-

ދިވެހިރާއްޖެއަށް އެތެރެކުރާ ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރާ ނަގުދު ފައިސާ ރިޕޯޓުކުރުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2024-37)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 19 މާރިޗު 2024 ގައި)

(މި ގަވާއިދުގެ 11 ވަނަ މާއްދާއިން ވަނީ ގަވާއިދު ނަންބަރު 2015-112 އުވާލެވިފައި)

 

1 ވަނަ މާއްދާ - ތައާރުފު

(ހ) މި ގަވާއިދަކ،ީ ގާނޫނު ނަންބަރު 2014-10 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު) ގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރާއްޖެއަށް އެތެރެކުރާ ފައިސާއާއި ރާއްޖެއިން ބޭރުކުރާ ފައިސާ ނުވަތަ ބެއަރަރ ނެގޯށިއަބަލް އިންސްޓްރުމަންޓުގެ މައުލޫމާތު ކަސްޓަމްސްއަށް ރިޕޯޓުކުރުމާއި، ރިޕޯޓުކުރުމަށް އޮންނަ މަސްއޫލިއްޔަތާ ހިލާފުވާ ފަރާތްތަކާމެދު އިދާރީ ފިޔަވަޅު އެޅޭނެ ގޮތުގެ އުސޫލުތަކާއި، ހިފެހެއްޓޭ ފައިސާއާމެދު އަމަލުކުރެވޭނެ އުސޫލުތައް ބަޔާންކުރުމުގެ ގޮތުން، އެ ގާނޫނުގެ 24 ވަނަ މާއްދާގެ (ޅ) އާއި 75 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ދިވެހިރާއްޖެއަށް އެތެރެކުރާ ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރާ ނަގުދު ފައިސާ ރިޕޯޓުކުރުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - ރިޕޯޓުކުރުން

(ހ) ކަސްޓަމްސްއަށް ރިޕޯޓުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކަނޑައަޅައިފައިވާ އަދަދު ނުވަތަ އެއަށްވުރެ މަތީ އަދަދެއްގެ ނަގުދު ފައިސާ ވައިގެމަގުން ނުވަތަ ކަނޑުގެމަގުން ނުވަތަ ކުރިއަރ ސަރވިސް މެދުވެރިކޮށް ނުވަތަ ޕޯސްޓް މެދުވެރިކޮށް ނުވަތަ އެހެންވެސް ގޮތަކުން،އެއްވެސް ފަރާތަކުން ދިވެހިރާއްޖެއަށް އެތެރެކުރާނަމަ ނުވަތަ ރާއްޖެއިން ބޭރުކުރާނަމަ،ކަސްޓަމްސްއިން ކަނޑައަޅާ ފޯމު ނުވަތަ ކަސްޓަމްސްއިން ކަނޑައަޅާ ފޯމެޓާ އެއްގޮތަށް ފުރިހަމަކޮށްފައިވާ އޮންލައިން އެޕްލިކޭށަން މެދުވެރިކޮށް ކަސްޓަމްސްއަށް އެކަން ރިޕޯޓު ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކަސްޓަމްސްއަށް ރިޕޯޓު ކުރަންޖެހޭ އަދަދަށް ފައިސާ ރާއްޖެއަށް އެތެރެކުރަނީ ނުވަތަ ރާއްޖެއިން ބޭރުކުރަނީ މާލީ އިދާރާއަކުންނަމަ، އެ ފައިސާ އެތެރެކުރުމުގެ ނުވަތަ ބޭރުކުރުމުގެ ކުރިން އެ އިދާރާއަކުން އެތެރެކުރާ ނުވަތަ ބޭރުކުރާ ފައިސާގެ އަދަދާއި، ފައިސާގެ ޑިނޯމިނޭށަންތަކާއި، ކޮން ގައުމެއްގެ ފައިސާއެއްކަމާއި، އެ ފައިސާ އެތެރެކުރާ ބޭނުމާއި، އެ ފައިސާ ބޭރުކުރާ ބޭނުމާއި، އެތެރެކުރާ ގޮތާއި ބޭރުކުރާ ގޮތް ލިޔުމުން ކަސްޓަމްސްއަށް އަންގަންވާނެއެވެ. މި ލިޔުމާއެކު، އެ ފައިސާ ރާއްޖެއަށް އެތެރެކުރާކަން ނުވަތަ ރާއްޖެއިން ބޭރުކުރާކަން، ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓުން ކަނޑައަޅާ ގޮތަކަށް އެންގިކަން އެނގޭނެ ލިޔުމެއްގެ ކޮޕީ ހުށަހަޅަންވާނެއެވެ.

(ނ) މާލީ އިދާރާއަކުން އެތެރެކުރާ ފައިސާ ނުވަތަ ބޭރުކުރާ ފައިސާ އެތެރެކުރަނީ ނުވަތަ ބޭރުކުރަނީ ފަރުދެއްގެ ހަވާލުގައިނަމަ، މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ލިޔުންތަކާއި، މާލީ އިދާރާއިން އެ ފަރުދެއްގެ ހަވާލުގައި ފައިސާ އެތެރެކުރާކަން ނުވަތަ ބޭރުކުރާކަން އަންގައިދޭ ލިޔުމެއް ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ރިޕޯޓުކުރަންޖެހޭ ބޭރުފައިސާގެ އެކްސްޗޭންޖް ރޭޓުކަމުގައި ބަލާނީ، އެ ފައިސާއެއް ރާއްޖެއަށް އެތެރެކުރާ ނުވަތަ އެ ފައިސާއެއް ރާއްޖެއިން ބޭރުކުރާ ވަގުތު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކަނޑައަޅައިފައިވާ ރޭޓެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތަށް އެކްސްޗޭންޖް ރޭޓް އާންމުކޮށްފައިނުވާ ފައިސާއެއްނަމަ، އެ ފައިސާއެއްގެ އެކްސްޗޭންޖް ރޭޓްކަމުގައި ބަލާނީ، ބާޒާރުގައި އެ ފައިސާ އެކްސްޗޭންޖްކުރެވޭ ރޭޓަށް ރިއާޔަތްކޮށްގެންނެވެ. 

 

3 ވަނަ މާއްދާ - ރިޕޯޓުކުރަންޖެހޭ ވަގުތު

(ހ) ވައިގެ މަގުން ދިވެހިރާއްޖެއިން ފުރާ ފަރުދެއްނަމަ، ރާއްޖެއިން ފުރުމަށް ޓަކައި އެއަރލައިންގެ ޗެކިންގ ކައުންޓަރުން ބޯޑިންގ ޕާސް ދޫކުރުމުގެ ކުރިން، އެ ފަރާތުގެ އަތުގައި ހުރި،މި ގަވާއިދުގެ ދަށުން ރިޕޯޓު ކުރަންޖެހޭ ފައިސާ ކަސްޓަމްސްއަށް ރިޕޯޓު ކުރަންވާނެއެވެ.

(ށ) ކަނޑުގެ މަގުން ދިވެހިރާއްޖެއިން ފުރާ ފަރުދެއްނަމަ، ރާއްޖެއިން ފުރުމަށް ޓަކައި ކަސްޓަމްސްއިން އެ އުޅަނދަކަށް އައުޓްވާރޑް ކްލިއަރެންސް ދިނުމުގެ ކުރިން، އެ ފަރާތުގެ އަތުގައި ހުރި، މި ގަވާއިދުގެ ދަށުން ރިޕޯޓު ކުރަންޖެހޭ ފައިސާ ކަސްޓަމްސްއަށް ރިޕޯޓު ކުރަންވާނެއެވެ.

(ނ) ވައިގެ މަގުން ރާއްޖެއަށް އަންނަ ފަރުދެއްނަމަ، ރާއްޖެއަށް އެތެރެވުމަށް ޓަކައި ކަސްޓަމްސްގެ ޗެކިންގ ފެށުމުގެ ކުރިން ނުވަތަ ގްރީން ޗެނަލް އިހްތިޔާރު ކުރުމުގެ ކުރިން، އެ ފަރާތުގެ އަތުގައި ހުރި، މި ގަވާއިދުގެ ދަށުން ރިޕޯޓު ކުރަންޖެހޭ ފައިސާ ކަސްޓަމްސްއަށް ރިޕޯޓު ކުރަންވާނެއެވެ.

(ރ) ކަނޑުގެ މަގުން ދިވެހިރާއްޖެއަށް އަންނަ ފަރުދެއްނަމަ، ރާއްޖެއަށް އެތެރެވުމަށް ޓަކައިކަސްޓަމްސްއިން އެ އުޅަނދަކަށް އިންވާރޑް ކްލިއަރެންސް ދިނުމުގެ ކުރިން އެ ފަރާތުގެ އަތުގައި ހުރި، މި ގަވާއިދުގެ ދަށުން ރިޕޯޓު ކުރަންޖެހޭ ފައިސާ ކަސްޓަމްސްއަށް ރިޕޯޓު ކުރަންވާނެއެވެ.

(ބ) ޕޯސްޓް ނުވަތަ ކުރިއަރ ނުވަތަ ކާގޯ މެދުވެރިކޮށް ރާއްޖެއަށް ގެންނަ ނުވަތަ ފޮނުވާ ފައިސާއެއްނަމަ، އެ ދާގީނާއެއް ނުވަތަ އެ ކޮންސައިންމެންޓެއް އެއްވެސް މަރުހަލާއެއްގައި ކަސްޓަމްސްއިން ބަލައި ފާސްކުރުމުގެ ކުރިން އެ ފައިސާ ފޮނުވާ ނުވަތަ އެ ފައިސާ ގެންނަ ފަރާތުން ކަސްޓަމްސްއަށް ރިޕޯޓުކުރަންވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި ކަސްޓަމްސްއަށް ރިޕޯޓުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކަނޑައަޅައިފައިވާ އަދަދު ނުވަތަ އެއަށްވުރެ މަތީ އަދަދެއްގެ ނަގުދު ފައިސާ ހުރިކަމަށް ޕޯސްޓުގެ ނުވަތަ ކުރިއަރ ސަރވިސްގެ ހިދުމަތްދޭ ފަރާތްތަކަށް އެނގޭ ހާލަތުގައި، އެ މައުލޫމާތު ކަސްޓަމްސްއާ ހިއްސާކުރަންވާނެއެވެ.

 

4 ވަނަ މާއްދާ - ފައިސާ ހިފެހެއްޓޭނެ ހާލަތްތައް

(ހ) ރާއްޖެއަށް އެތެރެކުރާ ނަގުދު ފައިސާ ނުވަތަ ރާއްޖެއިން ބޭރުކުރާ ނަގުދު ފައިސާ، މި ގަވާއިދާ އެއްގޮތަށް ރިޕޯޓު ކޮށްފައި ނުވާނަމަ، އަންނަނިވި ހާލަ ތްތަކުގައި ކަސްޓަމްސްއަށް ހިފެހެއްޓިދާނެއެވެ. މިގޮތަށް ހިފެހެއްޓުމުގައި އެ ފައިސާ އެތެރެކުރަން ނުވަތަ އެ ފައިސާ ބޭރުކުރަން އުޅުނު ފަރާތާއި އެ ފަރާތުގެ ބެލުމުގެ ދަށުގައިވާ ތަކެތި ކަސްޓަމްސްއަށް ބަލައި ފާސްކުރެވިދާނެއެވެ. އަދި ހިފެހެއްޓޭ ފައިސާއަކީ ކޮންގޮތަކުން ހޯދުނު އެއްޗެއްކަމާމެދު އެ ފަރާތާ ސުވާލުކުރެވޭ ހިނދު، އެ ފައިސާއާބެހޭ ނުވަތަ ތަކެއްޗާބެހޭ ސައްހަ މައުލޫމާތު ބަޔާންކޮށް، އެ ފައިސާގެ ނުވަތަ އެ ތަކެތީގެ އަސްލު އެނގޭނެ މައުލޫމާތު ހުށަހެޅުމަކީ އެ ފަރާތެއްގެ މައްޗަށް ލާޒިމު ކަމެކެވެ.

  1. ރިޕޯޓުކުރަންޖެހި ރިޕޯޓުކޮށްފައި ނުވާ ފައިސާއަކީ ނުވަތަ ރިޕޯޓުކޮށްފައިވާ ފައިސާއަކީ މަނީލޯންޑްރިންގގެ އަމަލަކާ ނުވަތަ ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ އަމަލަކާ ގުޅުންހުރި ފައިސާކަމަށް ށައްކުކުރެވުން؛
  2. މި ގަވާއިދުގެ ދަށުން ރިޕޯޓުކުރަންޖެހޭ ފައިސާ ރިޕޯޓުނުކޮށް ހުއްޓައި، ކަސްޓަމްސްގެ ނުވަތަ އެހެން އިދާރާއެއްގެ ޗެކިންގ މަރުހަލާގައި ފެނުން؛
  3. މި ގަވާއިދުގެ ދަށުން ރިޕޯޓުކުރަންޖެހޭ ފައިސާ ރިޕޯޓުކުރުމުގައި ރަނގަޅުނޫން މައުލޫމާތު ދިނުން؛
  4. މި ގަވާއިދުގެ ދަށުން ރިޕޯޓުކުރަންޖެހޭ ފައިސާ ރިޕޯޓުކުރުމުގައި އެ މީހަކާ ސުވާލުކުރެވޭ ހިނދު، އެ ފައިސާއާބެހޭ މައުލޫމާތު ބަޔާންކޮށް ނުދެވުން ނުވަތަ ބަޔާންކޮށްދިނުމަށް އިންކާރުކުރުން؛
  5. މާލީ އިދާރާއަކުން އެތެރެކުރާ ފައިސާގެ ނުވަތަ ބޭރުކުރާ ފައިސާގެ މައުލޫމާތު ރިޕޯޓުކުރުމުގައި، މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ށ) އާއި (ނ) ގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތަށް އަމަލުކޮށްފައި ނުވުން؛
  6. ކޮންސީލްކުރުމުގެ ނުވަތަ ފޮރުވުމުގެ ނުވަތަ އޮޅުވައިލުމުގެ ބޭނުމަށް ވަކިގޮތަކަށް ފައިސާ ފޮރުވައިފައި ހުރުން.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކަސްޓަމްސްއިން ހިފަހައްޓާ ފައިސާ ހިފެހެއްޓުމާއެކު، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ “RECEIPT SEIZURE CURRENCY“، އެ ފައިސާއެތެރެކުރަން އުޅުނު ނުވަތަ އެ ފައިސާ ބޭރުކުރަން އުޅުނު ފަރާތަށް ހަވާލުކުރަންވާނެއެވެ. އެއްވެސް ހާލަތެއް މެދުވެރިވެގެން މި ލިޔުން ވަގުތުން ހަވާލުކުރެވެން ނެތް ހާލަތެއް މެދުވެރިވެއްޖެނަމަ، ގިނަވެގެން، ރަސްމީ ބަންދުނޫން 1 )އެކެއް( ދުވަހުގެ ތެރޭގައި، އެ ފައިސާ އެތެރެކުރަން ނުވަތަ އެ ފައިސާ ބޭރުކުރަން އުޅުނު ފަރާތަށް އަންނަނިވި ގޮތަކުން ރައްދު ކުރަންވާނެއެވެ.

  1. އެ ފަރާތުގެ ދާއިމީ އެޑްރެސްކަމަށް ނުވަތަ ދިރިއުޅޭ އެޑްރެސްކަމަށް ކަސްޓަމްސްއަށް އެންމެ ފަހުން އަންގައިފައިވާ އެޑްރެހަށް ރަޖިސްޓަރޑް ޕޯސްޓުން ފޮނުވުން؛
  2. އެ ފަރާތުން މުއާމަލާތުކުރުމަށް ދީފައިވާ އ-ީމެއިލް އެޑްރެހަށް ނުވަތަ މޯބައިލް ފޯނު ނަންބަރަށް ފޮނުވުން؛
  3. އެ ފަރާތުން މުއާމަލާތުކުރުމަށް ދީފައިވާ އެހެން އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް ފޮނުވުން.

 

5 ވަނަ މާއްދާ - ފިޔަވަޅު އެޅުމާއި، ހިފަހައްޓާ ފައިސާއާމެދު އަމަލުކުރާނެ ގޮތް

(ހ)  މި ގަވާއިދުގެ ދަށުން ހިފެހެއްޓޭ ފައިސާއަކީ މަނީލޯންޑްރިންގގެ އަމަލަކާ ނުވަތަ ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ އަމަލަކާ ގުޅުންހުރި ފައިސާކަމަށް ށައްކުކުރެވޭނަމަ، ނުވަތަ އެއީ ރާއްޖެއިން ސިއްރުން އެތެރެކުރަން އުޅުނު ނުވަތަ ސިއްރުން ބޭރުކުރަން އުޅުނު ފައިސާކަމަށް ށައްކުކުރެވޭނަމަ، އެ މައްސަލައިގައި ހިމެނޭ އެންމެހައި ނަގުދު ފައިސާ ހިފެހެއްޓުމަށްފަހު، އެ މައްސަލަ ކަސްޓަމްސްއިން ތަހުގީގު ކުރަންވާނެއެވެ. އެ މައްސަލައިގައި ކަން ހިނގައިފައިވާ ގޮތަށް ރިއާޔަތްކޮށް ކަސްޓަމްސްއާއި ދިވެހި ފުލުހުންގެ ހިދުމަތާ ގުޅިގެން ޖޮއިންޓް ތަހުގީގެއް ކުރުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.

(ށ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރާއި، (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި، ފުރަތަމަ ފަހަރު، އެ މީހެއްގެ އަތުން ފެނުނު ފައިސާގެ %25 (ފަންސަވީސް އިންސައްތަ) އިން އެ މީހަކު ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެކަން ތަކުރާރުކުރާ ދެވަނަ ފަހަރު، އެ މީހެއްގެ އަތުން ފެނުނު ފައިސާގެ %50 (ފަންސާސް އިންސައްތަ) އިން އެ މީހަކު ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެކަން ތަކުރާރުކުރާ ތިންވަނަ ފަހަރު، އެ މީހެއްގެ އަތުން ފެނުނު ހުރިހާ ފައިސާއެއް ކަސްޓަމްސްއަށް  ނެގޭނެއެވެ. މި މާއްދާގެ ބޭނުމަށް ޓަކައި ކުށް ތަކުރާރުކުރުން ކަމަށް ބެލެވޭނީ، މީލާދީގޮތުން 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި އެ ކުށް އަލުން ކޮށްފިނަމައެވެ. އަދި އެ ފައިސާ އެތެރެކުރަން އުޅުނު ފަރާތުން، ނުވަތަ އެ ފައިސާ ބޭރުކުރަން އުޅުނު ފަރާތުން، އެ ފައިސާ ހިފެހެއްޓި ވަގުތުން ފެށިގެން 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި ދިވެހި ރުފިޔާއިން ޖޫރިމަނާ ދައްކަންވާނެއެވެ.

(ނ) މި ގަވާއިދުގެ ދަށުން ހިފެހެއްޓޭ ފައިސާއަކީ ދިވެހިރާއްޖޭގެ ގާނޫނުތަކާ އެއްގޮތަށް ސައްހަގޮތުގައި ހޯދި ފައިސާކަން ސާބިތުކޮށްދިނުމުގެ ޒިންމާ އުފުލަންޖެހޭނީ، އެ ފައިސާ އެތެރެކުރި ފަރާތުން، ނުވަތަ ބޭރުކުރި ފަރާތުން، ނުވަތަ އެތެރެކުރަން އުޅުނު ފަރާތުން، ނުވަތަ ބޭރުކުރަން އުޅުނު ފަރާތުންނެވެ.

(ރ) މި ގަވާއިދުގެ ދަށުން ހިފަހައްޓާ ފައިސާއަކީ ސައްހަގޮތުގައި ހޯދި ފައިސާކަން ސާބިތުކޮށްދިނުމުގެ ގޮތުން ލިޔުން ނުވަތަ ހެކި ހުށަހެޅުމަށް އެ ފައިސާ އެތެރެކުރި ފަރާތަށް، ނުވަތަ ބޭރުކުރި ފަރާތަށް، ނުވަތަ އެތެރެކުރަން އުޅުނު ފަރާތަށް، ނުވަތަ ބޭރުކުރަން އުޅުނު ފަރާތަށް، އެ ފައިސާ ހިފެހެއްޓި ވަގުތުން ފެށިގެން 48 (ސާޅީސް އަށެއް) ގަޑިއިރު ދޭންވާނެއެވެ. މިގޮތުން ކަސްޓަމްސްއިން ދޭ މުއްދަތުގައި ހުށަހަޅަންޖެހޭ ލިޔުން ނުވަތަ ހެކި ހުށަނޭޅޭ ފަދަ މަގުބޫލު ސަބަބެއް އޮތްނަމަ، އެކަން ލިޔުމުން ހުށަހެޅުމުން، އެ ސަބަބަކީ ކަސްޓަމްސްއަށް ގަބޫލުކުރެވޭ ސަބަބެއްނަމަ، ދެވަނަ ފަހަރަށް 48 (ސާޅީސް އަށެއް) ގަޑިއިރުގެ މުއްދަތެއް އިތުރު ކޮށްދެވިދާނެއެވެ.

(ބ) މި މާއްދާގެ (ރ) ގެ ދަށުން ކަސްޓަމްސްއިން ކަނޑައަޅާ މުއްދަތުގައި ނުވަތަ އިތުރުކޮށްދޭ މުއްދަތުގައި ފައިސާއަކީ ސައްހަ ފައިސާކަން އެނގޭނެ ލިޔުން ނުވަތަ ހެކި ހުށަހަޅައިފައި ނުވާނަމަ، އެއީ ސައްހަގޮތުގައި ހޯދައިފައިވާ ފައިސާ ނޫންކަމަށް ބަލައި، ކޯޓު އަމުރެއްގެ ދަށުން އެ ފައިސާ ދައުލަތަށް ނެގުމުގެ ބާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ.

(ޅ) ފައިސާ އެތެރެކުރަން އުޅުނު ނުވަތަ ބޭރުކުރަން އުޅުނު މާލީ އިދާރާއިން، މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ށ) އާއި (ނ) ގައި ބަޔާންކޮށްފައިވާ ގޮތަށް ކަސްޓަމްސްއަށް އެކަން އަންގައިފައި ނުވާނަމަ، އެ މާލީ އިދާރާއަކަށް ފުރަތަމަ ފަހަރު ލިޔުމުން އިންޒާރުދ،ީ މި ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް އަންގަންވާނެއެވެ. އަދި 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި އެ ކުށް ތަކުރާރުކޮށްފިނަމަ، ފުރަތަމަ ފަހަރު، 10,000 (ދިހަހާސް) ރުފިޔާއިން ޖޫރިމަނާކޮށް، ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު 10,000 (ދިހަހާސް) ރުފިޔާ އިތުރުވާ ގޮތަށް ޖޫރިމާނާ ކުރެވޭނެއެވެ.

(ކ) މި މާއްދާގެ (ރ) އާއި (ބ) ގައި ބަޔާންކޮށްފައިވާ ފަދައިން ދައުލަތަށް ފައިސާ ނެގޭ ހާލަތް ފިޔަވައި، މި ގަވާއިދުގެ ދަށުން ހިފެހެއްޓޭ ފައިސާއަކީ މަނީލޯންޑްރިންގގެ އަމަލަކާ ނުވަތަ ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ އަމަލަކާ ގުޅުންހުރި ފައިސާއެއް ނޫންކަމަށް ކަސްޓަމްސްއަށް ގަބޫލުކުރެވޭނަމަ، އެކަން ކަނޑައަޅާ ދުވަހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެކަމާ ގުޅިގެން ފުރިހަމަކުރަންޖެހޭ އިދާރީ ކަންކަންފުރިހަމަކުރުމަށްފަހު، އެ ފައިސާ އެތެރެކުރަން އުޅުނު ފަރާތަށް، ނުވަތަ ބޭރުކުރަން އުޅުނު ފަރާތަށް، ނުވަތަ އެ ފަރާތުން އައްޔަނުކުރާ ފަރާތަކަށް އަނބުރާ ހަވާލުކުރަންވާނެއެވެ. މިގޮތުން ފައިސާ ދޭންޖެހޭ ހާލަތުގައި، އެ ފައިސާއެއް ދޭންވާނީ، މި މާއްދާގެ (ށ) ގެ ދަށުން ކުރާ ޖޫރިމަނާގެ ފައިސާ އެއްކޮށް ދައްކައިފައި ނުވާނަމަ، އެ ޖޫރިމަނާއަކަށްވާ މިންވަރު އުނިކުރުމަށްފަހު ބާކީ ހުންނަ ފައިސާއެވެ.

(އ) މި މާއްދާގެ (ކ) ގައިވާ ގޮތަށް ހިފެހެއްޓޭ ފައިސާގެ ތެރެއިން އަނބުރާ ދޭންޖެހޭ ފައިސާ ބަލައި އައުމަށް އަންގާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 30 (ތިރީސް) ދުވަހުގެ ތެރޭގައި ނުގެންގޮސް ހުންނަ ފައިސާ، ކޯޓު އަމުރެއްގެ ދަށުން ދައުލަތަށް ނެގުމުގެ ބާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ.

 

6 ވަނަ މާްދާ - އެހެނިހެން އިދާރާތަކުގެ ޒިންމާ

(ހ) މި ގަވާއިދު 3 ވަނަ މާއްދާގައި ރިޕޯޓުކުރަންޖެހޭ ވަގުތުކަމަށް ކަނޑައަޅައިފައިވާ ވަގުތު ފަހަނަޅައިފައިވަނިކޮށް، ރާއްޖެއަށް އަންނަ ނުވަތަ ރާއްޖެއިން ފުރާ ފަރުދެއްގެ އަތުން މި ގަވާއިދުގެ ދަށުން ރިޕޯޓު ކުރަންޖެހޭ ފައިސާއެއް ރިޕޯޓުނުކޮށް ހުއްޓައި އެހެން އެއްވެސް އިދާރާއަކަށް ފެނިއްޖެނަމަ، ވީ އެންމެ އަވަހަކަށް އެކަން ކަސްޓަމްސްއަށް އަންގަންވާނެއެވެ. 

(ށ) މި މާއްދާގެ (ހ) ގައިވާ ހާލަތުގައި އެ އިދާރާއަކުން ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަކުރުމަށްފަހު އެ މައްސަލައިގައި ހިމެނޭ ފައިސާއާއި މީހުން ލަސްނުކޮށް ކަސްޓަމްސްއާހަވާލުކުރަންވާނެއެވެ. 

 

7 ވަނަ މާއްދާ - ބަނދަރު ހިންގާ ފަރާތުގެ މަސްއޫލިއްޔަތު

މި ގަވާއިދު ކަސްޓަމްސްއިން ފުރިހަމައަށް ތަންފީޒު ކުރުމަށް ބޭނުންވާނެ އިންތިޒާމުތައް ހަމަޖައްސައިދިނުމަކީ ބަނދަރު ހިންގާ ފަރާތުގެ މަސްއޫލިއްޔަތެކެވެ. އެގޮތުން މި ގަވާއިދަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ބައިނަލްއަގުވާމީ ބަނދަރުތަކުގައި ކަސްޓަމްސްއިން ކަނޑައަޅާ ތަންތަނުގައި ކަސްޓަމްސްއިން ކަނޑައަޅާ ބަސްތަކުން އިރުށާދުގެ ސައިންބޯޑުތަކާއި ފައިސާ ރިޕޯޓު ކުރުމަށް ހާއްސަ ކައުންޓަރުތައް ބަހައްޓަންވާނެއެވެ.

 

8 ވަނަ މާއްދާ - ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް މައުލޫމާތު ފޮނުވުން

މި ގަވާއިދުގެ ދަށުން ކަސްޓަމްސްއަށް ރިޕޯޓުކުރާ ފައިސާގެ މައުލޫމާތާއި، މި ގަވާއިދުގެ ދަށުން ކަސްޓަމްސްއިން އިދާރީ ފިޔަވަޅު އަޅާ މައްސަލަތަކާއި، ތަހުގީގުކުރާ މައްސަލަތަކުގެ މައުލޫމާތ،ު އެންމެ ލަސްވެގެން ސަރުކާރު ބަންދުނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި ކަސްޓަމްސްއިން ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ރިޕޯޓުކުރަންވާނެއެވެ.

 

9 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި ބަޔާންކޮށްފައިވާ އަންނަނިވި ލަފުޒުތަކަށް ދީފައިވަނީ، ތިރީގައިވާ އަކުރުތަކުގައި ބަޔާންކޮށްފައިވާ މާނައެވެ.

(ހ) "ފައިސާ" ކަމަށް ބުނެފައި އެވަނީ، ނަގުދު ފައިސާ ނުވަތަ ބެއަރަރ ނެގޯށިއަބަލް އިންސްޓްރުމަންޓަށެވެ.

(ށ) "ކަސްޓަމްސްއަށް ރިޕޯޓުކުރުން" ކަމަށް ބުނެފައި އެވަނީ، ރިޕޯޓުކުރުމަށް ކަސްޓަމްސްއިން ކަނޑައަޅާ ފޯމު ނުވަތަ ކަސްޓަމްސްއިން ކަނޑައަޅާ ފޯމެޓާ އެއްގޮތަށް ފުރިހަމަކޮށްފައިވާ އެޕްލިކޭށަން ފުރިހަމަކުރުމަށްފަހު ކަސްޓަމްސްއަށް ހުށަހެޅުމަށެވެ.

(ނ) "ކަސްޓަމްސް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2011-08 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނު) އިން އުފައްދައިފައިވާ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށެވެ.

(ރ) "ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2014-10 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު) ގެ 27 ވަނަ މާއްދާގެ ދަށުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި އުފައްދައިފައިވާ ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށެވެ.

(ބ) "ބަނދަރު ހިންގާ ފަރާތް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2011-08 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނު) ގެ 58 ވަނަ މާއްދާއާއި، ގަވާއިދު ނަންބަރު 2011-41 (ކަސްޓަމްސްގެ އާންމު ގަވާއިދު) ގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބަނދަރު ހިންގާ ފަރާތަށެވެ.

(ޅ) "ޑިނޯމިނޭށަން" ކަމަށް ބުނެފައި އެވަނީ، ފައިސާގެ ގޮތުގައި މުއާމަލާތުކުރެވޭ މޫނުމަތީ އަގު ބަޔާންކޮށްފައިވާ ފައިސާގެ ނޫޓަށާ އި ފައިސާ ފޮއްޗަށެވެ.

 

10 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފަށާއިރު، ގަވާއިދު ނަންބަރު 2015-112 (ދިވެހިރާއްޖެއަށް އެތެރެކުރާ ނުވަތަ ބޭރުކުރާ ނަގުދު ފައިސާ ރިޕޯޓުކުރުމުގެ ގަވާއިދު) ގެ ދަށުން ހިފެހެއްޓިފައިވާ ފައިސާއާ ގުޅިގެން ތަހުގީގު ކުރަމުންދާ ނުވަތަ ށަރީއަތް ހިނގަމުންދާ މައްސަލަތަކަށް މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުތައް ހިނގާނެއެވެ. 

 

11 ވަނަ މާއްދާ - އުވައިލެވޭ ގަވާއިދު

މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ގަވާއިދު ނަންބަރު 2015-112 (ދިވެހިރާއްޖެއަށް އެތެރެކުރާ ނުވަތަ ބޭރުކުރާ ނަގުދު ފައިސާ ރިޕޯޓުކުރުމުގެ ގަވާއިދު) އުވުނީއެވެ.

 

ޖަދުވަލު 1

 

އުވި ގަވާއިދު

ދިވެހިރާއްޖެއަށް އެތެރެކުރާ ނުވަތަ ބޭރުކުރާ ނަގުދު ފައިސާ ރިޕޯޓްކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2015-112)

 

މައި ގާނޫނު

މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު (ގާނޫނު ނަންބަރު 2014-10)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު