-

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2010-17)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގާނޫނަކީ، މީސްމީހުންގެ ފުރާނައާއި ހަށިގަނޑާއި މުދަލަށް ގެއްލުން ލިބޭގޮތަށް، ނުވަތަ ގެއްލުމެއް ލިބިދާނެ ފަދަ ގޮތަކަށް، ތޫނު އެއްޗެއްސާއި ހަތިޔާރު ފަދަ ތަކެތި ގެންގުޅުމާއި، މީސްމީހުންނަށް ބިރުދައްކައި، އިންޒާރުދީ ހެދުމާއި، މިފަދަ ކަންކަން ކުރުން މަނާކުރުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ "ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - ބިރުދެއްކުން

(ހ) މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ނުވަތަ އާއިލާގެ މެންބަރަކަށް ނުވަތަ ތިމާގެ ބެލެނިވެރިކަމުގެ ދަށުގައިވާ މީހަކަށް ގެއްލުމެއް ދީފާނެކަމުގެ ބިރުދެއްކުމަކީ ނުވަތަ އިންޒާރުދިނުމަކީ ކުށެކެވެ.

(ށ) މީހެއްގެ ގެދޮރަށް ނުވަތަ މުދަލަށް ނުވަތަ އޭނާގެ ބެލުމުގެ ދަށުގައިވާ ތަނަކަށް ނުވަތަ އެއްޗަކަށް ނުވަތަ ފުރާ ދުއްވާ އުޅަނދަކަށް ނުވަތަ އެއްގަމު އުޅަނދަކަށް ގެއްލުމެއް ދީފާނެކަމުގެ ބިރުދެއްކުމަކީ ނުވަތަ އިންޒާރުދިނުމަކީ ކުށެކެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބުނާފަދަ ކަމެއް ހިންގާނެ ކަމުގެ އިންޒާރުދިނުމަށްފަހު ނުވަތަ އިންޒާރެއް ދިނުމަކާނުލައި ވިޔަސް އެފަދަ ކަމެއް އަމަލީ ގޮތުން ކުރުމަކީ ނުވަތަ ކުރަން އުޅުމަކީ ކުށެކެވެ.

(ރ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ 6 (ހައެއް) މަސްދުވަހާއި 18 (އަށާރަ) މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

(ބ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ 3 (ތިނެއް) އަހަރުދުވަހާއި 7 (ހަތެއް) އަހަރުދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

(ޅ) މި މާއްދާގެ (ހ)، (ށ) އަދި (ނ) ގައި ބަޔާންކުރާ ކުށެއް ކުރުމުގައި ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްފިނަމަ، މި މާއްދާގެ (ރ) އަދި (ބ) ގައި ބަޔާންކޮށްފައިވާ އަދަބުގެ ތެރެއަށް، 1 (އެކެއް) އަހަރުދުވަހާއި 3 (ތިނެއް) އަހަރުދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމުގެ އުގޫބާތް އިތުރުކުރެވޭނެއެވެ.

 

3 ވަނަ މާއްދާ - ތޫނު އެއްޗެހި ގެންގުޅުމާއި ބެހެއްޓުން

(ހ) މަގުބޫލު ސަބަބެއް ނެތި، އެއްވެސް ބާވަތެއްގެ ނުރައްކާތެރި ހަތިޔާރެއް ނުވަތަ ތޫނު އެއްޗެއް އާންމު ތަނެއްގައި ގެންގުޅުމަކީ ކުށެކެވެ. 

(ށ) އާންމު ތަނެއް ފިޔަވައި އެހެން ތަނެއްގައި، މަގުބޫލު ސަބަބެއް ނެތި ނުރައްކާތެރި ހަތިޔާރެއް ނުވަތަ ތޫނު އެއްޗެއް ބެހެއްޓުމަކީ ކުށެކެވެ. 

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ 6 (ހައެއް) މަސްދުވަހާއި 12 (ބާރަ) މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

(ރ) މި މާއްދާގެ (ހ) ގައި ބުނާފަދަ އެއްޗެއް ގެންގުޅެފައިވަނީ އާންމު ތަންތަނުގެ ތެރެއިން ސްކޫލްތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނާއި މިސްކިތްތަކާއި ދައުލަތުގެ އިމާރާތްތަކާއި އެކިއެކި ހަފުލާތަކާއި ތަފާތު މުނާސަބަތުތަކާ ގުޅިގެން މީހުން އެއްވެއުޅޭ ތަންތަނާއި ސިޔާސީ ޕާޓީތަކުގެ ބައްދަލުވުންތައް ބާއްވާ ތަންތަނުގައާއި އާންމު ދަތުރުފަތުރުކުރާ ބަސް، ފެރީފަދަ ގިނަމީހުން ދަތުރުކުރާ އުޅަނދުފަހަރުގައި ކަމުގައި ވާނަމަ، މި މާއްދާގެ (ނ) ގައި ބުނާ އަދަބުގެ ތެރެއަށް 1 (އެކެއް) އަހަރުދުވަހާއި 3 (ތިނެއް) އަހަރުދުވަހާ ދެމެދުގެ މުއްދަތެއްގެ އުގޫބާތް އިތުރުކުރެވޭނެއެވެ.

(ބ) މި މާއްދާގެ (ހ) އަދި (ށ) ގެ ބޭނުމަށްޓަކައި "މަގުބޫލު ސަބަބެއް" ކަމުގައި ބެލެވޭނީ އަންނަނިވި ބޭނުމަކުން ކުރެ ބޭނުމަކަށްޓަކައި އެ އެއްޗެއް ގެންގުޅޭ ހާލަތުގައެވެ.

  1. މަސައްކަތުގެ ބޭނުމަށް؛ ނުވަތަ
  2. އާންމު ދިރިއުޅުމުގެ ބޭނުންތަކަށް.

 

(ޅ) އެއްވެސް ތަނެއްގައި ނުރައްކާތެރި ހަތިޔާރެއް ނުވަތަ ތޫނު އެއްޗެއް ބަހައްޓާފައިވަނިކޮށް ފެނިގެން ހިންގޭ ތަހުގީގެއްގައި އެފަދަ އެއްޗެއް ފެނުނު ތަނެއްގެ ވެރިމީހާ ނުވަތަ އެތަނަކާ އެއިރަކު ހަވާލުވެގެން އުޅޭ މީހަކު ނުވަތަ ބަޔަކު ޒިންމާ އުފުލަންޖެހޭނީ އެމީހަކަށް ނުވަތަ އެބަޔަކަށް އެނގިހުރެ އަންނަނިވި ކަންކަމުންކުރެ ކަމެއް އޭނާ ނުވަތަ އެބަޔަކު ކުރާ ހާލު އެކަންޏެވެ.

  1. އެ އެއްޗަކީ އެ އެއްޗެއް ފެނުނު ތަނެއްގެ ވެރިމީހާ ނުވަތަ އެތަނަކާ އެއިރަކު ހަވާލުވެގެން އުޅޭ މީހަކު ނުވަތަ ބަޔަކު ހޯދި ނުވަތަ ބަލައިގެން އެއްޗަކަށްވުން؛
  2. އެ އެއްޗެއް އަތުން ދޫކޮށްލުމުގެ އިހްތިޔާރު އެ އެއްޗެއް ފެނުނު ތަނެއްގެ ވެރިމީހާ ނުވަތަ އެތަނަކާ އެއިރަކު ހަވާލުވެގެން އުޅޭ މީހަކަށް ނުވަތަ ބަޔަކަށް ލިބި އެ އެއްޗެއް އެކަށީގެންވާ މުއްދަތަކަށް އަތުގައި ބެހެއްޓުން.

 

4 ވަނަ މާއްދާ - ތޫނު އެއްޗެހި ރާއްޖެއަށް އެތެރެކުރުން

(ހ) މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ހުއްދަ ލިޔުމަކުން ލިބިގެން މެނުވީ، ހުޅުވާ ލެއްޕޭ ގޮތަށް ތައްޔާރުކޮށްފައި ހުންނަ ފްލިކް ނައިފްއާއި، ބަޓަފްލައި ނައިފްއާއި މި ގާނޫނުގެ 10 ވަނަ މާއްދާގެ (ނ) އާއި (ރ) ގައި ބަޔާންކޮށްފައިވާ ތަކެތީގެ ތެރެއިން އާންމު ދިރިއުޅުމުގެ ބޭނުންތަކާއި މަސައްކަތުގެ ބޭނުމަށް ބޭނުންކުރާ ތަކެތި ފިޔަވައި އެހެނިހެން ތަކެއްޗާއި ބައިނަލްއަގްވާމީ ގޮތުން ނުވަތަ ދުނިޔޭގެ ގިނަ ގައުމުތަކުގައި ހަތިޔާރެއްގެ ގޮތުގައި ބަލާ ތަކެތި ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 1 (އެކެއް) އަހަރުދުވަހާއި 3 (ތިނެއް) އަހަރުދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

5 ވަނަ މާއްދާ - މީހުން ބަލައި ފާސްކުރުން

ސްކޫލް، ކޮލެޖް އަދި އިންސްޓިޓިއުށަން ފަދަ ތަންތަނުގައި ތޫނު ހަތިޔާރު ހިފައިގެން އުޅޭކަމަށް ތުހުމަތު ކުރެވޭނަމަ އެތަންތަނުގެ މުވައްޒަފުންނާއި، ފުލުހުންނަށް، ތުހުމަތު ކުރެވޭ ފަރާތްތައް ބަލައި ފާސްކުރުމުގެ ބާރު ލިބިގެންވެއެވެ. 

 

6 ވަނަ މާއްދާ - މި ގާނޫނަށް އިސްކަންދިނުން

މި ގާނޫނުގައި ކަނޑައެޅި ބަޔާންވެގެންވާ ކުށާއި އަދަބާއި އަދި ކަންކަން އެހެން ގާނޫނަކުން ކަނޑައަޅާ ނުވަތަ ކަނޑައެޅިފައިވާ ކުށާއި، އަދަބާއި އަދި ކަންކަމާ ފުށުއަރާނަމަ އިސްކަންދެވޭނީ މި ގާނޫނުގައި ކަނޑައެޅި ބަޔާންވެގެންވާ ކުށާއި، އަދަބާއި އަދި ކަންކަމަށެވެ.

 

7 ވަނަ މާއްދާ - ވަޅިފަދަ ތަކެތި ވިއްކުން

18 އަހަރުން ދަށުގެ ކުޑަކުދިންނަށް ވަޅިފަދަ ތޫނު ހަތިޔާރުގެ ގޮތުގައި ހިމެނޭ ތަކެތި ވިއްކުމަކީ މަނާކަމެކެވެ.

 

8 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން

(ހ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްއިންނެވެ. އަދި މި ގާނޫނަށް އަމަލުކުރަން ފަށާތާ 4 (ހަތަރެއް) މަސްދުވަހުގެ ތެރޭގައި އެ ގަވާއިދުތައް ހަދައި  ނިންމަންވާނެއެވެ. އަދި މިފަދަ ގަވާއިދަކަށް އަމަލުކުރަން ފެށުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމިޓީއަށް އެ ގަވާއިދެއް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހަދާފައިވާ ގަވާއިދަކަށް އުނިއިތުރު ގެނައުމަށް ނުވަތަ އެ އަކުރުގައި ބުނާ މުއްދަތުގެ ފަހުން މި ގާނޫނުގެ ދަށުން އިތުރު ގަވާއިދެއް ހަދަން މިނިސްޓްރީ އޮފް ހޯމް އެފެއާޒްއިން  ބޭނުންވެއްޖެ ހާލަތެއްގައި އެ ގަވާއިދެއް ހެދުމަކަށް މި މާއްދާގެ (ހ) ހުރަހެއް ނާޅައެވެ. މިގޮތަށް މިފަދަ ބަދަލެއް ގެނައި ކަމުގައިވިއަސް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމިޓީއަށް އެ ބަދަލެއް ހުށަހަޅަންވާނެއެވެ.

 

9 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރުން

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

10 ވަނަ މާއްދާ - މާނަ

މި ގާނޫނުގައި އެ ލަފްޒެއް ނުވަތަ އެ އިބާރާތެއް ހިމަނާފައިވާ ގޮތުން އެހެންގޮތަކަށް ކަނޑައެޅިގެން ދޭހަނުވާހާހިނދަކު، އަންނަނިވި ލަފްޒުތަކާއި އިބާރާތްތަކަށް ދީފައިވަނީ، އެ ލަފްޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިވާ މާނައެވެ.

(ހ) "ބިރުދެއްކުން ނުވަތަ އިންޒާރުދިނުން" ކަމަށް ބުނެފައި އެވަނީ، ސީދާ މީހެއްގެ ގާތަށް އައިސް އިންޒާރުދިނުމާއި، މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން މީހެއްގެ ޖިސްމަށް ނުވަތަ މުދަލަށް ނުވަތަ އާއިލާގެ މެންބަރަކަށް އެއްވެސް މިންވަރެއްގެ ގެއްލުމެއް ނުވަތަ އަނިޔާއެއް ދޭނެކަމަށް ބުނުމަށެވެ. ނުވަތަ ދައްކާ އިށާރާތަކުން، ނުވަތަ ކުރާ ހަރަކާތަކުން އަނިޔާއެއް ދޭނެކަން ހާމަކުރުމަށެވެ.

(ށ) "އާންމު ތަނެއް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ރަށްރަށުގެ އެންމެހައި މަގުމަގާއި ގޯޅިގޯޅިއާއި، ފީއެއް ނަގައިގެން ނުވަތަ ފީއެއް ނެގުމަކާ ނުލައި، އެ ވަގުތެއްގައި އާންމުންނަށް ނުވަތަ އާންމުންގެ ބަޔަކަށް ވަނުމުގެ ހުއްދަ ކަނޑައެޅިގެން ލިބިފައިވާ ނުވަތަ ލިބިފައިވާ ކަމަށް ބެލެވޭ އެންމެހައި ތަންތަނާއި، އުޅަނދުފަހަރާއި އެއްޗެއްސަށެވެ.

(ނ) "ނުރައްކާތެރި ހަތިޔާރެއް" ގެ މާނައިގެ ތެރޭގައި، އެ އެއްޗަކީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްފިނަމަ، މީހެއްގެ މުދަލަށް ގެއްލުމެއް ލިބިދާނެ، ނުވަތަ ފުރާނައަށް ނުވަތަ ހަށިގަނޑަށް ނުރައްކާތެރި ހާނީއްކައެއް ވެދާފަދަ ތަކެއްޗާއި، ގޮވާ އެއްޗެއްސާއި، އަލިފާން ރޯވެދާ ފަދަ ތަކެއްޗާއި ހަތިޔާރުގެ ގޮތުގައި ބޭނުންކުރެވިދާނެ އެނޫންވެސް އެއްޗެހި ހިމެނެއެވެ. މީގެ ތެރޭގައި، ޓޭޒަރ ގަންއާއި ސްޓަން ގަންއާއި އެނޫނަސް މީހެއްގެ ހަށިގަނޑަށް ށޮކެއް ފޮނުވައިގެން އޭނާއަށް ނުކުޅެދޭ ހާލަތެއް ވަގުތީގޮތުން ނަމަވެސް މެދުވެރިކުރުވާ ކޮންމެ އެއްޗަކާއި، ވަކި ވަގުތެއް ޖެހުމުން ގޮވާ ގޮތަށް ހަދާފައި ހުންނަ ތަކެއްޗާއި، ގޮވާނެ ވަކި ގޮތެއް ރޭވިފައި ހުންނަ ތަކެއްޗާއި، ވިހައާއި، ވިހަ ގޭހާއި، މީހުން މަރުވެދާ ފަދަ ބަޔޮލޮޖިކަލް ނުވަތަ ކެމިކަލް މާއްދާތަކާއި، ނުރައްކާތެރި އެސިޑްތަކާއި، ރޭޑިއޯއެކްޓިވް މާއްދާތައް ހިމެނެއެވެ.

(ރ) "ތޫނު އެއްޗެއް" ކަމަށް ބުނެފައި އެވަނީ، ތިރީގައި ބަޔާންކޮށްފައިވާ ތަކެތި ހިމެނޭގޮތުންނެވެ.

  1. އެއްވެސް ބާވަތެއްގެ ވަޅިއެއް؛
  2. ކަނޑިއާއި ހަންޖަރު؛
  3. ރޭޒަރު ތިލައާއި، ކަޓަރާއި، ކަޓަރު ތިލަ؛
  4. ކަތިވަޅިއާއި، ފުރޯއާއި، ކޯރާޑިއާއި މުޅޯ؛
  5. ތޫނުކޮށްފައި، ނުވަތަ ކޮޅު ފޭއްސާފައި ހުންނަ ދަގަނޑާއި ދަނޑިއާއި ލަކުޑިއާއި އެނޫންވެސް އެފަދަ ތަކެތި؛
  6. މީހަކަށް އަނިޔާއެއް ދެވިދާނެ މިނޫންވެސް ތޫނު އެއްޗެއް.

(ބ) "ފްލިކް ނައިފް" ކަމަށް ބުނެފައި އެވަނީ، ވަޅީގެ ތިލަ ވަޅީގެ މުށްގަނޑުގެ ތެރެއަށް ލައްވައި ލައްޕާލެވޭ ގޮތަށް ނުވަތަ މުށްގަނޑުގެ ތެރެއަށް ކައްސާލެވޭ ގޮތަށް ހުރެފައި، ވަޅީގެ މުށްގަނޑުގައިވާ ގޮބަކަށް ނުވަތަ ތަނަކަށް ފިއްތާލުމުން ނުވަތަ ދަމާލުމުން އިސްފިރޭނެއްގެ އެހީގައި ވަޅީގެ ތިލަ ނިކުންނަ ގޮތަށް ހަދާފައިވާ ކޮންމެ ވަޅި އަކަށެވެ.

(ޅ) "ބަޓަފްލައި ނައިފް" ކަމަށް ބުނެފައި އެވަނީ، ވަޅީގައި ދެ މުށްގަނޑެއް ހުރެފައި، އަދި ވަޅީގެ ތިލައިގެ ބުޑުގައިވާ ހުޅަކުން މި ދެ މުށްގަނޑު އެނބުރޭ ގޮތަށް ހުރެފައި، ވަޅީގެ މި ދެ މުށްގަނޑުގެ ތެރޭގައިވާ ޖާގައިގެ ތެރޭގައި ވަޅީގެ ތިލަ ފޮރުވޭ ގޮތަށް ހަދާފައި ހުންނަ ކޮންމެ ވަޅިއަކަށެވެ.

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގާނޫނު

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު (ކޮންސޮލިޑޭޓެޑް ނަންބަރު 2010-17)

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

ނުރައްކައުތެރި ހަތިޔާރާއި ތޫނު އެއްޗެހި ރާއްޖެއަށް އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުމުގައި އަމަލުކުރަންވީ ގޮތުގެ ގަވާއިދ (ގަވާއިދު ނަންބަރު 2023-143)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު