-

ރަށު ފެންވަރުގައި ކާރިސާތަކަށް އިޖާބަދިނުމުގެ ޓީމުތަކާ ގުޅޭ އުސޫލު

(އުސޫލު ނަންބަރު 2023-11)

(މި އުސޫލަށް އަމަލުކުރަން ފެށީ 4 އެޕްރީލް 2023 ގައި)

 

ފުރަތަމަ ބާބު

އާންމު މާއްދާތައް

 

1 ވަނަ މާއްދާ - ތައާރަފު

(ހ) މިއީ، ދިވެހިރާއްޖެއަކީ ވިލުންވެރި މުޖުތަމައެއް ބިނާވެގެންވާ ގައުމަކަށް ހެދުމަށް ޓަކައި ކާރިސާގެ ހާލަތުގައި އިޖާބަދިނުމުގެ މަސައްކަތްކޮށް، މީހުންގެ ފުރާނައާއި މުދަލަށް ލިބޭ ގެއްލުން ކުޑަކުރުމާއި، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި، ރަށު ފެންވަރުގައި ހަރަކާތްތެރިވާނެ ތަމްރީނާއި ހުނަރު ލިބިފައިވާ ގާބިލު ފަރާތްތަކެއް ހިމެނޭގޮތުން، ރަށު ފެންވަރުގައި ކާރިސާތަކަށް އިޖާބަދިނުމުގެ ޓީމުތައް އެކުލަވައިލުމަށް ޓަކައި، ގާނޫނު ނަންބަރު 2015-28 (ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ގާނޫނު) ގެ 4 ވަނަ މާއްދާއާއި 5 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 28 ވަނަ މާއްދާގެ (ށ) ގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ އުސޫލެކެވެ.

(ށ) މި އުސޫލަށް ކިޔާނީ، "ރަށު ފެންވަރުގައި ކާރިސާތަކަށް އިޖާބަދިނުމުގެ ޓީމުތަކާ ގުޅޭ އުސޫލު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި އުސޫލުގެ ދަށުން ރަށު ފެންވަރުގައި ކާރިސާތަކަށް އިޖާބަދިނުމުގެ ޓީމުތައް އެކުލަވައިލުމުގެ މަގުސަދުތައް، ތިރީގައި މިވަނީއެވެ.

(ހ) ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ކާރިސާތަކަށް އިޖާބަދިނުން އަވަސްކުރުން.

(ށ) ކާރިސީ ހިރާސް ކުޑަކުރުމަށް މަސައްކަތްކުރުން.

(ނ) ކާރިސާތަކަށް ވިލުންވެރިކަން އިތުރުކުރުން.

(ރ) ކާރިސާގެ ކަންކަން ބެލެހެއްޓުމުގައި އާންމު ރައްޔިތުންގެ ހިއްސާ އިތުރުކުރުން.

(ބ) ހާލުގައި ޖެހިފައިވާ ފަރާތްތައް އާންމު ހާލަތަށް ރުޖޫއަވުމަށް އެހީތެރިކަން ފޯރުކޮށްދިނުން.

(ޅ) ކާރިސާގެ ކަންކަން ބެލެހެއްޓުން ލާމަރުކަޒީ އުސޫލުން ކުރުމަށް ބާރުއެޅުން.

 

ދެވަނަ ބާބު

ރަށު ފެންވަރުގައި އިޖާބަދިނުމުގެ ޓީމު އެކުލަވައިލުން

 

3 ވަނަ މާއްދާ - ރަށު ފެންވަރުގައި އިޖާބަދިނުމުގެ ޓީމު އެކުލަވައިލުމާއި ހިންގުން 

(ހ) ރާއްޖޭގެ ރަށްތަކުގައި ދިމާވާ ކާރިސާތަކަށް އިޖާބަދިނުން އަވަސްކޮށް، ރައްޔިތުންގެ ފުރާނަ ސަލާމަތްކޮށް، ގެދޮރާއި މުދަލަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް ޓަކައި، ރަށު ފެންވަރުގައި ކާރިސާތަކަށް އިޖާބަދިނުމަށް ޓަކައި އެކުލަވައިލާ ޓީމުތަކުގައި ހިމެނޭ ފަރާތްތަކުގައި ހުންނަންޖެހޭ ށަރުތުތައް ތިރީގައި މިވަނީއެވެ.

  1. އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ފަރާތަކަށް ވުން؛
  2. މުއާމަލާތްކުރުމުގައި ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުއާމަލާތް ކުރެވޭނެ ފަރާތަކަށް ވުން؛
  3. ދިމާވެދާނެ އިމަރޖެންސީ ހާލަތެއްގައި ގެއްލުން ލިބޭ ފަރާތްތަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދެވޭނެ ފަދަ ގާބިލުކަން ހުންނަ ފަރާތަކަށް ވުން؛
  4. ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ފޯރުކޮށްދޭ، ރަށު ފެންވަރުގައި ކާރިސާތަކަށް އިޖާބަދިނުމުގެ ޓީމު އެކުލަވައިލުމުގެ ތަމްރީނުތައް ފުރިހަމަކޮށްފައިވުން؛
  5. ރަށު ފެންވަރުގައި ކާރިސާތަކަށް އިޖާބަދޭ ޓީމުގެ މެންބަރެއްގެ ގޮތުގައި މަދުވެގެން 2 (ދޭއް) އަހަރުދުވަހު މަސައްކަތް ކުރުމުގެ ށައުގުވެރިކަން ހުރުން؛
  6. ކާރިސާގެ ކަންކަން ބެލެހެއްޓުމުގައި މުޖުތަމައާއެކު މަސައްކަތް ކުރުމަށް ށައުގުވެރިކަން ހުންނަ ފަރާތަކަށް ވުން.

(ށ) ރަށު ފެންވަރުގައި ކާރިސާތަކަށް އިޖާބަދިނުމުގެ ޓީމުގައި މެންބަރުން ހިމަނަންވާނީ، އެ ރަށެއްގެ އާބާދީގެ ނިސްބަތުންނެވެ. އެގޮތުން، ޓީމުގައި މަދުވެގެން ހިމަނަންޖެހޭ ފަރާތްތަކުގެ އަދަދު ތިރީގައި މިވަނީއެވެ.

  1. ރަށުގެ އާބާދީ 10,000 (ދިހަހާސް) މީހުންނަށްވުރެ އިތުރުނަމަ، 60 (ފަސްދޮޅަސް) މެންބަރުން ހިމެނުން؛
  2. ރަށުގެ އާބާދީއަކީ 3,000 (ތިންހާސް) އާއި 10,000 (ދިހަހާސް) އާ ދެމެދުގެ އާބާދީއެއްނަމަ، 35 (ތިރީސްފަހެއް) މެންބަރުން ހިމެނުން؛
  3. ރަށުގެ އާބާދީއަކީ 1,000 (އެއްހާސް) އާއި 3,000 (ތިންހާސް) އާ ދެމެދުގެ އާބާދީއެއްނަމަ، 25 (ފަންސަވީސް) މެންބަރުން ހިމެނުން؛
  4. ރަށުގެ އާބާދީ 1,000 (އެއްހާސް) މީހުންނަށް ވުރެ މަދުނަމަ، 15 (ފަނަރަ) މެންބަރުން ހިމެނުން.

(ނ) ރަށު ފެންވަރުގައި ކާރިސާތަކަށް އިޖާބަދިނުމުގެ ޓީމަށް މެންބަރުން ހަމަޖައްސަންވާނީ، %50 (ފަންސާސް އިންސައްތަ) އަންހެނުންނާއި %50 (ފަންސާސް އިންސައްތަ ފިރިހެނުން ހިމެނޭ ގޮތަށެވެ. 

(ރ) ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ކޮންމެ 2 (ދޭއް) އަހަރަކުން އެއްފަހަރު ހިންގާ، ރަށު ފެންވަރުގައި ކާރިސާތަކަށް އިޖާބަދިނުމުގެ ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިނުވާ ފަރާތްތައް، ރަށު ފެންވަރުގައި ކާރިސާތަކަށް އިޖާބަދިނުމުގެ ޓީމުން ވަކިކުރުމުގެ އިހްތިޔާރު، ރަށު ކައުންސިލްތަކަށް ލިބިގެންވެއެވެ.

(ބ) ރަށު ފެންވަރުގައި ކާރިސާތަކަށް އިޖާބަދިނުމުގެ ޓީމުން ކުރިޔަށްގެންދާ ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ މަސައްކަތުގައި، ހާއްސަ ހާލަތެއް ދިމާވެގެން މެނުވީ %50 (ފަންސާސް އިންސައްތަ) ކާރިސާތަކުގައި ބައިވެރިނުވެވޭ ނަމަ ރަށު ފެންވަރުގައި ކާރިސާތަކަށް އިޖާބަދިނުމުގެ ޓީމުން ވަކިކުރުމުގެ އިހްތިޔާރު، ރަށު ކައުންސިލްތަކަށް ލިބިގެންވެއެވެ. 

(ޅ) ސިޓީގެ ލެވެލްގައި ހިނގާ ކާރިސާތަކާއި ހާދިސާތަކުގައި އިމަރޖެންސީ އޮޕަރޭށަނުގެ އެންމެ އިސްފަރާތަކީ، ސިޓީގެ މޭޔަރެވެ. އަތޮޅު ކައުންސިލެއް ނަމަ، ނުވަތަ ރަށު ކައުންސިލެއް ނަމަ، ކައުންސިލުގެ ރައީސެވެ. ރައީސް ނެތް ހާލަތެއްގައި ނަމަ، ރައީސް ނުވަތަ ނާއިބު ރައީސް ކަނޑައަޅާ ފަރާތެކެވެ.

(ކ) މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ އިމަރޖެންސީ އޮޕަރޭށަނުގެ މަސައްކަތުގައި ވާގިވެރިވުމުގެ ގޮތުން ހަރަކާތްތެރިވާ ފަރާތްތަކުގެ މަސައްކަތް ފެށޭނީ، އޮޕަރޭށަނުގެ އިސްފަރާތުން އަންގާ ގޮތެއްގެ މަތީންނެވެ. ދިމާވާ ކާރިސާއެއްގެ ބާވަތުން، ހާލަތަށް ރިއާޔަތްކޮށް ޓީމުގެ މެންބަރުންގެ ތެރެއިން ޓީމުގެ ލީޑަރު އައްޔަނުކުރުމަށް ސިޓީ ކައުންސިލުގެ މޭޔަރ ނުވަތަ އަތޮޅު ކައުންސިލާއި ރަށު ކައުންސިލުގެ ރައީސަށް ބާރު ލިބިގެންވެއެވެ.

(އ) މި މާއްދާގެ ދަށުން އުފައްދާ ޓީމު އުފައްދައި، ޓީމުގެ މަސައްކަތްތައް ބަލަހައްޓާނީ، ސިޓީއެއްގައި ނަމަ، އެ ސިޓީއެއްގެ ސިޓީ ކައުންސިލުންނެވެ. އަތޮޅެއްގައި ނަމަ، އެ އަތޮޅެއްގެ އަތޮޅު ކައުންސިލުންނެވެ. ރަށެއްގައި ނަމަ، އެ ރަށެއްގެ ރަށު ކައުންސިލުންނެވެ.

 

ތިންވަނަ ބާބު

ރަށު ފެންވަރުގައި އިޖާބަދިނުމުގައި ޓީމު ލީޑަރުގެ ޒިންމާއާއި މަސްއޫލިއްޔަތު

 

4 ވަނަ މާއްދާ - ރަށު ފެންވަރުގައި އިޖާބަދިނުމުގައި ޓީމު ލީޑަރުގެ މަސްއޫލިއްޔަތު

މި އުސޫލުގެ ދަށުން އެކުލަވައިލާ ޓީމުގެ ލީޑަރުގެ މައިގަނޑު މަސްއޫލިއްޔަތުތައް ތިރީގައި މިވަނީއެވެ.

(ހ) ކާރިސާއެއް ދިމާވެއްޖެ ހާލަތެއްގައި އެ ކާރިސާ ހިނގި ސަރަހައްދު ބަލައި، އޮޕަރޭށަނުގެ އިސްވެރިޔާއަށް އެކަމުގެ މައުލޫމާތު ފޯރުކޮށްދިނުން.

(ށ) ކާރިސާގެ ކުޑަބޮޑުމިނަށް ބެލުމަށްފަހު، އޮޕަރޭށަނުގެ އިސްވެރިޔާގެ ލަފާގެ މަތީން ޓީމުގެ މެންބަރުންނަށް މަސައްކަތްތައް ބަހައިލުމަށްފަހު ޓީމު ހަރަކާތްތެރިކުރުވުން.

(ނ) ކާރިސާއަކާ ގުޅިގެން ކުރިމަތިވާ ނުރައްކަލުގެ ހާލަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުލަވައިލައިފައިވާ ރެސްޕޮންސް ޕްލޭނާ އެއްގޮތަށް ސިޓީގެ ފެންވަރުގައްޔާއި، އަތޮޅު ފެންވަރުގައްޔާއި، ރަށު ފެންވަރުގައި މީހުން ސަލާމަތްކުރުމާއި، ކާރިސާއިން ލިބޭ ގެއްލުމާއި ދަތި ކަންތައްތަކަށް އެހީ ހޯދުމާއި، އެހީ ފޯރުކޮށްދިނުމާއި، ކާރިސާއިން އިޔާދަވުމަށް ޓީމުގެ މެންބަރުންނަށް ހަވާލުކުރެވޭ ޒިންމާތައް ވިލަރެސްކުރުން.

(ރ) ކާރިސާގެ ހާލަތުގައި ޓީމުގެ މެންބަރުންނަށް ހަވާލުކުރެވޭ ޒިންމާތައް އަދާކޮށްފައިވާ މިންވަރު ބަލައި، މައުލޫމާތުތައް ހޯދައި، އޮޕަރޭށަނުގެ އިސްވެރިޔާއަށް އެ މައުލޫމާތުތައް ފޯރުކޮށްދިނުން

(ބ) ކާރިސާއެއް ކުރިމަތިވާ ފަހުން، ހަފުތާއެއްގެ ތެރޭގައި އެ ކާރިސާއަކާ ގުޅިގެން އެ ޓީމަކުން ކުރި މަސައްކަތުގެ ރިޕޯޓު އެކުލަވައިލައި ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށް ފޮނުވުން.

 

ހަތަރުވަނަ ބާބު

ރަށު ފެންވަރުގައި އިޖާބަ ދިނުމުގައި ޓީމު މެންބަރުންގެ އާންމު މަސްއޫލިއްޔަތު

 

5 ވަނަ މާއްދާ - ޓީމު މެންބަރުންގެ މަސްއޫލިއްޔަތުތައް

މި އުސޫލުގެ ދަށުން ރަށު ފެންވަރުގައި އެކުލަވައިލާ ޓީމުގެ މެންބަރުންގެ އާންމު މަސްއޫލިއްޔަތުތައް ތިރީގައި މިވަނީއެވެ.

(ހ) ސިޓީއެއްގައި ނުވަތަ އަތޮޅެއްގައި ނުވަތަ ރަށެއްގައި ކާރިސާއެއް ދިމާވެ، ރައްކައުތެރި ހިސާބުތަކަށް މީހުން ބަދަލުކުރަން ޖެހިއްޖެ ހާލަތެއްގައި އެފަދަ ސެންޓަރުތައް ގާއިމްކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން.

(ށ) ކާރިސާއެއް ދިމާވެ، ރައްކައުތެރި ހިސާބުތަކަށް މީހުން ބަދަލުކުރަން ޖެހިއްޖެ ހާލަތެއްގައި އެފަދަ ކަންކަމަށް ތަމްރީނުތައް ބޭއްވުމަށް ބާރުއަޅައި އެ މަސައްކަތް ކުރުމުގައި ހަރަކާތްތެރިވުން.

(ނ) ސިޓީއެއްގައި ނުވަތަ އަތޮޅެއްގައި ނުވަތަ ރަށްރަށުގައި ދިމާވާ ކާރިސާތަކުގައި ކުއްލި ހާލަތްތަކަށް އިޖާބަދިނުމުގެ ކަންކަން، ކަނޑައެޅިފައިވާ އުސޫލުގެ މަތީން ކުރުން.

(ރ) އިޖާބަދިނުމުގެ މަރުހަލާގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ނާޒުކު ފަރާތްތަކަށް އިސްކަންދެވޭކަން ކަށަވަރުކުރުން.

(ބ) ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ކާރިސާއާ ގުޅިގެން ހަދާ އެކިއެކި އެސެސްމެންޓުތައް ހެދުމަށް ސިޓީ ކައުންސިލްތަކަށާއި، އަތޮޅު ކައުންސިލްތަކަށާއި، ރަށު ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.

(ޅ) ކާރިސާއަކުން ލިބޭ ގެއްލުމުން އިއާދަވުމުގައި، ސިޓީ ކައުންސިލްތަކަށާއި، އަތޮޅު ކައުންސިލްތަކަށާއި، ރަށު ކައުންސިލްތަކަށް އެހީތެރިވެދީ، ފަންނީ ލަފާ ދިނުން

(ކ) ޓީމް ލީޑަރުގެ ލަފަޔާއި އިރުށާދުގެ ދަށުން މަސައްކަތްކުރުން.

(އ) ޓީމު ލީޑަރަށް ގަވާއިދުން ރިޕޯޓު ކުރުން.

 

ފަސް ވަނަ ބާބު

ރަށު ފެންވަރުގައި އިޖާބަދިނުމުގައި ޓީމު މެންބަރުންގެ ޒިންމާތައް

 

6 ވަނަ މާއްދާ - ދުރާލައި އިންޒާރު ދިނުމާއި، މައުލޫމާތު ބެލެހެއްޓުން

(ހ) ދުރާލައި އިންޒާރު ދިނުމުގެ މެސެޖުތައް، ކަމާ ގުޅޭ އިދާރާތަކާއި، ޓީމުގެ މެންބަރުންނާއި، އާންމު ރައްޔިތުންނަށް ފޯރުކޮށްދިނުމާއެކު، އެ މެސެޖުތައް އެ ފަރާތްތަކަށް ލިބުނުކަން ކަށަވަރުކުރުން. 
(ށ) ކާރިސާއެއް ދިމާވުމުން އެ ކާރިސާއެއް ހިނގި ސަރަހައްދާއި ދުވަހާއި ވަގުތާއި ކާރިސާގެ ބާވަތުގެ މައުލޫމާތު ހޯދައި ރިކޯޑު ބެލެހެއްޓުން

(ނ) ކާރިސާގެ ހާލަތުގައި ގެއްލުން ލިބުނު ފަރާތްތަކާއި، ނިޔާވި ފަރާތްތަކުގެ އިތުރުން ނާޒުކު ފަންތީގެ ތަފުސީލީ މައުލޫމާތު ހޯދައި ރިކޯޑު ބެލެހެއްޓުން.

(ރ) ދުރާލައި އިންޒާރު ދިނުމުގެ މެސެޖު ލިބުނު ހިސާބުން ފެށިގެން އޮޕަރޭށަނުގެ އިސްވެރިޔާއާއި ޓީމުން ނިންމި ނިންމުންތަކުގެ ރިކޯޑު ބެލެހެއްޓުން.

 

7 ވަނަ މާއްދާ - ކަނޑުމަތީގައި ހިނގާ ހާދިސާތަކަށް ތައްޔާރުވުމާއި އިޖާބަދިނުން

(ހ) ކާރިސާގެ ސަބަބުން ފުރާނަ ސަލާމަތްކުރުން. 

(ށ) ކާރިސާގެ ހާލަތުގައި ގެއްލޭ މީހުން ހޯދައި، އެ މީހުން ސަލާމަތްކުރުމަށް އިސްކަންދިނުން. 

(ނ) ކާރިސާގެ ހާލަތުގައި ގެއްލުން ލިބުނު ފަރާތްތައް ދެނެގަނެ، ރައްކައުތެރި ހިސާބުތަކަށް އެ ފަރާތްތައް ގެންދިޔުން. 

(ރ) ކަނޑުމަތީ އުޅަނދެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ، އަލިފާންގަނޑު އިތުރަށް ފެތުރުނަ ނުދިނުމަށް ޓަކައި އަލިފާން ނިއްވާ ސާމާނު ބޭނުންކުރުން.

(ބ) ކަނޑުމަތީ ކާރިސާއެއް ދިމާވެއްޖެނަމަ، މިނިސްޓްރީ އޮފް ޑިފެންސްގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށާއި ކޯސްޓްގާޑަށް އެންގުން.

 

8 ވަނަ މާއްދާ - އަލިފާނުގެ ހާދިސާތަކުން ރައްކައުތެރިވުމާއި އިޖާބަދިނުން

(ހ) ކާރިސާގެ ހާލަތުގައި ގެއްލުން ލިބުނު ފަރާތްތައް ދެނެގަނެ، އެ ފަރާތްތައް ރައްކައުތެރި ހިސާބުތަކަށް ގެންދިޔުން.
(ށ) ކާރިސާގައި ގެއްލުން ލިބުނު ފަރާތްތަކުގެ އާއިލާ، ކާރިސާ ހިނގި ސަރަހައްދާއި ދުރު ރައްކައުތެރި ހިސާބެއްގައި ތިބިކަން ކަށަވަރު ކުރުން. 

(ނ) އަލިފާން ނިއްވުމަށް ބޭނުންކުރެވޭނެ އެންމެހައި އާލާތްތައް ބޭނުންކޮށްގެން އަލިފާންގަނޑު ފެތުރުނަނުދީ އަވަހަށް ނިއްވުމުގެ މަސައްކަތް ކުރުން. 

(ރ) އަލިފާނުގެ ހާދިސާއެއް ދިމާވެއްޖެނަމަ، މިނިސްޓްރީ އޮފް ޑިފެންސްގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް އެންގިކަން ކަށަވަރު ކުރުން. 

(ބ) ކާރިސާ ހިނގި ސަރަހައްދުގައި ހުރި ގެތަކުގެ މީހުން ރައްކައުތެރި ހިސާބަށް ގެންދިޔުން.

(ޅ) ކާރިސާގެ ސަބަބުން ގޯތިގެދޮރަށާއި މުދަލަށް ލިބޭ ގެއްލުން ކުޑަކުރުމަށް މަސައްކަތް ކުރުން. 

 

9 ވަނަ މާއްދާ - ފެންބޮޑުވުމުގެ ހާދިސާތަކަށް ތައްޔާރުވުމާއި އިޖާބަދިނުން

(ހ) ފެންބޮޑުވުމުގެ ކާރިސާގެ ހާލަތުގައި ގެއްލުން ލިބުނު ފަރާތްތައް ދެނެގަނެ، އެ ފަރާތްތައް ރައްކައުތެރި ހިސާބުތަކަށް ގެންދިޔުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.

(ށ) ފެންބޮޑުވެފައިވާ ސަރަހައްދުތަކުން ފެން ހިއްކުމުގެ މަސައްކަތް ކުރުން.

(ނ) ފެންބޮޑުވެފައިވާ ސަރަހައްދުތައް ދެނެގަނެ، އިތުރު ގެއްލުމެއް ދިމާވެދާނެކަމަށް އެ ސަރަހައްދުތައް މޮނިޓަރ ކުރުން.

 

10 ވަނަ މާއްދާ - ކާރިސާތަކާ ގުޅިގެން މީހުން ސަލާމަތްކުރުމުގެ މަސައްކަތް ބެލެހެއްޓުން

(ހ) ކާރިސާއެއް ދިމާވުމުން، އެ ސަރަހައްދެއް ޗެކުކޮށް، ކާރިސާގެ ހާލަތު ދެނެގަތުން.

(ށ) ކާރިސާ ހިނގި ސަރަހައްދުގައި ތާށިވެ ނުވަތަ ގެއްލުންވެފައިވާ ފަރާތްތައް ސަލާމަތްކޮށް، ފަސްޓް އެއިޑް ޓީމާއި ފަޔަރ ފައިޓިންގ އެންޑް ސޭފްޓީ ޓީމާއެކު، ކަނޑައެޅިފައިވާ ރައްކައުތެރި ހިސާބަކަށް ގެންދިޔުން.

(ނ) މުޖުތަމައުގެ ރައްޔިތުންގެ ފަރާތުން ބޭނުންވާ މުހިންމު މައުލޫމާތު ހޯދުން. އެގޮތުން، ކާރިސާގައި އެއްވެސް ފަރާތެއް ގެއްލުނުތޯ ކަށަވަރުކޮށް، ގެއްލުނު ފަރާތްތަކުގެ ތަފުސީލީ މައުލޫމާތު ހޯދައި، ގެއްލުނު ފަރާތްތައް ހޯދުމުގެ މަސައްކަތް އާންމު ރައްޔިތުންނާއި ކަމާ ގުޅޭ ފަރާތްތަކާ ގުޅިގެން ކުރުން.

 

11 ވަނަ މާއްދާ - އަވަސްފަރުވާ ފޯރުކޮށްދިނުން

(ހ) ކާރިސާއެއްގެ ސަބަބުން ގެއްލުން ލިބުނު ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކުގެ ހާލަތު އިތުރަށް ގޯސްވިޔަނުދީ ބަލަހައްޓައި، ފުރާނަ ސަލާމަތް ކުރުމަށް ފޯރުކޮށްދޭންޖެހޭ ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުން.

(ށ) ސިއްހީ އެހީތެރިކަން ބޭނުންވާ ފަރާތްތައް ހޮސްޕިޓަލްތަކަށް ގެންދިޔުމުގެ އިންތިޒާމު ހަމަޖެއްސުން. 

(ނ) ފަސްޓް އެއިޑް ޓްރެއިނިންގގައި ލިބުނު މައުލޫމާތާ އެއްގޮތަށް ފަސްޓް އެއިޑް ދިނުން

(ރ) ޒަހަމްވި ފަރާތްތައް ޒަހަމްވެފައިވަނީ ކޮން ސަބަބަކާ ހުރެތޯ ބަލައި ޗެކުކުރުން. 

(ބ) ކާރިސާ ބަލަހައްޓައި، އެހީތެރިކަން ފޯރުކޮށްދިނުމުގައި ޓީމު މެންބަރުން، ހާލުގައި ޖެހުނު ފަރާތްތަކާ އެހީތެރިންގެ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރު ކުރުން.

 

12 ވަނަ މާއްދާ - އެހީތެރިކަން ފޯރުކޮށްދިނުންހާލުގައިޖެހޭ ފަރާތްތަކަށް ވަގުތީ އެހީތެރިކަން ފޯރުކޮށްދިނުމާއި މުޖުތަމައު ހަރަކާތްތެރިކުރުވުން

(ހ) އިޖާބަދިނުމުގެ މަރުހަލާގައްޔާއި، ދާއިމީ ބޯހިޔާވަހިކަމަކަށް ދެވެންދެން، ހާލުގައި ޖެހިފައިވާ ފަރާތްތަކުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ދެވޭ "އިންސާނީ އެހީތެރިކަން" ފޯރުކޮށްދެވޭކަން ކަށަވަރުކުރުން.

(ށ) ކާރިސާގައި ހާލުގައިޖެހޭ ފަރާތްތަކަށް ސާފުތާހިރުވުމަށް ބޭނުންވާނެ ކިޓު ތައްޔާރުކޮށް އެ ފަރާތްތަކަށް ފޯރުކޮށްދިނުން

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކިޓު ތައްޔާރުކުރުމުގައި އަންހެނުންނަށާއި ކުޑަކުދިންނަށް ކޮންމެހެން ބޭނުންވާނެ ތަކެތި ހިމެނުން. 

(ރ) އިޖާބަދިނުމަށް އިތުރު މަސައްކަތްކަތެއް ކުރަންޖެހޭކަމަށް ފާހަގަކުރެވޭނަމަ، އިމަޖެންސީ އޮޕަރޭށަނުގެ އިސްވެރިޔާގެ ލަފާގެ މަތީން އިޖާބަދިނުމުގެ ކަންކަމުގައި މުޖުތަމައު ހަރަކާތްތެރި ކުރުވުން.

 

13 ވަނަ މާއްދާ - އިޖާބަދިނުމުގެ ޓީމުތައް ތަމްރީނުކުރުންއެސެސްމެންޓް ހެދުންވަގުތީ ބޯހިޔާވަހިކަމާއި، ކާރިސާގައި ހާލުގައިޖެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން

(ހ) ރައްކައުތެރި ހިސާބުތަކަށް މީހުން ބަދަލުކުރަން ޖެހިއްޖެ ހާލަތެއްގައި މީހުން ބަދަލުކުރާނެ ގޮތުގެ ތަމްރީނުތައް ބޭއްވުމަށް، ކަމާ ގުޅުންހުރި ފަރާތްތަކަށް ބާރުއަޅައި އެ މަސައްކަތް ކުރުމުގައި ހަރަކާތްތެރިވުން.

(ށ) ކަމާ ގުޅުންހުރި ފަރާތްތަކާއި މުޖުތަމައުގެ އާންމު ފަރުދުންނާ ގުޅިގެން ރައްކައުތެރި ހިސާބުތަކަށް މީހުން ބަދަލުކުރަން ޖެހިއްޖެ ހާލަތެއްގައި މީހުން ބަދަލުކުރާނެ ގޮތުގެ ޕްލޭނުތައް ކުރިޔަށް ގެންދިޔުން. 

(ނ) ރައްކައުތެރި ހިސާބުތަކަށް މީހުން ބަދަލުކުރަން ޖެހިއްޖެ ހާލަތެއްގައި، މީހުން ތިބުމަށް ކަނޑައެޅިފައިވާ ސެންޓަރުތައް ހުރީ ރައްކައުތެރި ހާލަތެއްގައިތޯ އެހެން ޓީމުތަކާ ގުޅިގެން ކަށަވަރު ކުރުން. 

(ރ) ރައްކައުތެރި ހިސާބުތަކަށް މީހުން ބަދަލުކުރަން ޖެހިއްޖެ ހާލަތެއްގައި، މީހުން ތިބޭނެ ސެންޓަރުތައް ގާއިމުކުރުމަށް، ކަމާ ގުޅުންހުރި އިދާރާތަކަށް ބާރުއަޅައި އެހީތެރިކަން ފޯރުކޮށްދިނުން

(ބ) ކާރިސާތަކުގައި ގެދޮރު ގެއްލި ހާލުގައިޖެހޭ ފަރާތްތަކުގެ މައުލޫމާތުގެ ރިކޯޑު ބެލެހެއްޓުން

(ޅ) ރަށު ފެންވަރުގައި ކާރިސާތަކަށް އިޖާބަދިނުމުގެ ޓީމުގެ ވެރިޔާއާއި އޮޕަރޭށަނުގެ ވެރިޔާއާ ގުޅިގެން ކާރިސާގެ ކަންކަން ކުރިޔަށް ގެންދިޔުން.

 

14 ވަނަ މާއްދާ - އިޖާބަދިނުމުގެ ޓީމުތައް ތަމްރީނުކުރުންއެސެސްމެންޓް ހެދުން

(ހ) ކާރިސާގެ ސަބަބުން ލިބުނު ގެއްލުންތައް ދެނެގަނެ، އެ ސަރަހައްދުގެ ހާލަތު ދެނެގަތުމަށް، ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން އެސެސްމެންޓުތައް ހެދުން. 

(ށ) އެސެސްމަންޓުގައި ބަލާނީ އަންނަނިވި ކަންތައްތަކަށެވެ.

  1. ލިބުނު ގެއްލުމުގެ އަދަދާއި މިންވަރު ދެނެގަތުން؛
  2. ތަނުގެ ހުރި ނާޒުކު ކަންކަމާއި، ބޭނުންކުރެވެންހުރި ވަސީލަތްތަކާއި މީހުންގެ ގާބިލުކަން ދެނެގަތުން؛
  3. ހާލުގައި ޖެހުނު ފަރާތްތަކުގެ ބޭނުންތައް ވަޒަންކުރުން.

(ނ) ކާރިސާގެ ސަބަބުން ލިބުނު ގެއްލުންތައް ދެނެގަނެ ކަމާގުޅޭ ފަރާތްތަކަށް ރިޕޯޓު ކުރުން. 

 

ހަވަނަ ބާބު

ތަމްރީނު ދިނުން

 

15 ވަނަ މާއްދާ - އިޖާބަދިނުމުގެ ޓީމުތައް ތަމްރީނުކުރުން

ރަށު ފެންވަރުގައި ކާރިސާތަކަށް އިޖާބަދިނުމަށް މި އުސޫލުގެ ދަށުން އެކުލަވައިލާ ޓީމުތަކަށް އައްޔަނުކުރާ މެންބަރުންނަށް، ތިރީގައިވާ ދާއިރާތަކާ ގުޅޭ ތަމްރީނުތައް ފޯރުކޮށްދެވޭކަން، ރަށު ކައުންސިލްތަކުން ނުވަތަ އަތޮޅު ކައުންސިލްތަކުން ނުވަތަ ސިޓީ ކައުންސިލްތަކުން ޔަގީންކުރަންވާނެއެވެ.

(ހ) ރަށު ފެންވަރުގައި ކާރިސާތަކަށް އިޖާބަދިނުމުގެ ޓީމު އެކުލަވައިލުމުގެ އިންޑަކްށަން ޓްރެއިނިންގ.

(ށ) އަލިފާން ނިއްވުމާއި އަލިފާނުން ރައްކައުތެރިވުމަށް ދެވޭ ތަމްރީނުތައް.

(ނ) ކަނޑުމަތީގެ ހާދިސާތަކުން ރައްކައުތެރިވުމާއި އިޖާބަދިނުމާ ގުޅޭ ތަމްރީނުތައް.

(ރ) އަވަސްފަރުވާ ދިނުމާ ގުޅޭ ތަމްރީނުތައް.

(ބ) މުއާމަލާތްކުރުމާ ގުޅޭ ތަމްރީނުތައް.

(ޅ) ކާރިސާތަކާ ގުޅިގެން ލިބޭ ގެއްލުންތައް ދެނެގަތުމާ ގުޅޭ އެންމެހައި ތަމްރީނުތައް.

(ކ) އަވަސް އެހީ ފޯރުކޮށްދިނުމާއި، ހާލުގައިޖެހޭ ފަރާތްތަކަށް އެހީދިނުމާ ގުޅޭ ތަމްރީނުތައް.

 

16 ވަނަ މާއްދާ - ރަށު ފެންވަރުގައި އިޖާބަދިނުމުގެ ޓީމުތަކަށް ބޭނުންވާ ތަމްރީނު ދެވިދާނޭ ފަރާތްތައް

މި އުސޫލުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތަމްރީނު ޕްރޮގްރާމްތައް ހިންގަންވާނީ، މި އޮތޯރިޓީ ފިޔަވައި ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކުންނެވެ.

(ހ) ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ކޮލެޖް ނުވަތަ ޔުނިވަރސިޓީ ނުވަތަ އެހެނިހެން އިންސްޓިޓިއުޓުތައް.

(ށ) ދިވެހި ރެޑް ކްރެސެންޓް.

(ނ) ދިވެހި ސިފައިން.

(ރ) ދިވެހި ފުލުހުން.

 

17 ވަނަ މާއްދާ - ރަށު ފެންވަރުގައި އިޖާބަދިނުމުގެ ޓީމުތަކަށް ބޭނުންވާ ޓްރެއިނިންގ ފްރޭމްވޯކް ތައްޔާރުކުރުން

(ހ) މި އުސޫލަށް އަމަލުކުރަން ފަށާތާ، 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، މި މާއްދާގައި ބަޔާންކޮށްފައިވާ ނޭށަނަލް ޓްރެއިނިންގ ފްރޭމްވޯކް، ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން އެކުލަވައިލައި ށާއިއުކުރަންވާނެއެވެ.

(ށ) ރަށު ފެންވަރުގައި އިޖާބަދިނުމުގެ ޓީމުތަކަށް ބޭނުންވާ ތަމްރީނުތައް ކުރިޔަށް ގެންދަންވާނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފްރޭމްވޯކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

ހަތްވަނަ ބާބު

ދަފުތަރު ބެލެހެއްޓުން

 

18 ވަނަ މާއްދާ - ރަށު ފެންވަރުގައި އިޖާބަދިނުމުގެ ޓީމުގެ ދަފުތަރު ބެލެހެއްޓުން

(ހ) އެހެނިހެން ރަށު ފެންވަރުގައި ކާރިސާތަކަށް އިޖާބަދިނުމުގެ ޓީމުގައި ހިމެނޭ ފަރާތްތަކުގެ ދަފުތަރު ބަލަހައްޓަންވާނީ، ސިޓީ ކައުންސިލުންނާއި ރަށު ކައުންސިލުންނެވެ.

(ށ) ދަފުތަރުގައި، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމަނަންވާނެއެވެ.

  1. ނަން؛
  2. އުމުރު؛
  3. ޖިންސު؛
  4. ތައުލީމީ ފެންވަރު؛
  5. ފުރިހަމަކޮށްފައިވާ ތަމްރީނުތައް؛
  6. މަސައްކަތުގެ ދާއިރާގައި ހުރި ތަޖުރިބާ؛
  7. ގައުމިއްޔަތު؛
  8. މަސައްކަތްކުރާ މުއައްސަސާ؛
  9. މަގާމު.

(ނ) ސިޓީ ކައުންސިލުންނާއި ރަށު ކައުންސިލުން، ކޮންމެ އަހަރަކު އެއްފަހަރު ދަފުތަރު މުރާޖައާ ކުރަންވާނެއެވެ.

 

އަށްވަނަ ބާބު

އެހެނިހެން

 

19 ވަނަ މާއްދާ - އެހެނިހެން

މި އުސޫލުގައި ހިމެނިފައިނުވާ ކަމެއް ދިމާވެއްޖެނަމަ އެ ކަމެއް ހައްލުކުރާނީ، ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓާއި ސިޓީ ކައުންސިލުގެ އިދާރާ ނުވަތަ އަތޮޅު ކައުންސިލުގެ އިދާރާ ނުވަތަ ރަށު ކައުންސިލުގެ އިދާރާއާ ގުޅިގެން ދެފަރާތުން އެއްބަސްވާ ގޮތެއްގެ މަތީންނެވެ.

 

20 ވަނަ މާއްދާ - މާނަކުރުން

މި އުސޫލުގައި އެ ލަފުޒެއް ނުވަތަ އިބާރާތެއް ބޭނުންކޮށްފައިވާ ގޮތުން، ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، ތިރީގައިވާ ލަފުޒުތަކާއި އިބާރާތްތަކުގެ މާނަކޮށްފައިވާނީ ތިރީގައިވާ އަކުރުތަކުގައި މާނަކޮށްފައިވާ ގޮތަށެވެ.

(ހ)"ޓީމު" ކަމަށް ބުނެފައި އެވަނީ، ކާރިސާތަކަށް އިޖާބަދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށެވެ.

(ށ) "މި އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށެވެ.

 

21 ވަނަ މާއްދާ - އުސޫލަށް އަމަލުކުރަން ފެށުން

މި އުސޫލަށް އަމަލު ކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ގާނޫނު (ގާނޫނު ނަންބަރު 2015-28)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު