-

ކުންފުންޏާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1996-10) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2001-05)

(މި ގާނޫނު ވަނީ ގާނޫނު ނަންބަރު 2023-07 ގެ 241 ވަނަ މާއްދާއިން އުވާލެވިފައި)

 

ކުންފުންޏާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1996-10) އަށް ތިރީގައިވާ އިސްލާހުތައް ގެނައުން

 

1 ވަނަ މާޢްދާ - ބުނެވިދިޔަ ގާނޫނުގެ 7 ވަނަ މާޢްދާގެ (ށ) ތިރީގައިވާ ގޮތަށް އިސްލާހުކުރުން

(ށ) މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކޮންމެ ކުންފުންޏަކުން މި ގާނޫނުގެ ތާވަލުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަހަރީ ފީ ދައްކަންވާނެއެވެ. މި ގާނޫނުގެ ތާވަލުގައި ބަޔާންކޮށްފައިވާ އަހަރީ ފީ އެއަހަރެއްގެ މާޗްމަސް ނިމުމުގެ ކުރިން ކުންފުންޏަކުން ނުދައްކައިފިނަމަ، އެ ކުންފުންޏަކުން ކުރަމުން އަންނަ ވިޔަފާރި، އަހަރީ ފީ ދައްކަންދެން ހުއްޓުވުމުގެ އިހްތިޔާރު، ރެޖިްޓްރާރ އޮފް ކޮމްޕެނީޒަށް ލިބިގެންވެއެވެ. 

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 10 ވަނަ މާއްދާގެ (ށ) އުވާލައި، (ނ) އާއި (ރ) ތިރީގައިވާގޮތަށް އިސްލާހުކޮށް، އެއީ އެ މާއްދާގެ (ށ) އާއި (ނ) ކަމުގައި ހަމަޖައްސައި، އޭގެފަހަތަށްހުރި އަކުރުތައް ތަރުތީބުކުރުން. 

(ށ) ކޮންމެ ޕްރައިވެޓް ކުންފުންޏެއްގެ ނަމުގެ ބައެއްގެ ގޮތުގައި، ނަމުގެ ފަހަތުގައި "ޕްރައިވެޓް ލިމިޓެޑް" ނުވަތަ އޭގެ ރަމްޒު ކަމުގައިވާ "ޕވޓ ލޓޑ." މިހެން ލިޔެފައި އޮންނަންވާނެއެވެ. 

(ނ) ކޮންމެ ޕަބްލިކް ކުންފުންޏެއްގެ ނަމުގެ ބައެއްގެ ގޮތުގައި، ނަމުގެ ފަހަތުގައި "ޕަބްލިކް ލިމިޓެޑް ކޮމްޕެނީ" ނުވަތަ އޭގެ ރަމްޒު ކަމުގައިވާ "ޕލކ" މިހެން ލިޔެފައި އޮންނަންވާނެއެވެ. 

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 75 ވަނަ މާއްދާ ތިރީގައިވާގޮތަށް އިސްލާހުކުރުން. 

75.(ހ) މި ގާނޫނުގެދަށުން ރަޖިސްޓަރީ ކޮށްފައިވާ ކުންފުންޏެއް އުވާލެވޭނީ، ތިރީގައި ބަޔާންކޮށްފައިވާ ތިންގޮތުންކުރެ ގޮތަކަށެވެ.

  1. ކުންފުންޏެއް އުވާލުމަށް އެ ކުންފުންޏަކުން ކަނޑައެޅުން. 
  2. ކުންފުންޏެއް އުވާލުމަށް ކޯޓުން އަމުރުކުރުން. 
  3. ކުންފުންޏެއް އުވާލުމަށް ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައެޅުން. 

(ށ) 

  1. މި މާއްދާގެ (ހ) ގެ (3) ގެ ދަށުން ކުންފުންޏެއް އުވާލުމަށް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ކަނޑައެޅޭނީ އެ ކުންފުންޏަކީ، އެ ކުންފުނިން ކުރުމަށް ކަނޑައަޅާފައިވާ ވިޔަފާރީގެ އެއްވެސް މުއާމަލާތެއް، އެ ކުންފުނި ރަޖިސްޓަރީކުރި ތާރީހުން ފެށިގެން 1 އަހަރުވާއިރު ނުކުރާ ކުންފުންޏެއް ކަމުގައިވާނަމަ، ނުވަތަ އެ ކުންފުންޏަކުން ކުރުމަށް ކަނޑައަޅާފައިވާ ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ނުކޮށް 2 އަހަރު ވެއްޖެނަމައެވެ. 
  2.  މި މާއްދާގެ (ހ) ގެ (3) ގެ ދަށުން ކުންފުންޏެއް އުވާލުމަށް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައަޅައިފިނަމަ، އެ ކުންފުންޏެއްގެ މައްޗަށް އެއްވެސް ދަރަންޏެއް ނުވަތަ ދައުވާއެއް އޮތްތޯ ބެލުމަށް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް އިއްލާންކޮށް، އެ ކުންފުނިން އެއްވެސް ފަރާތަކަށް ދައްކަންޖެހޭ ދަރަންޏެއް ނުވަތަ އެ ކުންފުނީގެ މައްޗަށް އެއްވެސް ފަރާތަކުން ހުށަހަޅާ ދައުވާއެއް އޮތްކަމަށް، އެ އިއްލާނުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި،  އެއްވެސް ފަރާތަކުން ހުށަނާޅައިފިނަމަ، އެ ކުންފުންޏެއްގެ ރަޖިސްޓަރީ ބާތިލުކޮށް، ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް އެ ކުންފުނި އުވާލެވިދާނެއެވެ. 
  3. މި މާއްދާގެ (ހ) ގެ (3) ގެ ދަށުން ކުންފުންޏެއް އުވާލުމަށް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައަޅައި، އެ ކުންފުނިން އެއްވެސް ފަރާތަކަށް ދައްކަންޖެހޭ ދަރަންޏެއް ނުވަތަ އެ ކުންފުނީގެ މައްޗަށް އެއްވެސް ފަރާތަކުން ހުށަހަޅާ ދައުވާއެއް އޮތްތޯ ބެލުމަށް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް އިއްލާން ކުރުމުން، އެ ކުންފުނިން ދައްކަންޖެހޭ ދަރަންޏެއް އޮތްކަމަށް އެއްވެސް ފަރާތަކުން ހުށަހަޅައިފިނަމަ، ނުވަތަ އެ ކުންފުނީގެ މައްޗަށް އެއްވެސް ފަރާތަކުން ދައުވާއެއް ހުށަހަޅައިފިނަމަ، އެކުންފުނި އުވާލުމުގެ މައްސަލަ ކޯޓަށް ހުށަހަޅަންވާނެއެވެ. 

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 76 ވަނަ މަޢްދާގެ (ހ) ތިރީގައިވާގޮތަށް އިސްލާހުކުރުން. 

(ހ) މި ގާނޫނުގެ 75 ވަނަ މާއްދާގެ (ހ) ގެ (1) ގައި ބުނެފައިވާ ގޮތުގެ މަތިން ކުންފުންޏެއް އުވާލުމަށް އެ ކުންފުންޏަކުން ކަނޑައެޅޭނީ، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން އެ ކުންފުންޏެއް އުވާލުމަށް ފާސްކޮށް، ޑިރެކްޓަރުންގެ ބޯޑުން އެ ފާސްކުރި ފާސްކުރުމަށް ތާއީދުކޮށް އެ ކުންފުންޏެއްގެ މެންބަރުންގެ އާންމު ޖަލްސާއަކުން ފާސްކުރާ ހާއްސަ ގަރާރަކުންނެވެ. 

 

5 ވަނަ މާއްދާ -  ބުނެވިދިޔަ ގާނޫނުގެ 80 ވަނަ މަޢްދާގެ (ހ) ގެ ފުރަތަމަ ޖުމްލަ ތިރީގައިމިވާގޮތަށް އިސްލާހުކުރުން. 

(ހ) ތިރީގައި ބަޔާންކޮށްފައިވާ ގޮތްތަކުންކުރެ ގޮތެއް މެދުވެރިވެއްޖެނަމަ، ކުންފުންޏެއް އުވާލުމަށް މި ގާނޫނުގެ 75 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެމަތިން ކޯޓުން އަމުރު ކުރެވިދާނެއެވެ. 

 

6 ވަނަ މާއްދާ -  ބުނެވިދިޔަ ގާނޫނުގެ 80 ވަނަ މަޢްދާގެ (ހ) (2) ތިރީގައިވާގޮތަށް އިސްލާހުކުރުން. 

(2). ކުންފުނީގެ އަހަރީ ފީ ނުދައްކައިއޮވެ، އެ އަހަރެއްގެ މެއިމަސް ހުސްވުން. 

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ "ތާވަލު" ގެ ދެވަނަ ނަންބަރަށް ތިރީގައިވާ ބައި އިތުރުކޮށް، އެއީ މި ތާވަލުގެ ދެވަނަ ނަންބަރުގެ (ނ) ކަމުގައި ހަމަޖެއްސުން. 

(ނ) ޕަބްލިކް ކުންފުންޏަކުން ނުވަތަ ޕްރައިވެޓް ކުންފުންޏަކުން ދައްކަންޖެހޭ އަހަރީ ފީ، އެ އަހަރެއްގެ މާޗްމަސް ނިމުމުކުގެކުރިން ނުދައްކައިފިނަމަ، އޭޕްރީލްމަހުގެ ތެރޭގައި ފީ  ބަލައިގަނެވޭނީ 1،000 ރުފިޔާގެ ޖޫރިމަނާއަކާ އެކުގައެވެ. އޭޕްރީލްމަސް ނިމުމުގެކުރިން ފީ ނުދައައްކައިފިނަމަ، މެއިމަހުގެ ތެރޭގައި ފީ ބަލައި ގަނެވޭނީ 2،500 ރުފިޔާގެ ޖޫރިމަނާއއަކާ އެކުގައެވެ. 

 

އުވި ގާނޫނު

ކުންފުނީގެ ގާނޫނު (ގާނޫނު ނަންބަރު 2023-07)

 

މައި ގާނޫނު

ކުންފުންޏާބެހޭ ގާނޫނު (ގާނޫނު ނަންބަރު 10/1996)

 

ކޮންސޮލިޑޭޓެޑް ގާނޫނު

ކުންފުންޏާބެހޭ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 1996-10)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު