-

ދިވެހިރާއްޖެއަށް އެތެރެކުރާ ނުވަތަ ބޭރުކުރާ ނަގުދު ފައިސާ ރިޕޯޓްކުރުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2015-112)

 

1 ވަނަ މާއްދާ - ތައާރުފު

(ހ) މި ގަވާއިދަކީ ގާނޫނު ނަންބަރު 2014-10 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު) ގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރާއްޖެއިން ބޭރަށް ގެންދާ ނުވަތަ ރާއްޖެއަށް އެތެރެކުރެވޭ ނަގުދު ފައިސާގެ މައުލޫމާތު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ރިޕޯޓުކުރުމުގެ މިންގަނޑުތައް ކަނޑައެޅުމަށާއި، ހިފެހެއްޓޭ ފައިސާއާމެދު އަމަލުކުރެވޭނެގޮތް ބަޔާންކުރުމަށްޓަކައި އެ ގާނޫނުގެ 75 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބރުގެ ދަށުން ހަދާފައިވާ ގަވާއިދެކެވެ.

(ށ) މިގަވާއިދަށް ކިޔާނީ، "ދިވެހިރާއްޖެއަށް އެތެރެކުރާ ނުވަތަ ބޭރުކުރާ ނަގުދު ފައިސާ ރިޕޯޓުކުރުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - ރިޕޯޓުކުރުން.

(ހ) ދިވެހިރާއްޖެއަށް އެތެރެކުރާނަމަ ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރާނަމަ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ރިޕޯޓުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކަނޑައަޅާފައިވާ އަދަދު ނުވަތަ އެއަށްވުރެ މަތީ އަދަދެއްގެ ނަގުދު ފައިސާ، ވައިގެމަގުން ނުވަތަ ކަނޑުމަގުން ނުވަތަ ކުރިއަރ ސަރވިސް މެދުވެރިކޮށް ނުވަތަ ޕޯސްޓް މެދުވެރިކޮށް ނުވަތަ އެހެންގޮތަކުންވިޔަސް، އެއްވެސް ފަރާތަކުން ދިވެހިރާއްޖެއަށް އެތެރެކުރާނަމަ ނުވަތަ ބޭރުކުރާނަމަ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމު މެދުވެރިކޮށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ރިޕޯޓުކުރަންވާނެއެވެ.

(ށ) މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ނުވަތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ރެގިއުލޭޓްކުރާ ބޭންކަކުން ނުވަތަ މި ނޫންވެސް މާލީ އިދާރާއަކުން ދިވެހިރާއްޖެއަށް އެތެރެކުރާ ނުވަތަ ބޭރު ކުރާ ނަގުދު ފައިސާ މިމާއްދާގެ (ހ) ގެ ދަށުން ރިޕޯޓުކުރާކަށް ނުޖެހޭނެއެވެ.

 

3 ވަނަ މާއްދާ - ރިޕޯޓް ކުރަންޖެހޭ ވަގުތު

މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ހ) ގެ ދަށުން ނަގުދު ފައިސާ ރިޕޯޓުކުރަން ޖެހޭނީ އެފައިސާ ދިވެހިރާއްޖެއަށް އެތެރެކުރުމަށް ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރުމަށް ކަސްޓަމްސް ކްލިއަރެންސް ހެދުމުގެ ކުރިން ނުވަތަ ކަސްޓަމްސް ކްލިއަރެންސް ނިންމުމުގެ ކުރިންނެވެ.

 

4 ވަނަ މާއްދާ - ހިފެހެއްޓުން

(ހ) މި ގަވާއިދުގެ ދަށުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ރިޕޯޓުކުރަންޖެހޭ އެހެންނަމަވެސް ރިޕޯޓުކޮށްފައިނުވާ ނަގުދު ފައިސާއަކީ މަނީލޯންޑްރިންގެ އަމަލަކާ ނުވަތަ ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ އަމަލަކާ ގުޅުންހުރި ފައިސާއެއް ކަމަށް މޯލްޑިވްސް ކަންޓަމްސް ސަރވިސްއަށް ށައްކުކުރެވޭނަމަ، ނުވަތަ މި ގަވާއިދުގެ ދަށުން ރިޕޯޓުކުރުމުގައި ނުރަނގަޅު މައުލޫމާތު ދީފައިވާނަމަ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އެނަގުދު ފައިސާ ހިފެހެއްޓިދާނެއެވެ. އަދި މިގޮތަށް ހިފެހެއްޓުމުގައި އެފައިސާ އެތެރެކުރަން ނުވަތަ ބޭރުކުރަން އުޅުނު ފަރާތުގެ ބެލުމުގެ ދަށުގައިވާ ތަކެތި ކަސްޓަމްސް އަށް ބަލައި ފާސްކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހިފެހެއްޓޭ ނަގުދު ފައިސާއަކީ ކޮންގޮތަކުން ހޯދުނު ފައިސާއެއް ކަމާމެދު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އެފަރާތަކާ ސުވާލުކުރުމުން ޖަވާބު ދޭންވާނެއެވެ.

(ނ) މި މާއްދާގެ  (ހ) ގެ ދަށުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާ ނަގުދު ފައިސާ، ހިފަހައްޓާފައިވާކަން ސަބަބާއެކު، އެފައިސާ އެތެރެކުރަން ނުވަތަ ބޭރުކުރަން އުޅުނު ފަރާތަށް ލަސްވެގެން ރަސްމީ ބަންދުނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަންގަންވާނެއެވެ. ހިފަހައްޓާފައިވާ ނަގުދު ފައިސާއަކީ ކުރިއަރ ސަރވިސް މެދުވެރިކޮށް ނުވަތަ ޕޯސްޓުން ނުވަތަ އެނޫންގޮތަކުންވެސް ރާއްޖެއަށް އެތެރެކުރި ނުވަތަ ބޭރުކުރަން އުޅުނު ފައިސާނަމަ، އެ ފައިސާ ހިފަހައްޓާފައިވާކަން ސަބަބާއެކު ބަޔާންކޮށް އެފައިސާ އެތެރެކުރި ނުވަތަ ބޭރުކުރަން އުޅުނު ފަރާތުގެ ދާއިމީ އެޑްރެސް ނުވަތަ އެންމެފަހުގެ އެޑްރެހަށް ރަޖިސްޓާޑް ޕޯސްޓް މެދުވެރިކޮށް ފޮނުވުމަށްޓަކައި ލަސްވެގެން ރަސްމީ ބަންދުނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި އެލިއުން ޕޯސްޓް އޮފީހާ ހަވާލު ކުރަންވާނެއެވެ.

 

5 ވަނަ މާއްދާ - ހިފެހެއްޓޭ ފައިސާއާމެދު އަމަލުކުރާނެ ގޮތް

(ހ) މި ގަވާއިދުގެ 4 ވަނަ ނަންބަރުގެ (ހ) ގެ ދަށުން ހިފެހެއްޓޭ ނަގުދު ފައިސާ، އަންނަނިވި ހާލަތްތަކުގައި، އެ ފައިސާ ހިފެހެއްޓުނުތާ ގިނަވެގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި އެ ފައިސާ އެތެރެކުރަން ނުވަތަ ބޭރުކުރަން އުޅުނު ފަރާތާ ހަވާލުކުރެވޭނެއެވެ.

  1. އެ ފައިސާއަކީ މަނީލޯންޑްރިންގެ އަމަލަކާ ނުވަތަ ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ އަމަލަކާ ގުޅުންހުރި ފައިސާއެއް ނޫންކަން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ޔަގީންވުން؛
  2. މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ރިޕޯޓުކޮށްފައިވާ ރިޕޯޓުގައި ހިމަނަފައިވާ މައުލޫމާތު ރަނގަޅުކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ގަބޫލުކުރެވެން ނުވަތަ އެ މައުލޫމާތު ރަނގަޅުކޮށްފައިވުން.

(ށ) މި ގަވާއިދުގެ 4 ވަނަ ނަންބަރުގެ (ހ) ގެ ދަށުން ހިފެހެއްޓޭ ނަގުދު ފައިސާ، އެ ފައިސާ ހިފެހެއްޓުނުތާ 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި، އެ ފައިސާއަކީ މަނީލޯންޑްރިންގ ގެ އަމަލަކާ ނުވަތަ ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ އަމަލަކާ ގުޅުންހުރި ފައިސާއެއް ނޫންކަން މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް ޔަގީންނުވާނަމަ، ނުވަތަ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ރިޕޯޓުކޮށްފައިވާ ރިޕޯޓުގައި ހިމަނާފައިވާ މައުލޫމާތު ރަނގަޅުކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ގަބޫލުނުކުރެވޭނަމަ ނުވަތަ އެމައުލޫމާތު ރަނގަޅުކޮށްފައިނުވާނަމަ، އެކަން އިތުރަށް ތަހުގީގުކުރުމަށްޓަކައި މޯލްޑިވްސް ޕޮލސް ސަރވިސްއާ ހަވާލުކުރެވޭނެއެވެ.

 

6 ވަނަ މާއްދާ - ޕޯސްޓުން ނުވަތަ ކްރިއަރސަރވިސް މެދުވެރިކޮށް ފޮނުވާ ނުވަތަ އެތެރެކުރެވޭތަކެތި

ދިވެހިރާއްޖެއިން ބޭރަށް ފޮނުވާ ތަކެތީގެ ތެރޭގައި ނުވަތަ ދިވެހިރާއްޖެއަށް އެތެރެކުރާ ތަކެތީގެ ތެރޭގައި، އެމިންވަރެއްގެ ފައިސާ ދިވެހިރާއްޖެއަށް އެތެރެކުރާނަމަ ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރާނަމަ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ރިޕޯޓުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކަނޑައަޅާފައިވާ އަދަދު ނުވަތަ އެއަށްވުރެ މަތީ އަދަދެއްގެ ފައިސާ ހުރިކަމަށް ޕޯސްޓުގެ ނުވަތަ ކުރިއަރ ސަރވިސްގެ ހިދުމަތްދޭ ފަރާތްތަކަށް އެނގޭ ހާލަތުގައި، އެމައުލޫމާތު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާ ހިއްސާކުރަންވާނެއެވެ.

 

7 ވަނަ މާއްދާ - ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން

މި ގަވަޢިދުގެ ދަށުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ރިޕޯޓުކުރުމަށް އޮންނަ މަސްއޫލިއްޔަތާ ހިލާފުވާ ފަރާތްތަކާއި، ހިފެހެއްޓޭ ނަގުދު ފައިސާއާ ގުޅިގެން އެ ފައިސާ އެތެރެކުރަން ނުވަތަ ބޭރުކުރަން އުޅުނު ފަރާތަކާ ސުވާލުކުރުމުން ޖަވާބު ދިނުމަށް އިންކާރުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ލަސްވެގެން ރަސްމީ ބަންދުނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ފޮނުވަންވާނެއެވެ.

 

8 ވަނަ މާއްދާ - މައުލޫމާތު ހާމަކުރުން

މި ގަވާއިދުގެ ދަށުން ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެވޭ ތަކެއްޗާއި ހިފެހެއްޓޭ ތަކެތީގެ މައުލޫމާތު ހާމަކުރެވޭނީ ތިރީގައިވާ ފަރާތްތަކަށެވެ.

  1. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
  2. މޯލްޑިވްސް ޕޮލިސް ސަރވިސް
  3. ހިފެހެއްޓޭ ތަކެތީގެ މައުލޫމާތު އެތަކެތީގެ ވެރިފަރާތަށް

 

9 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

(މޯލްޑިވްސް ކަންޓަމްސް ސަރވިސްގެ ކޭޝް ޑިކްލަރޭށަން ފޯމު، އެޓޭޗްކުރެވިފައިވާ މި ގަވާއިދުގެ ޕީ.ޑީ.އެފް ފައިލްގައި ހިމެނިފައިވާނެއެވެ. އަދި މި ފޯމު ވާރޑް ޑޮކިއުމަންޓަށް ފަހުން އަޕްލޯޑްކުރެވިގެންދާނެއެވެ.)

 

ޖަދުވަލު 1

 

މައި ގާނޫނު

މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު (ގާނޫނު ނަންބަރު 2014-10)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު