އެއްގަމު އުޅަނދުގައި މުދާ އުފުލުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް)
(ކޮންސޮލިޑޭޓެޑް ނަންބަރު 2022-135)
(މި ގަވާއިދުގެ 22 ވަނަ މާއްދާއިން ވަނީ ގަވާއިދު ނަންބަރު 2017-08 އުވާލެވިފައި)
(1ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)
ފުރަތަމަ ބާބު
1 ވަނަ މާއްދާ - ތައާރުފު
މިއީ، ގާނޫނު ނަންބަރު 2009-05 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) އިން ބާރުލިބިގެން އެކުލަވައިލައިފައިވާ، އެއްގަމު އުޅަނދުގައި މުދާ އުފުލުމާއި، މުދާ އަރުވައި ބޭލުމާއި، މުދާ އުފުލާ އުޅަނދެއްގައި ހުންނަންޖެހޭ މިންގަނޑުތައް ކަނޑައެޅުމުގެ ގަވާއިދެވެ.
2 ވަނަ މާއްދާ - ނަން
މި ގަވާއިދަށް ކިޔާނީ، "އެއްގަމު އުޅަނދުގައި މުދާ އުފުލުމުގެ ގަވާއިދު" އެވެ.
3 ވަނަ މާއްދާ - ގަވާއިދު ހިންގާ ފަރާތް
މި ގަވާއިދު ހިންގާނީ، އެއްގަމު ދަތުރުފަތުރުގެ ކަންތައްތައް ބެލެހެއްޓުމަށް ހަވާލުވެފައިވާ މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތްތަކުންނެވެ.
ދެވަނަ ބާބު
މުދާ އުފުލާ އެއްގަމު އުޅަނދު
4 ވަނަ މާއްދާ - މުދާ އުފުލާ އެއްގަމު އުޅަނދު
މުދާ އުފުލާ އެއްގަމު އުޅަނދަކީ، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީކުރުމުގެ ގަވާއިދުގެ ދަށުން، މުދާ އުފުލާ އުޅަނދުގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ އެއްގަމު އުޅަނދާއި، ވަކި ބާވަތެއްގެ މުދަލާއި ތަކެތި އުފުލުމަށް ހާއްސަކޮށްފައި ހުންނަ އެއްގަމު އުޅަނދެވެ.
5 ވަނަ މާއްދާ - އުޅަނދުގައި އެންމެ ގިނަވެގެން މުދާ އުފުލޭނެ ބަރުދަން
(ހ) މުދާ އުފުލާ އެއްގަމު އުޅަނދުގެ ރަޖިސްޓަރީގައި އެ އުޅަނދެއްގައި އުފުލޭނެކަމަށް ކަނޑައަޅައިފައިވާ ބަރުދަން، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ގޮތަށް އުޅަނދުގެ ދެފަރާތުގެ ކުރީ ދޮރުފަތުގައި ލިޔެފައި އޮންނަން ވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބަރުދަނަށްވުރެ އިތުރަށް މުދާ އުފުލުމަކީ މަނާކަމެކެވެ.
6 ވަނަ މާއްދާ - އުޅަނދުގައި މުދަލާއި ތަކެތި އުފުލުން
އެއްގަމު އުޅަނދެއް، މުދާ އުފުލާ އުޅަނދެއްގެ ގޮތުގައި ރަޖިސްޓަރީކުރުމަށްފަހު، އެ އުޅަނދަކުން މުދަލާއި ތަކެތި އުފުލަންވާނީ، ތިރީގައިވާ ގޮތުގެ މަތީންނެވެ. މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް އުޅަނދުގައި މުދާ އުފުލުމަކީ މަނާކަމެކެވެ.
(ހ) މުދާ އުފުލާ އެއްގަމު އުޅަނދުގައި މުދާ އުފުލަންވާނީ، އެ އުޅަނދެއް ދުއްވައިފައިދާއިރު، ދުއްވާމީހާއަށް ކުރިއާއި ފަހަތް ފެންނަގޮތަށެވެ. އަދި ދިއްލަންޖެހޭ ހުރިހާ ބައްތިތައް ފެންނަން ހުންނާނެ ގޮތަށާއި، ނަންބަރު ޕްލޭޓް ފެންނަން ހުންނާނެ ގޮތަށެވެ.
(ށ) މުދާ އުފުލާ އެއްގަމު އުޅަނދުގައި މުދަލާއި ތަކެތި އުފުލާއިރު، އުޅަނދަކަށް އަރުވައިފައިވާ މުދަލެއް އެ އުޅަނދެއްގެ ކުރިޔަށް ނެރެފައި ބެހެއްޓުމަކީ މަނާކަމެކެވެ. އަދި އުޅަނދަށްވުރެ ދިގު ތަކެތި އަރުވައިގެން ދުއްވައިފައިދާއިރު އުޅަނދުގެ ފަހަތުން ބޭރަށް ނުކުމެފައި ހުންނަ ބައި، އުޅަނދުގެ ފޮށިގަނޑުގެ ތިންބައިކުޅަ އެއްބަޔަށްވުރެ ދިގުވެގެން ނުވާނެއެވެ. އުޅަނދުގެ ފަހަތުން ބޭރަށް ހުންނަގޮތަށް މުދާ އުފުލާނަމަ، ހެނދުނު 6:00 އިން ފެށިގެން 18:00 އާ ދެމެދު، މުދާ އުފުލާ އުޅަނދުގެ ބޭރަށް ފަހަތަށް ނުކުމެފައިވާ މުދަލުގެ ނުވަތަ ތަކެތީގެ ކޮޅުގައި 1 ފޫޓު ދިގު، 1 ފޫޓު ފުޅާމިނުގެ ރަތްކުލައިގެ ދިދައެއް ހަރުކޮށްފައި ހުންނަންވާނެއެވެ. 18:00 އިން ފެށިގެން ހެނދުނު 6:00 އާ ދެމެދު މުދާ އުފުލާނަމަ، އުޅަނދުގެ ބޭރަށް ނުކުމެފައި ހުންނަ ބައިގައި ރަތްކުލައިގެ ނުވަތަ އޮރެންޖް ކުލައިގެ އަލި ފެންނަ ބައްތިއެއް، އުޅަނދުން ބޭރަށް ފަހަތަށް ނުކުމެފައިވާ މުދަލުގެ ނުވަތަ ތަކެތީގެ ކޮޅުގައި ދިއްލައިފައި ހުންނަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ދިދަ ހަރުކޮށްފައި ހުންނަންވާނީ، މީހުންނަށް ފެންނާނޭހެން ވިހުރޭ ގޮތަށެވެ. އަދި، ބައްތީގެ އަލި ހުންނަންވާނީ، 100 (އެއްސަތޭކަ) ފޫޓު ދުރުން ސާފުކޮށް ފެންނަ މިންވަރަށެވެ.
(ރ) ފޮށީގައި ބަންދުކޮށްފައި ހުންނަ ނުވަތަ ވަކިވަކިން ހުންނަ މުދާ ނުވަތަ އުޅަނދުގެ ފޮށިގަނޑު ތެރެއަށް އޮއްސައިގެން އުފުލާ މުދަލާއި ތަކެތި، އުޅަނދުގައި އުފުލަންވާނީ، އުޅަނދުގެ ފޮށިގަނޑުން ބޭރަށް ނުވެއްޓޭގޮތަށް ނުވަތަ ބޭރަށް ނުފައިބާގޮތަށް ނުވަތަ ބުރައިގެން ނުދާނެ ގޮތަށް ރައްކައުތެރިކަމުގެ ފިޔަވަޅު ރަނގަޅަށް އަޅައިގެންނެވެ.
(ބ) އުޅަނދުގައި މުދާ ބަހައްޓައިފައި ހުންނައިރު އުޅަނދުގެ ފޮށިގަނޑުގެ އަރިމަތިން ބޭރަށް މުދާ ބެހެއްޓުމާއި، އަރިމަތީފިލާ ތިރިކޮށްގެން ދުއްވުމާއި، އުޅަނދަށްވުރެ ދިގުކޮށް ހުންނަ މުދާ އުފުލާއިރު، ފަހަތު ނަންބަރު ބޯޑާއި ބައްތިތައް ނުފެންނަގޮތަށް ފަހަތުފިލާ ތިރިކޮށްފައި ބެހެއްޓުމާއި، މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް އުޅަނދުގައި މުދާ އުފުލުމަކީ މަނާކަމެކެވެ.
(ޅ) މުދާ އުފުލާ އުޅަނދުގެ ޑްރައިވަރުގެ ކެބިންގައި، ފަހަތު ފޮށިގަނޑު ބެލުމަށް ހުންނަ ބިއްލޫރިގަނޑު (ރިއަރ ވިއު ގްލާސް) އިން ޑްރައިވަރަށް ފަހަތް ނުފެންނަ ވަރަށް މުދާ ބަހައްޓައިގެން ދުއްވުމަކީ މަނާކަމެކެވެ. އަދި އެ މުދަލެއްގެ ބާވަތުން އެއްފޮށިގަނޑަކަށް ހުރުމުގެ ސަބަބުން ނުވަތަ އެ މުދަލެއްގެ ބޮޑުމިނުގެ ސަބަބުން ބިއްލޫރިގަނޑަށްވުރެ އުސްވާނަމަ، މުދާ އުފުލާ އުޅަނދުގައި އެހީތެރިޔަކު ނެތި މުދާ އުފުލުމަކީ ވެސް މަނާކަމެކެވެ.
(ކ) މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ގޮތަށް މުދާ ބެހެއްޓި ނަމަވެސް، އެ އުޅަނދުގެ ޑްރައިވަރުގެ ކެބި ންއަށްވުރެ އުސްކޮށް މުދާ ބެހެއްޓުމަކީ މަނާކަމެވެ. ނަމަވެސް ކޮންޓައިނަރ އުފުލުމަށް ހާއްސަކޮށްފައިވާ އުޅަނދުގައި މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ފަދައިން އެހީތެރިޔަކު ނެތި ނުވަތަ އުޅަނދުގެ ޑްރައިވިންގ ކެބިންއަށްވުރެ އުސްކޮށް މުދާ އުފުލުމަކަށް ހުރަހެއް ނާޅާނެއެވެ. (އިސްލާހު ކުރެވިފައި)
(އ) މުދާ އަރުވައި ބާލަން މަޑުކުރާ އެއްވެސް އުޅަނދެއް މަގަކަށް ނުވަތަ ގޯޅިއަކަށް ލަނބައިލާ ކަންމަތީގައި، މަގުގެ މެދަށްވާގޮތަށް ނުވަތަ އާންމު ޓްރެފިކަށް ދަތިވާގޮތަށް މަގުމައްޗަށް މަޑުކުރުމަކީ މަނާކަމެކެވެ.
(ވ) މުދާ އުފުލާ އުޅަނދު ދުއްވަން އިންނަ ޑްރައިވަރު، އުޅަނދު ދުއްވާއިރު މުދަލާއި ތަކެތި އަތުން ހިފައިގެން ގެންދިއުމަކީ މަނާކަމެކެވެ.
(މ) ގުދަނަކުން އުޅަނދަށް މުދާ އަރުވައި ބާލަންވާނީ، ގުދަނުގެ އެތެރޭގައި ބާއްވައިގެން، ނުވަތަ މަގާއި ދުވާރު ބޭނުންކުރާ ފަރާތްތަކަށް ދަތިނުވާގޮތަށް އުޅަނދު ބާއްވައިގެންނެވެ.
(ފ) ސިމެންތިއާއި ގޮދަންފުށާއި ގައުކުނޑިއާއި ވެލި ފަދަ ތަކެތި އުފުލަންވާނީ، އެ ފަދަ ތަކެތިން ކުނޑިނުބުރާނެ ގޮތަށް މުދާ އުފުލާ އުޅަނދުގެ ފޮށިގަނޑާއެކު ސަތަރިއެއް ނުވަތަ އެ ފަދަ އެއްޗެއް އަޅައި ރަނގަޅަށް ނިވައިކޮށް ބަންދުކޮށްގެންނެވެ.
(ދ) މުދާ އުފުލާ އުޅަނދަށް މުދާ އަރުވައި ބޭލުމަށް ވަކި ސަރަހައްދަކާއި ވަގުތެއް ސިޓީއެއްގައި ނުވަތަ ރަށެއްގައި ހަމަޖައްސައިފައިވާނަމަ، އެ ނޫން ސަރަހައްދެއްގައި އެ ނޫން ވަގުތެއްގައި، އެ ސިޓީއެއްގައި ނުވަތަ އެ ރަށެއްގައި މުދާ އަރުވައި ބޭލުމަކީ މަނާކަމެކެވެ.
(ތ) މުދާ އުފުލާ އުޅަނދަށް މުދާ އަރުވައި، އުޅަނދުން މުދާ އުފުލަންވާނީ، އުޅަނދު ދުއްވާ ފަރާތަށް އުޅަނދުގެ ކޮންޓްރޯލް ނުގެއްލޭގޮތަށް، އަދި އެހެން އުޅަނދުތަކާއި، މަގުމަތީގައި އުޅޭ މީހުންގެ ސަލާމަތްތެރިކަމާއި ރައްކައުތެރިކަމަށް ބަލައިގެން، މަގުމަތީގައި ހުންނަ މީސްމީހުންގެ މުދަލާއި ތަންތަނަށް ގެއްލުން ނުވާގޮތަށެވެ.
ތިންވަނަ ބާބު
އެހެނިހެން އުޅަނދުތަކުން ހިދުމަތްދިނުން
7 ވަނަ މާއްދާ - އެހެނިހެން އުޅަނދުގައި މުދަލާއި ތަކެތި އުފުލުން
ބައިސްކަލާއި، ހަމައެކަނި ދެމީހުންނަށް އެރޭގޮތަށް ފަރުމާކޮށްފައި ހުންނަ އޮޓޯ ސައިކަލާއި، މޮޓޯ ސައިކަލުގައި މުދަލާއި ތަކެތި އުފުލަންވާނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތަށެވެ.
- އެ އުޅަނދެއްގައި ހަރުކޮށްފައިވާ ވަށިގަނޑަށް ނުވަތަ އެ އުޅަނދެއްގެ މަޑިދަށަށް އަޅައިގެން؛
- އުޅަނދު ދުއްވާ ފަރާތަށް އުޅަނދުގެ ކޮންޓްރޯލް ނުގެއްލޭގޮތަށް އަދި އެހެން އުޅަނދުތަކާއި މީހުންނާއި ތަކެތީގެ ސަލާމަތްތެރިކަން ކަށަވަރުވާނޭހެން؛
- އުޅަނދަށް ވުރެ ދިގު ތަކެތި ނުވަތަ ފުޅާ ތަކެއްޗާއި، އެ އުޅަނދަކުން ދާ މީހުންނަށް ވުރެ އުސް ތަކެއްޗާއި، އެ އުޅަނދުގެ ބޭރަށް ނުކުންނަގޮތަށް އުޅަނދުގައި މުދަލާއި ތަކެތި ނުއުފުލުން؛
- އުޅަނދަށް ވުރެ ދިގުނޫން ނުވަތަ ފުޅާނޫން ތަކެއްޗާއި، އެ އުޅަނދަކުން ދާ މީހުންނަށް ވުރެ އުސްނޫން ތަކެއްޗާއި، އުޅަނދަށް ވުރެ ބޭރަށް ނުނުކުންނަ ގޮތަށް މުދަލާއި ތަކެތި އުފުލަންވާނީ، އެ އުޅަނދުގައި ހަރުކޮށްފައި ހުންނަ ވަށިގަނޑަށް ނުވަތަ ފޮށްޓެއް ފަދަ އެއްޗަކަށް ލައިގެން ހިފައިގެން ނުވަތަ އެ ތަކެތި ނުވެއްޓޭނޭ ގޮތަށް އުޅަނދުގައި ބަނދެގެން؛
- އުޅަނދުގެ ފަހަތުގައި އިންނަ މީހަކަށް އެއް އަތުން ހިފައިގެން އިނދެވޭނެ މުދަލާއި ތަކެތި، އުޅަނދުގެ ފަހަތުގައި އިންނަ މީހާ އަތުން ހިފައިގެން؛
- އުޅަނދުގެ ހެޑް ލައިޓާއި، ސިގްނަލް ލައިޓާއި، ޓެއިލް ލައިޓާއި، ނަންބަރު ޕްލޭޓް ނިވާނުވާ ގޮތަށާއި، އުޅަނދު ދުއްވަން އިންނަ މީހާގެ ދެ އަތާއި ދެފައި ބަންދުނުވާ ގޮތަށް.
(ށ) މުދާ އުފުލުމަށް ބޭނުންކުރާ ޓްރޮލީފަދަ އުޅަނދުގައި މުދަލާއި ތަކެތި އުފުލާއިރު، ޓްރޮލީ ދަމަން ހުންނަ އަތްގަނޑުގެ މަތީކައިރިއަށް ވުރެ މައްޗަށް މުދާ އެރުވުމާއި، ޓްރޮލީގައި މުދާ ގެންދަން ހުންނަ މީހާއަށް ކުރިމަތި ނުފެންނަގޮތަށް މުދާ އަރުވައިގެން ޓްރޮލީ ފަދަ އެއްޗެއް، އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ގެންދިއުމަކީ މަނާކަމެކެވެ.
(ނ) މި މާއްދާއާ ހިލާފަށް ބައިސްކަލާއި، ހަމައެކަނި ދެމީހުންނަށް އެރޭގޮތަށް ފަރުމާކޮށްފައި ހުންނަ އޮޓޯ ސައިކަލާއި، މޮޓޯ ސައިކަލާއި، މުދާ އުފުލުމަށް ބޭނުންކުރާ ޓްރޮލީފަދަ އުޅަނދުގައި މުދަލާއި ތަކެތި އުފުލުމަކީ މަނާކަމެކެވެ.
8 ވަނަ މާއްދާ - ކުނި ނުވަތަ އެއާ އެއްފަދަ އެއްޗެއް އުޅަނދުގައި އުފުލުން
(ހ) ކުނި އުފުލާގޮތަށް ފަރުމާކޮށްފައި ހުންނަ އުޅަނދު ފިޔަވައި އެހެން އުޅަނދެއްގައި ކުނި ނުވަތަ އެފަދަ އެއްޗެއް އުފުލަންވާނީ، މަގުމައްޗަށް ނޭޅޭގޮތަށް އަދި އޭގައި ހުރި ވަސް، މާހައުލަށް ނުފެތުރޭގޮތަށް ސަތަރިއެއް ފަދަ އެއްޗެއް އަޅައި ރަނގަޅަށް ނިވައިކޮށް ބަންދުކޮށްގެންނެވެ.
(ށ) ކުނި އުފުލާގޮތަށް ފަރުމާކޮށްފައި ހުންނަ އުޅަނދު ފިޔަވައި އެހެން އުޅަނދެއްގައި ކުނި އުފުލާނަމަ، އެ އުޅަނދެއްގެ ފޮށިގަނޑަށްވުރެ އުސްކޮށް ކުނި ބަރުކުރަންވާނީ، އެ އުޅަނދުގެ ފޮށިގަނޑުގެ ދެ އަރިމަތީ ފިލަޔާއި، ފަހަތުފިލާ އެކުލެވޭގޮތަށް ފޮށިގަނޑެއް ހަދައި، އުފުލާ ކުނީގެ އެއްވެސް މިންވަރެއް ބޭރަށް ނޭޅޭގޮތަށް ނުވަތަ ބޭރަށް ނުފައިބާގޮތަށް ރައްކައުތެރިކަމާއެކު އެތެރޭގައި ކުނި ހިފެހެއްޓިފައި ހުންނަގޮތަށެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފޮށިގަނޑު، އުޅަނދުގެ ޑްރައިވަރުގެ ކެބިންއަށްވުރެ އުސްވެގެން ނުވާނެއެވެ. އަދި ކުނި އުކައިލުމަށް ބޭނުންކުރާ އެއްވެސް އުޅަނދެއްގެ ފޮށިގަނޑުގެ ދެ އަރިމަތީގައްޔާއި ފަހަތުގައި ފިލާގަނޑެއް ޖައްސައިގެން އުޅަނދުގެ ފޮށިގަނޑުގެ ތެރެއަށް ކުނި އޮއްސައިގެން އުފުލުމަކީ މަނާކަމެކެވެ.
(ރ) މި މާއްދާގައިވާ ގޮތުގެ މަތީން ކުނި އުފުލާއިރު، އެ އުޅަނދުގެ ފަހަތު ފޮށިގަނޑުގައި މީހުން އުފުލުމަކީ މަނާކަމެކެވެ.
(ބ) ބައިސްކަލުގައި ކުނި އުފުލަންވާނީ، ބައިސްކަލުގެ ފަހަތުގައި ކުނިއަޅާނެ ފޮށިގަނޑެއް ހަރުކޮށް، ކުނީގައި ހުރި ވަހާއި ކުނި، މާހައުލަށް ނުފެތުރޭނެ ގޮތަށް ބަންދުކޮށްގެންނެވެ.
(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ފޮށިގަނޑު ހުންނަންވާނީ، ބައިސްކަލުގެ ހުންގާނަށް ވުރެ ފުޅާނުވާގޮތަށް، ބައިސްކަލު ދުއްވަން އިންނަ މީހާއަށް ވުރެ އުސް ނުވާގޮތަށް، ބައިސްކަލުގެ ފަހަތު ފުރޮޅަށްވުރެ ފަހަތަށް ނުނުކުންނަ މިންވަރަށެވެ. އަދި ފޮށިގަނޑަށް އަޅައިގެން ގެންދެވޭވަރަށްވުރެ އިތުރަށް، ބައިސްކަލުގެ އެކި ދިމަދިމާގައި ކޮތަޅާއި ގޯނި ނުވަތަ މިނޫންވެސް މި ބާވަތުގެ ތަކެތި އެލުވައިގެން ނުވަތަ އަޅުވައިގެން އެއަށް ކުނި އަޅައިގެން އުފުލުމަކީ މަނާކަމެކެވެ.
(ކ) ކުނި އުފުލުމަށް ބޭނުންކުރެވޭނެ އުޅަނދުތަކުގެ ބާވަތާއި ފެންވަރު މިނިސްޓްރީން ކަނޑައަޅައި އާންމުކުރަންވާނެއެވެ. އަދި ކުނި އުފުލުމަށް ބޭނުންކުރަންވާނީ މިނިސްޓްރީން ކަނޑައަޅައިފައިވާ ބާވަތް ނުވަތަ ފެންވަރަށް ފެތޭ އުޅަނދުތަކެވެ.
9 ވަނަ މާއްދާ - އަލިފާން ހިފާ ޒާތުގެ ތަކެއްޗާއި، ތެލާއި ކެމިކަލާއި ގޭސް ފަދަ ތަކެތި އުފުލުން
(ހ) މީހަކަށް ނުވަތަ ބަޔަކަށް ގެއްލުމެއް ލިބިދާނެ ފަދަ، އަލިފާން ހިފާ ޒާތުގެ ތަކެއްޗާއި، ތެލާއި ކެމިކަލާއި ގޭސް ފަދަ އެއްޗެއް އުޅަނދުގައި އުފުލަންވާނީ، ގަވާއިދު ނަންބަރު 2015-160 (ތެލުގެ ބާވަތްތައް ގެންގުޅެ، ބޭނުންކޮށް އަދި ގުދަންކުރުމާބެހޭ ގަވާއިދު) އާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ތަކެތި އުފުލާ އުޅަނދު ބަރުކޮށްގެން މަގުމަތީގައި ގަޑިއަކު 15 (ފަނަރަ) ކިލޯމީޓަރަށްވުރެ ބާރަށް ދުއްވުމަކީ މަނާކަމެކެވެ. ނަމަވެސް، ވަކި ސްޕީޑެއް ކަނޑައަޅައި ނިށާން ޖަހައިފައިވާނަމަ، އެ ސަރަހައްދެއްގައި ދުއްވަންވާނީ އެ ސްޕީޑަކަށެވެ.
(ނ) މަގުމަތީގައި ހިނގައިފާނެ ނުރައްކައުތެރި ހާދިސާއަކުން ސަލާމަތްވުމުގެ ގޮތުން ނޫންގޮތަކަށް އެއްގަމުގައި ދުއްވާ އެއް އުޅަނދަކުން އަނެއް އުޅަނދަށް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ އެއްޗެއް މަގުމަތީގައި ބަދަލުކޮށް ހެދުމަކީ މަނާކަމެކެވެ.
(ރ) އަލިފާން ހިފާ ޒާތުގެ ނުވަތަ ގޮވާ ޒާތުގެ ތަކެތި އުޅަނދުގައި އުފުލާނަމަ، ދުއްވާ މީހާއާއި އެހީތެރިޔާ ފިޔަވައި އިތުރު އެހެން އެއްވެސް މީހަކު އެ އުޅަނދަށް އެރުވުމަކީ މަނާކަމެކެވެ.
(ބ) ތެޔޮ އުފުލާ އެއްގަމު އުޅަނދަށް ތެޔޮ ބަރުކުރުމާއި، ތެޔޮ ބަރުކޮށްފައިވާ އެއްގަމު އުޅަނދުން ކަނޑުގައި ދުއްވާ އުޅަނދުފަހަރަށް ތެޔޮ ފަދަ ތަކެތި އަޅަންވާނީ ރައްކައުތެރިކަމާއެކުގައެވެ. އަދި ސިޓީތަކާއި ރަށްތަކުގައި އެ ކަމަށް ވަކި ސަރަހައްދަކާއި ވަގުތެއް ކަނޑައަޅައިފައިވާނަމަ، އެނޫން ސަރަހައްދެއްގައި އެ ނޫން ވަގުތެއްގައި ތެޔޮ ބަރުކުރުމާއި ތެޔޮ އެޅުމަކީ މަނާކަމެކެވެ.
(ޅ) ކައްކާގޭސް (އެލް.ޕީ.ޖީ) އެސެޓްލިން ފަދަ އަލިފާން ހިފާފާނެ ޒާތުގެ ތަކެތި އުފުލަންވާނީ، އުޅަނދުގެ ޑްރައިވަރުގެ ކެބިންއަށްވުރެ އުސްނުވާގޮތަށް މުދާ އުފުލާ އުޅަނދުގެ ފޮށިގަނޑުގެ ވަށައިގެން ދަގަނޑު ޖާލިގަނޑެއް ޖަހައި ގޭސްފުޅި ނުވެއްޓޭގޮތަށް ރައްކައުތެރިކޮށެވެ.
(ކ) ތެޔޮ އުފުލާ އެއްގަމު އުޅަނދު، ސިޓީތަކާއި ރަށްތަކުގައި ދަތުރުކުރާނެ މަގުތައް ކަނޑައަޅާނީ، މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުންނެވެ. އެގޮތުން ތެޔޮ އުފުލާ އުޅަނދު ވަނުމަށް ކަނޑައަޅައިފައިވާ މަގުނޫން މަގަކަށް ވަންނަން ޖެހިއްޖެނަމަ، މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ހުއްދަ ހޯދަންވާނެއެވެ.
ހަތަރުވަނަ ބާބު
ހިދުމަތް ދިނުމުގެ އަގުތައް
10 ވަނަ މާއްދާ - ހިދުމަތުގެ އަގު ކަނޑައެޅުން
(ހ) ސިޓީތަކުގައްޔާއި ރަށްތަކުގުއި މުދަލާއި ތަކެތި އުފުލުމުގެ އަގު ނަގަންވާނީ، މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅައިފައިވާ ފަރާތަކުން ކަނޑައަޅައި އާންމުކުރާ އަދަދުތަކަށްވުރެ ބޮޑުނުވާ ގޮތަށެވެ.
(ށ) މުދާ އުފުލާ އުޅަނދަކަށް، މުދާ އުފުލުމުގެ ހިދުމަތަށް ނެގޭނެކަމަށް މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅައިފައިވާ ފަރާތަކުން އާންމުކޮށްފައިވާ އަގު، އުޅަނދުގެ ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ފެންނާނޭހެން އުޅަނދުގެ ތެރޭގައި ބަހައްޓައިފައި ހުންނަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) އާ ހިލާފަށް މުދާ އުފުލުމުގެ ހިދުމަތް ދިނުމަށް އަގު ނެގުމަކީ މަނާކަމެކެވެ.
ފަސްވަނަ ބާބު
ޕިކަޕް ސެންޓަރުތަކާއި ޕިކަޕް ޑްރައިވަރުން ލައިސަންސްކުރުން
11 ވަނަ މާއްދާ - ޕިކަޕް ސެންޓަރު ލައިސަންސް
(ހ) ދިވެހިރާއްޖޭގައި މުދަލާއި ތަކެތި އުފުލުގެ ހިދުމަތެއް ދޭންވާނީ، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން މިނިސްޓްރީން ދޫކުރާ "ޕިކަޕް ސެންޓަރު ލައިސަންސް" ލިބުމަށްފަހުގައެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޕިކަޕް ސެންޓަރު ލައިސަންސް ހޯދަންވާނީ، އެ ކަމަށް ތައްޔާރުކޮށްފައިވާ ފޯމު، މިނިސްޓްރީއަށް ހުށަހަޅައިގެންނެވެ.
(ނ) ޕިކަޕް ސެންޓަރު ލައިސަންސް ހޯދުމަށް އެދި މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފޯމު މިނިސްޓްރީއަށް ހުށަހެޅުމަށްފަހު، އަންނަނިވި ށަރުތުތައް އެ ހުށަހެޅުމުގައި ފުރިހަމަވާނަމަ، އަދި މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށަހަޅައިފައިވާނަމަ، އެންމެ ގިނަވެގެން ވެސް، ރަސްމީ 14 (ސާދަ) ދުވަހުގެ ތެރޭގައި، ޕިކަޕް ސެންޓަރު ލައިސަންސް، މިނިސްޓްރީން ދޫކުރަންވާނެއެވެ.
- ގާނޫނު ނަންބަރު 1996-04 (ކުންފުންޏާބެހޭ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުންޏަކަށް ވުން، ނުވަތަ ގާނޫނު ނަންބަރު 2011-13 (ޕާޓްނަރށިޕް ގާނޫނު) ގެ ދަށުން ރަޖިސްކޮށްފައިވާ ޕާޓްނަރށިޕަކަށް ވުން، ނުވަތަ ގާނޫނު ނަންބަރު 2014-19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިއަކަށް ވުން؛
- ޕިކަޕް ސެންޓަރު ހިންގުމަށް އޮފީހެއް ހުރުން؛
- ޕިކަޕް ސެންޓަރުގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ، މުދާ އުފުލާ ގިންތީގެ މަދުވެގެން 50 (ފަންސާސް) އުޅަނދު އޮތުން؛
- ޕިކަޕް ސެންޓަރުގައި ރަޖިސްޓަރީ ކޮށްފައިވާ ނުވަތަ ލިސްޓުކޮށްފައިވާ، އުޅަނދު ދުއްވުމުގެ ލައިސަންސް ލިބިފައިވާ، މަދުވެގެން 50 (ފަންސާސް) ޑްރައިވަރުން ތިބުން.
(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފޯމާއެކު، އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.
- ލައިސަންސް ހޯދުމަށް އެދޭ ކުންފުނި، ނުވަތަ ޕާޓްނަރށިޕް، ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީގެ ކޮޕީ؛
- ޕިކަޕް ސެންޓަރު ހިންގާ ތަނާއި، ޕިކަޕް ސެންޓަރު ހިންގާ ފަރާތުގެ މައުލޫމާތު؛
- ޕިކަޕް ސެންޓަރުގައި ރަޖިސްޓަރީ ކޮށްފައިވާ އުޅަނދުގެ ރަޖިސްޓަރީގެ ކޮޕީ ނުވަތަ ތިންވަނަ ފަރާތެއްގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ އުޅަނދުގެ ރަޖިސްޓަރީގެ ކޮޕީއާއި، ޕިކަޕް ސެންޓަރުގައި އުޅަނދު ލިސްޓު ކުރުމަށް ޓަކައި އެ ފަރާތާއި ޕިކަޕް ސެންޓަރާއެކު ހަދައިފައިވާ އެއްބަސްވުމުގެ ކޮޕީ؛
- ޕިކަޕް ސެންޓަރުގައި ރަޖިސްޓަރީ ކޮށްފައިވާ ނުވަތަ ލިސްޓުކޮށްފައިވާ އުޅަނދު ދުއްވުމުގެ ލައިސަންސް ލިބިފައިވާ ފަރާތް ނުވަތަ ފަރާތްތަކުގެ ލައިސަންސްގެ ކޮޕީ؛
- ޕިކަޕް ސެންޓަރުން ހިދުމަތް ދިނުމަށް ކަނޑައަޅައިފައިވާ ޕިކަޕްތަކުގެ އަދަދާއި، އުޅަނދުގެ ރަޖިސްޓްރޭށަނާބެހޭ މައުލޫމާތު؛
- ޕިކަޕް ސެންޓަރުން ހިދުމަތް ދޭން ކަނޑައަޅައިފައިވާ ޑްރައިވަރުންގެ އަދަދާއި، އެ ފަރާތްތަކުގެ މައުލޫމާތު.
- ފޯމުގައި ހުށަހެޅުމަށް ކަނޑައަޅައިފައިވާ އެހެނިހެން ލިޔެކިޔުންތައް.
(ބ) މި މާއްދާގެ (ހ) ގެ ދަށުން ޕިކަޕް ސެންޓަރު ލައިސަންސް ދޫކުރެވޭނީ، ހިދުމަތުގެ އަގުގެ ގޮތުގައި 500 (ފަސްސަތޭކަ) ރުފިޔާ ދެއްކުމުންނެވެ.
(ޅ) މި މާއްދާގެ (ހ) ގެ ދަށުން ޕިކަޕް ސެންޓަރު ލައިސަންސް އައުކުރެވޭނީ، ހިދުމަތުގެ އަގުގެ ގޮތުގައި 500 (ފަސްސަތޭކަ) ރުފިޔާ ދެއްކުމުންނެވެ.
(ކ) މި މާއްދާގެ (ހ) ގެ ދަށުން ދޫކުރާ ޕިކަޕް ސެންޓަރު ލައިސަންސްގެ މުއްދަތަކީ، 5 (ފަހެއް) އަހަރުދުވަހެވެ.
(އ) މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމުގެ 3 (ތިނެއް) މަސްދުވަހުގެ ކުރިން، ޕިކަޕް ސެންޓަރު ލައިސަންސް އައުކުރުމަށް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. ޕިކަޕް ސެންޓަރު ލައިސަންސް އައުކުރުމަށް އެދި ހުށަހަޅާނީ، އެ ކަމަށް ތައްޔާރުކޮށްފައިވާ ފޯމުންނެވެ.
(ވ) މި މާއްދާއާ ހިލާފަށް ލައިސަންސް ހޯދުމަކާ ނުލައި ޕިކަޕް ސެންޓަރު ހިންގުމަކީ އަދި މުދާ އުފުލުމުގެ ހިދުމަތް ދިނުމަކީ މަނާކަމެކެވެ.
12 ވަނަ މާއްދާ - ޕިކަޕް ލައިސަންސް
(ހ) މުދާ އުފުލުމުގެ ހިދުމަތެއް އެއްވެސް އުޅަނދަކުން ދޭންވާނީ، މި ގަވާއިދުގެ ދަށުން ޕިކަޕް ސެންޓަރު ލައިސަންސް ލިބިފައިވާ ސެންޓަރެއް މެދުވެރިކޮށް، މި ގަވާއިދުގެ ދަށުން "ޕިކަޕް ލައިސަންސް" ލިބުމަށްފަހުގައެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޕިކަޕް ލައިސަންސް ހޯދަންވާނީ، އެ ކަމަށް ތައްޔާރުކޮށްފައިވާ ފޯމު، މިނިސްޓްރީއަށް ހުށަހަޅައިގެންނެވެ.
(ނ) މި ޕިކަޕް ލައިސަންސް ހޯދުމަށް އެދި، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ލައިސަންސް ފޯމު މިނިސްޓްރީއަށް ހުށަހެޅުމަށްފަހު، އަންނަނިވި ށަރުތުތައް އެ ހުށަހެޅުމުގައި ފުރިހަމަވާނަމަ، އަދި މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށަހަޅައިފައިވާނަމަ، އެންމެ ގިނަވެގެން ވެސް، ރަސްމީ 14 (ސާދަ) ދުވަހުގެ ތެރޭގައި ޕިކަޕް ލައިސަންސް، މިނިސްޓްރީން ދޫކުރަންވާނެއެވެ.
- ޕިކަޕް ލައިސަންސް ދިނުމަށް އެދޭ އުޅަނދަކީ އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓަރީކުރުމުގެ ގަވާއިދުގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ “C” ކެޓަރީގެ އުޅަނދަކަށް ވުން؛
- ލައިސަންސް ދިނުމަށް އެދޭ އުޅަނދުގެ އަހަރީ ފީ ދައްކައިފައިވުން؛
- ލައިސަންސް ދިނުމަށް އެދޭ އުޅަނދަކީ ރޯޑްވަރދިނަސްގެ މިންގަނޑަށް ފެތޭ އުޅަނދަކަށް ވުން؛
- ލައިސަންސް ދިނުމަށް އެދޭ އުޅަނދަކީ ތާރޑް ޕާޓީ އިންށުއަރެންސް ލިބިފައިވާ އުޅަނދަކަށް ވުން.
(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފޯމާއެކު އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.
- ލައިސަންސް ދޫކުރުމަށް އެދޭ އުޅަނދުގެ ރަޖިސްޓްރޭށަން ސެޓުފިކެޓު؛
- ލައިސަންސް ދޫކުރުމަށް އެދޭ އުޅަނދުގެ އަހަރީ ފީ ދައްކައިފައިވާކަމުގެ ލިޔުން؛
- ލައިސަންސް ދޫކުރުމަށް އެދޭ އުޅަނދުގެ ރޯޑްވަރދިނަސް ފުރިހަމަވެފައިވާކަން އަންގައިދޭ ލިޔުން؛
- ލައިސަންސް ދޫކުރުމަށް އެދޭ އުޅަނދަށް ތާރޑް ޕާޓީ އިންށުއަރެންސް ލިބިފައިވާކަން އަންގައިދޭ ލިޔުން؛
- ލައިސަންސް ދޫކުރުމަށް އެދޭ އުޅަނދަކީ ޕިކަޕް ސެންޓަރެއްގައި ލިސްޓުކޮށްފައިވާ އުޅަނދެއްކަން އަންގައިދޭ ލިޔުން.
(ބ) މި މާއްދާގެ (ހ) ގެ ދަށުން ޕިކަޕް ލައިސަންސް ދޫކުރެވޭނީ، ހިދުމަތުގެ އަގުގެ ގޮތުގައި 500 (ފަސްސަތޭކަ) ރުފިޔާ ދެއްކުމުންނެވެ.
(ޅ) މި މާއްދާގެ (ހ) ގެ ދަށުން ޕިކަޕް ލައިސަންސް އައުކުރެވޭނީ، ހިދުމަތުގެ އަގުގެ ގޮތުގައި 500 (ފަސްސަތޭކަ) ރުފިޔާ ދެއްކުމުންނެވެ.
(ކ) މި މާއްދާގެ (ހ) ގެ ދަށުން ދޫކުރާ ޕިކަޕް ލައިސަންސްގެ މުއްދަތަކީ، 5 (ފަހެއް) އަހަރުދުވަހެވެ.
(އ) މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމުގެ 3 (ތިނެއް) މަސްދުވަހުގެ ކުރިން، ޕިކަޕް ލައިސަންސް އައުކުރުމަށް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. ޕިކަޕް ލައިސަންސް އައުކުރުމަށް އެދި ހުށަހަޅާނީ، އެ ކަމަށް ތައްޔާރުކޮށްފައިވާ ފޯމުންނެވެ.
(ވ) މި މާއްދާއާ ހިލާފަށް އެއްވެސް އުޅަނދަކުން މުދާ އުފުލުމުގެ ހިދުމަތެއް ދިނުމަކީ މަނާކަމެކެވެ.
13 ވަނަ މާއްދާ - ޕިކަޕް ޑްރައިވަރު ލައިސަންސް
(ހ) މި ގަވާއިދުގެ ދަށުން ޕިކަޕް ލައިސަންސް ލިބިފައިވާ އުޅަނދެއް ދުއްވަންވާނީ، ޕިކަޕް ޑްރައިވަރު ލައިސަންސް ލިބިފައިވާ ފަރާތްތަކުންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޕިކަޕް ޑްރައިވަރު ލައިސަންސް ހޯދަންވާނީ، އެ ކަމަށް ތައްޔާރުކޮށްފައިވާ ފޯމު، މިނިސްޓްރީއަށް ހުށަހަޅައިގެންނެވެ.
(ނ) ޕިކަޕް ޑްރައިވަރ ލައިސަންސް ހޯދުމަށް އެދި މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ލައިސަންސް ފޯމު، މިނިސްޓްރީއަށް ހުށަހެޅުމަށްފަހު، އަންނަނިވި ށަރުތުތައް އެ ހުށަހެޅުމުގައި ފުރިހަމަވާނަމަ، އެންމެ ގިނަވެގެން ވެސް، ރަސްމީ 14 (ސާދަ) ދުވަހުގެ ތެރޭގައި، ޕިކަޕް ޑްރައިވަރު ލައިސަންސް، މިނިސްޓްރީން ދޫކުރަންވާނެއެވެ.
- ގަވާއިދު ނަންބަރު 2021-102 (އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ގަވާއިދު) ގެ ދަށުން ޕިކަޕް ލައިސަންސް ލިބިފައިވާ ފަރާތަކަށް ވުން؛
- ޕިކަޕް ޑްރައިވަރުންގެ ތަމްރީނު ފުރިހަމަކޮށްފައިވާ ފަރާތަކަށް ވުން؛
- ބިދޭސީ ޑްރައިވަރެއް ނަމަ، ދިވެހި ރައްޔިތަކާ ކައިވެނިކޮށްގެން އުޅޭ ރެޒިޑެންޓް ވިސާ ލިބިފައިވާ ފަރާތަކަށް ވުން؛
- ވޭތުވެދިޔަ 3 (ތިނެއް) އަހަރުގެ ތެރޭގައި އެއްވެސް ޖިނާއީ ކުށެއް ކޮށްފައިވާ މީހަކަށް ނުވުން؛
- މުދާ އުފުލުމުގެ ހިދުމަތް ދޭ އުޅަނދެއް ދުއްވައި އޮޕަރޭޓްކުރުމުގެ ސިއްހީ އަދި ނަފްސާނީ ގާބިލުކަން ހުރި ފަރާތަކަށްވުން.
(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފޯމާއެކު އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.
- ޕިކަޕް ޑްރައިވަރު ލައިސަންސް ހޯދުމަށް އެދޭ ފަރާތަކީ ދިވެހި ރައްޔިތެއް ނަމަ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، ބިދޭސީއެއްނަމަ، އެ ފަރާތެއްގެ ޕާސްޕޯޓުގެ ކޮޕީ؛
- ޕިކަޕް ޑްރައިވަރު ލައިސަންސް ހޯދުމަށް އެދޭ ފަރާތަށް، ގަވާއިދު ނަންބަރު 2021-102 (އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ގަވާއިދު) ގެ ދަށުން ލިބިފައިވާ ޕިކަޕް ދުއްވުމުގެ ލައިސަންސްގެ ކޮޕީ؛
- ބިދޭސީ ޑްރައިވަރެއްނަމަ، ރެޒިޑެންޓް ވިސާއާއި ކައިވެނީގެ ސެޓުފިކެޓުގެ ކޮޕީ؛
- ދިވެހި ފުލުހުންގެ ހިދުމަތުން ދޫކޮށްފައިވާ ކުށުގެ ރިކޯޑު؛
- ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ހޮސްޕިޓަލަކުން ނުވަތަ ސިއްހީ ހިދުމަތްދޭ މަރުކަޒަކުން ދޫކޮށްފައިވާ މެޑިކަލް ރިޕޯޓު ހުށަހެޅުން؛
- ފޯމުގައި ހުށަހެޅުމަށް ކަނޑައަޅައިފައިވާ އެހެނިހެން ލިޔެކިޔުންތައް.
(ބ) މި މާއްދާގެ (ހ) ގެ ދަށުން ޕިކަޕް ޑްރައިވަރު ލައިސަންސް ދޫކުރެވޭނީ، ހިދުމަތުގެ އަގުގެ ގޮތުގައި 250 (ދުއިސައްތަ ފަންސާސް) ރުފިޔާ ދެއްކުމުންނެވެ.
(ޅ) މި މާއްދާގެ (ހ) ގެ ދަށުން ޕިކަޕް ޑްރައިވަރު ލައިސަންސް އައުކުރެވޭނީ، ހިދުމަތުގެ އަގުގެ ގޮތުގައި 250 (ދުއިސައްތަ ފަންސާސް) ރުފިޔާ ދެއްކުމުންނެވެ.
(ކ) މި މާއްދާގެ (ހ) ގެ ދަށުން ދޫކުރާ ޕިކަޕް ޑްރައިވަރު ލައިސަންސްގެ މުއްދަތަކީ، 5 (ފަހެއް) އަހަރުދުވަހެވެ.
(އ) މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމުގެ 3 (ތިނެއް) މަސްދުވަހުގެ ކުރިން ޕިކަޕް ޑްރައިވަރު ލައިސަންސް އައުކުރުމަށް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
(ވ) މި މާއްދާއާ ހިލާފަށް ޕިކަޕް ޑްރައިވަރެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ މަނާކަމެކެވެ.
14 ވަނަ މާއްދާ - ޕިކަޕް ޑްރައިވަރުންގެ ތަމްރީނު
ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން މިނިސްޓްރީން ނުވަތަ ފުލުހުން ހިންގާ ތަމްރީނު ޕްރޮގްރާމްތަކުގައި، ޕިކަޕް ޑްރައިވަރުންނާއި، ޕިކަޕް ސެންޓަރުތައް ހިންގާ ފަރާތްތަކާއި، އެ ތަންތަނުގެ މުވައްޒަފުން ބައިވެރިކުރަންވާނެއެވެ.
15 ވަނަ މާއްދާ - ޕިކަޕް ސެންޓަރުން ހިދުމަތް ދިނުން
(ހ) ޕިކަޕް ސެންޓަރުން މުދާ އުފުލުގެ ހިދުމަތް ދޭންވާނީ، މި ގަވާއިދުގެ ދަށުން ޕިކަޕް ލައިސަންސް ލިބިފައިވާ އުޅަނދުތަކާއި ޕިކަޕް ޑްރައިވަރު ލައިސަންސް ލިބިފައިވާ ޑްރައިވަރުން މެދުވެރިކޮށެވެ.
(ށ) ޕިކަޕް ސެންޓަރުގައި ހިދުމަތް ދިނުމަށް، ޕިކަޕް ލައިސަންސް ލިބިފައިވާ އުޅަނދުތަކާއި، ޕިކަޕް ޑްރައިވަރު ލައިސަންސް ލިބިފައިވާ ޑްރައިވަރުންގެ ލިސްޓެއް، ކޮންމެ މަހެއް ނިމުމުގެ ކުރިން، އެ ސެންޓަރަކުން މިނިސްޓްރީއަށް ފޮނުވަންވާނެއެވެ.
(ނ) ޕިކަޕް ސެންޓަރުގައި ލިސްޓުކޮށްފައިވާ ޕިކަޕް ލައިސަންސް ލިބިފައިވާ އުޅަނދުތަކާއި ޕިކަޕް ޑްރައިވަރު ލައިސަންސް ލިބިފައިވާ ޑްރައިވަރުންގެ ދަފުތަރެއް، ކޮންމެ ސެންޓަރަކުން ވެސް އަދާހަމަކޮށް ބަލަހައްޓަންވާނެއެވެ.
(ރ) ޕިކަޕް ސެންޓަރުން ހިދުމަތްދޭ އުޅަނދުތަކުގައި، އަންނަނިވި ށަރުތުތައް ފުރިހަކުރަންވާނެއެވެ.
- އުޅަނދުގެ ދެ އަރިމަތީގައި ބޭރަށް ފެންނާނޭހެން، ހިދުމަތްދޭ ޕިކަޕް ސެންޓަރުގެ ނަމާއި ފޯނު ނަންބަރު، މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ގޮތަށް ލިޔެފައި ހުރުން؛
- ޕިކަޕް ލައިސަންސާއި ޕިކަޕް ޑްރައިވަރ ލައިސަންސްގެ ކޮޕީއެއް ހުރުން؛
- އަހަރީ ފީ ދައްކައިފައިވުން؛
- ރޯޑްވަރދިނަސް ހަދައިފައިވުން؛
- ތަރޑް ޕާޓީ އިންށުއަރެންސް ލިބިފައިވުން.
(ބ) ޕިކަޕް ސެންޓަރުތަކުން، ކޮންމެ ދުވަހަކު 24 (ސައުވީސް) ގަޑިއިރު، މުދާ އުފުލުގެ ހިދުމަތް ދޭންވާނެއެވެ. އަދި ޕިކަޕް ސެންޓަރުން އެކުލަވައިލާ ތާވަލެއްގެ ދަށުން، ސެންޓަރުގައި ލިސްޓުކޮށްފައިވާ ޕިކަޕްތަކާއި ޑްރައިވަރުން ޑިއުޓީ އަދާ ކުރަންވާނެއެވެ.
(ޅ) ޕިކަޕް ސެންޓަރުގައި ރަޖިސްޓަރީ ކޮށްފައިވާ އެންމެހައި އުޅަނދުތަކަށް ދަތުރުތައް ބަހަންވާނީ ހަމަހަމަކޮށެވެ.
(ކ) ޕިކަޕް ސެންޓަރުން ހިދުމަތްދޭ އުޅަނދުތައް ހިދުމަތް ދެމުންދަނީ، ގާނޫނު ނަންބަރު 2009-05 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންތޯ މިނިސްޓްރީން ގަވާއިދުން ބަލައި ޗެކްކުރަންވާނެއެވެ.
16 ވަނަ މާއްދާ - ހިދުމަތް ދިނުމުގައި ގެންގުޅެންޖެހޭ މުއާސަލާތީ ނިޒާމާއި އަހްލާގީ މިންގަނޑު
(ހ) ކޮމިއުނިކޭށަން އޮތޯރިޓީ އޮފް މޯލްޑިވްސްއިން ހުއްދަކުރާ ކަމާބެހޭ މުއާސަލާތީ ނިޒާމެއް، ޕިކަޕް ސެންޓަރާއި ހިދުމަތްދޭ އުޅަނދާ ދެމެދު ގާއިމުކޮށްފައި ހުންނަންވާނެއެވެ. އަދި މި ފަދަ މުއާސަލާތީ ނިޒާމެއްގެ ބޭނުން ހިފުމުގައި ބޭއަދަބީ ބަސްތައް ބޭނުންކޮށްގެން ނުވާނެއެވެ.
(ށ) ޕިކަޕް ޑްރައިވަރު ލައިސަންސް ލިބިފައިވާ ފަރާތްތަކުން، ހިދުމަތް ލިބިގަންނަ ފަރާތްތަކާއެކު މުއާމަލާތު ކުރަންވާނީ އިހްތިރާމާއެކު ރިވެތި ބަހުންނެވެ.
17 ވަނަ މާއްދާ - ޕިކަޕް ސެންޓަރުތަކުގެ ޒިންމާ
(ހ) ޕިކަޕް ސެންޓަރުތަކުން އެ ސެންޓަރެއްގައި ރަޖިސްޓަރީކޮށްގެން ހިދުމަތްދޭ އުޅަނދުތައް ހިދުމަތް ދެމުން ގެންދަނީ، ގާނޫނު ނަންބަރު 2009-05 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާ އެއްގޮތަށްތޯ ބެލުމަށް، މަދުވެގެން ކޮންމެ މަހަކު އެއްފަހަރު، އެ ސެންޓަރުން ހިދުމަތްދޭ އުޅަނދުތައް ޗެކުކުރަންވާނެއެވެ. އަދި، ޕިކަޕް ޑްރައިވަރުން، އެ ގާނޫނާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރަމުންދޭތޯ ބަލައި، މޮނިޓަރކުރަމުން ގެންދަންވާނެއެވެ.
(ށ) ޕިކަޕް ސެންޓަރުންދޭ ހިދުމަތްތަކާ ގުޅޭ އަންނަނިވި ކަންކަމުގެ މައުލޫމާތު އެ ސެންޓަރަކުން ބަލަހައްޓަންވާނެއެވެ.
- ސެންޓަރުން ހިދުމަތްދޭ އުޅަނދުގެ އަދަދު؛
- ސެންޓަރުން ހިދުމަތްދޭ ޑްރައިވަރުންގެ އަދަދު؛
- ސެންޓަރުން ހިދުމަތް ދިނުމަށް ކަނޑައަޅައިފައިވާ އުޅަނދުތަކުގެ ތެރެއިން އެއްވެސް ސަބަބަކާހުރެ ހިދުމަތް މެދުކެނޑިފައިވާ އުޅަނދުގެ އަދަދު؛
- ސެންޓަރުން ހިދުމަތް ދިނުމަށް ކަނޑައަޅައިފައިވާ ޑްރައިވަރުންގެ ތެރެއިން އެއްވެސް ސަބަބަކާހުރެ ހިދުމަތް ދިނުމަށް ނުނެރޭ ނުވަތަ ނުނިކުންނަ ޑްރައިވަރުންގެ އަދަދު؛
- ސެންޓަރުގެ ހިދުމަތަށް ދުވާލަކު އެދޭ އަދަދާއި، ހިދުމަތް ދެވޭ އަދަދު؛
- ސެންޓަރުން ދުވާލަކު ކުރާ ދަތުރުގެ އަދަދާއި، ހިދުމަތުގައި ހޭދަކުރި ވަގުތު؛
- ހިދުމަތްދޭ އުޅަނދުތަކާއި ސެންޓަރާ ދެމެދު ވެވޭ އެއްބަސްވުންތަކުގެ ކޮޕީ؛
- ސެންޓަރުގައި މަސައްކަތްކުރާ މުވައްޒަފުންގެ ރިކޯޑު.
(ނ) ކޮންމެ އަހަރެއްގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި، ވޭތުވެދިޔަ 12 (ބާރަ) މަސްދުވަހުގެ މުއްދަތުގެ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ހިމެނޭ ރިޕޯޓެއް ޕިކަޕް ސެންޓަރުތަކުން އެކުލަވައިލައިފައި މިނިސްޓްރީއަށް ފޮނުވަންވާނެއެވެ.
(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު މިނިސްޓްރީން ބަލަން ބޭނުންވެއްޖެނަމަ، މިނިސްޓްރީން އެ މައުލޫމާތު ފޮނުވުމަށް އަންގާތާ އެންމެ ގިނަވެގެން ވެސް، ރަސްމީ 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ސެންޓަރަކުން އެ މައުލޫމާތު މިނިސްޓްރީއަށް ފޮނުވަންވާނެއެވެ.
ހަވަނަ ބާބު
ށަކުވާ ހުށަހެޅުމާއި ފިޔަވަޅު އެޅުން
18 ވަނަ މާއްދާ - ފިޔަވަޅު އެޅުން
(ހ) މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ލައިސަންސްތައް ދޫކުރުމުގައި ފުރިހަމަވާންޖެހޭ ށަރުތެއް އެ ލައިސަންސް ލިބިފައިވާ ފަރާތެއްގެ ކިބައިން އުނިވެއްޖެނަމަ، އެ ފަރާތަކަށް ދޫކޮށްފައިވާ ލައިސަންސް ބާތިލު ކުރެވޭނެއެވެ.
(ށ) މި ގަވާއިދާ ހިލާފުވާ ފަރާތެއް ނުވަތަ މި ގަވާއިދުގައި މަނާކަމެއް ކަމަށް ބަޔާންކޮށްފައިވާ ކަމެއް ކުރާ ފަރާތެއް، ފުރަތަމަ ފަހަރަށް 750 (ހަތް ސަތޭކަ ފަންސާސް) ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދާ ހިލާފަށް މުދާ އުފުލުމުގެ ހިދުމަތް ދޭ ފަރާތުން ކުރާ ކުށުގެ ކުޑަބޮޑުމިނަށް ބަލައި، އެ ފަރާތެއްގެ ނުވަތަ އެ ސެންޓަރެއްގެ ލައިސަންސް އެންމެ ފުރަތަމަ ފަހަރުންވެސް ބާތިލުކުރުމުގެ ނުވަތަ އެ ފަރާތަކަށް ދޫކޮށްފައިވާ ލައިސަންސް ވަކި މުއްދަތަކަށް ހިފެހެއްޓުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ރ) މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ލައިސަންސެއްގެ މުއްދަތު ހަމަވުމުގެ ކުރިން، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތާ އެއްގޮތްވާ ގޮތުގެ މަތީން އެ ލައިސަންސެއް އައުކޮށްފައި ނުވާނަމަ، އެ ލައިސަންސެއްގެ މުއްދަތު ހަމަވުމުން، އެ ލައިސަންސެއް ބާތިލުވާނެއެވެ.
19 ވަނަ މާއްދާ - ށަކުވާ ހުށަހެޅުން
(ހ) މި ގަވާއިދާ ހިލާފަށް އެއްވެސް ފަރާތަކުން އަމަލުކޮށްފައިވާ ކަމުގެ ށަކުވާ އެ ކަމަށް ތައްޔާރުކޮށްފައިވާ ފޯމުން މިނިސްޓްރީއަށް ހުށަހެޅިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ށަކުވާގެ އިތުރުން، މިނިސްޓްރީގެ އަމިއްލަ އިސްނެގުމުގައި ފާހަގަކުރެވޭ ކަމަކާ ގުޅިގެން ނުވަތަ ފުލުހުންގެ ފަރާތުން ށަކުވާއެއް ހުށަހަޅައިފިނަމަ، އެ ށަކުވާ ބަލަންވާނެއެވެ.
20 ވަނަ މާއްދާ - ށަކުވާ ބެލުން
މި ގަވާއިދުގެ 19 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ށަކުވާތައް ބެލުމުގައި އަންނަނިވި އުސޫލުތަކަށް އަމަލުކުރަންވާނެއެވެ.
(ހ) ލިބިފައިވާ ށަކުވާތަކުގެ ތަފުސީލު، އެ ށަކުވާއެއް ރައްދުވާ ފަރާތަށް މިނިސްޓްރީން ލިޔުމުން އަންގަންވާނެއެވެ.
(ށ) ހުށަހަޅައިފައިވާ ށަކުވާއާ ގުޅިގެން ޖަވާބުދާރީވުމަށް ށަކުވާ ރައްދުވާ ފަރާތަށް މަދުވެގެން 7 (ހަތެއް) ދުވަހުގެ ފުރުސަތެއް މިނިސްޓްރީން ދޭންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން މިނިސްޓްރީން ދީފައިވާ މުއްދަތުގެ ތެރޭގައި ށަކުވާ ރައްދުވާ ފަރާތުން ޖަވާބުދާރީ ނުވާނަމަ، އެ ފަރާތުން އެ ފުރުސަތު ދޫކޮށްލީކަމުގައި ބެލެވޭނެއެވެ.
(ރ) ށަކުވާ ހުށަހެޅި ދުވަހުން ފެށިގެން ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، ށަކުވާއާ ގުޅިގެން ހުށަހަޅައިފައިވާ ކަންކަމަށް ބެލުމަށްފަހު، އެ ށަކުވާއާ ގުޅިގެން މިނިސްޓްރީން ގޮތެއް ނިންމަންވާނެއެވެ.
(ބ) މި މާއްދާގެ (ރ) ގެ ދަށުން މިނިސްޓްރީން ނިންމާ ނިންމުން، ށަކުވާ ހުށަހެޅި ފަރާތަށާއި، ށަކުވާ ރައްދުވާ ފަރާތަށް ލިޔުމުން އަންގަންވާނެއެވެ.
(ޅ) މި މާއްދާގެ (ރ) ގެ ދަށުން މިނިސްޓްރީން ނިންމާ ނިންމުމާމެދު، ށަކުވާ ހުށަހަޅާ ފަރާތާއި އެ ށަކުވާ ރައްދުވާ ފަރާތުން ހިތްހަމަނުޖެހޭނަމަ، އެ ނިންމުން ލިބުނު ދުވަހުން ފެށިގެން، ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި، އެ ނިންމުން މުރާޖައާކުރުމަށް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
ހަތްވަނަ ބާބު
އެހެނިހެން
21 ވަނަ މާއްދާ - ގަވާއިދަށް އަމަލު ކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
22 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ހަދައިފައިވާ ގަވާއިދުތައް ބާތިލުކުރުން
މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ގަވާއިދު ނަންބަރު 2017-08 (އެއްގަމު އުޅަނދުގައި މުދާ އުފުލުމުގެ ގަވާއިދު) އާއި، މި ގަވާއިދަށް ގެނަސްފައިވާ ހުރިހާ އިސްލާހެއް ބާތިލުވީއެވެ.
23 ވަނަ މާއްދާ - މާނަކުރުން
(ހ) "މުދާ އުފުލާ އުޅަނދު" ކަމުގައި ބުނެފައި އެވަނީ، C0 އާއި، C1 އާއި، C2 ގެ ގިންތީގައި ރަޖިސްޓަރީކޮށްފައިވާ އެއްގަމު އުޅަނދެވެ.
(ށ) "އެހެނިހެން އުޅަނދު" ކަމުގައި ބުނެފައި އެވަނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުޅަނދު ފިޔަވައި މުދާ ނުވަތަ ތަކެތި އުފުލާ އެހެން ކޮންމެ އެއްގަމު އުޅަނދަކަށެވެ. ދަމާގާޑިޔަލާއި، ވީލްބަރޯ ފަދަ ތަކެތި ވެސް މި ގަވާއިދުގެ ބޭނުމަށް އެހެނިހެން އުޅަނދުގެ ގޮތުގައި ބެލެވޭނެއެވެ.
(ނ) "ކުނި އުފުލާ ގޮތަށް ފަރުމާކޮށްފައި ހުންނަ އުޅަނދު" ކަމުގައި ބުނެފައި އެވަނީ، މަގުމަތީގައި ހިނގާބިގާވާ ފަރާތްތަކަށް ދަތިނުވާގޮތަށް، ބަންދުކޮށްފައިވާ ކުނި އުކައިލުމަށް ހާއްސަކޮށްފައިވާ އުޅަނދުތަކަށެވެ.
(ރ) ''ކުނި'' ކަމުގައި ބުނެފައި އެވަނީ، އުކައިލެވޭ އެންމެހައި ތަކެއްޗަށާއި، ހަލާކުވެފައި ހުންނަ ތަކެއްޗާއި، އެ ތަކެތީގެ ބައިބަޔަށާއި، ކުނިވާ ޒާތުގެ ތަކެއްޗާއި، ޕްލާސްޓިކް ކޮތަޅު ފަދަ ތިމާވެށްޓަށް ނުރައްކައުތެރި ބާވަތްތަކުގެ ތަކެތި ފަދަ އެންމެހައި ތަކެއްޗަށެވެ.
(ބ) ''ކޮންޓެއިނަރ އުފުލުމަށް ހާއްސަކޮށްފައިވާ އުޅަނދު'' ކަމުގައި ބުނެފައި އެވަނީ، ޓްރައިލަރ ޓްރަކް ނުވަތަ ކާގޯގެ ގޮތުގައި އެއްތަނުން އަނެއްތަނަށް މުދާ އުފުލުމަށް ހާއްސަކޮށްފައިވާ 20 (ވިހި) ފޫޓުން ފެށިގެން 40 (ސާޅީސް) ފޫޓާ ދެމެދުގެ ދިގުމިން ހުންނަ ކޮންޓެއިނަރ އުފުލާ އުޅަނދުތަކަށެވެ. (އިތުރު ކުރެވިފައި)
މައި ގަވާއިދު
އެއްގަމު އުޅަނދުގައި މުދާ އުފުލުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-135)
މި ގަވާއިދަށް ގެނެވުނު އިސްލާހު
މައި ގާނޫނު
އެއްގަމު ދަތުރުފަތުރުގެ ގާނޫނު (ގާނޫނު ނަންބަރު 2009-05)
އުވުނު ގަވާއިދު
އެއްގަމު އުޅަނދުގައި މުދާ އުފުލުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2017-08)
ކިޔުންތެރިންގެ ހިޔާލު