-

ކުންފުންޏާބެހޭ ގާނޫނު (ކޮންސޮލިޑޭޓެޑް)

(ކޮންސޮލިޑޭޓެޑް ނަންބަރު 1996-10)

(1ވަނަ، 2ވަނަ، 3ވަނަ 4ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ދިވެހިރާއްޖޭގައި ކުންފުނި އުފެއްދުމާއި، ރަޖިސްޓަރީ ކުރުމާއި، ހިންގުމާއި، ހިންގުމާބެހޭ ގާނޫނެވެ.                 

(ށ) މިގާނޫނަށް ކިޔާނީ "ދިވެހިރާއްޖޭގެ ކުންފުންޏާ ބެހޭ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - ކުންފުނި އުފެއްދުން

ދިވެހިރާއްޖޭގައި ކުންފުނި އުފައްދައި، ހިންގަން ވާނީ މި ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިންެނެވެ.

 

3 ވަނަ މާއްދާ - ޕްރައިވެޓް ކުންފުންޏާއި ޕަބްލިކް ކުންފުނި

(ހ) މިގާނޫނުގައިވާ ގޮތުގެމަތިން، ދެމީހަކަށް ނުވަތަ އެއަށްވުރެ ގިނަބަޔަކަށް، ކުންފުނީގެ ދަރަންޏަށް މެންބަރުން ޒިންމާ ވާންޖެހޭ މިންވަރު ކަނޑައަޅައި ޕްރައިވެޓް ކުންފުންޏެއް އުފެއްދިދާނެ    އެވެ. ޕްރައިވެޓް ކުންފުންޏަކީ އެ ކުންފުންޏެއްގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުގައި އެ ކުންފުންޏަކީ ޕްރައިވެޓް ކުންފުންޏެއް ކަމަށް ބަޔާންކޮށް، އަދި އެ ކުންފުންޏެއްގެ، ހިއްސާ އެ ކުންފުންޏެއްގެ ހިންގާ ގަވާއިދުގައިވާ ގޮތުގެމަތިން މެނުވީ، އެކެއްގެ ކިބައިން އަނެކަކަށް ބަދަލު ނުކުރެވޭނެ ކަމަށް އެކުންފުނީގެ ހިންގާ ގަވާއިދުގައި ބަޔާންކޮށް، އަދި އެ ކުންފުންޏެއްގެ މެންބަރުންގެ އަދަދު 50 އަށްވުރެ ގިނަވެގެން ނުވާނޭ ގޮތެއްގެ މަތިން އެ ކުންފުންޏެއްގެ ހިންގާ ގަވާއިދުގައި ހަމަޖައްސައި، އެ ކުންފުންޏަކުން އާންމުންނަށް ހިއްސާ ނުވިއްކޭނެ ކަމަށް ހިންގާ ގަވާއިދުގައި ބަޔާން ކޮށްފައިވާ ކޮންމެ ކުންފުންޏެކެވެ.

(ށ) މި ގާނޫނުގައިވާ ގޮތުގެމަތިން 10 މީހަކަށް ނުވަތަ އެއަށްވުރެ ގިނަ ބަޔަކަށް، ކުންފުނީގެ ދަރަންޏަށް މެންބަރުން ޒިންމާވާންޖެހޭ މިންވަރު ކަނޑައަޅައި، ޕަބްލިކް ކުންފުންޏެއް އުފެއްދިދާނެއެވެ. ޕަބްލިކް ކުންފުންޏަކީ އެ ކުންފުންޏެއްގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުގައި އެކުންފުންޏަކީ ޕަބްލިކް ކުންފުންޏެއް ކަމަށް ބަޔާންކޮށްފައިވާ، އަދި މި ގާނޫނުގައިވާ ގޮތުގެމަތިން އާންމުންނަށް ހިއްސާ ވިއްކޭ ކޮންމެ ކުންފުންޏެކެވެ.

 

4 ވަނަ މާއްދާ - އަސާސީ ގަވާއިދާއި ހިންގާ ގަވާއިދު  

ކޮންމެ ކުންފުންޏެއްގައި ވެސް، އެކުންފުންޏެއް އުފައްދާ މީހުންގެ ނަން ލިޔެ ސޮއި ކޮށްފައިވާ އަސާސީ ގަވާއިދަކާއި ހިންގާ ގަވާއިދެއް އޮންނަން ވާނެއެވެ.އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުގައި ސޮއި ކުރަންވާނީ، މަދުވެގެން ދެ ހެކިންގެ ހާޒިރުގައެވެ. އަދި އެ ހެކިންވެސް އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުގައި ސޮއި ކުރަންވާނެއެވެ.

 

5 ވަނަ މާއްދާ - އަސާސީ ގަވާއިދުގައި ހިމަނަން ޖެހޭ މައުލޫމާތު

ކޮންމެ ކުންފުންޏެއްގެ އަސާސީ ގަވާއިދުގައި، ތިރީގައި މިވާ މައުލޫމާތުތައް ހުންނަން ވާނެއެވެ.

(ހ) ކުންފުނީގެ ނަން.

(ށ) ކުންފުންޏަކީ ޕަބްލިކް ކުންފުންޏެއްކަން ނުވަތަ ޕްރައިވެޓް ކުންފުންޏެއްކަން.

(ނ) ކުންފުނީގެ އޮފީސް ކަމުގައި ރަޖިސްޓަރީ ކޮށްފައިވާ ތަނުގެ ފުރިހަމަ އެޑްރެސް.

(ރ) ކުންފުނީގެ މަގްސަދުތައް.

(ބ) ކުންފުނީގެ ދަރަންޏަށް މެންބަރުން ޒިންމާވާންޖެހޭ މިންވަރު ކަނޑާއަޅާފައިވާކަން.

(ޅ) ކުންފުނީގެ ހުއްދަ ކޮށްފައިވާ ރައުސުމާލާއި އެ ރައުސުމާލު ހަމަކުރުމަށް ކަނޑައަޅާފައިވާ ގޮތް.

 

6 ވަނަ މާއްދާ - ހިންގާ ގަވާއިދުގައި ހިމަނަންޖެހޭ މައުލޫމާތު

(ހ) ކޮންމެ ކުންފުންޏެއްގެ ހިންގާ ގަވާއިދުގައި، މިގާނޫނާ އެއްގޮތްވާގޮތުގެމަތިން އެކުންފުންޏެއް ހިންގާނެގޮތް ބަޔާން ކުރަން ވާނެއެވެ.

(ށ) ކޮންމެ ޕްރައިވެޓް ކުންފުންޏަކުން ވެސް އެ ކުންފުންޏެއްގެ ހިންގާ ގަވާއިދުގައި ތިރީގައި ބުނެފައި މިވާ ކަންތައްތައް ކަނޑައަޅައި ބަޔާންކުރަންވާނެއެވެ.

  1. އެ ކުންފުންޏަކުން އާންމުންނަށް ހިއްސާ ނުވިއްކޭނެކަން.
  2. އެ ކުންފުންޏެއްގެ ހިއްސާ އެކުންފުނީގެ މެންބަރެއްގެ ކިބައިން އެހެން ފަރާތަކަށް ބަދަލު ކުރެވޭނީ، އެކުންފުނީގެ ހިންގާ ގަވާއިދުގައި ބަޔާން ކޮށްފައިވާ އުސޫލުން އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ހުއްދަދޭ ފަރާތްތަކަށްކަން.
  3. އެކުންފުންޏެއްގެ މެންބަރުންގެ އަދަދު 50 އަށްވުރެ އިތުރު ވެގެން ނުވާނެކަން.

 

ރަޖިސްޓަރީ ކުރުން

7 ވަނަ މާއްދާ - ކުންފުނި ރަޖިސްޓަރީ ކުރުން 

(ހ) ކުންފުންޏެއް ރަޖިސްޓަރީ ކުރަން އެދޭ މީހުން، ރަޖިސްޓަރީ ކުރަން އެދޭ ކުންފުނީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދު، މިގާނޫނުގެ ތާވަލުގައި ބުނެފައިވާ ރަޖިސްޓަރީ ފީ އާއި އަހަރީ ފީއާއެކު، ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ހުށަހަޅަންވާނެ އެވެ. މިގޮތުން، ރަޖިސްޓަރީ ކުރުމަށް ހުށަހެޅޭ ކުންފުންޏެއް ރަޖިސްޓަރީ ކޮށްދެވޭނީ އެ ކުންފުންޏެއްގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުގައި ބަޔާން ކޮށްފައިވާ ކަންކަމަކީ އިސްލާމްދީނުގެ އުސޫލަކާ ނުވަތަ މި ގާނޫނާ ނުވަތަ ރާއްޖޭގެ އެހެން ގާނޫނަކާ ހިލާފުކަމެއް ކަމަށް ނުވާނަމައެވެ.

(ށ) މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކޮންމެ ކުންފުންޏަކުން މި ގާނޫނުގެ ތާވަލުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަހަރީ ފީ ދައްކަންވާނެއެވެ. މި ގާނޫނުގެ ތާވަލުގައި ބަޔާންކޮށްފައިވާ އަހަރީ ފީ، އެ އަހަރެއްގެ މާޗް މަސް ނިމުމުގެކުރިން ކުންފުންޏަކުން ނުދައްކައިފިނަމަ، އެ ކުންފުންޏަކުން ކުރަމުން އަންނަ ވިޔަފާރި، އަހަރީ ފީ ދައްކަންދެން ހުއްޓުވުމުގެ އިހްތިޔާރު، ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ލިބިގެންވެއެވެ. އަދި ލަސްވެގެން އެ އަހަރެއްގެ މެއި މަސް ނިމުމުގެ ކުރިން ކުންފުންޏަކުން އަހަރީ ފީ ނުދައްކައިފިނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ ކުންފުނި އުވާލުމުގެ އިހްތިޔާރު ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ލިބިގެންވެއެވެ. (އިސްލާހު1 / އިސްލާހު2 ކުރެވިފައި)

(ނ) ޕްރައިވެޓް ކުންފުނި ރަޖިސްޓަރީ ކުރުން

ޕްރައިވެޓް ކުންފުންޏެއް ރަޖިސްޓަރީ ކޮށްދެވޭނީ، އެ ކުންފުންޏެއްގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުގައި އެކުންފުންޏަކީ ޕްރައިވެޓް ކުންފުންޏެއް  ކަމަށް ބަޔާންކޮށް، އަދި އެ ކުންފުންޏެއްގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުގައި އެކުންފުންޏަށް ހުއްދަ ކޮށްފައިވާ ރައުސުމާލު 2000 ރުފިޔާއަށްވުރެ މަދުނުވާނޭ ގޮތެއްގެ މަތިން ކަނޑައަޅައި، އަދި އެ ކުންފުންޏެއްގެ ހިއްސާ އެކުންފުނީގެ ހިންގާ ގަވާއިދުގައިވާ ގޮތުގެމަތިން މެނުވީ، އެކުންފުނީގެ މެންބަރެއްގެ ކިބައިން އެހެން ފަރާތަކަށް ބަދަލު ނުކުރެވޭނެ ކަމަށް، އެ ކުންފުނީގެ ހިންގާ ގަވާއިދުގައިވާ ބަޔާންކޮށް، އަދި  އެ ކުންފުންޏެއްގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުގައި އެ ކުންފުންޏެއްގެ މެންބަރުންގެ އަދަދު 50 އަށްވުރެ ގިނަ ނުވާނޭ ގޮތެއްގެމަތިން ހަމަޖައްސައި، އެ ކުންފުންޏަކުން އާންމުންނަށް ހިއްސާ ނުވިއްކޭނެ ކަމަށް އެ ކުންފުންޏެއްގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުގައި ބަޔާން ކޮށްފައިވާނަމަ އެވެ.

(ރ) ޕަބްލިކް ކުންފުނި ރަޖިސްޓަރީކުރުން

ޕަބްލިކް ކުންފުންޏެއް ރަޖިސްޓަރީ ކުރެވޭނީ، ޕަބްލިކްކުންފުނި ރަޖިސްޓަރީ

ކުރުމަށް ހުށަހަޅާ ފަރާތްތަކުން މަދުވެގެން 1،000،000 ރުފިޔާގެ ހިއްސާ އެކުންފުންޏަކުން ގަތުމަށް އެއްބަސްވެ، މިގޮތުން އެ ހިއްސާތަކުގެ އަގަށްވާ ފައިސާ އެ ކުންފުންޏަކަށް ދައްކައި، އެކަމުގެ ހެކި ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ހުށަހެޅުމުންނެވެ.

(ބ) ކުންފުންޏެއްގެ ހުއްދަކޮށްފައިވާ ރައުސުމާލުގެ ނިސްބަތުން، މިގާނޫނުގެ ތާވަލުގައި ބުނެފައިވާ ރަޖިސްޓަރީ ފީ، މިމާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެމަތިން ކުންފުންޏަކުން ދައްކައި، އެ ކުންފުންޏެއް ރަޖިސްޓަރީ ވުމަށްފަހު، އެ ކުންފުންޏެއްގެ ހުއްދަ ކޮށްފައިވާ ރައުސުމާލު އިތުރުކޮށްފިނަމަ، މިގޮތުން އިތުރުކުރާ އަދަދާ ގުޅޭގޮތުން، މިގާނޫނުގެ ތާވަލުގެ 1 ވަނަ މާއްދާގައި ބުނެފައިވާ ފީ، އެ މާއްދާގައި ބުނެފައިވާ ނިސްބަތުން، އެ ކުންފުންޏަކުން ދައްކަން ޖެހޭނެއެވެ.

 

8- ރަޖިސްޓަރީ ކޮށްދީފިކަން ބަޔާންކުރާ ސެޓްފިކެޓް

މިގާނޫނުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންކުންފުންޏެއް ރަޖިސްޓަރީ ކޮށްދިނުމާ ގުޅިގެން، އެ ކުންފުންޏެއް ރަޖިސްޓަރީ ކޮށްދީފިކަން ބަޔާންކުރާ ސެޓްފިކެޓެއް އެ ކުންފުންޏަކަށް، ރެޖިސްރާރ އޮފް ކޮމްޕެނީޒް ދޫކުރަންވާނެ އެވެ. 

 

9- ވަނަ މާއްދާ - އަސާސީ ގަވާއިދާއި ހިންގާ ގަވާއިދު ބަދަލުކުރަން އެންގުން

ރަޖިސްޓަރީ ކުރުމަށް ހުށަހަޅާ ކުންފުނީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދު ރަޖިސްޓަރީ ކޮށްދިނުމުގެ ކުރިން، މި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އެގަވާއިދު ތަކަށް ބަދަލު ގެނައުމަށް އެންގުމުގެ އިހްތިޔާރު، ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ލިބިގެންވެއެވެ.

 

10- ވަނަ މާއްދާ - ކުންފުނީގެ ނަން

(ހ) ކުންފުންޏަށް ކިޔާނަމަކީ، ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް ގަބޫލުކުރާ ނަމަކަށްވާން ޖެހޭނެއެވެ. ކުންފުންޏަށް ކިޔަން ހުށަހަޅާ ނަމަކީ، އެކަށީގެންނުވާ ނަމެއް ކަމަށް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ފެނިއްޖެނަމަ، އެނަމެއް ރަޖިސްޓަރީ ކޮށެއް ނުދެވޭނެ އެވެ.

(ށ) (އުނި ކުރެވިފައި)

(ށ) ކޮންމެ ޕްރައިވެޓް ކުންފުންޏެއްގެ ނަމުގެ ބައެއްގެ ގޮތުގައި، ނަމުގެ ފަހަތުގައި "ޕްރައިވެޓް ލިމިޓެޑް" ނުވަތަ އޭގެ ރަމްޒު ކަމުގައިވާ "ޕވޓ ލޓޑ." މިހެން ލިޔެފައި އޮންނަންވާނެއެވެ. (އިސްލާހު ކުރެވިފައި)

(ނ) ކޮންމެ ޕަބްލިކް ކުންފުންޏެއްގެ ނަމުގެ ބައެއްގެ ގޮތުގައި، ނަމުގެ ފަހަތުގައި "ޕަބްލިކް ލިމިޓެޑް ކޮމްޕެނީ" ނުވަތަ އޭގެ ރަމްޒު ކަމުގައިވާ "ޕލކ" މިހެން ލިޔެފައި އޮންނަންވާނެއެވެ. (އިސްލާހު ކުރެވިފައި)

(ރ) ކޮންމެ ކުންފުންޏަކުންވެސް އެ ކުންފުންޏެއްގެ ނަމާއި، ރަޖިސްޓަރީ ނަންބަރު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބުނެފައިވާ ލިޔުން ތަކުގައި ލިޔަން ވާނެއެވެ.

 

11- ވަނަ މާއްދާ - ނަން ބަދަލުކުރުން

ކުންފުނިން ފާސްކުރާ ހާއްސަ ގަރާރަކުން އެ ކުންފުންޏެއްގެ ނަން ބަދަލުކުރުމަށް ނިންމި ދާނެއެވެ.

 

12- ވަނަ މާއްދާ - ނަން ބަދަލުކުރުމަށް އެންގުންް

ކުންފުންޏެއްގެ ރަޖިސްޓަރީ ކޮށްފައިވާ ނަމަކީ، ރެޖިސްޓްރާރ އޮފް ކޮމްޕެނީޒްގެ ނަޒަރުގައި، އެވަގުތަކަށް އެކަށީގެންނުވާ ނަމެއް ކަމުގައި ވަނީނަމަ، އެ ކުންފުންޏެއްގެ ނަން ބަދަލު ކުރުމަށް އެންގުމުގެ އިހްތިޔާރު، ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ލިބިގެން ވެއެވެ. މިގޮތުން ކުންފުންޏެއްގެ ނަން ބަދަލުކުރުމަށް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް އަންގާތާ 21 ދުވަހުގެ ތެރޭގައި އެ ކުންފުންޏަކުން، އެކުންފުނީގެ ނަން ބަދަލު ކުރަންވާނެއެވެ.

 

13- ވަނަ މާއްދާ - އާ ނަމެއް ރަޖިސްޓަރީ ކުުރުން

މި ގާނޫނުގެ 11 ވަނަ މާއްދާގައި ނުވަތަ 12 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތުގެމަތީން، ކުންފުންޏެއްގެ ނަން ބަދަލު ކުރުމަށްފަހު، އަލަށް ދޭ ނަން ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް އެންގުމުން އެނަމަކީ، އެކަށީގެންވާ ނަމެއް ކަމަށް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ފެނިއްޖެނަމަ، އެނަން ރަޖިސްޓަރީކޮށް އެ ނަމުގައި ކުންފުނީގެ ރަޖިސްޓަރީއެއް، ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް ހަދައިދޭންވާނެ އެވެ. އެކުންފުނީގެ ނަން ބަދަލުކުރި  ތާރީހު ކަމުގައި ބަލާނީ އެނަމުގައި އެ ކުންފުންޏެއްގެ ރަޖިސްޓަރީ ހަދައިދޭ ތާރީހެވެ.

 

14- ވަނަ މާއްދާ - ނަން ބަދަލުވުމުގެ ނަތީޖާ

މިގާނޫނުގެ 11 ވަނަ މާއްދާ ނުވަތަ 12 ވަނަ މާއްދާގެ ދަށުން ކުންފުނީގެ ނަން ބަދަލު ކުރުމަކުން އެ ކުންފުންޏެއްގެ އެއްވެސް ހައްގަކަށް ނުވަތަ ވާޖިބަކަށް ނުވަތަ އެ ކުންފުންޏަކުން ކުރާ، ނުވަތަ ކޮށްފައިވާ، ނުވަތަ އެ ކުންފުންޏެއްގެ މައްޗަށް ކުރެވޭ، ނުވަތަ ކޮށްފައިވާ ދައުވާއަކަށް ބަދަލެއް ނާންނާނެ އެވެ.

 

15- ވަނަ މާއްދާ - ރަޖިސްޓަރީވުމުގެ ނަތީޖާ

(ހ) މި ގާނޫނުގައިވާ ގޮތުގެމަތިން، ކޮންމެ ކުންފުންޏެއް ރަޖިސްޓަރީ ވުމުން، އެ ކުންފުންޏަކީ، ކުންފުނީގެ ނަންކަމުގައި އެ ކުންފުންޏެއްގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުގައި ބުނެފައިވާ ނަމުގައި، މި ގާނޫނާ  އެއްގޮތްވާ ގޮތުގެމަތިން އެ ކުންފުންޏެއްގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުގައިވާ ކަންތައްތައް ހިންގުމާއި، ދައުވާ ކުރުމާއި، ދައުވާ ލިބިގަތުމާއި، އުފުލޭ މުދަލާއި ނުއުފުލޭ މުދާ ގާނޫނު ހުއްދަ ކުރާ ގޮތުގެ މަތިން ހޯދުމާއި ލިބިގަތުމާއި، ދެމިގެންވާ ގޮތަށް މުދާ ލިބިގަތުމާއި، މިކަންކަމުގެ ހައްގު ލިބިގެންވާ، އަދި ވަކި ސިއްކައެއް އޮންނަ، މެންބަރުންނާ ވަކިން އުފެދިފައިވާ، ގާނޫނީ ގޮތުން އަމިއްލަ ށަހްސެކެވެ.

(ށ) ކުންފުނީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދު ރަޖިސްޓަރީ ވުމުން، އެގަވާއިދު ތަކުގައިވާ މާއްދާތަކަށް އަމަލު ކުރުމަކީ، އެ ގަވާއިދެއްގައި ސޮއިކުރާ  މެންބަރުން ފަދައިން، އެކުންފުންޏެއްގެ މައްޗަށާއި، އެކުންފުންޏެއްގެ ކޮންމެ މެންބަރެއްގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ.

 

16- ވަނަ މާއްދާ - މެންބަރުންގެ ރަޖިސްޓަރީ

(ހ) ކޮންމެ ކުންފުންޏެއްގައިވެސް އެ ކުންފުންޏެއްގެ ހިއްސާ އެކަށައަޅާފައިވާ ފަރާތްތަކުގެ ނަމާއި، އެޑްރެހާއި، ކޮންމެ ފަރާތަކަށް އެކަށައަޅާފައިވާ ހިއްސާގެ އަދަދާއި، ހިއްސާ ގަތުމަށް ދައްކާފައިވާ ފައިސާގެ އަދަދު އެނގޭ ގޮތަށް މެންބަރުންގެ ރަޖިސްޓަރީއެއް އޮންނަން ވާނެއެވެ.

(ށ) މިމާއްދާގެ (ހ) ގައި ބުނެފައިވާ މެންބަރުންގެ ރަޖިސްޓަރީގައި، އެމީހެއްގެ ނަން ލިޔެފައިވާ ކޮންމެ މީހަކީ އެކުންފުންޏެއްގެ މެންބަރެކެވެ.

 

17- ވަނަ މާއްދާ - މެންބަރުންގެ ލިސްޓު

ކޮންމެ ކުންފުންޏެއްގެ އަހަރީ އާންމު ޖަލްސާ ބާއްވާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި، އެ ކުންފުންޏެއްގެ މެންބަރުންގެ ލިސްޓެއް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ފޮނުވަން ވާނެއެވެ.

 

18- ވަނަ މާއްދާ - މެންބަރުން ދަރަންޏަށް ޒިންމާވުން

(ހ) ކުންފުންޏެއްގެ މެންބަރުން، އެކުންފުންޏެއްގެ ދަރަންޏަށް ޒިންމާވާން ޖެހޭ މިންވަރު ކަނޑައަޅާފައިވާ ކަމަށް، ކުންފުނީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައި އޮތުމުން، އެ ކުންފުންޏެއްގެ މެންބަރުން އެ ކުންފުންޏެއްްގެ ދަރަންޏަށް ހުރިހާ ހާލަތެއްގައިވެސް އަދި ހުރިހާ ށަރްއީ ބޭނުމަކަށްވެސް ޒިންމާވާނީ، އަދި ޒިންމާވާކަމަށް ބެލޭނީ، އެ މެންބަރަކު ގަނެފައިވާ ނުވަތަ ގަތުމަށް އެއްބަސްވެފައިވާ ހިއްސާގެ އަގުގެ ތެރެއިން އެއްވެސް މިންވަރެއް ކުންފުންޏަށް ނުދީ އޮތްކަމުގައިވާނަމަ، އެ މިންވަރަކަށެވެ.

(ށ) ކުންފުންޏެއް އުވާލާނަމަ، އެކުންފުންޏެއްގެ ކޮންމެ މެންބަރަކުވެސް އެކުންފުންޏަކަށް ދޭންޖެހޭނީ، އެ މެންބަރަކު ގަނެފައިވާ ނުވަތަ ގަތުމަށް އެއްބަސްވެފައިވާ ހިއްސާ މޫނުމަތީ އަގުގެ ތެރެއިން އެއްވެސް މިންވަރެއް ކުންފުންޏަށް ނުދީ އޮތް ކަމުގައިވާނަމަ، އެ މިންވަރެއް އެކަންޏެެވެ.

 

އަސާސީ ގަވާއިދަށް ބަދަލު ގެނައުން

19- ވަނަ މާއްދާ - އަސާސީ ގަވާއިދާއި ހިންގާ ގަވާއިދު ބަދަލުކުރުން (އިސްލާހު ކުރެވިފައި)

މި ގާނޫނާއި ކުންފުނީގެ ހިންގާ ގަވާއިދުގައިވާ ގޮތުގެމަތިން، އާންމު ޖަލްސާއަކުން ފާސްކުރާ ހާއްސަ ގަރާރަކުން ކުންފުނީގެ އަސާސި ގަވާއިދަށާއި ހިންގާ ގަވާއިދަށް ބަދަލު ގެނެވިދާނެއެވެ. 

 

20- ވަނަ މާއްދާ - ޕްރައިވެޓް ކުންފުންޏެއް ޕަބްލިކް ކުންފުންޏަކަށް ބަދަލުކުރުން

(ހ) ޕްރައިވެޓް ކުންފުންޏެއް ޕަބްލިކް ކުންފުންޏަކަށްބަދަލު ކުރެވޭނީ، އެބަދަލު ގެނައުމަށް ކުންފުނީގެ ހާއްސަ ގަރާރަކުން ފާސްކޮށް، ޕަބްލިކް ކުންފުންޏެއްގެ ގޮތުގައި އެކުންފުންޏެއް ރަޖިސްޓަރީ ކުރުމަށް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ހުށަހެޅުމަށްފަހު، މިގާނޫނާ އެއްގޮތްވާ ގޮތުގެމަތިން އެ ކުންފުންޏެއް ޕަބްލިކް ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓަރީ ވުމުންނެވެ.

(ށ) ޕްރައިވެޓް ކުންފުންޏެއް ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށް، ޕަބްލިކް ކުންފުންޏެއްގެ ގޮތުގައި އެ ކުންފުންޏެއް ރަޖިސްޓަރީ ކުރުމަށް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ހުށަހަޅާއިރު، ތިރީގައި ބުނެފައިވާ ލިޔުންތައް ހުށަހަޅަންވާނެއެވެ.

  1.  ޕްރައިވެޓް ކުންފުންޏެއް ޕަބްލިކް ކުންފުންޏަކަށް ބަދަލު ކުރުމަށް، އެ ޕްރައިވެޓް ކުންފުނިން ފާސްކުރި ހާއްސަ ގަރާރު.
  2. ޕަބްލިކް ކުންފުންޏަކަށް ބަދަލު ކުރުމަށްޓަކައި، ކުންފުނީގެ އަސާސީ ގަވާއިދަށާއި ހިންގާ ގަވާއިދަށް މި ގާނޫނުގެ ދަށުން ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ފާސްކުރި ހާއްސަ ގަރާރު
  3. ޕަބްލިކް ކުންފުންޏެއްގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުގައި ހުންނަން ޖެހޭނެ ކަމަށް މި ގާނޫނުގައި ބަޔާން ކޮށްފައިވާ ކަންތައްތައް ހިމަނައިގެން، ކުންފުނީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދު ބަދަލު ކުރުމަށްފަހު އެގަވާއިދުތައް.ހިއްސާގެ ބަޔާން.

(ނ) މިމާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެމަތިން، ޕްރައިވެޓް ކުންފުންޏެއް ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށް، ޕަބްލިކް ކުންފުންޏެއްގެ ގޮތުގައި އެ ކުންފުންޏެއް ރަޖިސްޓަރީ ކުރުމަށް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ހުށަހެޅުމުން، އެ ކުންފުންޏެއް ޕަބްލިކް ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓަރީކޮށް އެކަމުގެ ލިޔުން ދޫކުރެވޭނީ ޕަބްލިކް ކުންފުންޏެއް އުފެއްދުމަށާއި، ރަޖިސްޓަރީ ކުރުމަށްޓަކައި ޕަބްލިކް ކުންފުންޏެއް  އުފައްދާ ފަރާތްތަކުން ފުރިހަމަ ކުރަން ޖެހޭނެ ކަމަށް، މިގާނޫނުގައިވާ ބުނެފައިވާ ކަންތައްތައް ފުރިހަމަ ވެފައިވާނަމަ އެވެ.

 

21- ވަނަ މާއްދާ - ޕަބްލިކް ކުންފުންޏެއް ޕްރައިވެޓް ކުންފުންޏަކަށް ބަދަލުކުރުން

(ހ) ޕަބްލިކް ކުންފުންޏެއް ޕްރައިވެޓް ކުންފުންޏަކަށް ބަދަލު ކުރެވޭނީ ޕަބްލިކް ކުންފުންޏެއް ޕްރައިވެޓް ކުންފުންޏަކަށް ބަދަލު ކުރުމަށްޓަކައި، ކުންފުނީގެ ހާއްސަ ގަރާރަކުން، އެކަން ފާސްކޮށް، ޕްރައިވެޓް ކުންފުންޏެއްގެ ގޮތުގައި އެކުންފުންޏެއް ރަޖިސްޓަރީ ކުރުމަށްޓަކައި ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ހުށަހެޅުމަށްފަހު، މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން އެ ކުންފުންޏެއް ޕްރައިވެޓް ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓަރީ ވުމުންނެވެ.

(ށ) ޕަބްލިކް ކުންފުންޏެއް ޕްރައިވެޓް ކުންފުންޏަކަށް ބަދަލުކޮށް ޕްރައިވެޓް ކުންފުންޏެއްގެ ގޮތުގައި އެ ކުންފުންޏެއް ރަޖިސްޓަރީ ކުރުމަށް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ހުށަހަޅާއިރު، ތިރީގައި ބުނެފައިވާ ލިޔުންތައް ހުށަހަޅަން ވާނެއެވެ.

  1. ޕަބްލިކް ކުންފުނި ޕްރައިވެޓް ކުންފުންޏަކަށް ބަދަލު ކުރުމަށް އެ ޕަބްލިކް ކުންފުނިން ފާސްކުރި ހާއްސަ ގަރާރު.
  2. ޕަބްލިކް ކުންފުންޏެއް ޕްރައިވެޓް ކުންފުންޏަކަށް ބަދަލު ކުރުމަށް އެ ކުންފުނީގެ އަސާސީ ގަވާއިދަށާއި ހިންގާ ގަވާއިދަށް މި ގާނޫނުގެ ދަށުން ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ފާސްކުރި ހާއްސަ ގަރާރު.
  3. ޕްރައިވެޓް ކުންފުންޏެއްގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުގައި ހުންނަން ޖެހޭނެކަމަށް މި ގާނޫނުގައި ބަޔާން ކޮށްފައިވާ ކަންތައްތައް ހިމެނޭ ގޮތުން ކުންފުނީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދު ބަދަލު ކުރުމަށްފަހު އެ ގަވާއިދުތައް.

(ނ) މިމާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެ މަތިން ޕަބްލިކް ކުންފުންޏެއް ޕްރައިވެޓް ކުންފުންޏަކަށް ބަދަލުކޮށް، ޕްރައިވެޓް ކުންފުންޏެއްގެ ގޮތުގައި އެ ކުންފުންޏެއް ރަޖިސްޓަރީ ކުރުމަށް، ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ހުށަހެޅުމުން، އެ ކުންފުންޏެއް ޕްރައިވެޓް ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓަރީކޮށް، އެކަމުގެ ލިޔުން ދޫކުރެވޭނީ ޕްރައިވެޓް ކުންފުންޏެއް އުފެއްދުމަށާއި، ރަޖިސްޓަރީ ކުރުމަށްޓަކައި ޕްރައިވެޓް ކުންފުންޏެއް އުފައްދާ ފަރާތްތަކުން ފުރިހަމަ ކުރަންޖެހޭނެ ކަމަށް، މި ގާނޫނުގައި ބުނެފައިވާ ކަންތައްތައް ފުރިހަމަވެފައިވާނަމަ އެވެ.

 

22- ވަނަ މާއްދާ - ކުންފުނީގެ ހައިސިއްޔަތު ބަދަލުވުމުން ނުކުންނަ ނަތީޖާ

މި ގާނޫނުގެ 20 ވަނަ މާއްދާއާއި 21 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން، ޕްރައިވެޓް ކުންފުންޏެއް ޕަބްލިކް ކުންފުންޏަކަށް، ނުވަތަ ޕަބްލިކް ކުންފުންޏެއް ޕްރައިވެޓް ކުންފުންޏަކަށް ބަދަލުވުމަކުން، އެ ކުންފުންޏެއްގެ ހައްގަކަށް، ނުވަތަ ވާޖިބަކަށް ނުވަތަ އެ ކުންފުންޏަކުން ކުރާ ނުވަތަ ކޮށްފައިވާ، ނުވަތަ އެ ކުންފުންޏެއްގެ މައްޗަށް ކުރެވޭ، ނުވަތަ ކޮށްފައިވާ ދައުވާއަކަށް ބަދަލެއް ނާންނާނެއެވެ.

 

އާންމުންނަށް ހިއްސާ ވިއްކުން

 

23- ވަނަ މާއްދާ - ހިއްސާއާއި ޑިބެންޗަރ އާންމުންނަށް ވިއްކަން ހުށަހެޅުން (އިސްލާހު ކުރެވިފައި)

(ހ) މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ޕަބްލިކް ކުންފުންނެއް ފިޔަވައި އެހެން އެއްވެސް ކުންފުންޏެއްގެ ހިއްސާއެއް، ނުވަތަ ޑިބެންޗަރެއް އާންމުންނަށް ވިއްކައިގެން ނުވަނެއެވެ. 

(ށ) ހިއްސާ ނުވަތަ ޑިބެންބަރ އާންމުންނަށް ވިއްކުމަކީ، ކުންފުންޏަކުން ހިއްސާ، ނުވަތަ ޑިބެންޗަރ ގަންނަން އެދޭ ކޮންމެ ފަރާތަކަށް އެ ކުންފުންޏެއްގެ ހިއްސާ، ނުވަތަ ޑިބެންބަރ ގަނެވޭގޮތަށް އޮތުމާއެކު، އެ ކުންފުންޏެއްގެ ހިއްސާ ނުވަތަ ޑިބެންޗަރ ގަތުމަށްފަހު، އެ ކުންފުނީގެ ހުއްދަ އެކަމަށް ހޯދުމަކާނުލައި އެކަކުގެ ކިބައިން އަނެކަކަށް އެ ކުންފުންޏެއްގެ ހިއްސާ ނުވަތަ ޑިބެންޗަރ ވިއްކޭގޮތަށް ހިއްސާ ނުވަތަ ޑިބެންބަރ ވިއްކާ ވިއްކުމެވެ. އެއްވެސް ޕަބްލިކް ކުންފުންޏެއްގެ ހިއްސާ ނުވަތަ ޑިބެންޗަރ އެކެއްގެ ކިބައިން އަނެއްކަކަށް ބަދަލުކުރުމަށް، ނުވަތަ ވިއްކުމަށް އެއްވެސް ހުރަހެއް އޮވެގެން ނުވާނެއެވެ. ނަމަވެސް، ހިއްސާ ބަދަލުކުރާއިރު، އެ ހިއްސާދާރަކު ހިއްސާއާ ގުޅިގެން ދައްކަންޖެހޭ ފައިސާއެއްވާނަމަ، އެ ފައިސާއެއް ދައްކަންދެން، ހިއްސާ ބަދަލުކުރުމަށް އިއްތިރާޒު ކުރުމުގެ އިހްތިޔާރު ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ލިބިގެންވެއެވެ. 

 

24- ވަނަ މާއްދާ - ހިއްސާގެ ނުވަތަ ޑިބެންޗަރުގެ ބަޔާން (އިސްލާހު ކުރެވިފައި)

މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ހިއްސާގެ ނުވަތަ ޑިބެންޗަރުގެ ބަޔާނެއް ނެރެގެން އެ ހިއްސާގެ ނުވަތަ ޑިބެންޗަރުގެ ބަޔާނުގައި ބުނެފައިވާ ގޮތުގެމަތިން މެނުވީ ޕަބްލިކް ކުންފުންޏެއްގެ ހިއްސާ ނުވަތަ ޑިބެންބަރ އާންމުންނަށް ވިއްކުމަށް ހުށަހަޅައިގެން ނުވާނެއެވެ.

 

25 ވަނަ މާއްދާ - އާންމުންނަށް ވިއްކާ ހިއްސާގެ ނުވަތަ ޑިބެންޗަރުގެ އަދަދު ކަނޑައެޅުން (އިސްލާހު ކުރެވިފައި)

ޕަބްލިކް ކުންފުންޏެއްގެ ހިއްސާ ނުވަތަ ޑިބެންބަރ އާންމުންނަށް ވިއްކުމަށް ހުށަހެޅޭނީ، އެ ކުންފުންޏެއްގެ މެންބަރުން އާންމުންނަށް ހިއްސާ ނުވަތަ ޑިބެންޗަރ ވިއްކުމަށް ކަނޑައެޅިއިރު، އެ ކުންފުނީގެ މެންބަރުން އެވަގުތަކު ކުންފުނީގެ ހިއްސާ ނުވަތަ ޑިބެންޗަރުގެ އަގުގެ ގޮތުގައި ކުންފުންޏަށް ދައްކާފައިވާ ފައިސާގެ އަދަދަށްވުރެ ގިނަ ނޫން އަދަދަކަށެވެ. 

 

26- ވަނަ މާއްދާ - ހިއްސާގެ ބަޔާން އޮންނަންވީ ގޮތް

މިގާނޫނުގެ 24 ވަނަ މާއްދާގައި ބުނެފައިވާ ހިއްސާގެ ބަޔާން އޮންނަންވާނީ، މިގާނޫނުގެ 27 ވަނަ މާއްދާއާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާން ކޮށްފައިވާ ގޮތަށެވެ.

 

27- ވަނަ މާއްދާ - ހިއްސާގެ ބަޔާނުގައި ހުންނަންވީ މައުލޫމާތު

މިގާނޫނުގެ 24 ވަނަ މާއްދާގައި ބުނެފައިވާ ހިއްސާގެ ބަޔާނުގައި ތިރީގައިމިވާ މައުލޫމާތު ހުންނަންވާނެއެވެ.

(ހ) ކުންފުނީގެ މުދަލާއި ދަރަންޏާއި ކުންފުނިން އުފުލަންޖެހޭ އެހެނިހެން ޒިންމާތަކުގެ ތަފްސީލް.

(ށ) ކުންފުނީގެ މާލީ ހާލަތާ ބެހޭ ފުރިހަމަ ތަފްސީލް.

(ނ) ކުންފުނީގައި އިންވެސްޓް ކުރާ ފަރާތްތަކަށް އިންވެސްޓް ކުރުމުގައި ބޭނުންވާނެ ކަމަށް އާންމުކޮށް ގަބޫލުކުރެވޭ އަދި އެ ފަރާތްތަކުން އެބަޔާނުގައި ހުންނާނެ ކަމަށް އާންމުކޮށް ބަލާނެ ހުރިހާ މައުލޫމާތު.

(ރ) ހިއްސާގެ ބަޔާނުގައި ހިމަނަންވާނެ ކަމަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބުނެފައިވާ މައުލޫމާތު.

 

28- ވަނަ މާއްދާ - ހިއްސާގެ ބަޔާނުގައި ދޮގުމައުލޫމާތު ހިމެނުން

(ހ) ކުންފުންޏެއްގެ ހިއްސާގެ ބަޔާނުގައި ގަސްދުގައި އެއްވެސް ދޮގު މައުލޫމާތެއް ހިމަނައިފިނަމަ، އެ ހިއްސާގެ ބަޔާން ތައްޔާރުކުރި މީހުން ކުށްވެރިވާނެ އެވެ. އަދި އެ ހިއްސާގެ ބަޔާން ތައްޔާރުކުރި މީހުންކުރެ މީހުންކުރެ ކޮންމެ މީހަކު 100،000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.

(ށ) ކުންފުންޏެއްގެ ހިއްސާގެ ބަޔާން ތައްޔާރުކުރި މީހުން ކަމުގައި ބަލާނީ، ހިއްސާގެ ބަޔާން ނެރުމުގެ ހުއްދަ ހޯދުމަށް އެދި އެ ކުންފުންޏަކުން ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ހުށަހަޅާއިރު އެ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގައި ތިބޭ މެންބަރުންނެވެ.

 

ހިއްސާ

29- ވަނަ މާއްދާ - ހިއްސާ އެކަށައެޅުން

ކުންފުންޏަކުން އެކި ފަރާތްފަރާތަށް ހިއްސާ އެކަށައަޅާނަމަ، އެ ހިއްސާތައް ވިއްކަން އެކަށައަޅާ މީހުންގެ ނަމާއި އެޑްރެހާއި ކޮންމެ މީހަކަށް ވިއްކަން އެކަށައަޅާ ހިއްސާގެ އަދަދާއި، ހިއްސާގެ ބާވަތާއި އަގު އެނގޭނޭ ލިސްޓެއް، ކުންފުނިން ހިއްސާ އެކަށައަޅާތާ 30 ދުވަހުގެ ތެރޭގައި އެކުންފުންޏެއްގެ ފަރާތުން ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ފޮނުވަންވާނެއެވެ.

 

30- ވަނަ މާއްދާ - ހިއްސާގެ އަގު

(ހ) ކުންފުންޏެއްގެ ހިއްސާއިން އުފައްދާ ރައުސުމާލު ހިއްސާތަކުގެ މައްޗަށް ބަހަންވާނީ ހުރިހާ ހިއްސާއެއްގެ އަގު އެއްވަރުވާ ގޮތަށެވެ. މިގޮތުން ކުންފުންޏެއްގެ ހިއްސާއިން އުފައްދާ ރައުސުމާލު ހިއްސާ ތަކަކަށް ބަހާއިރު، ނުވަތަ ކުންފުންޏަކުން އަލުން ހިއްސާ އެކަށައަޅާއިރު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން ތަފާތު ހައްގުތަކެއް އެކުލެވިފައިވާ ތަފާތު ބާވަތް ބާވަތުގެ ހިއްސާ ތަކަކަށް، އެކުންފުންޏެއްގެ ރައުސުމާލު ބަހާލެވިދާނެ އެވެ.

(ށ) ކުންފުންޏެއްގެ ހިއްސާއިން އުފައްދާ ރައުސުމާލު ތަފާތު ހައްގުތަކެއް އެކުލެވޭ ހިއްސާތަކަކަށް ބަހާނަމަ، ނުވަތަ ތަފާތު ހައްގުތަކެއް އެކުލެވޭ ހިއްސާތަކެއް ކުންފުންޏަކުން އެކަށައަޅާނަމަ، މި ގާނޫނުގެ  ދަށުން ހަދާ ގަވާއިދުގައި ބަޔާން ކޮށްފައިވާ ގޮތުގެމަތިން، ތަފާތު ބާވަތްތަކުގެ ހިއްސާތަކާ ގުޅިފައިވާ ހައްގުތަކާއި، އެ ހައްގުތައް ނިގުޅައި ގަނެވޭނެ ގޮތްތައް އެ ކުންފުންޏެއްގެ ހިންގާ ގަވާއިދުގައި ކަނޑައަޅައި ބަޔާން ކުރަން ވާނެއެވެ.

 

31- ވަނަ މާއްދާ - ހިއްސާގެ މޫނުމަތީ އަގަށްވުރެ ދަށް އަގެއްގައި ކުންފުނިން ހިއްސާ ނުވިއްކުން

ކުންފުންޏެއްގެ ހިއްސާއެއް އެ ހިއްސާއެއްގެ މޫނުމަތީ އަގަށްވުރެ ދަށްއަގެއްގައި އެކުންފުންޏަކުން ވިއްކައިގެން ނުވާނެއެވެ.

 

32- ވަނަ މާއްދާ - އެކަކަށްވުރެ ގިނަ މީހުން ބައިވެރިވާ ހިއްސާ

ދެމީހަކު ނުވަތަ އެއަށްވުރެ ގިނަބަޔަކު ބައިވެރިވާ ހިއްސާ ކުންފުނީގައި ހުރުމަކީ ހުއްދަ ކަމެކެވެ. ނަމަވެސް، ކުންފުނީގެ މަގްސަދުތަކަށްޓަކައި އެފަދަ ހިއްސާއެއްގައި ބައިވެރިވާ އެންމެން ބެލޭނީ އެކަކު ކަމަށެވެ.

 

33- ވަނަ މާއްދާ - ކުންފުނީގެ ހިއްސާ ނުވަތަ ޑިބެންޗަރ ގަތުމަށް މާލީ އެހީ ދިނުން (އިސްލާހު ކުރެވިފައި)

މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން މެނުވީ، އެއްވެސް ކުންފުންޏަކުން އެކުންފުންޏެއްގެ ހިއްސާ ނުވަތަ ޑިބެންޗަރ ގަތުމަށް ނުވަތަ، ހިއްސާ ނުވަތަ ޑިބެންޗަރ ގަތުމުގައި ބައިވެރިވުމަށް އެއްވެސް ފަރާތަކަށް މާލީ އެހީއެއް ދީގެން ނުވާނެއެވެ. 

 

34- ހިއްސާގެ ސެޓްފިކެޓް

(ހ) ކޮންމެ ކުންފުންޏަކުންވެސް އެކުންފުންޏެއްގެ ކޮޮންމެ މެންބަރަކަށް ހިއްސާގެ ސެޓްފިކެޓެއް ދޭންވާނެއެވެ. ހިއްސާގެ ސެޓްފިކެޓަކީ އޭގައި ކަނޑައަޅާފައިވާ ހިއްސާ އެ މެންބަރަކަށް މިލްކު ވެގެންވާކަން ސާބިތުކޮށްދޭ ލިޔުމެކެވެ. 

(ށ) ކޮންމެ ހިއްސާގެ ސެޓްފިކެޓެއްގައި ހިއްސާގެ ބާވަތާއި އަގު ބަޔާންކުރަން ވާނެއެވެ.

 

35- ވަނަ މާއްދާ - ފައިސާއަށްނޫން އެހެން މުގާބިލަކަށް ހިއްސާ ނުވަތަ ޑިބެންޗަރ ކަނޑައެޅުން

މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންވެގެންވާ ގޮތުގެމަތިން، ފައިސާއަށް ނޫން ގޮތަކަށްވެސް ހިއްސާ ކަނޑައެޅުމަކީ، ކޮންމެ ކުންފުންޏަކަށްވެސް ހުއްދަ ކަމެކެވެ. ނަމަވެސް، މިގޮތަށް ހިއްސާ ކަނޑައަޅާއިރުވެސް، ހިއްސާގެ މޫނުމަތީ އަގަށްވުރެ ކުޑަ މުގާބިލަކަށް އެއްވެސް ފަރާތަކަށް ހިއްސާ ދީގެނެއް  ނުވާނެއެވެ.

 

36- ވަނަ މާއްދާ - ހިއްސާއަކީ އެކެއްގެ ކިބައިން އަނެކަކަށް ބަދަލުކުރެވޭ އަދި އުފުލޭ މުދަލެއް

ކުންފުނީގެ ކޮންމެ މެންބަރެއްގެ ހިއްސާއަކީ އުފުލޭ މުދަލެކެވެ. ޕްރައިވެޓް ކުންފުންޏެއްނަމަ، ހިންގާ ގަވާއިދުގައިބުނާ ގޮތުގެމަތިން އެ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގެ ހުއްދައާއެކު އެ ކުންފުންޏެއްގެ ހިއްސާ އެކެއްގެ ކިބައިން އަނެކަކަށް ބަދަލު ކުރެވިދާނެ އެވެ. ޕަބްލިކް ކުންފުންޏެއްނަމަ ހިއްސާ ބަދަލު ކުރެވޭނީ މިގާނޫނާއި މިގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިންނެވެ.

 

37- ވަނަ މާއްދާ - ހިއްސާ ބަދަލުކުރުމާއި ރަޖިސްޓަރީކުރުން

ކުންފުންޏެއްގެ ހިއްސާއެއް އެކަކު ކިބައިން އަނެކަކަށް ބަދަލުކޮށްފިނަމަ، ހިއްސާ ބަދަލު ކޮށްފިކަން ކުންފުނީގައި ރަޖިސްޓަރީ ކުރަން ވާނެއެވެ. މިގޮތަށް ހިއްސާ ބަދަލުކޮށްފި ކަމުގައި ބެލޭނީ، ހިއްސާ ބަދަލުކުރިކަން އަންގައިދޭ އެކަށޭނަ ލިޔުމެއްް ކުންފުންޏަށް ލިބުމުންނެވެ.

 

38- ވަނަ މާއްދާ - ހިއްސާ ވާރުތަވުން

ކުންފުންޏެއްގެ މެންބަރަކު މަރުވެއްޖެނަމަ، އެމަރުވި މެންބަރުގެ ހިއްސާގެ ހައްގުވެރިޔާ ނުވަތަ ހައްގުވެރިން ކަމުގައި ށަރުއީ ކޯޓަކުން ނިންމާ މީހަކު ނުވަތަ ބަޔަކު، އެ މަރުވި މެންބަރުގެ ހިއްސާގެ ވެރިޔާ ނުވަތަ ވެރިންގެ ގޮތުގައި، އެ ކުންފުންޏެއްގެ ހިންގާ ގަވާއިދާ ހިލާފު ނުވާނެ ގޮތުގެމަތިން ރަޖިސްޓަރީ ކޮށްދެވިދާނެއެވެ.

 

39 - ވަނަ މާއްދާ - ހިއްސާގެ އަގު އަދާ ނުކުރުން

ކުންފުނީގެ މެންބަރަކު އެ ކުންފުންޏަކުން ގަތުމަށް އެއްބަސްވެފައިވާ ހިއްސާގެ އަގު އެކުންފުންޏަކަށް ދެއްކުމަށް އެ މެންބަރަކަށް އެންގުމުން އެ ހިއްސާގެ އަގު އެ ކުންފުންޏަކަށް ނުދައްކައިފިނަމަ، އެ ކުންފުންޏެއްގެ ހިންގާ ގަވާއިދުގައިވާ ގޮތުގެމަތިން އެ މެންބަރެއްގެ ހިއްސާ، އެ ކުންފުންޏަކަށް ނެގިދާނެއެވެ.

 

40 - ވަނަ މާއްދާ - ރައުސްމާލު އިތުރުކުރުން

ކުންފުންޏެއްގެ ރައުސުމާލު އިތުރުކުރެވޭނީ، އެ ކުންފުންޏެއްގެ އާންމު ޖަލްސާއަކުން އެ ކުންފުންޏެއްގެ ރައުސުމާލު އިތުރުކުރަން ނިންމައިިފިނަމައެވެ.

 

41 - ވަނަ މާއްދާ - ރައުސުމާލު މަދުކުރުން

(ހ) ކުންފުންޏެއްގައި ބޭނުން ވަރަށްވުރެ ރައުސުމާލު އިތުރަށް ހުރެއްޖެނަމަ އެހެން ފަރާތެއްގެ ހައްގަކަށް އުނިކަމެއް ނުލިބޭ ގޮތެއްގެމަތިން ރެޖިސްޓްރާރ އޮފް ކޮމްޕެނީޒްގެ ހުއްދަ ލިޔުމަކުން ލިބިގެން، އާންމު ޖަލްސާއަކުން ފާސްކުރާ ހާއްސަ ގަރާރަކުން، އެކުންފުންޏެއްގެ ރައުސުމާލު މަދުކުރެވިދާނެއެވެ.

(ށ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުއްދަ ހޯދުމަށްއެދި ކުންފުންޏަކުން ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ހުށަހަޅާއިރު އެ ކުންފުންޏަކުން މަދުކުރަން ގަސްދުކުރާ ރައުސުމާލުގެ ބާވަތާއި، މަދުކުރަން ބޭނުންވާ ރައުސުމާލުގެ  އަދަދު، ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް އަންގަންވާނެއެވެ.

(ނ) މިމާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެމަތިން ކުންފުންޏެއްގެ ރައުސުމާލު މަދުކުރުމަށްޓަކައި ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ހުށަހެޅުމުން، ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް އެކަން އާންމުކޮށް އިއުލާން ކުރަންވާނެއެވެ.

(ރ) ރައުސުމާލު މަދުކުރުމުގެ ހުއްދަ ހޯދުމަށް އެދި ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ކުންފުންޏަކުން ހުށަހެޅުމުން، އެ ކުންފުންޏެއްގެ ރައުސުމާލު މަދު ކުރުމުގެ ހުއްދަ ދެވޭނީ، އެ ކުންފުންޏަކުން އެއްވެސް ފައިސާއެއް އަދާކުރަންޖެހޭ ފަރާތަކުން ނުވަތަ އެ ކުންފުނީގެ މެންބަރަކު ނުވަތަ އެނޫންވެސް ފަރާތަކުން، އެ ކުންފުންޏެއްގެ ރައުސުމާލު މަދުކުރުމަށް އިއްތިރާޒުކުރާކަން، ސަބަބު ބަޔާންކޮށް މިމާއްދާގެ (ނ)ގައި ބަޔާންކޮށްފައިވާ އިއުލާނުކުރާ ތާރީހުން ފެށިގެން 1 މަސްދުވަހުގެ ތެރޭގައި ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ހުށަހަޅާފައި ނުވާނަމަ އެވެ.

(ބ) ރައުސުމާލު މަދުކުރުމުގެ ހުއްދަ ހޯދުމަށް އެދި ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ހުށަހަޅާފައިވާ ކުންފުންޏަކުން އެއްވެސް ފައިސާއެއް އަދާކުރަންޖެހޭ ފަރާތަކުން، ނުވަތަ އެ ކުންފުންޏެއްގެ މެންބަރަކު ނުވަތަ އެނޫންވެސް ފަރާތަކުން، އެ ކުންފުންޏެއްގެ ރައުސުމާލު މަދުކުރުމަށް އިއްތިރާޒު ކުރާކަން ސަބަބު ބަޔާންކޮށް މިމާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އިއްލާނުކުރާ ތާރީހުން ފެށިގެން 1 މަސްދުވަހުގެ ތެރޭގައި ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ހުށަހަޅައިފިނަމަ، އަދި އެފަދަ ފަރާތަކުން ހުށަހަޅާފައިވާ ސަބަބަކީ ރެޖިސްޓްރާރ އޮފް ކޮމްޕެނީޒްގެ ނަޒަރުގައި މަގްބޫލު ސަބަބެއް ކަމުގައިވާނަމަ އެ ކުންފުންޏަކުން މަދުކުރަން ހުށަހަޅާފައިވާ ރައުސުމާލާ އެއްވަރުގެ ފައިސާގެ އަދަދެއް، ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައަޅާ ބޭންކް އެކައުންޓެއްގައި، ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައަޅާ މުއްދަތަކަށް ބަހައްޓަން އަންގައި، ނުވަތަ އެފަރާތަކަށް އެފައިސާއެއް ދެއްކުމަށް އަންގައި މި ބުނެވުނު ފައިސާ ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައަޅާ އެކައުންޓަކަށް ޖަމާކޮށްފި ކަމުގެ ނުވަތަ ފައިސާ ދައްކައިފިކަމުގެ ހެކި، ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ހުށަހަޅައިފިނަމަ، އެ ކުންފުންޏެއްގެ ރައުސުމާލު މަދުކުރުމުގެ ހުއްދަ ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް އެ ކުންފުންޏަކަށް ދިނުމަކަށް މިމާއްދާގެ (ރ) ހުރަހެއްނާޅައެވެ.

 

42 - ވަނަ މާއްދާ - ސިއްކަ

(ހ) ރަޖިސްޓަރީ ކޮށްފައިވާ ސިއްކައެއް ކޮންމެ ކުންފުންޏެއްގައި ވެސް އޮންނަން ވާނެއެވެ.

(ށ) ލިޔުމުން އޮތުން ގާނޫނު ލާޒިމުކުރާ އެއްބަސްވުމެއް ކުންފުންޏަކުން އެއްބަސްވާ ނަމަ، އެ އެއްބަސްވުމެއްގައި އެ ކުންފުންޏެއްގެ ސިއްކަ ޖަހަންވާނެއެވެ.

 

43- ވަނަ މާއްދާ - ކުންފުނީގެ މަސައްކަތް ފެށުން

(ހ) މި ގާނޫނުގެ 7 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތުގެމަތިން ޕްރައިވެޓް ކުންފުންޏެއް ރަޖިސްޓަރީ ކުރުމާއެކު އެ ކުންފުންޏެއްގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތައް މިގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ކުރަން ފެށުމުގެ އިހްތިޔާރު އެ ކުންފުންޏަކަށް ލިބިގެންވެއެވެ.

(ށ) ޕަބްލިކް ކުންފުންޏަކުން ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ކުރަންވާނީ، މިގާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން ޕަބްލިކް ކުންފުންޏެއްގެ ގޮތުގައި އެ ކުންފުންޏެއް ރަޖިސްޓަރީ ކޮށް، މި ގާނޫނުގެ 24 ވަނަ މާއްދާގައި ބުނެފައިވާ ހިއްސާގެ ބަޔާން ނެރެ، އެ ހިއްސާގެ ބަޔާނުގައި އާންމުން އެންމެ މަދުވެގެން ހިއްސާ ގަންނަންވާނެ ކަމަށް ބުނެފައިވާ މިންވަރަށް އާންމުން ހިއްސާ ގަންނަން އެދި، އަދި އެ ކުންފުންޏަކުން އެމިންވަރަށް އެ ފަރާތްތަކަށް ހިއްސާ އެކަށައަޅައި، އެ ހިއްސާއަަށްވާ ފައިސާ ކުންފުންޏަށް ލިބި، އަދި އެވަގުތު ކުންފުނީގެ ޑިރެކްޓަރުންގެ ގޮތުގައި ތިބިމީހުންގެ ތެރެއިން ކޮންމެ މީހަކުވެސް އެމީހެއްގެ ހިއްސާއަށްވާ ފައިސާ ދައްކައި، އެފައިސާ ދައްކާފައިވާ ކަމުގެ ހެކި، ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ހުށަހަޅައި އެކުންފުންޏަކަށް ވިޔަފާރި ކުރުމުގެ ހުއްދަ، ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް ދިނުމުންނެވެ.

 

ކުންފުނި ހިންގުން

44- ވަނަ މާއްދާ - ޑިރެކްޓަރުންގެ ބޯޑު

ކޮންމެ ކުންފުންޏެއްވެސް ހިންގަންވާނީ، ޑިރެކްޓަރުންގެ ބޯޑަކުންނެވެ.

 

45- ވަނަ މާއްދާ - ޑިރެކްޓަރުން

(ހ) ކޮންމެ ޕްރައިވެޓް ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގައި މަދުވެގެން 2 މެންބަރުން، އަދި ކޮންމެ ޕަބްލިކް ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގައި މަދުވެގެން 5 މެންބަރުން ތިބެންވާނެއެވެ.

(ށ) ކޮންމެ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ތެރެއިން އެއް މެންބަރަކީ، ދިވެހިރާއްޖޭގައި ވަޒަންވެރިވެ، ދިރިއުޅެމުން ގެންދާ މީހަކު ކަމަށް ވާންވާނެއެވެ.

(ނ) ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރަކަށް ވެވޭނީ، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިހަމަވެފައިވާ މީހަކަށެވެ. (އިސްލާހު ކުރެވިފައި)

(ރ) ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރަކަށް ވެވޭނީ އެ ކުންފުނީގެ ހިއްސާ ގަނެފައިވާ މީހަކަށް ނުވަތަ ހިއްސާ ގަނެފައިވާ ފަރާތަކީ، ގާނޫނީ ށަހްސެއްނަމަ އެފަރާތަކުން ޑިރެކްޓަރުންގެ ބޯޑަށް އައްޔަން ކުރާ މީހަކަށެވެ.

(ބ) ކޮންމެ ކުންފުންޏެއްގައިވެސް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަކު ހުންނަންވާނެއެވެ. ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުކަމުގައި ހުންނަ މީހާއަކީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ތެރެއިން މީހަކަށް ވާންވާނެއެވެ. (އިސްލާހު ކުރެވިފައި)

(ޅ) ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ބަދަލުވެއްޖެނަމަ، އެ ބަދަލެއް އަންނަތާ 14 ދުވަހުގެ ތެރޭގައި ކުންފުނީގެ މެނޭޖިންގ ދިރެކްޓަރުގެ ގޮތުގައި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ތެރެއިން މީހަކު ހަމަޖައްސަންވާނެއެވެ. އަދި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުކަމާ އަލަށް ޙަވާލުވި މީހާ އެކަން ގަބޫލުކުރިކަމުގެ ލިޔުމެއް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ހުށަހަޅަންވާނެއެވެ. (އިތުރު ކުރެވިފައި)

(ކ) ދިވެހިރާއްޖޭގެ ކުންފުންޏާބހެޭ ގާނޫނުގެ 3 ވަނަ އިސްލާހަށް އަމަލުކުރަން ފަށާތާ 60 ދުވަސް ތެރޭގައި ދިވެހިރާއްޖޭގައި ހިނގަމުންދާ ކޮންމެ ކުންފުންޏަކުންވެސް، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމު އަދާކުރާ މީހަކާއި، އެމީހަކު އެކަން ގަބޫލުކުރާކަމުގެ ލިޔުމެއް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ހުށަހަޅަންވާނެއެވެ. (އިތުރު ކުރެވިފައި)

(އ) ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ގޮތުގައި އެންމެފުރަތަމަ ތިބޭ މެންބަރުންގެ ނަމާއި، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ ނަން އެ ކުންފުންޏެއްގެ ހިންގާ ގަވާއިދުގައި ލިޔަންވާނެއެވެ. (އިތުރު ކުރެވިފައި)

(ވ) ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ބަދަލުވެއްޖެނަމަ، އެބަދަލެއް އަންނަތާ 14 ދުވަހުގެ ތެރޭގައި ކުންފުނީގެ މެނޭޖިންގ  ޑިރެކްޓަރުގެ ގޮތުގައި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ތެރެއިން މީހަކު ހަމަޖައްސަންވާނެއެވެ. އަދި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުކަމާ އަލަށް ހަވާލުވި މީހާ އެކަން ގަބޫލުކުރިކަމުގެ ލިޔުމެއް ރެޖިސްޓަރާރ އޮފް ކޮމްޕެނީޒަށް ހުށަހަޅަންވާނެއެވެ. 

(މ) ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނުގެ 3 ވަނަ ައިސްލާހަށް އަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގައި ހިނގަމުންދާ ކޮންމެ ކުންފުންޏަކުންވެސް، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމު އަދާކުރާ މީހަކާއި، އެމީހަކު އެކަން ގަބޫލުކުރާކަމުގެ ލިޔުމެއް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ހުށަހަޅަންވާނެއެވެ. 

(ފ) ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ގޮތުގައި އެންމެ ފުރަތަމަ ތިބޭ މެންބަރުންގެ ނަމާއި، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ ނަން އެ ކުންފުންޏެއްގެ ހިންގާ ގަވާއިދުގައި ލިޔަންވާނެއެވެ.

 

46- ވަނަ މާއްދާ - ކުންފުނީގެ ސެކްރެޓަރީ

(ހ) ކޮންމެ ކުންފުންޏެއްގައިވެސް، ކުންފުނީގެ ސެކްރެޓަރީއެއް ހުންނަންވާނެ އެވެ. ކުންފުނީގެ ސެކްރެޓަރީގެ ގޮތުގައި އައްޔަން ކުރާ މީހަކީ، އެ ވަޒީފާ އަދާކުރުމުގެ ލަޔާގަތާއި ގާބިލިއްޔަތު ލިބިފައިވާ މީހެއްތޯ ބެލުމަކީ، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މަސްއޫލިއްޔަތެކެވެ.

(ށ) ކުންފުނި ރަޖިސްޓަރީ ކުރުމަށް ހުށަހަޅާއިރު ، ކުންފުނީގެ ސެކްރެޓަރީކަން ކުރާނެ މީހެއްގެ ނަން، ލިޔުމަކުން ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ހުށަހަޅަންވާނެ އެވެ. އަދި ނަން ހުށަހެޅޭމީހާ އެކަން ގަބޫލުކުރާ ކަމުގެ ސިޓީއެއް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ފޮނުވަން ވާނެއެވެ.

(ނ) ކުންފުނީގެ ސެކްރެޓަރީ މަސްއޫލިއްޔަތު ތަކަކީ، މިގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި އޭނާގެ މަސައްކަތްކަމަށް ކަނޑައަޅާ ކަންތައް ތަކެވެ.

 

47- ވަނަ މާއްދާ - ޑިރެކްޓަރުންނަށް ލޯނާއި ގަރަންޓީ ދޫނުކުރުން

(ހ) ޕަބްލިކް ކުންފުންޏަކުން އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރަކަށް، ނުވަތަ އެ މެންެބަރެއްގެ ހިއްސާ އޮތް ކުންފުންޏަކަށް އެއްވެސް ބާވަތެއްގެ ލޯނެއް ދޫކޮށްގެން ނުވާނެއެވެ. އަދި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރަކު ހިއްސާވާ ކުންފުންޏަކުން ނަގާ ލޯނަކަށް އެއްވެސް ބާވަތެއްގެ ގަރަންޓީއެއްވެސް އެކުންފުންޏަކުން ދީގެން ނުވާނެއެވެ.

(ށ) މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ހުއްދަ ލިބިގެން ދިވެހިރާއްޖޭގައި ބޭންކްގެ ވިޔަފާރިކުރާ ކުންފުނިތައް މިމާއްދާގެ (ހ) އިން އިސްތިސްނާ ވެގެންވެއެވެ.

 

48- ވަނަ މާއްދާ - ޑިރެކްޓަރުން އިންތިހާބު ކުރުމާއި ވަކިކުރުން

ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުން އައްޔަންކޮށް، އިންތިހާބުކޮށް، ވަކިކުރާނީ، ކުންފުނީގެ ހިންގާ ގަވާއިދުގައި ބަޔާން ކޮށްފައިވާ ގޮތެއްގެ މަތިންނެވެ.

 

49- ވަނަ މާއްދާ - ޑިރެކްޓަރުން ވަކިކުރުން (އިސްލާހު ކުރެވިފައި)

(ހ) ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއް، ކުންފުންޏަށް ހިޔާނާތެރިވެެއްޖެނަމަ، ނުވަތަ ކުންފުންޏަށް ގެއްލުންވެދާފަދ އަމަލެއް ކޮށްފިނަމަ، ނުވަތަ އެފަދަ އަމަލެއް ކުރަން އުޅެފިނަމަ ނުވަތަ ކުރަންއުޅޭނަމަ، ކުންފުނީގެ އާންމު ޖަލްސާއެއްގައި ފާސްކުރާ ހާއްސަ ގަރާރަކުން، އެ މެންބަރަކު ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަކިކުރެވިދާނެއެވެ. މިގޮތަށް ބާޢްވާ އާންމު ޖަލްސާގެ ނޯޓިސް، އެޖަލްސާ ބޭއްވުމުގެ 14 ދުވަސް ކުރިން ދޭންވާނެއެވެ. 

(ށ) ކުންފުނީގެ ހިންގާ ގަވާއިދުގައި ވަކިގޮތަކަށް ކަނޑައެޅި ބަޔާންވެގެން ނުވާހާ ހިނދަކު، ޕްރައިވެޓް ކުންފުންޏަކުން ފާސްކުރާ ހާއްސަ ގަރާރަކުން، އެ ކުންފުންޏެއްގެ ޑިރެކްޓަރަކު ވަކިކުރެވިދާނެއެވެ. 

 

50- ވަނަ މާއްދާ - ބޯޑުގެ ޖަލްސާތައް

ކޮންމެ ކުންފުންޏަކުންވެސް އެ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާ، ކޮންމެ އަހަރަކު މަދުވެގެން ދެފަހަރު ބާއްވަން ވާނެއެވެ.

 

51- ވަނަ މާއްދާ - ބޯޑުގެ ޗެއަރމަން

ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާނީ، ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަންއެވެ. އޭނާއަށް ހާޒިރު ނުވެވިއްޖެ ހާލެއްގައި ރިޔާސަތު ބަލަހައްޓާނީ، އެ ޖަލްސާއަކަށް ހާޒިރުވި މެންބަރުން އެމެންބަރުންގެ ތެރެއިން އިންތިހާބުކުރާ މީހެކެވެ.

 

52- ވަނަ މާއްދާ - ގާނުނީ އަދަދު

ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާއެއް ކުރެވޭނީ، މަދުވެގެން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ އަގްލަބިއްޔަތު އެޖަލްސާއަކަށް ހާޒިރުވުމުންނެވެ. ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާއެއް ކުރުމަށް ބޭނުންވާ ގާނޫނީ އަދަދު، މިމާއްދާގައި ބުނެފައިވާ އަދަދަށްވުރެ އިތުރުކޮށް، ކުންފުނީގެ ހިންގާ ގަވާއިދުގައި އެއަދަދު ކަނޑައަޅައި، އެއަދަދަށް އަމަލު ކުރުމަކަށް މިމާއްދާ ހުރަހެއް ނާޅައެވެ.

 

53- ވަނަ މާއްދާ - ޔައުމިއްޔާ

ކޮންމެ ކުންފުންޏަކުންވެސް އެކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގެ ކޮންމެ ޖަލްސާއެއްގެ ޔައުމިއްޔާ ލިޔެ، އެޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓި މީހާއާއި ކުންފުނީިގެ ސެކްރެޓަރީ އެ ޔައުމިއްޔާގައި ސޮއި ކުރަންވާނެއެވެ.

 

54- ވަނަ މާއްދާ - އަހަރީ އާންމު ޖަލްސާ

ކޮންމެ ކުންފުންޏަކުންވެސް، އެ ކުންފުންޏެއްގެ މެންބަރުންގެ އަހަރީ އާންމު ޖަލްސާއެއް، ކޮންމެ މީލާދީ އަހަރަކު އެއްފަހަރު ބާއްވަން ވާނެއެވެ. މިގޮތުން ބާއްވާ ދެޖަލްސާގެ ދޭތެރޭގައި 15 މަސްދުވަހަށްވުރެ ދިގުމުއްދަތެއް ހޭދަވެގެން ނުވާނެއެވެ.

 

55- ވަނަ މާއްދާ - އަހަރީ އާންމު ޖަލްސާގައި ކުރަންޖެހޭ ކަންތައްތައް

އަހަރީ އާންމު ޖަލްސާގައި ތިރީގައި ބުނެފައިވާ ކަންތައްތައް ކުރަންޖެހޭނެ އެވެ.

(ހ) އޮޑިޓްކޮށްފައިވާ ކުންފުނީގެ ވޭތުވެދިޔަ އަހަރުގެ ބެލެންސް ށީޓާއި ފައިދާއާއި ގެއްލުމުގެ ހިސާބާއި، ޑިރެކްޓަރުންގެ ރިޕޯޓް ހުށަހަޅައި ފާސްކުރުން.

(ށ) ޑިރެކްޓަރުންގެ ބޯޑުގެ މެންބަަރުން އައްޔަން ކުރަންވެފައި ވާނަމަ، ނުވަތަ އިންތިހާބު ކުރަންވެފައި ވާނަމަ، އެ މެންބަރުން އައްޔަންކުރުމާއި، އިންތިހާބު ކުރުން.

(ނ) މެންބަރުންނަށް ބަހަންވާ ފައިދާާ ކަނޑައެޅުން.

 

56- ވަނަ މާއްދާ - ހާއްސަ ގޮތުން ކުރާ އާންމު ޖަލްސާ

(ހ) ކުންފުންޏެއްގެ ހާއްސަގޮތުންކުރާ އާންމު ޖަލްސާއެއް ބާއްވަން ވެއްޖެކަމަށް ޑިރެކްޓަރުންގެބޯޑަށްް ފެނިއްޖެ ހިނދެއްގައި އެފަދަ ޖަލްސާއެއް ބޭއްވިދާނެއެވެ.

(ށ) ކުންފުނީގެ ހިއްސާއިން އުފެދިފައިވާ ރައުސުމާލުގެ %10 އަށްވުރެ މަދުނޫން އަދަދެއް ތަމްސީލުކުރާ މެންބަރުން އެދިއްޖެ ހިނދެއގައި، ހާއްސަގޮތުންކުރާ އާންމު ޖަލްސާއެއް، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ފަރާތުން ބާއްވަންވާނެއެވެ.

(ނ) މިމާއްދާގެ (ށ) ގައި ބުނެފައިވާ ޖަލްސާބާއްވަން އެދެން ވާނީ، އެ ޖަލްސާއެއް ބޭއްވުމަށް އެދޭ ފަރާތްތަކުން ސޮއިކޮށްފައިވާ ލިޔުމަކުންނެވެ. އަދި އެލިޔުމުގައި، ޖަލްސާ ބޭއްވުމުގެ މަގްސަދުތައް ބަޔާންކޮށްފައި އޮންނަންވާނެ އެވެ.

 

57- ވަނަ މާއްދާ - އަހަރީ އާންމު ޖަލްސާގެ ނޯޓިސް

(ހ) ޕްރައިވެޓް ކުންފުންޏެއްގެ އަހަރީ އާންމު ޖަލްސާގެ ނޯޓިސް،އެ ޖަލްސާއެއް ބާއްވާ ދުވަހުގެ 14 ދުވަސް ކުރިން އެ ކުންފުންޏެއްގެ ކޮންމެ މެންބަރަކަށްވެސް ފޮނުވަންވާނެ އެވެ. އަދި މި ނޯޓިސްގައި، އެޖަލްސާއެއްގެ މަގްސަދާއި، އެޖެންޑާއާއި، އަދި އެޖަލްސާއެއް ބާއްވާނެ ތަނާއި، ތާރީހާއި، ގަޑި ބަޔާން ކުރަން ވާނެއެވެ. މިބުނެވުނު ނޯޓިސްއާއެކު ކުންފުނީގެ ޑިރެކްޓަރުންގެ އަހަރީ ރިޕޯޓާއި އަހަރީ ހިސާބުތަކާއި އޮޑިޓަރުންގެ ރިޕޯޓް، ކޮންމެ މެންބަރަކަށްވެސް ފޮނުވަންވާނެ އެވެ.

(ށ) ޕަބްލިކް ކުންފުންޏެއްގެ އަހަރީ އާންމު ޖަލްސާ ބާއްވާ ދުވަހުގެ 14 ދުވަސްކުރިން އެ ޖަލްސާއެއްގެ ނޯޓިސް، އާންމުކޮށް އިއުލާނު ކުރަންވާނެ އެވެ. މިގޮތުންކުރާ އިއުލާނުގައި އެ ޖަލްސާއެއް ބާއްވާނެ ތަނާއި، ތާރީހާއި ގަޑި ބަޔާން ކުރަންވާނެ އެވެ. މިބުނި އިއުލާނާއެކު ކުންފުނީގެ ޑިރެކްޓަރުންގެ އަހަރީ ރިޕޯޓާއި، އަހަރީ ހިސާބުތަކާއި އޮޑިޓަރުންގެ ރިޕޯޓް ށާއިއު ކުރަންވާނެ އެވެ.

(ނ) ޕްރައިވެޓް ކުންފުންޏެއްގެ ހާއްސަ ގޮތުން ކުރާ އާންމު ޖަލްސާގެ ނޯޓިސް، އެ ޖަލްސާއެއް ބާއްވާ ދުވަހުގެ 14 ދުވަސް ކުރިން އެ ކުންފުންޏެއްގެ ކޮންމެ މެންބަރަކަށްވެސް ފޮނުވަންވާނެ އެވެ. އަދި މިނޯޓިސްގައި، އެ ޖަލްސާއެއްގެ މަގްސަދާއި، އެޖެންޑާއާއި އަދި އެ ޖަލްސާއެއް ބާއްވާނެ ތަނާއި، ތާރީހާއި ގަޑި ބަޔާން ކުރަންވާނެ އެެވެ.

(ރ) ޕަބްލިކް ކުންފުންޏެއްގެ ހާއްސަ ގޮތުން ކުރާ އާންމު ޖަލްސާގެ ނޯޓިސް އެޖަލްސާއެއް ބާއްވާ ދުވަހުގެ 14 ދުވަސް ކުރިން އާންމުކޮށް އިއުލާނު ކުރަންވާނެ އެވެ. މިގޮތުން ކުރާ އިއުލާނުގައި އެ ޖަލްސާއެއް ބާއްވާނެ ތަނާއި، ތާރީހާއި ގަޑި ބަޔާންކުރަންވާނެ އެވެ.

 

58- ވަނަ މާއްދާ - އާންމު ޖަލްސާއެއް ބޭއްވުމަށް ބޭނުންވާ ގާނޫނީ އަދަދު (އިސްލާހު ކުރެވިފައި)

ޕްރައިވެޓް ކުންފުންޏެއްގެ ނުވަތަ ޕަބްލިކް ކުންފުންޏެއްގެ ހިންގާ ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންވެގެން ނުވާހާ ހިނދަކު، ކޮންމެ ޕްރައިވެޓް ކުންފުންޏެއްގެ އާންމު ޖަލްސާގެ ގާނޫނީ އަދަދު ހަމަވެއްޖެކަމަށްވާނީ، އެ ކުންފުނީގެ ހިއްސާދާރުންގެ އަގުލަބިއްޔަތު، ޖަލްސާއަށް ހާޒިރުވުމުންނެވެ. ޕަބްލިކް ކުންފުންޏެއްގެ އާންމު ޖަލްސާއެއްގެ ގާނޫނީ އަދަދު ހަމަވެއްޖެކަމަށްވާނީ އެ ކުންފުންޏެއްގެ ހުއްދަ ކުރެވިފައިވާ ރައުސުލްމާލުގެ މަދުވެގެން ވިހި އިންސައްތައް ތަމްސީލުުކުރާ ފަސް ހިއްސާދާރުން ހާޒިރުވުމުންނެވެ. 

 

59- ވަނަ މާއްދާ - އާންމު ޖަލްސާއަށް ހާޒިރުވުމުގެ ހައްގު

ކުންފުނީގެ ކޮންމެ އާންމު ޖަލްސާއަކަށް ހާޒިރު ވުމުގެ ހައްގު އެ ކުންފުންޏެއްގެ ކޮންމެ މެންބަރަކަށް، ނުވަތަ އޭނާގެ ބަދަލުގައި ފޮނުވާ މީހަކަށް ލިބިގެން ވެއެވެ. ބަދަލުގައި ފޮނުވާމީހުން އައްޔަން ކުރަންވާނީ، އެކަމަށް އެކަށީގެންވާ ލިޔުމަކުންނެވެ. މިއިން ކޮންމެ މީހަކަށްވެސް ޖަލްސާގައި ވާހަކަ ދައްކައި، ވޯޓު ދިނުމުގެ ހައްގު ލިބިގެން ވެއެވެ.

 

60- ވަނަ މާއްދާ - އާންމު ޖަލްސާގެ ރިޔާސަތު ބެލެހެއްޓުން

ކުންފުނީގެ ކޮންމެ އާންމު ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަންވާނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަންއެވެ. އޭނާއަށް ހާޒިރު ނުވެވިއްޖެ ހާލަތެއްގައި، ރިޔާސަތު ބަލަހައްޓާނީ، އެޖަލްސާއަކަށް ހާޒިރުވި މެންބަރުންގެ ތެރެއިން އިންތިހާބުކުރާ މީހެކެވެ.

 

61- ވަނަ މާއްދާ - ޔައުމިއްޔާ

ކޮންމެ ކުންފުންޏަކުން އެކުންފުންޏެއްގެ ހުރިހާ އާންމު ޖަލްސާތަކުގެ ޔައުމިއްޔާ ލިޔެ ބަލަހައްޓަން ވާނެއެވެ.

 

62- ވަނަ މާއްދާ - ވޯޓު ދިނުން

(ހ) ކުންފުނީގެ ކޮންމެ ޖަލްސާއެއްގައި ވެސް، ވޯޓުދޭނީ އަތް އުފުލައިގެންނެވެ. މިއާ ހިލާފަށް، މެންބަރުން ގަނެފައިވާ ހިއްސާގެ ނިސްބަތުން ވޯޓު ދޭގޮތަށް ހަމަޖެއްސޭނީ، ކުންފުނީގެ ހިއްސާގެ %10 އަށްވުރެ މަދުނޫން އަދަދެއް ތަމްސީލުކުރާ މެންބަރުން އެގޮތަށް އެދިއްޖެ ހިނދެއްގައެވެ.

(ށ) އަތްއުފުލައިގެން ވޯޓުދޭއިރު ހާޒިރުވި ކޮންމެ މެންބަރަކަށްވެސް ދެވޭނީ 1 ވޯޓެވެ.

(ނ) މެންބަރުން ގަނެފައިވާ ހިއްސާގެ ނިސްބަތުން ވޯޓު ދޭއިރު، ހާޒިރުވި ކޮންމެ މެންބަރަކަށްވެސް އޭނާ ގަނެފައިވާ ކޮންމެ ހިއްސާއަކަށް އެއްވޯޓު ދެވޭނެއެވެ.

(ރ) މެންބަރުން ގަނެފައިވާ ހިއްސާގެ ނިސްބަތުން ވޯޓު ދީގެން، ކަމެއް ނިންމައިފިނަމަ، އެ ނިންމި ނިންމުމަކަށް ބަދަލެއް ނުގެނެވޭނެ އެވެ.

(ބ) ކުންފުނީގެ ފައިދާ ބެހުމުގައާއި ކުންފުނި އުވާލާ ހިނދުގައި، ވަކި ހައްގުތަކަކާއި އިމްތިޔާޒުތަކެއް ލިބޭގޮތަށް، މިގާނޫނުގެ 30 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން އެކަށައަޅާފައިވާ ހިއްސާ ގަންނަ ކުންފުނީގެ މެންބަރުން، ކުންފުނީގެ އާންމު ޖަލްސާތަކުގައި ވޯޓުދޭ ހާލަތުތަކާއި ވޯޓުދޭގޮތް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ކުންފުނީގެ ހިންގާ ގަވާއިދުގައި ބަޔާންކޮށް، އެގޮތަށް އަމަލު ކުރުމަކަށް މިމާއްދާ ހުރަހެއް ނާޅައެވެ.

 

ހިސާބުތައް ބެލެހެއްޓުމާއި އޮޑިޓްކުރުން

63- ވަނަ މާއްދާ - ހިސާބުތައް ބެލެހެއްޓުމުގެމަސްއޫލިއްޔަތު

(ހ) ކޮންމެ ކުންފުންޏަކުންވެސް ތިރީގައި ބަޔާން ކޮށްފައިވާ މައުލޫމާތުތައް ސާފުކޮށް އެނގޭނެހެން އެ ކުންފުންޏެއްގެ ހިސާބުތައް ބަލަހައްޓަންވާނެ އެވެ.

  1. ކުންފުންޏަށް ދުވަހުން ދުވަހަށް ލިބޭ އާމްދަނީއާއި، ހަރަދުކުރާ ފައިސާގެ ތަފްސީލު.
  2. ކުންފުނީގެ މުދަލާއި، ދަރަންޏާއި، އެހެނިހެން ޒިންމާތަކާ ބެހޭ ތަފްސީލު

(ށ) މިމާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ކުންފުނީގެ ހިސާބުތައް ބަލަހައްޓާފައި ނުވާނަމަ، އެ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ތެރެއިން އެ ކުންފުންޏަކުން މިމާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެ މަތިން އަމަލު ކުރުމަށްޓަކައި ނުވަތަ އަމަލު ކުރުވުމަށްޓަކައި އެކަށީގެންވާ ފިޔަވަޅު އަޅަންޖެހި، ފިޔަވަޅު ނާޅާހުރި ކޮންމެ މީހަކު ކުށްވެރިވާނެ އެވެ.

(ނ) މި މާއްދާގެ (ށ) ގެދަށުން ކުށްވެރިވާ މީހެއްގެ އަދަބަކީ 10،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން، ނުވަތަ 6 މަހާއި 2 އަހަރާ ދެމެދުގެ މުއްދަތަށް ގޭގައި ބަންދުކުރުން، ނުވަތަ އަރުވާލުން، ނުވަތަ ޖަލަށްލުމެވެ.

 

64- ވަނަ މާއްދާ - ހިސާބުތައް އެކުލެވޭލިޔުންތައް ހުންނަންވީ ތަނާއި މުއްދަތު

(ހ) ކޮންެމެ ކުންފުންޏެއްގެ ހިސާބުތައް އެކުލެވޭ ލިޔުންތައް އެ ކުންފުންޏެއްގެ ރަޖިސްޓަރީކޮށްފައިވާ އޮފީހުގައި އެ ކުންފުންޏެއްގެ ޑިރެކްޓަރުން އެދިއްޖެނަމަ ފެންނާނެ ގޮތަަކަށް ބަހައްޓަންވާނެއެވެ. ރަޖިސްޓަރީ ކޮށްފައިވާ އޮފީސް ބަދަލުވެއްޖެނަމަ އެ ބަދަލުވި ތަނެއްގައި ބަހައްޓަންވާނެއެވެ.  (އިސްލާހު ކުރެވިފައި)

(ށ) ކޮންމެ ޕްރައިވެޓް ކުންފުންޏަކުން އެ ކުންފުންޏެއްގެ ހިސާބުތައް އެކުލެވޭ ލިޔުންތައް، އެ ހިސާބުތައް ތައްޔާރުކުރާ ތާރީހަކުން ފެށިގެން 3 އަހަރު ދުވަހުގެ މުއްދަތަށް ބަހައްޓަންވާނެ އެވެ.

(ނ) ކޮންމެ ޕަބްލިކް ކުންފުންޏަކުން އެ ކުންފުންޏެއްގެ ހިސާބުތައް އެކުލެވޭ ލިޔުންތައް، އެ ހިސާބުތައް ތައްޔާރުކުރާ ދުވަހުން ފެށިގެން 6 އަހަރު ދުވަހުގެ މުއްދަތަށް ބަހައްޓަންވާނެ އެވެ.

 

65- ވަނަ މާއްދާ - ހިސާބުތައް ފާސްކުރުން

ކޮންމެ ކުންފުންޏަކުންވެސް، މި ގާނޫނުގެ 66 ވަނަ މާއްދާގައި ބުނެފައިވާ ހިސާބުތައް ތައްޔާރުކޮށް، އެ ކުންފުންޏެއްގެ ހިންގާ ގަވާއިދުގައިވާ ގޮތުގެމަތިން އެ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުން އެ ހިސާބުތައް ފާސްކޮށް، އެ ހިސާބުތަކުގައި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުން ސޮއިކުރަންވާނެ އެވެ.

 

66- ވަނަ މާއްދާ - އަހަރީ ހިސާބާއި އަހަރީ ރިޕޯޓް

(ހ) ކޮންމެ ކުންފުންޏެއްގެ އަހަރީ އާންމު ޖަލްސާ އަށް ހުށަހެޅުމަށްޓަކައި އެ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގެ ފަރާތުން އެ ކުންފުންޏެއްގެ އާމްދަނީއާއި ހަރަދާއި، ފައިދާއާއި ގެއްލުމުގެ އަހަރީ ހިސާބުތަކާއި، އަހަރީ ބެލެންސް ށީޓާއި އަހަރީ ރިޕޯޓެއް ތައްޔާރު ކުރުވައި މި ހިސާބުތަކާއި އަހަރީ ރިޕޯޓް، ކުންފުނީގެ އަހަރީ އާންމު ޖަލްސާއަށް ހުށަހަޅަންވާނެ އެވެ.

(ށ) މިމާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ޑިރެކްޓަރުންގެ ބޯޑުން ތައްޔާރުކުރާ އަހަރީ ރިޕޯޓުގައި ތިރީގައި ބަޔާން ކޮށްފައިވާ މައުލޫމާތު ހިމަނަންވާނެއެވެ.

  1. ވޭތުވެދިޔަ އަހަރު ދުވަހުގެ ތެރޭގައި ކުންފުނީގެ ވިޔަފާރިއާއި އެެހެނިހެން ކަންތައްތައް ހިނގި ގޮތް.
  2. ވޭތުވެދިޔަ އަހަރު ކުންފުންޏަށް ފައިދާވިނަމަ އެވީ ފައިދާއެއްގެ ތެރެއިން ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށާއި، ރިޒާވެއްގެ ގޮތުގައި ބެެހެއްޓުމަށް ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނަށް ފެންނަ މިންވަރު.
  3. ވޭތުވެދިޔަ އަހަރު ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ގޮތުގައި ތިބި މީހުންގެ ނަމާއި، ކުންފުނީގެ މެންބަރުންގެ ގޮތުގައި ތިބި ފަރާތްތަކުގެ މައުލޫމާތު.
  4. ވޭތުވެދިޔަ އަހަރު މައިގަނޑު ގޮތެއްގައި ކުންފުނިން ކުރި މަސައްކަތްތަކާ ބެހޭ މައުލޫމާތު.

(ނ) މިމާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެމަތިން ކުންފުނީގެ އަހަރީ ހިސާބާއި ޑިރެކްޓަރުންގެ އަހަރީ ރިޕޯޓް ތައްޔާރުކޮށްފައި ނުވާނަމަ، ވޭތުވެދިޔަ އަހަރު ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ގޮތުގައި ތިބި މީހުންގެ ތެރެއިން، އެ ރިޕޯޓް ތައްޔާރު ކުރުމަށްޓަކައި ނުވަތަ ތައްޔާރު ކުރުވުމަށްޓަކައި އެކަށީގެންވާ ފިޔަވަޅު އަޅަންޖެހި، ފިޔަވަޅު ނާޅާހުރި ކޮންމެ މީހަކު ކުށްވެރި ވާނެއެވެ. މިބުނެވުނު ގޮތުން ކުށްވެރިވާ  މީހެއްގެ އަދަބަކީ 5،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

 

67- ވަނަ މާއްދާ - ހިސާބު ތަކުގައި ހުންނަންވީ މައުލޫމާތު

ކޮންމެ ކުންފުންޏަކުންވެސް، އެ ކުންފުންޏެއްގެ ހުއްދަ ކޮށްފައިވާ ރައުސުމާލާއި، އެކަށައަޅާފައިވާ ހިއްސާތަކުން އުފެދިފައިވާ ރައުސުމާލާއި ހިއްސާގެ އަގުން ލިބިފައިވާ ރައުސުމާލާއި އެ ކުންފުންޏެއްގެ މުދަލާއި، ދަރަންޏާއި، އެ މުދަލާއި ދަރަންޏާ ގުޅޭގޮތުން އާންމު ގޮތެއްގައި އެނގެންވާނެ ކަންތައްތަކާއި، އެ ކުންފުންޏެއްގެ ނުއުފުލޭ މުދަލުގެ އަގު ކުރިގޮތުގެ ތަފްްސީލު، މިގާނޫނުގެ 66 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ހިސާބުތަކުގައި ހިމަނަންވާނެ އެވެ.

 

68- ވަނަ މާއްދާ - ހިސާބުތަކާއި އެހެނިހެން ރިޕޯޓްތައް އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުން

(ހ) ކޮންމެ ކުންފުންޏަކުންވެސް މިގާނޫނުގެ 66 ވަނަ މާއްދާގައި ބުނެފައިވާ އަހަރީ ހިސާބު ތަކާއި އެ ކުންފުންޏެއްގެ ޑިރެކްޓަރުންގެ އަހަރީ ރިޕޯޓު، އެކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށް، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ތެރެއިން ދެމީހަކު އެހިސާބު ތަކާއި އަހަރީ ރިޕޯޓުގައި ސޮއިކޮށް، އެ ކުންފުންޏެއްގެ އަހަރީ އާންމު ޖަލްސާއަށް ހުށަހަޅަންވާނެ އެވެ.

(ށ) ކޮންމެ ކުންފުންޏަކުންވެސް އެ ކުންފުންޏެއްގެ އަހަރީ ހިސާބުތަކާއި ޑިރެކްޓަރުންގެ އަހަރީ ރިޕޯޓް އެ  ކުންފުންޏެއްގެ މެންބަރުންގެ އަހަރީ އާންމު ޖަލްސާއަށް ހުށަހަޅާއިރު، މިބުނެވުނު ހިސާބުތަކާއި ޑިރެކްޓަރުންގެ ރިޕޯޓާއި މިގާނޫނުގެ 71 ވަނަ މާއްދާގައި ބުނެފައިވާ އޮޑިޓަރުގެ ރިޕޯޓްވެސް އެ ކުންފުންޏެއްގެ އަހަރީ އާންމު ޖަލްސާއަށް ހުށަހަޅަން ވާނެއެވެ.

 

69- ވަނަ މާއްދާ - ހިސާބުތަކާއި ރިޕޯޓްތައް ރެޖިސްޓްރާރއަށް ހުށަހެޅުން

(ހ) ކޮންމެ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގެ ފަރާތުން، މިގާނޫނުގެ 66 ވަނަ މާާއްދާގައި ބުނެފައިވާ ހިސާބުތަކާއި ޑިރެކްޓަރުންގެ ރިޕޯޓާއި، މިގާނޫނުގެ 71 ވަނަ މާއްދާގައި ބުނެފައިވާ އޮޑިޓަރުގެ ރިޕޯޓް، އެ ކުންފުންޏެއްގެ އަހަރީ އާންމު ޖަލްސާ ބާއްވާތާ 15 ދުވަހުގެ ތެރޭގައި ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ހުށަހަޅަންވާނެ އެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އޮޑިޓަރުންގެ ރިޕޯޓާއި ކުންފުނީގެ ހިސާބުތަކާއި، ޑިރެކްޓަރުންގެ އަހަރީ ރިޕޯޓު، ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ހުށަނާޅާއިފިނަމަ، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ކުށްވެރިވާނެއެވެ. މިގޮތުން ކުށްވެރިވުމުގެ އަދަބަކީ، އެ ކުންފުންޏެއްގެ މެނޭޖިންގ ޑިރެކްޓަރ 10،000 ރުފިޔާއިން ޖޫރިމަނާކުރުން، އެކުފުންޏަކީ ޕަބްލިކް ކުންފުންޏެއް ނަމަ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ 30،000 ރުފިޔާއިން ޖޫރިމަނާކުރުމެވެ. (އިސްލާހު ކުރެވިފައި)

(ނ) މި މާއްދާގެ (ށ) ގެ ދަށުން ކުންފުންޏެއްގެ މެނޭޖިންގ ޑިރެކްޓަރު ޖޫރިމަނާކުރެވިއްޖެނަމަ، އެ ކުންފުންޏަކުން އެ މާއްދާގައި ބަޔާންކުރާ ޖޫރިމަނާގެ ފައިސާ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ދައްކަންވާނެއެވެ. އެ މުއްދަތުގެ ތެރޭގައި އެ ޖޫރިމަނާގެ ފައިސާ ދެއްކުމާއެކު، މި މާއްދާގެ (ހ) ގައި ބަޔާންކުރާ އަހަރީ ހިސާބުތަކާއި ޑިރެކްޓަރުންގެ އަހަރީ ރިޕޯޓާއި އޮޑިޓަރުގެ ރިޕޯޓު ހުށަނާޅައިފިނަމަ،އެ ކުންފުންޏެއް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އުވާލުމުގެ އިހްތިޔާރު ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ލިބިގެންވެއެވެ. (އިސްލާހު1 އިސްލާހު2 ކުރެވިފައި)

(ރ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ލިޔުންތައް ހުށަހަޅާ ފަރާތުން، އެ ހުށަހެޅި ލިޔުމަކާ ބެހޭގޮތުން ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް ވަކިގޮތެއް ނިންމުމަށްޓަކައި، އިތުރު އެހެން ލިޔުމެއް ހުށަހެޅުމަށް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް އެންގިދާނެއެވެ. (އިތުރު ކުރެވިފައި)

(ބ) މި ގާނޫނަށް އަމަލުކުރުމުގެ ގޮތުން މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ރެޖިސްޓްރާރ ނުވަތަ ޢޭނާގެ ދަށުން މަސައްކަތްކުރާ މުވައްޒަފަކު ހެޔޮނިޔަތުގައި ކުރާ ކަމަކާމެދު އެއްވެސް ދައުވާއެއް ނުއުފުލޭނެއެވެ. ނަވަމެސް ކުރި އަމަލަކާ ގުޅިގެން ކުރާ ތަހްގީގަކަށް ހެޔޮ ނިޔަތުގައި ކުރިކަމެއް ނޫންކަމަށް ފެނިއްޖެނަމަ މި މާއްދާގެ ދަށުން ރައްކާތެރިކަމެއް ނުލިބޭނެއެވެ. (އިތުރު ކުރެވިފައި)

 

70- ވަނަ މާއްދާ - އޮޑިޓަރު އައްޔަންކުރުން

(ހ) ކޮންމެ ކުންފުންޏަކުންވެސް އެ ކުންފުންޏެއްގެ އޮޑިޓަރުކަން ކުރާނެ ފަރާތެއް ނުވަތަ ފަރާތްތަކެއް އައްޔަން ކުރަންވާނެ އެވެ. ކޮންމެ ޕަބްލިކް ކުންފުންޏަކުންނާއި އެ ކުންފުންޏެއްގެ ހުއްދަ ކޮށްފައިވާ ރައުސުމާލު 1،000،000 ރުފިޔާ އަށްވުރެބޮޑު ކޮންމެ ޕްރައިވެޓް ކުންފުންޏަކުން މިގޮތުން އައްޔަންކުރާ އޮޑިޓަރަކީ، އޯޑިޓް އޮފީހުން ގަބޫލުކުރާ ޗާޓަޑް އެކައުންޓަކަށް ނުވަތަ ސަރޓިފައިޑް ޕަބްލިކް އެކައުންޓެންޓަކަށް ވާންޖެހޭނެއެވެ. (އިސްލާހު ކުރެވިފައި)

(ށ) ކޮންމެ ކުންފުންޏަކުންވެސް އެ ކުންފުނީގެ އޮޑިޓަރު ނުވަތަ އޮޑިޓަރުން އައްޔަންކޮށް، ވަކިކުރާނީ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައެވެ.

(ނ) މިމާއްދާގެ (ހ) ގެ ދަށުން އައްޔަންކުރާ އޮޑިޓަރުގެ އުޖޫރަ ކަނޑައަޅަން ވާނީ އެ ކުންފުންޏެއްގެ މެންބަރުންގެ އަހަރީ އާންމު ޖަލްސާއިންނެވެ.

 

71- ވަނަ މާއްދާ - އޮޑިޓަރުގެ ރިޕޯޓް

(ހ) މިގާނޫނުގެ 66 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ކޮންމެ ކުންފުންޏަކުން އެ ކުންފުންޏެއްގެ މެންބަރުންގެ އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށްޓަކައި ތައްޔާރުކުރާ ހިސާބުތަކާއެކު އެ ކުންފުންޏެއްގެ އަހަރީ އާންމު ޖަލްސާއަށް ހުށަހަޅަންޖެހޭ އޮޑިޓް ރިޕޯޓް، ކުންފުނީގެ އޮޑިޓަރުން ތައްޔާރު ކުރަންވާނެ އެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ އޮޑިޓް ރިޕޯޓުގައި ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމަންވާނެއެވެ.

  1. އޮޑިޓަރުންގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި އޮޑިޓަރުންނަށް ބޭނުންވާ އެންމެހައި މައުލޫމާތާއި، ތަފްސީލު އޮޑިޓަރުންނަށް ފުރިހަމައަށް ލިބުނުކަން ނުވަތަ ނޫންކަން.
  2. މިގާނޫނުގެ 66 ވަނަ މާއްދާގެ ދަށުން ތައްޔާރު ކޮށްފައިވާ ހިސާބުތައް އެކުލަވައިލާފައި ވަނީ އެ ކުންފުންޏެއްގެ ކަންތައްތައް ހަގީގަތާ އެއްގޮތަށް ދައްކައިދޭ ގޮތަށް ކަމަށާއި، އެ ހިސާބުތައް ތައްޔާރު ކޮށްފައިވަނީ، ކުންފުނީގެ ފޮތްތަކުގައި އެކުލެވޭ އެންމެހައި ހިސާބުތަކުގައިވާ ގޮތުގެމަތިން އެ ކުންފުނީގެ މާލީ ހާލަތު ރަނގަޅަށް ބަޔާން ކޮށްފައިކަން ނުވަތަ ނޫންކަން.

 

72- ވަނަ މާއްދާ - ކުންފުނީގެ އާންމު ޖަލްސާއެއް ބޭއްވުމަށް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް އަމުރު ކުރުމުގެ ބާރު

(ހ) އެއްވެސް ސަބަބަކާ ހުރެ ކުންފުނީގެ އާންމު ޖަލްސާއެއް، އެ ކުންފުންޏެއްގެ ޖަލްސާތައް ބޭއްވުމަށް ހަމަޖެހިފައިވާ ގޮތުގެމަތިން ބޭއްވޭ ގޮތް ނުވެއްޖެނަމަ، ނުވަތަ އާންމު ޖަލްސާގެ ކަންތައްތައް އެ ކުންފުންޏެއްގެ ހިންގާ ގަވާއިދުގައި ނުވަތަ މި ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން ކުރިއަށް ނުގެންދެވިއްޖެނަމަ، އެ ކުންފުންޏެއްގެ އާންމު ޖަލްސާއެއް ބާއްވައި ދިނުން އެދި ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ހުށަހެޅުމުގެ އިހްތިޔާރު، އެ ކުންފުނީގެ ކޮންމެ މެންބަރަކަށްވެސް ލިބިގެން ވެއެވެ. މިގޮތުން އެ ކުންފުންޏެއްގެ އާންމު ޖަލްސާއެއް ބޭއްވުމަށް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް އަންގާ އެންގުމަށް އެ ކުންފުންޏަކުން އިޖާބަ ނުދީފިނަމަ، ކުންފުނީގެ އާންމު ޖަލްސާއެއް ބޭއްވުމުގެ ބާރު، ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ލިބިގެން ވެއެވެ. އަދި މިގޮތުން ބާއްވާ އާންމު ޖަލްސާގެ ކަންތައްތައް ބަލަހައްޓާނީ، ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް ނުވަތަ ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް އައްޔަން ކުރާ ފަރާތަކުންނެވެ.

(ށ) މިމާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެމަތިން ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް ބާއްވާ ޖަލްސާއަށް އެ ކުންފުންޏެއްގެ އެންމެ މެންބަރަކު ނުވަތަ މެންބަރެއްގެ ބަދަލުގައި ފޮނުވާ އެންމެ މީހަކު ހާޒިރުވިޔަސް، އެ ޖަލްސާއެއް ކުރިއަށް ގެންދެވިދާނެއެވެ. 

 

73- ވަނަ މާއްދާ - މެންބަރުން ކޯޓުގެ އަމުރަކަށް އެދުން

(ހ) ކުންފުންޏެއްގެ މެންބަރުންގެ މަސްލަހަތަށް ނުވަތަ ހައްގަކަށް އުނިކަމެއް ލިބިއްޖެނަމަ ނުވަތަ އެ ކުންފުންޏެއްގެ ކަންތައްތައް ހިންގައި ކުރިއަށް ގެންދަނީ، ކުންފުނީގެ މެންބަރުންގެ ނުވަތަ މެންބަރުންގެ ތެރެއިން ބަޔެއްގެ ނުވަތަ މެންބަރެއްގެ މަސްލަހަތަށް ނުވަތަ ހައްގަކަށް އުނިކަމެއް ލިބޭފަދަ ގޮތަކަށްކަމުގައި ވަނީނަމަ، ކޯޓުގެ އަމުރެއް ހޯދުމަށް އެދި އެ ކުންފުންޏެއްގެ މެންބަރުންނަށް ނުވަތަ މެންބަރަކަށް ކޯޓަށް ހުށަހެޅިދާނެ އެވެ.

(ށ) މިމާއްދާގެ (ހ) ގެ ދަށުން ކުންފުންޏެއްގެ މެންބަރަކު ނުވަތަ މެންބަރުން ހުށަހެޅި ހުށަހެޅުމުގައިވާ ކަމަކީ، ކޯޓުގެ ނަޒަރުގައި އެ ހުށަހެޅުމެއް ހުށަހެޅި ފަރާތެއްގެ މަސްލަހަތަކަށް ނުވަތަ ހައްގަކަށް އުނިކަމެއް ލިބޭ ފަދަ ކަމެއްކަމުގައި ވަނީނަމަ، ތިރީގައި ބަޔާން ކޮށްފައިވާ ފަދަ އަމުރެއް ނުވަތަ އަމުރުތަކެއް ނެރުމުގެ ބާރު، ކޯޓަށް ލިބިގެންވެއެވެ.

  1. މެންބަރެއްގެ މަސްލަހަތަކަށް ނުވަތަ ހައްގަކަށް އުނިކަމެއް ލިބޭކަމަށް ހުށަހަޅާ ކަމަކާ ގުޅޭ، ކުންފުނީގެ ކަންތައްތައް ވަކިގޮތަކަށް ހިންގުމަށް ކަނޑައަޅާފައިވާ އަމުރެއް.
  2. މެންބަރަކު ނުވަތަ މެންބަރުން އެފަރާތުގެ ހައްގަކަށް އުނިކަމެއް ލިބޭކަމަށް ހުށަހެޅި ކަންތައް ރަނގަޅު ކުރުވުމުގެ ނުވަތަ ހުއްޓުވުމުގެ އަމުރެއް.
  3. ކުންފުނީގެ އަސާސީ ގަވާއިދަށް ނުވަތަ ހިންގާ ގަވާއިދަށް ބަދަލު ގެނައުމުގެ އަމުރެއް.

 

74- ވަނަ މާއްދާ - ކުންފުނީގެ ގާނޫނީ ށަހްށިއްޔަތު ނަހަމަގޮތުގައި ބޭނުން ކުރުން

މި ގާނޫނުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކުންފުންޏެއް ރަޖިސްޓަރީ ވުމުން އެ ކުންފުންޏަކީ މެންބަރުންނާ ވަކިން އުފެދިފައިވާ، އަދި ގާނޫނީ ގޮތުން އަމިއްލަ ށަހްސިއްޔަތެއް ލިބިގެންވާ ފަރާތަކަށްވީ ނަމަވެސް، ތިރީގައި ބަޔާން ކޮށްފައިވާ ހާލަތްތަކުގައި ނިވާފަތްގަނޑެއްގެ ގޮތުގައި އެށަހްސިއްޔަތުގެ ބޭނުން ހިފަމުން ގެންދިޔަ ކުންފުނީގެ ޑިރެކްޓަރުން އެ ކުންފުންޏެއްގެ ނަމުގައި ކުރި ކަންތައްތަކަށް އެ ޑިރެކްޓަރުން އަމިއްލައަށް ޒިންމާ އުފުލުމަށް އަމުރު ކުރުމުގެ ބާރު، ކޯޓަށް ލިބިގެން ވެއެވެ.

(ހ) ކުންފުންޏަށް ލިބިފައިވާ ށަހްސިއްޔަތު، ގާނޫނާ ހިލާފު ކަމެއް ކުރުމަށްޓަކައި ބޭނުންކޮށްފިނަމަ.

(ށ) ކުންފުންޏަށް ލިބިފައިވާ ގާނޫނީ ށަހްސިއްޔަތު، މަކަރާއި ހީލަތް ހެދުމަށްޓަކައި ބޭނުންކޮށްފިނަމަ.

(ނ) ކުންފުންޏަށް ލިބިފައިވާ ށަހްސިއްޔަތު، ކުންފުންޏަށް ދަރަނި ދޫކޮށްފައިވާ ފަރާތްތަކަށާއި، ކުންފުންޏާއެކު ވިޔަފާރިކުރި ނުވަތަ ކުރަމުން ގެންދާ ފަރާތްތަކަށް އޮޅުވާލުމުގެ ނިޔަތުގައި ބޭނުން ކޮށްފިނަމަ.

(ރ) މިމާއްދާގެ (ހ) ، (ށ) ، (ނ) ގައި ބުނެފައިވާ ހާލަތްތަކުގެ އިތުރަށް، ގާނޫނުގައި ބަޔާން ކޮށްފައިވާ އެހެނިހެން ހާލަތްތަކުގައި.

 

ކުންފުންޏެއް އުވާލުން

75- ވަނަ މާއްދާ - ކުންފުންޏެއް އުވާލެވޭގޮތް (އިސްލާހު ކުރެވިފައި)

(ހ) މި ގާނޫނުގެދަށުން ރަޖިސްޓަރީ ކޮށްފައިވާ ކުންފުންޏެއް އުވާލެވޭނީ، ތިރީގައި ބަޔާންކޮށްފައިވާ ތިންގޮތުންކުރެ ގޮތަކަށެވެ.

  1. ކުންފުންޏެއް އުވާލުމަށް އެ ކުންފުންޏަކުން ކަނޑައެޅުން. 
  2. ކުންފުންޏެއް އުވާލުމަށް ކޯޓުން އަމުރުކުރުން. 
  3. ކުންފުންޏެއް އުވާލުމަށް ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައެޅުން. 

(ށ) 

  1. ކުންފުންޏެއް އުވާލުމަށް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ކަނޑައެޅޭނީ އެ ކުންފުންޏަކީ، އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެފައިވާ ކުންފުންޏެއް ކަމުގައިވާނަމައެވެ. (އިސްލާހު ކުރެވިފައި)

    1. މި ގާނޫނުގެ 7 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އެ ކުންފުނީގެ އަހަރީ ފީ ދައްކާފައިނުވުން؛ ނުވަތަ
    2. އެ ކުންފުނިން ކުރުމަށް ކަނޑައަޅާފައިވާ ވިޔަފާރީގެ އެއްވެސް މުޢާމަލާތެއް، އެ ކުންފުނި ރަޖިސްޓަރީކުރި ތާރީހްން ފެށިގެން 1 (އެކެއް) އަހަރު ދުވަސް ފާއިތުވާއިރު ނުކުރާ ކުންފުންޏެއް ކަމުގައިވުން، ނުވަތަ
    3. އެ ކުންފުންޏަކުން ކުރުމަށް ކަނޑައަޅާފައިވާ ވިޔަފާރީގެ އެއްވެސް މުޢާމަލާތެއް ނުކުރާތާ 2 (ދޭއް) އަހަރު ދުވަސް ފާއިތުވެފައިވާ ކުންފުންޏެއް ކަމުގައިވުން؛ ނުވަތަ
    4. މި ގާނޫނުގެ 69 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި، އަހަރީ ހިސާބުތަކާއި ޑިރެކްޓަރުންގެ އަހަރީ ރިޕޯޓާއި އޮޑިޓަރުގެ ރިޕޯޓު ހުށަނޭޅުމުގެ ސަބަބުން އެ މާއްދާގެ (ށ) ގެ ދަށުން ކުރެވޭ ޖޫރިމަނާގެ ފައިސާ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި ދައްކާފައިނުވާ، އަދި އެ މުއްދަތުގެ ތެރޭގައި އެ އަހަރީ ހިސާބުތަކާއި ރިޕޯޓުތައް ހުށަހަޅާފައިނުވާ ކުންފުންޏެއް ކަމުގައިވުން.

  2. މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން ކުންފުންޏެއް އުވާލުމަށް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައަޅައިފިނަމަ، އެ ކުންފުނި އުވާލުމުގެ ނޯޓިހެއް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް ޢާންމުކޮށް އިޢުލާނުކުރަންވާނެއެވެ. އެގޮތުން ކުރާ އިޢުލާނުގައި، އެ ކުންފުންޏެއްގެ މައްޗަށް އެއްވެސް ދަރަންޏެއް ނުވަތަ ދަޢުވާއެއް އޮތްތޯ ބަލަންވާނެއެވެ. އަދި އެ ކުންފުނިން އެއްވެސް ފަރާތަކަށް ދައްކަންޖެހޭ ދަރަންޏެއް ނުވަތަ އެ ކުންފުނީގެ މައްޗަށް އެއްވެސް ފަރާތަކުން ހުށަހަޅާ ދަޢުވާއެއް އޮތްކަމަށް، އެ އިޢުލާނުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި، އެއްވެސް ފަރާތަކުން ހުށަނާޅައިފިނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް އެ ކުންފުނި އުވާލެވިދާނެއެވެ. (އިސްލާހު ކުރެވިފައި)
  3. މި އަކުރުގެ (2) ވަނަ ނަންބަރުގެ ދަށުން ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް ޢާންމުކޮށް އިޢުލާނުކުރާ ހާލަތުގައި، އެ ކުންފުންޏަކާ ދެކޮޅަށް ދަރަންޏެއް ނުވަތަ ދަޢުވާއެއް އޮތް ކަމަށް ބަޔާންކޮށް އެއްވެސް ފަރާތަކުން ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ހުށަހަޅައިފި ނަމަ، އެ ކުންފުންޏެއް އުވާލުމުގެ މައްސަލަ، ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް ކޯޓަށް ހުށަހަޅަންވާނެއެވެ. (އިސްލާހު ކުރެވިފައި)

 

76- ވަނަ މާއްދާ - ކުންފުންޏެއް އުވާލުމަށް އެކުންފުންޏަކުން ކަނޑައެޅުން

(ހ) މި ގާނޫނުގެ 75 ވަނަ މާއްދާގެ (ހ) ގެ (1) ގައި ބުނެފައިވާ ގޮތުގެ މަތިން ކުންފުންޏެއް އުވާލުމަށް އެ ކުންފުންޏަކުން ކަނޑައެޅޭނީ، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން އެ ކުންފުންޏެއް އުވާލުމަށް ފާސްކޮށް، ޑިރެކްޓަރުންގެ ބޯޑުން އެ ފާސްކުރި ފާސްކުރުމަށް ތާއީދުކޮށް އެ ކުންފުންޏެއްގެ މެންބަރުންގެ އާންމު ޖަލްސާއަކުން ފާސްކުރާ ހާއްސަ ގަރާރަކުންނެވެ. (އިސްލާހު ކުރެވިފައި)

(ށ) މިމާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން ކުންފުންޏެއް އުވާލުމަށް އެ ކުންފުންޏެއްގެ މެންބަރުންގެ އާންމު ޖަލްސާއަކުން ފާސް ކުރުމާއެކު، އެ ކުންފުންޏެއް އުވާލުމުގެ މަސައްކަތް ކުރާނެ މީހަކު ނުވަތަ ބަޔަކު އެ ޖަލްސާއެއްގައި އައްޔަންކޮށް، މިގޮތުން އެ ކުންފުންޏެއް އުވާލުމުގެ މަސައްކަތް ކުރުމަށް ހަވާލުކުރި މީހަކަށް ނުވަތަ ބަޔަކަށް އެ ކުންފުންޏަކުން ދޭނެ އުޖޫރައެއް އެ ޖަލްސާއެއްގައި ކަނޑައަޅައި، އެ ކުންފުންޏެއްގެ ބެލެންސް ށީޓާއި، އެ ކުންފުންޏެއްގެ މުދަލާއި، ދަރަނިތަކާއި އެނޫންވެސް ޒިންމާތަކާ ބެހޭ މައުލޫމާތާއި، ކުންފުނިން ދަރަނި އަދާ ކުރަންޖެހޭ ފަރާތްތަކުގެ ނަމާއި އެޑްރެހާއި، އެ ކުންފުންޏަކުން އެ ދަރަންޏަކާ ގުޅޭގޮތުން އެ ކުންފުނީގެ އެއްވެސް މުދަލެއް ރަހުނު ކޮށްފައިވާނަމަ އެކަމަކާބެހޭ މައުލޫމާތު، އެ ކުންފުންޏެއް އުވާލުމުގެ މަސައްކަތް ކުރުމާ ހަވާލުކޮށްފައިވާ މީހަކަށް ނުވަތަ ބަޔަކަށް އެ ކުންފުންޏަކުން ދޭންވާނެ އެވެ.

(ނ) މިމާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ކުންފުންޏެއް އުވާލުމުގެ މސައްކަތް ކުރުމަށް ހަވާލުވާ މީހަކު، ނުވަތަ ބަޔަކު އެ ކުންފުންޏެއް އުވާލުމުގެ މަސައްކަތާ އެމީހަކު ނުވަތަ އެބަޔަކު ހަވާލުވެއްޖެކަން އެ މަސައްކަތާ ހަވާލުވާ ތާރީހުން ފެށިގެން 7 ދުވަހުގެ ތެރޭގައި ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް އަންގައި، އަދި އެމީހަކު ނުވަތަ އެބަޔަކު އެކަން އާންމުކޮށް އިއުލާނު ކުރުމަށްފަހު، މިގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާން ކޮށްފައިވާ ގޮތުގެމަތިން އެ ކުންފުންޏެއް އުވާލުމުގެ މަސައްކަތް ފަށަންވާނެ އެވެ.

(ރ) މިމާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ކުންފުންޏެއް އުވާލުމުގެ މަސައްކަތް ކުރުމަށް ހަވާލު ކޮށްފައިވާ މީހަކު، ނުވަތަ ބަޔަކު އެކަމަށް ދާއިމީ ގޮތެއްގައި ނުކުޅެދިއްޖެނަމަ، ނުވަތަ މަރުވެއްޖެނަމަ، ނުވަތަ އެމީހަކު ނުވަތަ އެބަޔަކު އެކަމުން އިސްތިއުފާ ދީފިނަމަ، އެ ކުންފުންޏެއްގެ މެންބަރުންގެ އާންމު ޖަލްސާއެއް ބާއްވައި، އެ ކުންފުންޏެއް އުވާލުމުގެ މަސައްކަތް ކުރާނެ މީހަކު ނުވަތަ ބަޔަކު އަލުން އައްޔަން ކުރަންވާނެ އެވެ.

 

77- ވަނަ މާއްދާ - ކުންފުންޏެއް އުވާލުމަށް ކަނޑައެޅުމަށްފަހު އެކުންފުންޏަކުން ވިޔަފާރީގެ މުއާމަލާތެއް ނުކުރުން

ކުންފުންޏެއް އުވާލުމުގެ ގޮތުން ކޮންމެހެން ކުރަންޖެހޭ ކަންތައް ކުރުން ފިޔަވައި، އެހެން ވިޔަފާރިއެއް މިގާނޫނުގެ 76 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ކުންފުނި އުވާލުމަށް ފާސް ކުރުމަށްފަހު، އެކުންފުންޏަކުން ކޮށްގެން ނުވާނެއެވެ.

 

78- ވަނަ މާއްދާ - ކުންފުނި އުވާލުމަށްޓަކައި އާންމު ޖަލްސާއެއް ބޭއްވުން

(ހ) މި ގާނޫނުގެ 76 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ކުންފުނި އުވާލުމުގެ މަސައްކަތް ހަވާލު ކޮށްފައިވާ މީހާ ނުވަތަ މީހުން އެ ކުންފުންޏެއް އުވާލުމަށްޓަކައި ކުރަން ޖެހޭނެ ކަމަށް މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާން ކޮށްފައިވާ ކަންތައްތައް ފުރިހަމަކޮށް ނިމުމުން، އެމީހަކު ނުވަތަ ބަޔަކު އެ ކުންފުންޏެއްގެ އާންމު ޖަލްސާއެއް ބާއްވަންވާނެ އެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ އާންމު ޖަލްސާއަށް ހާޒިރުވުމަށް އެ ކުންފުންޏެއްގެ މެންބަރުންނަށް އަންގާނީ އާންމުކޮށް ކުރާ އިއުލާނަކުންނެވެ.

(ނ) ކުންފުނި އުވާލުމުގެ މަސައްކަތް ކުރުމަށް އެ ކުންފުންޏަކުން އައްޔަން ކޮށްފައިވާ މީހާ ނުވަތަ މީހުން އެ ކުންފުންޏެއް އުވާލުމުގެ މަސައްކަތް އެމީހަކު ނުވަތަ ބަޔަކު ކުރިގޮތާއި، އެ ކުންފުނީގެ ދަރަންޏާއި އެހެނިހެން ޒިންމާތަކާމެދު އެމީހަކު ނުވަތަ ބަޔަކު އަމަލުކުރި ގޮތުގެ ތަފްސީލު، މިމާއްދާގެ (ހ) ގައި ބުނެފައިވާ އާންމު ޖަލްސާއަށް ހުށަހަޅަން ވާނެއެވެ.

 

79- ވަނަ މާއްދާ - އުވާލުމުގެ މަސައްކަތް ހަވާލު ކޮށްފައިވާ ފަރާތް އެކަމުން ވަކިކުރުން

މި ގާނޫނުގެ 76 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކުންފުނި އުވާލުމުގެ މަސައްކަތް ކުރުމާ ހަވާލު ކޮށްފައިވާ މީހާގެ ނުވަތަ މީހުންގެ އަމަލު ތަކާމެދު، އެ ކުންފުންޏަށް ދަރަންޏެއްގެ ގޮތުގައި މުދަލެއް ނުވަތަ ފައިސާއެއް ދޫކޮށްފައިވާ ފަރާތަކުން ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ށަކުވާއެއް އުފުލައިފިނަމަ، ނުވަތަ ކުންފުނި އުވާލުމުގެ މަސައްކަތް ކުރުމާ ހަވާލު ކޮށްފައިވާ މީހާ ނުވަތަ މީހުންގެ އަމަލުތަކާމެދު އެ ކުންފުނީގެ މެންބަރަކު ހިތްހަމަ ނުޖެހިގެން އެކަމުގެ ށަކުވާއެއް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ހުށަހަޅައިފިނަމަ، އެ ށަކުވާއަކާ ގުޅޭ މައްސަލައެއް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް ބަލައި، ކުންފުނި އުވާލުމުގެ މަސައްކަތް ކުރުމަށް ހަވާލު ކޮށްފައިވާ މީހާގެ ނުވަތަ މީހުންގެ އަމަލުތައް ހުންނަނީ އެކަށީގެން ނުވާ ގޮތަކަށް ކަމަށް ރެޖިސްޓްރާރ އޮފް ކޮމްެޕނީޒަށް ފެނިއްޖެނަމަ އެ ކުންފުންޏެއް އުވާލުމުގެ މަސައްކަތް ކުރުމަށް އެ ކުންފުނިން އައްޔަން ކޮށްފައިވާ މީހާ ނުވަތަ މީހުން، އެ މަސައްކަތުން ވަކިކޮށް، އެ ކުންފުންޏެއް އުވާލުމުގެ މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކުންފުންޏަކަށް އެންގުމުގެ އިހްތިޔާރު، ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ލިބިގެން ވެއެވެ.

 

80- ވަނަ މާއްދާ - ކޯޓުގެ އަމުރަކަށް ކުންފުނި އުވާލުން

(ހ) ތިރީގައި ބަޔާންކޮށްފައިވާ ގޮތްތަކުންކުރެ ގޮތެއް މެދުވެރިވެއްޖެނަމަ، ކުންފުންޏެއް އުވާލުމަށް މި ގާނޫނުގެ 75 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެމަތިން ކޯޓުން އަމުރު ކުރެވިދާނެއެވެ. (އިސްލާހު ކުރެވިފައި)

  1. ކުންފުނީގެ މެންބަރުންގެ އާންމު ޖަލްސާ އަކުން ފާސްކުރާ ހާއްސަ ގަރާރަކުން ކޯޓު މެދުވެރިކޮށް އެ ކުންފުންޏެއް އުވާލުމަށް ނިންމުން.
  2. ކުންފުނީގެ އަހަރީ ފީ ނުދައްކައިއޮވެ، އެ އަހަރެއްގެ މެއިމަސް ހުސްވުން. (އިސްލާހު ކުރެވިފައި)
  3. އެ ކުންފުންޏެއްގެ ދަރަނި އަދާ ނުކުރެވޭނެ ކުންފުންޏެއް ކަމުގައިވުން.
  4. ކުންފުނިން ކުރުން ގާނޫނުން ލާޒިމުކުރާ ކަމެއް ނުވަތަ ކަންތައްތަކެއް ނުކޮށް ތަކުރާރުކޮށް ދޫކޮށްލާފައިވާ ކަމަށް ކޯޓަށް ސާބިތުވުން.
  5. ކުންފުންޏެއް ހިންގަނީ ގައިރު ގާނޫނީ މަގްސަދަކަށްޓަކައި ކަމަށް، ކޯޓަށް ސާބިތުވުން.
  6. ކުންފުނީގެ ޑިރެކްޓަރުން އެ ކުންފުންޏެއްގެ ވިޔަފާރި ކުރަމުން ގެންދަނީ އެ ކުންފުންޏެއްގެ ހުރިހާ މެންބަރުންގެ މަސްލަހަތަށްވުރެ، ޑިރެކްޓަރުންގެ އަމިއްލަ މަސްލަހަތުކުރިއަށް ގެންދިއުމަށް ކަމަށާއި، އެކަމުން އެހެން މެންބަރުންގެ ހައްގުތަކަށް އުނިކަން ލިބޭކަމަށް ކޯޓަށް ސާބިތުވުން.
  7. އެ ކުންފުނި އުވާލުމަކީ އެ ކަމެއްގައި އޮތް އެންމެ އަދުލުވެރި އަދި އިންސާފުވެރި ގޮތްކަމަށް ކޯޓަށް ފެނުން.

(ށ) އެ ކުންފުންޏެއްގެ ދަރަނި އަދާ ނުކުރެވޭނެ ކުންފުންޏެއް ކަމުގައި، މިމާއްދާގެ (ހ) ގެ (3) ގެ ބޭނުމަށް، ކޯޓުން ބަލަންވާނީ އެ ކުންފުންޏަކުން 5،000 ރުފިޔާއަށްވުރެ ބޮޑު އަދަދެއްގެ ފައިސާ، އެއްވެސް ފަރާތަކަށް ދައްކަން އޮވެ، އެ ފަރާތަކުން އެފައިސާ ހޯދުމަށް އެ ކުންފުންޏަކަށް ލިޔުމަކުން ހުށަހަޅާ ތާރީހުން ފެށިގެން 15 ދުވަހުގެ ތެރޭގައި އެ ފައިސާ އެ ކުންފުންޏަކުން ދައްކާފައި ނުވުމުން، ނުވަތަ ށަރީއަތުގެ ފަރާތުން އެ ކުންފުނީގެ މައްޗަށް ދަރަންޏެއް ސާބިތުކޮށް، އެ ދަރަނި އަދާކުރުމަށް ކޯޓުން ހުކުމް ކޮށްފައިވާގޮތާ އެއްގޮތަށް އެ ދަރަންޏެއް ނުވަތަ އެ ދަރަންޏެއްގެ ބައެއް، އެ ކުންފުންޏަކުން ދައްކާފައި ނުވުމުންނެވެ.

 

81- ވަނަ މާއްދާ - އުވާލުމުގެ މައްސަލައެއް ކޯޓަށް ހުށަހެޅޭނެ ފަރާތްތައް

(ހ) މި ގާނޫނުގެ 80 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތުގެމަތިން ކުންފުންޏެއް އުވާލުމުގެ މައްސަލައެއް ކޯޓަށް ހުށަހެޅޭނީ، އެ ކުންފުންޏަކަށް ނުވަތަ އެ ކުންފުންޏެއްގެ މެންބަރަކަށް ނުވަތަ އެ ކުންފުންޏަކުން އެ ފަރާތަކަށް ދަރަންޏެއް އަދާކުރަންވެފައި އޮތް ފަރާތަކަށް ނުވަތަ ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށެވެ.

(ށ) ކުންފުންޏެއް އުވާލުމުގެ މައްސަލައެއް މިމާއްދާގެ (ހ) ގައި ބުނެފައިވާ ފަރާތަކުން ކޯޓަށް ހުށަހަޅައިފިނަމަ، އެ މައްސަލައެއް ބަލައި، އެ ކުންފުންޏެއް އުވާލުމަށް ކޯޓަށް ފެނިއްޖެނަމަ، އެ ކުންފުންޏެއް އުވާލުމުގެ މަސައްކަތް ކުރާނޭ މީހަކު ނުވަތަ ބަޔަކު ކޯޓުން އައްޔަންކޮށް، އެ ކުންފުންޏެއްގެ ބެލެންސް ށީޓާއި ކުންފުނީގެ މުދަލާއި، ދަރަނިތަކާއި އެނޫންވެސް ޒިންމާތަކާ ބެހޭ މައްލޫމާތާއި، ކުންފުނިން ދަރަނި އަދާ ކުރަންޖެހޭ ފަރާތްތަކުގެ ނަމާއި އެޑްރެހާއި، އެ ކުންފުންޏަކުން އެ ދަރަންޏަކާ ގުޅޭގޮތުން ކުންފުނީގެ އެއްވެސް މުދަލެއް ރަހުނު ކޮށްފައިވާނަމަ، އެކަމަކާ ބެހޭ މައުލޫމާތު އެ ކުންފުންޏެއް އުވާލުމުގެ މަސައްކަތް ކުރުމާ ހަވާލު ކޮށްފައިވާ މީހަކަށް، އެ ކުންފުންޏަކުން ދިނުމަށް ކޯޓުން އަމުރު ކުރަންވާނެ އެވެ.

 

82- ވަނަ މާއްދާ - ކޯޓުން އައްޔަންކުރާ ފަރާތާބެހޭ މައުލޫމާތު ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް އެންގުން

ކުންފުނި އުވާލުމުގެ މަސައްކަތް ކުރުމަށް ކޯޓުން މީހަކު ނުވަތަ ބަޔަކު އައްޔަން ކުރާތާ 7 ދުވަހުގެ ތެރޭގައި އެމީހަކާ ނުވަތަ އެ ބަޔަކާ ބެހޭ މައުލޫމާތާ އެކު އެކަން، ކޯޓުން ރެޖިސްޓްރާރ އޮފް ކޮމްެޕެނީޒަށް އަންގަންވާނެ އެވެ.

 

83- ވަނަ މާއްދާ - ކުންފުނި އުވާލުމުގެ ނޯޓިސް

މިގާނޫނުގެ 81 ވަނަ މާއްދާގެ (ށ) ގައި ވާގޮތުގެމަތިން ކުންފުނި އުވާލުމާބެހޭ މަސައްކަތް ކުރުމަށް ކޯޓުން މީހަކު ނުވަތަ ބަޔަކު އައްޔަންކޮށް، ކުންފުނި އުވާލުމުގެ މަސައްކަތް ފެށުމާއެކު އެކަން އާންމުކޮށް އިއުލާނު ކުރަންވާނެ އެވެ.

 

84- ވަނަ މާއްދާ - ކުންފުނި އުވާލުމުގެ މަސައްކަތް ފެށުމުގެ ނަތީޖާ

މިގާނޫނުގެ 81 ވަނަ މާއްދާގެ (ށ) ގައި ވާގޮތުގެމަތިން ކުންފުނި އުވާލުމާބެހޭ މަސައްކަތް ކުރުމަށް ކޯޓުން މީހަކު ނުވަތަ ބަޔަކު އައްޔަން ކުރުމަށްފަހު، ކުންފުނި އުވާލުމުގެ ގޮތުން ކޮންމެހެން ކުރަންޖެހޭ ކަންތައްތައް ކުރުން ފިޔަވައި އެހެން ވިޔަފާރިއެއް، އެ ކުންފުންޏަކުން ކޮށްގެން ނުވާނެއެވެ.

 

85- ވަނަ މާއްދާ - ކުންފުނި އުވާލުމުގެ މަސައްކަތްކުރުމަށް އައްޔަންކޮށްފައިވާ މީހާ ނުވަތަ މީހުންގެ މަސްއޫލިއްޔަތު

ކުންފުންޏެއް އުވާލުމުގެ މަސައްކަތް ކުރުމަށް މިގާނޫނުގެ 76 ވަނަ މާއްދާގެ (ށ) އާއި 81 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން މީހަކު ނުވަތަ ބަޔަކު އައްޔަން ކުރުމުން، އެމީހާ ނުވަތަ އެބަޔަކު ތިރީގައި ބުނެފައި މިވާ ކަންތައްތައް ކުރަންވާނެއެވެ.

(ހ) ކުންފުނީގެ މުދަލާއި ދަރަނިތަކުގެ ތަފްސީލު ބަޔާނެއް ތައްޔާރުކޮށް، އެ ކުންފުންޏެއްގެ މުދާ ރައްކާތެރި ކުރުމާއި، އެކި ފަރާތް ފަރާތުން ކުންފުންޏަށް ލިބެންހުރި ދަރަނިތައް ހޯދުން.

(ށ) ކުންފުނީގެ މައްޗަށް އެކިފަރާތް ފަރާތުންކުރާ ދައުވާގައާއި ކުންފުނީގެ ފަރާތުން އެކި ފަރާތްތަކުގެ މައްޗަށް ކުރާ ދައުވާގައި، ކުންފުނި ތަމްސީލު ކުރުން ނުވަތަ އެކަން ކަމަށް ގާނޫނީ ވަކީލަކު އައްޔަން ކުރުން.

(ނ) ކުންފުނީގައި ހުރި ފައިސާއާއި، ކުންފުންޏަށް ލިބޭ ފައިސާއާއި ކުންފުނީގެ މުދާ ވިއްކައިގެން ލިބޭ ފައިސާއިން ކުންފުނީގެ ދަރަނިތައް އަދާކުރުން.

(ރ) ކުންފުނީގެ ދަރަނިތައް އަދާ ކުރުމަށްފަހު، ކުންފުނީގައި ހުރި މުދަލަކާއި ފައިސާއެއް، މެންބަރުންގެ މެދުގައި އެ މެންބަރެއްގެ ހިއްސާގެ ނިސްބަތުން ބެހުން.

(ބ) ކުންފުނި އުވާލުމަށް އައްޔަންކުރެވޭ ފަރާތުން ކުރަންވާނެ ކަމަށް މި ގާނޫނާއި މިގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާން ކޮށްފައިވާ ކަންތައްތައް ކުރުން.

 

86- ވަނަ މާއްދާ - ކުންފުނި އުވާލުމަށް އައްޔަންކުރާ މީހާ ނުވަތަ މީހުންގައި ހުންނަންވާނެ ށަރްތު

މިގާނޫނުގެ 76 ވަނަ މާއްދާގެ (ށ) އާއި 81 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ކުންފުންޏެއް އުވާލުމުގެ މަސައްކަތް ކުރުމަށް އައްޔަންކުރަން ވާނީ، ތިރީގައި މިވާ ށަރްތުތައް ހަމަވާ މީހެއް ނުވަތަ ބަޔެކެވެ.

(ހ) ކުންފުންޏެއް އުވާލުމުގެ މަސައްކަތް ކުރުމުގެ ލިޔާގަތާއި ގާބިލިއްޔަތު ހުރި މީހަކު ނުވަތަ ބަޔަކު ކަމުގައިވުން.

(ށ) އެ ކުންފުންޏަކަށް ދަރާފައިވާ ނުވަތަ އެ ކުންފުންޏަކުން އެއްވެސް ފައިސާއެއް ލިބެންޖެހޭ މީހަކު ނުވަތަ ބަޔަކު ކަމުގައި ނުވުން.

(ނ) އެ ކުންފުންޏެއްގެ މުވައްޒަފަކު ނުވަތަ މުވައްޒަފުން ކަމުގައި ނުވުން.

(ރ) އެ ކުންފުންޏެއްގެ މެންބަރެއްގެ މުވައްޒަފަކު ނުވަތަ މުވައްޒަފުން ކަމުގައި ނުވުން. ނުވަތަ އެއިން މީހަކާ ބައިވެރިވެގެން ވިޔަފާރިއެއް ހިންގާ މީހަކު ނުވަތަ ބަޔަކު ކަމުގައި ނުވުން.

(ބ) ވައްކަމުގެ ނުވަތަ މަކަރާ ހީލަތުގެ ނުވަތަ ހިޔާނާތުގެ ނުވަތަ ޓެކުމުގެ ކުށެއް ސާބިތު ވެފައިވާ މީހަކު ނުވަތަ ބަޔަކު ކަމުގައި ނުވުން.

(ޅ) ސާބިތު ދަރަންޏެއް އަދާނުކޮށް އޮތް މީހަކު ނުވަތަ ބަޔަކު ކަމުގައި ނުވުން.

 

87- ވަނަ މާއްދާ - އުވާލުމުގެ މަސައްކަތް ފެށުމަށްފަހު ހިއްސާ ބަދަލުކުރުން

މި ގާނޫނުގެ 76 ވަނަ މާއްދާގެ (ށ) އާއި 81 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، ކުންފުނި އުވާލުމުގެ މަސައްކަތް ކުރުމަށް އައްޔަން ކޮށްފައިވާ މީހެއްގެ ނުވަތަ ބަޔެއްގެ ހުއްދަ ނުހޯދައި، އެ ކުންފުންޏެއްގެ ހިއްސާ އެއް އެއްފަރާތުން އަނެއް ފަރާތަށް ބަދަލު ކޮށްފިނަމަ، އެބަދަލު ކުރުމެއް ވާނީ ބާތިލު ބަދަލު ކުރުމަކަށެވެ.

 

88- ވަނަ މާއްދާ - ހުރިހާ ފައިސާއެއް ބޭންކަށް ޖަމާކުރުން

މި ގާނޫނުގެ 76 ވަނަ މާއްދާގެ (ށ) އާއި 81 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން، ކުންފުނި އުވާލުމުގެ މަސައްކަތް ކުރުމަށް މީހަކު ނުވަތަ ބަޔަކު އައްޔަން ކޮށް، އެ ކުންފުންޏެއް އުވާލުމުގެ މަސައްކަތް އެމީހަކު ނުވަތަ ބަޔަކު ފެށުމަށްފަހު، އެ ކުންފުންޏަކަށް ލިބޭ ހުރިހާ ފައިސާއެއް ޖަމާކުރަންވާނީ، ދިވެހިރާއްޖޭގައި ހުންނަ ބޭންކެއްގައި އެކަމަށްޓަކައި ހުޅުވާ ވަކި އެކައުންޓަކަށެވެ.

 

89- ވަނަ މާއްދާ - ހިސާބުތައް ބެލެހެއްޓުން

ކުންފުނި އުވާލުމުގެ މަސައްކަތް ކުރުމަށް އައްޔަން ކޮށްފައިވާ މީހާ ނުވަތަ ބަޔަކު، އެ ކުންފުންޏަކަށް ލިބޭ ހުރިހާ ފައިސާއަކާއި ހަރަދުކުރެވޭ ހުރިހާ ފައިސާއެއްގެ ހިސާބުތައްލިޔެ، އެކަށީގެންވާ ގޮޮތަކަށް ބަލަހައްޓަންވާނެ އެވެ.

 

90- ވަނަ މާއްދާ - ކޯޓުން ގޮތެއް ނިންމުން

ކުންފުނި އުވާލުމުގެ މަސައްކަތް ކުރުމަށް އައްޔަން ކޮށްފައިވާ މީހާއަށް ނުވަތަ ބަޔަކަށް، އެ ކުންފުންޏެއް އުވާލުމުގައި އެމީހަކަށް ނުވަތަ ބަޔަކަށް ހައްލު ނުކުރެވޭ ވަރުގެ ކަމެއް ދިމާވެއްޖެނަމަ، އެމައްސަލައެއް ހައްލުކުރާނީ ކޯޓަށް ހުށަހަޅައި، ކޯޓުން ނިންމާ ގޮތެއްގެ މަތިންނެވެ.

 

91- ވަނަ މާއްދާ - ކުންފުނީގެ ދަރަނިތައް އަދާކުރަންޖެހޭ ތަރުތީބު

މިގާނޫނުގެ 76 ވަނަ މާއްދާއާއި 80 ވަނަ މާއްދާގެ ދަށުން ކުންފުންޏެއްއުވާލުމުގައި، އެކުންފުންޏެއްގެ ދަރަނިތައް އަދާކުރާނީ، އެ ކުންފުންޏެއް އުވާލުމުގެ މަސައްކަތަށް ކުރަންޖެހޭ  ހަރަދާއި، އެ ކުންފުންޏެއް އުވާލުމުގެ މަސައްކަތް ކުރުމަށް އައްޔަން ކޮށްފައިވާ މީހާގެ ނުވަތަ ބަޔެއްގެ މުސާރަ ކެނޑުމަށްފަހު، ތިރީގައި މިވާ ތަރުތީބުންނެވެ.

(ހ) ސަރުކާރަށް ނުވަތަ ސަރުކާރުގެ ފަރާތަކަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް.

(ށ) ކުންފުނި އުވާލުމުގެ އަމުރު ނެރުނު ތާރީހުގެ ކުރިޔަށް، ނުވަތަ ކުންފުނި އުވާލުމަށް ހާއްސަ ގަރާރު ފާސްކުރުމުގެ ކުރިޔަށް ވިދިވިދިގެން ހިނގާފައިވާ 3 މަސް ދުވަހުގެ ތެރޭގައި ކުންފުނީގެ ޑިރެކްޓަރުން ފިޔަވައި، ކުންފުނީގެ ވަޒީފާގައި މީހަކު ހުރިނަމަ، އެމީހެއްގެ ނުވަތަ އެބަޔެއްގެ އިސްވެ ބުނެވުނު 3 މަސް ދުވަހުގެ މުސާރަ.

(ނ) މިމާއްދާގެ (ހ) އާއި (ށ) ގައި ބުނެފައިވާ ފައިސާ ދެއްކުމަށްފަހު، އެއްވެސް ފައިސާއެއް ބާކީ ހުރިނަމަ، އެ ފައިސާއެއް ކުންފުނީގެ އެހެނިހެން ދަރަނިތައް އަދާކުރުމަށް ބޭނުން ކުރާނީ އެވެ. އެ ކުންފުންޏެއްގެ ހުރިހާ ދަރަނި ފުރިހަމައަށް އަދާ ކުރެވޭނެ މިންވަރަކަށް މިގޮތުން ފައިސާ ބާކީވެފައި ނުވާނަމަ، އެ ކުންފުންޏަކުން އެކި ފަރާތްތަކަށް ދައްކަންޖެހޭ ދަރަނީގެ ނިސްބަތުން ފައިސާ ދައްކަންޖެހޭ ފަރާތްތަކުގެ މެދުގައި އެ  ފައިސާއެއް ބަހާނީއެވެ.

 

92- ވަނަ މާއްދާ - އެންމެފަހުގެ ހިސާބުތައް

(ހ) މި ގާނޫނުގެ 76 ވަނަ މާއްދާގެ ދަށުން ކުންފުނި އުވާލުމުގެ މަސައްކަތް ކުރުމަށް އައްޔަން ކޮށްފައިވާ މީހަކު ނުވަތަ ބަޔަކު، އެ ކުންފުންޏެއް އުވާލުމުގެ ކަންތައްތައް ކޮށް ނިންމުމަށްފަހު، މި ގާނޫނުގެ 78 ވަނަ މާއްދާގައި ބުނެފައިވާ ކުންފުނީގެ އާންމު ޖަލްސާއަށް ހުށަހަޅާނެ ހިސާބުތައް ތައްޔާރުކޮށް، އެހިސާބުތައް މިބުނެވުނު އާންމު ޖަލްސާއަށް ހުށަހަޅައި، އެކުންފުންޏެއް އުވާލުމާބެހޭ ގޮތުން ކުރި މަސައްކަތުގެ ތަފްސީލު އެ ކުންފުންޏެއްގެ މެންބަރުންނަށް ދޭންވާނެ އެވެ.

(ށ) މި ގާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ކުންފުނި އުވާލުމުގެ މަސައްކަތް ކުރުމަށް އައްޔަން ކޮށްފައިވާ މީހަކު ނުވަތަ ބަޔަކު، އެ ކުންފުންޏެއް އުވާލުމުގެ ކަންތައްތައްކޮށް ނިންމުމަށްފަހު، ކޯޓަށް ހުށަހަޅާނެ ހިސާބުތައް ތައްޔާރުކޮށް، އެހިސާބުތައް ކޯޓަށް ހުށަހަޅައި އެ ކުންފުންޏެއް އުވާލުމާ ބެހޭގޮތުން ކުރި މަސައްކަތުގެ ތަފްސީލު، ކޯޓަށް ދޭންވާނެ އެވެ.

 

93- ވަނަ މާއްދާ - އުވާލުމުގެ މަސައްކަތް ނިމުން

(ހ) ކުންފުނި އުވާލުމުގެ މަސައްކަތް ކުރުމަށް މިގާނޫނުގެ 76 ވަނަ މާއްދާގެ ދަށުން އައްޔަން ކޮށްފައިވާ މީހަކު ނުވަތަ ބަޔަކު، މި ގާނޫނުގެ 92 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން އެ މާއްދާގައި ބުނެފައިވާ ކަންތައްތައް ފުރިހަމަ ކުރުމަށްފަހު، ކުންފުނި އުވާލުމަށް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ހުށަހަޅާ ތާރީހުން ފެށިގެން 14 ދުވަހުގެ ތެރޭގައި ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް އެ ކުންފުންޏެއް އުވާލަންވާނެ އެވެ.

(ށ)  ކުންފުނި އުވާލުމުގެ މަސައްކަތް ކުރުމަށް މި ގާނޫނުގެ 81 ވަނަ މާއްދާގެ ދަށުން އައްޔަން ކޮށްފައިވާ މީހަކު ނުވަތަ ބަޔަކު، މި ގާނޫނުގެ 92 ވަނަ މާއްދާގެ (ށ) ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން އެ މާއްދާގައި  ބުނެފައިވާ ކަންތައްތައް ފުރިހަމަ ކުރުމަށްފަހު، އެ ކުންފުންޏެއް އުވާލުމުގެ މަސައްކަތް ނިމުނުގޮތް ކޯޓަށް ހުށަހެޅުމުން، އެ ކުންފުންޏެއް އުވާލުމަށް ކޯޓުން ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ހުށަހަޅާ ތާރީހުން ފެށިގެން 14 ދުވަހުގެ ތެރޭގައި ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް އެ ކުންފުންޏެއް އުވާލަންވާނެ އެވެ. 

 

ރާއްޖެއިން ބޭރުގައި އުފައްދާފައިވާ ކުންފުނި

94- ވަނަ މާއްދާ - ރާއްޖެއިން ބޭރުގައި ރަޖިސްޓަރީ ކޮށްފައިވާ ކުންފުނި

(ހ) ދިވެހިރާއްޖެއިން ބޭރުގައި އުފައްދައި ރަޖިސްޓަރީ ކޮށްފައިވާ ކުންފުންޏަކުން ދިވެހިރާއްޖޭގައި އެއްވެސް ވިޔަފާރިއެއް ހިންގަން ވާނީ، އެ ވިޔަފާރިއެއް ދިވެހިރާއްޖޭގައި ހިންގުމުގެ ހުއްދަ ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދުތަކުގެ ދަށުން ހޯދުމަށްފަހު، ތިރީގައި ބުނެފައިވާ ލިޔުންތައް ރެޖިސްޓްރާރ އޮފް ކޮމްެޕެނީޒަށް ހުށަހަޅައި، އެ ކުންފުންޏެއް، ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ބޭރު ކުންފުންޏެއްގެ ގޮތުގައި މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒްގައި ރަޖިސްޓަރީ ކުރުމަށް ފަހުއެވެ.

  1. ދިވެހިރާއްޖޭގައި ވިޔަފާރި ހިންގުމަށް އެ ކުންފުންޏަކަށް ލިބިފައިވާ ހުއްދައިގެ ކޮޕީ.
  2. އެ ކުންފުންޏެއްގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުގެ  ކޮޕީ، ނުވަތަ އެ ކުންފުންޏެއް އުފައްދާފައި ވަނީ ޗާޓަރެއްގެ ދަށުން، ނުވަތަ ގާނޫނެއްގެ ދަށުން ކަމަށް ވާނަމަ އެލިޔުމެއްގެ ކޮޕީ.
  3. އެ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ނަމާއި، އެޑްރެސް.
  4. އެ ކުންފުންޏެއްގެ މައްޗަށް އެއްވެސް ދައުވާއެއް ކުރަން ޖެހިއްޖެނަމަ، އެ ކުންފުންޏެއްގެ ފަރާތުން ދައުވާ ބަލައިގަންނާނެ ދިވެހިރާއްޖޭގައި ދިރިއުޅޭ މީހެއްގެ ނުވަތަ ބަޔެއްގެ ނަމާއި، އެޑްރެސް.
  5. ކުންފުނީގެ ރަޖިސްޓަރީ ކޮށްފައިވާ އެޑްރެސް.
  6. ރާއްޖޭގައި އެ ކުންފުނީގެ ވިޔަފާރި ހިންގާ ތަނުގެ އެޑްރެސް.

(ށ)  މި މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެ މަތިން، ރެޖިސްޓްރާރ އޮފް ކޮމްެޕެނީޒަށް ހުށަހަޅާފައިވާ މައުލޫމާތެއް ނުވަތަ ލިޔުމެއް ބަދަލުވެއްޖެނަމަ، އެ ބަދަލުވި މައުލޫމާތެއް ނުވަތަ ލިޔުމެއް އެބަދަލެއް އަންނަ ތާރީހަކުން ފެށިގެން 15 ދުވަހުގެ ތެރޭގައި ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ހުށަހަޅަންވާނެ އެވެ.

(ނ) މިމާއްދާގެ (ހ) ގެ ދަށުން ރާއްޖޭގައި ވިޔަފާރި ހިންގާ ކޮންމެ ބޭރު ކުންފުންޏަކުން، އެ ކުންފުންޏެއްގެ އަހަރީ ހިސާބުގެ ކޮޕީއެއް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ހުށަހަޅަންވާނެ އެވެ. މިގޮތުން ހުށަހަޅާ ހިސާބަކީ، އެ ކުންފުންޏެއްގެ އަހަރީ އާންމު ޖަލްސާއަށް ހުށަހަޅަން ތައްޔާރު ކުރާހިސާބު ކަމުގައި ވާންޖެހޭނެ އެވެ.

 

ސަރުކާރު ކުންފުނިތައް

95- ވަނަ މާއްދާ - ސަރުކާރު ކުންފުނި

ކުންފުންޏެއްގެ މެންބަރަކީ، ހަމައެކަނި ދިވެހި ސަރުކާރު، ނުވަތަ ސަރުކާރުގެ ފަރާތްތަކެއްނަމަ، އެ ކުންފުންޏެއް އުފައްދަން ވާނީ، އެކަމަށްޓަކައި ފާސްކުރާ ގާނޫނަކުން ނުވަތަ ރައީސުލްޖުމްހޫރިއްޔާ އެކަށައަޅާ ގަރާރަކުންނެވެ.

 

96- ވަނަ މާއްދާ - ގާނޫނުގައި ނުވަތަ ގަރާރުގައި ހިމަނަންވީ ކަންތައްތައް

މި ގާނޫނުގެ 95 ވަނަ މާއްދާގައި ބުނެފައިވާ ކުންފުންޏެއް އުފައްދާ ގާނޫނު، ނުވަތަ ގަރާރުގައި އެ ކުންފުންޏެއްގެ ނަމާއި، މަގްސަދާއި، ރައުސުމާލުގެ އަދަދާއި، ކުންފުނި ހިންގާނޭ ގަވާއިދު ހިމަނަން ވާނެއެވެ.

 

97- ވަނަ މާއްދާ - ދަރަންޏަށް ޒިންމާވުން

މި ގާނޫނުގެ 95 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެ މަތިން އުފައްދާ ކުންފުންޏެއްގެ ދަރަންޏަށް ސަރުކާރުން ޒިންމާވާން ޖެހޭނީ، އެ ކުންފުންޏަށް އުފައްދާ ގާނޫނުގައި، ނުވަތަ ގަރާރުގައި އެކުންފުންޏެއްގެ ހިއްސާ އިން އުފެއްދުމަށް ކަނޑައަޅާފައިވާ ރައުސުމާލުގެ ތެރެއިން އެއްވެސް މިންވަރެއް ސަރުކާރުން އެ ކުންފުންޏަކަށް ދައްކާފައި ނުވާނަމަ، އެ މިންވަރަކަށް ނުވަތަ މިނޫން ގޮތަކަށް އެ ގާނޫނުގައި ނުވަތަ އެ ގަރާރުގައި އެ ކުންފުންޏެއްގެ ދަރަނިތަކަށް ސަރުކާރުން ޒިންމާވާނެ ކަމަށް ބުނެފައިވާނަމަ އެގޮތަކަށެވެ.

 

98- ވަނަ މާއްދާ - ގާނޫނީ ށަހްސިއްޔަތު

މި ގާނޫނުގެ 95 ވަނަ މާއްދާގައި ބުނެފައިވާ ގާނޫނު ފާސްވުމާއެކު، ނުވަތަ ގަރާރަށް އަމަލު ކުރަން ފެށުމާއެކު، އެ ގާނޫނަކުން ނުވަތަ އެ ގަރާރަކުން އުފައްދާ ކުންފުންޏަކީ، އެ ކުންފުނީގެ ނަންކަމުގައި އެ ގާނޫނުގައި ނުވަތަ އެ ގަރާރުގައި ބުނެފައިވާ ނަމުގައި، އެ ގާނޫނުގައިވާ ކަންތައްތައް ހިންގުމާއި، ދައުވާ ކުރުމާއި، ދައުވާ ލިބިގަތުމާއި، އުފުލޭ މުދަލާއި ނުއުފުލޭ މުދާ، ގާނޫނު ހުއްދަކުރާ ގޮތުގެމަތިން ހޯދުމާއި، ލިބިގަތުމާއި، ދެމިގެންވާ ގޮތަށް މުދާ ލިބިގަތުމާއި، މިކަންކަމުގެ ހައްގު ލިބިގެންވާ އަދި ވަކި ސިއްކައެއް އޮންނަ، ގާނޫނީ ގޮތުން އަމިއްލަ ށަހްސެކެވެ.

 

99- ވަނަ މާއްދާ - ސަރުކާރު ކުންފުންޏެއްގެ ހިއްސާ ބަދަލުކުރުން

މި ގާނޫނުގެ 95 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން އުފައްދާފައިވާ ކުންފުންޏެއްގެ ހިއްސާއެއް ސަރުކާރު ފިޔަވައި އެހެން ފަރާތަކަށް ވިއްކޭނީ ނުވަތަ ބަދަލު ކުރެވޭނީ، އެ ކުންފުންޏެއް މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށް، ގާނޫނަކުން ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އެ ކުންފުންޏެއްގެ މުދަލާއި، ދަރަންޏާއި، އެހެނިހެން ޒިންމާތައް މި ގާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވޭ ކުންފުންޏަކަށް ބަދަލު ކުރުމަށްފަހު، މިގާނޫނުގައިވާ ގޮތުގެ މަތިންނެވެ.

 

އެހެނިހެން ކަންތައްތައް

100- ވަނަ މާއްދާ - މިގާނޫނަށް އަމަލު ކުރަން ފެށިއިރު ހުރި ކުންފުނި

(ހ) މި ގާނޫނަށް އަމަލު ކުރަން ފަށާއިރު، މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒްގައި ރަޖިސްޓަރީ ކޮށްގެން ހިނގަމުންދާ ކުންފުނިތައް މި ގާނޫނަށް އަމަލު ކުރަން ފެށުމާއެކު، މި ގާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވުނީ ކަމުގައި ބެލޭނެ އެވެ.    

(ށ) މި ގާނޫނު ފާސްވުމުގެ ކުރިން މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒްގައި ރަޖިސްޓަރީ ކޮށްފައިވާ ކުންފުނިތަކުގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދަށް، މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ބަދަލެއް ގެންނަންޖެހޭ ކަމުގައި ވާނަމަ، މި ގާނޫނަށް އަމަލު ކުރަންފަށާ ތާރީހުން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި އެ ގަވާއިދުތަކަށް މި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ބަދަލު ގެނައުމަށްފަހު، އެ ގަވާއިދުތައް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ހުށަހަޅަންވާނެ އެވެ.

 

101- ވަނަ މާއްދާ - ގަވާއިދު

މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ، މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒުންނެވެ.

 

102- ވަނަ މާއްދާ - މާނަ

މިގާނޫނުގައި، އެ އިބާރާތެއް ހިމެނިފައިވާ ގޮތުން އެހެން ގޮތަކަށް ކަނޑައެޅިގެން ދޭހަނުވާނަމަަ.

"ހާއްސަ ގަރާރު" ކަމަށް ބުނެފައި ވަނީ، ކުންފުނީގެ އާންމު ޖަލްސާއެއްގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައި މެންބަރުންގެ އަގްލަބިއްޔަތުން ފާސްކުރާ ކޮންމެ ގަރާރަކަށެވެ.

"ހިއްސާގެ މޫނުމަތީ އަގު" ކަމަށް ބުނެފައި ވަނީ، ކުންފުންޏެއްގެ ހުއްދަ ދީފައިވާ ރައުސުމާލު، ހިއްސާތަކަށް ބަހާލުމަށްފަހު، ކޮންމެ ހިއްސާއަކަށް ޖެހޭ އަދި ހިއްސާއެއްގެ އަގުކަމަށް ހިއްސާގެ ސެޓްފިކެޓްގައި ބަޔާން ކޮށްފައިވާ އަގަށެވެ.

"ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް" ކަމަށް ބުނެފައިވަނީ، މި ގާނޫނުގައި ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތައް ކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތަށެވެ.

"މީހާ" ނުވަތަ "މީހުން" ކަމަށް ބުނެފައިވަނީ، ގާނޫނީ ށަހްސުތައްވެސް ހިމެނޭ ގޮތަށެވެ.

"އާންމުކޮށް އިއްލާނު ކުރުން" ކަމަށް ބުނެފައި ވަނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ރާއްޖޭގައި އާންމުކޮށް ނުކުންނަ ދުވަހު ނޫހެއްގައި ށާއިއުކޮށް، ރޭޑިއޯއާއި ޓެލެވިޒަނުން ފޮނުވުމަށެވެ.

"ޑިބެންޗަރ" އަކީ، ކުންފުންޏަކަށް އެއްވެސް ފަރާތަކުން ދޫކޮށްފައިވާ ފައިސާއެއް، އެ ފައިސާ ދޫކޮށްފައިވާ ކުންފުނީގެ މުދާ ރަހުނުކޮށް، ނުވަތަ ރަހުނު ނުކޮށް ކަމުގައިވިޔަސް، އެ ފައިސާއެއް ދޫކުރިކަމަށް ކުންފުނިން ދޫކުރާ ލިޔުމެވެ. (އިތުރު ކުރެވިފައި)

ޑިބެންބަރުގެ ތެރޭގައި ނުހިމެނޭ ތަކެތި:

  1. ބިލް އޮފް އެކްސްޗޭންޖް.
  2. ޕްރޮމިސަރީ ނޯޓް.
  3. ލެޓަރ އޮފް ކްރެޑިޓް.
  4. ކުންފުނިން އާންމުކޮށް ކުރާ ވިޔަފާރީގައި ކުންފުންޏާއި ކުންފުނީގެ ކަސްޓަމަރުންނާ ހިނގާ ވިޔަފާރީގެ މުއާމަލާތުގެ ތެރެއިން ނުކުންނަ ދަރަންޏާއި ލިޔެކިޔުން. 
  5. އިންށުއަރެންސް ޕޮލިސީ.
  6. ބޭންކެއްގައި ހުޅުވާ، ކަރަންޓް ނުވަތަ ސޭވިންގސް އެކައުންޓާ ގުޅިގެން ދޫކުރާ ލިޔުން، ޑިޕޮޒިޓް ސެޓްފިކެޓް، ޕާސްބުކް، ނުވަތަ މިފަދަ ލިޔުންތައް. 

 

103- ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރުން

މި ގާނޫނަށް އަމަލު ކުރަން ފަށާނީ 1 ޖުލައި 1997 ދުވަހުން ފެށިގެންނެވެ.

 

104- އުވާލެވޭ ގާނޫނު

މި ގާނޫނަށް އަމަލު ކުރަން ފެށުމުން، ގާނޫނު ނަންބަރު  23/1972ޖ. (އާންމުކޮށް ހިއްސާ ވިއްކާ ކުންފުނި ހެދުމާބެހޭ ގާނޫނު) އާއި، ގާނޫނު ނަންބަރު 25/1982 (ކުންފުނި، އޭޖެންސީ ފަދަ ޖަމާއަތްތައް ރަޖިސްޓަރީ ކުރުމުގެ ގާނޫނު) އުވުނީއެވެ.

 

ތާވަލު

  1. މި ގާނޫނުގެ 7 ވަނަ މާއްދާގައި ބުނެފައިވާ ކުންފުނީގެ ރަޖިސްޓަރީ ފީ ދައްކާނީ، ތިރީގައި ބަޔާން ކޮށްފައި މިވާ ގޮތުގެ މަތިންނެވެ.

    (ހ) ކުންފުންޏެއްގެ ހުއްދަ ކޮށްފައިވާ ރައުސުމާލަކީ 10،000 ރުފިޔާ، ނުވަތަ 10،000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދެއްނަމަ 1،000 ރުފިޔާ.

    (ށ) ކުންފުންޏެއްގެ ހުއްދަ ކޮށްފައިވާ ރައުސުމާލު 10،000 ރުފިޔާއަށްވުރެ ގިނަ ނަމަ، މި މާއްދާގެ (ހ) ގައި ބުނެފައިވާ 1،000 ރުފިޔާގެ އިތުރަށް ތިރީގައި މިވާ އުސޫލުން ހިސާބު ކުރަމުން ގެންގޮސް، އެ ކުންފުންޏެއްގެ ރައުސުމާލު ހަމަވަންދެން ބެލުމުން ޖެހޭ އަދަދަކަށް ރަޖިސްޓަރީ ފީ ދައްކަން ޖެހޭނެ އެވެ. 
    (1) 10،000 ރުފިޔާއިން ފެށިގެން 500،000 ރުފިޔާއާ ދެމެދަށް، 10،000 ރުފިޔާއަށްވުރެ އިތުރުވާ ކޮންމެ 4،000 ރުފިޔާއަކަށް، ނުވަތަ އޭގެ ބަޔަކަށް 10 ރުފިޔާ.

    (2) 500،000 ރުފިޔާއިން ފެށިގެން 4،000،000 ރުފިޔާ އާ ދެމެދަށް، 500،000 ރުފިޔާއަށްވުރެ އިތުރުވާ ކޮންމެ 4،000 ރުފިޔާއަކަށް، ނުވަތަ އޭގެ ބަޔަކަށް 4 ރުފިޔާ.

    (3) 4،000،000 ރުފިޔާއިން ފެށިގެން 8،000،000 ރުފިޔާއާ ދެމެދަށް، 4،000،000 ރުފިޔާއަށްވުރެ އިތުރުވާ ކޮންމެ 4،000 ރުފިޔާއަކަށް، ނުވަތަ އޭގެ ބަޔަކަށް 2 ރުފިޔާ.

    (4) 8،000،000 ރުފިޔާއަށްވުރެ ބޮޑު އަދަދެއްނަމަ 8،000،000 ރުފިޔާއަށްވުރެ އިތުރުވާ ކޮންމެ 4،000 ރުފިޔާއަކަށް، ނުވަތަ އޭގެ ބަޔަކަށް 1 ރުފިޔާ.

  2. މި ގާނޫނުގެ 7 ވަނަ މާއްދާގައި ބުނެފައިވާ ކުންފުނީގެ އަހަރީ ފީ ދައްކާނީ، ތިރީގައި ބަޔާން ކޮށްފައި މިވާ ގޮތުގެ މަތިންނެވެ.

    (ހ) ޕަބްލިކް ކުންފުންޏެއްނަމަ، ކޮންމެ އަހަރެއްގެ މާޗް މަސް ނިމުމުގެ ކުރިން 10،000 ރުފިޔާ.

    (ށ) ޕްރައިވެޓް ކުންފުންޏެއްނަމަ، ކޮންމެ އަހަރެއްގެ މާޗްމަސް ނިމުމުގެ ކުރިން 2،000 ރުފިޔާ.

    (ނ) ޕަބްލިކް ކުންފުންޏަކުން ނުވަތަ ޕްރައިވެޓް ކުންފުންޏަކުން ދައްކަންޖެހޭ އަހަރީ ފީ، އެ އަހަރެއްގެ މާޗްމަސް ނިމުމުކުގެކުރިން ނުދައްކައިފިނަމަ، އޭޕްރީލްމަހުގެ ތެރޭގައި ފީ  ބަލައިގަނެވޭނީ 1،000 ރުފިޔާގެ ޖޫރިމަނާއަކާ އެކުގައެވެ. އޭޕްރީލްމަސް ނިމުމުގެކުރިން ފީ ނުދައައްކައިފިނަމަ، މެއިމަހުގެ ތެރޭގައި ފީ ބަލައި ގަނެވޭނީ 2،500 ރުފިޔާގެ ޖޫރިމަނާއއަކާ އެކުގައެވެ. (އިތުރު ކުރެވިފައި)

 

މައި ގާނޫނު

ކުންފުންޏާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1996-10)

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލަހު

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

4 ވަނަ އިސްލާހު

 

ގަވާއިދު/އުސޫލު

ކުންފުނި އުވައިލުމަށް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައަޅައިގެން ޢަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 1034/2019)

ކިޔުންތެރިންގެ ހިޔާލު