ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް)
(ކޮންސޮލިޑޭޓެޑް ނަންބަރު 2015-19)
(1ވަނަ، 2ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ގާނޫނު ނަންބަރު 2011-15 (އިޖުތިމާއީ ސިއްހީ އިންށުއަރެންސްގެ ގައުމީ ނިޒާމުގެ ގާނޫނު) ގެ 21 ވަނަ މާއްދާގެ (ބ) އިން ރައީސުލް ޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ސިއްހީ ހިދުމަތުގެ ހަރަދު ހަމަޖައްސައިދޭ ގައުމީ ނިޒާމެއް ގާއިމުކޮށް، ކޮންމެ ދިވެހި ރައްޔިތަކަށްވެސް ބައިވެރި ވެވޭނެ ފުރުސަތު ހޯދައިދިނުމަށް ނޭށަނަލް ސޯށަލް ޕްރޮޓެކްށަން އެޖެންސީއާ ހަވާލު ކުރި ހިނދު، ސިއްހީ ހިދުމަތުގެ ހަރަދު ހަމަޖައްސައިދޭ ގައުމީ ނިޒާމެއް ގާއިމުކޮށް ކޮންމެ ދިވެހި ރައްޔިތަކުވެސް ބައިވެރި ކުރުމަށް ބޭނުންވާ ޔުނިވާސަލް ހެލްތު ސްކީމެއްގެ ގޮތުގައި ހުސްނުވާ އާސަންދަ ހިންގުމަށް އެޖެންސީއިން އާސަންދަ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި ހިނދު، ހުސްނުވާ އާސަންދަ ސްކީމް ހިންގުމަށްޓަކައި، އިޖުތިމާއީ ސިއްހީ އިންށުއަރެންސްގެ ގައުމީ ނިޒާމުގެ ގާނޫނުގެ 40 ވަނަ މާއްދާއިން ބާރު ލިބިގެން އެކުލަވައިލާފައިވާ ގަވާއިދެކެވެ.
(ށ) މިގަވާއިދަށް ކިޔަނީ "ހުސްނުވާ އާސަންދަ ސްކީމު ހިންގުމުގެ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - ސްކީމް ރޭވުމުގައި ބަލާމައިގަނޑު ކަންތައްތައް
"ހުސްނުވާ އާސަންދަ" އަކީ ދިވެހިރައްޔިތުންނަށް ސިއްހީ ފަރުވާގެ ހަރަދުތައް ހަމަޖައްސައިދިނުމަށްޓަކައި އެކުލަވައިލެވިފައިވާ ޔުނިވާސަލް ހެލްތު ސްކީމެކެވެ. މި ސްކީމްގެ ސަބަބުން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ކޮންމެހެން ބޭނުންވާ ސިއްހީ ހިދުމަތްތައް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ހޯދޭނެ މަގު ތަނަވަސްވެގެން ދާނެއެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން ސިއްހީ ހިދުމަތްތަކަށް އަމިއްލަ ޖީބުން ކުރަންޖެހޭ ހަރަދުތައް ކުޑަވެ، އާއިލާތަކަށް ކުރިމަތިވާ އިގްތިސާދީ ލޮޅުންތަކުން ސަލާމަތްވެތިބުމަށް މަގުފަހިވެގެންދާނެއެވެ. މި ސްކީމް ހިންގުމަށް ބަލާފައިވާ މައިގަނޑު އުސޫލުތައް ތިރީގައިވަނީއެވެ.
- ސިއްހީ ހަރަދުތައް ހަމަޖެއްސުމަށް ގާއިމުކުރެވޭ މި ސްކީމްގެ ސަބަބުން ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދީ ގައުމުގެ އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށް އެހީވެދިނުން.
- ސިއްހީ ހަރަދުތައް ހަމަޖެއްސުމަށް ރޭވޭ މި ސްކީމްގައި ރާއްޖޭގެ ހުރިހާ ރައްޔިތުން ބައިވެރިކުރުން.
- އެއްވެސް ކަހަލަ ތަފާތުކުރުމެއްނެތި ހަމަހަމަކަމާއެކު ސްކީމުގެ ހުރިހާ ބައިވެރީންނަށް ހިދުމަތް ލިބިދިނުން.
- ސްކީމް ހިންގުމަށް ލިބިފައިވާ ވަސީލަތްތައް ބޭނުންކުރުމުގައި އިގްތިސާދުކުރުމާއެކު ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތަކެއް ލިބިދިނުން.
- ސިއްހީ ހިދުމަތްތަކަށް ކުރަންޖެހޭ ހަރަދުތައް ބޮޑުވިޔަނުދީ ހިފެހެއްޓުމާއި ދެމެހެއްޓެނިވިގޮތެއްގައި ސިއްހީ ހިދުމަތްތަކަށް އަގުދެއްކޭނެ ގޮތްތަކެއް ހޯދައިދިނުން.
- ސިއްހީގޮތުން މީހުން ހޭލުންތެރި ކުރުމަށާއި ސްކީމްގެ ދަށުން ލިބިދޭ ހިދުމަތްތަކަށް މީހުން އަހުލުވެރިކޮށް އެންމެ އެކަށީގެންވާ ގޮތުގައި ސްކީމްގެ ހިދުމަތްތައް ބޭނުންކުރޭތޯ ބެލުން.
3 ވަނަ މާޢްދާ - މަގްސަދު
މިގަވާއިދުގެ މަގްސަދުތައް ތިރީގައި މިވަނީއެވެ.
(ހ) ހުސްނުވާ އާސަންދަ ސްކީމްގެ ދަށުން ދެވޭ ހިދުމަތްތައް ފޯރުކޮށްދެވޭ ފަރާތްތައް ކަނޑައަޅާނެ މިންގަ ނޑާއި އެފަރާތްތަކުން އަމަލުކުރަންޖެހޭ އުސޫލު ކަނޑައަޅައި ބަޔާންކުރުން.
(ށ) ހުސްނުވާ އާސަންދަ ސްކީމްގެ ދަށުން ލިބިދެވޭނެ ހިދުމަތްތަކާއި، ހިދުމަތުގެ މިންވަރު ބަޔާންކުރުން.
4 ވަނަ މާއްދާ - ސްކީމުގެ ބައިވެރިން
(ހ) ސްކީމުގެ ބައިވެރިންނަކީ މިގަވާއިދުގައި އެހެންގޮތަކަށް ބުނެފައިނުވާނަމަ އެންމެހާ ދިވެހި ރައްޔިތުންނެވެ.
(ށ) އަލަށް އުފަންވާ ކުދިން،ފުރަތަމަ 28 ދުވަސް ވަންދެން ހިދުމަތުގައި ބައިވެރި ކުރެވޭނީ އެދަރިފުޅުގެ މަންމައާ އެކުގައެވެ.
(ނ) ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިރައްޔިތުންނަށް މި ސްކީމްގެ ހިދުމަތް ލިބިގަނެވޭނީ އެހާލަތަކަށް ރިއާޔަތްކޮށް އާސަންދަ ކުންފުނިން ކަނޑައަޅާ އުސޫލެއްގެ މަތިން އެޖެންސީއިން އެންޑޯސްކޮށްފައިވާ ހިދުމަތްތަކަށެވެ.
5 ވަނަ މާއްދާ - ހިދުމަތްދޭ މަރުކަޒުތަކުގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް އެދެވޭނެ ތަންތަން
- ހޮސްޕިޓަލުތައް.
- ސަރުކާރުގެ ސިއްހީ މަރުކަޒުތައް.
- ސަރުކާރުގެ ހެލްތު ޕޯސްޓްތައް.
- ކްލިނިކްތައް.
- ފާމަސީތައް.
- ޑައިގްނޯސްޓިކް ސެންޓަރުތައް.
- އޮޕްޓިކަލްތައް.
- ސިއްހީ ހިދުމަތް ދިނުމުގައި ބޭނުންކުރާ އާލާތްތައް އެތެރެ ކުރާ ފަރާތްތައް.
- މެޑިކަލް އިވެކުއޭށަންގެ ހިދުމަތް ފޯރުކޮށްދޭފަދަ ދަތުރުފަތުރުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ފަރާތްތައް.
6 ވަނަ މާއްދާ - ސްކީމްގެ ދަށުން ދެވޭ ހިދުމަތްތައް ދިނުމަށް އެދޭ ފަރާތްތަކުގައި ހުންނަންޖެހޭ ށަރުތުތައް
ސްކީމްގެ ދަށުން ދެވޭ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެދެންވާނީ މިގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އަންނަނިވި ށަރުތުތުތައް ފުރިހަމަވާ ފަރާތްތަކުންނެވެ.
(ހ) ސިއްހީ ހިދުމަތުގެ ނުވަތަ ސިއްހީ ހިދުމަތާއި ގުޅުން ހުންނަ ހިދުމަތުގެ ވިޔަފާރި ކުރުމުގެ ހުއްދަ ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ދީފައިވާ ތަނަކަށްވުން.
(ށ) ސަރުކާރުގެ ކަމާބެހޭ އިދާރާގައި، ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގެ ލައިސަންސް ލިބިފައިވާ މެޑިކަލް ޕްރޮފެށަނަލުންގެ ހިދުމަތްދޭ ތަނެއްގެ ގޮތުގައި ރަޖިސްޓަރީ ކުރެވިފައިވާ ތަނަކަށްވުން.
(ނ) ސްކީމްގެ ދަށުން ހިދުމަތް ފޯރުކޮށްދިނުމަށް ހިދުމަތްދޭ ފަރާތާއި އާސަންދަ ކުންފުންޏާއި ދެމެދު އެއްބަސްވުމެއް ހެދިފައި އޮތުން.
(ރ) ސްކީމުގެ ދަށުން ސިއްހީ ހިދުމަތްދިނުމަށް އެދޭފަރާތުން ހުށަހަޅާ ސިއްހީ ހިދުމަތް ފޯރުކޮށް ދިނުމަށް ބޭނުންވާ ވަސީލަތްތަކާއި އާލާތްތައް ހުރިތަނަކަށްވުން.
(ބ) ފާމަސީއެއްނަމަ،އެތަނަކީ ސަރުކާރުގެ ކަމާބެހޭ އިދާރާގައި ބޭސް ވިއްކާތަނެއްގެ ގޮތުގައި ރަޖިސްޓަރީ ކުރެވިފައިވާ ތަނަކަށްވުމާއި، ޕްރިސްކްރިޕްށަނަށް ބޭސްދޫކުރުމުގެ ހުއްދަ ލިބިފައިވާ ފާމަސިސްޓުން ތިބި ތަނަކަށްވުން.
(ޅ) ސްކީމުގެ ދަށުން ސިއްހީ ހިދުމަތްދިނުމަށް އެދޭތަނަކީ އެތަނުގައި ހުރި ވަސީލަތްތަކާއި އާލާތްތައް ބޭނުންކޮށްގެން ހިދުމަތް ފޯރުކޮށްދިނުމުގެ ހުއްދަ، ސަރުކާރުގެ ކަމާބެހޭ އިދާރާއިން ލިބިފައިވާ، ފަންނީ މީހުންތިބި ތަނަކަށްވުން.
(ކ) ސްކީމުގެ ދަށުން ހިދުމަތް ފޯރުކޮށްދިނުމަށް އެދި ހުށަހަޅާ ސިއްހީ ހިދުމަތްދޭ ތަންތަނާއި ފާމަސީތަކަކީ އިންޓަނެޓް ކަނެކްށަން ދާއިމީކޮށް ލިބެންހުރި ތަނަކަށްވުން.
(އ) ސްކީމުގެ ދަށުން ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދޭން އެދޭ ފަރާތެއްނަމަ، މެޑިކަލް އިވެކުއޭށަންގެ ހިދުމަތް ފޯރުކޮށްދެވޭފަދަ އިންތިޒާމު ހަމަޖެހިފައިވާ ތަނަކަށްވުން.
(ވ) އެޖެންސީއިން ގަބޫލުކުރާ އަގެއްގައި ހިދުމަތް ފޯރުކޮށްދެވިދާނެ ފަރާތެއްކަމުގައިވުން.
(މ) ސްކީމުގެ ދަށުން ހިދުމަތްދޭން އެދޭ ތަންތަނުގެ ވެރިފަރާތާއި ހިދުމަތްދޭ ތަނަކީ މެޑިކަލް މަލްޕްރެކްޓިސްއެއްކޮށް ސާބިތު ވެފައިވާ މީހެއް ނުވަތަ ތަނަކަށް ނުވުން.
(ފ) (އުނި ކުރެވިފައި)
7 ވަނަ މާއްދާ - ސްކީމްގެ ދަށުން ހިދުމަތްދޭ ފަރާތްތަކުން ރަޖިސްޓަރީ ކުރުން
(ހ) މިސްކީމްގެ ދަށުން ހިދުމަތްދޭ ތަނެއްގެ ގޮތުގައި ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމު "ހުސްނުވާ އާސަންދައިގެ ދަށުން ހިދުމަތް ދިނުމަށް އެދި ހުށަހަޅާ ފޯމު" ފުރިހަމަކުރުމަށްފަހު އެ ފޯމުގެ ޒަރީއާއިންނެވެ. މި ފޯމުހުށަހަޅަންވާނީ، އެޖެންސީއަށް ނުވަތަ އެޖެންސީއިން ކަނޑައަޅާ ތަނަކަށެވެ. މި ގަވާއިދަށްއަމަލު ކުރަން ފަށާއިރު ހުސްނުވާ އާސަންދަ ސްކީމުގައި ރަޖިސްޓަރީ ކުރެވިގެން ހިދުމަތްދެމުންދާ ފަރާތްތައް އަލުން ރަޖިސްޓަރީ ކުރަން ނުޖެހޭނެއެވެ. އަލަށް ރަޖިސްޓަރީ ކުރުމަށް އެދޭ ފަރާތްތަކުން މަތީގައި ބަޔާންކުރެވިފައިވާ ފޯމާއެކު ތިރީގައި ކަނޑައެޅިފައިވާ ލިޔުންތައް ހުށަހަޅަން ވާނެއެވެ.
ރާއްޖޭގެ ސިއްހީ ހިދުމަތްދޭ މަރުކަޒެއްނަމަ:
- ރަޖިސްޓަރީ ވުމަށް އެދޭ ފަރާތަކި ސިއްހީ ހިދުމަތް ނުވަތަ ސިއްހީ ހިދުމަތާއި ގުޅުންހުރި ހިދުމަތްދޭ ތަނެއްގެ ގޮތުގައި ކަމާބެހޭ މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ ފަރާތެއްކަން ބަޔާންކޮށް އެމިނިސްޓްރީއިން ދޫކޮށްފައިވާ އެޓެސްޓްކޮށްފައިވާ ރަޖިސްޓަރީގެ ކޮޕީ.
- ހިދުމަތްދޭ ތަނެއްގައި މަސައްކަތް ކުރާ ފަންނީ މީހުންނަކީ ސަރުކާރުގެ ކަމާބެހޭ އިދާރާގައި ރަޖިސްޓަރީކޮށްފައިވާ ބައެއްކަން އެނގޭނޭ ލިޔުމާއި އެމީހުންގެ މައުލޫމާތު ހިމެނޭ ލިސްޓު ޖަދުވަލު 2 ގައިވާ ނަމޫނާއާ އެއްގޮތަށް ހުށަހެޅުން.
- ރަޖިސްޓަރީވާން އެދޭ ފަރާތުންދޭ ހިދުމަތާއި އެހިދުމަތައް ނަގާ އަގާއި ވިއްކާ ތަކެތީގެ އަގު ލިސްޓު، ސޮފްޓް ކޮޕީއަކާއެކު ހުށަހެޅުން.
ރާއްޖެއިން ބޭރުގެ ސިއްހީ ހިދުމަތްދޭ މަރުކަޒެއްނަމަ:
- ބައިނަލް އަގްވާމީ ނުވަތަ އެގައުމެއްގެ އެކްރެޑިޓް ކުރާ ބޯޑަކުން އެކްރެޑިޓް ކޮށްފައިވާ ހޮސްޕިޓަލަކަށްވުން.
- މަލްޓިސްޕެށަލިޓީ ހޮސްޕިޓަލަކަށްވުން.
- ހޮސްޕިޓަލަކީ ޒަމާނާ ވަސީލަތްތައް ބޭނުންކުރާ ރަނގަޅު ފެންވަރެއްގެ ހިދުމަތް އެކަށޭނަ އަގެއްގައިދޭ މަރުކަޒަކަށްވުން.
- ރަޖިސްޓަރީވާން އެދޭ ފަރާތުންދޭ ހިދުމަތަކީ ޕެކޭޖް އަގުތަކަށްވުމާއެކު މިއަގުތަކަކީ ނެގޯށިއޭޓްކުރެވޭނެ އަގުތަކަކަށްވުން.
- ރަޖިސްޓަރީވުމަށް އެދޭ މަރުޒަކީ އާސަންދައިގެ ގަވާއިދުތަކާއި އުސޫލުތަކަށް އެއްބަސްވާ ފަރާތެއްކަމުގައިވުން.
- ރަޖިސްޓަރީވުމަށް އެދޭ މަރުކަޒަކީ އާސަންދައިން ދިވެހިރައްޔިތުންނަށް އައުޓްރީޗް ހިދުމަތް ފޯރުކޮށްދިނުމަށް އެދިއްޖެ ހިނދެއްގައި އެހިދުމަތް ފޯރުކޮށްދެވޭ ފަރާތެއްކައުމުގައިވުން.
- ރަޖިސްޓަރީވުމަށް އެދޭ މަރުކަޒަކީ ކޭށްލެސްކޮށް ހިދުމަތް ފޯރުކޮށްދެވޭނެ ފަރާތެއްކަމުގައިވެފައި އަދި އެފަރާތުންދޭ ކްރެޑިޓް މުއްދަތަކީ މަދުވެގެން 90 ދުވަސްކަމުގައި ވުން.
8 ވަނަ މާއްދާ - މައުލޫމާތު ސައްހަކަން ކަށަވަރުކުރުން
ސްކީމްގެ ދަށުން ހިދުމަތް ފޯރުކޮށްދޭ މަރުކަޒެއްގެ ގޮތުގައި ރަޖިސްޓަރީވުމަށް އެދި ފޯމު ހުށަހެޅުމުން، ހުށަހެޅިފައިވާ މައުލޫމާތުގެ ސައްހަކަމާއި ހިދުމަތް ދިނުމުގެ ފެންވަރާއި ގާބިލުކަން ހުރި މިންވަރު ނޭށަނަލް ސޯށަލް ޕްރޮޓެކްށަން އެޖެންސީއިން ޗެކްކޮށް ބަލާނެއެވެ. މިގޮތުން ހާއްސަ ސަމާލުކަމެއް ދީގެން ބަލާނެ ކަންތައްތައް ތިރީގައި މިވަނީއެވެ.
(ހ) ސިއްހީ ހިދުމަތް ދިނުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާގައި ރަޖިސްޓަރީ ކުރެވިފައިވާކަން ނުވަތަ ނޫންކަން.
(ށ) ހިދުމަތް ފޯރުކޮށްދޭ ފަންނީ މީހުންނަކީ، އެދާއިރާގައި މަސައްކަތް ކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާގައި ރަޖިސްޓަރީ ކުރެވި، ހުއްދަ ދީފައިވާ ބައެއްކަން ނުވަތަ ނޫންކަން.
(ނ) ބަލިމީހުން ބެލުމަށް އެޖެންސީއިން ހަދާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ގާއިމުކުރެވިފައިވާ ތަނެއްކަން ނުވަތަ ނޫންކަން.
(ރ) އެޖެންސީއިން ހަދާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ހިދުމަތް ކުރިއަށް ގެންދިއުން.
9 ވަނަ މާއްދާ - ސްކީމްގެ ދަށުން ހިދުމަތްދޭ ތަންތަން ރަޖިސްޓަރީ ކުރުން
މިގަވާއިދުގެ 7 ،8 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ސްކީމްގެ ދަށުން ހިދުމަތްދޭ ތަނެއްގެ ގޮތުގައި އެތަނެއް ރަޖިސްޓަރީކޮށް އެކަން އެފަރާތަކަށް އަންގާނީ ނެށަނަލް ސޯށަލް ޕްރޮޓެކްށަން އެޖެންސީއާއި އާސަންދަ ކުންފުނިން އެކުލަވާލައި ހެދިފައިވާ ކޮމިޓީއަކުންނެވެ. މިކޮމިޓީގައި ތިއްބަވާނީ އާސަންދަ ކުންފުނީގެ 2 މެންބަރުންނާއި އެޖެންސީގެ 2 މެންބަރުންނެވެ.
10 ވަނަ މާއްދާ - ސްކީމްގެ ދަށުން ހިދުމަތްދޭ ފަރާތްތަކުން ހިފަހައްޓަންޖެހޭ މައިގަނޑު އުސޫލުތައް
(ހ) މި ސްކީމްގެ ދަށުން ހިދުމަތް ދިނުމަށްޓަކައި އާސަންދަ ޕްރައިވެޓް ލިމިޓެޑާއެކު ވެވިފައިވާ އެއްބަސްވުންތަކަށް ހުރުމަތްތެރިކޮށް ހިތުމާއެކު ސްކީމް ހިންގުމަށްޓަކައި ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް އަމަލު ކުރަންވާނެއެވެ.
(ށ) މި ސްކީމްގެ ދަށުން ހިދުމަތްދޭ ތަނަކަށް ނުވަތަ ފަރާތަކަށް، ހިދުމަތް ހޯދުމަށް މީހަކު ހިނގައްޖެނަމަ އެމީހެއްގެ އައި.ޑީކާޑު ބެލުމަށްފަހު އެމީހެއްގެ މައުލޫމާތު ހިދުމަތްދޭ ތަނުގެ ސިސްޓަމުން ބަލައި ހިދުމަތް ދެވެނީ އައި.ޑީކާޑުގައިވާ މީހާއަށްކަން ކަށަވަރުކުރުމަށް ފަހުގައެވެ.
(ނ) މިސްކީމުގެ ދަށުން ދެވޭ ހިދުމަތަށް މެމޯ ނުވަތަ ބިލު ހަދާކޮންމެ ފަހަރަކު އޮންލައިންކޮށް ހަދަންޖެހޭ ޓްރާންސެކްށަން އެއްބަސްވުމުގައި ކަނޑައެޅިފައިވާ ގޮތަށް ހަދަންވާނެއެވެ. ޓްރާންސެކްށަން ހަދަންޖެހޭ މުއްދަތަށް ނުހަދާ އޮތުމުންނާއި، މެމޯ ނުވަތަ ބިލުގައި ހުރި މައުލޫމާތަކީ ސައްހަ މައުލޫމާތު ކަމުގައިނުވާނަމަ އެކަމުގެ ޒިންމާ އުފުލާނީ އެހިދުމަތެއް ދިންފަރާތުންނެވެ.
(ރ) ސްކީމްގެ ދަށުން ހުއްދަ ކުރެވިފައިވާ ހިދުމަތްތައް ފިޔަވައި އެނޫން ހިދުމަތްތައް ސްކީމަށް ބިލުކޮށްގެން ނުވާނެއެވެ.
(ބ) ދަތުގައި ނަރުގަނޑުއެޅުވުމާއި، ދަތްސާފުކުރުމާއި، އަދި މިނޫންވެސް ސްކީމްގެދަށުން ހުއްދަ ނުކުރެވޭ އެކިއެކި ހިދުމަތް އޮޅުވާލައިގެން ހޯދަމުންދާކަން އެނގިއްޖެނަމަ އެހިސާބުން އެމީހެއްގެ ފަރުވާގެ ހަރަދު ސްކީމްގެ ދަށުން ކުރިޔަށްގެންދިޔުން ހުއްޓާލައި، ސްކީމް ހިންގާ ފަރާތަށް އަންގަންވާނެއެވެ.
(ޅ) އާސަންދައިގެ ދަށުން ހުއްދަނުކުރާ ހިދުމަތެއް ނުދިނުމާއި އަދި މިކަން ކަށަވަރު ކުރުމަކީ ހިދުމަތްދޭ ފަރާތުގެ ޒިންމާއެކެވެ. އަދި މިފަދަ ހިދުމަތްތައް ދިނުމަށްފަހު ބިލުކުރި ނަމަވެސް އެއަށް ފައިސާއެއް ނުދެވޭނެއެވެ.
(ކ) ފުރާނައަށް ނުރައްކާވުމުގެ ސަބަބުން ވަގުތުން ފަރުވާ ނުލިބިއްޖެނަމަ ދާއިމީ ނުކުޅެދުންތެރިކަމެއް މެދުވެރިވެދާނެކަމަށް ޑޮކްޓަރަށް ގަބޫލުކުރެވިގެން އިވެކުއޭޓް ކުރެވޭ ބަލިމީހާ އިވަކުއޭޓްކުރުމަށް އާސަންދައިން ދީފައިވާ ހުއްދައިގެ ކޮޕީ ބިލާއެކު ސްކީމް ހިންގާފަރާތަށް ހުށަހަޅަން ޖެހޭނެއެވެ.
(އ) އެއްވެސް މެމޯއެއް ނުވަތަ ރަސީދެއް ކެންސަލް ކުރެވިއްޖެނަމަ އެކަން އެމީހެއްގެ އެކައުންޓް ސްޓޭޓްމަންޓުގައި، ކެންސަލް ކުރިކަމަށް ލިޔެ އެ މެމޯ ނުވަތަ ރަސީދުގައިވާ ފައިސާގެ އަދަދު ސިސްޓަމުން ރަނގަޅުކުރަންވާނެއެވެ. އަދި ހިދުމަތް ލިބިގަތުމަށް އެދުނު ފަރާތަށް ދޫކުރި މެމޯ ނުވަތަ ރަސީދުގައި ކެންސަލްކުރިކަމުގެ ތައްގަ ނޑެއް ޖަހަންވާނެއެވެ.
(ވ) އެމްބިއުލާންސްގައި ގެނެވޭ ބަލިމީހުންނަށް ސްކީމްގެ ދަށުން އެމްބިއުލާންސްގެ ހަރަދު ބިލު ކުރެވޭނީ ކުއްލި ހާލަތްތަކާ ގުޅިގެން ގެނެވޭ މީހުންނަށާއި އެމްބިއުލަންސްގައި ގެނެވޭ މީހުންގެ ތެރެއިން އެޑްމިޓް ކުރެވޭ މީހުންނަށެވެ.
(މ) އާސަންދައާ ދެމެދު އެއްބަސްވެފައިވާ ހިދުމަތެއް އެއްވެސް ސަބަބަކާއި ހުރެ މެދުކެނޑިއްޖެނަމަ، 48 ގަޑިއިރުގެ ތެރޭގައި ލިޔުމަކުން އާސަންދައަށް އެކަން އަން ގަން ވާނެއެވެ.
(ފ) ފާމަސީ ބަންދުކޮށްފައި ހުންނަ ވަގުތުތަކުގައި ސިއްހީ ހިދުމަތްދޭ މަރުކަޒަކުން އެމަރޖެންސީ ހާލަތެއްގައި ބޭހެއް ދޫކޮށްދިނުމަށް އެދިއްޖެނަމަ އެކަން ހަމަޖައްސައި ދިނުމަކީ އެދެވިގެންވާކަމެކެވެ. އަދި އާސަންދައިގެ ދަށުން ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ ހިދުމަތްތަކާއި، ބަހައްޓަންޖެހޭ ބޭސް މެދުކެނޑުމެއްނެތި ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭންވާނެއެވެ.
(ދ) ޓެސްޓްތައް ހެދުމަށް ދޫކުރާ ފޯމާއި ބޭސްސިޓީ ފަދަ ލިޔުންތަކުގައި ހިދުމަތް ފޯރުކޮށްދޭ ފަރާތުގެ ނަމާއި ފުރިހަމަ އެޑްރެސް ޗާޕުކޮށްފައި އޮންނަންވާނެއެވެ. އަދި ބަލި މީހާއާބެހޭ ތިރީގައިވާ މައުލޫމާތު ލިޔެ ފުރިހަމަކުރަންވާނެއެވެ.
- ބަލީގެ ޑައިގްނޯސިސް ނުވަތަ ބައްޔާ ގުޅޭގޮތުން ވާ އުނދަގޫ.
- ފަރުވާ ހޯދާ މީހާގެ ނަމާއި، އުމުރާއި، އެޑްރެހާއި އަދި އައި.ޑީ ކާޑުގެ ނަންބަރު.
(ތ) ފަރުވާ ހޯދާ ފަރާތަށް ދޫކުރާ ބޭސް ސިޓީއާގައި ކޮންޓްރޯލްޑް ޑްރަގެއް ލިޔެދޭނަމަ، އެކަންވެސް ބޭސް ސިޓީގައި ބަޔާންކުރަންވާނެއެވެ.
(ލ) ބޭސް ލިޔެދެއްވި ޑޮކްޓަރުގެ ނަމާއި، ސޮޔާއި، ޑޮކްޓަރަށް ދީފައިވާ ހުއްދައިގެ ތައްގަނޑު ނުވަތަ އެމަރުކަޒެއްގެ ތައްގަނޑު ބޭސް ސިޓީގައި އޮންނަންވާނެއެވެ.
(ގ) ބޭސް ސިޓީ ލިޔުމުގައި ބޭހުގެ ނަން، ޖެނެރިކް ނަމުން ލިޔުމަށް އާސަންދައިން އަންގައިފި ހިނދެއްގައި ބޭހުގެ ނަން ލިޔަންވާނީ ބޭހުގެ ޖެނެރިކް ނަމުންނެވެ.
(ޏ) ކޮންސަލްޓޭށަން ފުރަތަމަ ހަދާ ތާރީހުން ފެށިގެން މަދުވެގެން 5 ދުވަހުގެ މުއްދަތަށް އިތުރު ހަރަދަކާ ނުލައި ފޮލޯއަޕް ހިދުމަތް ދޭންވާނެއެވެ.
(ސ) ޕްރިސްކްރިޕްށަންގައި ތިރީގައި މިވާ ކަންތައްތައް ފުރިހަމަވެފައި ވޭތޯ ބެލުމަކީ ސްކީމްގެ ދަށުން ބޭސް ލިޔެދެއްވާ ފަރާތާއި ބޭސްދޫކުރާ ފަރާތުގެ ޒިންމާއެކެވެ. އަދި ތިރީގައި މިވާ ކަންކަން ޕްރިސްކްރިޕްށަންގައި ފުރިހަމަވެފައި ނުވާނަމަ، ސްކީމުގެ ދަށުން އެފަދަ ޕްރިސްކްރިޕްށަންތަކަށް ފައިސާ ނުދެއްކުމުގެ އިހުތިޔާރު ސްކީމް ހިންގާ ފަރާތަށް ލިބިގެންވެއެވެ.
- ހިދުމަތްދޭ މަރުކަޒެއްގެ ލެޓަރހެޑްގައި ޕްރިސްކްރިޕްށަން ތައްޔާރުކޮށްފައި އޮތުން.
- ޕްރިސްކްރިޕްށަންގެ އަސްލު ކަމުގައިވުން.
- ޕްރިސްކްރިޕްށަން ލިޔެފައިވާ ތާރީހުން ފެށިގެން 30 ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވާ ޕްރިސްކްރިޕްށަނެއް ކަމުގައި ނުވުން.
- ޑޮކްޓަރުގެ ނަމާއި، ސޮއި އަދި ސްޓޭމްޕް ޖަހާފައިވުން (ޕްރިސްކްރިޕްށަންގައި ޑޮކްޓަރުގެ ސްޓޭމްޕް ނޫނީ ހިދުމަތްދޭ މަރުކަޒެއްގެ ސްޓޭމްޕް މިދެ ސްޓޭމްޕުގެ ތެރެއިން ކޮންމެ ވެސް އެއް ސްޓޭމްޕެއް ޖަހާފައިވާނަމަ ޕްރިސްކްރިޕްށަން ގަބޫލުކުރެވޭނެއެވެ.)
(ޑ) އަތުން ލިޔެފައިވާ ބޭސްސިޓީއެއް ކަމުގައި ވާ ނަމަ ފަރުވާ ހޯދާ ފަރާތަށް ބޭސް ދޫކުރުމަށްފަހު ބޭސް ސިޓީގެ އަސްލު ބޭސްފިހާރައިގައި ބާއްވަންވާނެއެވެ. ބިލު ކުރާއިރު ބޭސް ސިޓީގެ އަސްލު އާސަންދަ ކުންފުންޏަށް ބިލާއެކު ފޮނުވަންވާނެއެވެ. އަދި ބިލުގެ ކޮޕީއެއް ހިދުމަތް ހޯދާ ފަރާތަށް ދޭންވާނެއެވެ.
(ޒ) ބޭސް ފިހާރައިން ބޭސް ދޫކުރުމަށްފަހު ދޫކުރެވޭ ކޮންމެ ބޭހަކަށް ބޭސް ސިޓީގައި އެބޭހަކާއި ދިމާލުގައި ފާމަސީގެ ތައްގަނޑު ޖަހަންވާނެއެވެ.
11 ވަނަ މާއްދާ - ސިއްހީ ހިދުމަތްދޭ ފަރާތްތަކަށް ފައިސާ ދެއްކުން
(ހ) ސްކީމްގެ ދަށުން ހިދުމަތްދޭ ފަރާތަކަށް ފައިސާދެވޭނީ ދީފައިވާ ހިދުމަތްތަކަށް ބިލުގެ އަސްލު ހުށަހެޅުމުންނެވެ. ބިލު ހުށަހަޅާއިރު ބިލު ހުށަހަޅާނީ އާސަންދަ ކުންފުންޏާއެކު ހެދިފައިވާ އެއްބަސްވުމުގައި އެއްބަސްވެފައިވާ ލިޔެކިޔުންތަށް ހުށަހަޅަންޖެހޭނެއެވެ. ފައިސާ ދޫކުރެވޭނީ ހުށަހަޅާފައިވާ ހިދުމަތްތަކަކީ ދީފައިވާ ހިދުމަތެއްކަން ކަށަވަރު ކުރުމަށްފަހުގައެވެ.
(ށ) ހިދުމަތްދޭ ފަރާތުން ދީފައިވާ ހިދުމަތަށް ފައިސާ ހޯދުމަށް ހުށަހެޅިބިލުގައި މައްސަލައެއް ނެތްނަމަ ބިލުހުށަހަޅާ ތާރީހުން ފެށިގެން އެއްބަސްވެފައިވާ މުއްދަތުގެ ތެރޭގައި އެބިލުގައިވާ ފައިސާ ހަވާލު ކުރެވޭނެއެވެ.
(ނ) ހިދުމަތްދޭ ފަރާތުން ހުށަހަޅަންޖެހޭ ބިލު ތައްޔާރު ކުރުމަށްފަހު އެބިލާ ގުޅުންހުރި އެންމެހައި ލިޔުންތައް އީ-މެއިލް މެދުވެރިކޮށް ބިލު ހުށަހެޅިދާނެއެވެ. ބިލަށް ފައިސާ ދޫކުރެވޭނީ އާސަންދަ ކުންފުންޏާއެކު އެއްބަސްވެފައިވާ ގޮތަށް ފައިސާ ހޯދުމަށް ބިލުގެ އަސްލާއި އެބިލާ ގުޅުންހުރި ލިޔުންތަކުގެ އަސްލު އާސަންދައަށް ލިބުމުންނެވެ.
(ރ) މި ސްކީމަކީ، ކަނޑައެޅޭ އުސޫލުތަކެއްގެ މަތީން އޯޑިޓް ކުރެވެމުންދާ ސްކީމެއް ކަމުން، އޯޑިޓްކޮށް ނިމެންދެން ނުވަތަ އެޖެންސީއިން ކަނޑައަޅާ މުއްދަތަކަށް ފައިސާއާ ބެހޭ ހުރިހާ ލިޔެކިޔުންތަކާއި ބަލިމީހާގެ ރިކޯޑުތައް ރައްތެރިކަމާއިއެކު ބަލަހައްޓަން ވާނެއެވެ.
12 ވަނަ މާއްދާ - ބިލުތަކަށް ފައިސާ ނުދިނުމާއި ބިލުތަކުންފައިސާ އުނިކުރުން
(ހ) މި ސްކީމްގެ ދަށުން ހިދުމަތްދޭ ފަރާތްތަކުން ފައިސާ ހޯދުމަށް ބިލު ހުށަހަޅާއިރު ތިރީގައިވާ ހާލަތުންކުރެ ހާލަތެއް މެދުވެރިވެއްޖެނަމަ ބިލަށް ފައިސާ ނުދިނުމުގެ އިހުތިޔާރު އާސަންދަ ކުންފުންޏަށް ލިބިގެންވެއެވެ.
- ދޭންނުޖެހޭ ހިދުމަތެއް ދީފައިވާކަން ފާހަގަކުރެވުން.
- ސިއްހީ ހިދުމަތް ދިނުމުގެ އާންމު އުސޫލާ ހިލާފަށް ހިދުމަތް ދީފައިވުން.
- ހުއްދަނުކުރާ ބޭހާއި ފެންވަރުދަށް ބޭސް ދީފައިވާކަން ފާހަގަވުން.
- ގަޑުބަޑުކޮށްފައިވާ ބޭހާއި ބްރޭންޑް އޮޅުވާލާފައިވާ ބޭސް ދީފައިވާކަން ފާހަގަވުން.
- އާސަންދަ ކުންފުންޏާއެކު ހެދިފައިވާ އެއްބަސްވުމުގައި ހިމެނޭ ބޭހުގެ އަގު ލިސްޓުގައި ނުހިމެނޭ ބޭސް ދީފައިވުން.
(ށ) މި ސްކީމްގެ ދަށުން ހިދުމަތްދޭ ފަރާތްތަކުން ފައިސާ ހޯދުމަށް ބިލު ހުށަހަޅާއިރު ތިރީގައިވާ ހާލަތުންކުރެ ހާލަތެއް މެދުވެރިވެއްޖެނަމަ ބިލުން ފައިސާ އުނިކުރުމުގެ އިހްތިޔާރު އާސަންދަ ކުންފުންޏަށް ލިބިގެންވެއެވެ.
- ކުރަންޖެހޭ ވަރަށްވުރެ އިތުރަށް ޓެސްޓުތަކާއި ތަހުލީލުތައް އަދި ފަރުވާދީފައިވުން. މިކަން ކަށަވަރުކުރަންވާނީ އާސަންދައަށް ހުށަހަޅާ ބިލުތަކާއި، މިބިލުތަކާއެކު ހުށަހަޅާ ލިޔެކިޔުންތަކަށް ރިއާޔަތްކުރުމަށްފަހުގައެވެ.
- ބޭނުންވާ މިންވަރަށްވުރެ އިތުރަށް ބޭސްދީފައިވާކަން ފާހަގަކުރެވުން.
- އާސަންދަ ކުންފުންޏާއެކު ހެދިފައިވާ އެއްބަސްވުމުގައި ހިމެނޭ ބޭހުގެ އަގު ލިސްޓުގައި އެއްބަސްވެފައިވާ އަގަށް ވުރެ ބޮޑުކޮށް ވިއްކާފައިވުން.
(ނ) ސްކީމްގެ ދަށުން ހިދުމަތް ދިނުމަށްފަހު ހުށަހަޅާ ބިލަކަށް ފައިސާ ނުދިނުމަށް ނުވަތަ އުނިކުރަންޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ އެކަން ހިދުމަތްދޭ ފަރާތަށް ކުންފުނިން 30 ދުވަހުގެ ތެރޭގައި ސަބަބު ބަޔާންކޮށް އަންގަންވާނެއެވެ.
13 ވަނަ މާއްދާ - ރިފަރކުރެވޭނެ ހާލަތްތައް
ސްކީމްގައި ހިމެނޭ އެއް މަރުކަޒުން އަނެއް މަރުކަޒަށް ބަލިމީހާ ރިފަރކުރެވޭނީ ތިރީގައިމިވާ ހާލަތްތަކުގައެވެ.
(ހ) ސިއްހީ ހިދުމަތްދޭ އެއްވެސް މަރުކަޒަކުން އެހިދުމަތެއް ދެވެންނެތް ހާލަތުގައި އެހެން މަރުކަޒަކަށް ރިފަރ ކުރުން.
(ށ) ރާއްޖޭން ލިބެންނެތް ހިދުމަތަކަށް ރާއްޖޭންބޭރަށް ދިއުމަށް.
- އާސަންދައިން ހުއްދަކުރާ ރާއްޖޭގައި ލިބިނުދެވޭ ހިދުމަތަކަށް ރާއްޖެއިން ބޭރަށް ރިފަރ ކުރެވުން.
- އާސަންދައިގާ ރަޖިސްޓަރީ ވެފައިވާ ހިދުމަތް ދޭ މަރުކަޒެއްގައި ދެވޭ ހިދުމަތްތަކުގެ ތެރެއިން އާސަންދަ ކުންފުންޏާއެކު އެއްބަސްވެފައި ނުވާ ހިދުމަތަކަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ އިހުތިޔާރު އާސަންދަ ކުންފުންޏަށް ލިބިގެންވޭ.
(ނ) އިމަޖެންސީ ހާލަތްތަކާގުޅިގެން އެއްމަރުކަޒުން އަނެއް މަރުކަޒަށް ގެންދިއުމަށް.
14 ވަނަ މާއްދާ - ރިފަރކުރުމަށް ހުއްދަދެވޭ ތަންތަން
ރިފަރކުރުމުގެ ހުއްދަދެވޭނީ އެބައްޔެއްގެ ހާއްސަ ޑޮކްޓަރުން ތިއްބަވާ އާސަންދަ ސްކީމްގެ ދަށުން ހިދުމަތް ދިނުމަށް ރަޖިސްޓަރީ ވެފައިވާ ހިދުމަތްދޭ ތަންތަނަށެވެ.
15 ވަނަ މާއްދާ - ރިފަރކުރުމުގައި އަމަލުކުރަންވީގޮތް
އާސަންދައިގެ ދަށުން ރިފަރކުރުމަށް ފުރަންޖެހޭ ރިކޮމެންޑޭށަން ފޯމު ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ފުރައި، ލިޔެކިޔުންތަކާއެކު އާސަންދަ ކުންފުނީގެ ފްރަންޓް އޮފީހަށް ހުށަހެޅުން.
16 ވަނަ މާއްދާ - ހިދުމަތްދޭ ފަރާތްތައް މޮނިޓަރ ކުރުން
(ހ) ހުސްނުވާ އާސަންދަ ސްކީމުގެ ދަށުން ހިދުމަތްދޭ ތަންތަން އެޖެންސީއާއި ކުންފުނިން މޮނިޓަރ ކުރަމުންދާނެއެވެ. އެޖެންސީގެ މޮނިޓަރިންގ ޓީމުގައި ހިމެނޭ ފަރާތްތައް ކަނޑައަޅާނީ އެޖެންސީންނެވެ. އަދި ކުންފުނީގެ މޮނިޓަރިން ޓީމުގައި ހިމެނޭނީ ކުންފުނީގެ "ފްރޯޑް އެންޑް އިންވެސްޓިގޭށަން" ޑިޕާޓްމަންޓުގެ މުވައްޒަފުންނެވެ. މޮނިޓަރިންގ ޓީމުތަކުން އެތަނަކުން ބަލަންބޭނުންވާ ކަންކަން ބެލޭނޭ އިންތިޒާމު ހިދުމަތްދޭ ތަންތަނުން ހަމަޖައްސައިދޭންވާނެއެވެ.
(ށ) ހުސްނުވާ އާސަންދަ ސްކީމުގެ ދަށުން ހިދުމަތްދޭ، ރާއްޖެއިން ބޭރުގެ ތަންތަން މޮނިޓަރ ކުރާނީ މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލުގެ މަތިންނެވެ.
(ނ) އެޖެންސީއިން މޮނިޓަރ ކުރާއިރު، ސައްހަނޫން މައުލޫމާތުގެ މައްޗަށް ބިނާކޮށް ނުވަތަ އޮޅުވާލައިގެން ސްކީމުގެ ދަށުން ފައިސާއެއް ހޯދާފައިވާކަން ސާބިތުވެއްޖެނަމަ، އެފައިސާއެއް ދެފަރާތް އެއްބަސްވާ އުސޫލެއްގެ މަތިން އަދި އެއްބަސްވާ މުއްދަތެއްގެ ތެރޭގައި ސްކީމް ހިންގާ ފަރާތަށް ދައްކަންވާނެއެވެ. އަދި މި އެއްބަސްވާ ގޮތާ ހިލާފުވެއްޖެނަމަ އެހިދުމަތްދޭ ފަރާތާއި ކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް ތަންފީޒުކުރަންވާނެއެވެ.
(ރ) މިމާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން އާސަންދައިން ބަލާ ޗެކްކުރުމަށްފަހު އިސްލާހު ކުރަންޖެހޭ ކަމެއް ހުރިނަމަ އެކަމެއް އިސްލާހުކުރުމަށް އަންގާނެއެވެ. މިގޮތުން އަންގާ އެންގުންތަކަށް އަމަލު ނުކުރާ ފަރާތްތައް ސްކީމުން ސަސްޕެންޑް ކުރުމުގެ އިހްތިޔާރު އެޖެންސީއަށް ލިބިގެންވެއެވެ.
17 ވަނަ މާއްދާ - މި ސްކީމްގެ ދަށުން ލިބިދެވޭ ބޭހުގެ ލިސްޓު
ސްކީމްގެ ދަށުން ބޭސްނަގާ ފަރާތްތަކަށް ބިލު ކޮށްދޭގޮތަށް ހުއްދަ ކުރެވިފައިވަނީ އާސަންދަ ކުންފުންޏާއެކު ހެދިފައިވާ އެއްބަސްވުމުގައި ހިމެނޭ ބޭހުގެ އަގު ލިސްޓުގައި ހިމެނޭ ބޭސްތަކެވެ.
18 ވަނަ މާއްދާ - ސްކީމްގެ ހިދުމަތްތަކާއި، ހިދުމަތްތަކުގެ މިންވަރު
(ހ) ހުސްނުވާ އާސަންދައިގެ ދަށުން ލިބިދެވޭ ހިދުމަތްތަކަކީ އެއްވެސް ލިމިޓެއް ކަނޑައެޅިފައިނުވާ ހިދުމަތްތަކެކެވެ. ނަމަވެސް ނަންބަރު އައިނު ހެއްދުމަށް ކަނޑައެޅިފައި ވަނީ ކޮންމެ ދެ އަހަރަކުން އެއް އަހަރު އާސަންދައިން ކަނޑައެޅޭ އަގަކަށެވެ.
(ށ) ހުސްނުވާ އާސަންދަ ސްކީމްގެ ދަށުން ލިބިދެވޭ ދަތުގެ ފަރުވާ؛
- ފްލެޕް އެކްސިށަން/އޮޕަރކިއުލެކްޓޮމީ
- ސިސްޓް ރިމޫވަލް
- ޖިންޖިވެކްޓޮމީ
- ފްރެނެކްޓޮމީ
- އިންސިށަން އެންޑް ޑްރެއިނޭޖް
- އެޕިސެކްޓޮމީ
- ޖިންޖިވިއޮޕްލާސްޓީ
- އެކްސްޓްރެކްށަން (ދަތް އުފުރުން)
- ދަތުގެފިލިން
- ރޫޓް ކެނަލް ޓްރީޓްމަންޓް
- ސްޕްލިންޓިން އޮފް މޮބައިލް ޓޫތު
- ޑެންޓަލް އެކްސްރޭ
(ނ) ސްކީމްގެ ދަށުން ލިބިނުދެވޭނެ ހިދުމަތްތައް؛
- ކޮޓަރީގައި އެޑްމިޓްކުރެވޭ ބަލިމީހާގެ ޕްރައިވެޓް ކޮޓަރި ފީ.
- އާސަންދަ ހިދުމަތް ފޯރުކޮށްދިނުމަށް ރަޖިސްޓަރީ ކޮށްފައިނުވާ މަރުކަޒަކުން ދެވޭ ހިދުމަތްތައް.
- ރަލާއި، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ދެވޭ ހާއްސަ ފަރުވާ (ޑިޓޮކްސިފިކޭށަން އާއި މެތަޑޯން) އެއީ ވަކި ބަޖެޓްއަކުން ސަރުކާރުގެ ވަކި މުއައްސަސާއަކުން ހަމަޖެހިގެން ފަރުވާއަކަށްވާތީދާތީއެވެ.
- ހަށިގަނޑު ރީތިކުރުމުގެ ގޮތުން ކުރެވޭ ހުރިހާ ބާވަތެއްގެ ފަރުވާ (މީގެ ތެރޭގައި ދަތުގައި ނަރުގަނޑު އެޅުވުން، އަދި ދަތްތައް ރީތި ކުރުން ފަދަ ކަންތައް ހިމެނޭ) އާއި ކޮންޓެކްޓް ލެންސް އަދި އަވިއައިނު.
- ނުކުޅުދުންރެތިކަން ހުންނަ މީހުންނަށް ބޭނުންވާ އާލާތްތަކުގެ ހަރަދު. އެއީ އެންސްޕާގެ ވަކި ބަޖެޓަކުން ހަމަޖައްސައިދޭކަމަކަށްވާތީ (ހިއެރިންގ އެއިޑް، ވީލްޗެއަރ ފަދަ ތަކެތި).
- ބޮލުން އިސްތަށި ފޭބުން ހުއްޓުވުމަށް ނުވަތަ އަލުން އިސްތަށި ފެޅުވުމަށް ނެގޭ ފަރުވާ.
- ގުގުރި ދެމުން ހުއްޓުވުމަށް ދެވޭ ފަރުވާ.
- ކަސްރަތުކުރުމަށް ހިގާ ހަރަދާއި ބޭނުންވާ އެކިއެކި ސާމާނު.
- ޑޮކްޓަރުގެ ބޭސް ސިޓީއަކާ ނުލައި ގަންނަ ބޭސްތަކާއި ޑޮކްޓަރުގެ ލަފަޔަކާއި ނުލައި ހަދާ ޓެސްޓުތައް.
- ޑޮކްޓަރެއްގެ އެޑްމިށަން ސްލިޕްއަކާ ނުލައި، ހަމައެކަނި ތަހްލީލުތަކެއް ކުރުމަށް ނުވަތަ އެކްސްރޭ ނެގުމަށް ނުވަތަ މެޑިކަލް ޗެކަޕް ހެދުމަށް ހޮސްޕިޓަލުގައި އެޑްމިޓްކުރުމަށް ހިނގާ ހަރަދުތައް.
- ކާނާގެ ބާވަތްތަކާއި، ކާނާގެ ބައިތައް ހަށިގަ ނޑަށް ލިބިދިނުމުގެ ގޮތުން ތައްޔާރު ކޮށްފައިވާ އެކިކަހަލަ ސަޕްލިމެންޓްތަކާއި، އަދި މިނޫންވެސް ރީތިވުމަށް ބޭނުންކުރާ އެކި ކަހަލަ ސާމާނު، މިސާލު:ށޭމްޕޫ، ސައިބޯނި، ދަތް އުގުޅާބޭސް ފަދަ ތަކެތި (މިފަދަ ތަކެތި ޑޮކްޓަރ ބޭސްސިޓީގައި ލިޔެދެއްވިކަމުގައި ވިޔަސް ސްކީމްގެ ދަށުން ލިބި ނުދެވޭނެ)
- ކައުންސެލިންގ ދިނުމަށް ހިނގާ ހަރަދުތައް. (ނަމަވެސް ކުލިނިކަލް ސައިކޮލޮޖީ ކައުންސެލިންގ ކަވަރ ކުރާނެ)
- މަސާޖު ކުރުން/ މަސާޖު ކުރުމަށް ހިނގާ ހަރަދުތައް.
- ހަށިގަނޑުގެ ބަރުދަން ލުއި ކުރުމަށް ކުރެވޭ އެކިކަހަލަ ފަރުވާތައް.
- އެޑްމިޓްކޮށްގެން ނުވަތަ އޮބަޒަވޭށަނަށް އޮންނަ ވަގުތު ހިނގާ ޓީ.ވީ، ރޭޑިޔޯ، ފޯނު، އަދި ކެއުން ފަދަ ހަރަދުތައް.
- އަޖުމަ ބެލުމަށް ކުރެވޭ ތަހުލީލުތަކާއި،ހުއްދަ ނުކުރެވޭ ފަރުވާތައް (ހުއްދަނުކުރުވޭ ފަރުވާތަކަކީ ހަމައެކަނި ދިރާސާކުރުމުގެ މަގުސަދުގައި ކުރެވޭ ތަހްލީލުތަކާއި ފަރުވާތައް)
- ޖިންސީ ފުއްދުން ތެރިކަން އިތުރުކުރުމަށް ކުރެވޭ ފަރުވާ.
- ޖިންސީ ގުނަވަނެއް ބަދަލު ކުރުމާ ގުޅިފައިވާ ފަރުވާ.
- ވެކްސިން (ނޭށަނަލް އިމިއުނިޒޭށަން ށެޑިއުލްގެ ތެރެއިން ހިލޭ ލިބޭ ފަރުވާއަކަށް ވާތީ)
- ކޮމްޕްލިމެންޓަރީ މެޑިސިން (އަޔުރުވެދިކް، ޔޫނާއީ، އެކިއުޕަންކްޗަރ، ދިވެހިބޭސް، ޗައިނީސް މެޑިސިން) އަދި މިނޫންވެސް މިފަދަ ފަރުވާތައް.
- އިކޮނޮމީ ކްލާސް ނޫން އެހެން ކްލާސްތަކުގެ ޓިކެޓް އަގު.
- ސިއްހީ ގޮތުންނާއި ދީނީގޮތުން ހުއްދަ ނުކުރާ އެބޯރށަންތައް (މިކަން ކަނޑައަޅާނީ ކުންފުންޏަށް ހުށަހަޅާ ޑޮކްޓަރުގެ ލިޔެކިޔުންތަކަށް ރިއާޔަތްކޮށް ކުންފުނީގެ މެޑިކަލް ޑިޕާޓްމަންޓުންނެވެ)
23. (އުނި ކުރެވިފައި)
(ރ) ދަރިން ނުލިބޭ މީހުން ދަރިން ހޯދުމަށް ކުރާ ފަރުވާ (އިންފަރޓަލިޓީ) އާ ގުޅޭ ހިދުމަތްތައް ފޯރުކޮށްދޭންވާނީ، އެކަމަށް ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުންނެވެ. އަދި މި އުސޫލު އާންމުކޮށް ށާއިއު ކުރަންވާނެއެވެ. (އިތުރު ކުރެވިފައި)
(ބ) މި މާއްދާގެ (ނ) ގައި ސްކީމުގެ ދަށުން ލިބި ނުދެވޭނެ ކަމަށް ބަޔާންކޮށްފައިވާ ހިދުމަތްތައް ފިޔަވައި ދެން ހުރި ހިދުމަތްތައް، އެކަމާ ގުޅިގެން ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން ފޯރުކޮށްދެވިދާނެއެވެ. އަދި މި އުސޫލުތައް އާންމުކޮށް ށާއިއު ކުރަންވާނެއެވެ. (އިތުރު ކުރެވިފައި)
19 ވަނަ މާއްދާ - ހުސްނުވާ އާސަންދަ ސްކީމްއާ ގުޅޭ މައުލޫމާތު
ހުސްނުވާ އާސަންދަ ސްކީމުން ލިބިދެވޭ ހިދުމަތްތަކާއި، ލިބިނުދެވޭ ހިދުމަތްތަކާއި، ސްކީމްގެ ދަށުން ހިދުމަތްދޭ މަރުކަޒުތަކާއިގުޅޭ ހުރިހާމައުލޫމާތެއް އާސަންދަ ވެބްސައިޓުން ލިބެން ހުންނާނެއެވެ. ވެބްސައިޓުގެއެޑްރެހަކީ: aasandha.mv އެވެ. އަދި ސްކީމުން ލިބިދެވޭ ނުވަތަ ނުދެވޭ ހިދުމަތްތަކާގުޅޭ އިތުރު މައުލޫމާތު އާސަންދައިގެ ސައުވީސްގަޑިއިރުގެ ހޮޓްލައިން ނަންބަރު 1400 އިން ލިބޭނެއެވެ.
20 ވަނަ މާއްދާ - ށަކުވާ ހުށަހެޅުން
(ހ) ސްކީމުން ލިބިދެވޭ ހިދުމަތްތަކާއި، ސްކީމް ރޭވިފައިވާ ގޮތާއި އަދި ސްކީމްގެ ދަށުން ހިދުމަތް ހޯދުމުގައި ދިމާވާ ދަތިތަކާއި އަދި މިނޫންވެސް މިފަދަ ކަންކަމާގުޅޭ އެއްވެސް ށަކުވާއެއްވާނަމަ އެށަކުވާއެއް އަންނަނިވި ގޮތުގެ މަތިން އެޖެންސީއަށް ނުވަތަ ކުންފުންޏަށް ހުށަހަޅަންވާނެއެވެ.
(ށ) ހުށަހެޅޭ ށަކުވާތައް ކުންފުންޏާއި އެޖެންސީއާ ގުޅިގެން ހައްލުކުރުމަށް މަސައްކަތްކުރަންވާނެއެވެ.
- އެޖެންސީގެ ވެބްސައިޓް www.nspa.gov.mv މެދުވެރިކޮށް އޮންލައިންކޮށް ށަކުވާ ހުށަހެޅުމަށް ހާއްސަކުރެވިފައިވާ ފޯމުން
- އެޖެންސީގެ ނަންބަރު 3005353 އާ ގުޅުއްވައިގެން ނުވަތަ 3003535 ނަންބަރަށް ފެކްސް ކޮށްގެން
- 1400 ނުވަތަ 3011417 އަށް ގުޅުއްވާ 3013636 އަށް ފެކްސް ކޮށްގެން.
21 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މިގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރެވޭ ތާރީހުން ފެށިގެންނެވެ.
22 ވަނަ މާއްދާ - ގަވާއިދު ތަންފީޒުކުރުމާއި އިސްލާހުކުރުން
މި ގަވާއިދުގެ ދަށުން ކުރަންޖެހޭ އެންމެހައި ކަންކަން ތަންފީޒުކުރުމަކީ ނެށަނަލް ސޯށަލް ޕްރޮޓެކްށަން އެޖެންސީގެ ޒިންމާއެކެވެ. އަދި މި ގަވާއިދާށް އިސްލާހެއް ގެންނަންޖެހިއްޖެ ހިނދެއްގައި އެ އިސްލާހު ގެނައުމުގެ ބާރު ލިބިގެންވަނީ މި ސްކީމު ބެލެހެއްޓުމަށް ގާނޫނު ނަންބަރު 2011-15 ގެ ދަށުން އައްޔަނު ކުރެވިފައިވާ ބޯޑަށެވެ.
23 ވަނަ މާއްދާ - މާނަ ކުރުން
މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނިވި ބަސްތައް މާނަކުރާނީ މި މާއްދާގައި އެބަސްތަކުގެ މާނަކަމުގައި ބަޔާންކޮށްފައިވާ ގޮތަށެވެ.
(ހ) "ސްކީމް" ކަމުގައި ބުނެފައި އެވަނީ، ހުސްނުވާ އާސަންދަ ސްކީމް.
(ށ) "އެޖެންސީ" ކަމުގައި ބުނެފައި އެވަނީ، ނޭށަނަލް ސޯށަލް ޕްރޮޓެކްށަން އެޖެންސީ.
(ނ) "އާސަންދަ/ކުންފުނި" ކަމުގައި ބުނެފައި އެވަނީ، އާސަންދަ ޕްރައިވެޓް ލިމިޓެޑް.
(ރ) "އެއްބަސްވުން" ކަމުގައި ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ހިދުމަތް ފޯރުކޮށްދިނުމަށް އެދޭ ފަރާތުން ހިދުމަތް ފޯރުކޮށްދިނުމާގުޅޭ އުސޫލުތައް ބަޔާންކުރާ އެއްބަސްވުން.
ޖަދުވަލު 1
ޖަދުވަލު 2
މައި ގަވާއިދު
ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2015-19)
މިގަވާއިދަށް ގެނެވުނު އިސްލާހު
މައި ގާނޫނު
އިޖްތިމާއީ ސިއްހީ އިންށުއަރަންސްގެ ގައުމީ ނިޒާމުގެ ގާނޫނު (ގާނޫނު ނަންބަރު 2011-15)
ކިޔުންތެރިންގެ ހިޔާލު