މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު
(ގާނޫނު ނަންބަރު 2011-10)
އެއްވަނަ ބާބު
ފެށުން
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މި ގާނޫނަކީ، ދިވެހިރާއްޖޭގައި ވިއްކާ މުދަލާއި ދޭ ހިދުމަތުގެ އަގުން މި ގާނޫނުގައިވާ ގޮތުގެމަތިން "ގުޑްސް އެންޑް ސަރވިސަސް ޓެކްސް" ނެގުމުގެ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.
(ށ) މި ގާނޫނަށް ކިޔާނީ، "މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު" އެވެ.
ދެވަނަ ބާބު
މަފްހޫމްތަކުގެ ރަދީފު
2 ވަނަ މާއްދާ - ޖީ.އެސް.ޓީ
މި ގާނޫނުގެ ބޭނުމަށްޓަކައި ޖީ.އެސް.ޓީ ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖޭގައި ވިއްކާ މުދަލާއި ދޭ ހިދުމަތުގެ އަގުން މި ގާނޫނުގެ ދަށުން ނަގާ ގުޑްސް އެންޑް ސަރވިސަސް ޓެކްސް އަށެވެ. މި ގާނޫނުގައި މީގެ ފަހުން "ޖީ.އެސް.ޓީ" މިފަދައިން އިށާރާތްކޮށްފައިވާނީ ގުޑްސް އެންޑް ސަރވިސަސް ޓެކްސް އަށެވެ.
3 ވަނަ މާއްދާ - މުދާ
(ހ) މި ގާނޫނުގެ ބޭނުމަށްޓަކައި މުދާ ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖޭގައި ހިންގާ ވިޔަފާރިއަކުން ވިއްކާ މުދަލަށް ނުވަތަ ތަކެއްޗަށެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މާނަކުރުމުގައި އަންނަނިވި ބާވަތްތަކުގެ މުދަލެއް ނުހިމެނެއެވެ.
- ގާނޫނެއްގެ ދަށުން ނުވަތަ ކޮންޓްރެކްޓެއްގެ ދަށުން ލިބިދޭ އެއްވެސް ހައްގެއް ނުވަތަ މަސްލަހަތެއް؛
- ނުއުފުލޭ މުދާ؛
- ފައިސާ.
4 ވަނަ މާއްދާ - ހިދުމަތް
މި ގާނޫނުގެ ބޭނުމަށްޓަކައި ހިދުމަތް ކަމަށް ބުނެފައިއެވަނީ މުދަލުގެ ގޮތުގައި ނުހިމެނޭ އެންމެހައި ކަންކަމަށެވެ.
5 ވަނަ މާއްދާ - މުގާބިލު
މުގާބިލު ކަމަށް ބުނެފައިއެވަނީ، މީހަކު ގަންނަ މުދަލަކާ ގުޅޭގޮތުން ނުވަތަ ލިބިގަންނަ ހިދުމަތަކާ ގުޅޭގޮތުން، އެ މުދަލެއް ނުވަތަ ހިދުމަތެއް ލިބިގަތުމަށްޓަކައި، އޭނާ ނުވަތަ އޭނާގެ ފަރާތުން އެހެން މީހަކު އަދާކުރާ އަގެއްގެ ގޮތުގައި ދޭ އެއްޗަކަށް، ނުވަތަ ކޮށްދޭ ކަމަކަށް، ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކަށެވެ.
6 ވަނަ މާއްދާ - އިސްތިސްނާ މުދަލާއި ހިދުމަތް
އިސްތިސްނާ މުދަލާއި ހިދުމަތް ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގައި ބަޔާންވެގެންވާ ޖީ.އެސް.ޓީ ނެގުމުން މި ގާނޫނުގައިވާ ގޮތުގެމަތިން އިސްތިސްނާކުރެވިގެންވާ މުދަލާއި ހިދުމަތަށެވެ.
7 ވަނަ މާއްދާ - ސުން-ރޭޓްގެ މުދަލާއި ހިދުމަތް
ސުން-ރޭޓްގެ މުދަލާއި ހިދުމަތް ކަމަށް ބުނެފައިއެވަނީ، އެ މުދަލަކަށް ނުވަތަ ހިދުމަތަކަށް ޖީ.އެސް.ޓީ ދައްކަންޖެހޭ ރޭޓަކީ %0 (ސުމެއް އިންސައްތަ) ކަމަށް މި ގާނޫނުގައި ކަނޑައަޅާފައިވާ މުދަލާއި ހިދުމަތަށެވެ.
8 ވަނަ މާއްދާ - އިންޕުޓް ޓެކްސް
އިންޕުޓް ޓެކްސް ކަމަށް ބުނެފައިއެވަނީ، ރަޖިސްޓަރީކޮށްފައިވާ ދެ ފަރާތެއްގެ ދެމެދުގައި ހިނގާ މުއާމަލާތެއްގައި، މުދާ ނުވަތަ ހިދުމަތް ލިބިގަންނަ ފަރާތުން އެ މުދާ ނުވަތަ ހިދުމަތް ފޯރުކޮށްދޭ ފަރާތަށް މި ގާނޫނުގެ ދަށުން ދައްކަންޖެހޭ ޓެކުހަށެވެ.
9 ވަނަ މާއްދާ - އައުޓްޕުޓް ޓެކްސް
އައުޓްޕުޓް ޓެކްސް ކަމަށް ބުނެފައިއެވަނީ، ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން ފޯރުކޮށްދޭ މުދަލަކާއި ނުވަތަ ހިދުމަތަކާއި ގުޅިގެން، އެ މުދާ ނުވަތަ ހިދުމަތް ލިބިގަންނަ ފަރާތުގެ އަތުން މި ގާނޫނުގެ ދަށުން ނަގަންޖެހޭ ޓެކުހަށެވެ.
10 ވަނަ މާއްދާ - ޖީ.އެސް.ޓީ ހިސާބުކުރުމުގެ އަސާސް
ޓެކްސް ހިސާބުކުރުމުގެ އަސާސް ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ ދަށުން ނަގާ ޖީ.އެސް.ޓީ މީރާއަށް ދެއްކުމުގައި އެ ޖީ.އެސް.ޓީ ދައްކާނެ އަދަދު ބިނާކުރާނެ އަސާސަށެވެ. އޭގެތެރޭގައި އިންވޮއިސް އަސާސާއި، ޕޭމަންޓް އަސާސާއި، ހައިބްރިޑް އަސާސް ހިމެނެއެވެ.
(ހ) އިންވޮއިސް އަސާސް ކަމަށް ބުނެފައިއެވަނީ، ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން މި ގާނޫނުގެ ދަށުން މީރާއަށް ދައްކަންޖެހޭ އައުޓްޕުޓް ޓެކްސް ހިސާބުކުރުމުގައި، އެ ފަރާތަކުން ތައްޔާރުކުރާ ޓެކްސް އިންވޮއިސްތަކުގެ މައްޗަށް ބިނާކުރުމަށާއި، އެ ފަރާތުން މީރާއިން އަނބުރާ ހޯދާ އިންޕުޓް ޓެކްސް ހިސާބުކުރުމުގައި، އެ ފަރާތަށް ލިބޭ ޓެކްސް އިންވޮއިސްތަކުގެ މައްޗަށް ބިނާކުރުމުގެ އަސާސަށެވެ.
(ށ) ޕޭމަންޓް އަސާސް ކަމަށް ބުނެފައިއެވަނީ، ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން މި ގާނޫނުގެ ދަށުން މީރާއަށް ދައްކަންޖެހޭ އައުޓްޕުޓް ޓެކްސް ހިސާބުކުރުމުގައި، މުދާ ގަތް ފަރާތުން ނުވަތަ ހިދުމަތް ލިބިގަތް ފަރާތުން އެ ފަރާތަށް ދައްކާ ފައިސާއަށް ބިނާކުރުމަށާއި، އެ ފަރާތުން މީރާއިން އަނބުރާ ހޯދާ އިންޕުޓް ޓެކްސް ހިސާބުކުރުމުގައި، މުދާ ވިއްކި ފަރާތަށް ނުވަތަ ހިދުމަތް ފޯރުކޮށްދިން ފަރާތަށް އެ ފަރާތުން ދައްކާ ފައިސާއަށް ބިނާކުރުމުގެ އަސާސަށެވެ.
(ނ) ހައިބްރިޑް އަސާސް ކަމަށް ބުނެފައިއެވަނީ، ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން މި ގާނޫނުގެ ދަށުން މީރާއަށް ދައްކަންޖެހޭ އައުޓްޕުޓް ޓެކްސް ހިސާބުކުރުމުގައި، އެ ފަރާތުން ތައްޔާރުކުރާ ޓެކްސް އިންވޮއިސްތަކުގެ މައްޗަށް ބިނާކުރުމަށާއި، އެ ފަރާތުން މީރާއިން އަނބުރާ ހޯދާ އިންޕުޓް ޓެކްސް ހިސާބުކުރުމުގައި، މުދާ ވިއްކި ފަރާތަށް ނުވަތަ ހިދުމަތް ފޯރުކޮށްދިން ފަރާތަށް އެ ފަރާތުން ދައްކާ ފައިސާއަށް ބިނާކުރުމުގެ އަސާސަށެވެ.
11 ވަނަ މާއްދާ - ރަޖިސްޓަރީ ކޮށްފައިވާ ފަރާތް
ރަޖިސްޓަރީކޮށްފައިވާ ފަރާތް ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ ދަށުން މީރާގައި ރަޖިސްޓަރީ ކުރަންޖެހޭ ފަރާތްތަކަށާއި، މި ގާނޫނުގެ 53 ވަނަ މާއްދާގެ ދަށުން އަމިއްލަ އިހްތިޔާރުގައި މީރާގައި ރަޖިސްޓަރީކުރާ ފަރާތްތަކަށެވެ.
ތިންވަނަ ބާބު
ޖީ.އެސް.ޓީ ނެގުން
12 ވަނަ މާއްދާ - ޖީ.އެސް.ޓީ ނެގުން ލާޒިމުވުން
ދިވެހިރާއްޖޭގައި ވިއްކާ މުދަލާއި ދޭ ހިދުމަތުގެ ތެރެއިން، މި ގާނޫނުގައި ޖީ.އެސް.ޓީ ނެގޭނެ ކަމަށް ބަޔާންކޮށްފައިވާ މުދަލާއި ހިދުމަތުގެ އަގުން، މި ގާނޫނުގެ 15 ވަނަ މާއްދާއާއި 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެ މިންވަރުތަކަށް، މި ގާނޫނަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން ޖީ.އެސް.ޓީ ނެގުމާއި ޖީ.އެސް.ޓީ ދެއްކުން މި ގާނޫނު ލާޒިމުކުރެއެވެ.
13 ވަނަ މާއްދާ - ޓެކްސް ނެގޭ ހަރަކާތް
(ހ) މި ގާނޫނުގެ ބޭނުމަށްޓަކައި ޓެކްސް ނެގޭ ހަރަކާތް ކަމަށް ބުނެފައިއެވަނީ، މެދުކެނޑުމެއްނެތި ނުވަތަ ދާއިމީ ސިފައެއްގައި މުދަލެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ހިންގާ ކޮންމެ ވިޔަފާރިއަކަށެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ޓެކްސް ނެގޭ ހަރަކާތެއްގެ ގޮތުގައި އަންނަނިވި ހަރަކާތްތަކެއް ނުހިމެނެއެވެ.
- ވަޒީފާގެ އެއްބަސްވުމެއްގެ ދަށުން މުސާރައެއް ނުވަތަ އުޖޫރައެއް ލިބޭގޮތަށް އަދާކުރާ ވަޒީފާ ނުވަތަ ކުރާ މަސައްކަތް؛
- ދައުލަތުގެ މުވައްޒަފަކު އަދާކުރާ ވަޒީފާ ނުވަތަ ކުރާ މަސައްކަތް؛
- ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއްގެ ގޮތުގައި އަދާކުރާ ވަޒީފާ ނުވަތަ ކުރާ މަސައްކަތް؛
- މި ގާނޫނުގެ 20 ވަނަ މާއްދާގައި ބަޔާންކުރާ އިސްތިސްނާ މުދަލާއި ހިދުމަތްތަކުގެ ތެރެއިން މުދަލެއް ނުވަތަ ހިދުމަތެއް.
14 ވަނަ މާއްދާ - ޖީ.އެސް.ޓީ ގެ ބާވަތްތައް
މި ގާނޫނުގެ ދަށުން ނަގަންޖެހޭ ޖީ.އެސް.ޓީ ބެހިގެންވަނީ، ތިރީގައި ބަޔާންކޮށްފައިވާ މައިގަނޑު ދެ ބާވަތަށެވެ.
(ހ) ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުން ނެގޭ ޖީ.އެސް.ޓީ؛
(ށ) އެނޫން ދާއިރާތަކުގެ މުދަލާއި ހިދުމަތުން ނެގޭ ޖީ.އެސް.ޓީ.
15 ވަނަ މާއްދާ - ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތް
(ހ) ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތް ކަމަށް ބަލާނީ އަންނަނިވި މުދަލާއި ހިދުމަތްތަކެވެ.
- ޓޫރިޒަމާބެހޭ މިނިސްޓްރީން ހުއްދަ ލިބިގެން ހިންގާ ޓޫރިސްޓް ރިޒޯޓުތަކާއި، ޓޫރިސްޓް ހޮޓާތަކާއި، ގެސްޓްހައުސްތަކާއި، ޕިކްނިކް އައިލެންޑްތަކާއި، ޓޫރިސްޓް އުޅަނދުތަކާއި، ޔޮޓް މެރީނާތަކުން ވިއްކާ މުދަލާއި ދޭ ހިދުމަތް؛
- މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ތަންތަނުގައި ގާއިމްކޮށްފައިވާ ޑައިވިންގ ސްކޫލްތަކާއި، ފިހާރަތަކާއި، ސްޕާތަކާއި، ވޯޓަރ ސްޕޯޓްސް ފެސިލިޓީތަކާއި، މިނޫންވެސް މިފަދަ ތަންތަނުން ވިއްކާ މުދަލާއި ދޭ ހިދުމަތް؛
- ޓޫރިޒަމާބެހޭ މިނިސްޓްރީން ހުއްދަ ލިބިގެން ހިންގާ ދަތުރު ރާވައި ހިންގުމުގެ ހިދުމަތް ދޭ ފަރާތްތަކުން ވިއްކާ މުދަލާއި ދޭ ހިދުމަތް؛
- ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރުގެ ކަންތަކާ ހަވާލުވާ އެޖެންޓުން، އެފަދަ އުޅަނދުފަހަރަށް ވިއްކާ މުދަލާއި ދޭ ހިދުމަތް؛
- ދިވެހިރާއްޖޭގެ އެތެރޭގައި ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދޭ ފަރާތްތަކުން ވިއްކާ މުދަލާއި ދޭ ހިދުމަތް.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުދަލާއި ހިދުމަތުގެ އަގުން ޖީ.އެސް.ޓީ ނަގާނީ، އަންނަނިވި މުއްދަތުތަކުގައި، އަންނަނިވި މިންވަރަށެވެ.
- މި ގާނޫނަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން 31 ޑިސެމްބަރު 2011 ގެ ނިޔަލަށް %3.5 (ތިނެއް ޕޮއިންޓް ފަހެއް އިންސައްތަ) ؛
- 1 ޖެނުއަރީ 2012 އިން ފެށިގެން 31 ޑިސެމްބަރު 2012 ގެ ނިޔަލަށް %6 (ހައެއް އިންސައްތަ) ؛
- 1 ޖެނުއަރީ 2013 އިން ފެށިގެން %8 (އަށެއް އިންސައްތަ) .
(ނ) ޓޫރިސްޓް އުޅަނދެއް ވަކި މުއްދަތަކަށް ޗާޓަރުކޮށްފައިވާނަމަ، އެ މުއާމަލާތާ ގުޅޭގޮތުން ޖީ.އެސް.ޓީ ހިސާބުކުރާނީ ޗާޓަރުގެ އަގުގެ މައްޗަށް ބިނާކޮށެވެ.
(ރ) ޓޫރިސްޓް ރިޒޯޓެއް ނުވަތަ ޓޫރިސްޓް ހޮޓަލެއް ނުވަތަ ޓޫރިސްޓް ގެސްޓްހައުސްއެއް ނުވަތަ ޕިކްނިކް އައިލެންޑެއް އެކުގައި ނުވަތަ އެއިން ތަނެއްގެ ވަކި ބައެއް ނުވަތަ ވަކި ކޮޓަރިތަކެއް ނުވަތަ ވަކި ގެއެއް ނުވަތަ ވަކި ކޮޓަރިއެއް ކަނޑައެޅޭ ވަކި މުއްދަތަކަށް، ކަނޑައެޅިފައިވާ އަގަކަށް ދޫކޮށްފައިވާނަމަ، އެ މުއާމަލާތާ ގުޅޭގޮތުން ޖީ.އެސް.ޓީ ހިސާބުކުރާނީ އެގޮތުން ކަނޑައެޅިފައިވާ ޖުމްލަ އަގުގެ މައްޗަށް ބިނާކޮށެވެ.
(ބ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތުތަކުގައި ޖީ.އެސް.ޓީ ނެގޭ މިންވަރުތަކަށް އަންނަ ބަދަލުތަކާ ގުޅިގެން، އެއް މިންވަރުން އަނެއް މިންވަރަށް ބަދަލުވުމުގެ މަރުހަލާގައި ތައާރުފުކުރަންޖެހޭ އިދާރީ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައެޅުމުގެ ބާރު ކޮމިށަނަރ ޖެނެރަލަށް ލިބިގެންވެއެވެ.
16 ވަނަ މާއްދާ - ޓޫރިޒަމް ދާއިރާ ފިޔަވައި އެނޫން ދާއިރާތަކުގެ މުދަލާއި ހިދުމަތުން ނެގޭ ޖީ.އެސް.ޓީ
މި ގާނޫނުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުދަލާއި ހިދުމަތް ފިޔަވައި، އެނޫން ދާއިރާތަކުގައި ވިއްކާ މުދަލާއި ދޭ ހިދުމަތުގެ އަގުން ޖީ.އެސް.ޓީ ނަގާނީ، އަންނަނިވި މުއްދަތުގައި، އަންނަނިވި މިންވަރަށެވެ.
(ހ) މި ގާނޫނަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން 31 ޑިސެމްބަރު 2011 ގެ ނިޔަލަށް %3.5 (ތިނެއް ޕޮއިންޓް ފަހެއް އިންސައްތަ) ؛
(ށ) 1 ޖެނުއަރީ 2012 އިން ފެށިގެން %6 (ހައެއް އިންސައްތަ) .
17 ވަނަ މާއްދާ - ޖީ.އެސް.ޓީ ލާޒިމުވާ ވަގުތު
(ހ) މި މާއްދާގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގާނޫނުގެ ބޭނުމަށްޓަކައި، މުދަލެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދިން ވަގުތު ކަމަށް ބަލާނީ، އަންނަނިވި
ދެ ވަގުތުގެ ތެރެއިން ކުރިން އަންނަ ވަގުތަށެވެ.
- އެ މުދަލުގެ ނުވަތަ ހިދުމަތުގެ އަގަށްވާ ޓެކްސް އިންވޮއިސް ތައްޔާރުކުރާ ވަގުތު؛
- މުދާ ގަންނަ ނުވަތަ ހިދުމަތް ލިބިގަންނަ ފަރާތުން އެ މުދަލުގެ ނުވަތަ ހިދުމަތުގެ އަގު އެކުގައި ނުވަތަ އެ އަގުން ބައެއް އަދާކުރާ ވަގުތު.
(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، މުދަލެއް ވިއްކަނީ ނުވަތަ ހިދުމަތެއް ފޯރުކޮށްދެނީ، އެއްބަސްވުމެއްގެ ދަށުން، ކަނޑައެޅޭ ވަކި މުއްދަތުތަކަކަށް ބަހާލައިގެން، އިންސްޓޯލްމަންޓްތަކެއްގެ ގޮތުގައި އޭގެ އަގު އަދާކުރާގޮތަށް ކަމުގައިވާނަމަ، އެ އެއްބަސްވުމުގެ ދަށުން ދައްކާ ކޮންމެ އިންސްޓޯލްމަންޓަކީ ޖީ.އެސް.ޓީ ނެގޭ ވަކި މުއާމަލާތެއް ކަމުގައި ބެލޭނެއެވެ. އަދި އެފަދަ ކޮންމެ މުއާމަލާތަކާ ގުޅޭގޮތުން މުދަލެއް ވިއްކި ވަގުތު ނުވަތަ ހިދުމަތެއް ފޯރުކޮށްދިން ވަގުތު ކަމަށް ބަލާނީ، އިންސްޓޯލްމަންޓްގެ ފައިސާ ލިބޭ ވަގުތާއި އެ ފައިސާ ލިބެންޖެހޭ ވަގުތާ މި ދެ ވަގުތުގެ ތެރެއިން ކުރިން ބައްދަލުވާ ވަގުތަށެވެ.
(ނ) ޓެކްސް ނެގޭ އަންނަނިވި ބާވަތްތަކުގެ ހަރަކާތްތަކާ ގުޅިގެން މުދަލެއް ވިއްކި ވަގުތު ނުވަތަ ހިދުމަތެއް ފޯރުކޮށްދިން ވަގުތު ކަނޑައަޅާނީ، މި ގާނޫނުގެ މި މާއްދާގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިންނެވެ.
- ގުޅުންހުރި ފަރާތްތަކަށް ވިއްކާ މުދަލާއި ފޯރުކޮށްދޭ ހިދުމަތްތައް؛
- ފައިސާފޮއްޗެއް ނުވަތަ ޓޯކަނެއް ބޭނުންކޮށްގެން އޮޕަރޭޓްކުރާ މެށިނަކުން ނުވަތަ މީޓަރަކުން ނުވަތަ އެނޫންވެސް ޑިވައިސްއެއް މެދުވެރިކޮށް މުއާމަލާތުގެ އަގު ލިބޭ މުދަލާއި ހިދުމަތްތައް؛
- ވައުޗަރެއް ނުވަތަ އެފަދަ އެހެން އެއްޗެއް މެދުވެރިކޮށް މުއާމަލާތުގެ އަގު ލިބޭ މުދަލާއި ހިދުމަތްތައް؛
- ލޯޔަލްޓީ ސްކީމެއްގެ ދަށުން ދެވޭ ޕޮއިންޓް މެދުވެރިކޮށް މުއާމަލާތުގެ އަގު ލިބޭ މުދަލާއި ހިދުމަތްތައް.
18 ވަނަ މާއްދާ - ޖީ.އެސް.ޓީ ލާޒިމުވާ ވަގުތު ބެލުމުގެ ބޭނުން
ވިއްކި މުދަލަކާ ގުޅިގެން ނުވަތަ ފޯރުކޮށްދިން ހިދުމަތަކާ ގުޅިގެން ޖީ.އެސް.ޓީ ލާޒިމުވާ ވަގުތު މި ގާނޫނުގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިއެވަނީ، އެ މުދަލެއް ގަތް ފަރާތުން ނުވަތަ އެ ހިދުމަތް ލިބިގަތް ފަރާތުން ދައްކާފައިވާ ޖީ.އެސް.ޓީގެ ފައިސާ، އެ މުދަލެއް ވިއްކި ފަރާތުން ނުވަތަ އެ ހިދުމަތެއް ފޯރުކޮށްދިން ފަރާތުން މި ގާނޫނުގެ 24 ވަނަ މާއްދާގެ ދަށުން މީރާއަށް ދައްކަންޖެހޭ މުއްދަތުތައް ކަނޑައެޅުމަށެވެ.
19 ވަނަ މާއްދާ - މުދަލެއް ނުވަތަ ހިދުމަތެއްގެ އަގު
މި ގާނޫނުގެ ދަށުން ޖީ.އެސް.ޓީ ނެގުމުގައި، މުދަލެއް ވިއްކި އަގު ކަމުގައި ނުވަތަ ހިދުމަތެއް ފޯރުކޮށްދިން އަގު ކަމުގައި ބަލާނީ، އަންނަނިވި އުސޫލުން ހިސާބުކުރެވޭ އަގަށެވެ.
(ހ) ވިއްކި މުދަލެއްގެ މުގާބިލުގައި ނުވަތަ ފޯރުކޮށްދިން ހިދުމަތެއްގެ މުގާބިލުގައި އެ އެއްޗެއްގެ އަގު އަދާކުރަނީ ފައިސާއިން ކަމުގައިވާނަމަ، އެ މުދަލެއްގެ ނުވަތަ އެ ހިދުމަތެއްގެ އަގު ކަމުގައި ބަލާނީ، މުގާބިލުގެ ގޮތުގައި އަދާކުރާ ފައިސާގެ ޖުމްލައިން ޖީ.އެސް.ޓީގެ އަދަދަށްވާ ފައިސާ ކެނޑުމުން އަންނަ އަދަދެވެ.
(ށ) ވިއްކި މުދަލެއްގެ މުގާބިލުގައި ނުވަތަ ފޯރުކޮށްދިން ހިދުމަތެއްގެ މުގާބިލުގައި އެ އެއްޗެއްގެ އަގު އަދާކުރަނީ ފައިސާ ނޫން އެހެން އެއްޗަކުން ކަމުގައިވާނަމަ، އެ މުދަލެއްގެ ނުވަތަ އެ ހިދުމަތެއްގެ އަގު ކަމުގައި ބަލާނީ، މުގާބިލުގެ ގޮތުގައި ލިބުނު އެއްޗެއްގެ ބާޒާރުގެ އަގުން ޖީ.އެސް.ޓީގެ އަދަދަށްވާ ފައިސާ ކެނޑުމުން އަންނަ އަދަދެވެ.
(ނ) މުދަލެއް ވިއްކީ ނުވަތަ ހިދުމަތެއް ފޯރުކޮށްދިނީ، އެ ވިއްކި މުދަލެއްގެ ނުވަތަ ފޯރުކޮށްދިން ހިދުމަތެއްގެ އަގު ފަހުން ފައިސާއިން އަދާކުރާ ގޮތަށް ކަމުގައިވާނަމަ، އެ މުދަލެއްގެ ނުވަތަ ހިދުމަތެއްގެ އަގު ކަމުގައި ބަލާނީ، އެ މުދަލެއްގެ ނުވަތަ ހިދުމަތެއްގެ އަގު ވަގުތުން އަދާކުރިނަމަ ނަގާނެ އަގުން، ޖީ.އެސް.ޓީގެ އަދަދަށްވާ ފައިސާ ކެނޑުމުން އަންނަ އަދަދެވެ.
(ރ) ޓެކްސް ނެގޭ އަންނަނިވި ބާވަތްތަކުގެ ހަރަކާތްތަކާ ގުޅިގެން މުދަލެއް ވިއްކި އަގު ނުވަތަ ހިދުމަތެއް ފޯރުކޮށްދިން އަގު ކަނޑައަޅާނީ، މި ގާނޫނުގެ މި މާއްދާގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިންނެވެ.
- ގުޅުންހުރި ފަރާތްތަކަށް ވިއްކާ މުދަލާއި ފޯރުކޮށްދޭ ހިދުމަތްތައް؛
- ފައިސާފޮއްޗެއް ނުވަތަ ޓޯކަނެއް ބޭނުންކޮށްގެން އޮޕަރޭޓްކުރާ މެށިނަކުން ނުވަތަ މީޓަރަކުން ނުވަތަ އެނޫންވެސް ޑިވައިސްއެއް މެދުވެރިކޮށް މުއާމަލާތުގެ އަގު ލިބޭ ތަކެއްޗާއި ހިދުމަތްތައް؛
- ވައުޗަރެއް ނުވަތަ އެފަދަ އެހެން އެއްޗެއް މެދުވެރިކޮށް މުއާމަލާތުގެ އަގު ލިބޭ ތަކެއްޗާއި ހިދުމަތްތައް؛
- ލޯޔަލްޓީ ސްކީމެއްގެ ދަށުން ދެވޭ ޕޮއިންޓް މެދުވެރިކޮށް މުއާމަލާތުގެ އަގު ލިބޭ ތަކެއްޗާއި ހިދުމަތްތައް.
ހަތަރުވަނަ ބާބު
ޓެކްސް ނެގުމުން އިސްތިސްނާވާ މުދަލާއި ހިދުމަތްތައް
20 ވަނަ މާއްދާ - ޖީ.އެސް.ޓީ ނެގުމުން އިސްތިސްނާވާ މުދަލާއި ހިދުމަތްތައް
ތިރީގައި ބަޔާންކޮށްފައިވާ މުދަލާއި ހިދުމަތުގެ އަގުން މި ގާނޫނުގެ ދަށުން ޖީ.އެސް.ޓީ ނެގުން އިސްތިސްނާވެގެންވެއެވެ.
(ހ) ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގައި ނުވަތަ ދައުލަތުގެ ކަމާބެހޭ މުއައްސަސާއެއްގައި ރަޖިސްޓަރީކޮށްގެން ކަރަންޓުގެ ހިދުމަތް ދޭ ތަނަކުން ދޭ ކަރަންޓުގެ ހިދުމަތް؛
(ށ) ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގައި ނުވަތަ ދައުލަތުގެ ކަމާބެހޭ މުއައްސަސާއެއްގައި ރަޖިސްޓަރީކޮށްގެން ފެނުގެ ހިދުމަތް ދޭ ތަނަކުން ދޭ ފެނުގެ ހިދުމަތް؛
(ނ) ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގައި ނުވަތަ ދައުލަތުގެ ކަމާބެހޭ މުއައްސަސާއެއްގައި ރަޖިސްޓަރީކޮށްގެން މުވާސަލާތީ ހިދުމަތް ދޭ ތަނަކުން ދޭ މުވާސަލާތީ ހިދުމަތް؛
(ރ) ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގައި ނުވަތަ ދައުލަތުގެ ކަމާބެހޭ މުއައްސަސާއެއްގައި ރަޖިސްޓަރީކޮށްގެން ނަރުދަމާގެ ހިދުމަތް ދޭ ތަނަކުން ދޭ ނަރުދަމާގެ ހިދުމަތް؛
(ބ) ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގައި ނުވަތަ ދައުލަތުގެ ކަމާބެހޭ މުއައްސަސާއެއްގައި ރަޖިސްޓަރީކޮށްގެން ތައުލީމުގެ ހިދުމަތް ދޭ ތަނަކުން ދޭ ތައުލީމުގެ ހިދުމަތް؛
(ޅ) ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގައި ނުވަތަ ދައުލަތުގެ ކަމާބެހޭ މުއައްސަސާއެއްގައި ރަޖިސްޓަރީކޮށްގެން ހިންގާ ސިއްހީ ހިދުމަތް ދޭ ތަނަކުން ދޭ ސިއްހީ ހިދުމަތް؛
(ކ) މި މާއްދާގެ (ހ) އިން ފެށިގެން (ޅ) ގެ ނިޔަލަށް ބަޔާންކޮށްފައިވާ ހިދުމަތްތައް އެ ގޮތުގައި ދިނުމަށް ބޭނުންވާ އަދި އެ ހިދުމަތްތައް އެގޮތުގައި ދިނުމަށް މަގުފަހިކުރާ ހިދުމަތްތަކުގެ ތެރެއިން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ހިދުމަތްތައް؛
(އ) ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގައި ނުވަތަ ދައުލަތުގެ ކަމާބެހޭ މުއައްސަސާއެއްގައި ރަޖިސްޓަރީކޮށްގެން ހިންގާ ބޭސްފިހާރަތަކުން ބޭހުގެ ގޮތުގައި ވިއްކުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއިން ހުއްދަކޮށްފައިވާ ބޭހުގެ ބާވަތްތަކާއި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ މެޑިކަލް ޑިވައިސްތައް؛
(ވ) ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގައި ނުވަތަ ދައުލަތުގެ ކަމާބެހޭ މުއައްސަސާއެއްގައި ރަޖިސްޓަރީކޮށްގެން ހިންގާ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާއަކަށް ނުވަތަ ޖަމާއަތަކަށް ހިލޭ އެހީގެ ގޮތުގައި ނުވަތަ ހައިރާތުގެ ގޮތުގައި ލިބޭ ތަކެތީގެ ތެރެއިން އެ ޖަމްއިއްޔާއަކުން ނުވަތަ ޖަމާއަތަކުން ވިއްކާ ތަކެތި؛
(މ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ މާލީ ހިދުމަތްތައް؛
(ފ) ނުއުފުލޭ މުދާ ކުއްޔަށް ދޫކޮށްގެން ލިބޭ ކުލި؛
(ދ) ބައިނަލްއަގްވާމީ ދަތުރުފަތުރުގެ ހިދުމަތްތައް؛
(ތ) ޖީ.އެސް.ޓީ ނެގުމުން އެހެން ގާނޫނަކުން އިސްތިސްނާކޮށްފައިވާ ފަރާތްތަކަށް ވިއްކާ މުދަލާއި ހިދުމަތްތައް؛
(ލ) ޖޫރިމަނާގެ ގޮތުގައި ނަގާ ފައިސާ.
21 ވަނަ މާއްދާ - ޖީ.އެސް.ޓީ ނެގުމުން އިސްތިސްނާވުމުގެ ނަތީޖާ
ޖީ.އެސް.ޓީ ނެގުމުން އިސްތިސްނާވުމުގެ ނަތީޖާއަކީ:
(ހ) މި ގާނޫނުގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހިދުމަތަކުން ނުވަތަ މުދަލަކުން ނުވަތަ އެއްޗަކުން ޖީ.އެސް.ޓީ ނުނެގުން؛
(ށ) މި ގާނޫނުގެ 20 ވަނަ މާއްދާގެ (ހ) އިން ފެށިގެން (ތ) ގެ ނިޔަލަށް ހުރި އަކުރުތަކުގައި ބަޔާންކޮށްފައިވާ މުދަލެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދޭ ފަރާތަކުން އެ މުދާ ނުވަތަ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ރަޖިސްޓަރީކޮށްފައިވާ އެހެން ފަރާތެއްގެ ކިބައިން ލިބިގަންނަ އެއްވެސް މުދަލަކަށް ނުވަތަ ހިދުމަތަކަށް އެ ފަރާތަށް ޖީ.އެސް.ޓީ ދައްކާފައިވީނަމަވެސް، އެގޮތުން ދައްކާފައިވާ ޖީ.އެސް.ޓީ ގެ އެއްވެސް ފައިސާއެއް މީރާއިން އަނބުރާ ނުހޯދުން؛
(ނ) މި ގާނޫނުގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުދަލަކާ ގުޅިގެން ނުވަތަ އެއްޗަކާ ގުޅިގެން ނުވަތަ ހިދުމަތަކާ ގުޅިގެން ޓެކްސް އިންވޮއިސެއް ހަދައިގެންނުވާނެއެވެ. އަދި އެ މާއްދާގައި ބަޔާންކުރާ މުދަލަކާ ގުޅިގެން ނުވަތަ އެއްޗަކާ ގުޅިގެން ނުވަތަ ހިދުމަތަކާ ގުޅިގެން އެހެން އިންވޮއިސެއް ހެދިކަމުގައިވީނަމަވެސް، އެ އިންވޮއިސެއްގައި ޖީ.އެސް.ޓީ ހިމަނައިގެންނުވާނެއެވެ.
ފަސްވަނަ ބާބު
ސުން-ރޭޓުގައި ޖީ.އެސް.ޓީ ދައްކަންޖެހޭ މުދަލާއި ހިދުމަތްތައް
22 ވަނަ މާއްދާ - ސުން-ރޭޓުގައި ޖީ.އެސް.ޓީ ނެގޭ މުދަލާއި ހިދުމަތްތައް
އަންނަނިވި މުދަލާއި ހިދުމަތްތަކުން ޖީ.އެސް.ޓީ ދައްކަންޖެހޭނީ %0 (ސުމެއް އިންސައްތަ) އެވެ.
(ހ) ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ އަސާސީ މުދާ؛
(ށ) ދިވެހިރާއްޖެއިން އެކްސްޕޯޓްކުރެވޭ މުދަލާއި ހިދުމަތްތައް؛
(ނ) ހިނގަމުންދާ ވިޔަފާރިއެއް ހުއްޓާލުމަށް ނުވާގޮތުގައި، އަދި އެ ހިނގަމުންދާ ގޮތުގައި ދެމިއޮންނާނެ ގޮތެއްގެމަތިން، އެ ވިޔަފާރިއެއްގެ މިލްކުވެރިން އެ ވިޔަފާރިއެއް އެހެން ފަރާތަކަށް ވިއްކާލުން.
23 ވަނަ މާއްދާ - ސުން-ރޭޓުގައި ޖީ.އެސް.ޓީ ނެގުމުގެ ނަތީޖާ
މި ގާނޫނުގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހިދުމަތްތަކާއި މުދަލަށް ޖީ.އެސް.ޓީ އެކަށައަޅާފައިވަނީ ސުން-ރޭޓުގައި ކަމުން، އެއިން ހިދުމަތަކުން ނުވަތަ މުދަލަކުން ސުން-ރޭޓުގައި ޖީ.އެސް.ޓީ ނެގުމުގެ ނަތީޖާއަކީ:
(ހ) އެއިން ހިދުމަތެއް ލިބިގަންނަ ފަރާތުން ނުވަތަ މުދަލެއް ގަންނަ ފަރާތުން އެ މުއާމަލާތާ ގުޅިގެން ދައްކަންޖެހޭ ޖީ.އެސް.ޓީގެ ފައިސާއެއް ނެތުން؛
(ށ) އެއިން މުދަލެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ރަޖިސްޓަރީކޮށްފައިވާ އެހެން ފަރާތެއްގެ ކިބައިން ލިބިގަންނަ އެއްވެސް މުދަލަކަށް ނުވަތަ ހިދުމަތަކަށް އެ ފަރާތަށް މި ގާނޫނުގައިވާ ގޮތުގެމަތިން ޖީ.އެސް.ޓީ ދައްކާފައިވާނަމަ، އެގޮތުން ދައްކާފައިވާ ޖީ.އެސް.ޓީ މީރާއިން އަނބުރާ ހޯދުން.
ހަވަނަ ބާބު
ޓެކްސް ނެގޭ މުއްދަތު
24 ވަނަ މާއްދާ - ޓެކްސް ނެގޭ މުއްދަތު
(ހ) ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ޓެކްސް ނެގޭ މުއްދަތު ކަނޑައަޅާނީ އަންނަނިވި ގޮތުގެމަތިންނެވެ.
- ރަޖިސްޓަރީކޮށްފައިވާ ފަރާތުން މަހެއްގެ ތެރޭގައި ފޯރުކޮށްދޭ މުދަލާއި ހިދުމަތުގެ ޖުމްލަ އަގު 1,000,000 (އެއްމިލިއަން) ރުފިޔާއަށްވުރެ ދަށްނަމަ، ކޮންމެ 3 (ތިނެއް) މަހުން
1 (އެކެއް) ފަހަރު؛ - ރަޖިސްޓަރީކޮށްފައިވާ ފަރާތުން މަހެއްގެ ތެރޭގައި ފޯރުކޮށްދޭ މުދަލާއި ހިދުމަތުގެ ޖުމްލަ އަގު 1,000,000 (އެއްމިލިއަން) ރުފިޔާ ނުވަތަ އެއަށްވުރެ އިތުރުނަމަ، ކޮންމެ މަހަކު
1 (އެކެއް) ފަހަރު.
(ށ) މި މާއްދާގެ (ހ) ގެ (1) ގައި އެހެން އޮތްކަމުގައިވިޔަސް، އެ އަކުރުގައި ބަޔާންކޮށްފައިވާ ގިންތީގައި ހިމެނޭ ފަރާތްތަކުން، ކޮމިށަނަރ ޖެނެރަލްގެ ހުއްދައާއެކު، 1 (އެކެއް) މަސްދުވަހުގެ ޓެކްސް ނެގޭ މުއްދަތެއް އިހްތިޔާރުކުރުމަކަށް މި ގާނޫނު ހުރަހެއްނާޅައެވެ.
(ނ) މި ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ޓެކްސް ނެގޭ މުއްދަތު ނިމޭނީ މީލާދީ މަހެއްގެ އެންމެފަހު ދުވަހުއެވެ.
25 ވަނަ މާއްދާ - ޓެކްސް ނެގޭ މުއްދަތު އެއްތެދުކުރުން
ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން މި ގާނޫނުގެ ދަށުން ޓެކްސް ނެގޭ މުއްދަތު ނިމޭ ތާރީހާއި، އެ ފަރާތެއްގެ މާލީ އަހަރު ނިމޭ ތާރީހާ ދިމާނުވާނަމަ، އެ ފަރާތަކުން އެ އަހަރަށް ޓެކްސް ނެގޭ އެންމެފަހު މުއްދަތު ނިމޭ ތާރީހަކީ، އެ ފަރާތެއްގެ މާލީ އަހަރު ނިމޭ ތާރީހާ އެއް ތާރީހު ކަމުގައި ކަނޑައެޅުމުގެ ބާރު ކޮމިށަނަރ ޖެނެރަލަށް ލިބިގެންވެއެވެ.
26 ވަނަ މާއްދާ - ބައެއް ހާލަތް މެދުވެރިވުމުން އަންގަންޖެހުން
(ހ) ޓެކްސް ނެގޭ މުއްދަތެއް ނިމުމުގެ ކުރިން، ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެނަމަ، އެ ހާލަތެއް މެދުވެރިވި ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ކޮމިށަނަރ ޖެނެރަލަށް އެކަން އަންގަންވާނެއެވެ.
- ރަޖިސްޓަރީކޮށްފައިވާ ފަރާތް މަރުވުން؛
- ރަޖިސްޓަރީކޮށްފައިވާ ފަރާތް އިފްލާސްކުރުން؛
- ރަޖިސްޓަރީކޮށްފައިވާ ފަރާތަކީ ކުންފުންޏެއްނަމަ، އެ ކުންފުންޏެއް އުވާލުމަށް ކުންފުނިން ނިންމުން، ނުވަތަ ކުންފުނި އުވާލުމަށް ކޯޓަށް ހުށަހެޅުން؛
- ދަރަނި އަދާކުރުމަށް ނުކުޅެދިފައިވާ ފަރާތެއް ކަމަށް ގާނޫނުގެ ދަށުން ނުވަތަ އެ ފަރާތުން އަމިއްލައަށް ކަނޑައެޅުން؛
- ރަޖިސްޓަރީކޮށްފައިވާ ފަރާތުގެ ވިޔަފާރި އެހެން ފަރާތަކަށް ގާނޫނުގައިވާ ގޮތުގެމަތިން ބަދަލުކުރުން ނުވަތަ އެހެން ފަރާތެއްގެ ވިޔަފާރިއާ އެ ވިޔަފާރި އެއްކޮށްލުން؛
- ރަޖިސްޓަރީކޮށްފައިވާ ފަރާތުގެ ވިޔަފާރި އެއްވެސް ސަބަބަކާހުރެ ހުއްޓުމަކަށް އައުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، ޓެކްސް ނެގޭ މުއްދަތު ނިމޭ ތާރީހު ކަމަށް ބަލާނީ، އެ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތުތައް މެދުވެރިވި ތާރީހަށެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި، އެ ހާލަތް މެދުވެރިވެއްޖެކަން މީރާއަށް އަންގަންޖެހޭ ފަރާތްތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައެޅުމުގެ ބާރު މީރާއަށް ލިބިގެންވެއެވެ.
ހަތްވަނަ ބާބު
ޖީ.އެސް.ޓީ ބަޔާން
27 ވަނަ މާއްދާ - ޖީ.އެސް.ޓީ ބަޔާން
ޓެކްސް ނެގޭ ކޮންމެ މުއްދަތަކަށް ޖީ.އެސް.ޓީގެ ފައިސާގެ ގޮތުގައި މީރާއަށް ދައްކަންޖެހޭ މިންވަރު، ރަޖިސްޓަރީކޮށްފައިވާ ފަރާތުން، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ހިސާބުކުރުމަށްފަހު އެކުލަވާލާ ޖީ.އެސް.ޓީ ބަޔާނެއް، އެ ގަވާއިދުގައިވާ ގޮތުގެމަތިން މީރާއަށް ހުށަހަޅަންވާނެއެވެ.
28 ވަނަ މާއްދާ - ޖީ.އެސް.ޓީ ބަޔާން ހުށަހަޅަންޖެހޭ ތާރީހު
(ހ) މި ގާނޫނުގެ 27 ވަނަ މާއްދާގެ ދަށުން ހުށަހަޅަންޖެހޭ ޖީ.އެސް.ޓީ ބަޔާން ހުށަހަޅާނީ އަންނަނިވި ދެ ތާރީހުންކުރެ ތާރީހަކަށެވެ.
- ޓެކްސް ނެގޭ މުއްދަތެއް ނިމޭ ތާރީހާ ވިދިގެން ފެށޭ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ޖީ.އެސް.ޓީ ބަޔާން ހުށަހެޅުން؛
- ޖީ.އެސް.ޓީ ބަޔާން ހުށަހަޅަންޖެހޭ ތާރީހު މަގުބޫލު ސަބަބެއް އޮވެގެން ފަސްކުރުމަށް ކޮމިށަނަރ ޖެނެރަލް ނިންމައިފިނަމަ، އެގޮތުން ކޮމިށަނަރ ޖެނެރަލް ކަނޑައަޅާ ތާރީހު.
(ށ) ރަޖިސްޓަރީކޮށްފައިވާ ފަރާތެއް މަރުވެއްޖެނަމަ، ނުވަތަ ރަޖިސްޓަރީކޮށްފައިވާ ފަރާތެއްގެ ވިޔަފާރި ހުއްޓުމަކަށް އަތުވެއްޖެނަމަ، އެ ހާލަތް މެދުވެރިވާއިރު ހިނގަމުންދާ ޓެކްސް ނެގޭ މުއްދަތުގެ
އެ ބަޔަށް ހުށަހަޅަންޖެހޭ ޖީ.އެސް.ޓީ ބަޔާން، އެކަން ކުރުމަށް ގާނޫނީ ގޮތުން ހަވާލުވާންޖެހޭ ފަރާތުން ހުށަހަޅާނީ އެ ޓެކްސް ނެގޭ މުއްދަތު ނިމޭ ތާރީހާ ވިދިގެން ފެށޭ މީލާދީ މަހުގެ 28 ވަނަ ދުވަހު ނުވަތަ އެ ތާރީހުގެ ކުރިންނެވެ.
29 ވަނަ މާއްދާ - ޖީ.އެސް.ޓީ ބަޔާނުގައި ހުންނަންޖެހޭ މައުލޫމާތު
ރަޖިސްޓަރީކޮށްފައިވާ ފަރާތުން ހުށަހަޅާ ޓެކްސް ބަޔާނުގައި، ކޮމިށަނަރ ޖެނެރަލް ކަނޑައަޅާ ނަމޫނާއާ އެއްގޮތަށް އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
(ހ) ރަޖިސްޓަރީކޮށްފައިވާ ފަރާތުގެ ނަން؛
(ށ) ޓެކްސްޕޭޔަރ އައިޑެންޓިފިކޭށަން ނަންބަރު (ޓިން) ؛
(ނ) ޓެކްސް ނެގޭ މުއްދަތު؛
(ރ) އެ ފަރާތުން ފޯރުކޮށްދިން މުދަލާއި ހިދުމަތްތަކުގެ ޖުމްލަ އަގު؛
(ބ) މި ގާނޫނުގެ 36 ވަނަ މާއްދާގެ ދަށުން ހުއްދަކުރެވޭ އެއްވެސް އުނިކުރުމެއް ހިމެނިގެންވާނަމަ، އެ އުނިކުރުމަކަށް ނިސްބަތްވާ އަދަދު؛
(ޅ) އައުޓްޕުޓް ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ އަދަދު؛
(ކ) އިންޕުޓް ޓެކުހަށް ކެނޑުން ހުއްދަ އަދަދު؛
(އ) ޓެކްސްގެ އަދަދަށް ގެނެވޭ އުނިއިތުރު ގެނައުމަށްފަހު، ރަޖިސްޓަރީކޮށްފައިވާ ފަރާތުން މީރާއަށް ދައްކަންޖެހޭ ޓެކްސްގެ އަދަދު؛
(ވ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ އިތުރު މައުލޫމާތު.
30 ވަނަ މާއްދާ - ޖީ.އެސް.ޓީ ބަޔާން ތައްޔާރުކުރި ފަރާތް
ކަނޑައެޅިގެން އެހެންގޮތަކަށް ސާބިތުނުވާނަމަ، ރަޖިސްޓަރީކޮށްފައިވާ ފަރާތެއްގެ ނަމުގައި މި ގާނޫނުގެ ދަށުން ހުށަހަޅާ ޖީ.އެސް.ޓީ ބަޔާން ތައްޔާރުކޮށްފައިވަނީ ސީދާ އެ ފަރާތުން ނުވަތަ އެ ފަރާތުން ހުއްދަ ދީގެން ކަމުގައި ބަލަންވާނެއެވެ.
31 ވަނަ މާއްދާ - ޖީ.އެސް.ޓީ ބަޔާން ހުށަހަޅާއިރު ޖީ.އެސް.ޓީ ދައްކަންޖެހުން
ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން މި ގާނޫނުގައިވާ ގޮތުގެމަތިން ޓެކްސް ނެގޭ ކޮންމެ މުއްދަތަކަށް ހުށަހަޅަންޖެހޭ ޖީ.އެސް.ޓީ ބަޔާން ހުށަހެޅުމަށް ދީފައިވާ މުއްދަތު ހަމަވުމުގެ ކުރިން، އެ މުއްދަތަކަށް އެ ފަރާތަކުން ދައްކަންޖެހޭ ޖީ.އެސް.ޓީ މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ހިސާބުކުރުމަށްފަހު މީރާއަށް ދައްކަންވާނެއެވެ.
32 ވަނަ މާއްދާ - އިތުރަށް ދެއްކޭ ޖީ.އެސް.ޓީ
(ހ) ރަޖިސްޓަރީކޮށްފައިވާ ފަރާތުން މީރާއަށް ޖީ.އެސް.ޓީގެ ފައިސާ ދެއްކުމުގައި، ދައްކަންޖެހޭ މިންވަރަށްވުރެ އިތުރަށް ފައިސާ ދެއްކޭ ހާލަތުގައި، މީރާއިން އެ ފައިސާ އަނބުރާ ހޯދުމަށް އޭނާއަށް މީރާއަށް ހުށަހެޅިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުށަހެޅުމެއް މީރާއަށް ލިބުމުން އަންނަނިވި ދެގޮތުންކުރެ ގޮތަކަށް މީރާއަށް ކަނޑައެޅިދާނެއެވެ.
- އޭނާ މީރާއަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނެތްނަމަ، އެ އަދަދު އޭނާއަށް އަނބުރާ ދެއްކުން؛ ނުވަތަ
- ކުރިއަށްއޮތް ޓެކްސް ނެގޭ މުއްދަތުގައި އޭނާ ދައްކަންޖެހޭ ޖީ.އެސް.ޓީގެ ފައިސާއިން
އެ އަދަދު އުނިކުރުން.
33 ވަނަ މާއްދާ - ޖީ.އެސް.ޓީ ދަރަންޏަކަށްވުން
ޖީ.އެސް.ޓީގެ ގޮތުގައި މި ގާނޫނުގެ ދަށުން ދައްކަންޖެހޭ ފައިސާއަކީ، އެ ފައިސާ ދެއްކުން ލާޒިމުވާ ވަގުތުން ފެށިގެން މީރާއަށް އެ ފައިސާ ނުލިބޭހާ ހިނދަކު، އެ ފައިސާ ދައްކަންޖެހޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ ދަރަންޏެކެވެ. އަދި ދަރަންޏަށްވާ އެ ފައިސާ ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގައިވާ ގޮތުގެމަތިން ދައުލަތަށް ހޯދުމުގެ ބާރު މީރާއަށް ލިބިގެންވެއެވެ.
އަށްވަނަ ބާބު
ޖީ.އެސް.ޓީ ހިސާބުކުރާ ގޮތް
34 ވަނަ މާއްދާ - ޖީ.އެސް.ޓީ ހިސާބުކުރުމުގެ އަސާސް
(ހ) މި ގާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ޖީ.އެސް.ޓީ ހިސާބުކުރުމުގެ އަސާސް ކަމުގައި ބަލާނީ، އިންވޮއިސް އަސާސެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން ކޮމިށަނަރ ޖެނެރަލަށް ލިޔުމުން ހުށަހަޅައިފިނަމަ، އަދި އޭނާގެ ކިބައިގައި މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާނަމަ، އިންވޮއިސް އަސާސް ފިޔަވައި، ތިރީގައި ބަޔާންކުރާ އަސާސްތަކުގެ ތެރެއިން އަސާސަކަށް ބިނާކޮށް ޖީ.އެސް.ޓީ ހިސާބުކުރުމުގެ ހުއްދަ ރަޖިސްޓަރީކޮށްފައިވާ ފަރާތަކަށް ދެވިދާނެއެވެ.
- ޕޭމަންޓް އަސާސް؛
- ހައިބްރިޑް އަސާސް.
(ނ) މި ގާނޫނުގެ ދަށުން ދައްކަންޖެހޭ ޖީ.އެސް.ޓީ ހިސާބުކުރުމުގައި އިންވޮއިސް އަސާސް ފިޔަވައި އެހެން އަސާސަކަށް ބިނާކޮށް، ޖީ.އެސް.ޓީ ހިސާބުކުރުމުގެ ހުއްދަ ދެވޭނީ، ތިރީގައި ބަޔާންކޮށްފައިވާ ށަރުތުތަކުގެ ތެރެއިން ށަރުތެއް ފުރިހަމަވާނަމައެވެ.
- ލޯކަލް ކައުންސިލަކަށް ނުވަތަ ސަރުކާރުގެ އިދާރާއެއް ކަމަށްވުން؛ ނުވަތަ
- ފައިދާއަށް ނޫންގޮތަކަށް ހިދުމަތް ދޭ ފަރާތެއް ކަމަށްވުން؛ ނުވަތަ
- ރަޖިސްޓަރީކޮށްފައިވާ ފަރާތަކީ އޭނާއަށް އަހަރަކު ލިބޭ ޖީ.އެސް.ޓީ ނެގޭ އާމްދަނީ، 2,000,000 (ދެމިލިޔަން) ރުފިޔާއަށްވުރެ ގިނަނޫން ފަރާތެއް ކަމަށްވުން.
35 ވަނަ މާއްދާ - ޖީ.އެސް.ޓީ ހިސާބުކުރުމުގެ އަސާސް ބަދަލުވުމުން ހުށަހަޅަންޖެހޭ ލިޔުންތައް
(ހ) ރަޖިސްޓަރީކޮށްފައިވާ ފަރާތެއްގެ ޖީ.އެސް.ޓީ ހިސާބުކުރުމުގެ އަސާސް ބަދަލުވެއްޖެނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ މައުލޫމާތު، އެ ގަވާއިދުގައި ބަޔާންކޮށްފައިވާ ނަމޫނާއާ އެއްގޮތަށް މީރާއަށް ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ހުށަހަޅަންޖެހޭ މައުލޫމާތު ހުށަހަޅާނީ، ޖީ.އެސް.ޓީ ހިސާބުކުރުމުގެ އަސާސް ބަދަލުކުރުމުގެ ހުއްދަ ދެވުނުއިރު ނުވަތަ އަސާސް ބަދަލުކުރަންޖެހުނުއިރު ހިނގަމުންދިޔަ ޓެކްސް ނެގޭ މުއްދަތުގެ ޖީ.އެސް.ޓީ ބަޔާން ހުށަހަޅަންޖެހޭ ތާރީހުގެ ކުރިންނެވެ.
36 ވަނަ މާއްދާ - އުނިކުރުންތައް
(ހ) ޓެކްސް ނެގޭ މުއްދަތެއްގައި ޖީ.އެސް.ޓީ ދައްކަންޖެހޭ ހިދުމަތުގެ ޖުމްލަ އަގުގެ ތެރޭގައި ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ ދަށުން ނެގޭ ޓެކްސް ހިމަނާފައިވާނަމަ، ހިދުމަތުގެ ޖުމްލަ އަގުން އެ އަދަދު އުނިކުރެވޭނެއެވެ.
(ށ) ރަޖިސްޓަރީކޮށްފައިވާ ފަރާތުން ހިންގާ ވިޔަފާރިއަކީ، ރަޖިސްޓަރީކޮށްފައިވާ އެހެން ފަރާތެއްގެ ކިބައިން މުދަލެއް ނުވަތަ ހިދުމަތެއް ލިބިގަތުމަށްފަހު ހިންގާ ވިޔަފާރިއެއްނަމަ، އެ ވިޔަފާރިއަކާ ގުޅިގެން މީރާއަށް ޖީ.އެސް.ޓީ ދައްކާނީ، އެ މުދާ ނުވަތަ ހިދުމަތް ލިބިގަތުމުގައި އެ ފަރާތަށް އޭނާ ދައްކާ އިންޕުޓް ޓެކްސް، އޭނާ މީރާއަށް ދައްކަންޖެހޭ އައުޓްޕުޓް ޓެކްސްގެ އަދަދުން އުނިކުރުމަށްފަހުގައެވެ.
(ނ)
- ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން ފޯރުކޮށްދޭ މުދަލަކާ ނުވަތަ ހިދުމަތަކާ ގުޅޭގޮތުން
އެ ފަރާތަށް ލިބެންޖެހޭ އަގު، ކޮމިށަނަރ ޖެނެރަލް ކަނޑައަޅާ އުސޫލެއްގެ ދަށުން އަނބުރާ ނުލިބޭނެ ދަރަނީގެ ގޮތުގައި ފޮތްތަކުން އުނިކޮށްފިނަމަ، އެ އަދަދަށް ނިސްބަތްވާ ޖީ.އެސް.ޓީ،
އެ ފަރާތުން ދައްކަންޖެހޭ އައުޓްޕުޓް ޓެކުހުން އުނިކުރެވިދާނެއެވެ. - މި މާއްދާގެ (ނ) ގެ (1) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އުނިކޮށްފައިވާ އެއްވެސް އަދަދެއްގެ ބައެއް ނުވަތަ އެއްކޮށްނަމަވެސް، ރަޖިސްޓަރީކޮށްފައިވާ ފަރާތަށް އަނބުރާ ލިބިއްޖެނަމަ، އެ ފައިސާ ލިބުނު ޓެކްސް ނެގޭ މުއްދަތުގެ ޓެކްސް ބަޔާނުގައި އެގޮތުން ލިބުނު އަދަދަށް ނިސްބަތްވާ ޖީ.އެސް.ޓީ ހިމަނައި އެ އަދަދު ދައްކަންވާނެއެވެ.
- ރަޖިސްޓަރީކޮށްފައިވާ ފަރާތުން ދަރަންޏަށް މުއާމަލާތެއްކޮށް އެ މުއާމަލާތާ ގުޅޭގޮތުން އިންޕުޓް ޓެކްސް ކަނޑާފައިވާހިނދު، އެ ދަރަނި އެއްކޮށް ނުވަތަ އެއިން ބައެއްނަމަވެސް އަދާކުރަންޖެހޭ ތާރީހަށް އަދާކޮށްފައިނުވާނަމަ، އެ ޓެކްސް ނެގޭ މުއްދަތުގެ ޓެކްސް ބަޔާނުގައި އެގޮތުން ކަނޑާފައިވާ ޖީ.އެސް.ޓީ ހިމަނައި އެ އަދަދު ދައްކަންވާނެއެވެ.
- މި މާއްދާގެ (ނ) ގެ (3) ގައިވާ ގޮތުގެމަތިން ރަޖިސްޓަރީކޮށްފައިވާ ފަރާތުން ޖީ.އެސް.ޓީ ދައްކާފައިވާނަމަ، އަދި ދަރާފައިވާ އެ ފައިސާ ނުވަތަ އެއިން ބައެއްނަމަވެސް ދައްކައިފިނަމަ، އެގޮތުން ދެއްކި ފައިސާގެ މިންވަރަށް ނިސްބަތްވާ ޖީ.އެސް.ޓީ، އެ ފަރާތުން ދައްކަންޖެހޭ އައުޓްޕުޓް ޓެކުހުން އުނިކުރެވިދާނެއެވެ.
37 ވަނަ މާއްދާ - އައުޓްޕުޓް ޓެކުހުން އިންޕުޓް ޓެކްސް އަޅައިކެނޑުން
(ހ) ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން މި ގާނޫނުގެ 27 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ޖީ.އެސް.ޓީ ބަޔާނުގައި، ޓެކްސް ނެގޭ މުއްދަތެއްގައި އިންޕުޓް ޓެކްސްގެ ގޮތުގައި އަޅައިކެނޑުމަށް މި ގާނޫނު ހުއްދަކުރާ އަދަދެއް، އައުޓްޕުޓް ޓެކުހުން އޭނާއަށް އަޅައިކެނޑިދާނެއެވެ.
(ށ) ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން މުދަލެއް ނުވަތަ ހިދުމަތެއް ހޯދާފައިވަނީ، ޓެކްސް ނެގޭ ހަރަކާތެއް ހިންގުމަށް ކަމަށްވާނަމަ، އެ މުދަލެއް ނުވަތަ ހިދުމަތަކާ ގުޅޭގޮތުން އޭނާ އިންޕުޓް ޓެކްސްގެ ގޮތުގައި ދެއްކި ފައިސާގެ އަދަދު އެކުގައި، އައުޓްޕުޓް ޓެކުހުން އޭނާއަށް އަޅައިކެނޑިދާނެއެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) އެހެން އޮތް ނަމަވެސް، މި ގާނޫނުގެ 20 ވަނަ މާއްދާގެ ދަށުން ޖީ.އެސް.ޓީ ނެގުމުން އިސްތިސްނާކުރާ މުދަލެއް ނުވަތަ ހިދުމަތަކާ ގުޅޭގޮތުން އިންޕުޓް ޓެކްސްގެ ގޮތުގައި ދެއްކި ފައިސާ އައުޓްޕުޓް ޓެކުހުން އަޅައެއްނުކެނޑޭނެއެވެ.
(ރ) ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން ވިއްކި މުދަލަކާ ގުޅޭގޮތުން ނުވަތަ ފޯރުކޮށްދިން ހިދުމަތަކާ ގުޅޭގޮތުން މި ގާނޫނުގެ 41 ވަނަ މާއްދާގެ ދަށުން މުދާ ގަތް ފަރާތަށް ނުވަތަ ހިދުމަތް ލިބިގަތް ފަރާތަށް ޓެކްސް އިންވޮއިސެއް ދޫކޮށްފައިނުވާނަމަ، މި މާއްދާގެ ދަށުން އިންޕުޓް ޓެކްސްގެ ގޮތުގައި އައުޓްޕުޓް ޓެކުހުން އެއްވެސް އަދަދެއް އަޅައެއްނުކެނޑޭނެއެވެ.
(ބ) ޓެކްސް ނެގޭ މުއްދަތެއްގައި އިންޕުޓް ޓެކްސްގެ ގޮތުގައި އަޅައިކެނޑުމަށް މި ގާނޫނު ހުއްދަކުރާ އަދަދެއް، އެ މުއްދަތުގެ ޖީ.އެސް.ޓީ ބަޔާން ހުށަހަޅާއިރު އައުޓްޕުޓް ޓެކުހުން އަޅައިނުކެނޑިވާނަމަ، އެފަދައިން އަޅައިނުކެނޑިވާ އިންޕުޓް ޓެކްސްގެ އަދަދު އަޅައިކެނޑެންޖެހޭ ދުވަހުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި އެ އަދަދު އޭނާގެ އައުޓްޕުޓް ޓެކުހުން އަޅައިކެނޑުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.
38 ވަނަ މާއްދާ - ހިލާފު އުފެދިފައިވާ އަގާމެދު ކަންކުރާނެ ގޮތް
ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން ވިއްކި މުދަލެއްގެ އަގާމެދު ނުވަތަ ފޯރުކޮށްދިން ހިދުމަތެއްގެ އަގާމެދު ރަޖިސްޓަރީކޮށްފައިވާ ފަރާތާއި އެ މުދާ ގަތް ނުވަތަ ހިދުމަތް ލިބިގަތް ފަރާތާ ދެމެދު ހިލާފު އުފެދިއްޖެނަމަ، އެ ހިލާފު އުފެދުނު އަދަދު، ޑެބިޓް ނޯޓަކުން ނުވަތަ ކްރެޑިޓް ނޯޓަކުން އެނގެން އޮންނަންވާނެއެވެ. އަދި އެ އަދަދާމެދު އެއްބަސްވުމަކަށް އާދެވޭއިރު، އެ މުއާމަލާތާ ގުޅޭގޮތުން ޖީ.އެސް.ޓީ ދައްކާފައިވާ މުއްދަތު ފާއިތުވެގޮސްފައިވާނަމަ، އެ ފާއިތުވި މުއްދަތުގައި ދެއްކި ޖީ.އެސް.ޓީގެ ފައިސާއަށް ގެންނަންޖެހޭ އުނިއިތުރު، ވިދިގެން އަންނަ ޓެކްސް މުއްދަތުގައި ގެންނަންވާނެއެވެ.
39 ވަނަ މާއްދާ - ރީއިމްބަރސްމަންޓްގެ ގޮތުން ނުވަތަ ހުކުމަކުން ނުވަތަ އެވޯޑެއްގެ ދަށުން ނުވަތަ އެއްބަސްވުމެއްގެ ދަށުން ލިބޭ ފައިސާ
ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން ވިއްކާފައިވާ މުދަލަކާ ގުޅިގެން ނުވަތަ ފޯރުކޮށްދީފައިވާ ހިދުމަތަކާ ގުޅިގެން، ރީއިމްބަރސްމަންޓެއްގެ ގޮތުގައި ނުވަތަ ށަރުއީ ކޯޓެއްގެ ހުކުމެއްގެ ދަށުން، ނުވަތަ އާބިޓްރަލް އެވޯޑެއްގެ ދަށުން، ނުވަތަ ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށްގެން އެ ފަރާތަށް ލިބޭ ފައިސާގެ ތެރޭގައި މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޖީ.އެސް.ޓީ ދައްކަންޖެހޭ ފައިސާއެއް ހިމެނޭނަމަ، އެ ފައިސާއަކާ ގުޅޭގޮތުން ޖީ.އެސް.ޓީ ދައްކަންވާނެއެވެ.
40 ވަނަ މާއްދާ - ހިސާބުގައި ފަރަގެއް އޮތުން
ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން ޖީ.އެސް.ޓީގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ އަދަދު އެކަށައެޅުމުގައި، ރަޖިސްޓަރީކޮށްފައިވާ ފަރާތުން ދެއްކި އަދަދާއި އެ ފަރާތުން ދައްކަންޖެހޭ އަދަދާ ދެމެދު ފަރަގެއްވާ ކަމަށް ކޮމިށަނަރ ޖެނެރަލަށް ފެނިއްޖެނަމަ، އަދި އެ ފަރަގަކީ، ދައްކަންޖެހޭ އަދަދެއް ނުދެއްކި އޮތުން ކަމުގައިވާނަމަ، އެއީ، އެ ފަރާތުން ދައްކަންޖެހޭ އަދަދެއް ކަމުގައި ބަލަންވާނެއެވެ. އަދި އެ ފަރަގަކީ،
އެ ފަރާތުން ދައްކަންޖެހޭ އަދަދަށްވުރެ އިތުރު އަދަދެއް ދެއްކިފައި އޮތުން ކަމުގައިވާނަމަ، އެފަދައިން އިތުރުވާ އަދަދު، ވިދިގެން އަންނަ ޓެކްސް ނެގޭ މުއްދަތުގައި ޖީ.އެސް.ޓީގެ ގޮތުގައި ދައްކަންޖެހޭ ފައިސާއިން އުނިކުރުމުގެ ހުއްދަ ކޮމިށަނަރ ޖެނެރަލް އެ ފަރާތަކަށް ދޭންވާނެއެވެ.
ނުވަވަނަ ބާބު
ޓެކްސް އިންވޮއިސް
41 ވަނަ މާއްދާ - ޓެކްސް އިންވޮއިސް ދޫކުރުން
(ހ) ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން ޖީ.އެސް.ޓީ ދައްކަންޖެހޭ އެހެން ފަރާތަކަށް މުދަލެއް ވިއްކުމަށްފަހު ނުވަތަ ހިދުމަތެއް ފޯރުކޮށްދިނުމަށްފަހު، އެ މުދަލެއް ގަތް ފަރާތުން ނުވަތަ ހިދުމަތް ލިބިގަތް ފަރާތުން އެދިއްޖެނަމަ، 28 (އަށާވީސް) ދުވަހުގެ ތެރޭގައި އެ ފަރާތަށް ޓެކްސް އިންވޮއިސެއް ދޫކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ދޫކުރަންވާނީ، ކޮންމެ މުއާމަލާތަކަށް އެއް އިންވޮއިސެވެ.
42 ވަނަ މާއްދާ - ޓެކްސް އިންވޮއިސްގައި ހިމަނަންޖެހޭ މައުލޫމާތު
(ހ) މި ގާނޫނުގައި ކަނޑައެޅިގެން އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން ތައްޔާރުކުރާ ޓެކްސް އިންވޮއިސްގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
- ފާޅުކަންބޮޑު ގޮތެއްގައި ފެންނާނެހެން "ޓެކްސް އިންވޮއިސް" މިގޮތަށް ލިޔެފައި އޮތުން؛
- މުދާ ވިއްކާ ފަރާތުގެ ނުވަތަ ހިދުމަތް ފޯރުކޮށްދޭ ފަރާތުގެ ނަމާއި، އެޑްރެސް އަދި ޓިން؛
- މުދާ ގަތް ފަރާތުގެ ނުވަތަ ހިދުމަތް ލިބިގަތް ފަރާތުގެ ނަމާއި، އެޑްރެސް އަދި ޓިން؛
- އިންވޮއިސް ނަންބަރު؛
- އިންވޮއިސް ދޫކުރި ތާރީހު؛
- ވިއްކި މުދަލުގެ އަދަދާއި ތަފްސީލު ނުވަތަ ފޯރުކޮށްދިން ހިދުމަތުގެ ތަފްސީލު؛
- މުދަލަށް ނުވަތަ ހިދުމަތަށް ދައްކަންޖެހޭ ޖީ.އެސް.ޓީގެ އަދަދު ނުހިމެނޭގޮތުން މުދަލުގެ ނުވަތަ ހިދުމަތުގެ އަގު؛
- މުދަލަށް ނުވަތަ ހިދުމަތަށް ދައްކަންޖެހޭ ޖީ.އެސް.ޓީގެ އަދަދު؛
- ޖީ.އެސް.ޓީ ހިމެނޭގޮތުން އެ މުދަލަކަށް ނުވަތަ ހިދުމަތަކަށް ދައްކަންޖެހޭ ޖުމްލަ އަގު، ނުވަތަ މުދަލުގެ އަގުގެ ތެރޭގައި ނުވަތަ ހިދުމަތުގެ އަގުގެ ތެރޭގައި ޖީ.އެސް.ޓީގެ އަދަދު ހިމެނިފައިވާނަމަ އެކަން.
(ށ) ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން ވިއްކާ މުދަލަކަށް ނުވަތަ ފޯރުކޮށްދޭ ހިދުމަތަކަށް ޖީ.އެސް.ޓީ ހިމެނޭގޮތުން ޖެހޭ އަގު 5,000 (ފަސްހާސް) ރުފިޔާއަށްވުރެ ދަށްވާނަމަ، މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކުރާ މައުލޫމާތު ނުހިމަނައި ޓެކްސް އިންވޮއިސް ތައްޔާރުކުރުމަކަށް
މި މާއްދާ ހުރަހެއް ނާޅައެވެ.
43 ވަނަ މާއްދާ - ޓެކްސް އިންވޮއިސްގެ ބަދަލުގައި ރަސީދު ދޫކުރުން
ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން ވިއްކާ މުދަލެއް ގަންނަނީ ނުވަތަ ފޯރުކޮށްދޭ ހިދުމަތެއް ލިބިގަންނަނީ ރަޖިސްޓަރީކޮށްފައިވާ ފަރާތެއް ނޫން އެހެން ފަރާތެއް ކަމުގައިވާނަމަ، އެ މުއާމަލާތާ ގުޅިގެން ޓެކްސް އިންވޮއިސެއްގެ ބަދަލުގައި ރަސީދެއް ދޫކުރުމުގެ އިހްތިޔާރު އެ މުދަލެއް ވިއްކާ ނުވަތަ ހިދުމަތެއް ފޯރުކޮށްދޭ ފަރާތަށް ލިބިގެންވެއެވެ. މިގޮތުން ދޫކުރާ ރަސީދުގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
(ހ) ރަޖިސްޓަރީކޮށްފައިވާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ޓިން؛
(ށ) ފައިސާ ދެއްކި ތާރީހު؛
(ނ) ރަސީދު ނަންބަރު؛
(ރ) މުދަލުގެ އަދަދާއި ތަފްސީލު ނުވަތަ ހިދުމަތުގެ ތަފްސީލު؛
(ބ) މުދަލަށް ނުވަތަ ހިދުމަތަށް ދައްކަންޖެހޭ ޖީ.އެސް.ޓީގެ އަދަދު ނުހިމެނޭގޮތުން މުދަލުގެ ނުވަތަ ހިދުމަތުގެ އަގު؛
(ޅ) މުދަލަށް ނުވަތަ ހިދުމަތަށް ދައްކަންޖެހޭ ޖީ.އެސް.ޓީގެ އަދަދު؛
(ކ) ޖީ.އެސް.ޓީ ހިމެނޭގޮތުން އެ މުދަލަކަށް ނުވަތަ ހިދުމަތަކަށް ދައްކަންޖެހޭ ޖުމްލަ އަގު، ނުވަތަ މުދަލުގެ އަގުގެ ތެރޭގައި ނުވަތަ ހިދުމަތުގެ އަގުގެ ތެރޭގައި ޖީ.އެސް.ޓީގެ އަދަދު ހިމެނިފައިވާނަމަ އެކަން.
44 ވަނަ މާއްދާ - ކްރެޑިޓް ނޯޓް
މުދަލެއް ވިއްކުމަށްފަހު ނުވަތަ ހިދުމަތެއް ފޯރުކޮށްދިނުމަށްފަހު އެ މުއާމަލާތާ ގުޅިގެން ޓެކްސް އިންވޮއިސެއް ތައްޔާރުކުރުމަށްފަހު، އެ މުއާމަލާތުގެ އަގު އެއްވެސް ސަބަބަކާހުރެ ދަށްވެއްޖެނަމަ ނުވަތަ ކުޑަކޮށްފިނަމަ، އެ މުދަލެއް ގަތް ނުވަތަ ހިދުމަތެއް ލިބިގަތް ފަރާތަށް ކްރެޑިޓް ނޯޓެއް ދޫކުރަންވާނެއެވެ. މިގޮތުން ދޫކުރާ ކްރެޑިޓް ނޯޓުގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
(ހ) ފާޅުކަންބޮޑު ގޮތެއްގައި ފެންނާނެހެން "ކްރެޑިޓް ނޯޓް" މިގޮތަށް ލިޔެފައި އޮތުން؛
(ށ) މުދާ ވިއްކާ ފަރާތުގެ ނުވަތަ ހިދުމަތް ފޯރުކޮށްދޭ ފަރާތުގެ ނަމާއި، އެޑްރެސް އަދި ޓިން؛
(ނ) މުދާ ގަތް ފަރާތުގެ ނުވަތަ ހިދުމަތް ލިބިގަތް ފަރާތުގެ ނަމާއި، އެޑްރެސް އަދި ޓިން؛
(ރ) ކްރެޑިޓް ނޯޓް ދޫކުރި ތާރީހު؛
(ބ) ކްރެޑިޓް ނޯޓް ނަންބަރު؛
(ޅ) ކްރެޑިޓް ނޯޓް ދޫކުރި ސަބަބު؛
(ކ) ޓެކްސް އިންވޮއިސްގެ ނަންބަރާއި، ތާރީހާއި، އެ އިންވޮއިސްގައި ބަޔާންކުރާ ޖީ.އެސް.ޓީގެ އަދަދާއި، އަގަށް އައި ބަދަލާ ގުޅިގެން ހިސާބުކުރި ޖީ.އެސް.ޓީގެ އަދަދާއި، މި ދެ އަދަދުގެ ތަފާތު.
45 ވަނަ މާއްދާ - ޑެބިޓް ނޯޓް
މުދަލެއް ވިއްކުމަށްފަހު ނުވަތަ ހިދުމަތެއް ފޯރުކޮށްދިނުމަށްފަހު އެ މުއާމަލާތާ ގުޅިގެން ޓެކްސް އިންވޮއިސެއް ތައްޔާރުކުރުމަށްފަހު، އެ މުއާމަލާތުގެ އަގު އެއްވެސް ސަބަބަކާހުރެ އިތުރުވެއްޖެނަމަ ނުވަތަ މަތިކޮށްފިނަމަ، އެ މުދަލެއް ގަތް ނުވަތަ ހިދުމަތެއް ލިބިގަތް ފަރާތަށް ޑެބިޓް ނޯޓެއް ދޫކުރަންވާނެއެވެ. މިގޮތުން ދޫކުރާ ޑެބިޓް ނޯޓުގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
(ހ) ފާޅުކަންބޮޑު ގޮތެއްގައި ފެންނާނެހެން "ޑެބިޓް ނޯޓް" މިގޮތަށް ލިޔެފައި އޮތުން؛
(ށ) މުދާ ވިއްކާ ފަރާތުގެ ނުވަތަ ހިދުމަތް ފޯރުކޮށްދޭ ފަރާތުގެ ނަމާއި، އެޑްރެސް އަދި ޓިން؛
(ނ) މުދާ ގަތް ފަރާތުގެ ނުވަތަ ހިދުމަތް ލިބިގަތް ފަރާތުގެ ނަމާއި، އެޑްރެސް އަދި ޓިން؛
(ރ) ޑެބިޓް ނޯޓް ދޫކުރި ތާރީހު؛
(ބ) ޑެބިޓް ނޯޓް ނަންބަރު؛
(ޅ) ޑެބިޓް ނޯޓް ދޫކުރި ސަބަބު؛
(ކ) ޓެކްސް އިންވޮއިސްގެ ނަންބަރާއި، ތާރީހާއި، އެ އިންވޮއިސްގައި ބަޔާންކުރާ ޖީ.އެސް.ޓީގެ އަދަދާއި، އަގަށް އައި ބަދަލާ ގުޅިގެން ހިސާބުކުރި ޖީ.އެސް.ޓީގެ އަދަދާއި، މި ދެ އަދަދުގެ ތަފާތު.
46 ވަނަ މާއްދާ - ޖީ.އެސް.ޓީ ހިސާބުކުރުމުގައި ކްރެޑިޓް ނޯޓާއި ޑެބިޓް ނޯޓާއި މެދު އަމަލުކުރަންޖެހޭ ގޮތް
ރަޖިސްޓަރީކޮށްފައިވާ ފަރާތުން ޓެކްސް ނެގޭ މުއްދަތަކަށް ދައްކަންޖެހޭ ޓެކްސްގެ އަދަދު ހިސާބުކުރުމުގައި، އެ ފަރާތުން ތައްޔާރުކުރާ ކްރެޑިޓް ނޯޓުތަކާއި ޑެބިޓް ނޯޓުތަކާ ގުޅޭގޮތުން އަމަލުކުރާނީ ޓެކްސް އިންވޮއިސްއާމެދު އަމަލުކުރުމަށް މި ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުންނެވެ.
47 ވަނަ މާއްދާ - ކޮޕީ ހަދައިދިނުން
ރަޖިސްޓަރީކޮށްފައިވާ ފަރާތެއް ވިއްކާ މުދަލަކާ ގުޅިގެން ނުވަތަ ފޯރުކޮށްދޭ ހިދުމަތަކާ ގުޅިގެން އެ މުދާ ގަތް ފަރާތަށް ނުވަތަ ހިދުމަތް ލިބިގަތް ފަރާތަށް ދޫކޮށްފައިވާ އަންނަނިވި ލިޔުންތަކުގެ ތެރެއިން ލިޔުމެއްގެ އަސްލު ގެއްލިގެން ރަޖިސްޓަރީކޮށްފައިވާ ފަރާތުގައި އޭގެ ކޮޕީއަކަށް އެދިއްޖެނަމަ، އެ ފަރާތުގެ އަތުގައި އޮތް ކޮޕީން ކޮޕީއެއް ހަދައި، އެއީ، ކޮޕީއެއްކަން އެނގޭ ގޮތަށް ތައްގަނޑުޖަހައި ސޮއިކުރުމަށްފަހު މުދާ ގަތް ފަރާތަށް ނުވަތަ ހިދުމަތް ލިބިގަތް ފަރާތަށް ދޫކުރަންވާނެއެވެ.
(ހ) ޓެކްސް އިންވޮއިސް؛
(ށ) ރަސީދު؛
(ނ) ކްރެޑިޓް ނޯޓް؛
(ރ) ޑެބިޓް ނޯޓް.
48 ވަނަ މާއްދާ - ރެކޯޑު ބެލެހެއްޓުން
(ހ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ލިޔެކިޔުންތައް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން، 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ބަހައްޓަންވާނެއެވެ.
(ށ) މި ގާނޫނުގެ ބޭނުމަށް ތައްޔާރުކުރާ ޓެކްސް އިންވޮއިސްތަކާއި، ރަސީދުތަކާއި، ކްރެޑިޓް ނޯޓުތަކާއި، ޑެބިޓް ނޯޓުތަކުގެ ނަންބަރަކީ ސޮފްޓްވެއަރއަކުން ޖެނެރޭޓްކުރާ ނަންބަރަކަށް ނުވާނަމަ،
އެ ލިޔުންތަކުގައި ޕްރީޕްރިންޓަޑް ސީރިއަލް ނަންބަރެއް ހިމަނަންވާނެއެވެ.
49 ވަނަ މާއްދާ - އެއް ފަރާތަކަށްވުރެ ގިނަ ފަރާތްތަކަށް މުދަލެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދިނުން
(ހ) ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން މުދަލެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދިނީ އެއް ފަރާތަށްވުރެ ގިނަ ފަރާތަށް ކަމަށްވާނަމަ، އެ ހުރިހާ ފަރާތްތަކުގެ ނަމުގައި ތައްޔާރުކުރާނީ އެއް ޓެކްސް އިންވޮއިސެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ތައްޔާރުކުރާ ޓެކްސް އިންވޮއިސްގައި ހިމެނިފައިވާ ޖީ.އެސް.ޓީގެ އަދަދު އިންޕުޓް ޓެކްސްގެ ގޮތުގައި އަޅައިކެނޑޭނީ ހިދުމަތް ލިބިގަތް ފަރާތުގެ ގޮތުގައި އިންވޮއިސްގައި ބަޔާންކޮށްފައިވާ ފަރާތަށެވެ.
50 ވަނަ މާއްދާ - އެއް މުއާމަލާތާ ގުޅިގެން އެއް ލިޔުމަށްވުރެ ގިނަ ލިޔުން ތައްޔާރު ނުކުރުން
(ހ) މި ގާނޫނުގެ ދަށުން އެއް މުއާމަލާތަކާ ގުޅިގެން އެއް ޓެކްސް އިންވޮއިސް، ރަސީދު، ޑެބިޓް ނޯޓް ނުވަތަ ކްރެޑިޓް ނޯޓަށްވުރެ ގިނައިން ހެދުމަކީ ކުށެކެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ކަމުގައިވީ ނަމަވެސް ކުރެވުނު މުއާމަލާތަކާ ގުޅިގެން ހެދިފައިވާ ޓެކްސް އިންވޮއިސް، ރަސީދު، ޑެބިޓް ނޯޓް ނުވަތަ ކްރެޑިޓް ނޯޓެއް ބާތިލް ކުރުމަށްފަހު، އާ ޓެކްސް އިންވޮއިސް، ރަސީދު، ޑެބިޓް ނޯޓް ނުވަތަ ކްރެޑިޓް ނޯޓެއް ހެދުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
ދިހަވަނަ ބާބު
ރަޖިސްޓަރީކުރުން
51 ވަނަ މާއްދާ - ރަޖިސްޓަރީކުރަން ލާޒިމުވުން
(ހ) ދިވެހިރާއްޖޭގައި ޓެކްސް ނެގޭ ހަރަކާތެއް މި ގާނޫނަށް އަމަލުކުރަން ފަށާ ދުވަހު ހިންގަމުންގެންދާ ފަރާތްތަކުގެ ތެރެއިން އަންނަނިވި ފަރާތްތަކުން، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މީރާގައި ރަޖިސްޓަރީކުރުމަށް ހުށަހަޅަންވާނެއެވެ.
- ފާއިތުވި 12 (ބާރަ) މަސްދުވަހުގެ ތެރޭގައި އެ ފަރާތަކުން ވިއްކި މުދަލާއި ފޯރުކޮށްދިން ހިދުމަތްތަކުގެ ޖުމްލަ އަގު 1,000,000 (އެއްމިލިއަން) ރުފިޔާއަށްވުރެ އިތުރުވާ ފަރާތްތައް؛
- ކުރިއަށްއޮތް 12 (ބާރަ) މަސްދުވަހުގެ ތެރޭގައި އެ ފަރާތަކުން ވިއްކާނެ މުދަލާއި، ފޯރުކޮށްދޭނެ ހިދުމަތްތަކުގެ ޖުމްލަ އަގު 1,000,000 (އެއްމިލިއަން) ރުފިޔާއަށްވުރެ އިތުރުވާނެކަމަށް އަންދާޒާކުރެވޭ ފަރާތްތައް؛
- (3) މި މާއްދާގެ (ހ) ގެ (1) އަދި (2) ގައި އެހެން އޮތްކަމުގައިވިޔަސް، މި ގާނޫނުގެ
15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުދަލާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތައް؛ - މި ގާނޫނަށް އަމަލުކުރަން ފަށާއިރު ދިވެހިރާއްޖެއަށް މުދާ އިމްޕޯޓްކުރާ ފަރާތްތައް.
(ށ) މި ގާނޫނަށް އަމަލުކުރަން ފަށާ ދުވަހުގެ ފަހުން ދިވެހިރާއްޖޭގައި ޓެކްސް ނެގޭ ހަރަކާތެއް ހިންގަން ފަށާ ފަރާތްތަކުގެ ތެރެއިން ފަރާތަކުން، އެއްވެސް މަހެއް ނިމޭ ހިނދު، އެ މަހުގެ ނިޔަލަށް ނިމުނު 12 (ބާރަ) މަސްދުވަހުގެ ތެރޭގައި އެ ފަރާތަކުން ވިއްކި މުދަލާއި ފޯރުކޮށްދިން ހިދުމަތްތަކުގެ ޖުމްލަ އަގު 1,000,000 (އެއްމިލިއަން) ރުފިޔާއަށްވުރެ އިތުރުވެފައިވާނަމަ، އެ މަހާ ވިދިގެން ފެށޭ މަސް ނިމުމުގެ ކުރިން މީރާގައި ރަޖިސްޓަރީކުރުމަށް ހުށަހަޅަންވާނެއެވެ.
(ނ) މި ގާނޫނަށް އަމަލުކުރަން ފަށާ ދުވަހުގެ ކުރިއްސުރެ ދިވެހިރާއްޖޭގައި ޓެކްސް ނެގޭ ހަރަކާތެއް ހިންގަމުންގެންދާ ފަރާތްތަކުގެ ތެރެއިން ފަރާތެއް، އެއްވެސް މަހެއް ނިމޭ ހިނދު، އެ މަހުގެ ނިޔަލަށް ނިމުނު 12 (ބާރަ) މަސްދުވަހުގެ ތެރޭގައި އެ ފަރާތަކުން ވިއްކި މުދަލާއި ފޯރުކޮށްދިން ހިދުމަތްތަކުގެ ޖުމްލަ އަގު 1,000,000 (އެއްމިލިއަން) ރުފިޔާއަށްވުރެ އިތުރުވެފައިވާނަމަ،
އެ މަހާ ވިދިގެން ފެށޭ މަސް ނިމުމުގެ ކުރިން މީރާގައި ރަޖިސްޓަރީކުރުމަށް ހުށަހަޅަންވާނެއެވެ.
(ރ) މި ގާނޫނަށް އަމަލުކުރަން ފަށާ ދުވަހުގެ ފަހުން ދިވެހިރާއްޖޭގައި ޓެކްސް ނެގޭ ހަރަކާތެއް ހިންގަން ފަށާ ފަރާތްތަކުގެ ތެރެއިން ފަރާތަކުން، އެއްވެސް މަހެއް ނިމޭ ހިނދު، އެ މަހުން ފެށިގެން ކުރިއަށްއޮތް 12 (ބާރަ) މަސްދުވަހުގެ ތެރޭގައި އެ ފަރާތަކުން ވިއްކި މުދަލާއި ފޯރުކޮށްދިން ހިދުމަތްތަކުގެ ޖުމްލަ އަގު 1,000,000 (އެއްމިލިއަން) ރުފިޔާއަށްވުރެ އިތުރުވާނެ ކަމަށް އަންދާޒާކުރެވޭނަމަ، އެގޮތަށް އަންދާޒާކުރި މަހާ ވިދިގެން ފެށޭ މަސް ނިމުމުގެ ކުރިން މީރާގައި ރަޖިސްޓަރީކުރުމަށް ހުށަހަޅަންވާނެއެވެ.
(ބ) މި ގާނޫނަށް އަމަލުކުރަން ފަށާ ދުވަހުގެ ކުރިއްސުރެ ދިވެހިރާއްޖޭގައި ޓެކްސް ނެގޭ ހަރަކާތެއް ހިންގަމުންގެންދާ ފަރާތްތަކުގެ ތެރެއިން ފަރާތެއް، އެއްވެސް މަހެއް ނިމޭ ހިނދު، އެ މަހުން ފެށިގެން ކުރިއަށްއޮތް 12 (ބާރަ) މަސްދުވަހުގެ ތެރޭގައި އެ ފަރާތަކުން ވިއްކި މުދަލާއި ފޯރުކޮށްދިން ހިދުމަތްތަކުގެ ޖުމްލަ އަގު 1,000,000 (އެއްމިލިއަން) ރުފިޔާއަށްވުރެ އިތުރުވާނެ ކަމަށް އަންދާޒާކުރެވޭނަމަ، އެގޮތަށް އަންދާޒާކުރި މަހާ ވިދިގެން ފެށޭ މަސް ނިމުމުގެ ކުރިން މީރާގައި ރަޖިސްޓަރީކުރުމަށް ހުށަހަޅަންވާނެއެވެ.
(ޅ) މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުގެ ފަހުން މި ގާނޫނުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުދަލެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދޭން ފަށާ ފަރާތްތަކުން، އެ ވިޔަފާރި ފަށާ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މީރާގައި ރަޖިސްޓަރީކުރުމަށް ހުށަހަޅަންވާނެއެވެ.
(ކ) މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުގެ ފަހުން ދިވެހިރާއްޖެއަށް މުދާ އިމްޕޯޓްކުރަން ފަށާ ފަރާތްތަކުން، އިމްޕޯޓްކުރަން ފަށާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މީރާގައި ރަޖިސްޓަރީކުރުމަށް ހުށަހަޅަންވާނެއެވެ.
(އ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރާއި، (ށ) ، (ނ) ، (ރ) ، އަދި (ބ) ގައި ބަޔާންކޮށްފައިވާ ފައިސާގެ އަދަދުތައް ބެލުމުގައި ޖީ.އެސް.ޓީގެ އަދަދެއް ނުހިމެނޭނެއެވެ.
52 ވަނަ މާއްދާ - ޖީ.އެސް.ޓީ ނަގަން ފެށުން
މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުގެ ފަހުން މީރާގައި ރަޖިސްޓަރީކުރުމަށް ހުށަހަޅާ ފަރާތްތަކުން މި ގާނޫނުގައިވާ ގޮތުގެމަތިން ޖީ.އެސް.ޓީ ނަގަން ފަށާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ކޮމިށަނަރ ޖެނެރަލް ކަނޑައަޅާ ތާރީހަކުން ފެށިގެންނެވެ.
53 ވަނަ މާއްދާ - އަމިއްލައަށް އެދިގެން ރަޖިސްޓަރީކުރުމަށް ހުށަހެޅުން
ވަކި ފަރާތަކީ، މި ގާނޫނުގެ 51 ވަނަ މާއްދާގެ ދަށުން މީރާގައި ރަޖިސްޓަރީކުރުން ލާޒިމު ފަރާތެއް ކަމުގައިނުވިނަމަވެސް، ރަޖިސްޓަރީކޮށްފައިވާ ފަރާތެއްގެ ގޮތުގައި މީރާގައި ރަޖިސްޓަރީކޮށްދިނުމަށް އެދި ކޮމިށަނަރ ޖެނެރަލަށް އަމިއްލައަށް ހުށަހެޅުމުގެ އިހްތިޔާރު، ހުއްދައެއް ލިބިގެން ހިންގާ ވިޔަފާރިތަކަށާއި ހުއްދައެއް ލިބިގެން ހިންގާ ހިދުމަތްތަކަށް ލިބިގެންވެއެވެ.
54 ވަނަ މާއްދާ - ރަޖިސްޓަރީކުރުމަށް އެދި ހުށަހެޅުން
މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފަރާތެއްގެ ގޮތުގައި ރަޖިސްޓަރީކުރުމަށް އެދި މީރާއަށް ހުށަހަޅާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިންނެވެ.
55 ވަނަ މާއްދާ - ރަޖިސްޓަރީ ބާތިލުކުރަން ހުށަހެޅުން
(ހ) މި ގާނޫނުގެ 51 ވަނަ މާއްދާގެ ދަށުން މީރާގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، އަންނަނިވި ފަރާތްތަކުގެ ރަޖިސްޓަރީ އަންނަނިވި ހާލަތުތަކުގައި ބާތިލުކޮށްދިނުމަށް އެދި
އެ ފަރާތްތަކަށް ހުށަހެޅިދާނެއެވެ.
- އެއްވެސް މަހެއް ނިމޭ ހިނދު، ފާއިތުވި 12 (ބާރަ) މަސްދުވަހުގެ ތެރޭގައި އެ ފަރާތަކުން ވިއްކި މުދަލާއި ފޯރުކޮށްދިން ހިދުމަތްތަކުގެ ޖުމްލަ އަގު 500,000 (ފަސްލައްކަ) ރުފިޔާއަށްވުރެ މަދުވި ފަރާތްތައް؛
- ކުރިއަށްއޮތް 12 (ބާރަ) މަސްދުވަހުގެ ތެރޭގައި އެ ފަރާތަކުން ވިއްކާ މުދަލާއި ފޯރުކޮށްދޭ ހިދުމަތްތަކުގެ ޖުމްލަ އަގު 500,000 (ފަސްލައްކަ) ރުފިޔާއަށްވުރެ މަދުވާނެ ކަމަށް އަންދާޒާކުރެވޭ ފަރާތްތައް؛
- (3) ޓެކްސް ނެގޭ ހަރަކާތް ހުއްޓާލުމަށްފަހު ކުރިއަށްއޮތް 12 (ބާރަ) މަސްދުވަހުގެ ތެރޭގައި އަލުން އެ ހަރަކާތް ފަށަން ގަސްދުނުކުރާ ފަރާތްތައް.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ރަޖިސްޓަރީ ބާތިލުކުރުމަށް ހުށަހަޅާ ފަރާތްތަކުން މި ގާނޫނުގައިވާ ގޮތުގެމަތިން ޖީ.އެސް.ޓީ ދެއްކުން ހުއްޓާލާނީ ކޮމިށަނަރ ޖެނެރަލް ކަނޑައަޅާ ތާރީހަކުން ފެށިގެންނެވެ.
(ނ) ރަޖިސްޓަރީކޮށްފައިވާ އެއްވެސް ފަރާތެއްގެ ރަޖިސްޓަރީ ބާތިލުކޮށްފިނަމަ، އެ ފަރާތެއްގެ އަތުގައި އެވަގުތު ހުރި މުދަލުގެ ތެރެއިން އިންޕުޓް ޓެކްސް އަޅައިކަނޑާފައިވާ މުދަލަށް ގަވާއިދުގައިވާ ގޮތުގެމަތިން ޖީ.އެސް.ޓީ ދައްކަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި އެހެން އޮތްކަމުގައިވިޔަސް، ރަޖިސްޓަރީކޮށްފައިވާ ފަރާތަކީ ދިވެހިރާއްޖެއަށް މުދާ އެތެރެކުރާ ފަރާތެއް ކަމުގައިވާނަމަ، އަދި އެ ފަރާތުގެ ރަޖިސްޓަރީ ބާތިލުވެއްޖެނަމަ ނުވަތަ ބާތިލުކޮށްފިނަމަ، އެ ފަރާތުން އެތެރެކޮށްފައިވާ މުދަލުގެ ތެރެއިން އެ ފަރާތުގެ އަތުގައި އެ ވަގުތު ހުރި މުދަލުގެ ހިސާބު މީރާއަށް ހުށަހަޅަންވާނެއެވެ. މިގޮތަށް ހުށަހަޅާ އިންވޮއިސެއްގައި ހިމެނޭ މުދާ ވިއްކަންވާނީ ޓެކްސް އިންވޮއިސެއް ހެދިގެންނެވެ. އަދި ހަމަ އެ މުދާ ވިއްކާފައި ލިބޭ ޓެކްސް ގަވާއިދުން ޓެކްސް އިންވޮއިސް ހެދި، އެ ޓެކްސް ދައްކަންވާނެއެވެ.
56 ވަނަ މާއްދާ - ރަޖިސްޓަރީ ކުރަންޖެހޭ ފަރާތްތައް
(ހ) މި ގާނޫނުގެ 51 ވަނަ މާއްދާގެ (ހ) އިން ފެށިގެން (ކ) ގެ ނިޔަލަށް ހުރި އަކުރުތަކުގެ ތެރެއިން އަކުރެއްގެ ދަށުން، ދިވެހިރާއްޖޭގައި ޓެކްސް ނެގޭ ހަރަކާތެއް ހިންގަމުންގެންދާ ފަރާތެއް މީރާގައި ރަޖިސްޓަރީކުރާއިރު ރަޖިސްޓަރީކުރެވޭނީ، މީހެއްގެ ނަމުގައި ރަޖިސްޓަރީކުރުމުގެ އިތުރުން އަންނަނިވި ގާނޫނީ ށަހްސުތަކުގެ ތެރެއިން ށަހްސެއްގެ ނަމުގައެވެ.
- ކުންފުނި؛
- ޕާޓްނަރށިޕް؛
- (3) ކޯޕަރޭޓިވް ސޮސައިޓީ؛
- ޖަމްއިއްޔާ.
(ށ) ކޮމިށަނަރ ޖެނެރަލަށް ފެނިއްޖެ ހާލަތެއްގައި، ހުއްދައެއް ލިބިގެން ހިންގާ ވިޔަފާރިއަކުން ނުވަތަ ހުއްދައެއް ލިބިގެން ދޭ ހިދުމަތަކުން، މި ގާނޫނުގެ 51 ވަނަ މާއްދާގައިވާ ގޮތުގެމަތިން މީރާގައި ރަޖިސްޓަރީކުރާއިރު، އެ ވިޔަފާރިއެއް ނުވަތަ ހިދުމަތެއްގެ ވެރިފަރާތްވެސް މީރާގައި ރަޖިސްޓަރީކުރުމަށް އެންގުމުގެ ބާރު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ކޮމިށަނަރ ޖެނެރަލަށް ލިބިގެންވެއެވެ.
57 ވަނަ މާއްދާ - ރަޖިސްޓަރީނުކޮށް ވިޔަފާރިކުރުމުން ނުވަތަ ހިދުމަތް ދިނުމުން ޖީ.އެސް.ޓީ ދައްކަންޖެހުން
(ހ) މި ގާނޫނުގެ ދަށުން މީރާގައި ރަޖިސްޓަރީ ކުރަންޖެހޭ ފަރާތެއް ރަޖިސްޓަރީ ނުކޮށް މުދަލެއް ވިއްކައިފިނަމަ ނުވަތަ ހިދުމަތެއްދީފިނަމަ، އެ ފަރާތަކީ މި ގާނޫނުގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ފަރާތެކޭ އެއްފަދައިން ޖީ.އެސް.ޓީ ދައްކަންޖެހޭ ފަރާތެއްކަމުގައި ބެލެވޭނެއެވެ.
(ށ) ދިވެހިރާއްޖޭގައި ހުއްދައެއް ލިބިގެން ހިންގާ ވިޔަފާރީގެ ތެރެއިން ނުވަތަ ހުއްދައެއް ލިބިގެން ދޭ ހިދުމަތްތަކުގެ ތެރެއިން، މި ގާނޫނުގެ 51 ވަނަ މާއްދާގައިވާ ގޮތުގެމަތިން މީރާގައި ރަޖިސްޓަރީކޮށްފައިވާ ފަރާތަކަށް އެކަން ކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއިން ދޫކޮށްފައިވާ ހުއްދަ ނުވަތަ ލައިސަންސް އެ އިދާރާއަކުން ބާތިލުކުރުމަށްފަހުގައިވެސް، އެފަދަ ފަރާތަކުން ޓެކްސް ނެގޭ ހަރަކާތެއް ހިންގައިފިނަމަ، އެ ފަރާތަކީ މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފަރާތެކޭ އެއްފަދައިން ޖީ.އެސް.ޓީ ދައްކަންޖެހޭ ފަރާތެއް ކަމުގައި ބެލެވޭނެއެވެ.
58 ވަނަ މާއްދާ - ރަޖިސްޓަރީން އުނިކޮށްދިނުމަށް އެދުން
(ހ) ދިވެހިރާއްޖޭގައި ޓެކްސް ނެގޭ ހަރަކާތެއް ހިންގަމުން ގެންދިޔަ ފަރާތަކުން،
އެ ހަރަކާތެއް ހުއްޓާލައިފިނަމަ، ރަޖިސްޓަރީކޮށްފައިވާ ފަރާތެއްގެ ގޮތުގައި ރަޖިސްޓަރީވެފައި އޮތް އޮތުން ބާތިލުކޮށްދިނުމަށް އެދި އެ ހަރަކާތެއް ހުއްޓާލާތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކޮމިށަނަރ ޖެނެރަލަށް ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ފަދަ ހުށަހެޅުމެއް ލިބުމުން، ރަޖިސްޓަރީކޮށްފައިވާ ފަރާތެއްގެ ގޮތުގައި ރަޖިސްޓަރީވެފައި އޮތް އޮތުން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ބާތިލުކޮށްދޭންވާނެއެވެ. އަދި އެފަދައިން ބާތިލުކުރާތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ ފަރާތަކަށް އެކަން އަންގަންވާނެއެވެ.
59 ވަނަ މާއްދާ - ރަޖިސްޓަރީކުރުމާގުޅޭ މައުލޫމާތަކަށް އަންނަ ބަދަލު އެންގުން
އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް މެދުވެރިވެއްޖެނަމަ، އެކަމެއް ހިނގާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެކަމެއް، ރަޖިސްޓަރީކޮށްފައިވާ ފަރާތުން މީރާއަށް އަންގަންވާނެއެވެ.
(ހ) ރަޖިސްޓަރީކޮށްފައިވާ ފަރާތުގެ ނަން ނުވަތަ އެޑްރެސް ނުވަތަ ކުރަމުންދާ ވިޔަފާރީގެ ބާވަތާއި ޒާތަށް ބަދަލެއް އައުން؛
(ށ) ރަޖިސްޓަރީކޮށްފައިވާ ފަރާތަކީ ކުންފުންޏެއްނަމަ، ކުންފުނީގެ އަސާސީ ގަވާއިދަށް ނުވަތަ ހިންގާ ގަވާއިދަށް ބަދަލެއް އައުން؛
(ނ) މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފަރާތެއް ރަޖިސްޓަރީކޮށްފައިވާ އެހެން ފަރާތަކާ ބައިވެރިވުން؛
(ރ) މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފަރާތެއް ރަޖިސްޓަރީކޮށްފައިވާ އެހެން ފަރާތަކާ އެއްކޮށްލުން؛
(ބ) މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފަރާތެއްގެ ހިއްސާ ނުވަތަ މާލީ މަސްލަހަތު ހިމެނޭ، ނުވަތަ އެ ފަރާތުގެ ހިއްސާދާރުން ނުވަތަ ޑިރެކްޓަރުންގެ މާލީ މަސްލަހަތު ހިމެނޭ ކުންފުންޏެއް ނުވަތަ ވިޔަފާރި ޖަމާއަތެއް ބިދޭސީ ގައުމެއްގައި ގާއިމްކުރުން.
އެގާރަވަނަ ބާބު
އެހެނިހެން ކަންކަން
60 ވަނަ މާއްދާ - މި ގާނޫނާއި ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނާ އެކުގައި ކިޔުން
މި ގާނޫނު ކިޔާނީ، ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) އާއެކުގައެވެ. އަދި މި ގާނޫނުގައި ބޭނުންކޮށްފައިވާ ކޮންމެ ލަފުޒެއް ނުވަތަ އިބާރާތެއް، ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު މާނަކުރާނީ، އެ ގާނޫނުގައި އެ ލަފުޒެއް ނުވަތަ އިބާރާތެއް މާނަކޮށްފައިވާ ގޮތަށެވެ.
61 ވަނަ މާއްދާ - ބަންދު ދުވަހަކާ ދިމާވުން
މި ގާނޫނުގައި ވަކި ކަމެއް ކުރުން ލާޒިމުކޮށްފައިވަނީ ވަކި ތާރީހަކަށް ކަމަށްވެފައި، އެ ތާރީހެއް ދިމާވަނީ ރަސްމީ ބަންދު ދުވަހަކަށް ކަމަށްވާނަމަ، ދެން އެކަމެއް ކުރާނީ އެ ބަންދު ދުވަހަކަށްފަހު އެންމެ އަވަހަށް އަންނަ ރަސްމީ މަސައްކަތު ދުވަހެއްގައެވެ.
62 ވަނަ މާއްދާ - ޖީ.އެސް.ޓީ ދައްކަންޖެހޭ ފައިސާ
(ހ) މި ގާނޫނުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޓެކްސް ނެގޭ ހަރަކާތްތަކުން ޖީ.އެސް.ޓީ ދައްކަންވާނީ، އެމެރިކާ ޑޮލަރުން ނުވަތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ގަބޫލުކުރާ ބޭރު ފައިސާގެ ތެރެއިން ކޮމިށަނަރ ޖެނެރަލް ކަނޑައަޅާ ފައިސާއަކުންނެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، ޖީ.އެސް.ޓީ ދިވެހި ރުފިޔާއިން ދެއްކުމަށް މިނިސްޓަރ އޮފް ފައިނޭންސަށް ކަނޑައެޅިދާނެވެ.
(ނ) މި ގާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޓެކްސް ނެގޭ ހަރަކާތްތަކުން ޖީ.އެސް.ޓީ ދައްކަންވާނީ، ދިވެހި ރުފިޔާއިންނެވެ.
63 ވަނަ މާއްދާ - ޖީ.އެސް.ޓީ ބަޔާނަށް އިސްލާހު ގެނައުން
ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން މި ގާނޫނުގެ 27 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ޖީ.އެސް.ޓީ ބަޔާން ހުށަހެޅުމަށްފަހު، އެ ބަޔާން ހުށަހަޅަންޖެހޭ ތާރީހުން ފެށިގެން ހިނގާ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި، މީރާއަށް ލިޔުމުން އަންގާ އެންގުމެއް މެދުވެރިކޮށް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، އެ ބަޔާނަށް އިސްލާހެއް ހުށަހެޅިދާނެއެވެ.
64 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން
މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެން މީލާދީ 1 (އެކެއް) މަސްދުވަސް ފަހުންނެވެ.
65 ވަނަ މާއްދާ - އުވާލެވޭ ގާނޫނު
ގާނޫނު ނަންބަރު 19/2010 (ޓޫރިސްޓް ހިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު) ގެ ދަށުން ހިންގަމުންއައި ޓެކްސް ނެގުމުގެ ނިޒާމު، މި ގާނޫނަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން މި ގާނޫނުގެ ދަށަށް ބަދަލުވެ، އެއީ، މި ގާނޫނުގެ ދަށުން ހިނގަމުންދާ ނިޒާމެއް ކަމުގައި ހަމަޖެހި، އެ ތާރީހުން ފެށިގެން އެ ގާނޫނު އުވުނީއެވެ.
66 ވަނަ މާއްދާ - ޖަދުވަލު
މި ގާނޫނުގެ ޖަދުވަލަކީ މި ގާނޫނުގެ މުހިންމު ބައެކެވެ. މި ގާނޫނު ފުރިހަމަވާނީ، އެ ޖަދުވަލާ އެކީގައެވެ.
67 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން
(ހ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކުގެ ތެރެއިން ގަވާއިދެއް ހެދުން މި ގާނޫނުން ވަކި ފަރާތަކާ ހަވާލުކޮށްފައިވާނަމަ، އެ ގަވާއިދެއް ހަދައި ހިންގާނީ އެ ފަރާތަކުންނެވެ. އެނޫން އެހެން ގަވާއިދުތައް ހަދައި، ހިންގާނީ މީރާއިންނެވެ.
(ށ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި، މި ގާނޫނު ތަސްދީގުކޮށް ގެޒެޓުގައި ށާއިއު ކުރާ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.
68 ވަނަ މާއްދާ - ލަފުޒުތަކާއި އިބާރާތްތަކުގެ މާނަ
މި ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު:
"ހިސާބުތައް" ކަމަށް ބުނެފައި އެވަނީ، ބެލެންސް ށީޓް، ފައިދާއާއި ގެއްލުމުގެ ހިސާބު، ހިސާބުތަކާ ގުޅިފައިވާ ޖަދުވަލުތަކާއި ނޯޓްތައް، ޑިރެކްޓަރުންގެ ރިޕޯޓް، ހިސާބުތަކާގުޅޭ އޮޑިޓަރުންގެ ރިޕޯޓް އަދި މިނޫނަސް އެ ލިޔުންތަކާ އެކުގައިވާ ނުވަތަ އެ ލިޔުންތަކުގައި ހިމަނާފައިވާ އެންމެހައި ލިޔުންތަކަށެވެ.
"ދައުލަތުގެ މުވައްޒަފު" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ ވަޒީފާއެއް އަދާކުރާ، ދައުލަތުގެ ބަޖެޓުން މުސާރަ ނުވަތަ އުޖޫރަ ދޭ ކޮންމެ ފަރާތަކަށެވެ.
"ކޮމިށަނަރ ޖެނެރަލް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ ދަށުން އައްޔަންކޮށްފައިވާ ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން އަށެވެ.
"އަނބުރާ ނުލިބޭނެ ދަރަނި" ކަމަށް ބުނެފައި އެވަނީ، ހިސާބު ބެލެހެއްޓުމުގެ ބައިނަލްއަގްވާމީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، ނުލިބޭނެ ދަރަނި ކަމަށް ބަލައި ހިސާބުތަކުން އުނިކުރެވޭ "ބޭޑް ޑެޓްސް" ނުވަތަ ދަރަންޏަށެވެ.
"މީރާ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށެވެ.
"ފަރާތް" ކަމަށް ބުނެފައި އެވަނީ، ވަކި ފަރުދެއް، ކުންފުންޏެއް، ޕާޓްނަރށިޕެއް، ޓްރަސްޓެއް އަދި ޖަމާއަތެއްވެސް ހިމެނޭ ގޮތަށެވެ.
"ވިޔަފާރި" ކަމަށް ބުނެފައި އެވަނީ، އާމްދަނީއެއް ހޯދުމުގެ ބޭނުމުގައި ހިންގާ ނުވަތަ ކުރާ މުދާ ގަނެވިއްކުމުގެ މަސައްކަތާއި، ވިޔަފާރި އުސޫލުން ހިންގާ އުފެއްދުންތެރިކަމުގެ މަސައްކަތް ނުވަތަ ފަންނީ ހިދުމަތެއް ދިނުމުގެ މަސައްކަތް ނުވަތަ ހިދުމަތެއް ދިނުމުގެ ގޮތުން ހިންގާ އެހެން މަސައްކަތް ނުވަތަ ބުނެވިދިޔަ ޒާތުގެ އެނޫންވެސް މަސައްކަތް ހިމެނޭ ގޮތަށެވެ.
"ލޯކަލް ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން އުފައްދާފައިވާ ކައުންސިލަށެވެ.
"ޖީއެސް.ޓީ.ބަޔާން" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 27 ވަނަ މާއްދާގެ ދަށުން ތައްޔާރުކޮށް ހުށަހަޅާ ބަޔާނަށެވެ.
"ޓެކްސް އިންވޮއިސް" ކަމަށް ބުނެފައި އެވަނީ، ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން ޖީ.އެސް.ޓީ ދައްކާ އެހެން ފަރާތަކަށް މުދަލެއް ވިއްކުމަށްފަހު ނުވަތަ ހިދުމަތެއް ފޯރުކޮށްދިނުމަށްފަހު، އެ މުދަލެއް ގަތް ނުވަތަ ހިދުމަތެއް ލިބިގަތް ފަރާތަށް މި ގާނޫނުގެ 41 ވަނަ މާއްދާގެ ދަށުން ދޫކުރާ ލިޔުމަށެވެ.
"ޓެކްސް ނެގޭ މުއްދަތު" ކަމަށް ބުނެފައި އެވަނީ، ޖީ.އެސް.ޓީ ދެއްކުމަށް މި ގާނޫނުގެ 24 ވަނަ މާއްދާގެ ދަށުން ކަނޑައަޅާ މުއްދަތަށެވެ.
"ޓިން" ކަމަށް ބުނެފައި އެވަނީ، ރަޖިސްޓަރީކޮށްފައިވާ ފަރާތެއްގެ ގޮތުގައި މީރާގައި ރަޖިސްޓަރީކުރުމުން، މީރާއިން އެ ފަރާތަކަށް ކަނޑައަޅާ ޓެކްސްޕެޔަރ އައިޑެންޓިފިކޭށަން ނަންބަރަށެވެ.
ޖަދުވަލު 1
ސުން-ރޭޓު ކަނޑައަޅާފައިވާ އަސާސީ މުދާ
- ހަނޑޫ
- ހަކުރު
- ފުށް
- ލޮނު
- ކިރު
- ކުކިންގ އޮއިލް
- ބިސް
- ސައިފަތް
- ކަނޑުމަހާއި ފަރުމަސް، ރާއްޖޭގައި ބަންދުކޮށްފައިވާ އެކި ބާވަތުގެ މަސް އަދި ރިހާކުރު
- އަލުވި، ފިޔާ
- ހަވާދު އުފެއްދުމަށް ބޭނުންކުރާ ބާވަތްތައް (ދިރި، ދަވިއްގަނދު، ކޮތަނބިރި، ރީނދޫ، ލޮނުމެދު، އިނގުރު، މިރުސް، ތެޅިމިރުސް، ފޮނިތޮށި، ކާފުރުތޮޅި، އަސޭމިރުސް، މިނޫންވެސް މިބާވަތުގެ ތަކެތި)
- ދިޔާ ހަކުރާއި، ކާށި، ކުރުނބާ، ރުކުރާ، އަދި ކުރޮޅި
- ތަރުކާރީގެ ބާވަތްތަކުގެ ތެރެއިން ކެރެޓު، ކެބެޖް، ތޮޅި އަދި ޓޮމާޓޯ
- މޭވާގެ އެންމެހާ ބާވަތްތައް
- ޕާން، ބަނަސް، ފާރޮށި
- ކުޑަކުދިންގެ ނެޕީ
- ތުއްތު ކުދިންގެ ކާނާ
- ކައްކާ ގޭސް
- ޑީސަލް
- ޕެޓްރޯލް
- ބޮޑެތި މީހުންގެ ނެޕީ
ނޯޓް
ހަނޑޫ، ހަކުރު އަދި ފުށުގެ ގޮތުގައި ބެލެވެނީ އެއިރެއްގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭށަނުން އެތެރެކުރާ ހަނޑޫ، ހަކުރު އަދި ފުށުގެ ބާވަތްތަކަށެވެ. އަދި މިއީ ކޮންޓްރޯލް އަގުގައި ވިއްކާ ހަނޑޫ، ހަކުރު އަދި ފުށުގެ ބާވަތްތަކެވެ.
މި ގާނޫނަށް ގެނެވުނު އިސްލާހު
ކޮންސޮލިޑޭޓެޑް ގާނޫނު
މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2011-10)
މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު
މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދު (ގަވާއިދު ނަންބަރ 2011-43)
ކިޔުންތެރިންގެ ހިޔާލު