-

އިމާރާތް ކުރުމަށާއި ސިނާއީ އެހެނިހެން މަށްރޫއުތަކަށް ބިމުން ފެން ނަގައި، އެ ފެން ބޭރުކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-20) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2022-138)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 28 އޮގަސްޓް 2022 ގައި)

ގަވާއިދު ނަންބަރު 2021-20 (އިމާރާތް ކުރުމަށާއި ސިނާއީ އެހެނިހެން މަށްރޫއުތަކަށް ބިމުން ފެން ނަގައި، އެ ފެން ބޭރުކުރުމުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހު ގެނައުން

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 9 ވަނަ މާއްދާގެ (ޅ) ގެ ފަހަތަށް (ކ) ގެ ގޮތުގައި އަކުރެއް އިތުރުކުރުން. 

ބިމުން ނަގައި ފެން މޫދަށް ބޭރުކުރުމުގެ ހުއްދަ ދިނުން 9.

(ކ) އެއްވެސް ފަރާތަކުން ހުއްދަ ނެގުމަކާނުލައި ބިމުން ފެން ނަގައި ފެން ބޭރުކުރުމަށްފަހު ހުއްދައަށް އެދި ހުށަހަޅައިފިނަމަ ހުއްދަ ދެވޭނީ، ހުއްދަ ނެގުމަކާނުލައި ބިމުން ފެން ނަގައި ފެން ބޭރުކުރި މުއްދަތަށްވާ ޖޫރިމަނާ އޮތޯރިޓީއަށް ދެއްކުމުންނެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 12 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް (ރ) ގެ ގޮތުގައި އަކުރެއް އިތުރުކުރުން.

ފެން ބޭރުކުރުމުގެ މުއްދަތު އައުކުރުން 12.

(ރ) ދީފައިވާ ހުއްދައިގެ މުއްދަތު ހަމަވުމުން ހުއްދަ އިތުރު ކުރުމަކާނުލައި ބިމުން ފެން ނަގައި ފެން ބޭރުކޮށްފައިވާނަމަ، ހުއްދައިގެ މުއްދަތު އިތުރު ކޮށްދޭންވާނީ ހުއްދައިގެ މުއްދަތު ހަމަވުމަށްފަހު ބިމުން ފެން ނަގައި ފެން ބޭރުކުރި މުއްދަތަށް ޖޫރިމަނާއެއް ވާނަމަ އެ ޖޫރިމަނާ އޮތޯރިޓީއަށް ދެއްކުމުންނެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 18 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް (ރ) އަދި (ބ) ގެ ގޮތުގައި ދެ އަކުރު އިތުރުކުރުން.

އަދަބު ކަނޑައެޅުން 18.

(ރ) ބިމުން ފެން ނަގައި ފެން ބޭރުކުރުމުގެ މަސައްކަތްކުރާ ފަރާތްތަކުން ހުއްދަ ނެގުމަކާ ނުލައި ނުވަތަ ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކުރުމަކާ ނުލައި ބިމުން ފެން ނަގައި ފެން ބޭރުކޮށްފިނަމަ، އެފަދަ ފަރާތެއްގެ އަދަބަކީ އެ މަސައްކަތް ކުރި ކޮންމެ ދުވަހަށް 40،000 (ސާޅީސް ހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމެވެ. މިގޮތުން،އެންމެ ގިނަވެގެން ޖޫރިމަނާ ކުރެވޭނީ 1،000،000 (އެއް މިލިއަން) ރުފިޔާއާ ހަމައަށެވެ.

(ބ) ބިމުން ފެން ނަގައި ފެން ބޭރުކުރުމުގެ މަސައްކަތްކުރާ ފަރާތްތަކުން މި ގަވާއިދާ ހިލާފަށް އެއްވެސް އަމަލެއް ކޮށްފިނަމަ، އެފަދަ ފަރާތެއްގެ އަދަބަކީ އެ އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި އެކަން ކުރި ފަރާތެއް، 5،000 (ފަސް ހާސް) ރުފިޔާއާއި 1،000،000 (އެއް މިލިއަން) ރުފިޔާއާ ދެމެދުގެ އަ ދަދަކުން ޖޫރިމަނާ ކުރުމެވެ.

 

4 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

އިމާރާތް ކުރުމަށާއި ސިނާއީ އެހެނިހެން މަށްރޫއުތަކަށް ބިމުން ފެން ނަގައި، އެ ފެން ބޭރުކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 20/2021)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

އިމާރާތް ކުރުމަށާއި ސިނާއީ އެހެނިހެން މަށްރޫއުތަކަށް ބިމުން ފެން ނަގައި، އެ ފެން ބޭރުކުރުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2021-20)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު