-

ޓޫރިސްޓް ރިޒޯޓާއި ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރ 20/2010) އަށް 1 ވަނަ އިސްލާހު ގެނައުން

(ގަވާއިދު ނަންބަރު 17/2011)

 

ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާބެހޭ ގަވާއިދަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ – ގަވާއިދުގެ 4 ވަނަ މާއްދާގެ (މ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ޓޫރިސްޓް ރިޒޯޓް، ޓޫރިސްޓް ހޮޓާ، އަދި ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށް ދީފައިވާ ރަށްރަށާއި ބިންބިމުން 01 ޖެނުއަރީ 2011 ގެ ކުރިން ދައްކަމުން އައި ކުލި ދެއްކުން، ރަށް ނުވަތަ ބިން ކުއްޔަށްހިފާފައިވާ އެއްވެސް ފަރާތަކަށް ފަސްކޮށްދީފައިވާނަމަ، ކުލިދެއްކުން ފަސްކުރުމަށް ކޮށްފައިވާ އެގްރީމެންޓްގައި ކަނޑައެޅިފައިވާ ގޮތަށް އެކުލި ދައްކަންވާނެއެވެ.

 

2 ވަނަ މާއްދާ – ގަވާއިދުގެ 4 ވަނަ މާއްދާގެ (މ) ގެ ތިރީއަށް (ފ) ގެ ގޮތުގައި ތިރީގައިވާ މާއްދާ އިތުރުކޮށް، މާއްދާތައް ތަރުތީބުކުރުން.

ޓޫރިސްޓް ރިޒޯޓް، ޓޫރިސްޓް ހޮޓާ، އަދި ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށް ދީފައިވާ ރަށްރަށާއި ބިންބިމުން، އެޑްވާންސްކޮށް އެއްވެސް ކުއްޔެއް ސަރުކާރަށް ދައްކާފައިވާނަމަ، އެޑްވާންސްކޮށް ދައްކާފައިވާ ކުލީގެ ތެރެއިން 31 ޑިސެމްބަރު 2010 ގެ ނިޔަލަށް ބާކީއޮތް އަދަދު، 1 ޖެނުއަރީ 2011 އިން ފެށިގެން 25 (ފަންސަވީސް) އަހަރު ދުވަސް، ނުވަތަ ރަށް ނުވަތަ ބިން ކުއްޔަށް ދީފައިވާ މުއްދަތުގެ ތެރެއިން 1 ޖެނުއަރީ 2011 އިން ފެށިގެން ބާކީއޮތް މުއްދަތު، މި ދެ މުއްދަތުގެ ތެރެއިން ކުރު މުއްދަތުގެ ތެރޭގައި ހިމެނޭ ކުއާޓަރުތަކަށް އެއްވަރަށް ބަހާލައިގެން، އެ ކުއާޓާރަކަށް ދައްކަންޖެހޭ ކުލިން އުނިކުރެވޭނެއެވެ.

 

3 ވަނަ މާއްދާ – ގަވާއިދުގެ 5 ވަނަ މާއްދާގެ (ކ) އަންނަނިވި ގޮތަށް އިސްލާހުކުރުން

މި މާއްދާގެ (ޅ) ގައިވާގޮތަށް ހިސާބުކުރުމަށްފަހު ދައްކަންޖެހޭ ކުލި ދައްކަން އަންގާތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ ފައިސާ ސަރުކާރަށް ދައްކަންވާނެއެވެ. މި މުއްދަތުގެ ތެރޭގައި ކުލީގެ ފައިސާ ނުދައްކައިފިނަމަ، މި މާއްދާގެ (އ) ގައިވާ ގޮތުގެމަތިން އަމަލުކުރެވޭނެއެވެ.

 

4 ވަނަ މާއްދާ – ގަވާއިދުގެ 5 ވަނަ މާއްދާގެ (ވ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ޓޫރިސްޓް ރިޒޯޓަކުން ނުވަތަ ޓޫރިސްޓް ހޮޓަލަކުން ނުވަތަ ޓޫރިސްޓް ގެސްޓްހައުސްއަކުން ސަރުކާރަށް ދައްކަންޖެހިފައިވާ ކުލި ނުވަތަ ކުލި ދައްކަންޖެހުނު ތާރީހުގައި ނުދެއްކުމުން ކުރެވިފައިވާ ޖޫރިމަނާ ނުދެއްކުމާ ގުޅިގެން، ރަށް ނުވަތަ ބިން ކުއްޔަށްދިނުމާބެހޭ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ އިތުރަށް، ސަރުކާރަށް ދައްކަންޖެހިފައިވާ ކުލި ނުވަތަ ކުލި ދައްކަންޖެހުނު ތާރީހުގައި ނުދެއްކުމުން ކުރެވިފައިވާ ޖޫރިމަނާ، އެކުއާޓަރުގެ ކުލި ދައްކަންޖެހުނު ތާރީހުން ފެށިގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި ހަމައަށް ދައްކައި ހަލާސް ނުކޮށްފިނަމަ، އެފަދަ ތަނެއް ހިންގަން ދޫކޮށްފައިވާ ހުއްދަ ވަގުތީ ގޮތުން ހިފެހެއްޓުމުގެ އިހްތިޔާރު ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

5 ވަނަ މާއްދާ – ގަވާއިދުގެ 5 ވަނަ މާއްދާގެ (ވ) ގެ ތިރިއަށް (މ) ގެ ގޮތުގައި އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.

މި ގަވާއިދަށް އަމަލުކުރަން ފަށާ ދުވަހާ ހަމައަށް އެއްވެސް ރިޒޯޓަކުން ނުވަތަ ޓޫރިސްޓް  ހޮޓަލަކުން ނުވަތަ ޓޫރިސްޓް ގެސްޓްހައުސްއަކުން ސަރުކާރަށް ދައްކަންޖެހިފައިވާ ކުލި ނުވަތަ ކުލި ދައްކަންޖެހުނު ތާރީހުގައި ނުދެއްކުމުން ކުރެވިފައިވާ ޖޫރިމަނާ ނުދައްކައި ވާނަމަ، ރަށް ނުވަތަ ބިން ކުއްޔަށްދިނުމާބެހޭ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ އިތުރަށް، މި ގަވާއިދަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި ނުވަތަ ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ދަށުން އެއްބަސްވެވޭ މުއްދަތުގެ ތެރޭގައި ސަރުކާރަށް ދައްކަންޖެހިފައިވާ ކުލި ނުވަތަ ކުލި ދައްކަންޖެހުނު ތާރީހުގައި ނުދެއްކުމުން ކުރެވިފައިވާ ޖޫރިމަނާ ހަމައަށް ދައްކައި ހަލާސް ނުކޮށްފިނަމަ އެފަދަ ތަނެއް ހިންގަން ދޫކޮށޤފައިވާ ހުއްދަ ވަގުތީ ގޮތުން ހިފެހެއްޓުމމުގެ އިހްތިޔާރު ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

6 ވަނަ މާއްދާ – ގަވާއިދުގެ 5 ވަނަ މާއްދާގެ (މ) ގެ ތިރިއަށް (ފ) ގެ ގޮތުގައި އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.

މި މާއްދާގެ (ވ) އަދި (މ) ގައި ބަޔާންކޮށްފައިވާ ހުއްދަ ވަގުތީގޮތުން ހިފެހެއްޓުމާ ހަމައަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތަކާއި އަޅަންޖެހޭ އެންމެހައި ފިޔަވަޅެއް މޯލްޑިވްސް  އިންލަންޑް ރެވެނިއު އޮތޯރިޓީން އެޅުމަށްފަހު އެކަން ޓޫރިޒަމާބެހޭ މިނިސްޓްރީއަށް އެންގުމުން ހުއްދަ ހިފަހައްޓާނީ  ޓޫރިޒަމާބެހޭ މިނިސްޓްރީންނެވެ.

 

7 ވަނަ މާއްދާ – ގަވާއިދުގެ 5 ވަނަ މާއްދާގެ (ފ) ގެ ތިރިއަށް (ދ) ގެ ގޮތުގައި އަންނަނިވި ގޮތަށް މާއްދާއެއް އުތުރުކުރުން.

މި މާއްދާގެ (ވ) ނުވަތަ (މ) ގެ ދަށުން ހުއްދައެއް ވަގުތީގޮތުން ހިފަހައްޓައިފިނަމަ އަލުން އެހުއްދައެއް ދޫކުރެވޭނީ، އެފަދަ ތަނަކުން ސަރުކާރަށް ދައްކަންޖެހި ނުދައްކައިވާ ކުއްޔާއި ޖޫރިމަނާ ހަމައަށް ދައްކައި ނިންމުމުންނެވެ.

 

8 ވަނަ މާއްދާ – ގަވާއިދުގެ 6 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހު ކުރުން.

މި ގަވާއިދުގެ ދަށުން، ޓޫރިސްޓް ރިޒޯޓާއި ޓޫރިސްޓް ހޮޓާ އަދި ޓޫރިސްޓް ގެސްޓްހައުސްތަކުން ސަރުކާރަށް ދައްކަންޖެހޭ ކުލީގެ އަދަދު ކަނޑައަޅައި، ކުލި ބަލައިގަނެ، ކުއްޔަށް ގެނެވޭ ބަދަލުތަކާއެކު މި ގަވާއިދު ތަންފީޒުކުރުމާއި، ސަރުކާރަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާގެ ފައިސާއާއި، 1 ޖެނުއަރީ 2011 ގެ ކުރިން މިތަންތަނުން ދައްކަމުން އައި ކުލީގެ ތެރެއިން ދައްކަންޖެހި ނުދެއްކައިވާ ކުއްޔާއި ޖޫރިމަނާގެ ފައިސާ ހޯދުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނީ ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ 3 ވަނަ މާއްދާގެ (ށ) ގެ ދަށުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީންނެވެ.

 

9 ވަނަ މާއްދާ – ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާބެހޭ ގަވާއިދަށް މިގެނެވުނު އިސްލާހުތަކަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުނެ ފެށިގެންނެވެ.

 

މައި ގަވާއިދު

ޓޫރިސްޓް ރިސޯޓް، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރ 20/2010) 

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ޓޫރިސްޓް ރިސޯޓް، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް ގަވާއިދު) (ކޮންސޮލިޑޭޓެޑް ނަންބަރު 2010-20)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު