-

ބިމާއި އިމާރާތާއި ފްލެޓް ރަހުނުކުރުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް)

(ކޮންސޮލިޑޭޓެޑް ނަންބަރު 2022-186)

(1ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 6 ނޮވެމްބަރު 2022 ގައި)

(މި ގަވާއިދުގެ 16 ވަނަ މާއްދާގެ (ށ) އިން ވަނީ ބިމާއި އިމާރާތް އަދި ފްލެޓް ރަހުނުކުރުމާބެހޭ ގަވާއިދު އުވާލެވިފައި)

1 ވަނަ މާއްދާ - ތައާރުފާއި ނަން 

(ހ) މިއީ، ގާނޫނު ނަންބަރު 2002-01 (ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު) ގެ 42 ވަނަ މާއްދާއިން ބާރު ލިބިގެން އެކުލަވައިލައިފައިވާ، ދިވެހިރާއްޖޭގައި ބަންޑާރަ ގޯއްޗާއި އެ ގޯތީގައިވާ އިމާރާތްތަކާއި، އަމިއްލަ ގޯއްޗާއި އެ ގޯތީގައިވާ އިމާރާތްތަކާއި، އެއްމެދު އިމާރާތުގެ ފުލެޓު ރަހުނުކުރުމާބެހޭ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ބިމާއި އިމާރާތާއި ފުލެޓު ރަހުނުކުރުމާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، ގާނޫނު ނަންބަރު 2002-01 (ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު) ގެ ދަށުން، ދިރިއުޅުމަށް ޓަކައި ދޫކޮށްފައިވާ ބަންޑާރަ ގޯއްޗާއި އެ ގޯތީގައިވާ އިމާރާތްތަކާއި، އަމިއްލަ ގޯއްޗާއި އެ ގޯތީގައިވާ އިމާރާތްތަކާއި، އެއްމެދު އިމާރާތުގެ ފުލެޓު ރަހުނުކުރުމާބެހޭ އުސޫލުތަކާއި، ރަހުނުގެ މުއާމަލާތްތައް ރަޖިސްޓަރީކުރުމާއި، ރަހުނުކޮށްފައިވާ ތަންތަނުގެ ދަފުތަރު ބެލެހެއްޓުމާއި، ރަހުނު ވިއްކައިލުމާއި، ރަހުނުގެ މުއާމަލާތާ ގުޅިގެން އުފެދޭ އެންމެހައި ކަންކަމުގައި އަމަލުކުރާނެ ހަމަހަމަ އުސޫލުތައް ބަޔާންކުރުމެވެ.

 

3 ވަނަ މާއްދާ - ރަހުނު ކުރެވޭނެ ތަން

ދިވެހިރާއްޖޭގެ އެއްވެސް ގޯއްޗެއް، ނުވަތަ ބިމެއް، ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް ރަހުނުކުރަންވާނީ، ވިޔަފާރި ބޭންކެއްގައި ނުވަތަ ސަރުކާރު ގަބޫލުކުރާ މާލީ އިދާރާއެއްގައެވެ.

 

4 ވަނަ މާއްދާ - ރަހުނުގެ ނަތީޖާ އެނގި ހާމަވުން

ބިމެއް، ނުވަތަ ގޯއްޗެއް، ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް ރަހުނުކުރާ ހާލަތްތަކުގައި، ރަހުނު މުއާމަލާތާއި، މުއާމަލާތުކުރުމުގެ ނަތީޖާ، މުސްތަގިއްލު 2 (ދޭއް) ހެކީންގެ ހާޒިރުގައި، ރަހުނު ހިފާ ފަރާތުން، ރަހުނު ބަހައްޓާ ފަރާތަށް އޮޅުންފިލުވައިދޭން ޖެހޭނެއެވެ.

 

5 ވަނަ މާއްދާ - ބިމާ ވަކިން ރަހުނު ނުކުރެވުން

(ހ) އެއްވެސް ގޯއްޗެއް، ނުވަތަ ބިމެއްގައިވާ އިމާރާތެއް، އެ ބިމާ ވަތްކަކުން ރަހުނެއް ނުކުރެވޭނެއެވެ.

(ށ) އެއްމެދު އިމާރާތާއި، އިމާރާތުގެ ފުލެޓުތައް، މި މާއްދާގެ (ހ) އިން އިސްތިސްނާވެގެންވެއެވެ.

 

6 ވަނަ މާއްދާ - އެކަކަށް ވުރެ ގިނަ މީހުންގެ ގޯތި

(ހ) އެކަކަށް ވުރެ ގިނަ މީހުންގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ގޯއްޗެއް ނުވަތަ އެފަދަ ގޯއްޗެއްގައިވާ އިމާރާތެއް ރަހުނުކުރާނަމަ، އެ ގޯތި ރަޖިސްޓަރީކޮށްފައިވާ ހުރިހާ ފަރާތެއްގެ ރުހުން ލިބިގެން މެނުވީ އެފަދަ ގޯއްޗެއް ނުވަތަ އެފަދަ ގޯއްޗެއްގައިވާ އިމާރާތެއް ރަހުނެއް ނުކުރެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެކަކަށް ވުރެ ގިނަ މީހުންގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ މައި ގޯއްޗެއް ބަހައިގެން އެ މީހަކަށް ލިބިފައިވާ ބައި ވަކި ގޯއްޗެއްގެ ގޮތުގައި ވަކި ރަޖިސްޓަރީއެއް ހަދައިފައިވާނަމަ، އެފަދަ ބައެއް، މައި ގޯތީގެ އެހެނިހެން ބެހެނިވެރީންގެ ރުހުން ނެތި ރަޖިސްޓަރީކުރުމަކަށް މި ގަވާއިދު ހުރަހެއްނާޅައެވެ.

 

7 ވަނަ މާއްދާ - ރަހުނު ރަޖިސްޓަރީކުރުން

(ހ) ދިވެހިރާއްޖޭގެ އެއްވެސް ބިމެއް، ނުވަތަ ގޯއްޗެއް، ނުވަތަ އިމާރާތެއް، ނުވަތަ ފުލެޓެއް ރަހުނުކޮށްފިނަމަ، ރަށެއްގައި ނަމަ، އެ ރަށެއްގެ ރަށު ކައުންސިލުގެ އިދާރާގައި ނުވަތަ އެ ރަށެއްގެ ބިމުގެ ކަންކަން ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ އިދާރާގައި އަދި ސިޓީއެއްނަމަ އެ ސިޓީއެއްގެ ސިޓީ ކައުންސިލުގެ އިދާރާގައި ނުވަތަ އެ ސިޓީއެއްގެ ބިމުގެ ކަންކަން ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ އިދާރާގައި އެ ރަހުނެއް ރަޖިސްޓަރީ ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ރަހުނު ރަޖިސްޓަރީ ކުރަން ހުށަހަޅާނީ، ރަހުނު ހިފާ ފަރާތުންނެވެ. އަދި ރަހުނު ރަޖިސްޓަރީ ކުރަން ހުށަހަޅާއިރު، އަންނަނިވި ލިޔުންތައް، އެކަމަށް ޓަކައި އެކަށައަޅައިފައިވާ ފޯމާއެކު ހުށަހަޅަންވާނެއެވެ.

  1. ނޮޓަރައިޒްކޮށްފައިވާ ނުވަތަ ކޯޓުގައި ރަޖިސްޓަރީކޮށްފައިވާ ރަހުނުކުރުމުގެ އެއްބަސްވުމުގެ އަސްލު؛ (އިސްލާހު ކުރެވިފައި)
  2. ރަހުނުކުރަނީ ދިރިއުޅުމަށް ދޫކޮށްފައިވާ ގޯއްޗެއްނަމަ، އިމާރާތާއި ގޯތީގެ ރަޖިސްޓަރީ ނުވަތަ ގޯތީގެ ރަޖިސްޓަރީ؛
  3. ރަހުނުކުރަނީ އިގްތިސާދީ ބޭނުމަކަށް ނުވަތަ އިޖުތިމާއީ ބޭނުމަކަށް ނުވަތަ ސިނާއީ ބޭނުމަކަށް ދޫކޮށްފައިވާ ބިމެއް ނަމަ، ބިމުގެ ރަޖިސްޓަރީ، ނުވަތަ ބިން ހަވާލުކޮށްފައިވާ އެއްބަސްވުން، ނުވަތަ ބިން ހަވާލުކޮށްފައިވާކަމުގެ ލިޔުން؛
  4. ރަހުނުކުރަނީ އެއްމެދު އިމާރާތެއްގެ ފުލެޓެއް ނަމަ، ފުލެޓުގެ ރަޖިސްޓަރީ.

(ނ) ރަހުނުކުރަން ބޭނުންވާ ބިމަކީ، ނުވަތަ ގޯއްޗަކީ، ނުވަތަ ފުލެޓަކީ، މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރަށް ފެތޭ ބިމެއް ނަމަ، ނުވަތަ ގޯއްޗެއް ނަމަ، ނުވަތަ ފްލެޓެއް ނަމަ، އެ ބިމެއް، ނުވަތަ ގޯއްޗެއް، ނުވަތަ ފުލެޓެއް ރަހުނު ކުރުމުގެ ހައްގު، ރަހުނު ބަހައްޓާ ފަރާތަށް ލިބިގެންވާކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ.

 

8 ވަނަ މާއްދާ - ރަހުނުގެ ދަފުތަރު 

(ހ) ބިމެއް، ނުވަތަ ގޯއްޗެއް، ނުވަތަ އިމާރާތެއް، ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް ރަހުނުކޮށްފި ނަމަ، އެ ރަހުނެއް، ރަހުނުގެ ދަފުތަރުގައި ހިމަނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ރަހުނުގެ ދަފުތަރުގައި، ރަހުނާބެހޭ މައުލޫމާތު ހިމެނުމަށްފަހު، އެ ރަހުނެއް ބެހެއްޓި ފަރާތަށް ދޫކޮށްފައިވާ ބިމުގެ ނުވަތަ ގޯތީގެ ނުވަތަ ފުލެޓުގެ ރަޖިސްޓަރީގެ އަސްލުގައި ރަހުނުކުރެވުނުކަން ފާހަގަކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރަހުނުގެ ދަފުތަރު ބަލަހައްޓާނީ، ރަށެއްގައި ނަމަ، އެ ރަށެއްގެ ރަށު ކައުންސިލުގެ އިދާރާއިން ނުވަތަ އެ ރަށެއްގެ ބިމުގެ ކަންކަން ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ އިދާރާއިން އަދި ސިޓީއެއް ނަމަ، އެ ސިޓީއެއްގެ ސިޓީ ކައުންސިލުގެ އިދާރާއިން ނުވަތަ އެ ސިޓީއެއްގެ ބިމުގެ ކަންކަން ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ އިދާރާއިންނެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން އެކުލަވައިލާ ރަހުނުގެ ދަފުތަރުގައި، އެންމެ މަދުވެގެން ވެސް، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

  1. ރަހުނު ބަހައްޓާ ފަރާތް ނުވަތަ ފަރާތްތައް؛
  2. ރަހުނު ހިފާ ފަރާތް؛
  3. ރަހުނުގެ ގޮތުގައި ބަހައްޓާ ބިން، ނުވަތަ ގޯތި، ނުވަތަ އިމާރާތް ނުވަތަ ފުލެޓު؛
  4. ރަހުނުގެ މުއްދަތު.

(ބ) ރަހުނުގެ ދަފުތަރުގައިވާ މައުލޫމާތުގެ ތެރެއިން ބިމެއް، ނުވަތަ ގޯއްޗެއް، ނުވަތަ ފުލެޓެއް ރަހުނުކުރެވިފައިވާކަން ނުވަތަ ރަހުނުކުރެވިފައި ނުވާކަމާއި، ރަހުނުކޮށްފައިވާ މާލީ އިދާރާގެ މައުލޫމާތާއި، ރަހުނުކޮށްފައިވާ ކުރުން ނިމޭނެ ތާރީހު ހާމަކުރުން ފިޔަވައި އެ ރަހުނާބެހޭ މައުލޫމާތު، ރަހުނުގެ ބައިވެރިޔަކަށް ފިޔަވައި އެއްވެސް ފަރާތަކަށް ލިބިދެވޭނީ، ރަހުނުގެ މުއާމަލާތުގެ ބައިވެރިން އެކަމަށް އިއުތިރާޒު ނުކުރާނަމައެވެ.

(ޅ) މި މާއްދާގެ (ބ) ގެ ދަށުން ލިބިދެވޭނެކަމަށް ބަޔާންކޮށްފައިވާ މައުލޫމާތު ހޯދުމަށް އެދި ހުށަހަޅާނީ، އެ ރަހުނުގެ މުއާމަލާތު ރަޖިސްޓަރީކޮށްފައިވާ ކައުންސިލުގެ އިދާރާއިން އާންމުކޮށް އަންގައިފައިވާ ގޮތެއްގެ މަތީން، އެ އިދާރާއަކަށެވެ.

(ކ) މި މާއްދާގެ (ބ) ގެ ދަށުން ދޫކުރާ މައުލޫމާތު ހޯދުމަށް ރަހުނުގެ މުއާމަލާތް ރަޖިސްޓަރީކޮށްފައިވާ ކައުންސިލު އިދާރާއަށް ހުށަހެޅުމުން، އެ އިދާރާއިން މައުލޫމާތު ދޫކުރަންވާނީ، އެ ރަހުނުގެ މުއާމަލާތުގައި ހިމެނޭ މައުލޫމާތު ހިއްސާކުރުމާމެދު އެ ރަހުނުގެ މުއާމަލާތުގެ ބައިވެރީންގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމެއް ހޯދުމަށްފަހުގައެވެ.

(އ) މި މާއްދާގެ (ނ) އާއި (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކޮންމެ ރަށަކުންނާއި ސިޓީއަކުން ބަލަހައްޓާ ރަހުނުގެ ދަފުތަރުގެ އަދާހަމަ މައުލޫމާތު، ކޮންމެ 3 (ތިނެއް) މަހަކުން އެއްފަހަރު، ރަހުނުގެ މައި ދަފުތަރުގައި ހިމެނުމުގެ ބޭނުމަށް، ބިމާބެހޭ ވުޒާރާއަށް، އެ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ކައުންސިލަކުން ފޮނުވަންވާނެއެވެ.

 

9 ވަނަ މާއްދާ - ރަހުނު ވިއްކައިލުން

ރަހުނެއް ތަންފީޒު ކުރުމަށް ޓަކައި، އެއްވެސް ގޯއްޗެއް، ނުވަތަ ބިމެއް، ނުވަތަ އެއްވެސް ގޯއްޗެއްގައިވާ އިމާރާތެއް ނުވަތަ ފުލެޓެއް ވިއްކައިލުމުގެ ހުއްދައަށް އެދި ށަރީއަތަށް ހުށަހަޅަންވާނީ، އަންނަނިވި ކަންތައްތައް ފުރިހަމަވެފައިވާ ނަމައެވެ.

(ހ) ރަހުނު ބެހެއްޓި ފަރާތާއި، ރަހުނު ހިފި ފަރާތުން ލިޔެކިޔުމުން އެއްބަސްވެފައިވާ ހާލަތްތައް ފިޔަވައި، ރަހުނުގެ އެއްބަސްވުމުގެ ދަށުން، ފައިސާ ދައްކަންޖެހޭ މުއްދަތު ހަމަވާ ތާރީހުން ފެށިގެން، މީލާދީ 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި ފައިސާ ހޯދުމަށް ދައުވާކޮށްފައިވުން.

(ށ) ގާނޫނަށް ގެނެވުނު ފުރަތަމަ އިސްލާހަށް އަމަލުކުރަން ފެށުމުގެ ކުރިން، ފައިސާ ދެއްކުމުގެ މުއްދަތު ހަމަވެފައިވާ މައްސަލަތަކުގައި، ރަހުނު ބެހެއްޓި ފަރާތުން ލިޔެކިޔުމުން އެއްބަސްވެފައިވާ ހާލަތްތައް ފިޔަވައި، އެ އިސްލާހަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން މީލާދީ 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި ފައިސާ ހޯދުމަށް ދައުވާކޮށްފައިވުން.

(ނ) ރަހުނުގެ އެއްބަސްވުމުގެ ދަށުން، ފައިސާ ނުދައްކައިގެން ކުރި ދައުވާގައި ފައިސާ ދެއްކުމަށް ށަރީއަތުން ހުކުމްކޮށް އެ ހުކުމަށް އަމަލުކޮށްފައި ނުވުން.

(ރ) ރަހުނެއް ރަންފީޒު ކުރުމަށް ޓަކައި، އެއްވެސް ގޯއްޗެއް، ނުވަތަ ބިމެއް، ނުވަތަ ގޯއްޗެއްގައިވާ އިމާރާތެއް ނުވަތަ ފުލެޓެއް ވިއްކައިލެވޭނީ، ރަހުނު ހިފައިފައިވާ ބޭންކުން ނުވަތަ މާލީ އިދާރާއިން، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ބާއްވާ ހުޅުވައި ލެވިފައިވާ ބީލަމެއްގައެވެ.

(ބ) މި މާއްދާގެ (ރ) ގެ ދަށުން ބާއްވާ ބީލަމަކީ ހުޅުވައިލެވިފައިވާ ބީލަމެއް ނޫންކަމަށް، ނުވަތަ ގާނޫނު ނަންބަރު 2002-01 (ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު) އާއި، މި ގަވާއިދުގައިވާ އުސޫލުތަކާ ހިލާފު ބީލަމެއްކަމަށް މިނިސްޓްރީއަށް ފެނިއްޖެނަމަ، ބީލަން ހުއްޓުވައި، މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން ބީލަން ކުރިޔަށް ގެންދިޔުމުގެ އިހްތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ޅ) މި މާއްދާގެ (ރ) ގެ ދަށުން ބާއްވާ ކޮންމެ ބީލަމެއް ނިމުމުން، އެ ބީލަމަކާ ބެހޭ އަންނަނިވި މައުލޫމާތު، 10 (ދިހައެއް) ދުވަހުގެ ތެރޭގައި، ރަށެއްގައި ނަމަ، އެ ރަށެއްގެ ރަށު ކައުންސިލުގެ އިދާރާއަށް، ނުވަތަ އެ ރަށެއްގައި ބިމުގެ ކަންކަން ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ އިދާރާއަށް، އަދި ސިޓީއެއް ނަމަ، އެ ސިޓީއެއްގެ ސިޓީ ކައުންސިލުގެ އިދާރާއަށް، ނުވަތަ އެ ސިޓީއެއްގެ ބިމުގެ ކަންކަން ބެލެހެއްޓުން ހަވާލުކޮށްފައިވާ އިދާރާއަށް ހުށަހަޅަންވާނެއެވެ.

  1. ބީލަން އިއުލާނު ކުރި ތާރީހު؛
  2. ބީލަން ފެށުނު ތާރީހު؛
  3. ބީލަން ނިމުނު ތާރީހު؛
  4. ރަހުނު ގަންނަން ހުށަހެޅި ފަރާތްތައް؛
  5. ރަހުނު ގަންނަން ހުށަހަޅައިފައިވާ އަގުތައް؛
  6. ރަހުނު ގަތް ފަރާތް؛
  7. ރަހުނު ގަތް އަގު.

 

10 ވަނަ މާއްދާ - އިސްކަންދޭ ތަރުތީބު

(ހ) ބިމެއް، ނުވަތަ ގޯއްޗެއް، ނުވަތަ ބިމެއްގައި ހުރި އިމާރާތެއް، ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް އެއްފަހަރާ އެއް ރަހުނަށްވުރެ ގިނަ ރަހުނު ކޮށްފައިވާ ހާލަތްތަކުގައި، ރަހުނު ތަންފީޒު ކުރުމުގައި އިސްކަންދޭނީ، ރަހުނު ރަޖިސްޓަރީކުރި ތަރުތީބުންނެވެ.

(ށ) ގާނޫނަށް ގެނެވުނު ފުރަތަމަ އިސްލާހަށް އަމަލުކުރަން ފެށުމުގެ ކުރީގައި ކޮށްފައިވާ މިފަދަ ރަހުނުތައް ތަންފީޒު ކުރުމުގައި އިސްކަންދިނުމަށް ބެލޭނީ، ރަހުނުގެ އެއްބަސްވުމުގައިވާ ތާރީހަށެވެ.

 

11 ވަނަ މާއްދާ - ރަހުނު ވިއްކައިގެން ލިބޭ ފައިސާ ބޭނުންކުރުން

ރަހުނެއް ތަންފީޒުކޮށްގެން ލިބޭ ފައިސާ ބޭނުންކުރަންވާނި، އަންނަނިވި ކަންކަމަށް، އަންނަނިވި ތަރުތީބުންނެވެ.

(ހ) މި ގަވާއިދުގެ 9 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ބީލަން ބޭއްވުމަށް ސަރުކާރުން ހަރަދެއް ހިނގައިފައިވާނަމަ، އެ ފައިސާ އަނބުރައި ދެއްކުމަށް.

(ށ) ރަހުނު ބަހައްޓައިގެން ނަގައި ފައިވާ ދަރަނި އަދާކުރުމަށް.

(ނ) ބަންޑާރަ ބިމެއްގެ ރަހުނު ތަންފީޒު ކުރާނަމަ، ބިން އަމިއްލަކުރުމުގެ އަގުގެ ގޮތުގައި ކަނޑައަޅައިފައިވާ އަގު ސަރުކާރަށް ދެއްކުމަށް.

(ރ) ރަހުނު ވިއްކައިގެން ލިބޭ ފައިސާއިން، މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ބައިތަކަށް ފައިސާ ދެއްކުމަށްފަހު، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ބަޔަށް ފައިސާ ދައްކާނެ ވަރަށް ފައިސާ ނެތްނަމަ، އެ ބަޔަށް ފައިސާ ދެއްކުން މި ގަވާއިދުން ލާޒިމެއް ނުކުރެއެވެ.

(ބ) ރަހުނު ވިއްކައިގެން ލިބޭ ފައިސާއިން، މި މާއްދާގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ފައިސާ ނެގުމަށްފަހު، ބާކީ ހުންނަ ފައިސާ ، ރަހުނު ބަހައްޓާ ފަރާތަށް ދޭންވާނެއެވެ.

 

12 ވަނަ މާއްދާ - ރަހުނު ގަންނަ ފަރާތުގެހައްގު

(ހ) ރަހުނު ތަންފީޒު ކުރުމަށް ޓަކައި ގާނޫނު ނަންބަރު 2002-01 (ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު) އާއި، މި ގަވާއިދުގައިވާ ގޮތުގެ މަތީން، އަމިއްލަ ބިމެއް، ނުވަތަ ބަންޑާރަ ބިމެއް، ނުވަތަ ބަންޑާރަ ބިމެއްގައިވާ އިމާރާތެއްގެ ފުލެޓެއް ވިއްކައިލާ ހާލަތުގައި، އެ ބިމެއްގެ ނުވަތަ އެ ފުލެޓެއްގެ މިލްކުވެރިކަން، ރަހުނު ގަންނަ ފަރާތަށް ލިބިދެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ވިއްކައިލާ ބިމެއް، ނުވަތަ ފުލެޓެއް، އެ ބިން ނުވަތަ ފުލެޓު ގަންނަ ފަރާތަށް، މި ގަވާއިދުގެ 14 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ރަޖިސްޓަރީކޮށްދެވޭނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން ބިމެއް ނުވަތަ ފުލެޓެއް ރަޖިސްޓަރީކޮށްދިނުމުގައި، މި ގަވާއިދުގެ 11 ވަނަ މައްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އަގު ދައްކައި ހަލާސްކޮށްފައިވާނަމަ، އެ ބިމަކަށް ނުވަތަ އެ ފުލެޓަކަށް ރަޖިސްޓަރީ ހަދައިދޭނީ، އަމިއްލަ ބިމެއް، ނުވަތަ އަމިއްލަ ފުލެޓެއްގެ ގޮތުގައެވެ.

(ރ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން ބިމެއް ނުވަތަ ފުލެޓެއް ރަޖިސްޓަރީކޮށްދިނުމުގައި، މި ގަވާއިދުގެ 11 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން، މި ގަވާއިދުގެ 11 ވަނަ މައްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އަގު ނުދައްކާނަމަ، އެ ބިމަކަށް ނުވަތަ އެ ފުލެޓަކަށް ރަޖިސްޓަރީ ހަދައިދޭނީ، ބަންޑާރަ ބިމެއް ނުވަތަ ބަންޑާރަ ފުލެޓެއްގެ ގޮތުގައެވެ.

 

13 ވަނަ މާއްދާ - ގާނޫނުގެ ފުރަތަމަ އިސްލާހުގެ ކުރިން ކޮށްފައިވާ ރަހުނު

ގާނޫނަށް ގެނެވުނު ފުރަތަމަ އިސްލާހަށް އަމަލުކުރަން ފެށުމުގެ ކުރިން ރަހުނުކޮށްފައިވާ، ބަންޑާރަ ގޯތީގައިވާ އިމާރާތްތަކުގެ ރަހުނު ތަންފީޒު ކުރުމުގައި ވެސް އަމަލުކުރާނީ، މި ގަވާއިދުގައިވާ ގޮތުގެ މަތީންނެވެ.

 

14 ވަނަ މާއްދާ - ބިން ރަޖިސްޓަރީ ކުރުން

ރަހުނެއް ތަންފީޒު ކުރުމަށް ޓަކައި ވިއްކައިފައިވާ ބިމެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް، މި ގަވާއިދުގެ 12 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ރަޖިސް ޓަރީ ކުރުމަށް ޓަކައި އަންނަނިވި ލިޔުންތަކާއެކު ހުށަހަޅާނީ، ރަށެއްގައި ނަމަ، އެ ރަށެއްގެ ރަށު ކައުންސިލުގެ އިދާރާއަށް ނުވަތަ އެ ރަށެއްގައި ބިމުގެ ކަންކަން ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ އިދާރާއަށް އަދި ސިޓީއެއްނަމަ އެ ސިޓީއެއްގެ ސިޓީ ކައުންސިލު ގެ އިދާރާއަށް ނުވަތަ އެ ސިޓީއެއްގެ ބިމުގެ ކަންކަން ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ އިދާރާއަށެވެ.

(ހ) ރަހުނު ކޮށްފައިވާ ބިން، ނުވަތަ ގޯތި، ނުވަތަ އިމާރާތް، ނުވަތަ ފުލެޓު ވިއްކުމަށް ށަރީއަތުން ހުއްދަދިން ލިޔުން.

(ށ) ބިން، ނުވަތަ ގޯތި، ނުވަތަ އިމާރާތް، ނުވަތަ ފުލެޓު ގަތްކަމުގެ ލިޔުން.

(ނ) ގަތް ބިމުގެ، ނުވަތަ ގޯތީގެ، ނުވަތަ އިމާރާތުގެ، ނުވަތަ ފުލެޓުގެ ރަޖިސްޓަރީ.

(ރ) މި ގަވާއިދުގެ 11 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން ބިމުގެ އަގުކަމުގައި ކަނޑައަޅައިފައިވާ އަގު ދައްކައިފައިވާނަމަ، އެ ފައިސާ ދެއްކިކަމުގެ ލިޔުން.

 

15 ވަނަ މާއްދާ - ލޯނުގެ ފައިސާ ނުދެއްކިގެން އަމިއްލައަށް ރަހުނު ވިއްކުން

(ހ) އެއްވެސް ބިމެއް ނުވަތަ ބިމެއްގައިވާ އިމާރާތެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް ރަހުނުކުރުމަށްފަހު ނަގައިފައިވާ ލޯނަކަށް ފައިސާ ނުދެއްކިގެން، ގާނޫނުގެ 37 ވަނަ މާއްދާގެ (ނ) ގެ(4) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން ރަހުނު ނުވަތަ ރަހުނުން ބައެއް 
އަމިއްލައަށް ވިއްކައިލެވޭނީ، އަންނަނިވި ކަންތައްތައް ފުރިހަމަވާ ނަމައެވެ.

  1. ވިއްކަން އެދޭ ފަރާތަކީ، ރަހުނުކޮށްފައިވާ ބިން، ނުވަތަ ގޯތި، ނުވަތަ އިމާރާތް، ނުވަތަ ފުލެޓު އެ ފަރާތެއްގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތަކަށް ވުން؛
  2. ރަހުނު ހިފާ ފަރާތާއި ރަހުނު ހަވާލުކުރުމަށް ކޮށްފައިވާ ށަރުއީ އަމުރެއް ނެތުން؛
  3. ލޯނުގެ ފައިސާ ދެއްކޭނެ ތަނަވަސްކަމެއް ނެތުން.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ރަހުނު ވިއްކާނަމަ ވިއްކަންވާނީ، ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދު ނަންބަރު 2022-181 (ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާބެހޭ ގަވާއިދު) ގައިވާ ގޮތުގެ މަތީންނެވެ.

(ނ) މި މާއްދާގެ ދަށުން ލޯނުގެ ފައިސާ ނުދެއްކިގެން ރަހުނު ބަހައްޓާ ފަރާތުން އަމިއްލައަށް ރަހުނު ވިއްކައިލާނަމަ، އެ ރަހުނު ވިއްކައިގެން ހޯދާ ފައިސާ ހަރަދުކުރަނީ ލޯނު އަނބުރައިދެއްކުމަށް ކަމުގައި ވާންވާނެއެވެ. އަދި ރަހުނު ބަހައްޓާ ފަރާތުން އަމިއްލައަށް ރަހުނު ވިއްކައިލުމަށްފަހު ލޯނަށް ފައިސާ ނުދައްކާނަމަ، އެ ފައިސާ ހޯދުމަށް ދައުވާކުރުމުގެ އިހްތިޔާރު، ރަހުނު ހިފާ ފަރާތަށް ލިބިގެންވެއެވެ.

 

16 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގަ އި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، މީގެ ކުރިން އަމަލުކުރަމުން އައި ގަވާއިދު "ބިމާއި އިމާރާތް އަދި ފުލެޓު ރަހުނުކުރުމާބެހޭ ގަވާއިދު" ބާތިލުވީއެވެ.

 

17 ވަނަ މާއްދާ - މާނަކުރުން

(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެ ވަނީ، ބިމާބެހޭ ކަންކަން ބެލެހެއްޓުމަށް އެ އިރެއްގައި ރައީސުލްޖުމްހޫރިއްޔާ ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަކަށެވެ.

(ށ) "ގާނޫނު" ކަމަށް ބުނެފައި އެ ވަނީ، ގާނޫނު ނަންބަރު 2002-01 (ދިވެހިރާއްޖޭގެ ބިމާބޭހޭ ގާނޫނު) އަށެވެ.

(ނ) "ސަރުކާރު ގަބޫލުކުރާ މާލީ އިދާރާ" ކަމަށް ބުނެފައި އެ ވަނީ، ބޭންކްތަކާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކުރާ ހައުސިންގ ފައިނޭންސްގެ ވިޔަފާރިކުރުމުގެ ލައިސަންސް ލިބިފައިވާ އިދާރާތަކާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކުރާ ލައިސަންސް ލިބިގެން ހިންގާ މާލީ އިދާރާތަކުގެ ތެރެއިން ބިން ރަހުނުކުރުމަށްފަހު ލޯނު ދޫކުރުމުގެ ވިޔަފާރި ކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހުއްދަ ދީފައިވާ މާލީ އިދާރާތަކަށެވެ.

(ރ) "ރަހުނު ހިފާ ފަރާތް" ކަމަށް ބުނެފައި އެ ވަނީ، ރަހުނުގެ އެއްބަސްވުމުގައިވާ ގޮތުގެ މަތީން ނުވަތަ ލޯނުގެ އެއްބަސްވުމުގައިވާ ގޮތުގެ މަތީން ބިމެއް ނުވަތަ ގޯއްޗެއް ނުވަތަ ފުލެޓެއް ރަހުނެއްގެ ގޮތުގައި ގަބޫލުކުރުމަށްފަހު، އެ ރަހުނުގެ މުގާބިލުގައި ރަހުނުގެ އެއްބަސްވުމުގެ ދަށުން ނުވަތަ ލޯނުގެ އެއްބަސްވުމުގެ ދަށުން ފައިސާ ދޫކުރާ ފަރާތަށެވެ.

(ބ) "ރަހުނު ބަހައްޓާ ފަރާތް" ކަމަށް ބުނެފައި އެ ވަނީ، ރަހުނުގެ އެއްބަސްވުމުގައިވާ ގޮތުގެ މަތީން ނުވަތަ ލޯނުގެ އެއްބަސްވުމުގައިވާ ގޮތުގެ މަތީން ބިމެއް ނުވަތަ ގޯއްޗެއް ނުވަތަ ފުލެޓެއް ރަހުނެއްގެ ގޮތުގައި ދިނުމަށްފަހު، އެ ރަހުނުގެ މުގާބިލުގައި ރަހުނުގެ އެއްބަސްވުމުގެ ދަށުން ނުވަތަ ލޯނުގެ އެއްބަސްވުމުގެ ދަށުން ފައިސާ ލިބިގަންނަ ފަރާތަށެވެ.

 

މައި ގަވާއިދު

ބިމާއި އިމާރާތާއި ފްލެޓް ރަހުނުކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2022-186)

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

އުނުވު ގަވާއިދު

ބިމާއި އިމާރާތް އަދި ފްލެޓް ރަހުނުކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 0000-00)

 

މައި ގާނޫނު

ގާނޫނު ނަންބަރު 2002-01

ކިޔުންތެރިންގެ ހިޔާލު