-

ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް މާލީ އެހީ ދިނުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 23/2016)

 

ފުރަތަމަ ބާބު

އިބްތިދާއީ މާއްދާތައް

1 ވަނަ މާއްދާ - ތައާރަފު

މިއީ ގާނޫނު ނަންބަރު 2/2014 (އިޖުތިމާއީ ރައްކާތެރިކަމުގެ ގާނޫނު) ގެ 14 ވަނަ މާއްދާގެ ދަށުން ނޭށަނަލް ސޯށަލް ޕްރޮޓެކްށަން އޭޖެންސީއަށް ލިބިދޭ އިހުތިޔާރުގެ ދަށުން ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތަކުން ކާބޯތަކެތި ގަތުމަށް މާލީ އެހީ ދިނުމުގެ އެންމެހައި އުސޫލްތައް ބަޔާންކުރުމަށް ހަދާފައިވާ ގަވާއިދެކެވެ.

 

2 ވަނަ މާއްދާ – ގަވާއިދުގެ ނަން

މި ގަވާއިދަށް ކިޔާނީ، "ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް މާލީ އެހީ ދިނުމާ ބެހޭ ގަވާއިދު" އެވެ.

 

3 ވަނަ މާއްދާ – ގަވާއިދުގެ މަގްސަދު

މި ގަވާއިދުގެ މަގްސަދަކީ ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް ހާސިލްކުރުމެވެ.

(ހ) ފަގީރު ހާލަތުގެ ސަބަބުން ކާބޯތަކެތި ގަތުމަށް ދަތިވާ ފަރާތްތަކަށް ކާބޯތަކެތި ގަތުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން.

(ށ) އިޖުތިމާއީ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީ ހައްގުވާ ފަރާތްތަކުގެ ހުންނަންޖެހޭ ށަރުތުތައް ކަނޑައެޅުން.

(ނ) އިޖުތިމާއީ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީ ލިބޭ ފަރާތްތަކުގެ ދަފުތަރު އެކުލަވައިލުމާއި އެފަރާތްތަކުގެ ދަފުތަރު އެކުލަވައިލުމާއި އެފަރާތްތައް ބެލެހެއްޓުމާބެހޭ އެންމެހައި މަސައްކަތްތައް ކުރިއަށް ގެންދާނެ އުސޫލުތައް ކަނޑައެޅުން.

(ރ) އިޖްތިމާއީ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީގެ އިނާޔަތްތައް ދިނުމުގައި ގެންގުޅޭ މިންގަނޑުތަކާއި އުސޫލްތައް ކަނޑައެޅުން.

(ބ) އިޖްތިމާއީ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީގެ މިންވަރުތައް ކަނޑައެޅުން

(ޅ) އިޖުތިމާއީ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީތައް ދިނުން، މެދުކަނޑާލުމާއި، ހުއްޓާލުމުގައި ގެންގުޅޭނެ އުސޫލުތައް ކަނޑައެޅުން.

 

ދެވަނަ ބާބު

ކާބޯތަކެތި ގަތުމަށް މާލީ އެހީ ލިބޭ މީހުންގެ ދަފުތަރު އެކުލަވައިލުމުގާއި ދަފުތަރުގައި މީހުން ހިމެނުމުގައި ބަލާނެ ށަރުތުތައް

4 ވަނަ މާއްދާ- ކާބޯތަކެތި ގަތުމަށް އެހީ ލިބޭ މީހުންގެ ދަފުތަރު

ކާބޯތަކެތި ގަތުމަށް މާލީ އެހީ ލިބޭ މީހުންގެ ދަފުތަރެއް ނޭށަނަލް ސޯށަލް ޕްރޮޓެކްށަން އޭޖެންސީން އެކުލަވައިލައި ބަލަހައްޓަން ވާނެއެވެ.

 

5 ވަނަ މާއްދާ- ދަފުތަރުގައި މީހުން ހިމެނުން

(ހ)  ކާބޯތަކެތި ގަތުމަށް މާލީ އެހީ ލިބޭ މީހުންގެ ދަފުތަރުގައި ހިމެނުމަށް އޭޖެންސީގައި އެދެންވާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ "ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީއަށް އެދި ހުށަހަޅާ ފޯމް" ފުރިހަމަކުރުމަށްފަހު އެ ފޯމުގެ ޒަރީއާއިންނެވެ. މި ފޯމު ހުށަހަޅަންވާނީ، ނޭށަނަލް ސޯށަލް ޕްރޮޓެކްށަން އޭޖެންސީއަށް ނުވަތަ އޭޖެންސީން ކަނޑައަޅާ ތަނަކަށެވެ.

(ށ) ކާބޯތަކެތި ގަތުމަށް މާލީ އެހީ ލިބޭ މީހުންގެ ދަފްތަރުގައި މި މާއްދާގެ ދަށުން ރަޖިސްޓަރކުރެވޭނީ، އެހީއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މި ގަވާއިދުގެ 7 ވަނަ މާއްދާގައިވާ ށަރުތުތައް ފުރިހަމަވާ ގޭބިސީއަކުންނެވެ.

(ނ) އެހީއަށް އެދި ހުށަހަޅާ ފޯމުތަކަށް އިޖުތިމާއީ ރައްކާތެރިކަމާބެހޭ އާންމު ގަވާއިދުގައި ކަނޑައަޅާފައިވާގޮތަށް އަމަލުކުރެވޭނެއެވެ.

(ރ) މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތެއް، އެހީ ލިބެމުންދާ ފަރާތަކަށް މެދުވެރިވެއްޖެނަމަ ނުވަތަ މި ގަވާއިދުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެހީ މެދުކަނޑާލަންޖެހޭ ފަދަ ހާލަތެއް އެފަދަ ފަރާތަކަށް މެދުވެރިވެއްޖެނަމަ، އެކަމެއް އިސްލާހުކުރުމަށް 3 (ތިނެއް) މަސްދުވަހުގެ މުހުލަތެއް ދިނުމަށްފަހު އިސްލާހުނުވެއްޖަނަމަ، ކާބޯތަކެތި ގަތުމަށް މާލީ އެހީ ލިބޭ މީހުންގެ ދަފްތަރުން އެ ފަރާތެއްގެ ނަން އުނިކުރެވޭނެއެވެ.

 

6 ވަނަ މާއްދާ - އެހީއަށް އެދި ފޯމު ހުށަހެޅޭނެ ފަރާތްތައް

ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯޓަކެތި ގަތުމަށް މާލީ އެހީ ހޯދުމަށް، އަންނަނިވި ފަރާތްތަކުން ކުރެ ފަރާތަކަށް ހުށަހެޅިދާނެއެވެ.

(ހ) އެހީއަށް ބޭނުންވާ މީހާ؛ ނުވަތަ،

(ށ) އެހީއަށް ބޭނުންވާ މީހާގެ އާއިލާގެ މީހެއް.

 

7 ވަނަ މާއްދާ - ކާބޯތަކެތި ގަތުމަށް މާލީ އެހީ ލިބޭ މީހުންގެ ށަރުތުތައް

(ހ) އެހީއަށް އެދޭ ފަރާތަކީ ދިވެހިރައްޔިތެއް ކަމުގައި ވާންޖެހޭނެއެވެ.

(ށ) އެހީއަށް އެދޭ ފަރާތަކީ ފަގީރުކަމުގެ ސަބަބުން ހާލަތު ދެނެގަތުމާބެހޭ ގޮތުން އޭޖެންސީން ކަނޑައަޅާފައިވާ އުސޫުލުގައި ބަޔާންކޮށްފައިވާ މިންވަރަށް ވުރެ މަދުން އާމްދަނީ ލިބޭ އަދި ދިރިއުޅުމުގެ ހާލަތު ދަށް ފަރާތެއް ކަމުގައި ވާން ވާނެއެވެ.

 

ތިންވަނަ ބާބު

ދެވޭ އެހީގެ މިންވަރާއި އެހީ ދޭނެގޮތް

8 ވަނަ މާއްދާ - ކާބޯތަކެތި ގަތުމަށް އެހީ ދެވޭ ގޮތް

ކާބޯތަކެތި ގަތުމަށް އެހީ ދެވޭނީ ކާޑުގެ ބާވަތްތަކުގެ ތެރެއިން ހަނޑޫ، ހަކުރު އަދި ފުށަށް އެކަންޏެވެ.

 

9 ވަނަ މާއްދާ – މަހެއްގެ މައްޗަށް ދެވޭނެ މިންވަރު

މި ގަވާއިދުގެ ދަށުން ކާބޯތަކެއްޗަށް ދެވޭ މާލީ އެހީޣެ ގޮތުގައި މީލާދީ ކޮންމެ މަހަކަށް ށަރުތު ހަމަވާ ކޮންމެ ފަރާތަކަށް 40 (ސާޅީސް) ރުފިޔާ ލިބިދެވޭނެއެވެ. މިގޮތުން އެހީއަށް އެދި ހުށަހަޅާ ގޭބިސީއަކަށް މަހެއްގެ މައްޗަށް ގިނަވެގެން ލިބިދެވޭނީ 240 (ދުއިސައްތަ ސާޅީސް) ރުފިޔާއެވެ.

 

10 ވަނަ މާއްދާ - އަހަރެއްގެ ތެރޭގައި ދެވޭނެ މިންވަރު

މި ގަވާއިދުގެ ދަށުން ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީގެ ގޮތުގައި މީލާދީ އަހަރެއްގެ ތެރޭގައި ގިނަވެގެން މީހަކަށް ދެވޭނީ، 480 (ހަތަރު ސަތޭކަ އަށްޑިހަ) ރުފިޔާއެވެ. އަދި ގޭ ބިސީއަކަށް ގިނަވެގެން ދެވޭނީ 2880 (ދެހާސް އަށްސަތޭކަ އަށްޑިހަ) ރުފިޔާއެވެ.

 

11 ވަނަ މާއްދާ - މާލީ އެހީ ދޭނެ ގޮތް

މި ގަވާއިދުގެ ދަށުން ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީ ދޭނީ އެހީ ހޯދުމަށް އެދި ހުށަހަޅާ ފަރާތެއްގެ ނަމުގައި ހަދާފައިވާ ބޭންކު އެކައުންޓަކަށް ޖަމާކޮށްގެން، އިޖުތިމާއީ ރައްކާތެރިކަމުގެ އާންމު ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތަށެވެ. މިގޮތުން ފޯމު ހުށަހެޅޭނީ ގޭބިސީގެ ފަރާތުން ގޭބިސީގައި ހިމެނޭ މީހަކަށެވެ.

 

ހަތަރުވަނަ ބާބު

އެހީ ލިބެމުންދާ ފަރާތުގެ ހާލަތު ބަދަލުވުމާއި އެހީ މެދުކަނޑާލުން

12 ވަނަ މާއްދާ - އެހީ ލިބެމުންދާ ފަރާތުގެ ހާލަތު ބަދަލުވެއްޖެކަން އިދާރާއަކަށް އެނގުން

މި ގަވާއިދުގެ ދަށުން އެހީ ލިބެމުންދާ ފަރާތެއްގެ މައުލޫމާތަށް އެއްވެސް ބަދަލެއް އައިކަން އެއްވެސް އިދާރާއަކަށް އެނގިއްޖެ ނަމަ އެކަން ލަސްނުކޮށް އޭޖެންސީއަށް އަންގަންވާނެއެވެ.

 

13 ވަނަ މާއްދާ - އެހީ ލިބެމުންދާ ފަރާތުގެ ހާލަތު ބަދަލުވުން

މި ގަވާއިދުގެ ދަށުން އެހީ ލިބެމުންދާ ފަރާތެއްގެ ހާލަތު ބަދަލުވެއްޖެނަމަ ނުވަތަ އެ ފަރާތުގައި ހުންނަން ޖެހޭ ށަރުތެއް އުނިވެއްޖެނަމަ، އެހީ ލިބެމުންދާ ފަރާތުން އެކަން 15 (ފަނަރަ) ދުވަހުގެ ތެރޭގައި މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ފޯމުގެ ޒަރީއާއިން އޭޖެންސީއަށް އަންގަންވާނެއެވެ.

 

14 ވަނަ މާއްދާ - އެހީ މެދުކަނޑާލުން

މި ގަވާއިދުގެ ދަށުން އެހީ ލިބެމުންދާ ފަރާތެއްގެ ހާލަތު ބަދަލުވެއްޖެ ނަމަ ނުވަތަ އެފަރާތުގައި ހުންނަންޖެހޭ ށަރުތެއް އުނިވެއްޖެނަމަ އެހީ މެދުކަނޑާލެވޭނެއެވެ.

 

15 ވަނަ މާއްދާ - އެހީ މެދުކަނޑާލެވޭ ހާލަތްތައް

މި ގަވާއިދުގެ 14 ވަނަ މާއްދާގެ ދަށުން އެހީ މެދު ކަނޑާލެވޭނީ އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމެއް ދިމާވުމުން ނުވަތަ ކުރުމުންނެވެ.

(ހ) އެހީ ކުރިއަށް ގެންދިއުމުގައި އޭޖެންސީއިން ބަލާ މިންގަނޑަކާއި ނުވަތަ އިޖުތިމާއީ ރައްކާތެރިކަމުގެ ގާނޫނު ނުވަތަ އިޖުތިމާއީ ރައްކާތެރިކަމުގެ އާންމު ގަވާއިދާއި އެހީ ލިބެމުންދާ ފަރާތް ހިލާފުވުން.

(ށ) މި ގަވާއިދުގެ 7 ވަނަ މާއްދާއާއި، 13 ވަނަ މާއްދާގައި ބަޔާންކުރާ މިންގަނޑުތަކަށް ބަލައި، އެއިން ކަމެއް ފުރިހަމަ ނުވާކަމަށް އޭޖެންސީއަށް ފާހަގަވުން.

 

16 ވަނަ މާއްދާ - ގަވާއިދާއި ހިލާފުވުން

އެއްވެސް ފަރާތަކުން މި ގަވާއިދާ ހިލާފުވެއްޖެނަމަ އިޖުތިމާއީ ރައްކާތެރިކަމުގެ އާންމު ގަވާއިދުގެ ދަށުންނާއި، އިޖުތިމާއީ ރައްކާތެރިކަމުގެ ގާނޫނުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުގެ މަތިން އަމަލުކުރެވޭނެއެވެ.

 

 

17 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރުން

މި ގަވާއިދަށް އަމަލުކުރަން ފާށާނީ މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

18 ވަނަ މާއްދާ – ގަވާއިދު ތަންފީޒުކުރުމާއި އިސްލާހް ކުރުން

މި ގަވާއިދުގެ ދަށުން ކުރަންޖެހޭ އެންމެހައި ކަންކަން ތަންފީޒުކޮށް ހިންގުމަކީ ނޭށަނަލް ސޯށަލް ޕްރޮޓެކްށަން އޭޖެންސީގެ ޒިންމާއެކެވެ. އަދި މި ގަވާއިދަށް އިސްލާހެއް ގެންނަން ޖެހިއްޖެ ހިނދެއްގައި އެ އިސްލާހު ގެނައުމުގެ ބާރާއި އިހްތިޔާރު ލިބިގެންވަނީ ނޭށަނަލް ސޯށަލް ޕްރޮޓެކްށަން އޭޖެންސީއަށެވެ.

 

19 ވަނަ މާއްދާ – މާނަކުރުން

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި ބަސްތައް މާނަ ކުރާނީ މި މާއްދާގައި އެ ބަސްތަކުގެ މާނަކަމުގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

(ހ) "އޭޖެންސީ" ކަމުގައި ބުނެފައި އެވަނީ، ނޭށަނަލް ސޯށަލް ޕްރޮޓެކްށަން އޭޖެންސީއަށެވެ.

(ށ) "ހަރަދުކޮށް ބަލަހައްޓަން ޖެހޭ ކުދިންނާއި މީހުން" ކަމުގައި ބުނެފައި އެވަނީ، އެއް ގޭ ބިސީއެއްގައި ދިރިއުޅެމުންދާ އެހީއަށް އެދޭ މީހާ އާއި އެ މީހާ ބަލަހައްޓަންޖެހޭ ކުދިންނާއި މީހުންނަށެވެ.

(ނ) "އެއް ގޭބިސީ" ކަމުގައި ބުނެފައި އެވަނީ، އެއްތަނެއްގައި ކައްކައި ކައިބޮއި ނިދައި ހަދާ އެންމެންނަށެވެ.

(ރ) "އާމްދަނީ" ކަމުގައި ބުނެފައި އެވަނީ، ގަވާއިދުން މަހުން މަހަށް ލިބޭ ފައިސާއާއި އިނާޔަތްތައް ނުވަތަ ގަނޑުކޮށް މީހަކަށް ލިބޭ ފައިސާގެ އިނާޔަތަކަށެވެ.

(ބ) "ގާނޫނު" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2/2014 (އިޖުތިމާއީ ރައްކާތެރިކަމުގެ ގާނޫނު) އަށެވެ.

(ޅ) "ހާލަތު ބަދަލުވުން" ކަމުގައި ބުނެފައި އެވަނީ، ގޭބިސީގައި ދިރިއުޅޭ މީހުންގެ އަދަދަށް ބަދަލު އައުމަށެވެ.

(ކ) "މާލީ އެހީ" ކަމުގައި ބުނެފައި އެވަނީ، މި ގަވާއިދުގެ 9 ވަނަ މާއްދާގެ ދަށުން އެހީއަށް އެދޭ ފަރާތަކަށް ދެވޭ މިންވަރަށެވެ.

(އ) "އާއިލާ މީހެއް" ކަމުގައި ބުނެފައި އެވަނީ އެއް ގޭބިސީއެއްގައި ދިރިއުޅޭ ތިމާގެ މީހުންނަށެވެ.

 

 ---------------

 

ޖަދުވަލު 1

(ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީއަށް އެދި ހުށަހަޅާ ފޯމް ، އެޓޭޗްކުރެވިފައިވާ ޕީ.ޑީ.އެފް ފައިލް ގައި ހިމެނިފައިވާނެއެވެ. އަދި ފަހުން އަޕްލޯޑް ކުރެވިގެން ދާނެއެވެ.)

 

---------------

 

ޖަދުވަލު 2

(ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީއަށް އެދޭ ފަރާތުގެ ހާލަތު ބަދަލުވިކަން އަންގާ ފޯމް، އެޓޭޗްކުރެވިފައިވާ ޕީ.ޑީ.އެފް ފައިލް ގައި ހިމެނިފައިވާނެއެވެ. އަދި ފަހުން އަޕްލޯޑް ކުރެވިގެން ދާނެއެވެ.)

 

މައި ގާނޫނު

އިޖްތިމާއީ ރައްކާތެރިކަމުގެ ގާނޫނު (ގާނޫނު ނަންބަރު 2/2014) 

 

 

 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު