-

ކޮވިޑް-19 އާ ގުޅިގެން ލައިސަންސްގެ ށަރުތު ތަކަށް ބަދަލުގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2022-119)

ފުރަތަމަ ބާބު

ފެށުން

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގަވާއިދަކީ، ކޮވިޑް-19 އާ ގުޅިގެން ބްރޯޑްކާސްޓަރުންނަށް ލިބުނު ގެއްލުމުގެ ސަބަބުން ލައިސަންސްގެ ށަރުތުތަކާ އެއްގޮތަށް އަމަލުކުރުމަށް ނުކުޅެދިފައިވާތީ، ބްރޯޑްކާސްޓްކުރުމުގެ ސިނާއަތު ފުޅާކުރުމުގެ ބޭނުމުގައ ލައިސަންސް ދޫކުރުމުގެ ށަރުތުތަކަށް ބަދަލުގެނައުމުގެ ގޮތުން 2020 ،2021 ވަނަ އަހަރުގައި ކޮމިށަނަށް ދައްކަންޖެހޭ އަހަރީފީ ނުދެއްކިހުރި ފަރާތްތަކުގެ ލައިސަންސް އައުކޮށްދިނުމުގައި ހާއްސައުސޫލަކުން އަމަލުކުރުމުގެ ގޮތުން އެކުލަވައިލެވިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔަނީ، "ކޮވިޑް-19 އާ ގުޅިގެން ލައިސަންސްގެ ށަރުތުތަކަށްބަދަލުގެނައުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - ގަވާއިދު އެކުލަވައިލުމުގެ ގާނޫނީ ބާރު

މި ގަވާއިދު އެކުލަވައިލެވިފައިވަނީ، ގާނޫނު ނަންބަރު 2010-16 (ބްރޯޑްކާސްޓްކުރުމުގެ ގާނޫނު) ގެ 36 އަދި 46 ވަނަ މާއްދާއިން ކޮމިށަނަށް ލިބިދެވޭ ބާރުގެ ދަށުންނެވެ.

 

3 ވަނަ މާއްދާ - މަގުސަދު

(ހ) މި ގަވާއިދުގެ ބޭނުމަކީ، ބްރޯޑްކާސްޓްކުރުމުގެ ސިނާއަތު ފުޅާކުރުމުގެ ގޮތުން ޙާލަތަށް ރިއާޔަތްކޮށް ތިރީގައި ބަޔާންކުރާ މަގުސަދުތައް ހާސިލުކުރުމެވެ.

  1. ލައިސަންސްގެ ދަށުން ހިދުމަތް ފޯރުކޮށްދޭ ބްރޯޑްކާސްޓަރުންނާއިރީބްރޯޑްކާސްޓަރުން ކޮމިށަނަށް ދައްކަންޖެހޭ އަހަރީ ފީ އާއި، އަހަރީ ފީނުދެއްކުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދެއްކުމަށް
    އުސޫލެއް ކަނޑައެޅުން.
  2. ފައިސާ ނުދެއްކުމުގެ ސަބަބުން ލައިސަންސް އައުކުރުމަށް ހުރަސްއެޅިފައިވާތީލައިސަންސް އައުކުރުމަށް މަގުފަހިކޮށްދިނުން.
  3. ކޮވިޑް-19 އާ ގުޅިގެން ލައިސަންސްގެ އަހަރީފީ ދެއްކިފައިނުވާ ފަރާތްތަކުގެ ފައިސާދެއްކުމަށް ލުއިގޮތެއް ހަމަޖައްސައިދިނުން.

 

4 ވަނަ މާއްދާ - މި ގަވާއިދަށް އިސްކަންދިނުން

(ހ) އެހެން ގަވާއިދެއްގައި އެހެން ގޮތަކަށް ބަޔާންވެފައިވީނަމަވެސް މި ގަވާއިދު ށާއިއުކުރުމަށްފަހު ތިރީގައި ބަޔާންކުރާ ކަންކަމުގައި އަމަލުކުރާނީ މި ގަވާއިދުގައި ބަޔާންކުރާ ގޮތަށެވެ.

  1. ލައިސަންސް ދޫކުރުމާގުޅޭ ށަރުތު.
  2. ލައިސަންސާ ގުޅިގެން ކޮމިށަނަށް ދައްކަންޖެހޭ ފީތައް ދެއްކުން.
  3. ލައިސަންސާ ގުޅިގެން ދައްކަންޖެހޭ ފީނުދެއްކުމުގެ ސަބަބުން ޖޫރިމަނާ ކުރުން.
  4. ލައިސަންސް އައުކުރުން.
  5. ލައިސަންސް ހިފެހެއްޓުން.
  6. ލައިސަންސް ބާތިލުކުރުން.

(ށ) މި ގަވާއިދުގައި ވަކި ގޮތަކަށް ބަޔާންކޮށްފައިވާ ކަންކަމުގެ މައްޗަށް އަމަލުކުރުމުގައި އިސްތިސްނާވާ ގަވާއިދުތަކަކީ:

  1. ގަވާއިދު ނަންބަރު 2022-16 (ބްރޯޑްކާސްޓްކުރުމުގެ ގަވާއިދު)
  2. ގަވާއިދު ނަންބަރު 2022-01 (ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު)

 

ދެވަނަ ބާބު

ލައިސަންސް

 

5 ވަނަ މާއްދާ - ލައިސަންސް ގެ ށަރުތު

(ހ) މި ގަވާއިދުގެ ދަށުން ލައިސަންސް ދިނުމުގެ ށަރުތުތައް ކަމުގައި ބަޔާންކޮށް އެފައިވަނީ، މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކުރާ ފީ އާގުޅޭ ށަރުތުތަކެވެ.

(ށ) މި ގަވާއިދުގައި ވަކި ގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް މުޅިން އަލަށް ލައިސަންސަށް އެދި ހުށަހަޅާ ފަރާތްތަކުން އަމަލުކުރަންވާނީ، ތިރީގައި ބަޔާންކުރާ ގަވާއިދުތަކާއެއްގޮތަށެވެ.

  1. ގަވާއިދު ނަންބަރު 2022-16 (ބްރޯޑްކާސްޓްކުރުމުގެ ގަވާއިދު)
  2. ގަވާއިދު ނަންބަރު 2022-01 (ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު)

 

6 ވަނަ މާއްދާ - ލައިސަންސްފީ

(ހ) ކޮވިޑް-19 ގެ އާލަމީ ވަބާ ކުރިމަތިވުމާ ގުޅިގެން 2020 ،2021 ވަނަ އަހަރުގައި ކޮމިށަނަށް ދައްކަންޖެހޭ އަހަރީފީ ނުދެއްކިހުރި ފަރާތްތަކުން ލައިސަ ންސާ ގުޅޭ އެންމެހައި ފީތައް 2024 ވަނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށް ދައްކައި ހަލާސްކުރަންވާނެއެވެ.

(ށ) މި ގަވާއިދުގެ މަގުސަދު ހާސިލުކުރުމުގެގޮތުން، 2020 ،2021 ވަނަ އަހަރުގައި ކޮމިށަނަށް ދައްކަންޖެހޭ އަހަރީފީ ނުދެއްކިހުރި ފަރާތްތަކުން ކޮމިށަނަށް ލައިސަންސް ފީ ދެއްކުމާއި ބަލައިގަތުމުގައި 2024 މާރިޗު މަހާ ހަމައަށް ތިރީގައި ބަޔާންކޮށްފައިވާގަވާއިދުތަކުގެ މާއްދާތަކަށް އަމަލުކުރުން އިސްތިސްނާ ވެގެންވެއެވެ.

  1. ގަވާއިދު ނަންބަރު 2022-01 (ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު) ގެ 14 ވަނަ މާއްދާގެ (ނ) "ރީބްރޯޑްކާސްޓަރުން ދައްކަންޖެހޭ އަހަރީ ފީ، ކޮންމެ އަހަރެއްގެ މާރިޗުމހުގެ ނިޔަލަށް ދައްކައި ހަލާސްކުރަންވާނެއެވެ." 
  2. ގަވާއިދު ނަންބަރު 2022-16 (ބްރޯޑްކާސްޓްކުރުމުގެ ގަވާއިދު) ގެ 12 ވަނަމާއްދާގެ (ނ) "ބްރޯޑްކާސްޓްކުރާ ފަރާތްތަކުން ކޮމިށަނަށް ދައްކަންޖެހޭ އަހަރީ ފީ، ކޮންމެ އަހަރެއްގެ މާރިޗު މަހުގެ ނިޔަލަށް ދައްކަންވާނެއެވެ."

 

7 ވަނަ މާއްދާ - ފީ ނުދެއްކުމުން ޖޫރިމަނާ ކުރުން

(ހ) މި ގަވާއިދުގެ މަގުސަދު ހާސިލުކުރުމުގެ ގޮތުން ކޮވިޑް-19 އާ ގުޅިގެން 2020 އަދި 2021 ވަނަ އަހަރުގެ އަހަރީފީ ނުދައްކައިހުރި ފަރާތްތަކުން 2024 ވަނަ އަހަރުގެ މާރިޗު މަހާ ހަމައަށް އެއްވެސް ޖޫރިމަނާފައިސާއެއް ނުނެގޭނެއެވެ.

(ށ) މި ގަވާއިދުގެ މަގުސަދު ހާސިލުކުރުމުގެގޮތުން، 2024 ވަނަ އަހަރުގެ މާރިޗު މަހާ ހަމައަށް ކޮމިށަނަށް ލައިސަންސް ފީނުދެއްކުމުގެ ސަބަބުން ޖޫރިމަނާކުރުމުގައި، 2020 އަދި 2021 ވަނަ އަހަރުގެ އަހަރީފީ ނުދައްކައިހުރި ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ގަވާއިދުތަކުގެ މާއްދާތަކަށް އަމަލުކުރުން އިސްތިސްނާ ވެގެންވެއެވެ.

  1. ގަވާއިދު ނަންބަރު 2022-01 (ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު) ގެ 14 ވަނަ މާއްދާގެ (ބ) "ރީބްރޯޑްކާސްޓަރުން ދައްކަންޖެހޭ އަހަރީ ފީ، ކޮންމެ އަހަރެއްގެ މާރިޗުމހުގެ ނިޔަލަށް ދައްކައި ހަލާސްކުރަންވާނެއެވެ."
  2. ގަވާއިދު ނަންބަރު 2022-16 (ބްރޯޑްކާސްޓްކުރުމުގެ ގަވާއިދު) ގެ 12 ވަނަ މާއްދާގެ (ބ) "ބްރޯޑްކާސްޓްކުރާ ފަރާތްތަކުން ކޮމިށަނަށް ދައްކަންޖެހޭ އަހަރީ ފީ، ކޮންމެ އަހަރެއްގެ މާރިޗު މަހުގެ ނިޔަލަށް ދައްކަންވާނެއެވެ."

 

8 ވަނަ މާއްދާ - ލައިސަންސް އައުކުރުން

(ހ) ލައިސަންސްގެ ދަށުން ހިދުމަތް ފޯރުކޮށްދެއްވާ ފަރާތްތަކުގެ ތެރެއިން މި ގަވާއިދު ގެޒެޓްކުރުމާ ހަމައަށް 2020 އަދި 2021 ވަނަ އަހަރުގެ އަހަރީފީ ނުދައްކައިހުރިފަރާތްތަކުން ލައިސަންސް ދިނުމުގެ ށަރުތުތަކުގެ ތެރެއިން ތިރީގައި ބަޔާންކުރާ މާއްދާތަކަށް އަމަލުކުރުމުގައި މި ގަވާއިދުގެ ދަށުން ލައިސަންސް އައުކުރުމަށް އެދި ހުށަހަޅާ ފަރާތްތައް އިސްތިސްނާވެގެންވެއެވެ.

  1. ގަވާއިދު ނަންބަރު 2022-16 (ބްރޯޑްކާސްޓްކުރުމުގެ ގަވާއިދު) ގެ 4 ވަނަ މާއްދާގެ (ހ) ގެ (10) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ "ކޮމިށަނުން ކުރިން ދޫކޮށްފައިވާ ލައިސަންސަކާ ގުޅިގެން އެއްވެސް ފީއެއް ނުވަތަ ޖޫރިމަނާއެއް ދައްކަންޖެހޭ ކުންފުންޏެއް ކަމުގައި ނުވުން، ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއްގައިހިއްސާ އޮތް މީހެއްގެ ހިއްސާ ހިމެނޭ ކުންފުންޏެއް ކަމުގައި ނުވުން، ނުވަތަކޯޕަރޭޓިވް ސޮސައިޓީއެއް ކަމުގައި ނުވުން."
  2. ގަވާއިދު ނަންބަރު 2022-01 (ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު) ގެ 8 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ "ކޮމިށަނަށް ކުރިންދައްކަންޖެހޭ އެއްވެސް ފީއެއް ނުވަތަ ޖޫރިމަނާއެއް ދައްކަންޖެހި ނުދައްކައި އޮތް ކުންފުންޏެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއްގެ ހިއްސާ އޮތް ފަރާތެއް ކަމުގައި ނުވުން."

 

9 ވަނަ މާއްދާ - ފައިސޭ ދެއްކުމަށް އެއްބަސްވުންއެކުލަ ވައިލުން

(ހ) ކޮވިޑް-19 އާއި ގުޅިގެން 2020 އަދި 2021 ވަނަ އަހަރު ކޮމިށަނަށް ދައްކަންޖެހޭ އަހަރީ ފީ ނުދެއްކިހުރި ފަރާތްތަކުން އެދޭނަމަ، އެ ފައިސާ ގިނަވެގެން 12 (ބާރަ) މަސްދުވަހަށް ބަހައިލައިގެން ދެއްކުމުގެ ފުރުސަތު އެ ފަރާތަކަށް ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އެއްބަސްވުން އެކުލަވައިލެވޭނީ ފައިސާ ދެއްކުމަށް އެއްބަސްވެވޭ މުއްދަތު 2024 މާރިޗު މަހަށް އިތުރުނުވާ ގޮތުގެ މަތީންނެވެ.

(ނ) މި މާއްދާގެ ދަށުން ގާއިމުކުރެވޭ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރުމަކީ ލައިސަންސްގެ ށަރުތެއް ކަމުގައި ބެލެވޭނެއެވެ. އަދި އެއްބަސްވުމާ ހިލާފުވެއްޖެނަމަ މި ގަވާއިދުގެ 11 ވަނަ މާއްދާގައި ބަޔާންކުރާގޮތުގެމަތީން އެ ފަރާތެއްގެ ލައިސަންސް ބާތިލުކުރެވޭނެއެވެ.

 

10 ވަނަ މާއްދާ - ލައިސަންސް ހިފެހެއްޓުން

(ހ) މި ގަވާއިދުގެ 9 ވަނަ މާއްދާގެ ދަށުން ފައިސާ ދެއްކުމަށް އެއްބަސްވުން އެކުލަވައިލައިގެން ލައިސަންސް އައުކޮށްދެވޭ އެއްވެސް ފަރާތަކުން އެއްބަސްވުމުގައި ބަޔާންކުރާ ގޮތަށް ފައިސާ ނުދައްކާނަމަ އެ ފަރާތެއްގެ ލައިސަންސް 30 (ތިރީސް) ދުވަހުގެ މުއްދަތަށްހިފެހެއްޓޭނެއެވެ.

(ށ) މި ގަވާއިދުގެ ދަށުން ލައިސަންސް އައުކޮށްދެވޭ ފަރާތްތަކުން ފާއިތުވީ އަހަރުތަކުގައި ކޮމިށަނަށް ދައްކަންޖެހޭ ފައިސާ ނުދައްކައިހުރި ފަރާތްތަކުގެ ލައިސަންސް ހިފެހެއްޓުމުގައި ތިރީގައި ބަޔާންކުރާ ގަވާއިދުތަކުގެ މާއްދާތަކަށް އަމަލުކުރުންއިސްތިސްނާވެގެންވެއެވެ.

  1. ގަވާއިދު ނަންބަރު 2022-16 (ބްރޯޑްކާސްޓްކުރުމުގެ ގަވާއިދު ) ގެ 14 ވަނަ މާއްދާގެ (ހ)"ބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 3 ގައި ބަޔާންކޮށްފައިވާކަންތައްތަކުގެ ތެރެއިން ކަމަކާ ގުޅިގެން ދައްކަންޖެހޭ ޖޫރިމަނާއެއް، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ދައްކައިފައިނުވާނަމަ، އެ ޖޫރިމަނާއެއް ހޯދުމަށް ކޯޓަށް މައްސަލަ ހުށަހަޅަންވާނެއެވެ."
  2. ގަވާއިދު ނަންބަރު 2022-16 (ބްރޯޑްކާސްޓްކުރުމުގެ ގަވާއިދު) ގެ 14 ވަނަ މާއްދާގެ (ށ)"ބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 14 ވަނަ މާއްދާގެ (ހ) ގެ ފަދަ ޙާލަތެއް މެދުވެރިވެގެން ކޯޓުންކުރާ ޙުކުމަކާ އެއްގޮތަށް ޖޫރިމަނާ ފައިސާ ނުދައްކައިފިނަމަ އެ ފަރާތެއްގެ ލައިސަންސް 90 (ނުވަދިހަ) ދުވަހުގެ މުއްދަތަށްހިފަހައްޓަންވާނެއެވެ."

(ނ) ކޮމިށަނުން ދޫކޮށްފައިވާ ލައިސަންސެއްގެ ދަށުން ހިދުމަތް ފޯރުކޮށްދެމުންދާ އަދި މުއްދަތު ހަމަނުވާ ފަރާތްތަކުގެ ލައިސަންސް ހިފެހެއްޓުމަށް މި މާއްދާ އިސްތިސްނާވެގެންވެއެވެ.

 

11 ވަނަ މާއްދާ - ލައިސަންސް ބާތިލުކުރުން  (ނޯޓް: 11 ވަނަ ނަންބަރު 2 ފަހަރު ތަކުރާރުވެފައިވޭ)

(ހ) މި ގަވާއިދުގެ ދަށުން ލައިސަންސް އައުކޮށްދޭ ފަރާތްތަކުން ކޮމިށަނަށް ދައްކަންޖެހޭ ލައިސަންސްފީ މި ގަވާއިދުގެ 9 ވަނަ މާއްދާއާ އެއްގޮތަށް ދައްކައިފައިނުވާނަމަ، މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) އާ އެއްގޮތަށް އެ ފަރާތެއްގެ ލައިސަންސް ހިފެހެއްޓުމަށްފަހު އެ ފަރާތެއްގެ ލައިސަންސް ބާތިލުކުރުމަށް ކޯޓަށް ހުށަހަޅަންވާނެއެވެ.

(ށ) މި ގަވާއިދުގެ މުއްދަތުގެ ތެރޭގައި ލައިސަންސް ބާތިލުކުރުމުގައި ތިރީގައި ބަޔާންކުރާގަވާއިދުގެ މާއްދާއަށް އަމަލުކުރުން އިސްތިސްނާވެގެންވެއެވެ.

  1. ގަވާއިދު ނަންބަރު 2022-16 (ބްރޯޑްކާސްޓްކުރުމުގެ ގަވާއިދު) ގެ 15 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރު "ބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 12 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އަހަރީ ފީ، ޖެހިޖެހިގެން 2) ދޭއް) އަހަރުދުވަހު ދައްކައިފައިނުވުން."

 

ތިންވަނަ ބާބު

ގަވާއިދަށް އަމަލުކުރުން

 

11 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން (ނޯޓް: 11 ވަނަ ނަންބަރު 2 ފަހަރު ތަކުރާރުވެފައިވޭ)

މި ގަވާއިދަށް އަމަލުކުރަންފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ. މި ގަވާއިދު ދެމިއޮންނާނީ 2024 ވަނަ އަހަރުގެ މާރިޗު މަހާ ހަމައަށެވެ. 

 

މައި ގާނޫނު

ބްރޯޑްކާސްޓްކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 16/2010)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު