ގޯތި އަމިއްލަ ކުރުމާއި ގަނެވިއްކުމާބެހޭ ގަވާއިދު 2008 އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 8/2016)

0 occurrences found.

ގޯތި އަމިއްލަ ކުރުމާއި ގަނެވިއްކުމާބެހޭ ގަވާއިދު 2008 އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 8/2016)

 

1 ވަނަ މާއްދާ - މި ގަވާއިދުގެ 3 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން

ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް ރަޖިސްޓަރީ ކޮށްފައިވާ ފަރާތަކުން، އެ ގޯތި އަމިއްލަކުރަން ބޭނުންނަމަ، އެކަމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު ހުށަހަޅާނީ، މާލޭގައިނަމަ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށެވެ. އަތޮޅުތަކުގައިނަމަ، އެ އަތޮޅެއްގެ އަތޮޅު ކައުންސިލް ނުވަތަ އަތޮޅު ކައުންސިލުން ކަނޑައަޅާ ފަރާތަކަށެވެ.

 

2 ވަނަ މާއްދާ - މި ގަވާއިދުގެ 4 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން

މި ގަވާއިދުގެ 2 ވަނަ މާއްދާގައިވަ ގޮތުގެމަތިން ބިން އަމިއްލަކުރާއިރު، ގޯތި އަމިއްލަކުރުމުގެ އަގަށްވާ ފައިސާ ދައްކާނީ މާލޭގައިނަމަ، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށެވެ. އަތޮޅުތަކުގައިނަމަ، އެ އަތޮޅެއްގެ އަތޮޅު ކައުންސިލް ނުވަތަ އަތޮޅު ކައުންސިލުން ކަނޑައަޅާ ފަރާތަކަށެވެ.

 

3 ވަނަ މާއްދާ -  މި ގަވާއިދުގެ 9 ވަނަ މާއްދާއަށް (ރ) އިތުރުކުރުން

(ރ) ގޯތި އަމިއްލަ ކުރުމަށް ދައްކަންޖެހެ ފައިސާ ދައްކަނީ ގަންނަ ފަރާތުން ކަމުގައިވާނަމަ، މި މުއާމަލާތުގެ ހުރިހާ ކަމެއް ށަރީޢަތުގެ ތެރެއިން ހިންގުން، އަދި އަމިއްލަ ކުރުމަށް ފައިސާ ދެއްކުމަށްފަހު ގޯތި ގަންނަ ފަރާތުގެ ރުހުންނެތި ގޯތީގެ އެއްވެސް މުއާމަލާތެއް ނުކުރެވޭނެއެވެ.

 

4 ވަނަ މާއްދާ -  މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން

(ހ) ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް އަމިއްލަ ކުރުމަށްޓަކައި، އެ ގޯތި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތުން ސަރުކާރަށް ދައްކަންޖެހޭ އަގު ކަނޑައަޅާނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުގައި ގާއިމުކުރެވިފައިވާ ސަރުކާރުގެ ފަރާތްތަކާއި، އަމިއްލަ ފަރުދުންގެ މައްޗަށް އެކުލެވިފައިވާ ކޮމެޓީއެއްގެ މަސްވަރާއާއެކު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުންނެވެ.

 

5 ވަނަ މާއްދާ -  މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން

(ރ) މި ގަވާއިދުގެ ބިން ވިއްކޭނެ އެންމެ ދަށް އަގު މި މާއްދާގެ (ހ) ގައި ބުނެފައިވާ ކޮމިޓީން ކަނޑައަޅާ އިއުލާނު ކުރަންވާނެއެވެ. އަދި މިއަގަށް ގެންނަން ފެންނަ ބަދަލު، މި މާއްދާގެ (ހ) ގައި ބުނެފައިވާ ކޮމިޓީން ކަނޑައަޅާ ގޮތެއްގެ މަތިން ގެންނަންވާނެއެވެ.

 

6 ވަނަ މާއްދާ -  މި ގަވާއިދުގެ 11 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން

11. ބިމުގެ އަގު ކަނޑައެޅުމުގައި، އެ ސަރަހައްދެއްގެ އިގްތިސާދީ، އިޖްތިމާއީ ހާލަތާއި، ބިމުގެ ތަނަވަސްކަމަށާއި، އަދި ބިމުގެ މުއާމަލާތްތައް އެއިރަކު ހިންގަމުންދާ ގޮތަށް ބަލައި، މިނޫންވެސް އެކަށެނެ ކަންކަމަށް ބެލުމަށްފަހު، ރާއްޖޭގެ އެކި ސަރަހައްދަށް، އެކި ރަށްރަށަށް އަދި ރަށެއްގެ އެކި ހިސާބުތަކަށް، އަމިއްލަކުރާ އަގު އަދި ޓެކްސް ނެގުމަށް ބަލާނެ އެންމެ ދަށް އަގުވެސް ތަފާތުކުރުމުގެ އިހުތިޔާރު، މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ)ގައި ބުނާ ކޮމިޓީގެ މަސްވަރާގެ މަތިން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރަށް ލިބިގެންވެއެވެ.

 

7 ވަނަ މާއްދާ - މި ގަވާއިދުގެ 13 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން

(ހ) މި ގަވާއިދުގެ ދަށުން ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ވިއްކާނަމަ، ވިއްކާ އަގުގެ %15 ޓެކްސްގެ ގޮތުގައި ވިއްކާ ފަރާތުން ސަރުކާރަށް ދައްކަންޖެހޭނެއެވެ. މި ފައިސާ ދައްކާނީ، މާޅޭގައިނަމަ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށެވެ. އަތޮޅުތަކުގައިނަމަ، އެ އަތޮޅެއްގެ އަތޮޅު ކައުންސިލް ނުވަތަ އަތޮޅު ކައުންސިލުން ކަނޑައަޅާ ފަރާތަކަށެވެ.

 

8 ވަނަ މާއްދާ -  މި ގަވާއިދުގެ 15 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން

(ނ) އަމިއްލަ ބަންޑާރަ ބިމެއްގައި ހިމެނޭ އަމިއްލަ ބަޔަށް ވަކި ރަޖިސްޓަރީއެއް ހަދައިދެވިދާނެއެވެ.

 

9 ވަނަ މާއްދާ -  މި ގަވާއިދުގެ 15 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ރ) މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ނ) ގައިވާ ފަދައިން ވަކިން އިމާރާތް ކުރުމުގެ ހުއްދަ ދީފައިވާ ބައެއް، ވިއްކާލުމުން އެ ބަޔަކަށް ވަކި ރަޖިސްޓްރީއެއް ހަދައިދެވިދާނެއެވެ.

 

10 ވަނަ މާއްދާ -  މި ގަވާއިދުގެ 15 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން

(ބ) ވަކިވަކިން އިމާރާތް ކުރުމުގެ ހުއްދަދީފައިވާ ގޯއްޗެއްގެ ބައެއް އަމިއްލަކޮށް ވިއްކާލާ ހާލަތުގައި، ވިއްކާލި ބައި 600 އަކަފޫޓަށްވުރެ ކުޑަނަމަވެސް ވަކި ރަޖިސްޓަރީ ހަދައިދެވިދާނެއެވެ. 

 

 

 

11 ވަނަ މާއްދާ - މި ގަވާއިދުގެ 15 ވަނަ މާއްދާގެ (ޅ) ވަނީ އުނިކުރެވިފައެވެ. 

 

 

12 ވަނަ މާއްދާ - މި ގަވާޢިދުގެ 16 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން

 

 

16. މި ގަވާއިދުގެ ދަށުން ގޯތި ރަޖިސްޓަރީކުރަން ހުށަހަޅާނީ، ތިރީގައި ބުނެފައިވާ ތަކެއްޗާއެކު، އެކަމަށްޓަކައި ހާއްސަކުރެވިފައިވާ ފޯމުން، މާލޭގައިނަމަ، މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރަށެވެ. އަތޮޅުތަކުގައިނަމަ، އެ އަތޮޅެއްގެ އަތޯލު ކައުންސިލް ނުވަތަ އަތޮޅު ކައުންސިލުން ކަނޑައަޅާ ފަރާތަކަށެވެ. 

 

 

13 ވަނަ މާއްދާ - މި ގަވާއިދުގެ 18 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން

 

18. މި ގަވާއދިަށް ގެނެވޭ އިސްލާހު (ގާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު) އަށް ގެނެވުނު 5 އަދި 6 ވަނަ އިސްލާހާ ގުޅިގެން ގެނެވުނު ބަދަލު) އަށް އަމަލުކުރަން ފެށުމުގެ ކުރިން ށަރީއަތް ފެށިފައިވާ ނުވަތަ ށަރީއަތަށް ހުށަހެޅިފައިވާ، ގޯތި ގަނެވިއްކުމުގެ މުއާމަލާތްތަކަށް މި ބަދަލުގެ އަސަރެއް ނުކުރާނެެއެވެ. 

 

 

14 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ. 

 

މައި ގަވާއިދު

ގޯތި އަމިއްލަ ކުރުމާއި ގަނެވިއްކުމާބެހޭ ގަވާއިދު - 2008

 

 

  

ގެޒެޓު ކުރެވުނު ގޮތް

ކިޔުންތެރިންގެ ޚިޔާލު

Please login below to comment.
Login via Twitter.com