-

އިޖްތިމާއީ ރައްކާތެރިކަމުގެ އާންމު ގަވާއިދު

(ގަވާއިދު ނަންބަރު 22/2016) 

 

ފުރަތަމަ ބާބު

އިބްތިދާއީ މާއްދާތައް

1 ވަނަ މާއްދާ - ތައާރުފު

މިއީ، ގާނޫނު ނަންބަރު 2/2014 (އިޖްތިމާއީ ރައްކާތެރިކަމުގެ ގާނޫނު) ގެ 14 ވަނަ މާއްދާގެ ދަށުން ނޭސަނަލް ސޯށަލް ޕްރޮޓެކްށަން އޭޖެންސީއަށް ލިބިދޭ އިހުތިޔާރުގެ ދަށުން ދިވެހިރައްޔިތުންނަށް އިޖްތިމާއީ ރައްކާތެރިކަމުގެ އެހީތަށް ދިނުމުގެ އެންމެހައި އުސޫލުތައް ބަޔާންކުރުމަށް ހަދާފައިވާ ގަވާއިދެކެވެ.

 

2 ވަނަ މާއްދާ - ގަވާއިދު ނަން

މި ގަވާއިދަށް ކިޔާނީ، "އިޖްތިމާއީ ރައްކާތެރިކަމުގެ އާންމު ގަވާއިދު " އެވެ.

 

3 ވަނަ މާއްދާ - ގަވާއިދުގެ މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް ހާސިލުކުރުމެވެ.

(ހ) އިޖްތިމާއީ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން އެހީތައް ދިނުމާބެހޭ އާންމު އުސޫލުތައް ގާއިމުކުރުން.

(ށ) އިޖްތިމާއީ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ލިބިދެވޭ ތަފާތު އެހީތަކަށް އެދި ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ ފޯމުތަކަށް ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން އަމަލުކުރުން.

(ނ) އިޖްތިމާއީ ރައްކާތެރިކަމުގެ ގަނޫނުގެ ދަށުން ފިޔަވަޅު އެޅުމުގައި ކަނޑައަޅާފައިވާ އުސޫލެއްގެ ދަށުން އަމަލުކުރުން.

 

 

ދެވަނަ ބާބު

އާންމު މާއްދާތައް

4 ވަނަ މާއްދާ - އެހީއަށް އެދި ހުށަހެޅޭނެ ފަރާތްތައް

(ހ) އިޖްތިމާއީ ރައްކާތެރިކަމާބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ހާއްސަ ގަވާއިދުތަކުގައި ވަކިގޮތަކަށް ކަނޑައަޅާފައިނުވާނަމަ، އަންނަނިވި ފަރާތްތަކުންކުރެ ފަރާތަކަށް އެހީއަށް އެދި ހުށަހެޅިދާނެއެވެ.

  1. އެހީއަށް ބޭނުންވާ މީހާ؛ ނުވަތަ
  2. އެހީއަށް ބޭނުންވާ މީހާގެ އާއިލާގެ މީހެއް؛ ނުވަތަ
  3. އެހީއަށް ބޭނުންވާ މީހާގެ ބަލަދުވެރިޔާ؛ ނުވަތަ
  4. ސަރުކާރުގެ އިދާރާއަކުން؛ ނުވަތަ
  5. އެހީއަށް ބޭނުންވާ މީހާގެ އެހީތެރިއެއް.

 

5 ވަނަ މާއްދާ - މީލާދީ މަހެއްގައި އެހީގެ ގޮތުގައި ލިބިދެވޭ އެންމެ މަތީ އަދަދު

ކޮންމެ މީލާދީ މަހެއްގައު އެހީގެ ގޮތުގައި މީހަކަށް ލިބެދެވޭނީ އެންމެ ގިނަވެގެން 10،000 (ދިހަ ހާސް) ރުފިޔާގެ އެހީއެކެވެ.

 

6 ވަނަ މާއްދާ - މީލާދީ މަހެއްގައި އެހީއަކަށް ލިބިދެވޭ އެންމެ މަތީ އަދަދު

ކޮންމެ މީލާދީ މަހެއްގައި ވަކިވަކި އެހީތަކަށް ލިބިދެވޭ އަދަދު އެ އެހީއަކާ ގުޅިގެން ހަދާފައިވާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

7 ވަނަ މާއްދާ - މީލާދީ އަހަރެއްގައި އެހީގެ ގޮތުގައި ލިބިދެވޭ އެންމެ މަތީ އަދަދު

ކޮންމެ މީލާދީ އަހަރެއްގައި އެހީގެ ގޮތުގައި މީހަކަށް ލިބިދެވޭނީ، އެންމެ ގިނަވެގެން 120،000 (ސަތޭކަ ވިހި ހާސް) ރުފިޔާގެ އެހީއެކެވެ.

 

8 ވަނަ މާއްދާ - އެހީއަށް އެދި ހުށަހަޅާ ފޯމާމެދު އަމަލުކުރާނެ އުސޫލު

(ހ) އިޖްތިމާއީ ރައްކާތެރިކަމާބެހޭ ގާނޫނުގެ ދަށުން ދެވޭ އެހީއަކަށް އެދި ހުށަހަޅާ ފޯމަށް އަމަލުކުރެވޭނީ، ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ މައުލޫމާތާއި ލިޔެކިޔުންތައް ނޭށަނަލް ސޯށަލް ޕްރޮޓެކްށަން އޭޖެންސީއަށް ނުވަތަ އެ އެހީއަކާ ގުޅެގޮތުން ހަދާފައިވާ ގަވާއިދެއްގައި ކަނޑައަޅާފައިވާ އިދާރާއަކަށް ހަމަޔަށް ލިބުމުންނެވެ. އަދި، ފޯމާއެކު ހުށަހަޅަންޖެހޭ މައުލޫމާތާއި ލިޔެކިޔުންތައް ހަމަނުވާނަމަ، ހަމަނުވެހުރި ހުރިހާ މައުލޫމާތާޢި ލިޔެކިޔުންތައް 1 (އެކެއް) މަސްދުވަހުގެ ތެރޭގައި ހަމަކޮށް ހުށަހެޅުމަށް އެންގުމަށްފަހު، ހަމަނުވެހުރި ހުރިހާ މައުލޫމާތާއި ލިޔެކިޔުންތައް މި މުއްދަތުގައި ހަމަކޮށް ހުށަނާޅައިފިނަމަ އެ ފޯމު ބާތިލުވާނެއެވެ. މިގޮތުން ބާތިލުކުރެވޭ ފޯމު އަލުން ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.

(ށ) އެހީއަށް އެދި ހުށަހަޅާ ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިއުމެއް ފުރިހަމަވާ ދުވަހުން ފެށިގެން ގިނަވެގެން 15 ދުވަހުގެ ތެރޭގައި މާލީ އެހީ ލިބޭކަން ނުވަތަ ނޫންކަން އެހީއަށް އެދި ހުށަހަޅާ ފަރާތަށް އޭޖެންސީން އަންގަންވާނެއެވެ.

(ނ) އެހީއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، އެހީ ހައްގުވާ ފަރާތްތަކަށް އެހީ ހައްގުވާކަމަށް އޭޖެންސީން ކަނޑައަޅާ މަހުން ފެށިގެން މާލީ އެހީ ލިބޭނެއެވެ. މިގޮތުން އެހީ ލިބޭ ފަރާތަށް ދޭންޖެހޭ އެހީ، އެހީ ލިބޭނެކަން އަންގާ މަހާ ޖެހިގެން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން އޭޖެންސީން އެހީދޭ މީހާގެ ބޭންކު އެކައުންޓަށް ނުވަތަ އޭނާ ކަނޑައަޅާ ފަރާތެއްގެ ބޭންމު އެކައުންޓަށް ޖަމާކުރަންވާނެއެވެ.

(ރ) އެހީއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެހީ ހައްގުވާ ފަރާތްތަކަށް އެހީ ދެވޭނީ 2 (ދޭއް) އަހަރުދުވަހުގެ މުއްދަތަށް މަހުން މަހަށެވެ. އަދި މި މުއްދަތު ހަމަވުމުން އެހީއަށް އެދޭނަމަ އަލުން ފޯމު ހުށަހަޅަންވާނެއެވެ. އަދި މިގޮތަށް ހުށަހެޅޭ ފޯމުތަކާމެދު ވެސް އަމަލު ކުރެވޭނީ މި މާއްދާގެ (ހ)، (ށ) އަދި (ނ) ގައިވާ ގޮތުގެ މަތިންނެވެ.

(ބ) އިޖްތިމާއީ ރައކާތެރިކަމުގެ ގާނޫނުގެ 7 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ފަދައިން އެހީ ލިބެމުންދާ މީހަކު ހުށަހަޅާފައިވާ މައުލޫމާތަކީ ސައްހަ ނޫން މައުލޫމާތެއްކަން އެނގިއްޖެނަމަ، ނުވަތަ އިޖްތިމާއީ ރައްކާތެރިކަމުގެ ގާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިނން އެފަދަ ފަރާތެއްގެ ހާލަތު ބަދަލުވުމުގެ ސަބަބުން އެހީ ދިނުމަށް މެދުވެރިވި ށަރުތެއް އެ މީހެއްގެ އުނިވެއްޖެނަމަ، މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމުގެ ކުރިން އެހީ ދިނުން ހުއްޓާލެވިދާނެއެވެ.

 

9 ވަނަ މާއްދާ - ކޮންޓިނުއަސް މޮނިޓަރިންގ

މާލީ އެހީ ލިބެމުންދާ މުއްދަތުގައި އެހީ ލިބެމުންދާ ފަރާތުގެ ށަރުތުތައް ހަމަވޭތޯއާއި، އެހީ ދިނުމަށްޓަކައި އެހީ ލިބޭ ފަރާތުން އަދާކުރަންޖެހޭ ޒިންމާތައް އެންމެ ފުރިހަމައަށް އަދާކުރޭތޯ ބެލުމަށްޓަކައި، އެހީ ލިބޭ ފަރާތަށް ޒިޔާރަތްކޮށް ކަންކަން ބެލުމުގެ އިހުތިޔާރު އޭޖެންސީއަށް ލިބިގެންވެއެވެ. މިގޮތުން ކުރާ ޒިޔާރަތުގައި އޭޖެންސީން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށް ކަންކަން ހުރިތޯ ބެލުމަށް ބޭނުންވާ މައުލޫމާތު ދިނުމަށް އެހީ ލިބޭ ފަރާތުން އެއްބާރުލުން ދޭންވާނެއެވެ.

 

10 ވަނަ މާއްދާ - އެހީ މެދުކަނޑާލުން ނުވަތަ ހުއްޓާލުން އަދި އެކަން އެންގުން

އިޖްތިމާއީ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ދެވޭ އެއްވެސް އެހީއެއް ދިނުން މެދުކަނޑާލުމަށްފަހު ނުވަތަ ހުއްޓާލުމަށްފަހު، އެހީ ލިބޭ ފަރާތަށް އެކަން އަންގަން ވާނެއެވެ.

 

11 ވަނަ މާއްދާ - އިތުރަށް ދީފައިވާ ފައިސާއަށް ހަދާނެގޮތް

އެހީ ލިބޭ ފަރާތްތަކުގެ ތެރެއިން، އެ ފަރާތުގެ ހާލަތު ބަދަލުވުމުގެ ސަބަބުން، ނުވަތަ އެހީ ލިބުމުގައި ފުރިހަމަވާންޖެހޭ އެއްވެސް ށަރުތެއް އެ ފަރާތުގެ ކިބައިގައި ހަމަނުވުމުގެ ސަބަބުން، އެހީ ދިނުމުގައި ބަލާ މިނަގަނޑާއި އުސޫލުތަކަށް ނުފެތޭ ފަރާތަކުން މިކަން އޭޖެންސީއަށް އެންގުމަކާ ނުލައި އެހީ ނަގަމުން އަންނަކަން އޭޖެންސީއަށް އެނގިއްޖެނަމަ، އިތުރަށް ދެވިފައިވާ ފައިސާ ހޯދުމަށްޓަކައި ތިރީގައިވަ ގޮތްތަކުންކުރެ ގޮތަކަށް އަމަލުކުރަންވާނެއެވެ. 

(ހ) އިޖްތިމާއީ ރައކާތެރިކަމުގެ ގާނޫނުގެ ދަށުން ދެވޭ އެހީތަކުގެ އިތުރުން އެހެން އެހީއެއް ދެވޭ ނަމަ އިތުރަށް ޖަމާކުރެވިފައިވާ ފައިސާ ހަމަވަންދެން ލިބެމުންދާ ފައިސާގެ އެހީ ހިފެހެއްޓިދާނެއެވެ.

(ށ) އެ ފަރާތަކަށް އިތުރަށް ދެވިފައިވާ ފައިސާ، އޭޖެންސީއަށް އަނބުރާ ދެއްކުމަށް ލިޔުމުން އަންގަންވާނެއެވެ. އަދި އެ ފައިސާ އޭޖެންސީއަށް އަނބުރާ ދައްކައި ހަލާސްކުރާނެ ގޮތުގެ ތަފުސީލެއް ތައްޔާރުކޮށް ދެ ފަރާތުން އެއްބަސްވެ، އެ ތަފުސީލުގައިވާ އުސޫލުން އެ ފައިސާ އޭޖެންސީއަށް ބަލައިގަނެވޭނެ އިންތިޒާމު ހަމަޖައްސަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް ފައިސާ ދެއްކުމަށް އެއްބަސްނުވާނަމަ، ނުވަތަ ފައިސާ ދެއްކުމަށް ވެފައިވާ އެއްބަސްވުމަ އެއްގޮތަށް ފައިސާ ދައްކަމުން ނުދާނަމަ، ށަރުއީ ކޯޓަކަށް މައްސަލަ ހުށަހަޅައިގެން ކުރިއަށް ގެންދެވޭނެއެވެ.

 

12 ވަނަ މާއްދާ - ފިޔަވަޅު އެޅުން

އެއްވެސް ފަރާތަކުން މި ގަވާއިދާ ހިލާފުވެއްޖެނަމަ އެ ފަރާތަކާމެދު އިޖުތިމާއީ ރައްކާތެރިކަމުގެ ގާނޫނުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަމަލުކުރެވޭނެއެވެ.

 

13 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

14 ވަނަ މާއްދާ - ގަވާއިދު ތަންފީޒުކުރުމާއި އިސްލާހުކުރުން

މި ގަވާއިދުގެ ދަށުން ކުރަންޖެހޭ އެންމެހައި ކަންކަން ތަންފީޒުކޮށް ހިންގުމަކީ ނޭށަނަލް ސޯށަލް ޕްރޮޓެކްށަން އޭޖެންސީގެ ޒިންމާއެކެވެ. އަދި މި ގަވާއިދަށް އިސްލާހެއް ގެންނަން ޖެހިއްޖެހިނދެއްގައި އެ އިސްލާހު ގެނައުމުގެ ބާރާއި އިހުތިޔާރު ލިބިގެންވަނީ ނޭށަނަލް ސޯށަލް ޕްރޮޓެކްށަން އޭޖެންސީ އަށެވެ.

 

15 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި ބަސްތަކާއި ކަންކަން މާނަކުރާނީ މި މާއްދާގައި އެ ބަސްތަކުގެ މާނަކަމުގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

'އޭޖެންސީ' ކަމުގައި ބުނެފައި އެވަނީ، ނޭށަނަލް ސޯށަލް ޕްރޮޓެކްށަން އޭޖެންސީއަށެވެ.

މި ގަވާއިދުގެ ބޭނުމަށް ދުވަސް ގުނާފައިވާނީ ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައެވެ.

 

މައި ގާނޫނު

އިޖްތިމާއީ ރައްކާތެރިކަމުގެ ގާނޫނު (ގާނޫނު ނަންބަރު 2/2014)

 

 

 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު