-

އިޖުތިމާއީ ބަދަހި މަދަދުވެރިން (އިބަމަ) ގެ އުސޫލު

(އުސޫލު ނަންބަރު 2022-33)

މި އުސޫލަށް އަމަލުކުރަން ފެށީ 8 ސެޕްޓެމްބަރު 2022 ގައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކާއި ސިޓީތަކުގައި އިޖުތިމާއީ ރައްކައުތެރިކަމާއި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، އެ ފަރާތްތަކަށް އިޖުތިމާއީ ރައްކައުތެރިކަން ކަށަވަރުކޮށްދީ، ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކުރުމުގެ ގާނޫނު) އާއި، ގާނޫނު ނަންބަރު 2012-03 (ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު) އާއި، ގާނޫނު ނަންބަރު 2010-08 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނު) އާއި، ގާނޫނު ނަންބަރު 2014-02 (އިޖްތިމާއީ ރައްކާތެރިކަމުގެ ގާނޫނު) އާއި، ގާނޫނު ނަންބަރު 2000-04 (އާއިލާއާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ ކަންކަން ހާސިލު ކުރުމަށް ޓަކައި، މާލެ ސިޓީ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށްރަށާއި ސިޓީތަކަށް ހާއްސަކޮށްގެން އެކުލަވައިލާ އިޖުތިމާއީ ބަދަހި މަދަދުވެރިން (އިބަމަ) އެކުލަވައިލުމާއި، އިބަމައިގެ މަސައްކަތްތަކާ ގުޅޭ އެންމެހައި ކަންކަން ބަޔާންކުރާ އުސޫލެވެ.

(ށ) މި އުސޫލަށް ކިޔަނީ، "އިޖުތިމާއީ ބަދަހި މަދަދުވެރިން (އިބަމަ) ގެ އުސޫލު" އެވެ.

(ނ) "އިބަމަ" އަކީ، ދިވެހިރާއްޖޭގެ މުޖުތަމައުތަކުގައި ދިރިއުޅޭ އިޖުތިމާއީ ރައްކައުތެރިކަމާއި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، އެ ފަރާތްތަކަކީ އިޖުތިމާއީ ރައްކައުތެރިކަން ލިބިފައިވާ ބައެއްކަން ކަށަވަރު ކުރުމަށް ޓަކައި އަޅަންޖެހޭ ރައްކައުތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ޓަކައި އިޖުތިމާއީ ރައްކައުތެރިކަމަށް މަސައްކަތްކުރާ އެންމެހައި ހިއްސާދާރުން ގުޅިގެން، ވަށައިޖެހޭ ގޮތެއްގައި މަސައްކަތް ކުރުމަށް ޓަކައި މާލެ ސިޓީ ފިޔަވައި، ދިވެހިރާއްޖޭގެ މީހުން އުޅޭ ރަށްރަށުގައްޔާއި ސިޓީތަކުގައި އެކުލަވައިލާ، މަދަދުވެރިންގެ ޓީމުތަކެކެވެ.

 

2 ވަނަ މާއްދާ - މަގުސަދު

"އިބަމަ" ގެ އުސޫލު އެކުލަވައިލުމުގެ މައިގަނޑު މަގުސަދުތައް، ތިރީގައި މިވަނީއެވެ.

(ހ) މާލެ ސިޓީ ފިޔަވައި، މީހުން ދިރިއުޅޭ އެހެން ރަށްރަށާއި ސިޓީތަކުގައި ދިރިއުޅޭ ރައްޔިތުންގެ އިޖުތިމާއީ ރައްކައުތެރިކަން ކަށަވަރު ކުރުމަށް ޓަކައި "ޕްރިވެންޓިވް" އަދި "ރެސްޕޮންސިވް" ފިޔަވަޅު އެޅުމުގެ އަވަސް ނިޒާމެއް ގާއިމްކުރުން.

(ށ) ހާއްސަގޮތެއްގައި އެހީތެރިކަން ބޭނުންވާ ކުޑަކުދިންނާއި މީހުން ދެނެގަނެ، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން، ވީ އެންމެ އަވަހަށް، ވީހާވެސް ގާތުން ފޯރުކޮށްދިނުމުގެ ނިޒާމެއް ގާއިމްކުރުން.

(ނ) ރައްޔިތުންގެ އިޖުތިމާއީ ދުޅަހެޔޮކަން ދަމަހައްޓައި، ފަހުރުވެރި އާއިލާތަކާއި ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް، އެންމެން ގުޅިގެން، ވަށައިޖެހޭ ގޮތެއްގައި މަސައްކަތް ކުރުމަށް ޓަކައި "އިބަމަ" އެކުލަވައިލައި ހިންގުމަށް ބޭނުންވާ އިޖުރާއަތުތައް ގާއިމްކުރުން.

(ރ) ދިވެހިރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ކަންކަން، ދިމިގްރާތީ އަދި ޖަވާބުދާރީކުރުވަނިވި އުސޫލުން ރައްޔިތުން އަމިއްލައަށް ނިންމުމަށް މަގުފަހިކޮށް ، ދިވެހިރާ އްޖޭގެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން އިޖުތިމާއީގޮތުން ބާރުވެރިކޮށް، ރައްޔިތުންނާ އެންމެ ގާތުން ފުޅާ ދާއިރާއެއްގައި ހިދުމަތް ލިބޭނެ މަގުފަހިކޮށްދީ، ދިވެހިރާއްޖޭގެ ރަށްރަށުގައި އަމާން ވެށްޓެއް ގާއިމްކުރުން.

 

3 ވަނަ މާއްދާ - "އިބަމަ" އެކުލަވައިލުން

(ހ) ކޮންމެ ރަށެއްގައި ނުވަތަ ސިޓީއެއްގައި "އިބަމަ" އެކުލަވައިލުމުގެ އިދާރީ އެންމެހައި ކަންކަން ބަލަހައްޓާނީ ، މިނިސްޓްރީގެ ލަފަޔާއެކު، އެ ސިޓީއެއް ނުވަތަ އެ ރަށެއްގެ ކައުންސިލަކުންނެވެ.

(ށ) މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ނުވަތަ ކޮންމެ ސިޓީއެއްގައި "އިބަމަ" އެކުލަވައިލާނީ، އެ ރަށެއްގެ ނުވަތަ އެ ސިޓީއެއްގެ އާބާދީއަށާއި މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ބަލައި، އެ ނިސްބަތުން އެ ރަށަކާ ނުވަތަ އެ ސިޓީއަކާ އެންމެ އެކަށޭނަ ގޮތަކަށެވެ.

(ނ) މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ނުވަތަ ކޮންމެ ސިޓީއެއްގައި އެ ރަށެއްގެނުވަތަ އެ ސިޓީއެއްގެ ހާލަތަށް ބަލައި، "އިބަމަ" ގެ ދަށުން ސަބް ކޮމިޓީތަކެއް އުފައްދަން ބޭނުވެއްޖެ ހާލަތެއްގައި ، ސަބް ކޮމެޓީ އުފެއްދުމުގެ ބާރު "އިބަމަ" އަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، "އިބަމަ" އެކުލަވައިލާނީ، "އިބަމަ" ގެ ހިއްސާދާރު މުއައްސަސާތަކުގެ މަށްވަރާޔާއެކު މިނިސްޓްރީއާއި ކައުންސިލުން އެއްބަސްވާ ގޮތަކަށެވެ.

(ބ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ސަބް ކޮމެޓީ އެކުލަވައިލާނީ،"އިބަމަ" ގެ ހިއްސާދާރު މުއައްސަސާތަކުގެ މަށްވަރާޔާއެކު މިނިސްޓްރީއާއި ކައުންސިލުން އެއްބަސްވާ ގޮތަކަށެވެ.

(ޅ) މި އުސޫލަށް އަމަލުކުރަން ފަށާތާ، 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި،މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ނުވަތަ ސިޓީއެއްގައި "އިބަމަ" އެކުލަވައިލަންވާނެއެވެ.

(ކ) މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ނުވަތަ ސިޓީއެއްގައި "އިބަމަ" އެކުލަވައިލާނީ، ކަމާ ގުޅުންހުރި މުއައްސަސާތަކުން، ނިންމުންތައް ނިންމުމުގެ ބާރު ލިބިފައިވާ، އަންނަނިވި ފަރާތްތަކުގެ މައްޗަށެވެ.

  1. ރަށު ކައުންސިލުގެ ނުވަތަ ސިޓީ ކައުންސިލުގެ ނައިބު ރައީސް؛
  2. ރަށު ކައުންސިލުގެ ނުވަތަ ސިޓީ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް؛
  3. ރަށު ކައުންސިލުގެ ނުވަތަ ސިޓީ ކައުންސިލުގެ މެންބަރުންގެ ތެރެއިން އެ ރަށެއްގެ މުޖުތަމައުގެ އިޖުތިމާއީ ރައްކައުތެރިކަމުގެ ކަންތައް ބެލެހެއްޓުމުގެ ޒިންމާ ހަވާލުވެފައިވާ ކައުންސިލް މެންބަރު؛
  4. ރަށު ކައުންސިލް އިދާރާގެ ނުވަތަ ސިޓީ ކައުންސިލް އިދާރާގެ ޕްލޭނިންގގެ މަސައްކަތްކުރާ މުވައްޒަފު؛
  5. މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯށަލް ސަރވިސަސްއިން އަތޮޅުގައި ނުވަތަ ސިޓީގައި ގާއިމުކޮށްފައިވާ އިޖުތިމާއީ ހިދުމަތްދޭ ތަން ތަމްސީލުކުރާ ފަރާތެއް؛ 
  6. މިނިސްޓްރީ އޮފް އެޑިއުކޭށަނުން ކަނޑައަޅާ ސިޓީގެ ނުވަތަ ރަށުގެ ސްކޫލުގެ ލިއޭޒަން އޮފިސަރ ނުވަތަ ޑެޕިއުޓީ ލިއޭޒަން އޮފިސަރ؛
  7. ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަޅާ ނެއިބަރހުޑް ޕޮލިސް އޮފިސަރެއް ނުވަތަ އެ ޒިންމާ ހަވާލުކޮށްފައިވާ ފަރާތެއް؛
  8. ރަށުގެ ނުވަތަ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ކަނޑައަޅާ އެ ކޮމިޓީގެ މެންބަރެއް؛
  9. މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާ، ރަށުގައި ނުވަތަ ސިޓީގައި ގާއިމްކޮށްފައިވާ ސިއްހީ ހިދުމަތްދޭ ތަން ތަމްސީލުކުރާ ކޮމިއުނިޓީ ހެލްތާ ނުވަތަ ފެމިލީ ހެލްތާ ގުޅުންހުރި ފަރާތެއް؛
  10. ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް ތަމްސީލުކުރާ ފަރާތެއް.

(އ) މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ފަރާތްތައް ނެތް ރަށެއްނަމަ، ނުވަތަ އާބާދީގެ ގޮތުން ނުވަތަ އެނޫންވެސް ސަބަބެއް މެދުވެރިވެގެން، އެ އަކުރުގައި ބަޔާންކޮށްފައިވާ ފަރާތްތައް ހިމެނޭގޮތަށް "އިބަމަ"އެކުލަވައިލަން ދަތިވާ ރަށެއްގައި ނުވަތަ ސިޓީއެއްގައި، މަދުވެގެން 7 (ހަތެއް) މެންބަރުން ހިމެނޭގޮތަށް "އިބަމަ" އެކުލަވައިލެވިދާނެއެވެ. މަތީގައި ފާހަގަކޮށްފައިވާ ގޮތަށް މެންބަރުން އެކުލަވައިލުމަށް ދަތިވާ ރަށްތަކުގައި ނުވަތަ ސިޓީތަކުގައި އެ ރަށަކުން ނުވަތަ ސިޓީއަކުން، މަދުވެގެން 7 (ހަތެއް) މެންބަރުން ހިމެނޭހެން "އިބަމަ" އެކުލަވައިލުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.

(ވ) އެކިއެކި މުޖުތަމައުތަކުގައި އިޖުތިމާއީގޮތުން ހަރަކާތްތެރިވާ، އެ ފަރާތެއް ބައިވެރިކުރުމުން "އިބަމަ" އަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ، "އިބަމަ" ގެ މަސައްކަތްތަކަށް ފަހިވާނޭ، އަދި ޒިންމާދާރުގޮތެއްގައި މަސައްކަތް ކުރާނޭ ކަމުގެ ޔަގީންކަން އޮތް އިތުރު މުއައްސަސާއެއްގެ މެންބަރުން ނުވަތަ އަމިއްލަ ފަރުދުން "އިބަމަ" ގެ މެންބަރުންގެ ގޮތުގައި ހިމަނަން ބޭނުންވާނަމަ، "އިބަމަ" ގެ ހިއްސާދާރު މުއައްސަސާތަކުގެ ލަފާގެ މަތީން، އެފަދަ ފަރާތެއް އިތުރުކުރުމުގެ އިހްތިޔާރު "އިބަމަ" އަށް ލިބިގެންވެއެވެ. 

(މ) މި މާއްދާގެ (ކ) އާއި (ވ) ގައި ބަޔާންކޮށްފައިވާ ފާރާތެއް "އިބަމަ" ގެ މެންބަރެއްގެ ހައިސިއްޔަތުން އައްޔަނުކުރާއިރު، މި އުސޫލުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސިއްރު ހިފެހެއްޓުމުގެ އެއްބަސްވުމެއްގައި އެ ފަރާތްތައް ސޮއިކޮށް އިގްރާރުވާންވާނެއެވެ.

(ފ) "އިބަމަ" ގެ މެންބަރަކަށް ވުމުން، ރަށު ކައުންސިލާ ނުވަތަ ސިޓީ ކައުންސިލާއި، މިނިސްޓްރީގެ ނިށާން ޖަހައިފައިވާ "އިބަމަ" ގެ މެންބަރެއްކަން އަންގައިދޭ ރަސްމީ ކާޑެއް، ރަށު ކައުންސިލުން ނުވަތަ ސިޓީ ކައުންސިލުން، ކޮންމެ މެންބަރަކާ ހަވާލު ކުރަންވާނެއެވެ. އަދި "އިބަމަ" ގެ މެންބަރުކަމުން ވަކިވުމުން، އެ ކާޑު އަނބުރާ ކައުންސިލާ ހަވާލު ކުރަންވާނެއެވެ. 

(ދ) މި އުސޫލުގެ 21 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ "އިބަމަ" ގެ މަސައްކަތްތައް ކުރިޔަށްގެންދާނޭ ގޮތުގެ އަތްމަތީ ފޮތެއް، މި އުސޫލަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، "އިބަމަ" ގެ ހިއްސާދާރު މުއައްސަސާތަކުގެ މަށްވަރާޔާއެކު މިނިސްޓްރީން އެކުލަވައިލަންވާނެއެވެ.

 

4 ވަނަ މާއްދާ - "އިބަމަ" ގެ މެންބަރުން ގެ ށަރުތުތައް

"އިބަމަ" ގެ މެންބަރުންގެ ކިބައިގައި، އަންނަނިވި ށަރުތުތައް ފުރިހަމަ ވާންވާނެއެވެ. 

(ހ) ދިވެހި ރައްޔިތެއް ކަމުގައިވުން.

(ށ) ތަމްސީލުކުރާ ދާއިރާގައި ރަސްމީކޮށް ވަޒީފާ އަދާކުރާ ފަރާތަކަށް ވުމާއެކު، "އިބަމަ" ގައި އެ އިދާރާ ތަމްސީލުކުރަން އެ އިދާރާއިން ކަނޑައަޅާ ފަރާތަށް ނުވަތަ މި އުސޫލުގެ 3 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ފަރާތަކަށް ވުން.

(ނ) މީލާދީގޮތުން، އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހެއް ކަމުގައި ވުން.

(ރ) ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޖިނާއީ ބޮޑު ކުށެއް ށަރީއަތަށް ސާބިތުވެފައިވާ ނުވަތަ ތަންފީޒު ކުރަމުންދާ ނުވަތަ އެ ފަދަ ދައުވާއެއް އުފުލިފައިވާ ނުވަތަ ތަހުގީގީ މަރުހަލާއެއްގައި ނުވަތަ އެއްވެސް އިރެއްގައި ތުހުމަތެއް ކުރެވިފައިވާ ކަމުގެ އެއްވެސް ރިކޯޑެއް ތަހުގީގީ އިދާރާއެއްގައި ނުވަތަ ދައުވާކުރާ އިދާރާއެއްގައި އޮތް ފަރާތެއް ކަމުގައި ނުވުން.

(ބ) އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ވޭތުވެދިޔަ 10 (ދިހައެއް) އަހަރުދުވަހުގެ ތެރޭގައި ކުރިކަން ށަރީއަތަށް ސާބިތުވެފައިވާ ނުވަތަ ތަންފީޒު ކުރަމުންދާ ނުވަތަ އެ ފަދަ ކުށެއްގެ ތުހުމަތެއް ކުރެވިފައިވާ ކަމުގެ އެއްވެސް ރިކޯޑެއް އޮތް ފަރާތެއް ކަމުގައި ނުވުން.

(ޅ) ކުޑަކުއްޖަކަށް އަދި/ނުވަތަ ބޮޑު މީހަކަށް ނަމަވެސް ޖިންސީ އަނިޔާއެއް، ނުވަތަ ޖިސްމާނީ އަނިޔާއެއް، ނުވަތަ ނަފްސާނީ އަނިޔާއެއް ކުރިކަން ނުވަތަ އިހުމާލުވެފައިވާ، ނުވަތަ އެ ފަދަ އަމަލަކަށް އެއްވެސް ސިފައެއްގައި އެހީތެރިވެދީފައިވާ، ނުވަތަ ބައިވެރިވެފައިވާ، ނުވަތަ ކުރަން އުޅެފައިވާ ކަމުގެ ތުހުމަތެއް ކުރެވިފައިވާ ކަމުގެ އެއްވެސް ރިކޯޑެއް، ކަމާ ގުޅުންހުރި އެއްވެސް އިދާރާއެއްގައި އޮތް ފަރާތެއް ކަމުގައި ނުވުން.

(ކ) ގާނޫނު ނަންބަރު 2011-17 (މަސްތުވާ ތަކެއްޗާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރެއިން، އެއްވެސް ކުށެއް ކުރިކަމުގެ ރިކޯޑެއް، ނުވަތަ ކުށެއްގެ ތުހުމަތު، ފާއިތުވީ 10 (ދިހައެއް) އަހަރުދުވަހުގެ ތެރޭގައި، ކަމާ ގުޅުންހުރި އެއްވެސް އިދާރާއެއްގައި އޮތް ފަރާތެއް ކަމުގައި ނުވުން.

(އ) އިއްދައިގެ ހަރަދު ނުވަތަ ދަރިންގެ ހަރަދު ދިނުމަށް ސާބިތު ދަރަންޏެއް އެ މީހެއްގެ މައްޗަށް ށަރުއީ ކޯޓަކުން ސާބިތުވެފައިވާ ފަރާތްތަކުގެ ތެރެއިން ގަވާއިދުން ސާބިތު ދަރަނި އަދާނުކުރާ ފަރާތަކަށް ނުވުން.

 

5 ވަނަ މާއްދާ - "އިބަމަ" ގެ މަސްއޫލިއްޔަތުތައް

"އިބަމަ" ގެ މަސްއޫލިއްޔަތުތަކަކީ، މުޖުތަމައުގެ އިޖުތިމާއީ ރައްކައުތެރިކަން ކަށަވަރު ކުރުމަށް ޓަކައި، "އިބަމަ" ގެ ހިއްސާދާރު މުއައްސަސާތައް ގުޅިގެން، ވަށައިޖެހޭ ގޮތެއްގައި ޓީމެއްގެ ގޮތުގައި އެކުގައި މަސައްކަތް ކުރުމެވެ.

 

6 ވަނަ މާއްދާ - "އިބަމަ" ގެ މެންބަރުންގެ މަސްއޫލިއްޔަތުތައް

ކޮންމެ ރަށެއްގައި ނުވަތަ ސިޓީއެއްގައި ގާއިމުކުރެވޭ "އިބަމަ" ގެ މެންބަރުންގެ ގޮތުގައި ކަނޑައެޅޭ ފަރާތްތަކުގެ މަސްއޫލިއްޔަތުތައް، ތިރީގައި މިވަނީއެވެ.

(ހ) ދުޅަހެޔޮ، ރައްކައުތެރި، އަމާން މުޖުތަމައެއް ގާއިމުކުރުމަށް މަސައްކަތް ކުރުން.

(ށ) މުޖުތަމައުގެ އިޖުތިމާއީ ހޭލުންތެރިކަން އިތުރުކުރުމަށް ޓަކައި ޕްރޮގްރާމްތައް ރާވައި ހިންގުން.

(ނ) މުޖުތަމައުގެ އެންމެން ށާމިލުކޮށް، ދިރިއުޅުން ފަހިކުރުމަށް ޓަކައި ބާރުވެރިކުރުވުމާއި، މުޖުތަމައުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމުގެ ގޮތުން އެކިއެކި ޕްރޮ ގްރާމްތައް ހިންގުމަށް ޓަކައި ހޯދުންތައް ހޯދުމާއި، އެފަދަ ޕްރޮގްރާމުތައް ރާވައި، ހިންގައި، އެހިތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވެދިނުން.

(ރ) މުޖުތަމައުގައި ރައްކައުތެރި ބަދަހި ގުޅުން އުފައްދައި، މުޖުތަމައުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމުގެ ގޮތުން ގުޅިގެން މަސައްކަތް ކުރުން.

(ބ) އަންހެނުންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ހިމާޔަތާއި ރައްކައުތެރިކަން ބޭނުންވާ މީހުންނަށް ދޭންޖެހޭ އެހީތެރިކަމާއި ރައްކައުތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުން.

(ޅ) "އިބަމަ" ގެ އަހަރީ ޕްލޭން ތައްޔާރު ކުރުމާއި ތަންފީޒު ކުރުމުގެ ގޮތުން ރާވާ ހަރަކާތްތައް ކުރިޔަށް ގެންދިޔުމަށް މަސައްކަތް ކުރުމާއި، އަހަރީ ޕްލޭނުގެ މަސައްކަތްތައް ކުރިޔަށްދާ މިންވަރު ބެލުމާއި، އެ މަސައްކަތްތަކުގެ ރިކޯޑު ބެލެހެއްޓުން.

(ކ) "އިބަމަ" ގެ ބައްދަލުވުންތައް، މަދުވެގެން މަހަކު 1 (އެކެއް) ފަހަރު ބޭއްވުމާއި، ބައްދަލުވުންތަކުގައި ބައިވެރިވުމާއި، ކުރެވޭ މަސައްކަތްތަކާ ގުޅޭ ގޮތުން އެކިއެކި ފަރާތްތަކާ ހިއްސާކުރަންޖެހޭ ލިޔެކިޔުންތައް ފޮނުވަންޖެހޭ ފަރާތްތަކަށް ގަވާއިދުން ފޮނުވުން.

(އ) "އިބަމަ" ގެ މަސްއޫލިއްޔަތުތަކުގެ އިތުރުން، "އިބަމަ" ގެ މަގުސަދު ހާސިލު ކުރުމުގެ ގޮތުން، މިނިސްޓްރީން ނުވަތަ "އިބަމަ" ގެ ފަންނީ ކޮމިޓީއަށް ފެންނަ އިތުރު މަސްއޫލިއްޔަތު "އިބަމަ" އިން، ސަބް ކޮމިޓީއާ ހަވާލުކުރެވިދާނެއެވެ.

 

7 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން

"އިބަމަ" ގެ މެންބަރުންގެ ގޮތުގައި ހިމެނޭ ކޮންމެ މެންބަރަކު ވެސް، ސިއްރު ހިފެހެއްޓުމުގެ އެއްބަސްވުމެއްގައި ސޮއިކޮށް އިގްރާރުވާންވާނެއެވެ. އަދި 
"އިބަމަ" އިން ބަލަމުންދާ މައްސަލަތަކަށް އެހީތެރިވުމަށް އިތުރު ފަރާތެއް އަންނަ ނަމަ، ސިއްރު ހިފެހެއްޓުމުގެ އެއްބަސްވުމެއްގައި އެ ފަރާތަކުން ވެސް ސޮއިކޮށް އިގްރާރުވާންވާނެއެވެ. މި ކަންކަން ބަލަހައްޓާނީ، މިނިސްޓްރީގެ ލަފަޔާއެކު، ރަށެއްގައި ނަމަ ރަށު ކައުންސިލުން އަދި ސިޓީއެއްގައި ނަމަ ސިޓީ ކައުންސިލުންނެވެ.

 

8 ވަނަ މާއްދާ - "އިބަމަ" ގެ މެންބަރުން އައްޔަނު ކުރުމާއި، އެ މެންބަރުންގެ ދައުރު

(ހ) "އިބަމަ" ގެ މެންބަރުންގެ ގޮތުގައި އައްޔަނު ކުރާނީ، މި އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، "އިބަމަ" ގެ ހިއްސާދާރުން ކަނޑައަޅާ ފަރާތްތަކެވެ.

(ށ) "އިބަމަ" ގެ މެންބަރުންގެ މެންބަރުކަމުގެ މުއްދަތަކީ، ކޮންމެ މެންބަރަކު ވެސް އެ މެންބަރެއްގެ ރަސްމީ ވަޒީފާގައި އަދާކުރާ މަ ގާމުގައި ހުންނަ މުއްދަތެވެ.

(ނ) އެއްވެސް މެންބަރެއްގެ މަގާމު ނުވަތަ މަސައްކަތްކުރާ ތަން ބަދަލުވުމުން "އިބަމަ" ގެ މެންބަރުކަމުން ވަކިވެއްޖެނަމަ، އެ މުއައްސަސާއެއްގެ ފަރާތުން 5 (ފަހެއް) ދުވަހުގެ ތެރޭގައި އެ މުއްސަސާއަކުން "އިބަމަ" އަށް މެންބަރެއް ކަނޑައަޅަންވާނެއެވެ.

 

9 ވަނަ މާއްދާ - "އިބަމަ" ގެ މެންބަރުކަމުން ވަކިވުން

އަންނަނިވި ހާލަތަކުންކުރެ ހާލަތެއް މެދުވެރިވެއްޖެނަމަ، މެންބަރަކު މެންބަރުކަމުން ވަކިވާނެއެވެ.

(ހ) "އިބަމަ" ގެ މެންބަރުކަމުން އިސްތިއުފާ ދިނުން ނުވަތަ ވަޒީފާގެ ގޮތުން އަދާކުރާ ވަޒީފާއިން ވަކިވުން ނުވަތަ ވަކިކުރުން.

(ށ) މި އުސޫލުގެ 3 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ފަރާތެއްނަމަ، އެ ފަރާތެއް "އިބަމަ" ގެ މެންބަރުކަމުން އިސްތިއުފާދިނުން ނުވަތަ ދައުރު ހަމަވުމުން.

 

10 ވަނަ މާއްދާ - "އިބަމަ" ގެ މެންބަރުކަމުން ވަކިކުރުން

(ހ) ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެނަމަ، ހިއްސާދާރު މުއައްސަސާތަކުގެ ލަފާގެ މަތީން، އެ މެންބަރަކު މެންބަރުކަމުން ވަކިކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. 

  1. "އިބަމަ" ގެ މެންބަރުންގެ ށަރުތުގެ ގޮތުގައި މި އުސޫލުގައި ބަޔާންކޮށްފައިވާ ށަރުތުތަކުންކުރެ ށަރުތެއް އެ ފަރާތުގެ ކިބައިން އުނިވުން؛
  2. "އިބަމަ" ގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވުން.
  3. "އިބަމަ" ގެ މެންބަރަކު ސިއްރު ހިފެހެއްޓުމުގެ އެއްބަސްވުމާ ހިލާފުވުން.

(ށ) "އިބަމަ" ގެ ހިއްސާދާރު މުއައްސަސާތަކުން "އިބަމަ" ގެ މެންބަރުކަމަށް އައްޔަނު ކޮށްފައިވާ ފަރާތެއް ބަދަލުކުރަން ބޭނުންވެއްޖެ ހާލަތެއް ކުރިމަތިވެއްޖެ ނަމަ، މިނިސްޓްރީއަށާއި ކައުންސިލަށް އެކަން އަންގަންވާނެއެވެ.

(ނ) "އިބަމަ" ގެ މެންބަރަކު ބަދަލުކުރަންޖެހޭ ފަދަ ހާލަތެއްގައި، ސަބަބުތައް ބަޔާންކޮށް، އެ މެންބަރަކު ވަކިކުރުމަށް ނުވަތަ ބަދަލުކޮށްދިނުމަށް އެދި މިނިސްޓްރީއަށް ހުށަހެޅިދާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ގޮތަށް ހުށަހެޅުމުން، މިނިސްޓްރީން އެކަމަށް ގޮތެއް ނިންމާނީ، ހިއްސާދާރު މުއައްސަސާތަކުގެ ލަފާގެ މަތީންނެވެ.

 

11 ވަނަ މާއްދާ - ސަބް ކޮމިޓީގެ މެންބަރުންގެ ށަރުތުތައް

ސަބް ކޮމިޓީގެ މެންބަރުންގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަ ވާންވާނެއެވެ.

(ހ) މީލާދީގޮތުން އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހެއް ކަމުގައި ވުން.

(ށ) ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޖިނާއީ ބޮޑު ކުށެއް ށަރީއަތަށް ސާބިތުވެފައިވާ ނުވަތަ ތަންފީޒު ކުރަމުންދާ ނުވަތަ އެ ފަދަ ދައުވާއެއް އުފުލިފައިވާ ނުވަތަ ތަހުގީގީ މަރުހަލާއެއްގައި ނުވަތަ އެއްވެސް އިރެއްގައި ތުހުމަތެއް ކުރެވިފައިވާކަމުގެ އެއްވެސް ރިކޯޑެއް ތަހުގީގީ އިދާރާއެއްގައި ނުވަތަ ދައުވާކުރާ އިދާރާއެއްގައި އޮތް ފަރާތެއް ކަމުގައި ނުވުން.

(ނ) އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ވޭތުވެދިޔަ 10 (ދިހައެއް) އަހަރުދުވަހުގެ ތެރޭގައި ކުރިކަން ށަރީއަތަށް ސާބިތުވެފައިވާ ނުވަތަ ހުކުމެއް ތަންފީޒު ކުރަމުންދާ ނުވަތަ އެ ފަދަ ކުށެއްގެ ތުހުމަތެއް ކުރެވިފައިވާ ކަމުގެ އެއްވެސް ރިކޯޑެއް އޮތް ފަރާތެއް ކަމުގައި ނުވުން. 

(ރ) ކުޑަކުއްޖަކަށް އަދި/ނުވަތަ ބޮޑު މީހަކަށް ނަމަވެސް ޖިންސީ އަނިޔާއެއް، ނުވަތަ ޖިސްމާނީ އަނިޔާއެއް، ނުވަތަ ނަފްސާނީ އަނިޔާއެއް ކުރިކަން،ނުވަތަ އިހުމާލުވެފައިވާ، ނުވަތަ އެ ފަދަ އަމަލަކަށް އެއްވެސް ސިފައެއްގައި އެހީތެރިވެދީފައިވާ، ނުވަތަ ބައިވެރިވެފައިވާ، ނުވަތަ ކުރަން އުޅެފައިވާ ކަމުގެ ތުހުމަތެއް ކުރެވިފައިވާ ކަމުގެ އެއްވެސް ރިކޯޑެއް، ކަމާ ގުޅުންހުރި އެއްވެސް އިދާރާއެއްގައި އޮތް ފަރާތެއް ކަމުގައި ނުވުން.

(ބ) ގާނޫނު ނަންބަރު 2011-17 (މަސްތުވާ ތަކެއްޗާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރެއިން، އެއްވެސް ކުށެއް ކުރިކަމުގެ ރިކޯޑެއް، ނުވަތަ ކުށެއްގެ ތުހުމަތު، ފާއިތުވީ 10 (ދިހައެއް) އަހަރުދުވަހުގެ ތެރޭގައި، ކަމާ ގުޅުންހުރި އެއްވެސް އިދާރާއެއްގައި އޮތް ފަރާތެއް ކަމުގައި ނުވުން.

 

12 ވަނަ މާއްދާ - ސަބް ކޮމިޓީގެ މެންބަރުންގެ ދައުރު

މި އުސޫލުގެ 3 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަރާތެއްނަމަ، އެ ފަރާތްތަކުގެ ދައުރަކީ 5( ފަހެއް( އަހަރުދުވަހުގެ މުއްދަތެވެ.

 

13 ވަނަ މާއްދާ - ސަބް ކޮމިޓީގެ މެންބަރުކަމުން ވަކިވުން

އަންނަނިވި ހާލަތަކުންކުރެ ހާލަތެއް މެދުވެރިވެއްޖެނަމަ، ސަބު ކޮމިޓީގެ މެންބަރަކު މެންބަރުކަމުން ވަކިވާނެއެވެ.

(ހ) "އިބަމަ" ގެ މެންބަރުކަމުން އިސްތިއުފާ ދިނުން.

(ށ) ސަބް ކޮމެޓީގެ މެންބަރުންގެ ދައުރު ހަމަވުން.

 

14 ވަނަ މާއްދާ - ސަބް ކޮމިޓީގެ މެންބަރުކަމުން ވަކިކުރުން

ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެނަމަ، ހިއްސާދާރު މުއައްސަސާތަކުގެ ލަފާގެ މަތީން، ސަބް ކޮމިޓީ މެންބަރަކު މެންބަރުކަމުން ވަކިކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ހ) ސަބް ކޮމިޓީގެ މެންބަރުންގެ ށަރުތުގެ ގޮތުގައި މި އުސޫލުގައި ބަޔާންކޮށްފައިވާ ށަރުތުތަކުންކުރެ ށަރުތެއް އެ ފަރާތުގެ ކިބައިން އުނިވުން.

(ށ) ސަބް ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވުން.

(ނ) ސަބް ކޮމިޓީގެ މެންބަރަކު ސިއްރު ހިފެހެއްޓުމުގެ އެއްބަސްވުމާ ހިލާފުވުން.

 

15 ވަނަ މާއްދާ - "އިބަމަ" ގެ ނަމުގައި މައުލޫމާތު ދިނުން

"އިބަމަ" ގެ ނަމުގައި އެއްވެސް ފަރާތަކަށް މައުލޫމާތު ހާމަކުރެވޭނީ، ތިރީގައިވާ ގޮތުގެ މަތީންނެވެ.

(ހ) "އިބަމަ" ގެ ނަމުގައި މީޑިއާއަށް ނުވަތަ އެނޫން ފަރާތަކަށް ވެސް މައުލޫމާތު ދެވޭނީ، "އިބަމަ" ގެ ހިއްސާދާރު މުއައްސަސާތަކުގެ ލަފަޔާއެކު، ހަމައެކަނި "އިބަމަ" ގެ ހިއްސާދާރު މުއައްސަސާތަކުގެ ރަސްމީ މީޑިއާތައް މެދުވެރިކޮށެވެ.

(ށ) މީޑިއާއަށް މައުލޫމާތު ދޭނީ، "އިބަމަ" ގެ މެންބަރުންގެ މަށްވަރާގެ މަތީން، މެންބަރުންގެ ތެރެއިން ކަނޑައަޅާ ފަރާތަކުންނެވެ.

(ނ) މީޑިއާއަށް މައުލޫމާތު ދިނުމަށް ކަނޑައަޅައިފައިވާ ފަރާތުން މައުލޫމާތު އާންމުކުރާނީ، މައުލޫމާތު އާންމުކުރުމަށް ކަނޑައަޅައިފައިވާ ފަރާތުން ވަޒީފާ އަދާކުރާ އިދާރާގެ ރަސްމީ މީޑިއާއެވެ.

(ރ) މީޑިއާތަކަށް މައުލޫމާތު ހިއްސާކުރާއިރު، ސިއްރު އެއްވެސް މައުލޫމާތެއް ހިއްސާކޮށްގެން ނުވާނެއެވެ.

 

16 ވަނަ މާއްދާ - އިޖުތިމާއީ ބަދަހި މަދަދުވެރިންގެ ފަންނީ ކޮމިޓީ

(ހ) "އިބަމަ" ގެ މަސައްކަތްތައް ކުރުމަށް ފަހިކޮށްދީ، އެކިއެކި ކަންކަމުގައި ބޭނުންވާ ލަފާ ދިނުމާއި، ފަންނީ އެހީތެރިކަމާއި އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި "އިބަމަ" ގެ ހިއްސާދާރު މުއައްސަސާތަކާއި، "އިބަމަ" ގެ މަސައްކަތްތަކާ ގުޅުންހުރި އެހީތެރިކަން ފޯރުކޮށްދެވޭނެ އެހެނިހެން މުއައްސަސާތައް ހިމެނޭ އިޖުތިމާއީ ބަދަހި މަދަދުވެރިންގެ ފަންނީ ކޮމިޓީއެއް، މި އުސޫލަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި މިނިސްޓްރީން އެކުލަވައިލަންވާނެއެވެ.

(ށ) އިޖުތިމާއީ ބަދަހި މަދަދުވެރިންގެ ފަންނީ ކޮމިޓީގެ މެންބަރުން އައްޔަނު ކުރާނީ، ކޮމިޓީގައި ހިމެނޭ މުއައްސަސާތަކުގެ ލަފާގެ މަތީން،މިނިސްޓަރެވެ.  

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮމިޓީގެ ބައްދަލުވުންތައް ބޭއްވުމުގެ އިދާރީ ކަންކަން ބަލަހައްޓާނީ ، މިނިސްޓްރީންނެވެ.

(ރ) ކޮމިޓީގައި ހިމެނޭނީ، ތިރީގައިވާ މުއައްސަސާތަކުގެ "އިބަމަ" ގެ މަސައްކަތްތަކާ ގުޅުންހުރި، ނިންމުންތައް ނިންމޭފަދަ މަގާމެއްގައި ހުރި މުވައްޒަފެކެވެ.

  1. މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯށަލް ސަރވިސަސް؛
  2. ލޯކަލް ގަވަރމަންޓް އޮތޯރިޓީ؛
  3. މިނިސްޓްރީ އޮފް އެޑިއުކޭށަން؛
  4. ދިވެހި ފުލުހުންގެ ހިދުމަތް؛
  5. މިނިސްޓްރީ އޮފް ހެލްތް؛
  6. ސިޓީ ކައުންސިލް ނުވަތަ ރަށު ކައުންސިލް؛
  7. ހެލްތް ޕްރޮޓެކްށަން އޭޖެންސީ؛
  8. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް؛
  9. ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީ؛
  10. މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް؛ 
  11. މިނިސްޓްރީ އޮފް ހޯމްއެފެއާޒް؛
  12. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް؛
  13. ޔުނައިޓަޑް ނޭށަންސް ޗިލްރަންސް ފަންޑް (ޔުނިސެފް).

(ބ) އިޖުތިމާއީ ބަދަހި މަދަދުވެރިންގެ ފަންނީ ކޮމިޓީން އެއްވެސް އެހީތެރިކަމެއް ބޭނުންވެއްޖެ ހިނދެއްގައި، އެހެން މުއައްސަސާއެއްގެ ކަމާ ގުޅޭ އިދާރާއެއްގެ ނުވަތަ ބޭރުގެ އެހީ ފޯރުކޮށްދޭ ފަރާތެއްގެ އެހީތެރިކަން ހޯދިދާނެއެވެ.

 

17 ވަނަ މާއްދާ - އިޖުތިމާއީ ބަދަހި މަދަދުވެރިންގެ ފަންނީ ކޮމިޓީގެ މެންބަރުންގެ ށަރުތުތައް

އިޖުތިމާއީ ބަދަހި މަދަދުވެރިންގެ ފަންނީ ކޮމިޓީގެ މެންބަރުންގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

(ހ) ދިވެހި ރައްޔިތެއް ކަމުގައި ވުން.

(ށ) ތަމްސީލުކުރާ ދާއިރާގައި ރަސްމީކޮށް ވަޒީފާ އަދާކުރާ ފަރާތަކަށް ވުމާއެކު،"އިބަމަ" ގައި އެ އިދާރާ ތަމްސީލުކުރަން އެ އިދާރާއިން ކަނޑައަޅާ ފަރާތަކަށް ވުން.

(ނ) މީލާދީގޮތުން، އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހެއް ކަމުގައި ވުން.

(ރ) ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޖިނާއީ ބޮޑު ކުށެއް ށަރީއަތަށް ސާބިތުވެފައިވާ، ނުވަތަ ތަންފީޒު ކުރަމުންދާ، ނުވަތަ އެ ފަދަ ދައުވާއެއް އުފުލިފައިވާ، ނުވަތަ ތަހުގީގީ މަރުހަލާއެއްގައި ނުވަތަ އެއްވެސް އިރެއްގައި ތުހުމަތެއް ކުރެވިފައިވާ ކަމުގެ އެއްވެސް ރިކޯޑެއް ތަހުގީގީ އިދާރާއެއްގައި ނުވަތަ ދައުވާކުރާ އިދާރާއެއްގައި އޮތް ފަރާތެއް ކަމުގައި ނުވުން.

(ބ) އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ވޭތުވެދިޔަ 10 (ދިހައެއް) އަހަރުދުވަހުގެ ތެރޭގައި ކުރިކަން ށަރީއަތަށް ސާބިތުވެފައިވާ ނުވަތަ ތަންފީޒު ކުރަމުންދާ ނުވަތަ އެ ފަދަ ކުށެއްގެ ތުހުމަތެއް ކުރެވިފައިވާ ކަމުގެ އެއްވެސް ރިކޯޑެއް އޮތް ފަރާތެއް ކަމުގައި ނުވުން.

(ޅ) ކުޑަކުއްޖަކަށް އަދި/ނުވަތަ ބޮޑު މީހަކަށް ނަމަވެސް ޖިންސީ އަނިޔާއެއް،ނުވަތަ ޖިސްމާނީ އަނިޔާއެއް، ނުވަތަ ނަފްސާނީ އަނިޔާއެއް ކުރިކަން ނުވަތަ އިހުމާލުވެފައިވާ ނުވަތަ އެ ފަދަ އަމަލަކަށް އެއްވެސް ސިފައެއްގައި އެހީތެރިވެދީފައިވާ ނުވަތަ ބައިވެރިވެފައިވާ ނުވަތަ ކުރަން އުޅެފައިވާ ކަމުގެ ތުހުމަތެއް ކުރެވިފައިވާ ކަމުގެ އެއްވެސް ރިކޯޑެއް، ކަމާ ގުޅުންހުރި އެއްވެސް އިދާރާއެއްގައި އޮތް ފަރާތެއް ކަމުގައި ނުވުން.

(ކ) ގާނޫނު ނަންބަރު 2011-17 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރެއިން، އެއްވެސް ކުށެއް ކުރިކަމުގެ ރިކޯޑެއް، ނުވަތަ ކުށެއް ކުރިކަމުގެ ތުހުމަތެއް، ފާއިތުވީ 10 (ދިހައެއް) އަހަރުދުވަހުގެ ތެރޭގައި، ކަމާ ގުޅުންހުރި އެއްވެސް އިދާރާއެއްގައި އޮތް ފަރާތެއް ކަމުގައި ނުވުން.

(އ) އިއްދައިގެ ހަރަދު ނުވަތަ ދަރިންގެ ހަރަދު ދިނުމަށް ސާބިތު ދަރަންޏެއް އެ މީހެއްގެ މައްޗަށް ށަރުއީ ކޯޓަކުން ސާބިތުވެފައިވާ ފަރާތްތަކުގެ ތެރެއިން ގަވާއިދުން ސާބިތު ދަރަނި އަދާނުކުރާ ފަރާތަކަށް ނުވުން.

 

18 ވަނަ މާއްދާ - އިޖުތިމާއީ ބަދަހި މަދަދުވެރިންގެ ފަންނީ ކޮމިޓީގެ މެންބަރުންގެ މަސްއޫލިއްޔަތު

އިޖުތިމާއީ ބަދަހި މަދަދުވެރިންގެ ފަންނީ ކޮމިޓީގެ މެންބަރުންގެ މަސްއޫލިއްޔަތުތަކަކީ "އިބަމަ" ގެ މަސައްކަތްތައް ކުރުމަށް ފަހިކޮށްދީ، އެކިއެކި ކަންކަމުގައި ބޭނުންވާ ލަފާ ދިނުމާއި، ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

 

19 ވަނަ މާއްދާ - އިޖުތިމާއީ ބަދަހި މަދަދުވެރިންގެ ފަންނީ ކޮމިޓީގެ މެންބަރުކަމުން ވަކިވުން

އަންނަނިވި ހާލަތަކުންކުރެ ހާލަތެއް މެދުވެރިވެއްޖެނަމަ، އިޖުތިމާއީ ބަދަހި މަދަދުވެރިންގެ ފަންނީ ކޮމިޓީގެ މެންބަރުކަމުން ވަކިވާނެއެވެ.

(ހ) ކޮމެޓީގެ މެންބަރުކަމުން އިސްތިއުފާ ދިނުން ނުވަތަ އަދާކުރާ ވަޒީފާއިން އިސްތިއުފާ ދިނުން.

(ށ) މެންބަރުކަމަށް އައްޔަނުކޮށްފައިވާ ވަޒީފާ ބަދަލުވުން.

 

20  ވަނަ މާއްދާ - "އިބަމަ" ގެ ބަޖެޓް

(ހ) މި އުސޫލުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން "އިބަމަ" ގެ މެންބަރުންގެ މަސްއޫލިއްޔަތުތަކަ ކީ އެ މެންބަރުންގެ ރަސްމީ ވަޒީފާގެ ބަޔާނަށް އިތުރުކުރެވޭނޭ ކަންތައްތައް ކަމުގައިވާތީ، "އިބަމަ" އިން ރާވައިގެން ކުރިޔަށްގެންދާ ހަރަކާތްތަކުގައި ކުރަންޖެހޭ ހަރަދު ބަލަހައްޓާނީ، އެ ހަރަކާތާ ގުޅުންހުރި މުއައްސަސާއިންނެވެ. އަދި މެންބަރުން ރަސްމީގަޑީގެ އިތުރުން މަސައްކަތް ކުރާނަމަ، އިތުރުގަޑީގެ ފައިސާ ދިނުން ފަދަ ކަންތައް ހަމަޖައްސާނީ، އެ މެންބަރަކު ނިސްބަތްވާ މުއައްސަސާއަކުން އިތުރުގަޑީގެ ފައިސާ ދިނުމުގައި އަމަލުކުރާ އުސޫލުތަކުގެ ތެރެއިން އެ މުއައްސަސާއަކުންނެވެ. މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހަރަދުތައް ހަމަޖެއްސުމަށް ޓަކައި "އިބަމަ" އަށް ވަކި ބަޖެޓެއް ކަނޑައެޅިފައެއް ނޯންނާނެއެވެ.

 

21 ވަނަ މާއްދާ - އުސޫލު ހަދައި ހިންގުން

(ހ) މި އުސޫލު ހަދައި ހިންގުމުގެ މައި ދައުރު އަދާކުރާނީ، "އިބަމަ" ގެ ހިއްސާދާރު މުއައްސަސާތަކުގެ ލަފަޔާއި މަށްވަރާޔާއެކު މިނިސްޓްރީންނެވެ.

(ށ) މި އުސޫލުގެ ދަށުން "އިބަމަ" އަމަލުކުރާނޭ ގޮތްތަކުގެ އިޖުރައަތުތައް، މި އުސޫލަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެކުލަވައިލައި، އެ އިޖުރައާތުތައް ހިއްސާ ކުރަންޖެހޭ ފަރާތްތަކާ ހިއްސާ ކުރަންވާނެއެވެ.

 

22 ވަނަ މާއްދާ - އަމަލު ކުރަން ފެށުން

މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

23 ވަނަ މާއްދާ - ލަފުޒުތަކާއި އިބާރާތްތަކުގެ މާނަ

މި އުސޫލުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިމިވާ މާނަކުރުމެވެ.

(ހ) "މިނިސްޓްރީ" ކަމުގައި ބުނެފައި އެވަނީ، ހާއްސަ ރައްކައުތެރިކަން ދޭންޖެހޭ ފަރާތްތަކަށް ރައްކައުތެރިކަން ކަށަވަރު ކުރުމުގެ ޒިންމާ ހަވާލުކޮށްފައިވާ ވުޒާރާއަށެވެ.

(ށ) "ހާއްސަގޮތެއްގައި އެހީތެރިކަން ބޭނުންވާ މީހުން" ކަމުގައި ބުނެފައި އެވަނީ، އެކިއެކި ސަބަބުތަކާހުރެ، އާންމުކޮށް ބެލެވޭ މިންގަނޑަށްވުރެ ދުޅަހެޔޮކަން ދަށަށް ގޮސްފައިވާ، ނުވަތަ ނޭދެވޭ އަސަރު ކުރުމުގެ ސަބަބުން ނާޒުކު ހާލަތަކަށް ގޮސްފައިވާ (ވަލްނެރަބްލް) ނުވަތަ އެފަދަ ހާލަތަކަށް ހިނގައިދާނެ ފަދަ ހާލަތެއް މެދުވެރިވެފައިވާ ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނާއި ފިރިހެނުންނަށެވެ.

(ނ) "ޕްރޮޓެކްށަން" ކަމުގައި ބުނެފައި އެވަނީ، މި އުސޫލުގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ރައްކައުތެރިކަމަށް ކުރެވޭ މައްސައްކަތްތަކަށެވެ.

(ރ) "ޕްރިވެންޓިވް" ކަމުގައި ބުނެފައި އެވަނީ، މި އުސޫލުގެ ދަށުން ކަމެއް ވިޔަނުދިނުމަށް ކުރަމުންދާ މަސައްކަތްތަކަށެވެ.

(ބ) "ރެސްޕޮންސިވް" ކަމުގައި ބުނެފައި އެވަނީ، މި އުސޫލުގެ ދަށުން ކުރާ މަސައްކަތްތަކުގައި ވަގުތުން ފިޔަވަޅު އެޅުމަށް ކުރާ ކަންކަމަށެވެ.

(ޅ) "ނެއިބަރހުޑް ޕޮލިސް އޮފިސަރ" ކަމުގައި ބުނެފައި އެވަނީ، ދިވެހި ފުލުހުންގެ ހިދުމަތުގައި ނެއިބަރހުޑް ޕޮލިހުންގެ ގޮތުގައި ކަނޑައަޅައިފައިވާ ފަރާތްތަކަށެވެ.

(ކ) "ރަސްމީ މީޑިއާ" ކަމުގައި ބުނެފައި އެވަނީ، "އިބަމަ" ގެ ހިއްސާދާރު މުއައްސަސާތަކުގެ ލަފަޔާއެކު، "އިބަމަ" ގެ ހިއްސާދާރުންގެ ތެރެއިން މައުލޫމާތު އާންމުކުރުމަށް މެންބަރުން ކަނޑައަޅާ ފަރާތުން ވަޒީފާ އަދާކުރާ އިދާރާއިން ރަސްމީކޮށް ބޭނުންކުރާ މީޑިއާއަށެވެ.

(އ) "ލިއޭޒަން އޮފިސަރު" ކަމުގައި ބުނެފައި އެވަނީ، ސްކޫލުތަކުގައި ކަނޑައަޅައިފައިވާ މަގާމަކަށެވެ.

 

މައި ގާނޫނު

  1. ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 2019-19)
  2. ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު (ގާނޫނު ނަންބަރު 2012-03)
  3. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-08)
  4. އިޖްތިމާއީ ރައްކާތެރިކަމުގެ ގާނޫނު (ގާނޫނު ނަންބަރު 2014-02)
  5. އާއިލާއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2000-04)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު