-

ޓޫރިސްޓް ރިސޯޓް، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް ގަވާއިދު)

(ކޮންސޮލިޑޭޓެޑް ނަންބަރު 2010-20)

(1ވަނަ، 2ވަނަ، 3ވަނަ، 4ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ)  މިއީ، ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 7 ވަނަ މާއްދާގެ ދަށުން، ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާބެހޭ އުސޫލުތައް ކަނޑައެޅުމަށްޓަކައި އެގާނޫނުގެ 49 ވަނަ މާއްދާއިން ބާރުލިބިގެން ހަދާފައިވާ ގަވާއިދެކެވެ.

 

2 ވަނަ މާއްދާ 

(ށ) މި ގަވާއިދަށް ކިޔާނީ "ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާބެހޭ ގަވާއިދު" އެވެ.

 

3 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، ގާނޫނު ނަންބަރު 2/1999 ގެ 7 ވަނަ މާއްދާގެ ދަށުން، ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާބެހޭ އުސޫލުތައް ކަނޑައެޅުމެވެ.

 

4 ވަނަ މާއްދާ - ކުލި ކަނޑައެޅުން

(ހ) ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ކުލި ކަނޑައަޅާނީ އެރަށެއް ނުވަތަ ބިމެއްގެ "މީންޓައިޑް ލައިން" ގެ މައްޗަށް ބިނާކޮށް ކަނޑައަޅާ ލޭންޑްއޭރިއާ އަށް ބިނާކޮށެވެ.

(ށ) 1 ޖެނުއަރީ 2011 ވަނަ ދުވަހު މިގަވާއިދަށް އަމަލުކުރަމްފަށާއިރު، ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދީފައިވާ ރަށްރަށާއި ބިންބިމުގެ ލޭންޑް އޭރިޔާ ކަމަށް ކަނޑައަޅާނީ ޓޫރިޒަމާބެހޭ މިނިސްޓްރީއިން އެންޑޯޒް ކޮށޤފައިވާ ސައިޓް ޕްލޭންގައި އެރަށުގެ ނުވަތަ އެބިމުގެ އޭރިއާ ކަމަށް ކަނޑައަޅާފައިވާ އޭރިއާ ނުވަތަ އެރަށުގެ ނުވަތަ އެބިމުގެ އޭރިއާކަމަށް އެމިނިސްޓްރީގެ ރެކޯޑުގައިވާ އޭރިއާއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބުނެފައިވާފަދަ ސައިޓްޕްލޭނެއް ނެތް ރަށެއް ނުވަތަ ބިމެއްގެ ނުވަތަ ޓޫރިޒަމާބެހޭ މިނިސްޓްރީގައި އެރަށުގެ ނުވަތަ އެބިމުގެ ލޭންޑް އޭރިއާ ރެކޯޑްކޮށްފައި ނެތް ރަށެއްގެ ނުވަތަ ބިމެއްގެ ކުލި ކަނޑައެޅުމަށްޓަކައި އެރަށުގެ ނުވަތަ އެބިމުގެ ލޭންޑް އޭރިއާ ކަމުގައި ބަލާނީ އެކަމަށްޓަކައި ކުރެވޭ ސަރވޭއަކުން ކަނޑައަޅާ ލޭންޑް އޭރިއާއެވެ. މި ބުނެވުނު ލޭންޑް އޭރިއާ ކަނޑައެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތަށް އެއްވެސް ހަރަދެއް ކުރަންޖެހޭނަމަ އެހަރަދެއް ކުރަންޖެހޭނީ ރަށް ނުވަތަ ބިން ކުއްޔަށްހިފާފައިވާ ފަރާތުންނެވެ. އަދި މިގަވާއިދަށް އަމަލުކުރަންފަށާ ތާރީހުންފެށިގެން 03 (ތިން) މަސް ދުވަހުގެ ތެރޭގައި މިބުނެވުނު ސަރވޭކޮށް ނިންމައި ކަނޑައެޅޭ ލޭންޑް އޭރިއާ ޓޫރިޒަމާބެހޭ މިނިސްޓްރީގައި ރަޖިސްޓްރީ ކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގެ ދަށުން ކަނޑައެޅިފައިވާ ލޭންޑް އޭރިއާ ރިވިއުކުރަން ބޭނުންވާނަމަ، މި އިސްލާހަށް އަމަލުކުރަން ފަށާތާރީހުން ފެށިގެން 06 (ހައެއް) މަސްދުވަހުގެ ތެރޭގައި، ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ރަށް ނުވަތަ ބިން ސަރވޭކޮށް، ބިމުގެ ބޮޑުމިނަށް ތަފާތެއް އައިސްފައިވާކަން ނުވަތަ ނޫންކަން ޔަގީންކުރުމަށްފަހު، ކަނޑައަޅާ ލޭންޑް އޭރިއާ ޓޫރިޒަމާބެހޭ މިނިސްޓްރީގައި ރަޖިސްޓަރީކުރަންވާނެއެވެ. މި އޭރިއާ ކަނޑައެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތަށް އެއްވެސް ހަރަދެއް ހިނގާނަމަ އެ ހަރަދެއް ކުރާނީ، ރަށް ނުވަތަ ބިން ކުއްޔަށް ހިފި ފަރާތުންނެވެ. ލޭންޑް އޭރިއާ ރިވިއުކުރަން ބޭނުންވާނީ ޓޫރިޒަމާބެހޭ މިނިސްޓްރީން ކަމުގައިވާނަމަ، މި އިސްލާހަށް އަމަލުކުރަންފަށާ ތާރީހުން ފެށިގެން 01 (އެކެއް) މަސްދުވަހުގެ ތެރޭގައި އެ ރަށެއް ނުވަތަ އެ ބިމެއް ކުއްޔަށް ހިފި ފަރާތަށް އެކަން އަންގަންވާނެއެވެ. ޓޫރިޒަމާބެހޭ މިނިސްޓްރީން އަންގައިގެން ލޭންޑް އޭރިއާ ރިވިއުކުރާނަމަވެސް މިކަމަށް ކުރަންޖެހޭ މަސައްކަތަށް އެއްވެސް ހަރަދެއް ހިނގާނަމަ އެހަރެއް ކުރާނީ ރަށް ނުވަތަ ބިން ކުއްޔަށްހިފި ފަރާތުންނެވެ. (އިސްލާހު ކުރެވިފައި)

(ބ) މި މާއްދާގެ (ނ) ގެ ދަށުން ލޭންޑް އޭރިއާ ކަނޑައަޅޭ ރަށްރަށާއި ބިންބިން ކުއްޔަށް ހިފާފައިވާ ފަރާތްތައް މިމާއްދާގެ (ރ) އިން އިސްތިސްނާވާނެއެވެ. (އިސްލާހު ކުރެވިފައި)

(ޅ) މި މާއްދާގެ (ރ) ގެ ދަށުން ލޭންޑް އޭރިއާ ރަޖިސްޓަރީ ކުރުމަށްފަހު ކުލި ދައްކަންވާނީ ރަޖިސްޓަރީކުރެވޭ ތާރީހުން ފެށިގެން، ފަހުން ރަޖިސްޓަރީކުރެވުނު ލޭންޑް އޭރިޔާއަށް ބިނާކޮށެވެ.

(ކ) މި މާއްދާގެ (ނ) އަދި (ރ) ގައި ބަޔާން ކޮށްފައިވާ ލޭންޑް އޭރިއާ ރަޖިސްޓަރީ ކުރެވިފައިވާ ކަމަށްބެލެވޭނީ ޓޫރިޒަމާ ބެހޭ މިނިސްޓްރީއިން އައު ލޭންޑް އޭރިއާ ރަޖިސްޓަރީކުރިކަން ބަޔާންކޮށް ރަށް ނުވަތަ ބިން ކުއްޔަށްހިފާފައިވާ ފަރާތަށް ދޫކުރާ ލިޔުމަކުންނެވެ.

(އ) މި މާއްދާގެ (ރ) ގެ ދަށުން ކަނޑައެޅޭ ލޭންޑް އޭރިއާގެ ސަބަބުން، އެބިމަކުން ސަރުކާރަށް ކުރިން ދައްކާފައިވާ ކުލީގެ އަދަދު އިތުރުވާނަމަ ނުވަތަ މަދުވާނަމަވެސް، ކުރިން ދައްކާފައިވާ ކުއްޔަށް އުނި އިތުރެއް ނުގެނެވޭނެއެވެ.

(ވ) މި ގަވާއިދުގައި ބަޔާން ކުރެވިފައިވާ ގޮތުގެމަތިން ރަށުގެ ނުވަތަ ބިމުގެ ލޭންޑް އޭރިއާ ރަޖިސްޓަރީ ކުރުމަށްފަހު، ގުދުރަތީގޮތުން ރަށް ވޮޑުމާއި ގިރުމުގެ ސަބަބުން ބިމުގެ ބޮޑުމިނަށް އަންނަ ބަދަލަކުން، ރަށުން ނުވަތަ ބިމުން ސަރުކާރަށް ދައްކަންޖެހޭ ކުއްޔަށް ބަދަލެއް ނާންނާނެއެވެ.

(މ) ޓޫރިސްޓް ރިޒޯޓް، ޓޫރިސްޓް ހޮޓާ، އަދި ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށް ދީފައިވާ ރަށްރަށާއި ބިންބިމުން 01 ޖެނުއަރީ 2011 ގެ ކުރިން ދައްކަމުން އައި ކުލި ދެއްކުން، ރަށް ނުވަތަ ބިން ކުއްޔަށްހިފާފައިވާ އެއްވެސް ފަރާތަކަށް ފަސްކޮށްދީފައިވާނަމަ، ކުލިދެއްކުން ފަސްކުރުމަށް ކޮށްފައިވާ އެގްރީމެންޓްގައި ކަނޑައެޅިފައިވާ ގޮތަށް އެކުލި ދައްކަންވާނެއެވެ. (އިސްލާހު ކުރެވިފައި)

(ފ) ޓޫރިސްޓް ރިޒޯޓް، ޓޫރިސްޓް ހޮޓާ، އަދި ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށް ދީފައިވާ ރަށްރަށާއި ބިންބިމުން، އެޑްވާންސްކޮށް އެއްވެސް ކުއްޔެއް ސަރުކާރަށް ދައްކާފައިވާނަމަ، އެޑްވާންސްކޮށް ދައްކާފައިވާ ކުލީގެ ތެރެއިން 31 ޑިސެމްބަރު 2010 ގެ ނިޔަލަށް ބާކީއޮތް އަދަދު، 1 ޖެނުއަރީ 2011 އިން ފެށިގެން 25 (ފަންސަވީސް) އަހަރު ދުވަސް، ނުވަތަ ރަށް ނުވަތަ ބިން ކުއްޔަށް ދީފައިވާ މުއްދަތުގެ ތެރެއިން 1 ޖެނުއަރީ 2011 އިން ފެށިގެން ބާކީއޮތް މުއްދަތު، މި ދެ މުއްދަތުގެ ތެރެއިން ކުރު މުއްދަތުގެ ތެރޭގައި ހިމެނޭ ކުއާޓަރުތަކަށް އެއްވަރަށް ބަހާލައިގެން، އެ ކުއާޓާރަކަށް ދައްކަންޖެހޭ ކުލިން އުނިކުރެވޭނެއެވެ. (އިސްލާހު ކުރެވިފައި)

(ދ) މި މާއްދާގެ (ފ) ގައި އެގޮތަށް ބަޔާންކޮށްފައިވީ ނަމަވެސް، ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށް ދީފައިވާ ރަށްރަށާއި ބިންބިމުން، އެޑްވާންސްކޮށް ދައްކާފައިވާ ކުއްޔާ ގުޅޭގޮތުން ސަރުކާރުން ވަކި އުސޫލެއް ކަނޑައަޅައިފިނަމަ، އެ އުސޫލެއްގެ ދަށުން އެޑްވާންސް ކުއްޔާމެދު އަމަލުކުރުމަށް ރަށް ނުވަތަ ބިން ކުއްޔަށް ހިފާފައިވާ ފަރާތުން އެއްބަސްވާނަމަ، އެ ކުއްޔާމެދު އެއްބަސްވާ ގޮތުގެ މަތިން އަމަލުކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ. (އިސްލާހު ކުރެވިފައި)

(ތ) މި ގަވާއިދުގައި ބަޔާން ކުރެވިފައިވާ ގޮތުގެމަތިން ރަށުގެ ނުވަތަ ބިމުގެ ލޭންޑް އޭރިއާ ރަޖިސްޓަރީކުރުމަށްފަހު، ޓޫރިޒަމާބެހޭ މިނިސްޓްރީގެ ހުއްދަ ނުހޯދައި ރަށުގެ ނުވަތަ ބިމުގެ އޭރިއާ ބޮޑުކޮށްފިނަމަ، ބޮޑުކުރެވުނު އޭރިއާ ބޭނުންކުރުމުގެ ހުއްދަ ލިބިފައިވިޔަސް ނުވަތަ ނުވިޔަސް، އިތުރުވިބަޔަށް، އެރަށަކުން ނުވަތަ އެ ބިމަކުން ދައްކަންޖެހޭ ކުއްޔަށް ބަދަލުގެނެވޭނެއެވެ.

(ލ) ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިން ހިއްކުމުގައި ބިމާ ގުޅުވައިގެން ނުވަތަ ވަކިން ހިއްކި ކަމުގައި ވިޔަސް މި ގަވާއިދުގެ ދަށުން ބެލެވޭނީ އެ ތަނެއްގެ ލޭންޑް އޭރިއާ ބޮޑުކުރުން ކަމުގައެވެ.

(ގ) މިމާއްދާގެ (ނ) އާއި (ރ) ގެ ދަށުން ކަނޑައެޅޭ ލޭންޑް އޭރިއާ ރަޖިސްޓަރީކުރުމަށްފަހު މިމާއްދާގެ (ދ)، (ތ) އަދި (ލ) ގައި ބަޔާންކުރާ ފަދަ ކަމެއް މެދުވެރިވެގެން، ނުވަތަ އެނޫން ކަމަކާގުޅިގެން، ލޭންޑް އޭރިއާ ރިވިއު ކުރަން ބޭނުންވެއްޖެނަމަ، ބިމުގެ އޭރިއާ ކަށަވަރު ކުރާނީ ސަރވޭކޮށްގެންނެވެ. މިފަދައިން ރިވިއު ކުރަން ބޭނުންވަނީ ކުއްޔަށް ހިފިފަރާތުން ކަމުގައިވާނަމަ ސަރވޭ ކުރަން ފެށުމުގެ ކުރިން ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ލިއުމަކުން އެކަން އަންގަންވާނެއެވެ. މިފަދައިން ރިވިއު ކުރަން ބޭނުންވަނީ ޓޫރިޒަމާބެހޭ މިނިސްޓްރީން ކަމުގައިވާނަމަ، ސަރވޭ ކުރުމަށް ކުއްޔަށް ހިފިފަރާތަށް އެކަން އަންގަންވާނެއެވެ. މިފަދައިން ރިވިއު ކުރަން ބޭނުންވަނީ ޓޫރިޒަމާބެހޭ މިނިސްރީން ކަމުގައިވާނަމަ، ސަރވޭ ކުރުމަށް ކުއްޔަށް ހިފިފަރާތަށް އެކަން އަންގާ ދުވަހުން ފެށިގެން 90 ދުވަހުގެ ތެރޭގައި ސަރވޭކޮށް ނިންމައި، ސަރވޭގެ ރިޕޯޓު ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ފޮނުވަންވާނެއެވެ. އަދި މިކަމަށް ހިނގާ އެންމެހައި ހަރަދުތައް ކުރާނީ ކުއްޔަށް ހިފި ފަރާތުންނެވެ. (އިސްލާހު ކުރެވިފައި)

(ޏ) މިމާއްދާގައި ބަޔާންކުރާ ސަރވޭ ކުރުވާނީ ދިވެހިރާއްޖޭގެ ކަމާބެހޭ އޮތޯރިޓީއެއްގެ ހުއްދަ ލިބިފައިވާ ސަރވޭޔަރަކާ ހަވާލުކޮށްގެންނެވެ. (އިސްލާހު ކުރެވިފައި)

 

5 ވަނަ މާއްދާ - ކުލި ދެއްކުން

(ހ) ގާނޫނު ނަންބަރު 2/1999 ގެ ދަށުން ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ކުލި ސަރުކާރަށް ދައްކާނީ މިމާއްދާގައިވާ ގޮތުގެ މަތިންނެވެ.

  1. 200،000.00 (ދެލައްކަ) އަކަމީޓަރަށްވުރެ ބިމުގެ އޭރިޔާ ކުޑަ ބިމަކުން ނަގާ ކުލި 1،000،000.00 (އެއްމިލިއަން) އެމެރިކާ ޑޮލަރަށްވުރެ ބޮޑުވާނަމަ، އެބިމެއްގެ ކުލިކަމުގައި ކަނޑައޅާނީ މީލާޑީ އަހަރަކަށް 1،000،000.00 (އެއްމިލިއަން) އެމެރިކާ ޑޮލަރެވެ. 1،000،000.00 (އެއްމިލިއަން) އެމެރިކާ ޑޮލަރަށްވުރެ އެ ބިމުގެ ކުލި ކުޑަނަމަ، އެ ބިމެއްގެ ކުލި މީލާދީ އަހަރަކަށް ކަނށައަޅާނީ އެ ބިމުގެ ކޮންމެ އަކަމީޓަރަކަށް 8 (އަށެއް) އެމެރިކާ ޑޮލަރުން ހިސާބުކުރުމުން ޖެހޭ އަދަދެވެ.
  2. 200،001 (ދެލައްކަ އެކެއް) އަކަމީޓަރާޢި 400،000 (ހަތަރުލައްކަ) އަމަކީޓަރާއި ހަމައަށް ބިމަކުން ނެގޭ ކުއްޔަކީ މީލާދީ އަހަރަކަށް 1،500،000.00 (އެއްމިލިއަން ފައްސަތޭހާސް) އެމެރިކާ ޑޮލަރެވެ.
  3. 400،001 (ހަތަރުލައްކަ އެކެއް) އަކަމީޓަރަށްވުރެ ބޮޑު ބިމަކުން ނެގޭ ކުލި 2،000،000.00 (ދެމެލިއަން) އެމެރިކާ ޑޮލަރަށްވުރެ ބޮޑުވާނަމަ، އެބިމެއްގެ ކުލިކަމުގައި ބަލާނީ މީލާދީ އަހަރަކަށް 2،000،000.00 (ދެމިލިއަން) އެމެރިކާ ޑޮލަރެވެ.

(ށ) ގާނޫނު ނަންބަރު 2/1999 ގެ 7 ވަނަ މާއްދާއާޢި އެއްގޮތްވާ ގޮތުގެ މަތިން މިގަވާއިދުގެ ދަށުން ދައްކަންޖެހޭ ކުލި ދައްކަން ފަށަންޖެހޭނީ 01 ޖެނުއަރީ 2011 އިން ފެށިގެންނެވެ. 01 ޖެނުއަރީ 2011 އިން ފެށިގެން ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރޮސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ކުލި ނެގުމަށް ކުރިން ބޭނުންކުރަމުން އައި އުސޫލު ބާތިލުވާނެއެވެ.

(ނ) ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާޢި ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށް ދީފައިވާ ބިންބިމުން ސަރުކާރަށް ދައްކާ ކުލި ދައްކަންވާނީ، އެމެރިކާ ޑޮލަރުން ނުވަތަ ސަރުކާރުން ކަނޑައަޅާ ބޭރުގެ އެހެން ފައިސާއަކުންނެވެ.

(ރ) މި ގަވާއިދަށް އަމަލުކުރަން ފެށުމުން ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ކުލި އަހަރު ގުނާނީ ކޮންމެ އަހަރެއްގެވެސް 1 ޖެނުއަރީން 31 ޑިސެމްބަރުގެ ނިޔަލަށެވެ.

(ބ) ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުން ސަރުކާރަށް ކުލި ދައްކަމުން ގެންދާނީ، ކޮންމެ އަހަރަކު ދައްކަންޖެހޭ ކުލި ހަތަރު ބަޔަށް (ކުއާޓާރަށް) ބަހާލައިގެންނެވެ. އަދި ކޮންމެ ކުއާޓަރެއްގެ ކުލި އެކުއާޓަރެއް ފެށޭދުވަހުގެ ކުރިން ސަރުކާރަށް ދައްކަންޖެހޭނެއެވެ. މިގަވާއިދަށް އަމަލުކުރަން ފަރުމުގެގޮތުން 01 ޖެނުއަރީ 2011 ގައި ފެށޭ ކުއާޓަރުގެ ފައިސާ ދެއްކުމަށް 15 ޖެނުއަރީ 2011 ގެ ނިޔަލަށް ކުއްދަތު ދެވޭނެއެވެ.

(ޅ) މި ގަވާއިދަށް އަމަލުކުރަން ފެށުމަށްފަހު، އަލަށް ކުލިދައްކަންޖެހޭ ތަނަކުން، ފުރަތަމަ ދައްކަންޖެހޭ ކުލި ކުއާޓަރެއްގެ މެދުތެރެއިން ދައްކަންޖެހިއްޖެނަމަ، އެފަހަރު ދައްކަންޖެހޭ ކުލީގެ އަދަދު ހިސާބުކުރާނީ ތިރީގައިވާ އުސޫލުގެ މަތިންނެވެ.

އަހަރަކަށް ޖެހޭ ކުލި 365 އިން ގެއްލުމުން އަންނަ އަދަދު، ކުލި ދައްކަންފަށަންޖެހޭ ކުއާޓަރުގެ ބާކީ އޮތް ދުވަސްތަކުގެ އަދަދާ ގުނަކުރުމުން އަންނަ އަދަދު

Annual rent/365 X no. of effective days remaining in the quarter

(ކ) ޓޫރިސްޓް ރިޒޯޓަކުން، ނުވަތަ ޓޫރިސްޓް ހޮޓަލަކުން، ނުވަތަ ޓޫރިސްޓް ގެސްޓްހައުސްއަކުން ސަރުކާރަށް ކުލި ދައްކަންޖެހޭ ތާރީހާ ހަމައަށް ކުލި ނުދައްކައިފިނަމަ، ކުލީގެ ފައިސާ ސަރުކާރަށް ދެއްކުމާ ހަމައަށް ހިނގާ ކޮންމެ ދުވަހަކަށް، ނުދައްކާ އޮތް ކުލީގެ %0.0493 (ސުމެއް ޕޮއިންޓް ސުމެއް ހަތަރެއް ނުވައެއް ތިނެއް އިންސައްތަ) ގެ ޖޫރިމަނާއެއް ދައްކަންޖެހޭނެއެވެ.. (އިސްލާހު1 / އިސްލާހު2 ކުރެވިފައި)

(އ) ޓޫރިސްޓް ރިޒޯޓަކުން، ޓޫރިސްޓް ހޮޓަލަކުން ނުވަތަ ޓޫރިސްޓް ގެސްޓްހައުސްއަކުން ސަރުކާރަށް ކުލި ދައްކަންޖެހޭ ތާރީހަށް ކުލި ނުދައްކައިފިނަމަ، ނުވަތަ ހަމައަށް ކުލި ނުދައްކައިފިނަމަ، ނުދައްކާ އޮތް ކުލި ސަރުކާރަށް ދެއްކުމާއި ހަމައަށް ހިނގާ ކޮންމެ ދުވަހަކަށް، ނުދައްކާ އޮތް ކުލީގެ %0.5 (ސުމެއް ޕޮއިންޑް ފަހެއް އިންސައްތަ) ގެ ޖޫރިމަނާއެއް ދައްކަންޖެހޭނެއެވެ.

(ވ) ޓޫރިސްޓް ރިޒޯޓަކުން ނުވަތަ ޓޫރިސްޓް ހޮޓަލަކުން ނުވަތަ ޓޫރިސްޓް ގެސްޓްހައުސްއަކުން ސަރުކާރަށް ދައްކަންޖެހިފައިވާ ކުލި ނުވަތަ ކުލި ދައްކަންޖެހުނު ތާރީހުގައި ނުދެއްކުމުން ކުރެވިފައިވާ ޖޫރިމަނާ ނުދެއްކުމާ ގުޅިގެން، ރަށް ނުވަތަ ބިން ކުއްޔަށްދިނުމާބެހޭ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ އިތުރަށް، ސަރުކާރަށް ދައްކަންޖެހިފައިވާ ކުލި ނުވަތަ ކުލި ދައްކަންޖެހުނު ތާރީހުގައި ނުދެއްކުމުން ކުރެވިފައިވާ ޖޫރިމަނާ، އެކުއާޓަރުގެ ކުލި ދައްކަންޖެހުނު ތާރީހުން ފެށިގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި ހަމައަށް ދައްކައި ހަލާސް ނުކޮށްފިނަމަ، އެފަދަ ތަނެއް ހިންގަން ދޫކޮށްފައިވާ ހުއްދަ ވަގުތީ ގޮތުން ހިފެހެއްޓުމުގެ އިހްތިޔާރު ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ލިބިގެންވެއެވެ. (އިސްލާހު ކުރެވިފައި)

(މ) މި ގަވާއިދަށް އަމަލުކުރަން ފަށާ ދުވަހާ ހަމައަށް އެއްވެސް ރިޒޯޓަކުން ނުވަތަ ޓޫރިސްޓް  ހޮޓަލަކުން ނުވަތަ ޓޫރިސްޓް ގެސްޓްހައުސްއަކުން ސަރުކާރަށް ދައްކަންޖެހިފައިވާ ކުލި ނުވަތަ ކުލި ދައްކަންޖެހުނު ތާރީހުގައި ނުދެއްކުމުން ކުރެވިފައިވާ ޖޫރިމަނާ ނުދައްކައި ވާނަމަ، ރަށް ނުވަތަ ބިން ކުއްޔަށްދިނުމާބެހޭ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ އިތުރަށް، މި ގަވާއިދަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި ނުވަތަ ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ދަށުން އެއްބަސްވެވޭ މުއްދަތުގެ ތެރޭގައި ސަރުކާރަށް ދައްކަންޖެހިފައިވާ ކުލި ނުވަތަ ކުލި ދައްކަންޖެހުނު ތާރީހުގައި ނުދެއްކުމުން ކުރެވިފައިވާ ޖޫރިމަނާ ހަމައަށް ދައްކައި ހަލާސް ނުކޮށްފިނަމަ އެފަދަ ތަނެއް ހިންގަން ދޫކޮށޤފައިވާ ހުއްދަ ވަގުތީ ގޮތުން ހިފެހެއްޓުމމުގެ އިހްތިޔާރު ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ލިބިގެންވެއެވެ. (އިތުރު ކުރެވިފައި)

(ފ) މި މާއްދާގެ (ވ) އަދި (މ) ގައި ބަޔާންކޮށްފައިވާ ހުއްދަ ވަގުތީގޮތުން ހިފެހެއްޓުމާ ހަމައަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތަކާއި އަޅަންޖެހޭ އެންމެހައި ފިޔަވަޅެއް މޯލްޑިވްސް  އިންލަންޑް ރެވެނިއު އޮތޯރިޓީން އެޅުމަށްފަހު އެކަން ޓޫރިޒަމާބެހޭ މިނިސްޓްރީއަށް އެންގުމުން ހުއްދަ ހިފަހައްޓާނީ  ޓޫރިޒަމާބެހޭ މިނިސްޓްރީންނެވެ. (އިތުރު ކުރެވިފައި)

(ދ) މި މާއްދާގެ (ވ) ނުވަތަ (މ) ގެ ދަށުން ހުއްދައެއް ވަގުތީގޮތުން ހިފަހައްޓައިފިނަމަ އަލުން އެހުއްދައެއް ދޫކުރެވޭނީ، އެފަދަ ތަނަކުން ސަރުކާރަށް ދައްކަންޖެހި ނުދައްކައިވާ ކުއްޔާއި ޖޫރިމަނާ ހަމައަށް ދައްކައި ނިންމުމުންނެވެ. (އިތުރު ކުރެވިފައި)

 

6 ވަނަ މާއްދާ - (މި މާއްދާގެ އަރިމަތީ ސުރުހީ އެއް ނެތް)

މި ގަވާއިދުގެ ދަށުން، ޓޫރިސްޓް ރިޒޯޓާއި ޓޫރިސްޓް ހޮޓާ އަދި ޓޫރިސްޓް ގެސްޓްހައުސްތަކުން ސަރުކާރަށް ދައްކަންޖެހޭ ކުލީގެ އަދަދު ކަނޑައަޅައި، ކުލި ބަލައިގަނެ، ކުއްޔަށް ގެނެވޭ ބަދަލުތަކާއެކު މި ގަވާއިދު ތަންފީޒުކުރުމާއި، ސަރުކާރަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާގެ ފައިސާއާއި، 1 ޖެނުއަރީ 2011 ގެ ކުރިން މިތަންތަނުން ދައްކަމުން އައި ކުލީގެ ތެރެއިން ދައްކަންޖެހި ނުދެއްކައިވާ ކުއްޔާއި ޖޫރިމަނާގެ ފައިސާ ހޯދުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނީ ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ 3 ވަނަ މާއްދާގެ (ށ) ގެ ދަށުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީންނެވެ. (އިސްލާހު ކުރެވިފައި)

 

7 ވަނަ މާއްދާ - މާނަ

މިގަވާއިދުގައި، އެ އިބާރާތެއް ހިމެނިފައިވާ ގޮތުން އެހެން ގޮތަކަށް ކަނޑައެޅިގެން ދޭހަ ނުވާނަމަ:

"ޓޫރިޒަމާބެހޭ ގާނޫނު" ކަމަށް ބުނެފައިއެވަނީ، ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށެވެ.

"ޓޫރިޒަމާބެހޭ މިނިސްޓްރީ" ނުވަތަ "މިނިސްޓްރީ" ކަމަށް ބުނެފައިއެވަނީ، މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރަށެވެ.

"ލޭންޑް އޭރިއާ" ކަމަށް ބުނެފައިއެވަނީ، ރަށެއްނަމަ ހިކިފަސްހިމެނޭ ހިސާބުކަމަށް ޓޫރިޒަމާބެހޭ މިނިސްޓްރީއިން ކަނޑައަޅާފައިވާ "މީންޓައިށް ލައިން" އިން ފެށިގެން އެތެރޭގައިވާ ސަރަހައްދެވެ. އަދި ރަށެއްގެ ބައެއް ނުވަތަ ބިމެއްނަމަ އެ ބިމެއްގެ ކަނޑައަޅާފައިވާ އިމުންފެށިގެން އެތެރޭ ސަރަހައްދެވެ.

"ސައިޓް ޕްލޭން" ކަމަށް ބުނެފައިއެވަނީ، ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑާ އެއްގޮތަށް، އެ މަސްރޫއަކާ ގުޅިގެން ތަރައްގީކުރެވޭ އިމާރާތްތައް އަތުރާލެވިފައިވާގޮތް ދައްކުވައިދޭ ސްކޭލަށް ކުރަހާފައިވާ ޕްލޭނެވެ.

 

8 ވަނަ މާއްދާ 

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މިގަވާޢިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ޓޫރިސްޓް ރިސޯޓް، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 20/2010)

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

4 ވަނަ އިސްލާހު

 

މައި ގާނޫނު

ޓޫރިޒަމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2/1999)

ކިޔުންތެރިންގެ ހިޔާލު