ފަނޑިޔާރުންގެ ރިޓަޔަރމަންޓް ގަވާއިދު
(ކޮންސޮލިޑޭޓެޑް ނަންބަރު 2022-182)
(1ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި) (ނޯޓް: މި ގަވާއިދުގެ ނަން ވަނީ ގަވާއިދު ނަންބަރު 2022-182 ގެ 1 ވަނަ މާޢްދާއިން ބަދަލުކުރެވިފައި) (މި ގަވާއިދަށް އަމަލުކުރަން ފެށީ 5 އެޕްރީލް 2022 ގައި) (މި ގަވާއިދުގެ 15 ވަނަ މާއްދާއިން ވަނީ ގަވާއިދު ނަންބަރު 51/2013 އުވާލެވިފައި) |
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2010-13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) ގެ 27 ވަނަ މާއްދާ ދަށުން، އުމުރުން 55 (ފަންސާސްފަހެއް) އަހަރު ވުމުން އަމިއްލައަށް އެދިގެން ފަނޑިޔާރުކަމުން ވަކިވެއްޖެނަމަ، އެ ގާނޫނުގެ 28 ވަނަ މާއްދާގެ (ށ) ގެ ދަށުން ދެވޭ އިނާޔަތާއި، އެ ގާނޫނުގެ 66 ވަނަ މާއްދާގެ (ނ) ގެ ދަށުން މުސްކުޅިކުރެވޭ ފަރާތްތަކަށް ޖުޑީށަލް ސަރވިސް ކޮމިށަނުން ކަނޑައަޅާ އިނާޔަތް ބަޔާންކުރާ އަދި 55 އަހަރު ނުވިކަމުގައި ވިޔަސް، ށަރަފުވެރިކަމާއެކު މަގާމުން ވަކިވެވޭނެ އުސޫލު ބަޔާންކުރާ ގަވާއިދެވެ. (އިސްލާހު ކުރެވިފައި)
(ށ) މި ގަވާއިދަށް ކިޔަނީ، "ފަނޑިޔާރުންގެ ރިޓަޔަރމަންޓް ގަވާއިދު" އެވެ. (އިސްލާހު ކުރެވިފައި)
1-1 ވަނަ މާއްދާ - ށަރަފުވެރިކަމާއެކު ވަޒީފާއިން ވަކިވުން 1-1 (އިތުރު ކުރެވިފައި)
(ހ) ތައުދީބީ މައްސަލައެއްގައި ފަނޑިޔާރުންގެ ވަޒީފާއިން ވަކިކުރުމަށް ނިންމާ ފަނޑިޔާރުންނާއި، ފަނޑިޔާރެއްގެ މަގާމުގައި ހުރެ ކުރި ކަމެއްގެ ސަބަބުން އޭނާއާމެދު އެޅިދާނެ ތައުދީބީ ފިޔަވަޅަކުން ބަރީއަވުމަށް ޓަކައި ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާދޭ ނުވަތަ ވަކިވާ ފަރާތްތައް ފިޔަވައި، ފަނޑިޔާރެއްގެ ގޮތުގައި ހުރެވޭނެ އެންމެ ދޮށީ އުމުރު ހަމަވުމުން ވަޒީފާއިން ވަކިކުރާ ފަރާތްތަކާއި، އެއްވެސް ތައުދީބީ މައްސަލައެއް އުފުލިފައި ނެތް ހާލަތުގައި، އަދި އެފަދަ މައްސަލައެއް އުފުލުމުގެ ހާލަތު ވެސް އުފެދިފައި ނެތި، އަމިއްލަ އިހްތިޔާރުގައި ފަނޑިޔާރުކަމުގެ ވަޒީފާއިން އިސްތިއުފާދޭ ނުވަތަ ވަކިވާ ފަނޑިޔާރުންގެ ތެރެއިން މި މާއްދާގެ (ށ) ގައިވާ ށަރުތުތައް ހަމަވާ ފަނޑިޔާރުންގެ ތެރެއިން މި ގަވާއިދުގައިވާ ގޮތުގެ މަތީން ށަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަގާމުން ވަކިވުމަށް އެދޭ ފަނޑިޔާރުންނެވެ.
(ށ) ށަރަފުވެރިކަމާއެކު މަގާމުން ވަކިކޮށްދިނުމަށް އެދެވޭނެ ފަރާތްތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
- ފަނޑިޔާރުކަމުގައި 10 (ދިހައެއް) އަހަރުދުވަހު ހިދުމަތް ކޮށްފައިވާ ފަނޑިޔާރުން؛
- ސުލޫކީ މައްސަލައެއް ސާބިތުވެ، އެކަމުގެ ފިޔަވަޅެއްގެ ގޮތުން، ގާނޫނު ނަންބަރު 2008-10 (ޖުޑީށަލް ސަރވިސް ކޮމިށަންގެ ގާނޫނު) ގެ 1-32 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިބަޔާންކޮށްފައިވާ ފިޔަވަޅު، ވޭތުވެދިޔަ 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި އަޅައިފައިނުވާ ފަނޑިޔާރުން؛
- ސުލޫކީ މައްސަލައެއް ސާބިތުވެ، އެކަމުގެ ފިޔަވަޅެއްގެ ގޮތުން، ގާނޫނު ނަންބަރު 2008-10 (ޖުޑީށަލް ސަރވިސް ކޮމިށަންގެ ގާނޫނު) ގެ 1-32 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާއި (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފިޔަވަޅު، ވޭތުވެދިޔަ 3 (ތިނެއް) އަހަރުދުވަހުގެ ތެރޭގައި އަޅައިފައިނުވާ ފަނޑިޔާރުން.
2 ވަނަ މާއްދާ - މި ގަވާއިދުގެ ދަށުން އިނާޔަތް ލިބިދެވޭނޭ ފަރާތްތައް
މި ގަވާއިދުގެ ދަށުން އިނާޔަތް ލިބިދެވޭނީ، ތިރީގައިވާ ފަރާތްތަކަށެވެ.
(ހ) ގާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) ގެ 27 ވަނަ މާއްދާ ދަށުން، އުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވުމަށް އެދި ޖުޑީށަލް ސަރވިސް ކޮމިށަނަށް ލިޔުމަކުން ހުށަހަޅާ ފަނޑިޔާރުންގެ ތެރެއިން ޖުޑީށަލް ސަރވިސް ކޮމިށަނުން ވަކިކުރުމަށް ކަނޑައަޅާ ފަނޑިޔާރުން.
(ށ) ގާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) 66 ގެ (ނ) ގެ ދަށުން މުސްކުޅިކުރެވޭ ފަނޑިޔާރުން.
3 ވަނަ މާއްދާ - މި ގަވާއިދުގެ ދަށުން އިނާޔަތް ލިބުން އިސްތިސްނާވާ ފަރާތްތައް
(ހ) ފަނޑިޔާރުކަމުގެ މަގާމުން މުސްކުޅިކޮށްދިނުމަށް އެދިފައިވާ ފަނޑިޔާރުގެ ސްލޫކީ މައްސަލައެއް ޖުޑީށަލް ސަރވިސް ކޮމިށަނަށް ހުށަހެޅިފައިވާ ނުވަތަ އެ ފަނޑިޔާރުގެ ސްލޫކީ މައްސަލައެއް ބަލަމުންދާ ފަނޑިޔާރުން.
(ށ) ސުލޫކީ މައްސަލައެއް ހުށްހެޅިފައިވާ ފަނޑިޔާރަކު މަގާމުން މުސްކުޅިކޮށްދެވޭނީ ،އެ މައްސަލައަށް ޖުޑީށަލް ސަރވިސް ކޮމިށަނުން ގޮތެއް ނިންމުމަށް ފަހުގައެވެ.
(ނ) މި މައްދާގައި ބަޔާންކޮށްފައިވާ "ސުލޫކީ މައްސަލައެއް ޖުޑީށަލް ސަރވިސް ކޮމިށަނަށް ހުށަހެޅިފައިވާ ފަނޑިޔާރަކު" ކަމުގައި ކޮމިށަނުން ބަލާނީ، އެ ފަނޑިޔާރަކު މުސްކުޅިކޮށްދިނުމަށް އެދި ކޮމިށަނަށް ހުށަހަޅާ ތާރީހާ ހަމަޔަށް ކޮމިށަނުން އެ ފަނޑިޔާރަކާ ގުޅޭ އެއްވެސް މައްސަލައެއް ބަލަމުން ގެންދާނަމަ،ނުވަތަ އެ ފަނޑިޔާރަކާ ގުޅޭގޮތުން އެއްވެސް ފަރާތަކުން ކޮމިށަނަށް މައްސަލައެއް ހުށަހަޅައިފައިވާނަމައެވެ.
(ރ) ފަނޑިޔާރަކު މަގާމުން މުސްކުޅިކޮށްދިނުމަށް ޖުޑީށަލް ސަރވިސް ކޮމިށަނަށް ހުށަހަޅާ ތާރީހުގެ ފަހުން އެ ފަނޑިޔާރެއްގެ ށަކުވާއެއް ކޮމިށަނަށް ހުށަހެޅިއްޖެނަމަ، އެ ށަކުވާއެއްގެ ކުޑަބޮޑުމިނަށް ވަޒީފާކޮމިޓީން ބެލުމަށްފަހު ފަނޑިޔާރު މަގާމުން މުސްކުޅިކުރުމާމެދު ވަޒީފާ ކޮމިޓީން ގޮތެއް ނިންމާ ކޮމިށަނަށް ހުށަހެޅުން.
4 ވަނަ މާއްދާ - މި ގަވާއިދުގެ ދަށުން ލިބިދެވޭ އިނާޔަތްތައް
މި ގަވާއިދުގެ 1 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ށަރަފުވެރިކަމާއެކު ވަކިވާ ފަނޑިޔާރުންނަށް، އަންނަނިވި އިނާޔަތްތައް ލިބިދެވޭނެއެވެ.
(ހ) އެއްފަހަރާ ދެވޭ އިނާޔަތް.
(ށ) މުޅި އުމުރަށް މަހުން މަހަށް ދެވޭ އިނާޔަތް.
(ނ) އެހެނިހެން އިނާޔަތްތައް.
(ރ) ސިއްހީ ސަބަބަކާހުރެ ވަކިވާ ފަރާތްތަކަށް ދެވޭ އިނާޔަތް.
5 ވަނަ މާއްދާ - އިނާޔަތަކާއެކު ކުރިން ވަކިކޮށްފައިވާ ފަނޑިޔާރުންގެ މުއްދަތު ބަލާނެ ގޮތް
ގާނޫނަކަށް ގެނެވޭ އިސްލާހެއްގެ ސަބަބުން، ނުވަތަ އަލަށް ތަސްދީގުކުރާ ގާނޫނަކުން ،ނުވަތަ އެހެން ސަބަބަކާހުރެ ވެސް، ފަނޑިޔާރަކު ފަނޑިޔާރުކަމުން ވަކިކުރިއިރު ދައުލަތަށް ހިދުމަތްކޮށްފައިވާ މުއްދަތަށް، ނުވަތަ ފަނޑިޔާރުކަމުގައި ހިދުމަތްކޮށްފައިވާ މުއްދަތަށް ބަލައި، އެއްފަހަރާ ދެވޭ އިނާޔަތެއް ދައުލަތުން ދީފައިވާ ފަނޑިޔާރުން، ދެވަނަ ފަހަރަށް ފަނޑިޔާރުކަމަށް އައްޔަނު ކޮށްފައި ވަނިކޮށް މަގާމުން މުސްކުޅިކުރާ ހާލަތުގައި، އެފަދަ ފަނޑިޔާރުންނަށް އިނާޔަތް ދިނުމުގައި އެއްފަހަރާ ދޭ އިނާޔަތާއި މަހުންމަހަށް ދޭ އިނާޔަތް ދިނުމުގައި މުއްދަތު ބަލާނީ ތިރީގައިވާ ގޮތަށެވެ.
(ހ) އެއްފަހަރާ ދޭ އިނާޔަތް ހިސާބުކުރުމުގައި މުއްދަތު ބަލާނީ، އެ ފަނޑިޔާރަކު ފަހުން އައްޔަނުކުރި ތާރީހުން ފެށިގެން މަގާމުން މުސްކުޅިކުރުމާ ދެމެދު ހިދުމަތްކުރި މުއްދަތެވެ.
(ށ) މުޅި އުމުރަށް މަހުން މަހަށް ދެވޭ އިނާޔަތް ހިސާބުކުރާނީ، ފަނޑިޔާރުކަމުގައި ކުރިން ހިދުމަތްކޮށްފައިވާ މުއްދަތާއި ފަހުން ފަނޑިޔާރުކަމަށް އައްޔަނުކުރި މުއްދަތު ގުޅުވައި، މަގާމުން މުސްކުޅިކުރުމާ ހަމަޔަށް ފަނޑިޔާރުކަމުގައި ހިދުމަތްކުރި މުޅި މުއްދަތަށެވެ.
6 ވަނަ މާއްދާ - އެއްފަހަރާ ދެވޭ އިނާޔަތް
މި ގަވާއިދުގެ 1 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ށަރަފުވެރިކަމާއެކު ވަކިވާ ފަނޑިޔާރުންގެ ތެރެއިން މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަނޑިޔާރުންނަށާއި އެހެން ފަނޑިޔާރުންނަށް އެއްފަހަރާ ދެވޭ އިނާޔަތް ހިސާބުކުރާނީ ތިރީގައިވާ ގޮތަށެވެ.
(ހ) މުސްކުޅިކުރެވޭ ފަނޑިޔާރަކު ފަނޑިޔާރުކަމުގައި ހިދުމަތްކޮށްފައިވަނީ 30 (ތިރީސް) އަހަރަށްވުރެ ކުރު މުއްދަތެއްގައި ކަމަށް ވާނަމަ، އެ މީހަކު ވަކިވާއިރު، މި ގަވާއިދު ޖަދުވަލު 1 ގައި އެ މަގާމަކަށް ކަނޑައެޅިފައިވާ ބޭސް ޕޭގެ 1/3 (ތިންބައިކުޅަ އެއްބައި)، އެ މީހަކު ފަނޑިޔާރުކަމުގައި ހިދުމަތްކުރި މުއްދަތާ ގުނަކުރުމުން ލިބޭ މިންވަރު އެއްފަހަރާ ލިބިދެވޭނެއެވެ.
(ށ) މުސްކުޅިކުރެވޭ ފަނޑިޔާރަކު ފަނޑިޔާރުކަމުގައި ހިދުމަތް ކޮށްފައިވަނީ 30 (ތިރީސް) އަހަރު ނުވަތަ އެއަށްވުރެ ދިގު މުއްދަތެއްގައި ކަމަށް ވާނަމަ، އެ މީހަކު ވަކިވާއިރު، މި ގަވާއިދު ޖަދުވަލު 1 ގައި އެ މަގާމަކަށް ކަނޑައެޅިފައިވާ ބޭސް ޕޭގެ 1/2 (ދެބައިކުޅަ އެއްބައި)، އެ މީހަކު ފަނޑިޔާރުކަމުގައި ހިދުމަތްކުރި މުއްދަތާ ގުނަކުރުމުން ލިބޭ މިންވަރު އެއްފަހަރާ ލިބިދެވޭނެއެވެ.
7 ވަނަ މާއްދާ - މުޅި އުމުރަށް، މަހުން މަހަށް ދެވޭ އިނާޔަތް
(ހ) މުޅި އުމުރަށް، މަހުން މަހަށް ދެވޭ އިނާޔަތް ހިސާބުކުރާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައި އެ މަގާމަކަށް ކަނޑައަޅައިފައިވާ ބޭސް ޕޭ އާއި ފަނޑިޔާރުކަމުގައި ހިދުމަތްކޮށްފައިވާ މުއްދަތަށް ބިނާކޮށެވެ.
(ށ) މުޅި އުމުރަށް، މަހުން މަހަށް ދެވޭ އިނާޔަތް ހިސާބުކުރުމުގައި، މިހާރު ލިބެމުންދާ ޕެންށަން ދަމަހައްޓަން ބޭނުންނަމަ ހިސާބުކުރާނީ، އެންމެފަހުން ޕެންށަން ދިން ތާރީހުން ފެށިގެން ފަނޑިޔާރު މުސްކުޅިކުރެވޭ ތާރީހާ ހަމަޔަށް ފަނޑިޔާރުކަމުގައި ހިދުމަތްކޮށްފައިވާ އަހަރުގެ އަދަދު އެއީ މުއްދަތުކަމުގައި ބަލައިގެން، އެ އަދަދާއި މި ގަވާއިދު ޖަދުވަލު 1 ގައި އެ މަގާމަކަށް ކަނޑައަޅައިފައިވާ ބޭސް ޕޭގެ 1/40 (ސާޅީސްބައިކުޅަ އެއްބައި) ގުނަކުރުމުން ލިބޭ އަދަދު، ލިބެމުންއައި ޕެންށަނާ އެއްކުރުމުން ޖެހޭ ޖުމުލަ އަދަދެވެ. އެއީ ކޮންމެ މަހަކު އެ މީހަކު ދުނިޔޭގައި ހުރިހާ ދުވަހަކު ދެމުންގެންދާ އިނާޔަތްކަމުގައި ހަމަޖައްސާ ގޮތަށެވެ.
(ނ) މުޅި އުމުރަށް، މަހުން މަހަށް ދެވޭ އިނާޔަތް ހިސާބުކުރުމުގައި މިހާރު ލިބެމުންދާ ޕެންށަން ދަމަހައްޓަން ފަނޑިޔާރު ބޭނުން ނޫންނަމަ، ނުވަތަ އެހިސާބަށް ފަނޑިޔާރަށް ޕެންށަން ލިބިފައިނުވާނަމަ ހިސާބު ކުރާނީ، ފަނޑިޔާރު މުސްކުޅި ކުރެވޭ ތާރީހާ ހަމަޔަށް ފަނޑިޔާރުކަމުގައި ހިދުމަތްކޮށްފައިވާ އަހަރުގެ އަދަދު އެއީ މުއްދަތުކަމުގައި ބަލައިގެން، އެ އަދަދާއި މި ގަވާއިދު ޖަދުވަލު 1 ގައި އެ މަގާމަކަށް ކަނޑައަޅައިފައިވާ ބޭސް ޕޭ 1/40 (ސާޅީސްބައިކުޅަ އެއްބައި) ގުނަކުރުމުން ލިބޭ އަދަދެވެ. އެއީ، ކޮންމެ މަހަކު، އެ މީހަކު ދުނިޔޭގައި ހުރިހާ ދުވަހަކު، ދެމުންގެންދާ އިނާޔަތްކަމުގައި ހަމަޖައްސާ ގޮތަށެވެ.
8 ވަނަ މާއްދާ - އެހެނިހެން އިނާޔަތްތައް
މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ނ) ގެ ދަށުން އަންނަނިވި އިނާޔަތްތައް ލިބިދެވޭނެއެވެ.
(ހ) މި ގަވާއިދުގެ ޖަދުވަލު 1 ގައި އެ މަގާމަކަށް ކަނޑައަޅައިފައިވާ އެޑިށަނަލް އެލަވަންސް
(ށ) މެޑިކަލް އިންށުއަރެންސްގެ ގޮތުގައި އެ ފަނޑިޔާރަކު ވަކިވާއިރު ހުރި ކޯޓެއްގެ ފަނޑިޔާރަކަށް ލިބޭ މެޑިކަލް އިންށުއަރެންސްގެ "ޕެކޭޖު" އާ އެއްވަރުގެ ޕެކޭޖެއް ހަމަޖައްސައި، އޭގެދަށުން މަގާމުން ވަކިވާ ފަނޑިޔާރަށާއި، އެ ފަނޑިޔާރެއްގެ އަނބިމީހާ ނުވަތަ ފިރިމީހާއަށާއި 18 (އަށާރަ) އަހަރު ނުފުރޭ ދަރިންނަށް ސިއްހީ ފަރުވާ ލިބިދެވޭނެއެވެ.
(ނ) ސަލާމަތީ ހިދުމަތްތަކުގެ އެހީގައި ހަދާ ރިސްކް އެސެސްމަންޓަށްފަހު ފާހަގަކުރެވޭ ކަންކަމަށް ރިއާޔަތްކޮށް ސަލާމަތީގޮތުން އެކަށީގެންވާ ރަނގަޅު ފެންވަރުގެ ހިމާޔަތާއި ރައްކައުތެރިކަން ލިބިދެވޭނެއެވެ.
(ރ) އެ މީހަކީ ސުޕްރީމްކޯޓުގައި ނުވަތަ ހައިކޯޓުގައި މަސައްކަތްކުރި ފަނޑިޔާރެއްނަމަ،އެ މީހަކަށް މުހާތަބުކުރުމުގައި އެ މީހެއްގެ ނަމުގެ ކުރިޔަށް "ޖަސްޓިސް (ރިޓަޔަރޑް)" މި ލަގަބު ބޭނުންކުރުން. އަދި އެ މީހަކީ ދަށު ކޯޓުތަކުގެ ތެރެއިން ސުޕީރިއަރ ކޯޓުގައި މަސައްކަތްކުރި ފަނޑިޔާރެއްނަމަ "ޖަޖް (ރިޓަޔަރޑް)" މި ލަގަބު ބޭނުންކުރުމާއި، އެ މީހަކީ މެޖިސްޓްރޭޓް ކޯޓުގައި މަސައްކަތްކުރި ފަނޑިޔާރެއްނަމަ "މެޖިސްޓްރޭޓް (ރިޓަޔަރޑް)" މި ލަގަބު ބޭނުންކުރުން.ޒޒ
9 ވަނަ މާއްދާ - އިނާޔަތް ހަމަޖައްސާނެ ފަރާތް
(ހ) މި ގަވާއިދުގެ ދަށުން ވަކިވާ ފަނޑިޔާރަކަށް ލިބެންވާ ށަރަފުވެރިކަމާއި، އިނާޔަތްތަކާއި ހިމާޔަތް އެ މީހަކަށް ދިނުމުގެ ކަންތައްތައް ޖުޑީށަލް ސަރވިސް ކޮމިށަނުން އިންތިޒާމުކޮށް ހަމަޖައްސައިދޭންވާނެއެވެ. އަދި މި މާއްދާގައި ބުނެފައިވާ މާލީ އިނާޔަތްތައް، އެ ފަނޑިޔާރަކު މަގާމުން ވަކިވާ ދުވަހުން ފެށިގެން އެ މީހަކަށް ލިބިދޭންވާނެއެވެ.
(ށ) މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) ގައި މި ގަވާއިދުގެ ދަށުން ލިބިދެވޭ އިނާޔަތައް ހަމަޖައްސާ ފަރާތަކީ ޖުޑީށަލް ސަރވިސް ކޮމިށަން ކަމުގައި ވިޔަސް، މެޑިކަލް އިންށުއަރެންސް ހަމަޖެއްސުމާއި، އެކަމާ ގުޅުންހުރި އެންމެހައި ކަންކަން އިންތިޒާމުކޮށް ހަމަޖައްސާނީ، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުންނެވެ.
(ނ) މި ގަވާއިދުގެ ދަށުން މުސްކުޅިކުރެވޭ ފަނޑިޔާރުންގެ މައުލޫމާތު ޖުޑީށަލް ސަރވިސް ކޮމިށަނުން ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ގަވާއިދުން އަންގަންވާނެއެވެ.
10 ވަނަ މާއްދާ - މި ގަވާއިދުގެ ދަށުން ބަޔާންކުރާ އިނާޔަތްތައް ނުދެވޭނެ ހާލަތް
މި ގަވާއިދުގެ ދަށުން ށަރަފުވެރިކަމާއެކު ވަކިވާ ފަނޑިޔާރަކު ދައުލަތުގެ އެއްވެސް މަގާމެއް ފުރާ މުއްދަތުގައި، މި ގަވާއިދުގެ (7 (ވަނަ މާއްދާއާއި (8 (ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ އިނާޔަތްތައް އެ މީހަކަށް އެ މުއްދަތުގައި ނުދެވޭނެއެވެ.
11 ވަނަ މާއްދާ - ސިއްހީ ސަބަބަކާހުރެ މަގާމުން މުސްކުޅިކޮށްދިނުމުގައި ބަލާނެ ހާލަތްތައް
ގާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) 66 ވަނަ މާއްދާގެ (ނ) ގެ ދަށުން މުސްކުޅިކުރެވޭ ފަނޑިޔާރުން މުސްކުޅިކުރެވޭނީ އަންނަނިވި ހާލަތްތަކަށް ބެލުމަށްފަހު، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ފޯމު ފުރިހަމަކޮށްފައި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޖުޑީށަލް ސަރވިސް ކޮމިށަނުން މުސްކުޅިކޮށްދިނުމަށް ކަނޑައަޅާ ފަރާތްތަކަށެވެ. މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ފޯމު ފުރިހަމަކުރަންވާނީ، ސިއްހީ ވުޒާރާގައި ރަޖިސްޓަރީ ކޮށްފައިވާ މަސައްކަތް ތެރިންގެ ތެރެއިން އެ ބައްޔަކަށް ހާއްސަ ޑޮކްޓަރަކު ލައްވައެވެ. އަދި ބަލީގެ ދާއިރާއިން ހާއްސަ ޑޮކްޓަރަކު ނެތް ހާލަތުގައި އަމަލުކުރާނީ، ޖުޑީށަލް ސަރވިސް ކޮމިށަނުން ކަނޑައަޅާ ގޮތެއް މަތީންނެވެ.
(ހ) ފަނޑިޔާރަކަށް ކުރިމަތިވާ ބައްޔެއްގެ ސަބަބުން، ގާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) ގެ 66 ވަނަ މާއްދާގެ (ހ) އާއި
(ށ) ގައި ބަޔާންކޮށްފައިވާ ޗުއްޓީތަކަށް ފަހުގައި ވެސް ބަލިހާލުހުރިގޮތުން މަސައްކަތަށް ނުކުތުމަށް އުޒުރުވެރިވުން ނުވަތަ މަގާމުގައި ހުރުމަށް ނުކުޅެދުން.
(ށ) ގާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) ގެ 6 ވަނަ މާއްދާގެ (ނ) ގައި އެހެން އޮތް ނަމަވެސް، ފަނޑިޔާރުކަމުގެ ހިދުމަތުގައި އުޅެނިކޮށް ދިމާވާ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރި ކަމެއްގެ ސަބަބުން ފަނޑިޔާރުކަމުގެ މަގާމު އަދާކުރުމަށް ނުކުޅެދުން.
12 ވަނަ މާއްދާ - އިސްތިސްނާ
މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި މަގާމުން މުސްކުޅިކޮށްދިނުމަށް އެދޭ ފަރާތްތައް، މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކުރުމުގައި އިސްތިސްނާ ވާނެއެވެ.
13 ވަނަ މާއްދާ (ނޯޓް މި މާއްދާއަށް ސުރުހީއެއް ދެވިފައިނުވޭ)
"ފަނޑިޔާރުކަމުގައި ހިދުމަތްކުރި މުއްދަތު" އަދި "ފަނޑިޔާރުކަމުގައި ހިދުމަތްކުރި އަހަރު" ކަމުގައި ބުނެފައިވަނީ، "ފަނޑިޔާރު" ކަމުގައި ހިދުމަތްކޮށްފައިވާ މުއްދަތަށާއި، ގާނޫނު ނަންބަރު 13/2010 ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) ވުޖޫދަށް އައުމުގެ ކުރިން ފަނޑިޔާރުކަމުގެ ހުވާކޮށްގެން "ގާޒީގެ އެހީތެރިޔާ" ނުވަތަ "ފަނޑިޔާރުގެ އެހީތެރިޔާ" ގެ ނަމުގައި ފަނޑިޔާރުންގެ މަސްއޫލިޔަތު އަދާކުރުމަށް ހިދުމަތްކޮށްފައިވާ މުއްދަތަށެވެ.
14 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރުން
މި ގަވާއިދަށް އަމަލުކުރާނީ،ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
15 ވަނަ މާއްދާ - އުވައިލެވޭ ގަވާއިދު
މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ކުރިން އަމަލުކުރަމުންދިޔަ ގަވާއިދު ނަންބަރު 51/2013 (އުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަކިވާ ފަނޑިޔާރުންނަށާއި، 55 އަހަރު ނުވިނަމަވެސް އަމިއްލައަށް އެދިގެން ސިއްހީ ސަބަބުތަކަށްޓަކައި މަގާމުން މުސްކުޅިކުރާ ފަނޑިޔާރުންނަށް އިނާޔަތް ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު) އުވުނީއެވެ.
މި ގަވާއިދުގެ ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި
އުވުނު ގަވާއިދު
މައި ގަވާއިދު
މި ގަވާއިދަށް ގެނެވުނު އިސްލާހު
ކިޔުންތެރިންގެ ހިޔާލު