-

އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަން ދިނުމުގެ ގަވާއިދު

(ކޮންސޮލިޑޭޓެޑް ނަންބަރު 2014-22)

(1ވަނަ، 2ވަނަ، 3ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

 

1 ވަނަ މާއްދާ - ތައާރަފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) ގެ 11 ވަނަ މާއްދާގެ ދަށުން އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަން (މީގެ ފަހުން "އަސާސީ ޕެންށަން") ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދެވެ.

(ށ) މި ގަވާއިދު އެކުލަވާލާފައިވަނީ އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަން ދިނުމުގައި އަމަލުކުރާނޭ ގޮތުގެ އުސޫލުތައް ތަފްސީލުކޮށް ބަޔާންކުރުމުގެ ގޮތުންނެވެ.

(ނ) މި ވަގާއިދަށް ކިޔާނީ "އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަން ދިނުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - ގަވާއިދު އެކުލަވާލުމުގެ ބާރު

(ހ) މި ގަވާއިދު އެކުލަވައިލާފައިވަނީ ގާނުނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު)ގެ 3 ވަނަ މާއްދާއާއި އަދި 11 ވަނަ މާއްދާގެ (ވ)ގެ ދަށުން އަސާސީ ޕެންށަން ލިބުމަށް ށަރުތު ހަމަވާ މީހުންނަށް އަސާސީ ޕެންށަން ލިބިދިނުމަށްޓަކައި އަމަލުކުރަންވީ ގޮތުގެ އުސޫލުތައް ކަނޑައެޅުމާއި، އަސާސީ ޕެންށަން ލިބޭ މީހުން ފާހަގަކޮށް އަދި އެފަރާތްތަކަށް އެ ޕެންށަން ލިބިދިނުމުގެ އިންތިޒާމުތައް ޕެންށަން އޮފީހުން ހަމަޖެއްސުމަށް ލިބިދީފައިވާ ބާރުގެ ދަށުންނެވެ.

 

3 ވަނަ މާއްދާ - އިހްތިސާސް

އަސާސީ ޕެންށަން ސްކީމްގެ އެންމެހައި ބައިވެރިންގެ މައްޗަށް މި ގަވާއިދު ހިންގޭނެއެވެ.

 

4 ވަނަ މާއްދާ - އަސާސީ ޕެންށަންގެ މާނަ

 (ހ) ދިވެހިރާއްޖޭގެ ޕެންށަނާއިބެހޭ ގާނޫނުގެ 11 ވަނަ މާއްދާގެ ދަށުން އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަންގެ މިންވަރު ކަނޑައެޅުމަށްޓަކައި އަސާސީ ޕެންށަން" އޭ ބުނެވޭ ބަހުގެ މާނައަކީ، ހިދުމަތުގެ މުއްދަތަށް ބަލައި މަހުން މަހަށް ފޯރުކޮށްދެވޭ އެންމެހައި ޕެންށަންތަކާއި އިނާޔަތްތަކަށެވެ.

(ށ) ޕެންށަންގެ ފައިސާގެ ތެރޭގައި އަންނަނިވި ގޮތްތަކުގެ މަތިން ލިބޭ ފައިސާ ހިމެނޭނެއެވެ.

  1. ދައުލަތުގައި މަސައްކަތް ކުރާތާ 20 ނުވަތަ 40 ނުވަތަ 60 އަހަރުވުމުން ދެވޭ ޕެންށަން.
  2. އުމުރުން 55 އަހަރު އަދި 65 އަހަރު ވުމުން ރިޓަޔަރ ކުރާ މުވައްޒަފުންނަށް ދެވޭ ޕެންށަން.
  3. އުމުރުން 55 އަހަރު އަދި 65 އަހަރު ވުމުގެ ސަބަބުން ވަޒީފާއިން މުސްކުޅި ކުރާ މުވައްޒަފުންނަށް ދެވޭ     އިނާޔަތް.
  4. އަމިއްލަ ފަރާތްތަކުން ތަފާތު ނަންނަމުގައި ޕެންށަންގެ ގޮތުގައިދޭ ފައިސާ.

 

5 ވަނަ މާއްދާ - ޕެންށަނާގުޅޭ މައުލޫމާތު ހާމަކުރުން

 (ހ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގައި ބަޔާން ކޮށްފައިވާ ފަދަ އެއްވެސް ޕެންށަނެއް ނުވަތަ ފައިސާއެއް ލިބޭނަމަ، އެފައިސާގެ އަދަދާއި އެ ފައިސާ ދޭ ތަނުގެ މައުލޫމާތު، އަސާސީ ޕެންށަނަށް އެދޭ ފަރާތުން، އަސާސީ ޕެންށަނަށް އެދޭ ފޯމާއެކު ހުށަހަޅަންވާނެއެވެ.

 

ސައްހަ މައުލޫމާތު ހުށަހެޅުން

(ށ) އަސާސީ ޕެންށަނަށް އެދޭ ފޯމުގައި ބަޔާން ކުރަންވާނީ ފުރިހަމަ އަދި ސައްހަ މައުލޫމާތެވެ. ހުށަހަޅާ މައުލޫމާތު ސައްހަތޯ ބެލުމުގެ އިހުތިޔާރު ޕެންށަން އޮފީހަށް ލިބިގެންވެއެވެ. އަދި ޕެންށަން އޮފީހުން ކަނޑައަޅާ ގޮތެއްގެ މަތީން، މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގައި ބަޔާން ކޮށްފައިވާ އެއްވެސް ޕެންށަނެއްގެ ގޮތުގައި ލިބޭކަމަށް ބަޔާންކޮށްފައިވާ ފައިސާގެ އަދަދު ސައްހަތޯ ބެލުމަށްފަހު، ޕެންށަންގެ ގޮތުގައި ލިބޭ ފައިސާއަށް ބަދަލުއައިސްފާވާނަމަ، ޕެންށަނާބެހޭ ގާނޫނާއި މި ގަވާއިދުގައިވާ ގޮތުގެމަތީން، އަސާސީ ޕެންށަންގެ ގޮތުގައި ދެވޭ ފައިސާއަށް ބަދަލު ގެނެވޭނެއެވެ.

(ނ) ޕެންށަންގެ ގޮތުގައި ލިބޭ ފައިސާގެ އަދަދު ކަށަވަރު ކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުންނާއި ވަޒީފާދޭ ފަރާތްތަކުން އަސާސީ ޕެންށަންގެ ގޮތުގައި ދެވޭ ފައިސާއާގުޅޭ ރިޕޯޓު ޕެންށަން އޮފީހަށް ހުށަހެޅުމަށް އެންގުމުގެ އިހުތިޔާރު ޕެންށަން އޮފީހަށް ލިބިގެންވެއެވެ.

 

6  ވަނަ މާއްދާ - އަސާސީ ޕެންށަން ލިބުމަށް ފުރިހަމަވާންޖެހޭ ށަރުތުތައް

(ހ) ގާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު)ގެ 11 ވަނަ މާއްދާގެ (ބ)ގެ ދަށުން އަސާސީ ޕެންށަން ހައްގުވާ އުމުރަކީ މީލާދީގޮތުން 65 (ފަސްދޮޅަސް ފަހެއް) އަހަރެވެ. ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނާއި މި ގަވާއިދުގައިވާ ގޮތުގެ މަތިން، ކޮންމެ މީހެއްގެ އުމުރުން 65 އަހަރު ހަމަވާ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެމީހަކަށް އަސާސީ ޕެންށަން ހައްގުވާނެއެވެ.

(ށ) އަސާސީ ޕެންށަންގެ ފައިސާ ޖަމާކުރެވޭނީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަސާސީ ޕެންށަނަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފޯމު ހުށަހެޅުމުންނެވެ.

(ނ) އަސާސީ ޕެންށަނަށް އެދި ހުށަހަޅާއިރު އުމުރުން 65 އަހަރު ވެފައި ވީނަމަވެސް، އެމީހަކަށް ރިޓަޔަރމަންޓް ފައިސާގެ ގޮތުގައި އަދި/ ނުވަތަ ލިބޭ ފައިސާގެ ޖުމުލަ އަދަދު، އަސާސީ ޕެންށަންގެ ގޮތުގައި ދެވޭ ފައިސާގެ ދެގުނައަށްވުރެ އިތުރުނަމަ، ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނުގެ 11 ވަނަ މާއްދާގެ (ނ)ގެ ދަށުން އެމީހަކަށް އަސާސީ ޕެންށަން ހައްގެއް ނުވާނެއެވެ.

(ރ) ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނުގެ 11 ވަނަ މާއްދާގެ (ރ)ގެ ދަށުން ދައުލަތުގެ ހަރަދުގައި ފުލްޓައިމްކޮށް ބަލަހައްޓަމުން ގެންދާ ފަރާތަކަށް، ނުވަތަ ކުށެއް ސާބިތުވުމުގެ ސަބަބުން ޖަލުގައި ބަލަހައްޓަމުން ގެންދާ ފަރާތަކަށް، ނުވަތަ ކުށެއް ސާބިތުވުމުގެ ސަބަބުން ޖަލުގައި ބަލަހައްޓަމުން ގެންދާ ފަރާތަކަށް އަސާސީ ޕެންށަން ހައްގެއް ނުވާނެއެވެ.

(ބ) ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނުގެ 26 ވަނަ މާއްދާގައި ވާގޮތުގެ މަތީން އަސާސީ ޕެންށަން ހައްގުވާނީ ދިވެހިރާއްޖޭގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށެވެ.

 

7 ވަނަ މާއްދާ - އަސާސީ ޕެންށަންގެ މިންވަރު

(ހ) އަސާސީ ޕެންށަންގެ ގޮތުގައި ކޮންމެ މަހަކު ދެވޭނީ ޕެންށަނާ ބެހޭ ގާނޫނުގެ ދަށުން ކަނޑައަޅާ މިންވަރެކެވެ. މި ގަވާއިދަށް އަމަލުކުރަންފަށާއިރު ޕެންށަނާބެހޭ ގާނޫނުގައި އަސާސީ ޕެންށަންގެ ގޮތުގައި ކަނޑައަޅާފައިވަނީ މަހަކު 2000 (ދެ ހާސް) ރުފިޔާ އެވެ.

(ށ) ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނުގެ 11 ވަނަ މާއްދާގެ (ޅ) އާއި އެއްގޮތްވާ ގޮތުގެމަތިން މި މާއްދާގެ (ހ) ގައިވާ އަދަދު، ދިރިއުޅުމުގެ ހަރަދުތައް މައްޗަށްދާ މިންވަރަށް ނިސްބަތްކޮށް، ސޯށަލް ސެކިއުރިޓީއާބެހޭ ކަންތައްތައް ބަލަހައްޓާ މިނިސްޓްރީން މަދުވެގެން އަހަރަކު އެއްފަހަރު މުތާލިއާ ކުރަންޖެހޭނެއެވެ. އަދި ދިރިއުޅުމުގެ ހަރަދު ޖުމުލަ 5 އިންސައްތަ އަށްވުރެ މަތިވެއްޖެ ހާލަތެއްގައި އެއިތުރުވާ މިންވަރުގެ ނިސްބަތަށް ބަލައި އަސާސީ ޕެންށަންގެ އަދަދު އިސްލާހު ކުރަންވާނެއެވެ. މިގޮތުން އަސާސީ ޕެންށަން އަލަށް ހައްގުވާ ފަރާތްތަކަށާއި މި ޕެންށަން ލިބެމުންދާ ފަރާތްތަކަށް ޕެންށަން ދެވޭނީ މިގޮތަށް ގެނެވޭ ބަދަލާ އެއްގޮތަށެވެ.

(ނ) ޕެންށަނާބެހޭ ގާނޫނުގެ ދަށުން ލިބޭ ޕެންށަނެއް ނުވަތަ އެހެންވެސް ގޮތަކުން ލިބޭ ޕެންށަނެއްގެ އަދަދަށް އަންނަ ބަދަލަކާ ގުޅިގެން އެ ބަދަލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެ މީހަކަށް ލިބެމުން އައި އަސާސީ ޕެންށަންގެ އަދަދަށް އަންނަ ބަދަލަކާ ގުޅިގެން އެ ބަދަލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެ މީހަކަށް ލިބެމުން އައި އަސާސީ ޕެންށަންގެ އަދަދަށް ބަދަލު ގެނައުމުގެ އިހުތިޔާރު ޕެންށަން އޮފީހަށް ލިބިގެންވެއެވެ.

(ރ) ޕެންށަނާބެހޭ ގާނޫނުގެ ދަށުން ލިބޭ ޕެންށަނެއް އަދި/ ނުވަތަ އެހެންވެސް ޕެންށަނެއްގެ ގޮތުގައި ލިބޭ ފައިސާގެ ޖުމުލަ އަދަދަކީ އަސާސީ ޕެންށަންގެ ދެގުނައަށް ވުރެ ކުޑަ އަދަދެއް ނަމަ އެފަރާތަށް އަސާސީ ޕެންށަން ލިބިދެވޭނީ އެފަދަ ޕެންށަންގެ ގޮތުގައި ލިބޭ ޖުމްލަ އަދަދުގެ 50% (ފަންސާސް އިންސައްތަ) އަސާސީ ފެންށަނުން އުނިކުރުމަށްފަހު ބާކީވާ އަދަދެވެ.) މިސާލަކަށް ޕެންށަންގެ ގޮތުގައި 1000 ރ. (އެއް ހާސް) ރުފިޔާ ލިބޭ ފަރާތަކަށް އެ ފައިސާގެ 50% އަށްވާ 500 ރ. (ފަސް ސަތޭކަ) ރުފިޔާ އުނިކުރުމަށްފަހު އަސާސީ ޕެންށަންގެ ގޮތުގައި ލިބޭނީ 1500 ރ. (ފަނަރަ ސަތޭކަ ރުފިޔާ އެވެ.)

(ބ) އަސާސީ ޕެންށަނަށް އެދި ހުށަހަޅާއިރު، މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ފަދަ އެއްވެސް ފައިސާއެއް ނުވަތަ އެ މާއްދާގައި ބަޔާންކޮށްފައިވާ ޕެންށަނެއް ލިބެމުންދާނަމަ އޭގެ ތަފްސީލު، އަސާސީ ޕެންށަނަށް އެދޭ ފޯމުގައި ބަޔާންކުރަން ވާނެއެވެ.

(ޅ) މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފައިސާ ނުވަތަ އެ މާއްދާގައި ބަޔާންކޮށްފައިވާ ޕެންށަނެއް ފެނެގަތުމަށް ޕެންށަން އޮފީހުންކުރާ މަސައްކަތުގައި، ކަމާބެހޭ މުއައްސަސާތަކުންނާއި ވަޒީފާދޭ އެންމެހައި ފަރާތްތަކުން ޕެންށަން އޮފީހަށް ފުރިހަމަ އެއްބާރުލުން ދޭންވާނެއެވެ.

(ކ) ވަޒީފާދޭ ފަރާތްތަކުން، މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ އެއްވެސް ޕެންށަނެއް ދޫކުރާނަމަ، އެ ފައިސާގެ މައުލޫމާތު، ޕެންށަން އޮފީހަށް ގަވާއިދުން ހުށަހަޅަމުން ގެންދަންވާނެއެވެ.

 

8 ވަނަ މާއްދާ - އަސާސީ ޕެންށަނަށް އެދި ހުށަހެޅުން

(ހ) އަސާސީ ޕެންށަން ލިބިގަތުމަށްޓަކައި ށަރުތު ހަމަވާ ފަރާތްތަކުން އަސާސީ ޕެންށަނަށް އެދި، ޕެންށަން އޮފީހުން އެކަމަށް ތައްޔާރުކޮށްފައިވާ ފޯމު ފުރިހަމަ ކުރުމަށް ފަހު، އެކަމަށް އެދި މޯލްޑިވްސް ޕެންށަން އެޑްމިނިސްޓްރޭށަން އޮފީހަށް ނުވަތަ އެފަރާތުން ކަނޑައަޅާ މެދުވެރިއަކަށް (މިސާލަކަށް ރަށޫ ކައުންސިލްގެ އިދާރާ) ހުށަހަޅަންވާނެއެވެ.

     (ށ) މި ގަވާއިދުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތުގައި ފިޔަވައި، އަސާސީ ޕެންށަނަށް އެދޭ ފޯމު ހުށަހަޅަންވާނީ އަސާސީ ޕެންށަން ހައްގުވާ ފަރާތުންނެވެ.

    (ނ) އަސާސީ ޕެންށަނަށް އެދޭ ފޯމު ހުށަހަޅާއިރު، އެމީހެއްގެ އައިޑެންޓިޓީ ކާޑުގެ އަސްލު ރަށު ކައުންސިލަށް ނުވަތަ ޕެންށަން އޮފީހަށް ދައްކަންވާނެއެވެ.

   (ބ) ރަށު ކައުންސިލުން ނުވަތަ ޕެންށަން އޮފީހުން އަސާސީ ޕެންށަނަށް އެދޭ ފޯމު ބަލައިގަންނަ އިރު ތިރީގައިވާ ކަންކަން ފުރިހަމަވޭތޯ ބަލަންވާނެއެވެ. އަދި ފޯމު ހުށަހެޅުމުން ފޯމު ބަލައިގަންނަންވާނީ އައިޑެންޓިޓީ ކާޑު ނުވަތަ ފާސްފޯޓްގެ އަސްލަށް ބެލުމަށްފަހު، ފޯމުގައިވާ މައުލޫމާތަކީ ސައްހަ އަދި ރަނގަޅު މައުލޫމާތު ކަމަށްވާނަމައެވެ.

  1. އަސާސީ ޕެންށަނަށް އެދޭ ފޯމުގައި ބަޔާންކުރަންޖެހޭ މައުލޫމާތު ރަނގަޅަށް ފުރިހަމަކޮށްފައިވޭތޯ.
  2. އައިޑެންޓިޓީ ކާޑުގައި ނުވަތަ ފާސްފޯޓްގައިވާ އުފަން ތާރީހަށް ރިއާޔަތްކުރާއިރު، އަސާސީ ޕެންށަން ހައްގުވާ އުމުރު ހަމަވޭތޯ.
  3. އަސާސީ ޕެންށަނަށް އެދޭފަރާތުން ހުށަހަޅާ އައިޑެންޓިޓީ ކާޑަކީ ނުވަތަ ފާސްފޯޓަކީ މުއްދަތު ހަމަނުވާ ސައްހަ އައިޑެންޓިޓީ ކާޑެއް ނުވަތަ ފާސްފޯޓެއް ކަމާއި، އަސާސީ ޕެންށަނަށް އެދޭ ފޯމުގައި އައިޑެންޓިޓީ ކާޑު ނަންބަރު ލިޔެފައިވަނީ ރަނގަޅަށްތޯ.
  4. މި ގަވާއިދުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން، ބެންކް އެކައުންޓުގެ ތަފްސީލު ބަޔާން ކޮށްފައިވޭތޯ.

(ޅ) އަސާސީ ޕެންށަނަށް އެދޭ ފޯމުހުށަހެޅިއިރު މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާނަމަ، އެ ފޯމު ބަލައިގަންނަ މުވައްޒަފެއް، އަސާސީ ޕެންށަނަށް އެދޭ ފޯމުގައި ސޮއިކޮށް ތާރީހު ލިޔެ، އެ ފޯމާ ހަވާލުވި އޮފީހެއްގެ ތައްގަނޑު ފޯމުގައި ޖަހަންވާނެއެވެ. މިގޮތުން ސާރވިސް ޑެލިވަރީ ޗެނަލްތަކުން/ ކައުންސިލްތަކުން ބަލައިގަންނަ ޕެންށަނަށް އެދި ހުށަހަޅާ ފޯމުތައް، ކޮންމެ ހަފުތާއަކު އެއްފަހަރު ޕޯސްޓް މެދުވެރިކޮށް ނުވަތަ އެހެންވެސް ވަސީލަތެއް މެދުވެރިކޮށް، ޕެންށަން އޮފީހަށް ފޮނުވަން ވާނެއެވެ. މިގޮތުން ޕެންށަނަށް އެދޭ ފޯމުތައް ފޮނުވާއިރު، ފޮނުވި ފޯމުގެ ޖުމުލަ އަދަދާއި އެ ފޯމުތަކާއި ސާވިސް ޑެލިވަރީ ޗެނަލްތަކުން ހަވާލުވި ތާރީހު އެނގޭނެ ނޯޓެއް ފޮނުވަން ވާނެއެވެ.

(ކ) ސާރވިސް ޕެންށަނަށް އެދޭ ފޯމު ހުށަހެޅިއިރު މި މާއްދާގެ (ބ)ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަނުވާނަމަ، ނުވަތަ ފޯމުގައިވާ މައުލޫމާތު ފުރިހަމަނުވާނަމަ، އެފަދަ ފޯމެއް ބަލައިގަނެގެން ނުވާނެއެވެ.

(އ) ސާރވިސް ޑެލިވަރީ ޗެނަލްތަކުން ނުވަތަ ކައުންސިލްތަކުން ނުވަތަ ޕެންށަން އޮފީހުން ބަލައިގަނެފައިވާ އަސާސީ ޕެންށަނަށް އެދޭ ފޯމެއްގައި މި މާއްދާގައި ބުނެފައިވާ ށަރުތުތައް ފުރިހަމަނުވާނަމަ ނުވަތަ ފޯމުގައި މައުލޫމާތު ފުރިހަމަނުވާކަން ޕެންށަން އޮފީހަށް އެނގުނު ވަގުތުން ފެށީގެން އެ ފޯމެއް ބާތިލުކޮށް، އެކަން އެ ފޯމު ހުށަހެޅި ފަރާތަށް އަންގަންވާނެއެވެ.

(ވ) އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަނަށް އެދޭ ފޯމު ޕެންށަން އޮފީހުންނާއި، ޕެންށަން ވެބްސައިޓުންނާއި ސާރވިސް ޑެލިވަރީ ޗެނަލްތަކުން/ ކައުންސިލްތަކުން ލިބޭނެ ގޮތް ހަމަޖައްސަންވާނެއެވެ. އަދި އަސާސީ ޕެންށަން ސްކީމް ރަނގަޅުގޮތުގައި ހިންގުމަށްޓަކައި މި ފޯމަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ އިހުތިޔާރު ޕެންށަން އޮފީހަށް ލިބިގެންވެއެވެ.

(މ) އުމުރުން 65 އަހަރުވާން 6 (ހައެއް) މަސްދުވަހަށް ވުމުން އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަނަށް އެދޭ ފޯމު ފުރިހަމަކޮށް ޕެންށަން އޮފީހަށް ހުށަހެޅިދާނެއެވެ.

 

9 ވަނަ މާއްދާ - ފޯމު ހުށަހެޅުމަށް އެހެން މީހަކު އައްޔަން ކުރުން

 ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުން ތެރިކަމެއްގެ ސަބަބުން، ނުވަތަ ބަލި ހާލުގެ ސަބަބުން އަސާސީ ޕެންސަނަށް އެދޭ ފޯމު ހުށަހެޅުމަށް، ސީދާ ޕެންށަން ހައްގުވާ މީހާއަށް ހާޒިރުނުވެވޭފަދަ ހާލަތެއްގައި، އަސާސީ ޕެންށަން ހައްގުވާ ފަރާތަށް، އަސާސީ ޕެންށަނަށް އެދޭ ފޯމު ހުށަހެޅުމަށް، އެހެން މީހަކު އައްޔަން ކުރެވިދާނެއެވެ. މިފަދަ ހާލަތްތަކުގައި އަސާސީ ޕެންށަނަށް އެދޭ ފޯމުގައި އެކަމަށް ހާއްސަ ކޮށްފައިވާ ބައި ފުރިހަމަ ކޮށްފައިވޭތޯ، އެ ފޯމު ބަލައިގަންނަ އޮފީހަކުން ކަށަވަރު ކުރަންވާނެއެވެ. އަދި މީގެ އިތުރުން، ފޯމު ހުށަހަޅާ ފަރާތުގެ އައިޑެންޓިޓީ ކާޑުގެ އަސްލު ހުށަހަޅަންވާނެއެވެ. (އައިޑެންޓިޓީ ކާޑުގައިވާ މައުލޫމާތާއި ފޯމުގައިވާ މައުލޫމާތާ އެއްގޮތްތޯ ބެލުމަށްފަހު އައިޑެންޓިޓީ ކާޑު ހަވާލުކުރެވޭނެއެވެ.)

 

10 ވަނަ މާއްދާ - ފޯމުގައި ހިމަނަންޖެހޭ މައުލޫމާތު

(ހ) އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަނަށް އެދޭ ފޯމުގައި ތިރީގައިވާ މައުލޫމާތު ބަޔާންކުރަންވާނެއެވެ.

  1. ފުރިހަމަ ނަން (އައިޑެންޓިޓީ ކާޑުގައި ލިޔެފައި ވާގޮތަށް)
  2. އައިޑެންޓިޓީ ކާޑު ނަންބަރު
  3. އުފަން ތާރީހު
  4. ދާއިމީ އެޑްރެސް
  5. މިހާރު ދިރިއުޅޭ އެޑްރެސް
  6. ބޭންކް އެކައުންޓުގެ ތަފްސީލު
  7. މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ފަދަ އެއްވެސް ޕެންށަނެއް ލިބެމުންދާނަމަ، އޭގެ ތަފްސީލު
  8. ދައުލަތުގެ ހަރަދުގައި ފުލްޓައިމްކޮށް ބަލަހައްޓަމުންދާ ފަރާތެއް ނޫންކަމާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތެއް ނޫންކަމުގެ އިގުރާރު

(ށ) ޕެންށަނަށް އެދި ހުށަހަޅާ ފޯމު ފުރަންވީ ގޮތް، ޕެންށަނަށް އެދި ހުށަހަޅާ ފޯމާއެކު ޕެންށަން އޮފީހުން ފޯރުވައިދޭ މައުލޫމާތު ށީޓުގައި ބަޔާންކުރަން ވާނެއެވެ.

 

11 ވަނަ މާއްދާ - އަސާސީ ޕެންށަނަށް އެދޭ ފަރާތުގެ އިގުރާރު

މި ގަވާއިދުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތުގައި ފިޔަވައި، އަސާސީ ޕެންށަނަށް އެދޭ ފަރާތުން އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަނަށް އެދޭ ފޯމުގައި، ތިރީގައި ބަޔާން ކޮށްފައިވާ ކަންތައްތަކަށް އިގުރާރުވެ، ސޮއި ކުރަންވާނެއެވެ.

  1. އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަނަށް އެދޭ ފޯމުގައި ދީފައިވާ މައުލޫމާތާއި އެ ފޯމާއެކު ހުށަހަޅާ ލިޔުންތަކަކީ، ފުރިހަމަ އަދި ސައްހަ މައުލޫމާތާއި ލިޔުންކަން.
  2. އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަނަށް އެދޭއިރު، ގަސްދުގައި ނުވަތަ ނުބައި ނިޔަތެއްގައި، ދޮގު މައުލޫމާތު ދީފިނަމަ، އެ މީހަކު އެކުރަނީ ގާނޫނީ ގޮތުން ކުށެއްކަން.
  3. އެއްވެސް ސަބަބަކާހުރެ، ޕެންށަންގެ ގޮތުގައި ލިބެންވާ އަދަދަށްވުރެ އިތުރަށް، އެ މީހެއްގެ ނުވަތަ އެބައެއްގެ އެކައުންޓަށް ފައިސާ ޖަމާކުރެވިފައިވާނަމަ، އެ އިތުރުވި އަދަދެއްގެ ފައިސާ އަނބުރާ ހޯދުމުގެ ހައްގު ޕެންށަން އޮފީހަށް ލިބިގެންވާކަމަށް އަދި ޖޮއިންޓް އެކައުންޓަކަށް ފައިސާ ޖަމާކުރާނަމަ، އެ އެކައުންޓުގައި ސޮއިކުރުމުގެ ހުއްދަ ލިބިފައިވާ އެންމެން މިކަމަށް އިގުރާރުވުން.

 

12 ވަނަ މާއްދާ - އަސާސީ ޕެންށަން ހައްގުވާ ފަރާތުގެ ބެލެނިވެރިޔާ ފޯމު ފުރުން

(ހ) އަސާސީ ޕެންށަން ހައްގުވާ މީހެއްގެ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން ނުވަތަ ބަލި ހާލުގެ ސަބަބުން ހުދު އޭނާއަށް އަސާސީ ޕެންށަނަށް އެދޭ ފޯމުގައިވާ މައުލޫމާތު ފުރިހަމަކޮށް ސޮއި ކުރުމަށް ނުކުޅެދޭ ހާލަތުގައި، އަސާސީ ޕެންށަން ހައްގުވާ މީހާގެ ފަރާތުން އަސާސީ ޕެންށަނަށް އެދޭ ފޯމު ފުރިހަމަކޮށް ސޮއި ކުރުމަށްފަހު ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ހާލަތްތަކުގައި، ފޯމު ހުށަހަޅާ ފަރާތުން ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަ ކުރަންވާނެއެވެ.

  1. ފޯމު ހުށަހަޅާ ފަރާތުގެ އައިޑެންޓިޓީ ކާޑު ނަންބަރު.
  2. އަސާސީ ޕެންށަނަށް އެދި ހުށަހަޅާ ފޯމާގުޅިގެން އަސާސީ ޕެންށަންގެ ފައިސާ ލިބޭ ފަރާތަކީ ފޯމު ހުށަހެޅި ފަރާތުގެ   ބެލުމުގެ ދަށުގައިވާ މީހެއްކަމަށް އިގުރާރުވެ ސޮއިކުރުން.
  3. ދެ ހެކިންގެ ނަމާއި އައިޑެންޓިޓީ ކާޑު ނަންބަރު.
  4. އަސާސީ ޕެންށަނަށް އެދޭ ފަރާތުގެ ބަލަދުވެރިޔާ ނުވަތަ ބެލެނިވެރިޔާގެ ގޮތުގައި ބަޔާންކޮށްފައިވާ ފަރާތަކީ، މަތީގައި ބަޔާންކޮށްފައިވާ ދެ ހެކިން ދަންނަ ފަރާތެއްކަމާއި، އޭނާއަކީ އަސާސީ ޕެންށަން ހައްގުވާ ފަރާތުގެ ބަލަދުވެރިޔާ ނުވަތަ ބެލެނިވެރިޔާކަމަށް އިގުރާރުވެ ސޮއިކުރުން.

(ނ) މި މާއްދާގައިވާ ގޮތުގެ މަތިން އަސާސީ ޕެންށަނަށް އެދި ހުށަހަޅާއިރު، ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ އައިޑެންޓިޓީކާޑުގެ އަސްލު ސާރވިސް ޑެލިވަރީ ޗެނަލަށް ނުވަތަ ކައުންސިލަށް ނުވަތަ ޕެންށަން އޮފީހަށް ހުށަހަޅަންވާނެއެވެ. ( އައިޑެންޓިޓީ ކާޑުގައިވާ މައުލޫމާތާއި ފޯމުގައިވާ މައުލޫމާތާ އެއްގޮތްތޯ ބެލުމަށްފަހު އައިޑެންޓިޓީ ކާޑު ހަވާލު ކުރެވޭނެއެވެ.)

  1. އަސާސީ ޕެންށަން ހައްގުވާ ފަރާތުގެ ބަލަދުވެރިޔާ ނުވަތަ ބެލެނިވެރިޔާ.
  2. އަސާސީ ޕެންށަނަށް އެދޭ ފޯމުގައި ސޮއިކޮށްފައިވާ ދެ ހެކިން.

(ރ) އަސާސީ ޕެންށަނަށް އެދޭ ފޯމު ބަލައިގަންނައިރު، ތިރީގައިވާ ކަންކަން ފުރިހަމަވޭތޯ ސާރވިސް ޑެލިވަރީ ޗެނަލުން ނުވަތަ ކައުންސިލުން ނުވަތަ ޕެންށަން އޮފީހުން ކަށަވަރު ކުރަންވާނެއެވެ.

  1. އަސާސީ ޕެންށަނަށް އެދޭ ފޯމުގައި ފުރިހަމަކުރަންޖެހޭ ހުރިހާ ބައެއް ފުރިހަމަ ކޮށްފައިވޭތޯ.
  2. ފޯމާއެކު ހުށަހަޅާ އައިޑެންޓިޓީ ކާޑަކީ މުއްދަތު ހަމަނުވާ ސައްހަ އައިޑެންޓިޓީ ކާޑެއްތޯ.
  3. އައިޑެންޓިޓީ ކާޑު ނަންބަރު އަސާސީ ޕެންށަނަށް އެދޭ ފޯމުގައި ލިޔެފައިވަނީ ރަނގަޅަށްތޯ
  4. އަސާސީ ޕެންށަނަށް އެދޭ ފޯމުގައި ކޮށްފައިވާ ސޮއި، އައިޑެންޓިޓީ ކާޑުގައިވާ ސޮޔާ އެއްގޮތްތޯ ބެލުން.
  5. ފޯމުގައި ދީފައިވާ އިނގިލީގެ ނިށާން ސާފުކޮށް އެނގޭތޯ.

 

13 ވަނަ މާއްދާ - ބޭންކް އެކައުންޓް ހުޅުވުން

(ހ) އަސާސީ ޕެންށަން ދިނުމަށް ހަމަޖެހިފައިވާ ހަމައެކަނި ގޮތަކީ، އަސާސީ ޕެންށަން ލިބެންޖެހޭ މީހާ ނުވަތަ އޭނާގެ ބަލަދުވެރިޔާ، އެކަމަށްޓަކައި ކަނޑައަޅާ، ޕެންށަން ލިބޭ މީހާގެ އަމިއްލަ ނަމުގައި ނުވަތަ އެ މީހަކު ހިމެނޭގޮތުން ހުޅުވާފައި ޖޮއިންޓް އެކައުންޓަށް ކަމަށްވާތީ، އަސާސީ ޕެންސަނަށް އެދޭ ފޯމު ހުށަހަޅާއިރު، އަސާސީ ޕެންށަން ލިބޭމީހާގެ ނަމުގައި ނުވަތަ އެމީހަކު ހިމެނޭގޮތުން ހުޅުވާފައިވާ ޖޮއިންޓް އެކައުންޓެއް އޮންނަންވާނެއެވެ.

(ށ) މަތީގައިވާ ބޭނުމަށް ކަނޑައަޅާ ބޭންކް އެކައުންޓަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ހުއްދައާއެކު ދިވެހިރާއްޖޭގައި ހިނގަމުންދާ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށް ވާންޖެހޭނެއެވެ. އަދި މި އެކައުންޓް ހުޅުވާފައި އޮންނަންވާނީ ދިވެހި ރުފިޔާއިންނެވެ.

(ނ) ބޭންކް އެކައުންޓާބެހޭ ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު އަސާސީ ޕެންށަނަށް އެދޭ ފޯމާއެކު ހުށަހަޅަން ވާނެއެވެ.

  1. ބޭންކުގެ ނަން
  2. އެކައުންޓުގެ ނަން (އެކައުންޓު ހުޅުވާފައިވާ ފަރާތުގެ ނުވަތަ ފަރާތްތަކުގެ ނަން)
  3. އެކައުންޓް ނަންބަރު

 

14 ވަނަ މާއްދާ - އަސާސީ ޕެންށަން ލިބޭނެކަމަށް އެންގުން

(ހ) މިގަވާއިދުގެ ދަށުން އަސާސީ ޕެންށަނަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، އަސާސީ ޕެންށަން ލިބުމަށް ށަރުތު ހަމަވާ މީހުންނަށް، އަސާސީ ޕެންށަން ލިބިދެވޭނެކަން ބަޔާންކޮށް ޕެންށަން ލިބުމަށް ށަރުތު ހަމަވާ މީހުންނަށް، އަސާސީ ޕެންށަން ލިބިދެވޭނެކަން ބަޔާންކޮށް ޕެންށަން އޮފީހުން ފޮނުވާ ލިޔުން، ޕޯސްޓުގެ ޒަރީއާއިން ފޮނުވިދާނެއެވެ.

އަސާސީ ހިދުމަތް ދޭން ފެށުން

(ށ) ގާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންށަނާ ބެހޭ ގާނޫނު) ގެ ދަށުން އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަން ދޭން ފަށާނީ 2010 ން ފެށިގެންނެވެ.

(ނ) ގާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) ގެ ދަށުން އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަންގެ ފައިސާ، މި ގަވާއިދުގައިވާ ގޮތުގެ މަތިން، އެކައުންޓަށް ޖަމާކުރެވޭނީ، މި ގަވާއިދުގައި ވާގޮތުގެ މަތިން އަސާސީ ޕެންށަނަށް އެދި ޕެންށަން އޮފީހަށް އެޕްލިކޭށަން ފޯމު ހުށަހެޅުމުންނެވެ. މިގޮތުން، އަސާސީ ޕެންށަން ހައްގުވާ އުމުރު ހަމަވެފައިވީނަމަވެސް، އަސާސީ ޕެންށަނަށް އެދި ހުށަހަޅާފައިނުވާނަމަ، އަސާސީ ޕެންށަންގެ ފައިސާ ޖަމާކުރެވޭނީ، އަސާސީ ޕެންށަނަށް އެދި ފޯމު ހުށަހެޅި މަހުން ފެށިގެންނެވެ. (އިސްލާހު ކުރެވިފައި)

(ރ) މި ގަވާއިދުގެ 14 ވަނަ މާއްދާގެ (ނ) ގައި އެހެން ބުނެފައިވީ ނަމަވެސް، އާންމު ޞިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރި ތާރީހު ކަމުގައިވާ 12 މާރިޗު 2020 އިން ފެށިގެން އެ ހާލަތު އުވައިލާ ފަހުން 30 (ތިރީސް) ދުވަސް ހަމަވާ ތާރީހުގެ ނިޔަލަށް، އަސާސީ ޕެންށަން ހައްގުވާ އުމުރު ފުރޭ ފަރާތްތަކުގެ ތެރެއިން އަސާސީ ޕެންށަން ލިބުމަށް އެދި ފޯމު ހުށަހެޅިފައި ނުވާ ފަރާތަކުން، އެ ހާލަތު އުވައިލާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އަސާސީ ޕެންށަނަށް އެދި ފޯމު ހުށަހަޅައިފިނަމަ، އެ ފަރާތަކަށް އަސާސީ ޕެންށަން ހައްޤުވާ އުމުރު ފުރުނު މަހުން ފެށިގެން އަސާސީ ޕެންށަނުގެ ފައިސާ ޖަމާކުރެވޭނެއެވެ. 12 މާރިޗު 2020 ގައި އިއުލާނު ކުރި، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވައިލުމުން، މި މާއްދާގެ ދަށުން ށަރުތު ހަމަވާ މުއްދަތުތައް ބަޔާންކޮށް ޕެންށަން އޮފީހުން އާންމުކޮށް އިއުލާނު ކުރަންވާނެއެވެ. (އިތުރު ކުރެވިފައި)

 

15 ވަނަ މާއްދާ - އަސާސީ ޕެންށަން ދޫކުރުމަށް ހަމަޖެހިފައިވާގޮތް

(ހ) އަސާސީ ޕެންށަނަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތަކީ، އަސާސީ ޕެންށަން ލިބުމުގެ ށަރުތު ފުރިހަމަވާ ފަރާތެއްނަމަ، އެޕްލިކޭށަން ފޯމު ހުށަހަޅާ މަހާ ޖެހިގެން އަންނަ މަހެއްގެ ފައިސާ ދޫކުރެވޭ އިރެއްގައި، ކަނޑައެޅިފައިވާ އަދަދަށް އެފަރާތެއްގެ ފޯމުގައި ބަޔާންކޮށްފައިވާ ބޭންކް އެކައުންޓަށް ފައިސާ ޖަމާކުރެވޭނެއެވެ.

(ށ) އަސާސީ ޕެންށަން ދިނުމަށް ހަމަޖެހިފައިވާ ހަމައެކަނި ގޮތަކީ، އަސާސީ ޕެންށަން ލިބެންޖެހޭ މީހާ ނުވަތަ އޭނާގެ ބަލަދުވެރިޔާ، އެކަމަށްޓަކައި ކަނޑައަޅާ، ޕެންށަންލިބޭ މީހާގެ އަމިއްލަ ނަމުގައި ނުވަތަ އެމީހަކު ހިމެނޭގޮތުން ހުޅުވާފައިވާ ޖޮއިންޓް އެކައުންޓަށް ކޮންމެ މަހެއްގެ ފަހު ހަފްތާގެ ތެރޭގައި އަސާސީ ޕެންށަނަށްވާ ފައިސާ ޖަމާކޮށްގެންނެވެ.

(ނ) އަސާސީ ޕެންށަންގެ ގޮތުގައި ލިބިދެވޭ އެއްވެސް ފައިސާއެއް ނަގުދު ފައިސާގެ ގޮތުގައި ހަވާލެއް ނުކުރެވޭނެއެވެ.

(ރ) އަސާސީ ޕެންށަން ހައްގުވާ ފަރާތުގެ ނަމުގައި ބޭންކް އެކައުންޓެއް، ނުވަތަ އެމީހަކު ހިމެނޭގޮތަށް ޖޮއިންޓް އެކައުންޓެއް ހުޅުވެން އެއްގޮތަކަށްވެސް ނެތް ހާއްސަ ހާލަތްތަކުގައި، (މިސާލަކަށް، އަސާސީ ޕެންށަން ހައްގުވާ ފަރާތުގެ އެއްވެސް މިންވަރެއްގެ ކުޅެދުންތެރިކަމެއްނެތް ހާލަތްތަކުގައި) އެކަން ޕެންށަން އޮފީހަށް ލިޔުމުން ހުށަހެޅުމުން އެފަދަ ފަރާތަކަށް ފައިސާ ލިބިދިނުމަށް ހާއްސަ ގޮތްތަކެއް ޕެންށަން އޮފީހަށް ކަނޑައެޅިދާނެއެވެ. މިގޮތުން އެހެން ފަރާތެއްގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓަކަށް ފައިސާ ޖަމާކުރެވޭނީ، ޕެންށަން ހައްގުވާ ފަރާތުން އެ ފައިސާ ލިބުމަށްޓަކައި އެހެން ފަރާތެއް     ގެ އެކައުންޓަށް ބަރޯސާ ކުރަންޖެހޭކަމަށް ސައްހަ ލިޔުމުން ސާބިތުވާ ހާލަތްތަކުގައި އެކަންޏެވެ. މިފަދަ ހާލަތްތަކުގައި، އަސާސީ ޕެންށަނަށް އެދޭފަރާތުން އެ ފައިސާ ބޭނުންކުރާނީ ޕެންށަން ހައްގުވާ ފަރާތުގެ ބޭނުމަށް ނުވަތަ މަންފާއަކަށް، ޕެންށަން އޮފީހަށް ގަބޫލުކުރެވޭ މިންވަރަށް ބަޔާންކުރަން ވާނެއެވެ.

 

އަސާސީ ޕެންށަނަށް އެދިފައިވާ މީހެއް މަރުވުން

(ބ) އަސާސީ ޕެންށަން  ހައްގުވާ މީހެއް، އަސާސީ ޕެންށަނަށް އެދި ފޯމު ހުށަހަޅާފައިވަނިކޮށް، މަރުވެއްޖެނަމަ، އަސާސީ ޕެންށަން ހައްގުވާ މީހާ މަރުވި މަހުގެ ނިޔަލަށް އަސާސީ ޕެންށަންގެ ފައިސާ ލިބޭނެއެވެ. މިގޮތުން އަސާސީ ޕެންށަނަށް އެދި ހުށަހެޅިފޯމުގައިވާ މައުލޫމާތު ފުރިހަމަނުވުމުގެ ސަބަބުން ފައިސާ ޖަމާކުރުމުގެ ކުރިން އެ މީހަކު މަރުވިނަމަވެސް، ށަރީއަތުން ކަނޑައަޅާ ގޮތެއްގެ މަތިން އެ މީހެއްގެ ވާރިސުންނަށް އެ ފައިސާ ހަވާލުކުރެވޭނެއެވެ.

 

16 ވަނަ މާއްދާ - އަސާސީ ޕެންށަން ދިނުން ހުއްޓާލުން

(ހ) ތިރީގައި ބަޔާންކޮށްފައިވާފަދަ ހާލަތެއް މެދުވެރިވުމުން، ތިރީގައި ބަޔާންކޮށްފައިވާ ތާރީހުން ފެށިގެން، އަސާސީ ޕެންށަން ދިނުން ހުއްޓާލެވޭނެއެވެ.

  1. އަސާސީ ޕެންށަން ހައްގުވާ މީހަކު މަރުވުން، އެމީހާ މަރުވި މަސް ނިމުނު ތާރީހުން ފެށިގެން.
  2. ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނުގެ 11 ވަނަ މާއްދާގެ (ރ)ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން، އަސާސީ ޕެންށަން ލިބެމުންދާ މީހަކު، ދައުލަތުގެ ހަރަދުގައި ފުލްޓައިމްކޮށް ބަލަހައްޓަމުން ގެންދާ މީހެއްގެ ގޮތުގައި ހަމަޖެހިއްޖެނަމަ އެ ތާރީހުން ފެށިގެން.
  3. އަސާސީ ޕެންށަން ލިބެމުންދާ މީހަކު، ކުށެއް ސާބިތުވުމުގެ ސަބަބުން ޖަލުގައި ބަލަހައްޓަމުން ގެންދާ މީހަކަށް ބަދަލުވެއްޖެނަމަ އެ ތާރީހުން ފެށިގެން.
  4. ރާއްޖޭން ބޭރުގައި ވަގުތީގޮތުން ދިރިއުޅެމުންދާ މުއްދަތު 6 މަސްދުވަހަށްވުރެ އިތުރުވާ ހާލަތްތަކުގައި. (މީގެ ތެރޭގައި ބޭސް ފަރުވާއަށްޓަކައި ރާއްޖޭން ބޭރުގައި ދިރިއުޅޭ މީހުން ނުހިމެނެއެވެ. އަދި ބޭސް ފަރުވާއަށް ރާއްޖޭން ބޭރުގައި ދިރިއުޅޭނަމަ އެކަން ސައްހަ ލިޔުމުން ޕެންށަން އޮފީހަށް އަންގަން ވާނެއެވެ.)
  5. ދާއިމީކޮށް ރާއްޖޭން ބޭރުގައި ދިރިއުޅޭ މީހެއްކަމުގައިވުން ނުވަތަ ރާއްޖޭން ބޭރުގައި ދިރިއުޅުމަށް ހިޖުރަ ކުރުން.
  6. މަކަރާއި ހީލަތުން ނުވަތަ އޮޅުވާލައިގެން ނުވަތަ މިފަދަ ގޮތަކުން އަސާސީ ޕެންށަނަށް އެދިފައިވުން.

(ށ) ބޭސް ފަރުވާ ހޯދުމަށްޓަކައި ރާއްޖޭން ބޭރުގައި ދިރިއުޅޭ މީހުން، އެ ސަބަބަށްޓަކައި، އަސާސީ ޕެންށަން ދިނުން ހުއްޓާނުލުމަށް އެދޭނަމަ، އެކަން ލިޔުމުން ޕެންށަން އޮފީހަށް ހުށަހަޅަންވާނެއެވެ. މިގޮތުން ހުށަހަޅާ ލިޔުމާއެކު، މެޑިކަލް ޑޮކްޓަރަކު ދީފައިވާ ލިޔުމެއް އޮންނަންވާނެއެވެ. މި ލިޔުމުގައި ބަލީގެ ތަފްސީލާއި ބަލީގެ ފަރުވާއަށް ރާއްޖޭން ބޭރުގައި ހޭދަވާނެކަމަށް ލަފާކުރެވޭ މުއްދަތު ބަޔާންކޮށްފައި އޮންނަން ވާނެއެވެ.

(ނ) ރާއްޖޭން ބޭރުގައި ވަގުތީގޮތުން ދިރިއުޅެމުންދާ މުއްދަތު 6 މަހަށްވުރެ އިތުރުވުމުގެ ސަބަބުން އަސާސީ ޕެންށަން ދިނުން ހުއްޓާލާފައިވާ މީހެއް އަލުން ރާއްޖޭގައި ދިރިއުޅެން ފަށައިފިނަމަ، އަސާސީ ޕެންށަނަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު، އަސާސީ ޕެންށަނަށް އެދި ހުށަހެޅިދާނެއެވެ. މިފަދަ ހާލަތްތަކުގައި އަސާސީ ޕެންށަންގެ ފައިސާ ދެވޭނީ އެމީހަކު އަލުން ރާއްޖޭގައި ދިރިއުޅެން ފެށި ތާރީހުން ފެށިގެންނެވެ.

(ރ) ދައުލަތުގެ ހަރަދުގައި ފުލްޓައިމްކޮށް ބަލަހައްޓަމުންދާ ނުވަތަ ކުށެއް ސާބިތުވުމުގެ ސަބަބުން ޖަލުގައި ބަލަހައްޓާ މީހެއް، ދައުލަތުން އެފަރާތެއް ފުލްޓައިމްކޮށް ބެލެހެއްޓުން ހުއްޓާލުމަށް ނުވަތަ ޖަލަށްލީ މުއްދަތު ހަމަވުމުން، އަސާސީ ޕެންށަނަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު، އަސާސީ ޕެންށަނަށް އެދި ހުށަހެޅިދާނެއެވެ. މިފަދަ ހާލަތްތަކުގައި އަސާސީ ޕެންށަންގެ ފައިސާ ދެވޭނީ ދައުލަތުން އެމީހަކު ފުލްޓައިމްކޮށް ބެލެހެއްޓުން ހުއްޓާލުމުން ނުވަތަ ޖަލަށްލީ މުއްދަތު ހަމަކޮށް މިނިވަންވާ ތާރީހުން ފެށިގެންނެވެ.

 

17 ވަނަ މާއްދާ - ށަކުވާ ހުށަހެޅުން

(ހ) އަސާސީ ޕެންށަނަށް އެދި ފޯމު ހުށަހެޅުމުން، ޕެންށަން އޮފީހުން ނިންމި ގޮތާމެދު ހިތްހަމަ ނުޖެހޭނަމަ، އެ ނިންމުން އަލުން މުރާޖައާ ކުރުމަށް އެދި އެކަމަށް ހާއްސަ ކުރެވިފައިވާ ފޯމު ފުރިހަމަކުރުމަށްފަހު ޕެންށަން އޮފީހަށް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުން ޕެންށަން އޮފީހުގެ ނިންމުން މުރާޖައާ ކުރުމަށް އެދި ހުށަހަޅާނީ، ޕެންށަން އޮފީހުން އެ ހުށަހެޅުމަކާމެދު ގޮތް ނިންމި ތާރީހުން ފެށިގެން 45 ދުވަހުގެ ތެރޭގައެވެ. 45 ދުވަހުގެ ތެރޭގައި ނިންމި ގޮތް އަލުން މުރާޖައާ ކުރުމަށް ހުށަނާޅައިފިނަމަ ބެލެވޭނީ ޕެންށަން އޮފީހުގެ ނިންމުން ގަބޫލުކުރީ ކަމުގައެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުން ޕެންށަން އޮފީހުގެ ނިންމުން މުރާޖައާ ކުރުމަށް އެދި ހުށަހެޅުމުން އެ ނިންމުމަކާގުޅޭ އެންމެހައި މައުލޫމާތަށް ރިއާޔަތްކޮށް (މީގެ ތެރޭގައި މުރާޖައާ ކުރުމަށް އެދޭ ފަރާތުން ފަހުން ހުށަހަޅާ ކަމާބެހޭ މައުލޫމާތުވެސް ހިމެނޭ) އެ ނިންމުމެއް އަލުން މުރާޖައާކޮށް ގޮތެއް ނިންމަންވާނީ، ޕެންށަން އޮފީހުގެ ފަރާތުން ކުރިން އެކަމުގައި ގޮތް ނިންމި މުވައްޒަފުން ނޫން އެހެން މުވައްޒަފުންނެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުން ޕެންށަން އޮފީހުން އަލުން ނިންމާ ނިންމުން ލިޔުމުން އެކަން ހުށަހެޅިފަރާތަށް އަންގަން ވާނެއެވެ.

(ބ) ޕެންށަން އޮފީހުގެ ނިންމުމެއް އަލުން މުރާޖައާ ކުރުމަށް ޕެންށަން އޮފީހުގެ ބޯޑަށް ހުށަހަޅާތާ ގިނަވެގެން 90 ދުވަހުގެ ތެރޭގައި، އެކަމަކާ ގުޅޭގޮތުން ގޮތެއް ނިންމަން ވާނެއެވެ. މި ގޮތުން އެ ހުށަހެޅުމެއް މުރާޖައާ ކުރުމަށްފަހު ތިރީގައި ބަޔާން ކޮށްފައިވާ ގޮތްތަކުންކުރެ ގޮތެއް ނިންމުމުގެ ބާރު ޕެންށަން އޮފީހުގެ ބޯޑަށް ލިބިގެން ވެއެވެ.

  1. ޕެންށަން އޮފީހުން ނިންމި ގޮތަށް ތާއީދުކޮށް ނިންމުން.
  2. ޕެންށަން އޮފީހުން ނިންމި ގޮތް އިސްލާހުކުރުމަށް ނިންމުން.
  3. ޕެންށަން އޮފީހުން ނިންމި ގޮތް ބަދަލު ކުރުމަށް ނިންމުން.

(ކ) ޕެންށަން އޮފީހުގެ ބޯޑުން ނިންމިގޮތާމެދު ހިތްހަމަނުޖެހޭނަމަ އެކަމެއް ދިވެހިރާއްޖޭގެ ކަމާބެހޭ ކޯޓަށް ހުށަހެޅުމުގެ އިހުތިޔާރު އަސާސީ ޕެންށަނަށް އެދި ހުށަހަޅާ ފަރާތަށް ލިބިގެންވެއެވެ.

 

18 ވަނަ މާއްދާ - އަސާސީ ޕެންށަންގެ ގޮތުގައި ދެވޭ ފައިސާގެ އަދަދު ބަދަލުކުރުން

(ހ) އަސާސީ ޕެންށަނަށް އެއްވެސް ބަދަލެއް ގެންނަނަމަ އެކަން އާންމުކޮށް އިއުލާން ކުރަންވާނެއެވެ. ވަކި ފަރުދެއްގެ އަސާސީ ޕެންށަނަށް ބަދަލެއް އަންނަނަމަ އެކަން އެފަރާތަކަށް އަންގަންވާނެއެވެ. މިގޮތުން އަންގާ އެންގުމެއްގައި އަސާސީ ޕެންށަންގެ ގޮތުގައި ދެވޭ ފައިސާގެ އަދަދަށް ބަދަލު ގެންނަން ޕެންށަން އޮފީހުން ކަނޑައަޅާކަން ނުވަތަ އަސާސީ ޕެންށަން ދިނުން ހުއްޓާލުމަށް ޕެންށަން އޮފީހުން ކަނޑައަޅާކަން ބަޔާންކުރަން ވާނެއެވެ.

(ށ) ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި، އަސާސީ ޕެންށަންގެ ގޮތުގައި ދެވޭ ފައިސާގެ އަދަދަށް ބަދަލު ގެނައުމުގެ ނުވަތަ ހުއްޓާލުމުގެ އިހުތިޔާރު ޕެންށަން އޮފީހަށް ލިބިގެންވެއެވެ. މިގޮތުން އަސާސީ ޕެންށަންގެ ގޮތުގައި ދެވޭ ފައިސާގެ އަދަދަށް ބަދަލު ގެންނަކަން ނުވަތަ ހުއްޓާލާކަން އެންގުމަށްޓަކައި ކުރެވޭ އިއުލާނުގައި ނުވަތަ ވަކި ފަރުދަކަށް އަންގާއިރު އެގޮތަށް ނިންމި ސަބަބު ބަޔާންކުރަން ވާނެއެވެ.

  1. ޕެންށަނާބެހޭ ގާނޫނުގެ 11 ވަނަ މާއްދާގެ (ކ) ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން، އަސާސީ ޕެންށަންގެ ގޮތުގައި ދެވޭ ފައިސާގެ އަދަދު، ދިރިއުޅުމުގެ ހަރަދުތައް މައްޗަށްދާ މިންވަރަށް ނިސްބަތްކޮށް ސޯށަލް ސެކިއުރިޓީއާބެހޭ ކަންތައްތައް ބަލަހައްޓާ މިނިސްޓްރީން މުތާލިއާ ކުރުން.
  2. އެހެނިހެން ޕެންށަންގެ ގޮތުގައި ލިބޭ ފައިސާގެ އަދަދަށް ބަދަލުއައުން.
  3. އަސާސީ ޕެންށަންގެ ގޮތުގައި ދެވޭ ފައިސާ، އޮޅުމަކުން ނުވަތަ އިތުރަށް ނުވަތަ މަދުން ދެވުން.
  4. ޕެންށަނާބެހޭ ގާނޫނާއި މި ގަވާއިދުގެ ދަށުން އަސާސީ ޕެންށަން ދިނުން ހުއްޓާލުމަށް ޖެހޭ ފަދަ ހާލަތެއް މެދުވެރިވުން.

 

19 ވަނަ މާއްދާ - މައުލޫމާތު ބަދަލުވުމުން އެކަން އެންގުން.

(ހ) އަސާސީ ޕެންށަނަށް އެދި ހުށަހެޅި ފޯމުގައި ބަޔާން ކޮށްފައިވާ އެއްވެސް މައުލޫމާތަކަށް ބަދަލު އަތުވެއްޖެނަމަ، އެކަން ލަސްނުކޮށް، ލިޔުމުން ޕެންށަން އޮފީހަށް އެންގުމަކީ، އަސާސީ ޕެންށަން ހައްގުވާ ފަރާތުގެ (އަދި އެ ފަރާތުގެ ށަރުއީ ނުވަތަ ގާނޫނީ ބަލަދުވެރިޔާގެ) މަސްއޫލިއްޔަތެކެވެ. މިގޮތުން މައުލޫމާތު ބަދަލުވިކަން އަންގާނީ ސީދާ އެމީހަކު ހާޒިރުވެ ނުވަތަ ޕޯސްޓް މެދުވެރިކޮށް ކައުންސިލަށް ނުވަތަ ސާރވިސް ޑެލިވަރީ ޗެނަލަށް ނުވަތަ ޕެންށަން އޮފީހަށެވެ.

(ށ) އަސާސީ ޕެންށަން ލިބެމުންދާ މީހެއްގެ ނަން، ނުވަތަ ދާއިމީ އެޑްރެސް ބަދަލު ވެއްޖެނަމަ ނުވަތަ ޕެންށަން އޮފީހަށް ދީފައިވާ ބޭންކް އެކައުންޓް ބަންދު ކޮށްފިނަމަ، އެކަން ލަސްނުކޮށް ޕެންށަން އޮފީހަށް ލިޔުމުން އަންގަންވާނެއެވެ. ޕެންށަން ލިބޭ ފަރާތުގެ ބޭންކް އެކައުންޓް ބަންދުކުރުމުން، ނުވަތަ ބޭންކް އެކައުންޓް ބަންދުކުރަން ބޭނުންވެއްޖެނަމަ، ބޭންކް އެކައުންޓް ބަދަލުކުރާ ފޯމު ފުރިހަމަކުރެއްވުމަށް ފަހު  ޕެންށަން އޮފީހަށް ހުށަހެޅުމުން، އެފަރާތުގެ ބޭންކް އެކައުންޓް ޕެންށަން އޮފީހުން ބަދަލުކޮށްދޭންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޕެންށަން ލިބޭ ފަރާތެއް އަމަލު ކޮށްފައި ނުވުމުގެ ސަބަބުން އެފަރާތަށް ލިބޭ އެއްވެސް ގެއްލުމަކަށް ޕެންށަން އޮފީހުން ޒިންމާވާކަށް ނުޖެހޭނެއެވެ.

 

20 ވަނަ މާއްދާ - އޮޅިގެން ނުވަތަ އިތުރަށްދެވޭ ފައިސާ އަނބުރާ ދެއްކުން

(ހ) އެއްވެސް ސަބަބަކާހުރެ، އޮޅުމަކުން ނުވަތަ އިތުރަށް އަސާސީ ޕެންށަންގެ ފައިސާ އެއްވެސް މީހެއްގެ ބޭންކް އެކައުންޓަށް ޖަމާކުރެވިފައިވާނަމަ، އޮޅުމަކުން ނުވަތަ އިތުރަށް ޖަމާކުރެވިފައިވާ ފައިސާ އެއްކޮށް އަނބުރާ ޕެންށަން އޮފީހަށް ދައްކަން ވާނެއެވެ.

(ށ) އޮޅުމަކުން ނުވަތަ އިތުރަށް އަސާސީ ޕެންށަންގެ ފައިސާ އެއްވެސް މީހެއްގެ ބޭންކް އެކައުންޓަށް ޖަމާކުރެވިފައިވާކަން، އެމީހަކަށް އެނގިއްޖެނަމަ، އެކަން ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި 7 ދުވަހުގެ ތެރޭގައި ޕެންށަން އޮފީހަށް އަންގަން ވާނެއެވެ.

(ނ) އޮޅުމަކުން ނުވަތަ އިތުރަށް އަސާސީ ޕެންށަންގެ ފައިސާ އެއްވެސް މީހެއްގެ ބޭންކް އެކައުންޓަށް ޖަމާކުރެވިފައިވާކަން، ޕެންށަން އޮފީހަށް އެނގިއްޖެނަމަ، އެ އެކައުންޓް ހުޅުވާފައިވާ ފަރާތަށް އެކަން ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި 7 ދުވަހުގެ ތެރޭގައި ޕެންށަން އޮފީހުން އަންގަންވާނެއެވެ. މިގޮތުން އަންގާ ލިޔުމުގައި އިތުރަށް ނުވަތަ އޮޅުމަކުން ޖަމާކުރެވިފައިވާ ފައިސާގެ އަދަދާއި، ޖަމާކުރެވިފައިވާ ތާރީހާއި އަދި މި ފައިސާ އަނބުރާ ހޯދުމަށް ޕެންށަން އޮފީހުން އަޅާނެ ފިޔަވަޅެއް ބަޔާން ކުރަންވާނެއެވެ.

(ރ) އޮޅުމަކުން ނުވަތަ އިތުރަށް އަސާސީ ޕެންށަންގެ ފައިސާ ޖަމާކުރެވިފައިވާކަން އެއްވެސް މީހަކު ޕެންށަން އޮފީހަށް އަންގާ ތާރީހުން ފެށިގެން އެ ފައިސާ އަނބުރާ ހޯދުމަށް އަޅަންޖެހޭ ފިޔަވަޅުތައް ޕެންށަން އޮފީހުން އަޅަންވާނެއެވެ. އަދި އޮޅުމަކުން ނުވަތަ އިތުރަށް އަސާސީ ޕެންށަންގެ ފައިސާ އެއްވެސް މީހެއްގެ ބޭންކް އެކައުންޓަށް ޖަމާކުރެވިފައިވާކަން، ޕެންށަން އޮފީހުން އެ މީހަކަށް އަންގާ ތާރީހުން ފެށިގެން، އެ ފައިސާ އަނބުރާ ހޯދުމަށް އަޅަންޖެހޭ ފިޔަވަޅުތައް ޕެންށަން އޮފީހުން އަޅަންވާނެއެވެ.

(ބ) އޮޅުމަކުން ނުވަތަ އިތުރަށް އަސާސީ ޕެންށަންގެ ފައިސާ ޖަމާކުރެވިފައިވާނަމަ، ތިރީގައި ބަޔާންކޮށްފައިވާ ގޮތްތަކުންކުރެ ގޮތަކަށް އަމަލު ކުރުމުގެ އިހުތިޔާރު ޕެންށަން އޮފީހަށް ލިބިގެންވެއެވެ.

  1. އިތުރަށް ދެވިފައިވާ އަދަދު އެއްކޮށް އަދާކޮށް ނިމެންދެން ކުރިޔަށް އޮތް މަސްތަކުގައި އަސާސީ ޕެންށަންގެ ގޮތުގައި ލިބެންވާ ފައިސާ އެއްކޮށް ނުވަތަ އެއިން ބައެއް އުނިކުރުން.
  2. އަސާސީ ޕެންށަންގެ ފައިސާ ޖަމާކުރެވިފައިވާ ބޭންކް އެކައުންޓުން، އިތުރަށް ޖަމާކުރެވިފައިވާ ފައިސާ އެއްކޮށް ނުވަތަ އެއިން ބައެއް ހޯދުން.

(ޅ) އޮޅުމަކުން ނުވަތަ އިތުރަށް އަސާސީ ޕެންށަންގެ ފައިސާ ޖަމާކުރެވިފައިވާ ފަރާތަކީ އަސާސީ ޕެންށަންގެ ފައިސާ ދިނުން ހުއްޓާލާފައި ފަރާތެއްކަމަށްވާނަމަ، އެ ފައިސާ އަނބުރާ ހޯދުމަށް ގާނޫނީ ގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމުގެ ބާރާއި އިހުތިޔާރު ޕެންށަން އޮފީހަށް ލިބިގެންވެއެވެ.

(ކ) އޮޅުމަކުން ނުވަތަ އިތުރަށް އަސާސީ ޕެންށަންގެ ފައިސާ ޖަމާކުރެވިފައިވާކަން ޕެންށަން އޮފީހުން އެފަރާތަކަށް އެންގުމުން، އޮޅުމަކުން ނުވަތ އިތުރަށް ޖަމާކުރެވިފައިވާ ފައިސާގެ އަދަދާމެދު ނުވަތަ އަނބުރާ ހޯދުމަށް ޕެންށަން އޮފީހުން އަޅަން ނިންމާފައިވާ ފިޔަވަޅާމެދު އެ ފަރާތުން ހިތްހަމަނުޖެހޭނަމަ، އެ ނިންމުމެއް އަލުން މުރާޖައާ ކުރުމަށް އެދި މި ގަވާއިދުގެ 17 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޕެންށަން އޮފީހުގައި އެދެވިދާނެއެވެ.

(އ) އަސާސީ ޕެންށަން ހައްގުވާ ފަރާތުގެ މާލީ ހާލަތަށް ރިއާޔަތްކޮށް، އޮޅުމަކުން ނުވަތަ އިތުރަށް ދެވިފައިވާ ފައިސާ އަނބުރާ ހޯދުން ފަސްކުރުމުގެ ނުވަތަ އެ ފައިސާ ޕެންށަން އޮފީހުން ކަނޑައަޅާ އުސޫލަކުން ބަހާލައިގެން ދެއްކުމަށް އެންގުމުގެ ބާރު ޕެންށަން އޮފީހަށް ލިބިގެންވެއެވެ.

 

21 ވަނަ މާއްދާ -  މަދުން ފައިސާ ދެވުން

(ހ) މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، އަސާސީ ޕެންށަންގެ ގޮތުގައި ހައްގުވާ އަދަދަށްވުރެ މަދުން، އެއްވެސް ސަބަބަކާހުރެ، އަސާސީ ޕެންށަންގެ ފައިސާ ޖަމާކުރެވިފައިވާނަމަ، އެ މަދުވި އަދަދެއްގެ ފައިސާ އަނބުރާ ހޯދުމަށް އެދި ލަސްނުކޮށް ޕެންށަން އޮފީހަށް ހުށަހަޅަން ވާނެއެވެ. މިގޮތުން ފައިސާ ޖަމާކުރެވޭނީ، އެފައިސާ ހޯދުމަށް އެދި ޕެންށަން އޮފީހަށް ހުށަހަޅާ ތާރީހުން ފެށިގެން ފާއިތުވެފައިވާ 12 މަސްދުވަހުގެ މުއްދަތަށެވެ.

(ށ) އަސާސީ ޕެންށަންގެ ގޮތުގައި ހައްގުވާ އަދަދަށްވުރެ މަދުން ފައިސާ ޖަމާކުރެވިފައިވާކަން އެނގިއްޖެނަމަ، ނުވަތަ ގަބޫލުކުރެވޭނަމަ، އެކަން އަލުން މުރާޖައާކުރުމަށް އެދި ޕެންށަން އޮފީހަށް ހުށަހެޅުމުގެ ހައްގު އެފަރާތަށް ލިބިގެންވެއެވެ.

(ނ) އަސާސީ ޕެންށަންގެ ގޮތުގައި ހައްގުވާ އަދަދަށްވުރެ މަދުން ފައިސާ ޖަމާކުރެވިފައިވާކަން ޕެންށަން އޮފީހަށް އެނގިއްޖެނަމަ، އެކަން ލަސްނުކޮށް އެފަރާތަކަށް އަންގަން ވާނެއެވެ. މިގޮތުން ފޮނުވާ ލިޔުމުގައި، މަދުވާ އަދަދާއި، ފައިސާ ޖަމާކުރެވިފައިވާ ތާރީހާއި، އެ ފައިސާ އަނބުރާ ދެއްކުމަށް ކަނޑައަޅާގޮތް ބަޔާންކޮށްފައި އޮންނަންވާނެއެވެ.

(ރ) އަސާސީ ޕެންށަންގެ ގޮތުގައި ހައްގުވާ އަދަދަށްވުރެ މަދުން ފައިސާ ޖަމާކުރެވިފައިވާ ފަރާތަކީ އަސާސީ ޕެންށަންގެ ފައިސާ ލިބެމުންދާ ފަރާތެއްކަމަށްވަނަމަ، އެފައިސާ އެއްފަހަރާ އެ ފަރާތެއްގެ ބޭންކް އެކައުންޓަށް ޕެންށަން އޮފީހުން ޖަމާކޮށްދޭންވާނެއެވެ.

(ބ) އަސާސީ ޕެންށަންގެ ގޮތުގައި ހައްގުވާ އަދަދަށްވުރެ މަދުން ފައިސާ ޖަމާކުރެވިފައިވާ ފަރާތަކީ އަސާސީ ޕެންށަންގެ ފައިސާ ދިނުން ހުއްޓާލާފައިވާ ފަރާތެއް ކަމުގައިވާނަމަ، އެ ފަރާތާ މަށްވަރާކޮށް ފައިސާ ޖަމާކުރާނޭގޮތް ލަސްނުކޮށް ކަނޑައަޅަންވާނެއެވެ. މިގޮތުން ދެވޭ ފައިސާވެސް ޖަމާކުރަންވާނީ، ހަމައެކަނި އަސާސީ ޕެންށަން ހައްގުވާ ފަރާތުގެ ނަމުގައި، ހުޅުވާފައިވާ ބޭންކް އެކައުންޓަކަށް ނުވަތަ އެފަރާތުގެ ނަން ހިމެނޭގޮތަށް ހުޅުވާފައިވާ ޖޮއިންޓް އެކައުންޓަކަށެވެ.

(ޅ) މި މާއްދާގެ (ހ)، (ރ) އަދި (ބ) ގައި އެހެން އޮތްނަމަވެސް، ތިރީގައިވާ ހާލަތްތަކުގައި، މަދުން ދެވިފައިވާ ފައިސާ ދޭކަށް ނުޖެހޭނެއެވެ.

  1. މަދުން ފައިސާ ޖަމާކޮށްފައިވަނީ ޕެންށަން އޮފީހުން ކަންކުރިގޮތުގެ ސަބަބުން ނުވަތަ އިހުމާލުން ކަމަށްނުވެފައި، މަދުން ފައިސާ ޖަމާކޮށްފައިވާތާ 1 (އެކެއް) އަހަރު ނުވަތަ އެއަށްވުރެ ދިގުމުއްދަތެއް ހޭދަވެފައިވުން.
  2. މަދުން ފައިސާ ޖަމާކުރެވިފައިވަނީ، ޕެންށަން ހައްގުވާ ފަރާތުން ނުވަތަ އޭނާ ތަމްސީލު ކުރާ މީހާ ކުރި މަކަރުވެރި ނުވަތަ ހީލަތްތެރި އަމަލެއްގެ ސަބަބުން ކަމުގައިވުން.

(ކ) އަސާސީ ޕެންށަންގެ ގޮތުގައި ޖަމާކުރެވިފައިވާ ފައިސާއިން މަދުވާ އަދަދު އަނބުރާ ހޯދުމުގެ ހައްގާއި، އަސާސީ ޕެންށަން އެދޭ ފޯމު ހުށަހަޅާފައި ނުވުމުގެ ސަބަބުން ނުދެވިފައިވާ ފައިސާ އަނބުރާ ހޯދުމުގެ ހައްގު، އަސާސީ ޕެންށަން ހައްގުވާ މީހާ މަރުވާ ތާރީހުން ފެށިގެން ނިމުމަކަށް އަންނާނެއެވެ.

(އ) މި މާއްދާގެ (ކ) ގައި އެހެން އޮތް ނަމަވެސް، އެމީހަކު މަރުވުމުގެ ކުރިން، މަދުވާ ފައިސާ އަނބުރާ ހޯދުމަށް ޕެންށަން އޮފީހަށް ހުށަހެޅި ފަހުން، ނަމަވެސް ފައިސާ ޖަމާކުރުމުގެ ކުރިން، އަސާސީ ޕެންށަން ހައްގުވާ މީހާ މަރުވެއްޖެނަމަ، އެފަރާތުގެ ވާރިސުންނަށް ނުވަތަ ވާރިސުން ތަމްސީލު ކުރާ ފަރާތަށް، ށަރީއަތުން ކަނޑައަޅާ ގޮތެއްގެ މަތިން، އެފައިސާ އެއްފަހަރާ ހަވާލު ކުރަންވާނެއެވެ. މިފަދަ ހާލަތްތަކުގައި، ފައިސާ ހޯދުމަށް ޕެންށަން އޮފީހަށް ލިޔުމުން އެދުމާއި، އެ އެދޭ ފަރާތަކީ ޕެންށަން ހައްގުވާ ފަރާތުގެ ވާރިސުންކަން ނުވަތަ ވާރިސުން ތަމްސީލު ކުރާ ފަރާތްކަން އެނގޭނެ ސާބިތު ލިޔުން ހުށަހަޅަންވާނެއެވެ.

 

22 ވަނަ މާއްދާ - ވަޒީފާ ދޭފަރާތުގެ މައުލޫމާތު ހުށަހެޅުން

އަސާސީ ޕެންށަންގެ ގޮތުގައި ދެވޭ ފައިސާގެ އަދަދު ކަނޑައެޅުމަށްޓަކައި، ދައުލަތް ފިޔަވައި، ވަޒީފާދޭ ފަރާތަކުން، އެތަނުގައި ކުރިން ވަޒީފާ އަދާކޮށްފައިވާ މުވައްޒަފަކަށް މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާފަދަ ފައިސާއެއް ދޭނަމަ، މިގޮތުން ދެވޭ ފައިސާގެ ތަފްސީލު ޕެންށަން އޮފީހަށް ހުށަހަޅަންވާނެއެވެ.

 

23 ވަނަ މާއްދާ - ޕެންށަންގެ ފައިސާ ދެވޭނެގޮތާބެހޭ އެންގުންތަކާއި ފޯމުތައް

(ހ) މި ގަވައިދުގައި ބަޔާންކޮށްފައިވާ އެންމެހައި ފޯމެއް މޯލްޑިވްސް ޕެންށަން އެޑްމިނިސްޓްރޭށަން އޮފީހުގެ ވެބްސައިޓުން ލިބޭނެ އިންތިޒާމު ހަމަޖައްސަންވާނެއެވެ.

(ށ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ފޯމުތައް ބޭނުންކުރާނެ ގޮތުގެ ގައިޑްލައިންތައް މޯލްޑިވްސް ޕެންށަން އެޑްމިނިސްޓްރޭށަން އޮފީހުގެ ވެބްސައިޓްގައި ށާއިއުކުރަންވާނެއެވެ.

(ނ) މި ގަވާއިދުގެ އެހެން މާއްދާތަކުގައި ފޯމު ހުށަހެޅުމަށް ބުނެފައިވާ ގޮތުގެ އިތުރުން، ޕެންށަން އޮފީހުން ކަނޑައަޅާ އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް، މި ގަވާއިދުގެ ދަށުން ހުށަހަޅަންޖެހޭ އެންމެހައި ފޯމުތައް ހުށަހެޅިދާނެއެވެ. އިލެކްޓްރޯނިކް ވަސީލަތް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ ށަރުޠުތަކާއި، ފޯމު ހުށަހެޅޭނެ ގޮތްތައް، ޕެންށަން އޮފީހުގެ ވެބްސައިޓުގައި އާންމުކޮށް ށާއިއު ކުރަންވާނެއެވެ. (އިތުރު ކުރެވިފައި)

 

24 ވަނަ މާއްދާ - މާނަކުރުން

(ހ) މި ގަވާއިދުގައި ކަނޑައެޅިގެން އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، މި ގަވައިދުގައި ބަސްތަކާއި ލަފުޒުތައް ބޭނުންކޮށްފައި އެވަނީ، ޕެންށަނާބެހޭ ގާނޫނުގައި އެ ބަސްތަކާއި ލަފުޒުތަކަށް ދީފައިވާ މާނައިގައެވެ.

(ށ) މި ގަވާއިދުގައި މުފްރަދުކޮށް ގެނެސްފައިވާ ލަފުޒުތައް އެ ލަފުޒުތަކުގެ ޖަމްއު މާނައިގައްޔާއި ޖަމްއުކޮށް ގެނެސްފައިވާ ލަފުޒުތަކުގެ މުފްރަދު މާނައިގައި ބޭނުންކުރެވޭނެއެވެ.

 

25 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލު ކުރަން ފަށާނީ، މިގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

26 ވަނަ މާއްދާ - ގަވާއިދު އިސްލާހުކުރުން

މި ގަވާއިދަށް އިސްލާހެއް ގެންނަން ބޭނުންވެއްޖެ ހިނދެއްގައި އެ އިސްލާހެއް ގެނައުމުގެ ބާރު ލިބިގެންވަނީ މޯލްޑިވްސް ޕެންށަން އެޑްމިނިސްޓްރޭށަން އޮފީހަށެވެ.

 

މައި ގަވާއިދު

އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަން ދިނުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 22/2014)

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ އިސްލާހް

 

މައި ގާނޫނު

ޕެންށަނާބެހޭ ގާނޫނު (ގާނޫނު ނަންބަރު 8/2009)

ކިޔުންތެރިންގެ ހިޔާލު