-

މަނީލޯންޑްރިންގ އަދި ޓެރަރިޒަމް ފައިނޭންސް ކުރުން ހުއްޓުވުމުގައި ލައިފް އިންށުއަރެންސް އަދި ފެމިލީ ތަކަފުލް އިންށުއަރެންސް ވިޔަފާރިކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ ގޮތުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2015-09)

  

ފުރަތަމަ ބާބު

އިބްތިދާއީ މާއްދާތައް

 

1 ވަނަ މާއްދާ – ތައާރުފު

މި ގަވާއިދަކީ ގާނޫނު ނަންބަރު. 10/2014 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު) ގެ 75 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން އެކުލަވައިލައި ނެރެފައިވާ ގަވާއިދެކެވެ.

 

2 ވަނަ މާއްދާ – ނަން

މި ގަވާއިދަށް ކިޔާނީ " މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގައި ލައިފް އިންށުއަރެންސް އަދި ފެމިލީ ތަކަފުލް އިންށުއަރެންސް ވިޔަފާރިކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ ގޮތުގެ ގަވާއިދު" އެވެ.

 

3 ވަނަ މާއްދާ – ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ 15 ޖަނަވަރީ 2015 އިން ފެށިގެންނެވެ.

 

4 ވަނަ މާއްދާ – ގަވާއިދު ހިންގޭ ދާއިރާ

މި ގަވާއިދުގައި އެހެން ގޮތަކަށް ނުބުނާހައި ހިނދަކު، އޮތޯރިޓީން ރެގިއުލޭޓްކޮށް ސްޕަވައިޒްކުރާ އަންނަނިވި ފަރާތްތަކުން މި ގަވާއިދަށް އަމަލުކުރަންވާނެއެވެ.

(ހ) ލައިފް އިންށުއަރަންގެ ވިޔަފާރި ހިންގާ ފަރާތްތައް؛

(ށ) ފެމިލީ ތަކަފުލްގެ ވިޔަފާރި ހިންގާ ފަރާތްތައް؛

(ނ) ލައިފް އިންށުއަރެންސްގެ ވިޔަފާރިއާގުޅޭ އިންށުއަރެންސް ބްރޯކިންގ ވިޔަފާރިކުރާ ފަރާތްތައް؛

(ރ) ފެމިލީ ތަކަފުލް ވިޔަފާރިއާގުޅޭ އިންށުއަރެންސް ބްރޯކިންގ ވިޔަފާރިކުރާ ފަރާތްތައް؛ އަދި

(ބ) އޮތޯރިޓީން ކަނޑައަޅާ އެހެނިހެން ފަރާތްތައް.

 

5 ވަނަ މާއްދާ – ގަވާއިދު އެއްގޮތަށް އަމަލުކުރުމަށް އޮންނަ މަސްއޫލިއްޔަތު

(ހ) ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުން ވެސް މި ގަވާއިދާ އެއްގޮތަށް އަމަލުކުރަންވާނެއެވެ. އަދި އެ ފަރާތެއްގެ ސަބްސިޑީއަރީތަކާއި ބްރާންޗްތަކާއި، މުވައްޒަފުންނާއި، އޭޖެންޓުންނާއި، އެ ފަރާތެއްގެ އެއްވެސް މަސައްކަތެއް ހަވާލުކޮށްފައިވާ ތިންވަނަ ފަރާތަކުން މި ގަވާއިދުގެ މާއްދާތަކާ އެއްގޮތްވާގޮތުގެމަތީން އަމަލުކުރެވޭތޯ ލައިސަންސް ލިބިފައިވާ ފަރާތުގެ ޑިރެކްޓަރުންގެ ބޯޑުން ޔަގީންކުރަންވާނެއެވެ.

(ށ) ލައިސަންސް ލިބިފައިވާ ފަރާތަކުން މި ގަވާއިދަށް އަމަލުކުރުމުގައި ރިސްކް ބޭސްޑް އުސޫލުން އަމަލުކުރެވިދާނެއެވެ.

 

ދެވަނަ ބާބު

ކަސްޓަމަރުންނާމެދު ފަރުވާތެރިވުމުގެ ފިޔަވަޅުތައް

 

6 ވަނަ މާއްދާ – މަނާކަންތައްތައް

ލައިސަންސް ލިބިފައިވާ އެއްވެސް ފަރާތަކުން ވަކިފަރާތަކަށް ނިސްބަތްނުވާގޮތަށް ނުވަތަ އެއްވެސް މީހަކަށް ނިސްބަތްނުކުރެވޭ ފަރާތެއްގެ ނަމުގައި އިންށުއަރެންސް ޕޮލިސީއެއް ވިއްކައިގެން ނުވާނެއެވެ.

 

7 ވަނަ މާއްދާ – މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތާމެދު ފަރުވާތެރިކަން ބަހައްޓަންޖެހޭ ހާލަތު

 އަންނަނިވި ހާލަތްތަކުގައި ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުން ވެސް މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތާމެދު އަޅަންޖެހޭނެކަމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ފަރުވާތެރިވުމުގެ ފިޔަވަޅުތައް އަޅަންވާނެއެވެ.

(ހ) މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތާމެދު ވިޔަފާރީގެ ގުޅުން ގާއިމުކުރާއިރު.

(ށ) އެ ހާލަތަކީ މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތާމެދު ފަރުވާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް މި ގަވާއިދުން ލާޒިމުކުރާ ހާލަތެއް ކަމުގައި ވީނަމަވެސް، މަނީ ލޯންޑްރިންގ ނުވަތަ ޓެރަރިޒަމަށް ފައިނޭންސްގެ ހަރަކާތެއް ހިނގައިފާނެކަމަށް ށައްކުކުރެވުން.

(ނ) މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތާ ބެހޭގޮތުން ކުރިން ހޯދާފައިވާ މައުލޫމާތު ފުރިހަމަ ނުވާކަމަށް ށައްކު ކުރެވުން ނުވަތަ އެފަދަ މައުލޫމާތުގެ ސައްހަކަމާމެދު ށައްކު އުފެދުން.

 

8 ވަނަ މާއްދާ – މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތްތަކާއި، ބެނެފިށަލް އޯނަރުންނާއި ތިންވަނަ ފަރާތްތައް ދެނެގަތުން

(ހ) މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތާމެދު ފަރުވާތެރި ވުމުގެ ފިޔަވަޅުތައް އެޅުމަށް މި ގަވާއިދުގެ ދަށުން ލާޒިމުކުރާ ހާލަތްތަކުގައި ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުންވެސް އަންނަނިވި ކަންކަން ކުރަންވާނެއެވެ.

  1. މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތް ދެނެގަނެ އަދި އެއީ ކޮންފަރާތެއް ކަން ޔަގީންކުރުން؛
  2. މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތުގެ ބެނެފިށަލް އޯނަރ އަދި ޕޮލިސީގެ ބެނެފިށަރީން ދެނެގަނެ، އަދި އެއީ ކޮންފަރާތެއްކަން އިތުބާރުކުރެވޭ، މިނިވަން މަސްދަރުތަކުގެ އަލީގައި ޔަގީންކުރުން؛ އަދި
  3. މުއާމަލާތެއް ކުރާއިރު އެ މުއާމަލާތްކުރާ ސަބަބާއި އެ ގުޅުމުގެ ބާވަތް ދެނެގަތުން.

(ށ) މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތަކުން، ވިޔަފާރީގެ ގުޅުން ގާއިމުކުރުމަށްޓަކައި އެ ފަރާތް ތަމްސީލުކުރާނެ ފަރާތެއް އައްޔަނުކޮށްފައިވާ ހާލަތްތަކުގައި ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުންވެސް އަންނަނިވި ކަންކަން ކުރަންވާނެއެވެ.

  1. މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތް ތަމްސީލުކުރާން އައްޔަނުކޮށްފައިވާ ފަރާތް ދެނެގަނެ، އަދި އެއީ ކޮންފަރާތެއްކަން އިތުބާރުކުރެވޭ، މިނިވަން މަސްދަރުތަކުގެ އަލީގައި ޔަގީންކުރުން؛ އަދި
  2. މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތް ތަމްސީލުކުރާ ފަރާތް އެގޮތަށް އަމަލުކުރުމުގެ ހުއްދަ އޮތްކަން ޔަގީންކޮށް، އެކަން ޔަގީންކުރުމަށް ބެލި ލިޔުންތަކުގެ (ޕަވަރ އޮފް އެޓަރނީ ނުވަތަ އެއާ އެއްފަދަ ލިޔުމެއް ނުވަތަ ރަސްމީ ލިޔުމެއް) ކޮޕީ ހަދައި ބަހައްޓައި އަދި ކޮޕީއަކީ އޭގެ އަސްލާ އެއްގޮތް އެއްޗެއްކަން ޔަގީންކުރުން.

(ނ) މި މާއްދާގެ (ހ) އަދި (ށ) ގައި އިސްވެ ބަޔަންކުރެވުނު ގޮތަށް އަމަލުކުރުމަށްޓަކައި މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތާއި ބެނެފިށަލް އޯނަރ އަދި ހަމައެކަނި އަންނަނިވި މައުލޫމާތު ތަކަށް ހުދޫދު ކުރުމަކާނުލައި ތިންވަނަ ފަރާތްތަކާ ބެހޭ އަންނަނިވި މައުލޫމާތުތައް، ލައިސަންސް ލިބިފައިވާ ފަރާތުން ހޯދައި ރިކޯޑު ކުރަންވާނެއެވެ.

  1. ފުރިހަމަ ނަން އަދި އެފަރާތާ މުހާތަބުކުރުމަށް ބޭނުންކުރެވޭ އެހެނިހެން ނަންނަން؛
  2. ކޮންފަރާތެއްކަން އަންގައިދޭ ލިޔުމެއްގެ ނަންބަރު މީގެތެރޭގައި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު، ޕާސްޕޯޓު ނަންބަރު، ވީޒާ ނަންބަރު، ކުންފުނި ރަޖިސްޓްރޭށަން ނަންބަރު ނުވަތަ ވިޔަފާރީގެ ރަޖިސްޓަރީ ނަންބަރު ހިމެނޭގޮތުން؛
  3. ރަޖިސްޓަރީކޮށްފައިވާ އެޑްރެސް ނުވަތަ ވިޔަފާރި ހިންގާ އެޑްރެސް ނުވަތަ ދައިމީ އެޑްރެސް އަދި މިހާރުއުޅޭ އެޑްރެސް އަދި ގުޅޭނެގޮތުގެ މައުލޫމާތު؛ އަދި
  4. ކުންފުނި އުފައްދާފައިވާ ތަން ނުވަތަ ރަޖިސްޓަރީކޮށްފައިވާ ތަން ނުވަތަ ގައުމު.

(ރ) މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތަކީ ގާނޫނީ ށަހުސެއް ނުވަތަ ޕަރޓްނަރށިޕެއްނަމަ، މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތުގެ ވިޔަފާރީގެ ބާވަތާއި އަދި އެ ވިޔަފާރީގެ މިލްކުވެރިކަން ބެހިގެންވާގޮތް ދެނެގަންނަން ވާނެއެވެ.

(ބ) މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތަކީ ގާނޫނީ ށަހުސެއްނަމަ، މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތް ދެނެގަތުމުގެ އިތުރުން އެ ފަރާތުގެ ޑިރެކްޓަރުން ދެނެގަންނަން ވާނެއެވެ.

(ޅ) މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތަކީ ޕަރޓްނަރށިޕެއްނަމަ، މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތް ދެނެގަތުމުގެ އިތުރުން އެ އެޕާރޓްނަރށިޕްގެ ޕަރޓްނަރުން ދެނެގަންނަން ވާނެއެވެ.

(ކ) މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތަކީ ގާނޫނީ އެރޭންޖްމަންޓެއް ކަމުގައިވާނަމަ، މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތުގެ ވިޔަފާރީގެ ބާވަތާއި އަދި އެވިޔަފާރީގެ މިލްކުވެރިކަން ބެހިގެންވާގޮތް ދެނެގަނެ، އަދި މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތް ދެނެގަތުމުގެ އިތުރުން އެފަރާތުގެ ބެނެފިށަލް އޯނަރުންނަކީ ކޮން ފަރާތްތަކެއްކަން ލައިސަންސް ލިބިފައިވާ ފަރާތުން ދެނެގަނެ އެއީ ކޮންފަރާތްތަކެއް ކަން ޔަގީންކުރަން ވާނެއެވެ.

(އ) މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތަކީ ނުވަތަ މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތުގެ ބެނިފިށަރީ އޯނަރއަކީ ސަރުކާރުގެ އިދާރާއެއްކަމުގައިވާނަމަ، އެ މުއާމަލާތަކީ މަނީ ލޯންޑްރިންގ ނުވަތަ ޓެރަރިޒަމަށް ފައިނޭންސް ކުރުމަށް ކުރެވޭ މުއާމަލާތެއްކަމަށް ށައްކުކުރެވޭ ހާލަތްތައް ފިޔަވައި، ލައިސަންސް ލިބިފައިވާ ފަރާތްތަކުގެ މައްޗަށް ލާޒިމުވެގެންވަނީ ހަމައެކަނި އެ ށަހުސަކީ ސަރުކާރުގެ އިދާރާއެއްކަން ޔަގީންކުރުމަށެވެ.

(ވ) މަނީ ލޯންޑްރިންގ ނުވަތަ ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ރިސްކު ކުޑަ ވިޔަފާރީގެ ގުޅުންތައް ކަމަށް ލައިސަންސް ލިބިފައިވާ ފަރާތުން ބަލާ ގުޅުންތާކާއި މުއާމަލާތްތަކުގައި، މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތާމެދު އަޅަންޖެހޭ ފަރުވާތެރިވުމުގެ ފިޔަވަޅުތައް އެޅުމުގައި އެ ފަރާތުން ލުއި ފިޔަވަޅުތައް އެޅިދާނެއެވެ.

(މ) ލައިސަންސް ލިބިފައިވާ ފަރާތްތަކުން، އާއްމުނޫން ނުވަތަ އާދަޔާހިލާފު މާލީ ހަރަކާތްތައް ދެނެގަތުމަށްޓަކައި، މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތުގެ މާލީ މުއާމަލާތްތައް ދާއިމީ ގޮތެއްގައި މޮނިޓަރކޮށް، އަދި މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތުގެ ކާކުކަން އަންގައިދޭ މައުލޫމާތު އަޕްޑޭޓްކޮށް އެ މައުލޫމާތުގެ ސައްހަކަން ޔަގީންކުރަން ވާނެއެވެ.

(ފ) ވަޒީފާގެ އެއްބަސްވުމެއްގެ ދަށުން ނުވަތަ އިންށުއަރކުރެވިފައިވާ ފަރާތެއްގެ ފަންނީ މަސައްކަތާ ގުޅިގެން އެފަރާތްތަކާއެކު ހެދޭ ޕެންށަން އިންށުއަރެންސް ކޮންޓްރެކްޓެއްގައި އެ އިންށުއަރެންސް ޕޮލިސީގެ މުއްދަތު ހަމަވުމުގެ ކުރީން އެ ޕޮލިސީ ބާތިލު ކުރުމުން އެ ޕޮލިސީގެ ދަށުން އެއްވެސް ފައިސާއެއް ލިބޭނެކަމަށް ބަޔާންކޮށްފައިނުވާނަމަ އަދި އެ ޕޮލިސީއަކީ ލޯނެއްގެ ރަހުނެއްގެގޮތުގައި ބޭނުންކުރެވޭނެ ޕޮލިސީއެއްކަމުގައި ނުވާނަމަ، ޕެންށަން އިންށުއަރެންސް ކޮންޓްރެކްޓްކުރާ ފަރާތްތަކާބެހޭ ފުރިހަމަ މައުލޫމާތު، ލައިސަންސް ލިބިފައިވާ ފަރާތްތަކުން ހޯދުން ލާޒިމެއްނޫނެވެ.

(ދ) ކުރީން ނަގާފައިވާ އިންށުއަރެންސް ޕޮލިސީ (އިންށުއަރެންސް ޕޮލިސީގެ ބެނެފިޓް ހިމެނޭގޮތަށް) ގެ ށަރުތުތަކާއި މާއްދާތަކަށް މުހިންމު މާއްދާތަކަށް މުހިންމު ބަދަލެއް ނާންނަގޮތަށް ޕޮލިސީ އާކުރާއިރު އަދި ކުރީން ނަގާފައިވާ ޕޮލިސީއެއް އަލުން ކުރިއަށް ގެންދިއުމަށް ނިންމުމުގައި މުދަލާއި ހިދުމަތް ލިބިގަންނަފަރާތް ދެނެގަތުމަށްޓަކައި ކުރިން ހޯދާފައިވާ މައުލޫމާތުހެ މައްޗަށް ރިއާޔަތްކޮށް ފަރުވާތެރިވުމުގެ ގޮތުން އަލުން އެ ފިޔަވަޅުތައް ނާޅައި ދޫކޮށްލުމުގެ އިހުތިޔާރު ލައިސަންސް ލިބިފައިވާ ފަރާތަށް ލިބިގެންވެއެވެ.

 

9 ވަނަ މާއްދާ – ކޮން ފަރާތެއްކަން ޔަގީންކުރުން

ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުން ވެސް، މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތާއި ބެނެފިށަލް އޯނަރ އަކީ ކޮންފަރާތެއްކަން، އިތުބާރުކުރެވޭ މިނިވަން މަސްދަރުތަކުގެ އަލީގައި ޔަގީންކުރަންވާނެއެވެ.

 

10 ވަނަ މާއްދާ - ކޮންފަރާތެއްކަން ޔަގީންކުރަންޖެހޭ ވަގުތު

 ލައިސަންސް ލިބިފައިވާ ފަރާތްތަކުން، މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތަކަށް، ވިޔަފާރީގެ ގުޅުން ގާއިމުކުރުމުގެ ކުރިން ނުވަތަ ވިޔަފާރީގެ ގުޅުން ގާއިމުކުރާއިރު މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތަކީ ނުވަތަ ބެނެފިށަލް އޯނަރއަކީ ކޮން ފަރާތެއްކަން ދެނެގަނެ ޔަގީންކުރަން ވާނެއެވެ.

 

11 ވަނަ މާއްދާ - ފަރުވާތެރިވުމުގެ ފިޔަވަޅުތައް ފުރިހަމަނުކުރުން

ފަރުވާތެރިވުމުގެ ގޮތުން ކުރުމަށް މި ގަވާއިދުގައި ލައިސަންސް ލިބިފައިވާ ފަރާތެއްގެ މައްޗަށް ލާޒިމުކޮށްފައިވާ ކަންކަން ލައިސަންސް ލިބިފައިވާ ފަރާތަކަށް ފުރިހަމަ ނުކުރެވިއްޖެނަމަ، އެ ވިޔަފާރީގެ ގުޅުން ގާއިމުކޮށް ނުވަތަ ދަމަހައްޓައިގެންނުވާނެއެވެ. އަދި އެ ހާލަތުގައި އެކަން ށައްކުކުރެވޭ މުއާމަލާތެއްގެ ގޮތުގައި ހުށަހަޅަންޖެހޭކަމަށް ބެލެވޭނަމަ، އެކަން ށައްކުކުރެވޭ މުއާމަލާތެއްގެ ގޮތުގައި ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ހުށަހަޅަންވާނެއެވެ.

 

12 ވަނަ މާއްދާ - މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތުން ހާޒިރުނުވެ ގާއިމުކުރެވޭ ވިޔަފާރީގެ ގުޅުމާއި ކުރެވޭ މުއާމަލާތްތައް

ލައިސަންސް ލިބިފައިވާ ފަރާތުގެ އޮފީހަކަށް ހާޒިރުނުވެ ގާއިމުކުރެވޭ ވިޔަފާރީގެ ގުޅުމާއި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކުގެ ސަބަބުން މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމަށް އޮންނަ ރިސްކުތަކަށް ފިޔަވަޅު އެޅުމަށްޓަކައި އެކަށީގެންވާ ޕޮލިސީތަކާއި އުސޫލުތައް ލައިސަންސް ލިބިފައިވާ ފަރާތްތަކުން ގާއިމުކުރަން ވާނެއެވެ.

 

13 ވަނަ މާއްދާ – ފަރުވާތެރިވުމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް

(ހ) މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ރިސްކުބޮޑު ކަމަށް ބެލެވޭ މުއާމަލާތްތައް ހިންގުމުގައި، ފަރުވާތެރިކަމުގެ ފިޔަވަޅުތަކުގެ ގޮތުގައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ އިތުރުން، ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުން ވެސް ފަރުވާތެރިވުމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އަޅަންވާނެއެވެ.

(ށ) ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުން ވެސް، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ރިސްކުބޮޑު، މުދަލާއި ހިދުމަތް ހޯދާ ފަރާތްތަކާއި މުއާމަލާތްތައް ގިންތި ކުރަންވާނެއެވެ. އަދި އަންނަނިވި މުދަލާއި ހިދުމަތް ހޯދާ ފަރާތްތަކާއި މުއާމަލާތްތަކަކީ މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ރިސްކުބޮޑު މުދަލާއި ހިދުމަތް ހޯދާ ފަރާތްތަކާއި އަދި މުއާމަލާތްތައްކަމަށް ކަނޑައަޅަންވާނެއެވެ.

  1. ޕޮލިޓިކަލީ އެކްސްޕޯސްޑް ޕަރސަން؛
  2. މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތައް އަޅާފައިނުވާ ގައުމުތަކަށް ނިސްބަތްވާ ފަރާތްތައް؛
  3. ލައިސަންސް ލިބިފައިވާ ފަރާތެއްގެ އޮފީހަކަށް ހާޒިރުނުވެ ގާއިމުކުރެވޭ ވިޔަފާރީގެ ގުޅުމާއި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް؛ އަދި
  4. އޮތޯރޓީން ކަނޑައަޅާ އެހެން، މުދަލާއި ހިދުމަތް ހޯދާ ފަރާތްތަކާއި މުއާމަލާތްތައް.

(ނ) މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ރިސްކުބޮޑު ކަމަށް ބެލެވޭ ހާލަތްތަކުގައި ފަރުވާތެރިކަމުގެ އިތުރު ފިޔަވަޅުތައް ލައިސަންސް ލިބިފައިވާ ފަރާތުން އަޅަންވާނެއެވެ. އަދި ހަމައެކަނި އަންނަނިވި ކަންކަމަށް ހުދޫދުނުވާ ގޮތުގެ މަތިން، ފަރުވާތެރިވުމުގެގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނޭނެއެވެ.

  1. މުދަލާއި ހިދުމަތް ލިބިގަންނަފަރާތާއި އަދި ބެނެފިށަލް އޯނަރާބެހޭ އިތުރު މައުލޫމާތު ހޯދުން؛
  2. މުދަލާއި ހިދުމަތް ލިބިގަންނަފަރާތުގެ އަދި ބެނެފިށަލް އޯނަރުގެ ތަނަވަސްކަން އަދި ފައިސާ ހޯދިގޮތް، އެކަށީގެންވާ ރަނގަޅު މަސްދަރުތަކުގެ އަލީގައި ދެނެގަތުން؛
  3. މުދަލާއި ހިދުމަތް ހޯދާ ފަރާތާއެކު ވިޔަފާރީގެ ގުޅުން ގާއިމުކުރުމުގެ ކުރިންނާއި، މުދަލާއި ހިދުމަތް ހޯދާ ފަރާތްތަކާއެކު އޮތް ވިޔަފާރީގެ ގުޅުމެއް ދެމެހެއްޓުމުގައި ލައިސަންސް ލިބިފައިވާ ފަރާތުގެ އިސްވެރިންގެ ހުއްދަ ހޯދުން؛
  4. މުދަލާއި ހިދުމަތްހޯދާ ފަރާތާއެކު އޮތް ވިޔަފާރީގެ ގުޅުން ހާއްސަގޮތެއްގައި މޮނިޓަރ ކުރުމާއި މުދަލާއި ހިދުމަތް ހޯދާ ފަރާތާއި އަދި ބެނެފިށަލް އޯނަރު ދެނެގަތުމަށް ހޯދާފައިވާ މައުލޫމާތު ގަވާއިދުން އަޕްޑޭޓްކުރުން.

 

14 ވަނަ މާއްދާ – ފަރުވާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި ދެމިތިބުން

(ހ) ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުން ވެސް މުދަލާއި ހިދުމަތް ހޯދާ ފަރާތާއެކު އޮންނަ ވިޔަފާރީގެ ގުޅުމާމެދު ފަރުވާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ގަވާއިދުން އަޅަންވާނެއެވެ. އަދި މުދަލާއި ހިދުމަތް ހޯދާ ފަރާތުން ހިންގާ މުއާމަލާތްތަކަކީ ކުރިން އެފަރާތަށް ލިބިފައިވާ، މުދަލާއި ހިދުމަތް ހޯދާ ފަރާތުގެ މައުލޫމާތާއި ރިސްކް ޕްރޮފައިލް އާއި އެ ފަރާތުން ކުރާ ވިޔަފާރީގެ ހަރަކާތްތަކާ އެއްގޮތްވާ މުއާމަލާތްތައް ކަން ޔަގީންކުރުމަށްޓަކައި އެ މުއާމަލާތްތައް މޮނިޓަރކޮށް ބަލަހައްޓަންވާނެއެވެ. އަދި ބޭނުންވެއްޖެ ހާލަތެއްގައި އެފަރާތުން ފައިސާހޯދި ގޮތް ދެނެގަންނަން ވާނެއެވެ.

(ށ) ފަރުވާތެރިވުމުގެ ފިޔަވަޅުތައް ގަވާއިދުން އެޅުމުގައި އެ ފިޔަވަޅުތައް އަޅާ ދުރުމިނަކީ، މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތުގެ ރިސްކް ޕްރޮފައިލްއާ ކުރެވޭ މުއާމަލާތުގެ ބާވަތައްބަލައި މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމަށް އޮންނަ ރިސްކުގެ މިންވަރަށް އެކަށީގެންވާ ދުރުމިނަކަށް ވާންވާނެއެވެ.

 

15 ވަނަ މާއްދާ -  މުއާމަލާތްތައް މޮނިޓަރ ކުރުން

(ހ) އާންމުކޮށް ކުރެވޭ މުއާމަލާތްތަކާ ތަފާތު މުއާމަލާތްތަކާއި، އާދަޔާ ހިލާފު ބޮޑެތި އަދަދުތައް ހިމެނޭ މުއާމަލާތްތަކާއި، އަދި އާދަޔާ ހިލާފު ގޮތްގޮތަށް ކުރެވޭ މުއާމަލާތްތަކަކީ އޭގައި އިގްތިސާދީ ބޭނުމެއް ނެތި ނުވަތަ ގާނޫނީގޮތުން ހުއްދަކުރާ ބޭނުމެއް ނެތި ކުރެވޭ މުއާމަލާތްތަކެއް ކަމަށް ފެންނަނަމަ، އެފަދަ މުއާމަލާތްތައް ކުރުމުގައި ލައިސަންސް ލިބިފައިވާ ފަރާތުން ހާއްސަ ސަމާލުކަމެއްދީގެން ބަލަންވާނެއެވެ.

(ށ) ލައިސަންސް ލިބިފައިވާ ފަރާތަކާއެކު މުއާމަލާތެއް ހިންގާ ފަރާތަކީ މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމަށް، ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް މަސައްކަތްނުކުރާ ގައުމެއްގައި ދިރިއުޅޭ ފަރާތެއް ކަމުގައިވާނަމަ، އެފަރާތްތަކާއެކު ކުރެވޭ މުއާމަލާތްތަކާމެދު ހާއްސަ ސަމާލުކަމެއް ލައިސަންސް ލިބިފައިވާ ފަރާތުން ބަހައްޓަންވާނެއެވެ. މި މާއްދާގައި ބަޔާންކުރާ ފަރާތްތަކުގެ ތެރޭގައި ގާނޫނީ ށަހުސުތައްވެސް ހިމެނެއެވެ. އަދި އެފަދަ ގައުމުތަކާބެހޭ މައުލޫމާތު ލައިސަންސް ލިބިފައިވާ ފަރާތްތަކަށް ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓުން އަންގަންވާނެއެވެ.

 

ތިންވަނަ ބާބު

ރިކޯޑުތައް ބެލެހެއްޓުން

16 ވަނަ މާއްދާރިކޯޑު ބެލެހެއްޓުން

(ހ) ލައިސަންސް ލިބިފައިވާ ހުރިހާ ފަރާތްތަކުން ވެސް ވިޔަފާރިއާ ގުޅިގެން ބަދަލުކުރެވޭ ލިޔުންތަކާ ރިކޯޑުތައް އަދި ވަކިންހާއްސަކޮށް މުދަލާއި ހިދުމަތް ހޯދާ ފަރާތާމެދު ފަރުވާތެރިވުމުގެ ފިޔަވަޅުތައް އެޅުމުގައި ހޯދާ ލިޔުންތަކާއި ރިކޯޑުތައް ލައިސަންސް ލިބިފައިވާ ފަރާތުން ބަހައްޓަންވާނެއެވެ. މީގެ ތެރޭގައި މުދަލާއި ހިދުމަތް ހޯދާ ފަރާތްތައް، ބެނެފިށަލް އޯނަރުން އަދި މި ގަވާއިދުގެ ދަށުން ކޮންފަރާތެއްކަން ދެނެގަންނަން ޖެހޭނެކަމަށް ކަނޑައަޅާފައިވާ ފަރާތްތަކަކީ ކޮން ފަރާތެއްކަން ޔަގީންކުރުމަށް ހޯދާ ލިޔުންތަކާ ރިކޯޑުތައް ހިމެނޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތުގެ އިތުރުން ލައިސަންސް ލިބިފައިވާ ފަރާތްތަކުން އަންނަނިވި މައުލުމާތާއި ރިކޯޑުތައް ބަހައްޓަންވާނެއެވެ.

  1. ކޮންފަރާތެއްކަން ދެނެގަނެ އަދި ކޮންފަރާތެއްކަން ޔަގީންކުރުމަށްޓަކައި ހޯދާފައިވާ މައުލުމާތައި އެ މައުލޫމާތާ ގުޅޭ ލިޔުންތަކުގެ ކޮޕީތައް؛
  2. ށައްކުކުރެވޭ މުއާމަލާތަކާ ގުޅިގެން ލައިސަންސް ލިބިފައިވާ ފަރާތުގެ އެތެރޭގެ ދިރާސަތަކަށް ހޯދާ ލިޔުންތަކާ ރިކޯޑުތައް؛
  3. ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ހުށަހަޅާފައިވާ ށައްކުކުރެވޭ މުއާމަލާތަކާގުޅޭ ރިކޯޑުތައް؛ އަދި

(ނ) މި މާއްދާގެ ދަށުން ބަހައްޓާ ރިކޯޑުތައް އަންނަނިވި މުއްދަތުތަކަށް ބަހައްޓަންވާނެއެވެ.

  1. ސިންގަލް ޓްރާންސެކްށަންއަކާ ގުޅިގެން ހޯދާ ލިޔުންތަކާއި ރިކޯޑުތައް، އެ މުއާމަލާތެއް ފުރިހަމަ ކުރެވުނު ތާރީހުން ފެށިގެން 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް އެ މައުލޫމާތެއް ބަހައްޓަންވާނެއެވެ. މި މައުލޫމާތުގެ ތެރޭގައި މުދަލާއި ހިދުމަތް ހޯދާ ފަރާތް ދެނެގަތުމަށް ހޯދާފައިވާ މައުލޫމާތާއި ސިންގަލް ޓްރާންސެކްށަންއާ ގުޅޭގޮތުން ހޯދާފައިވާ އެހެނިހެން މައުލޫމާތުތައް ހިމެނެއެވެ.
  2. ވިޔަފާރީގެ ގުޅުމަކާ ގުޅޭގޮތުން ހޯދާފައިވާ ލިޔުންތަކާއި ރިކޯޑުތައް، އެ ގުޅުމެއް ނިމުމަކަށް ގެންނަ ތާގީހުން ފެށިގެން 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތައް ބަހައްޓަންވާނެއެވެ. މީގެ ތެރޭގައި މުދަލާއި ހިދުމަތް ހޯދާ ފަރާތް ދެނެގަތުމަށްޓަކައި ހޯދި މައުލޫމާތާއި، މުއާމަލާތްތަކުގެ ހިސްޓްރީ، އަދި ވިޔަފާރީގެ ގުޅުމާ ބެހޭގޮތުން ހޯދާ އެހެނިހެން މައުލޫމާތު ހިމެނޭނެއެވެ.
  3. ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓުން އެހެން ގޮތަކަށް ނާންގާހައި ހިނދަކު، ށައްކުކުރެވޭ މުއާމަލާތަކާގުޅޭގޮތުން ހުށަހަޅާ ރިޕޯޓު ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ހުށަހަޅާ ތާރީހުން ފެށިގެން 5 (ފަހެއް)  އަހަރު ދުވަހުގެ މުއްދަތައް ބަހައްޓަންވާނެއެވެ.

 

ހަތަރުވަނަ ބާބު

ރިޕޯޓު ހުށަހެޅުމާއި މޮނިޓަރކުރުން

 

17 ވަނަ މާއްދާ – ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް މައުލޫމާތު ފޮނުވުން

ގާނޫނުގެ ދަށުން ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓުން އަދާކުރަންޖެހޭ ޒިންމާތަކާއި ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އެ ޔުނިޓުން އަންގާ މައުލޫމާތު، ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުން ވެސް އެ ޔުނިޓަށް ހުށަހަޅަންވާނެއެވެ.

 

18 ވަނަ މާއްދާ – ށައްކުކުރެވޭ މުއާމަލާތްތައް ރިޕޯޓުކުރުން

(ހ) ވަކި ފައިސާއެއް ނުވަތަ މުދަލަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާއެއް ނުވަތަ މުދަލެއް ކަމަށް، ނުވަތަ މަނީ ލޯންޑްރިންގގެ ހަރަކާތަކާ ގުޅުންހުރި ނުވަތަ ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ހަރަކާތަކާ ގުޅުންހުރި ފައިސާއެއް ނުވަތަ މުދަލެއް ކަމަށް ލައިސަންސް ލިބިފައިވާ ފަރާތަކަށް ށައްކުކުރެވިއްޖެނަމަ، ނުވަތަ ށައްކުކުރެވޭ ފަދަ ސަބަބުތަކެއް ހުރެއްޖެނަމަ، އެ ށައްކެއް އުފެދުމުން ނުވަތަ އެފަދަ ސަބަބެއް ފާހަގަކުރެވުމުން ވީއެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި އަދި ލަސްވެގެން ރަސްމީ ބަންދުނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި އެކަން ބަޔާންކޮށް، ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ރިޕޯޓުކުރަންވާނެއެވެ.

(ށ) ވަކި ފައިސާއެއް ނުވަތަ މުދަލަކީ އަންނަނިވި ފަރާތްތަކުގެ ތެރެއިން ފަރާތެއްގެ ފައިސާ ނުވަތަ މުދަލެއް ކަމަށް، ނުވަތަ އެއިން ފަރާތަކާ ގުޅުންހުރި ފައިސާއެއް ނުވަތަ މުދަލެއް ކަމަށް ލައިސަންސް ލިބިފައިވާ ފަރާތަކަށް ށައްކުކުރެވިއްޖެނަމަ، ނުވަތަ ށައްކުކުރެވޭ ފަދަ ސަބަބުތަކެއް ހުރެއްޖެނަމަ، އެ ށައްކެއް އުފެދުމުން ނުވަތަ އެފަދަ ސަބަބެއް ފާހަގަކުރެވުމުން ވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި އަދި ލަސްވެގެން ރަސްމީ ބަންދުނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި އެކަން ބަޔާންކޮށް، ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ރިޕޯޓުކުރަންވާނެއެވެ.

  1. ޔުނައިޓެޑް ނޭށަންސްގެ ޗާޓަރުގެ ހަތްވަނަ ޗެޕްޓަރުގެ ދަށުން ޔުނައިޓެޑް ނޭށަންސްގެ ސެކިއުރިޓީ ކައުންސިލުން ކަނޑައަޅާ ފަރާތްތައް؛ އަދި
  2. ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓުން ކަނޑައަޅާ އެހެން ފަރާތްތައް.

 

19 ވަނަ މާއްދާ – މުއާމަލާތްތައް ހިންގުން ފަސްކުރުން

(ހ) މަނީ ލޯންޑްރިންގގެ ހަރަކާތްތަކާ ނުވަތަ ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ހަރަކާތްތަކާ ގުޅުންހުރި މުއާމަލާތެއް ކަމަށް ނުވަތަ ކުށް ކޮށްގެން ހޯދާފައިވާ މުދަލަކާ ގުޅުންހުރި މުއާމަލާތެއް ކަމަށް ށައްކުކުރެވޭ އެއްވެސް މުއާމަލާތެއް، ލައިސަންސް ލިބިފައިވާ ފަރާތަކުން ކުރަންވާނީ، އެ މުއާމަލާތެއްގެ މައުލޫމާތު ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ދިނުމަށްފަހު، އެ މުއާމަލާތެއް ހިންގުމާމެދު ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓުން ވަކި ގޮތެއް އެންގުމުންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ހުށަހެޅޭ މުއާމަލާތަކީ، ސީރިއަސް ނުވަތަ ކޮންމެހެން އަވަސް ފިޔަވަޅެއް އަޅަންޖެހޭ މައްސަލައެއް ހިމެނޭ މުއާމަލާތެއް ކަމަށް ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ފެންނަނަމަ، 72 (ހަތްދިހަ ދޭއް) ގަޑިއިރަށްވުރެ އިތުރުނުވާނެ މުއްދަތަކަށް އެ މުއާމަލާތެއް ކުރިއަށް ނުގެންގޮސް ހިފެހެއްޓުމަށް ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓުން އެންގިދާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއާމަލާތެއް ކުރުން ހުއްޓުވާލުމަކީ ކުރެވެން ނެތްކަމެއް ކަމުގައިވާނަމަ ނުވަތަ އެފަދަ މުއާމަލާތެއް ކުރުން ހުއްޓުވާލުމުން އެ މުއާމަލާތަކާގުޅޭ ބެނެފިށަރީއަކީ ކޮން ފަރާތެއްކަން ދެނެގަތުމަށް ކުރެވޭ މަސައްކަތަށް ހުރަސްއެޅޭނަމަ، ލައިސަންސް ލިބިފައިވާ ފަރާތުން އެ މުއާމަލާތެއް ކުރުމަށްފަހު އެކަން ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ވަގުތުން އަންގަންވާނެއެވެ.

 

20 ވަނަ މާއްދާ – ނަގުދު ފައިސާއިން ކުރާ މުއާމަލާތްތައް ރިޕޯޓުކުރުން

ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުން، އެ ފަރާތަކުން ކޮށްފައިވާ 200,000 (ދެ ލައްކަ) ރުފިޔާއާއި އެއަށްވުރެ މަތީގެ އަދަދެއްގެ ނަގުދު ފައިސާގެ މުއާމަލާތައް، އަދި މި އަދަދާ އެއްވަރުގެ އަދި މި އަދަދަށް ވުރެ މަތީ އަދަދެއްގެ ނަގުދު ބޭރު ފައިސާގެ މުއާމަލާތްތައް، ނުވަތަ އެހެން އަދަދެއް އޮތޯރިޓީން ކަނޑައަޅައިފިނަމަ އެ އަދަދުގެ މުއާމަލާތްތައް، އަދި ގުޅިފައިވާ ކަމަށް ބެލެވޭ މުއާމަލާތްތައް، ހަފުތާއަކު އެއްފަހަރު ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ރިޕޯޓުކުރަންވާނެއެވެ.  މި މާއްދާގެ ބޭނުމަށްޓަކައި ނަގުދު ފައިސާގެ މުއާމަލާތްތައް ކަމަށް ބުނެފައިއެވަނީ ނަގުދު ފައިސާ އިން ކުރާ މުއާމަލާތްތަކާއި، އަދި ޗެކް ބޭންކް ޑްރާފްޓް، ޓްރަވެލަރސް ޗެކް އަދި އެހެން ބެއަރަރ ނެގޯށިއަބަލް އިންސްޓްރުމަންޓް އިން ކުރާ މުއާމަލާތްތަކަށެވެ.

 

21 ވަނަ މާއްދާ – ވަކިފަރާތަކާބެހޭ މައުލޫމާތު ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ހުށަހަޅައިފިކަން ހާމަނުކުރުން.

ލައިސަންސް ލިބިފައިވާ ފަރާތެއް ނުވަތަ ލައިސަންސް ލިބިފައިވާ ފަރާތެއްގެ ޑިރެކްޓަރެއް ނުވަތަ އޮފިސަރެއް، ނުވަތަ މުވައްޒަފެއް، މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތާބެހޭ މައުލޫމާތު ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ހުށަހަޅާކަން ނުވަތަ ހުށަހަޅައިފިކަން، ނުވަތަ މަނީ ލޯންޑްރިންގ ނުވަތަ ޓެރަރިޒަމަށް ފައިނޭންސް ކުރުމާބެހޭ ރިޕޯޓެއް އެ ޔުނިޓަށް ހުށަހަޅާކަން ނުވަތަ ހުށަހަޅައިފިކަން، ނުވަތަ މަނީ ލޯންޑްރިންގ ނުވަތަ ޓެރަރިޒަމަށް ފައިނޭންސް ކުރުމާބެހޭ ތަހުގީގެއް ކުރާކަން ނުވަތަ ކުރަން އުޅޭކަން އެ ލައިސަންސް ލިބިފައިވާ ފަރާތުގެ މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތަކަށް ނުވަތަ ތިންވަނަ ފަރާތަކަށް އެއްވެސް ހާލާތެއްގައި ހާމަކޮށްގެންނުވާނެއެވެ.

 

ފަސްވަނަ ބާބު

ރިޕޯޓުކުރާ ފަރާތްތަކަށް ލިބިދޭ އިމްތިޔާޒު

 

22 ވަނަ މާއްދާ – ށައްކުކުރެވޭ މުއާމަލާތްތައް ހެޔޮ ނިޔަތުގައި ރިޕޯޓުކުރާ ފަރާތްތަކަށް ލިބިދޭ އިމްތިޔާޒު

މި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ހެޔޮ ނިޔަތުގައި ރިޕޯޓުތަކާއި މައުލޫމާތު ހުށަހެޅުން، އެ ހުށަހަޅާ ލައިސަންސް ލިބިފައިވާ ފަރާތެއް، ނުވަތަ އެ ފަރާތެއްގެ ޑިރެކްޓަރެއްގެ ނުވަތަ އޮފިސަރެއްގެ ނުވަތަ މުވައްޒަފެއްގެ މައްޗަށް، ބޭންކިންގ ސީކްރަސީއާ ނުވަތަ ޕްރޮފެށަނަލް ސީކްރަސީއާ ނުވަތަ ކޮންޓްރެކްޓާ ހިލާފުވުމުގެ ސަބަބުން އެއްވެސް ޖިނާއީ ދައުވާއެއް ނުވަތަ މަދަނީ ދައުވާއެއް ނުކުރެވޭނެއެވެ. އަދި އެފަދަ ފަރާތެއްގެ މައްޗަށް އިދާރީ ނުވަތަ އިސްލާހީ ފިޔަވަޅެއްވެސް ނޭޅޭނެއެވެ.

 

23 ވަނަ މާއްދާ – ށައްކުކުރެވޭ މުއާމަލާތެއް ހިންގާ ފަރާތްތަކަށް ލިބިގެންވާ އިމްތިޔާޒް

(ހ) ގާނޫނާއި މި ގަވާއިދާ އެއް ގޮތްވާ ގޮތުގެމަތިން ހެޔޮ ނިޔަތުގައި ރިޕޯޓުކޮށްފައިވާ މުއާމަލާތެއް ހިންގުމަކުން، އެ މުއާމަލާތެއް ހިންގި ލައިސަންސް ލިބިފައިވާ ފަރާތެއް ނުވަތަ އެ ފަރާތެއްގެ ޑިރެކްޓަރެއް ނުވަތަ އޮފިސަރެއް ނުވަތަ މުވައްޒަފެއްގެ މައްޗަށް މަނީ ލޯންޑްރިންގ ނުވަތަ ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ކުށުގެ ދައުވާއެއް ނުކުރެވޭނެއެވެ.

(ށ) ގާނޫނުގެ 27 ވަނަ މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގައާއި، ގާނޫނުގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ގާނޫނު ތަންފިޒުކުރާ އިދާރާއެއްގެ އެދުމަކަށް މުއާމަލާތެއް ހިންގާ ކޮންމެ ފަރާތަކަށް މި މާއްދާގެ ދަށުން އިމްތިޔާޒު ލިބިދެވޭނެއެވެ.

 

ހަވަނަ ބާބު

މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމަށް ޕްރޮގްރާމްތައް ހިންގުން

 

24 ވަނަ މާއްދާމަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމަށްޓަކައި ލައިސަންސް ލިބިފައިވާ ފަރާތްތަކުން ޕްރޮގްރާމްތައް ހިންގުން

(ހ) މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމަށްޓަކައި، ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުންވެސް އަންނަނިވި ކަންކަން ހިމެނޭގޮތުން އިންޓަރނަލް ޕްރޮގްރާމްތައް ރާވައި، ހިންގަންވާނެއެވެ.

  1. މުވައްޒަފުން އައްޔަންކުރުމަށް ގެންގުޅޭ އުސޫލުތައް ހަރުދަނާކުރުމަށްޓަކައި އިންޓަރނަލް ޕޮލިސީތަކާއި، އުސޫލުތަކާއި ކޮންޓްރޯލްތައް ގާއިމުކުރުމާއި، އެ އުސޫލުތަކަށް އަމަލުކުރެވޭތޯ ބެލުމަށް މެނޭޖްމަންޓުން ގޮތްތަކެއް ހަމަޖައްސައި އަދި އެފަރާތްތައް ސްކްރީންކުރާނެ ރަނގަޅު އުސޫލުތަކެއް ކަނޑައެޅުން؛
  2. ގާނޫނު އާއި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން  ތަންފީޒުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންގެންދޭތޯ ބެލުމަށާއި، އެ ފިޔަވަޅުތަކުގެ ހަރުދަނާކަން ދެނެގަތުމަށްޓަކައި އިންޓަރނަލް އޮޑިޓްތައް ކުރިއަށްގެންދިޔުން.
  3. ލައިސަންސް ލިބިފައިވާ ފަރާތުގެ ސިސްޓަމްތަކާއި ރިކޯޑުތަކުގެ ރައްކާތެރިކަން ޔަގީންކުރުމަށްޓަކައި އިންޓަރނަލް ކޮންޓްރޯލް ފިޔަވަޅުތައް ގާއިމުކުރުން.

(ށ) ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުން ވެސް އެ ފަރާތެއްގެ މުވައްޒަފުންނަށާއި އެ ފަރާތެއްގެ އެޖެންޓުންނަށް، އަންނަނިވި ކަންކަމުގެ ތަމްރީނު ދޭންވާނެއެވެ.

  1. ގާނޫނާއި މި ގަވާއިދާއި އަދި މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމަށް އެ ފަރާތުން އެކަށައަޅާފައިވާ ސިޔާސަތުތަކާއި އުސޫލުތައް.
  2. މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތާމެދު ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅު އަޅާނެ ގޮތްތަކާއި ކަސްޓަރމަރުންނާއި ބެނިފިށަރީތަކުގެ އައިޑެންޓިފިކޭށަން ހަދާނެ ގޮތްތައް.
  3. ށައްކުކުރެވޭ މުއާމަލާތްތައް ދެނެގަންނާނެ ގޮތްތަކާއި ރިޕޯޓުކުރާނެ ގޮތްތައް.
  4. މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމަށް ލައިސަންސް ލިބިފައިވާ ފަރާތުގެ މުވައްޒަފުންނާއި އޭޖެންޓުންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް.

(ނ) ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުން ވެސް، އެ ފަރާތްތަކުގެ ހަރަކާތްތައް ގާނޫނާއި މި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ހިންގުމަށްޓަކައި މެނޭޛްމަންޓް ފެންވަރުގައި ކޮމްޕްލަޔަންސް އޮފިސަރެއް ކަނޑައަޅާފައި ހުންނަންވާނެއެވެ. އަދި، އެ އޮފިސަރގެ ނަމާއި ގުޅޭނެ ނަންބަރު ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް އަންގަންވާނެއެވެ.

 

25 ވަނަ މާއްދާ – އިދާރީ ފިޔަވަޅު

(ހ) ލައިސަންސް ލިބިފައިވާ ފަރާތަކުން ނުވަތަ އެ ފަރާތެއްގެ ޑިރެކްޓަރެއް ނުވަތަ އޮފިސަރެއް ނުވަތަ މުވައްޒަފެއް މި ގަވާއިދާ ހިލާފުވެއްޖެނަމަ، ތިރީގައި ބަޔާންކޮށްފައިވާ އިދާރީ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް އެ ފަރާތަކާމެދު ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް އެޅިދާނެއެވެ.

  1. ހިލާފުވި ހިލާފުވުން ވަކި މުއްދަތެއްގެ ތެރޭގައި ރަނގަޅުކުރުމަށް ލިޔުމުން އެންގުން؛
  2. 10,000 (ދިހަހާސް) ރުފިޔާއާއި 500,000 (ފަސްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛
  3. ހިލާފުވި ހިލާފުވުން ރަނގަޅުކުރުމަށް ދެވޭ މުއްދަތުގައި އެކަމެއް ރަނގަޅުނުކޮށްފިނަމަ، އެކަމެއް ރަނގަޅުކުރަންދެން ހިނގާ ކޮންމެ ދުވަހަކަށް 10,000 (ދިހަހާސް) ރުފިޔާއާއި 100,000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.

(ށ) ލައިސަންސް ލިބިފައިވާ ފަރާތެއްގެ މައްޗަށް މި މާއްދާގެ (ހ) ގެ ދަށުން އަޅާ އިދާރީ ފިޔަވަޅު އޮތޯރިޓީން އާންމުކުރެވިދާނެއެވެ.

 

ހަތްވަނަ ބާބު

އިންތިގާލީ ކަންތައްތައް އަދި މާނަކުރުން

 

26 ވަނަ މާއްދާ – ގަވާއިދަށް އަމަލުކުރަންފަށާއިރު ތިބި މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތްތައް

ލައިސަންސް ލިބިފައިވާ ހުރިހާ ފަރާތްތަކުންވެސް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސް ދުވަހުގެ ތެރޭގައި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތާމެދު އަޅަންޖެހޭ ފަރުވާތެރިވުމުގެ ފިޔަވަޅުތައް، މި ގަވާއިދަށް އަމަލުކުރަން ފެށި އިރު ހުރި އެ ފަރާތުގެ ހުރިހާ މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތްތަކާ ގުޅޭ ގޮތުން، އަޅައި ފުރިހަމަކުރަންވާނެއެވެ.

 

27 ވަނަ މާއްދާ – މާނަކުރުން

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާނަމަ ނުވަތަ ތިރީގައި މާނަކޮށްފައިނުވާނަމަ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ލަފުޒުތަކާއި ނުވަތަ އިބާރާތްތަކުގެ މާނަ އަކީ އެ ލަފުޒުތަކަށް ނުވަތަ އިބާރާތްތަކަށް ގާނޫނުގައި ދީފައިވާ މާނައެވެ.

"އޭޖެންޓް" ކަމަށް ބުނެފައި އެވަނީ، ރަސްމީގޮތުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން، ލައިސަންސް ލިބިފައިވާ ފަރާތެއްގެ ޒިންމާއެއް ނުވަތަ މަސްއޫލިއްޔަތެއް އުފުލާ ތަބީއީ ނުވަތަ ގާނޫނީ ށަހުސަކަށެވެ.

"ބެނިށަލް އޯނަރ" ކަމަށް ބުނެފައި އެވަނީ، ގާނޫނުގައި ދީފައިވާ މާނައިގައެވެ.

"ވިޔަފާރީގެ ގުޅުން" ކަމަށް ބުނެފައި އެވަނީ، ވަކި މުއްދަތަކަށް ގުޅުން ދެމެހެއްޓޭނެ ކަމަށް، ގުޅުން ގާއިމުކުރެވޭ އިރު ބެލެވޭ، ލައިސަންސް ލިބިފައިވާ ފަރާތަކާއި އެ ފަރާތެއްގެ ކަސްޓަމަރާ ދެމެދު އޮންނަ ވިޔަފާރީގެ ނުވަތަ ފަންނީ ގުޅުމަށެވެ.

"ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓް" ނުވަތަ "ޔުނިޓް" ކަމަށް ބުނެފައި އެވަނީ، ގަނޫނުގެ 27 ވަނަ މާއްދާގެ ދަށުން ގައިމުކުރެވޭ ޔުނިޓަށެވެ.

"ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގަނޫނު ނަންބަރު 10/2014 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން    ހުއްޓުވުމުގެ ގާނޫނު) އަށެވެ.

"ލައިސަންސް ލިބިފައިވާ ފަރާތެއް" ކަމަށް މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބުނެފައިވާ މި ގަވާއިދަށް އަމަލުކުރަންޖެހޭ ފަރާތްތަކަށެވެ.

"ގާނޫނީ އެރޭންޖްމަންޓް" ކަމަށް ބުނެފައި އެވަނީ އެކްސްޕްރެސް ޓްރަސްޓް އާއި އެފަދަ އެހެން ވެސް ގާނޫނީ އެރޭންޖްމަންޓްތަކަށެވެ.

"މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ" ނުވަތަ "އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 6/1981 ( މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ) ގެ ގާނޫނުގެ ދަށުން ގާއިމުކޮށްފައިވާ އޮތޯރިޓީ އަށެވެ.

"އޮރިޖިނޭޓަރ" ކަމަށް ބުނެފައި އެވަނީ، އެ ފައިސާ ފޮނުވާ ފަރާތަށެވެ.

"ޕޮލިޓިކަލީ އެކްސްޕޯސްޑް ޕަރސަން" ކަމަށް ބުނެފައި އެވަނީ، ގާނޫނުގައި ދީފައިވާ މާނައިގައެވެ.

"ކުށް ކޮށްގެން ހޯދާފައިވާ މުދާ" ކަމަށް ބުނެފައި އެވަނީ، ގާނޫނުގައި ދެވިފައިވާ މާނައިގައެވެ.

"ސިންގަލް ޓްރާންސެކްށަން" ކަމަށް ބުނެފައި އެވަނީ، ވިޔަފާރީ ގުޅުމެއްގެ ބޭރުން ކުރާ މުއާމަލާތްތަކަށެވެ.

 

މައި ގާނޫނު

މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު (ގާނޫނު ނަންބަރު 2014-10)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު