ ތައާރުޒުވާނަމަ، ނުވަތަ ފުށުއަރާނަމަ، އެކަމެއްގައި އަމަލުކުރާނީ، މި ގާނޫނުގައި ބަޔާންވެގެންވާ އުސޫލަށެވެ.

 

4 ވަނަ މާއްދާ – ރަދީފު

(ހ) މި ގާނޫނު އެމައްޗަށް ބިނާވެގެންވާ މައިގަނޑު މަފްހޫމްތައް މި ގާނޫނުގެ ދެވަނަ ބާބުގައި އެވަނީއެވެ.

(ށ) މި ގާނޫނުގައި ހިމެނޭ މުހިންމު ލަފްޒުތަކާއި އިބާރާތްތަކުގެ މާނަ މި ގާނޫނުގެ 69 ވަނަ މާއްދާގައި އެވަނީއެވެ.

 

ދެވަނަ ބާބު

މަފްހޫމްތަކުގެ ރަދީފު

5 ވަނަ މާއްދާ - މަފްހޫމުތަކުގެ އަސާސް

މި ގާނޫނުގެ 6 ވަނަ މާއްދާއިން ފެށިގެން 13 ވަނަ މާއްދާގެ ނިޔަލަށް ބަޔާންވެގެންވާ އިބާރާތްތަކަކީ، މި ގާނޫނު ބިނާވެގެންވާ މައިގަނޑު މަފްހޫމުތަކެވެ. އެ މަފްހޫމުތައް އެ މާއްދާތަކުގައި ބަޔާންކޮށްފައި އެވަނީ، މި ގާނޫނުގެ އަސްލު އެގޮތުގައި ދެމެހެއްޓުމަށާއި މި ގާނޫނުގެ މަގްސަދު އެންމެ ފުޅާމިނުގައި ހާސިލުކުރުމަށް މަގުފަހިކުރުމުގެ ބޭނުމުގައެވެ. މި ގާނޫނުގެ ހަމަ ކޮންމެ މާއްދާއެއްވެސް ކިޔަންވާނީ، އެ މަފްހޫމުތަކަށް ހަނިކަމެއް ނާންނާނެ ގޮތުގެމަތިންނެވެ.

 

6 ވަނަ މާއްދާ – ރޭޕްކުރުން

"ރޭޕްކުރުން" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 20 ވަނަ މާއްދާގައި ހިމެނޭ އިސްތިސްނާ ހާލަތު ހިމެނުމާއެކު ދެމަފިރިން ކަމުގައި ނުވާ ދެމީހުންގެ މެދުގައި، މީހެއްގެ ޖިންސީ ގުނަވަނެއް، އެހެން މީހެއްގެ ޖިންސީ ގުނަވަނަކަށް ނުވަތަ ޖިންސީ ގުނަވަން ނޫން ގުނަވަނަކަށް، ކިތަންމެ ކުޑަ މިންވަރަކަށް ނަމަވެސް، އެމީހެއްގެ ރުހުމާ ނުލާ، ވެއްދުމަށެވެ.

 

7 ވަނަ މާއްދާ - ޖިންސީ އަނިޔާ

"ޖިންސީ އަނިޔާ" ކަމަށް ބުނެފައި އެވަނީ، ދެމަފިރިން ކަމުގައި ނުވާ ދެމީހުންގެ މެދުގައި، ރޭޕްކުރުން ކަމަށް ނުވާގޮތަށް، މީހެއްގެ ރުހުމާ ނުލާ، އޭނާގެ ޖިންސީ ގުނަވަނަކަށް ނުވަތަ ޖިންސީ ގުނަވަން ނޫން ގުނަވަނަކަށް، އެހެން މީހެއްގެ ހަށިގަނޑުގެ އެއްވެސް ބައެއް ވެއްދުމަށެވެ. ނުވަތަ މީހެއްގެ ރުހުމާ ނުލާ، އޭނާގެ ޖިންސީ ގުނަވަނަކަށް ނުވަތަ ޖިންސީ ގުނަވަން ނޫން ގުނަވަނަކަށް، އެހެން މީހަކު އެއްވެސް އެއްޗެއް ވެއްދުމަށެވެ.

 

8 ވަނަ މާއްދާ - ޖިންސީ ގޯނާ

"ޖިންސީ ގޯނާ" ކަމަށް ބުނެފައި އެވަނީ، ރޭޕް ކުރުމަށް ނުވާގޮތުން، އަދި، ޖިންސީ އަނިޔާއަށް ނުވާގޮތުން، ދެމަފިރިން ކަމުގައި ނުވާ ދެމީހެއްގެ ދެމެދުގައި، ޖިންސީ ނިޔަތެއް އޮވެގެން، ނުވަތަ ޖިންސީ ނިޔަތެއް  އޮވެގެން ނޫން ނަމަވެސް، މީހެއްގެ ރުހުމާ ނުލާ، އޭނާގެ ޖިންސީ ގުނަވަނެއްގައި، މީހަކު، އެއްވެސް އާލާތެއް ނުވަތަ އެއްޗެއް މެދުވެރިކޮށް، ނުވަތަ އެފަދަ އެއްވެސް އާލާތެއް ނުވަތަ އެއްޗެއް މެދުވެރިނުކޮށް އަތްލުމަށެވެ. ނުވަތަ މީހެއްގެ ޖިންސީ ގުނަވަނެއް، އޭނާގެ ރުހުމާ ނުލާ، ހާމަކުރުވުމަށެވެ. ނުވަތަ މީހެއްގެ ޖިންސީ ގުނަވަނަކަށް އޭނާގެ ރުހުމާ ނުލާ ހާނިއްކައެއް ކުރުމަށެވެ. ނުވަތަ އެނޫންވެސް އިހާނެތި އަމަލެއް މީހެއްގެ ޖިންސީ ގުނަވަނަކަށް އޭނާގެ ރުހުމާ ނުލާ ކުރުމަށެވެ.

 

9 ވަނަ މާއްދާ - ޖިންސީ އަމަލު

"ޖިންސީ އަމަލު" ކަމަށް ބުނެފައި އެވަނީ، މީހަކާއެކު ޒިނޭކުރުން ކަމުގައި ވީނަމަވެސް، ނުވަތަ މީހެއްގެ ޖިންސީ ގުނަވަނެއްގައި އަތްލުން ކަމުގައި ވީނަމަވެސް، ނުވަތަ މީހެއްގެ ޖިންސީ ގުނަވަނަކާމެދު ނުވަތަ ޖިންސީ ގުނަވަން ނޫން ގުނަވަނަކާމެދު، އެހެން އަމަލެއް ހިންގުން ކަމުގައި ވީނަމަވެސް، އެކަށީގެންވާ ވިސްނުމަކުން ވިސްނާއިރު، މީހަކު އެހެން އެ ހިންގި އަމަލެއް އެ ހިންގީ، ޖިންސީ ނިޔަތެއް އޮވެގެން ކަމަށް ގަބޫލުކުރެވޭނެ އަމަލަށެވެ. ނުވަތަ އެ އަމަލެއް ހިންގި ހާލަތުގައި އެ އަމަލެއް ހިންގާފައިވަނީ ޖިންސީ ނިޔަތެއް ނޫން އެހެން ސަބަބެއް އޮވެގެން ކަމުގައި ބެލެވެން ނެތް އަމަލަށެވެ.

 

10 ވަނަ މާއްދާ - ޖިންސީ ނިޔަތް

"ޖިންސީ ނިޔަތް" ކަމަށް ބުނެފައި އެވަނީ، ށަހުވާނީ އެދުންވެރިކަމެއް ފުއްދުމަށް ވަކި ކަމެއް ކުރުމަށް ކަނޑައަޅާ ކަނޑައެޅުމަށެވެ. ނުވަތަ ށަހުވާނީ އެދުންވެރިކަމެއް ހާސިލުކުރުމަށް ކުރާ އަމަލަށެވެ.

 

11 ވަނަ މާއްދާ – އާއިލާ

"އާއިލާ" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކުން މީހަކާ ގުޅުންހުރި މީހުންނަށެވެ.

(ހ) ދަރިން، ދޮންދަރިން، ދޮންމަންމަ، ނުވަތަ ދޮންބައްޕަ؛ ނުވަތަ

(ށ) މަންމަ، ބައްޕަ، ކާފަ، މާމަ، މުނިކާފަ، ނުވަތަ މުނިމާމަ؛ ނުވަތަ

(ނ) އެއްބަނޑު އެއްބަފާ މީހާ، އެއްބަނޑު މީހާ ނުވަތަ އެއްބަފާ މީހާ؛ ނުވަތަ

(ރ) ބޮޑުދައިތަ، މުނިބޮޑުދައިތަ، ބޮޑުބޭބެ، ނުވަތަ މުނިބޮޑުބޭބެ؛ ނުވަތަ

(ބ) އެއްކިރުގެ ސަބަބުން އަހަކަށް ނުވަތަ އުހުތަކަށްވާ މީހާ؛ ނުވަތަ

(ޅ) ޅީދަރިން ނުވަތަ ދަނބިދަރިން، އަނބިމީހާ ނުވަތަ ފިރިމީހާގެ މަންމަ، އަނބިމީހާ ނުވަތަ ފިރިމީހާގެ ބައްޕަ؛ ނުވަތަ

(ކ) ށަރުއީ ގޮތުން ބަލަދުވެރިކަން ހަވާލުކުރެވޭ އެހެން މީހެއް.

 

12 ވަނަ މާއްދާ – ރުހުން

"ރުހުން" ކަމަށް ބުނެފައި އެވަނީ، މީހަކު އޭނާގެ އަމިއްލަ އިހްތިޔާރުގައި، އޭނާގެ މިނިވަން ކަމުގައި، އޭނާ ބޭނުން ގޮތެއް ނުވަތަ ކަމެއް އިހްތިޔާރުކުރުމުގެ ހައިސިއްޔަތު އޭނާއަށް ލިބިގެންވުމަށެވެ. ނުވަތަ މީހަކަށް، އެމީހަކު ބޭނުންވާ ގޮތެއް ނުވަތަ ކަމެއް އިހްތިޔާރުކުރުމަށް ލިބިގެންވާ މިނިވަން ހައިސިއްޔަތަށެވެ.

 

13 ވަނަ މާއްދާ – މަހްރަމް

"މަހްރަމް" ކަމަށް ބުނެފައި އެވަނީ، ތިމާ އެމީހަކާ ކާވެނިކުރުން އިސްލާމީ ށަރީއަތުގައި ހަރާމްވެގެންވާ ގުޅުމެއް ނުވަތަ ހާލަތެއް ދެމިއޮތް ކޮންމެ މީހަކަށެވެ.

ތިންވަނަ ބާބު

ކުށް ކަނޑައެޅުން

14 ވަނަ މާއްދާ - ރޭޕް ކުރުމުގެ ކުށް

(ހ) މީހަކު ރޭޕްކުރުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށުގެ ބޭނުމަށްޓަކައި، އަންނަނިވި ހާލަތްތަކުގައި މީހެއްގެ ރުހުން އޮތްކަމުގައެއް ނުބެލެވޭނެއެވެ.

  1. މަރާލާނެކަމުގެ ބިރު ދައްކައިގެން، ނުވަތަ އަނިޔާ ކޮށްގެން، ނުވަތަ އަނިޔާ ކުރާނެކަމުގެ ބިރުދައްކައިގެން، ނުވަތަ އޭނާއާ ތިމާގެކަމުގެ ގޮތުން ނުވަތަ ކާވެނީގެ ގޮތުން ގުޅުން އޮތް މީހަކު މަރާލާނެކަމުގެ ބިރުދައްކައިގެން ނުވަތަ އެމީހަކަށް އަނިޔާ ކުރާނެކަމުގެ ބިރުދައްކައިގެން ހޯދާފައިވާ ރުހުމަކަށްވުން؛ ނުވަތަ
  2.  ނުރަނގަޅު ހަގީގަތްތަކެއްގެ މައްޗަށް ބިނާކޮށް އޭނާއަށް ހަގީގަތް އޮޅުވާލައިގެން ހޯދާފައިވާ ރުހުމަކަށްވުން؛ ނުވަތަ
  3. އެ ކުރެވެނީ ކޮންކަމެއްކަން އޭނާއަށް އޮޅުވާލައިގެން ހޯދާފައިވާ ރުހުމަކަށްވުން؛ ނުވަތަ
  4. ކުށް ކުރާ ފަރާތަކީ އޭނާއާ ކޮންގޮތަކުން ގުޅިފައިވާ ފަރާތެއްކަން އޮޅުވާލައިގެން ހޯދާފައިވާ ރުހުމަކަށްވުން.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ކުށުގެ  އަދަބަކީ، އެ ކުށް ކުރީ  ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ކަމުގައިވާނަމަ، އެ ކުށް ކުރި މީހާ 20 (ވިހި) އަހަރާއި 25 (ފަންސަވީސް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. އެ ކުށް ކުރީ އެނޫންގޮތަކަށް ކަމުގައިވާނަމަ، އެ ކުށް ކުރި މީހާ 15 (ފަނަރަ) އަހަރާއި 20 (ވިހި) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

15 ވަނަ މާއްދާ - ރޭޕްކުރަން އުޅުމުގެ ކުށް

(ހ) މީހަކު ރޭޕްކުރަން އުޅުމަކީ، ނުވަތަ މީހަކު ރޭޕްކުރުމުގައި ބައިވެރިވުމަކީ، ނުވަތަ މީހަކު ރޭޕްކުރުމުގައި އެހީތެރިވެދިނުމަކީ، ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ކުށުގެ އަދަބަކީ، އެ ކުށް ކުރީ  ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ކަމުގައިވާނަމަ، އެ ކުށް ކުރި މީހާ 10 (ދިހައެއް) އަހަރާއި 15 (ފަނަރަ) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. އެ ކުށް ކުރީ އެނޫންގޮތަކަށް ކަމުގައިވާނަމަ، އެ ކުށް ކުރި މީހާ 7 (ހަތެއް) އަހަރާއި 10 (ދިހައެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

16 ވަނަ މާއްދާ - ޖިންސީ އަނިޔާގެ ކުށް

(ހ) މީހަކަށް ޖިންސީ އަނިޔާ ކުރުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށުގެ ބޭނުމަށްޓަކައި، އަންނަނިވި ހާލަތްތަކުގައި މީހެއްގެ ރުހުން އޮތްކަމުގައެއް ނުބެލެވޭނެއެވެ.

  1. މަރާލާނެކަމުގެ ބިރު ދައްކައިގެން، ނުވަތަ އަނިޔާ ކޮށްގެން، ނުވަތަ އަނިޔާ ކުރާނެކަމުގެ ބިރުދައްކައިގެން، ނުވަތަ އޭނާއާ ތިމާގެކަމުގެ ގޮތުން ނުވަތަ ކާވެނީގެ ގޮތުން ގުޅުން އޮތް މީހަކު މަރާލާނެކަމުގެ ބިރުދައްކައިގެން ނުވަތަ އެމީހަކަށް އަނިޔާ ކުރާނެކަމުގެ ބިރުދައްކައިގެން ހޯދާފައިވާ ރުހުމަކަށްވުން؛  ނުވަތަ
  2. ނުރަނގަޅު ހަގީގަތްތަކެއްގެ މައްޗަށް ބިނާކޮށް އޭނާއަށް ހަގީގަތް އޮޅުވާލައިގެން ހޯދާފައިވާ ރުހުމަކަށްވުން؛ ނުވަތަ
  3. އެ ކުރެވެނީ ކޮންކަމެއްކަން އޭނާއަށް އޮޅުވާލައިގެން ހޯދާފައިވާ ރުހުމަކަށްވުން؛ ނުވަތަ
  4. ކުށް ކުރާ ފަރާތަކީ އޭނާއާ ކޮންގޮތަކުން ގުޅިފައިވާ ފަރާތެއްކަން އޮޅުވާލައިގެން ހޯދާފައިވާ ރުހުމަކަށްވުން.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ، އެ ކުށް ކުރި މީހާ 10 (ދިހައެއް) އަހަރާއި 15 (ފަނަރަ) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

17 ވަނަ މާއްދާ - ޖިންސީ އަނިޔާ ކުރަން އުޅުމުގެ ކުށް

(ހ) މީހަކަށް ޖިންސީ އަނިޔާ ކުރަން އުޅުމަކީ، ނުވަތަ މީހަކަށް ޖިންސީ އަނިޔާ ކުރުމުގައި ބައިވެރިވުމަކީ، ނުވަތަ މީހަކަށް ޖިންސީ އަނިޔާ ކުރުމުގައި އެހީތެރިވެދިނުމަކީ، ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ، އެ ކުށް ކުރި މީހާ 7 (ހަތެއް) އަހަރާއި 10 (ދިހައެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

18 ވަނަ މާއްދާ - ޖިންސީ ގޯނާގެ ކުށް

(ހ) މީހަކަށް ޖިންސީ ގޯނާކުރުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ކުށުގެ ބޭނުމަށްޓަކައި، އަންނަނިވި ހާލަތްތަކުގައި މީހެއްގެ ރުހުން އޮތްކަމަކަށް ނުބެލެވޭނެއެވެ.

  1. މަރާލާނެކަމުގެ ބިރު ދައްކައިގެން، ނުވަތަ އަނިޔާ ކޮށްގެން، ނުވަތަ އަނިޔާ ކުރާނެކަމުގެ ބިރުދައްކައިގެން، ނުވަތަ އޭނާއާ ތިމާގެކަމުގެ ގޮތުން ނުވަތަ ކާވެނީގެ ގޮތުން ގުޅުން އޮތް މީހަކު މަރާލާނެކަމުގެ ބިރުދައްކައިގެން ނުވަތަ އެމީހަކަށް އަނިޔާ ކުރާނެކަމުގެ ބިރުދައްކައިގެން ހޯދާފައިވާ ރުހުމަކަށްވުން؛ ނުވަތަ
  2. ނުރަނގަޅު ހަގީގަތްތަކެއްގެ މައްޗަށް ބިނާކޮށް އޭނާއަށް ހަގީގަތް އޮޅުވާލައިގެން ހޯދާފައިވާ ރުހުމަކަށްވުން؛ ނުވަތަ
  3. އެ ކުރެވެނީ ކޮންކަމެއްކަން އޭނާއަށް އޮޅުވާލައިގެން ހޯދާފައިވާ ރުހުމަކަށްވުން؛ ނުވަތަ
  4. ކުށް ކުރާ ފަރާތަކީ އޭނާއާ ކޮންގޮތަކުން ގުޅިފައިވާ ފަރާތެއްކަން އޮޅުވާލައިގެން ހޯދާފައިވާ ރުހުމަކަށްވުން.

(ނ) ގާނޫނުގައި ހުއްދަވެގެންވާ ގޮތުގެމަތިން މީހެއްގެ ހަށިގަނޑު ބަލައި ފާސްކުރުމުގައި، ނުވަތަ ސިއްހީ ބޭނުމަކަށްޓަކައި އެކަމަށް ހުއްދަވެގެންވާ ފަރާތަކުން މީހެއްގެ ހަށިގަނޑުގައި، ޖިންސީ ނިޔަތެއް އޮތް ކަމަށް ނުބެލެވޭ ހާލަތެއްގައި، ތިމާގެ އަތުން ނުވަތަ އެހެން އާލާތެއް ނުވަތަ އެއްޗެއް މެދުވެރިކޮށް އަތްލާއަތްލުމަކީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށުގެ ތެރޭގައި ހިމެނޭނެ އަމަލެއް ނޫނެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ، އެ ކުށް ކުރީ  ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ކަމުގައިވާނަމަ، 7 (ހަތެއް) އަހަރާއި 10 (ދިހައެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. އެ ކުށް ކުރީ އެނޫންގޮތަކަށް ކަމުގައިވާނަމަ، 3 (ތިނެއް) އަހަރާއި 7 (ހަތެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

19 ވަނަ މާއްދާ - ޖިންސީ ގޯނާކުރަން އުޅުމުގެ ކުށް

(ހ) ޖިންސީ ގޯނާކުރުމުގެ ކުށް ކުރަންއުޅުމަކީ، ނުވަތަ އެ ކުށް ކުރުމުގައި ބައިވެރިވުމަކީ، ނުވަތަ އެ ކުށް ކުރުމުގައި އެހީތެރިވެދިނުމަކީ، ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ކުށުގެ އަދަބަކީ، އެ ކުށް ކުރީ  ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ކަމުގައިވާނަމަ، 3 (ތިނެއް) އަހަރާއި 7 (ހަތެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. އެ ކުށް ކުރީ އެނޫންގޮތަކަށް ކަމުގައިވާނަމަ، 1 (އެކެއް) އަހަރާއި 3 (ތިނެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

20 ވަނަ މާއްދާ - ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގެ ކުށް

(ހ) މި ގާނޫނުގެ 14 ވަނަ މާއްދާގައި ބަޔާންވެގެންވާ ރޭޕްކުރުމުގެ ކުށަކީ، ދެމަފިރިންގެ ދެމެދުގައި ކުރެވޭނެ ކުށެއް ކަމުގައި އާންމު އުސޫލުން މި ގާނޫނު ނުބެލި ކަމުގައި ވީނަމަވެސް، އަންނަނިވި އިސްތިސްނާ ހާލަތުގައި، އަނބިމީހާގެ ރުހުމާ ނުލާ، އޭނާގެ ފިރިމީހާ އޭނާއާ ޖިމާއުވުމަކީ، އަނބިމީހާ ރޭޕްކުރީ ކަމުގައި ބެލެވޭނެއެވެ.

  1. ދެމީހުންގެ މެދުގައި އޮތް ކާވެނި، ށަރީއަތް މެދުވެރިކޮށް ރޫޅާލުމުގެ ނުވަތަ ތަފްރީގް ކުރުމުގެ މަރުހަލާއެއް ށަރީއަތުގައި ހިނގަމުންދިޔުމާއި، އެ މައްސަލަ އޮތީ ށަރީއަތުގެ އަޑުއެހުންތައް ނިމި ހުކުމެއް އިއްވުމާ ހަމައިގައި ކަމުގައިވުން؛ ނުވަތަ
  2. އަނބިމީހާ ވަރިކުރުމަށް އެދި ފިރިމީހާ، ނުވަތަ ފިރިމީހާގެ ކިބައިން ވަރިވުމަށް އެދި އަނބިމީހާ ހުށަހަޅާފައިވާ މައްސަލައެއް ށަރީއަތުގައި ހިނގަމުންދިޔުމާއި، އެ މައްސަލަ އޮތީ ށަރީއަތުގެ އަޑުއެހުންތައް ނިމި ހުކުމެއް އިއްވުމާ ހަމައިގައި ކަމުގައިވުން؛ ނުވަތަ
  3. ގައިންގަޔަށް އަރާ ނުރައްކާތެރި ޖިންސީ ބައްޔެއް ފިރިމީހާ ގައި ހުރިކަން އެނގިހުރެ، އަނބިމީހާއަށް އެ ބަލި ވާސިލުކުރުމުގެ ބޭނުމުގައި، އޭނާއާ ޖިމާއުވުން؛ ނުވަތަ
  4. ދެމަފިރިން ވަރިނުވި ކަމުގައި ވީނަމަވެސް، ދެފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމެއްގެ ދަށުން، މަސްލަހަތަށްޓަކައި ވަކިން ދިރިއުޅެމުންދާ ދެމީހުން ކަމުގައިވުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ކުށުގެ ބޭނުމަށްޓަކައި، އަންނަނިވި ހާލަތްތަކުގައި އަނބިމީހާގެ ރުހުން އޮތްކަމަކަށް ނުބެލެވޭނެއެވެ.

  1. މަރާލާނެކަމުގެ ބިރު ދައްކައިގެން، ނުވަތަ އަނިޔާ ކޮށްގެން، ނުވަތަ އަނިޔާ ކުރާނެކަމުގެ ބިރުދައްކައިގެން، ނުވަތަ އޭނާއާ ތިމާގެކަމުގެ ގޮތުން ނުވަތަ ކާވެނީގެ ގޮތުން ގުޅުން އޮތް މީހަކު މަރާލާނެކަމުގެ ބިރުދައްކައިގެން ނުވަތަ އެމީހަކަށް އަނިޔާ ކުރާނެކަމުގެ ބިރުދައްކައިގެން ހޯދާފައިވާ ރުހުމަކަށްވުން؛ ނުވަތަ
  2. ނުރަނގަޅު ހަގީގަތްތަކެއްގެ މައްޗަށް ބިނާކޮށް އޭނާއަށް ހަގީގަތް އޮޅުވާލައިގެން ހޯދާފައިވާ ރުހުމަކަށްވުން؛ ނުވަތަ
  3. އެ ކުރެވެނީ ކޮންކަމެއްކަން އޭނާއަށް އޮޅުވާލައިގެން ހޯދާފައިވާ ރުހުމަކަށްވުން.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ކުށުގެ އަދަބަކީ، އެ ކުށް ކުރީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ކަމުގައިވާނަމަ، އެ ކުށް ކުރި މީހާ 3 (ތިނެއް) އަހަރާއި 5 (ފަހެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. އެ ކުށް ކުރީ އެނޫންގޮތަކަށް ކަމުގައިވާނަމަ، 1 (އެކެއް) އަހަރާއި 3 (ތިނެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ކުށެއް ކާވެންޏެއްގެމަތީގައި ހުރި ފިރިހެނެއްގެ މައްޗަށް ސާބިތުވުމަކީ، އޭގެ ޒާތުގައި ނުވަތަ ހަމައެކަނި އެ ކުށުގެ ސަބަބުން، އެ ދެމީހުންގެ ދެމެދުގައި އެ ހިނދުއޮތް ކާވެނީގެ ގުޅުމަށް، ނުވަތަ ށަރުއީ ހައިސިއްޔަތަށް، ނުވަތަ އެ ދެމަފިރިންނަށް ލިބިފައިވާ ދަރިންނަށް ނުވަތަ އެ ދެމަފިރިންނަށް ލިބޭ ދަރިންނަށް ނުވަތަ އެއިން ދަރިއެއްގެ ހައިސިއްޔަތަށް، ނުވަތަ އެ ދެމަފިރިންގެ ދެމެދުގައިވާ މުދަލަށް ނުވަތަ އެއިން މުދަލެއްގެ ހައިސިއްޔަތަށް އެއްވެސް އުނިކަމެއް އަންނާނެ ސަބަބެއް ނުވަތަ ހާލަތެއް ނޫނެވެ.

 

21 ވަނަ މާއްދާ - މަހްރަމަކާއެކު ޖިންސީ އަމަލު ހިންގުމުގެ ކުށް

(ހ) މީހަކު، ޖިންސީ އަމަލެއް އޭނާގެ މަހްރަމަކާއެކު ހިންގީ، އެ ދެމީހުންގެ ރުހުމުގައި ކަމުގައިވާނަމަ، އެ ދެމީހުންމެ އެ ކުރީ ކުށެކެވެ.

(ށ) މީހަކު، ޖިންސީ އަމަލެއް އޭނާގެ މަހްރަމަކާއެކު ހިންގީ، އެ މަހްރަމާގެ ނުރުހުމުގައި ކަމުގައިވާނަމަ، އޭނާ އެ ކުރީ ކުށެކެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ކުށުގެ އަދަބަކީ، އެ ކުށް ކުރި މީހާ 10 (ދިހައެއް) އަހަރާއި 15 (ފަނަރަ) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންވެގެންވާ ކުށުގެ އަދަބަކީ، އެ ކުށް ކުރި މީހާ 15 (ފަނަރަ) އަހަރާއި 25 (ފަންސަވީސް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

22 ވަނަ މާއްދާ - މަހްރަމަކާއެކު ޖިންސީ އަމަލެއް ހިންގަން އުޅުމުގެ ކުށް

(ހ) މީހަކު، އޭނާގެ މަހްރަމަކާއެކު ޖިންސީ އަމަލެއް ހިންގުމުގައި ބައިވެރިވުމަކީ، ނުވަތަ އެކަން ކުރަން އުޅުމަކީ، ނުވަތަ އެކަން ކުރުމުގައި އެހީތެރިވެދިނުމަކީ، ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ކުށުގެ އަދަބަކީ، އެ ކުށް ކުރި މީހާ 7 (ހަތެއް) އަހަރާއި 10 (ދިހައެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

23 ވަނަ މާއްދާ - އެނގިހުރެ ނޭންގުމުގެ ކުށް

(ހ) މީހަކު، އޭނާގެ މަހްރަމަކާއެކު ޖިންސީ އަމަލެއް ހިންގައިފިކަން ނުވަތަ ހިންގާކަން ނުވަތަ ހިންގިކަން އެނގިހުރެ، އެކަން ފުލުހުންނަށް ނުވަތަ ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީއަށް ނާންގައި ހުރުމަކީ، ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ، އެ ކުށް ކުރި މީހާ 6 (ހައެއް) މަސްދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުމެވެ.

 

24 ވަނަ މާއްދާ - އެއްޖިންސުން ޖިންސީ އަމަލު ހިންގުމުގެ ކުށް

(ހ) މީހަކު، ޖިންސީ އަމަލެއް އޭނާއާ އެއްޖިންސުގެ މީހަކާއެކު ހިންގީ، އެ ދެމީހުންގެ ރުހުމުގައި ކަމުގައިވާނަމަ، އެ ދެމީހުންމެ އެ ކުރީ ކުށެކެވެ.

(ށ) މީހަކު، ޖިންސީ އަމަލެއް އޭނާއާ އެއްޖިންސުގެ މީހަކާއެކު ހިންގީ، އެމީހާގެ ނުރުހުމުގައި ކަމުގައިވާނަމަ، އޭނާ އެ ކުރީ ކުށެކެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ކުށުގެ އަދަބަކީ، އެ ކުށް ކުރި މީހާ 5 (ފަހެއް) އަހަރާއި 7 (ހަތެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންވެގެންވާ ކުށުގެ އަދަބަކީ، އެ ކުށް ކުރި މީހާ 7 (ހަތެއް) އަހަރާއި 10 (ދިހައެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

25 ވަނަ މާއްދާ - ޖަނަވާރަކާއެކު ޖިންސީ އަމަލު ހިންގުމުގެ ކުށް

(ހ) މީހަކު، ފުރާނަ ހުރި ނުވަތަ ފުރާނަ ނެތް ޖަނަވާރަކާއެކު ޖިންސީ އަމަލު ހިންގުމަކީ، ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ކުށުގެ އަދަބަކީ، އެ ކުށް ކުރި މީހާ 5 (ފަހެއް) އަހަރާއި 7 (ހަތެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

26 ވަނަ މާއްދާ - މައްޔިތަކާއެކު ޖިންސީ އަމަލު ހިންގުމުގެ ކުށް

(ހ) މީހަކު، މައްޔިތަކާއެކު ޖިންސީ އަމަލެއް ހިންގުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ކުށުގެ އަދަބަކީ، އެ ކުށް ކުރި މީހާ 20 (ވިހި) އަހަރާއި 25 (ފަންސަވީސް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

27 ވަނަ މާއްދާ - ޒިނޭގެ ކުށް

(ހ) މީހަކު، ޒިނޭކުރުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ކުށުގެ އަދަބަކީ، އެ ކުށް ކުރި މީހާ 100 (ސަތޭކަ) އެތިފަހަރުން ހައްދުޖެހުމާއެކު 1 (އެކެއް) އަހަރާއި 3 (ތިނެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ގޭ ބަންދުކުރުމެވެ.

 

28 ވަނަ މާއްދާ - ނުކުޅެދުންތެރިކަމެއް ހުރި މީހަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށް

(ހ) މީހެއްގައި ހުރި ސިކުނޑީގެ އުނިކަމެއްގެ ސަބަބުން، ޖިންސީ އަމަލަކަށް ރުހުންދެވޭނެ ފުރުސަތެއް އޭނާއަށް ނެތްކަން އެނގިހުރެ، ނުވަތަ އެ ކުރެވެނީ ކީއްކަން އޭނާއަށް ދެނެގަނެވޭނެ ގޮތެއް ނެތްކަން އެނގިހުރެ، ނުވަތަ ރުހުން ދިނުމުގެ ގާބިލުކަމެއް އޭނާގައި ނެތްކަން އެނގިހުރެ، އޭނާއާ ޖިންސީ އަމަލެއް ހިންގާ މީހާ އެ ކުރަނީ، ކުށެކެވެ.

(ށ) ސިކުނޑީގެ އުނިކަމެއް ލިބިފައިވާ މީހާއަށް، އަންނަނިވި ކަންކަން އޭނާއަށް ކުރެވޭނެ ކަމަކަށް، މި ގާނޫނުގެ ބޭނުމަށްޓަކައެއް ނުބެލެވޭނެއެވެ.

  1. އެ ކުރެވެނީ ކޮންކަމެއްކަން އޭނާއަށް އެނގުން؛
  2. އެކަން ކުރުމާއި ނުކުރުމާމެދު އޭނާ އަމިއްލަ އިހްތިޔާރުގައި ގޮތެއް ނިންމުން؛
  3. އެކަން އޭނާއާމެދު ހިންގައިފިކަން، އޭނާއަށް، އެހެން ފަރާތަކަށް ބަޔާންކޮށްދިނުމުގެ ގާބިލުކަން ހުރުން.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ކުށުގެ އަދަބަކީ، އެ ކުށް ކުރި މީހާ 15 (ފަނަރަ) އަހަރާއި 20 (ވިހި) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

29 ވަނަ މާއްދާ - ހަށިވިއްކުމުގެ ކުށް

(ހ) އެއްވެސް މީހަކު ދިވެހިރާއްޖޭގައި، ނުވަތަ ދިވެއްސަކު ދިވެހިރާއްޖޭން ބޭރުގައި ހަށިވިއްކުމަކީ، ކުށެކެވެ.

(ށ) އެއްވެސް މީހަކު ދިވެހިރާއްޖޭގައި، ނުވަތަ ދިވެއްސަކު ދިވެހިރާއްޖޭން ބޭރުގައި، މީހަކު ލައްވާ ހަށިވިއްކުވުމަކީ ނުވަތަ އެކަން ކުރަން އެހީތެރިވެދިނުމަކީ ނުވަތަ އެކަން ކުރުމުގައި ބައިވެރިވުމަކީ، ކުށެކެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ކުށުގެ އަދަބަކީ، އެ ކުށް ކުރި މީހާ 7 (ހަތެއް) އަހަރުދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުމެވެ.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންވެގެންވާ ކުށުގެ އަދަބަކީ، އެ ކުށް ކުރި މީހާ 7 (ހަތެއް) އަހަރާއި 15 (ފަނަރަ) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

30 ވަނަ މާއްދާ - ހަށިވިއްކުވުމަށް މީހަކު ގެންގުޅުމުގެ ކުށް

(ހ) އެއްވެސް މީހަކު ދިވެހިރާއްޖޭގައި، ނުވަތަ ދިވެއްސަކު ދިވެހިރާއްޖޭން ބޭރުގައި، ހަށިވިއްކުވުމުގެ ބޭނުމުގައި، މީހަކު ގެންގުޅުމަކީ ނުވަތަ ބެލެހެއްޓުމަކީ ނުވަތަ އޭނާއަށް ހަރަދުކުރުމަކީ، ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ކުށުގެ އަދަބަކީ، އެ ކުށް ކުރި މީހާ 7 (ހަތެއް) އަހަރާއި 15 (ފަނަރަ) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

31 ވަނަ މާއްދާ - ހަށިވިއްކުވުމަށް ރާއްޖެ ގެނައުމާއި، ރާއްޖޭން ގެންދިއުމުގެ ކުށް

(ހ) ހަށިވިއްކުމުގެ ބޭނުމުގައި އަންނަ ނުވަތަ ގެންނަ މީހެއްކަން އެނގިހުރެ، ދިވެހިރާއްޖޭން ބޭރުން ދިވެހިރާއްޖެއަށް މީހަކު ގެނައުމަކީ، ނުވަތަ އެކަމުގައި ބައިވެރިވުމަކީ، ނުވަތަ އެކަމުގައި އެހީތެރިވެދިނުމަކީ، ކުށެކެވެ.

(ށ) ހަށިވިއްކުމުގެ ބޭނުމުގައިކަން އެނގިހުރެ، ދިވެހިރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް، މީހަކު ގެންދިއުމަކީ ނުވަތަ އެކަމުގައި ބައިވެރިވުމަކީ ނުވަތަ އެކަމުގައި އެހީތެރިވެދިނުމަކީ، ކުށެކެވެ.

(ނ) ހަށިވިއްކުމުގެ ބޭނުމުގައި ގެންދާ ނުވަތަ ފޮނުވާ މީހެއްކަން އެނގިހުރެ، ދިވެހިރާއްޖޭން ބޭރަށް މީހަކު ގެންދިއުމަކީ ނުވަތަ ފޮނުވުމަކީ ނުވަތަ އެކަމުގައި ބައިވެރިވުމަކީ ނުވަތަ އެކަމުގައި އެހީތެރިވެދިނުމަކީ، ކުށެކެވެ.

(ރ) މި މާއްދާގެ (ހ) އާއި (ށ) އާއި (ނ) ގައި ބަޔާންވެގެންވާ ކުށުގެ އަދަބަކީ، އެ ކުށް ކުރި މީހާ 7 (ހަތެއް) އަހަރާއި 10 (ދިހައެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

32 ވަނަ މާއްދާ - ހަށިވިއްކައިގެން ލިބޭ އާމްދަނީ ބޭނުންކުރުމުގެ ކުށް

(ހ) މީހަކު ލައްވާ ހަށިވިއްކުވައިގެން ހޯދާ އާމްދަނީން، އެކަން ކުރުވާ މީހަކު ދިރިއުޅުމަކީ، ކުށެކެވެ.

(ށ) ތިމާ ދިރިއުޅެނީ، އެހެން މީހަކުގެ ހަށިވިއްކައިގެން ލިބޭ އާމްދަނީން ކަމުގައި އެނގިހުރެ، އެ އާމްދަނީގެ ބޭނުންކުރުމަކީ، ކުށެކެވެ.

(ނ) މީހެއްގެ ގެއަކީ ނުވަތަ ތަނަކީ ނުވަތަ އެ ގެއެއްގެ ނުވަތަ ތަނެއްގެ ބަޔަކީ، ނާސިގެއެއް ހިންގާ ގެއެއް ނުވަތަ ތަނެއްކަން އެނގިހުރެ، އެކަން ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ނާންގައި، އެ ގޭގައި ދިރިއުޅެމުން ދިޔުމަކީ، ކުށެކެވެ.

(ރ) މި މާއްދާގެ (ހ) އާއި (ށ) އާއި (ނ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ، 25،000 (ފަންސަވީސްހާސް) ރުފިޔާއާއި  75،000 (ހަތްދިހަ ފަސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން، ނުވަތަ 3 (ތިނެއް) އަހަރުދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުމެވެ.

(ބ) މި މާއްދާގެ (ހ) ގައި ނުވަތަ (ށ) ގައި ބަޔާންކޮށްފައިވާ ކުށެއްގެ އަމަލުން އެއްވެސް ފައިސާއެއް ނުވަތަ މުދަލެއް ހޯދާފައިވާކަން ކޯޓަށް ސާބިތުވެއްޖެ ހިނދެއްގައި، އެ ފައިސާއެއް ނުވަތަ އެ ފައިސާއަކުން ހޯދާފައިވާ މުދަލެއް ދައުލަތަށް ނެގޭނެއެވެ.

 

33 ވަނަ މާއްދާ - ނާސިގެ ހެދުމުގެ ކުށް

(ހ) ނާސިގެއެއް ހެދުމަކީ ނުވަތަ އެފަދަ ތަނެއް ބެލެހެއްޓުމަކީ ނުވަތަ ހިންގުމަކީ ނުވަތަ އެއިން ކަމެއްގައި ބައިވެރިވުމަކީ، ކުށެކެވެ.

 (ށ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ކުށުގެ އަދަބަކީ، އެ ކުށް ކުރި މީހާ 5 (ފަހެއް) އަހަރުދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުމެވެ.

 

34 ވަނަ މާއްދާ - ބިރުދެއްކުމުގެ ކުށް

(ހ) މީހަކު ދިވެހިރާއްޖޭގައި، ނުވަތަ ދިވެއްސަކު ދިވެހިރާއްޖޭން ބޭރުގައި، މީހަކަށް ބިރުދައްކައިގެން ނުވަތަ ގަދަބާރު ދައްކައިގެން، އޭނާއާއެކު ނުވަތަ އެހެން މީހަކާއެކު، ޖިންސީ އަމަލެއް ހިންގުމަށް އެހެން މީހަކަށް މަޖުބޫރުކުރުވުމަކީ ނުވަތަ އެކަމުގައި ބައިވެރިވުމަކީ ނުވަތަ އެކަމުގައި އެހީތެރިވެދިނުމަކީ، ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ކުށުގެ އަދަބަކީ، އެ ކުށް ކުރި މީހާ 5 (ފަހެއް) އަހަރާއި 7 (ހަތެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

35 ވަނަ މާއްދާ - ބްލެކްމެއިލްކުރުމުގެ ކުށް

(ހ) ރޭޕްކުރުމުގެ ކުށް ކުރުމަށްފަހު، ނުވަތަ ޖިންސީ އަނިޔާގެ ކުށް ކުރުމަށްފަހު، ނުވަތަ ޖިންސީ ގޯނާގެ ކުށް ކުރުމަށްފަހު، ނުވަތަ ޖިންސީ އަމަލެއް ހިންގުމަށްފަހު، އެއިން ކަމަކާ ވިއްދައި، އެއިން ކަމެއްގެ ށިކާރައަށްވީ ފަރާތެއް ނުވަތަ އޭނާގެ އާއިލާގެ މީހަކު ބްލެކްމެއިލް ކުރުމަކީ، ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ކުށުގެ އަދަބަކީ، އެ ކުށް ކުރި މީހާ 3 (ތިނެއް) އަހަރާއި 5 (ފަހެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

36 ވަނަ މާއްދާ - ހަގީގަތް އޮޅުވާލުމުގެ ކުށް

(ހ) މީހަކު ދިވެހިރާއްޖޭގައި، ނުވަތަ ދިވެއްސަކު ދިވެހިރާއްޖޭން ބޭރުގައި، މީހަކަށް ހަގީގަތް އޮޅުވާލައިގެން ނުވަތަ ހަގީގަތް ފޮރުވައިގެން، އޭނާއާއެކު ނުވަތަ އެހެން މީހަކާއެކު، ޖިންސީ އަމަލުގެ ކުށެއް އޭނާ ލައްވާ ކުރުވުމަކީ، ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ކުށުގެ އަދަބަކީ، އެ ކުށް ކުރި މީހާ 5 (ފަހެއް) އަހަރާއި 7 (ހަތެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

37 ވަނަ މާއްދާ - މަސްތުކުރުވުމުގެ ކުށް

(ހ) ބަނގުރަލުގެ ބާވަތެއް ނުވަތަ މަސްތުވާއެއްޗެއް ކަމަށް ގާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ އެއްޗެއް މީހަކަށް ދީގެން، އޭނާގެ ހަށިގަނޑުގެ ބާރު ކަނޑުވާލައި ނުވަތަ އެވަނީ ކީއްކަން ނޭނގޭ ހާލަތަކަށް އޭނާ ވާސިލުކޮށްގެން، އޭނާއާއެކު މީހަކު އަމިއްލައަށް ޖިންސީ އަމަލެއް ހިންގުމަށްޓަކައި، ނުވަތަ އެހެން މީހަކު ލައްވާ ޖިންސީ އަމަލެއް އޭނާއާއެކު ހިންގުވުމަށްޓަކައި، އޭނާގެ ހަށިގަނޑަށް އެއްވެސް ވަސީލަތެއް މެދުވެރިކޮށް، ބަނގުރަލުގެ ބާވަތެއް ނުވަތަ މަސްތުވާއެއްޗެއްގެ ބާވަތެއް ވާސިލުކުރުވުމަކީ، ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ކުށުގެ އަދަބަކީ، އެ ކުށް ކުރި މީހާ 10 (ދިހައެއް) އަހަރާއި 15 (ފަނަރަ) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

38 ވަނަ މާއްދާ - ވެރިވެގަތުމުގެ ކުށް

(ހ) ވިސްނުމުގެ ބާރު ކެނޑިފައިވާ ނުވަތަ ހަމަބުއްދި ގެއްލިފައިވާ ނުވަތަ ޖިސްމާނީގޮތުން އަމިއްލައަށް ދިފާއުވުމުގެ ބާރެއް ނެތް މީހެއްގެ މައްޗަށް ގަދަވެގަނެ، އޭނާއާއެކު ޖިންސީ އަމަލެއް ހިންގުމަކީ، ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ކުށުގެ އަދަބަކީ، އެ ކުށް ކުރި މީހާ 10 (ދިހައެއް) އަހަރާއި 15 (ފަނަރަ) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

39 ވަނަ މާއްދާ - ވެށިން ނިގުޅައިގަތުމުގެ ކުށް

(ހ) އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކުރުމުގެ ނިޔަތުގައި، މީހެއްގެ ނުރުހުމުގައި، އޭނާގެ ބެލެނިވެރިންގެ ކިބައިން ނުވަތަ އޭނާގެ ތިމާގެ މީހެއްގެ ކިބައިން ނުވަތަ އޭނާގެ ފިރިމީހާ ނުވަތަ އަނބިމީހާގެ ކިބައިން ނުވަތަ އޭނާ ދިރިއުޅެމުންދާ ބައެއްގެ ކިބައިން އޭނާ ނިގުޅައިގަނެ، އޭނާ އެހެން ތަނަކަށް ގެންދިއުމަކީ ނުވަތަ އެހެން ތަނެއްގައި ބެހެއްޓުމަކީ ނުވަތަ ބަންދުކުރުމަކީ ނުވަތަ ހިފެހެއްޓުމަކީ، ކުށެކެވެ.

  1. ރޭޕްކުރުމަށް؛ ނުވަތަ
  2. ޖިންސީ އަނިޔާއެއް ކުރުމަށް؛ ނުވަތަ
  3. ޖިންސީ ގޯނާއެއް ކުރުމަށް؛ ނުވަތަ
  4. ޖިންސީ އަމަލެއް ހިންގުމަށް؛ ނުވަތަ
  5. އެހެން މީހަކާއެކު އޭނާ ޒިނޭކުރުމަށް މަޖުބޫރުކުރުވުމަށް؛ ނުވަތަ
  6. އެހެން މީހަކު ލައްވާ އޭނާއަށް ޖިންސީ އަނިޔާއެއް ކުރުވުމަށް؛ ނުވަތަ
  7. އެހެން މީހަކު ލައްވާ އޭނާއަށް ޖިންސީ ގޯނާއެއް ކުރުވުމަށް.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ކުށުގެ އަދަބަކީ، އެ ކުށް ކުރި މީހާ 7 (ހަތެއް) އަހަރާއި 10 (ދިހައެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

40 ވަނަ މާއްދާ - ހިފެހެއްޓުމުގެ ކުށް

(ހ) މީހަކު ރޭޕްކުރުމުގެ ބޭނުމުގައި ނުވަތަ އޭނާއަށް ޖިންސީ އަނިޔާއެއް ނުވަތަ ޖިންސީ ގޯނާއެއް ކުރުމުގެ ބޭނުމުގައި، އޭނާގެ ނުރުހުމުގައި، އޭނާ ތަނެއްގައި ބެހެއްޓުމަކީ ނުވަތަ ބެއިންދުމަކީ ނުވަތަ އޭނާއަށް އެހެން ތަނަކަށް ނުދެވޭގޮތަށް ތަނެއްގައި ބަންދުކުރުމަކީ، ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ކުށުގެ އަދަބަކީ، އެ ކުށް ކުރި މީހާ 7 (ހަތެއް) އަހަރާއި 10 (ދިހައެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

(ނ) އަންނަނިވި ހާލަތްތައް މެދުވެރިވެފައިވާ މީހާ، އޭނާގެ ނުރުހުމުގައި ތަނެއްގައި ބެހެއްޓީ ކަމުގައި،  މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ބެލެވޭނެއެވެ.

  1. އޭނާ ތަނެއްގައި ބަންދުކޮށްފައި ބެހެއްޓުން؛ ނުވަތަ
  2. އޭނާއަށް ހިރިނުލެވޭގޮތް ހަދާފައި ބެހެއްޓުން ނުވަތަ ބޭއްވުން ނުވަތަ ބޭންދުން؛ ނުވަތަ
  3. އޭނާ ހުރި ތަނުން އޭނާ އަމިއްލަ އިހްތިޔާރުގައި ނުކުމެގެން ދެވޭނެ ގޮތެއް ނެތުން؛ ނުވަތަ
  4. އޭނާ އެ ތަނުން ނުކުމެގެންދިއުމުގެ ފުރުސަތު އޮތް ކަމުގައި ވީނަމަވެސް، އޭނާއަށް އެކަން ކުރެވެން އޮތީ އޭނާ ލައިގެންހުރި ހެދުން ދޫކޮށްލާފައިދާން އެއްބަސްވާނަމަ، ނުވަތަ އޭނާގެ މުދަލެއް ނުވަތަ އޭނާގެ އަތުގައި އޮތް އެއްޗެއް ދޫކޮށްފައި ކަމުގައިވުން؛ ނުވަތަ
  5. އެއެއްޗަކާ ނުލާ އޭނާ އެ ތަނަކުން ދިއުމަކީ އޭނާއަށް ކުރެވޭނެ ކަމެއް ކަމުގައި ނުވާ ހާލަތުގައި، އެ އެއްޗެއް ބެހެއްޓުމަށްފަހު، ނުވަތަ އެ އެއްޗެއް ދޫކޮށްލުމަށްފަހު، އެ ތަނުން ދާންޖެހުން.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއް ހިނގާހިނދު، އެކަމުން ސަލާމަތްވުމަށްޓަކައި އޭނާއަށް އެ ތަނުން ދެވެން އޮތީ އެހެން ކޮންމެވެސް މީހެއްގެ ހެދުމެއް ލައިގެން ނުވަތަ އޭނާގެ ހަށިގަނޑު ނިވާކުރުމަށްޓަކައި އެހެން މީހެއްގެ މިލްކުވެރިކަމުގައިވާ އެއްޗެއް ބޭނުންކޮށްގެން ކަމުގައިވާނަމަ، އެކަން އޭނާ އެވަގުތު ކުރުމަކީ، އެކަމާ ގުޅުވައިގެން އޭނާއާމެދު ޖިނާއީ ނުވަތަ މަދަނީ އެއްވެސް ކުށެއްގެ ދައުވާއެއް ކުރެވޭނެ ކަމެއް ނޫނެވެ.

 

41 ވަނަ މާއްދާ - މީހަކު ޖިންސީ އަމަލެއްގައި ބައިވެރިކުރުވުމުގެ ކުށް

(ހ) މީހަކު ޖިންސީ އަމަލެއް ހިންގުމުގައި، އެހެން މީހެއްގެ ރުހުމާ ނުލާ އެމީހަކު ބައިވެރިކުރުވައިފިނަމަ، އެމީހަކު އެ ކުރަނީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ، އެ ކުށް ކުރި މީހާ 3 (ތިނެއް) އަހަރާއި 5 (ފަހެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

42 ވަނަ މާއްދާ - ޖިންސީ އަމަލެއް ބަލަން މަޖުބޫރުކުރުވުމުގެ ކުށް

(ހ) މީހަކު، ޖިންސީ އަމަލެއް ހިންގަމުންގެންދާތަން ބަލަން އެހެން މީހަކަށް މަޖުބޫރުކުރުވައިފިނަމަ ނުވަތަ ޖިންސީ އަމަލެއް ހިންގަމުންގެންދާ މަންޒަރެއް ނުވަތަ ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ނުވަތަ ވީޑިއޯއެއްގެ މަންޒަރެއް ނުވަތަ ފިލްމެއް ނުވަތަ ފިލްމެއްގެ މަންޒަރެއް އެހެން މީހަކަށް ދައްކައިފިނަމަ ނުވަތަ އެފަދަ އަމަލެއް ހިންގާ އަޑު އިއްވައިފިނަމަ، އެ ކުރަނީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ، އެ ކުށް ކުރި މީހާ 1 (އެކެއް) އަހަރާއި 3 (ތިނެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

43 ވަނަ މާއްދާ - އޮރިޔާންކާޑު ހެދުމުގެ ކުށް

(ހ) މީހަކު، އޮރިޔާންކާޑު ހެދުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށް ކޮށްގެން ހަދާ އޮރިޔާންކާޑު، އެއްވެސް ވަސީލަތެއް މެދުވެރިކޮށް އާންމުކުރާ މީހަކު، އެ ކުރަނީ ކުށެކެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ، އެ ކުށް ކުރި މީހާ 1 (އެކެއް) އަހަރާއި 3 (ތިނެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ، އެ ކުށް ކުރި މީހާ 3 (ތިނެއް) އަހަރާއި 5 (ފަހެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

44 ވަނަ މާއްދާ - އޮރިޔާންކާޑު ހެއްދުވުމުގެ ކުށް

(ހ) މީހަކު، އޮރިޔާންކާޑު ހެދުމުގައި އެހެން މީހެއްގެ ރުހުމާ ނުލާ އެމީހަކު ބައިވެރިކުރުވައިފިނަމަ، ނުވަތަ އެމީހެއްގެ ޖިންސީ ގުނަވަނެއް ހާމަކޮށް ފެންނަގޮތަށް އޮރިޔާންކާޑު ހަދައިފިނަމަ، އެމީހަކު އެ ކުރަނީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށް ކޮށްގެން ހަދާ އޮރިޔާންކާޑު، އެއްވެސް ވަސީލަތެއް މެދުވެރިކޮށް އާންމުކުރާ މީހަކު، އެ ކުރަނީ ކުށެކެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ، އެ ކުށް ކުރި މީހާ 5 (ފަހެއް) އަހަރާއި 7 (ހަތެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ، އެ ކުށް ކުރި މީހާ 15 (ފަނަރަ) އަހަރާއި 20 (ވިހި) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

45 ވަނަ މާއްދާ - މަޖުބޫރުން އޮރިޔާންކާޑު ހެއްދުވުމުގެ ކުށް

(ހ) މީހަކަށް މަޖުބޫރު ކޮށްގެން ނުވަތަ އޭނާ ކޮންޓްރޯލްކުރުވައިގެން ނުވަތަ އޭނާ ހިފަހައްޓުވައިގެން އޭނާ ލައްވާ އޮރިޔާންކާޑު ހައްދުވައިފިނަމަ ނުވަތަ އޮރިޔާންކާޑު ހެދުމުގައި އޭނާ ބައިވެރިކުރުވައިފިނަމަ، އެ ކުރަނީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށް ކޮށްގެން ހަދާ އޮރިޔާންކާޑު، އެއްވެސް ވަސީލަތެއް މެދުވެރިކޮށް އާންމުކުރާ މީހަކު، އެ ކުރަނީ ކުށެކެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ، އެ ކުށް ކުރި މީހާ 7 (ހަތެއް) އަހަރާއި 10 (ދިހައެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ، އެ ކުށް ކުރި މީހާ 20 (ވިހި) އަހަރާއި 25 (ފަންސަވީސް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

46 ވަނަ މާއްދާ - އެކަކަށްވުރެ ގިނަ މީހުން ބައިވެރިވެގެން ކުށެއްކުރުން

މި ގާނޫނުގައި ކުށެއް ކަމަށް ބަޔާންކޮށްފައިވާ ކުށެއް މީހަކާމެދު ކުރީ، އެކަކަށްވުރެ ގިނަ މީހުން، އެއް ނިޔަތަކުން ނުވަތަ އެއް މަގްސަދަކުން ގުޅިގެން ތިބެކަމަށް ވާނަމަ، އެއިން ކޮންމެ މީހަކީ، ވަކިވަކިން އެ ކުށް ކުރި މީހެއް ކަމުގައި ބެލެވޭނެއެވެ. އަދި، އެއިން ކޮންމެ މީހަކަށްމެ، އެ ކުށް ކުރާ މީހަކަށް މި ގާނޫނުގައި ކަނޑައަޅާފައިވާ އަދަބު، ވަކިވަކިން ދެވޭނެއެވެ. އެއީ، އެކަމުގައި ހިމެނޭ މީހުން،
އެ ކުށުގެ އަމަލުގައި ބައިވެރިވެފައިވަނީ، އެކި މިންވަރަށް ކަމުގައި ވީނަމަވެހެވެ.

 

ހަތަރުވަނަ ބާބު

ދަފްތަރުކުރުން

47 ވަނަ މާއްދާ - ޖިންސީ އަނިޔާގެ ކުށް ސާބިތުވާ މީހުންގެ ދަފްތަރު

(ހ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ކުށުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ކުށެއް ސާބިތުވާ ހަމަ ކޮންމެ މީހެއްގެ ތަފްސީލު ހިމެނޭ ދަފްތަރެއް، "ޖިންސީ ކުށް ކުރާ މީހުންގެ ދަފްތަރު" ގެ ނަމުގައި، ވަޒީރުގެ އިރުށާދުގެ ދަށުން ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީގައި ލިޔެ، ބަލަހައްޓަންވާނެއެވެ.

  1.  މި ގާނޫނުގެ 14 ވަނަ މާއްދާގައި ބަޔާންކުރާ ރޭޕްކުރުމުގެ ކުށް.
  2. މި ގާނޫނުގެ 15 ވަނަ މާއްދާގައި ބަޔާންކުރާ ރޭޕްކުރަން އުޅުމުގެ ކުށް.
  3. މި ގާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކުރާ ޖިންސީ އަނިޔާގެ ކުށް.
  4. މި ގާނޫނުގެ 17 ވަނަ މާއްދާގައި ބަޔާންކުރާ ޖިންސީ އަނިޔާކުރަން އުޅުމުގެ ކުށް.
  5. މި ގާނޫނުގެ 18  ވަނަ މާއްދާގައި ބަޔާންކުރާ ޖިންސީ ގޯނާގެ ކުށް.
  6. މި ގާނޫނުގެ 21 ވަނަ މާއްދާގައި ބަޔާންކުރާ މަހްރަމަކާއެކު ޖިންސީ އަމަލު ހިންގުމުގެ ކުށް.
  7. މި ގާނޫނުގެ 24 ވަނަ މާއްދާގައި ބަޔާންކުރާ އެއްޖިންސުން ޖިންސީ އަމަލު ހިންގުމުގެ ކުށް.
  8. މި ގާނޫނުގެ 25 ވަނަ މާއްދާގައި ބަޔާންކުރާ ޖަނަވާރަކާއެކު ޖިންސީ އަމަލު ހިންގުމުގެ ކުށް.
  9. މި ގާނޫނުގެ 26 ވަނަ މާއްދާގައި ބަޔާންކުރާ މައްޔިތަކާއެކު ޖިންސީ އަމަލު ހިންގުމުގެ ކުށް.
  10. މި ގާނޫނުގެ 28 ވަނަ މާއްދާގައި ބަޔާންކުރާ ނުކުޅެދުންތެރިކަމެއް ހުރި މީހަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށް.
  11. މި ގާނޫނުގެ 29 ވަނަ މާއްދާގައި ބަޔާންކުރާ ހަށިވިއްކުމުގެ ކުށް.
  12. މި ގާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކުރާ ހަށިވިއްކުވުމަށް މީހަކު ގެންގުޅުމުގެ ކުށް.
  13. މި ގާނޫނުގެ 31 ވަނަ މާއްދާގައި ބަޔާންކުރާ ހަށިވިއްކުވުމަށް ރާއްޖެ ގެނައުމާއި، ރާއްޖޭން ގެންދިއުމުގެ ކުށް.
  14. މި ގާނޫނުގެ 32 ވަނަ މާއްދާގައި ބަޔާންކުރާ ހަށިވިއްކައިގެން ލިބޭ އާމްދަނީ ބޭނުންކުރުމުގެ ކުށް.
  15. މި ގާނޫނުގެ 33 ވަނަ މާއްދާގައި ބަޔާންކުރާ ނާސިގެ ހެދުމުގެ ކުށް.
  16. މި ގާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކުރާ ބްލެކްމެއިލްކުރުމުގެ ކުށް.
  17. މި ގާނޫނުގެ 37 ވަނަ މާއްދާގައި ބަޔާންކުރާ މަސްތުކުރުވުމުގެ ކުށް.
  18. މި ގާނޫނުގެ 38 ވަނަ މާއްދާގައި ބަޔާންކުރާ ވެރިވެގަތުމުގެ ކުށް.
  19. މި ގާނޫނުގެ 39 ވަނަ މާއްދާގައި ބަޔާންކުރާ ވެށިން ނިގުޅައިގަތުމުގެ ކުށް.
  20. މި ގާނޫނުގެ 43 ވަނަ މާއްދާގައި ބަޔާންކުރާ އޮރިޔާންކާޑު ހެދުމުގެ ކުށް.
  21. މި ގާނޫނުގެ 45 ވަނަ މާއްދާގައި ބަޔާންކުރާ މަޖުބޫރުން އޮރިޔާންކާޑު ހެއްދުވުމުގެ ކުށް.

(ށ) ޖިންސީ ކުށް ކުރާ މީހުންގެ ދަފްތަރުގައި ހިމަނަންޖެހޭ މައުލޫމާތުކަމަށް މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމެނުމުގައި އަމަލުކުރާނެ އުސޫލުތަކާއި އެ މައުލޫމާތަށް ބަދަލުގެނެވޭނެ އުސޫލުތައް، މި މާއްދާއަށް ހަވާލާދީ ވަޒީރު އެކުލަވާލާ ގަވާއިދެއްގައި ކަނޑައަޅަންވާނެއެވެ.

(ނ) ޖިންސީ ކުށުގެ ދަފްތަރަކީ، އާންމުކޮށް ށާއިއުކުރެވޭނެ ދަފްތަރެއް ނޫނެވެ. މި މާއްދާ މިހެން އޮތް ނަމަވެސް، މި މާއްދާގެ (ށ) ގެ ދާއިރާގެ ތެރޭގައި އެ ދަފްތަރުގައި ހިމެނޭ މައުލޫމާތު އެހެން ފަރާތަކަށް ދޫކުރުމުގެ އުސޫލަކަށް އަމަލުކުރުމަކީ، މި މާއްދާ ހުރަސްއަޅާ ކަމެއް ނޫނެވެ.

(ރ) ޖިންސީ ކުށް ކުރާ މީހުންގެ ދަފްތަރުގައި، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

  1. ކުށް ސާބިތުވެފައިވާ މީހާގެ ތަފްސީލު (ނަމާއި އެޑްރެހާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއެކު).
  2. އޭނާ ކުރި ކުށް.
  3. އޭނާގެ މައްޗަށް ކޮށްފައިވާ ހުކުމް.
  4. އޭނާގެ މައްޗަށް ކޮށްފައިވާ ހުކުމް އިސްތިއުނާފުކޮށްފައިވާނަމަ، އިސްތިއުނާފުކުރި ކޯޓެއްގެ ހުކުމް.
  5. އޭނާގެ މައްޗަށް މި ގާނޫނުގެ ދަށުން ކުށް ސާބިތުވި އަދަދު.
  6. އޭނާ އެވަގުތު ހުރީ ބަންދުގައިކަން ނުވަތަ ބަންދުން ދޫކޮށްލެވިފައިކަން.

 

48 ވަނަ މާއްދާ - ދަފްތަރުން ނަން އުނިކުރުން

(ހ) ޖިންސީ ކުށް ކުރާ މީހުންގެ ދަފްތަރުން މީހެއްގެ ނަން އުނިކޮށްދިނުމަށް އެދި އަންނަނިވި ހާލަތްތަކުގައި، ކަމުގެ މަސްލަހަތު އޮތް ފަރާތަކުން، ކޯޓަށް މައްސަލައެއް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައްސަލައެއް ހުށަހެޅުމުން، އެ ހުށަހެޅުމުގެ މައްޗަށް ބިނާކޮށް އަދި އަންނަނިވި ކަންކަމަށް ރިއާޔަތްކޮށް، ޖިންސީ ކުށް ކުރާ މީހުންގެ ދަފްތަރުން ނަމެއް އުނިކުރުމަށް، ވަޒީރުގެ މައްޗަށް ކޯޓަށް އަމުރުކުރެވިދާނެއެވެ.

  1. ކުށް ކުރި ފަރާތަކީ އެފަދަ ކުށެއް ފުރަތަމަ ކުރި މީހަކަށްވުން؛ ނުވަތަ
  2. އެ ކުށަކީ ރޭޕް ކުރުމުގެ ކުށަކަށް ނުވަތަ ޖިންސީ އަނިޔާގެ ކުށަކަށް ނުވަތަ ޖިންސީ ގޯނާގެ ކުށަކަށް ނުވަތަ ޖިންސީ އަމަލުގެ ކުށަކަށް ނުވުން؛ ނުވަތަ
  3. ކުށް ކުރި ފަރާތަކީ ކުޑަކުއްޖަކަށްވުން؛ ނުވަތަ
  4. ކުށުގެ އަދަބުގެ ގޮތުގައި ކަނޑައަޅާފައިވަނީ އެ ކުށުގެ އަދަބުގެ މިންގަނޑުން ބަލާއިރު، އެންމެ ދަށް މިންގަނޑުގެ އަދަބު ކަމުގައިވުން؛ ނުވަތަ
  5. އިސްތިއުނާފުގެ މަރުހަލާގައި ކުށުން ބަރީއަވުން.

(ނ)   ހުކުމް ތަންފީޒުކުރުމަށްޓަކައި ބަންދުގައި މީހުން ބައިތިއްބާ މަރުކަޒަކުން، މި ގާނޫނުގެ 47 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއްގެ އަދަބު ތަންފީޒުކުރަމުންދާ މީހަކު، އެއްވެސް ސަބަބަކާހުރެ ދޫކޮށްލައިފި ކަމުގައިވާނަމަ، އެކަން ވުޒާރާއަށް އަންގަންވާނެއެވެ.

(ރ)   މި މާއްދާގެ (ނ) ގައި ބަޔާންކުރާ އެންގުން އަންގާނެ ގޮތުގެ އުސޫލުތައް މި ގާނޫނުގެ 47 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގަވާއިދުގައި ވަޒީރު ކަނޑައަޅަންވާނެއެވެ.

 

49 ވަނަ މާއްދާ – ދަފްތަރު

ޖިންސީ ކުށް ކުރާ މީހުންގެ ދަފްތަރަކީ ލިޔެ ބަލަހައްޓަމުން ގެންދަންވާނެ ދަފްތަރެއް ކަމުގައި ހަމަޖައްސައި، އެކަން އެގޮތުގެމަތިން ހިނގަމުންދާކަން ވަޒީރު ކަށަވަރުކުރަންވާނެއެވެ.

 

50 ވަނަ މާއްދާ - މައުލޫމާތު ބަދަލުވިކަން އެންގުން

(ހ) ޖިންސީ ކުށް ކުރާ މީހުންގެ ދަފްތަރުގައި ނަން ހިމެނިފައިވާ ފަރާތެއްގެ އަންނަނިވި މައުލޫމާތު ބަދަލުވެއްޖެނަމަ، އެކަން، އޭނާ، އަންނަނިވި މުއްދަތުތަކުގެ ތެރޭގައި، ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީއަށް އަންގަންވާނެއެވެ.

  1. އޭނާގެ ނަމަށް ނުވަތަ އެޑްރެހަށް ނުވަތަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރަށް ބަދަލެއް އަތުވެއްޖެ ކަމުގައިވާނަމަ، 14 (ސާދަ) ދުވަހުގެ ތެރޭގައި އެކަން އެންގުން.
  2. ދިވެހިރާއްޖޭން ބޭރަށް ފުރާ ކަމުގައިވާނަމަ، ފުރުމުގެ ކުރިން އެކަން އެންގުން.
  3. ދިވެހިރާއްޖެއަށް އެނބުރި އަތުވެއްޖެ ކަމުގައިވާނަމަ، އައުމަށްފަހު ހިނގާ ފުރަތަމަ 7 (ހަތެއް) ދުވަހުގެ ތެރޭގައި އެކަން އެންގުން.
  4. އޭނާ ދިރިއުޅޭ އެޑްރެސް ބަދަލުވެއްޖެ ކަމުގައިވާނަމަ، އެކަން ހިނގާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި އެންގުން.
  5. އޭނާގެ ގާނޫނީ ބަލަދުވެރިޔާ ނުވަތަ ބެލެނިވެރިޔާ ބަދަލުވެއްޖެނަމަ، އެކަން ހިނގާތާ ފުރަތަމަ 7 (ހަތެއް) ދުވަހުގެ ތެރޭގައި އެންގުން.
  6. ދާއިމީ އެޑްރެސް ނޫން އެހެން އެޑްރެހެއްގައި އޭނާ އުޅޭކަމަށް ވާނަމަ، އެކަން ހިނގާތާ ފުރަތަމަ 7 (ހަތެއް) ދުވަހުގެ ތެރޭގައި އެންގުން.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ދަފްތަރުގައި ނަން ހިމެނިގެންވާ މީހާ ކުރަންޖެހޭކަމެއް އެގޮތަށް އޭނާ ނުކޮށްފިކަމަށް ވާނަމަ، އޭނާ އެކުރަނީ ކުށެކެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ، އެ ކުށް ކުރި މީހާ 5،000 (ފަސްހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމާއެކު އަދި އެ ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު، އެ ތަކުރާރުކުރާ އަދަދު  5،000 (ފަސްހާސް) ރުފިޔާއިން ގުނަކުރުމުން ނުކުންނަ އަދަދުން އޭނާ ޖޫރިމަނާކުރުމެވެ.

ފަސްވަނަ ބާބު

ހެއްކާގުޅޭ

51 ވަނަ މާއްދާ - ހެކީގެ ނިސްބަތް

މި ގާނޫނުގެ 52 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށަކާގުޅޭ ށަރީއަތެއްގައި ފިޔަވައި، މި ގާނޫނުގައި ބަޔާންކޮށްފައިވާ އެހެން ކޮންމެ ކުށެއްވެސް ސާބިތުކުރެވޭނީ ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގެ ބޭނުމަށްޓަކައި، ޖިނާއީ އެހެން ކުށުގެ މައްސަލައިގައި ހެކީގެ ބުރަދަނަށް ބަލާ ނިސްބަތުންނެވެ. އަދި، އެފަދަ މައްސަލައެއްގައި ހެކީގެ ގޮތުގައި ބަލައިގަންނާނީވެސް، ޖިނާއީ އެހެން މައްސަލަތަކުގައިވެސް ބަލައިގަންނަ ބާވަތުގެ ހެއްކެވެ.

 

52 ވަނަ މާއްދާ - ކުށުގެ ށިކާރައަށްވީ ފަރާތާ އެއްކޮޅަށް ބޭނުންކުރެވިދާނެ ހެކި

(ހ) އެހެން ގާނޫނެއްގައި، ޖިނާއީ ކުށް ސާބިތުކުރުމަށް ބޭނުންވާ ހެކީގެ މިންގަނޑުކަމަށް ނުވަތަ ކޯޓަށް ގަބޫލުކުރާ ހެކީގެ ބާވަތްކަމަށް، އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، މި ގާނޫނުގެ ބޭނުމަށްޓަކައި، ރޭޕްގެ ކުށް ނުވަތަ ޖިންސީ އަނިޔާގެ ކުށް ނުވަތަ ޖިންސީ ގޯނާގެ ކުށް ސާބިތުކުރުމަށްޓަކައި، އަންނަނިވި ބާވަތުގެ ހެއްކަކީ، ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ފަދައިން، އެ ތުހުމަތުކުރެވޭ އަމަލު ހިނގައިފިކަމަށް، އެކަށީގެންވާ މިންވަރެއްގެ ށައްކެއްނެތި ށަރީއަތަށް ސާބިތުކުރުމަށް ކުށުގެ ށިކާރައަށްވީ މީހާއާ އެއްކޮޅަށް ބޭނުންކުރެވިދާނެ ހެއްކެވެ.

  1. ސައިންޓިފިކް ތަހްލީލުތަކުން ދައްކާ ނަތީޖާ.
  2. ލޮލަށް ފެނުނު މީހުންގެ ހެކި.
  3. ފޮރެންސިކް ނިށާންތަކުންނާއި ތަހްލީލުތަކުން ލިބޭ ހެކި.
  4. މީހަކާ ބެހޭގޮތުން ހަގީގަތެއް ނެތް ވާހަކަތަކެއް ހަދައިގެން، ނުވަތަ އަލަށް އުފައްދައިގެން ކިޔައިދިނުން ކަމަށް ބެލެވޭނެ ސަބަބެއްނެތި، އަދި ހާދިސާ ހިނގި ވަގުތާއި އެ ވާހަކަ ކިޔައިދިން ވަގުތާ ދެމެދު މާ ދިގު މުއްދަތެއް ފާއިތުނުވަނީސް، އެކަމެއް ހިނގުމާ ދެމެދު ގިނަ ދުވަސްތަކެއް ނުވަނީސް ކުށުގެ ށިކާރައަށްވީ ފަރާތުގެ މައިންބަފައިންނަށް، ނުވަތަ ފިރިމީހާއަށް ނުވަތަ އަނބިމީހާއަށް ނުވަތަ ގާތްތިމާގެ މީހަކަށް، ނުވަތަ ރަހްމަތްތެރިއަކަށް، ނުވަތަ ޑޮކްޓަރަކަށް، ނުވަތަ ސިއްހީ އެހީތެރިއަކަށް، ނުވަތަ ސައިކޮލޮޖިސްޓަކަށް، ނުވަތަ ސައިކިއޭޓްރިސްޓަކަށް، ނުވަތަ މައްސަލަ ތަހްގީގުކުރާ ފުލުހަކަށް ކުށުގެ ށިކާރައަށްވީ ފަރާތުން ކިޔައިދީފައިވާ އެއްޗެއްގެ މައްޗަށް އެއިން ފަރާތަކުން ދޭ ބަޔާން.
  5. އޭނާއާމެދު ކަންވީގޮތް ކަމަށް ނުވަތަ އެކަން ހިނގާދިޔަގޮތް ކަމަށް ކުށުގެ ށިކާރައަށްވީ ފަރާތުން ދޭ ބަޔާން.
  6. ކުށުގެ ށިކާރައަށްވީ ފަރާތުން ކިޔައިދޭ އެއްޗަކާ އޭނާއަށް ޖިސްމާނީގޮތުން ލިބިފައިވާ ގެއްލުން ކަމަށް ޑޮކްޓަރީގޮތުން ފާހަގަވާންހުރި ކަންކަމާއި ފޮރެންސިކް ތަހްލީލުތަކުން ފާހަގަވާންހުރި ކަންކަން ދިމާވުން.
  7. މާއްދީ ހެކި.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހެކީގެ ބާވަތްތަކުގެ ތެރެއިން މަދުވެގެން 5 (ފަހެއް) ބާވަތެއްގެ ހެކި ހުރެއްޖެނަމަ، އަދި މި ގާނޫނުގެ 53 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތެއް ދިމާނުވާނަމަ، އެ ހެއްކަކީ ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ފަދައިން، އެ ތުހުމަތު ކުރެވޭ އަމަލު ހިނގައިފިކަމަށް، އެކަށީގެންވާ މިންވަރެއްގެ ށައްކެއްނެތި ށަރީއަތަށް ސާބިތުކުރުމަށް އެކަށޭނަ ހެކި ކަމުގައި މި ގާނޫނު ގާބޫލުކުރެއެވެ.

 

53 ވަނަ މާއްދާ - ކުށުގެ ށިކާރައަށްވީ ފަރާތާ ދެކޮޅަށް ބޭނުންކުރެވިދާނެ ހެކި

މި ގާނޫނުގެ 52 ވަނަ މާއްދާ އެހެން އޮތް ކަމުގައި ވީނަމަވެސް، އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް ދިމާވުމަކީ، ރޭޕްކުރުމުގެ ކުށް ނުވަތަ ޖިންސީ އަނިޔާގެ ކުށް ނުވަތަ ޖިންސީ ގޯނާގެ ކުށާ ގުޅޭގޮތުން ކޮށްފައިވާ ތުހުމަތު ނުވަތަ ދައުވާ ނަފީކުރުމަށްޓަކައި ބޭނުންކުރެވިދާނެ ހެއްކެވެ.

(ހ) ކަން ހިނގާދިޔަގޮތް ކަމުގައި ބަޔާންކުރާ ގޮތުގައި ހިމެނޭ ނުކުތާތަކުގެ ތެރެއިން އަސާސީ ނުކުތާއަކަށް މިނިވަން ގޮތެއްގައި، ނުވަތަ ހެކިންގެ ހެކިބަހުން، ބާރުލިއްބައިނުދޭކަމަށް ކުށުގެ ތުހުމަތުކުރެވޭ ފަރާތުން ސާބިތުކޮށްދިނުން.

(ށ) ކަން ހިނގާދިޔަ ދުވަހާއި އެކަމުގެ ށަކުވާކުރި ދުވަހާ ދެމެދު ހިނގާގޮސްފައިވާ މުއްދަތު އެކަށީގެންވާ މިންވަރަށްވުރެ ދިގުވެފައިވުމާއެކު، އެ މުއްދަތުގެ ތެރޭގައި، އެ ވާހަކަ އެހެން އެއްވެސް ފަރާތަކަށް ކިޔައިދީފައިވާކަމަށް ސާބިތުކޮށް ނުދެވުން.

(ނ) ކުށުގެ ށިކާރައަށްވީ ފަރާތުގެ ނަފްސުގެ އަބުރުވެރިކަމާއި އަހްލާގާ ގުޅުންހުރި ކަންކަމުގެ ތެރެއިން ކޯޓަށް ސާބިތުވާ ކަންކަމުގެ މައްޗަށް ބަލާއިރު، އެފަދަ ކުށެއް އޭނާއާމެދު ހިނގާފައިވާކަމަށް ދޮގު ހެކި ދީފާނެ މީހެއް ކަމަށް ކޯޓަށް ގަބޫލުކުރެވޭފަދަ ހާލަތެއް ކޯޓަށް ފާހަގަވުން.

(ރ) ކުށުގެ ށިކާރައަށްވީ ފަރާތާއި ކުށުގެ ތުހުމަތުކުރެވޭ ފަރާތުގެ ވާހަކައަށް ރިއާޔަތްކުރާއިރު، ތުހުމަތުކުރެވޭ ކުށް އެގޮތަށް ހިނގާފައިވުމަށްވުރެ ބޮޑަށް، އެކަން އެގޮތަށް ހިނގާފައި ނުވާކަމަށް ބެލެވޭނެ ފުރުސަތު ލިބިދޭ ހާލަތެއް ވުޖޫދުގައިވާކަމަށް، ކޯޓަށް ގަބޫލުކުރެވުން.

(ބ) ކުށުގެ ތުހުމަތުކުރެވޭ ފަރާތާމެދު ކުށުގެ ތުހުމަތު ކުރެވުމުގެ ކުރިން، އޭނާއާއި ކުށުގެ ށިކާރައަށްވީ ފަރާތާ ދެމެދުއޮތް ގުޅުމަކީ، އަދި އެ ދެފަރާތުގެ ދެމެދުގައި ހިނގާފައިވާ މުއާމަލާތްތަކަކީ، ތުހުމަތުކުރެވޭ ކުށް ހިނގުމަށް މަގުފަހިވެދާނެ ސަބަބެއް ވުޖޫދުގައި އޮވެދާނެ ހާލަތެއް ކަމަށް ކޯޓަށް ގަބޫލު ނުކުރެވުން.

ހަވަނަ ބާބު

ބަދަލު ހޯދުމާގުޅޭ

54 ވަނަ މާއްދާ - އަނިޔާއަށް ބަދަލު ހޯދުން

ރޭޕްކުރުމުގެ ސަބަބުން ނުވަތަ ޖިންސީ އަނިޔާއެއް ކުރުމުގެ ސަބަބުން ނުވަތަ ޖިންސީ ގޯނާއެއް ކުރުމުގެ ސަބަބުން ލިބޭ އަނިޔާއާ ގުޅިގެން، އެކަމުގެ ސީދާ ނަތީޖާއެއްގެ ގޮތުން، އެ ކުށުގެ ށިކާރައަށްވީ މީހާއަށް ލިބޭ ގެއްލުމަށް، މި ގާނޫނުގެ ދަށުން، އަންނަނިވި މައިގަނޑު ދެ ބާވަތުގެ ބަދަލު، އެ އަނިޔާ އޭނާއަށް ދިން ފަރާތުން ހޯދުމުގެ ހައްގު، ކުށުގެ ށިކާރައަށްވީ މީހާއަށް ލިބިގެންވެއެވެ.

(ހ) އިގްތިސާދީ ބަދަލު.

(ށ) ގައިރު އިގްތިސާދީ ބަދަލު.

 

55 ވަނަ މާއްދާ - އިގްތިސާދީ ބަދަލު

މި ގާނޫނުގެ 54 ވަނަ މާއްދާގެ (ހ) ގެ ދަށުން އިގްތިސާދީ ބަދަލުގެ ގޮތުގައި ނަގައިދެވޭނީ، ރޭޕްކުރުމުގެ ސަބަބުން ނުވަތަ ޖިންސީ އަނިޔާއެއް ކުރުމުގެ ސަބަބުން ނުވަތަ ޖިންސީ ގޯނާއެއް ކުރުމުގެ ސަބަބުން ލިބޭ އަނިޔާއާ ގުޅިގެން، އެ ކުށުގެ ށިކާރައަށްވީ މީހާއަށް ލިބުނު ގެއްލުން ރަނގަޅުކުރުމަށް ސިއްހީ ފަރުވާ ހޯދުމަށްޓަކައި ކުރި ހަރަދު ނުވަތަ އެކަމާ ގުޅިގެން ހޯދަމުންދާ ސިއްހީ ފަރުވާ ހޯދުމަށްޓަކައި ކުރަންޖެހޭ ހަރަދު ނުވަތަ އެކަމާ ގުޅިގެން ކުރިއަށް އޮތް ތަނުގައި ހޯދަންޖެހިފައިވާ ސިއްހީ ފަރުވާ ހޯދުމަށްޓަކައި ކުރަންޖެހޭ ހަރަދުގެ ބަދަލެވެ.

 

56 ވަނަ މާއްދާ - ގައިރު އިގްތިސާދީ ބަދަލު

މި ގާނޫނުގެ 54 ވަނަ މާއްދާގެ (ށ) ގެ ދަށުން ގައިރު އިގްތިސާދީ ބަދަލުގެ ގޮތުގައި ނަގައިދެވޭނީ އަންނަނިވި ބާވަތުގެ ބަދަލެވެ.

(ހ) ރޭޕްކުރުމުގެ ސަބަބުން ނުވަތަ ޖިންސީ އަނިޔާއެއް ކުރުމުގެ ސަބަބުން ނުވަތަ ޖިންސީ ގޯނާއެއް ކުރުމުގެ ސަބަބުން ލިބޭ އަނިޔާގެ ސީދާ ނަތީޖާއެއްގެ ގޮތުން، އެ ކުށުގެ ށިކާރައަށްވީ މީހާގެ ހަށިގަނޑަށް ލިބުނު ގެއްލުމުގެ ބަދަލު.

(ށ) ރޭޕްކުރުމުގެ ސަބަބުން ނުވަތަ ޖިންސީ އަނިޔާއެއް ކުރުމުގެ ސަބަބުން ނުވަތަ ޖިންސީ ގޯނާއެއް ކުރުމުގެ ސަބަބުން ލިބޭ އަނިޔާގެ ސީދާ ނަތީޖާއެއްގެ ގޮތުން، އެ ކުށުގެ ށިކާރައަށްވީ މީހާގެ ގުނަވަނެއް ނެތިދިއުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު.

(ނ) ރޭޕްކުރުމުގެ ސަބަބުން ނުވަތަ ޖިންސީ އަނިޔާއެއް ކުރުމުގެ ސަބަބުން ނުވަތަ ޖިންސީ ގޯނާއެއް ކުރުމުގެ ސަބަބުން ލިބޭ އަނިޔާގެ ސީދާ ނަތީޖާއެއްގެ ގޮތުން، އެ ކުށުގެ ށިކާރައަށްވީ މީހާގެ ގުނަވަނެއް މަސައްކަތް ނުކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު.

(ރ) ރޭޕްކުރުމުގެ ސަބަބުން ނުވަތަ ޖިންސީ އަނިޔާއެއް ކުރުމުގެ ސަބަބުން ނުވަތަ ޖިންސީ ގޯނާއެއް ކުރުމުގެ ސަބަބުން ލިބޭ އަނިޔާގެ ސީދާ ނަތީޖާއެއްގެ ގޮތުން، އެ ކުށުގެ ށިކާރައަށްވީ މީހާގެ ގުނަވަނެއް މަސައްކަތް ނުކުރުމުގެ ސަބަބުން ނުވަތަ ގުނަވަނެއް ނެތިދިއުމުގެ ސަބަބުން ކުރިން ދިރިއުޅެމުން އައިގޮތަށް ދިރިއުޅެން ކުރިމަތިވާ ހުރަހުގެ ބަދަލު.

(ބ) ރޭޕްކުރުމުގެ ސަބަބުން ނުވަތަ ޖިންސީ އަނިޔާއެއް ކުރުމުގެ ސަބަބުން ނުވަތަ ޖިންސީ ގޯނާއެއް ކުރުމުގެ ސަބަބުން ލިބޭ އަނިޔާގެ ސީދާ ނަތީޖާއެއްގެ ގޮތުން، އެ ކުށުގެ ށިކާރައަށްވީ މީހާ، އެ އަނިޔާގެ ފަހުން ދިރިއުޅުމުގައި އެއްވެސް ވޭނެއް ނުވަތަ ތަދެއް އިހްސާސްކުރަން ޖެހިފައިވާނަމަ، އެކަމުގެ ބަދަލު.

(ޅ) ރޭޕްކުރުމުގެ ސަބަބުން ނުވަތަ ޖިންސީ އަނިޔާއެއް ކުރުމުގެ ސަބަބުން ނުވަތަ ޖިންސީ ގޯނާއެއް ކުރުމުގެ ސަބަބުން ލިބޭ އަނިޔާގެ ސީދާ ނަތީޖާއެއްގެ ގޮތުން، އެ ކުށުގެ ށިކާރައަށްވީ މީހާއަށް ވަޒީފާއެއް ލިބުމަށް ހުރި ހުރަސްތަކުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލު.

(ކ) މައްސަލާގައި ދައުވާކުރުމަށް ހިނގާފައިވާ ހަރަދު.

 

57 ވަނަ މާއްދާ - ބަދަލު ނަގައިދެވޭނެ މިންވަރު

(ހ) މި ގާނޫނުގެ ދަށުން ބަދަލު ނަގައިދިނުމުގައި، އެ މައްސަލައެއްގައި ހިމެނިގެންވާ ކަންކަމުގެ މައްޗަށް ބިނާކޮށް، ރޭޕްކުރުމުގެ ސަބަބުން ނުވަތަ ޖިންސީ އަނިޔާއެއް ކުރުމުގެ ސަބަބުން ނުވަތަ ޖިންސީ ގޯނާއެއް ކުރުމުގެ ސަބަބުން ލިބޭ އަނިޔާއާ ގުޅިގެން އެ ކުށުގެ ށިކާރައަށްވީ މީހާއަށް ނަގައިދޭނީ، ކޮން ބާވަތެއްގެ ބަދަލެއް ކިހާ މިންވަރަކަށްކަން ކަނޑައަޅާނީ، މި މާއްދާއަށް ހަވާލާދީ، ކަމާގުޅޭގޮތުން ކޯޓުން ކަނޑައަޅާ މިންގަނޑުތަކަކާ އެއްގޮތްވާ ގޮތުގެމަތިން، ކޯޓުންނެވެ.

(ށ) މައްސަލައިގައި އަދުލާއި އިންސާފު ދެމެހެއްޓުމަށްޓަކައި، މި ގާނޫނުގެ ދަށުން ބަދަލު ނަގައިދެވިދާނެކަމަށް ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ބަދަލު ނަގައިދިނުމުގައި، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް ކޯޓަށް ކަނޑައެޅިދާނެއެވެ.

  1. ބަދަލު ހޯދުމަށް އެދި ހުށަހަޅާފައިވާ ހުރިހާ ކަންކަމަށް ބަދަލު ނަގައިދިނުން.
  2. ބަދަލު ހޯދުމަށް އެދި ހުށަހަޅާފައިވާ ކަންކަމުގެ ތެރެއިން ކޯޓުން ކަނޑައަޅާ ބައެއް ކަންކަމަށް ބަދަލު ނަގައިދިނުން.
  3. ކުރިން ބަދަލު ނަގައިދީފައިވާ މައްސަލައެއްގައި ދިމާވެފައިވާ ހާލަތާ އެއްގޮތް ހާލަތެއް ހިމެނޭ މައްސަލައެއްނަމަ، ކުރިން ދިމާވި ހާލަތުގައި ނަގައިދިން ބަދަލާ އެއްގޮތް ބަދަލެއް ނަގައިދިނުން.

 

ހަތްވަނަ ބާބު

ބައެއް އާންމު އުސޫލުތައް

 

58 ވަނަ މާއްދާ - ށަރީއަތުގެ މަޖިލިސް ސިއްރުކުރުން

(ހ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ކުށުގެ ތެރެއިން، އެ ކުށުގެ ރުކުނުގައި ރުހުމާ ނުލާ ޖިންސީ އަމަލެއް ހިންގުން ހިމެނޭ ކުށާގުޅޭ ށަރީއަތުގެ މަޖިލިސް ހިންގާނީ، އާންމުކޮށް ހުޅުވިގެންވާ މަޖިލީހެއްގެ ގޮތުގައެއް ނޫނެވެ. އަދި، އެފަދަ ށަރީއަތުގެ މަޖިލިސްތައް ބާއްވަންވާނީ، ކުށުގެ ށިކާރައަށްވީ ފަރާތަކީ ކާކުކަން ހާމަނުވާނެ ފަދައިން ސިއްރު މަޖިލީހެއްގެ ގޮތުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސިއްރު ށަރީއަތުގެ މަޖިލީހަކަށް ވަދެވޭނެ ފަރާތްތައް ކަނޑައަޅާނީ، އެ މައްސަލައެއް އޮތް ކޯޓުން ދުރާލާ އާންމުކޮށް ށާއިއުކޮށްފައިވާ ގަވާއިދެއްގައެވެ.

 

59 ވަނަ މާއްދާ - ޖިންސީ ކުށުގެ ށިކާރައަކަށްވާ މީހާގެ ތަފްސީލު ހާމަނުކުރުން

(ހ) ރޭޕްކުރުމުގެ ކުށުގެ ނުވަތަ ޖިންސީ އަނިޔާގެ ކުށުގެ ނުވަތަ ޖިންސީ ގޯނާގެ ކުށުގެ ތަހްގީގެއްގެ ނުވަތަ ށަރީއަތެއްގެ ވާހަކަ މީޑިއާގެ އެއްވެސް ވަސީލަތެއްގައި ބަޔާންކުރުމުގައި ނުވަތަ ށާއިއުކުރުމުގައި، އެ ކުށުގެ ށިކާރައަށްވީ މީހަކީ ކާކުކަން ދެނެގަނެވިދާނެ އެއްވެސް މައުލޫމާތެއް، މީޑިއާގެ އެއްވެސް ވަސީލަތެއްގައި ހާމަކުރުމަކީ، މި ގާނޫނު ހުއްދަކުރާ ކަމެއް ނޫނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލާ ހިލާފަށް އަމަލުކުރާ ފަރާތެއްގެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ބާރު ވަޒީރަށް ލިބިގެންވެއެވެ. އަދި އެފަދަ ކަމެއް ކުރިކަމަށް ސާބިތުވާހިނދު،  އެފަރާތެއް 10،000(ދިހަހާސް) ރުފިޔާއާއި 15،000 (ފަނަރަހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު، ކޯޓަށް ލިބިގެންވެއެވެ.

 

60 ވަނަ މާއްދާ - ރައްކާތެރިކަމުގެ އަމުރު

މި ގާނޫނުގައި ކުށެއް ކަމުގައި ކަނޑައަޅާފައިވާ ކުށެއްގެ ތުހުމަތުގައި ހިނގާ ތަހްގީގެއް ހިންގެނީ ނުވަތަ ށަރީއަތެއް ކުރެވެނީ އެ ކުށުގެ ތުހުމަތުކުރެވޭ މީހާ ބަންދުގައި ބަހައްޓައިގެން ނޫން ގޮތެއްގައި ކަމުގައިވާނަމަ، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށާގުޅޭ ށަރީއަތް ނިމުމާހަމައަށް، ކުށުގެ ށިކާރައަށްވީ މީހާއާ ގުޅޭގޮތުން، އަންނަނިވި ކަންކަން ނުވަތަ އޭގެތެރެއިން ވަކި ކަމެއް ނުވަތަ ވަކި ކަންތައްތަކެއް ނުކުރުމަށް އޭނާގެ މައްޗަށް ކޯޓަށް އަމުރުކުރެވިދާނެއެވެ.

(ހ) ކުށުގެ ށިކާރައަށްވީ މީހާ، ދިރިއުޅޭ ގެއަށް ނުވަތަ މަސައްކަތްކުރާ ތަނަށް ނުވަތަ ވަޒީފާ އަދާކުރާ ތަނަށް ނުވަތަ ކިޔަވައިދޭ ތަނަށް ނުވަތަ ކިޔަވަންދާ ތަނަށް ނުވަތަ އެނޫންވެސް އޭނާ އާންމުކޮށް ޒިޔާރަތްކުރާ ތަނަށް، ވަދެނުކުތުމަށް ހުރަސްއެޅުން؛ ނުވަތަ

(ށ) ކުށުގެ ށިކާރައަށްވީ މީހާ ފަހަތުން ހިނގުމާއި އޭނާ ދާ ތަންތަނަށް ދިއުމާއި އޭނާ ހުއްޓުވުމާއި އޭނާއަށް ގޯނާކުރުމާއި އޭނާއަށް ވަށްބަހުން ހަމަލާ ދިނުން؛ ނުވަތަ

(ނ) ކުށުގެ ށިކާރައަށްވީ މީހާ ކަނޑައެޅިގެން ސާފުބަހުން އޭނާގެ ރުހުން ދީގެން މެނުވީ، އޭނާ ދިރިއުޅޭ ގެއަކަށް ނުވަތަ އޭނާ ހުރި ތަނަކަށް، ވަނުން ނުވަތަ އެ ތަނެއްގައި އުޅުން؛ ނުވަތަ

(ރ) ފޯނު މެދުވެރިކޮށް ނުވަތަ ސިޓީ މެދުވެރިކޮށް ނުވަތަ އީމެއިލް މެދުވެރިކޮށް ނުވަތަ އެސް.އެމް.އެސް މެދުވެރިކޮށް ނުވަތަ އެނޫންވެސް ގޮތަކުން ކުށުގެ ށިކާރައަށްވީ މީހާއާ އެއްވެސް މުއާމަލާތެއް ކުރުން؛ ނުވަތަ

(ބ) ކުށުގެ ށިކާރައަށްވީ މީހާއަށް، ޖިސްމާނީގޮތުން ނުވަތަ ޖިންސީގޮތުން އެއްވެސް އަނިޔާއެއް ކުރުން؛ ނުވަތަ

(ޅ) ކުށުގެ ށިކާރައަށްވީ މީހާއަށް ޖިންސީގޮތުން ނުވަތަ ޖިސްމާނީގޮތުން އެއްވެސް އަނިޔާއެއް ކޮށްފާނެކަމުގެ ބިރުދެއްކުން؛ ނުވަތަ

(ކ) ކުށުގެ ށިކާރައަށްވީ މީހާގެ އެއްވެސް މުދަލަކަށް ގެއްލުމެއް ދިނުން، ނުވަތަ އެފަދަ ގެއްލުމެއް ދީފާނެކަމުގެ ބިރުދެއްކުން؛ ނުވަތަ

(އ) ކުށުގެ ށިކާރައަށްވީ މީހާ ބިރުގެންނެވުމުގެ ގޮތުން، ނުވަތަ އޭނާ ލަދުގެންނެވުމުގެ ގޮތުން ނުވަތަ އޭނާއަށް ނަފްސާނީގޮތުން އަނިޔާ ކުރުމުގެ ގޮތުން އެއްވެސް އަމަލެއް ކުރުން ނުވަތަ އެފަދަ އަމަލެއް ކޮށްފާނެކަމުގެ ބިރުދެއްކުން؛ ނުވަތަ

(ވ) ކުށުގެ ތުހުމަތުކުރެވޭ މީހާ ނުކުރުމަށް އަންގާ އެއްވެސް ކަމެއް އެހެން މީހަކު މެދުވެރިކޮށް ނަމަވެސް، އެ އަމުރު ނިސްބަތްވާ ފަރާތުން ކުރުވުން.

 

61 ވަނަ މާއްދާ - ގާނޫނު މުރާޖައާކުރުން

(ހ) މި ގާނޫނަކީ މި ގާނޫނަށް އަމަލުކުރާ ތާރީހުން ފެށިގެން ކޮންމެ 5 (ފަހެއް) އަހަރަކުން އެއްފަހަރު، ވަޒީރު މުރާޖައާ ކުރަންޖެހޭނެ ގާނޫނެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ގޮތުގެމަތިން މި ގާނޫނު މުރާޖައާ ކުރުމަށްފަހު މި ގާނޫނަށް ގެންނަންޖެހޭ އިސްލާހެއްވާނަމަ، އެ އިސްލާހެއް ގެނައުމަށްޓަކައި ކަމާބެހޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަކީ، ސަރުކާރުގެ ޒިންމާއެކެވެ.

 

62 ވަނަ މާއްދާ - ކުށުން ބަރީއަވެގެންވުން

މި ގާނޫނުގައި ބަޔާންކޮށްފައިވާ ކަމެއް އެ ބަޔާންކޮށްފައިވާ ގޮތަށް، ނުރަނގަޅު ނިޔަތެއްނެތި، މި ގާނޫނު ތަންފީޒުކުރުމުގެ ނިޔަތުގައި، އަދި ވަކި މީހަކަށް ގެއްލުމެއް ދިނުމުގެ ނިޔަތެއްނެތި ކޮށްފި މީހަކަށް އެމީހަކު ކުރި އަމަލަކުން ނުވަތަ ނުކޮށް ދޫކޮށްލި ކަމަކުން އެއްވެސް މަދަނީ ނުވަތަ ޖިނާއީ ޒިންމާއެއް އުފުލާކަށް ނުޖެހޭނެއެވެ.

 

63 ވަނަ މާއްދާ - 16 (ސޯޅަ) އަހަރާއި 18 (އަށާރަ) އަހަރާ ދެމެދުގެ ކުދިންގެ އަދަބު

މި ގާނޫނުގައި ބަޔާންކޮށްފައިވާ ރޭޕްގެ ކުށް ނުވަތަ ޖިންސީ އަނިޔާގެ ކުށް ނުވަތަ ޖިންސީ ގޯނާގެ ކުށް ނުވަތަ ޖިންސީ އަމަލުގެ ކުށް އުމުރުން 16 (ސޯޅަ) އަހަރާއި 18 (އަށާރަ) އަހަރާ ދެމެދުގެ ކުއްޖަކު ކޮށްފިނަމަ އެކުއްޖަކަށް ދެވޭނީ އެ ކުށަކަށް ކަނޑައެޅިފައިވާ އަދަބުގެ ތިންބައިކުޅަ ދެބައެވެ. އަދި 18 (އަށާރަ) އަހަރު ފުރިފައިވާ އަދި 18 (އަށާރަ) އަހަރުން މަތީގެ މީހަކު މި ގާނޫނުގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފިނަމަ، އެމީހަކަށް ދެވޭނީ މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ އެ ކުށަކަށް ކަނޑައަޅާފައިވާ ފުރިހަމަ އަދަބެވެ.

 

64 ވަނަ މާއްދާ - ކައުންސެލިންގ ދިނުން

މި ގާނޫނުގައި ބަޔާންކޮށްފައިވާ ކުށެއްގެ ށިކާރައަށްވީ މީހާއަށް، ނަފްސާނީގޮތުން ދިމާވެދާނެ އުނދަގުލެއް ލުއިކޮށްދިނުމަށާއި، ޒިންމާދާރު ރައްޔިތެއްގެ ގޮތުގައި ދިރިއުޅުމުގައި ބޭނުންވާ ކައުންސެލިންގ ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީގެ ހަރަދުގައި، އެ އޮތޯރިޓީން އިންތިޒާމްކުރާ އުސޫލެއްގެމަތިން، އެ އޮތޯރިޓީން ކަނޑައަޅާ ތަނެއް ނުވަތަ ބަޔަކު މެދުވެރިވެގެން ހަމަޖައްސައިދޭންވާނެއެވެ.

 

65 ވަނަ މާއްދާ - ހަރަދު ހަމަޖައްސައިދިނުން

މި ގާނޫނުގައި ބަޔާންކޮށްފައިވާ ކުށެއްގެ ށިކާރައަށްވީ މީހާ ބެލެހެއްޓުމުގައި، އޭނާގެ މައިންބަފައިންނަށް ނުވަތަ ބެލެނިވެރިޔަކަށް އެހިނދުން އެހިނދަށް މާލީ އެހީތެރިކަން ބޭނުންވެއްޖެ ހިނދެއްގައި، އެ އެހީތެރިކަން ސަރުކާރުން ކަނޑައަޅާ އުސޫލުތަކެއްގެމަތިން، ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީން ފޯރުކޮށްދޭންވާނެއެވެ.

 

66 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން

(ހ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކުގެ ތެރެއިން ކަމާގުޅޭ ކޯޓަކުން ހަދައި ހިންގަންޖެހޭ ގަވާއިދެއް ފިޔަވައި، އެނޫން ގަވާއިދުތައް ހަދައި ހިންގާނީ، ވަޒީރެވެ.

(ށ) މި ގާނޫނުގެ ދަށުން ކަމާގުޅޭ ކޯޓަކުން ހަދައި ހިންގަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ އެ ކޯޓަކުންނެވެ.

(ނ) މި މާއްދާގެ ދަށުން ހަދައި ހިންގަންޖެހޭ ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ހަދައި، އާންމުކޮށް އިއުލާނުކުރަންވާނެއެވެ.

 

67 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރުން

މި ގާނޫނަށް އަމަލުކުރަން ފަށާނީ މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާތާ 6 (ހައެއް) މަސްދުވަސް ހަމަވާ ދުވަހުން ފެށިގެންނެވެ.

 

68 ވަނަ މާއްދާ – އުވާލުން

މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު މި ގާނޫނުގައި ބަޔާންވެގެންވާ ކުށަކާ ގުޅޭގޮތުން އޮތް އެހެން ގާނޫނެއް ނުވަތަ ގަވާއިދެއްގެ ބަދަލުގައި، އެ ކުށަކާ ގުޅޭގޮތުން ހިނގާނީ، މި ގާނޫނުގައި ބަޔާންވެގެންވާ އުސޫލުތަކެވެ.

 

69 ވަނަ މާއްދާ – މާނަކުރުން

މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފްޒުތަކަށް ދީފައިވަނީ، އެ އިބާރާތްތަކާއި ލަފްޒުތަކާ ގުޅިގެން، ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ހަށިވިއްކުން" ކަމަށް ބުނެފައި އެވަނީ، ފައިސާ ނުވަތަ ފައިސާއިން އަގުކުރެވިދާނެ އެއްޗެއް ނުވަތަ ކަމެއްގެ ބަދަލުގައި ޖިންސީ އަމަލެއް ތިމާ ހިންގުމަށް ތިމާ އަމިއްލައަށް ހުށަހެޅުމުގެ އަމަލަށެވެ. ނުވަތަ އެފަދަ ކަމެއް ކުރުމުގެ އަމަލަށެވެ.

(ށ) "ނާސިގެ" ކަމަށް ބުނެފައި އެވަނީ، އިމާރާތެއް ކަމަށް ވީނަމަވެސް ނުވަތަ އެނޫން ތަނެއް ކަމަށް ވީނަމަވެސް، ހަށިވިއްކުމުގެ ވިޔަފާރިކުރުމަށް ތައްޔާރުކުރާ ނުވަތަ ބޭނުންކުރާ ކޮންމެ ތަނަކަށެވެ.

(ނ) "ބްލެކްމެއިލް ކުރުން" ކަމަށް ބުނެފައި އެވަނީ، ވަކި ކަމެއް، މީހެއްގެ ނުރުހުމުގައި ކުރުމަށް އޭނާއަށް އަންގައި، އެކަން އޭނާ ނުކޮށްފިނަމަ، އޭނާއަށް ގެއްލުމެއް ނުވަތަ އަނިޔާއެއް ނުވަތަ ނިކަމެތިކަމެއް ލިބޭނެ ޒާތުގެ އަމަލެއް ހިންގާނެކަމުގެ ބިރު ދެއްކުމަށެވެ. ނުވަތަ މީހަކު ކުރި ކުށެއް އަންގަންވާ ފަރާތަށް ނާންގައި، އެކަމުގެ މައުލޫމާތު ބޭނުންކޮށްގެން އޭނާގެ ކިބައިން އޭނާގެ ނުރުހުމުގައި މަންފާކުރުމަށް ނުވަތަ މަންފާ ހޯދަމުން ދިއުމަށެވެ.

(ރ) "އަނިޔާ" ކަމަށް ބުނެފައި އެވަނީ، ޖިސްމާނީގޮތުން ނުވަތަ މާއްދީގޮތުން ނުވަތަ މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ގެއްލުމެއް ނުވަތަ ހާނިއްކައެއް ދިނުމަށެވެ. ނުވަތަ ނަފްސާނީ ދުޅަހެޔޮކަމަށް އުނިކަމެއް ދިނުމަށެވެ.

(ބ) "ވަޒީރު" ކަމަށް ބުނެފައި އެވަނީ، އަންހެނުންގެ ދައުރާއި އާއިލާގެ ގުޅުންތައް ގައުމީ ފެންވަރުގައި އިސްލާހުކޮށް ރައްކާތެރިކޮށްދީ ތަންފީޒުކޮށްދިނުމުގެ މަސްއޫލިއްޔަތު ހަވާލުވެގެންވާ ވަޒީރަށެވެ.

(ޅ) "ވުޒާރާ" ކަމަށް ބުނެފައި އެވަނީ، އަންހެނުންގެ ދައުރާއި އާއިލާގެ ގުޅުންތައް ގައުމީ ފެންވަރުގައި އިސްލާހުކޮށް ރައްކާތެރިކޮށްދީ ތަންފީޒުކޮށްދިނުމުގެ މަސްއޫލިއްޔަތު ހަވާލުވެގެންވާ ވަޒީރު އެންމެ އިސްވެރިޔަކަށް ހުންނަ ވުޒާރާއަށެވެ.

(ކ) "މީހަކު" ކަމަށް ބުނެފައި އެވަނީ، އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް، މި ގާނޫނުގެ ބޭނުމަށްޓަކައި، އުމުރުން 16 (ސޯޅަ) އަހަރާއި 18 (އަށާރަ) އަހަރާ ދެމެދުގެ ފިރިހެންކުދިންނާއި އަންހެންކުދިން ހިމެނޭ ގޮތުންނެވެ. އަދި އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ، އަދި 18 (އަށާރަ) އަހަރުން މަތީގެ ކޮންމެ ފިރިހެނަކާއި އަންހެނެއްވެސް ހިމެނޭގޮތުންނެވެ. އަދި ދިވެހި ރައްޔިތުންނާއި ދިވެހިރާއްޖޭގައިވާ ބިދޭސީން ހިމެނޭ ގޮތުންނެވެ.

(އ) "ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، އާއިލާގެ ގުޅުންތައް ގައުމީ ފެންވަރުގައި އިސްލާހުކޮށް ރައްކާތެރިކޮށްދީ ތަންފީޒުކޮށްދިނުމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ވަޒީރު ނުވަތަ ވުޒާރާގެ ބެލުމުގެ ދަށުން ހިނގާ ގައުމީ އިދާރާއަށެވެ.

(ވ) "ދަފްތަރު" ކަމަށް ބުނެފައި އެވަނީ، ޖިންސީ ކުށް ކުރާ މީހުންގެ ދަފްތަރަށެވެ.

(މ) "ސިކުނޑީގެ އުނިކަން" ކަމަށް ބުނެފައި އެވަނީ، ބުއްދި ގޯސްވެފައިވުމުގެ ސަބަބުން ނުވަތަ ސިކުނޑީގެ ދުޅަހެޔޮކަމަށް ލިބިފައިވާ އުނިކަމެއްގެ ސަބަބުން ކަންކަން ވިސްނުމަށާއި ކަންކަން ދެނެގަތުމަށާއި ކަންކަން ހަނދާންކުރުމަށް ދިމާވާ ހުރަސްތަކެއްގެ ސަބަބުން މީހާގެ ހެޔޮވިސްނުމަށް އަސަރުކުރާ ހަމަ ކޮންމެ ކަމަކަށެވެ. ނުވަތަ ހާލަތަކަށެވެ.

(ފ) "ޒިނޭކުރުން" ކަމަށް ބުނެފައި އެވަނީ، ދެމަފިރިން ކަމުގައި ނުވާ ދެމީހުންގެ މެދުގައި، ފިރިހެނަކު އޭނާގެ ކުރިމަތިފަރާތް އަންހެނެއްގެ ކުރިމަތިފަރާތަށް ކިތަންމެ ކުޑަ މިންވަރަކަށް ނަމަވެސް ވެއްދުމަށެވެ.

(ދ) "ޖަނަވާރު" ކަމަށް ބުނެފައި އެވަނީ، އިންސާނުން ފިޔަވައި، އެއްގަމުގައި އުޅޭ ނުވަތަ ކަނޑުގައި އުޅޭ ފުރާނަލެއްވި ކޮންމެ މަހްލޫގެއްމެ ހިމެނޭ ގޮތުންނެވެ.

(ތ) "ޖިންސީ ކުށް ކުރާ މީހުން" ކަމަށް ބުނެފައި އެވަނީ، ޖިންސީ ކުށް ކުރާ މީހުންގެ ދަފްތަރުގައި ނަން ހިމެނުން ލާޒިމުކުރާ ކޮންމެ މީހަކަށެވެ.

(ލ) "ޖިންސީ ގުނަވަނެއް" ކަމަށް ބުނެފައި އެވަނީ، ފިރިހެނެއްގެނަމަ އޭނާގެ ކުރިމަތި ފަރާތަށެވެ. އަންހެނެއްގެނަމަ އޭނާގެ ކުރިމަތި ފަރާތަށާއި މޭމައްޗަށެވެ. މީގެއިތުރުން، މި ގާނޫނުގައި ބަޔާންވެގެންވާ ރޭޕްގެ ކުށުގެ އަމަލުގެ މަހައްލުގައި، ނުވަތަ ޖިންސީ ގޯނާގެ ކުށުގެ އަމަލުގެ މަހައްލުގައި، ނުވަތަ ޖިންސީ އަނިޔާގެ ކުށުގެ އަމަލުގެ މަހައްލުގައި، ފިރިހެނެއްގެ ނުވަތަ އަންހެނެއްގެ ފުރަގަސްފަރާތްވެސް ޖިންސީ ގުނަވަނެއްގެ މާނައިގައި ހިމެނިގެންވެއެވެ.

(ގ) "ޖިންސީ ގުނަވަން ނޫން ގުނަވަނެއް" ކަމަށް ބުނެފައި އެވަނީ، މީހެއްގެ ފުރަގަސްފަރާތަށް ނުވަތަ އަނގައަށެވެ.

(ޏ) ''ނުރައްކާތެރި ހަތިޔާރު'' ކަމަށް ބުނެފައި އެވަނީ، އެ އެއްޗަކީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްފިނަމަ، މީހެއްގެ މުދަލަކަށް ގެއްލުން ލިބިދާނެ ނުވަތަ ފުރާނައަށް ނުވަތަ ހަށިގަނޑަށް ނުރައްކާތެރި ހާނީއްކައެއް ވެދާފަދަ ތަކެއްޗާއި، ގޮވާ އެއްޗެއްސާއި، އަލިފާން ރޯވެދާފަދަ ތަކެއްޗާއި، ހަތިޔާރުގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއްސާއި އެނޫންވެސް އެއްޗެހި ހިމެނޭ ގޮތުންނެވެ.

  1. އެއްވެސް ބާވަތެއްގެ ވަޅިއެއް؛
  2. ކަނޑިޔާއި ހަންޖަރު؛
  3. ރޭޒަރު ތިލައާއި ކަޓަރާއި ކަޓަރު ތިލަ؛
  4. ކަތިވަޅިއާއި ފުރޯއާއި ކޯރާޑި މުޅޯ؛
  5. ތޫނުކޮށްފައި ނުވަތަ ފޭއްސާފައި ހުންނަ ދަގަނޑާއި ދަނޑިއާއި ލަކުޑިއާއި އެނޫންވެސް އެފަދަ އެއްޗެހި؛
  6. މީހުންނަށް އަނިޔާދެވިދާފަދަ މިނޫންވެސް ތޫނު އެއްޗެއް.

(ސ) ''އޮރިޔާންކާޑު'' ކަމަށް ބުނެފައި އެވަނީ، ޖިންސީ ގުނަވަން ނުވަތަ ގުނަވަންތަކުގެ މަންޒަރު ދައްކައިދޭ ފޮޓޯއާއި ފިލްމާއި، ޖިންސީ ގުޅުން ސިފަކޮށްދޭ އަޑާއި، ވާހަކައާއި، ޖިންސީ ގުޅުން ހިންގާ މަންޒަރު ދައްކުވައިދޭ ފިލްމާއި، ފޮޓޯއާއި މިފަދަ މަންޒަރާއި، އަޑާއި، ވާހަކަ ރެކޯޑުކޮށްފައި ހުންނަ ސީޑީއާއި ޑިސްކެޓް، ޓޭޕް ފަދަ ތަކެއްޗާއި، ޖިންސީ ގުޅުން ހިންގުމަށްޓަކައި ޖިންސީ ގުނަވަން ސިފަކޮށްދޭ ގޮތަށް ހަދާފައިވާ ތަކެތި ހިމެނޭ ގޮތުންނެވެ. ގާނޫނާއި ގަވާއިދު ހުއްދަކުރާ އިލްމީ ފޮތްތަކާއި ކިޔަވައިދިނުމަށް ހުއްދަކުރާ ފޮތްތަކާއި މެޓީރިއަލްތައް މީގެ މާނައިގެ ތެރޭގައި ނުހިމެނެއެވެ.

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގާނޫނު

ޖިންސީ ކުށުގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2014-17)

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދާއި އުސޫލު

    1. ޖިންސީ ކުށުގެ މައްސަލަތަކާގުޅޭ ށަރީއަތްކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2022-187)
    2. ޖިންސީ ކުށުގެ ށިކާރައަކަށްވާ މީހުންގެ ތެރެއިން ނަފްސާނީ އެހީތެރިކަމަށް ބޭނުންވާ މީހުންނަށް ގާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ގާނޫނު) ގެ ދަށުން މާލީ އެހީތެރިކަން ދިނުމުގައި ބަލާނެ މިންގަނޑުގެ އުސޫލު (އުސޫލު ނަންބަރު 2017-02-08
    3. ޖިންސީ ކުށްކުރާ މީހުންގެ ދަފުތަރުގެ ގަވާއިދު (ގަވާއިދު ނަންބަރު 1011/2019

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު