-

ފޮރިން ސަރވިސްގެ ގާނޫނު (ގާނޫނު ނަންބަރު 2021-20) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2022-06)

1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު 
 
ގާނޫނު ނަންބަރު 2021-20 (ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ތިރީގައި ނަކަލުކޮށްފައިވާ 44 ވަނަ މާއްދާގެ (ށ) އުނިކުރުން.

44.(ށ)  ފޮރިން ސަރވިސްގެ މަގާމުތަކުގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ މިނިސްޓްރީ އާއި މިނިސްޓްރީ އޮފް ފިނޭންސްގެ ލަފާގެ މަތިން ނޭށަނަލް ޕޭ ކޮމިށަނުންނެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 47 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

47. (ނ) ފޮރިން ސަރވިސްގެ މުވައްޒަފުންގެ ތެރެއިން މި މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެމަތިން ހިދުމަތުން މުސްކުޅިކުރެވޭ މުވައްޒަފުންނަށް އިނާޔަތް ދޭންވާނީ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނުގެ ދަށުން ނޭށަނަލް ޕޭ ކޮމިށަނުން ކަނޑައަޅާ މިންގަނޑުތަކާއި ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 56 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

56.(ނ) މި މާއްދާގެ (ހ) ގެ ދަށުން އެކުލަވާލާ މުވައްޒަފުންގެ އޮނިގަނޑުގައި ހިމެނޭ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނުގެ ދަށުން ނޭށަނަލް ޕޭ ކޮމިށަނުން ކަނޑައަޅާ މިންގަނޑުތަކާއި ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓްރީ އޮފް ފިނޭންސްއިންނެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 71 ވަނަ މާއްދާގެ (ފ) ގެ ފަހަތަށް އަންނަނިވި ގޮތަށް 3 އަކުރު އިތުރުކުރުން.

71. (ދ) "ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2016-11 (ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނު) އާއި އެ ގާނޫނަށް ގެނެވިފައިވާ އެންމެހައި އިސްލާހުތައް ހިމެނޭ ގޮތުންނެވެ.

(ތ) "ނޭށަނަލް ޕޭ ކޮމިށަން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2016-11 (ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނު) ގެ 5 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ނޭށަނަލް ޕޭ ކޮމިށަނަށެވެ.

(ލ) "ފޮރިން ސަރވިސްގެ މުވައްޒަފުން" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 34 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފޮރިން ސަރވިސްގެ އެގްޒެކެޓިވް ސަރވިސް ސްޓާފުންނާއި ޖެނެރަލް ސަރވިސް ސްޓާފުންނަށެވެ.

 

5 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނު (ގާނޫނު ނަންބަރު 2016-11)

 

ކޮންސޮލިޑޭޓެޑް ގާނޫނު

ފޮރިން ސަރވިސްގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު ގާނޫނު ނަންބަރު 2021-20)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު