-

ޖިންސީ ކުށްކުރާ މީހުންގެ ދަފުތަރުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2019-1011)

 

1 ވަނަ މާއްދާ - ތައާރަފާއި ނަން

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2014-17 (ޖިންސީ ކުށުގެ ގާނޫނު) ގެ 47 ވަނަ މާއްދާގެ (ހ) ގެ ދަށުން ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީގައި ލިޔެ ބަލަހައްޓަންވާނެކަމަށް ބުނެފައިވާ "ޖިންސީ ކުށްކުރާ މީހުންގެ ދަފުތަރު" ގައި މައުލޫމާތު ހިމެނުމުގައްޔާއި މައުލޫމާތަށް ބަދަލުގެނައުމުގައްޔާއި ދަފުތަރުގައިވާ މައުލޫމާތު އެހެން ފަރާތަކަށް ދޫކުރުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކޮށް، އެ ގާނޫނުގެ 47 ވަނަ މާއްދާގެ (ށ) ގެ ދަށުން ހަދައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ "ޖިންސީ ކުށްކުރާ މީހުންގެ ދަފުތަރުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - ދަފުތަރުގައި ހިމަނަންޖެހޭ ފަރާތްތައް

ޖިންސީ ކުށްކުރާ މީހުންގެ ދަފުތަރުގައި ހިމަނާނީ، ގާނޫނު ނަންބަރު 2014-17 (ޖިންސީ ކުށުގެ ގާނޫނު) ގެ 47 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ކުށްތަކުގެ ތެރެއިން ކުށެއް ސާބިތުވެފައިވާ މީހުންގެ މައުލޫމާތެވެ.

 

3 ވަނަ މާއްދާ - ދަފުތަރުގައި ހިމަނަންޖެހޭ ކުށުގެ ބާވަތްތައް

ގާނޫނު ނަންބަރު ގާނޫނު ނަންބަރު 2014-17 (ޖިންސީ ކުށުގެ ގާނޫނު) ގެ 47 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށްތަކަކީ:

(ހ) ރޭޕްކުރުމުގެ ކުށް؛

(ށ) ރޭޕްކުރަން އުޅުމުގެ ކުށް؛

(ނ) ޖިންސީ އަނިޔާގެ ކުށް؛

(ރ) ޖިންސީ އަނިޔާ ކުރަން އުޅުމުގެ ކުށް؛

(ބ) ޖިންސީ ގޯނާގެ ކުށް؛

(ޅ) މަހްރަމަކާއެކު ޖިންސީ އަމަލު ހިންގުމުގެ ކުށް؛

(ކ) އެއްޖިންސުން ޖިންސީ އަމަލު ހިންގުމުގެ ކުށް؛

(އ) ޖަނަވާރަކާއެކު ޖިންސީ އަމަލު ހިންގުމުގެ ކުށް؛

(ވ) މައްޔިތަކާއެކު ޖިންސީ އަމަލު ހިންގުމުގެ ކުށް؛

(މ) ނުކުޅެދުންތެރިކަމެއް ހުރި މީހަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށް؛

(ފ) ހަށި ވިއްކުމުގެ ކުށް؛

(ދ) ހަށި ވިއްކުމަށް މީހަކު ގެންގުޅުމުގެ ކުށް؛

(ތ) ހަށި ވިއްކުމަށް ރާއްޖެއަށް ގެނައުމާއި ގެންދިއުމުގެ ކުށް؛

(ލ) ހަށި ވިއްކައިގެން ލިބޭ އާމްދަނީ ބޭނުންކުރުމުގެ ކުށް؛

(ގ) ނާސިގެ ހެދުމުގެ ކުށް؛

(ޏ) ބްލެކްމެއިލް ކުރުމުގެ ކުށް؛

(ސ) ޖިންސީ އަމަލެއް ހިންގުމަށްޓަކައި މަސްތުކުރުވުމުގެ ކުށް؛

(ޑ) ވެރިވެގަތުމުގެ ކުށް؛

(ޒ) ވެށިން ނިގުޅައިގަތުމުގެ ކުށް؛

(ޓ) އޮރިޔާންކާޑު ހެދުމުގެ ކުށް؛

(ޔ) މަޖުބޫރުން އޮރިޔާންކާޑު ހެއްދުވުމުގެ ކުށް.

 

4 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ކުށްތައް މާނަކުރާނީ، ގާނޫނު ނަންބަރު 2014-17 (ޖިންސީ ކުށުގެ ގާނޫނު) ގައި އެ ކުށްތައް މާނަކޮށްދީފައިވާ ގޮތަށެވެ.

 

5 ވަނަ މާއްދާ - ދަފުތަރުގައި ހިމަނަންޖެހޭ މައުލޫމާތު

ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ކުށެއް ސާބިތުވެފައިވާ މީހާއާ ބެހޭ ތިރީގައިމިވާ ތަފުސީލު ދަފުތަރުގައި ހިމަނަންވާނެއެވެ.

(ހ) ފުރިހަމަ ނަމާއި، އާންމުކޮށް ކިޔާ ނަމާއި، ވަނަން؛

(ށ) އުފަންތާރީހާއި އުމުރު؛

(ނ) ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު؛

(ރ) ދާއިމީ އެޑްރެސް (އަތޮޅާއި ރަށް އެނގޭގޮތަށް)؛

(ބ) ކުށްކުރިއިރު ދިރިއުޅެމުން ދިޔަ އެޑްރެސް (އަތޮޅާއި ރަށް އެނގޭ ގޮތަށް)؛

(ޅ) ކުށްކުރިއިރު ރަށްވެހިވެފައިވާ ރަށް؛

(ކ) ހަށިގަނޑުގެ ސިފަތައް؛

(އ) އިސްކޮޅު؛

(ވ) ހަމުގެ ކުލަ؛

(މ) ލޮލުގެ ކުލަ؛

(ފ) ހަށިގަނޑުގައި ނުވަތަ އެމީހެއްގެ ގައިގައި ހުރި ހާއްސަ ނިށާނެއް؛

(ދ) މީހާގެ ސިފަ ދެނެގަތުމަށް ފަސޭހަވާނެފަދަ، 1 (އެކެއް) އަހަރުދުވަސް ނުވާ، ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް މި ދަފުތަރުގައި ހިމަނަންވާނެއެވެ.

 

6 ވަނަ މާއްދާ - 18 އަހަރު ނުފުރޭ ކުދިންގެ މައުލޫމާތު

ޖިންސީ ކުށުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކުށެއް 18 (އަށާރަ) އަހަރު ނުފުރޭ ކުއްޖެއްގެ މައްޗަށް ސާބިތުވިނަމަވެސް، ކުށް ސާބިތުވި ކުއްޖާގެ މައުލޫމާތު ދަފުތަރުގައި ނުހިމެނޭނެއެވެ.

 

7 ވަނަ މާއްދާ - ކުށުގެ މައުލޫމާތު

ޖިންސީ ކުށުގެ ގާނޫނުގެ ދަށުން މީހެއްގެ މައްޗަށް ކުށެއް ސާބިތުވެއްޖެނަމަ، ސާބިތުވި ކުށާ ބެހޭ އަންނަނިވި މައުލޫމާތު ދަފުތަރުގައި ހިމަނަންވާނެއެވެ.

(ހ) ގަޒިއްޔާ ނަންބަރާއި، ހުކުމް ކުރި ކޯޓާއި، ހުކުމް ކުރި ތާރީހު؛

(ށ) ސާބިތުވި ކުށާއި ކުށް ކަނޑައެޅިފައިވާ މާއްދާ؛

(ނ) ކުށް ސާބިތުވެގެން ކޮށްފައިވާ ހުކުމް؛

(ރ) ހުކުމް ތަންފީޒުކުރަން ފެށޭ ތާރީހާއި، ހުކުމުގައިވާ މުއްދަތު ތަންފީޒުކޮށް ނިމޭނެ ތާރީހު؛

(ބ) ޖޫރިމަނާއެއް ދެއްކުމަށް ހުކުމްކޮށްފައިވާނަމަ، ޖޫރިމަނާ ދެއްކުމަށް ދީފައިވާ މުއްދަތު / ޖޫރިމަނާ ދައްކަމުންދާކަން ނުވަތަ ނޫންކަން؛

(ޅ) ބަދަލެއް ދޭންޖެހޭކަމަށް ހުކުމް ކޮށްފައިވާނަމަ، އެ ބަދަލުގެ މިންވަރު؛

(ކ) ބަދަލު ދައްކަން ޖެހޭ މުއްދަތު؛

(އ) ބަދަލު ދައްކަމުންދާކަން ނުވަތަ ނޫންކަން؛

(ވ) މައާފަށް އެދެން ޖެހޭނަމަ އެކަން؛

(މ) ހުކުމް އިސްތިއުނާފް ކުރާނަމަ، އިސްތިއުނާފުކުރުމަށް ލިބިފައިވާ މުއްދަތު ހަމަވާ ތާރީހު؛

(ފ) ހުކުމް އިސްތިއުނާފަށް ހުށަހެޅިނަމަ، ހުށަހެޅި ތާރީހު؛

(ދ) އިސްތިއުނާފަށް ހުށަހެޅި ފަރާތް؛

(ތ) ހައިކޯޓުން މައްސަލަ ނިންމި ތާރީހު؛

(ލ) ހައިކޯޓުގެ ހުކުމް؛

(ގ) ހުކުމް ކުރި ތާރީހު؛

(ޏ) ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފަށް ހުށަހެޅިނަމަ، ހުށަހެޅި ތާރީހު؛

(ސ) ސުޕްރީމް ކޯޓަށް ހުށަހެޅި ފަރާތް؛

(ޑ) ސުޕްރީމްކޯޓުން މައްސަލަ ބަލައި ނިންމި ތާރީހު؛

(ޒ) ސުޕްރީމް ކޯޓުގެ ހުކުމް.

 

8 ވަނަ މާއްދާ - ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ކުށް ސާބިތުވި އަދަދާއި، އެމީހެއްގެ މައްޗަށް ސާބިތުވެފައިވާ އެހެނިހެން ކުށްތަކާ ބެހޭ މައުލޫމާތު

ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ކުށެއް ސާބިތުވެފައިވާ މީހެއްގެ މައްޗަށް އެހެން ގާނޫނަކުން ކުށެއް ސާބިތުވެފައިވާނަމަ، އެ ކުށްތަކާބެހޭ އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

(ހ) ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ޖުމުލަ ކިތައް ކުށް ސާބިތުވެފައިވާކަން؛

(ށ) ސާބިތުވެފައިވާ ޖިންސީ ކުށުގެ ބާވަތާއި ވަކިވަކި ކުށް ތަކުރާރުވެފައިވާ އަދަދު؛

(ނ) ޖިންސީ ކުށްތައް ފިޔަވައި ސާބިތުވެފައިވާ އެހެން ކުށްތަކުގެ ބާވަތާއި އަދަދާއި ހުކުމްތައް.

 

9 ވަނަ މާއްދާ - ބަންދާ ބެހޭ މައުލޫމާތު

ޖިންސީ ކުށެއް ސާބިތުވެގެން ހުކުމް ތަންފީޒުކުރަމުންދާ މީހާ ބަންދުން ދޫކޮށްލެވިފައިވާކަން ނުވަތަ ނޫންކަމާއި، އަދި ބަންދުން ދޫކޮށްލެވިފައިވާނަމަ ތިރީގައިމިވާ މައުލޫމާތު ދަފުތަރުގައި ހިމަނަންވާނެއެވެ.

(ހ) ބަންދުން ދޫކޮށްލެވިފައިވާކަން ނުވަތަ ނޫންކަން؛

(ށ) ބަންދުން ދޫކޮށްލިފަހުން ދިރިއުޅެފައިވާ އެޑްރެސްތައް؛

(ނ) ރާއްޖެއިން ބޭރަށް ފުރައިފައިވާނަމަ، އަންނާނެކަމަށް ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީއަށް އަންގައިފައިވާ ތާރީހު؛

(ރ) އެއްވެސް ސަބަބަކާހުރެ އެމީހެއްގެ ނަން ދަފުތަރުން އުނިކޮށްފައިވާނަމަ، އުނިކުރި ސަބަބާއި ތާރީހު؛

 

10 ވަނަ މާއްދާ - މައުލޫމާތު ހިއްސާކުރުން

ޖިންސީ ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ، އެ މައްސަލައެއްގެ ށަރީއަތް ނިމުނުގޮތުގެ ހުލާސާ ރިޕޯޓުގެ ކޮޕީއެއް، މާލޭގައިނަމަ، ހުކުމް ކުރި ތާރީހުން ފެށިގެން ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އަދި އަތޮޅުތެރޭގައި ނަމަ، ގިނަވެގެން 14 (ސާދަ) ދުވަހުގެތެރޭގައި، މާލޭގައި ނަމަ، ކްރިމިނަލް ކޯޓު، ޖުވެނައިލް ކޯޓު، ހުޅުމާލެ ކޯޓު އަދި އަތޮޅުތެރޭގައިނަމަ މެޖިސްޓްރޭޓް ކޯޓުތަކުން ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީއާ ހިއްސާ ކުރަންވާނެއެވެ.

 

11 ވަނަ މާއްދާ - މައްސަލަ ނިމުނުގޮތުގެ ރިޕޯޓް ފެމިލީ ޕޮރޮޓެކްށަން އޮތޯރިޓީއަށް ލިބުމުން އެ މައުލޫމާތު ދަފުތަރުގައި ހިމެނުމުގެ މުއްދަތު

(ހ) ޖިންސީ ކުށެއް މީހެއްގެ މައްޗަށް ސާބިތުވުމާ ގުޅިގެން މާލޭގައި ނަމަ ކުރިމިނަލް ކޯޓު، ޖުވެނައިލް ކޯޓު، ހުޅުމާލެ ކޯޓު އަދި އަތޮޅުތެރޭގައިނަމަ، މެޖިސްޓްރޭޓް ކޯޓުތަކުން ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީއަށް މީހެއްގެ ށަރީއަތް ނިމުނުގޮތުގެ ހުލާސާ ރިޕޯޓު ފޮނުވާ ތާރީހުން ފެށިގެން ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ރިޕޯޓުގައިވާ މައުލޫމާތުގެ ތެރެއިން ދަފުތަރުގައި ހިމަނަންޖެހޭ މައުލޫމާތު ދަފުތަރުގައި ހިމަންނަވާނެއެވެ.

(ށ) ށަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގެ އިތުރުން ދަފުތަރުގައި ހިމަނަންޖެހޭ މައުލޫމާތެއްވާނަމަ، އެ މައުލޫމާތެއް މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ އެހީގައި ހޯދުމަށްފަހު، ގިނަވެގެން 14 (ސާދަ) ދުވަހުގެ މުއްދަތުގެ ތެރޭގައި ދަފުތަރުގައި ހިމަނަންވާނެއެވެ.

 

12 ވަނަ މާއްދާ - ބަންދުން ދޫކުރާ ފަރާތުގެ މައުލޫމާތު ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީއަށް ހުށަހެޅުން

ޖިންސީ ކުށެއް ސާބިތުވެގެން ބަންދުކޮށްފައިވާ މީހަކު ބަންދުން ވީއްލުމަށް ނިންމައިފިނަމަ، އެ މީހަކު މާއްދީގޮތުން ބަންދުން ދޫކޮށްލައި އާންމުންގެ ތެރެއަށް ނުކުތުމުގެ ފުރުސަތު ހުޅުވައިލުމުގެ މަދުވެގެން 72 (ހަތްދިހަ ދޭއް) ގަޑިއިރުގެ ކުރިން، އެމީހަކު ބަންދުކޮށްފައި ހުރި މަރުކަޒަކުން، ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީއަށް ލިޔުމުން އެކަން އަންގަންވާނެއެވެ. މިގޮތުން ފޮނުވާ ލިޔުން ފެކްސް މެދުވެރިކޮށް ނުވަތަ އެމީހަކު ބަންދުކޮށްފައި ހުރި މަރުކަޒުގެ ރަސްމީ އީމެއިލް މެދުވެރިކޮށްވެސް އެންގިދާނެއެވެ. ޖިންސީ ކުށެއް ސާބިތުވެގެން ބަންދުކޮށްފައި ހުރި މީހަކު ބަންދުން ދޫކޮށްލުމަށް ނިންމައިފައިވާ ނިންމުން ފެމެލީ ޕްރޮޓެކްށަން އޮތޯރިޓީއަށް އެންގުމަށް ފޮނުވާ ލިޔުމުގައި، ތިރީގައިމިވާ މައުލޫމާތު ހިމަނަންވާނެއެވެ.
(ހ)

  1. ފުރިހަމަ ނަން؛
  2. އުފަންތާރީހާއި އުމުރު؛
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު؛
  4. ދާއިމީ އެޑްރެސް (އަތޮޅާއި ރަށް އެނގޭގޮތަށް)؛ 
  5. މިހާރު ދިރިއުޅޭ އެޑްރެސް.

(ށ) އޭނާ ކޮށްފައިވާ ޖިންސީ ކުށާ ބެހޭ އެންމެހައި މައުލޫމާތު.

(ނ) ބަންދުން ދޫކޮށްލާ ސަބަބު؛

(ރ) ވަކި މީހެއްގެ ހަވާލުގައި ދޫކޮށްލާނަމަ، އޭނާ ބެލެހެއްޓުމަށް ހަވާލުވާ ފަރާތުގެ ވަނަވަރު؛

(ބ) ބަންދުގައި ހުރި އިރު، އޭނާއަށް ރިހެބިލިޓޭށަން ދެވިފައިވާކަން ނުވަތަ ނޫންކަން؛

(ޅ) ހުކުމުގެ އެއްވެސް ބައެއް ތަންފީޒުކޮށް ނިމިފައި ނުވާނަމަ، ތަންފީޒުނުވެ އޮތް މިންވަރާބެހޭ މައުލޫމާތު؛

(ކ) ބަންދުން ދޫކޮށްލުމަށް ނިންމި ފަރާތް؛

(އ) ބަންދުން ދޫކޮށްލުމަށް ހަމަޖެހިފައިވާ ތާރީހާއި ގަޑި؛

(ވ) ބަންދުން ދޫކޮށްލުމުގެ ކުރިން، އޭނާއާ ބެހޭ އެއްވެސް އެސެސްމަންޓެއް ހެދިފައިވާނަމަ، އެސެސްމަންޓުގެ މައުލޫމާތު؛

(މ) ޖަލު ބަންދަކުން ގޭ ބަންދަކަށް ބަދަލުކުރާނަމަ، ބަންދުކުރެވޭ އެޑްރެސް؛

(ފ) ޖަލު ބަންދަކުން ގޭ ބަންދަކަށް ބަދަލުކުރާނަމަ، ގޭ ބަންދުގައި ބެހެއްޓުމަށް ކަނޑައަޅައިފައިވާ މުއްދަތު.

 

13 ވަނަ މާއްދާ - ދަފުތަރުން ނަން އުނިކުރުން

(ހ) ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ޖިންސީ ކުށެއް ސާބިތުވެގެން ޖިންސީ ކުށްކުރާ މީހުންގެ ދަފުތަރުގައި ނަން ހިމެނިފައިވާ މީހަކު މައްސަލަ އިސްތިއުނާފަށް ހުށަހަޅައިގެން އެމީހަކު ކުށުން ބަރީއަވެއްޖެކަމަށް ކޯޓުން ހުކުމްކޮށްފިނަމަ، އެ ހުކުމަކީ ގާނޫނު ނަންބަރު 2014-17 (ޖިންސީ ކުށުގެ ގާނޫނު) ގެ 48 (ށ) ގެ ދަށުން ޖިންސީ ކުށްކުރާ މީހުންގެ ދަފުތަރުން އެމީހެއްގެ ނަން އުނިކުރަން ކޮށްފައިވާ ހުކުމެއްކަމަށް މި ގަވާއިދުގެ ބޭނުމަށް ބެލޭނެއެވެ.

(ށ) ޖިންސީ ކުށް ކުރާ މީހުންގެ ދަފުތަރުގައި ނަން ހިމެނިފައިވާ މީހެއްގެ ނަން އެ ދަފުތަރުން އުނިކުރުމަށް ކޯޓުން ހުކުމްކޮށް، އެކަން ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީއަށް އަންގާ ތާރީހުން ފެށިގެން ގިނަވެގެން ރަސްމީ ބަންދުނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި އެމީހެއްގެ ނަން އެ ދަފުތަރުން އުނިކުރަންވާނެއެވެ.

(ނ) ޖިންސީ ކުށް ކުރާ މީހުންގެ ދަފުތަރުގައި ނަން ހިމެނިފައިވާ މީހަކު ނިޔާވެއްޖެކަން ކަށަވަރުވެއްޖެނަމަ، އެމީހެއްގެ ނަން އެ ދަފުތަރުން އުނިކުރެވޭނެއެވެ.

 

14 ވަނަ މާއްދާ - މައުލޫމާތު ބަދަލުވިކަން އެންގުން

(ހ) ޖިންސީ ކުށް ކުރާ މީހުންގެ ދަފުތަރުގައި ނަން ހިމެނިފައިވާ ފަރާތެއްގެ އަންނަނިވި މައުލޫމާތު ބަދަލުވެއްޖެނަމަ، އަންނަނިވި މުއްދަތުގެ ތެރޭގައި، ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީއަށް އޭނާ އެކަން އަންގަންވާނެއެވެ.

  1. އޭނާގެ ނަމަށް ނުވަތަ އެޑްރެހަށް ނުވަތަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރަށް ބަދަލެއް އަތުވެއްޖެނަމަ، 14 (ސާދަ) ދުވަހުގެ ތެރޭގައި އެކަން އެންގުން.
  2. ދިވެހިރާއްޖެއިން ބޭރަށް ފުރާނަމަ، ފުރުމުގެ ކުރިން އެކަން އެންގުން.
  3. ދިވެހިރާއްޖެއަށް އެނބުރި އަތުވެއްޖެނަމަ، އައުމަށްފަހު ހިނގާ ފުރަތަމަ 7 (ހަތެއް) ދުވަހުގެ ތެރޭގައި އެކަން އެންގުން.
  4. އޭނާ ދިރިއުޅޭ އެޑްރެސް ބަދަލުވެއްޖެނަމަ، އެކަން ހިނގާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި އެންގުން.
  5. އޭނާގެ ގާނޫނީ ބަލަދުވެރިޔާ ނުވަތަ ބެލެނިވެރިޔާ ބަދަލުވެއްޖެނަމަ، އެކަން ހިނގާތާ ފުރަތަމަ 7 (ހަތެއް) ދުވަހުގެ ތެރޭގައި އެންގުން.
  6. ދާއިމީ އެޑްރެސް ނޫން އެހެން އެޑްރެހެއްގައި އޭނާ އުޅޭނަމަ، އެކަން ހިނގާތާ ފުރަތަމަ 7 (ހަތެއް) ދުވަހުގެ ތެރޭގައި އެންގުން.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ދަފުތަރުގައި ނަން ހިމެނިގެންވާ މީހާ ކުރަންޖެހޭ ކަމެއް އެގޮތަށް އޭނާ ނުކޮށްފި ކަމަށް ވާނަމަ، އޭނާ އެ ކުރަނީ ކުށެކެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ، އެ ކުށް ކުރި މީހާ 5،000 (ފަސް ހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމާއެކު، އަދި އެ ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު، އެ ތަކުރާރުކުރާ އަދަދު 5،000 (ފަސް ހާސް) ރުފިޔާއިން ގުނަކުރުމުން ނުކުންނަ އަދަދުން އޭނާ ޖޫރިމަނާކުރުމެވެ.

 

15 ވަނަ މާއްދާ - މި ދަފުތަރުގައި ހިމެނޭ މައުލޫމާތު ހިއްސާކުރުން

ޖިންސީ ކުށް ކުރާ މީހުންގެ ދަފުތަރަކީ އާންމުކޮށް ށާއިއުކުރެވޭނެ ދަފުތަރެއް ނޫނެވެ. ނަމަވެސް ދައުލަތުގެ ރަސްމީ ބޭނުންތަކަށް މި ދަފުތަރުގައި ހިމަނައިފައިވާ މީހެއްގެ މައުލޫމާތު މުއައްސަސާއަކުން އެކަށީގެންވާ ސަބަބު ބަޔާންކޮށް ލިޔުމުން އެދިއްޖެނެމަ، މި މައުލޫމާތު ހިއްސާ ކުރެވިދާނެއެވެ.

 

16 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރުން

މި ގަވާއިދަށް އަމަލު ކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު އާންމުކޮށް ށާއިއުކުރާ ދުވަހުން ފެށިގެންނެވެ

 

މައި ގާނޫނު

ޖިންސީ ކުށުގެ ގާނޫނު (ގާނޫނު ނަންބަރު 17/2014)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު