-

ޖިންސީ ކުށުގެ ށިކާރައަކަށްވާ މީހުންގެ ތެރެއިން ނަފްސާނީ އެހީތެރިކަމަށް ބޭނުންވާ މީހުންނަށް  ގާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ގާނޫނު) ގެ ދަށުން މާލީ އެހީތެރިކަން ދިނުމުގައި ބަލާނެ މިންގަނޑުގެ އުސޫލު

(އުސޫލު ނަންބަރު 2017-02-08)

1 ވަނަ މާއްދާ - ތައާރުފާއި ނަން 

(ހ) މި އުސޫލަކީ، ގާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ގާނޫނު) ގެ 64 ވަނަ މާއްދާ ގައި 'މި ގާނޫނުގައި ބަޔާންކޮށްފައިވާ ކުށެއްގެ ށިކާރައަށްވީ މީހާއަށް، ނަފްސާނީގޮތުން ދިމާވެދާނެ އުނދަގުލެއް ލުއިކޮށްދިނުމަށާއި، ޒިންމާދާރު ރައްޔިތެއްގެ ގޮތުގައި ދިރިއުޅުމުގައި ބޭނުންވާ ކައުންސެލިންގ ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީގެ ހަރަދުގައި، އެ އޮތޯރިޓީން އިންތިޒާމުކުރާ އުސޫލެއްގެމަތިން، އެ އޮތޯރިޓީން ކަނޑައަޅާ ތަނެއް ނުވަތަ ބަޔަކު މެދުވެރިވެގެން ހަމަޖައްސައިދޭންވާނެ' ކަމަށް ބަޔާންކޮށްފައިވާތީ، ޖިންސީ ކުށުގެ ށިކާރައަކަށްވާ މީހުންނަށް ބޭނުންވާ ނަފްސާނީ އެހީ ހޯދުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ބަލާނެ ހަމަތަކާއި މިންގަނޑުތައް ބަޔާންކޮށް އެކުލަވައިލެވިފައިވާ އުސޫލެވެ.  

(ށ)  މި އުސޫލަކީ، ގާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ގާނޫނު) ގެ 64 ވަނަ މާއްދާގެ  ދަށުން އެކުލަވައިލާފައިވާ އުސޫލެކެވެ.  

(ނ)  މި އުސޫލަށް ކިޔާނީ، "ޖިންސީ ކުށުގެ ށިކާރައަކަށްވާ މީހުންގެ ތެރެއިން ނަފްސާނީ އެހީތެރިކަމަށް ބޭނުންވާ މީހުންނަށް ގާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ގާނޫނު) ގެ ދަށުން މާލީ އެހީތެރިކަން ދިނުމުގައި ބަލާނެ މިންގަނޑުގެ އުސޫލު" އެވެ. 

 

2 ވަނަ މާއްދާ - މާލީ އެހީތެރިކަން ދިނުމުގައި ބަލާނެ ކަންކަން 

މި އުސޫލުގެ ދަށުން ނަފްސާނީ އެހީ ހޯދުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ތިރީގައިވާ ކަންކަމުގެ މައްޗަށް ބެލޭނެއެވެ.

(ހ) ޖިންސީ ކުށެއްގެ ށިކާރައަކަށް ވީ މީހާއަށް ލިބިފައިވާ އަނިޔާތަކުގެ ކުޑަބޮޑުމިން. 

(ށ) ޖިންސީ ކުށުގެ ށިކާރައަކަށްވީ މީހާ މިހާރު ހުރި ހާލަތު ވަޒަންކުރުން. 

(ނ) ޖިންސީ ކުށުގެ ށިކާރައަކަށްވީ މީހާގެ މާލީ ހާލަތު

 

3 ވަނަ މާއްދާ - މާލީ އެހީތެރިކަން ހޯދުމަށް ހުށަހެޅޭނެ ފަރާތްތައް 

(ހ) މި އުސޫލުގެ ދަށުން ނަފްސާނީ އެހީ ހޯދުމަށް މާލީ އެހީތެރިކަން ފޯރުކޮށްދެވޭނީ ގާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ގާނޫނު) ގެ 47 ވަނަ މާއްދާގެ (ހ) ގައި ހަވާލާދީފައިވާ ކުށްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ކުށެއްގެ ށިކާރައަކަށްވާ މީހުންނަށެވެ.

  1. ރޭޕްކުރުމުގެ ކުށް
  2. ރޭޕްކުރަން އުޅުމުގެ ކުށް
  3. ޖިންސީ އަނިޔާގެ ކުށް
  4. ޖިންސީ އަނިޔާކުރަން އުޅުމުގެ ކުށް
  5. ޖިންސީ ގޯނާގެ ކުށް
  6. މަހްރަމަކާއެކު ޖިންސީ އަމަލު ހިންގުމުގެ ކުށް
  7. އެއްޖިންސުން ޖިންސީ އަމަލު ހިންގުމުގެ ކުށް
  8. ނކުޅެދުންތެރިކަމެއް ހުރި މީހަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށް
  9. ހަށިވިއްކުމުގެ ކުށް
  10. ހަށިވިއްކުމަށް މީހަކު ގެންގުޅުމުގެ ކުށް
  11. ހަށިވިއްކުމަށް ރާއްޖެ ގެނައުމާއި، ގެންދިއުމުގެ ކުށް
  12. ބްލެކްމެއިލްކުރުމުގެ ކުށް
  13. ޖިންސީ އަމަލެއް ހިންގުމަށްޓަކައި މަސްތުކުރުވުމުގެ ކުށް
  14. ވެރިވެގަތުމުގެ ކުށް
  15. ވެށިން ނިގުޅައިގަތުމުގެ ކުށް
  16. އޮރިޔާންކާޑު ހެދުމުގެ ކުށް
  17. މަޖުބޫރުން އޮރިޔާންކާޑު ހެއްދުވުމުގެ ކުށް 

(ށ) މާލީ އެހީތެރިކަމަށް އެދި ހުށަހެޭޅނީ ޖިންސީ ކުށުގެ ށިކާރައަކަށް ވެފައިވާ ފަރާތަށް ނުވަތަ އެފަރާތެއްގެ މައިންބަފައިންނަށް ނުވަތަ ބެލެނިވެރިއަކަށެވެ. 

 

4 ވަނަ މާއްދާ - މާލީ އެހީތެރިކަން ފޯރުކޮށްދޭނެ މުއްދަތު 

މި އުސޫލުގެ ދަށުން ނަފްސާނީ އެހީ ހޯދުމަށްޓަކައި މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ 6 (ހައެއް) މަސްދުވަހެވެ. 

 

5 ވަނަ މާއްދާ - އެހެނިހެން ކަންކަން

(ހ) މި އުސޫލުގެ ދަށުން ނަފްސާނީ އެހީ ހޯދުމަށްޓަކައި މާލީ އެހީތެރިކަން ފޯރުކޮށްދެވޭނީ، މި އުސޫލުގެ ޖަދުވަލު 1 ގައި ހިމަނާފައިވާ، 'ގާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ގާނޫނު) ގެ ދަށުން ޖިންސީ ކުށުގެ ށިކާރައަކަށްވާ މީހުންގެ ތެރެއިން ނަފްސާނީ އެހީތެރިކަމަށް ބޭނުންވާ މީހުންނަށް މާލީ އެހީތެރިކަންދިނުމަށް ޕޮއިންޓު ދިނުމުގައި ބަލާނެ މިންގަނޑު' ގައި ބަޔާންކުރާ ބައިތަކަށް ޕޮއިންޓު ދީގެން، އ◌ެފަރާތަކަށް ޖުމުލަ 65 (ފަސްދޮޅަސް ފަހެއް) ޕޮއިންޓު ލިބިފައިވާނަމައެވެ. ނުވަތަ އެއަށްވުރެ ގިނަ ޕޮއިންޓު ލިބިފައިވާނަމައެވެ.

(ށ) މި އުސޫލުގެ ދަށުން ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭނީ، ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީން ކަނޑައަޅާ މަރުކަޒަކުންނެވެ. 

(ނ) މި އުސޫލުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ މިންގަނޑުގައިވާ ގޮތަށް ޕޮއިންޓު ދިނުމުގައި، ސިއްހީ ހިދުމަތްދިނުމަށްޓަކައި ސަރުކާރުން ގާއިމުކޮށްފައިވާ މަރުކަޒުތަކުގެ ލިޔެކިޔުންތަކަށާއި، އިޖުތިމާއީ ހިދުމަތްދޭ މަރުކަޒަކުން ހަދާފައިވާ އެސެސްމަންޓު ޓުތަކަށާއި، މާލީ ލިޔެކިޔުންތަކުގެ މައްޗަށް ބެލޭނެއެވެ. 

 

6 ވަނަ މާއްދާ - މި އުސޫލަށް އަމަލުކުރަން ފެށުން 

މި އުސޫލަށް އަމަލުކުރަން ފަށާނީ، މި އުސޫލު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ. 

 

7 ވަނަ މާއްދާ - މި އުސޫލު އެކުލަވައިލައި ހިންގުން

މި އުސޫލު އެކުލަވައިލައި، މި އުސޫލުގައި ހިމަނާފައިވާ މިންގަނޑުތައް ކަނޑައަޅައި، މި އުސޫލު ހިންގާނީ ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީންނެވެ. 

 

8 ވަނަ މާއްދާ - މާނަކުރުން

މި އުސޫލުގެ 3 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ކުށްތައް މާނަކުރާނީ ގާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ގާނޫނު) ގައި އެ ކުށްތައް މާނަކޮށްފައިވާ ގޮތަށެވެ. 

 

ޖަދުވަލު 1 އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި

 

މި އުސޫލަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

މައި ގާނޫނު

ޖިންސީ ކުށުގެ ގާނޫނު (ގާނޫނު ނަންބަރު 17/2014)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު