-

އެއްގަމު ދަތުރުފަތުރުގެ ގާނޫނު (ގާނޫނު ނަންބަރު 2009-05) ގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ އެއްގަމު އުޅަނދާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021-145) (ކޮންސޮލިޑޭޓެޑް)

(ކޮންސޮލިޑޭޓެޑް ނަންބަރު 2021-145)

(1ވަނަ، 2ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

1 ވަނަ މާއްދާ - ތައާރަފު

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2009-05 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) ގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ އެއްގަމު އުޅަނދާމެދު އަމަލުކުރެވޭނެ އުސޫލުތައް ބަޔާންކުރާ ގަވާއިދެވެ. 

(ށ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2009-05 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) ގެ 1-68 ވަނަ މާއްދާގެ ދަށުން ބާރު ލިބިގެން، އެ ގާނޫނުގެ 3 މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ނ) މި ގަވާއިދަށް ކިޔާނީ، "ގާނޫނު ނަންބަރު 2009-05 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) ގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ އެއްގަމު އުޅަނދާބެހޭ ގަވާއިދު" އެވެ. 

 

2 ވަނަ މާއްދާ - މަގްސަދު

މި ގަވާއިދުގެ މަގްސަދަކީ، ގާނޫނު ނަންބަރު 2009-05 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) ގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ އެއްގަމު އުޅަނދާމެދު އަމަލުކުރެވޭނެ ގޮތްތަކާއި، އުޅަނދު އަނބުރާ ހަވާލުކުރުމުގެ އިޖުރާއަތުތަކާއި، ހަވާލުވެފައިނުވާ އުޅަނދާމެދު އަމަލުކުރެވޭނެ ގޮތްތަކާއި، ޖިނާއީ ކުށެއް ހިންގުމުގައި ބޭނުންކޮށްފައިވާކަމަށް ތުހުމަތުކުރެވޭ އުޅަނދާމެދު އަމަލުކުރެވޭނެ އުސޫލުތަކާއި، އެކަން ކުރެވޭނެ އުސޫލުތައް ބަޔާންކުރުމެވެ. 

 

3 ވަނަ މާއްދާ - ފުލުހުންގެ ބެލުމުގެ ދަށަށް ގެނަސްފައިވާ އުޅަނދު ހިފަހައްޓަންޖެހޭ އެކަށީގެންވާ ސަބަބެއް އޮތްތޯ ބެލުން

(ހ) ގާނޫނު ނަންބަރު 2009-05 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) ގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ އެއްގަމު އުޅަނދެއް، އެ އުޅަނދެއް ހިފެހެއްޓި ވަގުތުން ފެށިގެން 12 (ބާރަ) ގަޑިއިރުގެ ތެރޭގައި، ދިވެހި ފުލުހުންގެ ހިދުމަތުގެ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރަކަށް، އެ އުޅަނދެއްގެ މައުލޫމާތާއި އުޅަނދު ހިފެހެއްޓި ސަބަބު، އުޅަނދު ހިފެހެއްޓި ފަރާތުން އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އަންގާ އެންގުމެއް ދިވެހި ފުލުހުންގެ ހިދުމަތުގެއޮފިސަރަށް ރައްދުވުމާއެކު، ގިނަވެގެން 12 (ބާރަ) ގަޑިއިރުގެ ތެރޭގައި، އުޅަނދު ހިފަހައްޓައިފައިވަނީ ގާނޫނު ނަންބަރު 2009-05 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) ގެ ދަށުން އުޅަނދު ހިފަހައްޓަންޖެހޭ ފަދަ އެކަށީގެންވާ ސަބަބެއް އޮވެގެންތޯ ނުވަތަ ނޫންތޯ، އެ އޮފިސަރު ނިންމަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން އުޅަނދު ހިފަހައްޓައިފައިވަނީ އެކަށީގެންވާ ސަބަބެއް އޮވެގެންތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގައި އަންނަނިވި ކަންކަމުގެ މައްޗަށް ދިވެހި ފުލުހުންގެ ހިދުމަތުގެ އޮފިސަރު ރިއާޔަތް ކުރަންވާނެއެވެ.

  1. އެ އުޅަނދެއް ހިފަހައްޓައިފައިވަނީ ގާނޫނު ނަންބަރު 2009-05 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކުގައި، އުޅަނދު ހިފެހެއްޓިދާނެކަމަށް ބަޔާންކުރާ ހާލަތެއްގައިތޯ؛
  2. އުޅަނދު ހިފެހެއްޓުމުގައި ގާނޫނު ނަންބަރު 2009-05 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކުގެ ދަށުން ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް،އުޅަނދު ހިފެހެއްޓި ފަރާތުން ފުރިހަމަކޮށްފައިވޭތޯ.

 

4 ވަނަ މާއްދާ - އެކަށީގެންވާ ސަބަބެއްނެތި ހިފަހައްޓައިފައިވާ އެއްގަމު އުޅަނދު އަނބުރާ ހަވާލުކުރުން

(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގެ ދަށުން، އުޅަނދު ހިފަހައްޓައިފައިވަނީ އެކަށީގެންވާ ސަބަބެއް އޮވެގެން ނޫންކަމުގައި ނިންމައިފައިވާނަމަ،އެ ނިންމުން ނިންމުމަށްފަހު ވީ އެންމެ އަވަހަކަށް އަދިއުޅަނދު ހިފެހެއްޓި ވަގުތުން ފެށިގެން ގިނަވެގެން 24 (ސައުވީސް ) ގަޑިއިރުގެ ތެރޭގައި، އުޅަނދާ ހަވާލުވުމަށް އުޅަނދުގެ ވެރިފަރާތަށް އަންގަންވާނެއެވެ. 

(ށ) މި މާއްދާގެ (ހ) ގެ ދަށުން އަންގާ އެންގުމުގައި، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. އުޅަނދު ހިފަހައްޓައިފައިވަނީ އެކަށީގެންވާ ސަބަބެއް އޮވެގެން ނޫންކަމުގައި ދިވެހި ފުލުހުންގެ ހިދުމަތުން ނިންމައިފައިވާކަން؛
  2. އުޅަނދު އަނބުރާ ހަވާލުކުރުމަށް ނިންމައިފައިވާ ތަން؛
  3. އުޅަނދާ އަނބުރާ ހަވާލުވުމަށް ދެވޭ މުއްދަތު؛
  4. އުޅަނދާ އަނބުރާ ހަވާލުވުމަށް ދީފައިވާ މުއްދަތުގައި ހަވާލުވެފައިނުވާނަމަ، މި ގަވާއިދުގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ އުޅަނދުތަކުގެ ތެރެއިން ވެރިފަރާތުން ހަވާލުނުވާ އުޅަނދާމެދު އަމަލުކުރެވޭ އިޖުރާއަތުތަކުގެ ދަށުން އަމަލުކުރެވޭނެކަން. 

(ނ) މި މާއްދާގެ ދަށުން އަނބުރާ ހަވާލުކުރެވޭ އުޅަނދު ހަވާލުކުރެވޭނީ އުޅަނދުގެ ވެރިފަރާތަށް ނުވަތަ އުޅަނދުގެ ވެރިފަރާތުން ލިޔުމުން ހުއްދަދޭ ފަރާތަކަށެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން އުޅަނދާ އަނބުރާ ހަވާލުވުމަށް ވެރިފަރާތަށް އަންގާތާ ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި، އުޅަނދުގެ ވެރިފަރާތުން ،އުޅަނދާ ހަވާލުވާންވާނެއެވެ. 

 

5 ވަނަ މާއްދާ - އެކަށީގެންވާ ސަބަބަކާއެކު ހިފަހައްޓައިފައިވާ އެއްގަމު އުޅަނދާމެދު އަމަލުކުރާނެ ގޮތް

(ހ)  މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގެ ދަށުން، އުޅަނދު ހިފަހައްޓައިފައިވަނީ އެކަށީގެންވާ ސަބަބެއް އޮވެގެން ކަމުގައި ނިންމައިފައިވާނަމަ، އުޅަނދު ހިފެހެއްޓި ވަގުތުން ފެށިގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި އުޅަނދުގެ ވެރިފަރާތަށް ނުވަތަ އުޅަނދު ދުއްވަން އިނީ ވެރިފަރާތް ކަމުގައި ނުވާނަމަ، އުޅަނދު ދުއްވަން އިން ފަރާތަށް، އެކަން ދިވެހި ފުލުހުންގެ ހިދުމަތުން އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އުޅަނދުގެ ވެރި ފަރާތަށް ނުވަތަ އުޅަނދު ދުއްވަން އިން ފަރާތަށް ދޭ ނޯޓިހުގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

  1. އުޅަނދު ހިފެހެއްޓުނު ސަބަބު؛
  2. އުޅަނދު ހިފެހެއްޓުނު ވަގުތު؛
  3. އުޅަނދު ހުރި ތަން؛
  4. އުޅަނދު ހިފެހެއްޓިފައިވާ މުއްދަތު؛
  5. އުޅަނދު އަނބުރާ ހަވާލުކުރެވޭނީ ކޮން ފަރާތަކަށްކަން؛
  6. އުޅަނދާ ހަވާލުވުމަށްޓަކައި ފުރިހަމަކުރަންޖެހޭ އިޖުރާއަތު.

(ނ) މި މާއްދާގެ (ށ) ގެ (6) ވަނަ ނަންބަރުގެ ދަށުން، އުޅަނދާ ހަވާލުވުމަށް ޓަކައި ފުރިހަމަކުރަންޖެހޭ އިޖުރާއަތު ބަޔާންކުރުމުގެ ގޮތުން އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

  1. އުޅަނދާ ހަވާލުވުމުގެ ކުރިން، އުޅަނދުގެ ވެރިފަރާތުން، ގާނޫނު ނަންބަރު 2009-05 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) ގެ ދަށުން ނުވަތަ އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކުގެ ދަށުން ދައްކަންޖެހޭ ޖޫރިމަނާއެއް އޮތް ނަމަ، އެ ޖޫރިމަނާއެއް ބަލައިގަތުމަށް ކަނޑައަޅައިފައިވާ އިދާރާއަކަށް ފައިސާ ދެއްކިކަމުގެ ލިޔުން ނުވަތަ އެފަދަ އިދާރާއަކަށް ޖޫރިމަނާ ފައިސާ ދެއްކުމަށް ވަކި އުސޫލަކަށް އެއްބަސްވެވިގެން ފައިސާ ދައްކަމުންދާ ނަމަ، އެފަދަ އެއްބަސްވުމެއް އޮތްކަން އެނގޭނެ ލިޔުމާއި، އެ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކަމުންދާކަމުގެ ލިޔުމާއި، ދިވެހި ފުލުހުންގެ ހިދުމަތުގެ ބެލުމުގެ ދަށަށް އެ އުޅަނދެއް ގެނެވުނު ސަބަބާ ގުޅިގެން ދައްކަންޖެހޭ ޖޫރިމަނާ ދެއްކިކަމުގެ ލިޔުން ހުށަހަޅަންވާނެކަން؛ (އިސްލާހު1 / އިސްލާލު2 ކުރެވިފައި)
  2. އުޅަނދު އަނބުރާ ހަވާލުކުރުމަށް ނިންމައިފައިވާ ތަން؛
  3. އުޅަނދު ހިފެހެއްޓިފައިވާ މުއްދަތު ހަމަވުމަށްފަހު، އުޅަނދާ ހަވާލުވުމަށް އަންގާތާ ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި،އުޅަނދުގެ ވެރިފަރާތުން، އުޅަނދާ ހަވާލުވާންވާނެކަން؛
  4. އުޅަނދާ އަނބުރާ ހަވާލުވުމަށް ދީފައިވާ މުއްދަތުގައި ހަވާލުވެފައިނުވާނަމަ، މި ގަވާއިދުގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ އުޅަނދުތަކުގެ ތެރެއިން ވެރިފަރާތުން ހަވާލުނުވާ އުޅަނދާމެދު އަމަލުކުރެވޭ އިޖުރާއަތުތަކުގެ ދަށުން އަމަލުކުރެވޭނެކަން.

(ރ) މި މާއްދާގެ ދަށުން އުޅަނދު އަނބުރާ ހަވާލުކުރެވޭނީ އުޅަނދުގެ ވެރިފަރާތަށް ނުވަތަ އުޅަނދުގެ ވެރިފަރާތުން ލިޔުމުން ހުއްދަދޭ ފަރާތަކަށެވެ. 

(ބ) މި މާއްދާގެ ދަށުން އުޅަނދު އަނބުރާ ހަވާލުކުރެވޭނީ، އުޅަނދުގެ ވެރިފަރާތުން އަންނަނިވި ކަންކަން ފުރިހަމަކުރުމުންނެވެ.

  1. މި މާއްދާގެ (ހ) ގެ ދަށުން ދީފައިވާ ނޯޓިހުގައި، މި މާއްދާގެ(ނ) ގެ (1) ވަނަ ނަންބަރުގެ ދަށުން ހިމަނައިފައިވާ ކަންކަން ފުރިހަމަކުރުމުން؛
  2. ގާނޫނު ނަންބަރު 2009-05 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކުގެ ދަށުން އުޅަނދުގައި ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކުރުމުން.
  3.  މި މާއްދާގެ (ޅ) ގެ (6) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އުޅަނދުތައް ދޫކުރެވޭނީ، އެ އުޅަނދަކަށް ދީފައިވާ ރަޖިސްޓްރީ ނަންބަރު ރަނގަޅުކޮށް، އެ އުޅަނދެއް ރަޖިސްޓަރީކޮށްފައިވާ ޒޯނަކަށް އެ އުޅަނދު އަނބުރާ ގެންދާކަން ދިވެހި ފުލުހުންގެ ހިދުމަތުން ކަށަވަރުކުރުމަށްފަހުގައެވެ. (އިތުރު ކުރެވިފައި)

  4. މި މާއްދާގެ (ޅ) ގެ (7) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން، ރަޖިސްޓަރީނުކުރާ އެއްގަމު އުޅަނދެއްގައި، ގާނޫނު ނަންބަރު 2009-05 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދާ ހިލާފަށް ރަޖިސްޓަރީ ނަންބަރެއް ހަރުކޮށްގެން ނުވަތަ ރަޖިސްޓަރީ ނަންބަރެއް ހަރުނުކޮށް ދުއްވައިފައިވާ އުޅަނދެއް ހިފަހައްޓައިފި ނަމަ، އެ އުޅަނދެއް އަނބުރާ ހަވާލުކުރަންވާނީ، މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރާއި، 5 ވަނަ މާއްދާގެ (ބ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކުރިކަމުގައި ވީނަމަވެސް، ގާނޫނު ނަންބަރު 2009-05 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން 30 (ތިރީސް) ދުވަހުގެ މުއްދަތުގެ ތެރޭގައި އެ އުޅަނދެއް ރަޖިސްޓަރީކޮށް ނިންމުމުންނެވެ. (އިތުރު ކުރެވިފައި)

(ޅ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި، އުޅަނދާ ހަވާލުވުމަށް ޓަކައި އުޅަނދުގެ ވެރިފަރާތުން ޖޫރިމަނާގެ ފައިސާ ދެއްކިކަމުގެ ލިޔުން ނުވަތަ ޖޫރިމަނާގެ ފައިސާ ދެއްކުމަށް ވެވޭ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކަމުންދާކަމުގެ ލިޔުން ހުށަހަޅަންޖެހޭ ކަމުގައި ބަޔާންކޮށްފައި އޮތް ނަމަވެސް، މި އަކުރުގެ (1) ވަނަ ނަންބަރާއި (2) ނަންބަރާއި (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އުޅަނދުތައް ހިފެހެއްޓޭނެކަމަށް ކަނޑައަޅައިފައިވާ މުއްދަތުތައް ހަމަވުމުން، އެ އުޅަނދުތައް އަނބުރައި ހަވާލުކުރަންވާނެއެވެ. އަދި މި މާއްދާގެ (ޅ) ގެ (4) ވަނަ ނަންބަރުން ފެށިގެން (10) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ އުޅަނދުތައް ދޫކުރެވޭނީ، މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރާއި 5 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކޮށް، އެ ނަންބަރުގައި ކަނޑައަޅައިފައިވާ މުއްދަތު ހަމަވުމުންނެވެ. (މުޅި ނަންބަރު އިތުރު  ކުރެވި / އިސްލާހު ކުރެވިފައި)

  1. ދުވެލީގެ މިންގަނޑާ ހިލާފަށް 2 (ދޭއް) ފަހަރަށްވުރެ ގިނަ ފަހަރު ދުއްވުމުގެ ސަބަބުން ހިފަހައްޓައިފައިވާ އުޅަނދެއް ނަމަ، 15 (ފަނަރަ) ދުވަހުގެ މުއްދަތު ހަމަވުމުން؛ (އިތުރު  ކުރެވި / އިސްލާހު ކުރެވިފައި)
  2. ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ސަބަބުން ހިފަހައްޓައިފައިވާ އުޅަނދެއް ނަމަ، 30 (ތިރީސް) ދުވަހުގެ މުއްދަތު ހަމަވުމުން؛ (އިތުރު  ކުރެވި / އިސްލާހު ކުރެވިފައި)
  3. ލައިސަންސް އޮވެގެން ދުއްވަންޖެހޭ އެއްގަމު އުޅަނދެއް ލައިސަންސް ނުނަގައި ދުއްވުމުގެ ސަބަބުން ހިފަހައްޓައިފައިވާ އުޅަނދެއް ނަމަ، 15 (ފަނަރަ) ދުވަހުގެ މުއްދަތު ހަމަވުން؛ (އިތުރު  ކުރެވި / އިސްލާހު ކުރެވިފައި)
  4. ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އެއްގަމު އުޅަނދު ޕާކުކޮށްފައި ހުރި ތަނަކުން ނަގައިގެން ދިވެހި ފުލުހުންގެ ހިދުމަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އުޅަނދެއް ނަމަ، އެ އުޅަނދެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ވަގުތުން ފެށިގެން، 48 (ސާޅީސް އަށެއް) ގަޑިއިރު ހަމަވުމުން؛ (އިތުރު  ކުރެވި / އިސްލާހު ކުރެވިފައި)
  5. އުޅަނދުގެ އަސްލު ގެއްލޭގޮތަށް ބަދަލު ގެނެސްގެން ދުއްވާ އުޅަނދެއް، އެ ކަމެއް ރަނގަޅުކުރުމަށް އެ އުޅަނދުގެ ވެރިފަރާތަށް އަންގާ އެންގުމާ އެއްގޮތަށް އަމަލުނުކޮށްގެން ދިވެހި ފުލުހުންގެ ހިދުމަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އުޅަނދެއް ނަމަ، 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ އުޅަނދަކަށް ގެނެސްފައިވާ ބަދަލު ރަނގަޅުކުރުމުން؛ (އިތުރު  ކުރެވި / އިސްލާހު ކުރެވިފައި)
  6. މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން އުޅަނދަކަށް ދީފައިވާ ރަޖިސްޓަރީ ނަންބަރު ފިޔަވައި އެހެން ނަންބަރެއް އުޅަނދުގައި ހަރުކޮށްގެން ދުއްވުމުގެ ސަބަބުން އެ އުޅަނދެއް ހިފަހައްޓައިފި ނަމަ، 15 (ފަނަރަ) ދުވަހުގެ މުއްދަތު ހަމަވުމުން؛ (އިތުރު  ކުރެވި / އިސްލާހު ކުރެވިފައި)
  7. މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން ރަޖިސްޓަރީނުކުރާ އެއްގަމު އުޅަނދެއްގައި، ގާނޫނު ނަންބަރު 2009-05 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދާ ހިލާފަށް ރަޖިސްޓަރީ ނަންބަރެއް ހަރުކޮށްގެން ދުއްވައިފައިވާ އުޅަނދެއް ހިފަހައްޓައިފި ނަމަ، އަދި އެކަމުގައި ޖިނާއީ ތަހުގީގެއް ކުރަންޖެހޭ ނަމަ، ޖިނާއީ ތަހުގީގު ނިމެންދެން، ނުވަތަ އެކަމުގައި ޖިނާއީ ތަހުގީގެއް ކުރަން ނުޖެހޭ ނަމަ، 30 (ތިރީސް) ދުވަހުގެ މުއްދަތު ހަމަވުމުން؛ (އިތުރު  ކުރެވި / އިސްލާހު ކުރެވިފައި)
  8. މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތެއްގެ ހުއްދަ ނެތި އެއްގަމު އުޅަނދެއްގެ އިންޖީނު ނަންބަރާއި ޗެސިސް ނަންބަރަށް ބަދަލުގެނެސްގެން ދުއްވައިފައިވާ އުޅަނދެއް ހިފަހައްޓައިފި ނަމަ، އެކަމުގެ ޖީނާއީ ތަހުގީގު ނިމުމަށްފަހު 7 (ހަތެއް) ދުވަހުގެ މުއްދަތުގެ ތެރޭގައި؛ (އިތުރު  ކުރެވި / އިސްލާހު ކުރެވިފައި)
  9. ސައިލެންސަރުގެ އަޑުގަދަކޮށްގެން އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް އުޅަނދަށް ބަދަލު ގެނެސްގެން (މޮޑިފައިކޮށްގެން) އެއްގަމު އުޅަނދު ދުއްވުމުގެ ސަބަބުން ހިފަހައްޓާ އުޅަނދު ދޫކުރެވޭނީ، އުޅަނދަށް ގެނެސްފައިވާ މޮޑިފިކޭށަން ރަނގަޅުކުރުމާއެކު، މޮޑިފައިކޮށްފައިވަނީ ސައިލެންސަރު ނުވަތަ ބަރުގޮނު ފަދަ ބިރުވެރިކަން އުފެދޭ އެއްޗެއް ނަމަ، އެ އެއްޗެއް ފުލުހުންގެ ބެލުމުގެ ދަށުން ނައްތައިލައި، އުޅަނދު ހިފެހެއްޓުނު ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ މުއްދަތު ހަމަވުމުން؛ (އިތުރު  ކުރެވި / އިސްލާހު ކުރެވިފައި)
  10. އެކްސިޑެންޓުގެ މައްސަލަތަކާ ގުޅިގެން ހިފަހައްޓާ އެއްގަމު އުޅަނދު އެ މައްސަލައިގެ ތަހުގީގަށް އެ އުޅަނދެއް ހިފެހެއްޓި ބޭނުން ނިމުމަށްފަހު، 7 (ހަތެއް) ދުވަހުގެ މުއްދަތުގެ ތެރޭގައި، (އިތުރު ކުރެވިފައި)

(ކ) މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައިވާ އުޅަނދުތައް ހިފެހެއްޓުމަށް މި ގަވާއިދުގައި ކަނޑައަޅައިފައިވާ މުއްދަތު ހަމަވުމުން، އެ އުޅަނދެއްގެ ވެރިފަރާތުން އެ އުޅަނދެއް ނުގެންގޮސްފި ނަމަ، ދެން އެ އުޅަނދަކާމެދު އަމަލުކުރާނީ، މި ގަވާއިދުގެ 6 ވަނަ މާއްދާއާއި 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ. (އިތުރު ކުރެވިފައި)

 

6 ވަނަ މާއްދާ - ވެރިފަރާތުން ހަވާލުނުވާ އުޅަނދުގެ މައުލޫމާތު އާންމުކުރުން

(ހ)  މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް ގެނެވޭ އުޅަނދު އަނބުރާ ހަވާލުވުމަށް ދީފައިވާ މުއްދަތުގެ ތެރޭގައި ވެރިފަރާތުން ހަވާލުވެފައިނުވާ އުޅަނދުތަކާ ގުޅޭ މައުލޫމާތު ފަސޭހައިން ފެންނަގޮތަށް ދިވެހި ސަރުކާރުގެ ގެޒެޓުގައްޔާއި ދިވެހި ފުލުހުންގެ ހިދުމަތުގެ ވެބްސައިޓުގައި އާންމުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މައުލޫމާތު އާންމުކުރާ ތާރީހުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ މުހުލަތެއް، އުޅަނދާ ހަވާލުވުމަށް، އުޅަނދުގެ ވެރިފަރާތަށް ދޭންވާނެއެވެ. 

(ނ) މި މާއްދާގެ (ހ) ގެ ދަށުން ދިވެހި ފުލުހުންގެ ހިދުމަތުން އާންމުކުރާ މައުލޫމާތުގައި، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. އުޅަނދުގެ ރަޖިސްޓްރޭށަން ނަންބަރު؛
  2. އުޅަނދުގެ ބާވަތް؛
  3. އުޅަނދު ހިފެހެއްޓުނު ތަން؛
  4. އުޅަނދާ ހަވާލުވާންޖެހޭ އެންމެ ފަހު ތާރީހު؛
  5. އުޅަނދާ ހަވާލުވުމަށް ދީފައިވާ އެންމެ ފަހު ތާރީހުގައި ވެރި ފަރާތުން އުޅަނދާ ހަވާލުވެފައި ނުވާނަމަ، މި ގަވާއިދުގެ 7 ވަނަ މާއްދާގެ ދަށުން އެފަދަ އުޅަނދަކާމެދު އަމަލުކުރެވޭނެކަން.

 

7 ވަނަ މާއްދާ - ވެރިފަރާތުން ހަވާލުނުވާ އުޅަނދާމެދު އަމަލުކުރާނެ އުސޫލު

(ހ)  މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ށ) ގައިވާ މުއްދަތުގައި ހަވާލުވެފައިނުވާ އުޅަނދާމެދު، ތިރީގައި ބަޔާންކޮށްފައިވާ އުސޫލުން، ދިވެހި ފުލުހުންގެ ހިދުމަތުން އަމަލުކުރަންވާނެއެވެ.

  1. އާންމުކޮށް ހުޅުވައިލެވޭ ނީލަމެއްގައި އެ އުޅަނދެއް ވިއްކައިލުން؛ ނުވަތަ
  2. އެ އުޅަނދެއް ނައްތައިލުން.

 

8 ވަނަ މާއްދާ - ވެރިފަރާތުން ހަވާލުވެފައިނުވާ އުޅަނދު ނީލަމުގައި ވިއްކައިލުމުގެ ނުވަތަ ނައްތައިލުމުގެ ކުރިން ރަޖިސްޓަރީ ބާތިލު ކުރުން

(ހ) މި ގަވާއިދުގެ 7 ވަނަ މާއްދާގެ ދަށުން ނީލަމުގައި ވިއްކައިލުމަށް ނުވަތަ ނައްތައިލުމަށް ކަނޑައަޅައިފައިވާ އުޅަނދުތަކުގެ ރަޖިސްޓްރޭށަން، ނީލަމުގައި ވިއްކައިލުމުގެ ކުރިން ނުވަތަ ނައްތައިލުމުގެ ކުރިން، ބާތިލު ކުރަންވާނެއެވެ.

(ށ) މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ށ) ގައިވާ މުއްދަތުގައި ހަވާލުވެފައިނުވާ އުޅަނދުތަކުގެ ރަޖިސްޓްރޭށަން ބާތިލުކުރުމަށް، ދިވެހި ފުލުހުންގެ ހިދުމަތުން، މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. (އިސްލާހު ކުރެވިފައި)

(ނ) މި މާއްދާގެ (ށ) ގެ ދަށުން އުޅަނދުތަކުގެ ރަޖިސްޓްރޭށަން ބާތިލުކުރުމަށް ހުށަހަޅާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި ރަޖިސްޓްރޭށަން ބާތިލުކުރުމަށްފަހު، މިނިސްޓްރީން، ދިވެހި ފުލުހުންގެ ހިދުމަތަށް އެކަން އަންގަންވާނެއެވެ. (އިސްލާހު ކުރެވިފައި)

 

9 ވަނަ މާއްދާ - ނީލަމުގައި ވިއްކައިލުމުގެ ކުރިން އިއުލާނު ކުރުން

(ހ)  މި ގަވާއިދުގެ 7 ވަނަ މާއްދާގެ ދަށުން، ނީލަމުގައި ވިއްކައިލުމަށް ކަނޑައަޅައިފައިވާ އުޅަނދުތަކުގެ މައުލޫމާތު، އެ އުޅަނދުތައް ނީލަމުގައި ވިއްކައިލުމުގެ ކުރިން ދިވެހި ސަރުކާރުގެ ގެޒެޓުގައްޔާއި ދިވެހި ފުލުހުންގެ ހިދުމަތުގެ ވެބްސައިޓުގައި އާންމު ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ދިވެހި ފުލުހުންގެ ހިދުމަތުން އާންމުކުރާ މައުލޫމާތުގައި، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. ނީލަމުގައި ވިއްކައިލުމަށް ކަނޑައަޅައިފައިވާ އުޅަނދުގެ ބާވަތާއި މޮޑެލް ނަންބަރު؛
  2. ނީލަމުގައި ވިއްކައިލުމަށް ކަނޑައަޅައިފައިވާ އުޅަނދުތައް ވިއްކައިލުމަށް ކަނޑައަޅައިފައިވާ ތާރީހާއި، ތަނާއި، ނީލަން ކުރިޔަށްދާނެ ގޮތާއި، ނީލަމުގައި ބައިވެރިވުމުގެ އިންތިޒާމުހަމަޖެހިފައިވާ ގޮތް.

 

10 ވަނަ މާއްދާ - ނައްތައިލެވޭ އުޅަނދުގެ މައުލޫމާތު އާންމުކުރުން

މި ގަވާއިދުގެ 7 ވަނަ މާއްދާގެ ދަށުން ނައްތައިލެވޭ އުޅަނދުތަކުގެ މައުލޫމާތު، އެ އުޅަނދުތައް ނައްތައިލުމަށްފަހު ދިވެހި ސަރުކާރުގެ ގެޒެޓުގައްޔާއި ދިވެހި ފުލުހުންގެ ހިދުމަތުގެ ވެބްސައިޓުގައި އާންމުކުރަންވާނެއެވެ.

 

11 ވަނަ މާއްދާ - ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ، ވަގަށް ނަގައިފައިވާ އުޅަނދު 

(ހ) ގާނޫނު ނަންބަރު 2009-05 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) ގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ އުޅަނދަކީ، ވަގަށް ނަގައިފައިވާ އުޅަނދެއްނަމަ، އުޅަނދު ހިފެހެއްޓިފައިވާ މުއްދަތު ހަމަވުމުގެ ކުރިން ،އުޅަނދު ހޯދުމަށް، އުޅަނދުގެ ވެރިފަރާތުން، ދިވެހި ފުލުހުންގެ ހިދުމަތަށް ލިޔުމުން ހުށަހެޅިދާނެއެވެ.
 (ށ) މި މާއްދާގެ (ހ) ގެ ދަށުން، ވަގަށް ނަގައިފައިވާ އުޅަނދެއް ހޯދުމަށް ވެރިފަރާތުން ލިޔުމުން ހުށަހަޅާ ހުށަހެޅުމުގައި، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

  1. ވެރިފަރާތުގެ ނަމާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެނަންބަރު ނުވަތަ ވެރިފަރާތަކީ ގާނޫނީ ށަހްސެއްނަމަ ރަޖިސްޓްރޭށަން ނަންބަރު؛
  2. އުޅަނދުގެ ރަޖިސްޓްރޭށަނާބެހޭ މައުލޫމާތު؛
  3. އުޅަނދު ވަގަށް ނަގައިފައިވާކަން ވެރިފަރާތުން ރިޕޯޓުކުރި ތާރީހާއި ކަމާ ގުޅޭ ލިޔެކިއުން؛

(ނ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ހުށަހެޅުންތަކަށް އެ ހުށަހެޅުމެއްގައި ހުށަހަޅަންޖެހޭ އެންމެހައި މައުލޫމާތު ފުރިހަމައަށް ލިބިފައިވާނަމަ، އެ ހުށަހެޅުމެއްގައި ހިމަނައިފައިވާ އުޅަނދު ވަގަށް ނަގައިފައިވާކަމަށް ކޮށްފައިވާ ރިޕޯޓަށް ބެލުމަށްފަހު ނުވަތަ އެފަދައިން ރިޕޯޓުކޮށްފައި ނުވާނަމަ ރިޕޯޓުކޮށްފައިނުވާ ސަބަބަށް ބެލުމަށްފަހު، އެ އުޅަނދެއް ހިފެހެއްޓިފައިވާ މުއްދަތު ހަމަވުމުގެ ކުރިން ވެރިފަރާތަށް އުޅަނދު އަނބުރާ ހަވާލުކުރުމާ ގުޅޭގޮތުން ދިވެހި ފުލުހުންގެ ހިދުމަތުން ގޮތެއް ނިންމަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހެޅުމެއް ލިބޭތާ 72 (ހަތްދިހަ ދޭއް) ގަޑިއިރުގެ ތެރޭގައި އެ ހުށަހެޅުމަކާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތު ން ނިންމައިފައިވާ ގޮތް އުޅަނދުގެ ވެރިފަރާތަށް އަންގަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގެ ދަށުން ވެރިފަރާތަށް އަންގާ އެންގުމުގައި، ތިރީގައިވާ ކަންކަން ހިމަނަންވާނެއެވެ.

  1. ވެރިފަރާތަށް އުޅަނދު އަނބުރާ ހަވާލުކުރުމާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ނިންމައިފައިވާ ގޮތް؛
  2. އުޅަނދު ހަވާލުކުރުމަށް ނިންމައިފައިވާނަމަ، އުޅަނދު ހަވާލުކުރެވޭނެ ތާރީހާއި ތަނާއި ފަރާތް.

(ޅ) މި މާއްދާގެ ދަށުން ވެރިފަރާތަށް އަނބުރާ ހަވާލުކުރުމަށް ކަނޑައަޅައިފައިވާ އުޅަނދު، އުޅަނދުގެ ވެރިފަރާތަށް ނުވަތަ އުޅަނދުގެ ވެރިފަރާތުން ލިޔުމުން ހުއްދަދޭ ފަރާތަކަށް ހަވާލުކުރެވިދާނެއެވެ.

(ކ) މި މާއްދާގެ ދަށުން ވެރިފަރާތަށް އަނބުރާ ހަވާލުކުރުމަށް ކަނޑައަޅައިފައިވާ އުޅަނދު، ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ވެރިފަރާތުން ގެންދަންވާނެއެވެ. 

 

12 ވަނަ މާއްދާ - ޖިނާއީ ކުށެއް ހިންގުމުގައި ބޭނުންކޮށްފައިވާކަމަށް ތުހުމަތުކުރެވޭ އުޅަނދު

(ހ) ދިވެހި ފުލުހުންގެ ހިދުމަތުގެ ބެލުމުގެ ދަށަށް ގެނެވޭ އުޅަނދަކީ ޖިނާއީ ކުށެއް ހިންގުމުގައި ބޭނުންކޮށްފައިވާކަމަށް އެ ހިދުމަތަށް ތުހުމަތުކުރެވޭ އުޅަނދެއްނަމަ، އުޅަނދު ހިފެހެއްޓިތާ 72 (ހަތްދިހަ ދޭއް) ގަޑިއިރުގެ ތެރޭގައި، ދިވެހި ފުލުހުންގެ ހިދުމަތުގެ ޓްރެފިކާބެހޭ ޑިޕާޓްމަންޓުން، އެ ހިދުމަތުގެ ކަމާބެހޭ ޑިޕާޓްމަންޓަށް އެކަން އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ އުޅަނދު، އުޅަނދުގެ ވެރިފަރާތާ އަނބުރާ ހަވާލުކުރެވޭނީ، ދިވެހި ފުލުހުންގެ ހިދުމަތުގެ ކަމާބެހޭ ޑިޕާޓްމަންޓުން އެ އުޅަނދު އަނބުރާ ހަވާލުކުރުމުގެ އިއުތިރާޒެއް ނެތްކަމަށްނިންމައި، ދިވެހި ފުލުހުންގެ ހިދުމަތުގެ ޓްރެފިކާބެހޭ ޑިޕާޓްމަންޓަށް އެކަން އެންގުމުންނެވެ. 

(ނ) މި މާއްދާގެ (ށ) ގެ ދަށުން އުޅަނދު ހަވާލުކުރުމުގެ އިއުތިރާޒެއް ނެތްކަމަށް،ދިވެހި ފުލުހުންގެ ހިދުމަތުގެ ކަމާބެހޭ ޑިޕާޓްމަންޓުން އެ ހިދުމަތުގެ ޓްރެފިކާބެހޭ ޑިޕާޓްމަންޓަށް އެންގުމުން، އެފަދައިން އަންގާތާ 72 (ހަތްދިހަ ދޭއް) ގަޑިއިރުގެ ތެރޭގައި، އުޅަނދާ އަނބުރާ ހަވާލުވުމަށް އުޅަނދުގެ ވެރިފަރާތަށް އަންގަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން އުޅަނދާ އަނބުރާ ހަވާލުވުމަށް އުޅަނދުގެ ވެރިފަރާތަށް އެންގުމުން، އެފަދައިން އަންގާތާ ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ވެރިފަރާތުން އުޅަނދު ގެންދަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި ގެންގޮސްފައިނުވާ އުޅަނދާމެދު، މި ގަވާއިދުގެ 6 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އަމަލުކުރެވޭނެއެވެ.  

 

13 ވަނަ މާއްދާ - ރިކޯޑު ބެލެހެއްޓުން

މި ގަވާއިދުގެ ދަށުން ހިންގާ ހުރިހާ އިޖުރާއަތުތަކެއްގެ ރެކޯޑު، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީންނާއި ދިވެހި ފުލުހުންގެ ހިދުމަތުން ލިޔުމުން ބަލަހައްޓަންވާނެއެވެ.

 

14 ވަނަ މާއްދާ - ވެރިފަރާތް ފިޔަވައި އެހެން ފަރާތަކާ އުޅަނދު ހަވާލުނުކުރުން

މި ގަވާއިދުގެ އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، މި ގަވާއިދުގެ ދަށުން ދިވެހި ފުލުހުންގެ ހިދުމަތުގެ ބެލުމުގެ ދަށުގައި ހުންނަ އުޅަނދު ހަވާލުކުރަންވާނީ އުޅަނދުގެ ވެރިފަރާތާއެވެ. 

 

15 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

16 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނައެވެ.

(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، އެއްގަމު ދަތުރުފަތުރުގެ ކަންތައްތައް ބެލެހެއްޓުމަށް އެ ވަގުތަކު ސަރުކާރުން ހަމަޖައްސައިފައިވާ ވުޒާރާއަށެވެ.

(ށ) "މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2016-03 (މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު) ގެ 3 ވަނަ މާއްދާގެ ދަށުން އުފައްދައިފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއަށެވެ.

(ނ) "ދިވެހި ފުލުހުންގެ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2020-34 (ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު) ގެ 3 ވަނަ މާއްދާގެ ދަށުން ގާއިމްކޮށްފައިވާ މުއައްސަސާއަށެވެ.

 

މައި ގަވާއިދު

އެއްގަމު ދަތުރުފަތުރުގެ ގާނޫނު (ގާނޫނު ނަންބަރު 2009-05) ގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ އެއްގަމު އުޅަނދާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021-145)

 

މި ގަވާއިދަށް ގެނެވޭ އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

 

މައި ގާނޫނު

އެއްގަމު ދަތުރުފަތުރުގެ ގާނޫނު (ގާނޫނު ނަންބަރު 2009-05)

ކިޔުންތެރިންގެ ހިޔާލު