-

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު

(ކޮންސޮލިޑޭޓެޑް ނަންބަރު 2010-17)

(1ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގާނޫނަކީ، މީސްމީހުންގެ ފުރާނައާއި ހަށިގަނޑާއި މުދަލަށް ގެއްލުން ލިބޭގޮތަށް، ނުވަތަ ގެއްލުމެއް ލިބިދާނެ ފަދަ ގޮތަކަށް، ތޫނު އެއްޗެއްސާއި ހަތިޔާރު ފަދަ ތަކެތި ގެންގުޅުމާއި، މީސްމީހުންނަށް ބިރުދައްކައި، އިންޒާރުދީ ހެދުމާއި، މިފަދަ ކަންކަން ކުރުން މަނާކުރުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ "ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - ބިރުދެއްކުން

(ހ) މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ނުވަތަ އާއިލާގެ މެންބަރަކަށް ނުވަތަ ތިމާގެ ބެލެނިވެރިކަމުގެ ދަށުގައިވާ މީހަކަށް ގެއްލުމެއް ދީފާނެކަމުގެ ބިރުދެއްކުމަކީ ނުވަތަ އިންޒާރުދިނުމަކީ ކުށެކެވެ.

(ށ) މީހެއްގެ ގެދޮރަށް ނުވަތަ މުދަލަށް ނުވަތަ އޭނާގެ ބެލުމުގެ ދަށުގައިވާ ތަނަކަށް ނުވަތަ އެއްޗަކަށް ނުވަތަ ފުރާ ދުއްވާ އުޅަނދަކަށް ނުވަތަ އެއްގަމު އުޅަނދަކަށް ގެއްލުމެއް ދީފާނެކަމުގެ ބިރުދެއްކުމަކީ ނުވަތަ އިންޒާރުދިނުމަކީ ކުށެކެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބުނާފަދަ ކަމެއް ހިންގާނެ ކަމުގެ އިންޒާރުދިނުމަށްފަހު ނުވަތަ އިންޒާރެއް ދިނުމަކާނުލައި ވިޔަސް އެފަދަ ކަމެއް އަމަލީ ގޮތުން ކުރުމަކީ ނުވަތަ ކުރަން އުޅުމަކީ ކުށެކެވެ.

(ރ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ 6 (ހައެއް) މަސްދުވަހާއި 18 (އަށާރަ) މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

(ބ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ 3 (ތިނެއް) އަހަރުދުވަހާއި 7 (ހަތެއް) އަހަރުދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

(ޅ) މި މާއްދާގެ (ހ)، (ށ) އަދި (ނ) ގައި ބަޔާންކުރާ ކުށެއް ކުރުމުގައި ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްފިނަމަ، މި މާއްދާގެ (ރ) އަދި (ބ) ގައި ބަޔާންކޮށްފައިވާ އަދަބުގެ ތެރެއަށް، 1 (އެކެއް) އަހަރުދުވަހާއި 3 (ތިނެއް) އަހަރުދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމުގެ އުގޫބާތް އިތުރުކުރެވޭނެއެވެ.

 

3 ވަނަ މާއްދާ - ތޫނު އެއްޗެހި ގެންގުޅުމާއި ބެހެއްޓުން

(ހ) މަގުބޫލު ސަބަބެއް ނެތި، އެއްވެސް ބާވަތެއްގެ ނުރައްކާތެރި ހަތިޔާރެއް ނުވަތަ ތޫނު އެއްޗެއް އާންމު ތަނެއްގައި ގެންގުޅުމަކީ ކުށެކެވެ. 

(ށ) އާންމު ތަނެއް ފިޔަވައި އެހެން ތަނެއްގައި، މަގުބޫލު ސަބަބެއް ނެތި ނުރައްކާތެރި ހަތިޔާރެއް ނުވަތަ ތޫނު އެއްޗެއް ބެހެއްޓުމަކީ ކުށެކެވެ. 

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ 6 (ހައެއް) މަސްދުވަހާއި 12 (ބާރަ) މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

(ރ) މި މާއްދާގެ (ހ) ގައި ބުނާފަދަ އެއްޗެއް ގެންގުޅެފައިވަނީ އާންމު ތަންތަނުގެ ތެރެއިން ސްކޫލްތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނާއި މިސްކިތްތަކާއި ދައުލަތުގެ އިމާރާތްތަކާއި އެކިއެކި ހަފުލާތަކާއި ތަފާތު މުނާސަބަތުތަކާ ގުޅިގެން މީހުން އެއްވެއުޅޭ ތަންތަނާއި ސިޔާސީ ޕާޓީތަކުގެ ބައްދަލުވުންތައް ބާއްވާ ތަންތަނުގައާއި އާންމު ދަތުރުފަތުރުކުރާ ބަސް، ފެރީފަދަ ގިނަމީހުން ދަތުރުކުރާ އުޅަނދުފަހަރުގައި ކަމުގައި ވާނަމަ، މި މާއްދާގެ (ނ) ގައި ބުނާ އަދަބުގެ ތެރެއަށް 1 (އެކެއް) އަހަރުދުވަހާއި 3 (ތިނެއް) އަހަރުދުވަހާ ދެމެދުގެ މުއްދަތެއްގެ އުގޫބާތް އިތުރުކުރެވޭނެއެވެ.

(ބ) މި މާއްދާގެ (ހ) އަދި (ށ) ގެ ބޭނުމަށްޓަކައި "މަގުބޫލު ސަބަބެއް" ކަމުގައި ބެލެވޭނީ އަންނަނިވި ބޭނުމަކުން ކުރެ ބޭނުމަކަށްޓަކައި އެ އެއްޗެއް ގެންގުޅޭ ހާލަތުގައެވެ.

  1. މަސައްކަތުގެ ބޭނުމަށް؛ ނުވަތަ
  2. އާންމު ދިރިއުޅުމުގެ ބޭނުންތަކަށް.

(ޅ) އެއްވެސް ތަނެއްގައި ނުރައްކާތެރި ހަތިޔާރެއް ނުވަތަ ތޫނު އެއްޗެއް ބަހައްޓާފައިވަނިކޮށް ފެނިގެން ހިންގޭ ތަހުގީގެއްގައި އެފަދަ އެއްޗެއް ފެނުނު ތަނެއްގެ ވެރިމީހާ ނުވަތަ އެތަނަކާ އެއިރަކު ހަވާލުވެގެން އުޅޭ މީހަކު ނުވަތަ ބަޔަކު ޒިންމާ އުފުލަންޖެހޭނީ އެމީހަކަށް ނުވަތަ އެބަޔަކަށް އެނގިހުރެ އަންނަނިވި ކަންކަމުންކުރެ ކަމެއް އޭނާ ނުވަތަ އެބަޔަކު ކުރާ ހާލު އެކަންޏެވެ.

  1. އެ އެއްޗަކީ އެ އެއްޗެއް ފެނުނު ތަނެއްގެ ވެރިމީހާ ނުވަތަ އެތަނަކާ އެއިރަކު ހަވާލުވެގެން އުޅޭ މީހަކު ނުވަތަ ބަޔަކު ހޯދި ނުވަތަ ބަލައިގެން އެއްޗަކަށްވުން؛
  2. އެ އެއްޗެއް އަތުން ދޫކޮށްލުމުގެ އިހްތިޔާރު އެ އެއްޗެއް ފެނުނު ތަނެއްގެ ވެރިމީހާ ނުވަތަ އެތަނަކާ އެއިރަކު ހަވާލުވެގެން އުޅޭ މީހަކަށް ނުވަތަ ބަޔަކަށް ލިބި އެ އެއްޗެއް އެކަށީގެންވާ މުއްދަތަކަށް އަތުގައި ބެހެއްޓުން.

 

4 ވަނަ މާއްދާ - ތޫނު އެއްޗެހި ރާއްޖެއަށް އެތެރެކުރުން

(ހ) މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ހުއްދަ ލިޔުމަކުން ލިބިގެން މެނުވީ، ހުޅުވާ ލެއްޕޭ ގޮތަށް ތައްޔާރުކޮށްފައި ހުންނަ ފްލިކް ނައިފްއާއި، ބަޓަފްލައި ނައިފްއާއި މި ގާނޫނުގެ 10 ވަނަ މާއްދާގެ (ނ) އާއި (ރ) ގައި ބަޔާންކޮށްފައިވާ ތަކެތީގެ ތެރެއިން އާންމު ދިރިއުޅުމުގެ ބޭނުންތަކާއި މަސައްކަތުގެ ބޭނުމަށް ބޭނުންކުރާ ތަކެތި ފިޔަވައި އެހެނިހެން ތަކެއްޗާއި ބައިނަލްއަގްވާމީ ގޮތުން ނުވަތަ ދުނިޔޭގެ ގިނަ ގައުމުތަކުގައި ހަތިޔާރެއްގެ ގޮތުގައި ބަލާ ތަކެތި ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 1 (އެކެއް) އަހަރުދުވަހާއި 3 (ތިނެއް) އަހަރުދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

5 ވަނަ މާއްދާ - ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުން (އިތުރު ކުރެވިފައި)

(ހ) ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ހައްގަކާ ނުލައި މީހަކު މަރައިފިނަމަ ގަސްދުގައި މީހަކު މެރުމުގެ ކުށުން އެމީހަކު ކުށްވެރިވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ހައްގަކާ ނުލައި މީހަކު މަރާލުމުގައި އެކަކަށްވުރެ ގިނަމީހުން އަމަލީގޮތުން ބައިވެރިވެއްޖެނަމަ އެ ހުރިހާ އެންމެން ހައްގަކާ ނުލައި ގަސްދުގައި މީހަކު މެރުމުގެ ކުށުން ކުށްވެރިވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ، މަރުގެ އަދަބެވެ.

(ރ) މި މާއްދާގެ (ނ) ގައި އެހެން އޮތްނަމަވެސް، މަރުގެ އަދަބު ތަންފީޒުކުރުމުގެ ކުރިން އެއްވެސް މަރުހަލާއެއްގައި، މަރާލެވިފައިވާ މީހާގެ ވާރިސުން، ކުށް ސާބިތުވެފައިވާ މީހާގެ އަތުން ނުވަތަ އޭނާގެ އަސަބަތްތެރިންގެ އަތުން މަރުގެ ދިޔަ ހޯދައި، މައާފުދީފިނަމަ ނުވަތަ މަރުގެ ދިޔަ ހޯދުމަކާ ނުލައި މައާފުދީފިނަމަ، މަރަށް މަރު ހިފުމަކާ ނުލައި އޭނާގެ މައްޗަށް ތައުޒީރީގޮތުން އުމުރަށް ޖަލަށްލުމުގެ އަދަބު ކަނޑައަޅަންވާނެއެވެ.

(ބ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ކުށް ކުރަން އުޅުމަކީ، ނުވަތަ އެ ކުށް ކުރުމުގައި އެހީތެރިވެދިނުމަކީ ނުވަތަ އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ކުށެކެވެ.

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ، 15 (ފަނަރަ) އަހަރާއި 25 (ފަންސަވީސް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

6 ވަނަ މާއްދާ - ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ސަބަބުން މީހަކު މަރުވުން (އިތުރު ކުރެވިފައި)

(ހ) ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ސަބަބުން މީހަކު މަރުވެއްޖެނަމަ، އެ މާރާމާރީ ހިންގި މީހާ އެ ކުރަނީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ، އުމުރަށް ޖަލަށްލުމެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށް ކުރަން އުޅުމަކީ، ނުވަތަ އެ ކުށް ކުރުމުގައި އެހީތެރިވެދިނުމަކީ ނުވަތަ އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ކުށެކެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ، 15 (ފަނަރަ) އަހަރާއި 20 (ވިހި) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

7 ވަނަ މާއްދާ - މީހެއްގެ ގުނަވަނެއް ނެތިދާފަދަ ގޮތަކަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުން (އިތުރު ކުރެވިފައި)

(ހ) މީހެއްގެ ގުނަވަނެއް ނުވަތަ ގުނަވަނެއްގެ ބައެއް ނެތިދާފަދަ ގޮތަކަށް ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ، 15 (ފަނަރަ) އަހަރާއި 25 (ފަންސަވީސް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށް ކުރަން އުޅުމަކީ، ނުވަތަ އެ ކުށް ކުރުމުގައި އެހީތެރިވެދިނުމަކީ ނުވަތަ އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ކުށެކެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ، 10 (ދިހައެއް) އަހަރާއި 20 (ވިހި) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

8 ވަނަ މާއްދާ - މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުން (އިތުރު ކުރެވިފައި)

(ހ) މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ، 10 (ދިހައެއް) އަހަރާއި 15 (ފަނަރަ) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށް ކުރަން އުޅުމަކީ، ނުވަތަ އެ ކުށް ކުރުމުގައި އެހީތެރިވެދިނުމަކީ ނުވަތަ އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ކުށެކެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ، 7 (ހަތެއް) އަހަރާއި 10 (ދިހައެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

9 ވަނަ މާއްދާ - ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުން (އިތުރު ކުރެވިފައި)

(ހ) ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ، 7 (ހަތެއް) އަހަރާއި 10 (ދިހައެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށް ކުރަން އުޅުމަކީ، ނުވަތަ އެ ކުށް ކުރުމުގައި އެހީތެރިވެދިނުމަކީ ނުވަތަ އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ކުށެކެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ، 3 (ތިނެއް) އަހަރާއި 5 (ފަހެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

10 ވަނަ މާއްދާ - ގާނޫނުއަސާސީން ލިބިދޭ ބައެއް ހައްގުތައް ހިފެހެއްޓިގެންވުން (އިތުރު ކުރެވިފައި)

މި ގާނޫނުގެ 5 ވަނަ މާއްދާއިން ފެށިގެން 9 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގައި ހިމެނޭ ކުށްތަކުގެ ތެރެއިން ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ ނުވަތަ ހައްޔަރުކުރެވޭ މީހާއަށް ގާނޫނުއަސާސީން ލިބިދޭ ހައްގުތަކުގެ ތެރެއިން، މި ގާނޫނުގެ 11 ވަނަ މާއްދާއިން ފެށިގެން 14 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގައި ބަޔާންކޮށްފައިވާ ހައްގުތައް، އެ މާއްދާތަކުގައި ބަޔާންކޮށްފައިވާ މިންވަރަށް ހިފެހެއްޓިގެންވެއެވެ.

 

11 ވަނަ މާއްދާ - ހަނުހުރުމުގެ ހައްގު ހިފެހެއްޓިގެންވުން (އިތުރު ކުރެވިފައި)

ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ ނުވަތަ ބަންދުކުރެވޭ މީހަކީ ކާކުކަން އަންގައިދިނުން ފިޔަވައި، އިތުރު އެއްވެސް މައުލޫމާތެއް ނުދީ ހަނުހުރުމުގެ ހައްގު، ގާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ނ) ގެ ދަށުން ކޮންމެ މީހަކަށްމެ ލިބިދީފައިވީނަމަވެސް، މި ގާނޫނުގެ 5 ވަނަ މާއްދާއިން ފެށިގެން 9 ވަނަ މާއްދާއާ ދެމެދުގައި ހިމެނޭ ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހާއަށް، އެ ހައްގު، އެއްވެސް މިންވަރަކަށް ލިބިގެނެއްނުވެއެވެ.

 

12 ވަނަ މާއްދާ - ތަހުގީގުގެ މަރުހަލާގައި ބަންދުން މިނިވަންވުމުގެ ހައްގު ހިފެހެއްޓިގެންވުން (އިތުރު ކުރެވިފައި)

އެމީހަކާމެދު ތުހުމަތުކުރެވޭ މައްސަލައެއްގެ ހެކި ފޮރުވުމަށް، ނުވަތަ ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެކަމަށްޓަކައި، ނުވަތަ ކޯޓަށް ހާޒިރުނުވެދާނެކަމަށްޓަކައި، ނުވަތަ ފިލާފާނެކަމަށްޓަކައި، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައި މެނުވީ، ށަރީއަތުން ހުކުމްކުރުމުގެ ކުރިން މީހަކު ބަންދުގައި ބަހައްޓައިގެނެއް ނުވާނެކަމަށް، ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވީނަމަވެސް، މި ގާނޫނުގެ 5 ވަނަ މާއްދާއިން ފެށިގެން 9 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގައި ހިމެނޭ ކުށްތަކުގެ ތެރެއިން ކުށެއްގެ ތުހުމަތުކުރެވިފައިވާ މީހާ ބަންދުން ދޫކޮށްލައިފިނަމަ، މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބަލައި، އަދި ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެކަމަށް ބަލައި، ތަހުގީގުގެ މަރުހަލާއާއި ށަރީއަތުގެ މަރުހަލާ ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމަށް ފަނޑިޔާރަށް މަގުފަހިކޮށްދިނުމަށްޓަކައި، އެ ހައްގު އެ މިންވަރަށް މި ގާނޫނުގެ ބޭނުމަށްޓަކައި ހިފެހެއްޓިގެންވެއެވެ.

 

13 ވަނަ މާއްދާ - ގާނޫނީ ވަކީލަކު އައްޔަންކުރުމުގެ ފުރުސަތު ދެވޭނެ ދާއިރާ (އިތުރު ކުރެވިފައި)

(ހ) މި ގާނޫނުގައި ބަޔާންކުރާ ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހަކު ބޭނުން ކަމުގައިވާނަމަ، އޭނާއާ ސުވާލުކުރެވޭ ވަގުތު އޭނާގެ ގާނޫނީ ވަކީލު އޭނާއާ އެކުގައި ހުރުމަށް އެދުމުގެ ހައްގު، އޭނާއަށް ލިބިގެންވެއެވެ. އަދި، އޭނާ އެކަމަށް އެދެފިނަމަ، އެ ފުރުސަތު ހޯދައިދިނުމަކީ، ފުލުހުންގެ މައްޗަށް ލާޒިމު ކަމެކެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، އެ މާއްދާގެ ދަށުން ގާނޫނީ ވަކީލަކު ހަމަޖައްސަން ދެވޭ ފުރުސަތުގައި، 6 (ހައެއް) ގަޑިއިރު ފާއިތުވާއިރުވެސް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ފަދަ އެކަށީގެންވާ ސަބަބަކާ ނުލައި ގާނޫނީ ވަކީލު ހާޒިރުވެފައިނުވާނަމަ، ފުލުހުންނަށް އޭނާއާ ސުވާލުކުރުމައިގެން ކުރިއަށް ދެވިދާނެއެވެ.

(ނ) ގާނޫނީ ވަކީލަކު ހަމަޖައްސަން ކުށުގެ ތުހުމަތުގައިވާ ފަރާތަށް ދެވޭ ފުރުސަތުގައި، އޭނާ ގާނޫނީ ވަކީލަކު އައްޔަންކުރުމަށްފަހުގައިވެސް އޭނާގެ ވަކީލު ހާޒިރުނުވެއްޖެނަމަ، އަދި ވަކީލު ހާޒިރުވެފައިނުވަނީ، ކުށުގެ ތުހުމަތުކުރާ ފަރާތަށް އެންގުމަކާ ނުލައި ކަމުގައިވާނަމަ، އެހެން ގާނޫނީ ވަކީލަކު އައްޔަންކުރުމަށް، 6 (ހައެއް) ގަޑިއިރުގެ އިތުރު ފުރުސަތެއް، ކުށުގެ ތުހުމަތުގައިވާ ފަރާތަށް ދޭންވާނެއެވެ. އަދި އެ 6 (ހައެއް) ގަޑިއިރު ފާއިތުވާއިރުވެސް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާފަދަ އެކަށީގެންވާ ސަބަބަކާ ނުލައި ގާނޫނީ ވަކީލު ހާޒިރުވެފައިނުވާނަމަ، ފުލުހުންނަށް އޭނާއާ ސުވާލުކުރުމައިގެން ކުރިއަށްދެވިދާނެއެވެ.

(ރ) ހައްޔަރުކުރެވޭއިރު ފުލުހުން ދޭ ގާނޫނީ އިންޒާރު ދިނުމަށްފަހުގައި، އަދި އެ އިންޒާރުގައި ހިމެނޭ ކަންކަން އޭނާއަށް ފަހުމްވެއްޖެކަން ކަށަވަރުކުރުމަށްފަހުގައިވެސް ގާނޫނީ ވަކީލެއްގެ ފުރުސަތު ބޭނުންނުވާ ކަމަށް ބުނެ، އެ ފުރުސަތު ދޫކޮށްލައިފި މީހަކާ ފުލުހުންނަށް ސުވާލުކުރެވިދާނެއެވެ.

 

14 ވަނަ މާއްދާ - ގާނޫނީ ވަކީލާ މަށްވަރާކުރުމުގެ ދާއިރާ (އިތުރު ކުރެވިފައި)

ގާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ހ) ގެ ދަށުން ލިބިދޭ ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ހައްގު ބޭނުންކުރުމުގައި، މި ގާނޫނުގެ 5 ވަނަ މާއްދާއިން ފެށިގެން 9 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގައި ހިމެނޭ ކުށްތަކުގެ ތެރެއިން ކުށެއްގެ ތުހުމަތުގައިވާ މީހާއާއި އޭނާގެ ވަކީލާ ދެމެދު ހިނގާ މުވާސަލާތުތައް އޭނާ ހައްޔަރުކުރެވޭ ހިނދުން ފެށިގެން ފުރަތަމަ ހިނގާ 96 (ނުވަދިހަހައެއް) ގަޑިއިރުގެ ތެރޭގައި ހިންގަންވާނީ ފުލުހެއްގެ ހާޒިރުގައެވެ. ކުށުގެ ތުހުމަތުގައިވާ މީހާއާއި އޭނާގެ ވަކީލާ އެކަނި ބައްދަލުވެ މުވާސަލާތުކުރެވޭނީ، މި މާއްދާގައި ބަޔާންކުރާ ފުރަތަމަ 96 (ނުވަދިހަހައެއް) ގަޑިއިރު ފާއިތުވުމަށް ފަހުގައެވެ.

 

15 ވަނަ މާއްދާ - ހައްގުތައް ހިފެހެއްޓުމުގައި ގާނޫނުއަސާސީގެ 16 ވަނަ މާއްދާއަށް ރިއާޔަތްކުރުން (އިތުރު ކުރެވިފައި)

(ހ) މި ގާނޫނުގެ 11 ވަނަ މާއްދާއިން ފެށިގެން 14 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގައި ބަޔާންކޮށްފައިވާ އަސާސީ ހައްގުތައް ހިފެހެއްޓިފައިވަނީ، ގާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.

(ށ) މި ގާނޫނުގެ ދަށުން އެ ހައްގުތައް އެ މިންވަރަށް ހިފެހެއްޓިގެންވަނީ ގާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިންތޯ ކޯޓުން ކަނޑައެޅުމުގައި، ގާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ 6 (ހައެއް) ނުކުތާއަށްވެސް، މި ގާނޫނުގެ ދަށުން، އެ އަސާސީ ހައްގުތައް އެ މިންވަރަށް ހިފެހެއްޓުމުގައި، ރައްޔިތުންގެ މަޖިލީހުން ރިއާޔަތްކޮށްފައިވާކަމަށް ކޯޓުން ބަލަންވާނެއެވެ.

 

16 ވަނަ މާއްދާ - ބަންދުގައި ބެހެއްޓުން (އިތުރު ކުރެވިފައި)

(ހ) މި ގާނޫނުގެ 5 ވަނަ މާއްދާއިން ފެށިގެން 9 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގައި ހިމެނޭ ކުށްތަކުގެ ތެރެއިން ކުށެއް ކުރިކަމުގެ ތުހުމަތުކުރެވޭ މީހެއް، ބަންދުގައި ބަހައްޓައިދިނުން އެދި ފުލުހުން ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލް ކޯޓުގައި އެދެފިނަމަ، ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި، ށަރީއަތުގެ ހުކުމެއް ކުރުމުގެ ކުރިން، މީހަކު ބަންދުގައި ބެހެއްޓިދާނެ ހާލަތުތައް ކަމަށް ބަޔާންކޮށްފައިވާ ހާލަތުތަކުގެ ތެރެއިން ހާލަތެއް ވުޖޫދުގައިވާނަމަ، ތަހުގީގުގެ މަރުހަލާއާއި ށަރީއަތުގެ މަރުހަލާ ނިމެންދެން އެމީހަކު ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރަންވާނެއެވެ.

(ށ) ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތެއް ވުޖޫދުގައިވޭތޯ މި މާއްދާގެ (ހ) ގެ ދަށުން ކޯޓުން ކަނޑައެޅުމުގައި ކޯޓުން އިހްތިޔާރުކުރާ މިންގަނޑަކީ، ޖިނާއީ ކުށެއް ސާބިތުކުރުމަށް ބަލާ މިންގަނޑު ކަމަށް ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ މިންގަނޑެއް ނޫނެވެ. އެ ހާލަތުގައި ކޯޓުން ބަލަންވާނީ، ފުލުހުން ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލް ހުށަހަޅާ އަންނަނިވި މައުލޫމާތަށް ބަލާއިރު، އެއިން ހާލަތެއް ވުޖޫދުގައި އޮތުން، އެފަދަ ހާލަތެއް ވުޖޫދުގައި ނެތުމަށްވުރެ ގާތްތޯ ބެލުމުގެ މައްޗަށެވެ.

  1. ކުށުގެ ތުހުމަތުކުރެވޭ މީހާއަކީ ޖިނާއީ ކުށެއްގެ ތުހުމަތުގައި ކުރިން ހައްޔަރުކުރެވިފައިވާ މީހެއްނަމަ އެކަމުގެ ރެކޯޑު؛
  2. ކުށުގެ ތުހުމަތުކުރެވޭ މީހާއަކީ ޖިނާއީ ކުށެއްގެ ތުހުމަތުގައި ކުރިން ދައުވާއެއް އުފުލާފައިވާ މީހެއްނަމަ އެކަމުގެ ރެކޯޑު؛
  3. ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުގައި އެމީހަކާ ގުޅޭގޮތުން ހުށަހަޅާ މައުލޫމާތު؛
  4. ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ފަސް ހާލަތުގެ ތެރެއިން ހާލަތަކާ ގުޅޭގޮތުން ފުލުހުން ހުށަހަޅާ އެހެނިހެން މައުލޫމާތު.

 

17 ވަނަ މާއްދާ - ދައުވާކުރާކުރުމާއި މައްސަލަ ނިންމުމުގެ މުއްދަތު (އިތުރު ކުރެވިފައި)

(ހ) މި ގާނޫނުގެ 5 ވަނަ މާއްދާއިން ފެށިގެން 9 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގައި ހިމެނޭ ކުށްތަކުގެ ތެރެއިން ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހަކު ހައްޔަރުކުރާތާ ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އޭނާގެ މައްޗަށް ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ކޯޓަށް ހުށަހަޅަންވާނެއެވެ. އަދި އެ ދައުވާ ކޯޓަށް ހުށަހަޅާ ތާރީހުން ފެށިގެން ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ މައްސަލައިގައި ކޯޓުން ހުކުމެއް ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ މައްސަލަތަކުގައި އެކަށީގެންވާ ހެކި ލިބިފައިވާނަމަ، އެފަދަ މައްސަލަތަކުގައި މީހަކު ހައްޔަރުކުރާތާ ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި މައްސަލައިގެ ދައުވާކުރުމަށް ކޯޓަށް ހުށަހެޅުން ޕްރޮސިކިއުޓަރ ޖެނެރަލްގެ މައްޗަށް ލާޒިމުވާނެއެވެ.

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުތަކަކީ އާންމު އުސޫލުން އަމަލުކުރެވޭނެ މުއްދަތުތަކެއް ކަމުގައިވީނަމަވެސް، އަދުލު އިންސާފު ގާއިމުކުރުމަށާއި، މުޖުތަމައުގެ އަމަން އާންމު ރައްކާތެރިކުރުމުގެ ބޭނުމަށްޓަކައި އެ މުއްދަތުތައް ކޮންމެހެން އިތުރުކުރަންޖެހިއްޖެ ހާލަތެއްގައި، އެކަމަށް އެކަށީގެންވާ އެންމެ ކުރު މުއްދަތަކަށް އެކަން ކުރެވިދާނެއެވެ.

 

18 ވަނަ މާއްދާ - ގަބޫލުކުރެވޭނެ ހެކި (އިތުރު ކުރެވިފައި)

(ހ) މި ގާނޫނުގެ 5 ވަނަ މާއްދާއިން ފެށިގެން 9 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގައި ބަޔާންކުރާ ކުށެއްގެ ތަހުގީގުގައި ހޯދޭ އަންނަނިވި ބާވަތުގެ ހެއްކަކީ، އެ ކުށުގެ ދައުވާގައި ށަރީއަތަށް ގަބޫލުކުރެވޭނެ ހެކި ކަމުގައި ބެލެވޭނެއެވެ.

  1. އިސްލާމީ ށަރީއަތުގައި ހެކީގެ ގޮތުގައި ގަބޫލުކުރެވޭ ކޮންމެ އެއްޗެއް؛
  2. ކުށެއް ކުރިކަމަށް އެއްބަސްވެ، މީހަކު އަނގަބަހުން، ނުވަތަ ލިޔުމުން، ނުވަތަ އެނޫންވެސް ގޮތަކުން، ށަރީއަތުގެ މަޖިލީހުގައިވާ އިއުތިރާފާއި އިގްރާރު؛
  3. މީހަކު މަރުވުމުން، ދައުވާއާ ގުޅުންހުރި ހަގީގަތަކަށް ބާރުލިއްބައިދޭ ގޮތަކަށް، އޭނާގެ މަރުމަތީގައި އޭނާ ބުނާ އެއްޗެއް؛
  4. ކުށުގެ ތުހުމަތުކުރެވޭ މީހާގެ ގާނޫނީ ވަކީލުގެ ހާޒިރުގައި، އޯޑިއޯ އަދި ވީޑިއޯ ރެކޯޑުކުރެވޭ ގޮތަށް، އެއްވެސް މަޖުބޫރުކަމެއް ނެތި، ކުށުގެ ތުހުމަތުކުރެވޭ މީހާގެ އަމިއްލަ އިހްތިޔާރުގައި ދޭ ބަޔާން؛
  5. ކުށުގެ އަމަލާގުޅޭ ވަކި ކަމެއް މެދުވެރިކުރުވުމުގެ ނިޔަތެއް އޮތްކަން ނުވަތަ އެފަދަ ކަމެއް މެދުވެރިކުރުވުމަށް ކުށުގެ ތުހުމަތުކުރެވޭ މީހާ ތައްޔާރުވިކަން ދޭހަކޮށްދޭ އެއްވެސް އަމަލެއްގެ މައުލޫމާތެއް؛
  6. ފޮރެންސިކް ހެކި؛
  7. ރަސްމީ ލިޔުން.

(ށ) މި މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި "ފޮރެންސިކް ހެކި" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ތަކެތި ހިމެނޭގޮތުންނެވެ.

  1. އިނގިލީގެ ނިށާނާއި، ޑީ.އެން.އޭގެ މައުލޫމާތާއި، ފޮޓޯއާއި، އެތެރެހަށީގެ ފޮޓޯއާއި، ބޮޑީ ސާމްޕަލާއި، އެތެރެހަށީގެ ސާމްޕަލް ހިމެނޭގޮތުން ސައިންސާއި ޓެކްނޮލޮޖީގެ ޒަރީއާއިން ހޯދޭ އެފަދަ މައުލޫމާތު؛
  2. މަރުވެފައިވާ މީހެއްގެ ހަށިގަނޑުން ހަދާ އޮޓޮޕްސީން ލިބިދޭ މައުލޫމާތު؛
  3. ކުށެއް ކުރުމުގައި ބޭނުންކުރި އެއްޗެއް ނުވަތަ ކުށް ކުރި ފަރާތާއި އަނިޔާ ލިބުނު ފަރާތް އެ ކުށާ ގުޅުވައިދޭ އެއްޗެއް ނުވަތަ ކުށުގެ ވެށިން ފެންނަ ކޮންމެ މާއްދީ ހެއްކެއް ތަހްލީލުކުރުމަށްފަހު ދެނެގަނެވޭ މައުލޫމާތު.

(ނ) މި މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، "ރަސްމީ ލިޔުން" ކަމަށް ބުނެފައި އެވަނީ، ދިވެހި ދައުލަތުގެ ބާރުތައް ތަންފީޒުކުރުމުގެ ގާނޫނީ ހައިސިއްޔަތު ލިބިގެންވާ ފަރާތަކުން، އަންނަނިވި ވަސީލަތްތަކުގެ ތެރެއިން ވަސީލަތެއް މެދުވެރިކޮށް، އެއްވެސް ބާވަތެއްގެ މައުލޫމާތެއް އުފައްދާފައިވާ ނުވަތަ ހިމަނާފައިވާ ނުވަތަ ދަފްތަރުކޮށްފައިވާ ކޮންމެ އެއްޗަކަށެވެ.

  1. ލިޔުމުން ނުވަތަ ޗާޕުކޮށްފައި އޮތް އެއްޗެއް (ޗާޓެއް ނުވަތަ ޕްލޭނެއް ނުވަތަ ގްރާފެއް ނުވަތަ ކުރެހުމެއް ކަމުގައިވިޔަސް)؛
  2. އިލެކްޓްރޯނިކް ވަސީލަތަކުން ވާސިލުވެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ކޮމްޕިއުޓަރ ފައިލެއް؛
  3. ފޮޓޯ؛
  4. އަޑު ނުވަތަ އެފަދަ އެހެން ޑޭޓާއެއް ރައްކާކުރެވިފައިވާ ޑިސްކެއް ނުވަތަ ޓޭޕެއް ނުވަތަ ފިލްމެއް ނުވަތަ ރޯލެއް؛
  5. މަންޒަރު ނުވަތަ އެފަދަ އެހެން ޑޭޓާއެއް ރައްކާކުރެވިފައިވާ ފިލްމެއް ނުވަތަ ނެގެޓިވެއް ނުވަތަ އެނޫންވެސް އެއްޗެއް.

 

19 ވަނަ މާއްދާ - ށަރީއަތުގެ މަޖިލީހުގައި ދައްކާ ވާހަކަ (އިތުރު ކުރެވިފައި)

ކުށުގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހާ ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކޮށް ބާއްވާ ށަރީއަތުގެ އަޑުއެހުމަކީ، މި ގާނޫނުގެ ބޭނުމަށްޓަކައި ށަރީއަތުގެ މަޖިލީހެއް ކަމުގައި ބެލޭނެއެވެ. އަދި އެ މަޖިލީހުގައި އޭނާ ދޭ ބަޔާންތަކާއި ދައްކާ ވާހަކަތަކަކީ، އޭނާގެ މައްޗަށް އެ ކުށުގެ ދައުވާ ފަހުން އުފުލިއްޖެ ހާލަތެއްގައި ބޭއްވޭ ށަރީއަތުގައި އޭނާއާ ދެކޮޅަށް ބޭނުންކުރެވޭނެ އެއްޗެކެވެ.

 

20 ވަނަ މާއްދާ - ށަރީއަތުގައި ދިޔަދިނުން ލާޒިމުވާ ކުށްކުށް (އިތުރު ކުރެވިފައި)

މި ގާނޫނުގައި ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރެއިން އިސްލާމީ ށަރީއަތުގައި ދިޔަދިނުން ލާޒިމުވާ ކުށްތަކަށް، މި ގާނޫނުގައި ކަނޑައެޅިފައިވާ އަދަބު ދިނުމުގެ އިތުރުން، ށަރީއަތުން ކަނޑައަޅާ ގޮތެއްގެމަތިން ދިޔަދިނުން ލާޒިމުކުރުމަކަށް މި ގާނޫނު ހުރަހެއްނާޅާނެއެވެ.

 

21 ވަނަ މާއްދާ - އިސްތިއުނާފުކުރުން (އިތުރު ކުރެވިފައި)

އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، މި ގާނޫނުގެ 5 ވަނަ މާއްދާއިން ފެށިގެން 9 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގެ ތެރެއިން މާއްދާއެއްގެ ދަށުން ދަށު ކޯޓުގައި ދައުވާކުރެވޭ މައްސަލަތަކުގެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރެވޭނެ މުއްދަތަކީ، އަދި ހައިކޯޓުން ބަލައި ނިންމާ މައްސަލަތަކުގެ ނިންމުން، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި އިސްތިއުނާފުކުރެވޭނެ މުއްދަތަކީ، އެ މައްސަލައިގެ ހުކުމްގެ ލިޔުން ލިބޭ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އެގޮތުން އެ 30 (ތިރީސް) ދުވަސް ގުނާނީ، ރަސްމީ ބަންދު ދުވަސްތައް ނުހިމަނައެވެ.

 

22 ވަނަ މާއްދާ - މީހުން ބަލައި ފާސްކުރުން

ސްކޫލް، ކޮލެޖް އަދި އިންސްޓިޓިއުށަން ފަދަ ތަންތަނުގައި ތޫނު ހަތިޔާރު ހިފައިގެން އުޅޭކަމަށް ތުހުމަތު ކުރެވޭނަމަ އެތަންތަނުގެ މުވައްޒަފުންނާއި، ފުލުހުންނަށް، ތުހުމަތު ކުރެވޭ ފަރާތްތައް ބަލައި ފާސްކުރުމުގެ ބާރު ލިބިގެންވެއެވެ. 

 

23 ވަނަ މާއްދާ - މި ގާނޫނަށް އިސްކަންދިނުން

މި ގާނޫނުގައި ކަނޑައެޅި ބަޔާންވެގެންވާ ކުށާއި އަދަބާއި އަދި ކަންކަން އެހެން ގާނޫނަކުން ކަނޑައަޅާ ނުވަތަ ކަނޑައެޅިފައިވާ ކުށާއި، އަދަބާއި އަދި ކަންކަމާ ފުށުއަރާނަމަ އިސްކަންދެވޭނީ މި ގާނޫނުގައި ކަނޑައެޅި ބަޔާންވެގެންވާ ކުށާއި، އަދަބާއި އަދި ކަންކަމަށެވެ.

 

24 ވަނަ މާއްދާ - ވަޅިފަދަ ތަކެތި ވިއްކުން

18 އަހަރުން ދަށުގެ ކުޑަކުދިންނަށް ވަޅިފަދަ ތޫނު ހަތިޔާރުގެ ގޮތުގައި ހިމެނޭ ތަކެތި ވިއްކުމަކީ މަނާކަމެކެވެ.

 

25 ވަނަ މާއްދާ - ގާނޫނުގެ މަގާމު (އިތުރު ކުރެވިފައި)

މި ގާނޫނުގައި ބަޔާންވެގެންވާ ކުށެއް އެއީ، ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގައި ކުށެއް ކަމުގައިވެފައި، އެކަމަކު ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގައި އެ ކުށުގެ ރުކުންތައް މި ގާނޫނުގައި ކަނޑައަޅާފައިވާ ކުށުގެ ރުކުންތަކާ ތަފާތުވާނަމަ، އެ ކުށަށް އަދަބު ދޭނީ، އެ ކުށުގެ ރުކުންތައް ފުރިހަމަވަނީ، މި ގާނޫނުގައިވާ ގޮތުގެމަތިން ކަމުގައިވާނަމަ، މި ގާނޫނުގެ ދަށުންނެވެ. އެ ކުށުގެ ރުކުންތައް ފުރިހަމަވަނީ، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގައި ކަނޑައެޅިގެންވާ ކުށަށް އެކަނި ކަމުގައިވާނަމަ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގައިވާ ގޮތުގެމަތިންނެވެ. އެހެންނަމަވެސް، އެ ކުށުގެ ރުކުންތައް ދެ ގާނޫނުގައިވެސްވާ ގޮތުގެމަތިން ފުރިހަމަވާނަމަ، އެ ކުށަށް އަދަބު ދެވޭނީ މި ގާނޫނުގައިވާ ގޮތުގެމަތިން އެކަންޏެވެ. 

 

26 ވަނަ މާއްދާ - ބައެއް ގާނޫނުތަކުގެ ބައެއް މާއްދާ އުވާލުން (އިތުރު ކުރެވިފައި)

މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ގާނޫނު ނަންބަރު 10/1968 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ޗެޕްޓަރު 4) ގެ 127 ވަނަ މާއްދާ އުވުނީއެވެ.

 

27 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން

(ހ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްއިންނެވެ. އަދި މި ގާނޫނަށް އަމަލުކުރަން ފަށާތާ 4 (ހަތަރެއް) މަސްދުވަހުގެ ތެރޭގައި އެ ގަވާއިދުތައް ހަދައި  ނިންމަންވާނެއެވެ. އަދި މިފަދަ ގަވާއިދަކަށް އަމަލުކުރަން ފެށުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމިޓީއަށް އެ ގަވާއިދެއް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހަދާފައިވާ ގަވާއިދަކަށް އުނިއިތުރު ގެނައުމަށް ނުވަތަ އެ އަކުރުގައި ބުނާ މުއްދަތުގެ ފަހުން މި ގާނޫނުގެ ދަށުން އިތުރު ގަވާއިދެއް ހަދަން މިނިސްޓްރީ އޮފް ހޯމް އެފެއާޒްއިން  ބޭނުންވެއްޖެ ހާލަތެއްގައި އެ ގަވާއިދެއް ހެދުމަކަށް މި މާއްދާގެ (ހ) ހުރަހެއް ނާޅައެވެ. މިގޮތަށް މިފަދަ ބަދަލެއް ގެނައި ކަމުގައިވިއަސް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމިޓީއަށް އެ ބަދަލެއް ހުށަހަޅަންވާނެއެވެ.

 

28 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރުން

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

29 ވަނަ މާއްދާ - މާނަ

މި ގާނޫނުގައި އެ ލަފްޒެއް ނުވަތަ އެ އިބާރާތެއް ހިމަނާފައިވާ ގޮތުން އެހެންގޮތަކަށް ކަނޑައެޅިގެން ދޭހަނުވާހާހިނދަކު، އަންނަނިވި ލަފްޒުތަކާއި އިބާރާތްތަކަށް ދީފައިވަނީ، އެ ލަފްޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިވާ މާނައެވެ.

(ހ) "ބިރުދެއްކުން ނުވަތަ އިންޒާރުދިނުން" ކަމަށް ބުނެފައި އެވަނީ، ސީދާ މީހެއްގެ ގާތަށް އައިސް އިންޒާރުދިނުމާއި، މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން މީހެއްގެ ޖިސްމަށް ނުވަތަ މުދަލަށް ނުވަތަ އާއިލާގެ މެންބަރަކަށް އެއްވެސް މިންވަރެއްގެ ގެއްލުމެއް ނުވަތަ އަނިޔާއެއް ދޭނެކަމަށް ބުނުމަށެވެ. ނުވަތަ ދައްކާ އިށާރާތަކުން، ނުވަތަ ކުރާ ހަރަކާތަކުން އަނިޔާއެއް ދޭނެކަން ހާމަކުރުމަށެވެ.

(ށ) "އާންމު ތަނެއް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ރަށްރަށުގެ އެންމެހައި މަގުމަގާއި ގޯޅިގޯޅިއާއި، ފީއެއް ނަގައިގެން ނުވަތަ ފީއެއް ނެގުމަކާ ނުލައި، އެ ވަގުތެއްގައި އާންމުންނަށް ނުވަތަ އާންމުންގެ ބަޔަކަށް ވަނުމުގެ ހުއްދަ ކަނޑައެޅިގެން ލިބިފައިވާ ނުވަތަ ލިބިފައިވާ ކަމަށް ބެލެވޭ އެންމެހައި ތަންތަނާއި، އުޅަނދުފަހަރާއި އެއްޗެއްސަށެވެ.

(ނ) "ނުރައްކާތެރި ހަތިޔާރެއް" ގެ މާނައިގެ ތެރޭގައި، އެ އެއްޗަކީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްފިނަމަ، މީހެއްގެ މުދަލަށް ގެއްލުމެއް ލިބިދާނެ، ނުވަތަ ފުރާނައަށް ނުވަތަ ހަށިގަނޑަށް ނުރައްކާތެރި ހާނީއްކައެއް ވެދާފަދަ ތަކެއްޗާއި، ގޮވާ އެއްޗެއްސާއި، އަލިފާން ރޯވެދާ ފަދަ ތަކެއްޗާއި ހަތިޔާރުގެ ގޮތުގައި ބޭނުންކުރެވިދާނެ އެނޫންވެސް އެއްޗެހި ހިމެނެއެވެ. މީގެ ތެރޭގައި، ޓޭޒަރ ގަންއާއި ސްޓަން ގަންއާއި އެނޫނަސް މީހެއްގެ ހަށިގަނޑަށް ށޮކެއް ފޮނުވައިގެން އޭނާއަށް ނުކުޅެދޭ ހާލަތެއް ވަގުތީގޮތުން ނަމަވެސް މެދުވެރިކުރުވާ ކޮންމެ އެއްޗަކާއި، ވަކި ވަގުތެއް ޖެހުމުން ގޮވާ ގޮތަށް ހަދާފައި ހުންނަ ތަކެއްޗާއި، ގޮވާނެ ވަކި ގޮތެއް ރޭވިފައި ހުންނަ ތަކެއްޗާއި، ވިހައާއި، ވިހަ ގޭހާއި، މީހުން މަރުވެދާ ފަދަ ބަޔޮލޮޖިކަލް ނުވަތަ ކެމިކަލް މާއްދާތަކާއި، ނުރައްކާތެރި އެސިޑްތަކާއި، ރޭޑިއޯއެކްޓިވް މާއްދާތައް ހިމެނެއެވެ.

(ރ) "ތޫނު އެއްޗެއް" ކަމަށް ބުނެފައި އެވަނީ، ތިރީގައި ބަޔާންކޮށްފައިވާ ތަކެތި ހިމެނޭގޮތުންނެވެ.

  1. އެއްވެސް ބާވަތެއްގެ ވަޅިއެއް؛
  2. ކަނޑިއާއި ހަންޖަރު؛
  3. ރޭޒަރު ތިލައާއި، ކަޓަރާއި، ކަޓަރު ތިލަ؛
  4. ކަތިވަޅިއާއި، ފުރޯއާއި، ކޯރާޑިއާއި މުޅޯ؛
  5. ތޫނުކޮށްފައި، ނުވަތަ ކޮޅު ފޭއްސާފައި ހުންނަ ދަގަނޑާއި ދަނޑިއާއި ލަކުޑިއާއި އެނޫންވެސް އެފަދަ ތަކެތި؛
  6. މީހަކަށް އަނިޔާއެއް ދެވިދާނެ މިނޫންވެސް ތޫނު އެއްޗެއް.

(ބ) "ފްލިކް ނައިފް" ކަމަށް ބުނެފައި އެވަނީ، ވަޅީގެ ތިލަ ވަޅީގެ މުށްގަނޑުގެ ތެރެއަށް ލައްވައި ލައްޕާލެވޭ ގޮތަށް ނުވަތަ މުށްގަނޑުގެ ތެރެއަށް ކައްސާލެވޭ ގޮތަށް ހުރެފައި، ވަޅީގެ މުށްގަނޑުގައިވާ ގޮބަކަށް ނުވަތަ ތަނަކަށް ފިއްތާލުމުން ނުވަތަ ދަމާލުމުން އިސްފިރޭނެއްގެ އެހީގައި ވަޅީގެ ތިލަ ނިކުންނަ ގޮތަށް ހަދާފައިވާ ކޮންމެ ވަޅި އަކަށެވެ.

(ޅ) "ބަޓަފްލައި ނައިފް" ކަމަށް ބުނެފައި އެވަނީ، ވަޅީގައި ދެ މުށްގަނޑެއް ހުރެފައި، އަދި ވަޅީގެ ތިލައިގެ ބުޑުގައިވާ ހުޅަކުން މި ދެ މުށްގަނޑު އެނބުރޭ ގޮތަށް ހުރެފައި، ވަޅީގެ މި ދެ މުށްގަނޑުގެ ތެރޭގައިވާ ޖާގައިގެ ތެރޭގައި ވަޅީގެ ތިލަ ފޮރުވޭ ގޮތަށް ހަދާފައި ހުންނަ ކޮންމެ ވަޅިއަކަށެވެ.

 

މައި ގާނޫނު

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 17/2010)

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

ކިޔުންތެރިންގެ ހިޔާލު