-

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2011-10) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2014-06)

 

ގާނޫނު ނަންބަރު 2011-10 (މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 3 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރު އުނިކުރުން.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 15 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

15. (ށ) (3) 1 ޖެނުއަރީ 2013 އިން ފެށިގެން 31 އޮކްޓޯބަރު 2014 ގެ ނިޔަލަށް %8 (އަށެއް އިންސައްތަ)؛

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 15 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ގޮތަށް ނަންބަރެއް އިތުރުކުރުން.

15.(ށ) (4) 1 ނޮވެމްބަރު 2014 އިން ފެށިގެން %12 (ބާރަ އިންސައްތަ).

 

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 20 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

20.  (ނ)  ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގައި ނުވަތަ ދައުލަތުގެ ކަމާބެހޭ މުއައްސަސާއެއްގައި ރަޖިސްޓަރީކޮށްގެން ޕޯސްޓުގެ ހިދުމަތް ދޭ ތަނަކުން ދޭ ޕޯސްޓުގެ ހިދުމަތް؛

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 51 ވަނަ މާއްދާގެ (އ) ގެ ފަހަތަށް އަންނަނިވި އަކުރު އިތުރުކުރުން.

51. (ވ) ގާނޫނު ނަންބަރު 10/2011 (މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނާ ގުޅިގެން އަލަށް ޖީ.އެސް.ޓީ ނަގަން ފަށަންޖެހޭ މުދަލާއި ހިދުމަތްތަކުން ޖީ.އެސް.ޓީ ނަގަން ފަށާނީ، ގާނޫނު ނަންބަރު 10/2011 (މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 2 (ދޭއް) މަސްދުވަސް ހަމަވާ ތާރީހު ހިމެނޭ މަހާ ވިދިގެން ފެށޭ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 68 ވަނަ މާއްދާއަށް އަންނަނިވި އިބާރާތުގެ މާނަކުރުން އިތުރުކުރުން.

68. "ޕޯސްޓުގެ ހިދުމަތް" މި އިބާރާތަށް ދީފައިވާ މާނަކުރުމުގައި ކޫރިއަރގެ ހިދުމަތެއް ނުހިމެނެއެވެ.


7 ވަނަ މާއްދާ - މި ގާނޫނުން ބުނެވިދިޔަ ގާނޫނަށް އިތުރުކުރާ ނުވަތަ އުނިކުރާ މާއްދާތަކާ ގުޅިގެން އެ ގާނޫނުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.

 

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ވަކި މާއްދާއަކަށް ނުވަތަ ވަކި މާއްދާއެއްގެ ބަޔަކަށް ހަވާލާދީފައިވާ ތަންތަން، މި ގާނޫނުން ގެންނަ އިސްލާހުތަކާ ގުޅިގެން ބަދަލުކުރުން.


9 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2011-10)

 

ކޮންސޮލިޑޭޓެޑް ގާނޫނު

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2011-10)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު