-

ޕާސްޕޯޓާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2017-83) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2023-164)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 11 އޮކްޓޫބަރު 2023 ގައި)

 

ގަވާއިދު ނަންބަރު 2017-83 (ޕާސްޕޯޓާބެހޭ ގަވާއިދު) އަށް 1 ވަނަ އިސްލާހު ގެނައުން. 

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 2 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

(ހ) ދިވެހި ޕާސްޕޯޓަކީ ދައުލަތުގެ ވަރަށް މުހިންމު ރަސްމީ ލިޔުމެކެވެ. އެހެންކަމުން، ޕާސްޕޯޓު ލިބޭ ކޮންމެ މީހަކު ވެސް، ރައްކައުތެރިކަމާއެކު އެ ޕާސްޕޯޓު ބަލަހައްޓަންވާނެއެވެ. 18 (އަށާރަ) އަހަރުން ދަށުގެ ކުޑަކުދީންގެ ޕާސްޕޯޓާއި، ދިގު މުއްދަތުގެ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ހިއްސުތަކުގެ އުނިކަމެއް ނުވަތަ ސިކުނޑީގެ އުނިކަމެއް ހުރުމުގެ ސަބަބުން އަމިއްލަ ޕާސްޕޯޓު ނުބެލެހެއްޓޭ ފަރާތްތަކުގެ ޕާސްޕޯޓު ބެލެހެއްޓުމަކީ، އެ ފަރާތްތަކުގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ށަރުއީ ބަލަދުވެރިޔާ ނުވަތަ ގާނޫނީ ބަލަދުވެރިޔާގެ ޒިންމާއެކެވެ. 

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް (ޅ) ގެ ގޮތުގައްޔާއި، (ކ) ގެ ގޮތުގައްޔާއި، (އ) ގެ ގޮތުގައި އަންނަނިވި ގޮތުގެ މަތީން ތިން އަކުރު އިތުރުކުރުން.

(ޅ) ޑިޕްލޮމެޓިކް ޕާސްޕޯޓު ދޫކޮށްފައިވާ ފަރާތްތަކާއި، މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރާއި، (4) ވަނަ ނަންބަރާއި، (8) ވަނަ ނަންބަރާއި، (9) ވަނަ ނަންބަރާއި، (10) ވަނަ ނަންބަރުގައިވާ އޮފިށަލް ޕާސްޕޯޓު ދޫކޮށްފައިވާ ފަރާތްތަކަށް، އެ ފަރާތްތަކަށް ދޫކޮށްފައިވާ ޑިޕްލޮމެޓިކް ޕާސްޕޯޓުގެ ނުވަތަ އޮފިށަލް ޕާސްޕޯޓުގެ ސައްހަކަން ދެމިއޮތްހައި ހިނދަކު އޯޑިނަރީ ޕާސްޕޯޓެއް ދުލެއް ނުކުރެވޭނެއެވެ. 

(ކ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ފަރާތަކަށް، ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި 1 (އެކެއް) ޕާސްޕޯޓަށް ވުރެ ގިނަ ޕާސްޕޯޓު ދޫކުރުމުގެ އިހްތިޔާރު، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭށަނަށް ލިބިގެންވެއެވެ. 

ރާއްޖެއިން ބޭރަށް ކުރާ އެކިއެކި ދަތުރުތަކުގައި، އެ ގައުމަކަށް ދަތުރުކުރުމަށް ޕާސްޕޯޓުގައި ވިސާއެއް ޖެހުމަށް ޕާސްޕޯޓު ހުށަހަޅައިފައިވަނިކޮށް އެހެން ގައުމަކަށް ދަތުރެއް ކުރަން ޖެހިއްޖެ ހާލަތެއްގައި.

(އ) މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި 1 (އެކެއް) ޕާސްޕޯޓަށް ވުރެ ގިނަ ޕާސްޕޯޓު ދޫކުރެވޭނީ އަންނަނިވި ފަރާތްތަކަށެވެ.

ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި އެ ފެންވަރުގެ މަގާމަކަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސާ ފަރާތްތަކާއި، ސްޓޭޓް މިނިސްޓަރުންނާއި އެ ފެންވަރުގެ މަގާމަކަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސާ ފަރާތްތަކާއި، މިނިސްޓަރުންގެ ނައިބުންނާއި އެ ފެންވަރުގެ މަގާމަކަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސާ ފަރާތްތައް. 

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ފަހަތަށް (3) ވަނަ ނަންބަރުގެ ގޮތުގައްޔާއި (4) ވަނަ ނަންބަރުގެ ގޮތުގައި އަންނަނިވި ގޮތަށް ނަންބަރުތައް އިތުރުކުރުން. 

(3) އެ ފަރާތެއްގެ ކަނާތުގެ ނުވަތަ ވާތުގެ ބޮޑުވައި އިނގިލި ނުވަތަ ށަހާދަތް އިނގިލީގެ ނިށާން ނެގޭނެ ފަރާތެއް ކަމުގައި ވުން؛

(4) ބުއްދި ސަލާމަތުން ހުރި ފަރާތެއް ކަމުގައި ވުން.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ނ) އޯޑިނަރީ ޕާސްޕޯޓަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ށަރުތުތަކުގެ ތެރެއިން ށަރުތެއް ފުރިހަމަވާ ފަރާތްތަކަށް ދޫކުރެވޭނީ، ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓެވެ.

  1. މީލާދީގޮތުން 10 (ދިހައެއް) އަހަރު ފުރިފައިނުވާ ކުޑަކުދިން؛
  2. މީލާދީގޮތުން 65 (ފަސްދޮޅޮސްފަހެއް) އަހަރު ފުރިފައިވާ ފަރާތްތައް؛
  3. ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތްތައް.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ރ) މި މާއްދާގެ (ނ) ގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، އެ އަކުރުގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، މި މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަވާ ފަރާތަކުން އެ ފަރާތުގެ އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓަކަށް އެދިއްޖެ ހާލަތެއްގައި، އެ ފަރާތަކީ އެ ފަރާތެއްގެ ކަނާތުގެ ނުވަތަ ވާތުގެ ބޮޑުވައި އިނގިލި ނުވަތަ ށަހާދަތް އިނގިލީގެ ނިށާން ނެގޭނެ ފަރާތެއްނަމަ، އެ ފަރާތަށް އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓު ދޫކުރުމުގެ އިހްތިޔާރު، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭށަނަށް ލިބިގެންވެއެވެ. 

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް (ބ) ގެ ގޮތުގައި އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

(ބ) މި މާއްދާގެ (ށ) ގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، އެ އަކުރުގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ބަލިހާލު ހުރިގޮތުން ޕާސްޕޯޓާ ހަވާލުވުމަށް މޯލްޑިވްސް އިމިގްރޭށަނަށް ހާޒިރުވުމަށް އުޒުރުވެރިވާ، އުމުރުން 65 (ފަސްދޮޅޮސްފަހެއް) އަހަރުން ދަށުގެ ފަރާތްތަކަށް އޯޑިނަރީ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު ދޫކުރުމުގެ އިހްތިޔާރު، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭށަނަށް ލިބިގެންވެއެވެ. 

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގެ (9) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އެމްބެސަޑަރުން އެ ނަންބަރުން އުނިކޮށް، އަންނަނިވި ގޮތަށް އެ ނަންބަރު އިސްލާހު ކުރުން.

(9) ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި، ހައިކޯޓުގެ ފަނޑިޔާރުންނާއި، އެހެނިހެން ކޯޓުތަކުގެ އިސް ފަނޑިޔާރުންނާއި އިސް މެޖިސްޓްރޭޓުން ފިޔަވައި އެހެނިހެން ކޯޓުތަކުގެ ފަނޑިޔާރުންނާއި މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުން. 

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގެ (10) ވަނަ ނަންބަރުގެ ފަހަތަށް (11) ވަނަ ނަންބަރުގެ ގޮތުގައި  އަންނަނިވި ގޮތަށް ނަންބަރެއް އިތުރުކުރުން.

(11) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން ފެށިގެން (9) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ފަރާތްތަކުގެ އިތުރުން، ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންގެ ތެރެއިން، ރަސްމީ ދަތުރުތަކުގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް އޮފިށަލް ޕާސްޕޯޓު ދޫކުރުމުގެ އިހްތިޔާރު، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭށަނަށް ލިބިގެންވެއެވެ.


9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރާއި، (4) ވަނަ ނަންބަރާއި، (5) ވަނަ ނަންބަރާއި، (6) ވަނަ ނަންބަރާއި، (7) ވަނަ ނަންބަރާއި، (9) ވަނަ ނަންބަރާއި، (11) ވަނަ ނަންބަރުގައި ހިމެނޭ ފަރާތްތަކުން އޮފިށަލް ޕާސްޕޯޓު ހެއްދުމަށް އެދި ފޯމު ހުށަހަޅާއިރު، ޕާސްޕޯޓަށް ނިސްބަތްވާ ފަރާތް ނޫން އެހެން ފަރާތަކުން ސޮއިކޮށްފައިވާ، އެ އޮފީހެއްގެ ރަސްމީ ސިޓީއެއް ހުށަހަޅަންވާނެއެވެ. މި ސިޓީގައި، ޕާސްޕޯޓަށް އެދޭ ފަރާތުގެ މަގާމާއި، ޕާސްޕޯޓަށް ފައިސާ ދައްކާނެ ގޮތުގެ ތަފުސީލާއި، މި މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރާއި، (6) ވަނަ ނަންބަރާއި، (7) ވަނަ ނަންބަރާއި، (11) ވަނަ ނަންބަރުގައި ހިމެނޭ ފަރާތެއްނަމަ، ކުރަން ގަސްތުކުރާ ދަތުރުގެ ތަފުސީލު ބަޔާންކޮށްފައި އޮންނަންވާނެއެވެ.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ނ) މި މާއްދާގެ (ހ) ގައި ހިމެނޭ ފަރާތްތަކުގެ ޕާސްޕޯޓު ހަވާލުކުރާނީ، ޕާސްޕޯޓުގެ ވެރިފަރާތަށެވެ. އަދި މި މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރާއި، (6) ވަނަ ނަންބަރާއި، (7) ވަނަ ނަންބަރާއި، (11) ވަނަ ނަންބަރުގައި ހިމެނޭ ފަރާތްތަކަށް ދޫކޮށްފައިވާ ޕާސްޕޯޓު އޮންނަންވާނީ، މޯލްޑިވްސް އިމިގްރޭށަންގެ ބެލުމުގެ ދަށުގައެވެ. އަދި އިސްވެ ބަޔާންކޮށްފައިވާ އޮފިށަލް ޕާސްޕޯޓު ދޫކުރުވޭ ފަރާތްތައް ރާއްޖެއިން ބޭރަށް ކުރާ ދަތުރަށްފަހު، އެ ފަރާތެއްގެ އޮފިށަލް ޕާސްޕޯޓު މޯލްޑިވްސް އިމިގްރޭށަނާ ހަވާލުކުރުމަކީ އެ ފަރާތެއް ނިސްބަތްވާ މުއައްސަސާއެއްގެ ޒިންމާއެކެވެ. 

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ރ) މި މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރާއި، (6) ވަނަ ނަންބަރާއި، (7) ވަނަ ނަންބަރާއި، (11) ވަނަ ނަންބަރުގައި ހިމެނޭ ފަރާތްތަކަށް ދޫކޮށްފައިވާ އޮފިށަލް ޕާސްޕޯޓު ބޭނުންކުރެވޭނީ، ރަސްމީ ދަތުރުތަކުގައްޔާއި، އެ ފަރާތެއް ނިސްބަތްވާ މުއައްސަސާގެ ފަރާތުން ފޮނުވައިގެން ހިންގާ ވާރކްށޮޕް ނުވަތަ ޓްރޭނިންގ ކޯސް ފަދަ ކަންތައްތަކުގައި ބައިވެރިވުމަށް ކުރާ ދަތުރުގައި އެކަންޏެވެ. އޮފިށަލް ޕާސްޕޯޓު ބޭނުންވެއްޖެ ހިނދެއްގައި އެ ފަރާތެއް ނިސްބަތްވާ މުއައްސަސާއިން ދަތުރުގެ ތަފުސީލު ބަޔާންކޮށް ސިޓީއަކުން މޯލްޑިވްސް އިމިގްރޭށަނަށް ހުށަހެޅުމުން އެ ފަރާތަކާ ޕާސްޕޯޓު ހަވާލުކުރެވޭނެއެވެ. 

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ (ޅ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ޅ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރާއި، (4) ވަނަ ނަންބަރާއި، (5) ވަނަ ނަންބަރާއި، (6) ވަނަ ނަންބަރާއި، (7) ވަނަ ނަންބަރާއި، (9) ވަނަ ނަންބަރާއި، (11) ވަނަ ނަންބަރުގައި ހިމެނޭ ފަރާތްތަކަށް ދޫކުރެވޭ އޮފިށަލް ޕާސްޕޯޓަކީ އެ ފަރާތަކުން އަދާކުރާ ވަޒީފާގެ ހައިސިއްޔަތުން ދޫކުރެވޭ އެއްޗަކަށް ވާހިނދު، އެ ޕާސްޕޯޓު ބޭނުންކުރުން މަނާކުރުމާއި، އެ ޕާސްޕޯޓު ކެންސަލްކުރުމަށް އެދި މޯލްޑިވްސް އިމިގްރޭށަނަށް ހުށަހެޅުމުގެ އިހްތިޔާރު، އެ މުއައްސަސާއެއް ހިންގުމާ ހަވާލުވެހުރި އެންމެ އިސްވެރިޔާއަށް ލިބިގެންވެއެވެ.

 

13 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ (ކ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ކ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރާއި، (4) ވަނަ ނަންބަރާއި، (5) ވަނަ ނަންބަރާއި، (6) ވަނަ ނަންބަރާއި، (7) ވަނަ ނަންބަރާއި، (9) ވަނަ ނަންބަރާއި، (11) ވަނަ ނަންބަރުގައި ހިމެނޭ އޮފިށަލް ޕާސްޕޯޓު ދޫކޮށްފައިވާ ބޭނުން ނުވަތަ ހައިސިއްޔަތު ނެތިދިއުމަށްފަހު، ނުވަތަ މަގާމުން ވަކިވުމަށްފަހު، ނުވަތަ ދޫކުރެވިފައިވާ ބޭނުން ނިމުމަށްފަހު، އެ ޕާސްޕޯޓެއް ކެންސަލް ކުރުމަށް ޓަކައި މޯލްޑިވްސް އިމިގްރޭށަނަށް ހުށަހަޅަންވާނެއެވެ. 

 

14 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާގެ (ށ) ގެ (5) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

(5) ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ މުށީރުންނާއި، ސްޓޭޓް މިނިސްޓަރުންނާއި، އެ ފެންވަރުގެ ފަރާތްތަކާއި، އެ ފަރާތްތަކުގެ އަނބިންނާއި ފިރިން އަދި ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ދަރިންގެ ތެރެއިން އުމުރުން 18 (އަށާރަ) އަހަރު ފުރިފައިނުވާ ކުޑަކުދިންނަށް.

 

15 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާގެ (ށ) ގެ (8) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

(8) ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި، ހައި ކޯޓުގެ ފަނޑިޔާރުންނާއި، ސުޕްރީމް ކޯޓުގެ "ޖަސްޓިސް ރިޓަޔަރޑް" ގެ ލަގަބު ލިބިގެން ރިޓަޔަރ ކޮށްފައިވާ ފަނޑިޔާރުންނާއި، އެ ފަރާތްތަކުގެ އަނބިންނާއި ފިރިން އަދި ރާއްޖޭގެ އެހެނިހެން ކޯޓުތަކުގެ އިސް ފަނޑިޔާރުންނާއި އިސް މެޖިސްޓްރޭޓުން.

 

16 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާގެ (ށ) ގެ (9) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

ކޮންޓްރޯލަރ ޖެނެރަލް އޮފް މޯލްޑިވްސް އިމިގްރޭށަނާއި، އެ ފަރާތުގެ އަނބިންނާއި ފިރިމީހާއާއި އެ ފަރާތުގެ ދަރިންގެ ތެރެއިން އުމުރުން 18 (އަށާރަ) އަހަރު ފުރިފައިނުވާ ކުޑަކުދިންނަށް.

 

17 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާގެ (ށ) ގެ (10) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

(10) ޗީފް އޮފް ޑިފެންސް ފޯސްއާއި، ކޮމިށަނަރ އޮފް ޕޮލިސްއާއި، ޑެޕިއުޓީ ޗީފް އޮފް ޑިފެންސް ފޯސްއާއި، ޑެޕިއުޓީ ކޮމިށަނަރ އޮފް ޕޮލިސްއާއި، ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސްއާއި، އެ ފަރާތްތަކުގެ އަނބިންނާއި ފިރިން އަދި ޗީފް އޮފް ޑިފެންސް ފޯސްއާއި، ކޮމިށަނަރ އޮފް ޕޮލިސްއާއި، ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ ދަރިންގެ ތެރެއިން އުމުރުން 18 (އަށާރަ) އަހަރު ފުރިފައިނުވާ ކުޑަކުދިންނަށް.

 

18 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާގެ (ށ) ގެ (11) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

(11) މުސްތަގިއްލު ކޮމިށަންތަކުގެ އެންމެހައި މެންބަރުންނާއި، މެންބަރުންގެ އަނބިންނާއި ފިރިން.

 

19 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާގެ (ށ) ގެ (12) ވަނަ ނަންބަރު އުނިކުރުން.

(12) (އުނިކޮށްފައި) 

 

20 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ނ) ޑިޕްލޮމެޓިކް ޕާސްޕޯޓަށް އެދި ހުށަހަޅާ މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ށަރުތުތަކުގެ ތެރެއިން ށަރުތެއް ފުރިހަމަވާ ފަރާތްތަކަށް ދޫކުރެވޭނީ، ޑިޕްލޮމެޓިކް ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓެވެ.

(1) ރައީސުލްޖުމްހޫރިއްޔާއާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ކޮންޓްރޯލަރ ޖެނެރަލް އޮފް މޯލްޑިވްސް އިމިގްރޭށަނާއި، ޗީފް އޮފް ޑިފެންސް ފޯސްއާއި، ކޮމިށަނަރ އޮފް ޕޮލިސްއާއި، ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ ދަރީންގެ ތެރެއިން އުމުރުން 10 (ދިހައެއް) އަހަރު ފުރިފައިނުވާ ކުޑަކުދިން؛ 

(2) މީލާދީގޮތުން 65 (ފަސްދޮޅަސް ފަހެއް) އަހަރު ފުރިފައިވާ ފަރާތްތައް؛

(3) ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތްތައް.

 

21 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް (ރ) ގެ ގޮތުގައްޔާއި، (ބ) ގެ ގޮތުގައްޔާއި، (ޅ) ގެ ގޮތުގައި އަންނަނިވި ގޮތަށް އަކުރުތައް އިތުރުކުރުން. 

(ރ) މި މާއްދާގެ (ނ) ގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ބަލިހާލު ހުރިގޮތުން ޕާސްޕޯޓާ ހަވާލުވުމަށް މޯލްޑިވްސް އިމިގްރޭށަނަށް ހާޒިރުވުމަށް އުޒުރުވެރިވާ، އުމުރުން 65 (ފަސްދޮޅޮސްފަހެއް) އަހަރުން ދަށުގެ ފަރާތްތަކަށް ޑިޕްލޮމެޓިކް ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު ދޫކުރުމުގެ އިހްތިޔާރު، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭށަނަށް ލިބިގެންވެއެވެ.

(ބ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުން ޑިޕްލޮމެޓިކް ޕާސްޕޯޓު ހެއްދުމަށް އެދި ހުށަހަޅާއިރު ޕާސްޕޯޓަށް ނިސްބަތްވާ ފަރާތް ނޫން އެހެން ފަރާތަކުން ސޮއިކޮށްފައިވާ، އެ އޮފީހެއްގެ ރަސްމީ ސިޓީއެއް ހުށަހަޅަންވާނެއެވެ. މި ސިޓީގައި، ޕާސްޕޯޓަށް އެދޭ ފަރާތުގެ މަގާމާއި، ޕާސްޕޯޓަށް ފައިސާ ދައްކާނެ ގޮތުގެ ތަފުސީލު ބަޔާންކޮށްފައި އޮންނަންވާނެއެވެ.

(ޅ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޑިޕްލޮމެޓިކް ޕާސްޕޯޓު ދޫކޮށްފައިވާ ފަރާތްތަކުގެ ޕާސްޕޯޓ،ު ރަސްމީ ދަތުރުތަކާއި އަމިއްލަ ދަތުރުތަކުގައި ބޭނުންކުރެވިދާނެއެވެ.

 

22 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ފަހަތަށް (3) ވަނަ ނަންބަރުގެ ގޮތުގައްޔާއި (4) ވަނަ ނަންބަރުގެ ގޮތުގައި އަންނަނިވި ގޮތަށް ނަންބަރުތައް އިތުރުކުރުން.

(3) އެ މީހަކަށް ދޫކޮށްފައިވާ ޕާސްޕޯޓު ތަކުރާރުކޮށް ގެއްލިފައިވާނަމަ، އެ މީހެއްގެ ޕާސްޕޯޓު އައުކުރުމަށް ހުށަހެޅުމުން އެ މީހަކަށް ދަތުރުކުރުމުގެ ވަގުތީ ލިޔުން ދޫކުރުމުގެ އިހްތިޔާރު، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭށަނަށް ލިބިގެންވެއެވެ. 

(4) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ ދަށުން ޖޫރިމަނާއެއް ކޮށްފައިވާ މީހަކު، އެ ވަގުތަކު އެ ޖޫރިމަނާ ފައިސާ ދެއްކެންނެތް ހާލަތުގައި، އިމަޖެންސީ ހާލަތެއް މެދުވެރިވެގެން ރާއްޖެއިން ބޭރަށް ދާން ޖެހިއްޖެނަމަ، ޖޫރިމަނާ ފައިސާ ނުދެއްކި ނަމަވެސް، ދަތުރުކުރުމުގެ ވަގުތީ ލިޔުން އެ މީހަކަށް ދޫކުރުމުގެ އިހްތިޔާރު، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭށަނަށް ލިބިގެންވެއެވެ. 

 

23 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް (ރ) ގެ ގޮތުގައި އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން. 

(ރ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ހާލަތްތަކުގައި، އެ މީހެއްގެ ބަލިހާލު ހުރިގޮތުން ޕާސްޕޯޓަށް އެދޭ ފޯމުގައި ސޮއިކުރުމަށް އުޒުރުވެރިވާ ފަރާތްތަކުގެ ފޯމުގައި ސޮއިކުރާނީ، އެ ފަރާތެއްގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ށަރުއީ ބަލަދުވެރިޔާ ނުވަތަ ގާނޫނީ ބަލަދުވެރިޔާއެވެ. 

 

24 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

(1) ރާއްޖެއިން ބޭރުގައި އުފަންވާ ކުދިންގެ ތެރެއިން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހައްދައިފައިނުވާ ކުދިން ނުވަތަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހައްދައިފައި އޮތްނަމަވެސް ޕާސްޕޯޓު ހައްދައިފައި ނުވާ ކުދިން ރާއްޖެއަށް ގެނައުމަށް؛

 

25 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 9 ވަނަ މާއްދާގެ (ށ) ފެށުމާއި، އެ އަކުރުގެ (4) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހު ކުރުން.

(ށ) ރާއްޖެއިން ބޭރުގައި އުފަންވާ ކުދީންގެ ތެރެއިން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހައްދައިފައިނުވާ ކުދީން ނުވަތަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހައްދައިފައި އޮތްނަމަވެސް، ޕާސްޕޯޓު ހައްދައިފައިނުވާ ކުދީން ރާއްޖެއަށް ގެނައުމަށް ސަރޓިފިކެޓް އޮފް އައިޑެންޓިޓީ ހެއްދުމަށް މޯލްޑިވްސް އިމިގްރޭށަނުގެ ހުއްދަ ހޯދުމަށް އެދި ހުށަހަޅާއިރު، ދިވެހިރާއްޖެއިން ބޭރުގައި ހުރ،ި ފޮރިން މިށަންތަކަށް، އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

(4) ކުއްޖާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހައްދައިފައިވާނަމަ، އެ ކާޑުގެ ކޮޕީ؛

 

26 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 11 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) ޕާސްޕޯޓު ހެއްދުމަށް ހުށަހަޅާ ފޯމު މޯލްޑިވްސް އިމިގްރޭށަނުން ބަލައިގަންނަން ފަށާނީ، އެ އިރެއްގައި ހަމަޖެހިފައިވާ އުސޫލަކާ އެއްގޮތަށް، ކަނޑައެޅިފައިވާ ވަގުތުތަކުގައި، ކަނޑައެޅިފައިވާ ތަންތަނުންނެވެ. 

 

27 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 12 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

(ށ) ދިވެހި ޕާސްޕޯޓެއް ބޭނުންވާ މީހ،ާ ދިވެހި ޕާސްޕޯޓަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، މޯލްޑިވްސް އިމިގްރޭށަނުގެ ޑިޖިޓަލް ޕްލެޓްފޯމް (https://imuga.immigration.gov.mv) މެދުވެރިކޮށް ނުވަތަ ޕާސްޕޯޓަށް އެދޭ ފޯމު ބަލައިގަތުމުގެ ހުއްދަ މޯލްޑިވްސް އިމިގްރޭށަނުން ދީފައިވާ ފަރާތަކަށް ހުށަހެޅުމުން، ޕާސްޕޯޓެއް ހަދައިދެވޭނެއެވެ. 

 

28 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 12 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

(ނ) ޕާސްޕޯޓަށް އެދޭ ފޯމު ފުރިހަމަވީކަމުގައި ބެލެވޭނީ، ފޯމާއެކު ހުށަހަޅަންޖެހޭ އަންނަނިވި ތަކެތި ހުށަހެޅުމުންނެވެ.

(1) މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ "ފޮޓޯ ސްޓެންޑަރޑް ފޮރ މޯލްޑިވިއަން ޕާސްޕޯޓްސް" ގެ މިންގަނޑުތަކާ އެއްގޮތަށް ނަގައިފައިވާ ޑިޖިޓަލް ފޮޓޯ؛

(2) ޕާސްޕޯޓު ހެއްދުމަށް ބޭނުންވާ ފީ (މި ފީ ދައްކަންވާނީ، މޯލްޑިވްސް އިމިގްރޭށަނުން ޕާސްޕޯޓަށް އެދި ހުށަހަޅާ ފަރާތަށް ފޮނުވާ ޕޭމަންޓް ލިންކުގެ ޒަރީއާއިން، ބޭންކް އޮފް މޯލްޑިވްސްގެ އޮންލައިން ގޭޓްވޭ މެދުވެރިކޮށެވެ.)

(3) ރާއްޖެއިން ބޭރުގައި ހުރެގެން ޕާސްޕޯޓު ހެއްދުމަށް އެދި ހުށަހަޅާ ފަރާތެއްނަމަ، ދިވެހި ޕާސްޕޯޓަށް އެދޭ ފޯމުގެ އިތުރުން "ރާއްޖެއިން ބޭރުގައި ޕާސްޕޯޓު ހަދަން ހުށަހަޅާ ދިވެހިންގެ މައުލޫމާތު ފޯމު" (ފޯމު ނަންބަރު: IM32)

(4) ރާއްޖެއިން ބޭރުގައި ހުރެގެން ޕާސްޕޯޓު ހެއްދުމަށް އެދި ހުށަހަޅާ ފަރާތެއްނަމަ، ފައިސާ ދެއްކުމާއި ޕާސްޕޯޓު އެހެން ފަރާ ތަކާ ހަވާލުކުރުމަށް އެއްވެސް އިއުތިރާޒެއް ނެތްކަމުގެ ސިޓީ؛

(5) އުމުރުން 18 (އަށާރަ) އަހަރުން ދަށުގެ ކުދީންގެ ޕާސްޕޯޓާ ހަވާލުވުމަށް އައުމަށް ކުއްޖާގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ށަރުއީ ބަލަދުވެރިޔާ ނުވަތަ ގާނޫނީ ބަލަދުވެރިޔާ އުޒުރުވެރިވާ ހާލަތްތަކުގައްޔާއި، ބަލި ހާލަތު ހުރިގޮތުން ޕާސްޕޯޓު ބަލައި އައުމަށް އުޒުރުވެރިވާ ހާލަތްތަކުގައި ޕާސްޕޯޓު އެހެން ފަރާތަކާ ހަވާލުކުރުމަށް އެއްވެސް އިއުތިރާޒެއް ނެތްކަމުގެ ސިޓީ؛

(6) އެހެން ގައުމެއްގެ ރައްޔިތުކަން ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ރާއްޖެއިން ބޭރުގައި ހުރެގެން ޕާސްޕޯޓު އައުކުރަން އެދި ހުށަހަޅާނަމަ، އެންމެ ފަހުން ދޫކޮށްފައިވާ ދިވެހި ޕާސްޕޯޓާއި، އެ ފަރާތަކަށް ރައްޔިތުކަން ލިބިފައިވާ ގައުމަކުން އެ ފަރާތަކަށް ދޫކޮށްފައިވާ ޕާސްޕޯޓުގެޑޭޓާ ޕޭޖް (ފޮޓޯއާއި މައުލޫމާތު އެކުލެވިފައިވާ ސަފުހާ) ގެ ކުލަ ސްކޭން ކޮޕީ؛

(7) އޮފިށަލް ޕާސްޕޯޓަށް ނުވަތަ ޑިޕްލޮމެޓިކް ޕާސްޕޯޓަށް އެދި ހުށަހަޅާނަމަ، ޕާސްޕޯޓަށް ނިސްބަތްވާ ފަރާތް ނޫން އެހެން ފަރާތަކުން ސޮއިކޮށްފައިވާ، އެ އޮފީހެއްގެ ރަސްމީ ސިޓީ

 

29 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 12 ވަނަ މާއްދާގެ (ކ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ކ) ޕާސްޕޯޓުގެ ގަނޑު ހުސްވެގެން އައު ޕާސްޕޯޓަކަށް އެދި ހުށަހަޅައިފިނަމަ، މި މާއްދާގެ (ވ) ގައި ބަޔާންކޮށްފައިވާ ފީ ނުނަގައި އައު ޕާސްޕޯޓެއް ހަދައިދެވޭނެއެވެ. ޕާސްޕޯޓުގެ ގަނޑު ހުސްވީ ކަމުގައި ބެލެވޭނީ، ބޭނުން ނުކޮށް ގިނަވެގެން 4 (ހަތަރެއް) ސަފުހާ އޮތްނަމައެވެ.

 

30 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 12 ވަނަ މާއްދާގެ (އ) ގެ (7) ވަނަ ނަންބަރު އުނިކުރުން.

(7) (އުނިކޮށްފައި) 

 

31 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 12 ވަނަ މާއްދާގެ (ވ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ވ) ޕާސްޕޯޓަށް އެދި ހުށަހަޅާއިރު، އެންމެ ފަހުން ދޫކޮށްފައިވާ ޕާސްޕޯޓުގެ މުއްދަތު 1 (އެކެއް) އަހަރަށްވުރެ އިތުރުނަމަ، މުއްދަތު ހަމަވާން ބާކީ އޮތް ކޮންމެ އަހަރަކަށް 100 (އެއްސަތޭކަ) ރުފިޔ،ާ ކެންސަލޭށަން ފީގެ ގޮތުގައި ދައްކަން ޖެހޭނެއެވެ. މުއްދަތު ހަމަވާން ބާކީ އޮތީ 1 (އެކެއް) އަހަރަށްވުރެ ކުރު މުއްދަތެއްނަމަ، ކެންސަލޭށަން ފީ ދައްކާކަށް ނުޖެހޭނެއެވެ. މުއްދަތު ހަމަވާން ބާކީ އޮތް ދުވަސް ގުނާނީ، ޕާސްޕޯޓަށް އެދޭ ފޯމު ހުށަހަޅާ ދުވަހުން ފެށިގެންނެވެ. ޕާސްޕޯޓު ކެންސަލޭށަން ފީ ނެގުމަށް އަހަރު ގުނާނީ، ބާކީ އޮތީ އަހަރެއް ނުވަތަ އަހަރެއްގެ ބައެއް ނުވަތަ އެންމެ ދުވަހެއް ކަމުގައިވިއަސް، އަހަރެއްގެ ގޮތުގައެވެ.

 

32 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 12 ވަނަ މާއްދާގެ (ވ) ގެ ފަހަތަށް (މ) ގެ ގޮތުގައި އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

(މ) އުމުރުން 18 (އަށާރަ) އަހަރުން ދަށުގެ ކުޑަކުދީންގެ ޕާސްޕޯޓު ހެއްދުމަށް ހުށަހަޅާނަމަ، ދިވެހި ޕާސްޕޯޓަށް އެދޭ ފޯމުގެ އިގުރާރުގައި ސޮއިކުރަންވާނީ، ކުއްޖާގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ށަރުއީ ބަލަދުވެރިޔާ ނުވަތަ ގާނޫނީ ބަލަދުވެރިޔާއެވެ. އަދި ދިވެހި ޕާސްޕޯޓަށް އެދޭ ފޯމުގެ އިގުރާރުގައި ސޮއިކުރާ ކުއްޖާގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ށަރުއީ ބަލަދުވެރިޔާ ނުވަތަ ގާނޫނީ ބަލަދުވެރިޔާއަކީ ބިދޭސީއެއްނަމަ، ޕާސްޕޯޓަށް އެދި ހުށަހަޅާއިރު އެ ބިދޭސީ ފަރާތުގެ ޕާސްޕޯޓުގެ ކުލަ ކޮޕީއެއް، ފޯމާއެކު ހުށަހަޅަންވާނެއެވެ. 

 

33 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 13 ވަނަ މާއްދާގެ (ށ) ގެ ފެށުމާއި، އެ އަކުރުގެ (1) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން. 

(ށ) ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު ނުވަތަ ދަތުރުކުރުމުގެ ވަގުތީ ލިޔުން ހައްދައިފައިވާ ފަރާތްތަކުގެ ތެރެއިން، މަގުބޫލު އުޒުރެއް މެދުވެރިވެގެން މޯލްޑިވްސް އިމިގްރޭށަނަށް ހާޒިރުވެވެންނެތް ފަރާތްތަކުގެ ޕާސްޕޯޓާ ހަވާލުވާން އަންނަ ފަރާތްތަކާ ޕާސްޕޯޓު ހަވާލުކުރެވޭނީ، ތިރީގައިވާ ކަންތައްތައް ފުރިހަމަވުމުންނެވެ.

(1) ޕާސްޕޯޓާ ހަވާލުވުމަށް އަންނަ ފަރާތްތަކުގެ ދިވެހި ރައްޔިތެއްކަން އަންގައިދ،ޭ މުއްދަތު ހަމަނުވާ، ސައްހަ ކާޑެއް އޮތުން. މި ކާޑަކީ، ހަލާކުވެ ބާވުމުގެ ސަބަބުން އޭގައިވާ މައުލޫމާތު އޮޅުން ނުފިލާވަރުގެ ކާޑަކަށް ވެގެން ނުވާނެއެވެ. 

 

34 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 13 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް (ނ) ގެ ގޮތުގައްޔާއި (ރ) ގެ ގޮތުގައި އަންނަނިވި ގޮތަށް އަކުރުތައް އިތުރުކުރުން

(ނ) މި މާއްދާގެ (ހ) ގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، އުމުރުން 18 (އަށާރަ) އަހަރުން ދަށުގެ ކުދީންގެ ތެރެއިން އީ ޕާސްޕޯޓު ހައްދައިފައިވާ ކުދީންގެ ޕާސްޕޯޓު ދޫކުރާނީ، އެ ކުއްޖެއްގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ށަރުއީ ބަލަދުވެރިޔާ ނުވަތަ ގާނޫނީ ބަލަދުވެރިޔާގެ ހާޒިރުގައެވެ. ޕާސްޕޯޓާ ހަވާލުވާން އަންނައިރު، ޕާސްޕޯޓުގެ ވެރި ފަރާތާއި ކުއްޖާއާއެކު ހާޒިރުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދ،ޭ މުއްދަތު ހަމަނުވާ، ކާޑު ގެންނަންވާނެއެވެ. އެ ކާޑަކީ ސައްހަ ކާޑެއްކަމުގައި ވާންވާނެއެވެ. އަދި ޕާސްޕޯޓާ ހަވާލުވުމަށް ކުއްޖާއާއެކު އައުމަށް ކުއްޖާގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ށަރުއީ ބަލަދުވެރިޔާ ނުވަތަ ގާނޫނީ ބަލަދުވެރިޔާ އުޒުރުވެރިވާ ހާލަތްތަކުގައި، ޕާސްޕޯޓާ ހަވާލުވުމަށް ހާޒިރުވެވެން ނެތް ސަބަބު ބަޔާންކޮށް، ޕާސްޕޯޓު އެހެން ފަރާތަކާ ހަވާލުކުރުމަށް ކުއްޖާގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ށަރުއީ ބަލަދުވެރިޔާ ނުވަތަ ނުވަތަ ގާނޫނީ ބަލަދުވެރިޔާގެ އެއްވެސް އިއުތިރާޒެއް ނެތްކަމުގެ ސިޓީހުށަހަޅަންވާނެއެވެ. މި ސިޓީ، މޯލްޑިވްސް އިމިގްރޭށަނަށް ފޮނުވަންވާނީ، ސިޓީ ލިޔާ ފަރާތް އެވަގުތު ހުރީ މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށެއްގައިނަމަ،އެ ރަށެއްގެ ރަށު ކައުންސިލް މެދުވެރިކޮށް، ރާއްޖެއިން ބޭރުގައި ނަމަ އެ ގައުމެއްގައި ހުންނަ ދިވެހިރާއްޖޭގެ މިށަނެއް މެދުވެރިކޮށް އަދި ދިވެހިރާއްޖޭގެ މިށަނެއް ނެތް ގައުމެއްގައިނަމަ އަމިއްލަގޮތުން އީމެއިލުގެ ޒަރީއާއިންނެވެ.

(ރ) މި މާއްދާގެ (ށ) ގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، އުމުރުން 10 (ދިހައެއް) އަހަރުން ދަށުގެ ކުދިންގެ ޕާސްޕޯޓު ދޫކުރާނީ، އެ ކުއްޖެއްގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ށަރުއީ ބަލަދުވެރިޔާ ނުވަތަ ގާނޫނީ ބަލަދުވެރިޔާއަށެވެ. ޕާސްޕޯޓާއި ހަވާލުވާން އަންނައިރު، ހަވާލުވާން އަންނަ ފަރާތާއި ޕާސްޕޯޓުގެ ވެރި ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދ،ޭ މުއްދަތު ހަމަނުވާ ކާޑު ގެންނަންވާނެއެވެ. އެ ކާޑު ވާންވާނީ ސައްހަ ކާޑަކަށެވެ. އަދި ޕާސްޕޯޓާ ހަވާލުވުމަށް އައުމަށް ކުއްޖާގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ށަރުއީ ބަލަދުވެރިޔާ ނުވަތަ ނުވަތަ ގާނޫނީ ބަލަދުވެރިޔާ އުޒުރުވެރިވާ ހާ ލަތްތަކުގައި، ޕާސްޕޯޓާ ހަވާލުވުމަށް ހާޒިރުވެވެން ނެތް ސަބަބު ބަޔާންކޮށް، ޕާސްޕޯޓު އެހެން ފަރާތަކާ ހަވާލުކުރުމަށް ކުއްޖާގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ށަރުއީ ބަލަދުވެރިޔާ ނުވަތަ ގާނޫނީ ބަލަދުވެރިޔާގެ އެއްވެސް އިއުތިރާޒެއް ނެތްކަމުގެ ސިޓީ ހުށަހަޅަންވާނެއެވެ. މޯލްޑިވްސް އިމިގްރޭށަނަށް މި ސިޓީ ފޮނުވަންވާނީ، ސިޓީ ލިޔާ ފަރާތް އެވަގުތު ހުރީ މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށެއްގައިނަމަ،އެ ރަށެއްގެ ރަށު ކައުންސިލް މެދުވެރިކޮށް، ރާއްޖެއިން ބޭރުގައި ނަމަ އެ ގައުމެއްގައި ހުންނަ ދިވެހިރާއްޖޭގެ މިށަނެއް މެދުވެރިކޮށް އަދި ދިވެހިރާއްޖޭގެ މިށަނެއް ނެތް ގައުމެއްގައިނަމަ އަމިއްލަގޮތުން އީމެއިލުގެ ޒަރީއާއިންނެވެ. 

 

35 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 14 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) ރާއްޖެއިން ބޭރުގައި ހުރެގެން ޕާސްޕޯޓު އައުކުރަން އެދޭނަމަ، އާންމުކޮށް ޕާސްޕޯޓު އައުކުރާ އުސޫލުން، މި ގަވާއިދުގެ 12 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ތަކެތި ހުށަހެޅުމުން، ޕާސްޕޯޓެއް ހަދައިދެވޭނެއެވެ. 

 

36 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 14 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް (ރ) ގެ ގޮތުގައި އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

(ރ) ރާއްޖެއިން ބޭރުގައި ހުރެގެން ޕާސްޕޯޓެއް ހެއްދުމަށް ނުވަތަ އައުކުރުމަށް އެދި ހުށަހެޅޭނީ، އަންނަނިވި ފަރާތްތަކަށެވެ. 

(1) ރާއްޖެއިން ބޭރު ގައުމެއްގައި ތިބި ފަރާތްތަކުގެ ތެރެއިން، އެ ގައުމެއްގެ ޓޫރިސްޓު ވިސާ ފިޔަވައި އެހެން ވިސާތައް ލިބިފައިވާ ފަރާތްތައް؛

(2) ސައްހަ ވިސާއެއްގައި، 6 (ހައެއް) މަސްދުވަހަށްވުރެ ދިގު މުއްދަތަކަށް ރާއްޖެއިން ބޭރު ގައުމުތަކުގައި ތައުލީމު ހާސިލުކުރުމުގެ ބޭނުމުގައްޔާއި، ވަޒީފާ އަދާކުރުމުގެ ބޭނުމުގައި ނުވަތަ ބަލި ހާލަތު ހުރިގޮތުން ބޭސްފަރުވާގެ ބޭނުމުގައި ދިރިއުޅެމުންދާ ފަރާތްތައް؛

(3) ރާއްޖެއިން ބޭރުގައި ދިވެހި ރައްޔިތުންނަށް އުފަންވާ ކުދީންނަށް.

 

37 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 15 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ޕާސްޕޯޓު ހިފެހެއްޓުން 15.

(ހ) ށަރުއީ ކޯޓެއްގެ އަމުރަކާ ނުވަތަ ހުކުމަކާ ގުޅިގެން ޕާސްޕޯޓު ހިފަހައްޓަން ޖެހިއްޖެނަމަ، އެ ޕާސްޕޯޓެއް ހިފެހެއްޓުމުގެ ބާރު، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭށަނަށް ލިބިގެންވެއެވެ. 

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، ށަރުއީ ކޯޓެއްގެ އަމުރަކާ ނުވަތަ ހުކުމަކާ ގުޅިގެން ޕާސްޕޯޓު ހިފަހައްޓައިފައިވާ ފަރާތްތަކަށް ޕާސްޕޯޓު ހެއްދުމަށާއި އައުކުރުމަށް އެދި ހުށަހެޅޭނެއެވެ. އެހެންނަމަވެސް، މިފަދަ ފަރާތްތަކުގެ ޕާސްޕޯޓު ދޫކުރާނީ، މި ބަޔާންކުރި ށަރުއީ ކޯޓެއްގެ އަމުރު ނުވަތަ ހުކުމް ބާތިލުކުރިކަމުގެ އަމުރު، މޯލްޑިވްސް އިމިގްރޭށަނަށް ލިބުމުންނެވެ. 

 

38 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 16 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) ޕާސްޕޯޓު ގެއްލިއްޖެނަމަ ޕާސްޕޯޓު ހަދައިދެވޭނީ، ޕާސްޕޯޓު ގެއްލެން މެދުވެރިވި ހާލަތަށް ރިއާޔަތްކޮށް، އެ ފަރާތުގެ އިހުމާލު އޮތްކަން ނުވަތަ ނެތްކަން އަންގައިދޭ ޕޮލިސް ރިޕޯޓެއް ލިބުމުންނެވެ. އަދި ޕާސްޕޯޓު ގެއްލުނީ އިހުމާލުން ނަމަ، އައު ޕާސްޕޯޓެއް ހަދައިދެވޭނީ 2,000 (ދެހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމަށްފަހު، އެ ޖޫރިމަނާގެ ފައިސާ މޯލްޑިވްސް އިމިގްރޭށަނަށް ދެއްކުމުންނެވެ. މި މާއްދާގައި ބަޔާންކޮށްފައިވާ ޖޫރިމަނާ ފައިސާ ދައްކަންވާނީ، ޕާސްޕޯޓު ހެއްދުމަށް އެދި ހުށަހަޅާއިރުއެވެ. 

 

39 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 16 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް (ޅ) ގެ ގޮތުގައްޔާއި (ކ) ގެ ގޮތުގައި އަންނަނިވި ގޮތަށް އަކުރުތައް އިތުރުކުރުން

(ޅ) ޕާސްޕޯޓު ގެއްލިގެން ރިޕޯޓުކުރާ ފަރާތްތަކުގެ ތެރެއިން، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ޖޫރިމަނާ ފައިސާ ނުދެއްކޭ ފަރާތްތަކަށް، އެ ހިނދެއްގެ ހާލަތާއި މައްސަލައިގެ ކުޑަބޮޑުމިނަށް ބަލައި، ދަތުރުކުރުމުގެ ވަގުތީ ލިޔުން ދޫކުރުމުގެ އިހްތިޔާރު، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭށަނަށް ލިބިގެންވެއެވެ. 

(ކ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ގެއްލުނު ޕާސްޕޯޓަކީ މުއްދަތު ހަމަވެފައިވާ ޕާސްޕޯޓެއް ނަމަ، ޕޮލިސް ރިޕޯޓަކާ ނުލައި އައު ޕާސްޕޯޓަކަށް އެދި ހުށަހެޅޭނެއެވެ. އަދި މިފަދަ ފަރާތްތަކަށް ޖޫރިމަނާއެއް ކުރުމަކާ ނުލައި ޕާސްޕޯޓު އައުކޮށްދެވޭނެއެވެ.

 

40 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 17 ވަނަ މާއްދާގެ (ށ) އާއި (ނ) އަންނަނިވި ގޮތަށް އިސްލާހުކޮށް، އެ މާއްދާގެ (ނ) ގެ ފަހަތަށް (ރ) ގެ ގޮތުގައްޔާއި (ބ) ގެ ގޮތުގައި އަންނަނިވި ގޮތަށް އަކުރުތައް އިތުރުކުރުން.

(ށ) ޕާސްޕޯޓު ހަލާކުވެގެން އަލުން ޕާސްޕޯޓު ހައްދާއިރު، އެންމެ ފަހުން ދޫކޮށްފައިވާ ޕާސްޕޯޓުގައި ބާކީ އޮތް މުއްދަތު 1 (އެކެއް) އަހަރަށްވުރެ އިތުރުނަމަ، މުއްދަތު ހަމަވާން ބާކީ އޮތް ކޮންމެ އަހަރަކަށް 100 (އެއްސަތޭކަ) ރުފިޔ،ާ ކެންސަލޭށަން ފީގެ ގޮތުގައި ދައްކަން ޖެހޭނެއެވެ. މުއްދަތު ހަމަވާން ބާކީ އޮތީ 1 (އެކެއް) އަހަރަށްވުރެ ކުރު މުއްދަތެއްނަމަ، ކެންސަލޭށަން ފީ ދައްކާކަށް ނުޖެހޭނެއެވެ. މުއްދަތު ހަމަވާން ބާކީ އޮތް ދުވަސް ގުނާނީ، ޕާސްޕޯޓަށް އެދޭ ފޯމު ހުށަހަޅާ ދުވަހުން ފެށިގެންނެވެ. ޕާސްޕޯޓު ކެންސަލޭށަން ފީ ނެގުމަށް އަހަރު ގުނާނީ، އަހަރެއް ނުވަތަ އަހަރެއްގެ ބައެއް ނުވަތަ އެންމެ ދުވަހެއް ކަމުގައި ވިޔަސް، އަހަރެއްގެ ގޮތުގައެވެ.

(ނ) ޕާސްޕޯޓު ހަލާކުވީ ޕާސްޕޯޓު ދޫކުރެވިފައިވާ ފަރާތުގެ އިހުމާލުންކަމަށް މޯލްޑިވްސް އިމިގްރޭށަނުން ނިންމައިފިނަމަ އަލުން ޕާސްޕޯޓެއް ހަދައިދެވޭނީ،ޕާސްޕޯޓު ހަލާކުވާން ދިމާވި ސަބަބާއި ކަމުގެ ބާވަތަށް ބަލައި، 2,000 (ދެހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމަށްފަހު،އެ ޖޫރިމަނާގެ ފައިސާ މޯލްޑިވްސް އިމިގްރޭށަނަށް ދެއްކުމުންނެވެ. މި މާއްދާގައި ބަޔާންކޮށްފައިވާ ޖޫރިމަނާ ފައިސާ ދައްކަންވާނީ، ޕާސްޕޯޓު ހެއްދުމަށް އެދި ހުށަހަޅާއިރުއެވެ.

(ރ) ޕާސްޕޯޓު ހަލާކުވެގެން ރިޕޯޓުކުރާ ފަރާތްތަކުގެ ތެރެއިން، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ޖޫރިމަނާ ފައިސާ ނުދެއްކޭ ފަރާތްތަކަށް، އެ ހިނދެއްގެ ހާލަތާއި މައްސަލައިގެ ކުޑަބޮޑުމިނަށް ބަލައި، ދަތުރުކުރުމުގެ ވަގުތީ ލިޔުން ދޫކުރުމުގެ އިހްތިޔާރު، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭށަނަށް ލިބިގެންވެއެވެ.

(ބ) ޕާސްޕޯޓު ހަލާކުވެގެން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޕާސްޕޯޓުގެ މުއްދަތު ހަމަވާ ފަހުން ހުށަހަޅާ ފަރާތެއްނަމަ، ޖޫރިމަނާ ފައިސާ ނުނަގައި ޕާސްޕޯޓު އައުކޮށްދެވޭނެއެވެ.

 

41 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 18 ވަނަ މާއްދާގެ (ހ) ގެ (8) ވަނަ ނަންބަރުގެ ފަހަތަށް (9) ވަނަ ނަންބަރުގެ ގޮތުގައްޔާއި (10) ވަނަ ނަންބަރުގެ ގޮތުގައި އަންނަނިވި ގޮތަށް ނަންބަރުތައް އިތުރުކުރުން.

(9) ޕާސްޕޯޓު ހެއްދުމަށް އެދި ހުށަހެޅުމުގައި ތެދު ނޫން މައުލޫމާތު ދިނުން ނުވަތަ ސައްހަ ލިޔުމަށް ބަދަލު ގެނައުން ނުވަތަ ނަކަލުކޮށް ގެން ހުށަހެޅުން؛

(10) ޕާސްޕޯޓު ހެއްދުމުގެ ހިދުމަތަށް އެދޭ ފަރާތްތަކުގެ ތެރެއިން މޯލްޑިވްސް އިމިގްރޭށަނަށް ހިދުމަތް ހޯދުމަށް ހާޒިރުވެ އާންމު މަސްލަހަތަށް ގެއްލުންހުރި އަމަލެއް ކުރުން. 

 

42 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 18 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތުގެ މަތީން އިސްލާހުކޮށް، އެ މާއްދާގެ (ށ) ގެ ފަހަތަށް (ނ) ގޮތުގައި އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ އަމަލެއް ހިންގައިފިނަމަ، އެ މީހަކު 2,000 (ދެހާސް) ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކޮށް، ދިވެހިރާއްޖޭގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ (10) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ އަމަލެއް ކުރާ މީހަކަށް އެ ހިނދު ހިދުމަތް ނުދިނުމުގެ އިހްތިޔާރާއި، އެ މީހަކު 2,000 (ދެހާސް) ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ އިހްތިޔާރު، މޯލްޑިވްސް އިމިގްރޭށަނަށް ލިބިގެންވެއެވެ.

 

43 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 19 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ޕާސްޕޯޓު ކެންސަލްކުރުން 19.

(ހ) ޕާސްޕޯޓު ހައްދައިފައިވާ މީހަކު މަރުވެއްޖެނަމަ، އެ މީހެއްގެ މަރު ސާބިތުކުރިކަމުގެ ލިޔުމުގެ ކޮޕީއަކާއެކު، އެ މީހެއްގެ ޕާސްޕޯޓު ކެންސަލް ކުރުމަށް ޓަކައި، މޯލްޑިވްސް އިމިގްރޭށަނަށް ހުށަހެޅުމުން، އެ މީހެއްގެ ޕާސްޕޯޓު ކެންސަލް ކުރެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތުގެ އިތުރުން، ތިރީގައިވާ ހާލަތްތަކުގައި ޕާސްޕޯޓް ކެންސަލް ކުރުމުގެ އިހްތިޔާރު، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭށަނަށް ލިބިގެންވެއެވެ. 

(1) ޕާސްޕޯޓު ހެއްދުމަށްފަހު ބަލައި ނާންނަތާ 6 (ހައެއް) މަސްދުވަހަށްވުރެ ގިނަދުވަހު މޯލްޑިވްސް އިމިގްރޭށަނުގައި ބެހެއްޓިފައިވާ ޕާސްޕޯޓު؛

(2) ދައުލަތުގެ އިސް މަގާމް ފުރުމަށްފަހު އެ މަގާމު ގެއްލިފައިވާ ފަރާތްތަކުގެ ތެރެއިން އޮފިށަލް ޕާސްޕޯޓާއި ޑިޕްލޮމެޓިކް ޕާސްޕޯޓު ދޫކޮށްފައިވާ ފަރާތްތަކުގެ ޕާސްޕޯޓ.ު މިގޮތަށް ޕާސްޕޯޓު ކެންސަލް ކުރެވޭ ފަރާތްތަކުން، ޕާސްޕޯޓަށް އެދި ހުށަހެޅުމުން، އެ ފަރާތަކަށް ށަރުތު ހަމަވާ ބާވަތެއްގެ ޕާސްޕޯޓެއް ހަދައިދެވޭނެއެވެ.

(3) މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) އާއި، 7 ވަނަ މާއްދާގެ (ށ) ގެ ދަށުން ދާއިމީގޮތެއްގައި އޮފިށަލް ޕާސްޕޯޓާއި ޑިޕްލޮމެޓިކް ޕާސްޕޯޓު ލިބޭ ފަރާތްތަކުގެ ތެރެއިން އެ ފަރާތަކަށް ދޫކޮށްފައިވާ އޮފިށަލް ޕާސްޕޯޓާއި ޑިޕްލޮމެޓިކް ޕާސްޕޯޓު އަމިއްލައަށް އެދިގެން ކެންސަލްކުރަން ބޭނުންވާ ފަރާތްތަކުގެ ޕާސްޕޯޓ.ު މިފަދަ ފަރާތްތަކުގެ ޕާސްޕޯޓު ކެންސަލް ކުރެވޭނީ، ކެންސަލް ކުރުމަށް ބޭނުންވާ ސަބަބު ބަޔާންކޮށް، މޯލްޑިވްސް އިމިގްރޭށަނަށް ސިޓީއަކުން ހުށަހެޅުމުންނެވެ.

 

44 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 20 ވަނަ މާއްދާ އުނިކުރުން.

20 ވަނަ މާއްދާ - ކެންސަލް ކުރެވޭނެ މުއްދަތު.

(އުނިކުރެވިފައި)

 

45 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 21 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން. 

ކެންސަލް ކުރެވޭނެ ގޮތް 21.

(ހ) ޕާސްޕޯޓް ކެންސަލްކުރުމަށް އެދޭ ފަރާތަކީ ރާއްޖޭގައި ހުރި މީހެއްނަމަ، އެ ފަރާތުގެ ޕާސްޕޯޓް ކެންސަލް ކުރުމަށްފަހު އެ ފަރާތަށް ފޯނުން އެކަން އެންގުމަށްފަހު، ޕާސްޕޯޓް ކެންސަލްކޮށްފައިވާކަން 3 (ތިނެއް) ދުވަހުގެ ތެރޭގައި ލިޔުމުން ވެރިފަރާތަށް އަންގަންވާނެއެވެ.

(ށ) ރާއްޖެއިން ބޭރުގައިވާ މީހެއްނަމަ، ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީ މެދުވެރިކޮށް، އެ ގައުމެއްގައި ހުންނަ ދިވެހިރާއްޖޭގެ ފޮރިން މިށަނަށް، ޕާސްޕޯޓް ކެންސަލްކުރިކަން، ލިއުމުން އަންގަންވާނެއެވެ.

(ނ) ދިވެހިރާއްޖޭގެ ފޮރިން މިށަނެއް ނެތް ގައުމެއް ނަމަ، ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީ މެދުވެރިކޮށް، އެ ގައުމެއްގެ ފޮރިން މިނިސްޓްރީއަށް، ޕާސްޕޯޓު ކެންސަލްކުރިކަން، ލިޔުމުން އަންގަންވާނެއެވެ.

(ރ) މި މާއްދާގެ (ށ) އާއި (ނ) ގައިވާ ފަދައިން، ޕާސްޕޯޓު ކެންސަލްކުރިކަން،ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީ މެދުވެރިކޮށް ވެރިފަރާތަށް އެންގުމަށްފަހު، ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީން، މޯލްޑިވްސް އިމިގްރޭށަނަށް، ލިޔުމަކުން އެކަން އަންގަންވާނެއެވެ.

 

46 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 22 ވަނަ މާއްދާ އުނިކުރުން.

22 ވަނަ މާއްދާ - މުއްދަތު ހަމަވުން.

(އުނިކޮށްފައި)  

 

47 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 1 ގެ ގޮތުގައި "ފޮޓޯ ސްޓެންޑަރޑް ފޮރ މޯލްޑިވިއަން ޕާސްޕޯޓްސް" އިތުރުކުރުން.

 

48 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

 

 

(މި ގަވާއިދުގެ ޖަދުވަލު 1 އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި)

 

މައި ގަވާއިދު

ޕާސްޕޯޓާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2017-83)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު