ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ގާނޫނު
(ގާނޫނު ނަންބަރު 2015-28)
އެއްވަނަ ބާބު
ފެށުން
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ ގުދުރަތީގޮތުންނާއި އެހެނިހެން ގޮތްގޮތުން ދިމާވާ އަރައްކާތަކާއި ކާރިސާތަކުން ދިވެހިރާއްޖޭގެ ސަރަހައްދާއި، ދިވެހި ރައްޔިތުންނާއި، ދިވެހި ރައްޔިތުންގެ ގެދޮރާއި މުދަލާއި، ދިވެހިރާއްޖޭގެ ތިމާވެއްޓާއި ބިނާވެށި ހިމާޔަތްކުރުމަށާއި، ކާރިސީހިރާސަށް ދިވެހިރާއްޖޭގެ ސަރަހައްދާ ދިވެހި ރައްޔިތުން ހުށަހެޅިފައިވާތީއާއި އަރައްކާތަކާއި ކާރިސާތަކާއި ކުއްލި ހާލަތުތައް ކުރިމަތިވަމުންދާކަމަށްޓަކައި، ކާރިސާއެއް ހިނގުމުގެ ކުރިން، ކުރިމަތިވެފައިވާ އަރައްކާތަކުގެ ސަބަބުންނާއި ދިވެހިރާއްޖެ ގުދުރަތީގޮތުން އުފެދިފައިވާ ނާޒުކުކަމުގެ ސަބަބުން ހުށަހެޅިފައިވާ ކާރިސީހިރާސް ކުޑަކުރުމަށް ކުރިއާލާ މަސައްކަތްކުރުމަށާއި، ކާރިސާތަކަށް ތައްޔާރުވުމަށާއި ކާރިސާތަކުން ރައްކާތެރިވެތިބުމަށާއި، އަދި މި ގާނޫނުގައި ބަޔާންކޮށްފައިވާ މަގްސަދުތައް ހާސިލުކުރުމަށްޓަކައި ކަނޑައަޅަންޖެހޭ އެންމެހައި ސިޔާސަތުތަކާއި، އުސޫލުތަކާއި މިންގަނޑުތައް ކަނޑައަޅައި ބަޔާންކުރުމުގެ ގާނޫނެވެ.
(ށ) މި ގާނޫނަށް ކިޔާނީ، "ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ގާނޫނު" އެވެ.
2 ވަނަ މާއްދާ – މަގްސަދު
މި ގާނޫނުގެ މަގްސަދަކީ އަންނަނިވި ކަންކަން ހާސިލުކުރުމެވެ.
(ހ) ގުދުރަތީގޮތުންނާއި އެހެނިހެން ގޮތްގޮތުން ކުރިމަތިވާ އަރައްކާތަކުންނާއި ކާރިސާތަކުން ރައްޔިތުން ސަލާމަތްކުރުން؛
(ށ) ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށާއި، ތައްޔާރުވެ ތިބުމުގެ މައިގަނޑު އުސޫލުތައް ކަނޑައެޅުން؛
(ނ) ކާރިސީހިރާސް ކުޑަކުރުމަށާއި އަދި ތައްޔާރުވެ ތިބުމުގެ ގައުމީ ޕްލެޓްފޯމް އެކުލަވާލުމާއި ކާރިސީހިރާސް ބެލެހެއްޓުމުގެ ޒިންމާ އުފުލާނެ ފަރާތްތައް ކަނޑައަޅައި، އެފަރާތްތަކުގެ މައިގަނޑު މަސްއޫލިއްޔަތުތައް ކަނޑައެޅުން؛
(ރ) ކާރިސާއަކަށް އިޖާބަދިނުމުގެ ކަންތައްތައް ރާވާ ހިންގާނެ ގޮތާއި ކާރިސާއަށްފަހު އިޔާދަވުމުގެ ހާލަތުގައި އެހީ ފޯރުކޮށްދިނުމާއި، އެހީ ހޯދުމާއި، މިކަންކަމާ ގުޅުންހުރި ކަންތައްތައް ވިލަރެސްކުރުމާބެހޭ އުސޫލުތައް ކަނޑައެޅުން؛
(ބ) ކާރިސީހިރާސް ކުޑަކުރުމާއި ބެލެހެއްޓުމުގައާއި ކާރިސާއަކާގުޅިގެން ކުރިމަތިވާ ކުއްލި ހާލަތުތަކުގައި ދިވެހިރާއްޖޭގެ ލާމަރުކަޒީ ދާއިރާތަކުން އުފުލަންޖެހޭ ޒިންމާގެ ދައުރު ކަނޑައެޅުން؛
(ޅ) ކާރިސީހިރާސް ކުޑަކުރުމާއި ބެލެހެއްޓުމާއި ކާރިސާއަކާއި ގުޅިގެން ކުރިމަތިވާ ކުއްލި ހާލަތުތަކުގައި ކަންތައްތައް ކުރާނެ ގޮތާ ބެހޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވައި، އެފަދަ ނުރައްކާތަކުން ރައްޔިތުން ސަލާމަތްކުރުވައި ބަރުދާސްތީ ގާބިލުކަން އިތުރުކުރުމަށް އުސޫލުތައް ކަނޑައަޅައި ބާރުއެޅުން؛
(ކ) ކާރިސީހިރާސް ކުޑަކުރުމުގެ އަސާސްތައް ގައުމީ ދެމެހެއްޓެނިވި ތަރައްގީގެ މަށްރޫއުތަކުގައި ހިމެނުމުގެ އުސޫލު ކަނޑައެޅުން؛
(އ) ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމާއި ތައްޔާރުވެ ތިބުމުގައި ދިވެހި ރައްޔިތަކީ ޒިންމާދާރު، މަސްއޫލުވެރި ރައްޔިތަކަށް ހެދުން.
3 ވަނަ މާއްދާ - މައިގަނޑު އަސާސްތައް
މި ގާނޫނު ބިނާވެގެންވަނީ އަންނަނިވި އަސާސްތައް ނަގަހައްޓައި، ދެމެހެއްޓުމުގެ މައްޗަށެވެ.
(ހ) ކާރިސާތަކާބެހޭ ކަންތައް ބަލަހައްޓަންވާނީ، އިސްލާމްދީނުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންކަމާއި، އިންސާނީ ހައްގުތަކާއި އިންސާނީ ކަރާމާތް ރައްކާތެރިވާ ގޮތަށްކަމާއި، އަދުލުވެރިކަމާއި، ހަމަހަމަކަމާއި، ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ ތަރަހައިގެ ތެރެއިންކަމާއި، ދިވެހިރާއްޖޭގެ ތިމާވެއްޓަށް ރައްކާތެރިވުމާއި، ތިމާވެށި ހިމާޔަތްކުރުމުގެ ގާނޫނުތަކާއި އެއްގޮތްވާ ގޮތުގެމަތިންކަމެވެ.
(ށ) ކާރިސާއެއްގެ ކަންތައް ބެލެހެއްޓުމުގައި، ކާރިސާއަކަށް ރައްޔިތުން ހުށަހެޅިފައިވާނަމަ، އެ ކާރިސާއަކަށް އިޖާބަދިނުމުގައާއި އެ ކާރިސާއަކުން އިޔާދަވުމުގައި، ސަރުކާރަށް އެހީތެރިވާ ހުރިހާ ފަރާތްތަކެއްގެ މަސްއޫލިއްޔަތުތައް ތަރުތީބުކުރުމުގައި މިކަމަށް އެންމެ އިސްކަމެއްދިނުމާއި، އަވަސްކަމާއެކު އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ދެފުށް ފެންނަ އަދި ޒިންމާދާރު ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ގުޅިގެން މަސައްކަތްކުރުމުގެ ރޫހު އޮތުމަށާއި، ނަޒާހަތްތެރިކަމާއެކު އެހީތެރިވުމުގެ މަތިންކަމެވެ.
ދެވަނަ ބާބު
ދައުލަތާއި ރައްޔިތުންގެ ދައުރާއި ހައްގުތައް
4 ވަނަ މާއްދާ - ކާރިސާގެ ކަންތައް ބެލެހެއްޓުމުގައި ދައުލަތުގެ ދައުރު
ކާރިސާގެ ކަންތައް ބެލެހެއްޓުމުގައި ދައުލަތުގެ ދައުރު ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ރައްޔިތުންގެ ފުރާނައާއި މުދާ ރައްކާތެރިކުރުމުގެ ޒިންމާގެ ދަށުން އަރައްކާތަކާއި ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމާއި، ކާރިސާތަކުން އިޔާދަވުމުގެ ގާބިލުކަން އިތުރުކުރުމާއި ރައްކާތެރިކަން، ލިބިފައިވާ މުޖުތަމައުތަކެއް އުފެއްދުން؛
(ށ) ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގެ އަސާސްތައް ދައުލަތުގެ ސިޔާސަތުތަކުގައި ހިމެނުން؛
(ނ) ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގެ ބައިނަލްއަގްވާމީ މިންގަނޑުތައް ދެމެހެއްޓެނިވި ތަރައްގީގެ ޕްލޭންތަކާއި މަށްރޫއުތަކުގައި ބޭނުންކުރުން؛
(ރ) ދިވެހިރާއްޖެއަށް ކުރިމަތިވެދާނެ ކާރިސީހިރާސްތައް ދެނެގަތުމާއި ގައުމީ އަދި ރަށު ފެންވަރުގައި ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމާއި އެކަމަށް ތައްޔާރުވެތިބުމުގެ ގާބިލުކަން އިތުރުކުރުން؛
(ބ) ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމާއި އެކަމަށް ތައްޔާރުވެ ތިބުމުގެ މަސައްކަތުގައި އިގްތިސާދީ، އިޖުތިމާއީ، އަދި މަދަނީ ހުރިހާ މުއައްސަސާތަކާއި ޖަމްއިއްޔާތައް ބައިވެރިކުރުން؛
(ޅ) ކާރިސާއެއްގެ ސަބަބުން ހާލުގައި ޖެހޭ މީހުންނަށް ނުވަތަ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށާއި ކާރިސާތަކަށް އިޖާބަދިނުމާއި ރިލީފް އެހީ ފޯރުކޮށްދިނުމާއި އާންމު ހާލަތަށް ރުޖޫއަވުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
5 ވަނަ މާއްދާ - ކާރިސާގެ ކަންކަން ބެލެހެއްޓުމުގައި ރައްޔިތުންގެ ދައުރާއި ހައްގުތައް
(ހ) ކާރިސާގެ ކަންކަން ބެލެހެއްޓުމުގައި ރައްޔިތުންގެ ދައުރާއި ހައްގުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
- ކާރިސާތަކަށް ތައްޔާރުވެ ތިބުމަށް އަހުލުވެރިވުން؛
- ކާސާއެއްގެ ހާލަތުގައި ވަގުތީ ރައްކާތެރި ތަނަކަށް ބަދަލުވުމުގެ އަމުރެއް ނެރެވިއްޖެ ހިނދެއްގައި އެ އަމުރަކަށް ތަބާވުން؛
- ކާރިސާއެއްގެ ވަގުތު އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ކެރިކުޅަދާނަކަން ހުރި މިންވަރަކުން އެހީތެރިކަން ފޯރުކޮށްދިނުން؛
- ކާރިސާގެ ވަގުތުގައާއި އިޔާދަވުމުގެ ހާލަތުގައި ކުރިމަތިވި ނުރައްކަލުން ލިބޭ ގެއްލުން ކުޑަކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުން؛
- ކާރިސާތަކުން ލިބޭ ގެއްލުން ޒިންމާދާރުކަމާއެކު ރިޕޯޓްކުރުން؛
- ކާރިސާތައް ބެލެހެއްޓުމުގެ ކަންކަން ރާވައި ހިންގުމުގައި ބައިވެރިވުން؛
- ކާރިސާއެއްގެ ސަބަބުން ހާލުގައިޖެހޭ ކޮންމެ ރައްޔިތެއްގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންވާ އެހީ ލިބިދިނުން.
(ށ) ކާރިސާ ހިނގި ވަގުތުގައި ދިވެހިރާއްޖޭގައި ހުރުމުގެ ސަބަބުން ހާލުގައިޖެހޭ ކޮންމެ މީހަކަށް ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންވާ އެހީ ލިބެންވާނެއެވެ.
ތިންވަނަ ބާބު
ކާރިސާއެއްކަން ކަނޑައެޅުމާއި، އިއުލާންކުރުން އަދި ރިލީފް ފޯރުކޮށްދިނުމުގައި މަދުވެގެން ހުންނަންޖެހޭ މިންގަނޑު
6 ވަނަ މާއްދާ - ކާރިސާއެއްކަން ކަނޑައެޅުން
(ހ) ކާރިސާގެ ހާލަތުކަމުގައި ބެލެވޭނީ، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ނުވަތަ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށަކަށް ނުވަތަ ރަށްތަކަކަށް، ދިވެހިރާއްޖޭގައި ހެދިފައިވާ ރިޒޯޓަކަށް ނުވަތަ ރިޒޯޓުތަކަކަށް، ދިވެހިރާއްޖޭގެ ރަށްތަކުގެ ތެރެއިން ސިނާއީ މަސައްކަތްކުރަމުންދާ ރަށަކަށް ނުވަތަ ރަށްތަކަކަށް، އަދި މިނޫންވެސް ދިވެހިރާއްޖޭގައި މީހުން އުޅޭ އެހެނިހެން ސަރަހައްދަކަށް ކުރިމަތިވާ ހާލަތެއްގެ ސަބަބުން މީހުންގެ ފުރާނައަށް، ނުވަތަ މުދަލަށާއި، ގެދޮރަށް، ދަނޑު ބިމަށާއި، އުމްރާނީ ވަސީލަތްތަކަށް އަދި އިގްތިސާދަށާއި ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބުމާއެކު އެ ގެއްލުންތަކަކީ، ރައްޔިތުންގެ އަމިއްލަ މަސައްކަތުންނާއި ލިބެން ހުރި ވަސީލަތްތައް ބޭނުންކުރުމާއެކުވެސް އަރައިނުގަނެވޭފަދަ ބޮޑު ގެއްލުމެއް ދިމާވުމުންނެވެ.
(ށ) ކާރިސާއެއް އިއުލާންކުރުމުގައި އެ ކާރިސާއެއްގެ ސަބަބުން ހާލުގައިޖެހޭ މީހުންގެ ނިސްބަތަށާއި، އެ ކާރިސާއެއްގެ ކުޑަބޮޑުމިނަށާއި، ދިމާވި ސަރަހައްދެއްގެ ކުޑަބޮޑުމިނަށް ބަލައި، އެއީ ގައުމީ ފެންވަރުގެ ނުވަތަ ސަރަހައްދީ ފެންވަރުގެ، ނުވަތަ އަތޮޅު ފެންވަރުގެ، ނުވަތަ ރަށު ފެންވަރުގެ ކާރިސާއެއްކަން އިއުލާންކުރެވިދާނެއެވެ.
7 ވަނަ މާއްދާ - ކާރިސާގެ ހާލަތު ކަނޑައެޅުމާއި އިއުލާންކުރުން
(ހ) ކާރިސާގެ ހާލަތު ކަނޑައަޅާނީ، މި ގާނޫނުގެ ދަށުން އުފައްދާ ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ލަފައާއެކު މި ގާނޫނުގެ ދަށުން އުފައްދާ ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލުންނެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލުން ނިންމާ ނިންމުން އިއުލާންކުރާނީ ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލްގެ ޗެއަރ ޕަރސަން ނުވަތަ އެ ކައުންސިލުން ކަނޑައަޅާ އެހެން ފަރާތަކުންނެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން އިއުލާންކުރާ ނިންމުން ހިނގާނީ، އިއުލާނުކުރެވޭ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށެވެ. އަދި މުއްދަތު އިތުރުކުރަން ބޭނުންވެއްޖެނަމަ ފަހަރަކު 30 (ތިރީސް) ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ކާރިސާގެ ހާލަތުގެ މުއްދަތު އިތުރުކުރެވިދާނެއެވެ.
8 ވަނަ މާއްދާ - ރިލީފް ފޯރުކޮށްދިނުމުގައި މަދުވެގެން ހުންނަންޖެހޭ މިންގަނޑު
ދައުލަތުގެ ފަރާތުން ކާރިސާއަކަށް އިޖާބަދިނުމުގައާއި އިޔާދަވުމުގެ ހާލަތުގައި ފޯރުކޮށްދޭންޖެހޭ ރިލީފްގައި މަދުވެގެން ހުންނަންޖެހޭ މިންގަނޑު މި ގާނޫނުގެ ދަށުން ހެދޭ ގަވާއިދަކުން ނުވަތަ އުސޫލަކުން ނުވަތަ އޮނިގަނޑަކުން ބަޔާންކުރަންވާނެއެވެ. މި މިންގަނޑު ތައްޔާރުކުރާނީ ކަމާ ގުޅުންހުރި ދާއިރާތަކުގެ ލަފަޔާއެކު މި ގާނޫނުގެ ދަށުން އުފައްދާ ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީންނެވެ.
ހަތަރުވަނަ ބާބު
މަސްއޫލިއްޔަތުތަކާއި ޒިންމާތަކާއި ބާރު
އެއްވަނަ ބައި
ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލް
9 ވަނަ މާއްދާ - ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލް އުފެއްދުން
މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި "ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލް" ގެ ނަމުގައި ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަންވާނެއެވެ.
10 ވަނަ މާއްދާ - ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލްގެ މަގްސަދު
ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލްގެ މައިގަނޑު މަގްސަދަކީ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމާއި ތައްޔާރުވެތިބުމާއި، ކާރިސާތަކަށް އިޖާބަދިނުމާއި، ކާރިސާތަކުން އިޔާދަވުމާބެހޭ ނިންމުންތައް ނިންމައި ގައުމީ ސިޔާސަތުތައް ކަނޑައެޅުމެވެ.
11 ވަނަ މާއްދާ - ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލްގެ މަސްއޫލިއްޔަތުތައް
ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލްގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް ހާސިލުކުރުމަށްޓަކައި، ކާރިސާގެ ކަންކަން ބެލެހެއްޓުމަށްޓަކައި ނިންމަންޖެހޭ ނިންމުންތައް ނިންމުމަށް ލަފާދީ، މަގުދައްކައި، އެފަދަ ނިންމުންތައް ފާސްކުރުން؛
- މީހުންގެ ރައްކާތެރިކަމާއި، ސިއްހަތާއި، އިންސާނީ ހައްގުތައް ހިމާޔަތްކުރުން؛
- ކާރިސާއާގުޅޭ ކަންތައްތައް ބެލެހެއްޓުމާ ގުޅުންހުރި ހުރިހާ ދާއިރާއެއްގައި ކަމާބެހޭ ހުރިހާ ފަރާތެއްގެ ހިޔާލު ހޯދައިގެން ނިންމުންތައް ނިންމާ ނިޒާމެއްގެ ތެރެއިން، ސަރުކާރާއި ރައްޔިތުންނާއި ވިޔަފާރިވެރިންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމާއަތްތަކުގެ ހުރިހާ ފަންތިއެއްގެ މެދުގައި ގުޅުން ގާއިމުކޮށް އެ ގުޅުން ވަރުގަދަކުރުން؛
- ސަރުކާރުގެ މުއައްސަސާތަކާއި ކަމާގުޅޭ ބައިނަލްއަގްވާމީ ޖަމާއަތްތަކާ ގުޅުން ގާއިމުކޮށް އެ ގުޅުން ބަދަހިކުރުން؛
- ގުދުރަތީ ތިމާވެށި އަދި ބިނާވެށި ރައްކާތެރިކުރުން؛
- ކާރިސީހިރާސް ކުޑަކުރުމާއި ކާރިސާތަކަށް ތައްޔާރުވުމާއި، ކާރިސާއަށް އިޖާބަދޭ ހާލަތުގައާއި އިޔާދަވުމުގެ ހާލަތުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި ކާރިސާތައް ތަހައްމަލްކުރުމުގެ ގާބިލުކަން ރައްޔިތުންގެ މެދުގައި އުފައްދައި އިތުރުކުރުން.
(ށ) ކައުންސިލްގެ މަސައްކަތަށް ޖަވާބުދާރީވުމާއި، ދެފުށްފެންނަ ގޮތަށް މަސައްކަތްކުރުމާއި، އިންސާފުވެރިކަން ކައުންސިލުގެ މަސައްކަތް އަދާކުރުމުގައި ގެންގުޅުން؛
(ނ) ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ތައްޔާރުކުރާ ގަވާއިދުތައް ފާސްކުރުން؛
(ރ) ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭނާއި ނޭށަނަލް އިމަރޖެންސީ އޮޕަރޭށަންސް ޕްލޭން ފާސްކުރުމާއި މުރާޖައާކުރުން؛
(ބ) ރައްޔިތުންގެ މަޖިލީހަށާއި ސަރުކާރުގެ އެހެނިހެން އިދާރާތަކަށް މި މާއްދާގެ
(ރ) ގައި ބަޔާންކޮށްފައިވާ ޕްލޭންތައް ހުށަހަޅައިދިނުމާއި ރޭވުންތަކުގެ މައިގަނޑު އަސާސްތައް ރައްޔިތުންނަށް އަންގައިދިނުން؛
(ޅ) ކާރިސާގެ ހާލަތު އިއުލާނުކުރުން؛
(ކ) ކާރިސާއެއްކަން އިއުލާނުކުރުމާ ވިދިގެން ކާރިސާއަކަށް އިޖާބަދިނުމުގެ ހަރަކާތަށް އެހީތެރިވުމަށް ސަރުކާރުގެ މިނިސްޓްރީތަކާއި، އޮފީސްތަކާއި، ކައުންސިލްތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތައް ބައިވެރިކުރުން؛
(އ) ކާރިސާތަކާއި އަރައްކާތަކުގެ ސަބަބުން ރައްޔިތުން އާމްދަނީ ހޯދުމަށް ކުރަމުންއައި މަސައްކަތްތަކަށް ކޮށްފާނެ އަސަރަކުން އަރައިގަތުމުގެ ސިޔާސަތު ކަނޑައެޅުން؛
(ވ) ކާރިސާއެއްކަން އިއުލާނުކުރުމާ ވިދިގެން ކާރިސާއަކަށް އިޖާބަދިނުމާއި ކާރިސާއަކުން އިޔާދަވުމަށް ބައިނަލްއަގްވާމީ އެހީހޯދުމަށް ނިންމުން.
12 ވަނަ މާއްދާ - ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލް އެކުލެވިގެންވާގޮތް
ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލް އެކުލެވިގެންވާނީ، ތިރީގައި ބަޔާންކޮށްފައިވާ މެންބަރުންގެ މައްޗަށެވެ.
(ހ) ރައީސުލްޖުމްހޫރިއްޔާ؛
(ށ) ދިފާއީ ކަންކަމާ މަސްއޫލުވާ ވުޒާރާގެ ވަޒީރު؛
(ނ) ދާހިލީ ކަންކަމާ މަސްއޫލުވާ ވުޒާރާގެ ވަޒީރު؛
(ރ) ހާރިޖީ ކަންކަމާ މަސްއޫލުވާ ވުޒާރާގެ ވަޒީރު؛
(ބ) މާލީ ކަންކަމާ މަސްއޫލުވާ ވުޒާރާގެ ވަޒީރު؛
(ޅ) ސިއްހީ ދާއިރާއާ މަސްއޫލުވާ ވުޒާރާގެ ވަޒީރު؛
(ކ) ގެދޮރާއި ބިނާވެށްޓާބެހޭ ކަންކަމާ މަސްއޫލުވާ ވުޒާރާގެ ވަޒީރު؛
(އ) ތިމާވެށްޓާބެހޭ ކަންކަމާ މަސްއޫލުވާ ވުޒާރާގެ ވަޒީރު؛
(ވ) ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް.
13 ވަނަ މާއްދާ - ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލްގެ ޗެއަރޕަރސަން
ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލްގެ ޗެއަރޕަރސަނަކީ،ރައީސުލްޖުމްހޫރިއްޔާއެވެ.
14 ވަނަ މާއްދާ - ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލްގެ ވައިސް ޗެއަރޕަރސަން
ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލްގެ ވައިސް ޗެއަރޕަރސަނަކީ، ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލްގެ މެންބަރުންގެ ތެރެއިން ޗެއަރޕަރސަން ކަނޑައަޅާ މެންބަރެކެވެ.
15 ވަނަ މާއްދާ - ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލްގެ ޗެއަރޕަރސަންގެ މަސްއޫލިއްޔަތުތައް
(ހ) ކައުންސިލްގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓައި، މި ގާނޫނުން ކައުންސިލާ ހަވާލުކޮށްފައިވާ އެންމެހައި މަސްއޫލިއްޔަތުތައް ކައުންސިލުން އަދާކުރުމަށް ބާރުއަޅައި، އެކަންކަން ކުރެވޭނެ މަގު ހަމަޖައްސައިދީ، ކައުންސިލްގެ މެންބަރުންގެ މަށްވަރާގެ ދަށުން ކާރިސާގެ ކަންކަން ބެލެހެއްޓުމަށް ލަފާދިނުމަކީ، ޗެއަރޕަރސަންގެ މަސްއޫލިއްޔަތެކެވެ.
(ށ) އެއްވެސް ސަބަބަކާހުރެ ޗެއަރޕަރސަން ކައުންސިލްގެ ބައްދަލުވުމަކަށް ހާޒިރުވުމަށް އުޒުރުވެރިވެއްޖެ ހާލަތެއްގައި، ނުވަތަ ޗެއަރޕަރސަންގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް އޭނާ ނުކުޅެދިއްޖެ ހާލަތެއްގައި، ނުވަތަ އެ މަގާމު ހުސްވެއްޖެ ހާލަތެއްގައި، އެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރާނީ ކައުންސިލްގެ ވައިސް ޗެއަރޕަރސަނެވެ. މީގެ އިތުރުން، ޗެއަރޕަރސަން، ވައިސް ޗެއަރޕަރސަނާ ހަވާލުކުރާ މަސްއޫލިއްޔަތުތައްވެސް އޭނާ އަދާކުރަންވާނެއެވެ.
(ނ) އެއްވެސް ސަބަބަކާހުރެ ކައުންސިލްގެ ޗެއަރޕަރސަން އަދި ވައިސް ޗެއަރޕަރސަން ކައުންސިލްގެ ބައްދަލުވުމަކަށް ހާޒިރުވުމަށް އުޒުރުވެރިވެއްޖެ ހާލަތެއްގައި، ނުވަތަ މަސްއޫލިއްޔަތުތައް އަދާކުރުމަށް ނުކުޅެދިއްޖެ ހާލަތެއްގައި، ނުވަތަ އުޒުރުވެރިވެއްޖެ ހާލަތެއްގައި، ނުވަތަ އެ މަގާމު ހުސްވެއްޖެ ހާލަތެއްގައި، އެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރާނީ ކައުންސިލްގެ މަށްވަރާގެ މަތިން ކައުންސިލުން ކަނޑައަޅާ ކައުންސިލްގެ މެންބަރެކެވެ.
16 ވަނަ މާއްދާ - ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލް ބައްދަލުވުންތައް
ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލްގެ ބައްދަލުވުންތައް ކާރިސާގެ ހާލަތަށް ރިއާޔަތްކޮށް ބާއްވަންވާނެއެވެ.
17 ވަނަ މާއްދާ - ބައްދަލުވުންތައް ކުރިއަށްގެންދާނެ ގޮތް
ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލްގެ ބައްދަލުވުންތައް ކުރިއަށްގެންދާނެ ގޮތުގެ ގަވާއިދުތައް ކައުންސިލުން ހަދަންވާނެއެވެ.
18 ވަނަ މާއްދާ - ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލްގެ ސެކްރެޓޭރިއަޓް
ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލްގެ އިދާރީ ކަންތައްތައް ބަލަހައްޓާނީ، ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީންނެވެ.
ދެވަނަ ބައި
ޑިޒާސްޓަރ މެނޭޖްމަންޓް ސްޓިއަރިންގ ކޮމިޓީ
19 ވަނަ މާއްދާ - ޑިޒާސްޓަރ މެނޭޖްމަންޓް ސްޓިއަރިންގ ކޮމިޓީ އުފެއްދުން
(ހ) "ޑިޒާސްޓަރ މެނޭޖްމަންޓް ސްޓިއަރިންގ ކޮމިޓީ" ގެ ނަމުގައި ކޮމިޓީއެއް ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލުން އެކުލަވާލަންވާނެއެވެ.
(ށ) ޑިޒާސްޓަރ މެނޭޖްމަންޓް ސްޓިއަރިންގ ކޮމިޓީގެ އިދާރީ ހިންގުން ބަލަހައްޓާނީ ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީންނެވެ.
20 ވަނަ މާއްދާ - ޑިޒާސްޓަރ މެނޭޖްމަންޓް ސްޓިއަރިންގ ކޮމިޓީގެ މަގްސަދުތައް
ޑިޒާސްޓަރ މެނޭޖްމަންޓް ސްޓިއަރިންގ ކޮމިޓީގެ މަގްސަދުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ދިވެހިރާއްޖޭގައި ހިނގާ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ތައްޔާރުވެ ތިބުމާއި، ކާރިސާތަކަށް އިޖާބަދިނުމާއި، ކާރިސާތަކުން އިޔާދަވުމުގެ ހުރިހާ ކަންތައްތަކެއް ވިލަރެސްކުރުން؛
(ށ) ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލުން އެކަށައަޅާ ސިޔާސަތުތައް ކުރިއަށްދާގޮތް ބަލައި ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށް ލަފާދީފައިވާ ކަންކަމަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން؛
(ނ) އެކި ދާއިރާތަކުން ކާރިސާގެ ކަންކަން ބެލެހެއްޓުމުގައި އުފުލަންޖެހޭ ޒިންމާ އުފުލާތޯ ބަލައި އެފަދަ ކަންތައްތަކާ ބެހޭގޮތުން ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށާއި ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
21 ވަނަ މާއްދާ - ޑިޒާސްޓަރ މެނޭޖްމަންޓް ސްޓިއަރިންގ ކޮމިޓީގެ މަސްއޫލިއްޔަތުތައް
ޑިޒާސްޓަރ މެނޭޖްމަންޓް ސްޓިއަރިންގ ކޮމިޓީގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި، ދިވެހިރާއްޖޭގައި ކާރިސާއާގުޅޭ ކަންތައްތައް ބެލެހެއްޓުމާއި، އެއާ ގުޅުންހުރި ކަންތައްތައް ކުރިއަށް ގެންދިއުމުގައި ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލުން އެކަށައަޅާ ސިޔާސަތުތަކާއި ޕްލޭންތައް ތަންފީޒުކުރުމުގެ ކަންތައްތައް ވިލަރެސްކުރުމާއި ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލަށް ޖަވާބުދާރީވުން؛
(ށ) ސަރުކާރުގެ މުއައްސަސާތަކާއި، ސަރުކާރުގެ މަގާމުތަކުގައި ތިބި ފަރާތްތަކުން
މި ގާނޫނަށް ތަބާވޭތޯބެލުމާއި، ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން ތަންފީޒުކުރޭތޯ ބެލުން؛
(ނ) ކާރިސާތަކަށް އިޖާބަދިނުމާއި، ހާލުގައިޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށް ލަފާދިނުން؛
(ރ) އިންސާނީ އެހީ ހޯދުމާއި ރިލީފް އެހީގެ ގޮތުގައި ދިވެހިރާއްޖެއަށް އެތެރެކުރެވޭ ތަކެތީގެ ކަންތައް ވިލަރެސްކުރުން؛
(ބ) ކާރިސާތަކަށް އިޖާބަދިނުމުގެ ހުރިހާ ކަމަކާއި ރިލީފް އެހީ ފޯރުކޮށްދިނުމުގެ ހުރިހާ ކަމެއް ވިލަރެސްކުރުން؛
(ޅ) ކާރިސާއަކުން އިޔާދަވުމަށް ކުރާ މަސައްކަތްތައް ވިލަރެސްކުރުން؛
(ކ) ބޭރުގެ ގައުމުތަކަށް ދިމާވާ ބޮޑެތި ކާރިސާތަކުގައި ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލުން ކަނޑައަޅާ ގޮތުގެމަތިން އެހީތެރިކަން ފޯރުކޮށްދިނުން؛
(އ) ކާރިސާތަކުގައި ނުވަތަ ކާރިސާއެއްގެ ބިރުވެރިކަން ލިބިފައިވާ ހާލަތްތަކުގައި، ކާރިސާގެ ނުރައްކާތެރިކަމާއި ގެއްލުން ކުޑަކުރުމާއި، އެކަމަށް ތައްޔާރުވުމާއި ގާބިލުކަން އިތުރުކުރުމުގެ ބޭނުމުގައި، ޑިޒާސްޓަރ މެނޭޖްމަންޓް ސްޓިއަރިންގ ކޮމިޓީއަށް އަޅަންފެންނަ ފިޔަވަޅުތައް އެޅުން.
22 ވަނަ މާއްދާ - ޑިޒާސްޓަރ މެނޭޖްމަންޓް ސްޓިއަރިންގ ކޮމިޓީ އެކުލެވިގެންވާ ގޮތް
(ހ) ޑިޒާސްޓަރ މެނޭޖްމަންޓް ސްޓިއަރިންގ ކޮމިޓީ އެކުލެވިގެންވަނީ އަންނަނިވި ދާއިރާތަކުން އައްޔަންކުރެވޭ މެންބަރުންގެ މައްޗަށެވެ.
- ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް؛
- ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް؛
- ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގައި އިދާރީގޮތުން އެންމެ އިސް މުވައްޒަފު؛
- ސިއްހަތާބެހޭ ވުޒާރާއިން ކަނޑައަޅާ މެންބަރެއް؛
- މާލިއްޔަތާބެހޭ ވުޒާރާއިން ކަނޑައަޅާ މެންބަރެއް؛
- ބިނާވެއްޓާބެހޭ ވުޒާރާއިން ކަނޑައަޅާ މެންބަރެއް؛
- މޫސުމާބެހޭ ކަންތައްތައް ބަލަހައްޓާ އިދާރާއިން ކަނޑައަޅާ މެންބަރެއް؛
- ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކަނޑައަޅާ މެންބަރެއް؛
- މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކަނޑައަޅާ މެންބަރެއް؛
- މޯލްޑިވްސް ނޭށަނަލް ޑިފެންސް ފޯސްއިން ކަނޑައަޅާ މެންބަރެއް؛
- ސަރުކާރުގެ އެކި އިދާރާތަކުން ޑިޒާސްޓަރ މެނޭޖްމަންޓް ސްޓިއަރިންގ ކޮމިޓީގެ ޗެއަރޕަރސަން ކަނޑައަޅާ ފަރާތްތައް؛
- ދިވެހި ރެޑް ކްރެސެންޓްގެ ފަރާތުން ކަނޑައަޅާ މެންބަރެއް؛
- ޑިޒާސްޓަރ މެނޭޖްމަންޓް ސްޓިއަރިންގ ކޮމިޓީގެ ޗެއަރޕަރސަން އައްޔަންކުރާ އަމިއްލަ ވިޔަފާރި ޖަމާއަތްތައް ތަމްސީލުކުރާނެ މެންބަރެއް؛
- ޑިޒާސްޓަރ މެނޭޖްމަންޓް ސްޓިއަރިންގ ކޮމިޓީގެ ޗެއަރޕަރސަން އައްޔަންކުރާ ކަމާގުޅޭ ދާއިރާގެ މާހިރުން.
(ށ) ޑިޒާސްޓަރ މެނޭޖްމަންޓް ސްޓިއަރިންގ ކޮމިޓީގެ ޗެއަރޕަރސަނަށް ފެނިއްޖެ ހިނދެއްގައި، އާންމުންގެ ތެރެއިން ނުވަތަ އަމިއްލަ ޖަމްއިއްޔާ ޖަމާއަތްތައް ތަމްސީލުކުރާނެ މެންބަރުން ޑިޒާސްޓަރ މެނޭޖްމަންޓް ސްޓިއަރިންގ ކޮމިޓީއަށް އައްޔަންކުރެވިދާނެއެވެ.
(ނ) ޑިޒާސްޓަރ މެނޭޖްމަންޓް ސްޓިއަރިންގ ކޮމިޓީގެ ޗެއަރޕަރސަނަކީ، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަރާތެވެ.
(ރ) ޑިޒާސްޓަރ މެނޭޖްމަންޓް ސްޓިއަރިންގ ކޮމިޓީގެ ވައިސް ޗެއަރޕަރސަނަކީ، ކޮމިޓީގެ މެންބަރުންގެ ތެރެއިން ސަރުކާރަށް ނިސްބަތްވާ މެންބަރުންގެ ތެރެއިން، ކޮމިޓީގެ ޗެއަރޕަރސަން ކަނޑައަޅާ މެންބަރެކެވެ.
23 ވަނަ މާއްދާ - ޑިޒާސްޓަރ މެނޭޖްމަންޓް ސްޓިއަރިންގ ކޮމިޓީގެ ބައްދަލުވުންތައް
(ހ) ޑިޒާސްޓަރ މެނޭޖްމަންޓް ސްޓިއަރިންގ ކޮމިޓީގެ ބައްދަލުވުންތައް ބާއްވަންވާނީ ސްޓިއަރިންގ ކޮމިޓީގެ ޗެއަރޕަރސަން ކަނޑައަޅާ ގޮތެއްގެމަތިން ބައްދަލުވުމަކަށް ބޭނުން ޖެހިއްޖެ ހިނދެއްގައެވެ.
(ށ) ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓަންވާނީ ޑިޒާސްޓަރ މެނޭޖްމަންޓް ސްޓިއަރިންގ ކޮމިޓީގެ ޗެއަރޕަރސަނެވެ.
(ނ) އެއްވެސް ސަބަބަކާހުރެ ޑިޒާސްޓަރ މެނޭޖްމަންޓް ސްޓިއަރިންގ ކޮމިޓީގެ ޗެއަރޕަރސަން ޑިޒާސްޓަރ މެނޭޖްމަންޓް ސްޓިއަރިންގ ކޮމިޓީގެ ބައްދަލުވުމަކަށް ހާޒިރުވުމަށް އުޒުރުވެރިވެއްޖެ ހާލަތެއްގައި، ނުވަތަ ޑިޒާސްޓަރ މެނޭޖްމަންޓް ސްޓިއަރިންގ ކޮމިޓީގެ ޗެއަރޕަރސަންގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް އޭނާ ނުކުޅެދިއްޖެ ހާލަތެއްގައި، ނުވަތަ އެ މަގާމު ހުސްވެއްޖެ ހާލަތެއްގައި، އެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރާނީ ޑިޒާސްޓަރ މެނޭޖްމަންޓް ސްޓިއަރިންގ ކޮމިޓީގެ ވައިސް ޗެއަރޕަރސަނެވެ. މީގެ އިތުރުން، ޑިޒާސްޓަރ މެނޭޖްމަންޓް ސްޓިއަރިންގ ކޮމިޓީގެ ޗެއަރޕަރސަން، ޑިޒާސްޓަރ މެނޭޖްމަންޓް ސްޓިއަރިންގ ކޮމިޓީގެ ވައިސް ޗެއަރޕަރސަނާ ހަވާލުކުރާ މަސްއޫލިއްޔަތުތައްވެސް އޭނާ އަދާކުރަންވާނެއެވެ.
(ރ) މި ގާނޫނުގެ 22 ވަނަ މާއްދާގެ (ނ) އަދި (ރ) ގައި ބުނާ ކޮމިޓީގެ ޗެއަރޕަރސަން އަދި ވައިސް ޗެއަރޕަރސަންވެސް އެކަމަށް އުޒުރުވެރިވެއްޖެ ހާލަތެއްގައި އެ މަސްއޫލިއްޔަތު އަދާކުރާނީ ކޮމެޓީގެ މަށްވަރާގެ މަތިން ކޮމިޓީން ކަނޑައަޅާ މެންބަރެކެވެ.
(ބ) ޑިޒާސްޓަރ މެނޭޖްމަންޓް ސްޓިއަރިންގ ކޮމިޓީގެ ބައްދަލުވުންތައް ކުރިއަށްގެންދާނެގޮތުގެ ގަވާއިދުތައް ޑިޒާސްޓަރ މެނޭޖްމަންޓް ސްޓިއަރިންގ ކޮމިޓީން ހަދަންވާނެއެވެ.
24 ވަނަ މާއްދާ - ޑިޒާސްޓަރ މެނޭޖްމަންޓް ސްޓިއަރިންގ ކޮމިޓީގެ ގާނޫނީ އަދަދު
(ހ) ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސްޓިއަރިންގ ކޮމިޓީގެ ބައްދަލުވުމެއް ބޭއްވޭނީ، ކޮމިޓީގެ މެންބަރުންގެ ތެރެއިން މަދުވެގެން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުން ހާޒިރުވެގެންނެވެ.
(ށ) އިމަރޖެންސީގެ ހާލަތަށާއި ވަގުތަށް ރިއާޔަތްކޮށް ސްޓިއަރިންގ ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަކީ ކޮންމެހެން މުހިއްމު ކަމެއްކަމަށް ބެލެވޭނަމަ، މި މާއްދާގެ (ހ) ގައި ބުނާ ގާނޫނީ އަދަދު ހަމަނުވިނަމަވެސް ސްޓިއަރިންގ ކޮމިޓީގެ ބައްދަލުވުމެއް ބޭއްވިދާނެއެވެ.
25 ވަނަ މާއްދާ - ސަބް ކޮމިޓީތައް
(ހ) ޑިޒާސްޓަރ މެނޭޖްމަންޓް ސްޓިއަރިންގ ކޮމިޓީގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ކާރިސާތަކަށް ތައްޔާރުވުމާއި ކާރިސާތަކުން ލިބޭ ގެއްލުމާއި ނުރައްކާތެރިކަން ކުޑަކުރުމާއި، އަދި އަވަސް ފިޔަވަޅުތައް އެޅުމުގައި ޑިޒާސްޓަރ މެނޭޖްމަންޓް ސްޓިއަރިންގ ކޮމިޓީއަށް ލަފާދިނުމަށް ސަބް ކޮމިޓީތަކެއް އެކުލަވާލެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެކުލަވާލާ ސަބް ކޮމިޓީތަކުގެ ޗެއަރޕަރސަނުން ކަނޑައަޅާނީ، ޑިޒާސްޓަރ މެނޭޖްމަންޓް ސްޓިއަރިންގ ކޮމިޓީގެ ފަރާތުން، ސަބް ކޮމިޓީގެ މެންބަރުންގެ ތެރެއިންނެވެ.
(ނ) ހާލަތާ ގުޅޭގޮތުން ސަބް ކޮމިޓީތަކަށް ބޭނުންވާ ފަންނީ އެހީ ހޯދުމަށް،
އެ ދާއިރާއެއްގެ މާހިރުން އެ ސަބް ކޮމިޓީއެއްގައި ވަގުތީގޮތުން ބައިވެރިކުރުމަށް ޑިޒާސްޓަރ މެނޭޖްމަންޓް ސްޓިއަރިންގ ކޮމިޓީއަށް ފާސްކުރެވިދާނެއެވެ.
ތިންވަނަ ބައި
ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ
26 ވަނަ މާއްދާ - ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އުފެއްދުން
(ހ) މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި "ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ" ގެ ނަމުގައި އޮތޯރިޓީއެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަންވާނެއެވެ.
(ށ) ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ އެންމެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރުމަށް، ޗީފް އެގްޒެކެޓިވް އަދި ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އައްޔަނުކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޗީފް އެގްޒެކެޓިވް އާއި ޑެޕިއުޓީ ޗީފް އެގްޒެކެޓިވް ފިޔަވައި، ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށް ބޭނުންވާ މުވައްޒަފުންނަކީ، ސިވިލް ސަރވިސްގައި ހިމެނިފައިނުވާ، ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ކަނޑައަޅާ ގަވާއިދެއްގެ ދަށުން އައްޔަންކުރެވޭ މުވައްޒަފުންނެވެ.
(ރ) ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ ހިނގަމުންދާނީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މިނިސްޓަރެއްގެ ބެލުމުގެ ދަށުންނެވެ.
(ބ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އުފެދުމާއެކު، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހިނގަމުންއައި ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ އެންމެހައި މުދަލާއި ވަސީލަތްތަކާއި، މުވައްޒަފުންނާއި އެފަރާތްތަކުގެ އެންމެހައި ހައްގުތަކާއި އިލްތިޒާމްތައް، މި ގާނޫނުގެ ދަށުން އުފެއްދި ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށް ބަދަލުވީއެވެ.
27 ވަނަ މާއްދާ - ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ މަގްސަދު
ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ މަގްސަދަކީ، ކާރިސާއެއް ކުރިމަތިވުމުގެ ފުރުސަތު ކުޑަކުރުމާއި އެކަމުން ލިބޭ ގެއްލުން ކުޑަކުރުމަށް ހާއްސަ އަހަމިއްޔަތެއް ދީގެން، ގައުމީ، އަތޮޅުތަކުގެ، ރަށްރަށުގެ އަދި ސަރުކާރުގެ މުއައްސަސާތަކާއި، ޖަމްއިއްޔާތަކާއި، އަމިއްލަ ފަރާތްތަކާއި، އަމިއްލަ މުއައްސަސާތަކާއި އަދި މިނޫނަސް ކާރިސާއާގުޅޭ ކަންކަން ބެލެހެއްޓުމާ ގުޅުންހުރި އެހެނިހެން ފަރާތްތައް ލައްވައި، ކާރިސާއާގުޅޭ ކަންކަން ބެލެހެއްޓުމުގައި ގުޅިލާމެހިފައިވާ އަދި ވިލަރެސްކުރެވިފައިވާ ނިޒާމެއް ކުރިއެރުވުމެވެ.
28 ވަނަ މާއްދާ - ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ބާރުތަކާއި މަސްއޫލިއްޔަތުތައް
ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ކާރިސާތަކުގައި ދައުލަތުގެ ކަމާގުޅޭ އިދާރާތަކާއެކު ގުޅިގެން މަސައްކަތްކުރުން؛
(ށ) މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ކާރިސާގެ ނުރައްކާތެރިކަން ކުޑަކުރުމާ ގުޅޭގޮތުން، ގަވާއިދުތަކާއި އުސޫލުތަކާއި ޕްލޭންތައް ހެދުން؛
(ނ) ވިލަރެސްކުރާ ފަރާތުގެ ގޮތުގައި ކާރިސާއާގުޅޭ ކަންތައްތައް ބެލެހެއްޓުމުގައި ހަރަކާތްތެރިވުން؛
(ރ) ކާރިސާއާގުޅޭ ކަންކަން ބެލެހެއްޓުމާގުޅޭ މައްސަލަތަކާއި ކަންކަމަށް ހާއްސަވުން؛
(ބ) ކާރިސާއާގުޅޭ ކަންކަން ބެލެހެއްޓުމާގުޅޭ ދިރާސާކުރުމާއި މައުލޫމާތު އެއްކުރުމާއި ފެތުރުން؛
(ޅ) ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް ކާރިސާއާގުޅޭ ކަންކަން ބެލެހެއްޓުމާ ގުޅޭގޮތުން ލަފަޔާއި މަށްވަރާ ދޭ ގުނަވަނުގެ ގޮތުގައި ހަރަކާތްތެރިވުން:
- ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ ވުޒާރާތަކާއި އޮފީސްތަކާއި، އެތަންތަނުގެ ވެރިން؛
- ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ލޯކަލް ކައުންސިލްތައް؛
- ޖަމާއަތްތަކާއި އަމިއްލަ މުއައްސަސާތައް؛
- ފަރުދުން.
(ކ) ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތަކާ ގުޅޭގޮތުން ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލަށް ލަފާދިނުން:
- މި ގާނޫނާ ގުޅުންހުރި ގާނޫނުތަކާއި ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭނާއި، ނޭށަނަލް އިމަރޖެންސީ އޮޕަރޭށަންސް ޕްލޭން އަދި ކާރިސާއާގުޅޭ ކަންކަން ބެލެހެއްޓުމާގުޅޭ އެހެނިހެން ކަންތައްތައް؛
- ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީތަކާއި ސެކްޓޯރަލް ޕްލޭންތަކާބެހޭ މައުލޫމާތު؛
- ދިމާވާ ކާރިސާއަކީ ވަކި ރަށަކަށް ނުވަތަ ވަކި އަތޮޅަކަށް ނުވަތަ ވަކި ސަރަހައްދަކަށް ނުވަތަ ގައުމަށް ދިމާވި ކާރިސާއެއްކަން ކަނޑައެޅުމަށް.
(އ) އެކި ދާއިރާތަކުން އެކުލަވާލާ ސެކްޓޯރަލް ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭންތަކާއި ސަރުކާރުގެ ހުރިހާ ދާއިރާތަކަކުން އަމަލުކުރަންޖެހޭ ގޮތުގެ އިޖުރާއާތުތައް އެކުލަވާލުމަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި އިރުށާދު ފޯރުކޮށްދިނުން؛
(ވ) ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމާއި ތަންފީޒުކުރުން؛
(މ) ނޭށަނަލް އިމަރޖެންސީ އޮޕަރޭށަންސް ޕްލޭން އެކުލަވާލުމާއި ތަންފީޒުކުރުން؛
(ފ) ސަރުކާރުގެ އެކި މުއައްސަސާތަކާއި ސަރުކާރުގެ މަގާމުތަކުގައިވާ ފަރާތްތަކުން
މި ގާނޫނާއި ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭނާ އެއްގޮތަށް އަމަލުކުރަމުންދޭތޯ ބެލުމާއި ޑިޒާސްޓަރ މެނޭޖްމަންޓް ސްޓިއަރިންގ ކޮމިޓީއަށް ލަފާދިނުން؛
(ދ) ކާރިސީހިރާސް ކުޑަކުރުމަށް އެކުލަވާލާފައިވާ ސަރަހައްދީ އަދި ބައިނަލްއަގްވާމީ އިސްތިރާޖީތަކުގައި އެއްބަސްވެފައިވާ ކަންތައްތަކާ ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން އެއްގޮތްކުރުން؛
(ތ) ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން ކޮންމެ ފަސް އަހަރަކުން އެއްފަހަރު އާކުރުން؛
(ލ) ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން މުރާޖައާކުރުން؛
(ގ) އަރައްކާތަކާގުޅޭ މައުލޫމާތު އާންމު ހާލަތުގައި އެއްކޮށް، ރައްޔިތުން ހޭލުންތެރިކުރުމަށް މައުލޫމާތު ފެތުރުން؛
(ޏ) ގައުމަށް ދިމާވާ ކާރިސާތަކަށް އިޖާބަދިނުމާއި ކާރިސާތަކުން އިޔާދަވުމުގެ މަސައްކަތްތައް ވިލަރެސްކުރުން؛
(ސ) ކާރިސާއެއްގެ ވަގުތުގައި ފުރަތަމަ ހަރަކާތްތެރިވާ ފަރާތްތަކުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން؛
(ޑ) ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި އެފަދަ ކަންތައްތަކަށް ތައްޔާރުވުމުގައި ރައްޔިތުންގެ ދައުރާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އުފައްދައި އަހުލުވެރިކުރުވުން؛
(ޒ) ސަރުކާރުގެ މުއައްސަސާތަކާއި، އަމިއްލަ ފަރާތްތަކާއި، ސަރަހައްދީ އަދި ބައިނަލްއަގްވާމީ ޖަމާއަތްތަކުގެ އެހީއާއެކު އަންނަނިވި ކަންތައްތައް ދިރާސާކުރުން:
- ކާރިސީހިރާސް ދެނެގަތުމާއި ކުޑަކުރުން؛
- ކާރިސާތަކުން ލިބޭ ގެއްލުން ދެނެގަތުން؛
- ކާރިސާއާ ގުޅުންހުރި އެހެނިހެން ކަންތައްތައް.
(ޓ) މީހުން ހޯދުމާއި ސަލާމަތްކުރުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް މުހިންމު ތަކެއްޗާއި، އިންސާނީ ވަސީލަތްތަކާއި ސިއްހީ ވަސީލަތްތަކާއި ކާބޯތަކެއްޗާއި ދަތުރުފަތުރުގެ ކަންތައްތަކާއި އިމާރާތްކުރުމަށާއި މުއާސަލާތީ ގުޅުމަށް ބޭނުންވާ ވަސީލަތްތަކުގެ ޑޭޓާބޭސްއެއް ގާއިމުކޮށް ޑޭޓާބޭސް އައުކުރުމުގެ ކަންތައް ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށްގެންދިއުން؛
(ޔ) ސިޓީތަކާއި އަތޮޅުތަކާއި ރަށްތަކުގެ ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭންތަކާއި ޕްރޮގްރާމްތައް ރާވައި ކުރިއަށްގެންދިއުމުގައި އެތަނެއްގެ އިސްވެރިންނަށް އެހީތެރިވެދީ ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން؛
(ޕ) ކާރިސާއިން ލިބޭ ގެއްލުން ކުޑަކުރުމާއި އަދި އެކަމާބެހޭ ކަންކަން ބެލެހެއްޓުމާ ގުޅޭގޮތުން ބައިނަލްއަގްވާމީ އެއްބާރުލުން ލިއްބައިދޭ ނިޒާމުތައް ގާއިމުކުރުން؛
(ޖ) ކޮންމެ އަހަރަކު، ފުރިހަމަ އަހަރީ ރިޕޯޓަކާއި އޭގެ ކޮޕީ، ގަވާއިދުތަކުގައިވާ ގޮތުގެމަތިން ތައްޔާރުކޮށް ކަނޑައެޅިފައިވާ ވަގުތުގައި އަހަރަކު އެއްފަހަރު ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލަށް ފޮނުވުން؛
(ޗ) ރަށު ފެންވަރުގައި ކާރިސީހިރާސް ކުޑަކުރުމާއި ތައްޔާރުވެ ތިބުމުގެ ޕްލޭންތައް އެކުލަވާލުމާބެހޭ ގައުމީ އޮނިގަނޑު ތައްޔާރުކުރުން؛
(ހހ) އަރައްކާތަކާބެހޭ އެންމެ ފަހުގެ މައުލޫމާތު މޫސުމާބެހޭ އިދާރާއިން ލިބޭނެ ގޮތުގެ ނިޒާމެއް ގާއިމުކުރުން؛
(ށށ) ޑިޒާސްޓަރ މެނޭޖްމަންޓް ފަންޑުގެ އެންމެހައި ކަންކަން ބެލެހެއްޓުން؛
(ނނ) އަދި މިނޫންވެސް މި ގާނޫނުގެ 4 ވަނަ މާއްދާގެ ދަށުން ދައުލަތުން އަދާކުރަންޖެހޭ ޒިންމާ އަދާކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.
29 ވަނަ މާއްދާ - ކާރިސާއެއްގެ ހާލަތުގައި ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ވާޖިބުތައް
ކާރިސާގެ ހާލަތު އިއުލާނުކުރެވުމުން ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ފަރާތުން ކުރަންވާނެއެވެ.
(ހ) ކާރިސާއެއްގެ ހާލަތުގައި އެ ކާރިސާއަކަށް އިޖާބަދިނުމާއި ރިލީފް އެހީ ފޯރުކޮށްދިނުމުގެ ހުރިހާ ކަމެއް އިމަރޖެންސީ އޮޕަރޭށަންސް ސެންޓަރުން ކުރުން؛
(ށ) ނޭށަނަލް އިމަރޖެންސީ އޮޕަރޭށަންސް ޕްލޭންގައިވާ ގޮތުގެމަތިން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުން؛
(ނ) ކާރިސާއެއް ދިމާވުމުން އެ ކާރިސާއަކަށް އިޖާބަދިނުމުގެ އެންމެހައި މަރުހަލާތަކުގެ މައުލޫމާތު ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލަށާއި ޑިޒާސްޓަރ މެނޭޖްމަންޓް ސްޓިއަރިންގ ކޮމިޓީއަށް ފޯރުކޮށްދިނުން؛
(ރ) ކާރިސާގެ އަސަރުތައް ކުޑަކުރުމަށްޓަކައި އިއުލާނުގައި ކަނޑައަޅާފައިވާ ސަރަހައްދުގައި ނުވަތަ ސަރަހައްދުތަކުގައި ލިބެންހުރި ހުރިހާ ވަސީލަތްތަކެއް ހޯދައި ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލަށާއި ޑިޒާސްޓަރ މެނޭޖްމަންޓް ސްޓިއަރިންގ ކޮމިޓީއަށް އެ މައުލޫމާތު ބޭނުންވެއްޖެ ހިނދެއްގައި ފޯރުކޮށްދިނުން؛
(ބ) ވަސީލަތްތައް ބޭނުންކުރުމަށް ކަނޑައެޅިފައިވާ ގޮތުގެމަތިން، އިތުރު ވަސީލަތެއް ލިބުމުގެ މަގުފަހިވެއްޖެނަމަ އެ ވަސީލަތެއް ލިބުނު މިންވަރަކުން ބޭނުން ހިފޭނެގޮތް ފަހިކުރުން؛
(ޅ) ލިބޭ ގެއްލުން ދެނެގަތުމާއި، ކާރިސާގެ އެންމެފަހުގެ މައުލޫމާތު ޑިޒާސްޓަރ މެނޭޖްމަންޓް ސްޓިއަރިންގ ކޮމިޓީއަށް ފޯރުކޮށްދިނުން؛
(ކ) ކާރިސާއަށް އިޖާބަދިނުމަށް ބޭނުންވާ މީހުންނާއި ވަސީލަތްތައް ދެނެގަތުމާއި، މީހުންނާއި ވަސީލަތްތައް ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއި ވިލަރެސްކުރުން؛
(އ) ހާލަތު މޮނިޓަރކުރުމާއި، ހާލަތުގެ ދިރާސާ ރިޕޯޓްނެރުން؛
(ވ) ހާލުގައިޖެހި ފުރާނައަށް ނުރައްކާވާ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ވިލަރެސްކުރުން؛
(މ) ކާރިސާގައި ފުރާނަ ދާ ހަށިތަކުގެ ކަށުކަމާކެމީގެ ކަންތައް ވިލަރެސްކުރުން؛
(ފ) ވަގުތީ ހިޔާ އަޅައިދިނުމުގެ ކަންތައް ވިލަރެސްކުރުން؛
(ދ) ރިލީފް އެހީ ފޯރުކޮށްދިނުން ވިލަރެސްކުރުން؛
(ތ) ރިލީފް މަސައްކަތަށް ބޭނުންވާ ލައިސަންސް ހޯދުމުގެ ކަންތައް ވިލަރެސްކުރުން؛
(ލ) ކާރިސާގައި ލިބުނު ގެއްލުމާބެހޭ މައުލޫމާތާއި، ލިބުނު އެހީއާއި، އެ އެހީ ފޯރުކޮށްދެވުނުގޮތުގެ މައުލޫމާތު ބެލެހެއްޓުން؛
(ގ) ކާރިސާއަށް އިޖާބަދިނުމުގައި، އެކި ދާއިރާތަކާއެކު މަސައްކަތް ވިލަރެސްކުރުމާއެކު، މަސައްކަތުގެ ކޮމާންޑު ބެލެހެއްޓުން.
30 ވަނަ މާއްދާ - ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވްގެ މަސްއޫލިއްޔަތުތައް
ތިރީގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އަދާކުރަންވާނެއެވެ.
(ހ) މި ގާނޫނުގައި ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ މަސްއޫލިއްޔަތުތައްކަމުގައި ބަޔާންކޮށްފައިވާ ކަންތައްތައް ކުރުން؛
(ށ) ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށް ލިބިފައިވާ ބާރުގެ ބޭނުންހިފާގޮތާއި މަސްއޫލިއްޔަތުތައް އަދާކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ޖަވާބުދާރީވުން؛
(ނ) ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށް ލިބިފައިވާ ބާރުތަކާއި ހަވާލުވެފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ މުވައްޒަފުންގެ މަށްވަރާއާއެކު ނިންމުންތައް ނިންމުން.
31 ވަނަ މާއްދާ - ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށް އެހީތެރިވެދޭނެ މުވައްޒަފުން
(ހ) ކާރިސާއަކަށް އިޖާބަދިނުމަށްޓަކައި ތައްޔާރީ ހާލަތެއްގައި ތިބޭނެ ތަމްރީނު ލިބިފައިވާ އޮފިސަރުންނާއި ސިވިލް ސަރވިސް މުވައްޒަފުންނާއި ވޮލަންޓިއަރުންގެ ދަފްތަރަކާއި، ވޮލަންޓިއަރުންގެ މުއްދަތު ކަނޑައެޅިފައިވާގޮތަށް ދައުރުވާ ޑިއުޓީ ތާވަލެއް ހަދަންވާނެއެވެ.
(ށ) ސިވިލް ސަރވިސް މުވައްޒަފުންގެ ގޮތުގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކުވެސް ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ އެދުމުގެމަތިން، އަދި
އެ މުވައްޒަފަކާއި ވަޒީފާ އަދާކުރާ މުއައްސަސާގެ ހުއްދައާއެކު ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ކަނޑައަޅާ މުއްދަތަކަށް ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ މަސައްކަތްކުރުމަށް ވަގުތީގޮތުން ދޫކުރެވިދާނެއެވެ. ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގައި މަސައްކަތްކުރުމުގެ ސަބަބުން އެ މުވައްޒަފަކަށް އެއްވެސް ކަމެއްގައި ހުރަހެއް ކުރިމަތިވެގެން ނުވާނެއެވެ. އަދި މުސާރައިގެ ކަންތައްތައް ހަމަޖައްސަމުން ގެންދަންވާނީ އޭނާ ދާއިމީ ވަޒީފާ އަދާކުރަމުންއައި މުއައްސަސާއިންނެވެ.
ހަތަރުވަނަ ބައި
ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން
32 ވަނަ މާއްދާ - ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން
ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭނަކީ ކޮންމެ 5 (ފަހެއް) އަހަރަކުން ދިވެހިރާއްޖޭގެ ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ ކުރިމަގު ބައްޓަންކުރާނެ ގޮތުގެ މައިގަނޑު ލިޔުމެވެ.
މި ޕްލޭންގައި ގައުމީ އަދި ލާމަރުކަޒީ ފެންވަރުގައި ކާރިސާގެ ކަންކަން ބެލެހެއްޓުމުގައި އަޅަންޖެހޭ ފިޔަވަޅުތައް ހިމެނޭނެއެވެ. ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތަކަކީ ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭންގައި ހިމެނޭނެ މައިގަނޑު ބައިތަކެވެ.
(ހ) ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ އަދި ކުރިމަތިވެދާނެ ކާރިސީހިރާސްތައް ކުޑަކުރުމަށް އެކި ސެކްޓަރތަކުންނާއި ކައުންސިލްތަކުން އަޅަންޖެހޭ ފިޔަވަޅުތައް؛
(ށ) ލާމަރުކަޒީ ފެންވަރުގައި ހެދޭ ތަރައްގީގެ ޕްލޭންތަކުގައި ކާރިސާއެއް ކުރިމަތިވުމުގެ ފުރުސަތު ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް؛
(ނ) ކާރިސާއެއް ދިމާވެއްޖެނަމަ ހަރުދަނާ ގޮތެއްގައި ކަންކުރާނެ ގޮތްތަކާއި އެފަދަ ކަމަކަށް ތައްޔާރުވުމަށާއި ގާބިލުކަން އިތުރުކުރުމަށް އެކި ސެކްޓަރތަކުންނާއި ކައުންސިލްތަކުން އަޅަންޖެހޭ ފިޔަވަޅުތައް؛
(ރ) ކާރިސާއާގުޅޭ ކަންކަން ބެލެހެއްޓުމުގެ މަރުހަލާތަކުގައި އެކިއެކި މިނިސްޓްރީތަކާއި އިދާރާތަކާއި އޭޖެންސީތަކުގެ ދައުރާއި މަސްއޫލިއްޔަތުތައް؛
(ބ) ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭންގައި ބަޔާންކޮށްފައިވާ ކަންތައްތައް ސެކްޓަރތަކުންނާއި ކައުންސިލުތަކުން ތަންފީޒުކުރަމުންދާގޮތް ރިޕޯޓްކުރާނެ ގޮތުގެ އުސޫލު.
33 ވަނަ މާއްދާ - ނޭށަނަލް ޑިޒާސްޓަރ މެނޭޖަމަންޓް ޕްލޭން ތައްޔާރުކުރުމާއި އާކުރުމާއި މުރާޖައާކުރުން
(ހ) ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން ކޮންމެ 5 (ފަހެއް) އަހަރަކުން އައު ކުރަންވާނެއެވެ.
(ށ) ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން ކޮންމެ 5 (ފަހެއް) އަހަރަކުން އައުކުރުމާއެކު ގެޒެޓް ކުރަންވާނެއެވެ. އަދި އިސްލާހެއްގެންނަ ކޮންމެ ފަހަރަކު އިސްލާހު ކުރެވޭ މާއްދާއެއް ގެޒެޓް ކުރަންވާނެއެވެ.
(ނ) ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން މުރާޖައާކުރުމުގައާއި އައު ކުރުމުގައި އަންނަނިވި ކަންތައްތަކަށް ރިއާއަތްކުރަންވާނެއެވެ.
- ކާރިސީހިރާސް ކުޑަކުރުމަށް އެކި ސެކްޓަރތަކުންނާއި ކައުންސިލްތަކުން ކޮށްފައިވާ މަސައްކަތްތަކަށް؛
- ކާރިސާއެއް ދިމާވެއްޖެނަމަ ހަރުދަނާ ގޮތެއްގައި ކަންކުރާނެ ގޮތްތަކާއި އެފަދަ ކަމަކަށް ތައްޔާރުވުމަށާއި ގާބިލުކަން އިތުރުކުރުމަށް އެކި ސެކްޓަރތަކުންނާއި ކައުންސިލްތަކުން ކޮށްފައިވާ މަސައްކަތްތަކަށް؛
- ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ނުވަތަ ކުރިމަތިވެދާނެ ކާރިސީހިރާސްތައް ދެނެގަތުމަށް ހެދިފައިވާ ދިރާސާތަކަށް.
ފަސްވަނަ ބައި
މިނިސްޓްރީތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދައުރު
34 ވަނަ މާއްދާ - މިނިސްޓްރީތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދައުރު
މިނިސްޓްރީތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ތިރީގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރަންވާނެއެވެ.
(ހ) ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭންގައި ކަޑައަޅާފައިވާ ގޮތުގެމަތިން ކާރިސާ ހިނގުމުގެ ފުރުސަތު ކުޑަކުރުމަށް މަސައްކަތްކުރުމާއި، ކާރިސާއިން ލިބޭ ގެއްލުން ކުޑަކުރުމާއި، ކާރިސާއަށް ތައްޔާރުވެފައިވުމާއި، ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ ފިޔަވަޅުތައް އެޅުން؛
(ށ) ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމާއި ތައްޔާރުވެތިބުމުގެ އަސާސްތައް ގައުމީ ތަރައްގީގެ މަށްރޫއުތަކުގައި ހިމަނައި ހިންގުން؛
(ނ) ތަރައްގީގެ މަށްރޫއުތައް ރޭވުމުގައި އެ މަށްރޫއުގެ ސަބަބުން ކުރިމަތިވެދާނެ ކާރިސީހިރާސްތައް ދެނެގަނެ ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރެވޭނެ ގޮތަށް ތަރައްގީގެ މަށްރޫއުތައް ރާވާ ހިންގުން؛
(ރ) ކާރިސާއަށް އިޖާބަދިނުމާއި އިޔާދަވުމާއި ކާރިސީހިރާސް ކުޑަކުރުމަށް މަސައްކަތްކުރުމާއި، އަދި ކާރިސާތަކަށް ތައްޔާރުވުމަށްއަޅަންޖެހޭ ފިޔަވަޅުތައް ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭންގައި ކަނޑައަޅާފައިވާ ގޮތުގެމަތިން، ސެކްޓޯރަލް ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން އެކުލަވާލުން؛
(ބ) ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލްގެ ލަފަޔާއެކު ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ދޭ އިރުށާދާ އެއްގޮތްވާ ގޮތުގެމަތިން ކޮންމެ ކާރިސާއެއްގައި އަވަސް އަދި ހަރުދަނާ ގޮތެއްގައި ހަރަކާތްތެރިވުން؛
(ޅ) ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގައާއި، ކާރިސާތަކަށް އިޖާބަދިނުމާއި އިޔާދަވުމުގެ މަސައްކަތްތަކުގައި މުޖުތަމައުގެ ނާޒުކު ގިންތިތަކަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތްތައް ރާވާ ހިންގުން؛
(ކ) ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމާއި ރައްކާތެރިވެ ތިބުމުގެ ހަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ އެ ދާއިރާއެއްގެ ބަޖެޓްގައި ހިމެނުން؛
(އ) ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތަކުގައި ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށާއި، ގާނޫނު ނަންބަރ 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން އުފައްދާފައިވާ ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން؛
- ކާރިސާއިން ލިބޭ ގެއްލުން ކުޑަކުރުމާއި، ކާރިސާއަށް ތައްޔާރުވެފައިވުމާއި އަދި ކާރިސާއަށް ހަރަކާތްތެރިވުމުގެ ރޭވުންތައް ތައްޔާރުކުރުމާއި، ގާބިލުކަން އިތުރުކުރުމާއި، މައުލޫމާތު އެއްކޮށް ދެނެގަތުމާއި ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުން؛
- ގެއްލުން ލިބިފައިވާ ސަރަހައްދުގައި މީހުން ސަލާމަތްކުރުމާއި ކާރިސާގެ ސަބަބުން ހާލުގައިޖެހޭ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުން؛
- ކާރިސާތަކުން ލިބޭ ގެއްލުން ދެނެގަތުން؛
- ހާލަތު ރަނގަޅުކުރުމާއި އަލުން އާރާސްތުކުރުމުގެ ކަންތައްތައް ކުރިއަށްގެންދިއުން.
(ވ) ދިމާވެދާނެ ނުވަތަ ދިމާވެފައިވާ ނުރައްކާތެރި ކާރިސާއަކަށް އަވަސްގޮތެއްގައި ހަރަކާތްތެރިވުމަށްޓަކައި ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް ހިމެނޭގޮތަށް ވަސީލަތްތައް ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށް ލިބޭނޭ މަގު ފަހިކޮށްދިނުން:
- ކާރިސާގެ ހާލަތުގައި އިމަރޖެންސީ މުއާސަލާތީ ހިދުމަތް ފޯރުކޮށްދިނުން؛
- ގެއްލުން ލިބިފައިވާ ސަރަހައްދަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ އިންސާނީ ވަސީލަތްތަކާއި ތަކެތި ފޯރުކޮށްދިނުމާއި އުފުލައިދިނުން؛
- ކާރިސާ ކުރިމަތިވާ ސަރަހައްދުން މީހުން ދުރަށްގެންގޮސް، ސަލާމަތްކޮށްދީ، ވަގުތީ ހިޔާވަހިކަން ފޯރުކޮށްދީ މިނޫންވެސް ވަގުތުން ދޭންޖެހޭ އެހީ ފޯރުކޮށްދިނުން؛
- ވަގުތީ ފާލަން، އަދި މަތިންދާބޯޓު ނުވަތަ ހެލިކޮޕްޓަރު ޖައްސާނެ ތަންތަން ގާއިމުކުރުން؛
- ކާރިސާ ކުރިމަތިވެފައިވާ ސަރަހައްދުގައި ބޯފެނާއި އަސާސީ ބޭނުންތަކާއި ސިއްހީ ހިދުމަތް އަދި އެހެނިހެން ހިދުމަތްތައް ފޯރުކޮށްދިނުން؛
- ކާރިސާ ދިމާވި ސަރަހައްދު ސާފުކުރުމާއި ކުނި ނައްތާލުމުގައި އެހީތެރިވުން؛
- ކާރިސާއެއްގައި ފުރާނަ ދާ މީހުންގެ ކަށުކަމާކެމީގެ ކަންތަކުގައި އެހީތެރިވުން.
(މ) ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގައި ކުރަންޖެހޭ އެހެނިހެން ކަންތައްތައް ކުރުން؛
(ފ) ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގެ މަފްހޫމް ހިމެނިފައިވާ ބިނާ ކޯޑު، ގެދޮރު އެޅުމާބެހޭ ކަންތައްތަކަށް މަސްއޫލުވާ ވުޒާރާއިން ތަންފީޒުކުރުން؛
(ދ) ކާރިސާތަކާބެހޭ މައުލޫމާތާއި، ކާރިސީހިރާސް ކުޑަކުރުމާއި، ކާރިސާތަކުން ރައްކާތެރިވެ ތައްޔާރުވެ ތިބުމުގެ މަފްހޫމް ސްކޫލްތަކުގެ މަންހަޖުގައި ހިމަނައި، ތައުލީމާބެހޭ ވުޒާރާއިން ހިންގުން؛
(ތ) ސްކޫލަކީ ކާރިސާތަކުން ރައްކާތެރި ތަނެއްކަމުގައި ހެދުމަށްޓަކައި ކަމާބެހޭ ސިޔާސަތުތަކާއި ޕްރޮގްރާމްތައް ތައުލީމާބެހޭ ވުޒާރާއިން ހިންގުން؛
(ލ) ކާރިސީހިރާސް ކުޑަކުރުމާއި ކާރިސާތަކަށް ތައްޔާރުވެ ތިބުމުގެ ޕްލޭން ފަތުރުވެރިކަމުގެ ސިނާއަތުގެ ހުރިހާ ތަނެއްގައި ހަދައި، އެތަންތާގައި މަސައްކަތްކުރާ މުވައްޒަފުންނާއި ފަތުރުވެރިން އެ ޕްލޭނަށް އަހުލުވެރިކުރުވައި، ތަމްރީނުތައް ހިންގައި، މިކަންކަމަށް ބޭނުންވާ ގަވާއިދު ފަތުރުވެރިކަމާބެހޭ ވުޒާރާއިން ހެދުން؛
(ގ) ފަތުރުވެރިކަމުގެ ސިނާއަތުގެ ހުރިހާ ތަންތަނަކީ އުމްރާނީގޮތުންނާއި ބިނާވެށީގެގޮތުން ކާރިސާތަކަށް ރައްކާތެރި ތަންތަން ކަމުގައި ހެދުމަށް އަޅަންޖެހޭ ފިޔަވަޅުތައް ފަތުރުވެރިކަމާބެހޭ ވުޒާރާއިން އެޅުން؛
(ޏ) ސިއްހީ ހިދުމަތް ފޯރުކޮށްދޭ ތަންތަނަކީ އުމްރާނީގޮތުން ކާރިސާތަކުން ރައްކާތެރި ތަނެއްކަމުގައި ހެދުމަށް އަޅަންޖެހޭ ފިޔަވަޅުތައް ސިއްހަތާބެހޭ ވުޒާރާއިން އެޅުން؛
(ސ) ކާރިސާގެ ސަބަބުން ދިމާވެދާނެ ސިއްހީ ނުރައްކަލަކަށް ތައްޔާރުވެ އެފަދަ ނުރައްކާތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ސިއްހަތާބެހޭ ވުޒާރާއިން އެޅުން؛
(ޑ) ކާރިސާއާ ގުޅުންހުރި ކަންތައްތަކުގައި ފޯރުކޮށްދޭންޖެހޭ ސިއްހީ ހިދުމަތްތައް މެދުނުކެނޑޭގޮތަށް ފޯރުކޮށްދިނުމަށް ބޭނުންވާ ގާބިލުކަން އުފެއްދުމާއި، ސިއްހީ ދާއިރާގެ ރެސްޕޮންސް ޕްލޭނެއް ތައްޔާރުކޮށް އިންތިޒާމްތައް ސިއްހަތާބެހޭ ވުޒާރާއިން ހަމަޖެއްސުން؛
(ޒ) ކާރިސާއާ ގުޅިގެން ދޭންޖެހޭ ހާއްސަ ސިއްހީ ހިދުމަތްތައް ކަމާގުޅޭ ފަރާތްތަކާއި ގުޅިގެން ސިއްހީ ކަންތައްތަކާބެހޭ ވުޒާރާއިން ފޯރުކޮށްދިނުން؛
(ޓ) ކާރިސާއަކަށް އިޖާބަދިނުމުގައާއި އަދި އިޔާދަވުމުގެ ހާލަތުގައި ބޭނުންކުރުމަށް އެކި ފަރާތްތަކުން ދިވެހިރާއްޖެއަށް ގެންނަ ތަކެތި ކާރިސާއަށް އިޖާބަދިނުމާއި އިޔާދަވުމުގެ މަސައްކަތަށް ދަތިނުވާނެ ގޮތަށް ކަސްޓަމްސް މެދުވެރިކޮށް ނެރެވޭނެ އިންތިޒާމު ކަސްޓަމްސްއާބެހޭ މުއައްސަސާއިން ހަމަޖައްސަންވާނެއެވެ. އަދި މި އަވަސް އިންތިޒާމް ބަޔާންކުރާ ގަވާއިދެއް ކަސްޓަމްސްއާބެހޭ މުއައްސަސާއިން ހެދުން؛
(ޔ) ދިވެހިރާއްޖޭގެ ސަރަހައްދަށް ކާރިސާއެއް އަތުވެދާނެކަމުގެ މައުލޫމާތު ހޯދައި ބަލަހައްޓާނެ މަލްޓި-ހެޒަރޑް އަރލީ ވޯނިންގް ނިޒާމެއް މޫސުމާބެހޭ އިދާރާއިން ބެލެހެއްޓުން؛
(ޕ) ދިވެހިރާއްޖޭގެ ސަރަހައްދަށް ކާރިސާއެއް އަތުވެދާނެކަމުގެ މައުލޫމާތު ލިބުމުން، އެ މައުލޫމާތު ކަނޑައެޅޭ އިޖުރާއަތެއްގެ ދަށުން ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކާއި ގުޅިގެން އާންމު ރައްޔިތުންނަށް މޫސުމާބެހޭ އިދާރާއިން ފޯރުކޮށްދިނުން؛
(ޖ) ކާރިސާގެ ހާލަތުގައި އާންމު ރައްޔިތުންނަށް އިއުލާނުކުރެވޭ މައުލޫމާތާއި އިންޒާރު ދިވެހިރާއްޖޭގައި ދިރިއުޅޭ ގިނަ އަދަދެއްގެ ބިދޭސީން ނިސްބަތްވާ ގައުމުތަކުގެ ގައުމީ ބަހުން އަދި އިނގިރޭސިބަހުން، ބިދޭސީންނާބެހޭ އިހްތިސާސް އޮތް ވުޒާރާއިން ފޯރުކޮށްދިނުން؛
(ޗ) ކާރިސާހިނގި ވަގުތުގައި ދިވެހިރާއްޖޭގައި ތިބި ބިދޭސީ ފަތުރުވެރިންނާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދެއް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ހެދުން؛
(ހހ) ކާރިސާހިނގި ވަގުތުގައި މި މާއްދާގެ (ޗ) ގައި ބަޔާންކޮށްފައިވާ ބިދޭސީންގެ ތެރޭގައި ނުހިމެނޭ ބިދޭސީންނާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދެއް ބިދޭސީންނާބެހޭ އިހްތިސާސް އޮތް ވުޒާރާއިން ހެދުން؛
(ށށ) ކާރިސާއަކާ ގުޅިގެން ގެދޮރު ހަލާކުވެ ނުވަތަ ނެތިދާ ރައްޔިތުންގެ ގެދޮރުގެ މަރާމާތާއި ދާއިމީ ހިޔާވަހިކަމާބެހޭ ސިޔާސަތު ކަނޑައަޅައި، ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލްގެ ލަފާގެމަތިން އުމްރާނީ ވަސީލަތްތަކާއި ގެދޮރު އެޅުމުގެ ކަންތައްތަކާބެހޭ ވުޒާރާއިން ތަންފީޒުކުރުން؛
(ނނ) ދިވެހިރާއްޖޭގެ ސަރަހައްދަށް ކާރިސާއެއް އަތުވެދާނެކަމުގެ މައުލޫމާތު ލިބޭ ހިސާބުން ފެށިގެން އެ މައުލޫމާތު ރައްޔިތުންނަށް އެހީއަކަށްވާނެ ފަދައިން ފޯރުކޮށްދިނުމުގައި މުއާސަލާތީ ހިދުމަތްތައް ބޭނުންކުރެވޭނެ ގޮތް މުއާސަލާތާބެހޭ ކަންކަން ބަލަހައްޓާ އިދާރާއިން ހަމަޖެއްސުން؛
(ރރ) ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ހަރަކާތްތަކަށް އެހީއަކަށްވާނެފަދަ ގޮތަކަށް، ތެދު އަދި ސައްހަ މައުލޫމާތު ދައުލަތުގެ ހަބަރާއި މައުލޫމާތު ފަތުރާ ވަސީލަތްތައް އަދި މިނޫންވެސް ހަބަރާއި މައުލޫމާތު ފަތުރާ ވަސީލަތްތަކުން ރައްޔިތުންނާ ހަމައަށް އެއް މިންގަނޑެއްގައި ފޯރުކޮށްދިނުމާބެހޭ ގަވާއިދު މައުލޫމާތު ފޯރުކޮށްދިނުމުގެ އިހްތިސާސް އޮތް މުއައްސަސާއަކުން ހެދުން؛
(ބބ) ކާރިސާގެ ހާލަތުގައި ރައްޔިތުންނަށް ބޭނުންވާނެ ޒަރޫރީ ކާނާގެ ބާވަތްތަކަށާއި ފެނަށް، ދަތިނުވާނެ ގޮތަކަށް، ރައްޔިތުންނަށް ލިބޭނެ އިންތިޒާމު ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލުން ކަނޑައަޅާ ސިޔާސަތެއްގެ ދަށުން އެކަމާބެހޭ އިހްތިސާސް އޮތް ވުޒާރާއަކުން ބެލެހެއްޓުން.
ހަވަނަ ބައި
ކައުންސިލްތަކާއި ކްލަބް ޖަމްއިއްޔާތަކާއި އަމިއްލަ ކުންފުނިތަކާއި ވިޔަފާރިތަކާއި އަދި ބައިނަލްއަގްވާމީ މުއައްސަސާތަކާއި ދިވެހިރާއްޖޭގައި ގާއިމުވެފައިހުރި ބައިނަލްއަގްވާމީ މުއައްސަސާތަކުގެ ގޮފިތަކުގެ ދައުރު
35 ވަނަ މާއްދާ - ކައުންސިލްތަކުގެ ދައުރު
ކައުންސިލްތަކުން އަންނަނިވި ކަންކަން ކުރަންވާނެއެވެ.
(ހ) ނޭށަނަލް ޑިޒާސްޓަރ ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމާއި، ކާރިސާއަކަށް އިޖާބަދިނުމާއި، ކާރިސާތަކަށް ތައްޔާރުވުމަށް ޕްލޭން އެކުލަވާލައި ތަންފީޒުކުރުން؛
(ށ) ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގެ އަސާސްތައް ލާމަރުކަޒީ އުސޫލުން ހިންގާ ކައުންސިލްތަކުގެ ތަރައްގީގެ މަށްރޫއުތަކުގައި ހިމެނުން؛
(ނ) ކާރިސާއިން ލިބޭ ގެއްލުން ކުޑަކުރުމާއި ތައްޔާރުވެ ތިބުމަށްޓަކައި ސިޓީ، އަތޮޅު އަދި ރަށު ކައުންސިލްތަކުގެ ގާބިލުކަން އިތުރުކުރުން؛
(ރ) ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމާއި ރައްކާތެރިވެ ތިބުމުގެ ހަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ކައުންސިލްތަކުގެ ބަޖެޓްގައި ހިމެނުން؛
(ބ) ކާރިސާއަކަށް އިޖާބަދިނުމުގައި، މަލްޓި ހެޒަރޑް އަރލީ ވޯނިންގ އިޖުރާއަތުގެ ދަށުން ކައުންސިލްތަކުން މައުލޫމާތު ބަދަލުކުރުމާއި، މައުލޫމާތު ފެތުރުމާއި، ރައްޔިތުން އަޅާނެ ފިޔަވަޅު އަންގައިދިނުން؛
(ޅ) ކާރިސާގައި ހާލުގައިޖެހޭ މީހުންނަށް އެހީ ފޯރުކޮށްދިނުމުގެ މިންގަނޑުތަކާ އެއްގޮތަށް އިންސާފުވެރިކަމާއެކު އެހީ ފޯރުކޮށްދިނުން؛
(ކ) ކާރިސާއަކަށް އިޖާބަދިނުމުގައި ސިޓީ، އަތޮޅު އަދި ރަށު ފެންވަރުގެ ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީތައް އެކުލަވާލައި މަސްއޫލުވާނެ ފަރާތްތަކުގެ މަސްއޫލިއްޔަތުތަކާއި އަމަލުކުރާނެ އިޖުރާއަތުތައް ކަނޑައެޅުން؛
(އ) ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމާއި، ކާރިސާއަކަށް އިޖާބަދިނުމާއި، ކާރިސާތަކަށް ތައްޔާރުވުމަށް އެކުލަވާލެވޭ ސިޓީ، އަތޮޅު އަދި ރަށު ފެންވަރުގެ ޕްލޭންތަކަކީ މުޖުތަމައުގެ ފެންވަރުގައި ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމާއި، ތައްޔާރުވުމުގެ ގައުމީ އޮނިގަނޑުގައިވާ ގޮތަށް ތައްޔާރުކުރެވޭ އެއްޗަކަށް ހެދުން؛
(ވ) ކާރިސާތަކަށް އިޖާބަދިނުމާއި އިޔާދަވުމުގެ ހުރިހާ ކަމެއް، ކަމާގުޅުންހުރި ދާއިރާތަކުގެ އެހީގައިކުރުން؛
(މ) އެ ދާއިރާއަކަށް ކުރިމަތިވާ ކާރިސާތަކުގެ ކަންކަން ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ލަފަޔާއެކު ބެލެހެއްޓުން؛
(ފ) ކާރިސާތަކުން ލިބޭ ގެއްލުން ދެނެގަތުމުގެ މަސައްކަތް ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ހުށަހަޅާ ގޮތެއްގެމަތިން ކުރުން؛
(ދ) ކާރިސާގެ ސަބަބުން ހާލުގައިޖެހޭ މީހުންނާއި ކާރިސާތަކުގެ ސަބަބުން ވަގުތީ ހިޔަލުގައި ދިރިއުޅޭ މީހުންގެ ހައްގުތައް ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން އަންގާ މިންގަނޑުތަކާއި އެއްގޮތަށް ދެފުށްފެންނަ އިންސާފުވެރި އުސޫލަކުން ހޯދައިދީ ހިމާޔަތްކުރުން.
36 ވަނަ މާއްދާ - ކައުންސިލްތައް މާނަކުރުން
މި ގާނޫނުގެ 35 ވަނަ މާއްދާގައި ކައުންސިލް ކަމަށް ބުނެފައިއެވަނީ، ގާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން އުފައްދާފައިވާ ސިޓީ، އަތޮޅު އަދި ރަށު ކައުންސިލް ތަކަށެވެ.
37 ވަނަ މާއްދާ - ކްލަބް ޖަމްއިއްޔާތަކާއި އަމިއްލަ ކުންފުނިތަކާއި ވިޔަފާރިތަކުގެ ދައުރު
ކްލަބް ޖަމްއިއްޔާތަކާއި އަމިއްލަ ކުންފުނިތަކުން ނުވަތަ ވިޔަފާރިތަކުން އަންނަނިވި ކަންކަން ކުރަންވާނެއެވެ.
(ހ) ހިންގާ ހަރަކާތްތަކުގައި ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމާއި ތައްޔާރުވެ ތިބުމުގެ އަސާސްތައް ހިމެނުން؛
(ށ) ކާރިސާތަކަށް އިޖާބަދޭ ހާލަތުގައާއި އަދި އިޔާދަވުމުގެ ހާލަތުގައި ސަރުކާރުން ބޭނުންވެއްޖެ ހިނދެއްގައި މީހުންގެ ފުރާނައާއި މުދާ ރައްކާތެރިކުރުމަށް ކްލަބް ޖަމްއިއްޔާތަކާއި ވިޔަފާރިތަކުގެ ވަސީލަތްތައް ސަރުކާރުގެ ބޭނުމަށް ދިނުން؛
(ނ) ކާރިސާތަކަށް އިޖާބަދިނުމާއި އިޔާދަވުމުގެ ހާލަތުގައި ވޮލަންޓިއަރ އުސޫލުން، ކަމާ ގުޅުންހުރި ދާއިރާތަކަށް އެހީވުން؛
(ރ) ގައުމީ އަދި ރަށު ފެންވަރުގައި ހިންގޭ، ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގެ ޕްރޮގްރާމްތަކާއި ކާރިސާތަކަށް ތައްޔާރުކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކުގައި ކްލަބް ޖަމްއިއްޔާތަކާއި ވިޔަފާރިތަކުން ބައިވެރިވުން؛
(ބ) ދިވެހިރާއްޖޭގެ ސަރަހައްދަށް ކާރިސާއެއް އަތުވެދާނެކަމުގެ މައުލޫމާތު ލިބޭ ހިސާބުން ފެށިގެން އެ މައުލޫމާތު ރައްޔިތުންނަށް އެހީއަކަށްވާނެ ފަދައިން ފޯރުކޮށްދިނުމުގައި މުއާސަލާތީ ހިދުމަތާއި ހަބަރާއި މައުލޫމާތު ފޯރުކޮށްދޭ ވަސީލަތްތައް ބޭނުންކުރެވޭނެ ގޮތް، މުއާސަލާތީ ހިދުމަތް އަދި ހަބަރާއި މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކުން ހަމަޖެއްސުން.
38 ވަނަ މާއްދާ - ބައިނަލްއަގްވާމީ މުއައްސަސާތަކާއި ދިވެހިރާއްޖޭގައި ގާއިމުވެފައިހުރި ބައިނަލްއަގްވާމީ މުއައްސަސާތަކުގެ ގޮފިތަކުގެ ދައުރު
ބައިނަލްއަގްވާމީ މުއައްސަސާތަކާއި ދިވެހިރާއްޖޭގައި ގާއިމުވެފައިހުރި ބައިނަލްއަގްވާމީ މުއައްސަސާތަކުގެ ގޮފިތަކުން އަންނަނިވި ކަންކަން ކުރަންވާނެއެވެ.
(ހ) ކާރިސީހިރާސް ކުޑަކުރުމާއި، ކާރިސާއަށް ތައްޔާރުވުމާއި، ކާރިސާއަށް އިޖާބަދިނުމާއި އިޔާދަވުމުގެ މަސައްކަތްތަކުގައި ބައިވެރިވުން؛
(ށ) ދިވެހިރާއްޖޭގެ ދީނާއި، ސަގާފަތާއި، އިޖުތިމާއީ މިންގަނޑުތަކުގެ ތަރަހައިގެ ތެރެއިން ސަރުކާރުގެ ހުއްދައާއެކު މަސައްކަތްކުރުން؛
(ނ) ކާރިސީހިރާސް ކުޑަކުރުމާއި ބެލެހެއްޓުމާއި ގުޅުންހުރި މަށްރޫއުތައް ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭނާއި އެއްގޮތްވާ ގޮތުގެމަތިން ހިންގުން؛
(ރ) ކާރިސާތަކަށް އިޖާބަދިނުމާއި އިޔާދަވުމުގެ މަސައްކަތްތައް ނޭށަނަލް އިމަރޖެންސީ އޮޕަރޭށަންސް ޕްލޭނާއި އެއްގޮތްވާ ގޮތުގެމަތިން ހިންގުން.
ހަތްވަނަ ބައި
ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީތައް
39 ވަނަ މާއްދާ - ސިޓީއާއި، އަތޮޅުތައް އަދި މީހުން އުޅޭ ރަށްތަކުގެ ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީތައް
(ހ) މި ގާނޫނުގެ ދަށުން ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ކޮންމެ ސިޓީއެއް، އަތޮޅެއް އަދި މީހުން އާބާދުވެފައިވާ ކޮންމެ ރަށެއްގައި ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީއެއް އެކުލަވާލަންވާނެއެވެ.
ކޮމިޓީ އެކުލެވިގެންވާގޮތް(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެކުލަވާލެވޭ ކޮމިޓީތައް އެކުލަވާލަންވާނީ، އަންނަނިވި މެންބަރުން ހިމެނޭގޮތުންނެވެ.
- ސިޓީ ކައުންސިލެއްނަމަ ސިޓީ މޭޔަރ، އަތޮޅު ނުވަތަ ރަށު ކައުންސިލެއްނަމަ ކައުންސިލްގެ ރައީސް؛
- ދިވެހި ރެޑް ކްރެސެންޓްގެ ގޮތްޕެއް ހުރެއްޖެނަމަ އެ ގޮފި ތަމްސީލުކުރާނެ މެންބަރެއް؛
- ސިޓީ، އަތޮޅު ނުވަތަ ރަށުގައި ސިފައިންގެ ނުވަތަ ފުލުހުންގެ މަރުކަޒެއް ގާއިމުކުރެވިފައިވާނަމަ އެއިން ކޮންމެ މަރުކަޒަކުން މެންބަރެއް؛
- ކްލަބް ޖަމްއިއްޔާތަކުގެ ފަރާތުން މެންބަރެއް ނުވަތަ ކޮމިޓީއަށް ފެނިއްޖެ ހިނދެއްގައި އެއް މެންބަރަކަށްވުރެ ގިނަ މެންބަރުން؛
- ކޮމިޓީއަށް ފެންނަ އެހެން އިދާރާތަކާއި މުއައްސަސާތަކުން އައްޔަންކުރެވޭ މެންބަރުން.
(ނ) ސިޓީ ކައުންސިލެއްނަމަ، މި މާއްދާގެ ދަށުން އުފައްދާ ކޮމިޓީގެ ޗެއަރޕަރސަނަކީ ސިޓީ މޭޔަރެވެ. އަދި އަތޮޅު ނުވަތަ ރަށު ކައުންސިލެއްނަމަ ކައުންސިލްގެ ރައީސްއެވެ.
(ރ) މި މާއްދާގެ ދަށުން އުފައްދާ ކޮމިޓީގެ ވައިސް ޗެއަރޕަރސަނަކީ، ކޮމިޓީން ހޮވާ މެންބަރެކެވެ.
(ބ) މި މާއްދާގެ ދަށުން އުފައްދާ ކޮމިޓީ އުފައްދާނީ ސިޓީއެއްނަމަ އެ ސިޓީއެއްގެ ސިޓީ ކައުންސިލުންނެވެ. އަތޮޅު އަދި ރަށެއްނަމަ އެ އަތޮޅު ނުވަތަ ރަށު ކައުންސިލުންނެވެ.
40 ވަނަ މާއްދާ - ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީތަކުގެ މަސްއޫލިއްޔަތުތައް
މި ގާނޫނުގެ 39 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީތަކުގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ސިޓީ، އަތޮޅު، އަދި ރަށު ފެންވަރުގައި ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގައި، އެކަން ބަލައި ވިލަރެސްކުރާ ގުނަވަނުގެ ގޮތުގައި ހަރަކާތްތެރިވުން؛
(ށ) ކޮންމެ ސިޓީއެއް އަތޮޅެއް އަދި މީހުން އާބާދުވެފައިވާ ރަށެއްގައި، އެތަނެއްގެ ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭނާއި އިމަރޖެންސީ އޮޕަރޭށަންސް ޕްލޭނެއް ތައްޔާރުކޮށް ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ހުއްދައާއެކު ޕްލޭންތައް ތަންފީޒުކުރުން؛
(ނ) ސިޓީ، އަތޮޅު އަދި ރަށްރަށުގެ ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭނާއި އިމަރޖެންސީ އޮޕަރޭށަންސް ޕްލޭން، ކަމާބެހޭ ފަރާތްތަކާ މަށްވަރާކޮށް، ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭނާއި ނޭށަނަލް އިމަރޖެންސީ އޮޕަރޭށަންސް ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން ތައްޔާރުކުރުން؛
(ރ) ކާރިސާއަކާ ގުޅިގެން ކުރިމަތިވާ ނުރައްކަލުގެ ހާލަތުގައި ނުވަތަ ކާރިސާގެ ހާލަތުގައި ސިޓީ، އަތޮޅު ނުވަތަ ރަށު ފެންވަރުގައި މީހުން ސަލާމަތްކުރުމާއި، ކާރިސާއިން ލިބޭ ގެއްލުމާއި ދަތިތަކަށް އެހީ ހޯދުމާއި ފޯރުކޮށްދިނުމާއި، ކާރިސާއިން އިޔާދަވުމުގެ މަސައްކަތްތައް ގައުމީ މިންގަނޑުތަކާއި ނޭށަނަލް އިމަރޖެންސީ އޮޕަރޭށަންސް ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން ވިލަރެސްކުރުން؛
(ބ) ކާރިސާއެއް ދިމާވުމުގެ ފުރުސަތު ކުޑަކުރުމުގައި ރައްޔިތުންގެ ދައުރާމެދު ހޭލުންތެރިކަމާއި ބައިވެރިވުން އިތުރުކުރުން؛
(ޅ) ކާރިސާއެއްގެ ސަބަބުން އުފެދޭ ށަކުވާތަކާއި މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތްކުރުން؛
(ކ) ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ހިންގޭ ގައުމީ ޕްރޮގްރާމްތަކުގައި ބައިވެރިވުމާއި އެހީތެރިކަން ފޯރުކޮށްދިނުން:
- ގައުމީ އަދި އެކި ދާއިރާތަކަށާއި، އަތޮޅުތަކަށާއި ރަށްރަށަށް ހާއްސަ ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭންތައް އެކުލަވާލުން؛
- ކާރިސާތައް ދިމާވުމުގެ ފުރުސަތު ކުޑަކުރުމާއި ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުން؛
- ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުން؛
- ކާރިސާތަކަށް ތައްޔާރުވުން؛
- ކާރިސާތަކަށް ހަރަކާތްތެރިވުން؛
- ކާރިސާތަކަށް އިޖާބަދިނުމާއި އިޔާދަވުމުގެ މަސައްކަތްކުރުން؛
- ކާރިސާއާބެހޭ ދިރާސާތައް ކުރުން.
41 ވަނަ މާއްދާ - މުއާމަލާތުކުރުން
(ހ) ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އަދި ޑިޒާސްޓަރ މެނޭޖްމަންޓް ސްޓިއަރިންގ ކޮމިޓީގެ މަސައްކަތް ކުރިއަށްގެންދާނެ ގޮތާބެހޭ އިރުށާދު ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލްގެ ޗެއަރޕަރސަނަށް ލިޔުމުން ނުވަތަ އަނގަބަހުން ދެވިދާނެއެވެ. އަނގަބަހުންދެވޭ އިރުށާދުތައް ކަނޑައެޅޭ މުއްދަތެއްގެ ތެރޭގައި ލިޔުމުން ފޮނުވަންވާނެއެވެ. މިގޮތުގެމަތިން ދޭ އިރުށާދު ވާންވާނީ ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލްގެ އެހެނިހެން މެންބަރުންނާއި މަށްވަރާކުރެވި އެއްބަސްވެވިފައިވާ އެއްޗަކަށެވެ.
(ށ) ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީތަކުގެ މަސައްކަތްތައް ކުރިއަށްގެންދާނެގޮތުގެ އިރުށާދު، ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ނުވަތަ ޑެޕިއުޓީ ޗީފް އެގްޒެކެޓިވްއަށް ލިޔުމުން ނުވަތަ އަނގަބަހުން ދެވިދާނެއެވެ. އަނގަބަހުންދެވޭ އިރުށާދުތައް ކަނޑައެޅޭ މުއްދަތެއްގެ ތެރޭގައި ލިޔުމުން ފޮނުވަންވާނެއެވެ.
(ނ) ރަށްރަށުގެ ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީގެ މަސައްކަތް ކުރިއަށްގެންދާނެ ގޮތުގެ އިރުށާދު އަތޮޅު ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީގެ އިސްފަރާތުން ލިޔުމުން ނުވަތަ އަނގަބަހުން ދެވިދާނެއެވެ. އަނގަބަހުންދެވޭ އިރުށާދުތައް ކަނޑައެޅޭ މުއްދަތެއްގެ ތެރޭގައި ލިޔުމުން ފޮނުވަންވާނެއެވެ.
އަށްވަނަ ބައި
ނޭށަނަލް ޑިޒާސްޓަރ ރެސްޕޮންސް ފޯސް
42 ވަނަ މާއްދާ - ނޭށަނަލް ޑިޒާސްޓަރ ރެސްޕޮންސް ފޯސް ގާއިމުކުރުން
(ހ) ދިމާވެދާނެ ކާރިސާއަކަށް ހާއްސަކުރެވިފައިވާ ގޮތަކަށް ހަރަކާތްތެރިވުމަށްޓަކައި ނޭށަނަލް ޑިޒާސްޓަރ ރެސްޕޮންސް ފޯސްއެއް ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ގާއިމުކުރަންވާނެއެވެ.
(ށ) ނޭށަނަލް ޑިޒާސްޓަރ ރެސްޕޮންސް ފޯސް އެކުލެވިގެންވާގޮތް(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ނޭށަނަލް ޑިޒާސްޓަރ ރެސްޕޮންސް ފޯސް އެކުލެވިގެންވާނީ، ސިފައިންނާއި، ފުލުހުންނާއި، އިމަރޖެންސީ ސިއްހީ ހިދުމަތްދޭ ފަރާތްތަކާއި، ދިވެހި ރެޑް ކްރެސެންޓް އަދި ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލުން ކަނޑައަޅާ އެހެނިހެން ފަރާތްތަކުގެ މައްޗަށެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ނޭށަނަލް ޑިޒާސްޓަރ ރެސްޕޮންސް ފޯސްއަށް އިދާރީ އާންމު ހިންގުމާއި އަމުރުކުރުމުގެ ބާރު ލިބިގެންވަނީ ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލްގެ ޗެއަރޕަރސަން ނުވަތަ ޗެއަރޕަރސަން ކަނޑައަޅާ ފަރާތަކަށެވެ.
(ރ) ނޭށަނަލް ޑިޒާސްޓަރ ރެސްޕޮންސް ފޯސްގެ ދައުރު މި ގާނޫނުގެ ދަށުން ހެދޭ ނޭށަނަލް އިމަރޖެންސީ އޮޕަރޭށަންސް ޕްލޭނުން ބަޔާން ކުރަންވާނެއެވެ.
43 ވަނަ މާއްދާ - އިސްވެ ހަރަކާތްތެރިވުން
ވެހިރާއްޖެއަށް ދިމާވާ ގުދުރަތީ ކާރިސާތަކާއި އަދި އެނޫންވެސް ނުރައްކާތެރި ބޮޑެތި ހާދިސާތަކުގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމުގައި، ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލާއި ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން އަންގާ ގޮތުގެމަތިން، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން އިސްވެ ހަރަކާތްތެރިވުމަށް ސިފައިންނާ ހަވާލުކުރެވިދާނެއެވެ.
44 ވަނަ މާއްދާ - ނޭށަނަލް ޑިޒާސްޓަރ ރެސްޕޮންސް ފޯސްގެ އެހީތެރިކަން ފޯރުކޮށްދިނުން
މި ގާނޫނުގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން އިސްވެ ހަރަކާތްތެރިވުމަށް ސިފައިންނާއި ހަވާލުކުރެވިއްޖެ ހާލަތެއްގައި މި ގާނޫނުގެ 42 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދާފައިވާ ނޭށަނަލް ޑިޒާސްޓަރ ރެސްޕޮންސް ފޯސްއިން ސިފައިންނަށް އެހީތެރިކަން ފޯރުކޮށްދޭންވާނެއެވެ.
45 ވަނަ މާއްދާ - ނޭށަނަލް ޑިޒާސްޓަރ ރެސްޕޮންސް ފޯސްގެ ބާރާއި މަސްއޫލިއްޔަތު
ނޭށަނަލް ޑިޒާސްޓަރ ރެސްޕޮންސް ފޯސްގެ ބާރާއި މަސްއޫލިއްޔަތުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.
(ހ) ކާރިސާއެއްގެ ތެރޭގައި ވަގުތީ ރައްކާތެރި ތަނަކަށް ރައްޔިތުން ބަދަލުކުރުމުގެ އަމުރު ނުނެރެވި އެކަމަށް އެއްވެސް މީހަކު އިންކާރުކޮށް ދެކޮޅުހަދާ ހާލަތެއްގައި އެމީހެއްގެ އިޒުނައަކާނުލައި ކާރިސާގެ ނުރައްކާ އޮތް ސަރަހައްދުން ރައްކާތެރި ތަނަކަށް އެމީހަކު ބަދަލުކުރުން؛
(ށ) ކާރިސާގެ ހާލަތުގައި ރައްކާތެރި ތަނަކަށް ރައްޔިތުން ބަދަލުކުރަންޖެހޭ ހާލަތްތައް ދެނެގަނެ ރައްޔިތުން އެތަންތަނަށް ބަދަލުކުރުމުގެ އެންމެހާ ކަންކަން ވިލަރެސްކުރުން.
ފަސްވަނަ ބާބު
ފައިސާ ކަނޑައެޅުމާއި ޑިޒާސްޓަރ މެނޭޖްމަންޓް ފަންޑު
46 ވަނަ މާއްދާ - ފައިސާ ކަނޑައެޅުން
ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އަދި ސިޓީ، އަތޮޅު އަދި ރަށްރަށުގެ ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީތަކުގެ އިދާރީ މަސައްކަތްތަކަށާއި ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ރާވައި ހިންގުމަށް ހުށަހަޅާ މަސައްކަތްތަކަށް ބޭނުންވާނެ ފައިސާ، ދައުލަތުގެ މާލިއްޔަތުން ހަމަޖައްސަންވާނެއެވެ. މިކަންކުރަންވާނީ، ކަމާބެހޭ ގާނޫނުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.
47 ވަނަ މާއްދާ - ޑިޒާސްޓަރ މެނޭޖްމަންޓް ފަންޑު
(ހ) ދިމާވެދާނެ ކާރިސާއެއްގައި ބޭނުންކުރުމަށް، ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ފަންޑުގެ ނަމުގައި ފަންޑެއް ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން އުފައްދަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަންޑު އުފައްދަންވާނީ، ތިރީގައި ބަޔާންކޮށްފައިވާ ފައިސާ ހިމެނޭގޮތުންނެވެ.
- މި ފަންޑަށް ޖަމާކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ފައިސާ؛
- ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ މަސައްކަތަށް ފަރުދުންނާއި، ޖަމްއިއްޔާތަކުންނާއި ޖަމާއަތްތަކުން ނުވަތަ މުއައްސަސާތަކުން ހަދިޔާކުރާ ފައިސާ؛
- ކާރިސާއާ ގުޅިގެން އެހީގެ ގޮތުގައި ދައުލަތަށް ހަދިޔާ ކުރާ ފައިސާ؛
- މި ފަންޑަށް ފައިސާ އިތުރުކުރުމުގެ ގޮތުން ހިންގޭ އެކިއެކި ހަރަކާތްތަކަށް ލިބޭ ފައިސާ؛
- ހިލޭ އެހީގެ ގޮތުގައި ލިބޭ ތަކެތި އެއްވެސް ސަބަބަކާ ހުރެ ބޭނުން ނުކުރެވުމުގެ ސަބަބުން ދޫކޮށްލަން ޖެހިއްޖެ ހާލަތެއްގައި، އެއެއްޗެއް ވިއްކައިގެން ލިބޭ ފައިސާ.
(ނ) ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކުވެސް މި ފަންޑަށް އެކަށީގެންވާ އަދަދެއްގެ ފައިސާ ކަނޑައަޅައި ފަންޑަށް ޖަމާކުރަންވާނެއެވެ.
(ރ) ޑިޒާސްޓަރ މެނޭޖްމަންޓް ފަންޑަށް ޖަމާކުރެވޭ ފައިސާއިން އަހަރު ނިމޭއިރު ހަރަދުނުކުރެވޭ ފައިސާއަކީ ފަންޑުން އުނިކުރެވޭނެ ފައިސާއެއް ނޫނެވެ.
(ބ) ކަމާބެހޭ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން، ޑިޒާސްޓަރ މެނޭޖަމަންޓް ފަންޑުގެ ފައިސާގެ ހިސާބުކިތާބު ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބަލަހައްޓަންވާނެއެވެ.
(ޅ) ކާރިސާގެ ހާލަތުގައި ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ފަންޑުގައިވާ ފައިސާ، ކާރިސާތަކަށް އިޖާބަދިނުމާއި އިޔާދަވުމުގެ ހާލަތުގައި ހިނގާނެ މަސައްކަތްތަކަށް ދަތިނުވެ ފަހިވާ ގޮތަށް ހަރަދުކުރާނެ އުސޫލެއް މާލިއްޔަތާބެހޭ ވުޒާރާއިން ކަނޑައަޅައި އިންތިޒާމް ހަމަޖައްސައިދޭންވާނެއެވެ.
ހަވަނަ ބާބު
އިންސާނީ އެހީއަށް އެދުމާއި، ކާރިސާގެ ހާލަތުގައި ގައުމަށް އެހީ ބޭނުންވާ މުހިންމު ދާއިރާތައް ކަނޑައެޅުން
48 ވަނަ މާއްދާ - އިންސާނީ އެހީއަށް އެދުން
(ހ) ކާރިސާއެއްގެ ހާލަތުގައި ހަރުދަނާ ނުވަތަ ނަތީޖާ ހާސިލުކުރަނިވި ގޮތެއްގައި ހަރަކާތްތެރިވުމަށްޓަކައި، އިންސާނީ އެހީއަށް ސަރުކާރުން އެދެވިދާނެއެވެ.
(ށ) އިސްލާމްދީނާއި، ދިވެހި ސަގާފަތާއި އަދި އާންމު އިޖުތިމާއީ މިންގަނޑުތަކަށް ނުފެތޭ އެހީ ބަލައިނުގަތުމުގެ އިހްތިޔާރު ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލަށް ލިބިގެންވެއެވެ.
(ނ) އިންސާނީ އެހީތެރިކަމަކަށް އެދުމަށް ނިންމާނީ ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލުންނެވެ.
(ރ) ބައިނަލްއަގްވާމީ އެހީއަށް ސަރުކާރުގެ ފަރާތުން ހުށަހަޅާނީ ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލްގެ ލަފާގެމަތިން ހާރިޖީ ކަންކަން ބަލަހައްޓާ ވުޒާރާއިންނެވެ. އަދި ދިވެހިރާއްޖޭގެ އެކި ފަރާތްތަކަށް އެހީއަށް އެދި ހުށަހަޅާނީ ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލްގެ ލަފާގެމަތިން ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީންނެވެ.
(ބ) އެހީއަށް އެދޭނެ ގޮތާއި، އެހީއަށް އެދި ހުށަހަޅާއިރު ހުންނަންޖެހޭނެ މައުލޫމާތާއި، އަދި އެހީ ލިބިގަތުމުގެ އިޖުރާއަތުތަކާއި، އެހީދޭ ޖަމްއިއްޔާ ޖަމާއަތްތަކުން ބަލައިގަންނަންޖެހޭ މިންގަނޑުތައް ކަނޑައަޅާނީ މި ގާނޫނުން ބާރުދޭ ގަވާއިދަކުން ނުވަތަ އުސޫލަކުންނެވެ.
(ޅ) ކާރިސާގެ ހާލަތު ސަރުކާރުން އިއުލާނުކުރި ނަމަވެސް އިންސާނީ އެހީއަށް އެދި ހުށަނާޅާހާ ހިނދަކު އެހީ ބަލައިގަނެގެން ނުވާނެއެވެ.
49 ވަނަ މާއްދާ - ގައުމަށް އެހީ ބޭނުންވާ މުހިންމު ދާއިރާތައް ކަނޑައެޅުން
(ހ) ކާރިސާތަކަށް އިޖާބަދިނުމާއި އިޔާދަވުމުގެ ހާލަތުގައި ގައުމަށް އެހީ ބޭނުންވާ މުހިންމު ދާއިރާތަކާއި ހާލަތަށް ރިއާޔަތްކޮށް އެ ދާއިރާތަކުގެ މުހިންމުކަން ތަރުތީބުކުރާނީ ޑިޒާސްޓަރ މެނޭޖްމަންޓް ސްޓިއަރިންގ ކޮމިޓީގެ ލަފާގެމަތިން ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލުންނެވެ.
(ށ) ކާރިސާގެ ހާލަތުގައި ދިވެހިރާއްޖޭގައި އިޖާބަދިނުމާއި އިޔާދަވުމުގެ ހުރިހާ މަސައްކަތްތައް ކުރާ ޖަމާއަތްތަކުންނާއި ފަރުދުންގެ މަސައްކަތްތައް މި މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅާ ދާއިރާތަކަށް ފެތެންވާނެއެވެ.
(ނ) ކާރިސާގެ ހާލަތުގައި އިޖާބަދިނުމާއި އިޔާދަވުމުގެ މަސައްކަތްތައް ކުރާ ޖަމާއަތްތަކުންނާއި ފަރުދުންގެ މަސައްކަތްތައް ރާވާ ހިންގަންވާނީ ޑިޒާސްޓަރ މެނޭޖްމަންޓް ސްޓިއަރިންގ ކޮމިޓީން އެ ހާލަތުގައި ކަނޑައަޅާ ގޮތުގެމަތިންނެވެ.
50 ވަނަ މާއްދާ - އެހީ ގަބޫލުކުރުމާއި ސުޕަރވައިޒްކުރުމާއި ބޭނުންކުރުން
(ހ) ކާރިސާގެ ސަބަބުން ލިބޭ ގެއްލުމަށް އެހީ ހޯދައިދިނުމަށް ކުރާ މަސައްކަތްތައް ހަމަހަމަ، އަމާން، ތަރުތީބު ގޮތެއްގައި ކުރިއަށްގެންދޭތޯއާއި، ރިލީފް އެހީ ބެހުމުގެ ކަންތައްތައް އިންސާފުވެރި ގޮތެއްގެމަތިން އެހީ ބޭނުންވާ ފަރާތްތަކަށް ލިބޭތޯ މޮނިޓަރކުރާނީ ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލްގެ ފަރާތުން ކަނޑައަޅާ ކޮމިޓީއަކުންނެވެ.
(ށ) މި ގާނޫނުގެ ދަށުން ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރުމުގައި ދިވެހިސަރުކާރު ގަބޫލުކުރާ ބައިނަލްއަގްވާމީ ޖަމާއަތްތަކުން، ނުވަތަ ސަރުކާރުތަކުން، ނުވަތަ އަމިއްލަ މުއައްސަސާތަކުން ނުވަތަ އަމިއްލަ ވިޔަފާރި ޖަމާއަތެއް ނުވަތަ ހިލޭސާބަހަށް މަސައްކަތްކޮށްދޭ ޖަމާއަތެއް ނުވަތަ ފަރުދެއްގެ އެހީ ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލްގެ ހުއްދައާއެކު ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށް ގަބޫލުކުރެވިދާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ސިއްހީ ހިދުމަތްދިނުމުގައި ބައިނަލްއަގްވާމީ މުއައްސަސާތައް ނުވަތަ އަމިއްލަ މުއައްސަސާ، ޖަމާއަތްތަކުގެ ބައިވެރިވުން ވިލަރެސްކޮށް ސުޕަރވައިޒްކުރާނީ ސިއްހީ ދާއިރާއަށް މަސްއޫލުވާ ވުޒާރާއިންނެވެ.
(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، މީހުން ހޯދައި ސަލާމަތްކުރުމުގެ މަސައްކަތުގައި އަމިއްލަ މުއައްސަސާތައް ނުވަތަ ޖަމާއަތްތަކުގެ ބައިވެރިވުން ކޮންޓްރޯލްކޮށް ސުޕަރވައިޒްކުރުމުގެ ހައްގު ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށް ލިބިގެންވެއެވެ.
ހަތްވަނަ ބާބު
މައުލޫމާތު ހާމަކުރުމަށް އެންގުމާއި، ފޯރުކޮށްދިނުމާއި ރައްޔިތުންގެ މުދަލާއި ތަކެތި ބޭނުންކުރުން
51 ވަނަ މާއްދާ - ހަބަރާއި މައުލޫމާތު ފެތުރުމާއި މުއާސަލާތީ ހިދުމަތްތަކުގެ ދައުރު
(ހ) ކާރިސާއެއްގެ ވަގުތުގައި ތެދު އަދި ސައްހަ މައުލޫމާތު ދައުލަތުގެ ޓީވީ އަދި ރޭޑިޔޯއިން ފޮނުވަންވާނެއެވެ.
(ށ) ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ކުރެވޭ މަސައްކަތުގައި ރައްޔިތުން ހޭލުންތެރިކުރުވުމަށާއި ރައްޔިތުންނަށް މައުލޫމާތު ފެތުރުމުގައި ދައުލަތުގެ ހަބަރާއި މައުލޫމާތު ފަތުރާ ވަސީލަތްތަކުން އެއްބާރުލުން ދޭންވާނެއެވެ.
(ނ) ކާރިސާގެ މައުލޫމާތު ފޯރުކޮށްދިނުމާއި، ދުރާލާ އިންޒާރުދިނުމަށް ބޭނުންކުރެވޭ އެއް މުއާސަލާތީ ވަސީލަތެއްގެ ގޮތުގައި ދައުލަތުގެ ޓީވީ އަދި ރޭޑިޔޯ ހިމެނެންވާނެއެވެ.
52 ވަނަ މާއްދާ - މައުލޫމާތު ހާމަކުރުމަށް އެންގުން
(ހ) ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން އެދޭ މުއްދަތެއްގެ ތެރޭގައި ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ މަސައްކަތަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމަށް، މިނިސްޓްރީތަކާއި ދައުލަތުގެ އިދާރާތަކާއި ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތައް، ނުވަތަ ކްލަބް ޖަމްއިއްޔާތަކާއި ޖަމާއަތްތަކާއި އަމިއްލަ ފަރުދުންނަށް ލިޔުމަކުން ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން އެންގިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެންގުމެއް އެންގޭ ހާލަތުގައި، އެއްވެސް މިނިސްޓްރީއެއް ނުވަތަ ދައުލަތުގެ އެއްވެސް އިދާރާއަކުން ނުވަތަ މީހަކު އެކަމަށް އިންކާރުކޮށްފިނަމަ، އެކަން ހާސިލުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން އަޅަންވާނެއެވެ. މިގޮތުން ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން އެދުނު ކަންތައްތައް ފުރިހަމަ ނުކޮށްދިންކަން ރައްޔިތުންގެ މަޖިލީހަށް އެންގިދާނެއެވެ.'
53 ވަނަ މާއްދާ - ވަސީލަތްތައް ފޯރުކޮށްދިނުމަށް އެންގުން
(ހ) ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށާއި ސިޓީ، އަތޮޅު ނުވަތަ ރަށްރަށުގެ ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީތަކަށް ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ފާހަގަކުރެވިއްޖެނަމަ، އެ އިދާރާއަކުން، ވަސީލަތެއް، ތަނެއް، އެއްގަމުގެ، ކަނޑުގެ ނުވަތަ ވައިގެ އުޅަނދެއް ދިނުމަށް ލިޔުމުން ނުވަތަ އަނގަބަހުން އެދެވިދާނެއެވެ. އަނގަބަހުން ދެވޭ އިރުށާދުތައް ކަނޑައެޅޭ މުއްދަތެއްގައި ލިޔުމުން ފޮނުވަންވާނެއެވެ.
- އެއްވެސް މީހެއްގެ ނުވަތަ ބައެއްގެ އަތުގައިވާ ވަސީލަތެއް ނުވަތަ ވަސީލަތްތަކެއް އަވަހަށް ހަރަކާތްތެރިވާންޖެހޭ ހާލަތެއްގައި ބޭނުންވުން؛
- މީހުން ސަލާމަތްކުރުމުގެ މަސައްކަތްތަކަށްޓަކައި ވަކި ތަނެއް ބޭނުންވުން ނުވަތަ ބޭނުންވެދާނެކަމަށް ބެލެވުން.
(ށ) މި މާއްދާގެ ދަށުން ބޭނުންކުރުމަށް އެދޭ ވަސީލަތް ނުވަތަ ތަން ނުވަތަ އުޅަނދަށް އެދޭ މުއްދަތު ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލުން އިއުލާނުކުރާ ކާރިސާގެ ހާލަތުގެ މުއްދަތަށްވުރެން އިތުރުވެގެން ނުވާނެއެވެ.
(ނ) މި މާއްދާގައި ތިރީގައި ބަޔާންކޮށްފައިވާ ބަސްތައް ބޭނުންކޮށްފައިވަނީ އަންނަނިވި މާނައިގައެވެ.
- "ވަސީލަތް" ކަމަށް ބުނެފައިއެވަނީ، އިންސާނީ ވަސީލަތާއި، ގުދަން، އާލާތްތައް، އުޅަނދުތައް އަދި ފެސިލިޓީތައް ހިމެނޭ ގޮތަށެވެ.
- "ތަން" ކަމަށް ބުނެފައިއެވަނީ، ބިމެއް، ގޮނޑުދޮށެއް ނުވަތަ އަތިރިމަތި، އިމާރާތް، އިމާރާތުގެ ބައެއް، ނުވަތަ މިއިން ތަނެއްގެ ބައެއް ފަދަ ކޮންމެ ތަނެއް ހިމެނޭ ގޮތަށެވެ.
- "އެއްގަމު އުޅަނދެއް" ކަމަށް ބުނެފައިއެވަނީ، އިންޖީނެއްގެ ބާރުގައި ނުވަތަ އެނޫންވެސް ގޮތަކުން، އެއްގަމު ދަތުރުފަތުރަށް ބޭނުންކުރާ ނުވަތަ ބޭނުންކުރެވިދާނެ ކޮންމެ އުޅަނދަކަށެވެ.
- "ކަނޑުގެ އުޅަނދެއް" ކަމަށް ބުނެފައިއެވަނީ، އިންޖީނެއްގެ ބާރުން ނުވަތަ އެހެން ބާރަކުންވިޔަސް ދުއްވޭ، ކަނޑުދަތުރުކުރުމަށް އެކަށީގެންވާ، ފެނުގައި ދަތުރުކުރާ ކޮންމެ އުޅަނދެއް ހިމެނޭ ގޮތަށެވެ.
- "ވައިގެ އުޅަނދެއް" ކަމަށް ބުނެފައިއެވަނީ، ހުރިހާ ވައްތަރެއްގެ މަތިން ދުއްވާ އުޅަނދުތައް ހިމެނޭ ގޮތަށެވެ.
54 ވަނަ މާއްދާ - ބަދަލުނަގައިދިނުން
(ހ) ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ ނުވަތަ ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީއަކުން ވަސީލަތެއް، ނުވަތަ ތަނެއް ނުވަތަ އުޅަނދަކަށް އެދި އެ އެއްޗެއްގެ ބޭނުންހިފައިފިނަމަ، އެ ވަސީލަތެއްގެ، ތަނެއްގެ، އުޅަނދެއްގެ ނުވަތަ އެއްޗެއްގެ ވެރިފަރާތުން އެ އެއްޗެއްގެ ބޭނުންކުރި މުއްދަތައް އުޖޫރައެއް ދިނުމަށް އެދިއްޖެ ހިނދެއްގައި ބަދަލު ފައިސާއިން ދޭންވާނެއެވެ. ބަދަލުގެ ގޮތުގައިދޭ ފައިސާގެ އަދަދު ކަނޑައަޅާނީ ތިރީގައިވާ ކަންތައްތަކަށް ބެލުމަށް ފަހުގައެވެ.
- އެތަނަކަށް ދައްކަންޖެހޭ ކުލި، ނުވަތަ ކުއްޔެއް ދައްކަން ނުޖެހޭނަމަ އެ ސަރަހައްދުގައި އެތަނާ އެއްގޮތް ތަންތަނަށް އާދަވެގެން ދައްކަންޖެހޭ ކުލި؛
- އެ ވަގުތުގައި ކަނޑުގެ އުޅަނދެއް، އެއްގަމު އުޅަނދެއް ނުވަތަ ވައިގެ އުޅަނދެއް ކުއްޔައް ހޯދުމަށް ދައްކަންޖެހޭ އަގު.
(ށ) ކާރިސާއެއްގައި ގެއްލުން ލިބޭ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމުގެ މަގްސަދުގައި އެހީފޯރުކޮށްދިނުމުގެ ތެރޭގައި އެމީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ގެއްލުމެއް ލިބިއްޖެނަމަ އެލިބޭ ގެއްލުމުގެ ބަދަލު ދޭންވާނެއެވެ. މިގޮތުން ލިބޭ ބަދަލު، ފައިސާއިން ނުވަތަ ބޭސްފަރުވާއިން ނުވަތަ މިނޫންވެސް ގޮތަކުން ހަމަޖެއްސިދާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބުނާ ބަދަލު ދިނުމާބެހޭ ގަވާއިދެއް ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން އެކުލަވާލަންވާނެއެވެ.
(ރ) މި މާއްދާގެ ދަށުން ބަދަލުނަގައިދިނުމުގައި އުފެދޭ މައްސަލަތައް ހައްލުކުރާނީ ކަމާބެހޭ ށަރުއީ ކޯޓަކަށް ހުށަހަޅައިގެންނެވެ.
55 ވަނަ މާއްދާ - އަގު ކޮންޓްރޯލްކުރުން
(ހ) ކާރިސާގެ ހާލަތު އިއުލާނުކޮށްފައިވާ ސަރަހައްދުތަކުގައި އިއުލާނުކޮށްފައިވާ މުއްދަތުގެ ތެރޭގައި ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލުން ކަނޑައަޅާ އަސާސީ ބޭނުންތައް ފުއްދުމަށް ބޭނުންވާ ތަކެތީގެ އަގުތައް ބޮޑުވާގޮތަށް އަގުތަކަށް ބަދަލުގެނެސްގެން ނުވާނެއެވެ.
(ށ) އަސާސީ ބޭނުންތަކަށް ބޭނުންވާ ތަކެތިނޫން ތަކެތީގެ އަގު ކާރިސާގެ ހާލަތު އިއުލާނުކުރެވިފައިވާ މުއްދަތަށް ވުރެ ދިގުނޫން މުއްދަތަކަށް ކޮންޓްރޯލްކުރުމަށް
ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވިދާނެއެވެ. އަދި މި ގޮތުގެމަތިން އަގު ކޮންޓްރޯލްކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.
އަށްވަނަ ބާބު
އަދަބުގެ ބައި
56 ވަނަ މާއްދާ - މި ގާނޫނު ލާޒިމުކުރާ ކަމެއް ކުރުން ހުއްޓާލުމާއި، ކުރުމަށް އިންކާރުކުރުމާއި އިހުމާލުވުމުގެ ކުށް
(ހ) މި ގާނޫނުގެ ދަށުން މަސައްކަތެއް ހަވާލުކުރެވިފައިވާ މުވައްޒަފަކު، ވެރިއެއްގެ ހުއްދައާނުލައި ނުވަތަ ގާނޫނީގޮތުން ގަބޫލުކުރެވޭ އެހެންވެސް އުޒުރަކާނުލައި، އެ މަސައްކަތެއް ކުރުން ހުއްޓާލައިފިނަމަ ނުވަތަ ކުރުމަށް އިންކާރުކޮށްފިނަމަ ނުވަތަ މަސައްކަތްކުރުމުގައި އިހުމާލުވެއްޖެނަމަ އެމީހަކު އެކުރަނީ ކުށެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ 1,000 (އެއްހާސް) ރުފިޔާއާއި 100,000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ނުވަތަ 3 (ތިނެއް) މަސްދުވަހާއި 12 (ބާރަ) މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
57 ވަނަ މާއްދާ - ސައްހަނޫން މައުލޫމާތުދީގެން އެހީހޯދުމުގެ ކުށް
(ހ) ކާރިސާއަކަށް އިޖާބަދިނުމުގެ ހާލަތުގައި ދޮގު ނުވަތަ ސައްހަނޫން މައުލޫމާތުދީގެން ރިލީފް އެހީ ހޯދުމާއި އިޔާދަވުމުގެ ހާލަތުގައި އަރާސްތުކުރުމުގެ މަސައްކަތުގެ އެއްވެސް އެހީއެއް ހޯދުމަކީ ކުށެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ 1,000 (އެއްހާސް) ރުފިޔާއާއި 100,000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ނުވަތަ 3 (ތިނެއް) މަސްދުވަހާއި 12 (ބާރަ) މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
58 ވަނަ މާއްދާ - މައުލޫމާތު ހިއްސާކުރުން ލަސްކުރުމުގެ ކުށް
(ހ) ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ މަސައްކަތަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމަށް އެދުމުން ގާނޫނީގޮތުން ގަބޫލުކުރެވޭ އުޒުރަކާނުލައި ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާ މައުލޫމާތު ހިއްސާނުކުރުމަކީ ނުވަތަ މައުލޫމާތުދިނުމުގައި ގަސްތުގައި ލަސްކުރުމުގެ އަދަބަކީ 1,000 (އެއްހާސް) ރުފިޔާއާއި 100,000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޖޫރިމަނާގެ މިންވަރު ކަނޑައަޅާނީ، އެ ކުރި އަމަލުގެ ކުޑަބޮޑު މިނަށް ބަލައި، ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީންނެވެ.
59 ވަނަ މާއްދާ - ބިރުވެރިކަން އުފެދޭގޮތަށް ހަބަރު ނުވަތަ މައުލޫމާތު ފެތުރުމުގެ ކުށް
(ހ) ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދޭގޮތަށް ކާރިސާތަކާބެހޭ މައުލޫމާތު ނުވަތަ ހަބަރު، ހަބަރުފަތުރާ ވަސީލަތްތަކުން ގެނެސްދިނުމަކީ ކުށެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ 1,000 (އެއްހާސް) ރުފިޔާއާއި 100,000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ނުވަތަ 3 (ތިނެއް) މަސްދުވަހާއި 6 (ހައެއް) މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
60 ވަނަ މާއްދާ - ހުރަސްއެޅުމުގެ ކުށް
(ހ) ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ނުވަތަ ސިޓީ، އަތޮޅު ނުވަތަ ރަށްރަށުގެ ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީން ހުއްދަދީފައިވާ މީހެއް ނުވަތަ އެއިން މުއައްސަސާއެއްގެ މުވައްޒަފެއް މި ގާނޫނުގެ ދަށުން އަދާކުރަންޖެހޭ މަސައްކަތެއް ކުރުމަށް ސަބަބަކާނުލައި ހުރަސްއަޅައިފިނަމަ ނުވަތަ ސަރުކާރުން ނުވަތަ ސަރުކާރުގެ ފަރާތުން އަންގާ އެންގުމަކަށް ކިޔަމަންވުމަށް އިންކާރުކުރުމުގެ އަދަބަކީ 1,000 (އެއްހާސް) ރުފިޔާއާއި 100,000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޖޫރިމަނާގެ މިންވަރު ކަނޑައަޅާނީ، އެ ކުރި އަމަލުގެ ކުޑަބޮޑު މިނަށް ބަލައި، ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީންނެވެ.
61 ވަނަ މާއްދާ - ފައިސާއާއި ތަކެތި ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށް
(ހ) ދިމާވެފައިވާ ނުވަތަ ދިމާވެދާނެ ކާރިސާއިން ލިބޭ ގެއްލުމަށް އެހީ ހޯދައިދިނުމަށް ކުރާ މަސައްކަތަށް ކަނޑައެޅިފައިވާ ފައިސާ، ނުވަތަ ތަކެތި ހަވާލުކުރެވިފައިވާ ފަރާތުން، އެ ފައިސާ ނުވަތަ ތަކެތި ނުވަތަ އެއިން ބައެއް އަމިއްލަ ބޭނުމަށް ބޭނުންކޮށްފިނަމަ ނުވަތަ ބޭނުންކުރުމަށް އެހެން މީހަކަށް މަޖުބޫރުކުރުމަކީ ކުށެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ 1,000 (އެއްހާސް) ރުފިޔާއާއި 100,000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ނުވަތަ 3 (ތިނެއް) މަސްދުވަހާއި 12 (ބާރަ) މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
62 ވަނަ މާއްދާ - އެހެނިހެން ކުށްކުށުގެ އަދަބު
(ހ) މި ބާބުގައި ބަޔާންކޮށްފައިވާ ކުށްތައް ފިޔަވައި، މި ގާނޫނާ ހިލާފަށް ކުރާ ކޮންމެ ކުށެއްގެ އަދަބަކީ 1,000 (އެއްހާސް) ރުފިޔާއާއި 100,000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޖޫރިމަނާގެ މިންވަރު ކަނޑައަޅާނީ،
އެ ކުރި އަމަލުގެ ކުޑަބޮޑު މިނަށް ބަލައި، ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީންނެވެ.
63 ވަނަ މާއްދާ - ޖިނާއީ ކުށްތަކާ ގުޅޭ އާންމު އުސޫލުތައް
(ހ) މި ބާބުގައި ބަޔާންކޮށްފައިވާ ޖިނާއީ ކުށްތަކާ ގުޅިގެން ދިނުމަށް މި ގާނޫނުގައި ބަޔާންކޮށްފައިވާ އަދަބުތަކާއި، ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގައި އެފަދަ ކުށްތަކަށް ދިނުމަށް ކަނޑައަޅާފައިވާ އަދަބުތަކާ ތައާރުޒުވާނަމަ، އިސްކަންދޭންވާނީ ގާނޫނުލްއުގޫބާތުގައި ބަޔާންކުރެވިފައިވާ އަދަބުތަކަށެވެ.
(ށ) މި ބާބުގައި ބަޔާންކުރެވިފައިވާ ޖިނާއީ ކުށެއްކޮށްފިނަމަ، އެކަން ތަހުގީގުކުރުމަށް ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން މޯލްޑިވްސް ޕޮލިސް ސާރވިސްއަށް ފޮނުވަންވާނެއެވެ.
ނުވަވަނަ ބާބު
އެހެނިހެން ކަންތައްތައް
64 ވަނަ މާއްދާ - ކުރިން ލަފާނުކުރެވޭފަދަ ކަމެއް ދިމާވުން
ކުރިން ލަފާނުކުރެވޭފަދަ ހާލަތެއް މެދުވެރިވެގެން ކޮމިޓީތަކުގެ މަސައްކަތް ކުރިއަށްނުދާ ހާލަތެއްގައިނަމަ، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެންގުމުގެ ބާރު ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ނުވަތަ އެ ސިޓީއެއްގެ ނުވަތަ
އެ އަތޮޅެއްގެ ނުވަތަ އެ ރަށެއްގެ ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީގެ ޗެއަރމަނަށް ލިބިގެންވެއެވެ.
65 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން
(ހ) މި ގާނޫނުގައި ކަނޑައެޅިގެން އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހައި ހިނދަކު،
މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީންނެވެ. ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތައް ހަދާނީ ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލުންނެވެ.
(ށ) މި ގާނޫނަށް އަމަލުކުރަން ފަށާތާ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި މި ގާނޫނު ހިންގުމަށްޓަކައި ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގަންވާނެއެވެ.
(ނ) ކާރިސާއެއް ހިނގިއަނުދިނުމަށް ނުވަތަ ކާރިސާއިން ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި، އެއްވެސް އެންގުމެއް، މަގުދެއްކުމެއް، އިރުށާދެއް، އަމުރެއް ނުވަތަ ސްކީމެއް ހެދުމަށް ނުވަތަ އިސްލާހުކުރުމަށް ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލް، ޑިޒާސްޓަރ މެނޭޖްމަންޓް ސްޓިއަރިންގ ކޮމިޓީއަށް، ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށް، ސިޓީ، އަތޮޅު ނުވަތަ ރަށު ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީއަށް ފެނިއްޖެނަމަ މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން އެ އެންގުމެއް، މަގުދެއްކުމެއް، އިރުށާދެއް، އަމުރެއް ނުވަތަ ސްކީމެއް ހެދުމުގެ ނުވަތަ އިސްލާހުކުރުމުގެ ބާރު އެ ފަރާތަކަށް ލިބިގެންވެއެވެ.
66 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން
މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާތާ 6 (ހައެއް) މަސްދުވަހުގެ ފަހުންނެވެ.
67 ވަނަ މާއްދާ - މާނަކުރުން
މި ގާނޫނުގައި އިބާރާތެއް ނުވަތަ ލަފްޒެއް ބޭނުންކޮށްފައިވާގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފްޒުތަކަށް ދީފައިވަނީ،
އެ އިބާރާތްތަކާއި ލަފްޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.
(ހ) "ކާރިސާ" ކަމަށް ބުނެފައި އެވަނީ، މުޖުތަމައެއްގެ ނުވަތަ ޖަމާއަތެއްގެ އަމިއްލަ ވަސީލަތްތައް ބޭނުންކޮށްގެން ތަހައްމަލް ނުކުރުވޭގޮތަށް، އެބައެއްގެ އިންސާނީ، މާއްދީ އަދި އިގްތިސާދީ ވަސީލަތްތަކަށާއި އަދި ތިމާވެއްޓަށް ގެއްލުންވެ، އާންމު ދިރިއުޅުމަށް ހުރަސްއެޅޭ ފަދަ ބޮޑެތި ހާދިސާތަކަށެވެ.
އިތުރު ތަފްސީލް: "ކާރިސާ" މާނަކުރުމުގައި އާންމުކޮށް 3 ކަމަކަށް ބަލަންޖެހެއެވެ. އެއީ މުޖުތަމައެއް ނުރައްކަލަކަށް ހާމަކޮށް ހުޅުވިފައިވާ މިންވަރާއި، ނާޒުކުކަމާއި އަދި ތަހައްމަލް ކުރުމަށް ނުކުޅެދުންތެރިވެފައިވާ މިންވަރެވެ. ކާރިސާއަކުން ކުރާނެ އަސަރުތަކުގެ ތެރޭގައި ފުރާނަ ގެއްލުމާއި، ޒަހަމްވުމާއި، ބަލިމަޑުކަމާއި، ޖިސްމާނީ، ނަފްސާނީ، އިޖްތިމާއީ އަދި އެހެނިހެން ގެއްލުންތަކާއި، މިލްކިއްޔާތަށާއި އާންމު ހިދުމަތްތަކަށް އަދި އިގްތިސާދަށާއި ތިމާވެއްޓަށް ލިބޭ ގެއްލުން ހިމެނެއެވެ.
(ށ) "ކާރިސީހިރާސް" ކަމަށް ބުނެފައި އެވަނީ، ވަކި މުއްދަތެއްގެ ތެރޭގައި ވަކި މުޖުތަމައަކަށް ކުރިމަތިވެދާނެ ކާރިސާއަކުން އިންސާނުންގެ ފުރާނައާއި އިގްދިސާދީ ހަރަކާތްތަކާއި، ސިއްހީ ކަންކަމާއި މުދަލާއި ހިދުމަތްތަކަށް ގެއްލުން ލިބުމަށް އޮތް ފުރުސަތަށެވެ.
(ނ) "އަރައްކާ" ކަމަށް ބުނެފައި އެވަނީ، ފުރާނަ ގެއްލުމާއި، އަނިޔާވުމާއި، އެހެނިހެން ސިއްހީ ގެއްލުންތަކާއި، މުދަލަށް ގެއްލުން ލިބުމާއި، ދިރިއުޅުމަށް ކުރާ މަސައްކަތް ނުވަތަ މުހިއްމު ހިދުމަތްތަކަށް ގެއްލުންވުމާއި، އިޖްތިމާއީ އަދި އިގްތިސާދީ ހަރަކާތްތައް މެދުކެނޑުމާއި، ތިމާވެށީގެ ގެއްލުން މެދުވެރިކުރުވާފަދަ ހާދިސާއެއް، މާއްދާއެއް، އިންސާނުންގެ ހަރަކާތަކުން ނުވަތަ ހާލަތަކުން މެދުވެރިވުމެވެ.
(ރ) "ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުން" ކަމަށް ބުނެފައި އެވަނީ، އިދާރީ ނިންމުންތަކާއި އޯގަނައިޒޭށަން އަދި އޮޕަރޭށަނަލް ހުނަރުވެރިކަމާއި، ގާބިލުކަން ބޭނުންކޮށްގެން ގުދުރަތީ އަދި އެހެނިހެން ގޮތްގޮތުން ކުރިމަތިވާ ކާރިސާތަކުންކުރާ އަސަރު ކުޑަކުރުމަށްޓަކައި ސިޔާސަތުތަކާއި އިސްތިރާޖީތައް ތަންފީޒުކޮށް، މުޖުތަމައުގެ ގާބިލުކަން އިތުރުކުރުމަށެވެ. މީގެ ތެރޭގައި ނުރައްކާތެރިކަމުގެ ނުރަނގަޅު އަސަރުތައް މަދުކުރުމަށާއި އެއަށް ތައްޔާރުވުމާއި އެފަދަ އަސަރުތައް ކުރިއަނުދިނުމަށް އަޅާ ބިނާއީ އަދި ލާބިނާއީ ފިޔަވަޅުތައް ހިމެނެއެވެ.
(ބ) "ކާރިސާއިން ލިބޭ ގެއްލުން ކުޑަކުރުން" ކަމަށް ބުނެފައި އެވަނީ، ކާރިސާތަކުން ގެއްލުން ލިބުމުގެ ފުރުސަތު ކުޑަކުރުމަށްޓަކައި އެކަންތައްތައް ކުރިމަތިވުމަށް ދިމާވާ ސަބަބުތައް ދިރާސާކޮށް ވަކި އުސޫލެއްގެ މަތިން މަސައްކަތްކުރުމެވެ. މިގޮތުން އިންސާނުންގެ މުދަލާއި ފުރާނަ ނުރައްކަލަށް ހާމަވެފައިވާ މިންވަރާއި ނާޒުކުކަން ކުޑަކުރުމާއި، އެކަށީގެންވާ ރަނގަޅު ގޮތެއްގައި ވެއްޓާއި ބިން ބޭނުންކުރުމާއި، ކާރިސާތަކަށް ތައްޔާރުވެފައިވާ މިންވަރު އިތުރުކުރުން ހިމެނެއެވެ.
(ޅ) "ކާރިސާތަކުން އިޔާދަވުން" ކަމަށް ބުނެފައި އެވަނީ، ކާރިސާތަކުން އަސަރުކޮށްފައިވާ މުޖުތަމައުތަކުގެ ތެރޭގައި ހުރި ވަސީލަތްތަކާއި، އާމްދަނީ ހޯދަން ކުރާ މަސައްކަތްތަކާއި ދިރިއުޅުމުގެ ހާލަތު ކުރިން ހުރި ހާލަތަށް ނުވަތަ އެއަށްވުރެ ރަނގަޅު ހާލަތަކަށް އިޔާދަކުރުމަށެވެ.
(ކ) "ކާރިސާތަކަށް އިޖާބަދިނުން" ކަމަށް ބުނެފައި އެވަނީ، ކާރިސާއެއް ކުރިމަތިވާ ހިނދު މީހުންގެ ފުރާނަ ސަލާމަތް ކުރުމަށާއި، ސިއްހީ ހާލަތު ދެނެގަތުމަށާއި، އާންމުންގެ ރައްކާތެރިކަން ޔަގީންކުރުމަށާއި، ކާރިސާގައި ގެއްލުން ލިބިފައިވާ މީހުންގެ އަސާސީ ބޭނުންތައް ފުއްދައިދިނުމަށް ކުއްލި ހާލަތުގައި ފޯރުކޮށްދެވޭ ހިދުމަތްތަކަށާއި އެހީތެރިކަމަށެވެ.
(އ) "ކާރިސާތަކަށް ތައްޔާރުވުން" ކަމަށް ބުނެފައި އެވަނީ، ކުރިމަތި ވެދާނެކަމަށް ލަފާކުރެވޭ ނުވަތަ ކުރިމަތިވަމުންދާ ކާރިސާއަކަށް ނުވަތަ އެނޫންވެސް ގެއްލުންދެނިވި ހާދިސާތަކަށް އެންމެ އެދެވޭގޮތުގައި ތައްޔާރުވެ އޭގެ ސަބަބުން ލިބިދާނެ ގެއްލުން ކުޑަކުރުމަށްޓަކައި ކުރިއާލާ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އިލްމާއި ހުނަރާއި ފަންނުވެރިކަމުގެގޮތުން ސަރުކާރަށާއި ކަމާގުޅޭ ޖަމާއަތްތަކަށް އަދި މުޖުތަމައާއި އާންމު ފަރުދުންނަށް ލިބިގެންވާ ކެރިފޯރުންތެރިކަމާއި ގާބިލުކަމަށެވެ.
(ވ) "ކައުންސިލް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން އުފައްދާ "ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލް" އަށެވެ.
(މ) "ޗެއަރޕަރސަން" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން އުފެއްދޭ ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލްގެ ޗެއަރޕަރސަނަށެވެ.
(ފ) "އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން އުފައްދާ ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށެވެ.
(ދ) "ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން އުފައްދާ ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީތަކަށެވެ.
(ތ) "އިންސާނީ އެހީތެރިކަން" ކަމަށް ބުނެފައި އެވަނީ، ކާރިސާއެއްގައި އިޖާބަދިނުމަށާއި ރިލީފް އެހީ ފޯރުކޮށްދިނުމުގެ ގޮތުން، ފޯރުކޮށްދެވޭ މާލީ، މާއްދީ އަދި އިންސާނީ އެހީތެރިކަމަށެވެ.
މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދާއި އުސޫލު
- ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލުގެ ބައްދަލުވުންތައް ކުރިޔަށް ގެންދާނޭ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2024-62)
- ކާރިސާތަކުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ކާރިސާތަކުން ލިބޭ ގެއްލުންތަކަށް އެހީ ދިނުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2024-43)
- ރަށު ފެންވަރުގައި ކާރިސާތަކަށް އިޖާބަދިނުމުގެ ޓީމުތަކާ ގުޅޭ އުސޫލު (އުސޫލު ނަންބަރު 2023-11)
- ސިޓީއާއި އަތޮޅު ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީއާއި އިމަރޖެންސީ މެނޭޖަރުންނާ ގުޅޭ އުސޫލު (އުސޫލު ނަންބަރު 2023-10)
- ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ މުވައްޒަފުންގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1079)
ކިޔުންތެރިންގެ ހިޔާލު