-

ޖިންސީ ކުށުގެ ގާނޫނު (ގާނޫނު ނަންބަރު 2014-17) އަށް އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު 

(ގާނޫނު ނަންބަރު 2021-25)

ގާނޫނު ނަންބަރު 2014-17 (ޖިންސީ ކުށުގެ ގާނޫނު) އަށް އަންނަނިވި އިސްލާޙުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 6 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާޙުކުރުން.

ރޭޕްކުރުން 6

"ރޭޕްކުރުން" ކަމަށް ބުނެފައި އެވަނީ، ދެމަފިރިން ކަމުގައި ނުވާ ދެމީހުންގެ މެދުގައި، ނުވަތަ ދެމަފިރިންގެ މެދުގައި، މީހެއްގެ ޖިންސީ ގުނަވަނެއް، އެހެން މީހެއްގެ ޖިންސީ ގުނަވަނަކަށް ނުވަތަ ޖިންސީ ގުނަވަން ނޫން ގުނަވަނަކަށް، ކިތަންމެ ކުޑަ މިންވަރަކަށް ނަމަވެސް، އެމީހެއްގެ ރުހުމާ ނުލައި، ވެއްދުމަށެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 7 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާޙުކުރުން.

ޖިންސީ އަނިޔާ 7.

"ޖިންސީ އަނިޔާ" ކަމަށް ބުނެފައި އެވަނީ، ރޭޕްކުރުން ކަމަށް ނުވާގޮތަށް، މީހެއްގެ ރުހުމާ ނުލައި، އޭނާގެ ޖިންސީ ގުނަވަނަކަށް ނުވަތަ ޖިންސީ ގުނަވަން ނޫން ގުނަވަނަކަށް، އެހެން މީހެއްގެ ހަށިގަނޑުގެ އެއްވެސް ބައެއް ވެއްދުމަށެވެ. ނުވަތަ މީހެއްގެ ރުހުމާ ނުލައި، އޭނާގެ ޖިންސީ ގުނަވަނަކަށް ނުވަތަ ޖިންސީ ގުނަވަން ނޫން ގުނަވަނަކަށް، އެހެން މީހަކު އެއްވެސް އެއްޗެއް ވެއްދުމަށެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 8 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާޙުކުރުން.

ޖިންސީ ގޯނާ 8.

"ޖިންސީ ގޯނާ" ކަމަށް ބުނެފައި އެވަނީ، ރޭޕްކުރުމަށް ނުވާގޮތަށް، އަދި ޖިންސީ އަނިޔާއަށް ނުވާގޮތުން، ޖިންސީ ނިޔަތެއް އޮވެގެން، ނުވަތަ ޖިންސީ ނިޔަތެއް އޮވެގެން ނޫން ނަމަވެސް، މީހެއްގެ ރުހުމާ ނުލައި، އޭނާގެ ޖިންސީ ގުނަވަނެއްގައި، މީހަކު، އެއްވެސް އާލާތެއް ނުވަތަ އެއްޗެއް މެދުވެރިކޮށް، ނުވަތަ އެފަދަ އެއްވެސް އާލާތެއް ނުވަތަ އެއްޗެއް މެދުވެރިނުކޮށް އަތްލުމަށެވެ. ނުވަތަ މީހެއްގެ ޖިންސީ ގުނަވަނެއް، އޭނާގެ ރުހުމާ ނުލައި، ހާމަކުރުވުމަށެވެ. ނުވަތަ މީހެއްގެ ޖިންސީ ގުނަވަނަކަށް އޭނާގެ ރުހުމާ ނުލައި، ހާނިއްކައެއް ކުރުމަށެވެ. ނުވަތަ މީހެއްގެ ޖިންސީ ގުނަވަނަކަށް އެނޫންވެސް އިހާނެތި އަމަލެއް އޭނާގެ ރުހުމާ ނުލައި ކުރުމަށެވެ.


4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ތިރީގައި ނަކަލުކޮށްފައިއެވާ 20 ވަނަ މާއްދާ އުނިކުރުން.

ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގެ ކުށް 20.

(ހ) މި ގާނޫނުގެ 14 ވަނަ މާއްދާގައި ބަޔާންވެގެންވާ ރޭޕްކުރުމުގެ ކުށަކީ، ދެމަފިރިންގެ ދެމެދުގައި ކުރެވޭނެ ކުށެއް ކަމުގައި އާންމު އުސޫލުން މި ގާނޫނު ނުބެލި ކަމުގައިވީ ނަމަވެސް، އަންނަނިވި އިސްތިސްނާ ޙާލަތުގައި، އަނބިމީހާގެ ރުހުމާ ނުލާ، އޭނާގެ ފިރިމީހާ އޭނާއާ ޖިމާއުވުމަކީ، އަނބިމީހާ ރޭޕްކުރީ ކަމުގައި ބެލެވޭނެއެވެ.

  1. ދެމީހުންގެ މެދުގައި އޮތް ކާވެނި، ށަރީއަތް މެދުވެރިކޮށް ރޫޅާލުމުގެ ނުވަތަ ތަފްރީގް ކުރުމުގެ މަރުޙަލާއެއް ށަރީއަތުގައި ހިނގަމުންދިޔުމާއި، އެ މައްސަލަ އޮތީ ށަރީއަތުގެ އަޑުއެހުންތައް ނިމި ޙުކުމެއް އިއްވުމާ ހަމައިގައި ކަމުގައިވުން؛ ނުވަތަ 
  2. އަނބިމީހާ ވަރިކުރުމަށް އެދި ފިރިމީހާ، ނުވަތަ ފިރިމީހާގެ ކިބައިން ވަރިވުމަށް އެދި އަނބިމީހާ ހުށަހަޅާފައިވާ މައްސަލައެއް ށަރީއަތުގައި ހިނގަމުންދިޔުމާއި، އެ މައްސަލަ އޮތީ ށަރީއަތުގެ އަޑުއެހުންތައް ނިމި ޙުކުމެއް އިއްވުމާ ހަމައިގައި ކަމުގައިވުން؛ ނުވަތަ 
  3. ގައިންގަޔަށް އަރާ ނުރައްކާތެރި ޖިންސީ ބައްޔެއް ފިރިމީހާ ގައި ހުރިކަން އެނގިހުރެ، އަނބިމީހާއަށް އެ ބަލި ވާސިލުކުރުމުގެ ބޭނުމުގައި، އޭނާއާ ޖިމާއުވުން؛ ނުވަތަ
  4. ދެމަފިރިން ވަރިނުވި ކަމުގައި ވީނަމަވެސް، ދެފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމެއްގެ ދަށުން، މަސްލަހަތައްޓަކައި ވަކިން ދިރިއުޅެމުންދާ ދެމީހުން ކަމުގައިވުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ކުށުގެ ބޭނުމަށްޓަކައި، އަންނަނިވި ޙާލަތްތަކުގައި އަނބިމީހާގެ ރުހުން އޮތްކަމަކަށް ނުބެލެވޭނެއެވެ.

  1. މަރާލާނެކަމުގެ ބިރު ދައްކައިގެން، ނުވަތަ އަނިޔާ ކޮށްގެން، ނުވަތަ އަނިޔާ ކުރާނެކަމުގެ ބިރުދައްކައިގެން، ނުވަތަ އޭނާއާ ތިމާގެކަމުގެ ގޮތުން ނުވަތަ، ކާވެނީގެ ގޮތުން ގުޅުން އޮތް މީހަކު މަރާލާނެކަމުގެ ބިރުދައްކައިގެން ނުވަތަ އެމީހަކަށް އަނިޔާ ކުރާނެކަމުގެ ބިރުދައްކައިގެން ހޯދާފައިވާ ރުހުމަކަށްވުން؛ ނުވަތަ 
  2. ނުރަނގަޅު ޙަގީގަތްތަކެއްގެ މައްޗަށް ބިނާކޮށް އޭނާއަށް ޙަގީގަތް އޮޅުވާލައިގެން ހޯދާފައިވާ ރުހުމަކަށްވުން؛ ނުވަތަ 
  3. އެ ކުރެވެނީ ކޮންކަމެއްކަން އޭނާއަށް އޮޅުވާލައިގެން ހޯދާފައިވާ ރުހުމަކަށްވުން.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ކުށުގެ އަދަބަކީ، އެ ކުށް ކުރީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ކަމުގައިވާނަމަ، އެ ކުށް ކުރި މީހާ 3 (ތިނެއް) އަހަރާއި 5 (ފަހެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. އެ ކުށް ކުރީ އެނޫންގޮތަކަށް ކަމުގައިވާނަމަ، 1 (އެކެއް) އަހަރާއި 3 (ތިނެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ކުށެއް ކާވެންޏެއްގެމަތީގައި ހުރި ފިރިހެނެއްގެ މައްޗަށް ސާބިތުވުމަކީ، އޭގެ ޒާތުގައި ނުވަތަ ހަމައެކަނި އެ ކުށުގެ ސަބަބުން، އެ ދެމީހުންގެ ދެމެދުގައި އެ ހިނދުއޮތް ކާވެނީގެ ގުޅުމަށް ނުވަތަ ށަރުއީ ހައިސިއްޔަތަށް، ނުވަތަ އެ ދެމަފިރިންނަށް ލިބިފައިވާ ދަރިންނަށް ނުވަތަ އެ ދެމަފިރިންނަށް ލިބޭ ދަރިންނަށް ނުވަތަ އެއިން ދަރިއެއްގެ ހައިސިއްޔަތަށް، ނުވަތަ އެ ދެމަފިރިންގެ ދެމެދުގައިވާ މުދަލަށް ނުވަތަ އެއިން މުދަލެއްގެ ހައިސިއްޔަތަށް އެއްވެސް އުނިކަމެއް އަންނާނެ ސަބަބެއް ނުވަތަ ޙާލަތެއް ނޫނެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 50 ވަނަ މާއްދާގެ ފަހަތަށް ފަސްވަނަ ބާބަށް އަންނަނިވި ގޮތަށް މާއްދާތައް އިތުރުކުރުން.

ރޭޕް އެވިޑެންސް ކިޓް ބޭނުންކުރުން ލާޒިމުކުރުން 1-50

(ހ) މި ގާނޫނުގެ 14 ވަނަ މާއްދާއާއި، 15 ވަނަ މާއްދާއާއި، 16 ވަނަ މާއްދާއާއި، 17 ވަނަ މާއްދާއާއި، 18 ވަނަ މާއްދާއާއި، 19 ވަނަ މާއްދާއާއި، 21 ވަނަ މާއްދާގެ (ށ) އާއި، 24 ވަނަ މާއްދާގެ (ށ) އާއި، 28 ވަނަ މާއްދާއާއި، 38 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ ކުށެއް ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލަތަކުގައި ކުށުގެ ށިކާރައަކަށްވީ ފަރާތުގެ ހަށިގަނޑާއި އަންނައުނުން ސާމްޕަލް ނަގައި، އެ ސާމްޕަލްގެ ފޮރެންސިކް ތަޙްލީލު ކުރުމަކީ ލާޒިމުކަމެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށުގެ ށިކާރައަކަށްވީ ފަރާތުގެ ހަށިގަނޑާއި އަންނައުނުން ނަގާ ސާމްޕަލާއި އެ ސާމްޕަލްގެ ފޮރެންސިކް ތަޙްލީލަކީ ކުށުގެ ށިކާރައަކަށްވީ ފަރާތުގެ ރުހުމުގައި، ޖިންސީ ކުށުގެ ފޮރެންސިކް ތަޙްލީލުކުރުމަށް ހާއްސަކުރެވިފައިވާ "ރޭޕް އެވިޑެންސް ކިޓް" ބޭނުންކޮށް ނެގޭ ސާމްޕަލްތަކެއްގެ މައްޗަށް ކުރެވޭ ތަޙްލީލެކެވެ.

(ނ) ޖިންސީ ކުށުގެ ފޮރެންސިކް ތަޙްލީލުކުރުމަށް ހާއްސަކުރެވިފައިވާ "ރޭޕް އެވިޑެންސް ކިޓް" ގައި އެންމެ މަދުވެގެން އަންނަނިވި ސާމްޕަލްތައް ނެގުމަށާއި އެ ސާމްޕަލްތައް ރައްކާކުރުމަށް ބޭނުންވާނޭ އާލާތްތައް ހުންނަންވާނެއެވެ.

  1. އިސްތަށިގަނޑުންނާއި ކުރިމަތިފަރާތާއި ފުރަގަސްފަރާތުގެ ވަށައިގެންވާ ސަރަޙައްދުން ނަގާ އިސްތަށި؛
  2. ލޭ އަދި ކުޑަކަމުދާ ތަކެތި؛
  3. ކުށުގެ ށިކާރައަކަށްވީ ފަރާތުގެ އަންނައުނުން ނަގާ ސާމްޕަލް؛
  4. ނިޔަފައްޗާއި ނިޔަފަތި ދަށުން ނަގާ ސާމްޕަލް؛
  5. ކުރިމަތި ފަރާތާއި ފުރަގަސްފަރާތުން ނަގާ ސާމްޕަލް؛
  6. އަނގައިން ނަގާ ސާމްޕަލް؛ އަދި 
  7. ހަށިގަނޑުގެ ބޭރުން ނަގާ ސާމްޕަލް.

(ރ) މި މާއްދާގެ (ށ) ގެ ދަށުން ކުށުގެ ށިކާރައަކަށްވީ ފަރާތުގެ ހަށިގަނޑާއި އަންނައުނުން ސާމްޕަލް ނެގުމަށާއި، އެ ސާމްޕަލްތަކުގެ ފޮރެންސިކް ތަޙްލީލުކުރުމަށް ކުށުގެ ށިކާރައަކަށްވީ ފަރާތުގެ ރުހުން ހޯދުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތަކާއި، ކުށުގެ ށިކާރައަކަށްވާ ކުޑަކުދިންނާއި ބޮޑެތި މީހުންގެ ސާމްޕަލް ނެގުމަށް ރޭޕް އެވިޑެންސް ކިޓް ބޭނުންކުރާނޭ ގޮތުގެ އުސޫލުތަކާއި، އެފަދަ ސާމްޕަލް ނަގައި އެ މަރުކަޒުގައި ރައްކާތެރިކޮށް ބަހައްޓާނޭ ގޮތުގެ އުސޫލުތައް ބަޔާންކުރާ ގަވާއިދު ދިވެހި ފުލުހުންގެ ހިދުމަތާއި، ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީއާއި، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ މަށްވަރާއާއެކު، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ސިއްޙީ ކަންކަމާ ގުޅޭ މަސްއޫލިއްޔަތާ ޙަވާލުވެގެންވާ ވަޒީރު ހަދައި އާންމުކުރަންވާނެއެވެ.

 

ރޭޕް އެވިޑެންސް ކިޓް ފޯރުކޮށްދިނުން 2-50

(ހ) ސަރުކާރުގެ ސިއްޙީ ހިދުމަތްދޭ މަރުކަޒުތަކަށާއި ހޮސްޕިޓަލުތަކަށް ރޭޕް އެވިޑެންސް ކިޓް ލިބޭނޭ އިންތިޒާމް ސަރުކާރުގެ ފަރާތުން ހަމަޖައްސަންވާނެއެވެ.

(ށ) ސަރުކާރުގެ ސިއްޙީ ހިދުމަތްދޭ ތަނަކުން ރޭޕް އެވިޑެންސް ކިޓް ބޭނުންކޮށްގެން ނަގާ ސާމްޕަލްތައް ނެގުމަށް އެއްވެސް އަގެއް ނަގައިގެން ނުވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރޭޕް އެވިޑެންސް ކިޓް ލިބޭނޭ އިންތިޒާމް މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް)  މަސްދުވަހުގެ ތެރޭގައި ސަރުކާރުން ހަމަޖައްސައި ނިންމަންވާނެއެވެ.

 

ތަމްރީން ލިބިފައިވާ ފަރާތްތަކުން ސާމްޕަލް ނެގުން 3-50

(ހ) ރޭޕް އެވިޑެންސް ކިޓް ބޭނުންކުރާނެ ގޮތުގެ ތަމްރީން ލިބިފައި ހުރި ޑޮކްޓަރެއް ނުވަތަ ނަރުހެއް ނުވަތަ ސިއްޙީ އެހީތެރިއެއް ދިވެހިރާއްޖޭގައި ސަރުކާރުން ހިންގާ ކޮންމެ ސިއްޙީ މަރުކަޒެއްގައާއި ދިވެހިރާއްޖޭގައި ހިންގާ ކޮންމެ ހޮސްޕިޓަލެއްގައި ހުންނަންވާނެއެވެ. އަދި އެފަރާތްތަކަކީ "ވިކްޓިމް ސެންޓަރޑް އަދި ޓްރައުމާ އިންފޯމްޑް" ނަޒަރިއްޔާތުގެ ތަމްރީނުވެސް ލިބިފައިވާ ފަރާތްތަކަކަށްވާންވާނެއެވެ.

(ށ) ރޭޕް އެވިޑެންސް ކިޓް ބޭނުންކޮށްގެން ސާމްޕަލް ނެގުމުގެ މަސައްކަތްކުރަންވާނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތަމްރީން ލިބިފައިވާ ފަރާތްތަކުންނެވެ.

(ނ) މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަސް ހަމަވުމުން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތަމްރީން ލިބިފައިވާ ޑޮކްޓަރެއް ނުވަތަ ނަރުހެއް ނުވަތަ ސިއްޙީ އެހީތެރިއެއް ދިވެހިރާއްޖޭގައި ސަރުކާރުން ހިންގާ ކޮންމެ ސިއްޙީ ޕްރޮޓެކްށަން އޮތޯރިޓީންކަށަވަރުކުރަންވާނެއެވެ. އަދި ކޮންމެ 6 (ހައެއް) މަސްދުވަހުން އެކަން މޮނިޓަރކޮށް ބަލަހައްޓަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ތަމްރީން ލިބިފައިވާ ޑޮކްޓަރެއް ނުވަތަ ނަރުހެއް ނުވަތަ ސިއްޙީ އެހީތެރިއެއް ސަރުކާރުން ހިންގާ ކޮންމެ ސިއްޙީ މަރުކަޒެއްގައާއި ދިވެހިރާއްޖޭގައި ހިންގާ ކޮންމެ ހޮސްޕިޓަލެއްގައި ހުރިތޯ ބަލައި، އަހަރަކު އެއްފަހަރު އެކަމާ ގުޅޭ ރިޕޯޓެއް ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީން އެކުލަވާލަންވާނެއެވެ. އަދި އެ ރިޕޯޓު ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވަންވާނެއެވެ.

 

ތަޙްގީގު އިދާރާއަށް ސާމްޕަލް ގެންދިއުން 4-50

ރޭޕް އެވިޑެންސް ކިޓް ބޭނުންކޮށްގެން ނަގާ ސާމްޕަލްއަކީ މި ގާނޫނުގެ 52 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ހެއްކެއްކަމުން، ރޭޕް އެވިޑެންސް ކިޓް ބޭނުންކޮށްގެން ނަގާ ސާމްޕަލް ނެގި މަރުކަޒަކުން ތަޙްގީގު އިދާރާއަށް އެ ސާމްޕަލް ގެންދިއުމުގައި އަމަލުކުރާނޭ އުސޫލު މި ގާނޫނަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ދިވެހި ފުލުހުންގެ ހިދުމަތުން އެކުލަވާލަންވާނެއެވެ.

 

ރޭޕްގެ ށިކާރައަކަށްވާ ފަރާތް މާބަނޑުވުމުން ރައްކާތެރިކަން ލިބުން 5-50

(ހ) މި ގާނޫނުގެ 14 ވަނަ މާއްދާއާއި، 15 ވަނަ މާއްދާއާއި، 16 ވަނަ މާއްދާއާއި، 17 ވަނަ މާއްދާއާއި، 18 ވަނަ މާއްދާއާއި، 19 ވަނަ މާއްދާއާއި، 21 ވަނަ މާއްދާގެ (ށ) އާއި، 28 ވަނަ މާއްދާއާއި، 38 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ ކުށެއް ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލަތަކުގައި ކުށުގެ ށިކާރައަކަށްވީ ފަރާތް މާބަނޑުވެދާނެކަމަށް ނުވަތަ މާބަނޑުވެފައިވާކަމަށް ސިއްޙީ ހިދުމަތްދޭ ޑޮކްޓަރަކަށް ފާހަގަކުރެވޭ ޙާލަތްތަކުގައި މާބަނޑުވުމުން ރައްކާތެރިކަން ހޯދުމަށް ދޭންޖެހޭ ފަރުވާ، ކުށުގެ ށިކާރައަކަށްވީ ފަރާތުގެ ރުހުމާއެކު އެފަރާތަށް ސިއްޙީ ހިދުމަތް ފޯރުކޮށްދޭ މަރުކަޒުން ފޯރުކޮށްދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަރުވާއަކީ ޑޮކްޓަރެއްގެ ސީދާ ބެލުމުގެ ދަށުން ފޯރުކޮށްދޭ ފަރުވާއަކަށް ވާންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަރުވާ ދިނުމާގުޅޭ އުސޫލުތައް ބަޔާންކުރާ ގަވާއިދު، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، ސިއްޙީ ކަންކަމާގުޅޭ މަސްއޫލިއްޔަތާ ޙަވާލުވެގެންވާ ވަޒީރު ހަދައި އާންމުކުރަންވާނެއެވެ.

 

ޖިންސީ ގުޅުމުން ފެތުރޭ ބަލިތަކަށް ޓެސްޓުކުރުން 6-50

(ހ) މި ގާނޫނުގެ 14 ވަނަ މާއްދާއާއި، 15 ވަނަ މާއްދާއާއި، 16 ވަނަ މާއްދާއާއި، 17 ވަނަ މާއްދާއާއި، 18 ވަނަ މާއްދާއާއި، 19 ވަނަ މާއްދާއާއި، 21 ވަނަ މާއްދާގެ (ށ) އާއި، 24 ވަނަ މާއްދާގެ (ށ) އާއި، 28 ވަނަ މާއްދާއާއި، 38 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ ކުށެއް ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލަތަކުގައި، ޖިންސީ ގުޅުމުން ފެތުރޭ ބަލިތަކަށް ޓެސްޓުކުރުމާގުޅޭ މައުލޫމާތު ކުށުގެ ށިކާރައަކަށްވީ ފަރާތަށް ސިއްޙީ ހިދުމަތްދޭ މަރުކަޒުން ފޯރުކޮށްދޭންވާނެއެވެ. އަދި އެފަދަ ބަލިތަކަށް ޓެސްޓުކުރުމަށް ސިއްޙީ ހިދުމަތްދޭ މަރުކަޒެއްގައި ކުށުގެ ށިކާރައަކަށްވީ ފަރާތުން އެދިއްޖެނަމަ، އެފަދަ ޓެސްޓުތައް ހެދުމުގެ އިންތިޒާމް އެ މަރުކަޒަކުން ހަމަޖައްސައިދޭންވާނެއެވެ.

(ށ) ޖިންސީ ގުޅުމުން ފެތުރޭ ބަލިތަކަށް ޓެސްޓުކުރެވޭނެ އިންތިޒާމް ހަމަޖެހިފައިނެތް މަރުކަޒުތަކުން، އެފަދަ ޓެސްޓުތައް ހެދުމަށް ބޭނުންވާ ސާމްޕަލް ނަގައި، އެފަދަ ޓެސްޓުތައް ހެދުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާ މަރުކަޒަކަށް ކުށުގެ ށިކާރައަކަށްވީ ފަރާތުގެ ސާމްޕަލް ފޮނުވައި ޓެސްޓު ހެދުމުގެ ކަންކަން ކުރިއަށް ގެންދަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ސިއްޙީ ހިދުމަތްދޭ މަރުކަޒުތަކުން ހަދަންޖެހޭ ޓެސްޓުތައް ހެދުމާގުޅޭ އުސޫލުތައް ބަޔާންކުރާ ގަވާއިދު، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، ސިއްޙީ ކަންކަމާގުޅޭ މަސްއޫލިއްޔަތާ ޙަވާލުވެގެންވާ ވަޒީރު ހަދައި އާންމުކުރަންވާނެއެވެ.

 

6 ބުނެވިދިޔަ ގާނޫނުގެ 53 ވަނަ މާއްދާގެ ފެށޭ އިބާރާތް އަންނަނިވި ގޮތަށް އިސްލާޙުކުރުން.

ކުށުގެ ށިކާރައަށްވީ ފަރާތާ ދެކޮޅަށް ބޭނުންކުރެވިދާނެ ހެކި 53.

މި ގާނޫނުގެ 52 ވަނަ މާއްދާ އެހެން އޮތް ކަމުގައި ވީނަމަވެސް، ކަން ހިނގާދިޔަގޮތް ކަމުގައި ބަޔާންކުރާ ގޮތުގައި ހިމެނޭ ނުކުތާތަކުގެ ތެރެއިން އަސާސީ ނުކުތާއަކަށް މިނިވަން ގޮތެއްގައި، ނުވަތަ ހެކިންގެ ހެކިބަހުން ބާރުލިއްބައިނުދޭކަމަށް ކުށުގެ ތުހުމަތުކުރެވޭ ފަރާތުން ސާބިތުކޮށްދިނުމަކީ، ރޭޕްކުރުމުގެ ކުށް ނުވަތަ ޖިންސީ އަނިޔާގެ ކުށް ނުވަތަ ޖިންސީ ގޯނާގެ ކުށާ ގުޅޭގޮތުން ކޮށްފައިވާ ތުހުމަތު ނުވަތަ ދައުވާ ނަފީކުރުމަށްޓަކައި ބޭނުންކުރެވިދާނެ ހެއްކެކެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ތިރީގައި ނަކަލުކޮށްފައިއެވާ 53 ވަނަ މާއްދާގެ (ހ) އުނިކުރުން.

53. (ހ) ކަން ހިނގާދިޔަގޮތް ކަމުގައި ބަޔާންކުރާ ގޮތުގައި ހިމެނޭ ނުކުތާތަކުގެ ތެރެއިން އަސާސީ ނުކުތާއަކަށް މިނިވަން ގޮތެއްގައި، ނުވަތަ ހެކިންގެ ހެކިބަހުން، ބާރުލިއްބައިނުދޭކަމަށް ކުށުގެ ތުހުމަތުކުރެވޭ ފަރާތުން ސާބިތުކޮށްދިނުން.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ތިރީގައި ނަކަލުކޮށްފައިއެވާ 53 ވަނަ މާއްދާގެ (ށ) އުނިކުރުން.

53. (ށ) ކަން ހިނގާދިޔަ ދުވަހާއި އެކަމުގެ ށަކުވާކުރި ދުވަހާ ދެމެދު ހިނގާގޮސްފައިވާ މުއްދަތު އެކަށީގެންވާ މިންވަރަށްވުރެ ދިގުވެފައިވުމާއެކު، އެ މުއްދަތުގެ ތެރޭގައި، އެ ވާހަކަ އެހެން އެއްވެސް ފަރާތަކަށް ކިޔައިދީފައިވާކަމަށް ސާބިތުކޮށް ނުދެވުން.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ތިރީގައި ނަކަލުކޮށްފައިއެވާ 53 ވަނަ މާއްދާގެ (ނ) އުނިކުރުން.

53. (ނ) ކުށުގެ ށިކާރައަށްވީ ފަރާތުގެ ނަފްސުގެ އަބުރުވެރިކަމާއި އަހްލާގާ ގުޅުންހުރި ކަންކަމުގެ ތެރެއިން ކޯޓަށް ސާބިތުވާ ކަންކަމުގެ މައްޗަށް ބަލާއިރު، އެފަދަ ކުށެއް އޭނާއާމެދު ހިނގާފައިވާކަމަށް ދޮގު ހެކި ދީފާނެ މީހެއް ކަމަށް ކޯޓަށް ގަބޫލުކުރެވޭފަދަ ޙާލަތެއް ކޯޓަށް ފާހަގަވުން.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ތިރީގައި ނަކަލުކޮށްފައިއެވާ 53 ވަނަ މާއްދާގެ (ރ) އުނިކުރުން.

53. (ރ) ކުށުގެ ށިކާރައަށްވީ ފަރާތާއި ކުށުގެ ތުހުމަތުކުރެވޭ ފަރާތުގެ ވާހަކައަށް ރިއާޔަތްކުރާއިރު، ތުހުމަތުކުރެވޭ ކުށް އެގޮތަށް ހިނގާފައިވުމަށްވުރެ ބޮޑަށް، އެކަން އެގޮތަށް ހިނގާފައި ނުވާކަމަށް ބެލެވޭނެ ފުރުސަތު ލިބިދޭ ޙާލަތެއް ވުޖޫދުގައިވާކަމަށް، ކޯޓަށް ގަބޫލުކުރެވުން.

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ތިރީގައި ނަކަލުކޮށްފައިއެވާ 53 ވަނަ މާއްދާގެ (ބ) އުނިކުރުން.

53. (ބ) ކުށުގެ ތުހުމަތުކުރެވޭ ފަރާތާމެދު ކުށުގެ ތުހުމަތު ކުރެވުމުގެ ކުރިން، އޭނާއާއި ކުށުގެ ށިކާރައަކަށްވީ ފަރާތާ ދެމެދު އޮތް ގުޅުމަކީ، އަދި އެ ދެފަރާތުގެ ދެމެދުގައި ހިނގާފައިވާ މުއާމަލާތްތަކަކީ، ތުހުމަތުކުރެވޭ ކުށް ހިނގުމަށް މަގުފަހިވެދާނެ ސަބަބެއް ވުޖޫދުގައި އޮވެދާނެ ޙާލަތެއް ކަމަށް ކޯޓަށް ގަބޫލު ނުކުރެވުން.

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 57 ވަނަ މާއްދާގެ ފަހަތަށް ހަތްވަނަ ބާބަށް އަންނަނިވި ގޮތަށް މާއްދާތައް އިތުރުކުރުން.

ސިއްޙީ ހިދުމަތްދޭ ތަންތަނުގެ ހާއްސަ ޒިންމާ 1-57.

(ހ) މި ގާނޫނުގައި ބަޔާންކޮށްފައިވާފަދަ ކުށެއް ހިނގިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ކުށުގެ ށިކާރައަކަށްވީ ފަރާތެއް ސިއްޙީ ހިދުމަތްދޭ ތަނަކަށް ހިދުމަތް ހޯދަން އަތުވެއްޖެނަމަ، އެ މަރުކަޒަކުން ދިވެހި ފުލުހުންގެ ހިދުމަތަށާއި ސޯށަލް ސަރވިސް ޑިޕާޓްމަންޓަށް ވަގުތުން އަންގަންވާނެއެވެ. 
 
(ށ) މި ގާނޫނުގެ 14 ވަނަ މާއްދާއާއި، 15 ވަނަ މާއްދާއާއި، 16 ވަނަ މާއްދާއާއި، 17 ވަނަ މާއްދާއާއި، 18 ވަނަ މާއްދާއާއި، 19 ވަނަ މާއްދާއާއި، 21 ވަނަ މާއްދާގެ (ށ) އާއި، 24 ވަނަ މާއްދާގެ (ށ) އާއި، 28 ވަނަ މާއްދާއާއި، 38 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ ކުށެއް ހިނގިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ސިއްޙީ ހިދުމަތްދޭ ތަނަކަށް ކުށުގެ ށިކާރައަކަށްވީ ފަރާތް ހިދުމަތް ހޯދަން އަތުވެއްޖެނަމަ، މި ގާނޫނުގެ 1-50 ވަނަ މާއްދާގައި ބުނާ ސާމްޕަލް މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ވީއެންމެ އަވަހަކަށް އެ ތަނަކުން ނަގަންވާނެއެވެ.

(ނ) މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި، މި ގާނޫނުގައި ބަޔާންކޮށްފައިވާފަދަ ކުށެއް ހިނގިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ކުށުގެ ށިކާރައަކަށްވީ ފަރާތެއް ސިއްޙީ ހިދުމަތްދޭ ތަނަކަށް ހިދުމަތް ހޯދަން އަތުވެއްޖެނަމަ، އެފަރާތާމެދު ސިއްޙީ ހިދުމަތްދޭ ތަންތަނުން އަމަލުކުރާނޭ އުސޫލު ސިއްޙީ ކަންކަމާގުޅޭ މަސްއޫލިއްޔަތާ ޙަވާލުވެގެންވާ ވަޒީރު ހަދައި އާންމުކުރަންވާނެއެވެ.

 

ކުށުގެ ށިކާރައަކަށްވީ ފަރާތާ ގުޅިގެން ފުލުހުން އަދާކުރަންޖެހޭ ހާއްސަ ޒިންމާ 2-57.

(ހ) މި ގާނޫނުގެ 14 ވަނަ މާއްދާއާއި، 15 ވަނަ މާއްދާއާއި، 16 ވަނަ މާއްދާއާއި، 17 ވަނަ މާއްދާއާއި، 18 ވަނަ މާއްދާއާއި، 19 ވަނަ މާއްދާއާއި، 21 ވަނަ މާއްދާގެ (ށ) އާއި، 24 ވަނަ މާއްދާގެ (ށ) އާއި، 28 ވަނަ މާއްދާއާއި، 38 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ ކުށެއް ހިނގިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހެޅިއްޖެނަމަ، އެ މައްސަލައިގައި ކުށުގެ ށިކާރައަކަށްވީ ފަރާތް ފުލުހުންނަށް ހޯދުނުހާ އަވަހަކަށް އެ މައުލޫމާތު ދިވެހި ފުލުހުންގެ ހިދުމަތުން ސޯށަލް ސަރވިސް ޑިޕާޓްމަންޓަށް އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކުރުމާއެކު، ކުށުގެ ށިކާރައަކަށްވީ ފަރާތް އޭނާގެ ރުހުމާއެކު ސިއްޙީ ހިދުމަތްދޭ ތަނަކަށް ގެންދަންވާނެއެވެ. 

(ނ) މި ގާނޫނުގައި ބަޔާންކޮށްފައިވާފަދަ ކުށެއް ހިނގިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހެޅިއްޖެނަމަ އެފަދަ މައްސަލައެއްގައި ކުށުގެ ށިކާރައަކަށްވީ ފަރާތާމެދު އަމަލުތައް ބަހައްޓަންޖެހޭނެ ގޮތާއި، އެ މައްސަލައެއްގެ ތަޙްގީގުކުރުމުގައި ފުރިހަމަކުރަންޖެހޭނެ ކަންތައްތައް ބަޔާންކުރާ އުސޫލު މި ގާނޫނަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ދިވެހި ފުލުހުންގެ ހިދުމަތުން ހަދަންވާނެއެވެ.

(ރ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ކުށެއްގެ މައްސަލައިގައި ފުލުހުން އަމަލުކުރަންޖެހޭ އުސޫލަކާ ފުލުހުން ހިލާފުވެއްޖެކަމަށް ތުހުމަތުކުރެވިއްޖެކަންދިވެހި ފުލުހުންގެ ހިދުމަތަށް އެނގިއްޖެނަމަ، ގާނޫނު ނަންބަރު 34/2020  (ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު) ގައިވާ ގޮތުގެމަތިން އެ މައްސަލައެއް ބަލަންވާނެއެވެ. އަދި މިގޮތުން ހުށަހެޅޭ މައްސަލައާމެދު ގޮތެއް ނިންމުމަށްފަހު، ނިންމިގޮތުގެ މައުލޫމާތު، އެ ނިންމުމެއް ނިންމާ ވަގުތުން ފެށިގެން 24 (ސައުވީސް) ގަޑިއިރު ތެރޭގައި ފުލުހުންގެ މައްސަލަތައް ބެލުމުގެ ޒިންމާ އަދާކުރާ މިނިވަން މުއައްސަސާއަށް ހުށަހަޅަންވާނެއެވެ.

 

13 ބުނެވިދިޔަ ގާނޫނުގެ 66 ވަނަ މާއްދާގެ (ހ) އަދި (ށ) އަންނަނިވި ގޮތަށް އިސްލާޙުކުރުން.

ގަވާއިދު ހަދައި ހިންގުން 66.

(ހ) މި ގާނޫނުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކުގެ ތެރެއިން ކަމާގުޅޭ ކޯޓަކުން ހަދައި ހިންގަންޖެހޭ ގަވާއިދެއް ފިޔަވައި، އެނޫން ގަވާއިދުތައް ހަދައި ހިންގާނީ، ވަޒީރެވެ.

(ށ) މި ގާނޫނުގެ ދަށުން ކޯޓަކުން ހަދައި ހިންގަންޖެހޭ ގަވާއިދުތައް ހަދާނީ ކޯޓުތަކުގެ މަށްވަރާއާއެކު ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުންނެވެ. މި ގާނޫނުގެ ބޭނުމަށް ހުރިހާ ކޯޓެއްގައި ހިންގަންވާނީ މި ގާނޫނުގެ ދަށުން ހަދާ އެއް ގަވާއިދެކެވެ.

 

14 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 69 ވަނަ މާއްދާގެ (ސ) ގެ ފަހަތަށް (ޑ)، (ޒ)، (ޓ) އަދި (ޔ) ގެ ގޮތުގައި އަންނަނިވި ގޮތަށް އަކުރުތައް އިތުރުކުރަން.

މާނަކުރުން 69.

(ޑ) "ސޯށަލް ސަރވިސް ޑިޕާޓްމަންޓް" ކަމަށް ބުނެފައި އެވަނީ، އަނިޔާގެ ށިކާރައަކަށްވާ ފަރާތްތަކަށް ސައިކޯސޯށަލް ސަޕޯޓް ދިނުމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ވަޒީރު ނުވަތަ ވުޒާރާގެ ބެލުމުގެ ދަށުން ހިންގާ އިދާރާއަށެވެ.

(ޒ) "ސިއްޙީ ހިދުމަތްދޭ ތަންތަން" ކަމަށް ބުނެފައި އެވަނީ، ސަރުކާރުގެ ސިއްޙީ ހިދުމަތްދޭ މަރުކަޒުތަކާއި، ދިވެހިރާއްޖޭގައި ހިންގާ ސަރުކާރުގެ ހޮސްޕިޓަލުތަކާއި، އަދި އަމިއްލަ ހޮސްޕިޓަލުތަކަށެވެ.

(ޓ) "ވިކްޓިމް ސެންޓަރޑް ނަޒަރިއްޔާ" ކަމަށް ބުނެފައި އެވަނީ، ހުރިހާ ޙާލަތެއްގައިވެސް ކުށުގެ ށިކާރައަކަށްވާ ފަރާތުގެ ބޭނުންތަކާއި ކަންބޮޑުވުންތަކަށް ނިޒާމީ ގޮތެއްގައި ހާއްސަ ސަމާލުކަމެއްދީ، އޯގާތެރިކަމާއެކު އިތުރަށް އަނިޔާ ނުވާނޭ އަދި އިތުރަށް ވިކްޓިމައިޒްނުވާނޭ ގޮތުގެމަތިން ކުށުގެ ށިކާރައަކަށްވާ ފަރާތަށް ބޭނުންވާ ފަރުވާއާއި ހިދުމަތް ދިނުމާގުޅޭ ނަޒަރިއްޔާއަށެވެ.

(ޔ) "ޓްރައުމާ އިންފޯމްޑް ނަޒަރިއްޔާ" ކަމަށް ބުނެފައި އެވަނީ، ކުށުގެ ށިކާރައަކަށްވާ ފަރާތަށް ލިބޭ އަނިޔާތަކުގެ ޖިސްމާނީ، ނަފްސާނީ އަދި އިޖްތިމާއީ އަސަރު ދެނެގަނެ އެފަރާތްތަކަށް ބޭނުންވާ ފަރުވާއާއި އެހީތެރިކަން ފޯރުކޮށްދިނުމާގުޅޭ ނަޒަރިއްޔާއަށެވެ.

 

15 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން  ފެށިގެންނެވެ.

 

މައި ގާނޫނު

ޖިންސީ ކުށުގެ ގާނޫނު (ގާނޫނު ނަންބަރު 2014-17)

 

ކޮންސޮލިޑޭޓެޑް ގާނޫނު

ޖިންސީ ކުށުގެ ގާނޫނު (ކޮންސޮލިޑޭޓެޑް ނަންބަރު 2014-17)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު