ޕާސްޕޯޓާބެހޭ ގަވާއިދު
(ކޮންސޮލިޑޭޓެޑް ނަންބަރު 2017-83)
(1ވަނަ، 2ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)
1 ވަނަ މާއްދާ - ތައާރަފު
(ހ) މި ގަވާއިދަކީ ގާނޫނު ނަންބަރު 1978-79 (ދިވެހިރާއްޖޭގެ ޕާސްޕޯޓާބެހޭ ގާނޫނު) ގެ 2 ވަނަ މާއްދާއާއ،ި ގާނޫނު ނަންބަރު 2007-01 (ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ގާނޫނު) އިން މޯލްޑިވްސް އިމިގްރޭށަނަށް ލިބިދޭ ބާރުގެ ދަށުން ހަދައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔަނީ "ދިވެހި ޕާސްޕޯޓާބެހޭ ގަވާއިދު" އެވެ. މި ގަވާއިދަށް އަމަލުކުރަން ފަށާނީ މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
(ނ) މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެން ކުރިން އަމަލުކުރަމުން ދިޔަ ގަވާއިދު ނަންބަރު 2012-17 (ދިވެހި ޕާސްޕޯޓާބެހޭ ގަވާއިދު) އާއ،ި އެ ގަވާއިދަށް ގެނެވުނު އިސްލާހުތައް ބާތިލުވާނެއެވެ.
2 ވަނަ މާއްދާ - ދިވެހި ޕާސްޕޯޓު
(ހ) ދިވެހި ޕާސްޕޯޓަކީ ދައުލަތުގެ ވަރަށް މުހިންމު ރަސްމީ ލިޔުމެކެވެ. އެހެންކަމުން، ޕާސްޕޯޓު ލިބޭ ކޮންމެ މީހަކު ވެސް، ރައްކައުތެރިކަމާއެކު އެ ޕާސްޕޯޓު ބަލަހައްޓަންވާނެއެވެ. 18 (އަށާރަ) އަހަރުން ދަށުގެ ކުޑަކުދީންގެ ޕާސްޕޯޓާއި، ދިގު މުއްދަތުގެ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ހިއްސުތަކުގެ އުނިކަމެއް ނުވަތަ ސިކުނޑީގެ އުނިކަމެއް ހުރުމުގެ ސަބަބުން އަމިއްލަ ޕާސްޕޯޓު ނުބެލެހެއްޓޭ ފަރާތްތަކުގެ ޕާސްޕޯޓު ބެލެހެއްޓުމަކީ، އެ ފަރާތްތަކުގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ށަރުއީ ބަލަދުވެރިޔާ ނުވަތަ ގާނޫނީ ބަލަދުވެރިޔާގެ ޒިންމާއެކެވެ. (އިސްލާހު ކުރެވިފައި)
(ށ) ދިވެހި ޕާސްޕޯޓަކީ ދިވެހިސަރުކާރުގެ މިލްކެކެވެ. މި ގަވާއިދުގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތެއްގައ،ި ގާނޫނީގޮތުން ހުއްދަލިބިފައިވާ ފަރާތަކުން އެދިއްޖެނަމަ ޕާސްޕޯޓު އެފަރާތަކާ ހަވާލުކުރަންޖެހޭނެއެވެ.
(ނ) ކޮންމެ އުމުރެއްގެ ދިވެހިރައްޔިތަކަށްވެސް ރާއްޖެއިން ބޭރަށް ދަތުރުކުރެވޭނީ އެފަރާތަކަށް ދޫކޮށްފައިވާ ވަކި ޕާސްޕޯޓެއްގައެވެ.
(ރ) އެއްވެސް ބޭނުމަކަށް ސަރުކާރުގެ އިދާރާއަކަށް ނުވަތަ އެނޫންވެސް ތަނަކަށް ޕާސްޕޯޓު ހަވާލުކޮށްފިނަމ،ަ ޕާސްޕޯޓު އެފަރާތަކާއި ހަވާލުވިކަމުގެ ލިޔުމެއ،ް އެ ޕާސްޕޯޓުގެ ތަފްސީލު ހިމެނޭގޮތަށ،ް ޕާސްޕޯޓު ނިސްބަތްވާ ފަރާތަށް ދޭންޖެހޭނެއެވެ. އަދި މިފަދަ ލިޔުމެއް ހޯދުމަކީ ޕާސްޕޯޓު ނިސްބަތްވާ ފަރާތުގެވެސް ޒިއްމާއެކެވެ. މިގޮތުން ދެވޭ ލިޔުމުގައި ތިރީގައިވާ މައުލޫމާތު ހިމެނިފައި ހުންނަންވާނެއެވެ.
- ޕާސްޕޯޓު ނިސްބަތްވާ ފަރާތުގެ ނަން
- ޕާސްޕޯޓު ނަންބަރު
- ޕާސްޕޯޓު ހަވާލުކުރެވުނު ބޭނުން.
- ޕާސްޕޯޓު ހަވާލުކުރެވުނު ތާރީހު.
- ޕާސްޕޯޓާ ހަވާލުވި ފަރާތުގެ ނަން، ސޮއި އަދި ތައްގަނޑު.
3 ވަނަ މާއްދާ - އެއްޕާސްޕޯޓަށްވުރެ ގިނަ ޕާސްޕޯޓު ދޫކުރުން
(ހ) ކޮންމެ ދިވެހިރައްޔިތަކަށްވެސް ދޫކުރެވޭނީ އެއް ޕާސްޕޯޓެވެ.
(ށ) ޑިޕްލޮމެޓިކް ޕާސްޕޯޓާއި އޮފިށަލް ޕާސްޕޯޓު ލިބިފައިވާ ފަރާތްތަކަށ،ް ޑިޕްލޮމެޓިކް ޕާސްޕޯޓެއް ނުވަތަ އޮފިށަލް ޕާސްޕޯޓެއް ދޫކުރެވޭނީ އެފަރާތެއްގެ އޯޑިނަރީ ޕާސްޕޯޓު މޯލްޑިވްސް އިމިގްރޭށަންގެ ބެލުމުގެ ދަށުގައި ބޭއްވުމަށްފަހުގައެވެ.
(ނ) މި ގަވާއިދަށް އަމަލުކުރަން ފަށާއިރ،ު އެއް ޕާސްޕޯޓަށްވުރެ ގިނަ ޕާސްޕޯޓު މިހާރު ދޫކޮށްފައިވާ ފަރާތްތައ،ް މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެން ރަސްމީ ބަންދު ނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި އޯޑިނަރީ ޕާސްޕޯޓު މޯލްޑިވްސް އިމިގްރޭށަނާ ހަވާލުކުރަންވާނެއެވެ.
(ރ) ވިޒާއަށް އެދި ޕާސްޕޯޓު އެހެން އިދާރާއަކާ ހަވާލުކޮށްފައިވާ ފަރާތެއް ރާއްޖެއިން ބޭރަށް ފުރަން ޖެހިއްޖެ ހާލަތެއްގައި އެފަރާތަކަށް ދޫކުރެވޭނީ ދަތުރުކުރުމުގެ ވަގުތީ ލިޔުމެކެވެ.
(ބ) ޑިޕްލޮމެޓިކް ާޕސްޕޯޓާއި އޮފިށަލް ޕާސްޕޯޯޓު ދޫކޮށްފައިވާ ފަރާތްތަކުގެތެރެއިން ފަރާތަކަށް އެ ޕާސްޕޯޓު ބޭނުންކުރުމުގެ ހައިސިއްޔަތު ނެތިއްޖެނަމ،ަ މޯލްޑިވްސް އިމިގްރޭށަންގެ ބެލުމުގެ ދަށުގައިވާ އެ ފަރާތެއްގެ އޯޑިނަރީ ޕާސްޕޯޓު އެފަރާތަކުން އެދުމުން އަނބުރާ އެފަރާތަކާ ހަވާލުކުރަންވާނެއެވެ.
(ޅ) ޑިޕްލޮމެޓިކް ޕާސްޕޯޓު ދޫކޮށްފައިވާ ފަރާތްތަކާއި، މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރާއި، (4) ވަނަ ނަންބަރާއި، (8) ވަނަ ނަންބަރާއި، (9) ވަނަ ނަންބަރާއި، (10) ވަނަ ނަންބަރުގައިވާ އޮފިށަލް ޕާސްޕޯޓު ދޫކޮށްފައިވާ ފަރާތްތަކަށް، އެ ފަރާތްތަކަށް ދޫކޮށްފައިވާ ޑިޕްލޮމެޓިކް ޕާސްޕޯޓުގެ ނުވަތަ އޮފިށަލް ޕާސްޕޯޓުގެ ސައްހަކަން ދެމިއޮތްހައި ހިނދަކު އޯޑިނަރީ ޕާސްޕޯޓެއް ދުލެއް ނުކުރެވޭނެއެވެ. (އިތުރު ކުރެވިފައި)
(ކ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ފަރާތަކަށް، ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި 1 (އެކެއް) ޕާސްޕޯޓަށް ވުރެ ގިނަ ޕާސްޕޯޓު ދޫކުރުމުގެ އިހްތިޔާރު، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭށަނަށް ލިބިގެންވެއެވެ.
ރާއްޖެއިން ބޭރަށް ކުރާ އެކިއެކި ދަތުރުތަކުގައި، އެ ގައުމަކަށް ދަތުރުކުރުމަށް ޕާސްޕޯޓުގައި ވިސާއެއް ޖެހުމަށް ޕާސްޕޯޓު ހުށަހަޅައިފައިވަނިކޮށް އެހެން ގައުމަކަށް ދަތުރެއް ކުރަން ޖެހިއްޖެ ހާލަތެއްގައި. (އިތުރު ކުރެވިފައި)
(އ) މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި 1 (އެކެއް) ޕާސްޕޯޓަށް ވުރެ ގިނަ ޕާސްޕޯޓު ދޫކުރެވޭނީ އަންނަނިވި ފަރާތްތަކަށެވެ. (އިތުރު ކުރެވިފައި)
ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި އެ ފެންވަރުގެ މަގާމަކަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސާ ފަރާތްތަކާއި، ސްޓޭޓް މިނިސްޓަރުންނާއި އެ ފެންވަރުގެ މަގާމަކަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސާ ފަރާތްތަކާއި، މިނިސްޓަރުންގެ ނައިބުންނާއި އެ ފެންވަރުގެ މަގާމަކަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސާ ފަރާތްތައް. (އިތުރު ކުރެވިފައި)
4 ވަނަ މާއްދާ - ޕާސްޕޯޓުގެ ބާވަތްތައް
(ހ) ދިވެހިރާއްޖޭގައި ބޭނުންކުރާ ޕާސްޕޯޓުތަކުގެ ތެރޭގައި ހިމެނެނީ 7 (ހަތެއް) ބާވަތެއްގެ ޕާސްޕޯޓެވެ. މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދެއްގައި "ޕާސްޕޯޓު" މާނަކުރެވެނީ ތިރީގައިވާ ހުރިހާ ބާވަތެއް ހިމެނޭ ގޮތަށެވެ.
- އޯޑިނަރީ ޕާސްޕޯޓު (އީ ޕާސްޕޯޓު)
- (ނޮން އީ ޕާސްޕޯޓު)
- އޮފިށަލް ޕާސްޕޯޓު (އީ ޕާސްޕޯޓު)
- ޑިޕްލެމެޓިކް ޕާސްޕޯޓު (އީ ޕާސްޕޯޓު)
- ޑިޕްލެމެޓިކް ޕާސްޕޯޓު (ނޮން އީ ޕާސްޕޯޓު)
- ދަތުރުކުރުމުގެ ވަގުތީ ލިޔުން (ޓެމްޕަރަރީ ޓްރެވެލް ޑޮކިއުމަންޓް)
- ސަރޓިފިކެޓް އޮފް އައިޑެންޓްޓީ
5 ވަނަ މާއްދާ - އޮޑިނަރީ ޕާސްޕޯޓު
(ހ) އޯޑިނަރީ ޕާސްޕޯޓަކީ ދިވެހިރައްޔިތުން ދަތުރުކުރުމަށް ދޫކުރާ ރަސްމީ ލިޔުމެވެ. އޯޑިނަރީ ޕާސްޕޯޓުގެ 2 (ދޭއް) ވައްތަރެއް ދޫކުރަން ހަމަޖެހިފައިވެއެވެ. އެއީ 32 (ތިރީސް ދޭއް) ސަފުހާގެ ޕާސްޕޯޓާއ،ި 48 (ސާޅީސް އަށެއް) ސަފުހާގެ ޕާސްޕޯޓެވެ.
(ށ) އޯޑިނަރީ ޕާސްޕޯޓަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށް ދޫކުރެވޭނީ އިލެކްޓްރޯނިކް ޕާސްޕޯޓެވެ.
- މީލާދީ ގޮތުން 10 (ދިހައެއް) އަހަރު ފުރިފައިވުން.
- ޕާސްޕޯޓާ ހަވާލުވުމަށްޓަކައި މޯލްޑިވްސް އިމިގްރޭށަނަށް ހާޒިރުވެވޭނެ ފަރާތެއް ކަމުގައިވުން. މިފަދަ މީހުންކަމުގައި ބެލެވޭނީ ތިރީގައިމިވާ މީހުންނެވ.ެ
(ހ) ހެލިފެލިވެ އުޅެވޭވަރުގެ ސިއްހަތެއްގައި ހުރި މީހެއްކަމުގައި ވުން.
(ށ) ރާއްޖޭގައި ހުރި މީހެއްކަމުގައި ވުން. - އެ ފަރާތެއްގެ ކަނާތުގެ ނުވަތަ ވާތުގެ ބޮޑުވައި އިނގިލި ނުވަތަ ށަހާދަތް އިނގިލީގެ ނިށާން ނެގޭނެ ފަރާތެއް ކަމުގައި ވުން؛ (އިތުރު ކުރެވިފައި)
- ބުއްދި ސަލާމަތުން ހުރި ފަރާތެއް ކަމުގައި ވުން. (އިތުރު ކުރެވިފައި)
(ނ) އޯޑިނަރީ ޕާސްޕޯޓަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ށަރުތުތަކުގެ ތެރެއިން ށަރުތެއް ފުރިހަމަވާ ފަރާތްތަކަށް ދޫކުރެވޭނީ، ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓެވެ. (އިސްލާހު ކުރެވިފައި)
- މީލާދީގޮތުން 10 (ދިހައެއް) އަހަރު ފުރިފައިނުވާ ކުޑަކުދިން؛ (އިތުރު ކުރެވިފައި)
- މީލާދީގޮތުން 65 (ފަސްދޮޅޮސްފަހެއް) އަހަރު ފުރިފައިވާ ފަރާތްތައް؛ (އިތުރު ކުރެވިފައި)
- ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތްތައް. (އިތުރު ކުރެވިފައި)
(ރ) މި މާއްދާގެ (ނ) ގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، އެ އަކުރުގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، މި މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަވާ ފަރާތަކުން އެ ފަރާތުގެ އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓަކަށް އެދިއްޖެ ހާލަތެއްގައި، އެ ފަރާތަކީ އެ ފަރާތެއްގެ ކަނާތުގެ ނުވަތަ ވާތުގެ ބޮޑުވައި އިނގިލި ނުވަތަ ށަހާދަތް އިނގިލީގެ ނިށާން ނެގޭނެ ފަރާތެއްނަމަ، އެ ފަރާތަށް އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓު ދޫކުރުމުގެ އިހްތިޔާރު، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭށަނަށް ލިބިގެންވެއެވެ. (އިސްލާހު ކުރެވިފައި)
(ބ) މި މާއްދާގެ (ށ) ގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، އެ އަކުރުގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ބަލިހާލު ހުރިގޮތުން ޕާސްޕޯޓާ ހަވާލުވުމަށް މޯލްޑިވްސް އިމިގްރޭށަނަށް ހާޒިރުވުމަށް އުޒުރުވެރިވާ، އުމުރުން 65 (ފަސްދޮޅޮސްފަހެއް) އަހަރުން ދަށުގެ ފަރާތްތަކަށް އޯޑިނަރީ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު ދޫކުރުމުގެ އިހްތިޔާރު، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭށަނަށް ލިބިގެންވެއެވެ. (އިތުރު ކުރެވިފައި)
6 ވަނަ މާއްދާ - އޮފިށަލް ޕާސްޕޯޓު
ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭށަނަށް ލިބިގެންވެއެވެ.
(ހ) އޮފިށަލް ޕާސްޕޯޓަކީ، ސަރުކާރުގެ ރަސްމީ ބޭނުމެއްގައި ރާއްޖެއިން ބޭރަށް ދަތުރުކުރުމަށް ދޫކުރާ ރަސްމީ ލިޔުމެކެވެ. އޮފިށަލް ޕާސްޕޯޓު ދޫކުރެވޭނީ، ތިރީގައިވާ ފަރާތްތަކަށް އެފަރާތެއް ނިސްބަތްވާ ސަރުކާރުގެ އިދާރާއަކުން އެދުމުންނެވެ.
- ޑެޕިއުޓީ މިނިސްޓަރުންނާއި، އެ ފެންވަރުގެ މަގާމަކަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހަމަޖައްސާ ފަރާތްތައް.
- ޑެޕިއުޓީ ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސް.
- ސިޓީ ކައުންސިލްތަކުގެ ރައީސުން.
- މޯލްޑިވްސް އިމިގްރޭށަންގެ ޗީފް ޕްރިންސިޕަލް އިމިގްރޭށަން އޮފިސަރުން ފެށިގެން މަތީ މަގާމުގައި ތިބި މުވައްޒަފުން.
- ދައުލަތުގެ ނުވަތަ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ރަސްމީކަމަކާ ގުޅިގެން ދެ ގައުމެއްގެ ދެމެދުގައި ވާހަކަދެއްކުމަށް ފޮނުވާ ވަފުދެއްގެ މެންބަރުންގެ ތެރޭގައި ހިމެނޭ މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ދަރަޖައިގައި ނުހިމެނޭ އެސިސްޓެންޓް ޑިރެކްޓަރުން ފެށިގެން މަތީ ދަރަޖައިގެ ފަރާތްތައް.
- ރާއްޖޭގެ ކުޅިވަރު އެސޯސިއޭށަންތަކުގެ ރައީސުންނާއި ނައިބު ރައީސުން.
- ސިޓީ ކައުންސިލްތަކުގެ ރައީސުން ފިޔަވައި، ކައުންސިލްތަކުގައި ހިމެނޭ އެހެނިހެން މެންބަރުންނާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ މެންބަރުން.
- ށަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވާ ފަރާތްތައް.
- ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި، ހައިކޯޓުގެ ފަނޑިޔާރުންނާއި، އެހެނިހެން ކޯޓުތަކުގެ އިސް ފަނޑިޔާރުންނާއި އިސް މެޖިސްޓްރޭޓުން ފިޔަވައި އެހެނިހެން ކޯޓުތަކުގެ ފަނޑިޔާރުންނާއި މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުން. (އިސްލާހު ކުރެވިފައި)
- ގާނޫނު ނަންބަރު 2013-05 (ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނު)ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ދައުރެއްގެ 4 (ހަތަރެއް) އަހަރުދުވަސް ފުރިހަމަކުރުމަށްފަހު މެންބަރުކަމުން ވަކިވެފައިވާ ފަރާތްތައް.
- މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން ފެށިގެން (9) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ފަރާތްތަކުގެ އިތުރުން، ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންގެ ތެރެއިން، ރަސްމީ ދަތުރުތަކުގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް އޮފިށަލް ޕާސްޕޯޓު ދޫކުރުމުގެ އިހްތިޔާރު، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭށަނަށް ލިބިގެންވެއެވެ. (އިތުރު ކުރެވިފައި)
(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރާއި، (4) ވަނަ ނަންބަރާއި، (5) ވަނަ ނަންބަރާއި، (6) ވަނަ ނަންބަރާއި، (7) ވަނަ ނަންބަރާއި، (9) ވަނަ ނަންބަރާއި، (11) ވަނަ ނަންބަރުގައި ހިމެނޭ ފަރާތްތަކުން އޮފިށަލް ޕާސްޕޯޓު ހެއްދުމަށް އެދި ފޯމު ހުށަހަޅާއިރު، ޕާސްޕޯޓަށް ނިސްބަތްވާ ފަރާތް ނޫން އެހެން ފަރާތަކުން ސޮއިކޮށްފައިވާ، އެ އޮފީހެއްގެ ރަސްމީ ސިޓީއެއް ހުށަހަޅަންވާނެއެވެ. މި ސިޓީގައި، ޕާސްޕޯޓަށް އެދޭ ފަރާތުގެ މަގާމާއި، ޕާސްޕޯޓަށް ފައިސާ ދައްކާނެ ގޮތުގެ ތަފުސީލާއި، މި މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރާއި، (6) ވަނަ ނަންބަރާއި، (7) ވަނަ ނަންބަރާއި، (11) ވަނަ ނަންބަރުގައި ހިމެނޭ ފަރާތެއްނަމަ، ކުރަން ގަސްތުކުރާ ދަތުރުގެ ތަފުސީލު ބަޔާންކޮށްފައި އޮންނަންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ނ) މި މާއްދާގެ (ހ) ގައި ހިމެނޭ ފަރާތްތަކުގެ ޕާސްޕޯޓު ހަވާލުކުރާނީ، ޕާސްޕޯޓުގެ ވެރިފަރާތަށެވެ. އަދި މި މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރާއި، (6) ވަނަ ނަންބަރާއި، (7) ވަނަ ނަންބަރާއި، (11) ވަނަ ނަންބަރުގައި ހިމެނޭ ފަރާތްތަކަށް ދޫކޮށްފައިވާ ޕާސްޕޯޓު އޮންނަންވާނީ، މޯލްޑިވްސް އިމިގްރޭށަންގެ ބެލުމުގެ ދަށުގައެވެ. އަދި އިސްވެ ބަޔާންކޮށްފައިވާ އޮފިށަލް ޕާސްޕޯޓު ދޫކުރުވޭ ފަރާތްތައް ރާއްޖެއިން ބޭރަށް ކުރާ ދަތުރަށްފަހު، އެ ފަރާތެއްގެ އޮފިށަލް ޕާސްޕޯޓު މޯލްޑިވްސް އިމިގްރޭށަނާ ހަވާލުކުރުމަކީ އެ ފަރާތެއް ނިސްބަތްވާ މުއައްސަސާއެއްގެ ޒިންމާއެކެވެ. (އިސްލާހު ކުރެވިފައި)
(ރ) މި މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރާއި، (6) ވަނަ ނަންބަރާއި، (7) ވަނަ ނަންބަރާއި، (11) ވަނަ ނަންބަރުގައި ހިމެނޭ ފަރާތްތަކަށް ދޫކޮށްފައިވާ އޮފިށަލް ޕާސްޕޯޓު ބޭނުންކުރެވޭނީ، ރަސްމީ ދަތުރުތަކުގައްޔާއި، އެ ފަރާތެއް ނިސްބަތްވާ މުއައްސަސާގެ ފަރާތުން ފޮނުވައިގެން ހިންގާ ވާރކްށޮޕް ނުވަތަ ޓްރޭނިންގ ކޯސް ފަދަ ކަންތައްތަކުގައި ބައިވެރިވުމަށް ކުރާ ދަތުރުގައި އެކަންޏެވެ. އޮފިށަލް ޕާސްޕޯޓު ބޭނުންވެއްޖެ ހިނދެއްގައި އެ ފަރާތެއް ނިސްބަތްވާ މުއައްސަސާއިން ދަތުރުގެ ތަފުސީލު ބަޔާންކޮށް ސިޓީއަކުން މޯލްޑިވްސް އިމިގްރޭށަނަށް ހުށަހެޅުމުން އެ ފަރާތަކާ ޕާސްޕޯޓު ހަވާލުކުރެވޭނެއެވެ. (އިސްލާހު ކުރެވިފައި)
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުން ރަސްމީ ދަތުރު ނިންމާފައި ރާއްޖެއަށް އެނބުރި އައުމަށްފަހު، އޮފިށަލް ޕާސްޕޯޓު އިމިގްރޭށަނާ ހަވާލުކުރުމަށްފަހު އެފަރާތުގެ އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓު އިމިގްރޭށަނުން ހޯދަންވާނެއެވެ.
(ޅ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރާއި، (4) ވަނަ ނަންބަރާއި، (5) ވަނަ ނަންބަރާއި، (6) ވަނަ ނަންބަރާއި، (7) ވަނަ ނަންބަރާއި، (9) ވަނަ ނަންބަރާއި، (11) ވަނަ ނަންބަރުގައި ހިމެނޭ ފަރާތްތަކަށް ދޫކުރެވޭ އޮފިށަލް ޕާސްޕޯޓަކީ އެ ފަރާތަކުން އަދާކުރާ ވަޒީފާގެ ހައިސިއްޔަތުން ދޫކުރެވޭ އެއްޗަކަށް ވާހިނދު، އެ ޕާސްޕޯޓު ބޭނުންކުރުން މަނާކުރުމާއި، އެ ޕާސްޕޯޓު ކެންސަލްކުރުމަށް އެދި މޯލްޑިވްސް އިމިގްރޭށަނަށް ހުށަހެޅުމުގެ އިހްތިޔާރު، އެ މުއައްސަސާއެއް ހިންގުމާ ހަވާލުވެހުރި އެންމެ އިސްވެރިޔާއަށް ލިބިގެންވެއެވެ. (އިސްލާހު ކުރެވިފައި)
(ކ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރާއި، (4) ވަނަ ނަންބަރާއި، (5) ވަނަ ނަންބަރާއި، (6) ވަނަ ނަންބަރާއި، (7) ވަނަ ނަންބަރާއި، (9) ވަނަ ނަންބަރާއި، (11) ވަނަ ނަންބަރުގައި ހިމެނޭ އޮފިށަލް ޕާސްޕޯޓު ދޫކޮށްފައިވާ ބޭނުން ނުވަތަ ހައިސިއްޔަތު ނެތިދިއުމަށްފަހު، ނުވަތަ މަގާމުން ވަކިވުމަށްފަހު، ނުވަތަ ދޫކުރެވިފައިވާ ބޭނުން ނިމުމަށްފަހު، އެ ޕާސްޕޯޓެއް ކެންސަލް ކުރުމަށް ޓަކައި މޯލްޑިވްސް އިމިގްރޭށަނަށް ހުށަހަޅަންވާނެއެވެ. (އިސްލާހު ކުރެވިފައި)
(އ) މި މާއްދާގެ (ހ) ގެ 1، 2، 3، 4، 8، 9، އަދި 10 ގައިވާ ފަރާތްތަކަށް ދޫކޮށްފައިވާ އޮފިށަލް ޕާސްޕޯޓު، ރަސްމީ ދަތުރުތަކާއި، އަމިއްލަ ދަތުރުތަކުގައި، ބޭނުން ކުރެވިދާނެއެވެ.
7 ވަނަ މާއްދާ - ޑިޕްލޮމެޓިކް ޕާސްޕޯޓު
(ހ) ޑިޕްލޮމެޓިކް ޕާސްޕޯޓަކީ ދައުލަތުގެ އެންމެ މަތީ އިމްތިޔާޒު ލިބިގެންވާ ފަރާތްތައް ރާއްޖެއިން ބޭރަށް ދަތުރުކުރުމަށް ދޫކުރާ ރަސްމީ ލިޔުމެކެވެ.
(ށ) ޑިޕްލޮމެޓިކް ޕާސްޕޯޓު ދޫކުރެވޭނީ ތިރީގައިވާ ފަރާތްތަކަށެވެ.
1. ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، އެފަރާތްތަކުގެ އަނބިންނާއި، ފިރިން ބައްޕައާއި މަންމަ، ދަރިން، އެ ދަރިންގެ އަނބިންނާއި، ފިރިން.
2. ކުރިން ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި ފަރާތްތަކާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކުރެއްވި ފަރާތްތަކާއި، ދައުލަތަށް ގިނަދުވަހު ހިދުމަތްކުރެއްވި އިއްޒަތްތެރިކަމުގެ ދަރަޖަ ދައުލަތުން ދީފައިވާ ފަރާތްތަކާއި، ދިވެހި ދައުލަތުގެ މަތިވެރި އިއްޒަތް އަރުވާފައިވާ އިއްޒަތްތެރިންނާއި، އެފަރާތްތަކުގެ އަނބިންނާއި ފިރިން.
3. ގާނޫނު ނަންބަރު 2013-05 (ރައްޔިތުންގެ މަޖިލީހުގެ އިމްތިއާޒުތަކާއި ބާރުތަކުގެ ގާނޫނު) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކޮށްފައިވާ މީހުން.
4. އުއްތަމަ ފަނޑިޔާރާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސާއި، އެފަރާތްތަކުގެ އަނބިންނާއި ފިރިން.
5. ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ މުށީރުންނާއި، ސްޓޭޓް މިނިސްޓަރުންނާއި، އެ ފެންވަރުގެ ފަރާތްތަކާއި، އެ ފަރާތްތަކުގެ އަނބިންނާއި ފިރިން އަދި ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ދަރިންގެ ތެރެއިން އުމުރުން 18 (އަށާރަ) އަހަރު ފުރިފައިނުވާ ކުޑަކުދިންނަށް. (އިސްލާހު ކުރެވިފައި)
6. ވަޒީރުންގެ މަޖިލީހުގެ މެންބަރުކަން 15 (ފަނަރަ) އަހަރަށްވުރެ ދިގުމުއްދަތަކަށް ކޮށްފައިވާ ފަރާތްތަކާއި، އެފަރާތްތަކުގެ އަނބިންނާއި ފިރިން.
7. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެފަރާތްތަކުގެ އަނބިންނާއި ފިރިން.
8. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި، ހައި ކޯޓުގެ ފަނޑިޔާރުންނާއި، ސުޕްރީމް ކޯޓުގެ "ޖަސްޓިސް ރިޓަޔަރޑް" ގެ ލަގަބު ލިބިގެން ރިޓަޔަރ ކޮށްފައިވާ ފަނޑިޔާރުންނާއި، އެ ފަރާތްތަކުގެ އަނބިންނާއި ފިރިން އަދި ރާއްޖޭގެ އެހެނިހެން ކޯޓުތަކުގެ އިސް ފަނޑިޔާރުންނާއި އިސް މެޖިސްޓްރޭޓުން. (އިސްލާހު ކުރެވިފައި)
9. ކޮންޓްރޯލަރ ޖެނެރަލް އޮފް މޯލްޑިވްސް އިމިގްރޭށަނާއި، އެ ފަރާތުގެ އަނބިންނާއި ފިރިމީހާއާއި އެ ފަރާތުގެ ދަރިންގެ ތެރެއިން އުމުރުން 18 (އަށާރަ) އަހަރު ފުރިފައިނުވާ ކުޑަކުދިންނަށް. (އިސްލާހު ކުރެވިފައި)
10. ޗީފް އޮފް ޑިފެންސް ފޯސްއާއި، ކޮމިށަނަރ އޮފް ޕޮލިސްއާއި، ޑެޕިއުޓީ ޗީފް އޮފް ޑިފެންސް ފޯސްއާއި، ޑެޕިއުޓީ ކޮމިށަނަރ އޮފް ޕޮލިސްއާއި، ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސްއާއި، އެ ފަރާތްތަކުގެ އަނބިންނާއި ފިރިން އަދި ޗީފް އޮފް ޑިފެންސް ފޯސްއާއި، ކޮމިށަނަރ އޮފް ޕޮލިސްއާއި، ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ ދަރިންގެ ތެރެއިން އުމުރުން 18 (އަށާރަ) އަހަރު ފުރިފައިނުވާ ކުޑަކުދިންނަށް. (އިސްލާހު ކުރެވިފައި)
11. މުސްތަގިއްލު ކޮމިށަންތަކުގެ އެންމެހައި މެންބަރުންނާއި، މެންބަރުންގެ އަނބިންނާއި ފިރިން. (އިސްލާހު ކުރެވިފައި)
12. (އުނި ކުރެވިފައި)
13. ރާއްޖެއިން ބޭރުގައި ހުންނަ ދިވެހިރާއްޖޭގެ މިށަންތަކުގެ ފަސްޓް ސެކެރެޓަރީން ފެށިގެން މަތީ މަގާމުތަކުގައި ތިބޭ ފަރާތްތަކާއި، އެފަރާތްތަކުގެ އަނބިންނާއި ފިރިންނާއި މިށަންތަކުގެ 2 ވަނަ އަދި 3 ވަނަ ސެކްރެޓަރީންނާއި އެޓާޗޭ ފެންވަރުގެ މަގާމުތަކުގައި ތިއްބަވާ ފަރާތްތައް (އަނބިންނަށާއި ފިރިންނަށް ދޫކުރާނީ އެ ފަރާތެއް މަސައްކަތްކުރާ ތަނެއްގައި އެ ފަރާތަކާއެކު ތިބޭގޮތަށް ހަމަޖެހިފައިވާ ފަރާތްތަކަށެވެ.)
14. ބައިނަލްއަގްވާމީ ޖަމާއަތްތަކާއި، ސަރަހައްދީ ޖަމާއަތްތަކުގެ އިސް މަގާމުތަކަށް އައްޔަންކުރައްވާފައިވާ ފަރާތްތަކާއި އެފަރާތްތަކުގެ، އަނބިންނާއި، ފިރިން.
15. ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގެ، އަންޑަރ ސެކްރެޓަރީން ފެށިގެން މަތީ މަގާމުތަކުގައި ތިބޭ ފަރާތްތަކާއި އެފަރާތްތަކުގެ އަނބިންނާއި ފިރިން އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒުގެ ނައިބުންނާއި އެފެންވަރުގެ ފަރާތްތަކުގެ އަނބިންނާއި ފިރިންނާއި ޕާމަނަންޓް ސެކެރެޓަރީއާއި ޗީފް އޮފް ޕްރޮޓޮކޯލް.
16. ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމާއި، އެފަރާތުގެ އަނބިން ނުވަތަ ފިރިމީހާ.
17. މިނިވަން މުއައްސަސާތައްކަމުގައިވާ ނޭށަނަލް އިންޓެގްރިޓީ ކޮމިށަނާއި، އެންޓި-ކޮރަޕްށަން ކޮމިށަނާއި، ސިވިލް ސަރވިސް ކޮމިށަނާއި، އިލެކްށަން ކޮމިށަންގެ ނައިބު ރައީސުންނާއި، މޯލްޑިވްސް އިމިގްރޭށަންގެ ޑެޕިއުޓީ ކޮންޓްރޯލަރާއި އެފަރާތްތަކުގެ އަނބިންނާއި ފިރިން.
(ނ) ޑިޕްލޮމެޓިކް ޕާސްޕޯޓަށް އެދި ހުށަހަޅާ މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ށަރުތުތަކުގެ ތެރެއިން ށަރުތެއް ފުރިހަމަވާ ފަރާތްތަކަށް ދޫކުރެވޭނީ، ޑިޕްލޮމެޓިކް ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓެވެ. (އިސްލާހު ކުރެވިފައި)
- ރައީސުލްޖުމްހޫރިއްޔާއާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ކޮންޓްރޯލަރ ޖެނެރަލް އޮފް މޯލްޑިވްސް އިމިގްރޭށަނާއި، ޗީފް އޮފް ޑިފެންސް ފޯސްއާއި، ކޮމިށަނަރ އޮފް ޕޮލިސްއާއި، ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ ދަރީންގެ ތެރެއިން އުމުރުން 10 (ދިހައެއް) އަހަރު ފުރިފައިނުވާ ކުޑަކުދިން. (އިސްލާހު ކުރެވިފައި)
- ދިވެހިދައުލަތުގެ އެންމެ މަތީ އިމްތިޔާޒު ލިބިފައިވާ ފަރާތްތަކުގެ ތެރެއިން އުމުރުން ދުވަސްވެފައިވާ، ހެލިފެލިވެ އުޅެވޭވަރުގެ ސިއްހަތެއްގައި ނެތް މީހުން. (އިސްލާހު ކުރެވިފައި)
- ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތްތައް (އިތުރު ކުރެވިފައި)
(ރ) މި މާއްދާގެ (ނ) ގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ބަލިހާލު ހުރިގޮތުން ޕާސްޕޯޓާ ހަވާލުވުމަށް މޯލްޑިވްސް އިމިގްރޭށަނަށް ހާޒިރުވުމަށް އުޒުރުވެރިވާ، އުމުރުން 65 (ފަސްދޮޅޮސްފަހެއް) އަހަރުން ދަށުގެ ފަރާތްތަކަށް ޑިޕްލޮމެޓިކް ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު ދޫކުރުމުގެ އިހްތިޔާރު، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭށަނަށް ލިބިގެންވެއެވެ. (އިތުރު ކުރެވިފައި)
(ބ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުން ޑިޕްލޮމެޓިކް ޕާސްޕޯޓު ހެއްދުމަށް އެދި ހުށަހަޅާއިރު ޕާސްޕޯޓަށް ނިސްބަތްވާ ފަރާތް ނޫން އެހެން ފަރާތަކުން ސޮއިކޮށްފައިވާ، އެ އޮފީހެއްގެ ރަސްމީ ސިޓީއެއް ހުށަހަޅަންވާނެއެވެ. މި ސިޓީގައި، ޕާސްޕޯޓަށް އެދޭ ފަރާތުގެ މަގާމާއި، ޕާސްޕޯޓަށް ފައިސާ ދައްކާނެ ގޮތުގެ ތަފުސީލު ބަޔާންކޮށްފައި އޮންނަންވާނެއެވެ. (އިތުރު ކުރެވިފައި)
(ޅ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޑިޕްލޮމެޓިކް ޕާސްޕޯޓު ދޫކޮށްފައިވާ ފަރާތްތަކުގެ ޕާސްޕޯޓ،ު ރަސްމީ ދަތުރުތަކާއި އަމިއްލަ ދަތުރުތަކުގައި ބޭނުންކުރެވިދާނެއެވެ. (އިތުރު ކުރެވިފައި)
8 ވަނަ މާއްދާ - ދަތުރުކުރުމުގެ ވަގުތީ ލިޔުން (ޓެމްޕަރަރީ ޓްރެވެލް ޑޮކިއުމަންޓް)
(ހ) ދަތުރުކުރުމުގެ ވަގުތީ ލިޔުމަކީ، އިމަރޖެންސީ ހާލަތެއް ދިމާވެއްޖެ ކޮންމެ ދިވެހިރައްޔިތަކަށް ކުރު މުއްދަތަކަށް ނޫނީ ކަނޑައެޅޭ ވަކި މުއްދަތަކަށް ސިންގަލް/ރިޓާން ޖާނީއަކަށް ދޫކުރެވޭ ލިއުމެކެވެ. މި ލިޔުން ދޫކުރެވޭނީ ތިރީގައިވާ ހާލަތްތަކުގައެވެ.
- އެއްވެސް ސަބަބަކާހުރެ ޕާސްޕޯޓެއް ދޫކުރަން ސަރުކާރަށް ނުފެންނަ މީހުންނަށް ކަނޑައެޅިގެން ވަކި ދަތުރެއް ކުރުމަށް ވަކި މުއްދަތަކަށް.
- އަވަސްގޮތެއްގައި ނުވަތަ ކުއްލި ހާލަތެއް ދިމާވެގެން ރާއްޖެއިން ބޭރަށް ދާންޖެހޭ މީހަކަށް ގަވާއިދުން ޕާސްޕޯޓެއް ހައްދާނެ މުއްދަތު ނެތުން ނުވަތަ މިފަދަ ހާލަތެއް ދިމާވާއިރު ޕާސްޕޯޓު އަތުޖެހޭ ހިސާބުގައި ނެތުން ނުވަތަ ޕާސްޕޯޓެއް ހެއްދުމަށް ފުރިހަމަކުރަންޖެހޭ ށަރުތުތައް ފުރިހަމަ ނުކުރެވޭފަދަ ހާލަތެއް މެދުވެރިވުން.
-
އެ މީހަކަށް ދޫކޮށްފައިވާ ޕާސްޕޯޓު ތަކުރާރުކޮށް ގެއްލިފައިވާނަމަ، އެ މީހެއްގެ ޕާސްޕޯޓު އައުކުރުމަށް ހުށަހެޅުމުން އެ މީހަކަށް ދަތުރުކުރުމުގެ ވަގުތީ ލިޔުން ދޫކުރުމުގެ އިހްތިޔާރު، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭށަނަށް ލިބިގެންވެއެވެ. (އިތުރު ކުރެވިފައި)
-
މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ ދަށުން ޖޫރިމަނާއެއް ކޮށްފައިވާ މީހަކު، އެ ވަގުތަކު އެ ޖޫރިމަނާ ފައިސާ ދެއްކެންނެތް ހާލަތުގައި، އިމަޖެންސީ ހާލަތެއް މެދުވެރިވެގެން ރާއްޖެއިން ބޭރަށް ދާން ޖެހިއްޖެނަމަ، ޖޫރިމަނާ ފައިސާ ނުދެއްކި ނަމަވެސް، ދަތުރުކުރުމުގެ ވަގުތީ ލިޔުން އެ މީހަކަށް ދޫކުރުމުގެ އިހްތިޔާރު، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭށަނަށް ލިބިގެންވެއެވެ. (އިތުރު ކުރެވިފައި)
(ށ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ހާލަތެއް ނޫން ހާލަތްތަކުގައިވެސް ދަތުރުކުރުމުގެ ވަގުތީ ލިޔުން ދޫކުރަން ފެނިއްޖެނަމަ، އެފަދަ ލިޔުމެއް ދޫކުރުމުގެ އިހްތިޔާރު ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭށަނަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ހާލަތްތަކުގައިވެސް، ކަމުގެ ބާވަތަށް ބަލައި ދަތުރުކުރުމުގެ ވަގުތީ ލިޔުން ދޫނުކުރުމުގެ އިހްތިޔާރު ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭށަނަށް ލިބިގެންވެއެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ހާލަތްތަކުގައި، އެ މީހެއްގެ ބަލިހާލު ހުރިގޮތުން ޕާސްޕޯޓަށް އެދޭ ފޯމުގައި ސޮއިކުރުމަށް އުޒުރުވެރިވާ ފަރާތްތަކުގެ ފޯމުގައި ސޮއިކުރާނީ، އެ ފަރާތެއްގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ށަރުއީ ބަލަދުވެރިޔާ ނުވަތަ ގާނޫނީ ބަލަދުވެރިޔާއެވެ. (އިތުރު ކުރެވިފައި)
9 ވަނަ މާއްދާ - ސަރޓިފިކެޓް އޮފް އައިޑެންޓިޓީ (ސީއައި)
(ހ) ސަރޓިފިކެޓް އޮފް އައިޑެންޓިޓީއަކީ، ރާއްޖެއިން ބޭރުގައި ދަތުރުކުރާ ދިވެހިރައްޔިތުންގެ ޕާސްޕޯޓަށް ދިމާވާ މައްސަލަތަކުގައްޔާއި، ޕާސްޕޯޓު ނެތް ހާލަތްތަކުގައި ރާއްޖެއަށް އެނބުރި އައުމަށް (އޮންލީ ރިޒާން ޖަރނީ) ދޫކުރާ ވަގުތީ ސަރޓިފިކެޓެކެވެ. މޯލްޑިވްސް އިމިގްރޭށަނުން ހުއްދަދޭ ފަރާތްތަކަށް ސަރޓިފިކެޓް އޮފް އައިޑެންޓިޓީ ދޫކުރާނީ ރާއްޖެއިން ބޭރުގައިވާ ފޮރިން މިށަންތަކުންނެވެ. މި ލިޔުން ދޫކުރެވޭނީ ތިރީގައިވާ ހާލަތްތަކުގައެވެ.
- ރާއްޖެއިން ބޭރުގައި އުފަންވާ ކުދިންގެ ތެރެއިން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހައްދައިފައިނުވާ ކުދިން ނުވަތަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހައްދައިފައި އޮތްނަމަވެސް ޕާސްޕޯޓު ހައްދައިފައި ނުވާ ކުދިން ރާއްޖެއަށް ގެނައުމަށް؛ (އިސްލާހު ކުރެވިފައި)
- ބޭރު ގައުމެއްގައި ހުރި ދިވެހިރައްޔިތެއްގެ ޕާސްޕޯޓު ގެއްލިގެން ރާއްޖެއަށް އެނބުރި އައުމަށް؛
- ބޭރު ގައުމެއްގައި ހުރި ދިވެހިރައްޔިތެއްގެ ޕާސްޕޯޓު ހަލާކުވެގެން ރާއްޖެއަށް އެނބުރި އައުމަށް؛ އަދި
- ބޭރު ގައުމެއްގައި ހުރި ދިވެހިރައްޔިތެއްގެ ޕާސްޕޯޓުގައި ވިޒާ ޖެހުމަށް ފޮރިން މިށަނަކާ ހަވާލުކޮށްފައިވާ ހާލަތްތަކުގައި ރާއްޖެއަށް އެނބުރި އައުމަށް.
- މި މާއްދާގެ (ހ) ގެ 1، 2، 3، އަދި 4 ގައި ބަޔާންކުރާ ހާލަތްތައް ނޫން ހާލަތްތަކުގައި ސަރޓިފިކެޓް އޮފް އައިޑެންޓިޓީ ދޫކުރުމަށް ފެނިއްޖެނަމަ، އެފަދަ ލިޔުމެއް ދޫކުރުމުގެ އިހްތިޔާރު ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭށަނަށް ލިބިގެންވެއެވެ..
ށ) ރާއްޖެއިން ބޭރުގައި އުފަންވާ ކުދީންގެ ތެރެއިން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހައްދައިފައިނުވާ ކުދީން ނުވަތަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހައްދައިފައި އޮތްނަމަވެސް، ޕާސްޕޯޓު ހައްދައިފައިނުވާ ކުދީން ރާއްޖެއަށް ގެނައުމަށް ސަރޓިފިކެޓް އޮފް އައިޑެންޓިޓީ ހެއްދުމަށް މޯލްޑިވްސް އިމިގްރޭށަނުގެ ހުއްދަ ހޯދުމަށް އެދި ހުށަހަޅާއިރު، ދިވެހިރާއްޖެއިން ބޭރުގައި ހުރ،ި ފޮރިން މިށަންތަކަށް، އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ. (އިސްލާހު ކުރެވިފައި)
- ހުދު ބެކްގްރައުންޑެއް ހުރި، ނަގާފައިވާތާ (އެކެއް) 1 މަސްދުވަސް ހަމަނުވާ ޕާސްޕޯޓު ސައިޒުގެ (އެކެއް) 1 ގަނޑު ފޮޓޯ؛
- އުފަންދުވަހުގެ ސެޓުފިކެޓު؛
- އުފަންދުވަހުގެ ސެޓްފިކެޓު ނެތް ހާލަތެއްގައި، ފޫޅުމާ ފޯމު؛
- ކުއްޖާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހައްދައިފައިވާނަމަ، އެ ކާޑުގެ ކޮޕީ؛ (އިސްލާހު ކުރެވިފައި)
- ބެލެނިވެރިންގެ ޕާސްޕޯޓުގެ ޑާޓާ ޕޭޖުގެ ކޮޕީ
(ނ) ބޭރު ގައުމެއްގައި ހުރި ދިވެހިރައްޔިތެއްގެ ޕާސްޕޯޓު ގެއްލިއްޖެ ހާލަތެއްގައި، އެ މީހަކު ރާއްޖެއަށް އެނބުރި އައުމަށް ސަރޓިފިކެޓް އޮފް އައިޑެންޓިޓީ ހެއްދުމަށްޓަކައި މޯލްޑިވްސް އިމިގްރޭށަންގެ ހުއްދަ ހޯދުމަށް އެދި ހުށަހަޅާއިރު، ރާއްޖެއިން ބޭރުގައި ހުރި ދިވެހިރާއްޖޭގެ ފޮރިން މިށަންތަކަށް އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.
- ހުދު ބެކްގްރައުންޑެއް ހުރި، ނަގާފައިވާތާ (އެކެއް) 1 މަސްދުވަސް ހަމަނުވާ ޕާސްޕޯޓު ސައިޒުގެ (އެކެއް) 1 ގަނޑު ފޮޓޯ؛
- ޕާސްޕޯޓު ގެއްލުނު ކަމުގެ ވެރިފައި ކުރެވިފައިވާ ޕޮލިސް ރިޕޯޓު (އިނގިރޭސި ބަހުން ނުވަތަ ދިވެހި ބަހުން) އަދި؛
- ޕާސްޕޯޓުގެ ޑާޓާ ޕޭޖުގެ ކޮޕީ (ލިބެން އޮންނަމަ)
(ރ) ބޭރު ގައުމެއްގައި ހުރި ދިވެހިރައްޔިތެއްގެ ޕާސްޕޯޓު ހަލާކުވެފައިވާ ހާލަތުގައި ރާއްޖެއަށް އެނބުރި އައުމަށް ސަރޓިފިކެޓް އޮފް އައިޑެންޓިޓީ ހެއްދުމަށް މޯލްޑިވްސް އިމިގްރޭށަންގެ ހުއްދަ ހޯދުމަށް އެދި ހުށަހަޅާއިރު، ރާއްޖެއިން ބޭރުގައި ހުރި ދިވެހިރާއްޖޭގެ ފޮރިން މިށަންތަކަށް އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.
- ހުދު ބެކްގްރައުންޑެއްގައި ހުރި، ނަގާފައިވާ ޕާސްޕޯޓް ސައިޒުގެ 1 (އެކެއް) މަސްދުވަސް ހަމަނުވާ ގަނޑު ފޮޓޯ:
- ޕާސްޕޯޓު ހަލާކުވާން މެދުވެރިވި ސަބަބު ތަފުސީލުކޮށް ބަޔާންކޮށްފައިވާ ޕާސްޕޯޓުގެ ވެރިފަރާތުގެ ސިޓީ އަދި
- ހަލާކުވެފައިވާ ޕާސްޕޯޓުގެ ކޮޕީ (ހަލާކުވެފައިވާ ސަފުހާތައް ހިމެނޭ ގޮތަށް)
(ބ) ބޭރު ގައުމެއްގައި ހުރި ދިވެހިރައްޔިތެއްގެ ޕާސްޕޯޓު ވިޒާ ޖެހުމަށް ފޮރިން މިށަންތަކަށް ޕާސްޕޯޓު ހަވާލުކުރަންޖެހޭ ހާލަތެއްގައި، އެ މީހަކު ރާއްޖެއަށް އެނބުރި އައުމަށް ސަރޓިފިކެޓް އޮފް އައިޑެންޓިޓީ ހެއްދުމަށް މޯލްޑިވްސް އިމިގްރޭށަންގ ހުއްދަ ހޯދުމަށް އެދި ހުށަހަޅާއިރު، ރާއްޖެއިން ބޭރުގައި ހުރި ދިވެހިރާއްޖޭގެ ފޮރިން މިށަންތަކަށް އަންނަނިވި ލިއެކިޔުންތައް ހުށަހަޅަންވާނެއެވެ.
- ހުދު ބެކްގްރައުންޑެއްގައި ހުރި، ނަގާފައިވާ 1 (އެކެއް) މަސްދުވަސް ހަމަނުވާ ޕާސްޕޯޓް ސައިޒުގެ 1 ގަނޑު ފޮޓޯ:
- ޕާސްޕޯޓުގައި ވީޒާ ޖެހުމަށް ހަވާލުކުރިކަމުގެ ލިޔުމެއް (ބަލައިގަތް ކަމުގެ ރަސީދު)
10 ވަނަ މާއްދާ - ޕާސްޕޯޓުގެ މުއްދަތާއި، ޕާސްޕޯޓުގައި ދެވޭނެ ގައުމުތައް ކަނޑައެޅުން
(ހ) ޕާސްޕޯޓެއް ދޫކުރާއިރު އެ ޕާސްޕޯޓުގައި، ވަކި ގައުމުތަކަކަށް ދިޔުމަށް ހުއްދަ ނުކުރުމާއި ޕާސްޕޯޓު ޕާސްޕޯޓުގެ މުއްދަތާއި، ބޭނުންކުރެވޭނެ މުއްދަތު (ވެލިޑިޓީ) ކުޑަކުރުމުގެ އިހްތިޔާރު ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭށަނަށް ގައުމުތައް ކަނޑައެޅުން ލިބިގެންވެއެވެ.
- އޯޑިނަރީ ޕާސްޕޯޓާއި، އޮފިށަލް ޕާސްޕޯޓު އަދި ޑިޕްލޮމެޓިކް ޕާސްޕޯޓުގެ މުއްދަތަކީ 5 (ފަހެއް) އަހަރުދުވަހެވެ. 5 (ފަހެއް) އަހަރު ހަމަވުމަށްފަހު، އެ ޕާސްޕޯޓުގެ ބޭނުމެއް ނުކުރެވޭނެއެވެ.
- ދަތުރުކުރުމުގެ ވަގުތީ ލިޔުމުގެ އެންމެ ދިގު މުއްދަތަކީ 1 (އެކެއް) އަހަރުދުވަހެވެ. އަދި މި ލިޔުން ބޭނުންކުރެވޭނީ އެންމެ ދަތުރަކަށެވެ. ދަތުރު ނިންމާފައި އެނބުރި ރާއްޖެއަށް އައުމުން މި ލިޔުން ކެންސަލްވާނެއެވެ.
11 ވަނަ މާއްދާ - ޕާސްޕޯޓަށް އެދޭ ފޯމު ބަލައިގަތުމާއި، ޕާސްޕޯޓު ދޫކުރުން
(ހ) ޕާސްޕޯޓު ހެއްދުމަށް ހުށަހަޅާ ފޯމު މޯލްޑިވްސް އިމިގްރޭށަނުން ބަލައިގަންނަން ފަށާނީ، އެ އިރެއްގައި ހަމަޖެހިފައިވާ އުސޫލަކާ އެއްގޮތަށް، ކަނޑައެޅިފައިވާ ވަގުތުތަކުގައި، ކަނޑައެޅިފައިވާ ތަންތަނުންނެވެ. (އިސްލާހު ކުރެވިފައި)
(ށ) ޕާސްޕޯޓު ހަދައިދެވޭނީ ރަސްމީ، ބަންދު ނޫން ކޮންމެ، ދުވަހެއްގެ ރަސްމީ، ގަޑީގައެވެ. މިނޫން ވަގުތެއްގައި ޕާސްޕޯޓު ހަދައިދެވޭނީ، ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައެވެ. މިފަދަ ހާލަތްތަކުގައި ޕާސްޕޯޓް ހަދައިދެވޭނީ، އެ މީހަކު ދަތުރުކުރުމަށް، ހަމަޖެހިފައިވާ ބޯޓު ފުރުމުގެ މަދުވެގެން 4 (ހަތަރެއް) ގަޑިއިރު ކުރިން މޯލްޑިވްސް އިމިގްރޭށަނުގައި، އެދުމުންނެވެ. އަދި، މިފަދަ ހާލަތްތަކުގައި، ފުރަން ގަސްތުކުރާ ބޯޓުން ޖާގަ ލިބިފައިވާކަން ޔަގީންކޮށްދިނުމަށްޓަކައި، "ރިޒަރވޭށަން ކޮންފަރމޭށަން" ސްލިޕެއް ހުށަހަޅަންޖެހޭނެއެވެ.
- ރާއްޖެއިން ބޭރަށްގޮސް ފަރުވާ ނުހޯދައިފިނަމަ ފުރާނައަށް، ނުރައްކާވެދާނެކަމަށް ނުވަތަ ހަށިގަނޑުގެ ގުނަވަނެއް ބޭނުން ނުކުރެވިދާނެކަމަށް، ބަޔާންކޮށްފައިވާ ޑޮކްޓަރ ސެޓްފިކެޓެއް އޮތުން.
12 ވަނަ މާއްދާ - ޕާސްޕޯޓު ހެއްދުން
(ހ) ޕާސްޕޯޓު ހެއްދުމަކީ، އެ މީހެއްގެ އަމިއްލަ، ޒިއްމާއަކަށްވާ ހިނދު ދުރާލައި ޕާސްޕޯޓު ހެއްދުމަށް ހާއްސަ ސަމާލުކަން ދޭންޖެހޭނެއެވެ.
(ށ) ދިވެހި ޕާސްޕޯޓެއް ބޭނުންވާ މީހ،ާ ދިވެހި ޕާސްޕޯޓަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، މޯލްޑިވްސް އިމިގްރޭށަނުގެ ޑިޖިޓަލް ޕްލެޓްފޯމް (https://imuga.immigration.gov.mv) މެދުވެރިކޮށް ނުވަތަ ޕާސްޕޯޓަށް އެދޭ ފޯމު ބަލައިގަތުމުގެ ހުއްދަ މޯލްޑިވްސް އިމިގްރޭށަނުން ދީފައިވާ ފަރާތަކަށް ހުށަހެޅުމުން، ޕާސްޕޯޓެއް ހަދައިދެވޭނެއެވެ. (އިސްލާހު ކުރެވިފައި)
(ނ) ޕާސްޕޯޓަށް އެދޭ ފޯމު ފުރިހަމަވީކަމުގައި ބެލެވޭނީ، ފޯމާއެކު ހުށަހަޅަންޖެހޭ އަންނަނިވި ތަކެތި ހުށަހެޅުމުންނެވެ. (އިސްލާހު ކުރެވިފައި)
- މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ "ފޮޓޯ ސްޓެންޑަރޑް ފޮރ މޯލްޑިވިއަން ޕާސްޕޯޓްސް" ގެ މިންގަނޑުތަކާ އެއްގޮތަށް ނަގައިފައިވާ ޑިޖިޓަލް ފޮޓޯ، (އިސްލާހު ކުރެވިފައި)
- ޕާސްޕޯޓު ހެއްދުމަށް ބޭނުންވާ ފީ (މި ފީ ދައްކަންވާނީ، މޯލްޑިވްސް އިމިގްރޭށަނުން ޕާސްޕޯޓަށް އެދި ހުށަހަޅާ ފަރާތަށް ފޮނުވާ ޕޭމަންޓް ލިންކުގެ ޒަރީއާއިން، ބޭންކް އޮފް މޯލްޑިވްސްގެ އޮންލައިން ގޭޓްވޭ މެދުވެރިކޮށެވެ.)؛ (އިސްލާހު ކުރެވިފައި)
- ރާއްޖެއިން ބޭރުގައި ހުރެގެން ޕާސްޕޯޓު ހެއްދުމަށް އެދި ހުށަހަޅާ ފަރާތެއްނަމަ، ދިވެހި ޕާސްޕޯޓަށް އެދޭ ފޯމުގެ އިތުރުން "ރާއްޖެއިން ބޭރުގައި ޕާސްޕޯޓު ހަދަން ހުށަހަޅާ ދިވެހިންގެ މައުލޫމާތު ފޯމު" (ފޯމު ނަންބަރު: IM32)؛ (އިސްލާހު ކުރެވިފައި)
- ރާއްޖެއިން ބޭރުގައި ހުރެގެން ޕާސްޕޯޓު ހެއްދުމަށް އެދި ހުށަހަޅާ ފަރާތެއްނަމަ، ފައިސާ ދެއްކުމާއި ޕާސްޕޯޓު އެހެން ފަރާ ތަކާ ހަވާލުކުރުމަށް އެއްވެސް އިއުތިރާޒެއް ނެތްކަމުގެ ސިޓީ؛ (އިސްލާހު ކުރެވިފައި)
- އުމުރުން 18 (އަށާރަ) އަހަރުން ދަށުގެ ކުދީންގެ ޕާސްޕޯޓާ ހަވާލުވުމަށް އައުމަށް ކުއްޖާގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ށަރުއީ ބަލަދުވެރިޔާ ނުވަތަ ގާނޫނީ ބަލަދުވެރިޔާ އުޒުރުވެރިވާ ހާލަތްތަކުގައްޔާއި، ބަލި ހާލަތު ހުރިގޮތުން ޕާސްޕޯޓު ބަލައި އައުމަށް އުޒުރުވެރިވާ ހާލަތްތަކުގައި ޕާސްޕޯޓު އެހެން ފަރާތަކާ ހަވާލުކުރުމަށް އެއްވެސް އިއުތިރާޒެއް ނެތްކަމުގެ ސިޓީ؛ (އިތުރު ކުރެވިފައި)
- އެހެން ގައުމެއްގެ ރައްޔިތުކަން ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ރާއްޖެއިން ބޭރުގައި ހުރެގެން ޕާސްޕޯޓު އައުކުރަން އެދި ހުށަހަޅާނަމަ، އެންމެ ފަހުން ދޫކޮށްފައިވާ ދިވެހި ޕާސްޕޯޓާއި، އެ ފަރާތަކަށް ރައްޔިތުކަން ލިބިފައިވާ ގައުމަކުން އެ ފަރާތަކަށް ދޫކޮށްފައިވާ ޕާސްޕޯޓުގެޑޭޓާ ޕޭޖް (ފޮޓޯއާއި މައުލޫމާތު އެކުލެވިފައިވާ ސަފުހާ) ގެ ކުލަ ސްކޭން ކޮޕީ؛ (އިތުރު ކުރެވިފައި)
- އޮފިށަލް ޕާސްޕޯޓަށް ނުވަތަ ޑިޕްލޮމެޓިކް ޕާސްޕޯޓަށް އެދި ހުށަހަޅާނަމަ، ޕާސްޕޯޓަށް ނިސްބަތްވާ ފަރާތް ނޫން އެހެން ފަރާތަކުން ސޮއިކޮށްފައިވާ، އެ އޮފީހެއްގެ ރަސްމީ ސިޓީ. (އިތުރު ކުރެވިފައި)
(ރ) ޕާސްޕޯޓު ހެއްދުމަށް އެދި ހުށަހަޅާ ފޯމުގައި، ދޮގު މައުލޫމާތު ދީފައިވާނަމަ އެ ފޯމެއް ބާތިލުކުރެވޭނެއެވެ. އަދި އެފަދައިން ކަންތައްކުރި ފަރާތަކާމެދު ފިޔަވަޅު އެޅޭނެއެވެ.
(ބ) ޕާސްޕޯޓަށް އެދި ހުށަހަޅާއިރު އަދި ޕާސްޕޯޓު ދޫކުރެވޭއިރު އެ މީހެއްގެ އައިޑެންޓިޓީ އޮޅުންފިލުވުމަށް ކުރެވޭ ސުވާލުތަކަށް ފުރިހަމައަށް ޖަވާބު ދޭންޖެހޭނެއެވެ. މިގޮތުން ސުވާލު ކުރެވޭއިރު ފުރިހަމަ އެއްބާރުލުން ނުދީފިނަމަ، އެ ވަގުތު އެ ފޯމު ބަލައިގަތުމުގެ ނުވަތަ އެ ޕާސްޕޯޓު ދޫނުކުރުމުގެ އިހްތިޔާރު ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭށަނަށް ލިބިގެންވެއެވެ.
(ޅ) ޕާސްޕޯޓުގެ މުއްދަތު ހަމަވުމުގެ ކުރިން އުމުރުން 10 (ދިހައެއް) އަހަރު ނުފުރޭ ކުދިން ޕާސްޕޯޓުގައިވާ ފޮޓޯ ބަދަލުކުރަންޖެހިގެން ޕާސްޕޯޓު އާކުރާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކެންސަލޭށަން ފީ ނުނަގައި އާ ޕާސްޕޯޓެއް ހަދައިދެވޭނެއެވެ.
(ކ) ޕާސްޕޯޓުގެ ގަނޑު ހުސްވެގެން އައު ޕާސްޕޯޓަކަށް އެދި ހުށަހަޅައިފިނަމަ، މި މާއްދާގެ (ވ) ގައި ބަޔާންކޮށްފައިވާ ފީ ނުނަގައި އައު ޕާސްޕޯޓެއް ހަދައިދެވޭނެއެވެ. ޕާސްޕޯޓުގެ ގަނޑު ހުސްވީ ކަމުގައި ބެލެވޭނީ، ބޭނުން ނުކޮށް ގިނަވެގެން 4 (ހަތަރެއް) ސަފުހާ އޮތްނަމައެވެ. (އިސްލާހު ކުރެވިފައި)
(އ) ޕާސްޕޯޓާއި ދަތުރުކުރުމުގެ ވަގުތީ ލިޔުމުގެ އަގުތައް ތިރީގައި މިވަނީއެވެ.
1. އޯޑިނަރީ ޕާސްޕޯޓު (32 ސަފުހާ) 1000 (އެއްހާސް ރުފިޔާ)
2. އޯޑިނަރީ ޕާސްޕޯޓު (48 ސަފުހާ) 1500 (އެއްހާސް ފަސް ސަތޭކަ ރުފިޔާ)
3. އޯޑިނަރީ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު (32 ސަފުހާ) 600 (ހަސަތޭކަ ރުފިޔާ)
4. އޮފިށަލް ޕާސްޕޯޓު (48 ސަފުހާ) 750 (ހަތްސަތޭކަ ފަންސާސް ރުފިޔާ)
5. ޑިޕްލޮމެޓިކް ޕާސްޕޯޓު (48 ސަފުހާ) 1500 (އެއްހާސް ފަސް ސަތޭކަ ރުފިޔާ)
6. ޑިޕްލޮމެޓިކް ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު (32 ސަފުހާ) 1200 (އެއްހާސް ދުއިސައްތަ ރުފިޔާ)
7. (އުނި ކުރެވިފައި)
8. ދަތުރުކުރުމުގެ ވަގުތީ ލިޔުން 250 (ދުއިސައްތަ ފަންސާސް ރުފިޔާ)
(ވ) ޕާސްޕޯޓަށް އެދި ހުށަހަޅާއިރު، އެންމެ ފަހުން ދޫކޮށްފައިވާ ޕާސްޕޯޓުގެ މުއްދަތު 1 (އެކެއް) އަހަރަށްވުރެ އިތުރުނަމަ، މުއްދަތު ހަމަވާން ބާކީ އޮތް ކޮންމެ އަހަރަކަށް 100 (އެއްސަތޭކަ) ރުފިޔ،ާ ކެންސަލޭށަން ފީގެ ގޮތުގައި ދައްކަން ޖެހޭނެއެވެ. މުއްދަތު ހަމަވާން ބާކީ އޮތީ 1 (އެކެއް) އަހަރަށްވުރެ ކުރު މުއްދަތެއްނަމަ، ކެންސަލޭށަން ފީ ދައްކާކަށް ނުޖެހޭނެއެވެ. މުއްދަތު ހަމަވާން ބާކީ އޮތް ދުވަސް ގުނާނީ، ޕާސްޕޯޓަށް އެދޭ ފޯމު ހުށަހަޅާ ދުވަހުން ފެށިގެންނެވެ. ޕާސްޕޯޓު ކެންސަލޭށަން ފީ ނެގުމަށް އަހަރު ގުނާނީ، ބާކީ އޮތީ އަހަރެއް ނުވަތަ އަހަރެއްގެ ބައެއް ނުވަތަ އެންމެ ދުވަހެއް ކަމުގައިވިއަސް، އަހަރެއްގެ ގޮތުގައެވެ. (އިސްލާހު ކުރެވިފައި)
(މ) އުމުރުން 18 (އަށާރަ) އަހަރުން ދަށުގެ ކުޑަކުދީންގެ ޕާސްޕޯޓު ހެއްދުމަށް ހުށަހަޅާނަމަ، ދިވެހި ޕާސްޕޯޓަށް އެދޭ ފޯމުގެ އިގުރާރުގައި ސޮއިކުރަންވާނީ، ކުއްޖާގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ށަރުއީ ބަލަދުވެރިޔާ ނުވަތަ ގާނޫނީ ބަލަދުވެރިޔާއެވެ. އަދި ދިވެހި ޕާސްޕޯޓަށް އެދޭ ފޯމުގެ އިގުރާރުގައި ސޮއިކުރާ ކުއްޖާގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ށަރުއީ ބަލަދުވެރިޔާ ނުވަތަ ގާނޫނީ ބަލަދުވެރިޔާއަކީ ބިދޭސީއެއްނަމަ، ޕާސްޕޯޓަށް އެދި ހުށަހަޅާއިރު އެ ބިދޭސީ ފަރާތުގެ ޕާސްޕޯޓުގެ ކުލަ ކޮޕީއެއް، ފޯމާއެކު ހުށަހަޅަންވާނެއެވެ. (އިތުރު ކުރެވިފައި)
13 ވަނަ މާއްދާ - ޕާސްޕޯޓު ހަވާލުކުރުން
(ހ) އީ ޕާސްޕޯޓު ހަވާލުކުރެވޭނީ އެ ޕާސްޕޯޓު ނިސްބަތްވާ ފަރާތަށެވެ.
(ށ) ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު ނުވަތަ ދަތުރުކުރުމުގެ ވަގުތީ ލިޔުން ހައްދައިފައިވާ ފަރާތްތަކުގެ ތެރެއިން، މަގުބޫލު އުޒުރެއް މެދުވެރިވެގެން މޯލްޑިވްސް އިމިގްރޭށަނަށް ހާޒިރުވެވެންނެތް ފަރާތްތަކުގެ ޕާސްޕޯޓާ ހަވާލުވާން އަންނަ ފަރާތްތަކާ ޕާސްޕޯޓު ހަވާލުކުރެވޭނީ، ތިރީގައިވާ ކަންތައްތައް ފުރިހަމަވުމުންނެވެ. (އިސްލާހު ކުރެވިފައި)
- ޕާސްޕޯޓާ ހަވާލުވުމަށް އަންނަ ފަރާތްތަކުގެ ދިވެހި ރައްޔިތެއްކަން އަންގައިދ،ޭ މުއްދަތު ހަމަނުވާ، ސައްހަ ކާޑެއް އޮތުން. މި ކާޑަކީ، ހަލާކުވެ ބާވުމުގެ ސަބަބުން އޭގައިވާ މައުލޫމާތު އޮޅުން ނުފިލާވަރުގެ ކާޑަކަށް ވެގެން ނުވާނެއެވެ. (އިސްލާހު ކުރެވިފައި)
- ޕާސްޕޯޓު އެ މީހަކާ ހަވާލު ކޮށްދިނުމަށް އެދި، ޕާސްޕޯޓު ނިސްބަތްވާ ފަރާތުގެ ސިޓީ އަދި މި ސިޓީގައި އެ މީހަކު ޕާސްޕޯޓާ ހަވާލުވުމަށް ހާޒިރުވެވެންނެތް ސަބަބު ތަފުސީލުކޮށް ބަޔާންކޮށްފައި އޮންނަންޖެހޭނެއެވެ.
- ބަލިހާލު ހުރިގޮތުން ސިޓީއެއް ފޮނުވެންނެތް ފަރާތްތަކުގެ ޕާސްޕޯޓު ހަވާލުކުރެވޭނީ އެ މީހެއްގެ ށަރުއީ ބަލަދުވެރިޔާއަށެވެ. ށަރުއީ ބަލަދުވެރިއެއްކަން ސާބިތުކޮށްދިނުމަކީ އެ މީހެއްގެ ކަމެކެވެ.
(ނ) މި މާއްދާގެ (ހ) ގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، އުމުރުން 18 (އަށާރަ) އަހަރުން ދަށުގެ ކުދީންގެ ތެރެއިން އީ ޕާސްޕޯޓު ހައްދައިފައިވާ ކުދީންގެ ޕާސްޕޯޓު ދޫކުރާނީ، އެ ކުއްޖެއްގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ށަރުއީ ބަލަދުވެރިޔާ ނުވަތަ ގާނޫނީ ބަލަދުވެރިޔާގެ ހާޒިރުގައެވެ. ޕާސްޕޯޓާ ހަވާލުވާން އަންނައިރު، ޕާސްޕޯޓުގެ ވެރި ފަރާތާއި ކުއްޖާއާއެކު ހާޒިރުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދ،ޭ މުއްދަތު ހަމަނުވާ، ކާޑު ގެންނަންވާނެއެވެ. އެ ކާޑަކީ ސައްހަ ކާޑެއްކަމުގައި ވާންވާނެއެވެ. އަދި ޕާސްޕޯޓާ ހަވާލުވުމަށް ކުއްޖާއާއެކު އައުމަށް ކުއްޖާގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ށަރުއީ ބަލަދުވެރިޔާ ނުވަތަ ގާނޫނީ ބަލަދުވެރިޔާ އުޒުރުވެރިވާ ހާލަތްތަކުގައި، ޕާސްޕޯޓާ ހަވާލުވުމަށް ހާޒިރުވެވެން ނެތް ސަބަބު ބަޔާންކޮށް، ޕާސްޕޯޓު އެހެން ފަރާތަކާ ހަވާލުކުރުމަށް ކުއްޖާގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ށަރުއީ ބަލަދުވެރިޔާ ނުވަތަ ނުވަތަ ގާނޫނީ ބަލަދުވެރިޔާގެ އެއްވެސް އިއުތިރާޒެއް ނެތްކަމުގެ ސިޓީހުށަހަޅަންވާނެއެވެ. މި ސިޓީ، މޯލްޑިވްސް އިމިގްރޭށަނަށް ފޮނުވަންވާނީ، ސިޓީ ލިޔާ ފަރާތް އެވަގުތު ހުރީ މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށެއްގައިނަމަ،އެ ރަށެއްގެ ރަށު ކައުންސިލް މެދުވެރިކޮށް، ރާއްޖެއިން ބޭރުގައި ނަމަ އެ ގައުމެއްގައި ހުންނަ ދިވެހިރާއްޖޭގެ މިށަނެއް މެދުވެރިކޮށް އަދި ދިވެހިރާއްޖޭގެ މިށަނެއް ނެތް ގައުމެއްގައިނަމަ އަމިއްލަގޮތުން އީމެއިލުގެ ޒަރީއާއިންނެވެ. (އިތުރު ކުރެވިފައި)
(ރ) މި މާއްދާގެ (ށ) ގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، އުމުރުން 10 (ދިހައެއް) އަހަރުން ދަށުގެ ކުދިންގެ ޕާސްޕޯޓު ދޫކުރާނީ، އެ ކުއްޖެއްގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ށަރުއީ ބަލަދުވެރިޔާ ނުވަތަ ގާނޫނީ ބަލަދުވެރިޔާއަށެވެ. ޕާސްޕޯޓާއި ހަވާލުވާން އަންނައިރު، ހަވާލުވާން އަންނަ ފަރާތާއި ޕާސްޕޯޓުގެ ވެރި ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދ،ޭ މުއްދަތު ހަމަނުވާ ކާޑު ގެންނަންވާނެއެވެ. އެ ކާޑު ވާންވާނީ ސައްހަ ކާޑަކަށެވެ. އަދި ޕާސްޕޯޓާ ހަވާލުވުމަށް އައުމަށް ކުއްޖާގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ށަރުއީ ބަލަދުވެރިޔާ ނުވަތަ ނުވަތަ ގާނޫނީ ބަލަދުވެރިޔާ އުޒުރުވެރިވާ ހާލަތްތަކުގައި، ޕާސްޕޯޓާ ހަވާލުވުމަށް ހާޒިރުވެވެން ނެތް ސަބަބު ބަޔާންކޮށް، ޕާސްޕޯޓު އެހެން ފަރާތަކާ ހަވާލުކުރުމަށް ކުއްޖާގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ށަރުއީ ބަލަދުވެރިޔާ ނުވަތަ ގާނޫނީ ބަލަދުވެރިޔާގެ އެއްވެސް އިއުތިރާޒެއް ނެތްކަމުގެ ސިޓީ ހުށަހަޅަންވާނެއެވެ. މޯލްޑިވްސް އިމިގްރޭށަނަށް މި ސިޓީ ފޮނުވަންވާނީ، ސިޓީ ލިޔާ ފަރާތް އެވަގުތު ހުރީ މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށެއްގައިނަމަ،އެ ރަށެއްގެ ރަށު ކައުންސިލް މެދުވެރިކޮށް، ރާއްޖެއިން ބޭރުގައި ނަމަ އެ ގައުމެއްގައި ހުންނަ ދިވެހިރާއްޖޭގެ މިށަނެއް މެދުވެރިކޮށް އަދި ދިވެހިރާއްޖޭގެ މިށަނެއް ނެތް ގައުމެއްގައިނަމަ އަމިއްލަގޮތުން އީމެއިލުގެ ޒަރީއާއިންނެވެ. (އިތުރު ކުރެވިފައި)
14 ވަނަ މާއްދާ - ރާއްޖެއިން ބޭރުގައި ހުރެގެން ޕާސްޕޯޓު އާކުރުން
(ހ) ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަނެއް ހުންނަ ގައުމުތަކުގައި މިށަން މެދުވެރިކޮށް ޕާސްޕޯޓަށް އެދި ހުށަހެޅިދާނެއެވެ.
(ށ) ރާއްޖެއިން ބޭރުގައި ހުރެގެން ޕާސްޕޯޓު އައުކުރަން އެދޭނަމަ، އާންމުކޮށް ޕާސްޕޯޓު އައުކުރާ އުސޫލުން، މި ގަވާއިދުގެ 12 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ތަކެތި ހުށަހެޅުމުން، ޕާސްޕޯޓެއް ހަދައިދެވޭނެއެވެ. (އިސްލާހު ކުރެވިފައި)
(ނ) ޕާސްޕޯޓަށް އެދޭ ފޯމު ހުށަހަޅާއިރު އެންމެ ފަހުން ދޫކޮށްފައިވާ ޕާސްޕޯޓު ހުށަހެޅެން ނެތްނަމަ، ޕާސްޕޯޓާ ހަވާލުވާތާ 1 (އެކެއް) މަސްދުވަހުގެތެރޭގައި ކުރިން ބޭނުންކުރި ޕާސްޕޯޓު ކެންސަލްކުރުމަށްޓަކައި މޯލްޑިވްސް އިމިގްރޭށަނަށް ހުށަހަޅާނެކަމަށް އިގްރާރުވެ ޕާސްޕޯޓަށް އެދޭ ފޯމާއެކު ސިޓީއެއް ހުށަހަޅަންވާނެއެވެ. އަދި މި ސިޓީގައި ޕާސްޕޯޓާ ހަވާލުވާން ހާޒިރުވާނެ ފަރާތުގެ ނަމާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ބަޔާންކޮށްފައި އޮންނަންޖެހޭނެއެވެ.
(ރ) ރާއްޖެއިން ބޭރުގައި ހުރެގެން ޕާސްޕޯޓެއް ހެއްދުމަށް ނުވަތަ އައުކުރުމަށް އެދި ހުށަހެޅޭނީ، އަންނަނިވި ފަރާތްތަކަށެވެ. (މުޅި ނަންބަރު އިތުރު ކުރެވިފައި)
- ރާއްޖެއިން ބޭރު ގައުމެއްގައި ތިބި ފަރާތްތަކުގެ ތެރެއިން، އެ ގައުމެއްގެ ޓޫރިސްޓު ވިސާ ފިޔަވައި އެހެން ވިސާއެއްގައި ދިރިއުޅެމުންދާ ފަރާތްތައް ނުވަތަ ޕާސްޕޯޓުގެ މުއްދަތު ހަމަވާ ހާލަތުގައްޔާއި ޕާސްޕޯޓު ހަލާކުވާ ހާލަތުގައ،ި ރާއްޖެއިން ބޭރުގައި ހުރެގެން ޕާސްޕޯޓު އައުކުރުމަށް، އެ ގައުމަކަށް ކަނޑައަޅައިފައި ހުންނަ ދިވެހިރާއްޖޭގެ މިށަނަކުން ދީފައިވާ ލިޔުމެއް ހުށަހަޅާ ފަރާތްތައް؛ (އިތުރު ކުރެވި، އިސްލާހު ކުރެވިފައި)
- ސައްހަ ވިސާއެއްގައި، 6 (ހައެއް) މަސްދުވަހަށްވުރެ ދިގު މުއްދަތަކަށް ރާއްޖެއިން ބޭރު ގައުމުތަކުގައި ތައުލީމު ހާސިލުކުރުމުގެ ބޭނުމުގައްޔާއި، ވަޒީފާ އަދާކުރުމުގެ ބޭނުމުގައި ނުވަތަ ބަލި ހާލަތު ހުރިގޮތުން ބޭސްފަރުވާގެ ބޭނުމުގައި ދިރިއުޅެމުންދާ ފަރާތްތައް؛ (އިތުރު ކުރެވިފައި)
- ރާއްޖެއިން ބޭރުގައި ދިވެހި ރައްޔިތުންނަށް އުފަންވާ ކުދީންނަށް. (އިތުރު ކުރެވިފައި)
15 ވަނަ މާއްދާ - ޕާސްޕޯޓު ހިފެހެއްޓުން
(ހ) ށަރުއީ ކޯޓެއްގެ ހުކުމަކާ ނުވަތަ އަމުރަކާ ގުޅިގެން ޕާސްޕޯޓު ހިފަހައްޓަން ޖެހިއްޖެނަމަ، އެ ޕާސްޕޯޓެއް ހިފެހެއްޓުމުގެ ބާރު ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭށަނަށް ލިބިގެންވެއެވެ. (އިސްލާހު ކުރެވިފައި)
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، ށަރުއީ ކޯޓެއްގެ އަމުރަކާ ނުވަތަ ހުކުމަކާ ގުޅިގެން ޕާސްޕޯޓު ހިފަހައްޓައިފައިވާ ފަރާތްތަކަށް ޕާސްޕޯޓު ހެއްދުމަށާއި އައުކުރުމަށް އެދި ހުށަހެޅޭނެއެވެ. އެހެންނަމަވެސް، މިފަދަ ފަރާތްތަކުގެ ޕާސްޕޯޓު ދޫކުރާނީ، މި ބަޔާންކުރި ށަރުއީ ކޯޓެއްގެ އަމުރު ނުވަތަ ހުކުމް ބާތިލުކުރިކަމުގެ އަމުރު، މޯލްޑިވްސް އިމިގްރޭށަނަށް ލިބުމުންނެވެ. (އިތުރު ކުރެވިފައި)
16 ވަނަ މާއްދާ - ޕާސްޕޯޓު ގެއްލުން
(ހ) ޕާސްޕޯޓު ގެއްލިއްޖެނަމަ ނުވަތަ ވަގަށްނަގައިފިނަމަ، ލަސްނުކޮށް މޯލްޑިވްސް އިމިގްރޭށަނަށާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް، އަދި، ރާއްޖެއިން ބޭރުގައިނަމަ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަނަށް ހުށަހެޅުމުގެ އިތުރުން އެ ގައުމެއްގައި އެންމެ ކައިރީގައިހުރި ފުލުހުންގެ އޮފީހަށް އަންގަން ޖެހޭނެއެވެ.
(ށ) ޕާސްޕޯޓު ގެއްލިއްޖެނަމަ ޕާސްޕޯޓު ހަދައިދެވޭނީ، ޕާސްޕޯޓު ގެއްލެން މެދުވެރިވި ހާލަތަށް ރިއާޔަތްކޮށް، އެ ފަރާތުގެ އިހުމާލު އޮތްކަން ނުވަތަ ނެތްކަން އަންގައިދޭ ޕޮލިސް ރިޕޯޓެއް ލިބުމުންނެވެ. އަދި ޕާސްޕޯޓު ގެއްލުނީ އިހުމާލުން ނަމަ، އައު ޕާސްޕޯޓެއް ހަދައިދެވޭނީ 2,000 (ދެހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމަށްފަހު، އެ ޖޫރިމަނާގެ ފައިސާ މޯލްޑިވްސް އިމިގްރޭށަނަށް ދެއްކުމުންނެވެ. މި މާއްދާގައި ބަޔާންކޮށްފައިވާ ޖޫރިމަނާ ފައިސާ ދައްކަންވާނީ، ޕާސްޕޯޓު ހެއްދުމަށް އެދި ހުށަހަޅާއިރުއެވެ. (އިސްލާހު ކުރެވިފައި)
1. (އުނި ކުރެވިފައި)
2. (އުނި ކުރެވިފައި)
3. (އުނި ކުރެވިފައި)
(ނ) ރެސިޑެންސް ވީޒާ ލިބިގެން ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކާއި، 6 (ހައެއް) މަސްދުވަހަށް ވުރެ ކުރު މުއްދަތެއްގެ ކޯހެއްގައި ރާއްޖެއިން ބޭރުގައި އުޅޭ ފަރާތްތަކުގެ ޕާސްޕޯޓު ގެއްލިއްޖެނަމަ އަލުން ޕާސްޕޯޓެއް ހަދައިދެވޭނީ ޕާސްޕޯޓު ގެއްލުނުއިރު އެފަރާތެއް އުޅެމުންދާ ގައުމެއްގެ ޕޮލިސް ރިޕޯޓު (އިގިރޭސި ބަހުން ތަރުޖަމާ ހިމެނޭގޮތަށް) ޕާސްޕޯޓަށް އެދޭ ފޯމާއެކު، ހުށަހެޅުމުންނެވެ. މިގޮތަށް ހުށަހަޅާ ޕޮލިސް ރިޕޯޓަށް ބެލުމަށްފަހު، ޕާސްޕޯޓު ހަދައިދެވޭނީ މި މާއްދާގެ (ހ) ގެ 1 ވަނަ ނުވަތަ 2 ވަނަ ނުވަތަ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އަދަދަކުން ޖޫރިމަނާކުރުމަށްފަހު، އެ ޖޫރިމަނާ މޯލްޑިވްސް އިމިގްރޭށަނަށް ދެއްކުމުންނެވެ. އަދި މި މާއްދާގައި ބަޔާންކޮށްފައިވާ ޖޫރިމަނާގެ ފައިސާ، ދައްކަންވާނީ ޕާސްޕޯޓު ހެއްދުމަށް ހުށަހަޅާއިރުއެވެ. ރެސިޑެންސް ވީޒާ ފިޔަވައި އެހެން ވީޒާއެއްގައި ރާއްޖެއިން ބޭރުގައި އުޅޭ ފަރާތެއްގެ ޕާސްޕޯޓު ގެއްލިއްޖެނަމަ، އެފަރާތެއް، ރާއްޖެއަށް އައުމަށް ދަތުރުކުރުމުގެ ވަގުތީ ލިޔުމެއް ދޫކުރެވޭނެއެވެ.
(ރ) ރާއްޖެއިން ބޭރުގައި ވަނިކޮށް، އެއްފަހަރަށްވުރެ ގިނަ ފަހަރު ޕާސްޕޯޓު ގެއްލިއްޖެނަމަ، ޕާސްޕޯޓު ދޫކުރެވިފައިވާ ފަރާތް ރާއްޖެއަށް އައިސްގެން، މެނުވީ ޕާސްޕޯޓު އާކުރުމުގެ ކަންތައް ކުރިޔަށް ގެންގޮސް ނުދިނުމުގެ އިހްތިޔާރު ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭށަނަށް ލިބިގެންވެއެވެ. މިގޮތުން ރާއްޖެއަށް އަންނަން ޖެހިއްޖެނަމަ، ރާއްޖެއަށް އައުމަށްޓަކައި ދޫކުރެވޭނީ ދަތުރުކުރުމުގެ ވަގުތީ ލިޔުމެކެވެ.
(ބ) ޕާސްޕޯޓު ގެއްލިގެން ރިޕޯޓުކުރާ ފަރާތްތަކުގެ ތެރެއިން ޕާސްޕޯޓުގެ މުއްދަތު ހަމަވާތާ 1 (އެކެއް) އަހަރުދުވަސް ފަހުން، ގެއްލިގެން ރިޕޯޓުކޮށްފައިވާނަމަ، ޖޫރިމަނާގެ ފައިސާ ނުނަގައި، ޕާސްޕޯޓު އައުކޮށްދެވޭނެއެވެ.
(ޅ) ޕާސްޕޯޓު ގެއްލިގެން ރިޕޯޓުކުރާ ފަރާތްތަކުގެ ތެރެއިން، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ޖޫރިމަނާ ފައިސާ ނުދެއްކޭ ފަރާތްތަކަށް، އެ ހިނދެއްގެ ހާލަތާއި މައްސަލައިގެ ކުޑަބޮޑުމިނަށް ބަލައި، ދަތުރުކުރުމުގެ ވަގުތީ ލިޔުން ދޫކުރުމުގެ އިހްތިޔާރު، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭށަނަށް ލިބިގެންވެއެވެ. (އިތުރު ކުރެވިފައި)
(ކ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ގެއްލުނު ޕާސްޕޯޓަކީ މުއްދަތު ހަމަވެފައިވާ ޕާސްޕޯޓެއް ނަމަ، ޕޮލިސް ރިޕޯޓަކާ ނުލައި އައު ޕާސްޕޯޓަކަށް އެދި ހުށަހެޅޭނެއެވެ. އަދި މިފަދަ ފަރާތްތަކަށް ޖޫރިމަނާއެއް ކުރުމަކާ ނުލައި ޕާސްޕޯޓު އައުކޮށްދެވޭނެއެވެ. (އިތުރު ކުރެވިފައި)
17 ވަނަ މާއްދާ - ޕާސްޕޯޓު ހަލާކުވުން
(ހ) ޕާސްޕޯޓު ބޭނުންނުކުރެވޭ ވަރަށް ހަލާކުވެއްޖެނަމަ، އަލުން ޕާސްޕޯޓު ހަދައިދޭނީ، ޕާސްޕޯޓު ހަލާކުވާން ދިމާވި ސަބަބު ބަޔާންކޮށް ސިޓީއަކާއި، ހަލާކުވި ޕާސްޕޯޓު، ފޯމާއެކު، ހުށަހެޅުމުންނެވެ.
(ށ) ޕާސްޕޯޓު ހަލާކުވެގެން އަލުން ޕާސްޕޯޓު ހައްދާއިރު، އެންމެ ފަހުން ދޫކޮށްފައިވާ ޕާސްޕޯޓުގައި ބާކީ އޮތް މުއްދަތު 1 (އެކެއް) އަހަރަށްވުރެ އިތުރުނަމަ، މުއްދަތު ހަމަވާން ބާކީ އޮތް ކޮންމެ އަހަރަކަށް 100 (އެއްސަތޭކަ) ރުފިޔ،ާ ކެންސަލޭށަން ފީގެ ގޮތުގައި ދައްކަން ޖެހޭނެއެވެ. މުއްދަތު ހަމަވާން ބާކީ އޮތީ 1 (އެކެއް) އަހަރަށްވުރެ ކުރު މުއްދަތެއްނަމަ، ކެންސަލޭށަން ފީ ދައްކާކަށް ނުޖެހޭނެއެވެ. މުއްދަތު ހަމަވާން ބާކީ އޮތް ދުވަސް ގުނާނީ، ޕާސްޕޯޓަށް އެދޭ ފޯމު ހުށަހަޅާ ދުވަހުން ފެށިގެންނެވެ. ޕާސްޕޯޓު ކެންސަލޭށަން ފީ ނެގުމަށް އަހަރު ގުނާނީ، އަހަރެއް ނުވަތަ އަހަރެއްގެ ބައެއް ނުވަތަ އެންމެ ދުވަހެއް ކަމުގައި ވިޔަސް، އަހަރެއްގެ ގޮތުގައެވެ. (އިސްލާހު ކުރެވިފައި)
(ނ) ޕާސްޕޯޓު ހަލާކުވީ ޕާސްޕޯޓު ދޫކުރެވިފައިވާ ފަރާތުގެ އިހުމާލުންކަމަށް މޯލްޑިވްސް އިމިގްރޭށަނުން ނިންމައިފިނަމަ އަލުން ޕާސްޕޯޓެއް ހަދައިދެވޭނީ،ޕާސްޕޯޓު ހަލާކުވާން ދިމާވި ސަބަބާއި ކަމުގެ ބާވަތަށް ބަލައި، 2,000 (ދެހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމަށްފަހު،އެ ޖޫރިމަނާގެ ފައިސާ މޯލްޑިވްސް އިމިގްރޭށަނަށް ދެއްކުމުންނެވެ. މި މާއްދާގައި ބަޔާންކޮށްފައިވާ ޖޫރިމަނާ ފައިސާ ދައްކަންވާނީ، ޕާސްޕޯޓު ހެއްދުމަށް އެދި ހުށަހަޅާއިރުއެވެ. (އިސްލާހު ކުރެވިފައި)
1. (އުނި ކުރެވިފައި)
2. (އުނި ކުރެވިފައި)
3. (އުނި ކުރެވިފައި)
(ރ) ޕާސްޕޯޓު ހަލާކުވެގެން ރިޕޯޓުކުރާ ފަރާތްތަކުގެ ތެރެއިން، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ޖޫރިމަނާ ފައިސާ ނުދެއްކޭ ފަރާތްތަކަށް، އެ ހިނދެއްގެ ހާލަތާއި މައްސަލައިގެ ކުޑަބޮޑުމިނަށް ބަލައި، ދަތުރުކުރުމުގެ ވަގުތީ ލިޔުން ދޫކުރުމުގެ އިހްތިޔާރު، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭށަނަށް ލިބިގެންވެއެވެ. (އިތުރު ކުރެވިފައި)
(ބ) ޕާސްޕޯޓު ހަލާކުވެގެން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޕާސްޕޯޓުގެ މުއްދަތު ހަމަވާ ފަހުން ހުށަހަޅާ ފަރާތެއްނަމަ، ޖޫރިމަނާ ފައިސާ ނުނަގައި ޕާސްޕޯޓު އައުކޮށްދެވޭނެއެވެ. (އިތުރު ކުރެވިފައި)
18 ވަނަ މާއްދާ - ކުރުން މަނާ ކަންތަންތައް
(ހ) ޕާސްޕޯޓު ދޫކުރެވިފައިވާ ފަރާތުން، ނުވަތަ އެނޫންވެސް ފަރާތަކުން ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް ކުރުމަކީ މަނާކަމެކެވެ.
- ޕާސްޕޯޓުގައި ތައްގަނޑުޖަހައި، އޭގައި ހާއްސަ ބަޔާންތައް ލިޔުމުގެ ގާނޫނީ ހައިސިއްޔަތު ލިބިފައިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތަކުން ޕާސްޕޯޓުގައި އެއްވެސް ތައްގަނޑެއް ނުވަތަ ލިޔުމެއް ލިޔުން. ކުއްލި ހާލަތްތަކުގައި ގުޅަންވީ ފަރާތުގެ މައުލޫމާތު ފުރިހަމަކުރުމަށް، ޕާސްޕޯޓުގައި ހާއްސަކުރެވިފައިވާ ބައިގައި، ފަންސުރަކުން، މައުލޫމާތު ފުރިހަމަކުރުމާއި އިސްލާހުކުރުން މި މާއްދާ މަނައެއްނުކުރެއެވެ.
- އެއްވެސް ބޭނުމަކަށް ޕާސްޕޯޓު ރަހުނުކުރުން.
- ގަސްތުގައި ޕާސްޕޯޓަށް ގެއްލުންދިނުން.
- ޕާސްޕޯޓު ވިއްކާލުން ނުވަތަ ވިއްކާލަން މަސައްކަތްކުރުން.
- ޕާސްޕޯޓު ނިސްބަތްވާ ފަރާތް ނޫން އެހެން ފަރާތަކުން ޕާސްޕޯޓު ބޭނުންކުރުން.
- ގާނޫނީގޮތުން ބާރުލިބިފައިނުވާ ފަރާތަކުން، އެހެން މީހެއްގެ ޕާސްޕޯޓު ހިފެހެއްޓުން.
- ޕާސްޕޯޓަށް އެއްވެސް ބަދަލެއް ނުވަތަ އުނިއިތުރެއް ގެނައުން.
- ޕާސްޕޯޓާ އެއްގޮތް (ކައުންޓަރފީޓް) ޑޮކިއުމަންޓެއް އުފައްދައި، އޭގެ ރަސްމީ ބޭނުންކުރުން.
- ޕާސްޕޯޓު ހެއްދުމަށް އެދި ހުށަހެޅުމުގައި ތެދު ނޫން މައުލޫމާތު ދިނުން ނުވަތަ ސައްހަ ލިޔުމަށް ބަދަލު ގެނައުން ނުވަތަ ނަކަލުކޮށް ގެން ހުށަހެޅުން؛ (އިތުރު ކުރެވިފައި)
- ޕާސްޕޯޓު ހެއްދުމުގެ ހިދުމަތަށް އެދޭ ފަރާތްތަކުގެ ތެރެއިން މޯލްޑިވްސް އިމިގްރޭށަނަށް ހިދުމަތް ހޯދުމަށް ހާޒިރުވެ އާންމު މަސްލަހަތަށް ގެއްލުންހުރި އަމަލެއް ކުރުން. (އިތުރު ކުރެވިފައި)
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ އަމަލެއް ހިންގައިފިނަމަ، އެ މީހަކު 2,000 (ދެހާސް) ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކޮށް، ދިވެހިރާއްޖޭގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެއެވެ. (އިސްލާހު ކުރެވިފައި)
(ނ) މި މާއްދާގެ (ށ) ގެ (10) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ އަމަލެއް ކުރާ މީހަކަށް އެ ހިނދު ހިދުމަތް ނުދިނުމުގެ އިހްތިޔާރާއި، އެ މީހަކު 2,000 (ދެހާސް) ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ އިހްތިޔާރު، މޯލްޑިވްސް އިމިގްރޭށަނަށް ލިބިގެންވެއެވެ. (އިތުރު ކުރެވިފައި)
19 ވަނަ މާއްދާ - ޕާސްޕޯޓު ކެންސަލްކުރުން
(ހ) ޕާސްޕޯޓު ހައްދައިފައިވާ މީހަކު މަރުވެއްޖެނަމަ، އެ މީހެއްގެ މަރު ސާބިތުކުރިކަމުގެ ލިޔުމުގެ ކޮޕީއަކާއެކު، އެ މީހެއްގެ ޕާސްޕޯޓު ކެންސަލް ކުރުމަށް ޓަކައި، މޯލްޑިވްސް އިމިގްރޭށަނަށް ހުށަހެޅުމުން، އެ މީހެއްގެ ޕާސްޕޯޓު ކެންސަލް ކުރެވޭނެއެވެ. (އިސްލާހު ކުރެވިފައި)
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތުގެ އިތުރުން، ތިރީގައިވާ ހާލަތްތަކުގައި ޕާސްޕޯޓް ކެންސަލް ކުރުމުގެ އިހްތިޔާރު، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭށަނަށް ލިބިގެންވެއެވެ. (އިސްލާހު ކުރެވިފައި)
1. ޕާސްޕޯޓު ހެއްދުމަށްފަހު ބަލައި ނާންނަތާ 6 (ހައެއް) މަސްދުވަހަށްވުރެ ގިނަދުވަހު މޯލްޑިވްސް އިމިގްރޭށަނުގައި ބެހެއްޓިފައިވާ ޕާސްޕޯޓު. (އިސްލާހު ކުރެވިފައި)
2. ދައުލަތުގެ އިސް މަގާމް ފުރުމަށްފަހު އެ މަގާމު ގެއްލިފައިވާ ފަރާތްތަކުގެ ތެރެއިން އޮފިށަލް ޕާސްޕޯޓާއި ޑިޕްލޮމެޓިކް ޕާސްޕޯޓު ދޫކޮށްފައިވާ ފަރާތްތަކުގެ ޕާސްޕޯޓ.ު މިގޮތަށް ޕާސްޕޯޓު ކެންސަލް ކުރެވޭ ފަރާތްތަކުން، ޕާސްޕޯޓަށް އެދި ހުށަހެޅުމުން، އެ ފަރާތަކަށް ށަރުތު ހަމަވާ ބާވަތެއްގެ ޕާސްޕޯޓެއް ހަދައިދެވޭނެއެވެ. (އިސްލާހު ކުރެވިފައި)
3. މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) އާއި، 7 ވަނަ މާއްދާގެ (ށ) ގެ ދަށުން ދާއިމީގޮތެއްގައި އޮފިށަލް ޕާސްޕޯޓާއި ޑިޕްލޮމެޓިކް ޕާސްޕޯޓު ލިބޭ ފަރާތްތަކުގެ ތެރެއިން އެ ފަރާތަކަށް ދޫކޮށްފައިވާ އޮފިށަލް ޕާސްޕޯޓާއި ޑިޕްލޮމެޓިކް ޕާސްޕޯޓު އަމިއްލައަށް އެދިގެން ކެންސަލްކުރަން ބޭނުންވާ ފަރާތްތަކުގެ ޕާސްޕޯޓ.ު މިފަދަ ފަރާތްތަކުގެ ޕާސްޕޯޓު ކެންސަލް ކުރެވޭނީ، ކެންސަލް ކުރުމަށް ބޭނުންވާ ސަބަބު ބަޔާންކޮށް، މޯލްޑިވްސް އިމިގްރޭށަނަށް ސިޓީއަކުން ހުށަހެޅުމުންނެވެ. (އިސްލާހު ކުރެވިފައި)
4. (އުނި ކުރެވިފައި)
5. (އުނި ކުރެވިފައި)
20 ވަނަ މާއްދާ - ޕާސްޕޯޓު ކެންސަލް ކުރެވޭނެ މުއްދަތު (އުނި ކުރެވިފައި)
21 ވަނަ މާއްދާ - ކެންސަލް ކުރެވޭނެ ގޮތް
(ހ) ޕާސްޕޯޓް ކެންސަލްކުރުމަށް އެދޭ ފަރާތަކީ ރާއްޖޭގައި ހުރި މީހެއްނަމަ، އެ ފަރާތުގެ ޕާސްޕޯޓް ކެންސަލް ކުރުމަށްފަހު އެ ފަރާތަށް ފޯނުން އެކަން އެންގުމަށްފަހު، ޕާސްޕޯޓް ކެންސަލްކޮށްފައިވާކަން 3 (ތިނެއް) ދުވަހުގެ ތެރޭގައި ލިޔުމުން ވެރިފަރާތަށް އަންގަންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ށ) ރާއްޖެއިން ބޭރުގައިވާ މީހެއްނަމަ، ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީ މެދުވެރިކޮށް، އެ ގައުމެއްގައި ހުންނަ ދިވެހިރާއްޖޭގެ ފޮރިން މިށަނަށް، ޕާސްޕޯޓް ކެންސަލްކުރިކަން، ލިއުމުން އަންގަންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ނ) ދިވެހިރާއްޖޭގެ ފޮރިން މިށަނެއް ނެތް ގައުމެއް ނަމަ، ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީ މެދުވެރިކޮށް، އެ ގައުމެއްގެ ފޮރިން މިނިސްޓްރީއަށް، ޕާސްޕޯޓު ކެންސަލްކުރިކަން، ލިޔުމުން އަންގަންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ރ) މި މާއްދާގެ (ށ) އާއި (ނ) ގައިވާ ފަދައިން، ޕާސްޕޯޓު ކެންސަލްކުރިކަން،ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީ މެދުވެރިކޮށް ވެރިފަރާތަށް އެންގުމަށްފަހު، ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީން، މޯލްޑިވްސް އިމިގްރޭށަނަށް، ލިޔުމަކުން އެކަން އަންގަންވާނެއެވެ. (އިސްލާހު ކުރެވިފައި)
22 ވަނަ މާއްދާ - މުއްދަތު ހަމަވުން (އުނި ކުރެވިފައި)
23 ވަނަ މާއްދާ - މާނަ
މި ގަވާއިދުގައި، އެހެން ގޮތަކަށް ބުނެފައިނުވާހައި ހިނދަކު:
(ހ) "ކެންސަލް" ކަމަށް ބުނެފައި އެވަނީ، ޕާސްޕޯޓު ބާތިލު ކުރުމަށެވެ.
(ށ) "ބަނދަރު" ކަމަށް ބުނެފައި އެވަނީ، ރާއްޖޭގެ ބައިނަލްއަގުވާމީ ދަތުރުތަކަށް ހުޅުވާލެވިފައިވާ އަދި އިމިގްރޭށަންގެ ހިދުމަތް ގާއިމުކުރެވިފައިވާ ބަނދަރުތަކެވެ.
ޖަދުވަލު 1 (އިތުރު ކުރެވިފައި)
(ފޮޓޯ ސްޓެންޑަރޑް ފޮރ މޯލްޑިވިއަން ޕާސްޕޯޓްސް)
މައި ގަވާއިދު
ޕާސްޕޯޓާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2017-83)
މި ގަވާއިދަށް ގެނެވުނު އިސްލާހު
ކިޔުންތެރިންގެ ހިޔާލު