މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު
(ގާނޫނު ނަންބަރު 2014-10)
އެއްވަނަ ބައި
ފެށުން
އެއްވަނަ ބާބު
ތައާރުފާއި މަގްސަދު
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން މަނާކޮށް، ހުއްޓުވުމާއި، ކަމާގުޅޭ އެހެނިހެން އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.
(ށ) މި ގާނޫނަށް ކިޔާނީ، "މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު" އެވެ.
2 ވަނަ މާއްދާ – މަގްސަދު
މި ގާނޫނުގެ މައިގަނޑު މަގްސަދުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމާއި މަނާކުރުން؛
(ށ) މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމާއި އެއާގުޅޭ ކުށްތައް ހުއްޓުވުމަށްޓަކައި ސިޔާސަތުތަކާއި އުސޫލުތައް އެކަށައަޅައި ހިންގުން؛
(ނ) މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ހަރަކާތްތައް ދެނެގަންނާނެ އުސޫލުތައް އެކަށައަޅައި ހިންގުން؛
(ރ) މަނީ ލޯންޑްރިންގގެ ހަރަކާތްތަކާއި، ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ހަރަކާތްތައް ހިންގާ ފަރާތްތައް ދެނެގަނެ، އެފަދަ މައްސަލަތައް ތަހްގީގުކޮށް، އެފަދަ ހަރަކާތްތައް ހިންގާ ފަރާތްތަކާމެދު ފިޔަވަޅުއެޅުން؛
(ބ) މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމާ ގުޅޭގޮތުން، މާލީ އިދާރާތަކާއި ރިޕޯޓްކުރަންޖެހޭ ފަރާތްތަކުގެ ދައުރާއި ޒިންމާތަކާއި ސުޕަވައިޒްކޮށް ރެގިއުލޭޓްކުރާ ފަރާތްތަކުގެ ދައުރާއި ޒިންމާތައް ކަނޑައެޅުން.
ދެވަނަ ބާބު
މަފްހޫމްތަކުގެ ރަދީފު
3 ވަނަ މާއްދާ – ރަދީފު
(ހ) މި ގާނޫނު އެ މައްޗަށް ބިނާވެގެންވާ މައިގަނޑު މަފްހޫމްތައް، މި ގާނޫނުގެ މި ބާބުގައި ބަޔާންކޮށްފައި އެވަނީއެވެ.
(ށ) މި ގާނޫނުގައި ހިމެނިގެންވާ މައިގަނޑު ލަފުޒުތަކާއި އިބާރާތްތަކުގެ މާނަ މި ގާނޫނުގެ 77 ވަނަ މާއްދާގައި ބަޔާންކޮށްފައި އެވަނީއެވެ.
4 ވަނަ މާއްދާ - މަފްހޫމްތަކުގެ އަސާސް
މި ގާނޫނުގައި ބަޔާންކޮށްފައިވާ މަފްހޫމްތައް މި ބާބުގައި ބަޔާންކޮށްފައި އެވަނީ، މި ގާނޫނުގެ އަސްލު އެ ގޮތުގައި ދެމެހެއްޓުމަށާއި، މި ގާނޫނުގެ މަގްސަދު އެންމެ ފުޅާމިނުގައި ހާސިލުކުރުމަށް މަގުފަހިކުރުމުގެ ބޭނުމުގައެވެ. މި ގާނޫނުގެ ކޮންމެ މާއްދާއެއްވެސް ކިޔަންވާނީ، އެ މަފްހޫމުތަކަށް ހަނިކަމެއް ނާންނާނެ ގޮތުގެމަތިންނެވެ.
5 ވަނަ މާއްދާ - މަނީ ލޯންޑްރިންގ
"މަނީ ލޯންޑްރިންގ" ކަމަށް ބުނެފައިއެވަނީ:
(ހ)
- ވަކި މުދަލަކީ ގައިރު ގާނޫނީ އަމަލަކުން ހޯދާފައިވާ މުދަލެއްކަން ސިއްރުކުރުމުގެ ނުވަތަ އޮޅުވާލުމުގެ މަގްސަދުގައި، ނުވަތަ މަނީ ލޯންޑްރިންގގެ ކުށާ ގުޅިފައިވާ ކުށެއް ކުރުމުގައި ބައިވެރިވި ފަރާތަކަށް ހައްގުވާ އަދަބުން އެފަރާތެއް މިންޖުކޮށްދިނުމަށްޓަކައި، އެ މުދަލަކީ ކުށް ކޮށްގެން ހޯދާފައިވާ މުދަލެއްކަން އެނގިހުރެ، ނުވަތަ އެ މުދަލަކީ ކުށް ކޮށްގެން ހޯދާފައިވާ މުދަލެއްކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ށައްކުކުރެވޭ ހާލަތުގައި، އެއްވެސް ފަރާތަކުން އެ މުދަލެއް ބަދަލުކުރުން ނުވަތަ އެ މުދަލަށް ބަދަލެއް ގެނައުމަށް؛ ނުވަތަ
- ވަކި މުދަލަކީ ކުށްކޮށްގެން ހޯދާފައިވާ މުދަލެއްކަން އެނގިހުރެ، ނުވަތަ އެ މުދަލަކީ ކުށް ކޮށްގެން ހޯދާފައިވާ މުދަލެއް ކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ށައްކުކުރެވޭ ހާލަތުގައި، އެއްވެސް ފަރާތަކުން އެ މުދަލެއްގެ އަސްލު، ނުވަތަ އެ މުދަލެއް ލިބުނު ގޮތް، ނުވަތަ އެ މުދަލެއް ހުރިތަން، ނުވަތަ އެ މުދަލެއް ބަދަލުކުރެވޭ ފަރާތެއް، ނުވަތަ އެ މުދަލެއް ގެންދެވޭ ތަނެއް، ނުވަތަ އެ މުދަލުގެ ވެރިފަރާތް، ނުވަތަ އެ މުދަލާ ގުޅޭގޮތުން އެއްވެސް ފަރާތަކަށް ލިބިދޭ ހައްގެއް ސިއްރުކުރުން ނުވަތަ އޮޅުވާލުމަށް؛ ނުވަތަ
- ވަކި މުދަލަކީ ކުށް ކޮށްގެން ހޯދާފައިވާ މުދަލެއްކަން އެނގިހުރެ، ނުވަތަ ވަކި މުދަލަކީ ކުށް ކޮށްގެން ހޯދާފައިވާ މުދަލެއް ކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ށައްކުކުރެވޭ ހާލަތުގައި، އެއްވެސް ފަރާތަކުން އެ މުދަލެއް ހޯދުން ނުވަތަ އަތުގައި ބެހެއްޓުން ނުވަތަ ބޭނުންކުރުމަށް؛ ނުވަތަ
- މި މާއްދާގެ (1)، (2) އަދި (3) ގައި ބަޔާންކޮށްފައިވާ އަމަލެއް ކުރުމުގައި އެހީތެރިވެދިނުން ނުވަތަ އެފަދަ އަމަލެއް ކުރުމަށް މަގުފަހިކޮށްދިނުން ނުވަތަ އެފަދަ އަމަލެއް ކުރުމަށް ހިތްވަރުދިނުން ނުވަތަ އެއިން އަމަލެއް ހިންގުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުން ނުވަތަ އެފަދަ އަމަލެއް ކުރުމަށް ރޭވުން، ނުވަތަ އެފަދަ އަމަލެއް ކުރަން އުޅުމަށް.
(ށ) މަނީ ލޯންޑްރިންގގެ ކުށާ ގުޅިފައިވާ ކުށް ކުރާ ފަރާތަކީވެސް މަނީ ލޯންޑްރިންގގެ ކުށް ކުރި ފަރާތެއް ކަމުގައި މި ގާނޫނުގެ ބޭނުމަށްޓަކައި ބެލޭނެއެވެ.
6 ވަނަ މާއްދާ - ޓެރަރިޒަމަށް ފައިނޭންސްކުރުން
"ޓެރަރިޒަމަށް ފައިނޭންސްކުރުން" ކަމަށް ބުނެފައިއެވަނީ، ޓެރަރިސްޓަކު ނުވަތަ ޓެރަރިސްޓް ޖަމާއަތަކުން ޓެރަރިސްޓް ހަރަކާތެއް ހިންގުމަށްޓަކައި އެއްވެސް މިންވަރަކަށް ނުވަތަ މުޅި އަދަދު އެކުގައި ބޭނުންކުރުމުގެ ގަސްދުގައި، ނުވަތަ އެފަދައިން ބޭނުންކުރާނެކަން އެނގިހުރެ، ސީދާ ގޮތެއްގައިވިޔަސް ނުވަތަ ނުސީދާ ގޮތެއްގައިވިޔަސް، އެއްވެސް ވަސީލަތެއް މެދުވެރިކޮށް، ގަސްދުގައި ފައިސާ ފޯރުކޮށްދިނުން ނުވަތަ ފައިސާ ހޯދުން ނުވަތަ އެއިން ކަމެއް ކުރަން އުޅުމަށެވެ. ވަކި ޓެރަރިސްޓް ހަރަކާތަކާ ގުޅުމެއް ނެތްކަމުގައި ވީނަމަވެސް، ނުވަތަ ވަކި ޓެރަރިސްޓް ހަރަކާތެއް ހިންގުމަށް އެ ފައިސާ ބޭނުންކުރެވުނު ކަމުގައި ނުވިނަމަވެސް ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ކުށް ކުރީ ކަމުގައި ބެލެވޭނެއެވެ.
7 ވަނަ މާއްދާ - މަނީ ލޯންޑްރިންގގެ ކުށާ ގުޅިފައިވާ ކުށް
"މަނީ ލޯންޑްރިންގގެ ކުށާ ގުޅިފައިވާ ކުށް" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގައި ކުށް ކޮށްގެން ހޯދާ މުދާ ކަމުގައި ބަޔާންކޮށްފައިވާ މުދަލެއް ކުށް ކުރާ ފަރާތަށް ލިބިގަނެވިދާނެ އަންނަނިވި ކުށްތަކުގެ ތެރެއިން ކުށަކަށެވެ. އޭގެ ތެރޭގައި ދިވެހިރާއްޖެއިން ބޭރުގައި ކުރާ ކުށްތައްވެސް ހިމެނެއެވެ. އެހެންނަމަވެސް، ދިވެހިރާއްޖެއިން ބޭރުގައި ހިނގާ ކުށަކީ މަނީ ލޯންޑްރިންގގެ ކުށާ ގުޅިފައިވާ ކުށެއް ކަމުގައި މި ގާނޫނުގެ ބޭނުމަށްޓަކައި ބެލޭނީ، އެ އަމަލަކީ، އެ އަމަލު ހިންގި ގައުމުގެ ގާނޫނުގެ ދަށުން ކުށެއް ކަމުގައި ބެލެވޭ އަމަލެއް ކަމުގައިވުމުގެ އިތުރުން، އެއީ އެ އަމަލު ދިވެހިރާއްޖޭގައި ހިނގައިފިނަމަ ދިވެހިރާއްޖޭގެ ގާނޫނުގެ ދަށުންވެސް ކުށެއް ކަމުގައި ބެލެވޭ އަމަލެއް ކަމުގައިވާނަމައެވެ.
(ހ) ޓެރަރިޒަމްގެ ކުށް؛
(ށ) ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ކުށް؛
(ނ) މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް؛
(ރ) މީހުން ޓްރެފިކްކުރުމުގެ ކުށް؛
(ބ) ހަތިޔާރު ޓްރެފިކްކުރުމުގެ ކުށް؛
(ޅ) ކޮއިން ނުވަތަ ނޫޓު ކައުންޓަރފީޓްކުރުމުގެ ކުށް؛
(ކ) އިންސައިޑަރ ޓްރޭޑިންގގެ ކުށް؛
(އ) ކޮރަޕްށަންގެ ކުށް؛
(ވ) އޯގަނައިޒްޑް ކްރިމިނަލް ގްރޫޕްތައް މެދުވެރިކޮށް ހިންގޭ އެންމެހައި ކުށް؛
(މ) މި މާއްދާގެ (ހ) އިން ފެށިގެން (ވ) ގެ ނިޔަލަށް ހުރި އަކުރުތަކުގައި ބަޔާންކޮށްފައިވާ ކުށްތަކުގެ އިތުރުން، ޖިނާއީ ބޮޑު ކުށެއް ކަމުގައި އެހެން ގާނޫނެއްގައި ކަނޑައަޅާފައިވާ ކޮންމެ ކުށެއް.
(ފ) މި މާއްދާގެ (ހ) އިން ފެށިގެން (މ) ގެ ނިޔަލަށް ހުރި އަކުރުތަކުގައި ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރެއިން ކުށެއް ކުރުމުގައި ބައިވެރިވުމުގެ ކުށް ނުވަތަ އެއިން ކުށެއް ކުރުމުގައި އެހީތެރިވެދިނުމުގެ ކުށް.
8 ވަނަ މާއްދާ - ކުށް ކޮށްގެން ހޯދާ މުދާ
"ކުށް ކޮށްގެން ހޯދާ މުދާ" ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖޭގެ ގާނޫނެއްގައި ކުށެއް ކަމުގައި ކަނޑައަޅާފައިވާ އެއްވެސް ކުށެއް ކުރުމުގެ ސަބަބުން ސީދާ ގޮތެއްގައިވިޔަސް ނުވަތަ ނުސީދާ ގޮތެއްގައިވިޔަސް، ދިވެހިރާއްޖެއިން ނުވަތަ ދިވެހިރާއްޖެއިން ބޭރުން، ލިބޭ ނުވަތަ ހޯދާ ފައިސާ ނުވަތަ މުދަލަށެވެ. މީގެ ތެރޭގައި އެފަދަ ފައިސާ ނުވަތަ މުދަލުން ހޯދާ ނުވަތަ ބަދަލުކޮށްފައިވާ މުދަލާއި، އެ މުދާ އިންވެސްޓްކޮށްގެން ލިބޭ މުދާވެސް ހިމެނެއެވެ.
9 ވަނަ މާއްދާ - ކުށް ކުރުމަށް ބޭނުންކުރާ މުދާ
"ކުށް ކުރުމަށް ބޭނުންކުރާ މުދާ" ކަމަށް ބުނެފައިއެވަނީ، ކުށެއް ނުވަތަ އެއް ކުށަށްވުރެ ގިނަ ކުށް ކުރުމަށް އެއްވެސް ސިފައެއްގައި ބޭނުންކުރި ނުވަތަ ބޭނުންކުރަން ގަސްދުކުރި މުދަލަށެވެ. އެގޮތުން ކުށެއް ކުރުމުގައި ބޭނުންކުރީ ނުވަތަ ބޭނުންކުރަން ގަސްދުކުރީ އެ މުދަލުން ބައެއް ކަމުގައިވީނަމަވެސް ކުށް ކުރުމަށް ބޭނުންކުރާ މުދަލުގެ މާނައިގެ ތެރޭގައި އެ މުދާ ހިމެނޭނެއެވެ.
10 ވަނަ މާއްދާ - ކޮންޓްރޯލްޑް ޑެލިވަރީ
"ކޮންޓްރޯލްޑް ޑެލިވަރީ" ކަމަށް ބުނެފައިއެވަނީ، މަނީ ލޯންޑްރިންގގެ ކުށްތައް ނުވަތަ ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ކުށްތައް ތަހްގީގުކުރުމަށާއި އެފަދަ ކުށްތައް ކުރާ ފަރާތްތައް ދެނެގަތުމުގެ ބޭނުމުގައި، މި ގާނޫނުގައި ކުށެއް ކަމުގައި ކަނޑައަޅާފައިވާ ކުށަކާގުޅޭ ކޮންސައިންމަންޓާއި ފައިސާ، ނުވަތަ އެފަދަ ކޮންސައިންމަންޓް ނުވަތަ ފައިސާ ކަމަށް ބެލެވޭ އެއްޗެހި، ކަމާބެހޭ އިދާރާތަކުގެ ފުރިހަމަ ބެލުމުގެ ދަށުން، ދިވެހިރާއްޖެއަށް އެތެރެވިޔަ ދިނުމަށް، ނުވަތަ އެ އެއްޗެއް ގެންދެވޭ މަންޒިލަށް ރައްދުވިޔަ ދިނުމަށް، ނުވަތަ ދިވެހިރާއްޖެއިން ބޭރަށް ގެންދިޔަދިނުމަށެވެ.
11 ވަނަ މާއްދާ - ފައިސާ ނުވަތަ މުދާ
"ފައިސާ" ނުވަތަ "މުދާ" ކަމަށް ބުނެފައިއެވަނީ، އުފުލޭ މުދަލާއި ނުއުފުލޭ މުދާ ހިމެނޭގޮތުން ހުރިހާ ބާވަތެއްގެ އެސެޓަކަށެވެ. އަދި އެއިން މުދަލެއްގެ މިލްކުވެރިކަމާއި، އެއިން މުދަލަކާ ގުޅިގެން އުފެދިފައިވާ ނުވަތަ އުފެދޭ އެނޫންވެސް ހައްގާއި މަސްލަހަތާއި މަންފާވެސް ހިމެނޭގޮތުންނެވެ. އޭގެ ތެރޭގައި، ބޭންކު ކްރެޑިޓް، ޓްރެވަލަރސް ޗެކް، ބޭންކު ޗެކް، މަނީ އޯޑަރ، ހިއްސާ، މާލީ ސެކިއުރިޓީޒް، ބޮންޑް، ބޭންކު ޑްރާފްޓް އަދި ލެޓަރ އޮފް ކްރެޑިޓް ފަދަ އެފަދަ މުދަލުގެ މިލްކުވެރިކަން އަންގައިދޭ ނުވަތަ މަސްލަހަތެއް އޮތްކަން އަންގައިދޭ ގާނޫނީ ލިޔެކިޔުން ނުވަތަ އިންސްޓްރުމަންޓްތައްވެސް ހިމެނެއެވެ.
12 ވަނަ މާއްދާ - އޯގަނައިޒްޑް ކްރިމިނަލް ގްރޫޕް
"އޯގަނައިޒްޑް ކްރިމިނަލް ގްރޫޕް" ކަމަށް ބުނެފައިއެވަނީ، ސީދާގޮތެއްގައި ނުވަތަ ނުސީދާގޮތެއްގައިވިޔަސް މާލީ ފައިދާއެއް ނުވަތަ އެހެންވެސް މާއްދީ ފައިދާއެއް ހޯދުމުގެ މަގްސަދުގައި ޖިނާއީ ބޮޑު ކުށެއް ނުވަތަ ކުށްތަކެއް ކުރުމަށް ތިން މީހުން ނުވަތަ އެއަށްވުރެ ގިނަ މީހުން އެކުވެގެން، ވަކި ތަރުތީބުތަކެއްގެމަތިން ރޭވިގެން ހަރަކާތްތެރިވާ ނުވަތަ ހަރަކާތްތެރިވެފައިވާ ކޮންމެ ޖަމާއަތަކަށެވެ.
13 ވަނަ މާއްދާ - ޓެރަރިސްޓް ހަރަކާތް
"ޓެރަރިސްޓް ހަރަކާތް" ކަމަށް ބުނެފައިއެވަނީ، ޓެރަރިޒަމް މަނާކުރުމާއި ހުއްޓުވުމާބެހޭ ކަމާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ކޮންމެ ޓެރަރިޒަމްގެ އަމަލަކަށެވެ.
14 ވަނަ މާއްދާ – ޓެރަރިސްޓެއް
"ޓެރަރިސްޓެއް" ކަމަށް ބުނެފައިއެވަނީ، ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ފަރާތަކަށެވެ.
(ހ) ސީދާގޮތުން ނުވަތަ ނުސީދާގޮތުންވިޔަސް، އެއްވެސް ގޮތަކުން ގަސްދުގައި ޓެރަރިސްޓް ހަރަކާތެއް ހިންގާފައިވާ ނުވަތަ ހިންގަންއުޅޭ ކޮންމެ ފަރާތެއް؛
(ށ) ޓެރަރިސްޓް ހަރަކާތްތަކުގައި ބައިވެރިވާ ކޮންމެ ފަރާތެއް؛
(ނ) ޓެރަރިސްޓް ހަރަކާތްތައް ރާވާ ކޮންމެ ފަރާތެއް ނުވަތަ އެހެން ފަރާތެއް މެދުވެރިކޮށް ޓެރަރިސްޓް ހަރަކާތްތައް ހިންގާ ކޮންމެ ފަރާތެއް؛
(ރ) ޓެރަރިސްޓް ހަރަކާތެއް ހިންގުމުގެ މަގްސަދުގައި ހަރަކާތްތެރިވާ އެއްވެސް ޖަމާއަތަކަށް،
އެ ޖަމާއަތުން ހިންގުމަށް ރާވާފައިވާ ޓެރަރިސްޓް ހަރަކާތެއް ހިންގުމަށް މަގުފަހިކޮށްދޭ ކޮންމެ ފަރާތެއް؛ ނުވަތަ އެ ޖަމާއަތުގެ މަގްސަދަކީ ޓެރަރިސްޓް ހަރަކާތް ހިންގުންކަން އެނގިހުރެ އެފަދަ ހަރަކާތްތައް ހިންގުމުގެ ނިޔަތުގައި އެފަދަ ޖަމާއަތަކަށް އެހީތެރިވެދޭ ކޮންމެ ފަރާތެއް؛
(ބ) މި ގާނޫނުގެ 52 ވަނަ މާއްދާގެ ދަށުން ޓެރަރިސްޓެއް ކަމުގައި ކަނޑައެޅޭ ކޮންމެ ފަރާތެއް.
15 ވަނަ މާއްދާ - ޓެރަރިސްޓް ޖަމާއަތް
"ޓެރަރިސްޓް ޖަމާއަތް" ކަމަށް ބުނެފައިއެވަނީ، ތިރީގައި ބަޔާންކޮށްފައިވާ ޖަމާއަތްތަކުގެ ތެރެއިން ޖަމާއަތަކަށެވެ.
(ހ) ސީދާގޮތުން ނުވަތަ ނުސީދާގޮތުންވިޔަސް، އެއްވެސް ގޮތަކުން ގަސްދުގައި ޓެރަރިސްޓް ހަރަކާތެއް ހިންގާފައިވާ ނުވަތަ ހިންގަންއުޅޭ ކޮންމެ ޖަމާއަތެއް؛
(ށ) ޓެރަރިސްޓް ހަރަކާތްތަކުގައި ބައިވެރިވާ ކޮންމެ ޖަމާއަތެއް؛
(ނ) ޓެރަރިސްޓް ހަރަކާތްތައް ރާވާ ޖަމާއަތެއް ނުވަތަ އެނޫންވެސް ފަރާތެއް މެދުވެރިކޮށް ޓެރަރިސްޓް ހަރަކާތް ހިންގާ ކޮންމެ ޖަމާއަތެއް؛
(ރ) ޓެރަރިސްޓް ހަރަކާތެއް ހިންގުމުގެ މަގްސަދުގައި ހަރަކާތްތެރިވާ އެއްވެސް ޖަމާއަތަކަށް،
އެ ޖަމާއަތުން ކުރުމަށް ރާވާފައިވާ ޓެރަރިސްޓް ހަރަކާތެއް ހިންގުމަށް މަގުފަހިކޮށްދޭ ކޮންމެ ޖަމާއަތެއް ނުވަތަ އެ ޖަމާއަތުގެ މަގްސަދަކީ ޓެރަރިސްޓް ހަރަކާތް ހިންގުންކަން އެނގިތިބެ އެފަދަ ހަރަކާތްތައް ހިންގުމުގެ ނިޔަތުގައި އެފަދަ ޖަމާއަތަކަށް އެހީތެރިވެދޭ ކޮންމެ ޖަމާއަތެއް؛
(ބ) މި ގާނޫނުގެ 52 ވަނަ މާއްދާގެ ދަށުން ޓެރަރިސްޓް ޖަމާއަތެއް ކަމުގައި ކަނޑައެޅޭ ކޮންމެ ޖަމާއަތެއް.
ދެވަނަ ބައި
މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުން
ތިންވަނަ ބާބު
ރައްކާތެރިވުމަށްޓަކައި އަޅާ ފިޔަވަޅު
16 ވަނަ މާއްދާ - ރިޕޯޓްކުރަންޖެހޭ ފަރާތްތަކުން މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ދެނެގަތުން
(ހ) ރިޕޯޓްކުރަންޖެހޭ ފަރާތްތަކުން ކުރާ މުއާމަލާތްތައް ކުރުމުގައި އަންނަނިވި ހާލަތްތަކުގައި، މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ މައުލޫމާތާއި ތިންވަނަ ފަރާތެއް މެދުވެރިކޮށްގެން މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ މައުލޫމާތު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކަނޑައަޅާ އިތުބާރުކުރެވޭ އައިޑެންޓިފިކޭށަން ޑޭޓާ މެދުވެރިކޮށް ކަށަވަރުކުރަންވާނެއެވެ.
- ވިޔަފާރީގެ ގުޅުން ގާއިމުކުރުމުގައި؛
- މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގުޅުންތައް ފިޔަވައި، މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތަކުން ތިރީގައި ބަޔާންކޮށްފައިވާ މުއާމަލާތެއް ކުރަން އެދޭ ހިނދު:
(ހހ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކަނޑައަޅާ ފައިސާގެ އަދަދެއް ނުވަތަ އެއަށްވުރެ މަތީގެ ފައިސާގެ އަދަދެއް ހިމެނޭ މުއާމަލާތްތައް؛ މުއާމަލާތެއް ހިންގާ ވަގުތު، އެ މުއާމަލާތެއްގެ ޖުމްލަ އަދަދު އެނގެން ނެތްނަމަ، އެ މުއާމަލާތެއް ހިންގަން އެދުނު ފަރާތުގެ މައުލޫމާތު ކަށަވަރުކުރާނީ އެ މުއާމަލާތުގެ އަދަދެއް އެނގުމުން ނުވަތަ އެ މުއާމަލާތްތަކުގެ ޖުމްލަ އަދަދު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކަނޑައަޅާ އަދަދާ އެއްވަރުވުމުންނެވެ.
(ށށ) ރާއްޖެއިން ބޭރަށް ނުވަތަ ދިވެހިރާއްޖޭގައި ފައިސާ ޓްރާންސްފަރކުރުން. - މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތާ ބެހޭގޮތުން ކުރިން ދީފައިވާ މައުލޫމާތު ފުރިހަމަނުވާކަމަށް ށައްކުކުރެވުން ނުވަތަ އެފަދަ މައުލޫމާތުގެ ސައްހަކަމާމެދު ށައްކު އުފެދުން؛
- މަނީ ލޯންޑްރިންގގެ ހަރަކާތެއް ހިންގާ ކަމަށް ނުވަތަ ޓެރަރިޒަމަށް ފައިނޭންސްކުރާ ކަމަށް ށައްކުކުރެވުން.
(ށ) ރިޕޯޓްކުރަންޖެހޭ ފަރާތްތަކުން އެހެން ފަރާތްތަކާއެކު ބާއްވާ ވިޔަފާރީގެ ގުޅުންތަކުގެ މަގްސަދާއި ވިޔަފާރީގެ ބާވަތުގެ މައުލޫމާތު ރިޕޯޓްކުރަންޖެހޭ ފަރާތްތަކުން ހޯދަންވާނެއެވެ.
(ނ) ފަރުދެއްގެ ފުރިހަމަ މައުލޫމާތު ހޯދައި އެ މައުލޫމާތުގެ ސައްހަކަން ޔަގީންކުރުމަށްޓަކައި
އެ ފަރުދެއްގެ ފުރިހަމަ ނަމާއި، އެޑްރެހާއި، އުފަން ތާރީހާއި، އުފަން ރަށާއި، އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ނުވަތަ ވާރކް ޕާމިޓް ނަންބަރު ނުވަތަ ޕާސްޕޯޓް ނަންބަރު، ރިޕޯޓްކުރަންޖެހޭ ފަރާތްތަކުން ހޯދަންވާނެއެވެ.
(ރ) ގާނޫނީ ށަހްސެއްގެ ފުރިހަމަ މައުލޫމާތު ހޯދައި އެ މައުލޫމާތުގެ ސައްހަކަން ޔަގީންކުރުމަށްޓަކައި، އެތަނެއްގެ ވިޔަފާރި ނަމާއި، މައި އޮފީހުގެ އެޑްރެހާއި، ޑިރެކްޓަރުންގެ މައުލޫމާތާއި، ރަޖިސްޓަރީކޮށްފައިވާ ތަނެއް ކަމުގެ ހެކި ނުވަތަ އެތަނުގެ ގާނޫނީ ހައިސިއްޔަތު އަންގައިދޭ ހެކި، ގާނޫނީގޮތުން އުފެދިފައިވާ ގޮތާއި، އަސާސީ ގަވާއިދާއި ހިންގާ ގަވާއިދު އަދި ރަޖިސްޓަރީ ނަންބަރު ރިޕޯޓްކުރަންޖެހޭ ފަރާތްތަކުން ހޯދަންވާނެއެވެ.
(ބ) ގާނޫނީ އެރޭންޖްމަންޓެއްގެ ފުރިހަމަ މައުލޫމާތު ހޯދައި އެ މައުލޫމާތުގެ ސައްހަކަން ޔަގީންކުރުމަށްޓަކައި، އެކްސްޕްރެސް ޓްރަސްޓެއްގެ ނުވަތަ އެފަދަ އެހެން އެރޭންޖްމަންޓެއްގެ ޓްރަސްޓީ، ސެޓްލަރ އަދި ބެނެފިށަރީގެ ނަން ރިޕޯޓްކުރަންޖެހޭ ފަރާތްތަކުން ހޯދަންވާނެއެވެ.
(ޅ) ރިޕޯޓްކުރަންޖެހޭ ފަރާތްތަކުން، ބެނެފިށަލް އޯނަރގެ ފުރިހަމަ މައުލޫމާތު ހޯދައި
އެ މައުލޫމާތުގެ ސައްހަކަން ޔަގީންކުރުމަށްޓަކައި އެކަށީގެންވާ ފިޔަވަޅުތައް އަޅަންވާނެއެވެ. އެގޮތުން، މައުލޫމާތު ހޯދަންޖެހޭ ފަރާތްތަކުގެ ތެރޭގައި ގާނޫނީ ށަހްސެއްގެ މައްޗަށް ކޮންޓްރޯލްކުރެވޭވަރުގެ މަސްލަހަތެއް އޮތް ފަރުދުންނާއި އެފަދަ ށަހްސެއް ހިންގައި ބަލަހައްޓާ ފަރުދުންވެސް ހިމެނެއެވެ.
(ކ) މި މާއްދާގެ (ހ)، (ށ)، (ނ)، (ރ)، (ބ) އަދި (ޅ) ގެ ދަށުން ރިޕޯޓްކުރަންޖެހޭ ފަރާތްތަކުން މައުލޫމާތު ހޯދުމުގައި، ހިދުމަތް ހޯދާ ފަރާތަކުން ހިދުމަތް ލިބިގަންނަނީ އެފަރާތުގެ އަމިއްލަ ބޭނުމަށް ނޫން ކަމަށް ކަމުގައި ޔަގީންވާނަމަ، ނުވަތަ ށައްކުކުރެވޭނަމަ، އެފަދަ މުއާމަލާތެއް ނިސްބަތްވާ ފަރާތެއް ނުވަތަ ފަރާތްތަކެއްގެ ފުރިހަމަ މައުލޫމާތު ހޯދައި އެ މައުލޫމާތުގެ ސައްހަކަން ޔަގީންކުރުމަށްޓަކައި އަޅަންޖެހޭ އެކަށީގެންވާ ހުރިހާ ފިޔަވަޅެއް އަޅަންވާނެއެވެ.
(އ) ރިޕޯޓްކުރަންޖެހޭ ފަރާތްތަކުން އެހެނިހެން ފަރާތްތަކާއެކު ބާއްވާ ވިޔަފާރީގެ ގުޅުންތަކުގައި އެކަށީގެންވާ ފަރުވާތެރިކަން ބަހައްޓަންވާނެއެވެ. އަދި ރިޕޯޓްކުރަންޖެހޭ ފަރާތްތަކުގެ ކިބައިން މުދަލާއި ހިދުމަތް ހޯދާ ފަރާތްތަކުން ހިންގާ ވިޔަފާރީގެ މުއާމަލާތްތަކާބެހޭ މައުލޫމާތާއި، އެފަރާތްތަކުގެ ރިސްކް ޕްރޮފައިލާބެހޭ މައުލޫމާތާއި، ބޭނުންވެއްޖެ ހާލަތެއްގައި އެފަރާތްތަކުން ފައިސާ ހޯދާފައިވާ ގޮތުގެ މައުލޫމާތާއި، ރިޕޯޓްކުރަންޖެހޭ ފަރާތްތަކަށް ލިބިފައިވާ އެފަރާތްތަކުގެ މައުލޫމާތާ އެއްގޮތްތޯ ބެލުމަށްޓަކައި، އެފަރާތްތަކާއެކު ކުރެވޭ މުއާމަލާތްތައް ބަލަމުންގެންދަންވާނެއެވެ.
(ވ) ރިޕޯޓްކުރަންޖެހޭ ފަރާތްތަކުން އެއްވެސް ފަރާތަކާއެކު ވިޔަފާރީގެ ގުޅުމެއް ހިންގާއިރު ނުވަތަ ވިޔަފާރީގެ މުއާމަލާތެއް ކުރާއިރު އެފަރާތުން އެފަރާތުގެ މައުލޫމާތު ދިނުމަށް އެފަރާތުން ހާޒިރުނުވާ ހާލަތްތަކުގައި، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ފުރުސަތު ކުޑަކުރުމަށް އެކަށީގެންވާ ފިޔަވަޅު ރިޕޯޓްކުރަންޖެހޭ ފަރާތްތަކުން އަޅަންވާނެއެވެ.
(މ) ރިޕޯޓްކުރަންޖެހޭ ފަރާތްތަކުގެ ކިބައިން މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތަކީ ނުވަތަ ބެނެފިށަލް އޯނަރަކީ ޕޮލިޓިކަލީ އެކްސްޕޯސްޑް ޕަރސަންއެއްތޯ ބަލަންވާނެއެވެ. އަދި އެފަދަ ފަރާތަކީ ޕޮލިޓިކަލީ އެކްސްޕޯސްޑް ޕަރސަންއެއް ކަމަށް ފެނިއްޖެނަމަ:
- އެފަރާތާއެކު ވިޔަފާރީގެ ގުޅުމެއް ގާއިމުކުރުމުގެ ކުރިން ރިޕޯޓްކުރަންޖެހޭ ފަރާތުގެ އިސްވެރިންގެ ހުއްދަ ހޯދަންވާނެއެވެ.
- އެފަރާތަކަށް ފައިސާ ނުވަތަ ތަނަވަސްކަން ނުވަތަ ފައިސާވެރިކަން ނުވަތަ ފޯރުންތެރިކަން ލިބުނީ ކޮން ގޮތަކުންކަން ޔަގީންކުރުމަށް އަޅަންޖެހޭ އެކަށީގެންވާ ހުރިހާ ފިޔަވަޅުތަކެއް އަޅަންވާނެއެވެ.
- އެފަރާތާއެކު ބާއްވަމުންގެންދާ ވިޔަފާރީގެ ގުޅުމާބެހޭ ކަންތައްތައް ހަރުދަނާކޮށް، ގަވާއިދުން މޮނީޓަރ ކުރަންވާނެއެވެ.
(ފ) ބޭރު ގައުމެއްގެ މާލީ އިދާރާއަކާއެކު ކޮރެސްޕޮންޑަންޓް ބޭންކިންގ ގުޅުމެއް، ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ މާލީ އިދާރާއަކުން ބާއްވާނަމަ، އެ ބޭރު ގައުމުގެ މާލީ އިދާރާގެ ފުރިހަމަ މައުލޫމާތު ހޯދައި ޔަގީންކުރުމަށްޓަކައި ތިރީގައިވާ ކަންތައްތައް ކުރަންވާނެއެވެ.
- ބޭރު ގައުމުގެ މާލީ އިދާރާއަކީ ކޮން ބާވަތެއްގެ ހަރަކާތްތަކެއް ހިންގާ އިދާރާއެއްތޯ ބެލުމަށް މައުލޫމާތު ހޯދުން؛
- ބޭރު ގައުމުގެ މާލީ އިދާރާއާމެދު މުޖުތަމައު ދެކޭގޮތާއި އަދި އެ އިދާރާއެއް ސުޕަވައިޒްކުރެވޭ މިންވަރު އާންމުކޮށް ލިބެންހުންނަ މައުލޫމާތުގެ އަލީގައި ބެލުން؛
- ބޭރުގެ އިދާރާއާއެކު ކޮރެސްޕޮންޑަންޓް ބޭންކިންގ ގުޅުމެއް ގާއިމުކުރުމުގެ ކުރިން އިސް މެނޭޖްމަންޓްގެ ހުއްދަ ހޯދުން؛
- މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމާ ގުޅޭގޮތުން ބޭރުގެ މާލީ އިދާރާގެ އަދި ދިވެހިރާއްޖޭގެ މާލީ އިދާރާގެ ޒިންމާތަކާއި މަސްއޫލިއްޔަތަކީ ކޮބައިކަން ލިޔުމުން ކަނޑައެޅުން؛
- މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމަށްޓަކައި ބޭރުގެ އިދާރާއިން އަޅާފައިވާ ފިޔަވަޅުތައް ބަލައި ދިރާސާކުރުން؛ އަދި
- އެކައުންޓެއް މެދުވެރިކޮށްގެން ފައިސާ ދައްކާ ހާލަތްތަކުގައި ބޭރުގެ އިދާރާގެ ކިބައިން މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތުގެ ފުރިހަމަ މައުލޫމާތު އެ ބޭރުގެ އިދާރާއިން ހޯދައި އެ މައުލޫމާތުގެ ސައްހަކަން ޔަގީންކޮށްފައިވާކަން އަދި ހިދުމަތް ހޯދާ ފަރާތް ރަނގަޅަށް މޮނިޓަރކުރުމުގެ ނިޒާމެއް ގާއިމުކޮށްފައިވާކަން އަދި މުދަލާއި ހިދުމަތް ހޯދާ ފަރާތުގެ މައުލޫމާތު ހޯދުމަށް އެދިއްޖެ ހާލަތެއްގައި އެ މައުލޫމާތު ފޯރުކޮށްދިނުމުގެ ގާބިލުކަން ލިބިފައިވާ ފަރާތެއްކަން ޔަގީންކުރުން.
(ދ) މި މާއްދާގެ (ހ)، (ށ)، (ނ)، (ރ)، (ބ)، (ޅ) އަދި (ކ) ގެ ދަށުން ރިޕޯޓްކުރަންޖެހޭ ފަރާތްތަކުން ކުރަންޖެހޭ ކަންކަން ފުރިހަމަނުކުރެވޭ ކަމުގައިވާނަމަ، އެފަރާތުން އެއްވެސް ވިޔަފާރީގެ ގުޅުމެއް ހިންގައިގެން ނުވަތަ ގާއިމުކޮށްގެން ނުވާނެއެވެ. އަދި ރިޕޯޓްކުރަންޖެހޭ ފަރާތްތަކުން މި ގާނޫނުގެ ދަށުން އެފަދަ ކަމެއް އަންގަންޖެހޭ ހާލަތްތަކުގައި ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް އެ ކަމެއް އަންގަންވާނެއެވެ.
(ތ) އެއްވެސް މާލީ އިދާރާއަކުން ވަކި ފަރާތަކަށް ނިސްބަތްނުވާ އެކައުންޓެއް ނުވަތަ ވަކި ނަމަކީ އެއްވެސް މީހަކަށް ނިސްބަތްކުރެވޭނެ ނަމެއް ނޫންކަން ކަނޑައެޅިގެން އެނގޭ ނަމެއްގައި އެކައުންޓެއް ބަލަހައްޓައިގެން ނުވާނެއެވެ.
17 ވަނަ މާއްދާ - ކާކުކަން ދެނެގަންނަންޖެހޭ ހާއްސަ ހާލަތްތައް
(ހ) ވަޒީފާގެ އެއްބަސްވުމެއްގެ ދަށުން ނުވަތަ އިންށުއަރކުރެވިފައިވާ ފަރާތެއްގެ ފަންނީ މަސައްކަތާ ގުޅިގެން އެފަރާތްތަކާއެކު ޕެންށަން އިންށުއަރަންސް ކޮންޓްރެކްޓްކުރާ ފަރާތްތަކާބެހޭ ފުރިހަމަ މައުލޫމާތު، އިންށުއަރަންސް ކުންފުނިތަކުންނާއި އިންށުއަރަންސް ބްރޯކަރުން ހޯދުން ލާޒިމެއްނޫނެވެ. އެއީ އެފަދަ ކޮންޓްރެކްޓެއްގައި އަމިއްލައަށް ހަވާލުވުމާބެހޭ މާއްދާއެއް ނުހިމެނޭނަމަ އަދި ލޯނެއްގެ ރަހުނަކަށް އެ ކޮންޓްރެކްޓް ބޭނުންނުކުރެވޭހާ ހިނދަކުއެވެ.
(ށ) ރިއަލް އެސްޓޭޓް ގަނެވިއްކުމުގެ ވިޔަފާރިކުރާ ފަރާތްތަކުން ރިއަލް އެސްޓޭޓް ގަނެވިއްކުމުގެ މުއާމަލާތެއް ހިންގާއިރު، މި ގާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން އެ މުއާމަލާތުގައި ހިމެނޭ ފަރާތްތަކުގެ ފުރިހަމަ މައުލޫމާތު ހޯދަންވާނެއެވެ.
(ނ) ޖަވާހިރާއި އަގުހުރި މައުދަނާއި އެނޫންވެސް އަގުހުރި މުދަލުގެ ވިޔަފާރިކުރާ ފަރާތްތަކުން އެފަރާތްތަކުގެ ކިބައިން މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތްތަކާއެކު ކުރާ މުއާމަލާތްތަކުގައި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކަނޑައަޅާ ފައިސާގެ އަދަދުގެ ނުވަތަ އެ އަދަދަށްވުރެ މަތީ އަދަދެއް، ނަގުދު ފައިސާއިން ލިބޭ ހާލަތްތަކުގައި މި ގާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން އެފަރާތެއްގެ މައުލޫމާތު ހޯދަންވާނެއެވެ.
(ރ) ގާނޫނީ ވަކީލުންނާއި، ނޯޓަރީންނާއި، އެކައުންޓަންޓުންނާއި އަދި ގާނޫނީ ދާއިރާގެ ފަންނީ މަސައްކަތްކުރާ މުސްތަގިއްލު ފަރާތްތަކުން، އެއްވެސް ފަރާތަކަށް ތިރީގައިވާ ކަންތައްތަކާ ގުޅޭގޮތުން މުއާމަލާތްކޮށްދޭނަމަ ނުވަތަ އެ މުއާމަލާތްތަކަށް ތައްޔާރުވުމުގައި އެހީތެރިވެދޭނަމަ މި ގާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން އެފަރާތެއްގެ ފުރިހަމަ މައުލޫމާތު ހޯދަންވާނެއެވެ.
- ރިއަލް އެސްޓޭޓް ގަނެވިއްކުން؛
- ފައިސާ، މާލީ ސެކިއުރިޓީޒް، ނުވަތަ އެހެން އެސެޓެއް ބަލަހައްޓައިދިނުން؛
- ބޭންކު އެކައުންޓެއް ނުވަތަ ސޭވިންގްސް އެކައުންޓެއް ނުވަތަ މާލީ ސެކިއުރިޓީޒްގެ އެކައުންޓެއް ބަލަހައްޓައިދިނުން؛
- ކުންފުންޏެއް އުފެއްދުމަށް ނުވަތަ ހިންގުމަށް ނުވަތަ ބެލެހެއްޓުމަށް ލިބޭ ފައިސާއާއި އެހެނިހެން ތަކެއްޗާގުޅޭ ކަންކަން އިންތިޒާމުކުރުން؛ ނުވަތަ
- ގާނޫނީ ށަހްސެއް ނުވަތަ އެނޫންވެސް ގާނޫނީ އެރޭންޖްމަންޓެއް އުފެއްދުން ނުވަތަ ހިންގުން ނުވަތަ ބެލެހެއްޓުމާއި ވިޔަފާރި ށަހްސުތައް ގަނެވިއްކުން.
(ބ) މުސްތަގިއްލު އެކައުންޓަންޓުންނާއި، އޯޑިޓަރުންނާއި، ޓެކްސްއާބެހޭ ލަފާދޭ ފަރާތްތަކުން، އެއްވެސް ފަރާތަކަށް މުއާމަލާތްކޮށްދޭނަމަ ނުވަތަ އެ މުއާމަލާތްތަކަށް ތައްޔާރުވުމުގައި އެހީތެރިވެދޭނަމަ މި ގާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން އެފަރާތެއްގެ ފުރިހަމަ މައުލޫމާތު ހޯދަންވާނެއެވެ.
(ޅ) މާލީ އިދާރާތައް ފިޔަވައި، ޓްރަސްޓް އަދި ކުންފުންޏާގުޅޭ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ހިދުމަތްތައް ވިޔަފާރީގެ އުސޫލުން ތިންވަނަ ފަރާތަކަށް ފޯރުކޮށްދޭނަމަ މި ގާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން އެފަރާތެއްގެ ފުރިހަމަ މައުލޫމާތު ހޯދަންވާނެއެވެ.
- ގާނޫނީ ށަހްސުތައް އުފައްދާ، ރަޖިސްޓަރީކޮށް ނުވަތަ ހިންގާ އެޖެންޓެއްގެ ގޮތުގައި ހަރަކާތްތެރިވުން؛ ނުވަތަ ކުންފުންޏެއްގެ ޑިރެކްޓަރެއް ނުވަތަ ސެކްރެޓަރީއެއްގެ ގޮތުގައި ނުވަތަ ޕާޓްނަރށިޕެއްގެ ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވުން؛ ނުވަތަ އެނޫންވެސް ގާނޫނީ ށަހްސެއްގެ އެފަދަ މަގާމެއްގައި ހަރަކާތްތެރިވުން ނުވަތަ އެފަދަ މަގާމެއްގައި ހަރަކާތްތެރިވާނެ އެހެން ފަރާތެއް ހަމަޖައްސައިދިނުން؛
- ކުންފުންޏަކަށް ނުވަތަ ޕާޓްނަރށިޕަކަށް ނުވަތަ އެނޫންވެސް ގާނޫނީ ށަހްސަކަށް ނުވަތަ ގާނޫނީ އެރޭންޖްމަންޓަކަށް ރަޖިސްޓަރީކުރެވޭ އޮފީހެއް ނުވަތަ ވިޔަފާރީގެ އެޑްރެހެއް، ނުވަތަ އޮފީސް ހިންގާނެ ތަނެއް ނުވަތަ ސިޓީފަދަ ތަކެތި ބަލައިގަންނާނެ އެޑްރެހެއް ނުވަތަ އިދާރީ އެޑްރެހެއް ފޯރުކޮށްދިނުން؛
- އެކްސްޕްރެސް ޓްރަސްޓެއްގެ ޓްރަސްޓީއެއްގެ ގޮތުގައި ހަރަކާތްތެރިވުން ނުވަތަ އެފަދަ ޓްރަސްޓީއެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް އެހެން ފަރާތެއް ހަމަޖައްސައިދިނުން؛
- ކުންފުންޏެއްގެ ނޮމިނީ ށެއަރހޯލްޑަރެއްގެ ގޮތުގައި ހަރަކާތްތެރިވުން ނުވަތަ އެފަދަ ނޮމިނީ ށެއަރހޯލްޑަރެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް އެހެން ފަރާތެއް ހަމަޖައްސައިދިނުން.
18 ވަނަ މާއްދާ - ފައިސާ ނުވަތަ ވެލިއު ޓްރާންސްފަރގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ޒިންމާތައް
(ހ) ފައިސާ ނުވަތަ ވެލިއު ޓްރާންސްފަރކުރުމުގެ ހިދުމަތް ފޯރުކޮށްދޭ ރިޕޯޓްކުރަންޖެހޭ ފަރާތްތަކުން، ފައިސާ ނުވަތަ ވެލިއު ޓްރާންސްފަރކުރުމުގެ ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ އަންނަނިވި މައުލޫމާތު ހޯދައި އެ މައުލޫމާތުގެ ސައްހަކަން ޔަގީންކުރަންވާނެއެވެ. އަދި ޓްރާންސްފަރކުރުމަށްޓަކައި ބޭނުންކުރާ މެސެޖު ނުވަތަ ފޯމުގައި އެ މައުލޫމާތު ހިމަނަންވާނެއެވެ. އަދި އެކައުންޓް ނަންބަރު ނެތް ހާލަތްތަކުގައި އެ މުއާމަލާތްތަކަށް ހާއްސަ ރެފަރެންސް ނަންބަރެއް ދޭންވާނެއެވެ.
- ފުރިހަމަ ނަން؛
- އެޑްރެސް؛
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ނުވަތަ ޕާސްޕޯޓް ނަންބަރު ނުވަތަ ވާރކް ޕާމިޓް ނަންބަރު؛
- އެކައުންޓް ނަންބަރު؛ އަދި
- ބޭނުންވެއްޖެ ހާލަތެއްގައި އެ ޓްރާންސްފަރއެއް ފޮނުވި ފަރާތުން ޓްރާންސްފަރކުރުމުގެ ހިދުމަތް ހޯދި މާލީ އިދާރާއެއްގެ ނަން.
(ށ) ތިން މާލީ އިދާރާ ނުވަތަ އެއަށްވުރެ ގިނަ މާލީ އިދާރާ ބައިވެރިވެގެން ކުރެވޭ ފައިސާ ނުވަތަ ވެލިއު ޓްރާންސްފަރތަކުގައި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިދާރާތަކުން އިންޓަރމީޑިއަރީންގެ ގޮތުގައި ބައިވެރިވާނަމަ، އެފަރާތްތަކުން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު ފުރިހަމައަށް ބަލަހައްޓަންވާނެއެވެ.
(ނ) އެއް ގައުމުން އަނެއް ގައުމަށް ފައިސާ ނުވަތަ ވެލިއު ޓްރާންސްފަރގެ ގޮތުގައި ކުރެވޭ ބެޗް ޓްރާންސްފަރކުރުމާ ގުޅޭގޮތުންނާއި، ދިވެހިރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ނުވަތަ ދިވެހިރާއްޖޭގެ އެއް ރަށުގެ ތެރޭގައި ފައިސާ ނުވަތަ ވެލިއު ޓްރާންސްފަރކުރުމާ ގުޅޭގޮތުން ގަވާއިދު ހެދުމުގެ އިހްތިޔާރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ލިބިގެންވެއެވެ.
(ރ) ކްރެޑިޓް ކާޑު ނުވަތަ ޑެބިޓް ކާޑު ބޭނުންކޮށްގެން ކުރާ މުއާމަލާތްތަކާ ގުޅިގެން ކުރެވޭ ޓްރާންސްފަރތަކުގައި ކާޑުގެ ނަންބަރު ހިމެނިފައިވާނަމަ މި މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު ހޯދާކަށްނުޖެހޭނެއެވެ. އަދި މާލީ އިދާރާތަކުގެ ދެމެދުގައި ކުރެވޭ ޓްރާންސްފަރތަކުގެ ތެރެއިން ޓްރާންސްފަރކުރާ ފަރާތަކީވެސް އަދި ބެނެފިށަރީއަކީވެސް އަމިއްލަ ނަމުގައި މުއާމަލާތްކުރާ މާލީ އިދާރާއެއް ކަމުގައިވާ ހާލަތުގައި، މި މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު ހޯދާކަށް ނުޖެހޭނެއެވެ.
(ބ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިދާރާއަކަށް ފައިސާގެ ނުވަތަ ވެލިއު ޓްރާންސްފަރއެއް ލިބޭއިރު، އެ ޓްރާންސްފަރއެއް ކުރާ ފަރާތުގެ ފުރިހަމަ މައުލޫމާތު ލިބިފައިނުވާނަމަ، އެފަދަ މައުލޫމާތު، އެ ފައިސާ ނުވަތަ ވެލިއު ޓްރާންސްފަރކުރުމަށް އެދުނު އިދާރާއިން ނުވަތަ ބެނެފިށަރީގެ ކިބައިން ހޯދުމަށް އެޅެންހުރި ފިޔަވަޅުތައް އަޅަންވާނެއެވެ. އަދި އެފަދައިން އެ މައުލޫމާތު ފުރިހަމަކުރެވޭ ގޮތް ނުވެއްޖެނަމަ، އެ ޓްރާންސްފަރއެއް ބަލައިގަނެގެން ނުވާނެއެވެ. އަދި ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް އެކަން ރިޕޯޓްކުރަންވާނެއެވެ.
19 ވަނަ މާއްދާ - ބައެއް މުއާމަލާތްތައް މޮނިޓަރކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުން
(ހ) އާންމުކޮށް ކުރެވޭ މުއާމަލާތްތަކާ ތަފާތު މުއާމަލާތްތަކާއި، އާދަޔާ ހިލާފު ބޮޑެތި އަދަދުތައް ހިމެނޭ މުއާމަލާތްތަކާއި، އަދި އާދަޔާ ހިލާފު ގޮތްގޮތަށް ކުރެވޭ މުއާމަލާތްތަކަކީ އޭގައި އިގްތިސާދީ ބޭނުމެއް ނެތި ނުވަތަ ގާނޫނީގޮތުން ހުއްދަކުރާ ބޭނުމެއް ނެތި ކުރެވޭ މުއާމަލާތްތަކެއް ކަމަށް ފެންނަނަމަ، އެފަދަ މުއާމަލާތްތައް ކުރުމުގައި ރިޕޯޓްކުރަންޖެހޭ ފަރާތްތަކުން ހާއްސަ ސަމާލުކަމެއްދީގެން ބަލަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ މުއާމަލާތްތަކާބެހޭ މައުލޫމާތާއި، އެ މުއާމަލާތްތަކުގައި ބައިވެރިވާ ފަރާތްތަކުގެ ފުރިހަމަ މައުލޫމާތު، ރިޕޯޓްކުރަންޖެހޭ ފަރާތްތަކުން ލިޔުމުން ބަހައްޓަންވާނެއެވެ. އެ ލިޔުންތައް ހުންނަންވާނީ، މި ގާނޫނުގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ. އަދި ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓުން ނުވަތަ ސުޕަވައިޒްކުރާ އިދާރާއަކުން ނުވަތަ ތަހްގީގީ އިދާރާއަކުން ނުވަތަ ގާނޫނު ތަންފީޒުކުރާ އިދާރާއަކުން އެ މައުލޫމާތު ހޯދުމަށް އެދިއްޖެ ހިނދެއްގައި އެފަރާތަކަށް އެ މައުލޫމާތު ދޭންވާނެއެވެ.
(ނ) ރިޕޯޓްކުރަންޖެހޭ ފަރާތްތަކާއެކު މުއާމަލާތެއް ހިންގާ ފަރާތަކީ މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމަށް، ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް މަސައްކަތްނުކުރާ ގައުމެއްގައި ދިރިއުޅޭ ފަރާތެއް ކަމުގައިވާނަމަ، އެފަރާތަކާއެކު ބޭއްވޭ ވިޔަފާރީގެ ގުޅުންތަކާއި ކުރެވޭ މުއާމަލާތްތަކާމެދު ހާއްސަ ސަމާލުކަމެއް ރިޕޯޓްކުރާ ފަރާތްތަކުން ބަހައްޓަންވާނެއެވެ. މި މާއްދާގައި ބަޔާންކުރާ ފަރާތްތަކުގެ ތެރޭގައި ގާނޫނީ ށަހްސުތައްވެސް ހިމެނެއެވެ. އަދި އެފަދަ ގައުމުތަކާބެހޭ މައުލޫމާތު ރިޕޯޓްކުރަންޖެހޭ ފަރާތްތަކަށް ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓުން އަންގަންވާނެއެވެ.
20 ވަނަ މާއްދާ - ރެކޯޑު ބެލެހެއްޓުން
ރިޕޯޓްކުރަންޖެހޭ ފަރާތްތަކުން، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތުތަކުގެ ރެކޯޑު ބަހައްޓަންވާނެއެވެ. އެފަދައިން އެ ރެކޯޑު ބަހައްޓަންވާނީ ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓުން ނުވަތަ ސުޕަވައިޒްކުރާ އިދާރާއަކުން ނުވަތަ ތަހްގީގުކުރާ އިދާރާއަކުން ނުވަތަ ގާނޫނު ތަންފީޒުކުރާ އިދާރާއަކުން އެދިއްޖެ ހިނދެއްގައި އެ ތަނަކަށް ވަގުތުން އެ މައުލޫމާތު ފޯރުކޮށްދެވޭނެ ގޮތަކަށެވެ.
(ހ) މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތަކީ ނުވަތަ ބެނެފިށަލް އޯނަރަކީ ނުވަތަ އެޖެންޓަކީ ކޮން ފަރާތެއްކަން ޔަގީންކުރުމަށްޓަކައި މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހޯދާފައިވާ ލިޔެކިޔުންތަކުގެ ކޮޕީއާއި، ވިޔަފާރީގެ މުއާމަލާތްތަކާބެހޭ ލިޔުންތަކާއި، އެކައުންޓް ފައިލްތަކާއި އެނޫނަސް ވިޔަފާރިއާ ބެހޭގޮތުން ބަދަލުކޮށްފައިވާ އެކިއެކި ލިޔެކިޔުންތައް، އެފަރާތްތަކާއެކު ބާއްވާ ވިޔަފާރީގެ ގުޅުން ނިމުމަކަށް އަންނަތާ މަދުވެގެން 5 (ފަހެއް) އަހަރު ދުވަސް ވަންދެން ބަހައްޓަންވާނެއެވެ. އަދި
(ށ) މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތަކުން މުއާމަލާތެއް ކޮށްފައިވާ ގޮތް ދެނެގަތުމަށްޓަކައި މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހޯދާފައިވާ މައުލޫމާތު، އެ މުއާމަލާތެއް ކުރި ތާރީހުން ފެށިގެން މަދުވެގެން 5 (ފަހެއް) އަހަރު ދުވަސް ވަންދެން ބަހައްޓަންވާނެއެވެ.
21 ވަނަ މާއްދާ - މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމަށް ރިޕޯޓްކުރަންޖެހޭ ފަރާތްތަކުން ޕްރޮގްރާމްތައް ހިންގުން
(ހ) މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމަށްޓަކައި ރިޕޯޓްކުރަންޖެހޭ ފަރާތްތަކުން އަންނަނިވި ކަންކަން ހިމެނޭގޮތުން އިންޓަރނަލް ޕްރޮގްރާމްތައް ރާވައި، ހިންގަންވާނެއެވެ.
- މުވައްޒަފުން އައްޔަންކުރުމަށް ގެންގުޅޭ އުސޫލުތައް ހަރުދަނާކުރުމަށްޓަކައި އިންޓަރނަލް ޕޮލިސީތަކާއި، އުސޫލުތަކާއި ކޮންޓްރޯލްތައް ގާއިމުކުރުމާއި، އެ އުސޫލުތަކަށް އަމަލުކުރޭތޯ ބެލުމަށް މެނޭޖްމަންޓުން ގޮތްތަކެއް ހަމަޖައްސައި އަދި އެފަރާތްތައް ސްކްރީންކުރާނެ ރަނގަޅު އުސޫލުތަކެއް ކަނޑައެޅުން؛
- މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ހަރަކާތްތަކާއި އަދި އެފަދަ ހަރަކާތްތަކާ ގުޅުންހުރި މުއާމަލާތްތައް ދެނެގަތުމަށް މުވައްޒަފުންނާއި އޮފިށަލުން ހޭލުންތެރިކުރުމުގެ ގޮތުން ދާއިމީ ތަމްރީނު ދިނުމާއި އެފަދަ ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ އިރުށާދު ދިނުން؛
- މި ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންގެންދޭތޯ ބެލުމަށާއި، އެ ފިޔަވަޅުތަކުގެ ހަރުދަނާކަން ދެނެގަތުމަށްޓަކައި އިންޓަރނަލް އޮޑިޓްތައް ކުރިއަށްގެންދިޔުން.
(ށ) ރިޕޯޓްކުރަންޖެހޭ ފަރާތްތަކުގެ ހަރަކާތްތައް މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ހިންގުމަށްޓަކައި ރިޕޯޓްކުރަންޖެހޭ ކޮންމެ އިދާރާއެއްގައި މެނޭޖްމަންޓް ފެންވަރުގައި ކޮމްޕްލަޔަންސް އޮފިސަރެއް ކަނޑައަޅާފައި ހުންނަންވާނެއެވެ.
22 ވަނަ މާއްދާ - ބޭރުގެ ސަބްސިޑިއަރީތަކާއި ބްރާންޗްތަކުން މި ގާނޫނުގައިވާ ކަންތައްތަކަށް އަމަލުކުރުން
މާލީ އިދާރާތަކުން ބޭރު ގައުމުތަކުގައި ގާއިމުކޮށްފައިވާ އެފަރާތުގެ ސަބްސިޑިއަރީތަކާއި ބްރާންޗްތަކުން މި ގާނޫނުގެ 16 ވަނަ މާއްދާއިން ފެށިގެން 21 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގައި ބަޔާންކޮށްފައިވާ އެންމެހައި ކަންތައްތަކަށް އަމަލުކުރަންވާނެއެވެ. އެފަދަ ސަބްސިޑިއަރީތަކާއި ބްރާންޗްތަކުން މި ގާނޫނުގެ ދަށުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމަށް އެ ސަބްސިޑިއަރީތައް ނުވަތަ ބްރާންޗްތައް ގާއިމުކޮށްފައިވާ ގައުމެއްގެ ގާނޫނު ހުރަސްއަޅާނަމަ، އެކަން އެ މާލީ އިދާރާއަކުން ސުޕަވައިޒްކުރާ އިދާރާއަށް އަންގަންވާނެއެވެ.
ހަތަރުވަނަ ބާބު
ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާއަތްތަކާއި ފައިސާ ނުވަތަ ވެލިއު ޓްރާންސްފަރގެ ހިދުމަތްދޭ ފަރާތްތަކާއި ކަނޑައެޅޭ މާލީނޫން ވިޔަފާރިތަކާއި ދާއިރާތައް
23 ވަނަ މާއްދާ - ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާއަތްތަކާއި ފައިސާ ނުވަތަ ވެލިއު ޓްރާންސްފަރގެ ހިދުމަތްދޭ ފަރާތްތަކާއި ކަނޑައެޅޭ މާލީނޫން ވިޔަފާރިތަކާއި ދާއިރާތައް
(ހ) ފައިސާ ހޯދައި ލިބިގަތުމަކީ ނުވަތަ ފައިސާ ޓްރާންސްފަރކޮށް ހެދުމަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާއަތެއްގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަންކަން ކަމުގައިވާނަމަ، އެއިން ކޮންމެ ޖަމާއަތެއް މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ރަނގަޅަށް މޮނިޓަރކުރަމުންގެންދަންވާނެއެވެ. އަދި އެފަދަ ޖަމާއަތްތައް މެދުވެރިކޮށް ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމަށްޓަކައި ހަދަންޖެހޭ ގަވާއިދުތައް މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ހަދައި ހިންގަންވާނެއެވެ.
(ށ) ފައިސާ ނުވަތަ ވެލިއު ޓްރާންސްފަރގެ ހިދުމަތްދޭ ފަރާތްތައް މޯލްޑްވިސް މަނިޓަރީ އޮތޯރިޓީން ފުރިހަމައަށް މޮނިޓަރކޮށް ބަލަހައްޓަންވާނެއެވެ.
(ނ) ފައިސާ ނުވަތަ ވެލިއު ޓްރާންސްފަރގެ ހިދުމަތް ދޭން ބޭނުންވާ ފަރާތްތަކުން އެފަދަ ހިދުމަތެއް ދޭން ފެށުމުގެ ކުރިން، ފައިސާ ނުވަތަ ވެލިއު ޓްރާންސްފަރގެ ހިދުމަތް ދިނުމާ ބެހޭގޮތުން ނެރެފައިވާ ކަމާބެހޭ ގަވާއިދުގައި ބަޔާންކުރާ ށަރުތުތަކާ އެއްގޮތްވާ ގޮތުގެމަތިން ލައިސަންސް ނެގުމަށް އެފަރާތްތަކަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ލާޒިމުކުރަންވާނެއެވެ.
(ރ) ފައިސާ ނުވަތަ ވެލިއު ޓްރާންސްފަރގެ ހިދުމަތްދޭ ފަރާތްތަކުން ހިދުމަތްދިނުމުގައި އަމަލުކުރަންވީ މައިގަނޑު ށަރުތުތައް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކަނޑައަޅަންވާނެއެވެ. އަދި ގަވާއިދުން އެފަރާތެއްގެ ވިޔަފާރި ހިނގާ ނުހިނގާ ގޮތް ބަލައި އޮންސައިޓް އެގްޒެމިނޭށަންތައް ހަދަންވާނެއެވެ.
(ބ) ކަނޑައެޅޭ މާލީނޫން ވިޔަފާރިއެއް ނުވަތަ ދާއިރާއެއްގެ ގޮތުގައި އެއްވެސް ފަރާތަކުން މަސައްކަތްކުރަންވާނީ، ކަމާބެހޭ ގާނޫނާއި ގަވާއިދުގައި ކަނޑައަޅާފައިވާ ށަރުތުތަކާއި ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓަރީކުރުމަށްފަހުގައެވެ.
ފަސްވަނަ ބާބު
ރައްކާތެރިވުމަށްޓަކައި އެޅިދާނެ އެހެނިހެން ފިޔަވަޅުތައް
24 ވަނަ މާއްދާ - ރާއްޖެއިން ބޭރަށް ގެންދާ ނުވަތަ ރާއްޖެއަށް އެތެރެކުރެވޭ ނަގުދު ފައިސާއާއި އެނޫންވެސް ބެއަރަރ ނެގޯށިއަބަލް އިންސްޓްރުމަންޓް ފަދަ ތަކެތީގެ މައުލޫމާތު ރިޕޯޓްކުރުމަށް ލާޒިމުވުން
(ހ) ދިވެހިރާއްޖެއަށް އަންނަ ނުވަތަ ދިވެހިރާއްޖެއިން ބޭރަށް ދާ އެއްވެސް ފަރުދަކު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކަނޑައަޅާ އަދަދެއްގެ ރުފިޔާ ނުވަތަ އެ އަދަދަށްވާ ބޭރު ފައިސާ ނުވަތަ އެއަށްވުރެ މަތީ އަދަދެއްގެ ނަގުދު ފައިސާ ނުވަތަ ބެއަރަރ ނެގޯށިއަބަލް އިންސްޓްރުމަންޓް ދިވެހިރާއްޖެއަށް އެތެރެކުރާނަމަ ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރާނަމަ، އެ ފައިސާގެ އަދަދު، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ރިޕޯޓްކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ލިބުމާއެކު، އެ މައުލޫމާތު ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ފޮނުވަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ރިޕޯޓްކުރަންޖެހޭ އެހެންނަމަވެސް ރިޕޯޓްކޮށްފައިނުވާ ނަގުދު ފައިސާއަކީ ނުވަތަ ބެއަރަރ ނެގޯށިއަބަލް އިންސްޓްރުމަންޓަކީ މަނީ ލޯންޑްރިންގގެ އަމަލަކާ ނުވަތަ ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ އަމަލަކާ ގުޅުންހުރި ފައިސާއެއް ނުވަތަ ބެއަރަރ ނެގޯށިއަބަލް އިންސްޓްރުމަންޓެއް ކަމަށް ށައްކުކުރެވޭނަމަ، ނުވަތަ މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ރިޕޯޓްކުރުމުގައި ނުރަނގަޅު މައުލޫމާތު ދީފައިވާނަމަ، އެ ނަގުދު ފައިސާ ނުވަތަ ބެއަރަރ ނެގޯށިއަބަލް އިންސްޓްރުމަންޓް އެކުގައި ހިފެހެއްޓުމުގެ ބާރު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ލިބިގެންވެއެވެ. އަދި އެފަދައިން އެ ނަގުދު ފައިސާ ނުވަތަ ބެއަރަރ ނެގޯށިއަބަލް އިންސްޓްރުމަންޓް ހިފެހެއްޓުމުގައި، އެ މީހަކާއި އެމީހެއްގެ ބެލުމުގެ ދަށުގައިވާ ތަކެތި ކަސްޓަމްސްއަށް ބަލައި ފާސްކުރެވިދާނެއެވެ.
(ރ) މި މާއްދާގެ ދަށުން ކަސްޓަމްސްއިން ބަލައި ފާސްކުރުމުގައި އަމަލުކުރަންވާނީ ކަސްޓަމްސް ގާނޫނުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
(ބ) މި މާއްދާގެ (ނ) ގެ ދަށުން ހިފެހެއްޓޭ ފައިސާ ނުވަތަ ބެއަރަރ ނެގޯށިއަބަލް އިންސްޓްރުމަންޓަކީ، ކޮން ގޮތަކަށް ހޯދުނު އެއްޗެއް ކަމާމެދު އެ މީހާއާ ސުވާލުކުރެވޭ ހިނދު، އެ މުދަލެއް ނުވަތަ ފައިސާއަކާބެހޭ މައުލޫމާތު ބަޔާންކޮށްދިނުމަކީ މި ގާނޫނު އޭނާގެ މައްޗަށް ލާޒިމުކުރާ ކަމެކެވެ.
(ޅ) މި މާއްދާގެ (ހ) ގެ ދަށުން ރިޕޯޓްކުރުމަށް އޮންނަ މަސްއޫލިއްޔަތާ ހިލާފުވާ ފަރާތްތަކާމެދު އިދާރީ ފިޔަވަޅު އެޅޭނެ ގޮތުގެ އުސޫލުތަކާއި، މި މާއްދާގެ (ނ) ގެ ދަށުން ހިފެހެއްޓޭ ފައިސާ ނުވަތަ ބެއަރަރ ނެގޯށިއަބަލް އިންސްޓްރުމަންޓާމެދު އަމަލުކުރެވޭނެ އުސޫލުތައް، މި ގާނޫނުގެ ދަށުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
ހަވަނަ ބާބު
މާލީ މުއާމަލާތްތަކާބެހޭ މައުލޫމާތު ހާމަކުރުން
25 ވަނަ މާއްދާ - ރާއްޖޭގައި އޮފީހެއް ގާއިމުނުކޮށް ބޭންކުތައް ހިންގުން މަނާކުރުން
(ހ) ދިވެހިރާއްޖޭގައި އޮފީހެއް ގާއިމުކޮށްގެން މެނުވީ، އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކުރާ ލައިސަންސް ހޯދުމަށްފަހުގައި މެނުވީ ދިވެހިރާއްޖޭގައި އެއްވެސް ބޭންކެއް ހިންގައިގެން ނުވާނެއެވެ.
(ށ) ބޭރު ގައުމެއްގައި ރަޖިސްޓަރީކޮށްފައިވީނަމަވެސް، އެ ގައުމުގައި އޮފީހެއް ގާއިމުކޮށްފައިނުވާ އަދި އެ ގައުމުގެ ބޭންކުތައް ރެގިއުލޭޓްކުރާ ފަރާތުން ރެގިއުލޭޓްނުކުރާ ބޭންކުތަކާއެކު، ދިވެހިރާއްޖޭގައި ހިނގަމުންދާ މާލީ އިދާރާއަކުން ވިޔަފާރީގެ ގުޅުމެއް ގާއިމުކޮށްގެންނުވާނެއެވެ. އަދި އެފަދަ ބޭންކަކާއެކު ކުރިން ވިޔަފާރީގެ ގުޅުމެއް ގާއިމުކޮށްފައިވާނަމަ، މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު، އެ ގުޅުން ކުރިއަށް ގެންގޮސްގެން ނުވާނެއެވެ.
26 ވަނަ މާއްދާ - ގާނޫނީ ށަހްސުތަކާއި ގާނޫނީ އެރޭންޖްމަންޓްތަކާބެހޭ މައުލޫމާތު ހާމަކުރުން
(ހ) ދިވެހިރާއްޖޭގައި ގާއިމުކޮށްފައިވާ ގާނޫނީ ށަހްސުތަކުން، އެތަންތަނުގެ ބެނެފިށަލް އޯނަރުންނާއި އެތަންތަނުގެ ކޮންޓްރޯލް ސްޓްރަކްޗަރާގުޅޭ އެކަށީގެންވާ، ތެދު އަދި އެންމެ ފަހުގެ މައުލޫމާތު ބަލަހައްޓަންވާނެއެވެ.
(ށ) ޓްރަސްޓް އަދި ކޮމްޕެނީގެ ހިދުމަތް ދޭ ފަރާތްތަކުން، ދިވެހިރާއްޖޭގައި ގާއިމުކުރެވޭ ގާނޫނީ ށަހްސުތަކުގެ ބެނެފިށަލް އޯނަރުންނާއި އެތަންތަނުގެ ކޮންޓްރޯލް ސްޓްރަކްޗަރާގުޅޭ މައުލޫމާތު ހޯދައި، އެ މައުލޫމާތުގެ ސައްހަކަން ޔަގީންކޮށް، އެ މައުލޫމާތު ބަލަހައްޓަންވާނެއެވެ. އަދި އެ މައުލޫމާތަކީ އެންމެފަހުގެ މައުލޫމާތުކަން ޔަގީންކުރަންވާނެއެވެ.
(ނ) ޓްރަސްޓް އަދި ކުންފުންޏާގުޅޭ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުން ދިވެހިރާއްޖޭގައި ގާއިމުކުރާ ގާނޫނީ އެރޭންޖްމަންޓްތަކުގެ ބެނެފިށަލް އޯނަރުންނާއި އެ އެރޭންޖްމަންޓްތައް ކޮންޓްރޯލްކުރާ ފަރާތްތަކުގެ، ހާއްސަކޮށް އެކްސްޕްރެސް ޓްރަސްޓްތަކުގެ ސެޓްލަރ، ޓްރަސްޓީ އަދި ބެނެފިށަރީގެ އެކަށީގެންވާ މައުލޫމާތު ހޯދައި، އެ މައުލޫމާތުގެ ސައްހަކަން ޔަގީންކޮށް ބަލަހައްޓަންވާނެއެވެ. އަދި އެ މައުލޫމާތަކީ އެންމެފަހުގެ މައުލޫމާތުކަން ޔަގީންކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގެ ދަށުން ބެލެހެއްޓުން ލާޒިމުކުރާ މައުލޫމާތުތަކުގެ ތެރޭގައި، ޓްރަސްޓް އަދި ކުންފުންޏާގުޅޭ ހިދުމަތްތައް ދިވެހިރާއްޖޭގައި ފޯރުކޮށްދޭ ފަރާތްތަކުން ބަލަހައްޓާ ދިވެހިރާއްޖެއިން ބޭރު ގައުމެއްގައި ގާއިމުކޮށްފައިވާ ގާނޫނީ އެރޭންޖްމަންޓްތަކާގުޅޭ އެފަދަ މައުލޫމާތުވެސް ހިމެނެއެވެ.
(ބ) ދިވެހިރާއްޖޭގެ ށަރުއީ ކޯޓަކުން ނުވަތަ ސުޕަވައިޒްކުރާ އިދާރާއަކުން ނުވަތަ ތަހްގީގުކުރާ ފަރާތަކުން ނުވަތަ ގާނޫނު ތަންފީޒުކުރާ ފަރާތަކުން ނުވަތަ ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓުން އަންގައިފި ހިނދެއްގައި މި މާއްދާގެ (ހ)، (ށ)، (ނ) އަދި (ރ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު، އެ އަކުރުތަކުގައި ބަޔާންކުރާ ފަރާތްތަކުން ފޯރުކޮށްދޭންވާނެއެވެ.
ތިންވަނަ ބައި
މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ އަމަލުތައް ދެނެގަތުން
ހަތްވަނަ ބާބު
ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓް
27 ވަނަ މާއްދާ - ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓް
(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު "ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓް" ގެ ނަމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ޔުނިޓެއް އުފައްދަންވާނެއެވެ. އެ ޔުނިޓަކީ މަނީ ލޯންޑްރިންގގެ ހަރަކާތްތަކާއި، ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ހަރަކާތްތަކާއި ކުށް ކޮށްގެން ހޯދާ މުދަލާގުޅޭ މައުލޫމާތު ހޯދައި، ދިރާސާކޮށް، އެހެން ފަރާތްތަކަށް ފޯރުކޮށްދޭ ގައުމީ މައި އިދާރާއެވެ.
(ށ) ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓް ހިންގުމުގެ އިސްވެރިޔާ އައްޔަންކުރާނީ ގަވަރނަރެވެ.
(ނ) ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓުން ތިރީގައިވާ ކަންކަން ކުރަންވާނެއެވެ.
- މި ގާނޫނުގެ ދަށުން އެކި ފަރާތްތަކުން ހުށަހަޅާ ރިޕޯޓްތަކާއި، ބޭރުގެ އޭޖެންސީތަކުން ޔުނިޓަށް ފޯރުކޮށްދޭ މައުލޫމާތާއި، މަނީ ލޯންޑްރިންގގެ ނުވަތަ ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ނުވަތަ ކުށް ކޮށްގެން ހޯދާފައިވާ މުދަލަކާގުޅޭ މުއާމަލާތެއް ކަމަށް ށައްކުކުރެވިގެން ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ގާނޫނު ތަންފީޒުކުރާ އިދާރާއަކުން ނުވަތަ ސަރުކާރުގެ އެހެންވެސް އިދާރާއަކުން ނުވަތަ އެހެންވެސް ފަރާތަކުން ދޭ މައުލޫމާތު ބަލައިގަތުން؛
- މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މައުލޫމާތާއި ރިޕޯޓްތައް ދިރާސާކޮށް ބެލުން؛
- ރިޕޯޓްކުރަންޖެހޭ ފަރާތްތައް އެގްޒެމިންކުރުން؛
- ތަފާސްހިސާބުތަކާއި ރެކޯޑްތަކާއި އެހެނިހެން ލިޔެކިޔުންތައް އެއްކުރުން؛
- މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ފުރިހަމަ މައުލޫމާތު ހޯދުމާ ބެހޭގޮތުންނާއި، ލިޔެކިޔުން ބެލެހެއްޓުމާ ބެހޭގޮތުންނާއި، ރިޕޯޓްކުރުމާ ބެހޭގޮތުންނާއި، ށައްކުކުރެވޭ މުއާމަލާތްތައް ދެނެގަންނާނެ ގޮތްތަކާ ބެހޭގޮތުން ރިޕޯޓްކުރަންޖެހޭ ފަރާތްތަކަށް އިރުށާދުދިނުން؛ އަދި
- މި ގާނޫނުގެ ދަށުން ލިބޭ މައުލޫމާތު ނުވަތަ ރިޕޯޓްތައް ދިރާސާކޮށް، އޭގެ ނަތީޖާ، ރިޕޯޓްކުރަންޖެހޭ ފަރާތްތަކަށާއި އަދި އެނޫންވެސް ކަމާބެހޭ އޭޖެންސީތަކަށް ގަވާއިދުން އެންގުން.
(ރ) ތިރީގައިވާ ކަންކަން ކުރުމުގެ ބާރު ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ލިބިގެންވެއެވެ.
- ލިބޭ އެއްވެސް މައުލޫމާތަކާ ގުޅިގެން ނުވަތަ ރިޕޯޓަކާ ގުޅިގެން މި ގާނޫނުގައި ބަޔާންކޮށްފައިވާގޮތަށް އަމަލުކުރުމަށްޓަކައި ނުވަތަ ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓުން ނުވަތަ ގާނޫނު ތަންފީޒުކުރާ އިދާރާއަކުން ނުވަތަ ތަހްގީގުކުރާ އިދާރާއަކުން ކުރަން ބޭނުންވާ ތަހްގީގެއް ކުރުމަށް މަގުފަހިކޮށްދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ރިޕޯޓްކުރަންޖެހޭ ފަރާތްތަކަށް އެންގުން؛
- މި މާއްދާގެ (ނ) ގެ ދަށުން އެއްކުރާ މައުލޫމާތު ދިވެހިރާއްޖޭގެ ނުވަތަ ދިވެހިރާއްޖެއިން ބޭރުގެ ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުމާއި، ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ލިބޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމާބެހޭ ފަރާތްތަކަށް ލަފާދިނުން؛
- މުދަލާއި ހިދުމަތް ހޯދާ ލިބިގަންނަ ފަރާތްތަކުގެ ފުރިހަމަ މައުލޫމާތު ހޯދުމާ ބެހޭގޮތުންނާއި ލިޔެކިޔުން ބެލެހެއްޓުމާ ބެހޭގޮތުންނާއި ރިޕޯޓްކުރުމާ ބެހޭގޮތުންނާއި ށައްކުކުރެވޭ މުއާމަލާތްތައް ދެނެގަންނާނެ ގޮތްތަކާ ބެހޭގޮތުން ރިޕޯޓްކުރަންޖެހޭ ފަރާތްތަކަށް ތަމްރީނު ޕްރޮގްރާމްތައް ހިންގުން؛
- މަނީ ލޯންޑްރިންގގެ ހަރަކާތްތަކާއި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ހަރަކާތްތައް ހިންގަމުންގެންދާ ގޮތަށް އަންނަ ބަދަލުތަކާއި، އެފަދަ ހަރަކާތްތަކާއި އަމަލުތައް ދެނެގަންނާނެ ގޮތްތަކާއި، އެފަދަ ހަރަކާތްތައް ހުއްޓުވުމަށް ކުރެވިދާނެ ކަންތައްތަކާގުޅޭ ދިރާސާތައް ކުރުން؛ އަދި
- މަނީ ލޯންޑްރިންގގެ ހަރަކާތްތަކާއި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ހަރަކާތްތަކާ ބެހޭގޮތުން އާންމުންނަށް މައުލޫމާތު ދީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުން.
28 ވަނަ މާއްދާ - މައުލޫމާތު ހޯދުމުގެ ބާރު
(ހ) ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ލިބޭ އެއްވެސް ރިޕޯޓަކާ ގުޅިގެން ޔުނިޓުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި، އެއްވެސް ފަރުދެއް ނުވަތަ ގާނޫނީ ށަހްސެއްގެ ކިބައިން މި ގާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ހޯދަންޖެހޭ ކަމަށް އެ ޔުނިޓަށް ފެންނަ އިތުރު މައުލޫމާތު ހޯދުމުގެ ބާރު އެ ޔުނިޓަށް ލިބިގެންވެއެވެ.
(ށ) ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓުގެ މަސައްކަތްތައް ފުރިހަމައަށް ކުރުމަށްޓަކައި، ރިޕޯޓްކުރަންޖެހޭ ފަރާތްތަކުން އެއްކޮށްފައިވާ ނުވަތަ އެފަރާތްތަކުގެ ބެލުމުގެ ދަށުގައިވާ މައުލޫމާތު ހޯދުމަށް އެތަންތަނަށް ވަދެ، އެ މައުލޫމާތު ބަލައި ދިރާސާކުރުމުގެ ފުރިހަމަ ބާރު އެ ޔުނިޓަށް ލިބިގެންވެއެވެ.
(ނ) މަނީ ލޯންޑްރިންގގެ ހަރަކާތަކާ ނުވަތަ ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ހަރަކާތަކާ ނުވަތަ ކުށް ކޮށްގެން ހޯދާފައިވާ މުދަލަކާގުޅޭ މައުލޫމާތެއް ކަމަށް ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ގަބޫލުކުރެވޭ ކޮންމެ މައުލޫމާތެއް، އެ މައުލޫމާތަކީ އާންމުކޮށް ށާއިއުކޮށްފައިވާ މައުލޫމާތެއް ކަމުގައިނުވިނަމަވެސް، ހޯދުމުގެ ބާރު ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ލިބިގެންވެއެވެ. އެގޮތުން ހޯދޭ މައުލޫމާތުގެ ތެރޭގައި ޑޭޓާބޭސްތަކުގައި ރައްކާކޮށްފައި ހުންނަ މައުލޫމާތާއި، އެނޫންވެސް ވިޔަފާރީގެ ގޮތުގައި ބޭނުންކުރެވޭ ޑޭޓާބޭސްތަކުން ލިބެންހުންނަ މައުލޫމާތު ހިމެނެއެވެ.
(ރ) މި ގާނޫނުގެ ބޭނުމަށް ސަރުކާރުގެ އޭޖެންސީތަކާއި، ތަހްގީގުކުރާ އިދާރާތަކާއި، ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި އެނޫންވެސް ސުޕަވައިޒްކުރާ އޭޖެންސީތަކުން ބަލަހައްޓާ މައުލޫމާތު ހޯދުމުގެ ބާރު، ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ލިބިގެންވެއެވެ. އެގޮތުން ހޯދޭ މައުލޫމާތުގެ ތެރޭގައި ސަރުކާރުން ބަލަހައްޓާ ޑޭޓާބޭސްތަކުގައި ރައްކާކޮށްފައި ހުންނަ މައުލޫމާތު ހިމެނެއެވެ.
(ބ) މި މާއްދާގެ (ހ)، (ނ) އަދި (ރ) ގެ ދަށުން މައުލޫމާތު ފޯރުކޮށްދިނުމަށް ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓުން އެދިއްޖެނަމަ، އެ ޔުނިޓުން ކަނޑައަޅާ ގޮތަކަށް އަދި ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ކޮންމެ ފަރާތަކުންވެސް އެ މައުލޫމާތު އެ ޔުނިޓަށް ފޯރުކޮށްދޭންވާނެއެވެ.
(ޅ) އެހެން ގާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓުންނާއި ސުޕަވައިޒްކުރާ އިދާރާތަކުންނާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކުން، އެފަރާތްތަކުގެ މެދުގައި ވެވޭ އެއްބަސްވުމެއްގެ ދަށުން ނުވަތަ އެނޫންވެސް އިންތިޒާމެއްގެ ދަށުން، މަނީ ލޯންޑްރިންގ ނުވަތަ ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ކުށަކާގުޅޭ ނުވަތަ ކުށްކޮށްގެން ހޯދާ މުދަލަކާގުޅޭ މައުލޫމާތު ބަދަލުކުރުމުގައި އެހީތެރިކަން ފޯރުކޮށްދެވިދާނެއެވެ.
(ކ) މި މާއްދާގެ (ހ)، (ށ)، (ނ) އަދި (ރ) ގައި ބަޔާންކޮށްފައިވާ މައުލޫމާތަކަށް ބޭރުގެ ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަކުން އެދެފިނަމަ، އެ މައުލޫމާތެއް އެއްކުރުމަށް ނުވަތަ އެ މައުލޫމާތު ހޯދުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރާނީ ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓުންނެވެ.
29 ވަނަ މާއްދާ - ށައްކުކުރެވޭ ހަރަކާތެއްގެ ރިޕޯޓަކާ ގުޅިގެން އެޅޭ ފިޔަވަޅުތައް
(ހ) ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ލިބިފައިވާ މައުލޫމާތެއް، މަނީ ލޯންޑްރިންގގެ ހަރަކާތަކާ ނުވަތަ ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ހަރަކާތަކާއި ނުވަތަ ކުށްކޮށްގެން ހޯދާފައިވާ އެއްޗަކާ ގުޅުންހުރި ކަމަށް ށައްކުކުރެވޭނަމަ، އެކަމުގެ މައުލޫމާތު ގާނޫނު ތަންފީޒުކުރާ އިދާރާއަށް ނުވަތަ ތަހްގީގުކުރާ އިދާރާއަށް ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓުން ފޮނުވަންވާނެއެވެ. އެގޮތުން މައުލޫމާތު ފޮނުވުމުގައި، ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް އެ މައުލޫމާތު ފޯރުކޮށްދީފައިވާ އިދާރާގެ ނަން ހިމަނައިގެންނުވާނެއެވެ. ޔުނިޓުން ފޮނުވާ މައުލޫމާތަށް ރިއާޔަތްކޮށް އެކަމުގައި އަމަލުކުރަންވީ ގޮތެއް ނުވަތަ އަޅަންޖެހޭ ފިޔަވަޅެއް، އެ ތަންފީޒީ ނުވަތަ ތަހްގީގީ އިދާރާއަކުން ނިންމަންވާނެއެވެ.
(ށ) ރިޕޯޓްކުރަންޖެހޭ ފަރާތްތަކުން މި ގާނޫނުގެ ދަށުން ކުރަންޖެހޭ އެއްވެސް ކަމެއްކުރުމުގައި އިހުމާލުވެފައިވާކަމަށް ނުވަތަ މި ގާނޫނާ ހިލާފަށް އަމަލުކުރަމުންދާކަމަށް ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ފެނިއްޖެނަމަ، ކަމާބެހޭ ސުޕަވައިޒްކުރާ ފަރާތަށް އެކަން އަންގަންވާނެއެވެ.
30 ވަނަ މާއްދާ - ޔުނިޓް ރޭވިފައިވާ ގޮތް
މި ގާނޫނުގެ 27 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަކީ އެ ޔުނިޓުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތައް ނިންމުމުގެ ފުރިހަމަ މިނިވަންކަން ލިބިގެންވާ، އަދި އެ ޔުނިޓަށް ކަނޑައަޅާފައިވާ ބަޖެޓާ އެއްގޮތްވާ ގޮތުގެމަތިން އެ ޔުނިޓުގެ ހަރަދުތައްކުރުމުގެ ފުރިހަމަ މިނިވަންކަން ލިބިގެންވާ ޔުނިޓެކެވެ.
31 ވަނަ މާއްދާ - މުވައްޒަފުން އައްޔަންކުރުން
ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓުގެ މުވައްޒަފުން އައްޔަންކުރާނީ ގަވަރނަރެވެ. އަދި އެފަދަ މުވައްޒަފުންނަކީ ކަމަށް އެކަށޭނަ، ގާބިލު ބަޔަކަށް ވާންވާނެއެވެ.
32 ވަނަ މާއްދާ - މަސްލަހަތު ފުށުނޭރުން
(ހ)ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓު ހިންގުމުގެ އިސްވެރިޔާވެސް އަދި އެއްވެސް މުވައްޒަފަކު، މި ގާނޫނުގައި ބަޔާންކޮށްފައިވާ ރިޕޯޓްކުރަންޖެހޭ ފަރާތެއްގެ އެއްވެސް ވަޒީފާއެއް އަދާކޮށްގެންނުވާނެއެވެ.
(ށ) އަދާކުރާ ވަޒީފާއެއްގެ ސަބަބުން ނުވަތަ ކުރާ މަސައްކަތެއްގެ ސަބަބުން ނުވަތަ ހިންގާ ހަރަކާތެއްގެ ސަބަބުން ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓުގެ ވަޒީފާ މިނިވަންކަމާއެކު އަދާކުރުމަށް ހުރަސްއެޅޭނަމަ، އެފަދަ ވަޒީފާއެއްގައި ނުވަތަ މަސައްކަތެއްގައި ނުވަތަ ހަރަކާތެއްގައި، ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓުގެ ހިންގުމުގެ އިސްވެރިޔާވެސް އަދި އެއްވެސް މުވައްޒަފަކު ބައިވެރިވެގެންނުވާނެއެވެ.
33 ވަނަ މާއްދާ - ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ހުށަހަޅާ ރިޕޯޓްތައް
(ހ) މި ގާނޫނުގެ ދަށުން ރިޕޯޓްކުރަންޖެހޭ ފަރާތްތަކުން ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ތައްޔާރުކުރަންވާނީ ލިޔުމުންނެވެ. އެ ރިޕޯޓްތައް ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ފޮނުވަންވާނީ ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓުން ކަނޑައަޅާ ގޮތެއްގެމަތިން، އަވަހަށް ރައްދުކުރެވޭ އަދި ރައްކާތެރި މުއާސަލާތީ ވަސީލަތެއް މެދުވެރިކޮށެވެ.
(ށ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ހުށަހަޅާ ރިޕޯޓްތަކުގައި މަދުވެގެން އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
- ރިޕޯޓްކުރާ އިދާރާގެ ފުރިހަމަ މައުލޫމާތާއި، ރިޕޯޓްކުރާ އޮފިސަރުގެ ނަމާއި އަދި އެފަރާތާ މުއާސަލާތުކުރެވޭނެ މައުލޫމާތު؛
- މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތުގެ ފުރިހަމަ މައުލޫމާތާއި، އަދި އެ މުއާމަލާތަކާގުޅޭ ބެނެފިށަރީގެ މައުލޫމާތު ހޯދަންޖެހޭ ހާލަތްތަކުގައި އެފަރާތުގެ ފުރިހަމަ މައުލޫމާތު؛
- އެ މުއާމަލާތެއްގެ ބާވަތާއި، އެ މުއާމަލާތުގައި ހިމެނޭ ފައިސާގެ އަދަދާއި، ފައިސާގެ ބާވަތާއި، މުއާމަލާތުގެ ތާރީހާއި، މުއާމަލާތުގައި ބައިވެރިވާ ފަރާތްތަކުގެ އެކައުންޓް ނަންބަރު؛ އަދި
- އެ މުއާމަލާތަކީ ށައްކުކުރެވޭ މުއާމަލާތެއް ކަމުގައި ބެލެވޭ ސަބަބުތައް ހިމެނޭ ބަޔާނެއް.
(ނ) މި ގާނޫނުގެ ދަށުން ރިޕޯޓްކުރަންޖެހޭ ފަރާތްތަކުން ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ރިޕޯޓްކުރަންޖެހޭ ގޮތާއި ރިޕޯޓް އެކުލަވާލަންވީ ގޮތް ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓުން ކަނޑައަޅައި ރިޕޯޓްކުރަންޖެހޭ ފަރާތްތަކަށް އަންގަންވާނެއެވެ.
34 ވަނަ މާއްދާ - ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓުގެ ޑޭޓާބޭސް
(ހ) ސިއްރު ހިފެހެއްޓުމާއި ޕްރައިވަސީ ހިމާޔަތްކޮށްދިނުމާއި އަދި ކޮމްޕިޔުޓަރައިޒްޑް ޑޭޓާބޭސްއާ ބެހޭގޮތުން އަމަލުކުރެވޭ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓުން ޑޭޓާބޭސްއެއް ގާއިމުކޮށް ބަލަހައްޓަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ގާއިމުކުރާ ޑޭޓާބޭސްގައި، އެ މާއްދާގައި ބަޔާންކުރާ ގާނޫނުތަކާ ހިލާފުނުވާނެ ގޮތެއްގެމަތިން އަދި މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން، ށައްކުކުރެވޭ މުއާމަލާތްތަކާގުޅޭ ރިޕޯޓްތަކާއި އެހެނިހެން މައުލޫމާތު ހިމަނަންވާނެއެވެ. އޭގެ އިތުރުން ށައްކުކުރެވޭ މުއާމަލާތެއް ހިންގީ ސީދާކޮށް ނުވަތަ އިންޓަރމީޑިއަރީއެއް މެދުވެރިކޮށް ކަމުގައި ވީނަމަވެސް އެ މުއާމަލާތަކާބެހޭ މައުލޫމާތު އަދި އެ މުއާމަލާތެއް ހިންގި ފަރާތުގެ މައުލޫމާތު އެ ޑޭޓާބޭސްގައި ހިމަނަންވާނެއެވެ.
35 ވަނަ މާއްދާ - އަހަރީ ރިޕޯޓް
ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓުން ކޮންމެ އަހަރަކުވެސް ވޭތުވެދިޔަ އަހަރު އެ ޔުނިޓުން ކުރި މަސައްކަތްތަކުގެ މައްޗަށް އަހަރީ ރިޕޯޓެއް ތައްޔާރުކޮށް، ސުޕަވައިޒްކުރާ އިދާރާތަކަށާއި، ގާނޫނު ތަންފީޒުކުރާ އިދާރާތަކަށާއި، ތަހްގީގީ އިދާރާތަކަށާއި، އެނޫންވެސް ކަމާބެހޭ އިދާރާތަކަށް ފޮނުވަންވާނެއެވެ. އަދި އެ ރިޕޯޓް އާންމުކޮށް ށާއިއުކުރަންވާނެއެވެ. އެ އަހަރީ ރިޕޯޓްގައި،
އެ ޔުނިޓަށް ލިބޭ ރިޕޯޓްތައް ފަންނީ ނަޒަރަކުން ދިރާސާކޮށް، އެއާބެހޭ މައުލޫމާތު ހިމަނަންވާނެއެވެ. އަދި މަނީ ލޯންޑްރިންގގެ ހަރަކާތްތަކާއި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ހަރަކާތްތަކަށް އަންނަމުންދާ ބަދަލުތައް ދިރާސާކޮށް، އެ މައުލޫމާތުވެސް ހިމަނަންވާނެއެވެ.
36 ވަނަ މާއްދާ - ހިންގުމުގެ ބަޖެޓް
ކޮންމެ އަހަރަކުވެސް ކުރިއަށް އޮތް އަހަރަށް ލަފާކުރާ ބަޖެޓް، ގަވަރނަރ ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން، ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓުން ތައްޔާރުކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.
37 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން
ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓުގެ އިސްވެރިންނާއި މުވައްޒަފުންނާއި އެ ޔުނިޓުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ މާހިރުންނާއި ކޮންސަލްޓަންޓުން އަދި އެނޫންވެސް އެ ޔުނިޓުގެ މައުލޫމާތު ބޭނުންކުރުމުގެ ހުއްދަ އޮންނަ ކޮންމެ ފަރާތަކުން، އެފަރާތްތަކުގެ ވާޖިބުތައް އަދާކުރުމުގައި ލިބޭ މައުލޫމާތު ސިއްރުގެ ގޮތުގައި ހިފަހައްޓަންވާނެއެވެ. އަދި އެފަދަ މައުލޫމާތު، އެފަރާތްތަކުގެ ވާޖިބު އަދާކޮށް ނިމުމަށްފަހުގައިވެސް ސިއްރުގެ ގޮތުގައި ހިފަހައްޓަންވާނެއެވެ. އަދި އެފަރާތްތަކަށް ލިބޭ އެފަދަ މައުލޫމާތު ބޭނުންކުރަންވާނީ ހަމައެކަނި މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.
38 ވަނަ މާއްދާ - ބޭރުގެ އޭޖެންސީތަކާއެކު ގުޅުން ބޭއްވުން
(ހ) ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓުން ކުރަމުންދާ މަސައްކަތްތަކާ އެއްފަދަ މަސައްކަތްތައް ކުރާ، އަދި މި ގާނޫނުގެ 37 ވަނަ މާއްދާގައި ބަޔާންކުރާ އުސޫލުން ސިއްރު ހިފެހެއްޓުން އެ އޭޖެންސީއެއްގެ މައްޗަށް ލާޒިމުވާ ބޭރުގެ އޭޖެންސީއަކާއެކު، އެ އޭޖެންސީއެއްގެ އެދުމުގެ މަތިން ނުވަތަ ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓުގެ އަމިއްލަ އިސްނެގުމުގައި، މައުލޫމާތު ބަދަލުކުރުމާ ގުޅޭގޮތުން ދެފަރާތުގެ ދެމެދުގައި އެއްބަސްވެވޭ ގޮތެއްގެމަތިން ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް މައުލޫމާތު ބަދަލުކުރެވިދާނެއެވެ. އެފަދަ އޭޖެންސީއަކީ ވަކި ދާއިރާއެއްގައި މަސައްކަތްކުރާ އޭޖެންސީއަކަށްވުން ލާޒިމެއްނޫނެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ބޭރުގެ އޭޖެންސީއަކާއެކު ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓުން މައުލޫމާތު ބަދަލުކުރާނަމަ، އެކަން ކުރަންވާނީ ދެފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުމެއް ނުވަތަ އެނޫންވެސް އެރޭންޖްމަންޓެއްގެ ދަށުންނެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ހިއްސާކުރެވޭ ނުވަތަ ބަދަލުކުރެވޭ އެއްވެސް މައުލޫމާތެއް ބޭނުންކުރަންވާނީ، ހަމައެކަނި މަނީ ލޯންޑްރިންގގެ ހަރަކާތްތައް ނުވަތަ މަނީ ލޯންޑްރިންގގެ ކުށާ ގުޅިފައިވާ ކުށްތައް ނުވަތަ ޓެރަރިޒަމަށް ފައިނޭންސްކުރުމަށް ހިންގޭ ހަރަކާތްތައް ހުއްޓުވުމަށެވެ. އަދި އެފަދަ މައުލޫމާތެއް ބޭނުންކުރަންވާނީ، އެ މައުލޫމާތު ފޯރުކޮށްދިން އޭޖެންސީގެ ހުއްދައާ އެކުގައެވެ.
އަށްވަނަ ބާބު
ށައްކުކުރެވޭ މުއާމަލާތްތައް ރިޕޯޓްކުރުން
39 ވަނަ މާއްދާ - ށައްކުކުރެވޭ މުއާމަލާތްތައް ރިޕޯޓްކުރުމުގެ ޒިންމާ
(ހ) ވަކި ފައިސާއެއް ނުވަތަ މުދަލަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާއެއް ނުވަތަ މުދަލެއް ކަމަށް، ނުވަތަ މަނީ ލޯންޑްރިންގގެ ހަރަކާތަކާ ގުޅުންހުރި ނުވަތަ ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ހަރަކާތަކާ ގުޅުންހުރި ފައިސާއެއް ނުވަތަ މުދަލެއް ކަމަށް ރިޕޯޓްކުރަންޖެހޭ ފަރާތަކަށް ށައްކުކުރެވިއްޖެނަމަ، ނުވަތަ ށައްކުކުރެވޭ ފަދަ ސަބަބުތަކެއް ހުރެއްޖެނަމަ، އެ ށައްކެއް އުފެދުމުން ނުވަތަ އެފަދަ ސަބަބެއް ފާހަގަކުރެވުމުން ވީއެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި އަދި ލަސްވެގެން ރަސްމީ ބަންދުނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި އެކަން ބަޔާންކޮށް، ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ރިޕޯޓްކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، ނޯޓަރީންނާއި ގާނޫނީ ވަކީލުންނާއި އެނޫންވެސް ގާނޫނީ ދާއިރާގައި މަސައްކަތްކުރާ ފަންނީ ފަރާތްތަކުންނާއި، އެކައުންޓަންޓުންނާއި އޮޑިޓަރުންނާއި ޓެކްސް އެޑްވައިޒަރުން، ހިދުމަތް ހޯދާ ފަރާތަކާގުޅޭ ށަރީއަތަކާ ގުޅިގެން ލިބޭ މައުލޫމާތެއް ނުވަތަ ށަރީއަތެއްގައި އެފަދަ ފަރާތެއް ތަމްސީލުކުރުމުގައި ލިބޭ މައުލޫމާތެއް ރިޕޯޓްކުރާކަށް ނުޖެހޭނެއެވެ. އެފަދަ މައުލޫމާތުތަކުގެ ތެރޭގައި ށަރީއަތަށް މައްސަލަ ހުށަހެޅުމާ ގުޅޭގޮތުން ގާނޫނީ ލަފާދިނުމުގައި ލިބިފައިވާ މައުލޫމާތު ހިމެނޭނެއެވެ. އަދި އެފަދަ މައުލޫމާތު ލިބިފައިވަނީ ށަރީއަތް ފެށުމުގެ ކުރިން ނުވަތަ ށަރީއަތް ހިނގަމުންދަނިކޮށް ނުވަތަ ށަރީއަތް ނިމުމަށްފަހުގައި ކަމަށްވީނަމަވެސް އެ މައުލޫމާތު ރިޕޯޓްކުރާކަށް ނުޖެހޭނެއެވެ.
(ނ) ޖަވާހިރާއި މައުދަން ފަދަ އަގުހުރި މުދަލުގެ ވިޔަފާރިކުރާ ފަރާތްތަކުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކަނޑައަޅާ ފައިސާގެ އަދަދެއް ނުވަތަ އެ އަދަދަށްވާ ބޭރު ފައިސާގެ އަދަދެއް ނުވަތަ އެއަށްވުރެ މަތީ އަދަދެއްގެ މުއާމަލާތެއް ނަގުދު ފައިސާއިން ކުރާނަމަ، އެ މުއާމަލާތަކީ ށައްކުކުރެވޭ މުއާމަލާތެއް ކަމުގައި ކަނޑައަޅައި، ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ރިޕޯޓްކުރަންވާނެއެވެ.
(ރ) ރިއަލް އެސްޓޭޓްގެ ވިޔަފާރިކުރާ ފަރާތްތަކުން، އެފަރާތްތަކުގެ ހިދުމަތް ލިބިގަންނަ ފަރާތްތަކާއެކު ކުރާ ރިއަލް އެސްޓޭޓް ގަނެވިއްކުމުގެ މުއާމަލާތްތަކަކީ ށައްކުކުރެވޭ މުއާމަލާތްތަކެއް ކަމަށް ބަލައި، ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ރިޕޯޓްކުރަންވާނެއެވެ.
(ބ) މި މާއްދާގެ ދަށުން ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ހުށަހަޅަންޖެހޭ ރިޕޯޓްތައް ހުށަހަޅާނެ ގޮތާއި ރިޕޯޓްތައް ހުންނަންވާނެ ގޮތް ބަޔާންކޮށް ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓުން ގަވާއިދެއް އެކުލަވާލައި އާންމުކުރަންވާނެއެވެ.
40 ވަނަ މާއްދާ - ފައިސާގެ މުއާމަލާތްތައް ރިޕޯޓްކުރުން
(ހ) ރިޕޯޓްކުރަންޖެހޭ ފަރާތްތަކުން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކަނޑައަޅާ ފައިސާގެ އަދަދެއްގެ ނުވަތަ އެ އަދަދަށްވާ ބޭރު ފައިސާގެ ނުވަތަ އެއަށްވުރެ މަތީގެ އަދަދެއްގެ މުއާމަލާތެއް، ނުވަތަ ގުޅިފައިވާ ކަމަށް ބެލެވޭ މުއާމަލާތްތަކެއްގެ ޖުމްލަ އަދަދު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކަނޑައަޅާ އަދަދާ އެއްވަރުވާނަމަ ނުވަތަ އެ އަދަދަށްވާ ބޭރު ފައިސާގެ ނުވަތަ އެއަށްވުރެ މަތީ އަދަދެއްގެ މުއާމަލާތެއް، އެއީ ނަގުދު ފައިސާއިން ނުވަތަ އެހެންވެސް ފައިސާއަކުން ދިވެހިރާއްޖޭގައި ނުވަތަ ރާއްޖެއިން ބޭރުގައި ކުރެވޭ މުއާމަލާތެއްނަމަ، އެ މުއާމަލާތްތައް ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ރިޕޯޓްކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ހުށަހަޅަންޖެހޭ ރިޕޯޓްތައް ހުށަހަޅާނެގޮތާއި ރިޕޯޓްތައް ހުންނަންވާނެ ގޮތް ބަޔާންކޮށް ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓުން ގަވާއިދެއް އެކުލަވާލައި އާންމުކުރަންވާނެއެވެ.
41 ވަނަ މާއްދާ - ރާއްޖެއިން ބޭރަށް ކުރާ ފައިސާގެ ޓްރާންސްފަރތައް ރިޕޯޓްކުރުން
(ހ) އެއް މުއާމަލާތެއްގެ ގޮތުގައި ނުވަތަ ގުޅިފައިވާ ކަމަށް ބެލެވޭ މުއާމަލާތްތަކެއްގެ ގޮތުގައި ރިޕޯޓްކުރަންޖެހޭ ފަރާތްތަކުން ދިވެހިރާއްޖެއިން ބޭރަށް ކުރާ ކޮންމެ ފައިސާގެ ޓްރާންސްފަރއެއް ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ރިޕޯޓްކުރަންވާނެއެވެ.
(ށ) މި މާއްދާގެ ދަށުން ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ހުށަހަޅަންޖެހޭ ރިޕޯޓްތައް ހުށަހަޅާނެ ގޮތާއި ރިޕޯޓްތައް ހުންނަންވާނެ ގޮތް ބަޔާންކޮށް ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓުން ގަވާއިދެއް އެކުލަވާލައި އާންމުކުރަންވާނެއެވެ.
42 ވަނަ މާއްދާ - މުއާމަލާތްތައް ހިންގުން ފަސްކުރުން
(ހ) މަނީ ލޯންޑްރިންގގެ ހަރަކާތަކާ ނުވަތަ ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ހަރަކާތަކާ ގުޅުންހުރި މުއާމަލާތެއް ކަމަށް ނުވަތަ ކުށް ކޮށްގެން ހޯދާފައިވާ މުދަލަކާ ގުޅުންހުރި މުއާމަލާތެއް ކަމަށް ށައްކުކުރެވޭ އެއްވެސް މުއާމަލާތެއް، ރިޕޯޓްކުރަންޖެހޭ ފަރާތްތަކުން ކުރަންވާނީ، އެ މުއާމަލާތެއްގެ މައުލޫމާތު ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ދިނުމަށްފަހު، އެ މުއާމަލާތެއް ހިންގުމާމެދު މި މާއްދާގެ (ށ) ގެ ދަށުން ޔުނިޓުން ވަކި ގޮތެއް އެންގުމުންނެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ހުށަހެޅޭ މުއާމަލާތަކީ، ސީރިއަސް ނުވަތަ ކޮންމެހެން އަވަސް ފިޔަވަޅެއް އަޅަންޖެހޭ މައްސަލައެއް ހިމެނޭ މުއާމަލާތެއް ކަމަށް ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ފެންނަނަމަ،
72 (ހަތްދިހަ ދޭއް) ގަޑިއިރަށްވުރެ އިތުރުނުވާނެ މުއްދަތަކަށް އެ މުއާމަލާތެއް ނުކޮށް ހިފެހެއްޓުމަށް އެންގުމުގެ އިހްތިޔާރު ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއާމަލާތެއް ކުރުން ހުއްޓުވާލުމަކީ ކުރެވެން ނެތްކަމެއް ކަމުގައިވާނަމަ ނުވަތަ އެފަދަ މުއާމަލާތެއް ކުރުން ހުއްޓުވާލުމުން އެ މުއާމަލާތަކާގުޅޭ ބެނެފިށަރީއަކީ ކޮން ފަރާތެއްކަން ދެނެގަތުމަށް ކުރެވޭ މަސައްކަތަށް ހުރަސްއެޅޭނަމަ، ރިޕޯޓްކުރަންޖެހޭ ފަރާތްތަކުން، އެ މުއާމަލާތެއް ކުރުމަށްފަހު އެކަން ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ވަގުތުން އަންގަންވާނެއެވެ.
43 ވަނަ މާއްދާ - ވަކި ފަރާތަކާބެހޭ މައުލޫމާތު ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ހުށަހަޅައިފިކަން ހާމަނުކުރުން
ރިޕޯޓްކުރަންޖެހޭ ފަރާތަކުން ނުވަތަ އެފަރާތުގެ ޑިރެކްޓަރެއް ނުވަތަ އޮފިސަރެއް، ނުވަތަ މުވައްޒަފެއް، ހިދުމަތް ލިބިގަންނަ ފަރާތާބެހޭ މައުލޫމާތު ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ހުށަހަޅާކަން ނުވަތަ ހުށަހަޅައިފިކަން، ނުވަތަ މަނީ ލޯންޑްރިންގ ނުވަތަ ޓެރަރިޒަމަށް ފައިނޭންސް ކުރުމާބެހޭ ރިޕޯޓެއް އެ ޔުނިޓަށް ހުށަހަޅާކަން ނުވަތަ ހުށަހަޅައިފިކަން، ނުވަތަ މަނީ ލޯންޑްރިންގ ނުވަތަ ޓެރަރިޒަމަށް ފައިނޭންސް ކުރުމާބެހޭ ތަހްގީގެއް ކުރާކަން ނުވަތަ ކުރަން އުޅޭކަން ރިޕޯޓްކުރަންޖެހޭ ފަރާތުގެ ހިދުމަތް ލިބިގަންނަ ފަރާތަކަށް ނުވަތަ ތިންވަނަ ފަރާތަކަށް އެއްވެސް ހާލަތެއްގައި ހާމަކޮށްގެންނުވާނެއެވެ.
ނުވަވަނަ ބާބު
ޒިންމާވާންނުޖެހޭ ހާލަތްތައް
44 ވަނަ މާއްދާ - ށައްކުކުރެވޭ މުއާމަލާތްތައް ހެޔޮ ނިޔަތުގައި ރިޕޯޓްކުރާ ފަރާތްތަކަށް ލިބިދޭ އިމްތިޔާޒު
ރިޕޯޓްކުރަންޖެހޭ ފަރާތަކުން މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ހެޔޮ ނިޔަތުގައި ރިޕޯޓްކުރުމަކުން، އެފަރާތުގެ ނުވަތަ އެފަރާތުގެ ޑިރެކްޓަރެއްގެ ނުވަތަ އޮފިސަރެއްގެ ނުވަތަ މުވައްޒަފެއްގެ މައްޗަށް، ބޭންކިންގ ސީކްރަސީއާ ނުވަތަ ޕްރޮފެށަނަލް ސީކްރަސީއާ ނުވަތަ ކޮންޓްރެކްޓާ ހިލާފުވުމުގެ ސަބަބުން އެއްވެސް ޖިނާއީ ދައުވާއެއް ނުވަތަ މަދަނީ ދައުވާއެއް ނުކުރެވޭނެއެވެ. އަދި އެފަދަ ފަރާތެއްގެ މައްޗަށް އިދާރީ ނުވަތަ އިސްލާހީ ފިޔަވަޅެއްވެސް ނޭޅޭނެއެވެ.
45 ވަނަ މާއްދާ - ށައްކުކުރެވޭ މުއާމަލާތެއް ހިންގާ ފަރާތްތަކަށް ލިބިގެންވާ އިމްތިޔާޒް
(ހ) މި ގާނޫނުގެ 39 ވަނަ މާއްދާއާއި، 40 ވަނަ މާއްދާއާއި، 41 ވަނަ މާއްދާއާއި، 42 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ހެޔޮ ނިޔަތުގައި ރިޕޯޓްކޮށްފައިވާ މުއާމަލާތެއް ހިންގުމަކުން، ރިޕޯޓްކުރަންޖެހޭ ފަރާތެއްގެ ނުވަތަ އެފަރާތުގެ ޑިރެކްޓަރެއް ނުވަތަ އޮފިސަރެއް ނުވަތަ މުވައްޒަފެއްގެ މައްޗަށް މަނީ ލޯންޑްރިންގ ނުވަތަ ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ކުށުގެ ދައުވާއެއް ނުކުރެވޭނެއެވެ.
(ށ) މި ގާނޫނުގެ 27 ވަނަ މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގައާއި، މި ގާނޫނުގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ އެދުމަކަށް މުއާމަލާތެއް ހިންގާ ކޮންމެ ފަރާތަކަށް މި މާއްދާގެ ދަށުން އިމްތިޔާޒު ލިބިދެވޭނެއެވެ.
ދިހަވަނަ ބާބު
ސުޕަވައިޒްކުރާ އިދާރާތަކުގެ ޒިންމާތައް
46 ވަނަ މާއްދާ - ރިޕޯޓްކުރަންޖެހޭ ފަރާތްތައް ސުޕަވައިޒްކުރާ އިދާރާތަކާގުޅޭ އާންމު މާއްދާތައް
(ހ) ރިޕޯޓްކުރަންޖެހޭ ފަރާތްތައް ސުޕަވައިޒްކޮށް ރެގިއުލޭޓްކުރުމުގެ ޒިންމާ އުފުލާ ކަމާބެހޭ ފަރާތްތަކުން، މި ގާނޫނުގެ ދެވަނަ ބައިގައި ބަޔާންކޮށްފައިވާ ކަންތައްތަކާ އެއްގޮތަށް ރިޕޯޓްކުރަންޖެހޭ ފަރާތްތަކުން އަމަލުކުރޭތޯ ބަލަމުންގެންދަންވާނެއެވެ.
(ށ) ރިޕޯޓްކުރަންޖެހޭ ފަރާތްތައް ސުޕަވައިޒްކުރާ ނުވަތަ ރެގިއުލޭޓްކުރާ އިދާރާތަކުން ނުވަތަ ކަމާބެހޭ އެނޫންވެސް އިދާރާތަކުން މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ތިރީގައިވާ ކަންތައްތައް ކުރަންވާނެއެވެ.
- ރިޕޯޓްކުރަންޖެހޭ ފަރާތްތައް ކޮންޓްރޯލްކުރާ ފަރާތްތަކަކީ ނުވަތަ، ސީދާގޮތެއްގައި ނުވަތަ ނުސީދާގޮތެއްގައިވިޔަސް ރިޕޯޓްކުރަންޖެހޭ ފަރާތްތަކުގެ ހިންގުމުގައި ބައިވެރިވާ ފަރާތްތަކަކީ ނުވަތަ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ ފަރާތްތަކަކީ ނުވަތަ މެނޭޖްމަންޓްގައި ހިމެނޭ ފަރާތްތަކަކީ ކަމަށް ގާބިލުނޫން މީހުން ކަމުގައިވިޔަނުދިނުމަށް އެކަށީގެންވާ ގާނޫނީ އަދި އިދާރީ ފިޔަވަޅު އަޅަންވާނެއެވެ. އެގޮތުން، ގާބިލު މީހުން ދެނެގަތުމަށްޓަކައި އެފަރާތްތައް ޓެސްޓުކުރާއިރު އެފަރާތެއްގެ ތެދުވެރިކަމާއި، އެފަރާތަކަށް ލިބިފައިވާ ފަންނީ ތަޖުރިބާއާއި ތައުލީމާއި ހުނަރުވެރިކަމާއި، އެފަރާތެއްގެ
- ނަފްސާނީ ހާލަތާއި، އެފަރާތުގެ މަސައްކަތުގެ ދާއިރާގައި އަމަލުކުރަންޖެހޭ މިންގަނޑުތަކާއި ލައިސަންސާގުޅޭ މިންގަނޑުތަކަށް އަމަލުކުރަމުންދާ މިންވަރާއި، ޖިނާއީ ކުށުގެ ރެކޯޑު ބެލުން ހިމަނަންވާނެއެވެ.ރިޕޯޓްކުރަންޖެހޭ ފަރާތްތައް ސުޕަވައިޒްކޮށް ބެލެހެއްޓުމާއި އަދި އެފަރާތްތަކުން މި ގާނޫނާ އެއްގޮތަށް، ލިޔެކިޔުންތައް ބަހައްޓާތޯއާއި ރިޕޯޓްކުރޭތޯ ބަލައި ސުޕަވައިޒްކުރުން؛
- ރިޕޯޓްކުރަންޖެހޭ ފަރާތްތަކުން މި ގާނޫނުގެ 21 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިންޓާރނަލް ޕްރޮގްރާމްތައް އެކަށައަޅާފައިވޭތޯއާއި އެ ޕްރޮގްރާމްތަކާ އެއްގޮތަށް އަމަލުކުރޭތޯ ގަވާއިދުން ބަލަމުންދިޔުން؛
- ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ އަމަލުތައް ށައްކުކުރެވޭ ގޮތަކަށް ހުންނަކަން ދެނެގަތުމަށް އެހީތެރިވެދިނުމަށްޓަކައި އިރުށާދު ދީ، ކަމާގުޅޭ ސިޔާސަތުތަކާއި އުސޫލުތައް ކަނޑައެޅުން؛
- މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ހަރަކާތްތަކާބެހޭ މައުލޫމާތު ބޭރު ގައުމެއްގެ އިދާރާއަކާއެކު ނުވަތަ ދިވެހިރާއްޖޭގެ ކަމާބެހޭ ފަރާތްތަކާއެކު ހިއްސާކުރުމާއި، އެފަދަ މައްސަލަތައް ތަހްގީގުކުރުމުގައާއި އެފަދަ މައްސަލަތަކުގެ ށަރީއަތުގެ މަރުހަލާގައި އެފަރާތްތަކަށް އެހީ ފޯރުކޮށްދިނުން؛
- ރިޕޯޓްކުރަންޖެހޭ ފަރާތްތަކުން ބޭރު ގައުމުތަކުގައި ހިންގާ އެފަރާތްތަކުގެ ބްރާންޗްތަކަށާއި ސަބްސިޑިއަރީތަކަށް އެ ގައުމެއްގެ ގާނޫނާއި ގަވާއިދުތައް ތަންދޭ މިންވަރަކުން މި ގާނޫނަށް އަމަލުކުރުމަށް އެންގުން. އަދި އެފަދަ ބްރާންޗް ނުވަތަ ސަބްސިޑިއަރީތަކަށް މި ގާނޫނާ އެއްގޮތަށް އަމަލުކުރެވެން ނެތްނަމަ، އެކަން، ސުޕަވައިޒަރީ ނުވަތަ ރެގިއުލޭޓަރީ އިދާރާއަށް ނުވަތަ އެނޫންވެސް ކަމާބެހޭ އިދާރާތަކަށް ރިޕޯޓްކުރުމަށް އެންގުން؛
- މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމާ ގުޅުންހުރި ހަރަކާތަކާބެހޭ ނުވަތަ ކުށް ކޮށްގެން ހޯދާ މުދަލާބެހޭ ނުވަތަ އެފަދަ އެއްޗަކާ ނުވަތަ ހަރަކާތަކާ ގުޅުންހުރިކަމަށް ށައްކުކުރެވޭ މުއާމަލާތަކާ ބެހޭގޮތުން އެއްވެސް މައުލޫމާތެއް ލިބުމުން، ވީ އެންމެ އަވަހަކަށް އަދި ލަސްވެގެން ރަސްމީ ބަންދު ނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ރިޕޯޓްކުރުން؛
- މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ހަރަކާތްތަކާ ގުޅިގެން ނުވަތަ ރިޕޯޓްކުރަންޖެހޭ ފަރާތްތަކުން އަމަލުކުރަންޖެހޭ ގާނޫނާއި ގަވާއިދާ ހިލާފުވެގެން، ކުރެވޭ ތަހްގީގެއްގައި ނުވަތަ ށަރީއަތަށް ހުށަހެޅޭ މައްސަލަތަކާ ގުޅޭގޮތުން ބޭރު ގައުމެއްގެ އެފަދަ މަސައްކަތްތައް ކުރާ އޭޖެންސީތަކާއެކު އެއްބާރުލުން؛ އަދި
- މި ބާބުގެ މާއްދާތަކަށް އަމަލުކުރުމަށްޓަކައި އަޅަމުންގެންދާ ތަފާތު ފިޔަވަޅުތަކުގެ ތަފާސްހިސާބު ބެލެހެއްޓުން.
47 ވަނަ މާއްދާ - ސުޕަވައިޒްކުރާ އިދާރާތަކުގެ ދައުރު
(ހ) ސުޕަވައިޒްކުރާ ނުވަތަ ރެގިއުލޭޓްކުރާ އިދާރާއަކަށް ނުވަތަ ކަމާބެހޭ އެނޫންވެސް އިދާރާއަކަށް، އެފަރާތަކުން ސުޕަވައިޒްކުރާ ނުވަތަ ރެގިއުލޭޓްކުރާ ރިޕޯޓްކުރަންޖެހޭ ފަރާތެއް މި ގާނޫނުގެ ދެވަނަ އަދި ތިންވަނަ ބައިގައި ބަޔާންކޮށްފައިވާ މާއްދާއަކާ ހިލާފުވެއްޖެކަމަށް ފެނިއްޖެނަމަ، ތިރީގައިވާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް ނުވަތަ އޭގެ ތެރެއިން އެއް ފިޔަވަޅަށްވުރެ ގިނަ ފިޔަވަޅު އެ ރިޕޯޓްކުރަންޖެހޭ ފަރާތަކާމެދު އެޅިދާނެއެވެ.
- ލިޔުމުން އިންޒާރު ދިނުން؛
- ވަކި ކަމެއް ނުވަތަ ކަންތައްތަކެއް ވަކި ގޮތަކަށް ކުރުމަށް އެންގުން؛
- ރިޕޯޓްކުރަންޖެހޭ ފަރާތްތަކުން އެފަރާތުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކުގެ ރިޕޯޓް، ގަވާއިދުން ފޮނުވުމަށް އެންގުން؛
- 10,000 (ދިހަހާސް) ރުފިޔާއާއި 500,000 (ފަސްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން އެފަރާތް ޖޫރިމަނާކުރުން؛
- އެފަރާތެއް އެ ދާއިރާގައި ވަޒީފާ އަދާކުރުން މަނާކުރުން؛
- ރިޕޯޓްކުރަންޖެހޭ ފަރާތުގެ މެނޭޖަރުން ނުވަތަ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުން ނުވަތަ ކޮންޓްރޯލްކުރާ ހިއްސާދާރުންގެ ގޮތުގައި ތިބި ފަރާތްތައް ބަދަލުކުރުން ނުވަތަ އެފަރާތްތަކަށް ލިބިފައިވާ ބާރުތައް ކުޑަކުރުން؛ އޭގެ ތެރޭގައި ވަކި ކަމެއް ކުރުމަށް އެޑްމިނިސްޓްރޭޓަރެއް އައްޔަންކުރުން ހިމެނެއެވެ.
- ރިޕޯޓްކުރަންޖެހޭ ފަރާތަށް ދޫކޮށްފައިވާ ލައިސަންސް ހިފެހެއްޓުން ނުވަތަ ބާތިލުކުރުން.
(ށ) ސުޕަވައިޒްކުރާ އިދާރާއަކުން ނުވަތަ ރެގިއުލޭޓްކުރާ އިދާރާއަކުން ނުވަތަ ކަމާބެހޭ އެނޫންވެސް އިދާރާއަކުން މި މާއްދާގެ ދަށުން އެއްވެސް ފިޔަވަޅެއް އަޅައިފިނަމަ، އެކަން ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް އަންގައި، އެފަދައިން އެޅި ފިޔަވަޅު އާންމުކޮށް އިއުލާންކުރަންވާނެއެވެ.
(ނ) ސުޕަވައިޒްކުރާ އިދާރާއަކަށް ނުވަތަ ރެގިއުލޭޓްކުރާ އިދާރާއަކަށް ނުވަތަ ކަމާބެހޭ އެހެންވެސް އިދާރާއަކަށް ލިބޭ މައުލޫމާތަކުން މަނީ ލޯންޑްރިންގގެ ނުވަތަ ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ހަރަކާތެއް ހިންގާކަމަށް ބެލެވޭނަމަ، އެ އިދާރާއަކުން ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް އެކަން އަންގަންވާނެއެވެ.
އެގާރަވަނަ ބާބު
ބޭންކިންގގެ ސިއްރު ހިފެހެއްޓުމަށްޓަކައި ނުވަތަ އެނޫންވެސް ފަންނީ އިމްތިޔާޒެއްގެ ދަށުން މައުލޫމާތު ހާމަނުކުރުމަށް އޮންނަ ޒިންމާއިން އިސްތިސްނާވުން
48 ވަނަ މާއްދާ - ބޭންކިންގގެ ސިއްރު ހިފެހެއްޓުމަށްޓަކައި ނުވަތަ އެނޫންވެސް ފަންނީ އިމްތިޔާޒެއްގެ ދަށުން މައުލޫމާތު ހާމަނުކުރުމަށް އޮންނަ ޒިންމާއިން އިސްތިސްނާވުން
މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން، ސުޕަވައިޒްކުރާ އިދާރާއަކުން ނުވަތަ ގާނޫނު ތަންފީޒުކުރާ އިދާރާއަކުން ނުވަތަ ތަހްގީގުކުރާ އިދާރާއަކުން ނުވަތަ ށަރުއީ ކޯޓަކުން ނުވަތަ ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓުން ވަކި މައުލޫމާތެއް ދިނުމަށް އެންގުމުން ނުވަތަ ވަކި ލިޔެކިޔުމެއް ހުށަހެޅުމަށް އެންގުމުން، މި ގާނޫނުގެ ދަށުން އެފަރާތުން އަދާކުރަންޖެހޭ ޒިންމާ އަދާނުކުރެވޭނެ ސަބަބެއް ކަމުގައި، ބޭންކިންގގެ ސިއްރު ހިފެހެއްޓުމުގެ ގޮތުން ނުވަތަ އެނޫންވެސް ފަންނީ އިމްތިޔާޒެއްގެ ދަށުން މައުލޫމާތު ހާމަނުކުރުމަށް އޮންނަ ޒިންމާ ބޭނުންކޮށްގެންނުވާނެއެވެ.
ހަތަރުވަނަ ބައި
ތަހްގީގުކުރުމާބެހޭ ބައި
ބާރަވަނަ ބާބު
ތަހްގީގުކުރުން
49 ވަނަ މާއްދާ - ތަހްގީގީ އުކުޅުތައް
(ހ) މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ކުށަކާގުޅޭ ހެކި ހޯދުމުގެ ބޭނުމަށްޓަކައި ނުވަތަ ކުށް ކޮށްގެން ހޯދާފައިވާ މުދަލެއް ހުރި ތަނެއް ހޯދުމުގެ ބޭނުމަށްޓަކައި، އަންނަނިވި ކަންކަން ކުރުމަށް، ކަމުގެ އިހްތިސާސް ލިބިފައިވާ ކޯޓަކަށް ކަނޑައެޅޭ ވަކި މުއްދަތަކަށް ކޯޓު އަމުރެއް ނެރެވިދާނެއެވެ.
- ބޭންކު އެކައުންޓް ނުވަތަ އެނޫންވެސް އެފަދަ އެކައުންޓްތައް މޮނިޓަރކުރުމަށް؛
- ކޮމްޕިއުޓަރ ސިސްޓަމްތަކާއި ނެޓްވާރކްތަކާއި ސަރވަރތައް ބެލުމަށް؛
- ޓެލެފޯން ލައިންތައް ނުވަތަ ފެކްސް ލައިންތައް ނުވަތަ އިލެކްޓްރޯނިކް ޓްރާންސްމިށަން ނުވަތަ މުއާސަލާތުކުރުމަށް ބޭނުންކުރާ އާލާތްތައް ސަރވެއިލްކުރުމަށް ނުވަތަ ޓެޕްކުރުމަށް؛
- ދެކެވޭ ނުވަތަ ބަދަލުކުރެވޭ ވާހަކަތަކާއި އަމަލުތަކުގެ އޯޑިއޯ ނުވަތަ ވީޑިއޯ ރެކޯޑިންގ ހެދުމަށް؛ އަދި
- ލިބޭ ސިޓީތަކާއި އެހެނިހެން މުއާމަލާތްތައް އިންޓަރސެޕްޓްކުރުމަށް ނުވަތަ ހިފެހެއްޓުމަށް.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުކުޅުތައް ބޭނުންކުރަންވާނީ ކަމާބެހޭ ގާނޫނުތަކުގައިވާ ގޮތުގެމަތިންނެވެ. އަދި އެއިން އުކުޅެއް ބޭނުންކުރަންވާނީ، އެކައުންޓެއް ނުވަތަ ޓެލެފޯން ލައިނެއް ނުވަތަ ކޮމްޕިއުޓަރ ސިސްޓަމެއް ނުވަތަ ނެޓްވާރކެއް ނުވަތަ ލިޔެކިޔުމެއް، މަނީ ލޯންޑްރިންގގެ ހަރަކާތެއްގައި ނުވަތަ ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ހަރަކާތެއްގައި ބައިވެރިވާ ކަމަށް ށައްކުކުރެވޭ ފަރާތަކުން ބޭނުންކުރާކަން އެނގޭނަމަ ނުވަތަ ބޭނުންކޮށްފާނެ ކަމަށް ބެލެވޭނަމައެވެ.
50 ވަނަ މާއްދާ - ސިއްރު އޮޕަރޭށަންތަކާއި ކޮންޓްރޯލްޑް ޑެލިވަރީ
(ހ) މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ކުށްތައް ތަހްގީގުކުރުމުގައި ހަރަކާތްތެރިވާ ކަމާބެހޭ އޮފިށަލެއް، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ހަރަކާތްތަކާގުޅޭ ހެކި ހޯދުމުގެ ބޭނުމުގައި ނުވަތަ ކުށްކޮށްގެން ހޯދާފައިވާ މުދަލެއް ހޯދުމުގެ ބޭނުމުގައި، މަނީ ލޯންޑްރިންގ ނުވަތަ ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ހަރަކާތެއް ކަމުގައި ބެލެވޭ އަމަލެއް، ސިއްރު އޮޕަރޭށަނެއްގައި ނުވަތަ ކޮންޓްރޯލްޑް ޑެލިވަރީއެއްގައި ކުރުމަކުން، އެ އޮފިށަލަކަށް އެއްވެސް އަދަބެއް ދީގެންނުވާނެއެވެ.
(ށ) ކުށުގެ ތުހުމަތުކުރެވޭ ފަރާތުން އެއްވެސް ކުށެއް ކުރުމަށް، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ކުށްތައް ތަހްގީގްކުރުމުގައި ހަރަކާތްތެރިވާ އޮފިށަލުން ބާރުދީގެންނުވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްވެސް އޮޕަރޭށަނެއް ހިންގުމުގެ ކުރިން ކޮމިށަނަރ އޮފް ޕޮލިސްގެ ހުއްދަ ހޯދަންވާނެއެވެ.
ފަސްވަނަ ބައި
އަދަބުތަކާއި ވަގުތީ ފިޔަވަޅުތައް
ތޭރަވަނަ ބާބު
ވަގުތީ ފިޔަވަޅުއެޅުމާއި ފައިސާ ނުވަތަ މުދަލުން މުއާމަލާތްކުރުން ހުއްޓުވުމާއި ހިފެހެއްޓުން
51 ވަނަ މާއްދާ - ވަގުތީ ފިޔަވަޅުތައް
(ހ) މި ގާނޫނުގެ 62 ވަނަ މާއްދާގެ ދަށުން ދައުލަތަށް ނެގިދާނެ ފައިސާ ނުވަތަ މުދަލާމެދު ވަގުތީ ފިޔަވަޅުތައް އެޅުމުގެ ބާރު، ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ވަގުތީ ފިޔަވަޅުތަކުގެ ތެރޭގައި ކޯޓު އަމުރެއްގެ ދަށުން އެ ފައިސާއެއް ނުވަތަ މުދާ ވަކި މުއްދަތަކަށް ހިފެހެއްޓުމާއި އެ ފައިސާ ނުވަތަ މުދަލުން މުއާމަލާތްކުރުން ހުއްޓުވުން ހިމެނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން އަޅާ ވަގުތީ ފިޔަވަޅެއްގެ ގޮތުގައި ފައިސާ ނުވަތަ މުދާ ހިފަހައްޓަންވާނީ ނުވަތަ އެއިން މުއާމަލާތްކުރުން ހުއްޓުވަންވާނީ، ހެޔޮ ނިޔަތުގައި އަމަލުކުރާ ތިންވަނަ ފަރާތްތަކުގެ ހައްގުތަކަށް އެއްވެސް އުނިކަމެއް ނާންނާނެ ފަދަ ގޮތަކަށެވެ.
(ރ) މި މާއްދާގެ ދަށުން މުއާމަލާތްކުރުން ހުއްޓުވާ ފައިސާ ނުވަތަ މުދާ ބަލަހައްޓަމުންގެންދާނީ އެ ފައިސާއެއް ނުވަތަ މުދަލެއް ހުރި މާލީ އިދާރާއަކުން، ނުވަތަ އެ މުދާ ނުވަތަ ފައިސާއިން މުއާމަލާތްކުރުން ހުއްޓުވުނުއިރު އެ އެއްޗެހި ބެލެހެއްޓުމަށް ކަނޑައަޅާފައިވާ ފަރާތަކުންނެވެ.
(ބ) މި މާއްދާގެ ދަށުން ހިފެހެއްޓޭ ފައިސާ ނުވަތަ މުދާ ބަލަހައްޓަމުންގެންދާނީ ކޯޓު އަމުރުގައި ބަޔާންކުރާ، ކަމާބެހޭ އިދާރާއެއްގެ ބެލުމުގެ ދަށުންނެވެ.
(ޅ) މި މާއްދާގެ (ހ) ގެ ދަށުން ވަގުތީ ފިޔަވަޅެއް އެޅުމަށް ކޯޓު އަމުރަށް އެދޭ ފަރާތުން ބޭނުންވެއްޖެ ހިނދެއްގައި، ކޯޓު އަމުރުގެ މުއްދަތު ހަމަވުމުގެ ކުރިންވެސް އެ ވަގުތީ ފިޔަވަޅު ނިމުމަކަށް ގެނެވިދާނެއެވެ.
(ކ) މި މާއްދާގެ (ހ) ގެ ދަށުން އަޅާފައިވާ ވަގުތީ ފިޔަވަޅު ނިމުމަކަށް ގެނައުމަށްޓަކައި، ކުށުގެ ތުހުމަތުކުރެވޭ ފަރާތަށް ނުވަތަ މި މާއްދާގެ (ހ) ގެ ދަށުން ވަގުތީ ފިޔަވަޅެއް އަޅާފައިވާ ފައިސާ ނުވަތަ މުދަލުގައި މަސްލަހަތެއް އޮތް ފަރާތަކަށް ކޯޓަށް ހުށަހެޅިދާނެއެވެ.
(އ) މި މާއްދާގެ (ހ) ގެ ދަށުން ހިފެހެއްޓޭ ފައިސާ ނުވަތަ މުދާ ނުވަތަ ކުށް ކުރުމަށް ބޭނުންކުރި މުދާ ދައުލަތަށް ނަގަންދެން ނުވަތަ މި މާއްދާގެ ދަށުން އަޅާ ވަގުތީ ފިޔަވަޅު ނިމުމަކަށް ގެންނަންދެން، އެ ފައިސާ ނުވަތަ މުދާ ރައްކާތެރިކަމާއެކު ބެލެހެއްޓުމަކީ ވަގުތީ ފިޔަވަޅު އެޅުމަށް ކޯޓު އަމުރު ހޯދި ފަރާތުގެ ޒިންމާއެކެވެ.
52 ވަނަ މާއްދާ - ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ހަރަކާތަކާ ގުޅުންހުރި ފައިސާއާމެދު އަމަލުކުރާނެ ގޮތް
(ހ) ޔުނައިޓަޑް ނޭށަންސްގެ ޗާޓަރުގެ ހަތްވަނަ ޗެޕްޓަރުގެ ދަށުން ޔުނައިޓަޑް ނޭށަންސްގެ ސެކިއުރިޓީ ކައުންސިލުން ކަނޑައަޅާ ފަރާތްތަކުގެ ލިސްޓު، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ފޮނުވަންވާނެއެވެ.
(ށ) ވަކި މީހަކީ ޓެރަރިސްޓެއް ކަމުގައި ނުވަތަ ވަކި ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއް ކަމުގައި ޔުނައިޓެޑް ނޭށަންސްގެ ސެކިއުރިޓީ ކައުންސިލުގެ ނަންބަރު 1373 ރިޒޮލިއުށަންގެ ދަށުން އެހެން ގައުމަކުން ކަނޑައަޅާ ފަރާތްތަކުގެ މައުލޫމާތު ނުވަތަ އެފަދަ އެއްވެސް ފަރާތަކަށް ސީދާގޮތެއްގައިވިޔަސް ނުވަތަ ނުސީދާގޮތެއްގައިވިޔަސް އެހީވެދޭ ފަރާތެއް ކަމުގައި އެއިން ގައުމަކުން ކަނޑައަޅާ ފަރާތެއްގެ މައުލޫމާތު އެ ގައުމަކުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށް ފޮނުވުމުން، އެ މައުލޫމާތު ހިމެނޭ ލިސްޓެއް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ލަސްނުކޮށް ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ފޮނުވަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ފޮނުވާ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ މުދަލުން ނުވަތަ ފައިސާއިން މުއާމަލާތްކުރުން ހުއްޓުވުމަށް ރިޕޯޓްކުރަންޖެހޭ ފަރާތްތަކަށް ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓުން އަންގަންވާނެއެވެ. އަދި ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓުގެ އެންގުމާ އެއްގޮތަށް، ރިޕޯޓްކުރަންޖެހޭ ފަރާތްތަކުން ބަލަހައްޓާ އެފަދަ ފަރާތްތަކުގެ މުދަލުން ނުވަތަ ފައިސާއިން މުއާމަލާތްކުރުން ހުއްޓުވަންވާނެއެވެ.
(ރ) މި މާއްދާގެ (ށ) ގެ ދަށުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ފޮނުވާ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ މުދަލުން ނުވަތަ ފައިސާއިން މުއާމަލާތްކުރުން ހުއްޓުވުމަށް ރިޕޯޓްކުރަންޖެހޭ ފަރާތްތަކަށް އެންގުމުގެ އިހްތިޔާރު ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ލިބިގެންވެއެވެ. އަދި ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓުން އެފަދަ އެންގުމެއް އަންގައިފިނަމަ، އެ އެންގުމާ އެއްގޮތަށް ރިޕޯޓްކުރަންޖެހޭ ފަރާތްތަކުން ބަލަހައްޓާ އެފަދަ ފަރާތްތަކުގެ މުދާ ނުވަތަ ފައިސާއިން މުއާމަލާތްކުރުން ހުއްޓުވަންވާނެއެވެ.
(ބ) ޓެރަރިސްޓަކާ ނުވަތަ ޓެރަރިސްޓް ޖަމާއަތަކާ ގުޅުންހުރި މުދަލެއް ނުވަތަ ފައިސާއެއް، ނުވަތަ މި މާއްދާގެ (ހ) ނުވަތަ (ށ) ގެ ދަށުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ހުށަހަޅާ ލިސްޓުގައި ހިމެނޭ އެއްވެސް ފަރާތަކާ ގުޅުންހުރި ފަރާތަކާ ގުޅިފައިވާ އެއްވެސް މުދަލެއް ނުވަތަ ފައިސާއެއް، ރިޕޯޓްކުރަންޖެހޭ އެއްވެސް ފަރާތަކުން ބަލަހައްޓާނަމަ، އެކަން ލަސްނުކޮށް ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް އަންގަންވާނެއެވެ.
(ޅ) ރިޕޯޓްކުރަންޖެހޭ ފަރާތަކުން މި މާއްދާގެ (ރ) އަދި (ބ) އާ ހިލާފުވެއްޖެނަމަ، އެފަރާތެއް 10,000 (ދިހަހާސް) ރުފިޔާއާއި 150,000 (އެއްލައްކަ ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.
(ކ) މި މާއްދާގެ (ރ) ގެ ދަށުން މުއާމަލާތްކުރުން ހުއްޓުވާފައިވާ މުދަލެއް ނުވަތަ ފައިސާއެއްގެ ވެރިފަރާތުގެ ނަން، ޔުނައިޓެޑް ނޭށަންސްގެ ސެކިއުރިޓީ ކައުންސިލުން ކަނޑައަޅާ ލިސްޓުގައި ހިމެނިފައިވަނީ އޮޅުމަކުން ކަމަށް އެ މުދާ ނުވަތަ ފައިސާގެ ވެރިފަރާތަށް ގަބޫލުކުރެވޭނަމަ، އޭނާގެ މުދާ ނުވަތަ ފައިސާއިން މުއާމަލާތްކުރުން ހުއްޓުވުނު ތާރީހުން ފެށިގެން 29 (އޮނަތިރީސް) ދުވަހުގެ ތެރޭގައި، އޭނާގެ ނަން އެ ލިސްޓުން އުނިކުރުމަށާއި، މުއާމަލާތްކުރުން ހުއްޓުވާފައިވާ މުދާ ނުވަތަ ފައިސާ ދޫކޮށްދިނުމަށް އެދި ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ހުށަހެޅިދާނެއެވެ.
ސާދަވަނަ ބާބު
ކުށާއި އަދަބު
53 ވަނަ މާއްދާ - މަނީ ލޯންޑްރިންގގެ ކުށް
(ހ) މި ގާނޫނުގެ 5 ވަނަ މާއްދާގައި މަނީ ލޯންޑްރިންގ ކަމަށް ބަޔާންކޮށްފައިވާ ކޮންމެ ހަރަކާތެއް ނުވަތަ އަމަލެއް ހިންގުމަކީ ކުށެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށް ކޮށްފި މީހެއްގެ އަދަބަކީ 100,000 (އެއްލައްކަ) ރުފިޔާއާއި 1,000,000 (އެއްމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއެކު 5 (ފަހެއް) އަހަރާއި 15 (ފަނަރަ) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ ކުށުގެ އަމަލު ހިންގުމުގައި ބޭނުންކުރި ފައިސާގެ އަދަދު (ލޯންޑަރކުރި ފައިސާގެ އަދަދު) ގެ 5 (ފަހެއް) ގުނައަށްވުރެ އިތުރުނުވާ އަދަދަކުން ޖޫރިމަނާކުރުމާއެކު 5 (ފަހެއް) އަހަރާއި 15 (ފަނަރަ) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށް ކުރަން އުޅުމަކީ ނުވަތަ އެ ކުށް ކުރުމުގައި އެހީތެރިވެދިނުމަކީ ނުވަތަ އެ ކުށް ކުރުމަށް މަގުފަހިކޮށްދިނުމަކީ ނުވަތަ ކުށް ކުރުމަށް ހިތްވަރުދިނުމަކީ ކުށެކެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 50,000 (ފަންސާސްހާސް) ރުފިޔާއާއި 500,000 (ފަސްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއެކު 2 (ދޭއް) އަހަރާއި 10 (ދިހައެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ ކުށުގެ އަމަލު ހިންގުމުގައި ބޭނުންކުރި ފައިސާގެ އަދަދު (ލޯންޑަރކުރެވުނު ފައިސާގެ އަދަދު) ގެ 5 (ފަހެއް) ގުނައަށްވުރެ އިތުރުނުވާ އަދަދަކުން ޖޫރިމަނާކުރުމާއެކު 2 (ދޭއް) އަހަރާއި 10 (ދިހައެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
54 ވަނަ މާއްދާ - ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ކުށް
(ހ) މި ގާނޫނުގެ 6 ވަނަ މާއްދާގައި ބުނާ ޓެރަރިޒަމަށް ފައިނޭންސްކުރުމަކީ ކުށެކެވެ.
(ށ) އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކުރުމަކީ ކުށެކެވެ.
- ޓެރަރިޒަމަށް ފައިނޭންސްކުރުމުގައި ބައިވެރިވުން؛
- އެހެން ފަރާތެއް މެދުވެރިކޮށް ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ކުށް ކުރުމަށް ރޭވުން ނުވަތަ ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ކުށް ކުރުމަށް އެހެން ފަރާތަކަށް އެންގުން؛
- ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ މަގްސަދުގައި ހަރަކާތްތެރިވާ އެއްވެސް ފަރާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން؛ މާލީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބެލެވޭނީ އަންނަނިވި އަމަލުތަކުގެ ތެރެއިން އަމަލެއް ކޮށްފިކަމުގައިވާނަމައެވެ.
(ހހ) ޓެރަރިޒަމަށް ފައިނޭންސް ކުރުމަށް މަގުފަހިކޮށްދިނުމަށްޓަކައި ގަސްދުގައި އެހީތެރިކަން ފޯރުކޮށްދިނުން؛ ނުވަތަ
(ށށ) ވަކި ފަރާތެއްގެ މަގްސަދަކީ ޓެރަރިޒަމަށް ފައިނޭންސް ކުރުންކަން އެނގިހުރެ، ގަސްދުގައި އެފަރާތަށް އެހީތެރިކަން ފޯރުކޮށްދިނުން.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 100,000 (އެއްލައްކަ) ރުފިޔާއާއި 1,000,000 (އެއްމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ނުވަތަ 5 (ފަހެއް) އަހަރާއި 15 (ފަނަރަ) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ ޖޫރިމަނާކުރުމާއެކު ޖަލަށްލުމެވެ.
(ރ) ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ކުށެއް ކުރަން އުޅުން ނުވަތަ އެ ކުށް ކުރުމުގައި އެހީތެރިވުން ނުވަތަ އެ ކުށް ކުރުމަށް މަގުފަހިކޮށްދިނުން ނުވަތަ އެ ކުށް ކުރުމަށް އިރުށާދުދިނުމަކީ ކުށެކެވެ. އެ ކުށްކުށަށް އަދަބު ދެވޭނީ އެއީ ފުރިހަމަވެފައިވާ ކުށްކުށް ކަމުގައި ބަލައިގެންނެވެ.
(ބ) މި މާއްދާގެ (ށ) އަދި (ރ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 50,000 (ފަންސާސްހާސް) ރުފިޔާއާއި 500,000 (ފަސްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ނުވަތަ 2 (ދޭއް) އަހަރާއި 10 (ދިހައެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
55 ވަނަ މާއްދާ - މަނީ ލޯންޑްރިންގގެ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ކުށެއް ކުރުމުގައި ބައިވެރިވެ، ނުވަތަ އެފަދަ ކުށެއް ކުރުމަށް ރޭވުމުގައި ބައިވެރިވުން
މި ގާނޫނުގެ 53 ވަނަ މާއްދާ އަދި މި ގާނޫނުގެ 54 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށެއް ކުރުމުގައި، ނުވަތަ އެފަދަ ކުށެއް ކުރުމަށް ރޭވުމުގައި ބައިވެރިވުމަކީ ކުށެކެވެ. މިފަދަ ކުށެއްގެ އަދަބަކީ 50,000 (ފަންސާސްހާސް) ރުފިޔާއާއި 500,000 (ފަސްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ނުވަތަ 2 (ދޭއް) އަހަރާއި 10 (ދިހައެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ ޖޫރިމަނާކުރުމާއެކު ޖަލަށްލުމެވެ.
56 ވަނަ މާއްދާ - ރާއްޖެއިން ބޭރުގައި ކުށްކުރުން
(ހ) މި ގާނޫނުގައި ކުށެއް ކަމުގައި ކަނޑައަޅާފައިވާ އެއްވެސް ކުށެއް ދިވެހިރައްޔިތަކު، ދިވެހިރާއްޖެއިން ބޭރުގައި ކުރިކަމުގައި ވީނަމަވެސް، އޭނާ އެކުރީ ކުށެކެވެ. އަދި އެއިން ކުށަކަށް ކަނޑައެޅޭ އަދަބަކީ މި ގާނޫނުގައި އެ ކުށަކަށް ކަނޑައަޅާފައިވާ އަދަބެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، މި މާއްދާގެ (ހ) ގެ ދަށުން ދިވެހިރައްޔިތެއްގެ މައްޗަށް ދިވެހިރާއްޖޭގައި ދައުވާ އުފުލޭނީ، އޭނާ ކުށްކުރި ގައުމުގައި އޭނާގެ މައްޗަށް ދައުވާކޮށް ހުކުމްކޮށްފައިނުވާނަމައެވެ.
57 ވަނަ މާއްދާ - އާންމު ކުށްތައް
(ހ) މި ގާނޫނުގައި ކަނޑައެޅިގެން އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގާނޫނާ ހިލާފުވާ ފަރާތެއްގެ އަދަބަކީ 10,000 (ދިހަހާސް) ރުފިޔާއާއި 500,000 (ފަސްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ނުވަތަ 1 (އެކެއް) އަހަރާއި 10 (ދިހައެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ ޖޫރިމަނާކުރުމާއެކު ޖަލަށްލުމެވެ.
(ށ) މި ގާނޫނުގެ ދަށުން ކުރަންޖެހޭ ރިޕޯޓެއްގައި ގަސްދުގައި ހިމެނިޔަނުދިނުމަށްޓަކައި، މި ގާނޫނުގެ ދަށުން ރިޕޯޓްކުރަންޖެހޭ އަދަދު ކަމުގައި ބަޔާންކޮށްފައިވާ އަދަދަށްވުރެ ދަށް އަދަދެއްގެ ޓްރާންސެކްށަނެއް ނުވަތަ ޓްރާންސްފަރއެއް ގަސްދުގައި ނުވަތަ އެނގިހުރެ ތަކުރާރުކޮށް ކުރުމަކީ ކުށެކެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 10,000 (ދިހަހާސް) ރުފިޔާއާއި 1,000,000 (އެއްމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
58 ވަނަ މާއްދާ - ގާނޫނީ ށަހްސުތަކުން ކުށްކުރުން
(ހ) ގާނޫނީ ށަހްސަކުން، މި ގާނޫނުގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފިނަމަ، އެ ގާނޫނީ ށަހްސެއްގެ އަދަބަކީ އެ ކުށަކަށް މި ގާނޫނުގައި ކަނޑައަޅާފައިވާ އަދަބުގައި ހިމެނޭ ޖޫރިމަނާކުރުމުގެ އަދަދުގެ ދެ ގުނައިން ޖޫރިމަނާކުރުމެވެ.
(ށ) ގާނޫނީ ށަހްސެއް ތަމްސީލުކުރުމުގެ ބާރު ލިބިފައިވާ މީހެއް ނުވަތަ ގާނޫނީ ށަހްސެއްގެ އިސް މަގާމެއްގައި ހުރި މީހެއް، އެ ގާނޫނީ ށަހްސެއްގެ ފައިދާއަށްޓަކައި މަނީ ލޯންޑްރިންގގެ ކުށެއް ނުވަތަ ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ކުށެއް ކުރީ، އެ ގާނޫނީ ށަހްސުން އެ މީހެއްގެ ކަންތައްތައް ބެލެހެއްޓުމުގައި އިހުމާލުވުމުގެ ސަބަބުން ކަމަށްވާނަމަ، އެ ގާނޫނީ ށަހްސެއް ކުށްވެރިވާނެއެވެ. އަދި އެ ގާނޫނީ ށަހްސެއްގެ އަދަބަކީ އެ ކުށަކަށް މި ގާނޫނުގައި ކަނޑައަޅާފައިވާ އަދަބުގައި ހިމެނޭ ޖޫރިމަނާކުރުމުގެ އަދަދުގެ ދެ ގުނައިން ޖޫރިމަނާކުރުމެވެ.
(ނ) މި މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ އަދަބުތަކުގެ އިތުރުން، ތިރީގައިވާ އަދަބުތައްވެސް އެފަދަ ގާނޫނީ ށަހްސުތަކަށް ދެވިދާނެއެވެ.
- ދާއިމީކޮށް ނުވަތަ ވަކި މުއްދަތަކަށް ސީދާކޮށް ނުވަތަ ނުސީދާކޮށް ވަކިކަހަލަ ވިޔަފާރީގެ ހަރަކާތްތަކެއް ހިންގުން މަނާކުރުން؛
- ކޯޓުން މޮނީޓަރުކުރަމުންދާ ގޮތަށް ހަމަޖެއްސުން؛
- ކުށް ކުރުމަށް ބޭނުންކުރެވުނު ތަނެއް ދާއިމީކޮށް ނުވަތަ ވަކި މުއްދަތަކަށް ބޭނުންކުރުން މަނާކުރުމަށް އަމުރެއް ނެރުން؛
- އެ ގާނޫނީ ށަހްސަކީ އެ ކުށް ކުރުމަށްޓަކައި ގާއިމުކޮށްފައިވާ ވިޔަފާރިއެއް ކަމުގައިވާނަމަ އެ ގާނޫނީ ށަހްސެއް އުވާލުން؛
- އެފަދަ ފަރާތަކާމެދު އެޅުމަށް ކޯޓުން ކޮށްފައިވާ ހުކުމް އާންމުކޮށް އިއުލާންކުރުން.
(ރ) މި މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި "ތަނެއް" ގެ މާނައިގައި، އިމާރާތާއި ގޯއްޗާއި އެނޫންވެސް ތަންތަނާއި، އެއްގަމުދަތުރުފަތުރުކުރާ އުޅަނދުފަހަރާއި، ކަނޑުދަތުރުފަތުރުކުރާ އުޅަނދުފަހަރާއި، ވައިގެދަތުރުފަތުރުކުރާ އުޅަނދުފަހަރު ހިމެނެއެވެ.
59 ވަނަ މާއްދާ - މަނީ ލޯންޑްރިންގގެ ކުށްތަކުގެ އަދަބު ބޮޑުކުރުމުގެ އިހްތިޔާރު
މި ގާނޫނުގެ 53 ވަނަ މާއްދާއާއި 55 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށްކުށަށް އަދަބު ކަނޑައެޅުމުގައި، އެ މާއްދާގައި ބަޔާންކުރާ އަދަބުގެ މިންވަރުތަކުގެ ތެރެއިން، ޖަލަށްލުމުގެ އަދަބަށް އިތުރު 2 (ދޭއް) އަހަރު އިތުރުކުރުމުގެ އިހްތިޔާރު އަންނަނިވި ހާލަތްތަކުގައި ކޯޓަށް ލިބިގެންވެއެވެ. އަދި ޖޫރިމަނާގެ އަދަބަށް، ކުށުގެ އަމަލު ހިންގުމުގައި ބޭނުންކުރި ފައިސާގެ އަދަދު (ލޯންޑަރކުރި ފައިސާގެ އަދަދު) ގެ 2 (ދޭއް) ގުނައަށްވުރެ އިތުރުނުވާ އަދަދެއް އިތުރުކުރުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ. އަދި މި ގާނޫނުގެ 58 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޖޫރިމަނާކުރުމުގެ އަދަދަށް، ކުށުގެ އަމަލު ހިންގުމުގައި ބޭނުންކުރި ފައިސާގެ އަދަދު (ލޯންޑަރކުރި ފައިސާގެ އަދަދު) ގެ 2 (ދޭއް) ގުނައަށްވުރެ އިތުރުނުވާ އަދަދެއް އިތުރުކުރުމުގެ އިހްތިޔާރު އަންނަނިވި ހާލަތްތަކުގައި ކޯޓަށް ލިބިގެންވެއެވެ.
(ހ) މަނީ ލޯންޑްރިންގގެ ކުށާ ގުޅިފައިވާ ކުށަކަށް ކަނޑައެޅިފައިވާ އަދަބުގެ ތެރޭގައި ޖަލަށްލުން ހިމެނޭނަމަ އަދި ޖަލަށްލެވޭ މުއްދަތަކީ މި ގާނޫނުގައި މަނީ ލޯންޑްރިންގގެ ކުށަށް ކަނޑައަޅާފައިވާ އަދަބަށްވުރެ ބޮޑު އަދަބަކަށްވުން؛
(ށ) ކުށް ކޮށްފައިވަނީ ވިޔަފާރިއެއް ނުވަތަ އެނޫންވެސް މަންފާއެއް ލިބޭފަދަ މަސައްކަތެއް ކުރުމަށް ކަމުގައިވުން؛
(ނ) ކުށް ކޮށްފައިވަނީ އޯގަނައިޒްޑް ކްރިމިނަލް ގްރޫޕެއްގެ ހަރަކާތްތަކުގެ ތެރެއިން ކަމުގައިވުން؛
(ރ) ލޯންޑަރކުރެވުނު މުދަލުގެ އަގު 500,000 (ފަސްލައްކަ) އަށްވުރެ އިތުރުވުން؛
(ބ) ކުށްކުރުމުގެ ބޭނުމަކީ ފައިދާއެއް ލިބިގަތުން ކަމުގައިވުން؛
(ޅ) ކުށްކުރުމުގެ ބޭނުމަކީ އިތުރު ކުށްތައް ކުރުމަށް ހިތްވަރުދިނުން ކަމުގައިވުން.
60 ވަނަ މާއްދާ - ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ކުށްތަކުގެ އަދަބު ބޮޑު ކުރެވިދާނެ ހާލަތްތައް
ތިރީގައިވާ ކަންތަކުގެ ތެރެއިން ކަމެއް އެކުލެވިގެންވާނަމަ، މި ގާނޫނުގެ 54 ވަނަ މާއްދާ އަދި މި ގާނޫނުގެ 55 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަދަބުތަކަށް، އިތުރު 2 (ދޭއް) އަހަރަށް ޖަލަށްލުން ނުވަތަ އިތުރު 150,000 (އެއްލައްކަ ފަންސާސްހާސް) ރުފިޔާއިން ޖޫރިމަނާކުރުން ނުވަތަ މި އަދަދުތަކުން ޖޫރިމަނާކުރުމާއެކު ޖަލަށްލުމުގެ އަދަބު އިތުރުކުރުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ. އަދި މި ގާނޫނުގެ 58 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޖޫރިމަނާކުރުމުގެ އަދަދަށް 150,000 (އެއްލައްކަ ފަންސާސްހާސް) ރުފިޔާ އިތުރުކުރުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.
(ހ) ކުށް ކޮށްފައިވަނީ ވިޔަފާރިއެއް ނުވަތަ އެނޫންވެސް މަންފާއެއް ލިބޭފަދަ މަސައްކަތެއް ކުރުމަށް ކަމުގައިވުން؛
(ށ) ކުށް ކޮށްފައިވަނީ އޯގަނައިޒްޑް ކްރިމިނަލް ގްރޫޕެއްގެ ހަރަކާތްތަކުގެ ތެރެއިން ކަމުގައިވުން.
61 ވަނަ މާއްދާ - އަދަބު ލުއިކުރެވިދާނެ ހާލަތްތައް
(ހ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ކުށްތަކަށް އަދަބު ކަނޑައެޅުމުގައި، އަދަބު ލުއިކުރުމާ ބެހޭގޮތުން ދިވެހިރާއްޖޭގައި އަމަލުކުރެވޭ ގާނޫނުތަކުގައި ބަލާ އާންމު ހާލަތްތަކަށް ބެލެވޭނެއެވެ.
(ށ) ކުށްވެރިޔަކު، ކަމާބެހޭ ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް މައުލޫމާތު ދީފިނަމަ، އަދި އެ މައުލޫމާތަކީ، އެ އިދާރާއަށް އެނޫން ގޮތަކުން ލިބޭނެ މައުލޫމާތެއް ކަމުގައިނުވާނަމަ، އަދި އެ މައުލޫމާތަކީ ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް އެހީވެދޭ މައުލޫމާތެއް ކަމުގައިވާނަމަ، އެ ކުށްވެރިޔަކަށް މި ގާނޫނުގެ 54 ވަނަ މާއްދާ އަދި މި ގާނޫނުގެ 55 ވަނަ މާއްދާގެ ދަށުން ދެވޭ އަދަބު ލުއިކޮށްދިނުމުގެ އިހްތިޔާރު ކޯޓުތަކަށް ލިބިގެންވެއެވެ.
- އެ ކުށުގެ އަސަރު ހުއްޓުވުމަށް ނުވަތަ ކުޑަކުރުމަށް؛
- ކުށްކުރުމުގައި ބައިވެރިވި އެހެން ފަރާތްތައް ހޯދުމަށް؛
- ހެކި ހޯދުމަށް؛
- މަނީ ލޯންޑްރިންގ ނުވަތަ ޓެރަރިޒަމަށް ފައިނޭންސްކުރުމާގުޅޭ އެނޫންވެސް ކުށްތައް ކުރުން ހުއްޓުވުމަށް ބޭނުންވާ މައުލޫމާތުދިނުމަށް؛
- އޯގަނައިޒްޑް ކްރިމިނަލް ގްރޫޕުތަކަށް ލިބޭ ވަސީލަތްތައް ނުވަތަ ކުށް ކޮށްގެން ހޯދާ މުދާ ލިބުން ހުއްޓުވުމަށް.
ފަނަރަވަނަ ބާބު
ދައުލަތަށް މުދާ ނެގުން
62 ވަނަ މާއްދާ - ދައުލަތަށް މުދާ ނެގުން
(ހ)މަނީ ލޯންޑްރިންގގެ ކުށަކާ ނުވަތަ މަނީ ލޯންޑްރިންގގެ ކުށާ ގުޅިފައިވާ ކުށަކާ ނުވަތަ ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ކުށަކާ ގުޅިގެން، ނުވަތަ އެއިން ކުށެއް ކުރަން އުޅުމާ ގުޅިގެން، ތިރީގައިވާ ފައިސާ ނުވަތަ މުދާ ދައުލަތަށް ނެގުމަށްޓަކައި ކޯޓު އަމުރެއް ނެރެންވާނެއެވެ.
- މަނީ ލޯންޑްރިންގގެ އަމަލު ހިންގުމުގައި ބޭނުންކުރި ފައިސާ ނުވަތަ މުދާ (ލޯންޑަރކުރި ފައިސާ ނުވަތަ މުދާ)؛
- މަނީ ލޯންޑްރިންގގެ ކުށާ ގުޅިފައިވާ ކުށް ކުރުމަށް ބޭނުންކުރި ފައިސާ ނުވަތަ މުދާ؛
- ކުށް ކޮށްގެން ހޯދާ މުދާ ނުވަތަ ކުށް ކޮށްގެން ހޯދާ މުދަލުން ހޯދާ ފައިސާއާއި މުދާ؛
- ކުށްކޮށްގެން ހޯދަން އުޅޭ ނުވަތަ ހޯދާފައިވާ ފައިސާ ނުވަތަ މުދާ؛
- ކުށް ކުރުމަށް ބޭނުންކުރި މުދަލެއް؛
- ކުށް ކޮށްގެން ހޯދާ މުދަލަކާ އެކުވެފައިވާ ފައިސާ ނުވަތަ މުދާ؛
- ކުށް ކޮށްގެން ހޯދާ މުދަލަކުން ސީދާކޮށް ނުވަތަ ނުސީދާކޮށް، ލިބޭ މުދާ. އޭގެ ތެރޭގައި އެ އެއްޗަކުން ލިބޭ އާމްދަނީއާއި، ފައިދާއާއި، އެހެނިހެން މަންފާ ހިމެނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓު އަމުރެއް ނެރެންވާނީ މަތީގައި ބަޔާންކޮށްފައިވާ މުދާ ނުވަތަ ފައިސާގެ ވެރިފަރާތަށް ނިސްބަތްކޮށެވެ. ނަމަވެސް ވެރިފަރާތަށް އެ މުދަލެއް ނުވަތަ އެ ފައިސާއެއް ލިބުނީ، އެއަށް އެކަށީގެންވާ އަގެއް ފައިސާއިން ދިނުމަށްފަހުގައި ނުވަތަ އެއަގަށްވާ ފައިސާ ހިދުމަތަކުން ފޯރުކޮށްދިނުމަށްފަހުގައި ކަމަށް ނުވަތަ އެހެންވެސް ގާނޫނީގޮތުން ހުއްދަ ގޮތަކުން ކަމަށް އަދި އެ މުދަލަކީ ނުވަތަ ފަންޑަކީ ގައިރު ގާނޫނީ މުދަލެއްކަން ނުވަތަ ފަންޑެއްކަން އެނގިފައިނުވާކަމަށް ސާބިތުކޮށްދީފިނަމަ އެފަދަ ކޯޓު އަމުރެއް މުދަލުގެ ނުވަތަ ފައިސާގެ ވެރިފަރާތުގެ މައްޗަށް ނެރިގެންނުވާނެއެވެ.
(ނ) މި މާއްދާގެ ދަށުން ނެރޭ ކޯޓު އަމުރުގައި ދައުލަތަށް ނެގޭ މުދާ ނުވަތަ ފައިސާގެ ފުރިހަމަ މައުލޫމާތު ހިމަނަންވާނެއެވެ. އެ މައުލޫމާތުގެ ތެރޭގައި އެފަދަ ފައިސާއެއް ނުވަތަ މުދަލެއްގެ ފުރިހަމަ ތަފްސީލާއި އަދި އެ ތަކެތި ހުރިތަން ރަނގަޅަށް ބަޔާންކުރަންވާނެއެވެ.
63 ވަނަ މާއްދާ - ބައެއް ކަހަލަ ގާނޫނީ ލިޔެކިޔުންތައް ބާތިލުކުރުން
(ހ) އެއްވެސް ލީގަލް އިންސްޓްރުމަންޓަކީ މި ގާނޫނުގެ 62 ވަނަ މާއްދާގެ ދަށުން ދައުލަތަށް މުދާ ނެގުމަށް ހުރަސްއެޅުމުގެގޮތުން ވެފައިވާ އިންސްޓްރުމަންޓެއްނަމަ، އެ އިންސްޓްރުމަންޓެއް ކޯޓަށް ބާތިލުކުރެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ބާތިލުކޮށްފައިވާ އިންސްޓްރުމަންޓެއް ވެފައިވަނީ ވަކި އަގެއް ހޯދުމަށް ކަމުގައިވާނަމަ، ހެޔޮ ނިޔަތުގައި އެ އިންސްޓްރުމަންޓުގައި ބައިވެރިވާ ފަރާތަށް، އެފަރާތުން ދައްކާފައިވާ ފައިސާ ދޭންވާނެއެވެ.
64 ވަނަ މާއްދާ - ދައުލަތަށް ނެގޭ ތަކެއްޗާމެދު އަމަލުކުރާނެ ގޮތް
(ހ) މި ގާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ދައުލަތަށް ނެގޭ ފައިސާ ނުވަތަ މުދަލެއް ބެހެއްޓޭނީ އެ މުދާ ދައުލަތަށް ނެގުމަށްޓަކައި ކޯޓު އަމުރަށް އެދެނު ފަރާތުގެ ބެލުމުގެ ދަށުގައެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފައިސާ ނުވަތަ މުދާ، އޭގެ ފުރިހަމަ އަގުގައި ބަހައްޓަންވާނީ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން، ހެޔޮ ނިޔަތުގައި ހައްގު ލިބިގަތުމަށް އެދޭ ތިންވަނަ ފަރާތްތަކުގެ ހައްގުތައް އެފަރާތްތަކަށް ލިބޭގޮތަށެވެ.
(ނ) މި ގާނޫނުގެ ދަށުން ދައުލަތަށް ނެގޭ ފައިސާ ނުވަތަ މުދަލާމެދު އަމަލުކުރާނެ ގޮތް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
ހަވަނަ ބައި
ބައިނަލްއަގްވާމީ ގުޅުން އުފެއްދުމާއި ދެމެހެއްޓުން
ސޯޅަވަނަ ބާބު
އާންމު މާއްދާތައް
65 ވަނަ މާއްދާ - އާންމު މާއްދާތައް
(ހ) މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ކުށްތައް ތަހްގީގުކުރުމަށާއި އެ ކުށްތަކާބެހޭ ށަރީއަތް ހިންގުމުގައި، އެކްސްޓްރަޑައިޓްކުރުމަށް އަދި ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް، ދިވެހިރާއްޖޭގެ ކަމާބެހޭ އިދާރާތަކުން، އެހެން ގައުމުތަކުގެ ކަމާބެހޭ އިދާރާތަކަށް، ދެވެންއޮތް އެންމެ ފުޅާ ދާއިރާއެއްގައި އެއްބާރުލުން ދޭންވާނެއެވެ.
(ށ) ދިވެހިރާއްޖޭގެ ގާނޫނުތަކުގެ ދަށުން ނުވަތަ މަލްޓިލެޓަރަލް ނުވަތަ ބައިލެޓަރަލް މުއާހަދާއެއްގެ ދަށުން އެކްސްޓްރަޑައިޓްކުރުމާ ގުޅޭގޮތުން އަދި ބޭރު ގައުމުތަކާއި ދިވެހިރާއްޖެއާ ދެމެދު ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން އަމަލުކުރަންޖެހޭ އަމަލުކުރުމަކަށް، މި ގާނޫނުގެ މި ބައިގައިވާ މާއްދާތަކުގެ ސަބަބުން ބަދަލެއް ނާންނާނެއެވެ.
ސަތާރަވަނަ ބާބު
ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމަށް އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް
66 ވަނަ މާއްދާ - ލިބޭ މައުލޫމާތު ތަހްގީގުކުރުން
ޓެރަރިޒަމަށް ފައިނޭންސްކުރުމުގައި ހަރަކާތްތެރިވާ ނުވަތަ ހަރަކާތްތެރިވާކަމަށް ތުހުމަތުކުރެވޭ މީހެއް ދިވެހިރާއްޖޭގެ ސަރަހައްދުގައި އުޅޭކަމުގެ މައުލޫމާތު ކަމާބެހޭ އިދާރާތަކަށް ފޮނުވުމުން، އެ އިދާރާތަކުން އެކަން ތަހްގީގުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައި ތަހްގީގުކުރަންވާނެއެވެ.
67 ވަނަ މާއްދާ - ސަލާމަތީ ފިޔަވަޅުތައް
މި ގާނޫނުގެ 66 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މީހެއް އެކްސްޓްރަޑައިޓްކުރުމަށް ނުވަތަ އެމީހެއްގެ މައްޗަށް ށަރީއަތްކުރަން ޖެހިއްޖެ ހިނދެގައި، އެމީހަކު ހާޒިރުކުރުމަށް ކަމާބެހޭ ފަރާތްތަކުން އެކަށީގެންވާ ފިޔަވަޅުތައް އަޅަންވާނެއެވެ.
68 ވަނަ މާއްދާ - ސަލާމަތީ ފިޔަވަޅުތައް އަޅަންޖެހިފައިވާ ފަރާތަކަށް ލިބިގެންވާ ހައްގުތައް
މި ގާނޫނުގެ 67 ވަނަ މާއްދާގެ ދަށުން ސަލާމަތީ ފިޔަވަޅެއް އަޅަންޖެހިފައިވާ މީހަކަށް އަންނަނިވި ހައްގުތައް ލިބިގެންވެއެވެ.
(ހ) އެ މީހެއް ރަށްވެހިވެފައިވާ ގައުމެއް ނުވަތަ އެމީހެއްގެ ހައްގުތައް ހިމާޔަތްކޮށްދޭންޖެހޭ ގައުމެއް، ނުވަތަ ރަށްވެހިވެފައިވާ ގައުމެއް ނެތްނަމަ އެމީހެއް ދިރިއުޅެމުންދާ ގައުމެއް ތަމްސީލުކުރުމަށް ކަނޑައަޅާފައި ހުންނަ ފަރާތަކާއެކު މުއާސަލާތުކުރުމުގެ ފުރުސަތު ވީ އެންމެ އަވަސް ފުރުސަތެއްގައި ދިނުން؛
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގައުމު ތަމްސީލުކުރުމަށް ކަނޑައަޅާފައި ހުންނަ ފަރާތް ހާޒިރުވެ، އެ މީހަކާ ބައްދަލުކުރުމުގެ ފުރުސަތުދިނުން؛
(ނ) މި މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ ހައްގުތައް ލިބިގެންވާކަން އެ މީހަކަށް އެންގުން؛
(ރ) ދިވެހިރާއްޖޭގެ އަމަލުކުރަމުންދާ ގާނޫނާއި ގަވާއިދުތަކާއި އަދި ބައިނަލްއަގްވާމީ މުއާހަދާތަކާ އެއްގޮތްވާ ގޮތުގެމަތިން، އަދި އިންސާފުވެރި ގޮތެއްގައި އެ މީހަކާމެދު އަމަލުކުރެވުން.
69 ވަނަ މާއްދާ - މަސްލަހަތު ހިމެނޭ ގައުމަށް އެންގުން
މި ގާނޫނުގެ ދަށުން ތަހްގީގުކުރުމަށް މީހަކު ހައްޔަރުކޮށްފައިވާނަމަ، އެ މީހަކު ހައްޔަރުކޮށްފައިވާކަމާއި އަދި ހައްޔަރުކުރަންޖެހުނު ސަބަބު ވީ އެންމެ އަވަހަކަށް ކަމާބެހޭ އިދާރާތަކުން އެކުށަށް ދައުވާ އުފުލޭނެ ކަމަށް ބުނާ ގައުމުތަކަށް އަންގަންވާނެއެވެ. އަދި އެހެން އިތުރު ގައުމުތަކަށް އެކަން އެންގުން މުހިންމުކަމަށް އެ އިދާރާތަކަށް ފެންނަނަމަ، ސީދާ ނުވަތަ ޔުނައިޓެޑް ނޭށަންސްގެ ސެކްރެޓަރީ ޖެނެރަލް މެދުވެރިކޮށް އެ ގައުމަކަށް އެކަން އެންގިދާނެއެވެ.
އަށާރަވަނަ ބާބު
އެކްސްޓްރަޑައިޓްކުރުމާއި ގާނޫނީ އެހީތެރިކަން ބަދަލުކުރުން
70 ވަނަ މާއްދާ - އެކްސްޓްރަޑައިޓްކުރުމަށް އެދުން
(ހ) މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ކުށްތަކަކީ އެކްސްޓްރަޑައިޓްކުރެވޭ ކުށްތަކެވެ.
(ށ) މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ކުށަކާ ގުޅިގެން އެކްސްޓްރަޑައިޓްކޮށްދިނުމަށް އެދި ހުށަހަޅާ ހުށަހެޅުމަކަށް އަމަލުކުރަންވާނީ އެކްސްޓްރަޑިށަނާގުޅޭ ކަމާބެހޭ ގާނޫނުގައިވާ ގޮތުގެމަތިން އަދި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ އެކްސްޓްރަޑިށަނާބެހޭ ބައިނަލްއަގްވާމީ މުއާހަދާތަކުގައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
71 ވަނަ މާއްދާ - އެކްސްޓްރަޑައިޓްކުރެވޭ ކުށަކީ ދެ ގައުމުގައިވެސް ކުށެއް ކަމުގައި ބެލެވުން
މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ކުށަކާ ގުޅިގެން އެއްވެސް މީހަކު އެކްސްޓްރަޑައިޓްކުރެވޭނީ، އެ ކުށަކީ ދިވެހިރާއްޖޭގެ ގާނޫނުގެ ދަށުންވެސް އަދި އެކްސްޓްރަޑައިޓްކުރުމަށް އެދި ހުށަހަޅާ ގައުމުގެ ގާނޫނުގެ ދަށުންވެސް ކުށެއް ކަމުގައި ވާނަމައެވެ.
72 ވަނަ މާއްދާ - ކުށަކީ ސިޔާސީ ކުށަކަށްނުވުން
މި ގާނޫނުގެ ބޭނުމަށްޓަކައި މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން އެއީ ސިޔާސީ ކުށެއް ނުވަތަ ސިޔާސީ ކުށަކާ ގުޅުމެއްވާ ކުށެއް، ނުވަތަ ސިޔާސީ ބޭނުމެއް ހާސިލުކުރުމަށް ކުރާ ކުށެއް ކަމުގައި ބަލައިގެންނުވާނެއެވެ.
73 ވަނަ މާއްދާ - ގައުމުތަކުން އެދޭ ކަންތައްތައް އެދޭނެ ގޮތާއި އެކަންކަން ކުރާނެ އުސޫލުތައް
(ހ) މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ކުށަކާ ގުޅިގެން ބޭރު ގައުމުތަކުގެ ކަމާބެހޭ އިދާރާތަކުން، ގާނޫނީ އެހީތެރިކަމަށް އެދި ހުށަހަޅާނީ، އަދި އެފަދަ އެހީތެރިކަން ދިނުމުގައި އަމަލުކުރާނީ ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމާގުޅޭ ކަމާބެހޭ ގާނޫނުގައިވާ ގޮތުގެމަތިންނެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގާނޫނުތަކުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ބޭރު ގައުމަކާއެކު ނުވަތަ ބޭރުގެ ޖަމްއިއްޔާއަކާއެކު ވެވޭ އެއްބަސްވުމެއް ނުވަތަ މުއާހަދާއެއްގެ ދަށުން ދިވެހިރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ކުށަކާ ގުޅިގެން ގާނޫނީ އެހީތެރިކަން ބަދަލުކުރުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.
ހަތްވަނަ ބައި
އެހެނިހެން
ނަވާރަވަނަ ބާބު
އާންމު މާއްދާތައް
74 ވަނަ މާއްދާ - ގާނޫނާ ހިލާފުވުމުން އެޅޭ އިދާރީ ފިޔަވަޅު
އެއްވެސް ފަރާތަކުން މި ގާނޫނާ ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދަކާ ހިލާފުވެއްޖެނަމަ، ތިރީގައި ބަޔާންކޮށްފައިވާ އިދާރީ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް އެފަރާތަކާމެދު ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް އެޅިދާނެއެވެ.
(ހ) ގާނޫނާ ހިލާފުވި ހިލާފުވުން ވަކި މުއްދަތެއްގެ ތެރޭގައި ރަނގަޅުކުރުމަށް ލިޔުމުން އެންގުން؛
(ށ) 10,000 (ދިހަހާސް) ރުފިޔާއާއި 500,000 (ފަސްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛
(ނ) ގާނޫނާ ހިލާފުވި ހިލާފުވުން ރަނގަޅުކުރުމަށް ދެވޭ މުއްދަތުގައި އެކަމެއް ރަނގަޅުނުކޮށްފިނަމަ، އެކަމެއް ރަނގަޅުކުރަންދެން ހިނގާ ކޮންމެ ދުވަހަކަށް 10,000 (ދިހަހާސް) ރުފިޔާއާއި 100,000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.
75 ވަނަ މާއްދާ - ގަވާއިދު ހެދުން
(ހ) މި ގާނޫނު ހިންގުމަށްޓަކައި ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ ތިރީގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅޭގޮތުން، ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކުންނެވެ.
- މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ހަދަންޖެހޭ ކަމަށް ބަޔާންކުރާ ގަވާއިދުތައް ހަދާނީ އެ މިނިސްޓްރީންނެވެ.
- މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހަދަންޖެހޭ ކަމަށް ބަޔާންކުރާ ގަވާއިދުތައް ހަދާނީ އެ ސަރވިސްއިންނެވެ.
- މި އަކުރުގެ (1) ވަނަ ނަންބަރު އަދި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އިދާރާތަކާ ގުޅޭ ކަންކަމުގައި ފިޔަވައި، އެނޫން ކަންކަމުގައި ގަވާއިދު ހަދައި ހިންގާނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީންނެވެ.
(ށ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ގިނަވެގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ކަމާބެހޭ ފަރާތްތަކުން ހަދައި، އާންމުކޮށް ށާއިއުކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި އެފަދައިން ބަޔާންކޮށްފައިވީނަމަވެސް، މި ގާނޫނަށް އަމަލުކުރަން ފަށާއިރު މި ގާނޫނުގެ ދަށުން ހަދަންޖެހޭ ކަމަށް ބަޔާންކުރާ ގަވާއިދުތަކުގެ އިތުރުން، މި ގާނޫނު ހިންގުމަށްޓަކައި ހަދަންޖެހޭ އެނޫންވެސް ގަވާއިދުތައް، މި ގާނޫނުގެ ދާއިރާގެ ތެރޭގައި ހަދައި ހިންގުމުގެ އިހްތިޔާރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ލިބިގެންވެއެވެ. އަދި، ވަކި ވަކި ހާލަތްތަކާ ގުޅޭގޮތުން، ވަކިވަކި ފަރާތްތަކަށް އިރުށާދުދިނުމުގެ ނުވަތަ އެފަރާތްތަކުން ވަކި ކަމެއް ކުރުމަށް އެންގުމުގެ އިހްތިޔާރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ލިބިގެންވެއެވެ.
76 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން
މި ގާނޫނަށް އަމަލުކުރަން ފަށާނީ މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.
77 ވަނަ މާއްދާ – މާނަކުރުން
މި ގާނޫނުގައި އިބާރާތެއް ނުވަތަ ލަފްޒެއް ބޭނުންކޮށްފައިވާގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހާ ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފްޒުތަކަށް ދީފައިވަނީ، އެ އިބާރާތްތަކާއި ލަފްޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.
(ހ) "ބެނެފިށަލް އޯނަރ" ކަމަށް ބުނެފައިއެވަނީ، މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތެއް ކޮންޓްރޯލްކުރާ ފަރުދެއް، ނުވަތަ އެއްވެސް ފަރާތެއްގެ ނަމުގައި އެހެން ފަރާތަކުން މުއާމަލާތެއް ހިންގާނަމަ އެ މުއާމަލާތް ހިންގާ ފަރާތެއް، ނުވަތަ ގާނޫނީ ށަހްސެއްގެ ނުވަތަ ހަމަޖެހިފައިވާ އެރޭންޖްމަންޓެއްގެ މައްޗަށް ބާރު ހިންގޭނެ ފަރާތަކަށެވެ.
(ށ) "ދައުލަތަށް މުދާ ނެގުން" ކަމަށް ބުނެފައިއެވަނީ، ކޯޓު އަމުރެއްގެ ދަށުން ދާއިމީގޮތަކަށް އެއްވެސް މުދަލެއް އަތުލުމަށެވެ.
(ނ) "ކަނޑައެޅޭ މާލީނޫން ވިޔަފާރިއެއް ނުވަތަ ދާއިރާއެއް" ކަމަށް ބުނެފައިއެވަނީ:
- ރިއަލް އެސްޓޭޓްގެ ވިޔަފާރިކުރާ ފަރާތްތައް؛
- ޖަވާހިރާއި މައުދަންފަދަ އަގުހުރި މުދަލުގެ ވިޔަފާރިކުރާ ފަރާތްތައް؛
- އެއްވެސް ފަރާތަކަށް ތިރީގައިވާ ކަންތައްތަކާ ގުޅޭގޮތުން މުއާމަލާތްކޮށްދޭ ނުވަތަ އެ މުއާމަލާތްތަކަށް ތައްޔާރުވުމުގައި އެހީތެރިވެދޭ ގާނޫނީ ވަކީލުންނާއި، ނޯޓަރީންނާއި އެނޫންވެސް ގާނޫނީ ދާއިރާގެ ފަންނީ މަސައްކަތްތައް ކުރާ މުސްތަގިއްލު ފަރާތްތައް:
(ހހ) ރިއަލް އެސްޓޭޓްގެ ވިޔަފާރި؛
(ށށ) ފައިސާ، މާލީ ސެކިއުރިޓީޒް، ނުވަތަ އެހެން އެސެޓެއް ބަލަހައްޓައިދިނުން؛
(ނނ) ބޭންކު އެކައުންޓެއް ނުވަތަ ސޭވިންގްސް އެކައުންޓެއް ނުވަތަ މާލީ ސެކިއުރިޓީޒްގެ އެކައުންޓެއް ބަލަހައްޓައިދިނުން؛
(ރރ) ކުންފުންޏެއް އުފެއްދުމަށް ނުވަތަ ހިންގުމަށް ނުވަތަ ބެލެހެއްޓުމަށް ލިބޭ ފައިސާއާއި އެހެނިހެން ތަކެއްޗާގުޅޭ ކަންކަން އިންތިޒާމުކުރުން؛ ނުވަތަ
(ބބ) ގާނޫނީ ށަހްސެއް ނުވަތަ އެނޫންވެސް ގާނޫނީ އެރޭންޖްމަންޓެއް އުފެއްދުން ނުވަތަ ހިންގުން ނުވަތަ ބެލެހެއްޓުން، އަދި ވިޔަފާރި ސަހްސުތައް ގަނެވިއްކުން. - މުސްތަގިއްލު އެކައުންޓަންޓުންނާއި، އޮޑިޓަރުންނާއި، ޓެކްސްއާބެހޭ ލަފާދޭ ފަރާތްތައް؛
- ޓްރަސްޓް އަދި ކުންފުންޏާގުޅޭ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުގެ ތެރެއިން މާލީ އިދާރާތައް ފިޔަވައި، ތިރީގައިވާ ހިދުމަތްތައް ވިޔަފާރީގެ އުސޫލުން ތިންވަނަ ފަރާތަކަށް ފޯރުކޮށްދޭ ފަރާތްތައް:
(ހހ) ގާނޫނީ ށަހްސުތައް އުފައްދާ، ރަޖިސްޓަރީކޮށް ނުވަތަ ހިންގާ އެޖެންޓެއްގެ ގޮތުގައި ހަރަކާތްތެރިވުން؛ ނުވަތަ ކުންފުންޏެއްގެ ޑިރެކްޓަރެއް ނުވަތަ ސެކްރެޓަރީއެއްގެ ގޮތުގައި، ނުވަތަ ޕާޓްނަރށިޕެއްގެ ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވުން، ނުވަތަ އެނޫންވެސް ގާނޫނީ ށަހްސެއްގެ އެފަދަ މަގާމެއްގައި ހަރަކާތްތެރިވުން، ނުވަތަ އެފަދަ މަގާމެއްގައި ހަރަކާތްތެރިވާނެ އެހެން ފަރާތެއް ހަމަޖައްސައިދިނުން؛
(ށށ) ކުންފުންޏަކަށް ނުވަތަ ޕާޓްނަރށިޕަކަށް ނުވަތަ އެހެންވެސް ގާނޫނީ ށަހްސަކަށް ނުވަތަ ގާނޫނީ އެރޭންޖްމަންޓަކަށް ރަޖިސްޓަރީކުރެވޭ އޮފީހެއް ނުވަތަ ވިޔަފާރީގެ އެޑްރެހެއް، ނުވަތަ އޮފީސް ހިންގާނެ ތަނެއް ނުވަތަ ސިޓީފަދަ ތަކެތި ބަލައިގަންނާނެ އެޑްރެހެއް ނުވަތަ އިދާރީ އެޑްރެހެއް ފޯރުކޮށްދިނުން؛
(ނނ) އެކްސްޕްރެސް ޓްރަސްޓެއްގެ ޓްރަސްޓީއެއްގެ ގޮތުގައި ހަރަކާތްތެރިވުން ނުވަތަ އެފަދަ ޓްރަސްޓީއެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް އެހެން ފަރާތެއް ހަމަޖައްސައިދިނުން؛
(ރރ) ކުންފުންޏެއްގެ ނޮމިނީ ށެއަރހޯލްޑަރެއްގެ ގޮތުގައި ހަރަކާތްތެރިވުން ނުވަތަ އެފަދަ ނޮމިނީ ށެއަރހޯލްޑަރެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް އެހެން ފަރާތެއް ހަމަޖައްސައިދިނުން. - ގަވަރނަރ ކަނޑައަޅާ އެނޫންވެސް ވިޔަފާރިތަކާއި ދާއިރާތައް.
(ރ) "މާލީ އިދާރާ" ކަމަށް ބުނެފައިއެވަނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު 1981 ގައި ދީފައިވާ މާނައިގައެވެ.
(ބ) "ރިޕޯޓްކުރަންޖެހޭ ފަރާތްތައް" ކަމަށް ބުނެފައިއެވަނީ:
- މާލީ އިދާރާތައް؛
- ކަނޑައެޅޭ މާލީނޫން ވިޔަފާރިއެއް ނުވަތަ ދާއިރާއެއް؛
- މުދަލާއި ހިދުމަތް ހޯދާ ފަރާތަކަށް ނުވަތަ އެފަދަ ފަރާތެއްގެ ނަމުގައި، ތިރީގައި ބަޔާންކޮށްފައިވާ ހަރަކާތެއް ނުވަތަ ހަރަކާތްތަކެއް، ނުވަތަ މުއާމަލާތެއް ނުވަތަ މުއާމަލާތްތަކެއް، ވިޔަފާރީގެ އުސޫލުން ހިންގާ މީހެއް ނުވަތަ ށަހްސެއް:
(ހހ) ޕްރައިވެޓް ބޭންކިންގ ހިމެނޭގޮތަށް، އާންމުންގެ ކިބައިން، ޑިޕޮސިޓް ބަލައިގަތުމާއި އަނބުރާދޭގޮތަށް ފައިސާ ބަލައިގަތުން؛
(ށށ) ލޯނުދޫކުރުން؛ މީގެ ތެރޭގައި ރަހުނެއް ބެހެއްޓިގެން ދޫކުރެވޭ ކްރެޑިޓް ރަހުނެއްނެތި ދޫކުރެވޭ ކްރެޑިޓާއި ބަދަލު ލިބޭގޮތަށް ނުވަތަ އެއްވެސް ބަދަލަކާނުލައި ފެކްޓަރކުރުމާއި އަދި ވިޔަފާރީގެ މުއާމަލާތްތައް ހިންގުމަށް ލޯނުދޫކުރުން ހިމެނޭނެ؛
(ނނ) ފައިނޭންށަލް ލީސިންގް؛
(ރރ) ފައިސާ ނުވަތަ ވެލިއު ޓްރާންސްފަރކުރުން؛
(ބބ) ފައިސާދެއްކުމުގެ ވަސީލަތްތައް ފޯރުކޮށްދިނުމާއި އެ ވަސީލަތްތައް ހިންގާ ބެލެހެއްޓުން؛
(ޅޅ) މާލީ ގެރަންޓީއާއި ކޮމިޓްމަންޓްތައް؛
(ކކ) ތިރީގައި ބަޔާންކޮށްފައިވާ ތަކެތީގެ ވިޔަފާރިކުރުން:
(i) ޗެކް، ބިލް، ސެޓްފިކެޓް އޮފް ޑިޕޮސިޓް އަދި ޑެރިވެޓިވް ޕްރޮޑަކްޓް ހިމެނޭ ގޮތަށް ފައިސާގެ ބާޒާރުގައި ބޭނުންކުރާ އިންސްޓްރުމަންޓްތައް؛
(ii) ބޭރު ފައިސާ؛
(iii) އެކްސްޗޭންޖް، އިންޓަރެސްޓް ރޭޓް އަދި އިންޑެކްސް އިންސްޓްރުމަންޓްތައް؛
(iv) ޓްރާސްފަރކުރެވޭ މާލީ ސެކިއުރިޓީޒް؛
(v) ކޮމޯޑިޓީ ފިއުޗަރސް ވިޔަފާރި.
(އއ) މާލީ ސެކިއުރިޓީޒް ނެރުމުގައި ބައިވެރިވުމާއި އެކަމާގުޅޭ މާލީ ހިދުމަތްތައް ފޯރުކޮށްދިނުން؛
(ވވ) ވަކި ޕޯޓްފޯލިއޯއެއް އަދި އެއް ޕޯޓްފޯލިއޯއަށްވުރެ ގިނަ ޕޯޓްފޯލިއޯތަކެއް އެކުގައި ބެލެހެއްޓުން؛
(މމ) އެހެން ފަރާތަކަށް، ނަގުދު ފައިސާ ނުވަތަ ފައިސާއަށް ފަސޭހައިން ބަދަލުކުރެވޭ ސެކިއުރިޓީޒް، ރައްކާކޮށް ބަލަހައްޓައިދިނުން؛
(ފފ) އެހެން ފަރާތަކަށް، ފައިސާ ނުވަތަ ފައިސާ އިންވެސްޓްކޮށްދިނުން ނުވަތަ ހިންގައި ބަލަހައްޓައިދިނުން؛
(ދދ) އިންށުއަރެންސް ކުންފުނިތަކުން ނުވަތަ ބްރޯކަރުން، ލައިފް އިންށުއަރެންސާއި އެނޫންވެސް އިންވެސްޓްމަންޓާގުޅޭ އިންށުއަރެންސް އަންޑަރައިޓްކުރުމާއި ވިއްކުން؛ އަދި
(ތތ) ފައިސާ ބަދަލުކުރުން.
(ޅ) "މުއާމަލާތްކުރުން ހުއްޓުވުން" ކަމަށް ބުނެފައިއެވަނީ، ށަރުއީ ކޯޓަކުން ނުވަތަ ކަމާބެހޭ އެހެން އިދާރާއަކުން ނެރޭ އަމުރެއް ނުވަތަ އަންގާ އެންގުމެއްގައިވާ ގޮތުގެމަތިން އަދި އެ އަމުރެއްގައި ނުވަތަ އެންގުމެއްގައި ކަނޑައަޅާފައިވާ މުއްދަތަށް ފައިސާ ނުވަތަ މުދާ ޓްރާންސްފަރކުރުން ނުވަތަ ބަދަލުކުރުން ނުވަތަ ވިއްކުން ނުވަތަ އެއް ތަނުން އަނެއް ތަނަށް ބަދަލުކުރުން މަނާކުރުމަށެވެ.
(ކ) "ގަވަރނަރ" ކަމަށް ބުނެފައިއެވަނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރނަރަށެވެ.
(އ) "ބެއަރަރ ނެގޯށިއަބަލް އިންސްޓްރުމަންޓް" ކަމަށް ބުނެފައިއެވަނީ، އަންނަނިވި ހާލަތްތަކުގައި އޮންނަ ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅެވޭ ބޭންކު ޗެކް، ޓްރެވަލަރސް ޗެކް، ޕްރޮމިސަރީ ނޯޓާއި މަނީ އޯޑަރ ފަދަ ލިޔުންތަކަށެވެ.
- ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅެވޭ، އެ ލިޔުމެއް ހިފައިގެންދާ މީހާއަށް ފަސޭހަކަމާއެކު އެންޑޯސްކުރެވޭގޮތަށް އޮންނަ ނުވަތަ ކާކުކަން ދެނެނުގަނެވޭނެ ފަދަ ގޮތަކަށް ހިޔާލީ ފަރާތަކަށް ދޫކޮށްފައިވާ ލިޔުމެއް ނުވަތަ އެ ލިޔުމެއް ހަވާލުކުރެވޭ ވަގުތު އެލިޔުމެއް ހަވާލުވާ ފަރާތް އެއީ އެ ލިޔުމެއްގެ ވެރިފަރާތް ކަމުގައިވާ ގޮތަށް ދޫކުރެވިފައިވާ ލިޔުމެއް؛
- ސޮއިކޮށްފައިވާ ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅެވޭ ލިޔުމެއްގައި ކޮންމެހެން އޮންނަންވާނެ މައުލޫމާތެއްނެތް ލިޔުމެއް؛ ނުވަތަ
- ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅެވޭ ލިޔުމެއް ދޫކޮށްފައިވާ ފަރާތުގެ ނަންނެތި، އެ ލިޔުން ހިފައިގެންދާ މިހާއަށް އެންޑޯސްކުރެވޭގޮތަށް އޮންނަ ލިޔުމެއް.
(ވ) "ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅެވޭ ލިޔުންތައް" ކަމަށް ބުނެފައިއެވަނީ،
އެ ލިޔުމެއް ގަނެވިއްކޭނެ، އަދި ލިޔުމެއްގައިވާ ހައްގުތައް އެކަކުގެ ކިބައިން އަނެކަކުގެ ކިބައަށް ފަސޭހަކަމާއެކު ބަދަލުކުރެވިދާނެ އަދި އެ ލިޔުމެއް ފައިސާގެ ގޮތުގައި ބަދަލުކުރެވޭނެ ގޮތަށް ގެންގުޅޭ ލިޔުމަށެވެ. މި ގާނޫނުގެ ބޭނުމަށް މިފަދަ ލިޔުމެއްކަމަށް ބުނެފައިއެވަނީ، ޗެކާއި، ޕްރޮމިސަރީ ނޯޓާއި، މަނީ އޯޑަރ، ޓްރެވަލަރސް ޗެކް އަދި މި ނޫންވެސް މިފަދަ ލިޔުންތަކަށެވެ.
(މ) "އެންޑޯސްކުރުން" ކަމަށް ބުނެފައިއެވަނީ، ގާނޫނު ނަންބަރު 16/1995 (ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ގާނޫނު) ގައި ދެވިފައިވާ މާނައިގައެވެ.
(ފ) "ބެޗް ޓްރާންސްފަރ" ކަމަށް ބުނެފައިއެވަނީ، އެކަކަށްވުރެ ގިނަ ޓްރާންސްފަރތަކެއް އެއްކޮށްލައިގެން އެއް މާލީ އިދާރާއަކަށް ފޮނުވޭ ޓްރާންސްފަރތަކަށެވެ. މިއީ ވަކި ފަރުދަކަށް ނުވަތަ އެކަކަށްވުރެ ގިނަ މީހުންނަށް ކުރެވިދާނެ ޓްރާންސްފަރއެކެވެ.
(ދ) "މައުލޫމާތު" ކަމަށް ބުނެފައިއެވަނީ، ހުރިހާ ބާވަތެއްގެ ޑޭޓާ ނުވަތަ ލިޔެކިޔުންތައްވެސް ހިމެނޭ ގޮތަށެވެ.
(ތ) "އެކައުންޓެއް މެދުވެރިކޮށް ފައިސާދެއްކުން" ކަމަށް ބުނެފައިއެވަނީ، ކޮރެސްޕޮންޑެންޓް އެކައުންޓެއް މެދުވެރިކޮށް ތިންވަނަ ފަރާތަކުން އެފަރާތުގެ އަމިއްލަ ނަމުގައި ފައިސާގެ މުއާމަލާތް ހިންގުމަށެވެ.
(ލ) "ޕޮލިޓިކަލީ އެކްސްޕޯސްޑް ޕަރސަން" ކަމަށް ބުނެފައިއެވަނީ، ދައުލަތުގެ މުހިންމު ޒިންމާއެއް ދިވެހިރާއްޖޭގައި ނުވަތަ ބޭރު ގައުމެއްގައި އަދާކުރުމަށް އައްޔަންކުރެވިފައިވާ ކޮންމެ ފަރާތަކަށެވެ. އަދި އެފަދަ ފަރާތެއްގެ އާއިލާގެ މެންބަރުން ނުވަތަ އެފަދަ ފަރާތަކާ ގާތް ގުޅުމެއްވާ ފަރާތްތައްވެސް ހިމެނެއެވެ.
(ގ) "ފައިސާ ނުވަތަ ވެލިއު ޓްރާންސްފަރގެ ހިދުމަތް" ކަމަށް ބުނެފައިއެވަނީ، ނަގުދު ފައިސާ، ޗެކް ނުވަތަ އެނޫންވެސް ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުންތައް ގަބޫލުކުރުމާއި، އަދި މުއާސަލާތުކޮށްގެން ނުވަތަ މެސެޖް ފޮނުވައިގެން ނުވަތަ ޓްރާންސްފަރކޮށްގެން ނުވަތަ ވެލިއުޓްރާންސްފަރކުރާ ފަރާތުގެ ކްލިއަރިންގ ސިސްޓަމެއް މެދުވެރިކޮށް ބެނެފިށަރީއަށް އޭގެ އަގު ނަގުދު ފައިސާއިން ނުވަތަ އެހެންވެސް ގޮތަކުން ފޮނުވުމަށެވެ.
(ޏ) "މުދާ ނުވަތަ ފައިސާ ހިފެހެއްޓުން" ކަމަށް ބުނެފައިއެވަނީ، ށަރުއީ ކޯޓަކުން ނުވަތަ ކަމާބެހޭ އެހެން އިދާރާއަކުން ނެރޭ އަމުރެއް ނުވަތަ އަންގާ އެންގުމެއްގައިވާ ގޮތުގެމަތިން ފައިސާ ނުވަތަ މުދާ ޓްރާންސްފަރކުރުން ނުވަތަ ބަދަލުކުރުން ނުވަތަ ވިއްކުން ނުވަތަ އެއް ތަނުން އަނެއް ތަނަށް ބަދަލުކުރުން މަނާކުރުމަށެވެ.
(ސ) "ސިއްރު އޮޕަރޭށަންތައް" ކަމަށް ބުނެފައިއެވަނީ، އެއްވެސް މީހަކު ނުވަތަ ބަޔަކު ކުށެއް ކުރަމުންދާކަމަށް ނުވަތަ ކުށެއް ކޮށްފާނެކަމަށް ބެލެވޭފަދަމައުލޫމާތު ލިބުމުން، ގާނޫނު ތަންފީޒުކުރާ ފަރާތެއްގެ އޮފިސަރަކު، އެއީ ކާކުކަން ނޭނގޭ ގޮތެއްގައި އެފަދަ ފަރާތްތަކާ ގުޅިގެން، ހިންގާ ސިއްރު ހަރަކާތްތަކަށެވެ.
(ޑ) "އެކްސްޓްރަޑައިޓްކުރުން" ނުވަތަ "އެކްސްޓްރެޑިށަން" ކަމަށް ބުނެފައިއެވަނީ، އެކްސްޓްރަޑިށަނާގުޅޭ ކަމާބެހޭ ގާނޫނުގައި އެ ލަފްޒަށް ދީފައިވާ މާނައިގައެވެ.
(ޒ) "ނޯޓަރީ" ކަމަށް ބުނެފައިއެވަނީ، ލިޔުމެއް ނުވަތަ އެއްބަސްވުމެއް ފޯމެއް ނުވަތަ އިގްރާރެއްގެ ސައްހަކަން ނުވަތަ ތެދުކަން ކަށަވަރުކޮށްދިނުމުގެ ގޮތުން، އެކަމަށް ހެކިވެ ސޮއިކުރުމަށް ގާނޫނު ހުއްދަކުރާ ފަރާތަކަށެވެ.
(ޓ) "އިންސައިޑަރ ޓްރޭޑިންގގެ ކުށް" ކަމަށް ބުނެފައިއެވަނީ، ގާނޫނު ނަންބަރު 2/2006 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) ގެ 54 ވަނަ މާއްދާގައި ބަޔާންކުރާ ކުށާއި އެހެން ގާނޫނެއްގެ ދަށުން އިންސައިޑަރ ޓްރޭޑިންގގެ ކުށް ކަމަށް ކަނޑައަޅާ ކުށްކުށް ހިމެނޭގޮތުންނެވެ.
މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު
- ދިވެހިރާއްޖެއަށް އެތެރެކުރާ ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރާ ނަގުދު ފައިސާ ރިޕޯޓުކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2024-37)
- މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުމާ ގުޅިގެން ދައުލަތަށް ނެގޭ މުދަލާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2020-61)
- އެތެރެކުރާ ނުވަތަ ބޭރުކުރާ ނަގުދު ފައިސާ ރިޕޯޓްކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2015-112)
- އެތެރެކުރާ ނުވަތަ ބޭރުކުރާ ނަގުދު ފައިސާ ކަނޑައެޅުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2015-111)
- މަނީލޯންޑްރިންގ އަދި ޓެރަރިޒަމް ފައިނޭންސް ކުރުން ހުއްޓުވުމުގައި ލައިފް އިންށުއަރެންސް އަދި ފެމިލީ ތަކަފުލް އިންށުއަރެންސް ވިޔަފާރިކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2015-09)
- މަނީލޯންޑްރިންގ އަދި ޓެރަރިޒަމް ފައިނޭންސް ކުރުން ހުއްޓުވުމުގައި ބޭންކުތަކުން އަމަލުކުރަންޖެހޭ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2015-08)
- މަނީލޯންޑްރިންގ އަދި ޓެރަރިޒަމް ފައިނޭންސް ކުރުން ހުއްޓުވުމުގައި ފައިސާ ޓްރާންސްފްރ ކުރުމުގެ ވިޔަފާރިކުރާ ފަރާތްތަކާއި ބޭރުފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2015-07)
ކިޔުންތެރިންގެ ހިޔާލު