-

އިޖްތިމާއީ ރައްކާތެރިކަމުގެ ގާނޫނު

(ގާނޫނު ނަންބަރު 2014-02)

 

1 ވަނަ މާއްދާ -  ތައާރުފާއި ނަން

(ހ) މިއީ، ދިވެހިރާއްޖޭގެ ރައްޔިތުންނަށް އިޖްތިމާއީ ރައްކާތެރިކަމުގެ ގޮތުން ސަރުކާރުން ކަނޑައަޅާ އެހީތައް ދިނުމުގެ އެންމެހައި އުސޫލުތައް ބަޔާންކުރާ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ "އިޖްތިމާއީ ރައްކާތެރިކަމުގެ ގާނޫނު" އެވެ.

 

2 ވަނަ - މާއްދާ މަގްސަދު

މި ގާނޫނުގެ މަގްސަދަކީ، ތިރީގައި ބަޔާންކޮށްފައިވާ ކަންކަމަށް މަގުފަހިކުރުމެވެ.

(ހ) ފަގީރުކަމުގެ ލޮޅުންތަކުން ރައްޔިތުންގެ ތެރެއިން ދަތި ހާލުގައި ޖެހޭ މީހުންނަށް އިޖްތިމާއީ ރައްކާތެރިކަން ދިނުން؛

(ށ) މުއްސަނދިންނާއި ފަގީރުންގެ ދެމެދުގައިވާ ފަރަގު ކުޑަކުރުން؛

(ނ) ގައުމުގެ ހުރިހާ ވަސީލަތް ރައްޔިތުންނަށް ވީހާވެސް ހަމަހަމަ ގޮތެއްގައި ފޯރުކޮށްދިނުން؛

(ރ) އަސާސީ ބޭނުންތައް ފުއްދުމުގެ ތަނަވަސްކަން ނެތް ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުން.

 

3 ވަނަ މާއްދާ - އިޖްތިމާއީ ރައްކާތެރިކަމުގެ ގޮތުން ދެވޭ އެހީތައް

އިޖްތިމާއީ ރައްކާތެރިކަމުގެ ގޮތުން ރައްޔިތުންގެ ތެރެއިން ދަތި ހާލުގައިވާ މީހުންނަށް ސަރުކާރުން ދޭ އެކިއެކި އެހީ ތިރީގައި އެވަނީއެވެ.

(ހ) އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދޭ ފައިސާގެ އެހީ؛

(ށ) އަޅާލާނެ ފަރާތެއް ނެތް މީހުންނަށް ދޭ އެހީ؛

(ނ) ނަފްސާނީ ބަލީގެ މީހުންނަށް ދޭ އެހީ؛

(ރ) މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި އެކުދިން ބަލަހައްޓާ ފަރާތަށް ދޭ އެހީ؛

(ބ) ކަރަންޓު ބިލު ދެއްކުމަށް ދޭ އެހީ؛

(ޅ) ކާބޯތަކެއްޗަށް ދޭ އެހީ؛

(ކ) ފެން ބިލު ދެއްކުމަށް ދޭ އެހީ؛

(އ) ގޯތިގެދޮރުގެ އެހީ؛

(ވ) ކުއްލި ހާލަތެއް ދިމާވެގެން ރައްކާތެރިކަން ދިނުމުގެ ގޮތުން ދޭ އެހީ؛

(މ) އެކިއެކި ސިނާއީ ދާއިރާތަކުގައި ކުދި ނުވަތަ މެދު ފަންތީގެ ވިޔަފާރި ހިންގާ މީހުންނަށް ދިމާވާ ދަތި ހާލެއްގެ ސަބަބުން ދޭންޖެހިއްޖެނަމަ ދޭ އެހީ؛

(ފ) ދަރިވަރުންނަށް ދޭ އެހީ.

 

4 ވަނަ މާއްދާ - އިޖްތިމާއީ ރައްކާތެރިކަމުގެ އެހީއަށް އެދި ހުށަހެޅޭނެ ފަރާތްތައް

އިޖްތިމާއީ ރައްކާތެރިކަމުގެ ގޮތުން ސަރުކާރުން ކަނޑައަޅާ އެހީތައް ފޯރުކޮށްދެވޭނީ އަންނަނިވި ފަރާތްތަކުންކުރެ ފަރާތަކުން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެހީއަށް އެދި ހުށަހެޅުމުންނެވެ.

(ހ) އެހީއަށް ބޭނުންވާ މީހާ؛ ނުވަތަ

(ށ) އެހީއަށް ބޭނުންވާ މީހާގެ އާއިލާގެ މީހެއް؛ ނުވަތަ

(ނ) އެހީއަށް ބޭނުންވާ މީހާގެ ބަލަދުވެރިޔާ؛ ނުވަތަ

(ރ) ސަރުކާރުގެ އިދާރާ އަކުން؛ ނުވަތަ

(ބ) އެހީއަށް ބޭނުންވާ މީހާގެ އެހީތެރިއެއް.

 

5 ވަނަ މާއްދާ - އިޖްތިމާއީ ރައްކާތެރިކަމުގެ އެހީއަށް އެދި ހުށަހެޅުން

(ހ) އިޖްތިމާއީ ރައްކާތެރިކަމުގެ އެހީއަށް އެދި ހުށަހަޅާއިރު، އެއް ފަރާތަކުން އެއް އެހީއަށްވުރެ ގިނަ އެހީއަށް އެދި އެއް ހުށަހެޅުމަކުން ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އިޖްތިމާއީ ރައްކާތެރިކަމުގެ އެހީއަށް އެދި މީހަކު ހުށަހަޅައިފިނަމަ، އެހީ ދިނުމަށް ނިންމާނީ އެކަމަށް ކަނޑައެޅިފައިވާ ގަވާއިދުގައިވާ ގޮތުގެމަތިންނެވެ.

(ނ) މި މާއްދާގެ ބޭނުމަށްޓަކައި ހަދާ ގަވާއިދުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. ކޮންމެ މީލާދީ މަހެއްގައި އެހީގެ ގޮތުގައި މީހަކަށް ލިބިދެވޭނެ އެންމެ މަތީ އަދަދު؛
  2. ކޮންމެ މީލާދީ މަހެއްގައި މި ގާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޮންމެ އެހީއަކަށް ލިބިދެވޭނެ އެންމެ މަތީ އަދަދު؛
  3. ކޮންމެ މީލާދީ އަހަރެއްގައި އެހީގެ ގޮތުގައި މީހަކަށް ލިބިދެވޭނެ އެންމެ މަތީ އަދަދު.

(ރ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި މި ގާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެހީތައް ހައްގުވުމަށް ހަމަވާންޖެހޭ ށަރުތުތައް ބަޔާންކުރަންވާނެއެވެ.

 

6 ވަނަ މާއްދާ -  އެހީ ލިބިދިނުން

(ހ) އިޖްތިމާއީ ރައްކާތެރިކަމުގެ ގޮތުން ސަރުކާރުން ކަނޑައަޅާ އެހީތަކުގެ ތެރެއިން އެހީއަކަށް އެދި ހުށަހެޅުމުން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެމަތިން އެހީ ދިނުމަށް ކަނޑައެޅިފައިވާ ށަރުތުތައް ފުރިހަމަވާ މީހުންނަށް އެހީ ދޭންވާނެއެވެ.

(ށ) މި ގާނޫނުގެ ދަށުން ލިބިދޭ އެހީއެއް ހޯދުމަށް އެދި ހުށަހަޅާއިރު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ މައުލޫމާތެއް އެހީފޯރުކޮށްދޭ އިދާރާއަށް ހުށަހަޅަންވާނެއެވެ. އޭގެ ތެރޭގައި، އަންނަނިވި މައުލޫމާތު ހިމެނެއެވެ.

  1. ލިބޭ އާމްދަނީއާބެހޭ މައުލޫމާތު؛
  2. ބޭންކް އެކައުންޓެއްވާނަމަ އެ އެކައުންޓާބެހޭ މައުލޫމާތާއި އެންމެފަހު 3 (ތިނެއް) މަސްދުވަހުގެ ބޭންކް ސްޓޭޓްމަންޓް؛
  3. އެހީ ލިބިދޭ މީހާގެ މިލްކުވެރިކަމުގެ ދަށުގައިވާ ގޯތިގެދޮރާއި އެހެނިހެން މުދާ.

 

7 ވަނަ މާއްދާ -  އެހީ ލިބިދޭ  ފަރާތަކަށް ލާޒިމުވާ ކަންކަން

(ހ) އެހީ ލިބިދޭ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތަށް ނުވަތަ އެމީހަކާބެހޭ މައުލޫމާތުތަކަށް އަންނަ ބަދަލުތައް އެހީދޭ އިދާރާއަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަހަރަކު އެއްފަހަރު އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފުވުން އެއީ ކުށެކެވެ.

(ނ) އެހީ ލިބިގަތުމަށް އެދި ހުށަހަޅާއިރު، ހުށަހަޅާ ހުރިހާ މައުލޫމާތެއްވެސް ތެދުވެރިކަމާއެކު ފުރިހަމައަށް ހާމަކުރުމަކީ، ނުވަތަ ބަޔާންކުރުމަކީ، އެހީއަށް އެދި ހުށަހަޅާ މީހެއްގެ މައްޗަށް މި ގާނޫނު ލާޒިމުކުރާ ކަމެކެވެ.

(ރ) އެހީ ލިބިގަތުމަށް އެދި ހުށަހަޅާއިރު ނުވަތަ އެހީ ލިބެމުންދާއިރު ހުށަހަޅާ އެއްވެސް މައުލޫމާތަކީ ސައްހަ ނޫން މައުލޫމާތެއް ނުވަތަ ދޮގު މައުލޫމާތެއް ނުވަތަ އޮޅުވާލުމުގެ ގޮތުން ދީފައިވާ މައުލޫމާތެއްކަން ފާހަގަކުރެވިއްޖެނަމަ، މި ގާނޫނާ ހިލާފުވީކަމަށް ބަލައި
އެ ހުށަހެޅުން ކުރިއަށް ނުގެންގޮސް ބާތިލުކުރުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

(ބ) އެހީ ލިބެމުންދާ މީހަކު، ހުށަހަޅާފައިވާ މައުލޫމާތަކީ ސައްހަ ނޫން މައުލޫމާތެއް ނުވަތަ ދޮގު މައުލޫމާތެއް، ނުވަތަ އޮޅުވާލުމުގެ ގޮތުން ދީފައިވާ މައުލޫމާތެއްކަން ފާހަގަކުރެވިއްޖެނަމަ، މި ގާނޫނާ ހިލާފުވީކަމަށް ބަލައި އެ އެހީ ދިނުން ހުއްޓާލުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

 

8 ވަނަ މާއްދާ - އިޖްތިމާއީ ރައްކާތެރިކަމުގެ އެހީ ދިނުން ހުއްޓާލުން

މި ގާނޫނުގެ ދަށުން އިޖްތިމާއީ ރައްކާތެރިކަމުގެ އެހީ ދެމުން އަންނަ ފަރާތްތަކުގެ ތެރެއިން ފަރާތެއްގެ ހާލަތު ބަދަލުވުމުގެ ސަބަބުން އެހީ ދިނުމަށް މެދުވެރިވި ށަރުތެއް އެމީހެއްގެ އުނިވެއްޖެނަމަ އެފަރާތަކަށް ދެމުން އަންނަ އެހީ މިނިސްޓަރު ހުއްޓާލަންވާނެއެވެ.

 

9 ވަނަ މާއްދާ - އެހެން އިދާރާތަކުން އެހީދޭ އިދާރާއަށް މައުލޫމާތު ފޯރުކޮށްދިނުން

(ހ) އެހީ ލިބޭ މީހެއްގެ ހާލަތު ނުވަތަ އެމީހަކާބެހޭ މައުލޫމާތު ބަދަލުވެއްޖެކަން ސަރުކާރުގެ އިދާރާއަކަށް އެނގިއްޖެނަމަ، އެކަން އެހީދޭ އިދާރާއަށް އަންގަންވާނެއެވެ.

(ށ) އެހީދޭ އިދާރާއިން އެހީ ލިބިދޭ މީހެއްގެ މައުލޫމާތު ހޯދުމަށް ދައުލަތުގެ އެހެން އިދާރާއަކަށް ނުވަތަ އަމިއްލަ ފަރާތަކަށް ހުށަހަޅައިފިނަމަ އެ މައުލޫމާތު ދޭންޖެހޭނެއެވެ.

 

10 ވަނަ މާއްދާ - ޒާތީ މިނިވަންކަން ހިފެހެއްޓުމާއި ސިއްރު ހިފެހެއްޓުން

(ހ) މި ގާނޫނުގެ ދަށުން ލިބިދޭ އެހީ ފޯރުކޮށްދޭ ސަރުކާރުގެ އިދާރާއިން އެހީ ލިބޭ މީހާގެ ޒާތީ، ސިއްހީ އަދި އެހެނިހެން މައުލޫމާތު ސިއްރުކޮށް ރައްކާތެރިކޮށް ބަލަހައްޓަންވާނެއެވެ.

(ށ) މި ގާނޫނުގެ ދަށުން ލިބިދޭ އެހީ ފޯރުކޮށްދިނުމުގެ ބޭނުމުގައި އެހީ ލިބިދޭ މީހަކާ ބެހޭގޮތުން ތައްޔާރުކޮށްފައިވާ އެއްވެސް ލިޔުމެއް، ނުވަތަ އެހީއެއް ދިނުމުގައި ލިބޭ ނުވަތަ ހޯދާ ނުވަތަ އެހީ ހޯދުމަށް ހުށަހަޅާ އެއްވެސް މީހަކާބެހޭ އެއްވެސް މައުލޫމާތެއް އެހީދޭ އިދާރާގެ އެއްވެސް މުވައްޒަފަކު، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މެނުވީ، ހާމަކޮށްގެންނުވާނެއެވެ.

(ނ) ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތެއް އެހީ ފޯރުކޮށްދޭ އިދާރާގެ މުވައްޒަފަކު ހާމަކުރުމަކުން މި މާއްދާގެ (ށ) އާ ހިލާފުވި ކަމަކަށް ނުބެލެވޭނެއެވެ.

  1. އާންމުކޮށް ލިބެން ހުންނަ މައުލޫމާތު؛
  2. އެ މައުލޫމާތެއް ހާމަކުރުމުގެ ހުއްދަ އޭގެ ވެރިފަރާތުން ލިޔުމަކުން ދީފައިވާ މައުލޫމާތު؛
  3. މި ގާނޫނުގެ ދަށުން ނުވަތަ އެހެން ގާނޫނެއްގެ ދަށުން ހިންގޭ މަދަނީ ށަރީއަތެއްގައި ހާމަކުރެވޭ މައުލޫމާތު؛
  4. މި ގާނޫނު ނުވަތަ އެހެން ގާނޫނެއްގެ ދަށުން ހިންގޭ ޖިނާއީ ށަރީއަތެއްގައި ހާމަކުރެވޭ މައުލޫމާތު؛
  5. މި ގާނޫނާއި އަދި މިނޫންވެސް އެހެނިހެން އެހީތަކާބެހޭ ގާނޫނެއް ހިންގުމުގައި ހަރަކާތްތެރިވާ މުވައްޒަފަކު އެފަދަ އަނެއް މުވައްޒަފަކަށް އެމީހެއްގެ ވަޒީފާ އަދާކުރުމަށް ބޭނުންވެގެން ހާމަކުރާ މައުލޫމާތު؛
  6. މި ގާނޫނާއި އަދި މިނޫންވެސް އެހީއާބެހޭ އެހެން ގާނޫނުތައް މާނަކުރުމުގައި ލަފާހޯދުމަށް ހާމަކުރާ މައުލޫމާތު؛
  7. ޖިނާއީ ކުށެއް ހުއްޓުވުމަށް ނުވަތަ އެފަދަ ކުށެއްގެ ތަހްގީގަށްޓަކައި ހާމަކުރެވޭ މައުލޫމާތު؛
  8. ދިވެހިސަރުކާރާއި އެހެން ސަރުކާރަކާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ޖިނާއީ ކުށެއް ހުއްޓުވުމަށް ނުވަތަ އެފަދަ ކުށެއްގެ ތަހްގީގަށްޓަކައި ހާމަކުރާ މައުލޫމާތު؛
  9. މައުލޫމާތު ނިސްބަތްވާ ފަރާތް ނޭނގޭ ގޮތަށް ސަރުކާރުގެ ތަފާސް ހިސާބުތަކުގައި ހިމެނުމަށް ހާމަކުރާ މައުލޫމާތު.

(ރ) އެހީ ފޯރުކޮށްދޭ އިދާރާގެ ކޮންމެ މުވައްޒަފަކުވެސް އެ އިދާރާގައި ވަޒީފާ އަދާކުރަން ފެށުމުގެ ކުރިން އެ ވަޒީފާއާގުޅޭ ސިއްރުތައް ހިފެހެއްޓުމަށްޓަކައި އިގުރާރެއްގައި ސޮއިކުރަންވާނެއެވެ.

 

11 ވަނަ މާއްދާ - ދައުލަތުގެ ބަޖެޓުގައި ފައިސާ ހިމެނުން

މި ގާނޫނުގެ ދަށުން އިޖްތިމާއީ ރައްކާތެރިކަމުގެ އެހީ ދިނުމަށް ބޭނުންވާ ފައިސާއާއި އަދި އެހެނިހެން އިދާރީ ކަންކަމަށް ބޭނުންވާ ފައިސާ ކޮންމެ މާލީ އަހަރެއްގެ ދައުލަތުގެ ބަޖެޓުގައި ހިމަނަންވާނެއެވެ.

 

12 ވަނަ މާއްދާ - ކުށާއި އަދަބު

(ހ) މި ގާނޫނުގައި މަނާކޮށްފައިވާ ކޮންމެ ކަމަކީ ކުށެކެވެ. މި ގާނޫނުގައި އެހެންގޮތަކަށް ކަނޑައެޅި ބަޔާންކުރެވިފައިނުވާހާ ހިނދަކު، މި ގާނޫނުގައި ބަޔާންކޮށްފައިވާ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެއްޖެނަމަ، އެ ކުށް ކުރި މީހެއްގެ ކުށުގެ އަދަބަކީ 1,000 (އެއްހާސް) ރުފިޔާއާއި 2,000 (ދެހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން، ނުވަތަ 1 (އެކެއް) މަސްދުވަހާއި 3 (ތިނެއް) މަސްދުވަހުގެ މުއްދަތަށް ގޭގައި ބަންދުކުރުމެވެ.

(ށ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ކުށެއް ތަކުރާރުކޮށްފިކަން ށަރީއަތަށް ސާބިތުވެއްޖެ މީހެއްގެ ކުށުގެ އަދަބަކީ 3,000 (ތިންހާސް) ރުފިޔާއާއި 8,000 (އަށްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ނުވަތަ 3 (ތިނެއް) މަސްދުވަހާއި 6 (ހައެއް) މަސްދުވަހުގެ މުއްދަތަށް ގޭގައި ބަންދުކުރުމެވެ.

(ނ) މި ގާނޫނުގެ 10 ވަނަ މާއްދާއާ ހިލާފަށް މައުލޫމާތެއް ހާމަކޮށްފިކަން ށަރީއަތަށް ސާބިތުވެއްޖެ މީހެއްގެ ކުށުގެ އަދަބަކީ 5,000 (ފަސްހާސް) ރުފިޔާއާއި 10,000 (ދިހަހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

 

13 ވަނަ މާއްދާ - މިހާރު ލިބެމުންދާ އެހީ

(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ސަބަބަކުން، ކުރިން އެހީ ލިބެމުންދާ މީހުންނަށް ލިބެމުންދާ އެއްވެސް އެހީއެއް މެދުކެނޑިގެންނުދާނެއެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތް ނަމަވެސް، މިހާރު އެހީ ލިބެމުންދާ މީހުން މި ގާނޫނުގެ 5 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެހީއަށް އެދި މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ލަސްވެގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ހުށަހަޅަންވާނެއެވެ.
 
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެހީއަށް އެދި ހުށަނާޅާނަމަ
އެ ފަރާތަށް ލިބެމުންދާ އެހީ މެދުކެނޑިގެންދާނެއެވެ.

(ރ) މިގޮތުން މެދުކެނޑިފައިވާ އެހީއެއް އަލުން ލިބެން ފަށާނީ މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެހީއަށް އެދި ހުށަހެޅުމުން، އެ ހުށަހަޅާ ތާރީހުން ފެށިގެންނެވެ.

 

14 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން

(ހ) މި ގާނޫނު ހިންގުމަށްޓަކައި ހަދަންޖެހޭ ގަވާއިދު ހަދައި ހިންގާނީ މިނިސްޓަރުގެ ލަފާގެމަތިން ނޭށަނަލް ސޯށަލް ޕްރޮޓެކްށަން އޭޖެންސީންނެވެ.

(ށ) މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެ ގަވާއިދުތައް ހަދައި ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.


 
15 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފެށުން

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާތާ 6 (ހައެއް) މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

 

16 ވަނަ މާއްދާ - ލަފްޒުތަކާއި އިބާރާތްތަކުގެ މާނަ

މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، އަންނަނިވި ލަފްޒުތަކާއި އިބާރާތްތަކަށް ދީފައިއެވަނީ އެ ލަފްޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިވާ މާނައެވެ.

(ހ) "މިނިސްޓަރު" ކަމުގައި ބުނެފައި އެވަނީ، އިޖްތިމާއީ ރައްކާތެރިކަމުގެ އެންމެހައި ސިޔާސަތު އެކަށައަޅައި، އިޖްތިމާއީ ރައްކާތެރިކަމާގުޅޭ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ މިނިސްޓްރީގެ މިނިސްޓަރަށެވެ.

(ށ) "އާމްދަނީ" ކަމުގައި ބުނެފައި އެވަނީ، ގަވާއިދުން (މަހުން މަހަށް) ލިބޭ ފައިސާއާއި އިނާޔަތްތައް ނުވަތަ ގަނޑުކޮށް މީހަކަށް ލިބޭ ފައިސާގެ އިނާޔަތަށެވެ.

(ނ) "އެހީދޭ އިދާރާ" ކަމުގައި ބުނެފައި އެވަނީ، ނޭށަނަލް ސޯށަލް ޕްރޮޓެކްށަން އޭޖެންސީ ނުވަތަ ސަރުކާރުން އިޖްތިމާއީ ރައްކާތެރިކަމުގެ އެހީ ދިނުމަށް ކަނޑައަޅާފައިވާ އިދާރާއަކަށެވެ.

(ރ) "ދަތި ހާލު" ކަމުގައި ބުނެފައި އެވަނީ، މި ގާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެހީގެ ގިންތިތަކުގެ ތެރެއިން ކޮންމެ ގިންތިއެއްގެ ދަށުން އެހީ ލިބުމަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ށަރުތުތައް ފުރިހަމަވުމަށެވެ.

(ބ) "ކުއްލި ހާލަތު" ކަމަށް ބުނެފައި އެވަނީ، މީހެއްގެ ފުރާނައަށް ނުރައްކާތެރި ހާލަތެއް ދިމާވެގެން، ތިމާ އަމިއްލައަށް ނުވަތަ އެހެން ގޮތަކުން ސަލާމަތްވެވޭނެ ގޮތެއް ނެތުމަށެވެ.

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

  1. އިޖުތިމާއީ ބަދަހި މަދަދުވެރިން (އިބަމަ) ގެ އުސޫލު (އުސޫލު ނަންބަރު 2022-33)
  2. އެކަނި ދަރިން ބަލާ މައިން ނުވަތަ ބަފައިންނަށް މާލީ އެހީ ދިނުމާ ބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 39/2016)
  3. މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި، އެކުދިން ބަލަހައްޓާ ފަރާތްތަކަށް މާލީ އެހީ ދިނުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 38/2016)
  4. ފަގީރުހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް މާލީ އެހީ ދިނުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 23/2016)
  5. އިޖްތިމާއީ ރައްކާތެރިކަމުގެ ގާނޫނު (ގާނޫނު ނަންބަރު 2/2014)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު