-

އެއްގަމު ދަތުރުފަތުރުގެ ގާނޫނު (ގާނޫނު ނަންބަރު 2009-05) ގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ އެއްގަމު އުޅަނދާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021-145) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2023-30)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 10 ޖަނަވަރީ 2023 ގައި)

 

އެއްގަމު ދަތުރުފަތުރުގެ ގާނޫނު (ގާނޫނު ނަންބަރު 2009-05) ގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ އެއްގަމު އުޅަނދާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021-145) އަށް އަންނަނިވި އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރު، އަންނަނިވި ގޮތަށް އިސްލާހުކުރުން.

5. (ނ) (1) އުޅަނދާ ހަވާލުވުމުގެ ކުރިން، އުޅަނދުގެ ވެރިފަރާތުން، ގާނޫނު ނަންބަރު 2009-05 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) ގެ ދަށުން ނުވަތަ އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކުގެ ދަށުން ދައްކަންޖެހޭ ޖޫރިމަނާއެއް އޮތް ނަމަ، އެ ޖޫރިމަނާއެއް ބަލައިގަތުމަށް ކަނޑައަޅައިފައިވާ އިދާރާއަކަށް ފައިސާ ދެއްކިކަމުގެ ލިޔުން ނުވަތަ ޖޫރިމަނާ ފައިސާ ދައްކަމުންދާކަމުގެ އެއްބަސްވުން ހުށަހަޅަންވާނެކަން؛

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް (ޅ) ގެ ގޮތުގައި އަކުރެއް އިތުރުކުރުން.

5. (ޅ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރާއި، 5 ވަނަ މާއްދާގެ (ބ) ގެ (1) ވަނަ ނަންބަރުގައި އުޅަނދާ ހަވާލުވުމަށް ޓަކައި އުޅަނދުގެ ވެރިފަރާތުން ޖޫރިމަނާ ދެއްކިކަމުގެ ލިޔުން ނުވަތަ ޖޫރިމަނާ ދެއްކުމަށް ވެވޭ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކަމުންދާކަމުގެ ލިޔުން ހުށަހަޅަންވާނެކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އަންނަނިވި ހާލަތްތަކުގައިވާ އުޅަނދުތައް ހިފެހެއްޓޭނެކަމަށް މި އަކުރުގައި ކަނޑައަޅައިފައިވާ މުއްދަތުތައް ހަމަވުމުން، އެ އުޅަނދުތައް އަނބުރައި ހަވާލުކުރަންވާނެއެވެ. 

  1. ދުވެލީގެ މިންގަނޑާ ހިލާފަށް ދެ ފަހަރަށްވުރެ އިތުރަށް ދުއްވުމުގެ ސަބަބުން ހިފަހައްޓައިފައިވާ އުޅަނދެއްނަމަ، 15 (ފަނަރަ) ދުވަހުގެ މުއްދަތު ހަމަވުމުން؛
  2. ނުރައްކައުތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އެއްގަމު އުޅަނދު ދުއްވައިފިނަމަ، އެ ފަރާތެއް ދުއްވި އުޅަނދު، 30 (ތިރީސް) ދުވަހުގެ މުއްދަތު ހަމަވުމުން؛
  3. ލައިސަންސް އޮވެގެން ދުއްވަންޖެހޭ ނުވަތަ އޮޕަރޭޓް ކުރަންޖެހޭ އެއްގަމު އުޅަނދެއް ލައިސަންސް ނުނަގައި ދުއްވައިފިނަމަ، 15 (ފަނަރަ) ދުވަހުގެ މުއްދަތު ހަމަވުމުން؛
  4. ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އެއްގަމު އުޅަނދު ޕާކުކޮށްފައި ހުރި ތަނަކުން ނަގައިގެން ދިވެހި ފުލުހުންގެ ހިދުމަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އުޅަނދެއް ނަމަ، 15 (ފަނަރަ) ދުވަހުގެ މުއްދަތު ހަމަވުމުން؛
  5. ގިނަ ދުވަސްވަންދެން މަގުމަތީގައި ޕާކުކޮށްފައި ހުންނަ އުޅަނދުތައް އެ ތަނަކުން ނަގައިގެން ދިވެހި ފުލުހުންގެ ހިދުމަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އުޅަނދެއް ނަމަ، 15 (ފަނަރަ) ދުވަހުގެ މުއްދަތު ހަމަވުމުން؛
  6. އުޅަނދުގެ އަސްލު ގެއްލޭގޮތަށް ބަދަލު ގެނެސްގެން ދުއްވާ އުޅަނދެއް ނަމަ، އެކަމެއް ރަނގަޅު ކުރުމަށް އުޅަނދުގެ ވެރިފަރާތަށް އަންގައި، އެ އެންގުމާ އެއްގޮތަށް އަމަލު ނުކޮށްފިނަމަ، 15 (ފަނަރަ) ދުވަހުގެ މުއްދަތު ހަމަވުމުން؛
  7. މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން އުޅަނދަކަށް ދީފައިވާ ރަޖިސްޓަރީ ނަންބަރު ފިޔަވައި އެހެން ނަންބަރެއް އުޅަނދުގައި ހަރުކޮށްގެން ދުއްވުމާއި، ރަޖިސްޓަރީ ނުކުރާ އެއްގަމު އުޅަނދެއްގައި ގާނޫނު ނަންބަރު 2009-05 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) އާއި އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީ ކުރުމުގެ ގަވާއިދާ ހިލާފަށް ރަޖިސްޓަރީ ނަންބަރެއް ހަރުކުރުމާއި، މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތެއްގެ ހުއްދަ ނެތި އެއްގަމު އުޅަނދެއްގެ އިންޖީނު ނަންބަރާއި ޗެސިސް ނަންބަރަށް ބަދަލު ގެނެސްގެން ދުއްވައިފިނަމަ، އެ އުޅަނދެއް، ގިނަވެގެން 15 (ފަނަރަ) ދުވަހުގެ މުއްދަތަށް ދިވެހި ފުލުހުންގެ ހިދުމަތުގެ ބެލުމުގެ ދަށަށް ގެންދެވޭނެއެވެ.
  8. އެކްސިޑެންޓުގެ މައްސަލަތަކާ ގުޅިގެން ހިފަހައްޓާ އެއްގަމު އުޅަނދު،އެ މައްސަލަ ތަ ހުގީގުކޮށް ނިމެންދެން، ދިވެހި ފުލުހުންގެ ހިދުމަތުގެ ބެލުމުގެ ދަށަށް ގެންދެވޭނެއެވެ. އަދި މައްސަލަ ތަހުގީގުކޮށް ނިމުމުން، އެ އުޅަނދުގެ ވެރިފަރާތަށް، 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ އުޅަނދެއް ގެންދިއުމަށް އެންގުން؛
  9. މި މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައިވާ އުޅަނދުތައް ހިފެހެއްޓުމަށް މި ގަވާއިދުގައި ކަނޑައަޅައިފައިވާ މުއްދަތު ހަމަވުމުން،އެ އުޅަނދެއްގެ ވެރިފަރާތަށް އެ ކަން އަންގަންވާނެއެވެ. އަދި އެ މުއްދަތު ހަމަވުމުން، އުޅަނދުގެ ވެރިފަރާތުން އުޅަނދެއް ނުގެންގޮސްފިނަމަ، މި ގަވާއިދުގެ 6 ވަނަ މާއްދާއާއި 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ އުޅަނދަކާމެދު އަމަލުކުރެވޭނެއެވެ.

 

3 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

އެއްގަމު ދަތުރުފަތުރުގެ ގާނޫނު (ގާނޫނު ނަންބަރު 2009-05) ގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ އެއްގަމު އުޅަނދާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021-145)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

އެއްގަމު ދަތުރުފަތުރުގެ ގާނޫނު (ގާނޫނު ނަންބަރު 2009-05) ގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ އެއްގަމު އުޅަނދާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021-145) (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2021-145)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު