ބްރޯޑްކާސްޓްކުރުމުގެ ގާނޫނު
(ގާނޫނު ނަންބަރު 2010-16)
ފުރަތަމަ ބާބު
އިބްތިދާއީ މާއްދާތައް
1 ވަނަ މާއްދާ - ތައާރުފު
(ހ) މިއީ، ދިވެހިރާއްޖޭގައި ބްރޯޑްކާސްޓްކުރުމުގެ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި ކޮމިށަނެއް އުފެއްދުމާއި، އެ ކޮމިށަނުގެ މަސްއޫލިއްޔަތުތަކާއި، ވާޖިބުތައް އެކަށައެޅުމާއި، ބްރޯޑްކާސްޓްކުރުމުގެ އާންމު އުސޫލުތައް ބަޔާންކުރުމާއި، ބްރޯޑްކާސްޓްކުރުމަށް ލައިސަންސް ދެވޭނެގޮތްތައް ބަޔާންކުރުމާއި، ބްރޯޑްކާސްޓްކުރުމާގުޅޭ އެނޫންވެސް ކަންކަން ބަޔާންކުރުމުގެ ގާނޫނެވެ.
(ށ) މި ގާނޫނަށް ކިޔާނީ "ބްރޯޑްކާސްޓްކުރުމުގެ ގާނޫނު" އެވެ.
2 ވަނަ މާއްދާ – މަގްސަދު
މި ގާނޫނުގެ މަގްސަދަކީ، އަންނަނިވި ކަންކަމަށް މަގުފަހިކުރުމުގެ ގޮތުން، ދިވެހިރާއްޖޭގައި ބްރޯޑްކާސްޓްކުރުމުގެ ސިޔާސަތެއް އެކަށައަޅައި، ތަރައްގީކޮށް، ހިންގުމެވެ.
(ހ) ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ ދަށުން ލިބިދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ދަމަހައްޓައި، އާލާކުރުން؛
(ށ) ގައުމު ބިނާކުރުމަށާއި، ޑިމޮކްރަސީ އާލާކުރުމަށާއި، ދިވެހިރާއްޖޭގެ ދީނީ، ޘަގާފީ، ސިޔާސީ، އިޖްތިމާއީ، ގައުމީ، އިގްތިސާދީ، އަދި ފަންނުވެރި ހުނަރުތަކުގެ ފޭރާން ރައްކާތެރިކޮށްދީ، މުއްސަނދިކޮށް ދިނުން؛
(ނ) މި ގާނޫނުގެ ތަރަހައިގެ ތެރޭގައި، ހަބަރާއި މައުލޫމާތު ފެތުރުމުގައި އެއްފަރާތަށްވުރެ ގިނަ ފަރާތްތަކަށް ބައިވެރިވެވޭނެގޮތް ހަމަޖައްސައިދިނުމާއި، ތަފާތު ބާވަތުގެ ހިޔާލުތަކަށާއި، ތަފާތު ވިސްނުންތަކަށް، ފުރުސަތު ލިބޭނެގޮތް ހަމަޖައްސައި ދިނުން؛
(ރ) ޕަބްލިކް ބްރޯޑްކާސްޓިންގ ހިދުމަތާއި، އަމިއްލަ މީޑިއާގެ ހިދުމަތާއި، ކޮމަރށަލް ބްރޯޑްކާސްޓިންގގެ ހިދުމަތާއި، ކޮމިއުނިޓީ ބްރޯޑްކާސްޓިންގގެ ހިދުމަތްދިނުމުގެ އުސޫލުތައް ރާއްޖޭގައި ތައާރުފުކޮށް ހިންގާނެ ވަސީލަތްތަކެއް ގާއިމުކުރުން؛
(ބ) ދިވެހިރާއްޖޭގެ އާބާދީގެ އެކި ގިންތިތަކަށް އަމާޒުކޮށް މައުލޫމާތާއި ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ފޮނުވޭނެގޮތް ހެދުން؛
(ޅ) ދިވެހިރާއްޖޭގެ ބްރޯޑްކާސްޓްކުރުމުގެ މައިދާނުގައި އިންވެސްޓްކުރުމަށް މަގުފަހިކޮށްދިނުމާއި، އެ މައިދާނުގައި މާލީ ތަނަވަސްކަން ލިބިގަތުމަށާއި، އިންސާފުވެރި ވާދަވެރިކަމަށް ފުރުސަތު ހުޅުވާލުން؛
(ކ) ދިވެހިރާއްޖޭގެ ބްރޯޑްކާސްޓްކުރުމުގެ މައިދާނުގެ ބާރުތައް އެއްބައެއްގެ އަތްމައްޗަށް ނުދާނެގޮތަށް އެ މައިދާން ބައްޓަންކުރުމާއި، އިންސާފުވެރި ވާދަވެރިކަމަށް ފުރުސަތު ހުޅުވާލުން؛
(އ) ހަގީގީ މައުލޫމާތު ލިބިދެނިވި ޕްރޮގްރާމްތައް ކުރިއެރުވުން؛
(ވ) ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންނަށް ހިދުމަތް ފޯރުވައިދިނުމަށް ސަމާލުކަންދޭނެ ބްރޯޑްކާސްޓަރުން އުފެއްދުން؛
(މ) ދިވެހިރާއްޖޭގެ ތަފާތު އެކި ހިސާބުތަކަށް ހިދުމަތްދޭނެ ބްރޯޑްކާސްޓަރުންނަށް ލައިސަންސް ދިނުމާއި، ދެވެންއޮތް އެންމެ ފުޅާ ދާއިރާއެއްގައި ރާއްޖޭގެ އެންމެހައި ކަންކޮޅުތަކަށް ބްރޯޑްކާސްޓިންގގެ ހިދުމަތްތައް ފޯރުވައިދިނުން؛
(ފ) އާ އީޖާދުތަކުގެ އެކަށީގެންވާ ބޭނުންތައް ހިފުން ކުރިއެރުވުން؛
(ދ) ދިވެހި އުފެއްދުންތައް، ބްރޯޑްކާސްޓްކުރުމުގެ ދާއިރާގައި ކުރިއަރުވައި އާލާކުރުމަށް ބާރުއެޅުން.
ދެވަނަ ބާބު
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިށަން
3 ވަނަ މާއްދާ – ކޮމިށަން އުފެއްދުން
މި ގާނޫނުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަގްސަދުތައް ހާސިލުކުރުމަށްޓަކައި، ދިވެހިރާއްޖޭގައި ބްރޯޑްކާސްޓްކުރުމުގެ ސިޔާސަތުތައް ތަންފީޒުކޮށް، އެސިޔާސަތުތައް ދިފާއުކޮށް، ރައްކާތެރިކުރުމާއި، ބްރޯޑްކާސްޓްކުރާ ފަރާތްތަކުން އެސިޔާސަތާ އެއްގޮތަށް އަމަލުތައް ބަހައްޓާތޯ ބަލައި، އެސިޔާސަތުތަކާ އެކި ފަރާތްތަކުން ހިލާފުވާ ފަހަރުތަކުގައި ފިޔަވަޅު އެޅުމަށާއި، ބްރޯޑްކާސްޓްކުރުމުގެ ސިޔާސަތާގުޅޭ އެހެނިހެން ކަންކަން ކުރުމަށާއި، ދިވެހިރާއްޖޭގެ ބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ޒިންމާދާރު ގޮތެއްގައި ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި "މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިށަން" ގެ ނަމުގައި ކޮމިށަނެއް، މި މާއްދާއިން މި އުފެއްދީއެވެ. މި ކޮމިށަނަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިގެންވާ ކޮމިށަނެކެވެ.
4 ވަނަ މާއްދާ - ކޮމިށަނުގެ މަސްއޫލިއްޔަތުތައް
ކޮމިށަނުގެ މަސްއޫލިއްޔަތުތައް ތިރީގައި އެވަނީއެވެ.
(ހ) ބްރޯޑްކާސްޓްކުރުމަށް ދޫކުރެވޭ ފްރީކުއެންސީތައް ބޭނުންކުރާނެގޮތުގެ ޕްލޭނެއް އެކުލަވާލުން؛
(ށ) ބްރޯޑްކާސްޓަރުންނަށް ލައިސަންސް ދޫކުރުމުގެ ކަންތައްތައް ބެލެހެއްޓުން؛
(ނ) ލައިސަންސް ދޫކުރުމުގައި އެކަށައަޅާ ށަރުތުތަކަށް ބްރޯޑްކާސްޓަރުން އިހްތިރާމްކުރާކަން ޔަގީންކުރުން؛
(ރ) ބްރޯޑްކާސްޓްކުރާ ފަރާތްތަކުގެ ސުލޫކީ މިންގަނޑުތައް އެކަށައަޅައި ދެމެހެއްޓުން؛ އަދި
(ބ) ބްރޯޑްކާސްޓްކުރުމުގެ ދާއިރާއާބެހޭ މައްސަލަތަކުގައި ސަރުކާރަށް ލަފާ ދިނުން.
5 ވަނަ މާއްދާ - ކޮމިށަނުގެ މެންބަރުން
(ހ) ކޮމިށަން އެކުލެވިގެންވާނީ، މި ގާނޫނުގެ 6 ވަނަ މާއްދާގައިވާ ގޮތުގެމަތިން އައްޔަންކުރެވޭ 7 (ހަތެއް) މެންބަރުންގެ މައްޗަށެވެ. އެއިން ކޮންމެ މެންބަރަކީވެސް، ބްރޯޑްކާސްޓްކުރުމުގެ ދާއިރާއިން، ހާއްސަކޮށް ސިޔާސަތު އެކުލަވާލުމާއި، ގާނޫނާއި އާ އީޖާދުތަކާއި، ނޫސްވެރިކަން އަދި/ނުވަތަ ވިޔަފާރީގެ ރޮނގުން، ތައުލީމު ނުވަތަ ތަޖުރިބާ ލިބިފައިވާ، މުޖުތަމައު ގަބޫލުކުރާ މިންގަނޑުތަކުން އަބުރުވެރި، އަހްލާގު ރަނގަޅު، ވަކިފަރާތަކަށް ނުޖެހޭ ގާބިލު މީހެއްކަމުގައި ވާންވާނެއެވެ.
(ށ) ކޮމިށަނުގެ މެންބަރުންގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.
- މުސްލިމަކު ކަމުގައިވުން.
- ދިވެހިރައްޔިތަކު ކަމުގައިވުން.
- އުމުރުން 18 އަހަރު ވެފައިވުން.
- އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ކުރިކަން ވޭތުވެދިޔަ 5 (ފަހެއް) އަހަރު ދުވަހުގެ ތެރޭގައި ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކުރެވޭ ނުވަތަ އައްޔަންކުރެވޭ މަގާމެއްގައި ހުރި މީހަކު ކަމުގައި ނުވުން.
- ސިވިލް ސަރވިސްގެ ނުވަތަ ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ އެހެންވެސް ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން.
- ކޮމިއުނިކޭށަނާއި ބްރޯޑްކާސްޓްކުރުމުގެ ދާއިރާގައި މާލީ މަސްލަހަތެއް އޮތް މީހަކު ކަމުގައި ނުވުން.
6 ވަނަ މާއްދާ - މެންބަރުން އައްޔަންކުރުން
(ހ) ކޮމިށަނުގެ މެންބަރުން އައްޔަންކުރާނީ މި މާއްދާގައި ބަޔާންކުރެވިފައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާއެވެ.
(ށ) ކޮމިށަނަށް މެންބަރުން އައްޔަންކުރަން ޖެހުމުން ކޮންމެ ފަހަރަކުވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިއުލާންކުރުމަށްފަހު އެކަމަށް ކުރިމަތިލި ހުރިހާ މީހުންގެ ނަމާއި ވަނަވަރު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުވަންވާނެއެވެ. ކުރިމަތިލި މީހުންގެ ލިސްޓް ފޮނުވުމުގައި ކޮމިށަނަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިސްކަންދޭ ތަރުތީބުން ލިސްޓް އެކުލަވާލަންވާނެއެވެ. ކޮމިށަނަށް އައްޔަންކުރާނީ މަޖިލީހުން ފާސްކުރުމަށްފަހު ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާ ނަމެއް ނުވަތަ ނަންތަކެވެ.
(ނ) ކޮމިށަނުގެ މެންބަރުކަމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ މީހަކު ނުވަތަ މީހުން ކޮމިށަނުގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންވާނެއެވެ.
7 ވަނަ މާއްދާ - މެންބަރުކަމުގެ މުއްދަތު
(ހ) ކޮމިށަނަށް އައްޔަންކުރެވޭ މެންބަރަކު، އެ މަގާމުގައި ދެމިހުންނާނީ އެ މެންބަރަކު އައްޔަންކުރެވޭ ތާރީހުން ފެށިގެން 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށެވެ.
(ށ) ކޮމިށަނަށް މެންބަރުން އައްޔަންކުރެވޭ މުއްދަތު ހަމަވުމުން އަލުން އިތުރު މުއްދަތަކަށް އެ މެންބަރުން ކޮމިށަނަށް އައްޔަންކުރެވިދާނެއެވެ.
8 ވަނަ މާއްދާ - ކޮމިށަނުގެ ރައީސާއި ނައިބުރައީސް
(ހ) ކޮމިށަނުގެ މެންބަރުންގެ ތެރެއިން، ކޮމިށަނުގެ ރައީސަކާއި ނައިބުރައީސެއް ކޮމިށަނުން އައްޔަންކުރަންވާނެއެވެ.
(ށ) ކޮމިށަނުގެ ރައީސް، ކޮމިށަނުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓައި، މި ގާނޫނުން ކޮމިށަނާ ހަވާލުކޮށްފައިވާ އެންމެހައި މަސްއޫލިއްޔަތުތައް ކޮމިށަނުން އަދާކުރުމަށް ބާރުއަޅައި، އެ ކަންކަން ކުރެވޭނެ މަގު ހަމަޖައްސައިދޭންވާނެއެވެ.
(ނ) ކޮމިށަނުގެ ރައީސްގެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް އޭނާ ނުކުޅެދިއްޖެ ހާލަތެއްގައި، ނުވަތަ އުޒުރުވެރިވެއްޖެ ހާލަތެއްގައި، ނުވަތަ އެ މަގާމު ހުސްވެއްޖެ ހާލަތެއްގައި، އެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރާނީ ކޮމިށަނުގެ ނައިބުރައީސެވެ. މީގެ އިތުރުން، ކޮމިށަނުގެ ރައީސް ކޮމިށަނުގެ ނައިބުރައީސާ ހަވާލުކުރާ މަސްއޫލިއްޔަތުތައްވެސް އޭނާ އަދާކުރަންވާނެއެވެ.
9 ވަނަ މާއްދާ - މަގާމު ހުސްވުން
(ހ) ކޮމިށަނުގެ މެންބަރެއްގެ މަގާމު ހުސްވެއްޖެކަމަށް ބެލޭނީ އަންނަނިވި ހާލަތްތަކުގައެވެ.
- މެންބަރުކަމުގެ މުއްދަތު ހަމަވުމުން.
- އިސްތިއުފާދިނުމުން.
- މި ގާނޫނުގެ 12 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ކޮމިށަނުގެ މެންބަރުކަމުން ވަކިކުރުމުން.
- ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކުރެވޭ ސިޔާސީ މަގާމަކަށް ހަމަޖެއްސުމުން.
- މަރުވުމުން.
- ކޮމިށަނުގެ މެންބަރުންގެ ކިބައިގައި ހުރުން މި ގާނޫނު ލާޒިމުކުރާ ސިފަތަކުގެ ތެރެއިން ސިފައެއް އުނިވުމުން.
- އިސްލާމީ ށަރީއަތުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް އެމީހެއްގެ މައްޗަށް ސާބިތުވުން.
(ށ) ކޮމިށަނުގެ ރައީސްގެ މަގާމު ނުވަތަ ނައިބުރައީސްގެ މަގާމު ހުސްވެއްޖެކަމަށް ބެލޭނީ، ކޮމިށަނުގެ މެންބަރުކަމުގެ މަގާމު ހުސްވެއްޖެކަމަށް ބެލެވޭ ހާލަތެއް ކުރިމަތިވުމުންނެވެ.
10 ވަނަ މާއްދާ - ހުސްވާ މަގާމަށް މީހުން އައްޔަންކުރުން
(ހ) ކޮމިށަނުގެ މެންބަރުކަމުގެ މަގާމެއް ހުސްކޮށް ނޯންނާނެ ގޮތެއްގެމަތިން، ކޮމިށަނުގެ މެންބަރުންގެ މެންބަރުކަމުގެ މުއްދަތު ހަމަވުމުގެ ކުރިން، ކޮމިށަނަށް އާ މެންބަރުން އައްޔަންކޮށް ނިންމަންވާނެއެވެ.
(ށ) މި ގާނޫނުގެ 9 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުން ފެށިގެން (7) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެގެން ކޮމިށަނުގެ މެންބަރުކަމުގެ މަގާމެއް ހުސްވެއްޖެނަމަ، އެ މަގާމެއް ހުސްވާތާ ގިނަވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އެ މަގާމަށް މީހަކު އަލުން އައްޔަންކުރަންވާނެއެވެ.
11 ވަނަ މާއްދާ - ކޮމިށަނުގެ މެންބަރުންގެ މަސްއޫލިއްޔަތުތައް
ކޮމިށަނުގެ މެންބަރުންގެ މަސްއޫލިއްޔަތުތައް ތިރީގައި އެވަނީއެވެ.
(ހ) ކަނޑައެޅިގެން އެނގެންއޮތް އުޒުރެއް މެދުވެރިވެގެން މެނުވީ، ކޮމިށަނުގެ ޖަލްސާތަކަށް ހާޒިރުވުން؛
(ށ) ކޮމިށަނުގެ މަސައްކަތާބެހޭ ގޮތުން ކަނޑައަޅަންޖެހޭ ސިޔާސަތުތަކާއި މިންގަނޑުތައް އެކަށައަޅައި، ކޮމިށަނުގެ މަސައްކަތް ގެންދާނެގޮތުގެ ލަފާ ދިނުން؛
(ނ) ކޮމިށަނުގެ ސެކްރެޓަރީ ޖެނެރަލަކު އައްޔަންކުރުން؛
(ރ) ކޮމިށަނަށް އައްޔަންކުރެވޭ ކޮންމެ މެންބަރަކުވެސް، މިނިވަންކަމާއެކު ވަކިފަރާތަކަށް ލެނބުމެއްނެތި، ކޮމިށަނުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، އާންމުންގެ ވިންދާ އެއްގޮތަށް، މެންބަރުކަމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުން. އަދި ބްރޯޑްކާސްޓްކުރުމުގެ ސިޔާސަތުތައް ކުރިއެރުވުމަށް ހުރިހާ ވަގުތެއްގައިވެސް މަސައްކަތްކުރުން.
12 ވަނަ މާއްދާ - މެންބަރުކަމުން ވަކިކުރުން
(ހ) ކޮމިށަނުގެ މެންބަރަކު އޭނާގެ މަގާމުން ވަކިކުރެވޭނީ، އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެގެން، ރައީސުލްޖުމްހޫރިއްޔާ އެކަމެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން، ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަކަށް ފެނިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން އެ މެންބަރަކު ކޮމިށަނުގެ މެންބަރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ، ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރުމުންނެވެ.
- ށަރުއީ ހުކުމަކުން އިފްލާސްކުރުން.
- ކޮމިށަނުގެ މެންބަރެއްގެ ހައިސިއްޔަތުން އުފުލަންޖެހޭ މަސްއޫލިއްޔަތު އުފުލުމަށް ނުކުޅެދުން.
- މި ގާނޫނުގައި ކަނޑައަޅާފައިވާ މެންބަރުންގެ މަސްއޫލިއްޔަތުތަކާއި ޒިންމާ އަދާކުރުމުގައި އިހުމާލުވުން.
- ބްރޯޑްކާސްޓްކުރުމުގެ ސިޔާސަތާ ހިލާފަށް އަމަލުކުރުން.
- އެކަށީގެންވާ ސަބަބެއް ނެތި ވިދިވިދިގެން ކޮމިށަނުގެ 3 (ތިނެއް) ބައްދަލުވުމަށް ހާޒިރުނުވުން.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ކޮމިށަނުގެ މެންބަރަކު މެންބަރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން، އޭނާ ކޮމިށަނުގެ މެންބަރުކަމުން ވަކިވީއެވެ.
(ނ) ކޮމިށަނުގެ މެންބަރަކު މަގާމުން ވަކިކުރުމުގެ ކުރިން އޭނާގެ އަމިއްލަ ދިފާއުގައި ވާހަކަދެއްކުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުން އޭނާއަށް ދޭންވާނެއެވެ.
(ރ) ކޮމިށަނުގެ މެންބަރުކަމުން ވަކިކުރެވޭ ކޮންމެ މީހަކަށްވެސް، އެމީހަކު މެންބަރުކަމުން ވަކިކުރެވުނު ސަބަބު ބަޔާންކޮށް ލިޔުމަކުން އަންގަންވާނެއެވެ.
13 ވަނަ މާއްދާ – އިސްތިއުފާދިނުން
(ހ) ކޮމިށަނުގެ މެންބަރަކު އޭނާގެ އެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާ ލިޔުމަކުން އިސްތިއުފާދެވިދާނެއެވެ. އިސްތިއުފާދިންކަމުގެ ލިޔުން ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން އެ މެންބަރަކު އެ މަގާމުން ވަކިވީއެވެ.
(ށ) ކޮމިށަނުގެ ރައީސާއި ނައިބުރައީސްވެސް އިސްތިއުފާދޭނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ. އެގޮތުން، ކޮމިށަނުގެ ރައީސް ނުވަތަ ނައިބުރައީސް އޭނާގެ މަގާމުން އިސްތިއުފާދިންކަމުގައިވިޔަސް، ކޮމިށަނުގެ މެންބަރުކަމުން އޭނާ އިސްތިއުފާދިނީ ކަމުގައެއް ނުބެލެވޭނެއެވެ.
14 ވަނަ މާއްދާ - ކޮމިށަނުގެ ސެކްރެޓަރީ ޖެނެރަލް އަދި މުވައްޒަފުން އައްޔަންކުރުން
(ހ) ކޮމިށަނުގެ އިދާރާ ހިންގުމަށްޓަކައި ކޮމިށަނުން ސެކްރެޓަރީ ޖެނެރަލެއް އައްޔަންކުރަންވާނެއެވެ. އަދި، ކޮމިށަނުން ހަދާ ގަވާއިދާއެއްގޮތްވާ ގޮތުގެމަތިން ކޮމިށަނުގެ އިދާރާ ހިންގާނީ، ސެކްރެޓަރީ ޖެނެރަލެވެ.
(ށ) ކޮމިށަނުގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމަށް އައްޔަންކުރެވޭ މީހަކީ ކޮމިށަނުގެ މެންބަރުންގައި ހުރުން މި ގާނޫނު ލާޒިމުކުރާ ށަރުތުތައް ފުރިހަމަވާ މީހަކަށް ވާންވާނެއެވެ.
(ނ) ކޮމިށަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ ށަރުތުތަކާއި، އެ މަގާމަށް މީހަކު ހޯދުމާއި ހަމަޖެއްސުމާބެހޭ ކަންކަން ކަނޑައަޅާނީ ކޮމިށަނުންނެވެ.
(ރ) ކޮމިށަނުން ކަނޑައަޅާފައިވާ ސިޔާސަތުތަކާއެއްގޮތަށް ކޮމިށަން ހިންގުމަކީ ސެކްރެޓަރީ ޖެނެރަލްގެ ޒިންމާއެކެވެ.
(ބ) ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދާ ހިލާފުވާފަދަކަމެއް ކޮމިށަނުގެ ސެކްރެޓަރީ ޖެނެރަލާ ދެކޮޅަށް ސާބިތުވެއްޖެނަމަ، ކޮމިށަނުގެ އަގުލަބިއްޔަތުގެ ވޯޓަކުން އޭނާ މަގާމުން ވަކިކުރެވިދާނެއެވެ. މިގޮތަށް ސެކްރެޓަރީ ޖެނެރަލް މަގާމުން ވަކިކުރާނަމަ، ވަކިކުރި ސަބަބު ލިޔުމަކުން އޭނާއަށް އަންގަންވާނެއެވެ. އަދި އެ ނިންމުމަކާމެދު ށަރީއަތަށް މައްސަލަ ހުށަހެޅުމުގެ އިހްތިޔާރު އޭނާއަށް ލިބިގެންވެއެވެ.
(ޅ) ކޮމިށަނަށް އެކަށައެޅިފައިވާ ބަޖެޓާއެއްގޮތްވާ ގޮތުގެމަތިން، ސެކްރެޓަރީ ޖެނެރަލްގެ ލަފާގެ މަތިން، ކޮމިށަނުން ކުރަންޖެހޭ ކަންތައްތައް ކުރުމަށް އެކަށޭނަ މުވައްޒަފުން ހިމެނޭ އިދާރާއެއް ކޮމިށަނުން ގާއިމުކުރަންވާނެއެވެ.
(ކ) ކޮމިށަނުގެ ސެކްރެޓަރީ ޖެނެރަލާއި މުވައްޒަފުންނަކީ އެމީހުންގެ ވަޒީފާ އަދާކުރުމުގައި މުސްތަގިއްލު އަދި ވަކިފަރާތަކަށް ނުޖެހި، ބްރޯޑްކާސްޓްކުރުމުގެ ސިޔާސަތުތަކާއެއްގޮތަށް މަސައްކަތްކުރާ ބަޔަކަށް ވާންވާނެއެވެ.
15 ވަނަ މާއްދާ - އުޖޫރައާއި އެހެނިހެން މާލީ އިނާޔަތްތައް
(ހ) ކޮމިށަނުގެ ރައީސާއި ނައިބުރައީސާއި މެންބަރުންނަށް ދެވޭ އުޖޫރައާއި އެހެނިހެން މާލީ އިނާޔަތްތައް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ. އަދި ކޮމިށަނުގެ ރައީސާއި ނައިބުރައީސާއި މެންބަރުން، މަގާމުގެ ހައިސިއްޔަތުން ކުރާ ދަތުރުތަކުގެ ހަރަދު ކޮމިށަނަށް އެކަށައެޅިފައިވާ ބަޖެޓާއެއްގޮތްވާ ގޮތުގެމަތިން ކޮމިށަނުން ހަމަޖައްސައިދޭންވާނެއެވެ.
(ށ) ކޮމިށަނުގެ ރައީސަށާއި ނައިބުރައީސަށް ދެވޭ އުޖޫރައާއި މާލީ އިނާޔަތްތައް، އެމީހުންގެ މަގާމުގެ މުއްދަތުގައި އުންޏެއް ނުކުރެވޭނެއެވެ. އަދި ކޮމިށަނުގެ މެންބަރުންނަށް ދެވޭ އުޖޫރައާއި މާލީ އިނާޔަތްތައްވެސް، އެމީހުންގެ މެންބަރުކަމުގެ މުއްދަތުގައި އުންޏެއް ނުކުރެވޭނެއެވެ.
(ނ) ކޮމިށަނުގެ މުވައްޒަފުންނަށް ދެވޭ އުޖޫރައާއި އެހެނިހެން މާލީ އިނާޔަތްތައް ކަނޑައަޅާނީ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ ލަފާގެ މަތިން ކޮމިށަނުންނެވެ.
16 ވަނަ މާއްދާ - މާލީ ކަންކަން
(ހ) ތިރީގައި ބަޔާންކޮށްފައިވާ ގޮތްގޮތަށް ކޮމިށަނަށް ފައިސާ ހޯދިދާނެއެވެ.
- މި ގާނޫނުގެ ދަށުން ނެގޭ ބްރޯޑްކާސްޓިންގ ލައިސަންސް ފީ؛
- ދައުލަތުގެ ބަޖެޓުގައި ހިމަނައިގެން ދޫކުރާ ފައިސާ؛
- ރާއްޖޭގެ ނުވަތަ ރާއްޖެއިން ބޭރުގެ ފަރާތްތަކުން ދޭ ހިލޭ އެހީ؛
- ލޯނު؛ އަދި
- ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދާ ހިލާފުނުވާގޮތަށް އެހެނިހެން ގޮތްގޮތުން ހޯދާ ފައިސާ.
(ށ) ކޮންމެ އަހަރެއް ނިމުމުގެ ކުރިން، ކުރިއަށްއޮތް އަހަރު ކޮމިށަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ ފައިސާގެ ބަޖެޓެއް ތައްޔާރުކޮށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ހުށަހެޅުމުން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ފޮނުވަންވާނެއެވެ.
(ނ) ކޮމިށަނުގެ އާމްދަނީއާއި ހަރަދާއި މިލްކިއްޔާތާއި، މާލީ ޒިންމާތަކާބެހޭ ހިސާބު، އޮޑިޓަރ ޖެނެރަލްގެ މަށްވަރާއާއެކު، ކޮމިށަނުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ލިޔެ ބަލަހައްޓައި އޮޑިޓްކުރުމަށްފަހު، އެކުލަވާލެވޭ މާލީ ބަޔާނެއް، މި ގާނޫނުގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަހަރީ ރިޕޯޓާއެކު، މާލިއްޔަތު ގާނޫނާއި ގަވާއިދުގައިވާ ގޮތުންގެމަތިން ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ފޮނުވަންވާނެއެވެ.
17 ވަނަ މާއްދާ - ކޮމިށަން ހިންގުމުގެ ގަވާއިދު
(ހ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ކޮމިށަނުން ހަދައި ހިންގަންވާނެއެވެ. އަދި ކޮމިށަނުގެ މަސައްކަތްތައް ކުރިއަށްގެންދަންވާނީ އެ ގަވާއިދުތަކާއެއްގޮތްވާ ގޮތުގެމަތިންނެވެ.
(ށ) ކޮމިށަނުގެ މަސައްކަތް ކުރިއަށްގެންދިޔުމަށް ބޭނުންވާކަމަށް ކޮމިށަނަށް ފެންނަ އަދަދަކަށް ކޮމިށަނުގެ ބައްދަލުވުންތައް ބާއްވަންވާނެއެވެ. އަދި ކޮންމެ ދެ ބައްދަލުވުމެއްގެ ދެމެދުގައި 30 (ތިރީސް) ދުވަހަށްވުރެ ދިގު މުއްދަތެއް ހޭދަވެގެން ނުވާނެއެވެ.
(ނ) ކޮމިށަނުގެ ބައްދަލުވުމެއް ބޭއްވޭނީ ކޮމިށަނުގެ ރައީސް، ރައީސް ނެތް ހާލަތެއްގައި ނައިބުރައީސްގެ އެންގުމަކަށެވެ. ނަމަވެސް ބައްދަލުވުމެއް ބޭއްވުމަށް ކޮމިށަނުގެ 3 (ތިނެއް) މެންބަރުން އެދިއްޖެނަމަ، 7 (ހަތެއް) ދުވަހުގެ ތެރޭ ކޮމިށަނުގެ ބައްދަލުވުމެއް ބާއްވަންވާނެއެވެ.
(ރ) ކޮމިށަނުގެ ބައްދަލުވުމެއް ބޭއްވޭނެ ގާނޫނީ އަދަދަކީ، ކޮމިށަނުގެ މެންބަރުންގެ އަގުލަބިއްޔަތެވެ.
(ބ) ކޮމިށަނުގެ ނިންމުންތަކުގައި، ކޮމިށަނުގެ އިއްތިފާގުން މައްސަލަތައް ނިންމޭތޯ މަސައްކަތް ކުރަންވާނެއެވެ. އިއްތިފާގު ނުވެވޭ ހާލަތްތަކުގައި، އަދި ކޮމިށަނުން އެހެންގޮތަކަށް ކަނޑައަޅާފައިނުވާ ހާލަތްތަކުގައި މައްސަލަތައް ނިންމާނީ، ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ. މައްސަލައެއްގައި ދެކޮޅަށް ލިބޭ ވޯޓު އެއްވަރުވެއްޖެނަމަ، މައްސަލަ ނިންމާނީ ޖަލްސާގެ ރިޔާސަތު ބަލަހައްޓާ ފަރާތުގެ ވޯޓުންނެވެ. ދެކޮޅަށް ލިބޭ ވޯޓު އެއްވަރުވެއްޖެ ހާލަތެއްގައި މެނުވީ ރިޔާސަތު ބަލަހައްޓާ ފަރާތަށް ވޯޓުގައި ބައިވެރިނުވެވޭނެއެވެ.
(ޅ) ކޮމިށަނުގެ ހުރިހާ ބައްދަލުވުމެއް ޔައުމިއްޔާކުރަންވާނެއެވެ. އަދި ކޮންމެ ބައްދަލުވުމެއްގައި ވޭތުވެދިޔަ ބައްދަލުވުމުގެ ޔައުމިއްޔާ ފާސްކޮށް، އެ ބައްދަލުވުމެއްގެ ރިޔާސަތު ބެލެހެއްޓި ފަރާތުން އެޔައުމިއްޔާގައި ސޮއިކުރަންވާނެއެވެ.
(ކ) ކޮމިށަނުން އެހެންގޮތަކަށް ކަނޑަނާޅާހާ ހިނދަކު، ވޯޓުލުމުގެ ހައްގު ނުލިބޭގޮތަށް ސެކްރެޓަރީ ޖެނެރަލް، ކޮމިށަނުގެ ކޮންމެ ބައްދަލުވުމެއްގައި ބައިވެރިވާންވާނެއެވެ.
(އ) ކޮމިށަނުގެ ބައްދަލުވުމެއްގައި ބަހުސްކުރެވެމުންދާ ކަމަކާމެދު ލަފާ ހޯދުމަށް ކޮމިށަނުން ބޭނުން ކޮންމެ މީހަކަށް ދައުވަތު ދިނުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ. ނަމަވެސް މިގޮތުން ޖަލްސާގައި ބައިވެރިވާ ފަރާތަކަށް ވޯޓުލުމުގެ ހައްގު ލިބިގެނެއް ނުވެއެވެ.
18 ވަނަ މާއްދާ - މަސްލަހަތު ހިމެނޭ ކަންކަން ހާމަކުރުން
(ހ) އެއްވެސް މެންބަރެއްގެ އަމިއްލަ މަސްލަހަތެއް ނުވަތަ ދައުރެއް ނުވަތަ މާލީ ފައިދާއެއް ނުވަތަ އެނޫންވެސް ފައިދާއެއް އޮތް މައްސަލައެއް، ކޮމިށަނުން ބަލާނަމަ، އެ ބައްދަލުވުމެއްގައި އެ މެންބަރަކު އެކަން ހާމަކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހާމަކުރާ ކަންކަން ކޮމިށަނުގެ އެ ބައްދަލުވުމެއްގެ ޔައުމިއްޔާގައި ހިމަނަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، މެންބަރެއްގެ މަސްލަހަތެއް އޮތްކަމެއް ހާމަކުރުމަށްފަހު، އެ މައްސަލައަކާބެހޭ ބަހުސެއްގައި ނުވަތަ ނިންމުމެއްގައި އެ މެންބަރަކަށް ބައިވެރިއެއް ނުވެވޭނެއެވެ.
19 ވަނަ މާއްދާ - ކޮމިށަނުގެ ބާރުތައް
ކޮމިށަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި، އަންނަނިވި ބާރުތައް ކޮމިށަނަށް ލިބިގެންވެއެވެ.
(ހ) ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކުރުމާއި، އާކޮށްދިނުމާއި، ވަގުތީގޮތުން ހިފެހެއްޓުން؛
(ށ) މި ގާނޫނުގައި ކަނޑައަޅާފައިވާ ކޮމިށަނުގެ ޒިންމާތައް އަދާކުރުމަށްޓަކައި ބަލަންޖެހޭ ކަންތައްތައް ބެލުމަށް، މީހުން ހާޒިރުކޮށް، ސުވާލުކުރުން؛
(ނ) ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން ފިޔަވަޅު އަޅަންޖެހޭ ހާލަތްތަކުގައި ފިޔަވަޅު އެޅުން؛
(ރ) ބްރޯޑްކާސްޓްކުރުމުގެ މަސައްކަތްކޮށް ހިދުމަތްދޭ ފަރާތްތަކުން އަމަލުކުރާނެ ކޯޑް އޮފް ކޮންޑަކްޓެއް އެކުލަވާލައި ތަންފީޒުކުރުން؛ އަދި
(ބ) މި ގާނޫނުގެ ދަށުން ކޮމިށަނުން ކުރުމަށް ކަނޑައެޅިފައިވާ ކަންތައްތައް ކުރުމަށްޓަކައި ކުރަންޖެހޭ އެހެނިހެން ކަންތައްތައްކުރުން.
20 ވަނަ މާއްދާ - އަހަރީ ރިޕޯޓު
(ހ) ކޮމިށަނުގެ ހަރަކާތްތަކުގެ މައްޗަށް އެކުލަވާލެވޭ އަހަރީ ރިޕޯޓެއް، ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 28 ގެ ކުރިން ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށް ކޮމިށަނުން ފޮނުވަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަހަރީ ރިޕޯޓުގައި، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
- ކުރެވުނު މަސައްކަތްތަކުގެ ތަފްސީލާއި ކޮމިށަނުގެ މަގްސަދުތައް ހާސިލުކުރެވިފައިވާ މިންވަރު؛
- އޮޑިޓަރުންގެ ރިޕޯޓުގެ ކޮޕީ؛
- ދޫކޮށްފައިވާ ލައިސަންސްތަކާއި ހުށަހެޅިފައިވާ ށަކުވާއާއި ކުރެވިފައިވާ ދިރާސާތަކާބެހޭ މައުލޫމާތު؛
- ކޮމިށަނުން ފިޔަވަޅު އަޅާފައިވާ މައްސަލަތަކާއި އަޅާފައިވާ ފިޔަވަޅުތަކުގެ ތަފްސީލު؛
- ކޮމިށަނުގެ މެންބަރުކަމަށް ނުވަތަ އޮނިގަނޑަށް އައިސްފައިވާ ބަދަލު؛ އަދި
- ކޮމިށަނުގެ ހިންގުމަށް އެއްވެސް ބަދަލެއް ގެންނަން ފެންނަނަމަ އެކަން.
ތިންވަނަ ބާބު
ހިދުމަތުގެ ބާވަތްތައް
21 ވަނަ މާއްދާ - ބްރޯޑްކާސްޓްކުރުމުގެ ހިދުމަތްތަކުގެ ބާވަތްތައް
(ހ) ދިވެހިރާއްޖޭގައި ބްރޯޑްކާސްޓްކުރުމަށްޓަކައި ބޭނުންކުރާނީ އިލެކްޓްރޯމެގްނެޓިކް ވޭވް ސްޕެކްޓްރަމްގެ ކޮން ބައެއްކަން ކަނޑައަޅާނީ ކޮމިށަނުންނެވެ.
(ށ) ބްރޯޑްކާސްޓްކުރުމަށްޓަކައި ކަނޑައެޅޭ ފްރީކުއެންސީތަކުގެ ފުރިހަމަ ބޭނުންކުރެވި، އަދި އެންމެ ފުޅާދާއިރާއެއްގައި ބްރޯޑްކާސްޓްކުރެވޭނެ މަގުފަހިކުރުމަށްޓަކައި ލޮކޭޓަރ މެޕެއް ހިމެނޭ "ބްރޯޑްކާސްޓިންގ ފްރީކުއެންސީ ޕްލޭން" އެއް ކޮމިށަނުން ތައްޔާރުކުރަންވާނެއެވެ. އަދި މި ޕްލޭނަށް ގެންނަ އިސްލާހުތައް ގެނައުމަކީ ކޮމިށަނުގެ ޒިންމާއެކެވެ. މި ޕްލޭން ހެދުމާއި އިސްލާހުކުރުމުގެ މަސައްކަތްކުރަންވާނީ ސަރުކާރާއި ކަމާގުޅޭ އެހެނިހެން ފަރާތްތަކުގެ މަށްވަރާގެ މަތިންނެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ބްރޯޑްކާސްޓިންގ ފްރީކުއެންސީ ޕްލޭން އެކުލަވާލަންވާނީ، ސަރުކާރުން ކަނޑައަޅާ ބްރޯޑްކާސްޓްކުރުމުގެ ސިޔާސަތާ އެއްގޮތްވާ ގޮތުގެމަތިން، ބްރޯޑްކާސްޓިންގ ފްރީކުއެންސީ ސްޕެކްޓްރަމް އަންނަނިވި ދާއިރާތަކަށް އެއް އުސޫލެއްގެމަތިންނެވެ.
- ޕަބްލިކް ބްރޯޑްކާސްޓިންގ؛
- ކޮމަރށަލް ބްރޯޑްކާސްޓިންގ؛ އަދި
- ކޮމިއުނިޓީ ބްރޯޑްކާސްޓިންގ.
(ރ) ބްރޯޑްކާސްޓިންގ ފްރީކުއެންސީ ޕްލޭނާއި އެ ޕްލޭނަށް ގެނެވޭ އިސްލާހުތަކަކީ އާންމުކޮށް ށާއިއުކުރެވޭ، ގިނަ ފަރާތްތަކަކަށް ލިބޭ އެއްޗަކަށް ވާންވާނެއެވެ.
(ބ) ހަމަހަމަ ގޮތެއްގެމަތިން ފުޅާދާއިރާއެއްގައި ފްރީކުއެންސީ ލިބޭނެގޮތް ހެދުމަށްޓަކައި ވަކި ބާވަތެއްގެ ބްރޯޑްކާސްޓަރުންނަށް ބްރޯޑްކާސްޓިންގ ފްރީކުއެންސީ ޕްލޭންގައި ފަހުން ބޭނުންކުރުމަށް ބައެއް ފްރީކުއެންސީތައް ރިޒާރވްކުރެވިދާނެއެވެ.
ހަތަރުވަނަ ބާބު
ލައިސަންސް
22 ވަނަ މާއްދާ - ބްރޯޑްކާސްޓްކުރުމަށް ލައިސަންސް ހޯދުން
(ހ) ދިވެހިރާއްޖޭގައި އެއްވެސް ފަރާތަކުން ބްރޯޑްކާސްޓްކުރުމުގެ ހިދުމަތެއް ދޭންވާނީ ކޮމިށަނުން ދޫކޮށްފައިވާ ބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދިނުމުގެ ލައިސަންސެއްގެ ދަށުން، އެ ލައިސަންސްގައިވާ ށަރުތުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
(ށ) ބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދިނުމުގެ ލައިސަންސް ދޫކުރުމާއި އާކޮށްދިނުމުގެ ބާރު ލިބިގެންވަނީ ހަމައެކަނި ކޮމިށަނަށެވެ.
(ނ) ބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދިނުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުގެ ރަޖިސްޓަރީއެއް ކޮމިށަނުން ބަލަހައްޓަންވާނެއެވެ. އަދި މި ރަޖިސްޓަރީގައި ހިމެނޭ މައުލޫމާތު އާންމުކޮށް އެނގެން އޮންނަންވާނެއެވެ.
(ރ) ކޮމިށަނުން ދޫކުރާ ބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދިނުމުގެ ލައިސަންސްތަކުގެ މައުލޫމާތާއި، އެކި ބާވަތްތަކުގެ ލައިސަންސް ވަކިން އެނގޭނެ ފަދައިން ކޮމިށަނުން އާންމުކުރަންވާނެއެވެ.
23 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފަށާއިރު ދޫކޮށްފައިވާ ލައިސަންސްތައް
(ހ) މި ގާނޫނަށް އަމަލުކުރަން ފަށާއިރު، ރާއްޖޭގައި ބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދިނުމަށް ދޫކޮށްފައިވާ ލައިސަންސްތަކަކީ މި ގާނޫނުގެ ބޭނުމަށްޓަކައި ސައްހަ ލައިސަންސްތަކެއް ކަމުގައި ބެލެވޭނެއެވެ.
(ށ) މި ގާނޫނަށް އަމަލުކުރަން ފަށާއިރު، ރާއްޖޭގައި ބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދިނުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކުން، ލައިސަންސް ދޫކުރުމާގުޅޭ ގޮތުން މި ގާނޫނުގެ ހަވަނަ ބާބުގައި ބަޔާންކުރާ ކަންތައްތައް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ލަސްވެގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ފުރިހަމަކުރަންވާނެއެވެ.
24 ވަނަ މާއްދާ - ލައިސަންސަށް އެދި ހުށަހެޅުން
(ހ) ބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދިނުމުގެ ލައިސަންސް ދޫކުރާނީ ބީލަމުގެ އުސޫލުން ނުވަތަ އެކަމަށް އެދި ހުށަހަޅާ ހުށަހެޅުންތަކާ ގުޅިގެންނެވެ.
(ށ) ބްރޯޑްކާސްޓްކުރުމުގެ ސިޔާސަތަށާއި، މި ގާނޫނުގެ 21 ވަނަ މާއްދާގައި ބަޔާންކުރާ ބްރޯޑްކާސްޓިންގ ފްރީކުއެންސީ ޕްލޭނަށާއި، ބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދިނުމަށް އެދޭ ފަރާތްތަކަށާއި، މާރކެޓް އޮތް މިންވަރުގެ މައްޗަށް ބިނާކޮށް، އާންމުންނަށް ފައިދާވާނެކަމަށް ކޮމިށަނަށް ފެނިއްޖެނަމަ، ބްރޯޑްކާސްޓްކުރުމުގެ ހިދުމަތެއް ދިނުމަށް އިތުރު ލައިސަންސެއް ދޫކުރުމަށް ބީލަމަށް ހުޅުވާލަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން ބީލަމެއް ހުޅުވާލައިފިނަމަ، ކޮމިށަނުން އެކަން ފުޅާ ދާއިރާއެއްގައި އާންމުކޮށް އިއުލާންކޮށް، ދޫކުރަން ހަމަޖެހިފައިވާ ލައިސަންސާބެހޭ އެންމެހައި މައުލޫމާތާއި ބީލަން ހުށަހެޅުމާބެހޭ އެންމެހައި މައުލޫމާތު އާންމުކުރަންވާނެއެވެ.
(ރ) މުޅި ރާއްޖެއަށް ދެވޭ ހިދުމަތެއް ނުވަތަ ހަމައެކަނި މާލެއަށް ދެވޭ ހިދުމަތެއް ފިޔަވައި ބްރޯޑްކާސްޓްކުރުމުގެ ހިދުމަތެއް ދިނުމަށް އެދޭ ފަރާތަކުން ލައިސަންސް ހޯދުމަށް އެދި ކޮންމެ ވަގުތެއްގައިވެސް ހުށަހެޅުމެއް ހުށަހެޅިދާނެއެވެ.
(ބ) ބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދިނުމުގެ ލައިސަންސަށް އެދި ހުށަހަޅާނެ ގޮތުގެ މައުލޫމާތާއި، ހުށަހަޅަންޖެހޭ މައުލޫމާތުގެ ތަފްސީލާއި، އެފަދަ
ހުށަހެޅުން ހުށަހަޅާނެ ފޯމުގެ ނަމޫނާއަކާއި އަހަރީ ލައިސަންސް ފީގެ ޖަދުވަލެއް ހިމެނޭ ގަވާއިދެއް ކޮމިށަނުން ދުރާލާ އާންމުކުރަންވާނެއެވެ.
(ޅ) ބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދިނުމުގެ ލައިސަންސަށް އެދި ހުށަހަޅާ ހުށަހެޅުންތަކުގައި އެހިދުމަތަކާގުޅޭ ގޮތުން އެންމެ މަދުވެގެން އަންނަނިވި މައުލޫމާތުތައް ހިމަނަންވާނެއެވެ.
- ކުންފުނީގެ ޕްރޮފައިލް؛
- ފައިސާ ހޯދާ ގޮތާއި، ލައިސަންސްގެ މުއްދަތަށް އެކުލަވާލާފައިވާ ފައިނޭންށަލް ޕްލޭނެއް؛
- ކުންފުނީގެ އިދާރީ އަދި ހިންގުމުގެ އޮނިގަނޑާއި، ހިދުމަތް ފޯރުކޮށްދިނުމަށް ހުންނާނެ ވަސީލަތްތަކާއި ތިބޭނެ މުވައްޒަފުންގެ ތަފްސީލު؛
- ޕްރޮގްރާމް ށެޑިއުލް؛ ނުވަތަ ކޭބަލް ޓީވީ ނުވަތަ ސެޓަލައިޓް ޓީވީގެ ހިދުމަތް ފޯރުކޮށްދޭ ފަރާތެއްނަމަ، އަސާސީ ހިދުމަތުގެ ގޮތުގައި ފޯރުވައިދިނުމަށް ހުށަހަޅާ ޗެނަލްތަކާއި، ގަންނަން ލިބެން ހުންނާނެ އިތުރު ޗެނަލްތަކުގެ މައުލޫމާތު؛
- ހިދުމަތް ފޯރުވައިދިނުމަށް ބޭނުންކުރާނެ ޓެކްނިކަލް ވަސީލަތްތަކުގެ މައުލޫމާތު؛
- މި ގާނޫނުގެ 22 ވަނަ މާއްދާގެ (ރ) ގެ ދަށުން އާންމުކޮށްފައިވާ ލައިސަންސްގެ ބާވަތްތަކުގެ ތެރެއިން އެދެނީ ކޮން ލައިސަންސަކަށް ކަން.
25 ވަނަ މާއްދާ - ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް
އަންނަނިވި ށަރުތުތަކާއެއްގޮތްވާ ގޮތުގެމަތިން، އަދި ކޮމިށަނުން ކަނޑައަޅާ އުސޫލެއްގެ މަތިން، ރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ކޮމިށަނަށް ދޫކުރެވިދާނެއެވެ.
(ހ) ރީބްރޯޑްކާސްޓްކުރަން އެދޭ ޗެނަލަކީ، އެހެން ގައުމެއްގައި، އެ ގައުމުގެ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ދޫކޮށްފައިވާ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސެއްގެ ދަށުން ބްރޯޑްކާސްޓްކުރާ ޗެނަލަކަށްވުން.
(ށ) ލައިސަންސަށް އެދޭ ފަރާތަކީ ރީބްރޯޑްކާސްޓްކުރެވޭ ކޮންޓެންޓް ރީބްރޯޑްކާސްޓްކުރުމުގެ ހައްގު ލިބިފައިވާ ފަރާތަކަށްވުން.
26 ވަނަ މާއްދާ - ލައިސަންސް އެޕްލިކޭށަން ބެލުން
(ހ) ލައިސަންސަށް އެދި ހުށަހަޅާ ހުށަހެޅުންތައް ބެލުމުގައި ކޮމިށަނުން ގެންގުޅެންވާނީ ހަމަހަމަ އަދި ހާމަކަންބޮޑު ނިޒާމެކެވެ.
(ށ) ބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދިނުމުގެ ލައިސަންސެއް ދޫކުރުމާމެދު ގޮތެއް ނިންމުމުގައި ތިރީގައި ބަޔާންކޮށްފައިވާ ކަންކަމަށް ކޮމިށަނުން ރިއާޔަތްކުރަންވާނެއެވެ.
- ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް ލައިސަންސަށް އެދި ހުށަހަޅާ ފަރާތް ފަންނީގޮތުން ގާބިލުތޯ ނުވަތަ ނޫންތޯ؛ އެކަން ބެލުމުގައި އެފަރާތުން ދޭން އެދިފައިވާ ހިދުމަތުގެ ބާވަތަށް ރިއާޔަތްކުރަންވާނެއެވެ.
- ސިނާއަތުގެ ވާދަވެރިކަމަށް ލިބިދާނެ ގެއްލުމަކަށް؛
- ރާއްޖޭގެ ރައްޔިތުންގެ ބޭނުންތަކަށް އަމާޒުކޮށް އެކުލަވާލާ ރާއްޖޭގެ އުފެއްދުންތައް ކުރިއެރުވުމަށް ދޭންޖެހޭ ސަމާލުކަމަށް.
(ނ) ބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދިނުމުގެ ލައިސަންސަށް އެދި ހުށަހަޅާ ހުށަހެޅުންތަކާ ގުޅިގެން ލައިސަންސް ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި ކޮމިށަނަށް ފީއެއް ނެގިދާނެއެވެ. އެފަދައިން ފީއެއް ނަގާނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކޮމިށަނުން ނަގާނެ ފީގެ ތާވަލެއް ހިމަނަންވާނެއެވެ.
(ރ) ލައިސަންސަށް އެދި ހުށަހަޅާ ހުރިހާ ފަރާތަކަށްވެސް ކޮމިށަނުގެ ނިންމުން ލިޔުމަކުން 30 (ތިރީސް) ދުވަހުގެ ތެރޭގައި އަންގަންވާނެއެވެ. ލައިސަންސެއް ދޫނުކުރުމަށް ކޮމިށަނުން ނިންމައިފިނަމަ، ލައިސަންސް ދޫނުކުރާން ނިންމި ސަބަބު އެ ލިޔުމުގައި ބަޔާންކުރަންވާނެއެވެ.
27 ވަނަ މާއްދާ - ލައިސަންސް ފްރީކުއެންސީ
ބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދިނުމަށް ދޫކުރެވޭ ލައިސަންސާއި ރޭޑިއޯ އާއި ޓީވީ ފްރީކުއެންސީތައް ބޭނުންކުރުމަށްޓަކައި ދޫކުރާ ލައިސަންސް އެއް އުސޫލެއްގެ ދަށުން އަދި ބްރޯޑްކާސްޓިންގ ފްރީކުއެންސީ ޕްލޭނާ އެއްގޮތަށް ދިނުމަށްޓަކައި ކޮމިށަނުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަނާ މަށްވަރާކުރަންވާނެއެވެ.
28 ވަނަ މާއްދާ - ލައިސަންސް އާކުރުން
(ހ) ކޮމިށަނުން ދޫކޮށްފައިވާ ބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދިނުމުގެ ލައިސަންސެއްގެ މުއްދަތު ހަމަވާން 3 (ތިނެއް) މަސްދުވަހަށް ވުމުގެ ކުރިން ލައިސަންސް އާކުރުމަށް އެދި ކޮމިށަނަށް ހުށަހަޅަންވާނެއެވެ.
(ށ) އަންނަނިވި ހާލަތްތަކުގައި މެނުވީ، ބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދިނުމުގެ ލައިސަންސެއް ދޫކޮށްފައިވާ ފަރާތެއްގެ ލައިސަންސް ކޮމިށަނުން އާކޮށްދޭންވާނެއެވެ.
- ލައިސަންސްދިނުމަށް ކަނޑައަޅާފައިވާ ށަރުތުތަކުގެ ތެރެއިން ށަރުތަކާ ހިލާފުވުން؛ އަދި/ނުވަތަ
- އާންމު މަސްލަހަތަށްޓަކައި ލައިސަންސް އާކޮށްނުދީ ހިފަހައްޓަންޖެހޭކަމަށް ކޮމިށަނަށް ފެނުން، އަދި އެކަން އެގޮތަށް ކުރުމަށް ބްރޯޑްކާސްޓްކުރުމުގެ ސިޔާސަތު ތަންދިނުން.
(ނ) ލައިސަންސް އާކުރުމަށް އެދި ހުށަހަޅާފައިވާ ހެޅުމެއް ބެލުމުގައި، އަލަށް ނުވަތަ އިތުރަށް ބޭނުންވާ މައުލޫމާތަކަށް އެދުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
(ރ) ލައިސަންސެއް އާކޮށްނުދީ ހިފަހައްޓާނަމަ، އެކަމާބެހޭ އެންމެ ފަހުގެ ނިންމުން ނިންމުމުގެ ކުރިން، އެކަމުގެ ސަބަބު ލިޔުމުން އެފަރާތަކަށް އަންގައި، އެފަރާތުން އެކަމާގުޅޭ ގޮތުން އެދޭގޮތް ލިޔުމުން ހުށަހެޅުމުގެ ފުރުސަތު ދޭންވާނެއެވެ.
29 ވަނަ މާއްދާ - ލައިސަންސް ލިބޭ ފަރާތްތަކުގައި ހުންނަންޖެހޭ ށަރުތުތައް
މި ގާނޫނުގެ ދަށުން ބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދިނުމުގެ ލައިސަންސް ދޫކުރެވޭނީ އަންނަނިވި ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.
(ހ) ލައިސަންސް ދޫކުރެވޭ ފަރާތަކީ، ޕްރައިވެޓް ލިމިޓެޑް ކުންފުންޏެއް ނުވަތަ ޕަބްލިކް ލިމިޓެޑް ކުންފުންޏެއް ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފައްދާ ކުންފުންޏެއް ނުވަތަ ވަކި ގާނޫނަކުން އުފައްދާ ކުންފުންޏެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ކަމުގައިވުން؛
(ށ) ވަކި ސިޔާސީ ޕާޓީއެއް ކުރިއެރުވުމަށް ހިންގޭ ކުންފުންޏަކަށް ނުވުން؛
(ނ) މިނިސްޓްރީއާއި މިނިސްޓްރީގެ ދާއިރާގައި ހިމެނޭ އޮފީސްތަކުގެ މުވައްޒަފުންގެ ތެރެއިން ސިޔާސަތު ކަނޑައެޅުމުގެ ފެންވަރުގައި މަސައްކަތްކުރާ މުވައްޒަފެއްގެ ހިއްސާ ހިމެނޭ ކުންފުންޏެއް ކަމުގައި ނުވުން.
30 ވަނަ މާއްދާ - ލައިސަންސް ދިނުމުގެ އާންމު ށަރުތުތައް
(ހ) ވަކި ފަރާތަކަށް ދޫކޮށްފައިވާ ލައިސަންސެއް އެހެން ފަރާތެއްގެ ނަމަށް ބަދަލުކުރެވޭނީ ކޮމިށަނުގެ ހުއްދަ ލިބިގެންނެވެ.
(ށ) ލައިސަންސަށް އެދި ހުށަހަޅާއިރު ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވުމަކީ، ލައިސަންސް ދިނުމުގެ ށަރުތެއް ކަމުގައި ބެލެވޭނެއެވެ. އެގޮތުން، ޕްރޮގްރާމް ށެޑިއުލް ހުށަހެޅުމަކީވެސް ލައިސަންސް ދިނުމުގެ ށަރުތެއް ކަމުގައި ބެލެވޭނެއެވެ.
(ނ) ކޮމިށަނުން ދޫކޮށްފައިވާ ލައިސަންސެއްގައި ހިދުމަތް ފެށުމަށް ކަނޑައަޅާފައިވާ ތާރީހުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި އެހިދުމަތެއް ފަށާފައިނުވާނަމަ އެ ލައިސަންސެއް ބާތިލުވާނެއެވެ.
(ރ) ޓްރާންސްމިށަންއަށް ބޭނުންކުރާ ވަސީލަތްތައް ޓެސްޓްކުރުމުގެ ގޮތުން ބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދިނުމުގެ ލައިސަންސް ލިބިފައިވާ ފަރާތަކަށް ކޮމިށަނުން ކަނޑައަޅާ އުސޫލުތަކާއެއްގޮތްވާ ގޮތުގެމަތިން، ޓެސްޓް ސިގްނަލް ފޮނުވިދާނެއެވެ.
(ބ) ބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދިނުމުގެ ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުންވެސް، އެތަނަކުން ބްރޯޑްކާސްޓްކުރާ ޕްރޮގްރާމްތަކާއި އިށްތިހާރުތަކުގެ މާސްޓަރ ރެކޯޑިންގއާއި އޮންއެއަރ ލޮގް، އެއެއްޗެއް ބްރޯޑްކާސްޓްކުރާ ދުވަހުން ފެށިގެން މަދުވެގެން 2 (ދޭއް) މަސްދުވަސް ވަންދެން ބަހައްޓަންވާނެއެވެ. ނަމަވެސް، ބްރޯޑްކާސްޓްކުރި ވަކި ޕްރޮގްރާމެއް ނުވަތަ އިށްތިހާރަކާގުޅޭ ގޮތުން މައްސަލައެއް ކުރިމަތިވެއްޖެނަމަ ކޮމިށަނުގެ އެދުމުގެ މަތިން އެ ބްރޯޑްކާސްޓެއްގެ މާސްޓަރ ރެކޯޑިންގއާއި އޮންއެއަރ ލޮގް، މައްސަލަ ހައްލުވަންދެން ބްރޯޑްކާސްޓްކުރި ފަރާތުން ބަހައްޓަންވާނެއެވެ.
(ޅ) ތިރީގައި ބަޔާންކޮށްފައިވާ ބާވަތްތަކުގެ ލައިސަންސްތައް ދެމިއޮންނާނީ ތިރީގައި ބަޔާންކޮށްފައިވާ މުއްދަތުތަކަށެވެ.
- ކޮމިއުނިޓީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސެއް ދެމިއޮންނާނީ 3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށެވެ.
- ކޮމަރށަލް ރޭޑިއޯ އަދި ޓެލެވިޒަން ބްރޯޑްކާސްޓްކުރުމުގެ ލައިސަންސެއް ދެމިއޮންނާނީ 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށެވެ.
(ކ) ލައިސަންސް ދޫކުރުމުގެ ށަރުތުތަކަށް އަމަލުކުރަމުންދާ މިންވަރާއި، އެފަރާތްތަކުން ހިންގާ ހަރަކާތްތަކާގުޅޭ ގޮތުން ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކުން ކޮންމެ އަހަރަކު އެއް ފަހަރު ކޮމިށަނަށް ރިޕޯޓްކުރަންވާނެއެވެ.
31 ވަނަ މާއްދާ – ކޮޕީރައިޓް
ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތަކުން ބްރޯޑްކާސްޓްކުރަންވާނީ ހަމައެކަނި އެފަރާތަކުން އުފައްދާ ނުވަތަ އެފަރާތަކަށް ބްރޯޑްކާސްޓްކުރުމުގެ ހައްގު ލިބިގެންވާ ޕްރޮގްރާމްތަކެވެ. އަދި ކޮންމެ ޕްރޮގްރާމެއްގެވެސް ކްރެޑިޓްތަކުގެ ތެރޭގައި ވަރަށް ސާފުކޮށް ކޮޕީރައިޓް ފެންނާނެ ގޮތަށް ދައްކަންވާނެއެވެ.
32 ވަނަ މާއްދާ - ލޯކަލް ކޮންޓެންޓްގެ މިންގަނޑުތައް
ބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދިނުމުގެ ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުންވެސް، އެފަރާތުން ފޯރުކޮށްދޭ ހިދުމަތް މެދުވެރިކޮށް ފޮނުވާ ކޮންޓެންޓްގެ ތެރޭގައި މަދުވެގެން އަންނަނިވި މިންގަނޑުތަކަށް ލޯކަލް ކޮންޓެންޓް ހިމަނަންވާނެއެވެ.
(ހ) މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި %10 (ދިހައެއް އިންސައްތަ) ؛
(ށ) މި ގާނޫނަށް އަމަލުކުރަން ފަށާތާ 2 (ދޭއް) އަހަރު ދުވަހުގެ ތެރޭގައި %15 (ފަނަރަ އިންސައްތަ) ؛
(ނ) މި ގާނޫނަށް އަމަލުކުރަން ފަށާތާ 5 (ފަހެއް) އަހަރު ދުވަހުގެ ތެރޭގައި %25 (ފަންސަވީސް އިންސައްތަ) .
33 ވަނަ މާއްދާ - އަހަރީ ލައިސަންސް ފީ
(ހ) ކޮމިށަނުން، ބްރޯޑްކާސްޓްކުރުމުގެ ދާއިރާގެ ކަމާބެހޭ ފަރާތްތަކުގެ މަށްވަރާއާއެކު، އަދި އިގްތިސާދީ ހާލަތުގެ މައްޗަށް ރިއާޔަތްކުރުމާއެކު، އެހިދުމަތެއް ހިމެނޭ ގިންތިއާއި އެ ހިދުމަތެއްގެ ބާވަތާއި ދާއިރާއަށް ބިނާކޮށް، ބްރޯޑްކާސްޓްކުރުމުގެ ހިދުމަތްތަކަށް ދައްކަންޖެހޭ އަހަރީ ފީ ހިމެނޭ ޖަދުވަލެއް އެކުލަވާލަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އަހަރީ ފީގެ ޖަދުވަލަށް އަމަލުކުރަން ފަށާނީ، އެ ޖަދުވަލު ރައްޔިތުންގެ މަޖިލީހުގެ މައުލޫމާތަށްޓަކައި ފޮނުވައި، 30 (ތިރީސް) ދުވަސް ހަމަވުމުން، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރުމުންނެވެ.
34 ވަނަ މާއްދާ - ސްޓޭށަން އައިޑެންޓިފިކޭށަން
(ހ) ބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދިނުމުގެ ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުންވެސް ފޯރުވައިދޭ ބްރޯޑްކާސްޓްކުރުމުގެ ހިދުމަތުގެ ނަން ނުވަތަ ލޯގޯ ނުވަތަ ސްޓޭށަން އައިޑެންޓިފިކޭށަން، ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ހުށަހަޅައި، ފާސްކުރުމަށްފަހު ކޮމިށަނުގައި ރަޖިސްޓަރީކުރަންވާނެއެވެ.
(ށ) ބްރޯޑްކާސްޓްކުރަނީ ވިށުއަލްކޮށްނަމަ، ލޯގޯ ނުވަތަ ސްޓޭށަން އައިޑެންޓިފިކޭށަން ހުރިހާ ވަގުތެއްގައިވެސް ސްކްރީނުން ފެންނަން ހުންނަންވާނެއެވެ.
(ނ) ބްރޯޑްކާސްޓްކުރަނީ އޯޑިއޯ މެދުވެރިކޮށްނަމަ، ސްޓޭށަންގެ އައިޑެންޓިފިކޭށަން އަންގައިދޭ އެންގުމެއް، މަދުވެގެން ކޮންމެ 30 (ތިރީސް) މިނެޓަކުން އެއްފަހަރު ފޮނުވަންވާނެއެވެ. މީގެތެރޭގައި ވިޔަފާރި އުސޫލުން ބްރޯޑްކާސްޓަރު އަތުން ގަނެފައިވާ ގަޑިތަކާއި ކޮމިށަނުން ހުއްދަ ނަގައިގެން ފޮނުވޭ ޕްރޮގްރާމްތަކެއް ނުހިމެނޭނެއެވެ. އެހެންނަމަވެސް ރީބްރޯޑްކާސްޓްކުރާ ޕްރޮގްރާމްތަކުގެ ދިގުމިން 60 (ފަސްދޮޅަސް) މިނެޓަށްވުރެ ދިގުވާނަމަ، ސްޓޭށަންގެ އައިޑެންޓިފިކޭށަން އަންގައިދޭ އެންގުމެއް ނުވަތަ ނިށާނެއް ކޮންމެ 60 (ފަސްދޮޅަސް) މިނެޓަކުން މަދުވެގެން އެއްފަހަރު ދައްކަންވާނެއެވެ.
35 ވަނަ މާއްދާ - ލައިސަންސް ދިނުމުގެ ހާއްސަ ށަރުތުތައް
(ހ) ބްރޯޑްކާސްޓްކުރުމުގެ ސިޔާސަތު ތަންފީޒުކުރުމުގެ ގޮތުން އަމަލުކުރުން ކޮންމެހެން ބޭނުންވާކަމަށް ކޮމިށަނަށް ފެންނަ ކަންކަމާގުޅޭ ށަރުތުތައް ފުރިހަމަކުރުމަށް ލައިސަންސަށް އެދޭ ފަރާތްތަކަށް ލާޒިމުކުރުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ށަރުތުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނިދާނެއެވެ.
- ދުވާލަކު އެއްފަހަރު ނުވަތަ ހަފްތާއަކު އެއްފަހަރު ނުވަތަ އަހަރަކު އެއްފަހަރު މަދުވެގެން ބްރޯޑްކާސްޓްކުރަންޖެހޭނެ ގަޑި ކަނޑައެޅުން؛
- އައުޓްޕުޓް ޕަވަރ ފަދަ ޓެކްނިކަލް ށަރުތުތަކެއް ކަނޑައެޅުން؛
- މި ގާނޫނުގައި ކަނޑައަޅާފައިވާ އެންމެ ދަށް މިންގަނޑަށްވުރެ މަތީ މިންގަނޑަކަށް ލޯކަލް ކޮންޓެންޓްގެ މިންގަނޑު ހަމަޖެއްސުން.
(ނ) މި މާއްދާގެ ދަށުން ލައިސަންސް ދިނުމުގެ ހާއްސަ ށަރުތެއް ކަނޑައެޅޭނީ އަންނަނިވި ކަންކަން ފުރިހަމަވާނަމައެވެ.
- އެ ށަރުތަކީ ބްރޯޑްކާސްޓްކުރުމާ ގުޅުންހުރި ށަރުތަކަށްވުން؛
- އެ ށަރުތު ކަނޑައަޅާފައިވަނީ ބްރޯޑްކާސްޓްކުރުމުގެ ސިޔާސަތު ފުޅާކުރުމުގެ ގޮތުން؛
- އެ ށަރުތަކީ، ލައިސަންސް ލިބިފައިވާ ފަރާތާ އެކަށީގެންވާ، އެ ފަރާތަށް ފުރިހަމަކުރެވޭވަރުގެ ކަމަކަށްވުން.
36 ވަނަ މާއްދާ - ލައިސަންސަށް ބަދަލުގެނައުން
ބްރޯޑްކާސްޓްކުރުމުގެ ސިޔާސަތު ފުޅާކުރުމުގެ ބޭނުމުގައި، ލައިސަންސެއް ދޫކުރުމުގައި ކަނޑައަޅާފައިވާ ށަރުތުތަކަށް ބަދަލުގެނައުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
ފަސްވަނަ ބާބު
ބްރޯޑްކާސްޓްކުރާ ކޮންޓެންޓް
37 ވަނަ މާއްދާ - ކޯޑް އޮފް ޕްރެކްޓިސް
(ހ) ބްރޯޑްކާސްޓަރުންނާއި، ނޫސްވެރިންނާއި، ދާއިރާއާ ގުޅުންހުރި އެހެން ފަރާތްތަކުގެ މަށްވަރާގެ މަތިން، ބްރޯޑްކާސްޓަރުން އަމަލުކުރުމަށް "ކޯޑް އޮފް ޕްރެކްޓިސް" އެއް ކޮމިށަނުން އެކުލަވާލަންވާނެއެވެ. އަދި ބޭނުންވެއްޖެ ހާލަތެއްގައި އެކޯޑް މުރާޖައާކޮށް އިސްލާހުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކޯޑް އޮފް ޕްރެކްޓިސް އާންމުކޮށް ށާއިއުކޮށް، ލައިސަންސް ދެވޭ ކޮންމެ ފަރާތަކަށް އޭގެ ކޮޕީއެއް ދޭންވާނެއެވެ.
(ނ) ތިރީގައިވާ ކަންކަން ހިމެނޭގޮތުން، ޕްރޮގްރާމިންގއާ ގުޅުންހުރި ކަންކަމުގެ މައްޗަށް ކޯޑުގައި ބަލާފައިވާންވާނެއެވެ.
- ހަބަރާއި ކަރަންޓް އެފެއާޒް ޕްރޮގްރާމްތައް ގެނެސްދިނުމުގައި، ވަކި ފަރާތަކަށް ބުރަވުމެއް ނެތި، ހަމަހަމަކަމާއެކު ގެނެސްދިނުމަށް އިސްކަންދީ، ތެދު މައުލޫމާތު ފެތުރުމަށް މަސައްކަތްކުރުން؛
- ކުޑަކުދިންގެ ކަރާމަތާއި ހައްގުތަކަށް އުނިކަން އަންނަ އެއްވެސް އެއްޗެއް ނުދެއްކުން؛
- އުމުރާ އެކަށީގެންވާގޮތަށް ޕްރޮގްރާމްތަކާއި ފިލްމުތައް ގިންތިކުރުން؛
- އިންޓަވިއުކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް އަދި އެޑިޓްކުރެވޭނެ ގޮތްތައް؛
- ހުއްދަނެތި ރެކޯޑްކޮށްފައިވާ މައުލޫމާތު ބޭނުންކުރުމާއި، އެކަމަށް ބޭނުންކޮށްފައިވާ އާލާތްތަކުގެ ބޭނުންހިފުން؛
- އޮރިޔާން ކާޑުގެ މާނައިގައި ހިމެނޭ އެއްޗެއްސާއި، ޖިންސީ ގުޅުން ސިފަވާ މަންޒަރާއި އަޑު ހިމެނޭ އެއްވެސް އެއްޗެއް ނުވަތަ ޖިންސީ ގުނަވަންތައް ސިފަވާ މަންޒަރާއި އަޑު އަދި ޖިންސީ ގުޅުން ހިންގުމަށްޓަކައި ޖިންސީ ގުނަވަން ސިފަކޮށްދޭ ގޮތަށް ހަދާފައި ހުންނަ އެއްޗެހީގެ މަންޒަރާއި އެފަދަ މަންޒަރު ސިފަވާ އަޑު ހިމެނޭ އެއްވެސް އެއްޗެއް ނުދެއްކުން؛
- މީހެއްގެ ނުވަތަ ބައެއްގެ ހުރުމަތް ކެނޑިދާނެފަދަ، ނުވަތަ އިއްޒަތާއި ގަދަރަށް އުނިކަމެއް އަތުވެދާނެފަދަ، ނުވަތަ ކޮންމެވެސް ސިފައެއްގައި ނިކަމެތިކަމެއް ލިބިދާނެ ބަސްތަކާއި، މުޖުތަމައުގައި ބޭނުންކުރުމަށް އެކަށީގެންނުވާ ބަސްތަކާއި އިށާރާތާއި ހަރަކާތާއި އަމަލުތައް ހިމެނޭ އެއްވެސް އެއްޗެއް ނުދެއްކުން؛
- ހަގީގީ އަދި ހިޔާލީ ކޮންޓެންޓް ވަކިކޮށްދިނުން؛
- އެކި ނަސްލުތަކުގެ މީހުންނާއި، ވަކި ޖިންސެއްގެ ބަޔަކަށް ނުވަތަ އެއްވެސް އުމުރުފުރައެއްގެ ބަޔަކަށް ނުވަތަ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އިހްތިރާމް ކުޑަވާފަދަ އެއްޗެއް ނުވަތަ އިންސާނީ ގަދަރަށް އުނިކަން އަންނަ އެއްވެސް އެއްޗެއް ނުދެއްކުން؛
- ފަރުދުންގެ މިނިވަންކަމަށް އިހްތިރާމްކުރުމުގެ މުހިންމުކަން؛
- ފެންވަރު ދަށް މަންޒަރާއި އަޑު ބޭނުންނުކުރުން؛
- އިށްތިހާރުކުރުން؛
- ދީނީގޮތުން ނުވަތަ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ނުވަތަ ގާނޫނަކުން މަނާކުރާ އެއްވެސް އެއްޗެއް ބްރޯޑްކާސްޓް ނުކުރުމަށާއި އިސްލާމްދީން ފިޔަވައި އެހެން ދީނެއް ކުރިއެރުވުމަށް ހިތްވަރުދޭ އެއްވެސް އެއްޗެއް ބްރޯޑްކާސްޓް ނުކުރުން.
(ރ) ކޯޑް އޮފް ޕްރެކްޓިސް އެކުލަވާލައި، އެއަށް އަމަލުކުރުމުގައި، ގިނަ ފަރާތްތަކެއް ބައިވެރިވާ ޑިމޮކްރެޓިކް މުޖުތަމައެއްގައި ވާދަވެރި ބަހުސްކުރުމަށާއި، އަމިއްލަވަންތަ، އުފެއްދުންތެރި، ށައުގުވެރި ޕްރޮގްރާމްތައްް އުފެއްދުމަށާއި، ގިނަ ޕްރޮގްރާމްތަކެއްގެ ތެރެއިން ނުވަތަ ސިލްސިލާ ޕްރޮގްރާމްތަކަކުން ތިލަފަތްހަމަ، މައުލޫމާތު ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުމަށްޓަކައި ކޮމިށަނުން އެކަށީގެންވާ މަސައްކަތްކުރަންވާނެއެވެ.
38 ވަނަ މާއްދާ – އިށްތިހާރުކުރުން
ތިރީގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ކޯޑް އޮފް ޕްރެކްޓިސްއާ އެއްގޮތްވާ ގޮތުގެމަތިން އިށްތިހާރު ގެނެސްދިނުމުގެ ހައްގު ބްރޯޑްކާސްޓަރުންނަށް ލިބިގެންވެއެވެ.
(ހ) ތިމާވެށްޓާއި ސިއްހަތު ރައްކާތެރިކުރުމަށް މަނާކުރެވިފައިވާ މުދަލެއް ނުވަތަ ހިދުމަތެއް، ނުވަތަ ބަނގުރާ، މަސްތުވާތަކެތި ނުވަތަ ދުންފަތުގެ އިސްތިއުމާލުކުރުމަށް ހިތްވަރުދޭ އެއްވެސް މުދަލެއް ނުވަތަ ހިދުމަތެއް އިށްތިހާރުނުކުރުން.
(ށ) މުދާ ނުވަތަ ހިދުމަތް ލިބިގަންނަ ފަރާތްތަކަށް އޮޅޭފަދަ ގޮތަކަށް އިށްތިހާރުނުކުރުން.
ހަވަނަ ބާބު
ހިދުމަތް ފޯރުވައިދިނުން
39 ވަނަ މާއްދާ - ބްރޯޑްކާސްޓްކުރުމުގެ ހިދުމަތްތަކަށް އަގު ނެގުން
(ހ) ލައިސަންސް ލިބިގެން ބްރޯޑްކާސްޓްކުރުމުގެ ހިދުމަތެއް ފޯރުކޮށްދޭ ފަރާތަކުން އެ ހިދުމަތެއް ފޯރުކޮށްދިނުމަށް އަގެއް ނަގަންވާނީ، އެއަގެއް ކޮމިށަނަށް ހުށަހަޅައި ފާސްކުރުމަށްފަހުގައެވެ.
(ށ) އަގެއް ނެގުމަކާ ނުލައި ދޫކުރަމުންދާ އެއްވެސް ޗެނަލަކަށް އަގެއް ނެގުމަށް ބްރޯޑްކާސްޓަރަކު ނިންމައިފިނަމަ، މަދުވެގެން 2 (ދޭއް) މަސްދުވަހުގެ ކުރިން ކޮމިށަނަށާއި ހިދުމަތް ލިބިގަންނަ ފަރާތްތަކަށް އެކަން އަންގަންވާނެއެވެ.
40 ވަނަ މާއްދާ - ވަގުތީގޮތުން ހިދުމަތެއް މެދުކަނޑާލުން
(ހ) އެއްވެސް ހިދުމަތެއް ވަގުތީގޮތުން މެދުކަނޑާލުމަށް ބްރޯޑްކާސްޓަރަކު ނިންމައިފިނަމަ، އެކަން ކުރުމުގެ 15 (ފަނަރަ) ދުވަސް ކުރިން އެކަމަށް ކޮމިށަނުން ހުއްދަ ހޯދުމަށްފަހު، 7 (ހަތެއް) ދުވަސް ކުރިން ހިދުމަތް ލިބިގަންނަ ފަރާތްތަކަށް އެކަން އަންގަންވާނެއެވެ.
(ށ) ލައިސަންސް ލިބިގެން ބްރޯޑްކާސްޓްކުރުމުގެ ހިދުމަތެއް ފޯރުކޮށްދޭ ފަރާތެއްގެ ބާރުނުފޯރުވޭ ކަމެއްގެ ސަބަބުން އެއްވެސް ހިދުމަތެއް ވަގުތީގޮތުން މެދުކެނޑިއްޖެނަމަ ނުވަތަ ހުއްޓިއްޖެނަމަ، އެކަން ހައްލުކޮށްދިނުމަށްޓަކައި މި ގާނޫނުގެ ދަށުން ފޯރުވައިދެވެން އޮތް އެންމެ ފުރިހަމަ ހައްލެއް ކޮމިށަނުގެ ފަރާތުން ފޯރުކޮށްދޭންވާނެއެވެ.
41 ވަނަ މާއްދާ - ހިދުމަތް ހުއްޓާލުން
ބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދިނުމުގެ ލައިސަންސެއް ދޫކޮށްފައިވާ މުއްދަތު ހަމަވުމުގެ ކުރިން އެ ހިދުމަތް ފޯރުކޮށްދޭ ފަރާތުން އެ ހިދުމަތެއް ހުއްޓާލާނަމަ، އެކަމުގެ ސަބަބު ބަޔާންކޮށް މަދުވެގެން 15 (ފަނަރަ) ދުވަސް ކުރިން ކޮމިށަނަށް އެކަން އަންގަންވާނެއެވެ. އަދި ހަމަ އެ މުއްދަތުގެ ތެރޭގައި އެކަން އާންމުކޮށް އިއުލާންކުރަންވާނެއެވެ. ހިދުމަތް ލިބިގަންނަ ފަރާތްތައް ވަކިން އެނގެން ހުރިނަމަ ސީދާ އެފަރާތްތަކަށް އެކަން އަންގަންވާނެއެވެ.
ހަތްވަނަ ބާބު
ގާނޫނާއި ގަވާއިދާ ހިލާފުވުން
42 ވަނަ މާއްދާ - ށަކުވާ ހުށަހެޅުމާއި މޮނީޓަރކުރުން
(ހ) ބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދިނުމުގެ ލައިސަންސެއް ދޫކޮށްފައިވާ ފަރާތަކުން މި ގާނޫނުގެ 37 ވަނަ މާއްދާގައި ބަޔާންކުރާ ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފުވެފައިވާކަމަށް އެއްވެސް ފަރާތަކަށް ފެނިއްޖެނަމަ އެކަމުގެ ށަކުވާ އެފަރާތަކުން ކޮމިށަނަށް ލިޔުމުން ހުށަހެޅިދާނެއެވެ. އަދި އެ ށަކުވާއަކީ އަސްލެއްނެތި ހުށަހަޅާފައިވާ ށަކުވާއެއްކަމުގައި ކޮމިށަނަށް ފެނިއްޖެ ހާލަތެއްގައި މެނުވީ، އެފަދަ ކޮންމެ ށަކުވާއެއް ކޮމިށަނުން ބަލަންވާނެއެވެ.
(ށ) ބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދިނުމުގެ ލައިސަންސެއް ދޫކޮށްފައިވާ ފަރާތަކުން މި ގާނޫނާ އެއްގޮތަށް އަމަލުކުރަމުންދޭތޯ ބެލުމަކީ ކޮމިށަނުގެ ޒިންމާއެކެވެ. އަދި އެގޮތުގެމަތިން އެ ފަރާތްތައް މޮނީޓަރކޮށް، އެފަރާތްތަކުން މި ގާނޫނާ ނުވަތަ ލައިސަންސް ދިނުމުގެ ށަރުތުތަކުން ކަމަކާ ހިލާފުވެފައިވާކަމަށް ފެނިއްޖެނަމަ، ކޮމިށަނުން އެކަމެއް ތަހްގީގުކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން ކޮމިށަނުން ހިންގާ ތަހްގީގެއްގެ ސަބަބުން ބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދިނުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތުން ހިލާފުވެފައިވާ ކަމެއް ފެނިއްޖެނަމަ، އެކަން ލިޔުމުން އެފަރާތަށް އަންގައި، އެފަރާތުން އެކަމާމެދު ފެންނަގޮތެއް ހާމަކުރުމަށް އެކަށީގެންވާ ފުރުސަތެއް ދޭންވާނެއެވެ. ތަހްގީގު ހިންގާފައިވަނީ ހުށަހެޅުނު ށަކުވާއަކާ ގުޅިގެން ކަމުގައިވާނަމަ ށަކުވާ ހުށަހެޅި ފަރާތުން އެކަމާމެދު ފެންނަ ގޮތެއް ހާމަކުރުމަށްވެސް އެކަށީގެންވާ ފުރުސަތެއް ދޭންވާނެއެވެ.
43 ވަނަ މާއްދާ – ނިންމުންތައް
(ހ) ހާއްސަ ހާލަތެއް މެދުވެރިވެގެން މެނުވީ، ހުށަހެޅޭ ށަކުވާއެއް ނުވަތަ ހިންގޭ ތަހްގީގަކާމެދު 2 (ދޭއް) މަސްދުވަހުގެ ތެރޭގައި ކޮމިށަނުން ގޮތެއް ނިންމަންވާނެއެވެ.
(ށ) ބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދިނުމުގެ ލައިސަންސެއް ދޫކޮށްފައިވާ ފަރާތަކުން މި ގާނޫނާ، ނުވަތަ ލައިސަންސް ދިނުމުގެ ށަރުތަކާ، ނުވަތަ ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފުވެފައިވާކަމަށް ކޮމިށަނުން ނިންމާފައިވާނަމަ، އެގޮތަކަށް ނިންމި ސަބަބާއި، މި ގާނޫނުގެ 44 ވަނަ މާއްދާގެ ދަށުން އެކަމަކާ ގުޅިގެން ފިޔަވަޅެއް އަޅާނަމަ އެކަމާއި، އަދި އެނިންމުމާ ދެކޮޅަށް ބްރޯޑްކާސްޓަރަށް ކަމާބެހޭ އިދާރާއަށް ހުށަހެޅުމުގެ ހައްގު އޮތްކަން ބަޔާންކުރުމާއެކު، އެކަމާބެހޭގޮތުން ނިންމިގޮތް އާންމުކޮށް ށާއިއުކުރަންވާނެއެވެ. އަދި ކޮމިށަނުން މައްސަލަ ނިންމިގޮތުގެ ބަޔާނުގެ ކޮޕީއެއް ބްރޯޑްކާސްޓަރަށާއި ށަކުވާ ހުށަހެޅި ފަރާތަށް ފޯރުކޮށްދޭންވާނެއެވެ.
44 ވަނަ މާއްދާ - ފިޔަވަޅު އެޅުން
(ހ) ބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދިނުމުގެ ލައިސަންސެއް ދޫކޮށްފައިވާ ފަރާތަކުން މި ގާނޫނާ، ނުވަތަ ލައިސަންސް ދިނުމުގެ ށަރުތަކާ، ނުވަތަ ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފުވެފައިވާކަމަށް ކޮމިށަނުން ނިންމައިފިނަމަ، އަންނަނިވި ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް ނުވަތަ ފިޔަވަޅުތަކެއް އެޅުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
- ލައިސަންސް ލިބިފައިވާ ފަރާތަށް އެކަމެއް ރަނގަޅުކުރުމަށް އެންގުން.
- ލައިސަންސް ލިބިފައިވާ ފަރާތަށް ދެވޭ އިންޒާރެއް އާންމުކޮށް ށާއިއުކުރުން.
- ކޮމިށަނުން އަންގާ ވަގުތެއްގައި ކޮމިށަނުން އަންގާ ގޮތެއްގެ މަތިން، ކުށުގެ އިސްލާހެއް އާންމުކުރުމަށް ނުވަތަ ކޮށްފައިވާ ކަމެއް އަނބުރާ ގެންދިޔުމަށް ބަޔާނެއް އާންމުކުރުމަށް ލައިސަންސް ލިބިފައިވާ ފަރާތަށް އެންގުން.
- ކުށް އިސްލާހުކޮށް ތަކުރާރުވިޔަނުދިނުމުގެ ގޮތުން ކޮންމެހެން ކުރަންޖެހޭ ނުވަތަ ނުކޮށްދޫކޮށްލަންޖެހޭ ކަންތައްތަކެއް ކުރުމަށް ލައިސަންސް ލިބިފައިވާ ފަރާތަށް އެންގުން.
(ށ) ބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދިނުމުގެ ލައިސަންސެއް ދޫކޮށްފައިވާ ފަރާތަކުން ލައިސަންސް ދިނުމުގެ ށަރުތަކާ ތަކުރާރުކޮށް ހިލާފުވެއްޖެނަމަ، ވޭތުވެދިޔަ އަހަރު އެފަރާތަށް ލިބުނު އާމްދަނީގެ %2 (ދޭއް އިންސައްތަ) އަށްވުރެ ބޮޑުނޫން އަދަދަކުން ކޮމިށަނަށް އެފަރާތެއް ޖޫރިމަނާކުރެވިދާނެއެވެ.
(ނ) ބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދިނުމުގެ ލައިސަންސެއް ދޫކޮށްފައިވާ ފަރާތަކުން ގާނޫނާއި ގަވާއިދާ ހިލާފުވަމުންދާނަމަ، އަދި އެކަން ރަނގަޅުކުރުމަށް އެންގުމުން ރަނގަޅުނުކޮށްފިނަމަ އެފަރާތެއްގެ ޕްރޮގްރާމް ށެޑިއުލްގެ ބައެއް ވަގުތީގޮތުން މެދުކަނޑާލުމަށް އެންގުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ. އަދި މިފަދަކަމެއް ނުވަތަ ކަންކަން ތަކުރާރުކޮށް ކުރަމުންދާނަމަ، އެފަރާތަކަށް ދޫކޮށްފައިވާ ލައިސަންސް ބާތިލުކުރުމަށް ކޯޓަށް ހުށަހެޅުމަށްފަހު ކޯޓުން ނިންމާ ގޮތެއްގެމަތިން ބާތިލުކުރެވިދާނެއެވެ.
(ރ) ބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދިނުމުގެ ލައިސަންސެއް ދޫކޮށްފައިވާ ފަރާތެއް ބްރޯޑްކާސްޓްކުރާ ކޮންޓެންޓްއާގުޅޭ ގޮތުން މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ކަމަކާ ހިލާފުވެއްޖެނަމަ، ކޮމިށަނުގެ ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތުންް ފާސްކުރުމަށްފަހުގައި މެނުވީ އަދި އެހެން ފިޔަވަޅުތައް އަޅައިގެން ރަނގަޅު ނުވެއްޖެ ހާލަތެއްގައި މެނުވީ، މި މާއްދާގެ (ށ) އަދި (ނ) ގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް އަޅައިގެންނުވާނެއެވެ.
(ބ) އެއްވެސް ފަރާތަކުން ލައިސަންސެއް ނެތި ބްރޯޑްކާސްޓްކުރުމުގެ ހިދުމަތެއް ފޯރުކޮށްދޭނަމަ، ނުވަތަ ކޮމިށަނުން ދޫކޮށްފައިވާ ލައިސަންސެއް ކޮމިށަނުގެ ހުއްދަ ނުހޯދައި ބަދަލުކޮށްފިނަމަ، އެފަދައިން ފޯރުކޮށްދޭ ހިދުމަތެއް ހުއްޓާލުމަށް އެންގުމުގެ، ނުވަތަ އެ ހިދުމަތް ފޯރުކޮށްދޭ ފަރާތެއް ޖޫރިމަނާކުރުމުގެ އަދި/ނުވަތަ އެކަން ކުރުމަށް ބޭނުންކުރާ އާލާތްތައް ހިފެހެއްޓުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
(ޅ) މި މާއްދާގެ ދަށުން ކޮމިށަނުން އަންގާ އެންގުމަކާ އެއްގޮތަށް އެއްވެސް ފަރާތަކުން އަމަލުނުކޮށްފިނަމަ، ބެލެވޭނީ އެފަރާތަކުން ކޮމިށަނުގެ އަމުރަށް ނުކިޔަމަންތެރިވީ ކަމުގައެވެ. އަދި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރުމަށް ކަމާބެހޭ ފަރާތަށް ހުށަހެޅުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
އަށްވަނަ ބާބު
އެހެނިހެން ކަންތައްތައް
45 ވަނަ މާއްދާ - ބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދޭ ފަރާތްތަކުގެ ހައްގުތައް ހޯދުން
ލައިސަންސެއް ދިނުމަށް ނުވަތަ ނުދިނުމަށް، ނުވަތަ އާކޮށްދިނުމަށް ނުވަތަ އާކޮށްނުދިނުމަށް، ނުވަތަ ލައިސަންސެއް ދިނުމުގައި ށަރުތުތަކެއް ކަނޑައެޅުމަށް، ނުވަތަ ލައިސެންސް ލިބިފައިވާ ފަރާތަކާ ދެކޮޅަށް ފިޔަވަޅެއް އެޅުމަށް ނުވަތަ ފިޔަވަޅު ނޭޅުމަށް ކޮމިށަނުން ނިންމާ ނިންމުމަކާ ގުޅިގެން އެއްވެސް ފަރާތެއްގެ ހައްގަކަށް އުނިކަމެއް ލިބިފައިވާނަމަ، އެ ނިންމުމެއް ނިންމާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެ ނިންމުން ބަދަލުކޮށްދިނުމަށް އެދި ކޯޓަށް ހުށަހެޅިދާނެއެވެ.
46 ވަނަ މާއްދާ - ގަވާއިދު ހެދުން
މި ގާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި ހިންގާނީ ކޮމިށަނުންނެވެ.
47 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން
މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެން 90 (ނުވަދިހަ) ދުވަސްވުމުންނެވެ.
48 ވަނަ މާއްދާ – މާނަ
މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އަންނަނިވި ލަފްޒުތަކާއި އިބާރާތްތައް މާނަކުރާނީ ތިރީގައިއެވާ ގޮތަށެވެ.
"ހިދުމަތް ލިބިގަންނަ ފަރާތް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން ބްރޯޑްކާސްޓްކުރާ ފަރާތްތަކުގެ ބްރޯޑްކާސްޓްކުރުމުގެ ހިދުމަތް، ފީއެއް ދައްކައިގެން ލިބިގަންނަ ފަރާތްތަކަށެވެ.
"ރީބްރޯޑްކާސްޓްކުރުން" ކަމަށް ބުނެފައި އެވަނީ، ރާއްޖޭގައި ގާއިމުކޮށްފައިވާ މަރުކަޒަކުން އެހެން ބައެއްގެ ކޮންޓެންޓެއް، އެއްވެސް އުނިއިތުރެއް ނުގެނެސް އަލުން ބްރޯޑްކާސްޓްކުރުމަށެވެ.
"ބްރޯޑްކާސްޓްކުރުން" ކަމަށް ބުނެފައި އެވަނީ، އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން އާންމުކޮށް ނުވަތަ ވަކި ބަޔަކަށް އަމާޒުކޮށް އަޑާއި މަންޒަރު ނުވަތަ އަޑު ނުވަތަ މަންޒަރު ދުރަށް ފެތުރުމަށެވެ. ނަމަވެސް އާންމު ތަނެއްގައި ބަޔަކަށް ދައްކާލުމުގެ ބޭނުމުގައި ނުވަތަ އިއްވުމުގެ ބޭނުމުގައި އަޑާއި މަންޒަރު ހުށަހެޅުން މި މާނަކުރުމުން އިސްތިސްނާވެގެންވެއެވެ. މި ގާނޫނުގައި "ބްރޯޑްކާސްޓިންގ" މި ބަސް މާނަކޮށްފައިވާނީ ބްރޯޑްކާސްޓްކުރުމަށާއި ރީބްރޯޑްކާސްޓްކުރުމަށް ވެސް، އިށާރާތްކޮށެވެ.
"ބްރޯޑްކާސްޓްކުރުމުގެ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، ހިދުމަތް ލިބިގަންނަ ފަރާތަށް ކޮންޓެންޓެއް ފޮނުވުމުގެ މަސައްކަތަށެވެ.
"ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ސަރަހައްދުގައި ބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ފޯރުކޮށްދިނުމަށް، މި ގާނޫނުގެ 24 ވަނަ މާއްދާގެ ދަށުން ދެވޭ ލައިސަންސަށެވެ.
"ކޮންޓެންޓް" ކަމަށް ބުނެފައި އެވަނީ، ބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދޭ ފަރާތަކުން ފޮނުވާ ނުވަތަ ފަތުރާ ހަބަރާއި، މައުލޫމާތާއި، އިށްތިހާރާއި، އެނޫންވެސް އެއްޗެހި ހިމެނިގެންވާ ގޮތަށެވެ.
"އިށްތިހާރު" ކަމަށް ބުނެފައި އެވަނީ، ބްރޯޑްކާސްޓްކުރާ ފަރާތެއް މެދުވެރިކޮށް ވަކިކަމެއް ނުވަތަ ތަނެއް ނުވަތަ އެއްޗެއް ނުވަތަ އުފެއްދުމެއް ކުރިއެރުވުމަށް ނުވަތަ އެކަމެއް ނުވަތަ ތަނެއް ނުވަތަ އެއްޗެއް ނުވަތަ އުފެއްދުމެއްގެ މަގުބޫލުކަން އިތުރުކުރުމަށް ފޮނުވޭ، އެކަމަކާގުޅޭ ހާއްސަ ކޮންޓެންޓަށެވެ.
"އެކްސްކްލޫސިވްކޮށް ބްރޯޑްކާސްޓްކުރުމުގެ ހައްގު" ކަމަށް ބުނެފައި އެވަނީ، ވަކި ކޮންޓެންޓެއް ހަމައެކަނި އެއް ފަރާތަކުން ބްރޯޑްކާސްޓްކުރުމަށް ނުވަތަ ރީބްރޯޑްކާސްޓްކުރުމަށް ދޫކުރެވޭ ހާއްސަ ހުއްދައަށެވެ.
"އޯޑިއޯ" ކަމަށް ބުނެފައި އެވަނީ، އިލެކްޓްރޯނިކް ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ މެދުވެރިކޮށްގެން އިއްވޭ އަޑަށެވެ.
"ވިށުއަލް" ކަމަށް ބުނެފައި އެވަނީ، އިލެކްޓްރޯނިކް ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ މެދުވެރިކޮށްގެން ދެއްކޭ މަންޒަރަށެވެ.
"މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ބްރޯޑްކާސްޓްކުރުމުގެ ސިޔާސަތު އެކަށައަޅައި، ބްރޯޑްކާސްޓްކުރުމާގުޅޭ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ މިނިސްޓްރީއަށެވެ.
"ލައިސަންސް ލިބިފައިވާ ފަރާތް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ސަރަހައްދުގައި ކުރެވޭ ބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ފޯރުކޮށްދިނުމަށް، މި ގާނޫނުގެ ދަށުން ދެވޭ، މި ގާނޫނުގެ 23 ވަނަ މާއްދާގައި ބުނާ ލައިސަންސް ލިބިފައިވާ ފަރާތަށެވެ.
"ލޯކަލް ކޮންޓެންޓް" ކަމަށް ބުނެފައި އެވަނީ، ލައިސަންސް ދޫކުރެވޭ ފަރާތުގެ ފުރިހަމަ ކޮންޓްރޯލްގައިވާ ބަޔަކު އުފައްދާ އުފެއްދުންތަކަށާއި، ބަޔަކު ލައްވާ ނަމަވެސް، ލައިސަންސް ދޫކުރެވޭ ފަރާތުގެ ބޭނުމަށް އެފަރާތުގެ އިރުށާދުގެ މަތިން ތައްޔާރުކުރެވޭ، ތަކެއްޗަށާއި، ދިވެހިންގެ މުޖުތަމައަށް ބޭނުން ހިފޭގޮތަށް، ނުވަތަ ދިވެހި މުޖުތަމައާގުޅޭގޮތަށް، ދިވެހިންގެ މިލްކުވެރިކަން އޮވެގެން އުފައްދާ ތަކެއްޗަށާއި، ދިވެހިރާއްޖެއަށް ނުވަތަ ދިވެހި ބަހަށް ނުވަތަ ދިވެހި ޘަގާފަތަށް، ނުވަތަ ދިވެހިންގެ ށައުގުތަކާގުޅޭގޮތަށް ދިވެހިން ނުވަތަ ދިވެހިންގެ އިރުށާދުގެ މަތިން ދިވެހިންނަށް އުފައްދާ އެއްޗެހި ހިމެނޭގޮތަށެވެ. ބޭރުގެ ފަރާތްތަކުން އުފައްދާފައި ހުންނަ ކޮންޓެންޓަކަށް ދިވެހި ބަހުން އަޑުއަޅައިގެން އުފައްދާ ކޮންޓެންޓަކީ ލޯކަލް ކޮންޓެންޓް ކަމުގައެއް ނުބެލެވޭނެއެވެ.
"ޕްރޮގްރާމް ށެޑިއުލް" ކަމަށް ބުނެފައި އެވަނީ، ބްރޯޑްކާސްޓްކުރުމަށް ހުށަހެޅިފައިވާ އާންމު ޕްރޮގްރާމްތަކާއި، ބްރޯޑްކާސްޓްކުރާ ވަގުތުގެ ތެރެއިން ޕްރޮގްރާމްތައް ގެނެސްދިނުމަށާއި އިށްތިހާރުކުރުމަށް އެކަށައަޅާ ވަގުތާއި، ޕްރޮގްރާމްތައް އަމާޒުކުރެވޭ ފަރާތްތަކާ ގުޅޭގޮތުން އެކުލަވާލެވޭ ޕްލޭނަށެވެ.
މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު/އުސޫލު
- ކޮވިޑް-19 އާ ގުޅިގެން ލައިސަންސްގެ ށަރުތު ތަކަށް ބަދަލުގެނައުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-119)
- ބްރޯޑްކާސްޓް ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-16)
- ރީ ބްރޯޑްކާސްޓްކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-01)
- އިންތިހާބީ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ހާއްސަ ކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާބެހޭ އުސޫލަށް 1 ވަނަ އިސްލާހު ގެނައުމުގެ އުސޫލު (އުސޫލު: 17 އޯގަސްޓް 2018)
- ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-179)
- ބްރޯޑްކާސްޓްކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-154)
- ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2012-20)
- ބްރޯޑްކާސްޓްކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2012-11)
- ރޭޑިއޯ/ޓީވީ ބްރޯޑްކާސްޓިންގއަށް ފްރެކްއެންސީ ދޫކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2012-10)
ރިފަރެންސް
3 އޯގަސްޓް 2010 ވި އަންގާރަދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 2010 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 24 ވަނަ ޖަލްސާއިން ފާސްކުޅަ "ބްރޯޑްކާސްޓްކުރުމުގެ ބިލު" ބަލައި، ތަޞްދީޤުކޮށްފައިވަނީ 22 އޯގަސްޓް 2010 (ރަމަޟާން 1431) ގައެވެ.
ކިޔުންތެރިންގެ ހިޔާލު