-

ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް، އަދި ޔޮޓް ބަނދަރު ތަރައްގީކުރުމަށް ދޫކޮށްފައިވާ ރަށްރަށުގެ ފަޅުގެ ސަރަހައްދު ކަނޑައެޅުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް)

(ކޮންސޮލިޑޭޓެޑް ނަންބަރު 2012-07)

(1ވަނަ، 2ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގަވާއިދަކީ ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ ދަށުން ބާރުލިބިގެން އެކުލަވާލެވިފައިވާ ގަވާއިދެކެވެ. (އިސްލާހު ކުރެވިފައި)

(ށ) މިގަވާއިދަށް ކިޔާނީ "ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް އަދި ޔޮޓް ބަނދަރު ތަރައްގީކުރުމަށް ކުއްޔަށްދޫކޮށްފައިވާ ރަށްރަށގެ ފަޅުގެ ސަރަހައްދު ކަނޑައެޅުމާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

(ހ) މިގަވާއިދުގެ މަގުސަދަކީ ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓް ހައުސް އަދި ޔޮޓް ބަނދަރު ތަރައްގީކުރުމަށް ކުއްޔަށްދޫކުރާ ރަށްރަށުގެ ފަޅުގެ ސަރަހައްދު ކަނޑައެޅުމުގެ އުސޫލު ކަނޑައެޅުމެވެ.

(ށ) މި ގަވާއިދުގައި "ޓޫރިސްޓް ރިޒޯޓް" ކަމަށް ބުނެފައިވާ ކޮންމެތަނެއްގައި، ޓޫރިސްޓް ހޮޓާ، ޓޫރިސްޓް ގެސްޓް ހައުސް، ޔޮޓް ބަނދަރު ހިމެނޭނެއެވެ.

 

3 ވަނަ މާއްދާ - ފަޅުގެ ސަރަހައްދު ކަނޑައެޅުން (ސުރުހީ އާއި މާއްދާ އިސްލާހު ކުރެވިފައި)

(ހ) ޓޫރިސްޓް ރިޒޯޓު ތަރައްގީ ކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށެއްގެ، ކުއްޔަށް ދިނުމާބެހޭ އެއްބަސްވުމުގައި އެ ރަށެއްގެ ފަޅުގެ ސަރަހައްދު ކަނޑައަޅާފައިވާނަމަ، އެ ރަށެއްގެ ފަޅުގެ ސަރަހައްދަކީ ކުއްޔަށް ދިނުމާބެހޭ އެއްބަސްވުމުގައި އެ ރަށެއްގެ ފަޅުގެ ސަރަހައްދުކަމަށް ކަނޑައަޅާފައިވާ ސަރަހައްދެވެ. (އިސްލާހު ކުރެވިފައި)

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރަށެއް ފިޔަވައި، އަދި ފަތުރުވެރިކަމަށް ކުއްޔަށް ދޫކޮށްފައިވާ ރަށެއްގެ ފަޅުތެރޭގައި އެހެން ރަށެއް ނުވަތަ ފިނޮޅެއް ހިމެނޭ ރަށްތައް ފިޔަވައި، ފަތުރުވެރިކަމަށް ކުއްޔަށް ދޫކޮށްފައިވާ ރަށްރަށުގެ ތެރެއިން، ރަށުގެ ހޭޅިފަށުން ފެށިގެން ފަރުގެ ބޭރުކައިރިއާ ހަމައަށް 500 (ފަސްސަތޭކަ) މީޓަރަށްވުރެ ބޮޑު ފަޅުގެ ސަރަހައްދެއްވާ ރަށްރަށުގެ ފަޅުގެ ސަރަހައްދަކީ އެ ރަށުގެ ހޭޅިފަށުން ފެށިގެން 500 (ފަސްސަތޭކަ) މީޓަރާ ހަމައަށް އޮންނަ ފަޅުގެ ސަރަހައްދެވެ. އަދި މި މާއްދާގައި ބަޔާންކޮށްފައިވާ ރަށްރަށުގެ ހޭޅިފަށުން ފެށިގެން 500) ފަސްސަތޭކަ) މީޓަރަށްވުރެ އިތުރުވާ ފަޅުގެ ސަރަހައްދާމެދު އަމަލުކުރާނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ. (އިސްލާހު1 / އިސްލާހުކުރެވިފައި)

  1. ރަށުގެ ފަޅުގެ ސަރަހައްދުގައި އިތުރު ކޮޓަރިތަކެއް ނުވަތަ ޓޫރިސްޓް ރިޒޯޓާ ގުޅުންހުރި ފެސިލިޓީތަކެއް ތަރައްގީކުރުމަށް ރަށް ކުއްޔަށް ހިފާފައިވާ ފަރާތުން ބޭނުންވާނަމަ، ރަށުގެ ހޭޅިފަށުން ފެށިގެން އެންމެ ގިނަވެގެން 2000 (ދެހާސް) މީޓަރާ ހަމައަށް، އެތަންތަން އިމާރާތް ކުރުމަށް ބޭނުންވާ ސަރަހައްދު، އެ ރަށުގެ ފަޅުގެ ސަރަހައްދުގެ ގޮތުގައި ކަނޑައެޅުމުގެ އިހުތިޔާރު ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ލިބިގެންވެއެވެ. މި މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ފަޅުގެ ސަރަހައްދު އިތުރުކޮށް ކަނޑައަޅަންވާނީ، ތިރީގައި ބަޔާންކޮށްފައިވާ ށަރުތުތަކުގެ މަތީންނެވެ.
    1. އެ ރަށުގެ ފަޅުގެ ސަރަހައްދަކީ ނުވަތަ އިމާރާތް ކުރުމަށް ބޭނުންވާ ފަޅުގެ ސަރަހައްދަކީ، ރަށުގެ ހޭޅިފަށުން ފެށިގެން ފަރުގެ ބޭރުކައިރިއާ ހަމައަށް އެންމެ މަދުވެގެން 500 (ފަސްސަތޭކަ) މީޓަރު ހަމަވާ ސަރަހައްދެއް ކަމުގައިވުން؛
    2. ރަށް ކުއްޔަށް ހިފާފައިވާ ފަރާތުން ތަރައްގީކުރާ ކޮޓަރިތަކަކީ ނުވަތަ ޓޫރިސްޓް ރިޒޯޓުގެ ފެސިލިޓީތަކަކީ ރަށުގައި ތަރައްގީކޮށްފައިވާ ޓޫރިސްޓް ރިޒޯޓާ ގުޅިފައި ހުންނަ ތަންތަން ނުވަތަ ބައެއް ކަމުގައިވުން؛ 
    3. އިތުރުކުރުމަށް ކަނޑައަޅާ ފަޅުގެ ސަރަހައްދުގައި އިމާރާތްކޮށް ތަރައްގީކުރަންވާނީ ރަށް ކުއްޔަށް ހިފާފައިވާ ފަރާތުން ތަރައްގީކުރާ ކޮޓަރިތައް ނުވަތަ ޓޫރިސްޓް ރިޒޯޓުގެ ފެސިލިޓީތައް އިމާރާތް ކުރުމަށް އެކަނި ކަމަށް ވެފައި، އަދި އެ ފަޅުގެ ސަރަހައްދު ބޭނުން ކުރަންވާނީ،އެތަންތަނުގެ ބޭނުމަށް ނުވަތަ އެތަންތަނާ ގުޅުންހުރި ރިޒޯޓުގެ ބޭނުންތަކަށް އެކަނި ކަމަށްވުން؛ އަދި
    4. އިތުރު ކުރުމަށް ކަނޑައަޅާ ފަޅުގެ ސަރަހައްދު، ރަށް ކުއްޔަށްދީފައިވާ އެއްބަސްވުމަށް ގެންނަ އިސްލާހެއްގެ ދަށުން ކަނޑައެޅުން.
  2. ޓޫރިސްޓް ރިޒޯޓް ތަރައްގީކުރުމަށް ކުއްޔަށް ދީފައިވާ ރަށާ ވަކިން ފަޅުގެ ސަރަހައްދު ކުއްޔަށް ހިފަން، ރަށް ކުއްޔަށް ހިފާފައިވާ ފަރާތުން ބޭނުންވާނަމަ، ރަށުގެ ހޭޅިފަށުން ފެށިގެން 500 (ފަސްސަތޭކަ) މީޓަރާއި 2000 (ދެހާސް) މީޓަރާ ދެމެދުގައިވާ ފަޅުގެ ސަރަހައްދު، ނުވަތަ ސަރައް ހައްދުން އެއްބައި،އަންނަނިވި ށަރުތު ތަކާ އެއްގޮތްވާ ގޮތުގެމަތިން، ވަކި ލީސް އެގްރީމެންޓެއްގެ ދަށުން ރަށް ކުއްޔަށް ހިފާފައިވާ ފަރާތަށް ކުއްޔަށް ދިނުމުގެ އިހުތިޔާރު ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ލިބިގެންވެއެވެ.
    1. ވަކިން ކުއްޔަށް ހިފަން ބޭނުންވާ ސަރަހައްދުގެ ކޮންސެޕްޓް ޕްލޭން ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ހުށަހަޅައި، އެ ހުށަހެޅުމަކީ އެ މިނިސްޓްރީން ގަބޫލުކުރާ ހުށަހެޅުމަކަށްވުން؛
    2. ވަކިން ކުއްޔަށް ހިފަން ބޭނުންވާ ސަރަހައްދުގައި ބިން ހިއްކުމަށް ރަށް ކުއްޔަށް ހިފާފައިވާ ފަރާތުން އެއްބަސްވުން ނުވަތަ ވަކިން ކުއްޔަށް ހިފަން ބޭނުންވާ ސަރަހައްދުގައި ގުދުރަތީގޮތުން އުފެދިފައިވާ ހިކިފަސްތަނެއް އޮތުން؛
    3. މިމާއްދާގެ (ii) ގައި ބަޔާންކޮށްފައިވާ ސަރަހައްދުގެ އެކުއިޒިށަން ކޮސްޓު ސަރުކާރުން ކަނޑައަޅާ އުސޫލާ އެއްގޮތްވާ ގޮތުގެމަތިން ދައުލަތަށް ދައްކާފައިވުން؛ 
    4. ވަކިން ކުއްޔަށް ހިފަން ބޭނުންވާ ސަރަހައްދު ވަކި ލީސް އެގްރީމެންޓެއްގެ ދަށުން ކުއްޔަށް ދެނީ، ރަށް ކުއްޔަށް ހިފާފައިވާ މުއްދަތުގެ ބާކީ އޮތް މުއްދަތަށްކަމަށްވުން؛ އަދި 
    5. ވަކިން ކުއްޔަށް ހިފަން ބޭނުންވާ ސަރަހައްދު ވަކި ލީސް އެގްރީމެންޓެއްގެ ދަށުން ކުއްޔަށްދޭއިރު، އެ ސަރަހައްދުގެ ބޭރުފަށް ޓޫރިޒަމާބެހޭ މިނިސްޓްރީން އެއްބަސްވާ ގޮތެއްގެމަތިން ލީސް އެގްރީމެންޓުގައި ކަނޑައަޅާފައިވުން.
  3. މި ގަވާއިދުގައި އެހެންގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، މިގަވާއިދުގެ 2 ވަނަ އިސްލާހަށް އަމަލުކުރަން ފަށާއިރު، ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށުގެ ހޭޅިފަށުން ފެށިގެން ފަރުގެ ބޭރުކައިރިއާ ހަމައަށް 500 (ފަސްސަތޭކަ) މީޓަރަށްވުރެ އިތުރުވާ ސަރަހައްދުގައި، ޓޫރިޒަމާބެހޭ މިނިސްޓްރީގެ ހުއްދަ ލިބިގެން ކޮޓަރިތަކެއް ނުވަތަ އެފަދަ ތަނަކާ ގުޅުންހުރި ފެސިލިޓީތަކެއް ތަރައްގީކޮށްފައިވާނަމަ، އެ ރަށެއްގެ ފަޅުގެ ސަރަހަ އްދަކަށް ވާނީ، އެ ކޮޓަރިތައް ނުވަތަ ޓޫރިސްޓް ރިޒޯޓާ ގުޅުންހުރި ފެސިލިޓީތައް ތަރައްގީކުރުމަށް ޓޫރިޒަމާބެހޭ މިނިސްޓްރީން ހުއްދަ ދީފައިވާ ސަރަހަ އްދެކެވެ.

(ނ) ޓޫރިސްޓް ރިޒޯޓު ތަރައްގީ ކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށުގެ ހޭޅިފަށުން ފެށިގެން ފަރުގެ ބޭރުކައިރިއާ ހަމައަށް 500 (ފަސްސަތޭކަ) މީޓަރަށްވުރެ އިތުރު ނުވާނަމަ، އެ ރަށެއްގެ ފަޅުގެ ސަރަހައްދަކީ، އެ ރަށެއްގެ ހޭޅިފަށުން ފެށިގެން ފަރުގެ ބޭރުކައިރިއާ ހަމައަށް އޮންނަ ސަރަހައްދެވެ. (އިސްލާހު ކުރެވިފައި)

 

4 ވަނަ މާއްދާ - ޓޫރިސްޓް ރިޒޯޓެއްގެ ފަޅުގެ ތެރޭގައި އެހެންރަށެއް ހިނެމޭނަމަ ފަޅުގެ ސަރަހައްދު ކަނޑައެޅުން (މުޅި މާއްދާ އިސްލާހު ކުރެވިފައި)

(ހ) ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށުގެ ހޭޅިފަށުން ފެށިގެން ޖެހިގެން އޮންނަ ރަށުގެ ހޭޅިފަށާ ދޭތެރޭގައި 1000 (އެއްހާސް) މީޓަރު ނުވަތަ އެއަށްވުރެ ބޮޑުނަމަ، ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށުގެ ފަޅުގެ ސަރަހައްދަކީ ރަށުގެ ހޭޅިފަށުން ފެށިގެން 500 (ފަސްސަތޭކަ) މީޓަރާ ހަމައަށް އޮންނަ ސަރަހައްދެވެ. (އިސްލާހު ކުރެވިފައި)

(ށ) ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށުގެ ހޭޅިފަށުން ފެށިގެން ޖެހިގެން އޮންނަ ރަށުގެ ހޭޅިފަށާ ދޭތެރޭގައި 1000 (އެއްހާސް) މީޓަރު ހަމަ ނުވާނަމަ،ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށުގެ ފަޅުގެ ސަރަހައްދު ކަމުގައި ބަލާނީ، ދެ ރަށް ދޭތެރޭގައި، ދެފަރާތް އެއްވަރުވާގޮތަށް ރޮނގެއް ދަމާލުމުން،އެ ރޮނގުން ފެށިގެން ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށާ ދޭތެރޭގައި އޮންނަ ސަރަހައްދެވެ. (އިސްލާހު ކުރެވިފައި)

(ނ) ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ކުއްޔަށް ދޫކުރާ ރަށުގެ ހޭޅިފަށުން ފެށިގެން ފަރުގެ ބޭރު ކައިރިއާ ހަމައަށް 300 (ތިންސަތޭކަ) މީޓަރު ހަމަނުވާނަމަ، ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށުގެ ހޭޅިފަށުން ފެށިގެން ފަރުގެ ބޭރުކައިރިއާ ހަމައަށް އޮންނަ ސަރަހައްދު ވަށައި، ނުވަތަ ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ކުއްޔަށް ދޫކުރާ ރަށުގެ ފަޅުގެ ތެރޭގައި އެހެން ރަށެއް (އެއީ މީހުން ދިރިއުޅޭ ރަށެއް ކަމުގައިވީ ނަމަވެސް) ހިމެނޭނަމަ، އަދި އެރަށުގެ ހޭޅިފަށުން ފެށިގެން ޖެހިގެން އޮންނަ ރަށުގެ ހޭޅިފަށާ ދޭތެރޭގައި 300 (ތިންސަތޭކަ) މީޓަރު ހަމަނުވާނަމަ، އެ ދެ ރަށް ދޭތެރޭގައި އޮންނަ ސަރަހައްދުގައި ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ ބޮޑުމިނެއްގެ "ނޯ ޑިވެލޮޕްމަންޓް ޒޯން" އެއް ގާއިމުކުރަންވާނެއެވެ. (އިސްލާހު ކުރެވިފައި)

(ރ) އެއް ފަޅުގައި އެއް ރަށަށްވުރެ ގިނަ ރަށް އޮންނަނަމަ، މި ގަވާއިދުގެ 4 ވަނަ މާއްދާގެ ދަށުން ކަނޑައަޅާ ފަޅުގެ ސަރަހައްދުގެ އިމުން ފެށިގެން ރަށާވީ ފަރާތަށް 100 (އެއް ސަތޭކަ) މީޓަރުގެ ބަފަރ ސަރަހައްދެއް ގާއިމުކުރުމަށްފަހު އެ ސަރަހައްދު އެއީ "ނޯ ޑިވެލޮޕްމަންޓް ޒޯން" އެއްގެ ގޮތުގައި ކަނޑައެޅޭނެއެވެ. (އިސްލާހު ކުރެވިފައި)

(ބ) މި މާއްދާގައި ބުނެފައިވާ "ނޯ ޑިވެލޮޕްމަންޓް ޒޯން" ގެ ސަރަހައްދުގެ ތެރޭގައި ފަތުރުވެރިކަމާ ގުޅުންހުރި އެއްވެސް އިމާރާތެއް ނުވަތަ ބިން ހިއްކުމުގެ މަސައްކަތެއް ކޮށްގެން ނުވާނެއެވެ. އަދި "ނޯ ޑިވެލޮޕްމަންޓް ޒޯން" ގެ ސަރަހައްދުގެ ތެރޭގައި ހިކި ފަސްގަ ނޑެއް ނުވަތަ ރަށެއް ނުވަތަ ފިނޮޅެއްވާނަމަ، ނުވަތަ އެފަދަ ތަނެއް އެ ސަރަހައްދުގެ ތެރޭގައި ގުދުރަތީގޮތުން އުފެދިއްޖެނަމަ، އެތަންތަނަކީ، ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރެވޭނެ ތަންތަނެއްނޫނެވެ. (އިސްލާހު ކުރެވިފައި)

 

5 ވަނަ މާއްދާ  (އުނި ކުރެވިފައި)

 

6 ވަނަ މާއްދާ   

ޓޫރިސްޓް ރިޒޯޓު ތަރައްގީ ކުރުމަށް ކުއްޔަށްދޫކޮށްފައިވާ ރަށެއްގެ ފަޅުގެ ސަރަހައްދުގެ އިތުރަށް ރަސުގެ ފަރުގެ ބޭރުކައިރިން ފެށިގެން 300 މީޓަރު ހަމަވާ ހިސާބަށް ރަށްވަށައިގެން އޮންނަ ކަނޑުގެ ސަރަހައްދަކީ، އެރިޒޯޓަކަށް އޮންނަ 'އެކްސްކްލޫސިވް ޒޯން' އެކެވެ. އަދި މި ސަރަހައްދުގައި އެއްވެސް ޑިވެލޮޕްމަންޓެއް ހިންގުމާއި، މި ސަރަަހައްދުން އެންވެރިކަން ނުވަތަ މަސްެވެރިކަންވިޔަސް އަދި މި ސަރަހައްދުގައި އޮޑިދޯނިފަހަރު ފަދަ އެއްވެސް އުޅަނދެއްވިޔަސް މަޑުކޮށްގެން އޮތުމަކީ މަނާކަމެކެވެ.

 

7 ވަނަ މާއްދާ  

ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ކުށްޔަށްދޫކޮށްފައިވާ ރަށުގެ ފަރުގެ ބޭރުކައިރިން ފެށިގެން ޖެހިގެން އޮންނަ ރަށް ނުވަތަ ފަޅުގެ ފަރުގެ ބޭރުކަރިއާ ހަމައަށް 600 މީޓަރު ހަމަނުވާނަމަ މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބުނެފައިވާ ސަރަހައްދު ކަމަށް ބެލެވޭނީ، ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ކުއްޔަށްދޫކޮށްފައިވާ ރަށުގެ ފަރުގެ ބޭރުކަރިން ފެށިގެން ޖެހިގެން އޮންނަ ރަސުގެ ބޭރުކަރިއާ ހަމައަށް އޮންނަ ކަނޑުގެ ސަރަހައްދުގެ މެދުން ދެފަރާތަށް އެއްވަރުވާގޮތަށް ރޮނގެއް ދަމާލުމުން، އެ ރޮނގުން ފެށިގެން ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަސް ކުއްޔަށްދޫކޮށްފައިވާ ރަށާ އޮންނަ ސަރަހައްދެވެ.

 

8 ވަނަ މާއްދާ - (ނޯޓް: މި މާއްދާއަށް ސުރުހީއެއް ދެވިފައި ނުވޭ) (އިތުރު ކުރެވިފައި)

މިގަވާއިދުގެ 3 ވަނަ މާއްދާއާއި 4 ވަނަ މާއްދާގެ ދަށުން ކަނޑައެޅޭ ރިޒޯޓުގެ ފަޅުގައި، ސަރަހައްދުގެ ތެރޭގައި ފީނުމުގެ ސަރަހައްދުތަކާއި ސާރފިންގ ސަރަހައްދުތަކާއި މިނޫންވެސް ޓޫރިސްޓް އެޓްރެކްށަންސް ގޮތުގައި މިނިސްޓްރީއިން ކަނޑައަޅާފައިވާ ސަރަހައްދުތައް ހިމެނޭނަމަ، އެ ރިޒޯޓެއްގެ ފަޅުގެ ސަރަހައްދު ކަނޑައަޅާނީ މިފަދަ ތަންތަން ނުހިމެނޭ ގޮތަށެވެ. އަދި މިގޮތަށް ކަނޑައެޅޭ ސަރަހައްދުތައް މިނިސްޓްރީއިން އާންމުކޮށް އިއުލާނުކުރަންވާނެއެވެ. އަދި މިފަދަ ސަރަހައްދުތައް ބޭނުންކުރުމާ ބެހޭ އުސޫލެއް މިނިސްޓްރީއިން ކަނޑައެޅުމަށްފަހު އާންމުކޮށް އިއުލާނުކުރަންވާނެއެވެ.

 

9 ވަނަ މާއްދާ -  ބިން ހިއްކުމާއި ފަޅުގެ ސަރަހައްދު (މުޅި މާއްދާ އިސްލާހު ކުރެވިފައި)

(ހ) ޓޫރިޒަމާބެހޭ މިނިސްޓްރީން ހުއްދަ ލިބިގެން މެނުވީ ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށެއްގެ ފަޅުތެރޭގައި ބިން ހިއްކުމަކީ މަނާކަމެކެވެ. އަދި މިގޮތަށް ބިން ހިއްކުމުގެ ކުރިން، ލީސް އެގްރީމެންޓަށް ގެންނަ އިސްލާހުގައި ސޮއިކޮށް، އެ ހިއްކާ ބިމުގެ ބޮޑުމިން ޓޫރިސްޓް ރިޒޯޓު ކުއްޔަށް ދޫކޮށްފައިވާ ލީސް އެގްރީމެންޓަށް ގެންނަ އިސްލާހުގައި ބަޔާންކުރަންވާނެއެވެ. (އިތުރު/އިސްލާހު ކުރެވިފައި)

(ށ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާން ކޮށްފައިވީނަމަވެސް، އަދި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ބިން ހިއްކިކަމުގައިވީނަމަވެސް، ރަށުގެ ފަޅުގެ ސަރަހައްދުކަމުގައި ބެލެވޭނީ، ބިން ހިއްކުމުގެ ކުރިން މި ގަވާއިދުގެ ދަށުން ކަނޑައެޅިފައިވާ ފަޅުގެ ސަރަހައްދުގެ އިމުން ފެށިގެން އެތެރެއަށް އޮންނަ ސަރަހައްދެވެ. (އިތުރު ކުރެވިފައި)

 

10 ވަނަ މާއްދާ - ހިއްކާބިން ރަޖިސްޓްރީކުރުން

(ހ) ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހުއްދަލިބިގެން، ޓޫރިސްޓް ރިޒޯޓް ތަރައްގީކުރުމަށް ކުއްޔަށްދޫކޮށްފައިވާ ރަށެއްގެ ބިންހިއްކުމުގެ މަޝްރޫއު ނިންމާނެކަމަށް ކަނޑައަޅާފައިވާ ދުވަހުން ފެށިގެން އެންމެ މަދުވެގެން 7 ދުވަހުގެ ތެރޭގައި، ހިއްކާފައިވާ ބިމަކީ ރިޒޯޓުގެ ބިމުގެ ބައެއްގެ ގޮތުގައި ޓޫރިޒަމާބެހޭ މިނިސްޓްރީގައި ރަޖިސްޓްރީ ކުރަންވާނެއެވެ. އަދި ބިންހިއްކުމުގެ މަޝްރޫއު ނިންމާނެކަމަށް ކަނދައަޅާފައިވާ ދުވަހާ ހަމައަށް ބިންހިއްކުމުގެ މަޝްރޫއު ނިންމާފައި ނުވިކަމުގައި ވިޔަސް އެދުވަހާ ހަމައަށް ހިއްކާފައިވާ ބިން ޓޫރިޒަމާބެހޭ މިނިސްޓްރީގައި ބުނެވިދިޔަ މުއްދަތު ތެރޭގައި ރަޖިސްޓްރީކުރަންވާނެއެވެ.

(ށ) ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހުއްދަލިބިގނެް، ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ކުއްޔަށްދޫކޮށްފައިވާ ރަށެއްގެ ބިންހިއްކުމަށް ހިންގޭ މަޝްރޫއު އެއްވެސް ސަބަބަކާހުރެ ހުއްޓާލައިފިނަމަ، އެދުވަހުންފެށިގެން އެންމެ ގިނަވެގެން 7 ދުވަހުގެ ތެރޭގައި، މަސައްކަތް ހުއްޓާލިދުވަހާ ހަމައަށް ހިއްކާފައިވާ ބިން ޓޫރިޒަމާބެހޭ މިނިސްޓްރީގައި ރަޖިސްޓްރީ ކުރަންވާނެއެވެ.

 

11 ވަނަ މާއްދާ - ރަށް ގިރުމުގެ ސަބަބުން ގޮނޑުދޮށަށް ވެލިއެޅުން

ޓޫރިސްޓް ރިޒޯތު ތަރައްގީކުރުމަށް ކުއްޔަށްދޫކޮށްފައިވާ ރަށެއް ގިރާތީ ގޮނޑުދޮށަށް ވެލިއަޅަންވާނީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހޯދަންޖެހޭ ހުއްދަތައް ހޯދުމަށްފަހުއެވެ.

 

12 ވަނަ މާއްދާ - ހިއްކާ ބިމަށް ކުލި ދައްކަން ފެށުން

(ހ) ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ކުއްޔަށްދކޮށްފައިވާ ރަށެއްގައި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހުއްދަލިބިގެން ހިއްކޭ ބިން މި ގަވާއިދުގެ 9 ވަނަ މާއްދާގައި ބުނެފައިވާގޮތަށް ޓޫރިޒަމާބެހޭ މިނިސްޓްރީގައި ރަޖިސްޓްރީ ކުރާ ދުވަހުން ފެށިގެން އެ ރަށެއްގެ ކުލި ދެއްކުމުގައި އެރަށެއްގެ ބިމުގެ ސަރަހައްދުކަމުގައި ބަލާނީ، ޓޫރިޒަމާބެހޭ މިނިސްޓްރީގައި ރަޖިސްޓްރީކުރެވޭ ބިންހިމެނޭ ގޮތަށެވެ.

(ށ) ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ކުއްޔަށްދޫކޮށްފައިވާ ރަށެއް، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ނަގަންޖެހޭ ހުއްދަ ނެތި ހިއްކައިފި ނަމަ، މި ގަވާއިދުގެ ދަށުން އެތަނެއް ޖޫރިމަނާކުރުމަށްފަހު، ހިއްކުމުގެ މަސައްކަތް ހުއްޓާލި ނުވަތަ މަސައްކަތް ނިމުނު ދުވަހުން ފެށިގެން އެހިއްކާފައިވާ ބިމުގެ ސަރަހައްދު އެތަނެއްގެ ބިމުގެ ތެރޭގައި ހިމަނައި އެދުވަހުން ފެށިގެން އެބިމަށް ކުލި ނެގޭނެއެވެ.

(ނ) ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހޯދަންޖެހޭ ހުއްދަހޯދައިގެން ގޮނދުދޮށަށް ވެލިއެޅުމުގައި ހުއްދަދީފައިވާ ފުޅާމިނަށްވުރެ އިތުރުވާނަމަ، އެ އިތުރުވާ ސަރަހައްދު އެތަނެއްގެ ބިމުގެ ތެރޭގައި ހިމެނޭނީ، މި ގަވާއިދުގެ ދަށުން އެތަނެއް ޖޫރިމަނާކުރުމަށްފަހު، އެ ޖޫރިމަނާ ސަރުކާރަށް ދެއްކުމަށްފަހު އަދި އެ އިތުރުވާ ސަރަހައްދު ހިއްކައި ނިމުނު ދުވަހުން ފެށިގެން އެ ބިމަށްވާ ކުލި ދެއްކުމުންނެވެ.

 

13 ވަނަ މާއްދާ - ހިއްކާ ބިމުގައި އިމާރާތްކުރުން

ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ކުއްޔަށްދޫކޮށްފައިވާ ރަށެއްގެ ބިންހިއްކައިފައިވާ ސަރަހައްދެއްގައި އިމާރާތެއް ކުރެވޭނީ މި ގަވާއިދުގެ 9 ވަނަ މާއްދާގައި ބުނެފައިވާ ގޮތަށް އެފަދަ ބިމެއް ޓޫރިޒަމާބެހޭ މިނިސްޓްރީގައި ރަޖިސްޓްރީ ކުރުމަށްފަހު އެކަމަކާ ގުޅިގެން ހޯދަންޖެހޭ ހުއްދަތަކަށް އެދި ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ހުށަހަޅައި އެހުއްދަތައް ހޯދުމަށްފަހުއެވެ. އަދި ރިޒޯޓުގެ ބިލްޓްއަޕް އޭރިޔާގެ ތެރޭގައި، ހިއްކާފައިވާ ބިން ހިމެނޭނީ، އެފަދަ ބިމެއް ހިއްކާފައިވަނީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ނަގަންޖެހޭ ހުއްދަތައް ނެގުމަށްފަހު ހިއްކާފައިވާ ބިމަކަށްވާނަމަ އަދި އެބިން ޓޫރިޒަމާބެހޭ މިނިސްޓްރީގައި ގަވާއިދުން ރަޖިސްޓްރީކޮށްފައިވާނަމައެވެ.

 

14 ވަނަ މާއްދާ - ޓޫރިސްޓް ރިޒޯޓެއްގެ ފަޅުގެ ސަރަހައްދުގައި އުފެދޭ ހިކިފަސްތަންތަން

(ހ) ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ރަށެއް ކުއްޔަށްދިނުމަށްފަހު މިގަވާއިދުގެ ދަށުން ކަނޑައެޅޭ، އެރަށެއްގެ ފަޅުގެ ސަރަހައްދުގައި ގުދުރަތީގޮތުން، ނުވަތަ އެފަދަ ރަށްރަށުގައި ހިންގޭ ފަޅު ކޮނުން، ފަޅު ފުންކުރުމުގެ ސަބަބުން އުފެދޭ ހިކިފަސްތަންތަނާބެހޭ މައުލޫމާތު ލިޔުމުން މިނިސްޓްރީއަށް އަންގައި ރަޖިސްޓަރީކުރަންވާނެއެވެ. އަދި މި ގަވާއިދުގެ ދަށުން ކަނޑައެޅޭ، އެ ރަށެއްގެ ފަޅުގެ ސަރަހައްދުގައި އުފެދޭ ނުވަތަ މިހާރު ހުރި މިފަދަ ތަންތަން ރިޒޯޓުގެ ބައެއްގެ ގޮތުގައި ހަމަޖެއްސިދާނެއެެވެ. އަދި މިފަދަ ތަންތަން ރިޒޯޓުގެ ބައެއްގެ ގޮތުގައި ހަމަޖައްސާ ދުވަހުންފެށިގެން، ރިޒޯޓަށް ކުލިދެއްކުމުގެ ބޭނުމަށްޓަކައި ރިޒޯޓުގެ ބިމުގެ ބޮޑުމިނުގެ ތެރޭގައި އެތަންތަން ހިމެނޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ހިކިފަސްތަންތަނުގައި އެއްވެސް އިމާރާތެއް ކުރާނަމަ އެފަދަ އިމާރާތެއް ކުރަންވާނީ ރަށް ކުއްޔަށް ދިނުމަށް ކުރެވިފައިވާ އެގްރީމެންޓާއި ޓޫރިސްޓް ރިޒޯޓުތަކުގައި އިމާރާތްކުރުމަށް ކަނޑައެޅިފައިވާ ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތީންނެވެ.

 

15 ވަނަ މާއްދާ - ފަޅުގެ ސަރަހައްދު ބެލެހެއްޓުން

(ހ) ޓޫރިސްޓް ރިޒޯޓެއްގެ ފަޅުގެ ސަރަހައްދު ބެލެހެއްޓުމަކީ އެ ރިޒޯޓެއް ހިންގާ ފަރާތުގެ ޒިންމާއެކެވެ.

(ށ) ޓޫރިސްޓް ރިޒޯޓެއް ތަރައްގީ ކޮށްފައިވާ ނުވަތަ ތަރައްގީ ކުރުމަށް ދޫކުރެވިފައިވާ ރަށަކަށް ކަނޑައެޅިފައިވާ ފަޅުގެ ސަރަހައްދުގެ ތެރެއިން މަސްވެރިކަން ކުރުމަކީ މަނާ ކަމެކެވެ.

 

16 ވަނަ މާއްދާ - ފަޅު ފުންކުރުން

ބިންހިއްކުން ނުހިމެނޭގޮތަށް، ޓޫރިސްޓް ރިޒޯޓެއް ހެދުމަށް ކުއްޔަށްދީފައިވާ އެއްވެސް ރަށެއްގެ ފަޅުގެ ސަރަހައްދުން ބައެއްނަމަވެސް ކޮނެ، ނުވަތަ ފުންކުރަންވާނީ އެކަމެއް ކުރަންފެށުމުގެ ކުރިން މި ގަވާއިދުގެ ދަށުން އެރަށެއްގެ ފަޅުގެ ސަރަހައްދާއި ބިމުގެ ސަރަހައްދު ކަނޑައަޅައި، އެކަމަށްޓަކައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ނަގަންޖެހޭ ހުއްދަ ހޯދުމަށްފަހުއެވެ. 

 

17 ވަނަ މާއްދާ - ހުއްދަނެތި ހިއްކަފައިވާ ބިން

މި ގަވާއިދަށް އަމަލުކުރަންފެށުމަށްފަހު، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ނަގަންޖެހޭ ހުއްދަ ނެތި ބިން ހިއްކައިފިނަމަ، ހިއްކާފައިވާ ބިމެއް ރިޒޯޓުގެ ބިލްޓަޕް އޭރިޔާގެ ތެރޭގައި ނުހިމެނޭނެއެވެ. ނަމަވެސް މި ގަވާއިދާ ހިލާފުވުމުން ކުރަންއޮންނަ ޖޫރިމަނާ ކުރުމަށްފަހު އަދި ގާނޫނު ނަންބަރު 4/1993 އާއި، އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާ ހިލާފުވުމުން ކުރާ ޖޫރިމަނާއެއްވާނަމަ، އެފަދަ ޖޫރިމަނާގެ ފައިސާ ދެއްކުމަށްފަހު، އެފަދަ ބިމެއް ރިޒޯޓުގެ ބިލްޓްއަޕް އޭރިއާގެ ތެރޭގައި ނުހިމެނޭގޮތަށް ރިޒޯޓުގެ އެހެނިހެން ބޭނުންތަކަށް ބޭނުންކުރުމުގެ ހުއްދަ ދެވިދާނެއެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ހިއްކާފައިވާ ތަންތަން ޖޫރިމަނާކުރުމަށްފަހު، ގާނޫނު ނަންބަރު 4/1993 އާއި، އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާ ހިލާފުވުމުން ކުރާ ޖޫރިމަނާއެއްވާނަމަ، އެފަދަ ޖޫރިމަނަގެ ފައިސާ ދެއްކުމަށްފަހު، އެފަދަ ބިމެއް ރިޒޯޓުގެ ބިލްޓްއަޕް އޭރިއާގެ ތެރޭގައި ހިމެނޭގޮތަށް ބޭނުންކުރުމުގެ ހުއްދަ ދެވިދާނެއެވެ.

(ނ) މި މާއްދަގެ (ހ) އަދި (ށ) ގައި ބުނެފައިވާ ހާލަތްތަކުގައި، ބިން ބޭނުންކުރުމުގެ ހުއްދަ ދެވޭނީ ޓޫރިސްޓް ރިޒޯޓުތަކަށް ކުލި ދައްކަން ހަމަޖެހިފައިވާ އުސޫލަކުން ކުލިދައްކަން ޖެހޭގޮތަށެވެ.

 

18 ވަނަ މާއްދާ - ފަޅުގެ ސަރަހައްދު ކަނޑައަޅާފައިނުވާ އެއްބަސްވުންތައް (އިތުރު ކުރެވިފައި)

(ހ) ފަތުރުވެރިކަން ތަރައްގީކުރުމުގެ ބޭނުމަށް ފަޅެއް ކުއްޔަށްދޫކުރާއިރު އެ ފަޅުގެ ލީސް އެގްރީމެންޓްގައި ފަޅުގެ ސަރަހައްދު ކަނޑައަޅާފައި އޮންނަންވާނެއެވެ. އަދި މި ގަވާއިދަށް އަމަލުކުރަން ފަށާއިރު ކުއްޔަށް ދޫކޮށްފައިވާ ފަޅުތަކުގެ ލީސް އެގްރީމެންޓްގައި ފަޅުގެ ސަރަހައްދު ކަނޑައަޅާފައިނުވާނަމަ، ލީސް އެގްރީމެންޓަށް ގެނެވޭ އިސްލާހެއްގެ ދަށުން ފަޅުގެ ސަރަހައްދު ކަނޑައަޅަންވާނެއެވެ. 

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަޅުގެ ސަރަހައްދުގެ ތެރޭގައި ހިމެނޭ ހިއްކާފައިވާ ބިމަކާމެދު ޓޫރިޒަމާބެހޭ މިނިސްޓްރީން އަމަލުކުރުމުގައި، މި ގަވާއިދުގެ 4 ވަނަ މައްދާގައި ބަޔާންކޮށްފައިވާ ކަންކަމުން އިސްތިސްނާވާނެއެވެ.

 

19 ވަނަ މާއްދާ - ޖޫރިމަނާ

މި ގަވާއިދާ ހިލާފުވާ ކޮންމެ ރިޒޯޓެއް، ގާނޫން ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނުގެ 47 ވަނަ މާއްދާގެ ދަށުން، މި ގަވާއިދާ ހިލާފުވާ ކޮންމެ ފަހަރަކު 100،000.00 (އެއްލައްކަ) ދިވެހި ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

 

20 ވަނަ މާއްދާ - އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ މި ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް، އަދި ޔޮޓް ބަނދަރު ތަރައްގީކުރުމަށް ދޫކޮށްފައިވާ ރަށްރަށުގެ ފަޅުގެ ސަރަހައްދު ކަނޑައެޅުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު -2012-07)

 

މިގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

 

މައި ގާނޫނު

ޓޫރިޒަމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1999-02)

 

ގުޅުންހުރި އުސޫލު

ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ތަންތަނުގައި "އަދަރ އިފެކްޓިވް އޭރިއާ-ބޭސްޑް ކޮންޒަރވޭށަން މެށާރޒް (އޯ.އީ.ސީ.އެމް)" ގާއިމުކޮށް، އެފަދަ ސަރަހައްދުތައް ކަނޑައެޅުމުގެ އުސޫލު (އުސޫލު ނަންބަރު 2022-12)

ކިޔުންތެރިންގެ ހިޔާލު