-

ގޯތި އަމިއްލަ ކުރުމާއި ގަނެވިއްކުމާބެހޭ ގަވާއިދު (2008) (ކޮންސޮލިޑޭޓެޑް)

(ކޮންސޮލިޑޭޓެޑް ނަންބަރު 2008-00)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 1 އޮކްޓޫބަރު 2003 ގައި)

(1ވަނަ، 2ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

 ތައާރަފް

1 ވަނަ މާއްދާ -

(ހ) މިއީ ދިވެހިރާއްޖޭގައި ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާބެހޭ ގަވާއިދު އެވެ.

(ށ) މި ގަވާއިދު ހަދާފައިވަނީ، ދިވެހިރާއްޖޭގެ ބިމާއިބެހޭ ގާނޫނު (ގާނޫނު ނަންބަރު 2002-01) ގެ ދަށުންނެވެ.

(ނ) މި ގަވާއިދަށް ކިޔަނީ "ގޯތި އަމިއްލަކުރުމާއި، ގަނެ ވިއަކުމާ ބެހޭ ގަވާއިދު" އެވެ.

ދިރިއުޅުމަށް ދޫކުރެވިފައިވަ ބަންޑާރަ ގޯތޮ އަމިއަލްކުރުން

 

 

ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުން

 

2 ވަނަ މާއްދާ -

(ހ) ބަންޑާރަ ގޯތި، އެ ފަރާތަކަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުން، ދިވެހިރާއްޖޭގެ ބިމާއި ބެހޭ ގާނޫނާއި، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން، އެއް ފަހަރާ އަގު ދެއްކުމަށް ފަހު، ނުވަތަ އެކި ފަހަރު މަތިން ފައިސާ ދައްކައި އަގު އަދާ ކުރުމަށް ފަހު އަމިއްލަ ކުރެވިދާނެއެވެ.

(ށ) މިމާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ބަންޑާރަ ގޯތި އެއްކޮށް ނުވަތަ ގޯތިން ބައެއްވެސް އަމިއްލަކުރެވިދާނެއެވެ.

(ނ) މިމާއްދާގެ (ށ) ގައި ކަނޑައަޅާފައިވާ ގޮތަށް ބަންޑާރަ ގޯއްޗެއްގެ އެކި ބައިތައް ވަކި ވަކިން ޢިމާރާތް ކުރެވޭ ގޮތަށް ހުއްދަދީފައިވާ ތަންތަނުގެ ބައި ބައި ވަކިން އަމިއްލަ ކުރެވިދާނެއެވެ.

 

3 ވަނަ މާއްދާ -

ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް ރަޖިސްޓަރީ ކޮށްފައިވާ ފަރާތަކުން، އެ ގޯތި އަމިއްލަކުރަން ބޭނުންނަމަ، އެކަމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު ހުށަހަޅާނީ، މާލޭގައިނަމަ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށެވެ. އަތޮޅުތަކުގައިނަމަ، އެ އަތޮޅެއްގެ އަތޮޅު ކައުންސިލް ނުވަތަ އަތޮޅު ކައުންސިލުން ކަނޑައަޅާ ފަރާތަކަށެވެ. (އިސްލާހު ކުރެވިފައި)

 

4 ވަނަ މާއްދާ -

މި ގަވާއިދުގެ 2 ވަނަ މާއްދާގައިވަ ގޮތުގެމަތިން ބިން އަމިއްލަކުރާއިރު، ގޯތި އަމިއްލަކުރުމުގެ އަގަށްވާ ފައިސާ ދައްކާނީ މާލޭގައިނަމަ، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށެވެ. އަތޮޅުތަކުގައިނަމަ، އެ އަތޮޅެއްގެ އަތޮޅު ކައުންސިލް ނުވަތަ އަތޮޅު ކައުންސިލުން ކަނޑައަޅާ ފަރާތަކަށެވެ. (އިސްލާހު ކުރެވިފައި)

 

5 ވަނަ މާއްދާ -

ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް ނުވަތަ ގޯއްޗެއްގެބައެއް، މިގަވާދުގައިވާ ގޮތަށް، އެކިފަހަރުމަތިން އަގު ދައްކައިގެން އަމިއްލަކުރާ ހާލަތްތަކުގައި، ގޯތި އަމިއްލަ ކުރާފަރާތަށް ބިމުގެ މިލްކުވެރިކަން ބަދަލުވާނީ، ގޯތި ނުވަތަ ގޯތިން އަމިއްލަކުރާ ބައިގެ އަގު އަދާކޮށް ނިމުމުންނެވެ.

 

އެކިފަހަރުމަތިން އަގު އަދާ ކޮށް ނިންމާ އުސޫލުން، ގޯތި އަމިއްލަކުރުން

 

6 ވަނަ މާއްދާ -

(ހ) މި ގަވާދުގެ ދަށުން ގޯތި އަމިއްލަ ކުރާ ފަރާތްތަކުން ގޯތި އަމިއްލަކުރުމަށްޓަކައި އެކިފަހަރުމަތިން ސަރުކާރަށް ފައިސާ ދައްކާނީ މިގަވާޢިދުގެ 10 ވަނަ މާއްދާގެ ދަށުންކަނޑައަޅާ އަގަށް ބަލައިގެންނެވެ. އަދި އެކިފަހަރުމަތިން އަގު އަދާކުރާ އުސޫލުން އަމިއްލަކުރަން ބޭނުންވާ ފަރާތްތަކުން އަމިއްލަކުރުމަށް ފައިސާ ދެއްކުމަށް ދެވޭނެ އެންމެ ދިގު މުއްދަތަކީ 20 އަހަރު ދުވަހެވެ. މިގޮތަށް އެކި ފަހަރު މަތިން އަގު އަދާ ކުރާ ނަމަ އަގު އަދާ ކުރުމުގެ ކަންތައް ކުރިއަށް ގެންދަންވާނީ ގޯތި އަމިއްލަކުރާ ފަރާާތާއި ސަރުކާރުގެ ކަމާބެހޭ މުވައްސަސާ އާ ދެމެދު ވެވޭ އެއްބަސް ވުމެއްގެ ދަށުންނެވެ.

(ށ) އެކިފަހަރުމަތިން އަގު އަދާ ކުރ ާގޮތަށް ގޯތި އަމިއްލަ ކުރުމަށް އެއްބަސްވެފައިވާ މުއްދަތު 5 އަހަރަށް ވުރެ އިތުރު ވާނަމަ އަމިއްލ ަކުރުމަށް ކަނޑައަޅާ ރޭޓަށް އަންނަ ބަދަލުތަކާއެއްގޮތަށް އެ ގޯތި އަމިއްލަކުރާ އަގު ބަދަލުކުރަންވާނެއެވެ.

 

7 ވަނަ މާއްދާ -

މި ގަވާއިދުގެ ދަށުން އެކިފަހަރުމަތިން އަގު އަދާކޮށްނިންމާ އުސޫލުން އަމިއްލަކުރުމަށް ހުށަހަޅާފައިވާ ގޯއްޗެއްގެ އަގުގެ ގޮތުގައި ދައްކާފައިވާ އެއްވެސް ފައިސާއެއް،އަނބުރާ ނުލިބޭނެއެވެ.

 

8 ވަނަ މާއްދާ -

(ހ) މި ގަވާއިދުގެ ދަށުންކަނޑައެޅޭ ވަކިމުއްދަތެއްގައި އަގު އަދާކޮށް ގޯތި އަމިއްލަކުރާ ހާލަތްތަކުގައި، ވަކިވަރަކަށް ފައިސާ ދައްކާފަހުން ގޯތި ރަޖިސްޓަރީ ކޮށްދީފައިވާ ފަރާތް ނިޔާވެއްޖެނަމަ، ބިމާބެހޭ ގާނޫނާއި ގަވާއިދުގެ ދަށުން، އެގޯތީގެ ބިން ލިބޭފަރާތްތަކަށް، ގޯތީގެ ބިން އަމިއްލަ ކުރުމުގެ ފުރުސަތު ލިބިދެވޭނެއެވެ. މިގޮތަށް އެފަރާތަކަށް އެބިން އަމިއްލަ ކުރެވޭނީ ކުރިން ފައިސާ ދެއްކި ފަރާތް ނިޔާވުމާ ހަމައަށް ނުދައްކާހުރި ފައިސާ ކަނޑައެޅިފައިވާ އުސޫލުގެ މަތިން ދައްކާ ނިންމުމުންނެވެ.

(ށ) މި ގަވާޢިދުގެ 6 ވަނަ މާއްދާގެ (ހ) ގައިވާ ގޮތަށް އެކިފަހަރުމަތިން ފައިސާ ދައްކާ އަމިއްލަ ކުރުމަށް އެއްބަސް ވެފައިވާ ގޮތަށް ފައިސާ ދައްކަމުން ނުދާ ނަމަ، ފައިސާ ބަލައިގަނެވޭނީ އެފަހަރަކަށް ދައްކަންޖެހޭ ފައިސާގެ އަދަދަށް %5 އިތުރު ކޮށްގެންނެވެ.

 

 ވިއްކުން

9 ވަނަ މާއްދާ -

އަމިއްލަ ގޯއްޗެއް ނުވަތަ ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަގޯއްޗެއް ނުވަތަ އެފަދަ ގޯއްޗެއްގެ ބައެއް އަމިއްލަ ކުރުމަށް ފަހު ވިޔަސް ވިއްކާނީ، ތިރީގައިވާ ގޮތުގެ މަތިންނެވެ

(ހ) ވިއްކުމުގެ މުޢާމަލާތު ށަރީޢަތް މެދުވެރިކޮށްހިންގުން

(ށ) ގޯތި ވިއްކަންއެދޭ މީހާއާއި، އެމީހަކު ށަރުޢީގޮތުން ބަލަންޖެހޭ މީހުން ދިރިއުޅޭނެ އެހެން ތަނެއް ހަމަޖެހިފައިވުން.

(ނ) ގޯތި ގަންނަ ފަރާތަކީ، ދިވެހިރައްޔިތަކު ކަމުގައިވުން. ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އެކުން ފުންޏެއްގެ ސަތޭކަ އިންސައްތަ ހިއްސާާ ދާރުންނަކީ ދިވެހިން ކަމުގައި ހިމެނޭ ކުންފުންޏަކަށް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއަކަށް ވުން، ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ސަތޭކަ އިންސައްތަ ދިވެހިންގެ ޖަމިއްޔާއެއް ނުވަތަ ޖަމާޢަތެއްކަމުގައިވުން.

(ރ) ގޯތި އަމިއްލަ ކުރުމަށް ދައްކަންޖެހެ ފައިސާ ދައްކަނީ ގަންނަ ފަރާތުން ކަމުގައިވާނަމަ، މި މުއާމަލާތުގެ ހުރިހާ ކަމެއް ށަރީޢަތުގެ ތެރެއިން ހިންގުން، އަދި އަމިއްލަ ކުރުމަށް ފައިސާ ދެއްކުމަށްފަހު ގޯތި ގަންނަ ފަރާތުގެ ރުހުންނެތި ގޯތީގެ އެއްވެސް މުއާމަލާތެއް ނުކުރެވޭނެއެވެ. (އިތުރު ކުރެވިފައި)

 

ބިމުގެ އަގު ކަނޑައެޅުން

10 ވަނަ މާއްދާ -

(ހ) ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް އަމިއްލަކުރުމަށްޓަކައި، އެ ގޯތި ރަޖިސްޓަރީ ކޮށްދީފައިވާ ފަރާތުން ސަރުކާރަށް ދައްކަންޖެހޭ އަގު ކަނޑައަޅާނީ، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ އައްޔަންކުރައްވާ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަންނީ 5 (ފަހެއް) މުވައްޒަފުންގެ މައްޗައް އެކުލެވޭ އަގު ކޮމެޓީގެ މަށްވަރާއާއެކު މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއެވެ. (އިސްލާހު1 / އިސްލާހު2 ކުރެވިފައި)

(ށ) މިގޮތުން ބަންޑާރަ ގޯއްޗެއް ނުވަތަ ގޯތިން ބައެއް އަމިއްލަކުރާ އަގުކަނޑަ އެޅުމުގައި  އެއްފަހަރާ ފައިސާދައްކައިގެން އަމިއްލަކުރަން ދައްކަންޖެހޭ ރޭޓާއި، އެކިފަހަރުމަތިން ފައިސާ ދައްކާ އަމިއްލަކުރަން ދައްކަންޖެހޭރޭޓް ތަފާތުކުރެވިދާނެއެވެ.

(ނ) މިގަވާޢިދުގެ ދަށުން ކަނޑަ އަޅާފައިވާ ބަންޑާރަ ގޯތި އަމިއްލަ ކުރުމުގެ އަގު އާއްމުކޮށް އިޢުލާނު ކުރަންވާނެއެވެ. އަދި މިއަގަށް ގެންނަން ފެންނަބަދަލު، މިމާއްދާގެ (ހ) ގައި ބުނެފައިވާ ކޮމިޓީން ކަނޑަ އަޅާގޮތެއްގެ މަތިން ގެންނަންވާނެއެވެ.

(ރ) ޓެކްސް ނެގުމަށް ބޭނުންވާނެ އެންމެ ދަށް އަގު މި މާއްދާގެ (ހ) ގައި ބުނެފައިވާ ކޮމެޓީގެ މަށްވަރާއާއެކު މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ކަނޑައަޅާ އިއުލާންކުރަންވާނެއެވެ. އަދި މި އަގަށް ގެންނަން ފެންނަ ބަދަލު، މި މާއްދާގެ (ހ) ގައި ބުނެފައިވާ ކޮމެޓީގެ މަށްވަރާއާއެކު މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެންނަންވާނެއެވެ. (އިސްލާހު1/ އިސްލާހު2 ކުރެވިފައި)

 

11 ވަނަ މާއްދާ -

ބިމުގެ އަގު ކަނޑައެޅުމުގައި، އެ ސަރަހައްދެއްގެ އިގްތިސާީދ، އިޖްތިމާއީ ހާލަތާއި، ބިމުގެ ތަނަވަސްކަމަށާއި، ބިމުގެ މުއާމަލާތްތައް އެއިރަކު ހިންގަމުންދާ ގޮތަށާއި، މިނޫންވެސް ބިމާބެހޭ މުއާމަލާތު ހިންގުމާ ގުޅުންހުރި އެހެނިހެން ކަންކަމަށް ބެލުމަށްފަހު، އަމިއްލަކުރާ ބިމަށް ސަރުކާރަށް ދައްކަންޖެހޭ އެންމެ ދަށް އަގާއި، އެ ބިން އަމިއްލަކުރާއިރު ޓެކްސް ނެގުމަށް ބަލާނެ އެންމެ ދަށް އަގު، ރާއްޖޭގެ އެކި ސަރަހައްދަށް ނުވަތަ އެކި ރަށްރަށަށް ނުވަތަ ރަށެއްގެ އެކި ހިސާބުތަކަށް ތަފާތުވާނެ ގޮތަށް ކަނޑައެޅުމުގެ އިހްތިޔާރު، މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގައި ބުނާ ކޮމެޓީގެ މަށްވަރާގެ މަތިން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ލިބިގެންވެއެވެ. (އިސްލާހު1 އިސްލާހު2 ކުރެވިފައި)

 

ރަހުނު ތަންފީޒުކުރުމުގެ ގޮތުން ބިން ވިއްކުން

12 ވަނަ މާއްދާ -

ރަހުނު ތަންފީޒު ކުރުމުގެ ގޮތުން ބިން ވިއްކޭނީ، ގާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާއި ބެހޭ ގާނޫނު) ގެ 36 ވަނަ މާއްދާއާއި، އެގާނޫނުގެ ދަށުން ހަދާފައިވާ ރަހުނާ ބެހޭ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

 

 ސަރުކާރަށް ޓެކްސް ދެއްކުން

13 ވަނަ މާއްދާ -

(ހ) މި ގަވާއިދުގެ ދަށުން ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ވިއްކާނަމަ، ވިއްކާ އަގުގެ %15 ޓެކްސްގެ ގޮތުގައި ވިއްކާ ފަރާތުން ސަރުކާރަށް ދައްކަންޖެހޭނެއެވެ. މި ފައިސާ ދައްކާނީ، މާޅޭގައިނަމަ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށެވެ. އަތޮޅުތަކުގައިނަމަ، އެ އަތޮޅެއްގެ އަތޮޅު ކައުންސިލް ނުވަތަ އަތޮޅު ކައުންސިލުން ކަނޑައަޅާ ފަރާތަކަށެވެ. (އިސްލާހު ކުރެވިފައި)

(ށ) އަމިއްލަ ގޯތި ވިއްކުމުގައި ނަގަންޖެހޭ ޓެކްސް ނެގުމުގައި ބަލާނީ މިގަވާޢިދުގެ 10 ވަނަ މާއްދާގެ (ރ) ގައިވާ ޓެކްސް ނެގުމަށް ކަނޑައަޅާފައިވާ އަގަށެވެ. މިގޮތުން ވިއްކި އަގުކަމަށް ހުށަހަޅާ އަގު ޓެކްސް ނެގުމަށް ކަނޑަ އަޅާފައިވާ އަގަށްވުރެ ކުޑަނަމަ ޓެކްސް ނެގުމަށް ކަނޑަ އަޅާފައިވާ އަގަށް ބަލާ ޓެކްސް ކުރަން ވާނެއެވެ. އަދި ވިއްކި އަގު ކަމަށް ހުށަހަޅަނީ ޓެކްސް ނެގުމަށް ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑު އަގެއް ކަމަށް ވާނަމަ ޓެކްސްކުރާނީ އެހުށަހެޅި އަގަށް ބަލައިގެންނެވެ.

 

14 ވަނަ މާއްދާ -

ރަހުނެއް ތަންފީޒުކުރުމުގެ ގޮތުން ގޯއްޗެއް ވިއްކުމުގައި، މި ގަވާއިދުގެ 13 ވަނަ މާއްދާ ގައި ބުނެފައިވާ ޓެކްސްގެ ގޮތުގައި ނަގާނީ ރަހުނާ ބެހޭ ގަވާޢިދު ގައިވާ ގޮތުގެ މަތިން އެގޯތި ވިއްކާލައިގެން ލިބޭއަގެއްގެ %15 އަށް ވާ ފައިސާއެވެ.

 

 ރަޖިސްޓްރީކުރުން

15 ވަނަ މާއްދާ -

(ހ) ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް އަމިއްލަކުރާހާލަތްތަކުގައި، ބިމާއިބެހޭ ގާނޫނާއި، މި ގަވާއިދުގައިވާ ގޮތުގެމަތިން ބިމުގެއަގު އަދާކޮށް ނިމުމުން ބަންޑާރަ ގޯތީގެ ރަޖިސްޓްރީ ބާތިލްކޮށް އަމިއްލަ ގޯއްޗެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްދޭން ވާނެއެވެ.

(ށ) ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއްގެ ބައެއް އަމިއްލަކުރާ ހާލަތްތަކުގައި، ބިމާއިބެހޭ ގާނޫނާއި، މި ގަވާއިދު ގައިވާ ގޮތުގެ މަތިން އަމިއްލަ ކުރާބައިގެ އަގު އަދާކޮށް ނިމުމުން ބަންޑާރަ ގޯތީގެ ރަޖިސްޓްރީ ބާތިލްކޮށް ''އަމިއްލަބަންޑާރަ'' ގޯއްޗެއްގެ ގޮތުގައި އެ ގޯތި ރަޖިސްޓްރީކޮށްދޭން ވާނެއެވެ.  އެރަޖިސްޓްރީގައި އަމިއްލަ ބައިގެ ބޮޑު މިނާއި ބަންޑާރަ ބައިގެ ބޮޑު މިން އެނގެން އޮންނަންވާނެއެވެ.

(ނ) އަމިއްލަ ބަންޑާރަ ބިމެއްގައި ހިމެނޭ އަމިއްލަ ބަޔަށް ވަކި ރަޖިސްޓަރީއެއް ހަދައިދެވިދާނެއެވެ. (އިސްލާހު ކުރެވިފައި)

(ރ) މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ނ) ގައިވާ ފަދައިން ވަކިން އިމާރާތް ކުރުމުގެ ހުއްދަ ދީފައިވާ ބައެއް، ވިއްކާލުމުން އެ ބަޔަކަށް ވަކި ރަޖިސްޓްރީއެއް ހަދައިދެވިދާނެއެވެ. (އިސްލާހު ކުރެވިފައި)

(ބ) ވަކިވަކިން އިމާރާތް ކުރުމުގެ ހުއްދަދީފައިވާ ގޯއްޗެއްގެ ބައެއް އަމިއްލަކޮށް ވިއްކާލާ ހާލަތުގައި، ވިއްކާލި ބައި 600 އަކަފޫޓަށްވުރެ ކުޑަނަމަވެސް ވަކި ރަޖިސްޓަރީ ހަދައިދެވިދާނެއެވެ. (އިސްލާހު ކުރެވިފައި)

(ޅ) (އުނި ކުރެވިފައި)

 

16 ވަނަ މާއްދާ -

މި ގަވާއިދުގެ ދަށުން ގޯތި ރަޖިސްޓަރީކުރަން ހުށަހަޅާނީ، ތިރީގައި ބުނެފައިވާ ތަކެއްޗާއެކު، އެކަމަށްޓަކައި ހާއްސަކުރެވިފައިވާ ފޯމުން، މާލޭގައިނަމަ، މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރަށެވެ. އަތޮޅުތަކުގައިނަމަ، އެ އަތޮޅެއްގެ އަތޯލު ކައުންސިލް ނުވަތަ އަތޮޅު ކައުންސިލުން ކަނޑައަޅާ ފަރާތަކަށެވެ. (އިސްލާހު ކުރެވިފައި)

(ހ) ބިމުގެ އަގު އަދާކޮށް ނިންމާ ފައިވާ ކަން އަންގައިދޭ ލިޔުން

(ށ) ގޯތީގެ ނުވަތަ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ގެ އަސްލު

(ނ) ބިމާއި ބެހޭ ގާނޫނާއި، މިގަވާއިދުގެ ދަށުން ޓެކްސް ދައްކަން ޖެހޭ ނަމަ، ޓެކްސް ދައްކާ ނިންމާ ފައިވާ ކަމުގެ ލިޔުން.

 

17 ވަނަ މާއްދާ -

މި ގަވާއިދުގެ ބޭނުމަށް ޓަކައި، ދިރިއުޅޭނެ އެހެން ތަނެއް ހުރި ކަމަށް ކަނޑަ އަޅާނީ، ކޮންމެ މައްސަލައަކަށް ވަކިން އެމައްސަލަ އަކާ ގުޅުން ހުރި އެހެނިހެން ކަންތައް ތަކަށް ބެލުމަށް ފަހު ށަރީއަތުންނެވެ. މިގޮތުން ބަލާނެ ކަންތައް ތަކަކީ:

(ހ) އެމީހެއްގެ ނުވަތަ އެމީހެއްގެ ފިރިމީހާ ނުވަތަ އަނބިމީހާގެ ނަމުގައި މި ގަވާއިދުގެ 9 ވަނަ ނަންބަރުގެ (ށ) ގައިވާފަދަ ތަނެއް ރަޖިސްޓަރީ ކޮށްފައި އޮތުން.

(ށ) އެމީހެއްގެ ދަރިއެއްގެ ނަމުގައި އެފަދަ ތަނެއްއޮވެ، އެތަނެއްގައި އެމީހަކު ދިރިއުޅުމުގެ ކަންތައް ތައް ހަމަޖެހިފައިވުން.

(ނ) އެމީހެއްގެ އަތުގައި ދިރިއުޅޭނެއެހެން ތަނެއް ހަމަ ޖެއްސުމުގެ މާލީ ތަނަވަސްކަން ހުރުން.

(ރ) ރާއްޖެއިން ބޭރުގެ އެހެން ގައުމެއް ގައި އެމީހެއްގެ ނަމުގައި ބިމެއް ނުވަތަ ޢިމާރާތެއް ނުވަތަ ފްލެޓެއް ހުރުން.

 

18 ވަނަ މާއްދާ -

މި ގަވާއދިަށް ގެނެވޭ އިސްލާހު ގާނޫނު ނަންބަރު 2002-01 (ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު) އަށް ގެނެވުނު 5 އަދި 6 ވަނަ އިސްލާހާ ގުޅިގެން ގެނެވުނު ބަދަލު) އަށް އަމަލުކުރަން ފެށުމުގެ ކުރިން ށަރީއަތް ފެށިފައިވާ ނުވަތަ ށަރީއަތަށް ހުށަހެޅިފައިވާ، ގޯތި ގަނެވިއްކުމުގެ މުއާމަލާތްތަކަށް މި ބަދަލުގެ އަސަރެއް ނުކުރާނެެއެވެ. (އިސްލާހު ކުރެވިފައި)

 

މައި ގަވާއިދު

ގޯތި އަމިއްލަ ކުރުމާއި ގަނެވިއްކުމާބެހޭ ގަވާއިދު (2008)

 

މި ގަވާއިދަށް ގެނެވިފައިވާ އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

 

މައި ގާނޫނު

ބިިމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2002-01)

ކިޔުންތެރިންގެ ހިޔާލު