-

 ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލުގެ ބައްދަލުވުންތައް ކުރިޔަށް ގެންދާނޭ ގޮތުގެ ގަވާއިދު 

(ގަވާއިދު ނަންބަރު 2024-62)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 5 އޮގަސްޓް 2024 ގައި)

 

އެއްވަނަ ބާބު 

ތައާރުފާއި މަގުސަދު 

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 2015-28 (ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ގާނޫނު) ގެ 17 ވަނަ މާއްދާގެ ދަށުން "ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލް" ގެ ބައްދަލުވުންތައް ކުރިޔަށްގެންދާނެ ގޮތް ބަޔާންކުރުމަށް ޓަކައި،އެ ގާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާރުލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލުގެ ބައްދަލުވުންތައް ކުރިޔަށްގެންދާނޭ ގޮތުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލުގެ ބައްދަލުވުންތައް ބާއްވައި، އެ ބައްދަލުވުންތަކުގެ ނިންމުންތައް ނިންމުމުގައި އަމަލުކުރާނެ އިޖުރާއަތުތައް ބަޔާންކުރުމެވެ.

 

 

ދެވަނަ ބާބު

ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލް އެކުލަވައިލުން

 

3 ވަނަ މާއްދާ - ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލުގެ މަސްއޫލިއްޔަތުތައް

ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލުގެ މަސްއޫލިއްޔަތުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް ހާސިލުކުރުމަށް ޓަކައި، ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ ގޮތުން ނިންމަންޖެހޭ ނިންމުންތައް ނިންމުމަށް ލަފާދީ، އެ ކަންކަމަށް މަގުދައްކައި، އެފަދަ ނިންމުންތައް ފާސްކުރުން.

  1. މީހުންގެ ރައްކައުތެރިކަމާއި، ސިއްހަތާއި، އިންސާނީ ހައްގުތައް ހިމާޔަތްކުރުން؛
  2. ކާރިސާއާބެހޭ ކަންތައްތައް ބެލެހެއްޓުމާ ގުޅުންހުރި ހުރިހާ ދާއިރާއެއްގައި ކަމާބެހޭ ހުރިހާ ފަރާތެއްގެ ހިޔާލު ހޯދައިގެން ނިންމުންތައް ނިންމާ ނިޒާމެއްގެ ތެރެއިން، ސަރުކާރާއި ރައްޔިތުންނާއި ވިޔަފާރިވެރީންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމާއަތްތަކުގެ ހުރިހާ ފަންތިއެއްގެ މެދުގައި ގުޅުން ގާއިމުކޮށް، އެ ގުޅުން ވަރުގަދަކުރުން؛
  3. ސަރުކާރުގެ މުއައްސަސާތަކާއި ކަމާގުޅޭ ބައިނަލްއަގުވާމީ ޖަމާއަތްތަކާ ގުޅުން ގާއިމުކޮށް، އެ ގުޅުން ބަދަހިކުރުން؛
  4. ގުދުރަތީ ތިމާވެށްޓާއި ބިނާވެށި ރައްކައުތެރިކުރުން؛
  5. ކާރިސާ ހިރާސް ކުޑަކުރުމާއި، ކާރިސާތަކަށް ތައްޔާރުވުމާއި، ކާރިސާއަށް އިޖާބަދޭ ހާލަތުގައްޔާއި އިޔާދަވުމުގެ ހާލަތުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، ކާރިސާތައް ތަހައްމަލްކުރުމުގެ ގާބިލުކަން ރައްޔިތުންގެ މެދުގައި އުފައްދައި އިތުރުކުރުން. 

(ށ) ކައުންސިލުގެ މަސައްކަތަށް ޖަވާބުދާރީ ވުމާއި، ދެފުށް ފެންނަގޮތަށް މަސައްކަތްކުރުމާއި، ކައުންސިލުގެ މަސައްކަތް އަދާކުރުމުގައި އިންސާފުވެރިކަން ގެންގުޅުން.

(ނ) ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ތައްޔާރުކުރާ ގަވާއިދުތައް ފާސްކުރުން.

(ރ) ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭނާއި ނޭށަނަލް އިމަރޖެންސީ އޮޕަރޭށަންސް ޕްލޭން ފާސްކުރުމާއި މުރާޖާކުރުން.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ޕްލޭންތައް ރައްޔިތުންގެ މަޖިލީހަށާއި ސަރުކާރުގެ އެހެނިހެން އިދާރާތަކަށް ހުށަހަޅައިދިނުމާއި، ރޭވުންތަކުގެ މައިގަނޑު އަސާސްތައް ރައްޔިތުންނަށް އަންގައިދިނުން.

(ޅ) ކާރިސާގެ ހާލަތު އިއުލާނުކުރުން. 

(ކ) ކާރިސާއެއްކަން އިއުލާނުކުރުމާ ވިދިގެން ކާރިސާއަކަށް އިޖާބަދިނުމުގެ ހަރަކާތަށް އެހީތެރިވުމަށް ސަރުކާރުގެ މިނިސްޓްރީތަކާއި، އޮފީސްތަކާއި، ކައުންސިލުތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތައް ބައިވެރިކުރުން.

(އ) ކާރިސާތަކާއި އަރައްކާތަކުގެ ސަބަބުން، އާމްދަނ ހޯދުމަށް ރައްޔިތުން ކުރަމުންއައި މަސައްކަތްތަކަށް ކޮށްފާނެ އަސަރަކުން އަރައިގަތުމުގެ ސިޔާސަތު ކަނޑައެޅުން.

(ވ) ކާރިސާއެއްކަން އިއުލާނުކުރުމާ ވިދިގެން ކާރިސާއަކަށް އިޖާބަދިނުމާއި ކާރިސާއަކުން އިޔާދަވުމަށް ބައިނަލްއަގުވާމީއެހީ ހޯދުމަށް ނިންމުން.

 

4 ވަނަ މާއްދާ - ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލް އެކުލެވިގެންވާ ގޮތް

ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލް އެކުލެވިގެންވާނ، ތިރީގައި ބަޔާންކޮށްފައިވާ މެންބަރުންގެ މައްޗަށެވެ.ެ

(ހ) ރައީސުލްޖުމްހޫރިއްޔާ.

(ށ) ދިފާއީ ކަންކަމާ މަސްއޫލުވާ ވުޒާރާގެ ވަޒީރު.

(ނ) ދާހިލީ ކަންކަމާ މަސްއޫލުވާ ވުޒާރާގެ ވަޒީރު.

(ރ) ހާރިޖީ ކަންކަމާ މަސްއޫލުވާ ވުޒާރާގެ ވަޒީރު.

(ބ) މާލީ ކަންކަމާ މަސްއޫލުވާ ވުޒާރާގެ ވަޒީރު.

(ޅ) ސިއްހީ ދާއިރާގެ ކަންކަމާ މަސްއޫލުވާ ވުޒާރާގެ ވަޒީރު.

(ކ) ގެދޮރާއި ބިނާވެށްޓާބެހޭ ކަންކަމާ މަސްއޫލުވާ ވުޒާރާގެ ވަޒީރު.

(އ) ތިމާވެށްޓާބެހޭ ކަންކަމާ މަސްއޫލުވާ ވުޒާރާގެ ވަޒީރު.

(ވ) ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީީ ގެ ޗީފް އެގްޒެކެޓިވް.

 

5 ވަނަ މާއްދާ - ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލުގެ ޗެއަރޕަރސަން

ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލުގެ ޗެއަރޕަރސަނަކީ، ރައީސުލްޖުމްހޫރިއްޔާއެވެ.

 

6 ވަނަ މާއްދާ - ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލުގެ ވައިސް ޗެއަރޕަރސަން

ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލުގެ ވައިސް ޗެއަރޕަރސަނަކީ، ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލުގެ މެންބަރުންގެ ތެރެއިން، ޗެއަރޕަރސަން ކަނޑައަޅާ މެންބަރެކެވެ.

 

7 ވަނަ މާއްދާ - ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލުގެ ޗެއަރޕަރސަންގެ މަސްއޫލިއްޔަތުތައް

(ހ) ކައުންސިލުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓައި، ގާނޫނު ނަންބަރު 2015-28 (ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ގާނޫނު) އިން ކައުންސިލާ ހަވާލުކޮށްފައިވާ އެންމެހައި މަސްއޫލިއްޔަތުތައް ކައުންސިލުން އަދާކުރުމަށް ބާރުއަޅައި، އެ ކަންކަން ކުރެވޭނެ މަގު ހަމަޖައްސައިދީ، ކައުންސިލުގެ މެންބަރުންގެ މަށްވަރާގެ ދަށުން ކާރިސާގެ ކަންކަން ބެލެހެއްޓުމަށް ލަފާދިނުމަކީ، ޗެއަރޕަރސަންގެ މަސްއޫލިއްޔަތެކެވެ.

(ށ) އެއްވެސް ސަބަބަކާހުރެ ކައުންސިލުގެ ބައްދަލުވުމަކަށް ހާޒިރުވުމަށް ޗެއަރޕަރސަން އުޒުރުވެރިވެއްޖެ ހާލަތެއްގައި، ނުވަތަ ޗެއަރޕަރސަންގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް އޭނާ ނުކުޅެދިއްޖެ ހާލަތެއްގައި، ނުވަތަ އެ މަގާމު ހުސްވެއްޖެ ހާލަތެއްގައި، އެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތ ގޮތުން އަދާކުރާނ ކައުންސިލުގެ ވައިސް ޗެއަރޕަރސަނެވެ. މީގެ އިތުރުން، ޗެއަރޕަރސަން، ވައިސް ޗެއަރޕަރސަނާ ހަވާލުކުރާ މަސްއޫލިއްޔަތުތައް ވެސް އޭނާ އަދާކުރަންވާނެއެވެ.

(ނ) އެއްވެސް ސަބަބަކާހުރެ ކައުންސިލުގެ ޗެއަރޕަރސަނާއި ވައިސް ޗެއަރޕަރސަން ކައުންސިލުގެ ބައްދަލުވުމަކަށް ހާޒިރުވުމަށް އުޒުރުވެރިވެއްޖެ ހާލަތެއްގައި، ނުވަތަ މަސްއޫލިއްޔަތުތައް އަދާކުރުމަށް ނުކުޅެދިއްޖެ ހާލަތެއްގައި، ނުވަތަ އުޒުރުވެރިވެއްޖެ ހާލަތެއްގައި، ނުވަތަ އެ މަގާމު ހުސްވެއްޖެ ހާލަތެއްގައި، އެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން އަދާކުރާނ ކައުންސިލުގެމަށްވަރާގެ މަތީން ކައުންސިލުން ކަނޑައަޅާ ކައުންސިލުގެ މެންބަރެކެވެ.

 

8 ވަނަ މާއްދާ - ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލުގެ ސެކްރެޓޭރިއަޓް

ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލުގެ ސެކްރެޓޭރިއެޓް ބަލަހައްޓާނީ، ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީީންނެވެ.

 

 

ތިންވަނަ ބާބު

ބައްދަލުވުންތައް ކުރިޔަށް ގެންދާނެ ގޮތް

 

9 ވަނަ މާއްދާ - ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލުގެ ބައްދަލުވުމަކަށް ކިޔުން

(ހ) ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލުގެ ބައްދަލުވުމެއް ބޭއްވުމަށް އެދި ހުށަހަޅާނީ، ގާނޫނު ނަންބަރު 2015-28 (ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ގާނޫނު) ގެ 26 ވަނަ މާއްދާގެ (ރ) ގެ ދަށުން ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީީ ހިންގުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅައިފައިވާ ވަޒީރަށެވެ.

(ށ) "ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލް" ގެ ބައްދަލުވުމަކަށް އެދި، މި މާއްދާގެ (ހ) ގައިވާ ފަދައިން ވަޒީރަށް ހުށަހަޅާނީ، ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީީ ގެ ޗީފް އެގްޒެކެޓިވްއެވެ.

(ނ) ޗީފް އެގްޒެކެޓިވް ނެތް ހާލަތެއްގައި ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ ގެ ޑެޕިއުޓ ޗީފް އެގްޒެކެޓިވް ނުވަތަ ސެކްރެޓަރ ޖެނެރަލްއަށް ވެސް "ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލް" ގެ ބައްދަލުވުމަކަށް އެދި ވަޒީރަށް ހުށަހެޅިދާނެއެވެ. 

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވަޒީރަކު ނެތް ނަމަ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަނޑައަޅައިފައިވާ ފޯކަލް ޕޮއިންޓަކަށް "ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލް" ގެ ބައްދަލުވުމަކަށް އެދި ހުށަހެޅިދާނެއެވެ.

(ބ) ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ ދާއިރާއާ ގުޅުންހުރި ކަމެއްގައި، "ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލް" ގެ ބައްދަލުވުމެއް ބާއްވައިދިނުމަށް ކައުންސިލުގެ ކޮންމެ މެންބަރަކަށް ވެސް އެދެވިދާނެއެވެ. އަދި އެގޮތަށް އެދުމުން އެކަމުގެ އިދާރ އެންމެހައި އިންތިޒާމުތައް، ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ހަމަޖައްސައިދޭންވާނެއެވެ.

 

10 ވަނަ މާއްދާ - ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލުގެ ބައްދަލުވުންތައް ކުރިޔަށް ގެންދިއުން

"ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލް" ގެ ބައްދަލުވުންތައް ކުރިޔަށްގެންދާނޭ ގޮތް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލުގެ އިދާރީ އެންމެހައިކަންތައްތަކާއި، އެ ކައުންސިލުގެ ހާޒިރީއާއި، އެ ކައުންސިލުގެ ނިންމުންތަކާއި އެނޫން ލިޔެކިޔުންތައް ބަލަހައްޓާނީ، ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީީންނެވެ.

(ށ) "ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލް" ގެ ބައްދަލުވުންތައް، ކާރިސާގެ ހާލަތަށް ރިއާޔަތްކޮށް ނުވަތަ ކާރިސާގެ ކަންކަން ބެލެހެއްޓުމާ ގުޅޭގޮތުން ކައުންސިލުގެ ނިންމުމެއް ބޭނުންވެއްޖެ ހާލަތެއްގައި ބާއްވަންވާނެއެވެ.

(ނ) "ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލް" ގެ ބައްދަލުވުމެއް ބޭއްވޭނީ، ކައުންސިލުގެ މެންބަރުންގެ ދެބައިކުޅައެއްބަޔަށްވުރެ އިތުރަށް 1 (އެކެއް) މެންބަރަކު ހާޒިރުވެގެންނެވެ.

(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތްނަމަވެސް، ގައުމީ މޫސުމާބެހޭ އިދާރާއިން ނުވަތަ ދުރާލައި އިންޒާރުދިނުން މަތިކުރެވިފައިވާ އިދާރާއަކުން އެންމެ މަތީ އިންޒާރު (ކާރިސާއެއްގެ ރަތް އެލާޓް) ނެރެފި ނަމަ، އެއ ހާއްސަ ހާލަތެއްކަމަށް ބަލައި، ކޯރަމް ހަމަނުވިނަމަވެސް ކައުންސިލުގެ ބައްދަލުވުމެއް ބޭއްވިދާނެއެވެ.

(ބ) "ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލް" ގެ ޗެއަރޕަރސަންގެ ހުއްދަޔާއެކު ނުވަތަ ޗެއަރޕަރސަނަށް ފެނިއްޖެ ހިނދެއްގައި، ކައުންސިލުގެ ބައްދަލުވުމެއްގައި، އާންމުންގެ ތެރެއިން ނުވަތަ އަމިއްލަ ޖަމުއިއްޔާ ޖަމާއަތްތައް ތަމްސީލުކުރާނެ ފަރާތްތައް ނުވަތަ ކަމާ ގުޅޭ މާހިރުން ބައިވެރިކުރެވިދާނެއެވެ. ނަމަވެސް ކޯރަމް ހަމަކުރާއިރު މި ފަދަ ފަރާތްތަކެއް ނުހިމެނޭނެއެވެ.

(ޅ) ކުރިމަތިވެދާނޭ ކާރިސާއެއްގެ އެންމެ މަތީ އިންޒާރ،ު ގައުމީ މޫސުމާބެހޭ އިދާރާއިން ނެރޭތާ 1 (އެކެއް) ގަޑިއިރުގެ ތެރޭގައި "ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލް" ގެ ކުއްލި ބައްދަލުވުމެއް ބާއްވަންވާނެއެވެ.

(ކ) "ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލް" ގެ ބައްދަލުވުމުގެ އެޖެންޑ،ާއެންމެ ލަސްވެގެން ވެސް، ބައްދަލުވުން ބޭއްވުމުގެ 3 (ތިނެއް) ގަޑިއިރުގެ ކުރިން މެންބަރުންނަށް ފޮނުވަންވާނެއެވެ. މެންބަރުންނާ އެޖެންޑާ ހިއްސާކުރުމަށް އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް ނުވަތަ ސޯށަލް މީޑިއާ ގްރޫޕެއް މެދުވެރިކޮށް ވެސް ފޮނުވިދާނެއެވެ.

(އ) މި މާއްދާގެ (ކ) ގައި އެހެން ބަޔާންކޮށްފައި އޮތްނަމަވެސް، މި މާއްދާގެ (ރ) ގައިވާ ހާލަތުގައި ކޮމެޓީ ގެ އެޖެންޑާ، ބައްދަލުވުމުގެ 30 (ތިރީސް) މިނިޓުގެ ކުރިން މެންބަރުންނާ ހިއްސާކުރެވިދާނެއެވެ.

(ވ) "ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލް" ގެ ބައްދަލުވުމުގެ ޔައުމިއްޔާ، ކޮމިޓީގެ ސެކްރެޓޭރިއަޓުން ބަލަހައްޓަންވާނެއެވެ. އަދި ކައުންސިލަށް ހުށަހެޅުނު މައްސަލަތައް ނިންމި ގޮތުގެ ތަފުސީލާއި މަށްވަރާކުރެވޭ ކަންކަން ޔައުމިއްޔާގައި ހިމަނައި ކޮމެޓީ ގެ ބައްދަލުވުމަށް ހާޒިރުވި މެންބަރުންގެ ސޮއިކުރުވުމަށްފަހު، ކޮމިޓީ ގެ މެންބަރުންގެ މައުލޫމާތަށް ޓަކައި ފޯރުކޮށްދޭންވާނެއެވެ.

(މ) ކައުންސިލުގެ ބައްދަލުވުމުގައި ނިންމުންތައް ނިންމާނީ ނުވަތަ ފާސްކުރަންޖެހޭ ކަންކަން ފާސްކުރާނީ، ބައްދަލުވުމަށް ހާޒިރުވި މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. މިގޮތުން ކަމެއް ފާސްކުރާނީ، ހާޒިރުވި މެންބަރުންގެ ދެބައިކުޅައެއްބަޔަށްވުރެ 1 (އެކެއް) މެންބަރުގެ ވޯޓު އިތުރަށް ލިބިގެންނެވެ.

 

 

ހަތަރުވަނަ ބާބު

މާނަކުރުން، ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހު

 

11 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ތިރީގައިވާ އަކުރުތަކުގައި ބަޔާންކޮށްފައިވާ އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ އެ އަކުރުތަކުގައިވާ މާނައެވެ.

(ހ) "އެންމެ މަތީ އިންޒާރު" ކަމުގައި ބާންކޮށްފައި އެވަނީ، ރާއްޖޭގައި ކާރިސާގެ ހާލަތްތައް ކަނޑައަޅައިފައިވާ ޕްލޭންތަކުގައި އެންމެ ނުރައްކާތެރި ކުއްލި ހާލަތުގެ ދަރަޖަ ކަނޑައެޅުމަށް ދެވޭ އިންޒާރަށެވެ.

(ށ) "ކާރިސާއެއްގެ ރަތް އެލާޓް" ކަމުގައި ބުނެފައި އެވަނީ، މޫސުމ އަރައްކާއެއް ނިމުތުކުރެވޭ ހިނދ،ު ގައުމީ މޫސުމާބެހޭ އިދާރާއިން، އަރައްކާގެ އިންޒާރުގެ ގޮތުން ނެރޭ އެންމެ މަތީ އެލާޓަށެވެ.

 

12 ވަނަ މާއްދާ - މި ގަވާއިދަށް އަމަލު ކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލުން މި ގަވާއިދު ފާސްކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ގާނޫނު (ގާނޫނު ނަންބަރު 2015-28)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު