އުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަކިވާ ފަނޑިޔާރުންނާއި، 55 އަހަރު ނުވިނަމަވެސް އަމިއްލައަށް އެދިގެން ސިއްހީ ސަބަބުތަކަށްޓަކައި މުސްކުޅިކުރާ ފަނޑިޔާރުންނަށް އިނާޔަތް ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު
(ކޮންސޮލިޑޭޓެޑް ނަންބަރު 2013-51)
(1ވަނަ، 2ވަނަ، 3ވަނަ، 4ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)
(މި ގަވާއިދު ވަނީ ގަވާއިދު ނަންބަރު 57/2022 އިން އުވާލެވިފައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
މި ގަވާއިދަކީ ގާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) ގެ 25 ވަނަ މާއްދާގެ ދާށުން އުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ފަނޑިޔާރުކަމުން ވަކިވެއްޖެނަމަ އެ ގާނޫނުގެ 26 ވަނަ މާއްދާގެ (ށ) ގެ ދަށުން ދެވޭ އިނާޔަތްތަކާއި އަދި އެ ގާނޫނުގެ 64 ގެ (ނ) ގެ ދަށުން މުސްކުޅިކުރެވޭ ފަރާތަކަށް ޖުޑީށަލް ސަރވިސް ކޮމިށަނުން ކަނޑައަޅާ އިނާޔަތް ބަޔާންކުރާ ގަވާއިދެވެ.
(ށ) މި ގަވާއިދަށް ކިޔަނީ " އުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަކިވާ ފަނޑިޔާރުންނަށާއި، 55 އަހަރު ނުވިނަމަވެސް އަމިއްލައަށް އެދިގެން ސިއްހީ ސަބަބުތަކަށްޓަކައި މަގާމުން މުސްކުޅިކުރާ ފަނޑިޔާރުންނަށް އިނާޔަތް ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" އެވެ.
2 ވަނަ މާއްދާ – މި ގަވާއިދުގެ ދަށުން އިނާޔަތް ހަމަޖެއްސޭނެ ފަރާތްތައް
(ހ) ގާނޫނު ނަންބަރު: 13/2010 (ދވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނުނު) ގެ 25 ވަނަ މާއްދާ ދަށުން 55 އަހަރު ވުމުން އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވުމަށް އެދި ޖުޑީށަލް ސާރވިސް ކޮމިށަނަށް ލިޔުމަކުން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޖުޑީށަލް ސަރވިސް ކޮމިށަނުން ވަކިކުރުމަށް ކަނޑައަޅާ ފަރާތްތައް.
(ށ) ގާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) ގެ 64 ވަނަ މާއްދާގެ (ނ) ގެ ދަށުން މުސްކުޅިކުރެވޭ ފަނޑިޔާރުން.
(ނ) ފަނޑިޔާރުކަމުގެ މަގާމުން މުސްކުޅިކޮށްދިނުމަށް އެދިފައިވާ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ކޮމިށަނުން ހުށަހެޅިފައިވާ ނުވަތަ އެ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ބަލަމުންދާ ފަނޑިޔާރަކަށް ނުވުން. (އިތުރު ކުރެވިފައި)
3 ވަނަ މާއްދާ - މިގަވާއިދުގެ ދަށުން ލިބިދެވޭ އިނާޔަތްތައް
މި ގަވާއިދުގެ 1 ވަނަ ނަންބަރުގެ (ހ) ގައިވާ ގޮތުގެމަތިން ށަރަފްވެރިކަމާއެކު ވަކިވާ ފަނޑިޔާރުންނަށް ތިރީގައިވާ އިނާޔަތްތައް ލިބިދެވޭނެއެވެ.
(ހ) އެއްފަހަރާ ދެވޭ އިނާޔަތްތައް
(ށ) މުޅި އުމުރަށް މަހުން މަހަށް ދެވޭ އިނާޔަތް
(ނ) އެހެނިހެން އިނާޔަތްތައް
(ރ) ސިއްހީ ސަބަބަކާހުރެ ވަކިވާ ފަރާތްތަކަށް ދެވޭ އިނާޔަތްތައް
4 ވަނަ މާއްދާ - ކުރިން އިނާޔަތަކާއެކު ވަކިކޮށްފައިވާ ފަނޑިޔާރުންގެ މުއްދަތު ބަލާނެ ގޮތް (ސުރުހީ އާއި މާއްދާ އިތުރު ކުރެވިފައި)
ގާނޫނަކަށް ގެނެވޭ އިސްލާހެއްގެ ސަބަބުން، ނުވަތަ އަލަށް ތަސްދީގުކުރާ ގާނޫނަކުން، ނުވަތަ އެހެން ސަބަބަކާހުރެ ވެސް، ފަނޑިޔާރަކު ފަނޑިޔާރުކަމުން ވަކިކުރިއިރު ދައުލަތަށް ހިދުމަތްކޮށްފައިވާ މުއްދަތަށް، ނުވަތަ ފަނޑިޔާރުކަމުގައި ހިދުމަތްކޮށްފައިވާ މުއްދަތަށް ބަލައި، އެއްފަހަރާ ދެވޭ އިނާޔަތެއް ދައުލަތުން ދީފައިވާ ފަނޑިޔާރުން، ދެވަނަ ފަހަރަށް ފަނޑިޔާރުކަމަށް އައްޔަނު ކޮށްފައި ވަނިކޮށް މަގާމުން މުސްކުޅިކުރާ ހާލަތުގައި، އެފަދަ ފަނޑިޔާރުންނަށް އިނާޔަތް ދިނުމުގައި އެއްފަހަރާ ދޭ އިނާޔަތާއި މަހުންމަހަށް ދޭ އިނާޔަތް ދިނުމުގައި މުއްދަތު ބަލާނީ ތިރީގައިވާ ގޮތަށެވެ.
(ހ) އެއްފަހަރާ ދޭ އިނާޔަތް ހިސާބުކުރުމުގައި މުއްދަތު ބަލާނީ، އެ ފަނޑިޔާރަކު ފަހުން އައްޔަނު ކުރުމަށްފަހު މަގާމުން މުސްކުޅިކުރުމާ ދެމެދު ހިދުމަތްކުރި މުއްދަތަށެވެ.
(ށ) މުޅި އުމުރަށް މަހުން މަހަށް ދެވޭ އިނާޔަތް ހިސާބުކުރާނީ، ފަނޑިޔާރުކަމުގައި ކުރިން ހިދުމަތްކޮށްފައިވާ މުއްދަތާއި ފަހުން ފަނޑިޔާރުކަމަށް އައްޔަނުކުރި މުއްދަތު ގުޅުވައި، މަގާމުން މުސްކުޅިކުރުމާ ހަމަޔަށް ފަނޑިޔާރުކަމުގައި ހިދުމަތްކުރި މުޅި މުއްދަތަށެވެ.
5 ވަނަ މާއްދާ – އެއްފަހަރާ ދެވޭ އިނާޔަތް
މި ގަވާއިދުގެ 1 ވަނަ ނަންބަރުގެ (ހ) ގައިވާ ގޮތުގެ މަތީން ށަރަފުވެރިކަމާއެކު ވަކިވާ ފަނޑިޔާރުންގެ ތެރެއިން މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަނޑިޔާރުން ފިޔަވައި އެހެން ފަނޑިޔާރުންނަށް އެއްފަހަރާ ދެވޭ އިނާޔަތް ހިސާބުކުރާނީ ތިރީގައިވާ ގޮތަށެވެ. (އިސްލާހު ކުރެވިފައި)
(ހ) މުސްކުޅިކުރެވޭ ފަނޑިޔާރަކު ފަނޑިޔާރުކަމުގައި ހިދުމަތްކޮށްފައި ވަނީ 30 އަހަރަށްވުރެ ކުރު މުއްދަތެއްގައި ކަމަށްވާނަމަ، އެމީހަކު ވަކިވާއިރު، އެ މީހަކަށް މަހަކަށް ލިބޭ މުސާރައިގެ 1/3 (ތިންބައި ކުޅަ އެއްބައި)، އެމީހަކު ފަނޑިޔާރުކަމުގައި ހިދުމަތްކުރި މުއްދަތާ ގުނަކުރުމުން ލިބޭ މިންވަރު އެއްފަހަރާ ލިބިދެވޭނެއެވެ.
(ށ) މުސްކުޅިކުރެވޭ ފަނޑިޔާރަކު ފަނޑިޔާރުކަމުގައި ހިދުމަތް ކޮށްފައިވަނީ 30 އަހަރު ނުވަތަ އެއަށްވުރެ ދިގު މުއްދަތެއްގައި ކަމަށްވާނަމަ، އެ މީހަކު ވަކިވާއިރު، އެމީހަކަށް މަހަކަށް ލިބޭ މުސާރައިގެ ½ (ދެބައި ކުޅަ އެއްބައި)، އެމީހަކު ފަނޑިޔާރުކަމުގައި ހިދުމަތްކުރި މުއްދަތާ ގުނަކުރުމުން ލިބޭ މިންވަރު އެއްފަހަރާ ލިބިދެވޭނެއެވެ.
6 ވަނަ މާއްދާ - މުޅި އުމުރަށް މަހުން މަހަށް ދެވޭ އިނާޔަތް
(ހ) މުޅި އުމުރަށް މަހުން މަހަށް ދެވޭ އިނާޔަތް ހިސާބުކުރާނީ ފަނޑިޔާރުކަމުން މުސްކުޅި ކުރެވޭއިރު ފަނޑިޔާރަށް ލިބެމުންދާ މުސާރައަށާއި ފަނޑިޔާރުކަމުގައި ހިދުމަތްކޮށްފައިވާ މުއްދަތަށް ބިނާކޮށެވެ. މިގޮތަށް ހިސާބުކުރުމުން ޖެހޭ އިނާޔަތް އެމީހަކު މުސްކުޅި ކުރެވޭއިރު، ލިބެމުންއައި މުސާރައަށްވުރެ ބޮޑުނަމަ އެމީހަކަށް ލިބެމުން ދިޔަ މުސާރައިގެ އަދަދެވެ. އަދި ހިސާބު ކުރުމުން ޖެހޭވަރު އެއިރަކު ކަނޑައެޅިފައިވާ އަސާސީ ޕެންށަނަށްވުރެ ކުޑަނަމަ އެމީހަކަށް މަހުން މަހަށް ދެވޭ އިނާޔަތުގެ އަދަދަކީ އެއިރަކު އަސާސީ ޕެންށަނުގެ ގޮތުގައި ކަނޑައެޅިފައިވާ މިންވަރެވެ.
(ށ) މުޅި އުމުރަށް މަހުން މަހަށް ދެވޭ އިނާޔަތް ހިސާބު ކުރުމުގައި، މިހާރު ލިބެމުންދާ ޕެންށަން ދަމަހައްޓަން ބޭނުންނަމަ ހިސާބުކުރާނީ އެންމެފަހުން ޕެންށަން ދެވުނު ތާރީހުން ފެށިގެން ފަނޑިޔާރު މުސްކުޅިކުރެވޭ ތާރީހާ ހަމައަށް ފަނޑިޔާރުކަމުގައި ހިދުމަތްކޮށްފައި އަހަރުގެ އަދަދު އެއީ މުއްދަތެއްކަމުގައި ބަލައިގެން، އެ އަދަދާއި މުސްކުޅި ކުރެވޭއިރު އެ ފަނޑިޔާރަކަށް ލިބެމުންއައި މުސާރައިގެ 1/40 (ސާޅިސް ބައިކުޅަ އެއްބައި) ގުނަ ކުރުމުން ލިބޭ އަދަދު، ލިބެމުންއައި ޕެންށަނާ ނުވަތަ ޕެންށަންތަކާ އެއްކުރުމުން ޖެހޭ ޖުމުލަ އަދަދު އެއީ ކޮންމެ މަހަކު އެމީހަކު ދުނިޔޭގައި ހުރިހާ ދުވަހަކު ދެމުން ގެންދެވޭ އިނާޔަތެއް އިނާޔަތެއްކަމުގައި ހަމަޖައްސާ ގޮތަށެވެ.
(ނ) މުޅި އުމުރަށް މަހުން މަހަށް ދެވޭ އިނާޔަތް ހިސާބުކުރުމުގައި މިހާރު ލިބެމުންދާ ޕެންށަން ދަމަހައްޓަން ފަނޑިޔާރަކު ބޭނުން ނޫންނަމަ، ނުވަތަ އެހިސާބަށް ފަނޑިޔާރަށް ޕެންށަން ލިބިފައިނުވާނަމަ ހިސާބު ކުރާނީ ފަނޑިޔާރު މުސްކުޅި ކުރެވޭ ތާރީހާ ހަމައަށް ފަނޑިޔާރުކަމުގައި ހިދުމަތްކޮށްފައިވާ އަހަރުގެ އަދަދު އެއީ މުއްދަތުކަމުގައި ބަލައިގެން، އެ އަދަދާ މުސްކުޅިކުރެވޭއިރު އެ ފަނޑީޔާރަކަށް ލިބެމުން އައި މުސާރައިގެ 1/40 (ސާޅީސް ބައި ކުޅަ އެއްބައި) ގުނަކުރުމުން ލިބޭ އަދަދު، އެއީ ކޮންމެ މަހަކު، އެމީހަކު ދުނިޔޭގައި ހުރިހާ ދުވަހަކު، ދެމުން ގެންދެވޭ އިނާޔަތެއްކަމުގައި ހަމަޖައްސާ ގޮތަށެވެ.
7 ވަނަ މާއްދާ - އެހެނިހެން އިނާޔަތްތައް
މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ނ) ގެ ދަށުން އަންނަނިވި އިނާޔަތްތައް ލިބިދެވޭނެއެވެ.
(ހ) ލިވިންގް އެލަވަންސް
(ށ) މެޑިކަލް އިންށުއަރެންސް
(ނ) ސެއިއުރިޓީ
(ރ) (އުނި ކުރެވިފައި)
(ރ) ށަރަފުވެރިކަމާއެކު ވަކިވުމުން ދެވޭ ލަގަބު
ލިވިންގް އެލަވަންސް
ލިވިންގް އެލަވަންސްގެ ގޮތުގައި އެ ފަނޑިޔާރަކު ވަކިވާއިރު ހުރި ކޯޓެއްގެ ފަނޑިޔާރަކަށް ލިބޭ ލިވިންގް އެލަވަންސްއާ އެއްވަރުގެ މާލީ އިނާޔަތެއް ލިބިދެވޭނެއެވެ.
މެޑިކަލް އިންށުއަރެންސް
މެޑިކަލް އިންށުއަރެންސްގެ ގޮތުގައި އެ ފަނޑިޔާރަކު ވަކިވައިރު ހުރި ކޯޓެއްގެ ފަނޑިޔާރަކަށް ލިބޭ މެޑިކަލް އިންށުއަރެންސް "ޕެކޭޖް" އާ އެއްވަރުގެ ޕެކޭޖެއް ހަމަޖައްސައި އޭގެ ދަށުން މަގާމުން ވަކިވާ ފަނޑިޔާރަށާއި، އެ ފަނޑިޔާރެއްގެ އަނބިމީހާ ނުވަތަ ފިރިމީހާއަށާއި 18 އަހަރު ނުފުރޭ ދަރިންނަށް ސިއްހީ ފަރުވާ ލިބިދެވޭނެއެވެ.
ސެކިއުރިޓީ
ށަރުއީ ކޯޓެއްގެ ފަނޑިޔާރުކަން ކޮށްފައިވާ މީހަކަށް އެބޭފުޅަކު އަދާކޮށްފައިވާ މަގާމު އެކަށީގެންވާ ރަނގަޅު ފެންވަރުގެ ސަލާމަތީ ގޮތުން ހިމާޔަތާއި ރައްކާތެރިކަން ލިބިދެވޭނެއެވެ.
ޗުއްޓީ ފައިސާ
ފަނޑިޔާރުކަމުގެ ވަޒީފާއިން ވަކިވާއިރު އޭނާއަށް ހައްގުވާ އަހަރީ ޗުއްޓީގެ ބޭނުން ނުހިފައިވާނަމަ، އެދުވަސްތަކަށް އަސާސީ މުސާރަޔަށް ބިނާކޮށް ދޭންޖެހޭ ފައިސާ ލިބިދެވޭނެއެވެ.
ށަރަފުވެރިކަމާއެކު ވަކިވުމުން ދެވޭ ލަގަބު
އެމީހަކީ ސްޕްރީމްކޯޓު ނުވަތަ ހައިކޯޓުގައި މަސައްކަތްކުރި ފަނޑިޔާރެއްނަމަ އެމީހަކަށް މުހާތަބުކުރުމުގައި އެމީހެއްގެ ނަމުގެ ކުރިއަށް "ޖަސްޓިސް (ރިޓަޔަރޑް)" މި ލަގަބު ބޭނުންކުރުން އަދި އެމީހަކީ ދަށު ކޯޓުތަކުގެ ތެރެއިން ސުޕީރިއަރ ކޯޓުގައި މަސައްކަތްކުރި ފަނޑިޔާރެއްނަމަ "ޖަޖް (ރިޓަޔަރޑް)" މި ލަގަބު ބޭނުންކުރުން އަދި އެމީހަކީ މެޖިސްޓްރޭޓް ކޯޓުގައި މަސައްކަތްކުރި ފަނޑިޔާރެއްނަމަ "މެޖިސްޓްރޭޓް (ރިޓަޔަރޑް)" މި ލަގަބު ބޭނުންކުރުން.
8 ވަނަ މާއްދާ - އިނާޔަތް ހަމަޖައްސާނެ ފަރާތް
(ހ) މި ގަވާއިދުގެ ދަށުން ވަކިވާ ފަނޑިޔާރަކަށް ލިބެންވާ ށަރަފުވެރިކަމާއި، އިނާޔަތްތަކާއި ހިމާޔަތްތައް އެމީހަކަށް ދިނުމުގެ ކަންތައްތައް ޖުޑީށަލް ސަރވިސް ކޮމިށަނުން އިންތިޒާމުކޮށް ހަމަޖައްސައިދޭންވާނެއެވެ. އަދި މި މާއްދާގައި ބުނެފައިވާ މާލީ އިނާޔަތްތައް އެ ފަނޑިޔާރަކު މަގާމުން ވަކިވާ ދުވަހުން ފެށިގެން އެމީހަކަށް ލިބިދޭންވާނެއެވެ.
(ށ) މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގައި، މި ގަވާއިދުގެ ދަށުން ލިބިދެވޭ ޢިނާޔަތައް ހަމަޖައްސާ ފަރާތަކީ ޖުޑީށަލް ސަރވިސް ކޮމިށަން ކަމުގައި ވިޔަސް، މެޑިކަލް އިންށުއަރެންސް ހަމަޖެއްސުމާއި އެކަމާ ގުޅުންހުރި އެންމެހައި ކަންކަން އިންތިޒާމްކޮށް ހަމަޖައްސާނީ ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުންނެވެ. (އިތުރު ކުރެވިފައި)
(ނ) މި ގަވާއިދުގެ ދަށުން މުސްކުޅިކުރެވޭ ފަނޑިޔާރުންގެ މައުލޫމާތު ޖުޑީށަލް ސަރވިސް ކޮމިށަނުން ޑިޕާރޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ގަވާއިދުން އަންގަންވާނެއެވެ.
9 ވަނަ މާއްދާ – މި ގަވާއިދުގެ ދަށުން ބަޔާންކުރާ އިނާޔަތްތައް ނުދެވޭނެ ހާލަތު
މި ގަވާއިދުގެ ދަށުން ށަރަފުވެރިކަމާއެކު ވަކިވާ ފަނޑިޔާރަކު ދައުލަތުގެ އެއްވެސް މަގާމެއް ފުރާ މުއްދަތުގައި، މި ގަވާއިދުގެ (5) ވަނަ މާއްދާއާއި (6) ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކުރާ އިނާޔަތްތައް އެމީހަކަށް އެ މުއްދަތުގައި ނުދެވޭނެއެވެ.
10 ވަނަ މާއްދާ – ސިއްހީ ސަބަބަކާހުރެ ވަކިވާ ފަރާތްތަކަށް ދެވޭ އިނާޔަތް
ގާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) ގެ 64 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ވަޒީފާއިން މުސްކުޅިކުރެވޭ ފަރާތްތަކަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ އިނާޔަތްތައް ގަވާއިދުގައި ބަޔާންކޮށްގފައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.
11 ވަނަ މާއްދާ - މާނަކުރުން (ސުރުހީ އާއި މާއްދާ އިތުރު ކުރެވިފައި)
"ފަނޑިޔާރުކަމުގައި ހިދުމަތްކުރި މުއްދަތު" އަދި "ފަނޑިޔާރުކަމުގައި ހިދުމަތްކުރި އަހަރު" ކަމުގައި ބުނެފައިވަނީ، "ފަނޑިޔާރު" ކަމުގައި ހިދުމަތްކޮށްފައިވާ މުއްދަތަށާއި، ގާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) ވުޖޫދަށް އައުމުގެ ކުރިން ފަނޑިޔާރުކަމުގެ ހުވާ ކުރައްވައިގެން "ގާޒީގެ އެހީތެރިޔާ" ނުވަތަ "ފަނޑިޔާރުގެ އެހީތެރިޔާ" ގެ ނަމުގައި ފަނޑިޔާރުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ހިދުމަތްކޮށްފައިވާ މުއްދަތަށެވެ.
11 ވަނަ މާއްދާ – ގަވާއިދަށް އަމަލުކުރުން
މި ގަވާއިދަށް އަމަލުކުރާނީ، މި ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރެވޭ ދުވަހުން ފެށިގެންނެވެ.
މައި ގަވާއިދު
މި ގަވާއިދަށް ގެނެވުނު އިސްލާހު
އުވި ގަވާއިދު
ކިޔުންތެރިންގެ ހިޔާލު