-

އިމާރާތް ކުރުމަށާއި ސިނާއީ އެހެނިހެން މަށްރޫއުތަކަށް ބިމުން ފެން ނަގައި، އެ ފެން ބޭރުކުރުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް)

(ކޮންސޮލިޑޭޓެޑް ނަންބަރު 2021-20)

(1ވަނަ، 2ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

1 ވަނަ މާއްދާ - ތައާރަފާއި ނަން

(ހ) މިއީ، ދިވެހިރާއްޖޭގެ ރަށްރަށުގައި އިމާރާތް ކުރުމަށާއި ސިނާއީ އެހެނިހެން މަށްރޫއުތައް ހިންގުމުގައި ބިމުން ފެން ނަގައި އެ ފެން ބިމަށް ހިންދުމުގައި ނުވަތަ މޫދަށް ބޭރު ކުރުމުގައި ތިމާވެށްޓަށް ވީހާވެސް ގެއްލުން ކުޑަ ގޮތަކަށް އަމަލު ކުރާނެ އިޖުރާއަތުތައް ކަނޑައެޅުމަށް ޓަކައި، ގާނޫނު ނަންބަރު 2020-08 (ފެނާއި ނަރުދަމާގެ ގާނޫނު) ގެ 21 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 58 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާރު ލިބިގެން، އެކުލަވައިލައިފައިވާ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "އިމާރާތް ކުރުމަށާއި ސިނާއީ އެހެނިހެން މަށްރޫއުތަކަށް ބިމުން ފެން ނަގައި، އެ ފެން ބޭރުކުރުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ – މަގުސަދު

މި ގަވާއިދުގެ މައިގަނޑު މަގުސަދަކީ، ދިވެހިރާއްޖޭގެ ރަށްރަށުގައި އިމާރާތް ކުރުމަށާއި ސިނާއީ އެހެނިހެން މަށްރޫއުތަކަށް ބިމުން ފެން ނަގައި، އެ ފެން ބިމަށް ހިންދުމުގައި ނުވަތަ މޫދަށް ބޭރު ކުރުމުގައި ފެން ފަށަލަ ތައައްޔަރުވިޔަ ނުދިނުމާއި، ފެން ފަށަލައަށް ލިބޭ ގެއްލުން ކުޑަކުރުމާއި، ފެން ހިންދުމުގެ ސަބަބުން ނުވަތަ ފެން ބޭރުކުރުމުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކޮށް، ވެށްޓާއި އާންމު ފަރުދުންނާއި ދިރޭތަކެތި ހިމާޔަތް ކުރުމެވެ.

 

3 ވަނަ މާއްދާ - ގަވާއިދު ތަންފީޒު ކުރުން

މި ގަވާއިދު ތަންފީޒު ކުރާނީ، ޔުޓިލިޓީޒް ރެގިއުލޭޓަރީ އޮތޯރިޓީންނެވެ.

 

4 ވަނަ މާއްދާ - ދެމެހެއްޓެނިވި ގޮތެއްގައި ގުދުރަތީ ފެނުގެ ވަސީލަތްތައް ބޭނުންކުރުން

(ހ) ދިވެހިރާއްޖޭގެ ސަރަހައްދުގައި ގުދުރަތީގޮތުން ހިމެނޭ ފެނުގެ އެންމެހައި ވަސީލަތްތަކަކީ ދިވެހި ދައުލަތުގެ މިލްކެކެވެ.

(ށ) ދިވެހިރާއްޖޭގެ ސަރަހައްދުގައި ގުދުރަތީގޮތުން ހިމެނޭ ފެނުގެ އެންމެހައި ވަސީލަތްތައް ރައްކައުތެރިކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަކީ ދައުލަތުގެ މުއައްސަސާތަކާއި ހަމަ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެކެވެ.

(ނ) އެއްވެސް ރަށެއްގައި އިމާރާތް ކުރުމަށާއި ސިނާއީ އެހެނިހެން މަށްރޫއުތަކަށް ބިމުން ފެން ނަގައި އެ ފެން ބޭނުންކުރެވޭނީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އޮތޯރިޓީގެ ނުވަތަ އޮތޯރިޓީން ކަނޑައަޅާ ފަރާތެއްގެ ހުއްދަ ލިޔުމަކުން ލިބިގެންނެވެ.

 

5 ވަނަ މާއްދާ – އިސްތިސްނާ

އަންނަނިވި ކަންކަން މި ގަވާއިދުން އިސްތިސްނާވާނެއެވެ.

(ހ) ފަރުދުންގެ އަމިއްލަ ބޭނުމަށްޓަކައި ފެންވަޅެއް ބަހައްޓައިގެން ބިމުން ފެން ނެގުން ނުވަތަ ފެންވަޅެއްގެ ވަޅުދިޔަ ހިއްކުމަށްޓަކައި ފެން ނަގައި އެ ފެން ބިމަށް ހިންދުން؛

(ށ) ބޯހޯލް ތޮރުފައިގެން ފެންނެގުމާއި، އެ ފެން ބޭނުންކުރުމާއި، އެ ފެން ބިމަށް ހިންދުމާއި، އެ ފެން މޫދަށް ބޭރުކުރުން؛

(ނ) ބިމުން ނަގާ ފެން ފިޔަވައި ފެނުގެ އެހެން ބާވަތްތައް ބިމަށް ހިންދުމާއި މޫދަށް ބޭރުކުރުން.

 

6 ވަނަ މާއްދާ - ބިމުން ނަގާ ފެން ބިމަށް ހިންދުމަށް، ނުވަތަ ފެން މޫދަށް ބޭރުކުރުމުގެ ހުއްދައަށް އެދި ހުށަހެޅުން

(ހ) އެއްވެސް ފަރާތަކުން، ބިމުން ފެން ނަގައި އެ ފެން ބިމަށް ހިންދަން ބޭނުންވެއްޖެނަމަ، ނުވަތަ ނަގާ ފެން މޫދަށް ބޭރުކުރަން ބޭނުންވެއްޖެނަމަ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމު ފުރިހަމަ ކުރުމަށްފަހު، އެ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް އޮތޯރިޓީއަށް ނުވަތަ އޮތޯރިޓީން ކަނޑައަޅާ ފަރާތަކަށް ހުށަހަޅައިގެން ލިޔުމުން ހުއްދަ ހޯދަންވާނެއެވެ.

(ށ) ފެން ނަގާ ސަރަހައްދުގެ އިމުން ފެށިގެން 100 (އެއްސަތޭކަ) މީޓަރުގެ ސަރަހައްދުގައި މީހުން ދިރިއުޅޭ ގެދޮރު ނުވަތަ އިމާރާތް ނުވަތަ ދަނޑުބިން ހިމެނޭނަމަ، ފެން ނަގައި އެ ފެން ބިމަށް ފެންހިންދުމުގެ ނުވަތަ ފެން މޫދަށް ބޭރުކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތުން، އެ ރަށެއްގެ ކައުންސިލުގެ ލަފާގެ މަތީން، އެ ސަރަހައްދުގައި މީހުން ދިރިއުޅޭ ގެދޮރުގެ ވެރިފަރާތަށް، ނުވަތަ އިމާރާތުގެ ވެރިފަރާތަށް، ނުވަތަ ދަނޑުބިންތަކުގެ ވެރިފަރާތަށް ލިޔުމަކުން އަންގަންވާނެއެވެ.

 

7 ވަނަ މާއްދާ - އިދާރީ ފީ

މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމު ފުރިހަމަ ކޮށްފައި ހުށަހަޅާއިރު 100 (އެއްސަތޭކަ) ރުފިޔާގެ އިދާރީ ފީއެއް، ހުއްދައަށް އެދޭ ފަރާތުން އޮތޯރިޓީއަށް ނުވަތަ އޮތޯރިޓީން ކަނޑައަޅާ އިދާރާއަކަށް ދައްކަންވާނެއެވެ.

 

8 ވަނަ މާއްދާ - ހުއްދަ ހޯދުމަށް އެދި ހުށަހެޅުމުގެ ކުރިން ފެން ތަހުލީލުކުރުން

(ހ) ބިމުން ފެން ނަގައި އެ ފެން ބޭރުކުރުމުގެ ހުއްދަ ހޯދުމަށް މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމު ހުށަހަޅާއިރު، މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފެނުގެ ތަހުލީލުތަކުގެ ނަތީޖާ ހުށަހަޅަންވާނެއެވެ. މި ތަހުލީލުތަކަކީ ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ހުއްދަ ލިބިފައިވާ ލެބޯޓަރީއަކުން ކޮށްފައިވާ ތަހުލީލުތަކަކަށް ވާންވާނެއެވެ.

(ށ) ފެނުގެ ތަހުލީލާމެދު އޮތޯރިޓީއަށް ސުވާލު އުފެދިއްޖެނަމަ، އެ ފެން އަލުން ތަހުލީލުކުރަން އެންގުމުގެ އިހުތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ތަހުލީލީ ރިޕޯޓަކީ ލެބޯރެޓަރީން ތަހުލީލުކުރި ތާރީހުން ފެށިގެން 45 (ސާޅީސް ފަހެއް) ދުވަސް ވެފައިވާ ރިޕޯޓަކަށް ވެގެން ނުވާނެއެވެ.

(ރ) ފެނުގެ ތަހުލީލީ ރިޕޯޓުގައި، އަންނަނިވި ތަހުލީލުތައް ފުރިހަމަކޮށްފައި ހުންނަންވާނެއެވެ.

  1. ފެނުގެ ޕީއެޗް ހުރި މިންވަރު (pH)
  2. ފެނުގެ ފިނި ހޫނުމިން (Temperature, oC)
  3. ފެނުގައި އެހެނިހެން ތަކެތި އެކުލެވިގެންވާ މިންވަރު (TDS, mg/l)
  4. ފެނުގައި އޮކްސިޖަން ހުރި މިންވަރު (Dissolved Oxygen (DO), mg/l)
  5. ފެނުގައި ކަރަންޓު ދަތުރުކުރާ މިންވަރު (S/cmµ (Electric Conductivity (EC)
  6. ފެނުގެ ކިލަނބުކަން (Turbidity, NTU)
  7. ފެނުގައި ލޮނުގެ އަސަރު ހުރި މިންވަރު (Salinity, ppm)
  8. ފެނުގައި އެމޯނިޔާ ހުރި މިންވަރު (Ammonia (NH3, mg/l)
  9. ފެނުގައި ނަޖިހުގެ އަސަރު ހުރި މިންވަރު (Fecal Coliform, CFU/100)
  10. ފެނުގައި ހައިޑްރޮޖަން ސަލްފައިޑް ހުރި މިންވަރު (H2S, mg/l)
  11. ފެނުގައި ނައިޓްރޭޓްސް ހުރި މިންވަރު (mg/l)
  12. ފެނުގައި ފޮސްފޭޓްސް ހުރި މިންވަރު (mg/l)
  13. ފެނުގައި ހައިޑްރޯކާބަން ހުރި މިންވަރު (mg/l)
  14. ފެނުގައި އޮއިލް އެން ގުރީސް ހުރި މިންވަރު (mg/l)

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ތަހުލީލުތަކުގެ ތެރެއިން ވަކި ތަހުލީލެއް ރާއްޖޭގެ އެއްވެސް ލެބޯރެޓަރީއަކުން ހެދެން ނެތްނަމަ، ނަތީޖާ ސްލިޕުން ނުވަތަ ތަހުލީލު ރިޕޯޓުން އެކަން އެނގެން އޮންނަންވާނެއެވެ.

(ޅ) މި މާއްދާގެ (ރ) ގެ ދަށުން ހެދުމަށް ލާޒިމުކުރާ، ތަހުލީލުތަކުން ތަހުލީލެއް ރާއްޖެއިން ހެދެން ނެތްނަމަ، ހެދެން ނެތް ތަހުލީލުގެ ބާވަތަށް ބަލައި، އެ ތަހުލީލަކާ ނުލައި ބިމުން ފެން ނަގައި އެ ފެން ބޭރުކުރުމަށް ހުއްދަ ދިނުމުގެ އިހުތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

9 ވަނަ މާއްދާ - ބިމުން ނަގާ ފެން މޫދަށް ބޭރުކުރުމުގެ ހުއްދަ ދިނުން

(ހ) ބިމުން ނަގާ ފެން މޫދަށް ބޭރުކުރުމުގެ ހުއްދަ ދޭންވާނީ، އެ ފެން ބިމަށް ހިންދާނެ އެކަށީގެންވާ ޖާގަ އެ ރަށެއްގައި ނެތްނަމަ، ނުވަތަ ބިމަށް ފެން ހިންދުމުގެ ސަބަބުން ބިމުގެ ފެންފަށަލައަށް ނުވަތަ ވެށްޓަށް، ނުވަތަ ގުދުރަތީ ދިރުންތަކަށް، ނުވަތަ މީހުންނަށް، ނުވަތަ މުދަލަށް ގެއްލުން ވެދާނެ ހާލަތުގައެވެ.

(ށ) ބިމުން ނަގާ ފެން މޫދަށް ބޭރުކުރުމުގެ ހުއްދަ ދޭނީ، އޮތޯރިޓީން ނުވަތަ އޮތޯރިޓީން ކަނޑައަޅާ ފަރާތަކުންނެވެ.

(ނ) ބިމުން ފެން ނަގައި އެ ފެން ބޭރުކުރުމުގެ ހުއްދަ ދެވޭނެ މުއްދަތު ކަނޑައަޅާނީ އަންނަނިވި ކަންތައްތަކަށް ބެލުމަށް ފަހުގައެވެ.

  1. ފެން ނެގުމަށް ހުށަހަޅާ ތަނުގެ ބޮޑުމިން؛
  2. ފެނުގެ ކޮލެޓީ؛
  3. މަސައްކަތުގެ ތާވަލު؛
  4. ފެން ބޭރުކުރާ ގޮތް؛
  5. ބޭރުކުރާ ފެން އަޅާ ތަން.

(ރ) މި މާއްދާގެ (ނ) ގެ ދަށުން، މެދުނުކެނޑި ފެން ނަގައި އެ ފެން ބޭރުކުރުމަށް ހުއްދަ ދެވޭނެ އެންމެ ދިގު މުއްދަތަކީ، ރަސްމީ ބަންދު ދުވަސްތައް ހިމަނައިގެން 28 (އަށާވީސް) ދުވަހެވެ.

(ބ) ބިމުން ފެން ނަގައި އެ ފެން ބޭރުކުރަންޖެހޭ ތަންތަން ހިމެނޭ މަށްރޫއުތަކުގައި، މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި މަސައްކަތް ފެށޭނެކަމަށް ބެލެވޭ ސަރަހައްދުތަކަށް، މި މާއްދާގެ ދަށުން ހުއްދައަށް އެދި ހުށަހަޅާނަމަ ހުށަހަޅަންވާނީ، މުޅި މަށްރޫއަށް ހަދާ ޑީވޯޓަރިންގ ޕްލޭނަކާއެކު، އެއް ހުއްދައެއްގެ ގޮތުގައެވެ.

(ޅ) މި ގަވާއިދުގެ ދަށުން، ބިމުން ފެން ނަގައި އެ ފެން ބޭރުކުރުމުގެ ހުއްދަ އެއްވެސް ފަރާތަކަށް ދެވޭނީ، ހުއްދައަށް އެދޭ ފަރާތުން އޮތޯރިޓީއަށް މި ގަވާއިދުގެ ދަށުން ދައްކަންޖެހި ނުދައްކައި އޮތް ފައިސާއެއްވާނަމަ، އެ ފައިސާއެއް ދެއްކުމުންނެވެ.

(ކ) އެއްވެސް ފަރާތަކުން ހުއްދަ ނެގުމަކާނުލައި ބިމުން ފެން ނަގައި ފެން ބޭރުކުރުމަށްފަހު ހުއްދައަށް އެދި ހުށަހަޅައިފިނަމަ ހުއްދަ ދެވޭނީ، ހުއްދަ ނެގުމަކާނުލައި ބިމުން ފެން ނަގައި ފެން ބޭރުކުރި މުއްދަތަށްވާ ޖޫރިމަނާ އޮތޯރިޓީއަށް ދެއްކުމުންނެވެ. (އިތުރު ކުރެވިފައި)

 

10 ވަނަ މާއްދާ - އަސަރު ފޯރާ ސަރަހައްދު ކަނޑައެޅުމާއި، ފެން ފޯރުކޮށްދިނުން

(ހ) އެ ސަރަހައްދަކުން ނަގާ ފެން އެ ސަރަހައްދުގެ އިމުން ފެށިގެން 30 (ތިރީސް) މީޓަރުގެ ތެރޭގައިވާ ސަރަހައްދަކަށް ނުހިންދާނަމަ، މި ގަވާއިދުގެ ބޭނުމަށް ޓަކައި ބަލަންވާނީ، ފެން ނަގާ ސަރަހައްދުގެ އިމުން ފެށިގެން ވަށައިގެން 30 (ތިރީސް) މީޓަރުގެ ތެރޭގައި ހިމެނޭ އެންމެހައި ތަންތަނާއި ގޭބިސީތަކަކީ ބިމުން ނަގާ ފެން މޫދަށް ބޭރުކުރުމުގެ ސަބަބުން ނުވަތަ އެ ފެން ނަގާ ސަރަހައްދުގެ 30 (ތިރީސް) މީޓަރުގެ ސަރަހައްދަށް ނުހިންދުމުގެ ސަބަބުން ބިމުގެ ފެނަށް ނޭދެވޭ އަސަރުފޯރާ ސަރަހައްދު ކަމުގައެވެ.

(ށ) ބިމުން ފެން ނަގަން ފެށުމުގެ 24 (ސައުވީސް) ގަޑިއިރުގެ ކުރިން، ފެން ނެގުމުގެ ހުއްދަ ލިބިފައިވާ ފަރާތުން، އެކަމަށްޓަކައި ލިބިފައިވާ ހުއްދައިގައި ހިމެނޭ ފުރިހަމަ މައުލޫމާތު، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ، ބިމުގެ ފެނަށް އަސަރު ފޯރާ ސަރަހައްދުގައިވާ ތަންތަނާއި ގޭބިސީތަކަށް ލިޔުމަކުން އަންގަންވާނެއެވެ.

(ނ) ބިމުން ނަގާ ފެން ބޭރުކުރުމުގެ ސަބަބުން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސަރަހައްދުގައިވާ ތަނަކަށް ނުވަތަ ގެއަކަށް ވަޅުފެން ލިބުން ދަތިވެއްޖެނަމަ، އެ ތަނެއްގެ ވަޅުފެނަކީ މީރުފެން ކަމުގައި ނުވިނަމަވެސް، އެ ފަރާތުން ވަޅުފެން ބޭނުންކުރަމުން ދިޔަ މިންވަރަށް މީރުފެން ފޯރުކޮށްދިނުމަކީ ފެން ބޭރުކުރުމުގެ ހުއްދަ ހޯދި ފަރާތުން ކުރަންޖެހޭނެ ކަމެކެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހާލަތު މެދުވެރިވެއްޖެނަމަ، ހުއްދަ ނެގި ފަރާތުން، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފެން ފޯރުކޮށްދޭތޯ އޮތޯރިޓީން ނުވަތަ އޮތޯރިޓީން ކަނޑައަޅާ ފަރާތަކުން ބަލަންވާނެއެވެ. އަދި ހުއްދަ ހޯދި ފަރާތުން، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލު ނުކޮށްފިނަމަ، އެ ފަރާތަށް ދޫކޮށްފައިވާ ހުއްދަ ބާތިލުކުރުމާއި، މަސައްކަތް ހުއްޓުވުމުގެ އިހުތިޔާރު އޮތޯރިޓީއަށް ނުވަތަ އޮތޯރިޓީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ.

(ބ) ބިމުން ފެން ނަގައި އެ ފެން ބޭރުކުރުމުގެ ސަބަބުން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސަރަހައްދުގައި ހިމެނޭ ތަނަކަށް ނުވަތަ އިމާރާތަކަށް ނުވަތަ އިމާރާތުގެ ސްޓްރަކްޗަރަށް ލިބޭ ގެއްލުމަށް ޒިންމާވާން ޖެހޭނީ، ބިމުން ފެން ނަގައި އެ ފެން ބޭރުކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތުންނެވެ.

(ޅ) މި މާއްދާގެ (ނ) ގެ ދަށުން، ފެން ފޯރުކޮށްދިނުމުގައި އަންނަނިވި ދެގޮތުންކުރެ ގޮތަކަށް އަމަލުކުރެވިދާނެއެވެ.

  1. ބިމުން ފެން ނަގައި އެ ފެން ބޭރުކުރުމުގެ ސަބަބުން ފެނަށް ދަތިވި ގޭބިސީއަކުން ފެން ބޭރުކުރި މުއްދަތުގެ ތެރޭގައި ފެނަށް އެދިއްޖެނަމަ، އެ ފަރާތަކަށް މީރުފެން ފޯރުކޮށްދޭންވާނެއެވެ. މިގޮތުން ފެން ފޯރުކޮށްދޭންވާނީ، އެ ތަނެއްގައި ވަކިން ކައްކައި ހެދޭގޮތަށް ހުރި ކޮންމެ ގޭބިސީއަކަށް ދުވާލަކަށް 250 (ދުއިސައްތަ ފަންސާސް) ލީޓަރަށްވުރެ މަދުނުވާ ވަރަށެވެ.
  2. މި މާއްދާގެ (ޅ) ގެ (1) ވަނަ ނަންބަރުގައި ބުނެފައިވާ 250 (ދުއިސައްތަ ފަންސާސް) ލީޓަރުގެ ފެން ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާ ވެސް ދެވިދާނެއެވެ. ފެނުގެ ނިޒާމުގެ ގާއިމުކޮށްފައި ނެތް ރަށެއްގައި ނަމަ، ދޭނެ ފައިސާގެ އަދަދު ކަނޑައަޅާނީ ދެފަރާތް އެއްބަސްވާ ގޮތެއްގެ މަތީންނެވެ.

 

11 ވަނަ މާއްދާ - ބިމުން ނަގައިގެން ބޭރުކުރާ ފެނާމެދު އަމަލު ކުރަންވީ ގޮތް

(ހ) ބިމުން ނަގާ ފެން ބިމަށް ހިންދާނަމަ، އެ ފެން ހިންދަންވާނީ، ސިޓީ ކައުންސިލުން ނުވަތަ ރަށު ކައުންސިލުން ކަނޑައަޅާ ސަރަހައްދަކަށެވެ. އަދި އެ ފެން ހިންދަންވާނީ، ފެން ހިންދާ ސަރަހައްދުގެ ބިމުގެ ފެނުގެ ކޮލިޓީއާ އެއްވަރު ނުވަތަ އެއަށްވުރެ ރަނގަޅު ކޮލިޓީގެ ފެނެވެ. އަދި މޫދަށް ފެން ބޭރުކުރާ ހާލަތެއް ކުރިމަތިވެއްޖެނަމަ، އެ ފެން މޫދަށް ބޭރުކުރަންވާނީ ކިސަޑު ބޭރުނުވާނެހެންނެވެ.

(ށ) ބިމުން ނަގާ ފެން މޫދަށް ބޭރުކުރުމަށް ހުއްދަ ދެވޭނީ، ބިމުން ނަގާ ފެނުގެ ކޮލިޓީއަށް ބަލައި އެ ފެން ބިމަށް ހިންދުމުން ފެން ފަށަލަ ތައައްޔަރު ވެދާނެކަމަށް، މި ގަވާއިދުގެ 8 ވަނަ މާއްދާގެ ދަށުން، ޖަދުވަލު 1 ގައިވާ ފޯމާއެކު ހުށަހަޅާ ތަހުލީލު ރިޕޯޓުތަކުން ދައްކާނަމައެވެ. ނުވަތަ އެ ރަށެއްގައި ބިމަށް ފެން ހިންދޭނެ ގޮތެއް ޖާގައިގެގޮތުން ނެތްކަމަށް އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލުން ނިންމައިފައި ވާނަމައެވެ.

(ނ) ބިމުން ނަގާ ފެން ހޮޅިލައިން އަޅައިގެން ބޭރުކުރާނަމަ، މަގުމަތީގައި ހޮޅިލައިން އަޅަންވާނީ، އެ ރަށެއްގެ ރަށު ކައުންސިލުން ނުވަތަ ސިޓީ ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތީން އެ ކައުންސިލުގެ ލިޔުމުން ދޫކުރާ ހުއްދައާ އެކުއެވެ. އަދި މި ހުއްދައިގެ މުއްދަތުގައި ހޮޅި މަރާމާތުކޮށް ބެލެހެއްޓުމާއި އެ ހުއްދަ ހަމަވުމުން ހޮޅި ނަގައި ސާފުކުރުމަކީ ހުއްދަ ލިބިފައިވާ ފަރާތުގެ ޒިންމާއެކެވެ.

(ރ) ބިމުން ނަގާ ފެން މޫދަށް ބޭރުކުރަންވާނީ، އެ ފެން އަޅާ މާހައުލު ކިލަނބު ނުވާނޭހެން، ބިމުން ނަގާ ފެނުގައި ހިމެނޭ ކިސަޑާއި ވެލި ފުރޭނޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ފަހުއެވެ. އަދި ބިމުން ނަގާ ފެން ރަށުން ކޮންމެހެން ބޭރުކުރަން ޖެހިއްޖެނަމަ، އެ ފެން ބޭރުކުރަންވާނީ، އެ ސަރަހައްދުގެ ވެށްޓަށް ފޫނުބެއްދޭނޭ ފަދަ ގެއްލުމެއް ނުލިބޭނެ ގޮތަކަށެވެ.

(ބ) ބިމުން ނަގާ ފެން ބޭރުކުރެވެނީ ނަރުދަމާ ނިޒާމެއްގެ ތެރެއިންނަމަ، މި މާއްދާގެ (ރ) ގައި ބުނެފައިވާ ފަދަ އިންތިޒާމެއް ހަމަޖެއްސުމަކީ ނަރުދަމާ ނިޒާމުގެ ހިދުމަތްދޭ ފަރާތުގެ ޒިންމާއެކެވެ. މިގޮތަށް ނަރުދަމާ ނިޒާމެއްގެ ތެރެއިން ފެން ބޭރުކުރާނަމަ، ނަރުދަމާ ނިޒާމުގެ ހިދުމަތްދޭ ފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމެއް އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.

(ޅ) ބިމުން ނަގާ ފެން ބޭރުކުރަނީ ނަރުދަމާ ނިޒާމެއް މެދުވެރިކޮށްގެންނަމަ، ޕަމްޕާއި ނަރުދަމާ ނިޒާމާ ގުޅޭ ހިސާބުގައި ނަރުދަމާ ނިޒާމަށް ދާ ފެން ބަންދުކުރެވޭ ފަދަ ގޮތަކަށް ވޭލެއް ހަރުކޮށްފައި ހުންނަންވާނެއެވެ. މި ވޭލު ހަރުކުރާނީ، ނަރުދަމާ ނިޒާމުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތުންނެވެ.

(ކ) ބިމުން ނަގާ ފެން ބޭރުކުރުމުގެ މަސައްކަތް ކުރަމުންދާ ވަގުތު، މި ގަވާއިދުގެ ދަށުން އެ މަސައްކަތަށް ދީފައިވާ ހުއްދަ ބަލަން ބޭނުންވެއްޖެނަމަ، އެ ލިޔުން ފެންނާނެ ފަދަ ގޮތަކަށް އޮންނަންވާނެއެވެ. އަދި މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ނަމޫނާއާ އެއްގޮތަށް، ފެން ބޭރުކުރާކަން އަންގައިދޭ ނިށާން އާންމުކޮށް ފެންނާނެގޮތަށް، ފެން ބޭރުކުރާ ސަރަހައްދުގައި ބަހައްޓައިފައި ހުންނަންވާނެއެވެ.

 

12 ވަނަ މާއްދާ - ފެން ބޭރުކުރުމުގެ މުއްދަތު އައުކުރުން

(ހ) އެއްވެސް ސަބަބަކާހުރެ ބިމުން ނަގާ ފެން ބޭރުކުރުމަށް ހުއްދަ ދީފައިވާ މުއްދަތުގެ ތެރޭގައި އެ މަސައްކަތްކޮށް ނުނިމޭނެކަމަށް މަސައްކަތާ ހަވާލުވެ ހުރި މީހާއަށް ފެނިއްޖެ ހިނދެއްގައި، ބިމުން ނަގާ ފެން ބޭރުކުރުމަށް ހުއްދަ ދީފައިވާ މުއްދަތު ހަމަވުމުގެ 3 (ތިނެއް) ދުވަހުގެ ކުރިން، ބިމުން ނަގާ ފެން ބޭރުކުރުމުގެ ހުއްދަ އައުކުރުމަށް ޓަކައި، މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ ފޯމު ފުރިހަމަކުރުމަށްފަހު، އޮތޯރިޓީއަށް ނުވަތަ އޮތޯރިޓީން ކަނޑައަޅާ ފަރާތަކަށް ހުށަހަޅައިގެން އެކަމުގެ ހުއްދަ ހޯދަންވާނެއެވެ. މި 3 (ތިނެއް) ދުވަސް ގުނާނީ، ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައެވެ.

(ށ) ބިމުން ފެން ނަގައި އެ ފެން ބޭރުކުރުމަށް ލިބިފައިވާ މުއްދަތު އިތުރުކުރުމަށް އެދި މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ ފޯމު ފުރިހަމަކޮށްފައި އެ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް އޮތޯރިޓީއަށް ނުވަތަ އޮތޯރިޓީން ކަނޑައަޅާ ފަރާތަކަށް ހުށަހެޅުމުން، މުއްދަތު އިތުރުކުރުމަށް ހުށަހެޅި ހުށަހެޅުން ގަބޫލުކުރެވޭނަމަ، ހުށަހެޅި ތާރީހުން ފެށިގެން، ސަރުކާރު ބަންދުނޫން 2 (ދޭއް) ދުވަހުގެ ތެރޭގައި މުއްދަތު އިތުރުކޮށް، ބިމުން ފެން ނަގައި އެ ފެން ބޭރުކުރުމުގެ ހުއްދަ ދޭންވާނެއެވެ.

(ނ) މި މާއްދާގެ ދަށުން ހުއްދައިގެ މުއްދަތު އިތުރުކޮށްދެވޭނީ، މި ގަވާއިދުގެ 9 ވަނަ މާއްދާގެ ދަށުން ދޫކޮށްފައިވާ ހުއްދައަށް 6 (ހައެއް) މަސްދުވަސް ނުވާނަމައެވެ. ހުއްދައަށް 6 (ހައެއް) މަސްދުވަސް ވެފައިވާ ތަންތަނަށް މި ގަވާއިދުގެ ދަށުން އަލުން ހުއްދަ ހޯދަންވާނެއެވެ.

(ރ) ދީފައިވާ ހުއްދައިގެ މުއްދަތު ހަމަވުމުން ހުއްދަ އިތުރު ކުރުމަކާނުލައި ބިމުން ފެން ނަގައި ފެން ބޭރުކޮށްފައިވާނަމަ، ހުއްދައިގެ މުއްދަތު އިތުރު ކޮށްދޭންވާނީ ހުއްދައިގެ މުއްދަތު ހަމަވުމަށްފަހު ބިމުން ފެން ނަގައި ފެން ބޭރުކުރި މުއްދަތަށް ޖޫރިމަނާއެއް ވާނަމަ އެ ޖޫރިމަނާ އޮތޯރިޓީއަށް ދެއްކުމުންނެވެ. (އިތުރު ކުރެވިފައި)

 

13 ވަނަ މާއްދާ - ބިމުން ފެން ނަގައި އެ ފެން ބޭރުކުރުމަށް ދެވޭ ހުއްދައަށް އަގު ނެގުން

(ހ) ބިމުން ފެން ނަގައި އެ ފެން ހިންދުމަށް ނުވަތަ ފެން ބޭރުކުރުމަށް، އަންނަނިވި އުސޫލުން އޮތޯރިޓީއަށް ނުވަތަ އޮތޯރިޓީން ކަނޑައަޅާ ފަރާތަކަށް، ބިމުން ފެން ނަގައި އެ ފެން ހިންދުމަށް ނުވަތަ ފެން ބޭރުކުރާ ފަރާތުން، އަނބުރާ ނުލިބޭނެ ފީއެއް ދައްކަންވާނެއެވެ.

  1. ބިމުން ފެން ނަގައި އެ ފެން ބޭރުކުރުމަށް ފުރަތަމަ ހުއްދަ ދެވޭ 28 (އަށާވީސް) ދުވަހަށް، ދުވާލަކަށް 500 (ފަސް ސަތޭކަ) ރުފިޔާ؛
  2. ބިމުން ފެން ނަގައި އެ ފެން ބޭރުކުރުމަށް ހުއްދަ އިތުރުކުރާ ފުރަތަމަ ފަހަރު ދުވާލަކަށް 1,000 (އެއްހާސް) ރުފިޔާ؛
  3. ބިމުން ފެން ނަގައި އެ ފެން ބޭރުކުރުމަށް ހުއްދަ އިތުރުކުރާ ދެވަނަ ފަހަރު ދުވާލަކަށް 1,500 (އެއްހާސް ފަސްސަތޭކަ) ރުފިޔާ؛
  4. ހުއްދަ އިތުރުކުރާ ތިންވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކަށް ދުވާލަކަށް ނަގާ ފީގެ ރޭޓު 2,000 (ދެހާސް) ރުފިޔާގެ މަގުން އިތުރު ކުރެވޭނެއެވެ.

(ށ) ބިމުން ފެން ނަގައި އެ ފެން ބޭރުކުރުމަށް ދީފައިވާ މުއްދަތުގައި މޫސުން ގޯސްވުމުގެ ސަބަބުން، ނުވަތަ ގުދުރަތީ ހާދިސާއެއްގެ ސަބަބުން، ނުވަތަ ހުއްދަ ލިބިފައިވާ ފަރާތުގެ ބާރުން ބޭރުގައިވާ ހާލަތެއް ކުރިމަތިވެގެން މަސައްކަތް ނުކުރެވުމުގެ ސަބަބުން ފާއިތުވާ ކޮންމެ ދުވަހަކަށް ދުވަހެއް، އިތުރު ފީއަކާ ނުލައި އިތުރު ކޮށްދޭންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ދުވަސްތައް ކަނޑައަޅާނީ ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ދީފައިވާ މައުލޫމާތަށް ބެލުމަށްފަހުއެވެ.

 

14 ވަނަ މާއްދާ - ތަފާސްހިސާބު ބެލެހެއްޓުން

(ހ) ފެން ބޭރުކުރުމަށް ދޫކުރާ ހުއްދަތަކާބެހޭ، ތިރީގައި ބަޔާންކޮށްފައިވާ ތަފާސްހިސާބު އޮތޯރިޓީން ނުވަތަ އެ ހުއްދަ ދޫކުރާ އިދާރާއިން ބަލަހައްޓަންވާނެއެވެ.

  1. ފެނުގެ ކޮލިޓީ؛
  2. ބޭރުކުރި ފެނުގެ މިންވަރު (ކޮޑި މީޓަރުން)
  3. ފެން ބޭރުކުރުމަށް ހުއްދަ ދިން މުއްދަތު؛
  4. ފެން ބޭރުކުރުމަށް ހޭދަވި ވަގުތު.

(ށ) ނަރުދަމާގެ ހިދުމަތްދޭ ފަރާތްތަކުން، މި ގަވާއިދުގެ ދަށުން ފެން ބޭރުކުރުމުގެ ހިދުމަތް ދިނުމުގައި ނަރުދަމާ ބޭނުންކުރާނަމަ، ކޮންމެ މީލާދީ މަހެއްގެ ފުރަތަމަ 10 (ދިހައެއް) ދުވަހުގެ ތެރޭގައި، ނަރުދަމާ ބޭނުންކޮށްގެން ފެން ބޭރުކުރި ކޮންމެ ފަރާތަކުން ވޭތުވެދިޔަ މަހުގެ ތެރޭގައި ފެން ބޭރުކުރި މިންވަރު، ފެން ބޭރުކުރުމުގެ ހުއްދަ ދޫކުރި އިދާރާއަށް ފޮނުވަންވާނެއެވެ.

 

15 ވަނަ މާއްދާ - މަސައްކަތް ހުއްޓުވުން

(ހ) މި ގަވާއިދުގެ ދަށުން ހުއްދަ ނުހޯދައި ނުވަތަ ދޫކޮށްފައިވާ ހުއްދައާ ހިލާފަށް ބިމުން ފެން ނަގައި އެ ފެން ބޭރުކުރަމުންދާ ތަންތަނުގެ މަސައްކަތް ހުއްޓުވުމުގެ ބާރު އޮތޯރިޓީއަށް ނުވަތަ އޮތޯރިޓީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ. އަދި އެފަދަ ތަންތަނުގެ މަސައްކަތްތައް ހުއްޓުވުމުގެ ސަބަބުން ލިބޭ އެއްވެސް ގެއްލުމަކަށް އޮތޯރިޓީ ނުވަތަ އެ މަސައްކަތް ހުއްޓުވި އިދާރާ ޒިންމާއެއް ނުވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އޮތޯރިޓީން ނުވަތަ އޮތޯރިޓީން ކަނޑައަޅާ ފަރާތުން މަސައްކަތް ހުއްޓުވާނަމަ، ލިޔުމަކުން އެ ފަރާތަކަށް އަންގަންވާނެއެވެ.

 

16 ވަނަ މާއްދާ - ގަވާއިދާ ހިލާފުވިކަން އެންގުން

މި ގަވާއިދުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމެއް ކުރި ފަރާތަށް، އެ ފަރާތުން ގަވާއިދާ ހިލާފުވެއްޖެކަން އަންގަންވާނީ، އޮތޯރިޓީން ނުވަތަ އޮތޯރިޓީން ކަނޑައަޅާ ފަރާތުން ފޮނުވާ ލިޔުމަކުންނެވެ.

 

17 ވަނަ މާއްދާ - އޮތޯރިޓީއަށް ރިޕޯޓުކުރުން  

(ހ) މި ގަވާއިދުގެ 16 ވަނަ މާއްދާގެ ދަށުން އޮތޯރިޓީން އެ ފަރާތަކަށް ގަވާއިދާ ހިލާފުވިކަމުގެ ލިޔުން ފޮނުވާތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި، ކަންހިނގައި ދިޔަގޮތް، ލިޔުން ލިބުނު ފަރާތުން، ލިޔުމަކުން އޮތޯރިޓީއަށް ނުވަތަ އޮތޯރިޓީން ކަނޑައަޅާ ފަރާތަށް ހުށަހަޅަންވާނެއެވެ. މި މާއްދާގައި މި ބުނާ 3 (ތިނެއް) ދުވަސް ބަލާނީ، ރަސްމީ ބަންދު ދުވަސްތައް ނުހިމަނައެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އޮތޯރިޓީއަށް ހުށަހަޅަންޖެހޭ ލިޔުން، ދީފައިވާ މުއްދަތުގައި ހުށަނާޅައިފިނަމަ، އޮތޯރިޓީއަށް ޖަވާބުދާރީ ނުވިކަމަށް ބަލައި، މި ގަވާއިދުގެ 18 ވަނަ މާއްދާގެ ދަށުން އެ ފަރާތަކާމެދު ފިޔަވަޅު އެޅުމުގެ އިހުތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ދީފައިވާ މުއްދަތު އިތުރުކުރުމަށް އެދި ހުށަހަޅައިފިނަމަ، މުއްދަތު އިތުރުކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

18 ވަނަ މާއްދާ - އަދަބު ކަނޑައެޅުން

މި ގަވާއިދާ ހިލާފުވާ ފަރާތްތަކަށް އަދަބު ކަނޑައަޅާނީ އަންނަނިވި އުސޫލުންނެވެ.

(ހ) އޮތޯރިޓީއަށް ނުވަތަ މިނިސްޓްރީއަށް، ނުވަތަ މިނިސްޓްރީން ނުވަތަ އޮތޯރިޓީން ކަނޑައަޅައިފައިވާ ފަރާތަކަށް މައުލޫމާތެއް ފޯރުކޮށްދިނުމުގައި، ގަސްތުގައި އޮޅުވައިލައިގެން ދޮގު މައުލޫމާތެއް ފޯރުކޮށްދީފައިވާ ފަރާތެއް 50,000 (ފަންސާސްހާސް) ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ އިހްތިޔާރު، އޮތޯރިޓީއަށް ލިބިގެންވެއެވެ. (އިސްލާހު ކުރެވިފައި)

(ށ) މައުލޫމާތު ހޯދުމަށް މިނިސްޓްރީން ނުވަތަ އޮތޯރިޓީން ނުވަތަ މިނިސްޓްރީ ނުވަތަ އޮތޯރިޓީން ކަނޑައަޅައިފައިވާ ފަރާތަކުން އެދުމުނ،ް އެކަށީގެންވާ ސަބަބެއް ނެތި މައުލޫމާތު ހޯދުމަށް އެދޭ މުއްދަތުގައި އެ މައުލޫމާތެއް ފޯރުކޮށްދީފައި ނުވާނަމެ، އެފަދަ ފަރާތެއް، 5,000 (ފަސްހާސް) ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ އިހްތިޔާރު، އޮތޯރިޓީއަށް ލިބިގެންވެއެވެ. (އިސްލާހު ކުރެވިފައި)

(ނ) ތަންފީޒީ އޮފިސަރަކު މި ގަވާއިދުގެ ދަށުން އަދާކުރަންޖެހޭ ޒިންމާތަކާއި މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްއެޅުމާއި، ހިދުމަތް ދިނުމަށް ދަތިކުރުމާއި، ހިދުމަތުގައި އުޅެނިކޮށް ހިދުމަތްދޭ މުވައްޒަފަކަށް ގަސްތުގައި ނުވަތަ އިހުމާލުން ވިޔަސް ޖިސްމާނީ ގެއްލުމެއް ދިނުމާއި، ގޯނާކުރުމާއި، މިނޫނަސް މަސައްކަތަށް އުނދަގޫކުރުމުގެ ގޮތުން އެއްވެސް ކަމެއް ކޮށްފި ފަރާތެއް، 5,000 (ފަސްހާސް) ރުފިޔާއާއި 25,000 (ފަންސަވީސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ އިހްތިޔާރު، އޮތޯރިޓީއަށް ލިބިގެންވެއެވެ. އަދި އެ ކުރި އަމަލުގައި ޖިނާއީ ކުށެއް އެކުލެވިގެންވާނަމެ، އެކަން ތަހުގީގު ކުރުމަށް ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމުގެ އިހްތިޔާރު، އޮތޯރިޓީއަށް ލިބިގެންވެއެވެ. (އިސްލާހު ކުރެވިފައި)

(ރ) ބިމުން ފެން ނަގައި ފެން ބޭރުކުރުމުގެ މަސައްކަތްކުރާ ފަރާތްތަކުން ހުއްދަ ނެގުމަކާ ނުލައި ނުވަތަ ދިފައިވާ ހުއްދައިގެ މުއްދަތު އިތުރުކުރުމަކާ ނުލައި ބިމުން ފެން ނަގައި ފެން ބޭރުކޮށްފިނަމެ، އެފަދަ ފަރާތެއް އެ މަސައްކަތް ކުރި ކޮންމެ ދުވަހަށް 40,000 (ސާޅީސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިހްތިޔާރު، އޮތޯރިޓީ އަށް ލިބިގެންވެއެވެ. މިގޮތުނ،ް އެންމެ ގިނަވެގެން ޖޫރިމަނާ ކުރެވޭނީ 1,000,000 (އެއް މިލިޔަން) ރުފިޔާއާ ހަމައަށެވެ. (އިތުރު ކުރެވި / އިސްލާހު ކުރެވިފައި)

(ބ) ބިމުން ފެން ނަގައި ފެން ބޭރުކުރުމުގެ މަސައްކަތްކުރާ ފަރާތްތަކުން މި ގަވާއިދާ ހިލާފަށް އެއްވެސް އަމަލެއް ކޮށްފިނަމެ، އެ އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި، އެކަން ކުރި ފަރާތެއް، 5,000 (ފަސްހާސް) ރުފިޔާއާއި 1,000,000 (އެއްމިލިޔަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ އިހްތިޔާރު، އޮތޯރިޓީއަށް ލިބިގެންވެއެވެ. (އިތުރު / އިސްލާހު ކުރެވިފައި)

 

19 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

)ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ގަވާއިދު ނަންބަރު 2013-1679 (ބިމުން ފެން ނަގައި ފެން ބޭރުކުރުމުގެ ގަވާއިދު) އާއި، ގަވާއިދު ނަންބަރު 2014-06 (ބިމުން ފެން ނަގައި ފެން ބޭރުކުރުމުގެ ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު) އާއި، ގަވާއިދު ނަންބަރު 2020-42 (ބިމުން ފެން ނަގައި ފެން ބޭރުކުރުމުގެ ގަވާއިދަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު) އުވުނީއެވެ.

 

20 ވަނަ މާއްދާ - މާނަ ކުރުން   

މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތައް މާނަކުރަންވާނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

(ހ) "ބިމުން ފެން ނަގައި، އެ ފެން ބޭރުކުރުން" ނުވަތަ "ބިމުން ފެން ބޭރުކުރުން" ނުވަތަ "ފެން ބޭރުކުރުން" ކަމަށް ބުނެފައި އެވަނީ، ޕަމްޕެއް ފަދަ ވަސީލަތެއް ބޭނުންކޮށްގެން އިމާރާތްކުރުމުގެ ބޭނުމަށް ނުވަތަ ސިނާއީ އެހެން ބޭނުމެއް ފުއްދުމަށްޓަކައި ބިމުން ފެން ނަގައިގެން، މޫދަށް ނުވަތަ އެހެން ތާކަށް އެ ފެން ބޭރުކުރުމަށެވެ.

(ށ) "އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2020-26 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު) ގެ ދަށުން އުފައްދައިފައިވާ "ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ" އަށެވެ.

(ނ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ފެނާއި ނަރުދަމާގެ ސިޔާސަތުތައް ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާއަށެވެ.

(ރ) "ތަންފީޒީ އޮފިސަރުން" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގައި ކަނޑައަޅައިފައިވާ ކަންކަން ކުރުމަށް އޮތޯރިޓީން، ނުވަތަ އޮތޯރިޓީން ކަނޑައަޅާ ފަރާތުން އައްޔަނުކުރާ ފަރާތްތަކަށެވެ.

(ބ) "ވަޅުދިޔަ ހިއްކުން" ކަމަށް ބުނެފައި އެވަނީ، ފަރުދީ ބޭނުންތަކަށް ބަހައްޓައިފައި ހުންނަ ފެންވަޅު ސާފުކުރުމުގެ ގޮތުން ދިޔަހިއްކުމަށެވެ. މީގެ ތެރޭގައި، ވަޅެއް ބަހައްޓައިގެން ޕަމްޕު މެދުވެރިކޮށް ބިމުން ފެން ނަގައި އެ ފެން ބޭރުކުރުމެއް ނުހިމެނޭނެއެވެ.

(ޅ) "ފެންފަށަލަ" ކަމަށް ބުނެފައި އެވަނީ، ގުދުރަތީގޮތުން ރަށުގެ ބިމުގެ އަޑީގައި އެފެދިފައިވާ މީރު ފެނުގެ ފަށަލައަށެވެ. ބިމުގެ ފެންފަށަލައިގެ ސަރަހައްދުގެ ގޮތުގައި ބަލާނީ، ބިމުގެ އަޑިން ފެން ހިލޭ ހިސާބުން ފެށިގެން، މޫދު ލޮނުގައި ލޮނުގެ މިންވަރު ނުވަތަ އިލެކްޓްރިކަލް ކޮންޑަކްޓިވިޓީ ހުންނަ މިންވަރަށް ވާސިލުވާ ހިސާބަށެވެ.

 

ޖަދުވަލު އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި

 

މައި ގަވާއިދު

އިމާރާތް ކުރުމަށާއި ސިނާއީ އެހެނިހެން މަށްރޫއުތަކަށް ބިމުން ފެން ނަގައި، އެ ފެން ބޭރުކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-20)

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

 

މައި ގާނޫނު

ފެނާއި ނަރުދަމާގެ ގާނޫނު (ގާނޫނު ނަންބަރު 2020-08)

ކިޔުންތެރިންގެ ހިޔާލު