ތިޔަހޯއްދަވާ މައުލޫމާތެއް ނުފެނުނު
gaanoon_logo
-

ތެލުގެ ބާވަތްތައް ގެންގުޅެ، ބޭނުންކޮށް ގުދަންކުރުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2015-160)

1 ވަނަ މާއްދާ - ތައާރުފާއި ނަން 

(ހ) މި ގަވާއިދަކީ ގާނޫނު ނަންބަރު 2008-01 “ސިފައިންގެ ގާނޫނު“ ގެ 7 ވަނަ މާއްދާއާއި، 46 ވަނަ މާއްދާގެ ދަށުން ބާރު ލިބިގެން، ހަދާފައިވާ ގަވާއިދެކެވެ.

 

2 ވަނަ މާއްދާ (ށ) - (ނޯޓް: މި ނަންބަރަށް ސުރުހީއެއް ދެވިފައިނުވާއިރު މި މާއްދާގެ (ހ) އެއްވެސް ނެތް)

މި ގަވާއިދަށް ކިޔާނީ ”ތެލުގެ ބާވަތްތައް ގެންގުޅެ، ބޭނުންކޮށް އަދި ގުދަންކުރުމާބެހޭ ގަވާއިދު“ އެވެ.

 

3 ވަނަ މާއްދާ - މަގްސަދު

މި ގަވާއިދުގެ މަގްސަދުތަކަކީ:-

ތެލުގެ ސަބަބުން ހިނގާ އަލިފާނުގެ ހާދިސާތައް މަދުކޮށް، އެފަދަ ހާދިސާތަކުން މީހުންގެ ފުރާނައާއި މުދާ ސަލާމަތްކޮށްދިނުން.

(ހ) ތެލުގެ ބާވަތްތައް ގެންގުޅުމުގައި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އާންމުންނަށް އަންގައިދީ، އެފަދަ ކަންކަމަށް މީހުން ހޭލުންތެރި ކުރުވުން.

(ށ) ތެލުގެ ބާވަތްތައް ވިއްކުމަށް މިހާރު ހަދާފައިވާ ތަންތަނާއި، ކުރިއަށް އޮތްތަނުގައި ހަދާ ތަންތަން އެއް މިންގަނޑަކަށް ސަލާމަތީ ފިޔަވަޅުތައް އަޅައިގެން ރައްކާތެރިކަމާއެކު ތެލުގެ ބާވަތްތައް ގުދަންކޮށް ވިއްކޭނެ މަގު ތަނަވަސްކޮށް ދިނުން.  

 

އެއްވަނަ ބާބު

އިދާރީ ބައި

 

4 ވަނަ މާއްދާ - ގަވާއިދަށް އިސްލާހު ގެނައުމާއި ތަންފީޒުކުރުން (ނޯޓް: 4 ވަނަ ނަންބަރު ދެފަހަރު ތަކުރާރުވެފައިވޭ)

(ހ) މި ގަވާއިދު ތަންފީޒުކޮށް އަދި ގަވާއިދަށް ގެންނަންޖެހޭ ބަދަލުތައް ގެންނާނީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީންނެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ. 

(ނ) މި ގަވާއިދުގައި ކަނޑައެޅި ބަޔާންކޮށްފައިނުވާ ކަމެއް މެދުވެރިވެއްޖެނަމަ އެކަމަކާމެދު ގޮތެއް ނިންމުމުގެ އިހުތިޔާރު މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީއަށް ލިބިގެންވެއެވެ.

(ރ) މިގަވާއިދު ތަންފީޒުކުރަން ފަށާއިރު، ރާއްޖޭގައި ތެލުގެ ބާވަތްތައް ވިއްކައި، ގެންގުޅެ އަދި ގުދަންކުރާ ފަރާތްތަކުން، މި ގަވާއިދުގެ 4 ވަނަމާއްދާގެ (ށ) އާއި، 5 ވަނަ މާއްދާ އާއި، 9 ވަނަ މާއްދާގެ (ހ) އާއި 10 ވަނަ މާއްދާއާއި، 16 ވަނަ މާއްދާގެ (ހ) އާއި، 17 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންތައްތައް މި ގަވާއިދު ތަންފީޒުކުރަން ފަށާތާ 6 މަސްދުވަހުގެ ތެރޭގައި ފުރިހަމަކޮށް ނިންމަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ކަންތައްތައް ފިޔަވައި، މި ގަވާއިދުގައި ހިމެނޭ އެހެނިހެން ކަންތައްތައް މި ގަވާއިދު ތަންފީޒުކުރަން ފަށާތާ 1 އަހަރުދުވަހުގެ ތެރޭގައި ފުރިހަމަކުރަންވާނެއެވެ.

 

4 ވަނަ މާއްދާ - ތެޔޮ ރައްކާކުރާ ތަންތަން ހެދުމާއި، ތެޔޮ ގެންގުޅުމުގެ ހުއްދަ ދިނުމާއި އެފަދަ ތަންތަން ޗެކުކުރުން (ނޯޓް: 4 ވަނަ ނަންބަރު ދެފަހަރު ތަކުރާރުވެފައިވޭ)

(ހ) މި ގަވާއިދަށް އަމަލުކުރަން ފެށުމުން މި ގަވާއިދުގައި ބަޔާންކޮށްފައިވާ ތެލުގެ ބާވަތްތައް ގުދަންކޮށް ގެންގުޅޭ ތަންތަން ހަދަންވާނީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށެވެ. އަދި އެފަދަ ތަންތަނުގައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ އަލިފާންނިވާ ނިޒާމްތައް ގާއިމުކޮށް ރައްކާތެރި ކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަންވާނެއެވެ. މި ގަވާއިދާ ހިލާފަށް އެފަދަ ތަކެތި ގުދަންކޮށް ގެންގުޅުމަކީ މަނާކަމެކެވެ.

(ށ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ތެލުގެ ބާވަތްތައް ރައްކާކުރަން ހަދާ ތަންތަނުގައި، ތެޔޮ ރައްކާކުރަން ފެށުމުގެ ކުރިން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީއަށް ލިޔެ ހުއްދަ ހޯދަންވާނެއެވެ. އަދި މި ގަވާއިދަށް އަމަލުކުރަން ފަށާއިރު ރާއްޖޭގައި ހުރި ތެޔޮރައްކާކުރާ ތަންތަނުގެ ތެރެއިން ހުއްދަ ނުނަގާ ތަންތަނުން މި ގަވާއިދުގައި ބަޔާކޮށްފައިވާ ގޮތުގެ މަތީން ހުއްދަ ނަގަންވާނެއެވެ.

(ނ) ތެޔޮ ރައްކާކުރާ ތަންތަނުގައި، ތެޔޮ ރައްކާކޮށްފައިހުރީ މި ގަވާއިދާ އެއްގޮތަށްތޯ ބެލުމަށްޓަކައި، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީއަށް ފެނިއްޖެ ހިނދެއްގައި، ތިރީގައިވާ ގޮތުގެ މަތީން އެފަދަ ތަންތަން ޗެކުކުރުމުގެ އިހުތިޔާރު މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީއަށް ނުވަތަ އެ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ.

 1. ފުރަތަމަ ހުއްދަ ދޭއިރު، އެތަން ހަދާފައިހުރީ މި ގަވާއިދާ އެއްގޮތަށްތޯ ބެލުމަށް ޗެކުކުރުމަށްފަހު، ކޮންމެ 6 މަހަކުން 1 ފަހަރު ޗެކުކުރުން. މިގޮތުން ޗެކުކުރެވޭނީ ތަނުގެ ވެރިފަރާތް ނުވަތަ ވެރިފަރާތުން ކަނޑައަޅާ ފަރާތެއްގެ ހާޒިރުގައެވެ.
 2. ޗެކުކުރާއިރު އިސްލާހުކުރަންޖެހޭ ކަމެއް އޮތްނަމަ، އެކަމެއް އިސްލާހުކުރުމަށް އަންގައި އެކަށީގެންވާ މުއްދަތެއް ދިނުމަށްފަހު، އެ މުއްދަތު ހަމަވުމުން އަލުން ޗެކުކުރުން.

 

ދެވަނަ ބާބު

ތެޔޮ ބަރުކޮށްގެން އެއް ތަނުން އަނެއް ތަނަށް ދަތުރުކުރާ އެއްގަމުގެ އުޅަނދު 

 

5 ވަނަ މާއްދާ - ތެޔޮ ބަރުކޮށްގެން ދަތުރުކުރާ އެއްގަމުގެ އުޅަނދު 

(ހ) ތެޔޮ ބަރުކޮށްގެން ދަތުރުކުރާ އުޅަނދުގައި ނިވިދިއްލޭ އައްޔެއް (އިންޓްރިންސިކަލީސޭފް) ހަރުކޮށްފައި ނެތްނަމަ އުފުލާ ގެންގުޅޭ ނިވިދިއްލޭ އައްޔެއް ނުވަތަ އަލި ޖެހުމުން ދިއްލޭ (ރިފްލެކްޓަރ) ނިށާނެއް އުޅަނދުގައި ހަރުކުރެވިފައި ހުންނަންޖެހޭނެއެވެ.

(ށ) ޕެޓްރޯލް ބަރުކޮށްގެން ދަތުރުކުރާ އުޅަނދެއްނަމަ ޕެޓްރޯލް އުފުލާކަމުގެ ނިށާން (ޖަދުވަލު 3 ގައިވާގޮތަށް) ހަރުކޮށްފައި ހުންނަންވާނެއެވެ.

(ނ) ޕެޓްރޯލް ބަރުކޮށްގެން ދަތުރުކުރާ އުޅަނދެއްނަމަ (މުދަލުގެ ގޮތުގައި ތެޔޮ ބަރުކުރާ ތާނގީގެ) ފަހަތުގައި، މި ގަވާއިދުގެ ޖަދުވަލު 2 ގެ (ހ)، (ށ) އާއި، އަދި 3 ގައިވާ ނިށާންތައް އެ ޖަދުވަލުތަކުގައިވާ ގޮތުގެ މަތީން ޖަހާފައި ހުންނަންވާނެއެވެ.

(ރ) ޕެޓްރޯލް ފިޔަވައި، ތެލުގެ އެހެނިހެން ބާވަތްތައް ބަރުކޮށްގެން ދަތުރުކުރާ އުޅަނދުފަހަރުގައި މި ގަވާއިދުގެ ޖަދުވަލު 8 ގައިވާ ނިށާންތައް ހުންނަންވާނެއެވެ.

(ބ) ތެޔޮ ބަރުކޮށްގެން ދަތުރުކުރާ އުޅަނދުތައް އާންމުން ހިނގާ ބިނގާވެ އުޅޭ މަގު ނުވަތަ ގޯޅީގައި ނުވަތަ އާންމުން ދިރިއުޅޭ އިމާރާތަކާ 5 (ފަސް) މީޓަރަށްވުރެ ކައިރީގައި، އެ އުޅަނދަށް މައްސަލައެއް ދިމާވެގެން މެނުވީ، ހުއްޓާފައި ބާއްވައިގެން ނުވާނެއެވެ. މިގޮތަށް ހުއްޓާފައި އޮންނައިރު އުޅަނދުގެ ޑްރައިވަރު އަބަދުވެސް އުޅަނދުގައި އިންނަންވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގައިވާގޮތަށް ރޭގަނޑުގެ ވަގުތެއްގައި ހުއްޓާފައި ބާއްވާނަމަ އުޅަނދުގެ (އިންޓްރިންސިކަލީސޭފް) ބައްތިއަކުން އުޅަނދަށް އަލިކޮށްފައި ނުވަތަ މަގުމަތީ ބައްތިއަކުން އުޅަނދަށް އަލިވާ ހިސާބެއްގައި ބޭއްވުމުގެ އިތުރަށް އަލިއެޅުމުން ދިއްލޭ ކަހަލަ ނިށާނެއް ނުވަތަ ނިވިދިއްލޭ އައްޔެއް އުޅަނދުގައި ހަރުކޮށްފައި ހުންނަންވާނެއެވެ.

(ކ) ތެޔޮ ބަރުކޮށްގެން ދަތުރުކުރާ އުޅަނދުފަހަރު ޕާކުކޮށްފައި ބާއްވަންވާނީ، މާލޭގައި ނަމަ މާލޭ ސިޓީކައުންސިލުން، ރާއްޖެ ތެރޭގައިނަމަ ރަށު ކައުންސިލުން ނުވަތަ އަތޮޅު ކައުންސިލުން އެކަމަށް ހަމަޖައްސާފައިވާ ސަރަހައްދުތަކުގައެވެ. ތެޔޮ އަޅައިދޭންގޮސް ތަނެއްގައި ޕާކުކުރާނަމަ އުޅަނދުގެ ޑްރައިވަރު އަބަދުވެސް ކައިރީގައި ހުންނަންވާނެއެވެ.

(އ) ތެޔޮ ބަރުކޮށްގެން ދަތުރުކުރަން ވާނީ އެކަމަށް ހާއްސަކޮށްފައިވާ އުޅަނދުފަހަރުގައެވެ. އަދި މި ފަދަ އުޅަނދުފަހަރަކީ ތެޔޮ ބަރުކޮށްގެން ދަތުރުކުރުމަށް ސަރުކާރުގެ ކަމާބެހޭ މުވައްސަސާއަކުން ހުއްދަދީފައިވާ އުނޅަދަކަށް ވާންވާނެއެވެ. 

(ވ) ތެޔޮ ބަރުކޮށްގެން ދަތުރުކުރާ އުޅަނދަކުން އެހެން އުޅަނދަކަށް ނުވަތަ އެއްޗަކަށް ތެޔޮ އަޅައިދޭންވާނީ، މާލޭގައި ނަމަ، މާލޭ ސިޓީކައުންސިލުން، ރާއްޖެތޭރޭގައި ނަމަ ރަށު ކައުންސިލުން ނުވަތަ އަތޮޅު ކައުންސިލުން އެކަމަށް ހަމަޖައްސަވާފައިވާ ސަރަހައްދުތަކުން ނުވަތަ ތަންތަނުންނެވެ.

(މ) ތެޔޮ ބަރުކޮށްގެން މާލޭގައި ދުއްވާ އުޅަނދުތައް އާންމުކޮށް ދުއްވަންވާނީ މާލޭގެ ވަށައިގެންވާ ބޮޑުތަކުރުފާނު މަގުގައެވެ. ކޮންމެހެން މާލެތެރެއަށް އަރަންޖެހިގެން މެނުވީ މިފަދަ އުޅަނދެއް މާލެތެރޭގައި ދުއްވުމަކީ މަނާކަމެކެވެ. އަދި މިގޮތަށް ދުއްވާއިރުވެސް ސްކޫލްތައް ފަދަ މީހުން ގިނައިން އެއްވެ އުޅޭ ތަންތަނުގެ ކައިރިން ދަތުރުކުރުމަކީ މަނާކަމެކެވެ.

(ފ) ޕެޓްރޯލް ބަރުކޮށްފައިވާ އެއްވެސް އުޅަނދެއްގައި ނުވަތަ އެފަދަ އުޅަނދެއްގެ ކައިރީގައި ދުންފަތުގެ އިސްތިއުމާލު ކުރުމާއި އަލިފާންގެންގުޅުމަކީ މަނާކަމެކެވެ. ހަމަ އެފަދައިން މިފަދަ އުޅަނދެއްގެ ކައިރީގައި އަލިފާން ކަނޑާފަދަ އެއްވެސް ބާވަތެއްގެ މަސައްކަތެއް ކުރުމާއި، އަލިފާން ކަނޑާފާނެ ތަކެއްޗާއި ގޮވާ ތަކެތި ގެންގުޅުމަކީވެސް މަނާކަމެކެވެ.

(ދ) ތެޔޮ ބަރުކޮށްގެން ދަތުރުކުރާ ކޮންމެ އުޅަނދެއްގައި 9 (ނުވަ) ކިލޯގެ 2 (ދެ) އަލިފާންނިވި (ޑީ.ސީ.ޕީ ނުވަތަ ފޯމް) މީހުންނަށް ފަސޭހައިން އަތުޖެހޭ ގޮތަށް ބެހެއްޓިފައި ހުންނަންޖެހޭނެއެވެ.

(ތ) ތެޔޮ ބަރުކޮށްގެން ދަތުރުކުރާ ކޮންމެ އުޅަނދެއްވެސް ބާއްވަންވާނީ ސާފުތާހިރުކޮށެވެ. އަދި އުޅަނދުގެ ތެރެއަށް ތެޔޮ އެޅޭގޮތަށް ހުރުމާއި، ދުއްވާއިރު ނުވަތަ ހުއްޓާފައި އޮންނައިރުވެސް ތެޔޮ ލީކުވާގޮތަށް ހުރުމަކީ މަނާކަމެކެވެ.

(ލ) ޕެޓްރޯލް ބަރުކޮށްގެން ދަތުރުކުރާ ކޮންމެ އުޅަނދެއްގެ އިންޖީނާ ބެހޭ ނުވަތަ އޭގެ ކަރަންޓްގެ ނިޒާމާ ބެހޭ މަރާމާތު ކުރަންވާނީ އެ އުޅަނދަކަށް އަޅާފައިވާ ޕެޓްރޯލް އެހެން އެއްޗަކަށް ހުސްކޮށް އެ އުޅަނދު މުޅިން ގޭސްފްރީކޮށް އަދި ބެޓްރީ ކަނޑާލުމަށްފަހުގައެވެ.

(ގ) އެއްގަމުގައި ދުއްވާ އެއްވެސް ވެހިކަލެއްގައި ފީފާ ބަހައްޓައިގެން އެއަށް ތެޔޮ އަޅައިގެން ތެލުގެ ވިޔަފާރި ކުރުމަކީ މަނާކަމެކެވެ.

(ޏ) ތެޔޮ އުފުލުމަށް އުފައްދާފައިހުންނަ ވެހިކަލް ފިޔަވައި އެހެން ވެހިކަލްގައި ތެޔޮ އުފުލާނަމަ، ތެޔޮ އުފުލަންވާނީ، ދަގަނޑުން ތާނގީ ހަދާ އެއަށް އަޅައިގެންނެވެ. މިގޮތުން ހަދާ ދަގަނޑު ތާނގީގައި އުފުލޭނީ ހަމައެކަނި ޑީސަލާއި ކަރާސީނެވެ. މިފަދަ ވެހިކަލްގައި ޕެޓްރޯލް އުފުލުމަކީ މަނާކަމެކެވެ. ޕެޓްރޯލް އުފުލަންވާނީ ޕެޓްރޯލް އުފުލުމަށް ހަދާފައިހުންނަ ބައުޒަރުގައެވެ.

(ސ) ތެޔޮ އުފުލާ ވެހިކަލަށް ތެޔޮ ބަރުކޮށް އަދި ވެހިކަލުން ތެޔޮދޫކުރަންވާނީ، ތެޔޮ ޕަމްޕް ކުރުމަށް އުފައްދާފައި ހުންނަ ޕަމްޕް ބޭނުންކޮށްގެންނެވެ. އެއްވެސް ހާލެއްގައި ޕެޓްރޯލް ޕަމްޕް (ދޯނި ފަހަރުގައި ދިޔަހިއްކަން ބޭނުންކުރާފަދަ ޕެޓްރޯލް ޕަމްޕް) ބޭނުންކުރުމަކީ މަނާކަމެކެވެ.

(ޑ) ތެޔޮ އުފުލާ އެއްވެސް ވެހިކަލަކުން ލީކުވެގެން އެއްވެސް ތަނަކަށް ތެޔޮ ފައިބައިފިނަމަ ވަގުތުން އެ ވެހިކަލެއް މަޑުކޮށް އިގްނިށަން އޮފް ކުރުމަށްފަހު، މާލޭގައި އެކަން އެމް.އެން.ޑީ.އެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް އަށް އަންގަންވާނެއެވެ.

(ޒ) ޖައްވައް އަންނަ ބަދަލަކުން، ނުވަތަ ތާނގީއަށް ތެލުގެ ބާވަތްތައް އަޅައި ހުސްކޮށް ހަދާއިރު، ފިއްތުމުގެ ބާރު ގަދަވެ ނުވަތަ ދަށްވެގެން ތާނގީގެ މައިގަނޑު ސިފައަށް ބަދަލު ނާންނާގެ ގޮތުގެ މަތީން ތެޔޮ ބަރުކުރުމަށް ހުންނަ ތާނގީއަށް ވައިވަދެ ނުކުމެވޭނެ ވެންޓް ހުންނަންވާނެއެވެ. އަދި އަލިފާނުގެ ސަބަބުން ނުވަތަ އެހެންވެސް ގޮތަކުން ތާނގީއަށް ހޫނުވެގެން ތާނގީތެރޭގައި އުފެދޭ ޕްރެށަރ އޮޓަމެޓިކުން ތާނގީން ބޭރު ވެވޭނެ ވަސީލަތެއް (ޕްރެށަރ ރިލީޒް ވޭލްވް) ތާނގީގައި ހުންނަންވާނެއެވެ. 

 

ތިންވަނަ ބާބު

ޕެޓްރޯލް ރައްކާކޮށްފައި ހުންނަ ތަންތަން

 

6 ވަނަ މާއްދާ - ޕެޓްރޯލް ރައްކާކުރާ ތަންތަން ހަދާފައި ހުންނަންވީގޮތް

(ހ) ޕެޓްރޯލް ރައްކާކޮށްފައި ހުންނަ ތަންތަނާ އެއްއިންވެގެން އެހެން އެއްވެސް ތަނެއް ހުރެގެން ނުވާނެއެވެ.

(ށ) ޕެޓްރޯލް އަޅައިދިނުމުގެ ހިދުމަތްދޭ ތަންތަން ހުންނަންވާނީ ވެހިކަލްތަކަށް އެއްވެސް ދަތިކަމެއްނެތި އެއްކޮޅުން ވަދެގެން އަނެއް ކޮޅުން ނުކުމެވޭ ގޮތަށް ވަދެ ނުކުތުމުގެ އިންތިޒާމް ހަމަޖެހިފައެވެ.

(ނ) ޕެޓްރޯލް ގެންގުޅޭ ތަންތަނާއި ގުދަންކޮށްފައި ހުންނަ ތަންތަން، މީހުން ދިރިއުޅޭ ގޯތިގެދޮރު ފަދަ ތަންތަނާއި އެހެނިހެން ތަންތަނާ (މީގެ ތެރޭގައި މަރުކަޒު، އެސެމްބްލީ، އޮފީސް، ފިހާރަ، ވޯކްށޮޕް ފަދަ ތަންތަން ހިމެނޭގޮތަށް) ދެމެދު މި ގަވާއިދުގެ ޖަދުވަލު 6 ގައިވާ ދުރުމިން ހުންނަންވާނެއެވެ.

(ރ) ޕެޓްރޯލް ގެންގުޅެ އަދި ގުދަންކުރާ ތަނެއްގައި ހުންނަ އިމާރާތުގެ ބޮޑުމިން (ފްލޯއޭރިއާގެ) ގެ %1 އަށްވުރެ ކުޑަނުވާނެހެން ވައިވަދެ ނުކުމެވާ ގޮތަށް ފެންލައިޓާއި އާނގަ ބެހެއްޓިފައި ހުންނަންވާނެއެވެ.

(ބ) ޕެޓްރޯލް ގެންގުޅެ އަދި ގުދަންކުރާ ތަނުގެ އިލެކްޓްރިކް ވަޔަރިންގ ހުންނަންވާނީ BSEN50086/BS6099 އަށްވުރެ ދަށް ނޫން ކޮންޑިއުޓް ހޮޅީގައެވެ. އަދި ސްވިޗް، ޕްލަގް، ބޮކި، ހޮޅިބުރި ފަދަ ތަކެތި ހުންނަންވާނީ އެތަކެތި ބޭނުންކުރާއިރު ކަނޑާ އަލިފާން ބޭރަށް ނުނިކުންނަ ގޮތަށް އަލިފާންކަނި ކެނޑުމުން ރައްކާތެރިކުރެވިފައިވާ ތަކެތިން (ޕްލޭށް ޕްރޫފް ތަކެތިން) ހަދާފައެވެ. މެއިން ސްވިޗް ހަރުކުރެވިފައި ހުންނަންވާނީ ތަން ތަޅުލާފައި ހުންނަ ވަގުތުގައިވެސް އެތަނުގެ ތެރެއަށް ނުވަދެ ކަރަންޓް ކަނޑާލެވޭ ފަދަ ތަނެއްގައެވެ.

(ޅ) ޕެޓްރޯލް ށެޑެއްގައި ޕެޓްރޯލް ގެންގުޅޭނަމަ، އެ ށެޑް ހަދާފައި ހުންނަންވާނީ މި ގަވާއިދުގެ ޖަދުވަލު 1 ގެ (ހ)، (ށ) އާއި، 4 ގެ (ހ) ، (ށ) އަދި 5 ގައިވާ ކުރެހުމާ އެއްގޮތަށެވެ.

(ކ) ޕެޓްރޯލް ގެންގުޅެ އަދި ގުދަންކުރާ ތަންތަން ސާފުތާހިރުކޮށް ބެހެއްޓުމަށްޓަކައި ތިރީގައި ބަޔާންކޮށްފައިވާ ނުކުތާތަކަށް ސަމާލުކަން ދޭންޖެހޭނެއެވެ. މިގޮތުން:-

 1. ތަނުގައި ބޭނުންކުރަންޖެހޭ ތަކެތި ފިޔަވައި އެހެން ތަކެތި ތަނުގެ ތެރޭގައި ނުބެހެއްޓުން.
 2. ތަނުގެ ތެރެ ކުނިކަހައި ފޮޅައި ސާފުކުރުން.
 3. ބޭނުންކޮށްފައިވާ ތެޔޮފޮތި، ކަރުދާސް ފަދަ ތަކެތި ކޮންމެ ދުވަހަކު ރައްކާތެރިގޮތެއްގެ މަތިން އުކައިލުން.
 4. ތަނުގެ ތެރޭގައި ވިނަ ހެދުނަ ނުދިނުން.
 5. ބިންމައްޗަށް ނުވަތަ ތަޅުންގަނޑު މައްޗަށް ޕެޓްރޯލް ނޭޅޭގޮތަށް މަސައްކަތްކުރުން.

 

7 ވަނަ މާއްދާ - ޕެޓްރޯލް އަޅައިދެމުންދާއިރު، ސަމާލުކަން ދޭންވީ ކަންތައްތައް

އިންޖީނު ސްޓާޓްކޮށްފައި ނުވަތަ އިގްނިށަން ”އޮން" ކޮށްފައިވާ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދެއް ނުވަތަ މިފަދަ އުޅަނދެއްގެ 1 (އެކެއް) މީޓަރަށްވުރެ ކައިރީގައި ހަމެއް ނުވަތަ ފުޅިއެއްފަދަ އެއްޗެއް ބަހައްޓައި އެއަށް ޕެޓްރޯލް އަޅައިދިނުމަކީ މަނާ ކަމެކެވެ.

(ށ) ހަމެއް ނުވަތަ ފުޅިއެއް ފަދަ އެއްޗަކަށް ޕެޓްރޯލް، އަޅައިދެމުން ދަނިކޮށް، އެފަދަ އެއްޗަކާ 1 (އެއް) މީޓަރަށްވުރެ ކައިރީގައި އިންޖީނު ސްޓާޓްކޮށްގެން ނުވަތަ އިގްނިށަން ”އޮން" ކޮށްގެން އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްވެސް އުޅަނދެއް މަޑުކޮށްފައި ބޭއްވިއަދީގެން ނުވާނެއެވެ.

 

8 ވަނަ މާއްދާ - ޕެޓްރޯލް ގެންގުޅެ ނުވަތަ ގުދަން ކުރާ ސަރަހައްދުގެ ތެރޭގައި ކުރުން މަނާ ކަންތައްތައް

(ހ) ޕެޓްރޯލް ގެންގުޅެ، ގުދަންކުރާ ތަނުގެ ތެރޭގައި އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދެއްގެ އެއްވެސް ބާވަތެއްގެ މަރާމާތެއް ކޮށްގެން ނުވާނެއެވެ.

(ށ) ޕެޓްރޯލް ގެންގުޅެ، ގުދަންކުރާ ތަނުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުމާއި އަލިފާން ގެންގުޅުމަކީ މަނާކަމެކެވެ. ހަމަ އެފަދައިން އަލިފާން ކަނޑާފަދަ އެއްވެސް ބާވަތެއްގެ މަސައްކަތެއްކުރުމާއި އަލިފާން ކަނޑާފާނެ ތަކެއްޗާއި ގޮވާ ތަކެތި ގެންގުޅުމަކީވެސް މަނާކަމެކެވެ.

 

9 ވަނަ މާއްދާ - ޕެޓްރޯލް ގެންގުޅެ، ގުދަންކުރާ ތަނުގައި ގާއިމުކުރަންޖެހޭ އަލިފާންނިވާ ނިޒާމް

(ހ) ޕެޓްރޯލް ގެންގުޅެ ގުދަންކުރާ ކޮންމެ ތަނެއްގައި 9 (ނުވަ) ކިލޯގެ 2 (ދެ) ޑީ.ސީ.ޕީ އަލިފާންނިވި ބަހައްޓާފައި ހުންނަންވާނެއެވެ.

(ށ) ޕެޓްރޯލް ގެންގުޅެ ގުދަންކުރާ ތަންތަނުގައި ހަރުކުރާ އަލިފާންނިވި، ޖަދުވަލު 9 ގައިވާ މިންގަނޑުތަކާ އެއްގޮތަށް ސަރވިސްކޮށް، މެއިންޓަނަންސް ކުރަންޖެހޭނެއެވެ.

 

10 ވަނަ މާއްދާ - ނިށާންތަކާ އެންގުންތައް 

(ހ) ޕެޓްރޯލް ގެންގުޅެ، ގުދަންކުރާ ތަންތަނުގެ ބޭރުގައި މިގަވާއިދުގެ ޖަދުވަލު 2 ގެ (ހ) އާއި 3 ގައިވާ ގޮތުގެ މަތީން، އާންމުކޮށް ފެންނާނެހެން ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ލިޔެ ތިރީގައި ބަޔާންކޮށްފައިވާ ނިށާންތަކާއި އެންގުންތައް ބެހެއްޓިފައި ހުންނަންވާނެއެވެ. މިގޮތުން ބަހައްޓާ ނިށާންތަކާއި އެންގުންތައް ލިޔެފައި ހުންނަންވާނީ 3x1 ފޫޓަށްވުރެ ކުޑަނޫން ބޯޑެއްގައި، ފަސޭހައިން ކިޔަން އެނގޭ ފަދަ އަކުރަކުންނެވެ. މި އަކުރުތަކުގައި ހުންނަންވާނެ މިންތައް ޖަދުވަލު 2 ގެ (ށ) ގައި އެވަނީއެވެ.

 1. ދުންފަތުގެ އިސްތިއުމާލު ކުރުންމަނާ SMOKING NO
 2. އަލިފާންގެންގުޅުން މަނާ LIGHTS NAKED NO
 3. ހުޅުހިފާ ދިޔާ ތަކެތި LIQUID FLAMMABLE
 4. ޕެޓްރޯލް PETROL (މި ބޯޑުތަކުގައި ލިޔެފައި ހުންނަންޖެހޭނީ އަދި ބަހައްޓަންޖެހޭނީ ދެފަރާތުންވެސް އަންނަ މީހުންނަށް ފެންނަ ގޮތަކަށެވެ.)

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ނިށާންތަކާއި އެންގުންތަކުގެ އިތުރުން ކަމާބެހޭގޮތުން ނިށާނެއް ނުވަތަ އެންގުމެއް މި ގަވާއިދަށް އިތުރުކުރަން ބޭނުންވެއްޖެނަމަ، އެކަން އާންމުކޮށް އަންގައި އިއުލާންކޮށް އެފަދަ ނިށާނެއް ނުވަތަ އެންގުމެއް މި ގަވާއިދަށް އިތުރުކުރުމުގެ އިހުތިޔާރު މި ގަވާއިދު ހިންގާ ފަރާތަށް ލިބިގެންވެއެވެ. 

 

11 ވަނަ މާއްދާ - ޕެޓްރޯލް އަޅާ ކޮންޓެއިނަރ 

(ހ) އެއްގަމުގައި ދުއްވާ އުޅަނދުފަހަރަށް ޕެޓްރޯލް އަޅައިދޭ ޕެޓްރޯލް ށެޑްތަކުގައި، ޕެޓްރޯލް އަޅާ ކޮންޓެއިނަރ ހުންނަންވާނީ، ބިމުގެ އަޑީގައި އެކަމަށް ހާއްސަކުރެވިފައިވާ ކޮންކްރީޓް ވަޅުގަނޑެއްގެ ތެރޭގައެވެ. ބިމުއަޑިއަށް ލެވޭ ކޮންޓެއިނަރުގެ ވޮލިއުމް 40،000 (ސާޅީސްހާސް) ލީޓަރަށްވުރެ އިތުރުވެގެން ނުވާނެއެވެ. ކޮންޓެއިނަރު ހަދާފައި ހުންނަންވާނީ މި ގަވާއިދުގެ ޖަދުވަލު 4 ގެ (ހ)، (ށ) ގައި ކަނޑައެޅިފައިވާ ގޮތަށެވެ. ކޮންޓެއިނަރ ވަޅުލާފައި ހުންނަންވާނީ ސޭލްސް ބިލްޑިންގއާ ވަކިންނެވެ.

(ށ) ޕެޓްރޯލް ށެޑް ފިޔަވައި އެހެން ތަންތަނުގައި ޕެޓްރޯލް ރައްކާކުރާނަމަ، ބިމުން މަތީގައި ތާނގީ ހަދައި އެ ތާނގީތަކުގައި ރައްކާކުރެވިދާނެއެވެ. މިގޮތަށް ހަދާ ތާނގީ ހުންނަންވާނީ މި ގަވާއިދުގެ 15 ވަނަ މާއްދާގައިވާ ގޮތަށެވެ.

(ނ) ބިމުން މަތީގައި ބެހެއްޓޭ ތާނގީގައި 3000 ލީޓަރަށްވުރެ ގިނައިން ޕެޓްރޯލް ރައްކާކުރާނަމަ، މި ގަވާއިދުގެ 16 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ސިސްޓަމްތައް ގާއިމުކުރަންވާނެއެވެ.

(ރ) ޕެޓްރޯލް އަޅާ ކޮންމެ ކޮންޓެއިނަރ އެއް ވަޅުލުމަށް ތައްޔާރުކުރެވޭ ކޮންކްރީޓް ވަޅުގަނޑާއި އިންފާރާ ދެމެދު 5.2 (ދޭއް ޕޮއިންޓް ފަހެއް) މީޓަރަށްވުރެ ކައިރިވެގެން ނުވާނެއެވެ.

(ބ) ކޮންމެ ކޮންޓެއިނަރެއްގައި ގިނަވެގެން ބެހެއްޓޭނީ 4 (ހަތަރު) އަނގައެވެ. މި އަނގަތައްވެސް ހުންނަންވާނީ ޖަދުވަލު 4 ގެ (ހ)، (ށ) އާ އެއްގޮތްވާ ގޮތުގެ މަތިން އަދި ބޭނުންނުކުރާ ވަގުތު ވެލިއަޅައި ފޮރުވާފައެވެ. އަދި ވެލި ހުސްކުރަންވާނީ އެއް ވަގުތަކު ހަމައެކަނި އެއް ހުޅުވުމަކުންނެވެ.

(ޅ) ކޮންޓެއިނަރުގައި ބަހައްޓާ އަނގަތަކުގެ ޑައިމީޓަރުގައި އެންމެ ކުޑަވެގެން 600 (ހަސަތޭކަ) މިލިމީޓަރު ހުންނަންވާނެއެވެ.

(ކ) ޕެޓްރޯލް އަޅާފައި ހުންނަ ކޮންޓެއިނަރުގެ މަތި ނެގުމަށް ބޭނުންކުރަންވާނީ، ލޮއި ފަދަ އަލިފާން ނުކަނޑާ މައުދަނަކުން ހެދިފައިވާ ތަކެއްޗެވެ. މިފަދަ ތަކެތި ކޮންމެ ޕެޓްރޯލް ށެޑެއްގައިވެސް ހުންނަންވާނެއެވެ.

(އ) މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ ގޮތަށް ކޮންމެ ކޮންޓެއިނަރަކުން އާވި ބޭރުކުރާނެ ހޮޅިއެއް (ވެންޓިލޭށަން ހޮޅި) ކޮންޓެއިނަރުގެ ބޭރަށް ނެރެފައި ހުންނަންވާނެއެވެ. އަދި މިހޮޅީގެ ޑައިމީޓަރ 25 (ފަންސަވީސް) މިލިމީޓަރަށްވުރެ ހިމަވެގެން ނުވާނެއެވެ. އަދި މިގޮތަށް ނެރެވޭ ވެންޓިލޭށަން ހޮޅީގެ ކޮޅު އިމާރާތުގެ އިންފާރާ 5.1 (އެކެއް ޕޮއިންޓް ފަހެއް) މީޓަރަށްވުރެ ކައިރިވެގެންނުވާނެއެވެ. އަދި، ވެންޓިލޭށަން ހޮޅީގެ ކޮޅު ބިމުން ފެށިގެން 4 (ހަތަރެއް) މީޓަރަށްވުރެ ތިރިވެގެން ނުވާނެއެވެ. ކޮންމެ ވެންޓިލޭށަން ހޮޅިއެއްގެ ކޮޅުގައި އޮޓަމެޓިކް ޕްރެށަރ ރިލީޒިންގ ވޭލްވް އެއް ހަރުކޮށްފައި ހުންނަންވާނެއެވެ.

(ވ) ބިމުގެ އަޑީގައި ޕެޓްރޯލް އެޅުމަށް ބަހައްޓާ ކޮންޓެއިނަރުގެ އެތެރެއާއި ބޭރު، ކޮންމެ 5 (ފަސް) އަހަރަކުން 1 (އެކެއް) ފަހަރު ކަމަށް ގާބިލު ފަރާތްތެއް މެދުވެރިކޮށް ބަލައި ފާސްކުރަންވާނެއެވެ. މިގޮތުން ކޮންޓެއިނަރުގައި އެއްވެސް ލީކްވުމެއް ނުވަތަ ގެއްލުމެއް ލިބިފައިވޭތޯ ބަލައި، ކޮންޓެއިނަރުގެ ޕްރެށަރ ހިފަހައްޓާތޯ ބެލުމަށް ޓެސްޓްކުރުމުގެ ގޮތުން ހައިޑްރޯސްޓެޓިކް ޓެސްޓް ހަދަންވާނެއެވެ. އަދި މިކަންކަން ބަލައި ފާސްކޮށްފައިވާކަމުގެ ސެޓްފިކެޓް، ބަލަން ބޭނުންވެއްޖެ ހިނދެއްގައި ފަސޭހައިން ބަލައިލެވޭނެ ގޮތަކަށް އެތަނެއްގައި ބަހައްޓާފައި ހުންނަންވާނެއެވެ.

 

12 ވަނަ މާއްދާ - ޕެޓްރޯލް ދޫކުރާ ޑިސްޕެންސަރއާއި ފިލިންގ ޕޮއިންޓް

(ހ) ޕެޓްރޯލް ވިއްކާ ކޮންމެ ށެޑެއްގައި ގިނަވެގެން ބެހެއްޓޭނީ 4 (ހަތަރު) ޕެޓްރޯލް ޑިސްޕެންސަރެވެ. މިއިން ކޮންމެ ޕެޓްރޯލް ޑިސްޕެންސަރެއް ގާއިމުކޮށްފައި ހުންނަ ތަޅުންގަނޑުގައި، 1 (އެކެއް) ކަރާސީނު އަދި 1 (އެކެއް) ޑީސަލް ޑިސްޕެންސަރ ބެހެއްޓިދާނެއެވެ.

(ށ) ޕެޓްރޯލް މިނެގެން ވިއްކުމުގެ ހިދުމަތްދޭ ޕެޓްރޯލް ށެޑްތަކުގައި، ޕެޓްރޯލްގެ އިތުރުން ޑީސަލާއި ކަރާސީނު ވެސް މިނަންވާނީ، ޑިސްޕެންސަރުންނެވެ.

(ނ) ޕެޓްރޯލް ނުވަތަ ޑީސަލް ނުވަތަ ކަރާސީނު ދޫކުރާ ކޮންމެ ޑިސްޕެންސަރަކާއި އިންފާރާ ދެމެދު މަދުވެގެން 5 (ފަސް) މީޓަރގެ ދުރުމިނެއް ހުންނަންވާނެއެވެ.

(ރ) ޕެޓްރޯލް ނުވަތަ ޑީސަލް ނުވަތަ ކަރާސީނު ދޫކުރާ ކޮންމެ ޑިސްޕެންސަރެއް ގާއިމުކޮށްފައި ހުންނަންވާނީ 150 (އެއްސަތޭކަ ފަންސާސް) މިލިމީޓަރ އުސް ތަޅުމެއްގެ މަތީގައެވެ.

(ބ) ޕެޓްރޯލް ނުވަތަ ޑީސަލް ނުވަތަ ކަރާސީނު ޑިސްޕެންސަރ ގާއިމުކޮށްފައި ހުންނަންވާނީ މި ގަވާއިދުގެ ޖަދުވަލު 5 ގައިވާ ގޮތަށެވެ.

(ޅ) ކޮންމެ ފިލިންގ ޕޮއިންޓަކާއި އިންފާރާ ދެމެދު 5.1 (އެކެއް ޕޮއިންޓް ފަހެއް) މީޓަރަށްވުރެ ކައިރިވެގެން ނުވާނެއެވެ.

(ކ) ކޮންމެ ޑިސްޕެންސަރެއްގެ ކައިރީގައި ފަސޭހައިން ނަގައި ބޭނުންކުރެވޭ ގޮތަށް މަދުވެގެން 9 (ނުވަ) ކިލޯގްރާމްގެ ޑީ.ސީ.ޕީ އަލިފާންނިތްވެއް ބަހައްޓާފައި ހުންނަންވާނެއެވެ. އަދި އަލިފާންނިވި ހުންނަންވާނީ ސަރވިސްކޮށް ބޭނުންކުރެވޭ ހާލަތުގައެވެ.

(އ) ކޮންޓެއިނަރަށް ޕެޓްރޯލްއަޅާ ވަގުތުތަކުގައި، ޕެޓްރޯލް ހިފައިގެން އަންނަ ވެހިކަލް ކައިރީގައާއި ކޮންޓެއިނަރުގެ ފިލިންގ ޕޮއިންޓް ކައިރީގައި މި މާއްދާގެ (ކ) ގައި ބަޔާންކުރެވުނު ސައިޒްގެ އަލިފާންނިތްވެއް ބަހައްޓަންވާނެއެވެ. އަދި މިފަދަ އަލިފާންނިވިތައް ބަހައްޓަންވާނީ އަތްވާއި ވާރޭގެ އަސަރު ނުފޯރާފަދަ ގޮތަކަށެވެ.

(ވ) ޑިސްޕެންސަރ ކައިރީގައި ހިދުމަތްދޭން ތިބޭ މުވައްޒަފުންނަކީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީން ގަބޫލްކުރާ ފެންވަރަކަށް އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމުގެ ކޯހެއް ފުރިހަމަކޮށް ތަމްރީނު ހޯދާފައިވާ މުވައްޒަފުންނަށް ވާންޖެހޭނެއެވެ.

 

13 ވަނަ މާއްދާ - ޕެޓްރޯލް ގެންގުޅެ، ގުދަން ކޮށްފައި ހުންނަ ތަންތަނުގައި ބެހެއްޓުން މަނާތަކެތި

(ހ) ޕެޓްރޯލް ގެންގުޅެ، އަދި ގުދަންކޮށްފައި ހުންނަ ތަންތަނުގައި ވެޓް ސެލްސް، އެސިޑް އަދި ޕްރެށަރރައިޒްޑް ކޮންޓެއިނަރ ފަދަ ތަކެތި ބެހެއްޓުމަކީ މަނާކަމެކެވެ.

 

ހަތަރުވަނަ ބާބު

ޑީސަލާއި ކަރާސީނު ވިއްކާ ތަންތަން

 

14 ވަނަ މާއްދާ - ޑީސަލާއި ކަރާސީނު ގެންގުޅެ، ގުދަންކުރާ ތަންތަން ހަދާފައި ހުންނަންޖެހޭނެ ގޮތް

(ހ) ޑީސަލާއި ކަރާސީނު ގެންގުޅެ، ގުދަންކުރާ ތަނާއި އެހެން އެއްވެސް ތަނެއް އެއް އިންވެގެން ހުރެގެން ނުވާނެއެވެ.

(ށ) ށެޑެއްގައި، ޑީސަލާއި ކަރާސީނު ވިއްކާނަމަ، ށެޑް އަދި ޓޭންކްތައް ހުންނަންވާނީ މި ގަވާއިދުގެ ޖަދުވަލު 1 ގެ (ހ) ، (ށ) އާއި، 4 ގެ (ހ)، (ށ) އަދި 5 ގައިވާ ކުރެހުމާ އެއްގޮތަށެވެ.

(ނ) ޑީސަލާއި ކަރާސީނު ގެންގުޅެ، ގުދަންކޮށްފައި ހުންނަ ތަންތަން، މީހުންދިރިއުޅޭ އެހެނިހެން ތަންތަނާއި (މަގު އަދި މަރުކަޒު، އެސެމްބްލީ، އޮފީސް، ފިހާރަ، ވޯރކްށޮޕް، އަދި ސިނާއީ މަސައްކަތްކުރާ އިމާރާތް ފަދަ ތަންތަން ހިމެނޭގޮތަށް) މި ގަވާއިދުގެ ޖަދުވަލު 6 ގައިވާ ގޮތަށް ދުރުމިން ހުންނަންވާނެއެވެ.

(ރ) ޑީސަލާއި ކަރާސީނު ގެންގުޅެ، ގުދަންކުރާ ތަން ބަންދުކޮށް ތަޅުލެވޭގޮތަށް ހަދާނަމަ، މެއިން ސްވިޗް ހަރުކޮށްފައި ހުންނަންވާނީ ތަން ތަޅުލާފައި ހުންނަ ވަގުތުގައިވެސް އެތަނުގެ ތެރެއަށް ނުވަދެ ކަރަންޓް ކަނޑާލެވޭ ފަދަ ތަނެއްގައެވެ.

(ބ) ޑީސަލާއި ކަރާސީނު ގެންގުޅެ، ގުދަންކުރާ ތަންތަން ސާފުތާހިރުކޮށް ބެހެއްޓުމަށްޓަކައި ތިރީގައި ބަޔާންކޮށްފައިވާ ނުކުތާތަކަށް ސަމާލުކަން ދޭންޖެހޭނެއެވެ. މިގޮތުން:- (ނޯޓް: މި މާއްދާގެ (ބ) ދެފަހަރު ތަކުރާރު ވެފައިވޭ)

 1. ތަނުގައި ބޭނުންކުރަންޖެހޭ ތަކެތި ފިޔަވައި އެހެން ތަކެތި ތަނުގެ ތެރޭގައި ނުބެހެއްޓުން.
 2. ތަނުގެ ތެރެ ކުނިކަހައި ފޮޅައި ސާފުކުރުން.
 3. ބޭނުންކޮށްފައިވާ ތެޔޮފޮތި، ކަރުދާސް ފަދަ ތަކެތި ކޮންމެ ދުވަހަކު ރައްކާތެރިގޮތެއްގެ މަތިން އުކައިލުން.
 4. ތަނުގެ ތެރޭގައި ވިނަ ހެދުނަ ނުދިނުން.
 5. ބިންމައްޗަށް ނުވަތަ ތަޅުންގަނޑު މައްޗަށް ތެޔޮ ނޭޅޭގޮތަށް މަސައްކަތްކުރުން.

(ބ) ޑީސަލާއި ކަރާސީނު ގެންގުޅެ، ގުދަންކުރާ ތަނުގެ ތެރޭގައި އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދެއްގެ އެއްވެސް ބާވަތެއްގެ މަރާމާތެއް ކޮށްގެންނުވާނެއެވެ. (ނޯޓް: މި މާއްދާގެ (ބ) ދެފަހަރު ތަކުރާރު ވެފައިވޭ)

(ޅ) ޑީސަލާއި ކަރާސީނު ގެންގުޅެ، ގުދަންކުރާ ތަނުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުމާއި އަލިފާންގެންގުޅުމަކީ މުޅިން މަނާކަމެކެވެ. ހަމަ އެފަދައިން އަލިފާން ކަނޑާފަދަ އެއްވެސް ބާވަތެއްގެ މަސައްކަތެއްކުރުމާއި އަލިފާން ކަ ނޑާފާނެ ތަކެއްޗާއި ގޮވާ ތަކެތި ގެންގުޅުމަކީވެސް މުޅިން މަނާކަމެކެވެ.

 

15 ވަނަ މާއްދާ - ޑީސަލާއި ކަރާސީނު، އަދި ޕެޓްރޯލް އަޅާ ކޮންޓެއިނަރ

(ހ) ޑީސަލާއި ކަރާސީނު، އަދި ޕެޓްރޯލް އެޅުމަށް ބިންމަތީގައި ބިނާކުރާ ކޮންޓެއިނަރު ފަރުމާކޮށް ގާއިމުކުރުމުގެ މަސައްކަތް ކުރަންވާނީ މަސައްކަތާ ބެހޭ ފަންނީ މައުލޫމާތާއި ގާބިލުކަން ލިބިފައިވާ ފަރާތެއް މެދުވެރިކޮށްގެންނެވެ. އަދި ހުރިހާ މަސައްކަތެއްވެސް ކުރަންވާނީ އެން.އެފް.ޕީ.އޭ 30 "ފްލޭމަބަލް އެންޑް ކޮންބަސްޓިބަލް ލިކުއިޑްސް ކޯޑް" ގައިވާ ގޮތުގެ މަތީންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ކޮންޓެއިނަރުތައް ބިނާކުރާއިރު، ދިގުހުރަސް 45 މީޓަރ ހަމަވާ ކޮންޓެއިނަރ އާއި، އެއަށްވުރެ ބޮޑެތި ކޮންޓެއިނަރ ތަކުގައި، ދެ ކޮންޓެއިނަރު ދެމެދުގައި މި ގަވާއިދުގެ ޖަދުވަލު 7 ގައިވާ ދުރުމިންތައް ހުންނަންޖެހޭނެއެވެ.

(ނ) ދިގުހުރަސް 45 މީޓަރ ހަމަނުވާ ކޮންޓެއިނަރތަކުގައި، ދެ ކޮންޓެއިނަރު ދޭތެރޭގައި ހުންނަ ދުރުމިން 1 (އެކެއްޥ މީޓަރަށްވުރެ ކައިރިވެގެން ނުވާނެއެވެ.

(ރ) ކޮންޓެއިނަރުތަކުން ލީކުވެގެން ނުވަތަ އެހެންވެސް ގޮތަކުން ބޭރުވާ ކަރާސީނާއި، ޑީސަލް، އަދި ޕެޓްރޯލް ބިމުގެ އަޑިއަށް ނުވަތަ ޖެހިގެން ހުންނަ މިލްކިއްޔާތަށް ފޭދިގެން ދިޔަނުދީ ރައްކާތެރިކަމާއެކު ކޮންޓްރޯލް ކުރަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތަށް ހެދުމަށްޓަކައި، ކޮންޓެއިނަރުން ބޭރުވާ ޑީސަލާއި ކަރާސީނު، އަދި ޕެޓްރޯލް، ނަރުދަމާއެއްގެ އެހީގައި، ޖެހިގެން ހުންނަ މިލްކިއްޔާތު ނުވަތަ ބިމުގެ އަޑިއަށް ނުފޭދޭގޮތަށް ދުރުގައި ވަކިން ހަދާފައިވާ ސަރަހައްދަކަށް ޖަމާކުރެވިދާނެއެވެ. މިގޮތަށް މިކަން ކުރަނީނަމަ ކުރަންވާނީ ތިރީގައިވާ ގޮތުގެ މަތީންނެވެ.

 1. ޑީސަލާއި ކަރާސީނު، އަދި ޕެޓްރޯލް ޖަމާވާ ތަނާ ދިމާއަށް ކޮންޓެއިނަރާ ދުރަށް މަދުވެގެން 15 (ފަނަރަ) މީޓަރަށް %1 ކަތިވާ ގޮތަށް ތަޅުން އެޅުން.
 2. ބޭރުވާ ޑީސަލާއި ކަރާސީނު، އަދި ޕެޓްރޯލް ޖަމާކުރާ ތަނަކީ، އެންމެ ބޮޑަށް ހުރި ކޮންޓެއިނަރުގައި ހުރި ޑީސަލް ނުވަތަ ކަރާސީނު ނުވަތަ ޕެޓްރޯލް އެއްފަހަރާ ހުސްކޮށްލެވޭނެ ޖާގަ އޮތް ތަނަކަށްވުން.
 3. ޑީސަލާއި ކަރާސީނު، އަދި ޕެޓްރޯލް ދަތުރުކުރާ ނަރުދަމާ، ޖެހިގެން ހުންނަ މިލްކިއްޔާތަށް ނުވަތަ ކޮންޓެއިނަރުތަކަށް އަލިފާނުގެ ނުރައްކާތެރިކަން ބޮޑުނުވާނެގޮތަށް ނަރުދަމާ ގެންދިއުން.
 4. ބޭރުވާ ޑީސަލާއި ކަރާސީނު، އަދި ޕެޓްރޯލް ޖަމާވެފައި ހުންނަ ތަން، މީހުން ދިރިއުޅޭ ގެދޮރާއި މިލްކިއްޔާތާއި، މި ގަވާއިދުގެ ޖަދުވަލު 6 ގައިވާ ދުރުމިނަށްވުރެ ކައިރި ނުވުން.

(ޅ) މި މާއްދާގެ (ބ) ގައިވާ ގޮތަށް ހެދެން ނެތްނަމަ ނުވަތަ ހަދަން ބޭނުންނުވާނަމަ، ކޮންޓެއިނަރުގެ ވަށައި ބަންޑްވޯލް ލައިގެން ކޮންޓެއިނަރުން ފައިބާ ޑީސަލާއި ކަރާސީނު، އަދި ޕެޓްރޯލް ދުރަށް ދިޔަނުދީ ހިފެހެއްޓޭނޭ ގޮތް ހަދަންވާނެއެވެ. މިގޮތަށް މިކަން ކުރާއިރު، ކުރަންވާނީ ތިރީގައިވާ ގޮތުގެ މަތީންނެވެ.

 1. ކޮންޓެއިނަރުން ފެށިގެން 15 (ފަނަރަ) މީޓަރ ދުރަށް ނުވަތަ ބަންޑްވޯލްގެ ބުޑާ ހަމައަށް %1 ކަތިކޮށް ތަޅުން އެޅުން.
 2. ހުރިހާ ކޮންޓެއިނަރތަކުގައިވާ ޑީސަލާއި ކަރާސީނު، އަދި ޕެޓްރޯލް ބޭރަށް އެޅުނަސް ބަންޑްވޯލުގެ ބޭރަށް ބަންޑުން ނުވާވަރުގެ ޖާގަ އޮންނަ ވަރަށް ބަންޑްވޯލް ލުން.
 3. ދަގަނޑުން، ކޮންކްރީޓްކޮށްގެން، ނުވަތަ ރާނައިގެން ބޭރަށް ތެޔޮ ނުފޭދޭގޮތަށް ބަންޑްވޯލްގެ އެތެރެ ހެދުން.
 4. ހޮޅިތައް ބަންޑްވޯލްމަތިން ގެންދިއުން.
 5. ބަންޑްވޯލްގެ ސަރަހައްދަށް އެޅޭ، ފެން ހިނދޭގޮތަށް ހުންނަ ނިޒާމުގެ ތެރެއިން އެ ސަރަހައްދަށް އެޅޭ ޑީސަލާއި ކަރާސީނު، އަދި ޕެޓްރޯލް ބޭރުވެގެން ނުދިއުން.
 6. އަލިފާން ހިފާނެ ތަކެއްޗާއި ހުސް ނުވަތަ އެއްޗެހި އަޅާފައިވާ ތާނގީއާއި ފީފާ ފަދަ ތަކެތި ބަންޑްވޯލް ސަރަހައްދު ތެރޭގައި ނުބެހެއްޓުން.
 7. ބަންޑްވޯލް ސަރަހައްދުގެ ތެރެއަށް ވަދެނިކުތުމަށްޓަކައި ދާއިމީ ސިޑި، އެތެރޭގައާއި ބޭރުގައި ބެހެއްޓުން.

(ކ) ޖައްވަށް އަންނަ ބަދަލުތަކުން ކޮންޓެއިނަރަށް އެއްޗެތި އަޅައި ހުސްކޮށް ހެދުމަކުން ފިއްތުމުގެ ބާރު ގަދަވެ ނުވަތަ ދަށްވެގެން ކޮންޓެއިނަރުގެ މައިގަނޑު ސިފައަށް ބަދަލު ނާންނާނެގޮތުގެ މަތީން ކޮންޓެއިނަރަށް ވައިވަދެ ނުކުމެވޭނެ ޖާގަ ހުންނަންވާނެއެވެ.

(އ) ކޮންޓެއިނަރުގައި އަލިފާންރޯވެއްޖެނަމަ އެ ކޮންޓެއިނަރުގައި އުފެދޭ ފިއްތުމުގެ ބާރު ބޭރުކޮށްލެވޭނެ ކޮންމެވެސް ވަސީލަތެއް ކޮންޓެއިނަރު ފަރުމާކޮށް ބިނާކުރުމުގައި ގާއިމުކުރަންވާނެއެވެ.

(ވ) އަލިފާން ހިފާނެ އާވި ބޭރުވާ ކޮންމެ ތަނެއްގައި އަލިފާން ރޯވެދާނެ އެއްވެސް ކަމެއް މެދުވެރިވިޔަދީގެން ނުވާނެއެވެ. މިގޮތުން އަލިފާނުން، ހޮނުން، ދުންފަތުގެ އިސްތިއުމާލުކުރުމުން، އަލިފާން ކަނޑާގޮތަށް ތަކެތި ކަނޑައި ބުރިކުރުން، ވެލްޑިންގ ކުރުން، ހޫނު ސަތަހައެއް، ކޭއްތިގެންވާ ހޫނު، އަލިފާން ކެނޑުން (ސްޓެޓިކް އިލެކްޓްރިކް ސިޓީ) އަމިއްލައަށް ރޯވުން، ރޭޑިއަންޓް ހޫނުވުން ފަދަ ކަމެއް ބަންޑްވޯލްގެ ތެރޭގައި މެދުވެރިވިޔަ ދީގެންނުވާނެއެވެ.

(މ) ކޮންޓެއިނަރ ޓެސްޓްކޮށް މަރާމާތު ކުރަންޖެހޭނީ ކަމާބެހޭ ގާބިލު މީހަކު ލައްވައެވެ. މަރާމާތުގެ މަސައްކަތެއް ކުރާނަމަ ކުރަންވާނީ ކޮންޓެއިނަރ ގޭސް ފްރީ ކުރުމަށްފަހުގައެވެ. ކޮންމެ 5 (ފަސް) އަހަރަކުން 1 (އެއް) ފަހަރު، އަދި ކޮންޓެއިނަރުން ލީކުވާކަމަށް ށައްކުކުރެވިއްޖެނަމަ ނުވަތަ ކޮންމެ މަރާމާތަކަށްފަހު، ކޮންޓެއިނަރ ޓެސްޓްކުރަންޖެހޭނެއެވެ. މިގޮތުން ކޮންޓެއިނަރތައް ޓެސްޓްކުރާނީ އެން.އެފް.ޕީ.އޭ 30”ފްލޭމަބަލް އެންޑް ކޮމްބަސްޓިބަލް ލިކުއިޑް ކޯޑް" ގައިވާ ގޮތުގެ މަތީންނެވެ.

(ފ) އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމުގެ ގޮތުން އެން.އެފް.ޕީ.އޭ 780“ ލައިޓްނިންގ ޕްރޮޓެކްށަން ކޯޑް“ ގައިވާ ގޮތުގެ މަތިން ބޮންޑް ކުރަންވާނެއެވެ.

(ދ) ޑީސަލާއި ކަރާސީނު، އަދި ޕެޓްރޯލް އަޅާފައިވާ ކޮންޓެއިނަރ ކައިރީގައި އަލިފާންރޯވާ ފަދަ ތަކެތި ހުރެގެން ނުވާނެއެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުމާއި އަލިފާން ގެންގުޅުމަކީ މުޅިން މަނާކަމެކެވެ. ހަމަ އެފަދައިން، އަލިފާން ކަނޑައިފާނެ ތަކެއްޗާއި ގޮވާ ތަކެތި ގެންގުޅުމަކީވެސް މުޅިން މަނާކަމެކެވެ.

(ތ) ކޮންޓެއިނަރުގެ ސަރަހައްދުގައި ހުންނަ ހުރިހާ ވަޔަރިންގ ހުންނަންވާނީ މޯލްޑިވްސް އިލެކްޓްރިކް ސިޓީ ބިއުރޯއިން ކަނޑައަޅުއްވާ މިންގަނޑުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އަދި މީގެ އިތުރުން ވަޔަރިންގ ހުންނަންވާނީ ކޮންޑިއުޓް ހޮޅިއަށް ލައްވައިފައެވެ. ބޮކި، ހޮޅިބުރި، ސްވިޗް އަދި ޕްލަގް ފަދަ ތަކެތި ވާންޖެހޭނީ ފްލޭމް ޕްރޫފް ތަކެތި ކަމުގައެވެ. 

 

16 ވަނަ މާއްދާ - ޑީސަލް، ކަރާސީނު ގެންގުޅެ، ގުދަންކުރާ ތަންތަނުގައި ގާއިމު ކުރަންޖެހޭ ނިޒާމު

(ހ) ޑީސަލް ނުވަތަ ކަރާސީނު ބަހައްޓާ ކޮންމެ ތަނެއްގައި 9 (ނުވައެއް) ކިލޯގެ 2 (ދޭއް) ޑީ.ސީ.ޕީ އަލިފާންނިވި ބަހައްޓާފައި ހުންނަންވާނެއެވެ. 

(ށ) 3000 (ތިން ހާސް) ލީޓަރަށްވުރެ ގިނައިން ޑީސަލް ނުވަތަ ކަރާސީނު ރައްކާކުރާނަމަ ކޮންޓެއިނަރުތަކުގައި އަންނަނިވި އަލިފާންނިވާ ނިޒާމުތައް ގާއިމުކޮށްފައި ހުންނަންޖެހޭނެއެވެ.

 1. އޮޓަމެޓިކް ފޯމް ޕޯރިންގ ސިސްޓަމް
 2. އޮޓަމެޓިކް ޑްރެންޗަރ ސިސްޓަމް

 

17 ވަނަ މާއްދާ - ނިށާންތަކާއި އެންގުންތައް 

ޑީސަލާއި ކަރާސީނު ގެންގުޅެ އަދި ގުދަންކުރާ ތަންތަނުގައި މިގަވާއިދުގެ ޖަދުވަލު 8 ގައިވާ ނިށާންތަކާއި އެންގުންތައް އާންމުކޮށް ފެންނާނެހެން ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ލިޔެ ބެހެއްޓިފައި ހުންނަންވާނެއެވެ. މިގޮތުން ބަހައްޓާ ނިށާންތަކާއި އެންގުންތައް ލިޔެފައި ހުންނަންވާނީ 3x1 ފޫޓަށްވުރެ ކުޑަނޫން ބޯޑެއްގައި، ފަސޭހައިން ކިޔަން އެނގޭ ފަދަ އަކުރަކުންނެވެ. މި އަކުރުތަކުގައި ހުންނަންވާނެ މިންތައް ޖަދުވަލު 2 ގެ (ށ) ގައި އެވަނީއެވެ. 

 

ފަސްވަނަ ބާބު

ތެޔޮ ޓޭންކުތަކުން ފެށިގެން، ތެޔޮ މިނާ މީޓަރާ ހަމައަށް ހޮޅިލައިން އެޅުން

 

18 ވަނަ މާއްދާ - ހޮޅިލައިން އަޅަންޖެހޭ ގޮތާއި ހޮޅީގެ ފެންވަރު

(ހ) އަތޮޅުތަކުގެ ރަށްރަށުގައި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ތެލުގެ ބާވަތްތައް، ރައްކާކޮށްފައި ހުންނަ ތާނގީން ފެށިގެން ތެޔޮ މިނާ މީޓަރާ ހަމައަށް ނުވަތަ ޖެޓީއާ ހަމައަށް ހޮޅިލައިނެއް އެޅިދާނެއެވެ. މިގޮތަށް ހޮޅިލައިން އަޅާނަމަ އަޅަންވާނީ ބިމުގެ އަޑިންނެވެ.

(ށ) މި މާއްދާގެ (ހ) ގައިވާގޮތަށް އަޅާ ހޮޅިލައިންގައި ބޭނުންކުރާ ހޮޅި ވާންޖެހޭނީ BS EN10025 BS EN10296 ނުވަތަ މިފެންވަރުގެ ބައިނަލްއަގުވާމީ އެހެން ސްޓޭންޑަޑަކަށް ފެތޭ ހޮޅިކަމުގައެވެ. 

(ނ) ބިމުގެ އަޑިން ވަޅުލައިގެން ހޮޅިއަޅާއިރު އަޅަންވާނީ، ހޮޅިއަށް ގެއްލުމެއް ލިބިގެން ނުވަތަ ހޮޅިފަޅައިގެންގޮސްގެން ތެޔޮ ލީކުވިނަމަވެސް ބިމުގެ އަޑިއަށް ނުދާގޮތަށް ކާނެއް ރާނައި އެ ކާނުގެ ތެރެއިންނެވެ. އަދި މިކާނުވެސް ހުންނަންޖެހޭނީ ފަސް އެޅުމުން ރަގަނޅަށް ފޮރުވޭވަރަށް ބިމުގެ އަޑީގައެވެ.

 

ހަވަނަ ބާބު

ގަވާއިދުގައި ބޭނުންކޮށްފައިވާ ބަސްބަހުގެ މާން

 

19 ވަނަ މާއްދާ - މާނަ

(ހ) މި ގަވާއިދުގައި، އެ އިބާރާތެއް ހިމެނިފައިވާގޮތުން ކަނޑައެޅިގެން އެހެން ގޮތަކަށް ދޭހަ ނުވާނަމަ: ”ޕެޓްރޯލް ގެންގުޅެ، ގުދަންކުރާ ތަންތަން“ ކަމުގައި ބުނެފައި އެވަނީ، 500 ލީޓަރަށްވުރެ ގިނައިން ޕެޓްރޯލް ރައްކާކޮށްފައި އެއްގަމުގައި ހުންނަ ތަކެއްޗާއި ތަންތަނަށެވެ.

(ށ) ތެޔޮ ރައްކާކޮށްފައި ހުންނަ ތަންތަން“ ކަމުގައި ބުނެފައި އެވަނީ، ޕެޓްރޯލާއި، ޑީސަލާއި، ކަރާސީނު ރައްކާކޮށްފައި ހުންނަ ތަންތަނާއި ވިއްކާ ތަންތަނަށެވެ.

(ނ) ތެޔޮ ބަރުކޮށްގެން އެއްތަނުން އަނެއް ތަނަށް ދަތުރުކުރާ އުޅަނދު“ ކަމަށް ބުނެފައި އެވަނީ، ޕެޓްރޯލާއި، ޑީސަލާއި، ކަރާސީނު އަޅައިދިނުމަށް އެއްތަނުން އަނެއް ތަނަށް ދަތުރުކުރާ އެއްގަމު އުޅަނދުފަހަރެވެ.

(ރ) ޑީސަލާއި ކަރާސީނު ގެންގުޅެ، ގުދަންކުރާ ތަންތަން“ ކަމުގައި ބުނެފައި އެވަނީ، 800 ލީޓަރަށްވުރެ ގިނައިން ޑީސަލާއި ކަރާސީނު ރައްކާކޮށްފައި ހުންނަ އެއްގަމު އުޅަނދުފަހަރާއި ތަންތަނަށެވެ. 

(ބ) ފިލިންގ ޕޮއިންޓް“ ކަމުގައި ބުނެފައި އެވަނީ، ތެލުގެ ވިޔަފާރިކުރާ ތަންތަނުގައި ހުންނަ ތެޔޮ އަޅާ ކޮންޓެއިނަރަށް ތެލުގެ ބާވަތްތައް އެޅުމަށްޓަކައި ކޮންޓެއިނަރާއި ދާއިމީކޮށް ގުޅާފައި ހުންނަ ގުޅުމަށެވެ.

(ޅ) ޑިސްޕެންސަރ“ ކަމަށް ބުނެފައި އެވަނީ، ތެލުގެ ބާވަތްތައް މިނެ ދޫކުރުމަށް ބޭނުންކުރާ ޕަމްޕަށެވެ.

(ކ) ވެޓް ސެލްސް“ ކަމުގައި ބުނެފައި އެވަނީ، އެސިޑް އަޅައި ތައްޔާރުކޮށްފައި ހުންނަ ބެޓްރީއަށެވެ.

(އ) ގޭސް ފްރީ ކުރުން“ ކަމުގައި ބުނެފައި އެވަނީ، ތެލުގެ އެއްވެސް ބާވަތެއް އަޅާފައިވާ ތާނގީއެއްގައި ޕެޓްރޯލިއަމްގެ އެއްވެސް ބާވަތެއް ނެތްކަމުގައި ވިޔަސް އަލިފާން ރޯވާ ޒާތުގެ އާވި ހުންނާނެތީ އެ އާވިތައް އެއްކޮށް ބޭރުކުރުމަށެވެ.

(ވ) ބަންޑް ވޯލް“ ކަމުގައި ބުނެފައި އެވަނީ، ތެލުގެ ބާވަތްތައް އަޅާފައި ބިމުން މަތީގައި ހުންނަ ތާނގީއެއް ނުވަތަ ތާނގީތަކެއްގެ ވަށައިގެން ލާފައިވާ ފާރަށެވެ. 

(މ) ކޮންޓެއިނަރ“ ކަމުގައި ބުނެފައި އެވަނީ، ތެޔޮ އަޅާފައިހުންނަ ތާނގީ ފަދަ އެއްޗެއްސަށެވެ.

(ދ) ޑީ.ސީ.ޕީ. އަލިފާންނިވި“ ކަމުގައި ބުނެފައި އެވަނީ، ޑްރައިކެމިކަލް ޕައުޑަރ އަލިފާންނިވި އަށެވެ.

(ދ) އިންސްޕެކްށަން“ ކަމުގައި ބުނެފައި އެވަނީ، އަލިފާންނިވި ހުރިތޯއާއި، އެ ހުރީ ބޭނުންކުރެވޭ ހާލަތުގައިތޯ ބެލުމަށް ކުރެވޭ އަވަސް ޗެކެކެވެ. އެހެން ގޮތަކަށް ބުނަނީނަމަ އަލިފާންނިވި ހުރީ ރަނގަޅަށް ޗާޖުކޮށް ބޭނުންކުރެވޭ ހާލަތުގައިތޯ ޔަގީންކުރުމެވެ.

(ތ) މެއިންޓަނަންސް ކުރުން“ ކަމުގައި ބުނެފައި އެވަނީ، އަލިފާންނިވީގެ ފުރިހަމަ ޓެސްޓެއް ހެދުމެވެ. އެއީ ބަހައްޓާފައިވާ އަލިފާންނިވިއަކީ ފުރިހަމައަށް މަސައްކަތްކުރާ ރައްކާތެރި އެއްޗެއްކަން ޔަގީންކޮށް ދިނުމަށެވެ.

(ލ) ރީފިލްކުރުން“ ކަމުގައި ބުނެފައި އެވަނީ، އަލިފާންނިވީގައި ބޭނުންކޮށްފައި ހުންނަ އަލިފާންނިއްވާ މާއްދާ ބަދަލުކުރުމާއި، ބައެއް ވައްތަރުގެ އަލިފާންނިވީގެ އެތެރޭގައި ޕްރެށަރ ގެނެސްދޭ ކާޓްރިޖް ފިލްކުރުމެވެ.

(ގ) އެން.އެފް.ޕީ.އޭ“ ކަމުގައި ބުނެފައި އެވަނީ، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ނޭށަނަލް ފަޔަރ ޕްރޮޓެކްށަން އެސޯސިއޭށަންއަށެވެ.

 

20 ވަނަ މާއްދާ - އަދަބު

(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާއާ ހިލާފުވެއްޖެނަމަ، ފުރަތަމަ ފަހަރު 5،000ރ (ފަސް ހާސް ރުފިޔާ) އިން ފެށިގެން 20،000ރ (ވިހި ހާސް ރުފިޔާ) އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. 

(ށ) މި ގަވާއިދުގެ 4 ވަނަ މާއްދާއާ ހިލާފުވެއްޖެނަމަ، ފުރަތަމަ ފަހަރު އެކަމެއްގެ ކުޑަ ބޮޑުމިނަށް ބަލައި 15،000ރ (ފަނަރަ ހާސް ރުފިޔާ) އިން ފެށިގެން 25،000ރ (ފަންސަވީސް ހާސް ރުފިޔާ) އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

(ނ) މި މާއްދާގެ (ހ)، (ށ) ގައިވާ ކަންތައްތައް ފިޔަވައި އެހެން ކަމަކާ ހިލާފުވެއްޖެނަމަ، 10،000ރ (ދިހަ ހާސް ރުފިޔާ) އިން ފެށިގެން 25،000ރ (ފަންސަވީސް ހާސް ރުފިޔާ) އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

(ރ) މި މާއްދާގައި ބުނެފައިވާ ކުށްތައް ތަކުރާރުކުރާ ފަރާތްތަކަށް ދީފައިވާ ހުއްދަ ވަކި މުއްދަތަކަށް ހިފަހައްޓައި ނުވަތަ ބާތިލުކުރުމުގެ އިހުތިޔާރު މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީއަށް ލިބިގެންވެއެވެ.

 

މި ގަވާއިދުގެ ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

 

މައި ގާނޫނު

ސިފައިންގެ ގާނޫނު (ގާނޫނު ނަންބަރު 1/2008)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ތެލުގެ ބާވަތްތައް ގެންގުޅެ، ބޭނުންކޮށް ގުދަންކުރުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2015-160)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު