ޓޫރިސްޓް ރިޒޯޓާއި ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 20/2010) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2/2013)
1 ވަނަ މާއްދާ – ގަވާއިދުގެ 4 ވަނަ މާއްދާގެ (ރ) އަދި (ބ) އަންނަނިވި ގޮތަށް އިސްލާހު ކުރުން.
4. (ރ) މި މާއްދާގެ (ށ) ގެ ދަށުން ކަނޑައެޅިފައިވާ ލޭންޑް އޭރިއާ ރިވިއުކުރަން ބޭނުންވާނަމަ، މި އިސްލާހަށް އަމަލުކުރަން ފަށާތާރީހުން ފެށިގެން 06 (ހައެއް) މަސްދުވަހުގެ ތެރޭގައި، ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ރަށް ނުވަތަ ބިން ސަރވޭކޮށް، ބިމުގެ ބޮޑުމިނަށް ތަފާތެއް އައިސްފައިވާކަން ނުވަތަ ނޫންކަން ޔަގީންކުރުމަށްފަހު، ކަނޑައަޅާ ލޭންޑް އޭރިއާ ޓޫރިޒަމާބެހޭ މިނިސްޓްރީގައި ރަޖިސްޓަރީކުރަންވާނެއެވެ. މި އޭރިއާ ކަނޑައެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތަށް އެއްވެސް ހަރަދެއް ހިނގާނަމަ އެ ހަރަދެއް ކުރާނީ، ރަށް ނުވަތަ ބިން ކުއްޔަށް ހިފި ފަރާތުންނެވެ. ލޭންޑް އޭރިއާ ރިވިއުކުރަން ބޭނުންވާނީ ޓޫރިޒަމާބެހޭ މިނިސްޓްރީން ކަމުގައިވާނަމަ، މި އިސްލާހަށް އަމަލުކުރަންފަށާ ތާރީހުން ފެށިގެން 01 (އެކެއް) މަސްދުވަހުގެ ތެރޭގައި އެ ރަށެއް ނުވަތަ އެ ބިމެއް ކުއްޔަށް ހިފި ފަރާތަށް އެކަން އަންގަންވާނެއެވެ. ޓޫރިޒަމާބެހޭ މިނިސްޓްރީން އަންގައިގެން ލޭންޑް އޭރިއާ ރިވިއުކުރާނަމަވެސް މިކަމަށް ކުރަންޖެހޭ މަސައްކަތަށް އެއްވެސް ހަރަދެއް ހިނގާނަމަ އެހަރެއް ކުރާނީ ރަށް ނުވަތަ ބިން ކުއްޔަށްހިފި ފަރާތުންނެވެ.
(ބ) މި މާއްދާގެ (ނ) ގެ ދަށުން ލޭންޑް އޭރިއާ ކަނޑައަޅޭ ރަށްރަށާއި ބިންބިން ކުއްޔަށް ހިފާފައިވާ ފަރާތްތައް މިމާއްދާގެ (ރ) އިން އިސްތިސްނާވާނެއެވެ.
2 ވަނަ މާއްދާ – ގަވާއިދުގެ 4 ވަނަ މާއްދާގެ (ގ) އަދި (ޏ) ގެ ގޮތުގައި އަންނަނިވި ދެމާއްދާ އިތުރުކުރުން.
4. (ގ) މިމާއްދާގެ (ނ) އާއި (ރ) ގެ ދަށުން ކަނޑައެޅޭ ލޭންޑް އޭރިއާ ރަޖިސްޓަރީކުރުމަށްފަހު މިމާއްދާގެ (ދ)، (ތ) އަދި (ލ) ގައި ބަޔާންކުރާ ފަދަ ކަމެއް މެދުވެރިވެގެން، ނުވަތަ އެނޫން ކަމަކާގުޅިގެން، ލޭންޑް އޭރިއާ ރިވިއު ކުރަން ބޭނުންވެއްޖެނަމަ، ބިމުގެ އޭރިއާ ކަށަވަރު ކުރާނީ ސަރވޭކޮށްގެންނެވެ. މިފަދައިން ރިވިއު ކުރަން ބޭނުންވަނީ ކުއްޔަށް ހިފިފަރާތުން ކަމުގައިވާނަމަ ސަރވޭ ކުރަން ފެށުމުގެ ކުރިން ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ލިއުމަކުން އެކަން އަންގަންވާނެއެވެ. މިފަދައިން ރިވިއު ކުރަން ބޭނުންވަނީ ޓޫރިޒަމާބެހޭ މިނިސްޓްރީން ކަމުގައިވާނަމަ، ސަރވޭ ކުރުމަށް ކުއްޔަށް ހިފިފަރާތަށް އެކަން އަންގަންވާނެއެވެ. މިފަދައިން ރިވިއު ކުރަން ބޭނުންވަނީ ޓޫރިޒަމާބެހޭ މިނިސްރީން ކަމުގައިވާނަމަ، ސަރވޭ ކުރުމަށް ކުއްޔަށް ހިފިފަރާތަށް އެކަން އަންގާ ދުވަހުން ފެށިގެން 90 ދުވަހުގެ ތެރޭގައި ސަރވޭކޮށް ނިންމައި، ސަރވޭގެ ރިޕޯޓު ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ފޮނުވަންވާނެއެވެ. އަދި މިކަމަށް ހިނގާ އެންމެހައި ހަރަދުތައް ކުރާނީ ކުއްޔަށް ހިފި ފަރާތުންނެވެ.
(ޏ) މިމާއްދާގައި ބަޔާންކުރާ ސަރވޭ ކުރުވާނީ ދިވެހިރާއްޖޭގެ ކަމާބެހޭ އޮތޯރިޓީއެއްގެ ހުއްދަ ލިބިފައިވާ ސަރވޭޔަރަކާ ހަވާލުކޮށްގެންނެވެ.
3 ވަނަ މާއްދާ – މި އިސްލާހަށް އަމަލުކުރަން ފަށާނީ، މިގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
މައި ގަވާއިދު
ކިޔުންތެރިންގެ ހިޔާލު