-

ކުންފުނި އުވައިލުމަށް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައަޅައިގެން އަމަލުކުރާނެ ގޮތުގެ ގަވާއިދު

(ގަވާއިދު ނަންބަރު 1034/2019)

 

1 ވަނަ މާއްދާ - ތައާރަފާއި ނަން

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 10/1996 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ 75 ވަނަ މާއްދާގެ (ށ) ގެ  (1) ވަނަ ނަންބަރުގައި ބަޔާންކުރާ ހާ ލަތްތައް މެދުވެރިވެފައިވާ ކުންފުނިތައް އުވައިލުމުގައި ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް އަމަލުކުރާނެ ގޮތް ބަޔާންކުރާ ގަވާއިދެވެ. 

(ށ) މި ގަވާއިދު އެކުލަވައިލައިފައި ވަނީ ގާނޫނު ނަންބަރު 10/1996 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ 101 ވަނަ މާއްދާގެ ދަށުން ބާރު ލިބިގެންނެވެ.

(ނ) މި ގަވާއިދު ހަދައި ހިންގާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުންނެވެ.

(ރ) މި ގަވާއިދަށް ކިޔާނީ، "ކުންފުނި އުވައިލުމަށް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައަޅައި، އުވައިލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - ކުންފުނި އުވައިލުމަށް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ކަނޑައެޅޭނެ ހާލަތްތައް 

(ހ) ގާނޫނު ނަންބަރު 10/1996 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ 75 ވަނަ މާއްދާގެ (ށ) ގެ (1) ގައި ބަޔާންކޮށްފައިވާ ، އަންނަނިވި ހާ ލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެ ނަމަ، ކުންފުނި އުވައިލުމަށް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ކަނޑައެޅިދާނެއެވެ.

  1. ގާނޫނު ނަންބަރު 10/1996 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ 7 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން، ލަސްވެގެން އެ އަހަރެއްގެ މޭމަސް ނިމުމުގެ ކުރިން އެ ކުންފުނީގެ އަހަރީ ފީ ދައްކައިފައި ނުވުން؛ ނުވަތަ
  2. އެ ކުންފުނިން ކުރުމަށް ކަނޑައަޅައިފައިވާ ވިޔަފާރީގެ އެއްވެސް މުއާމަލާތެއް، އެ ކުންފުނި ރަޖިސްޓަރީކުރި ތާރީޚުން ފެށިގެން 1 (އެކެއް) އަހަރުދުވަސް ފާއިތުވާއިރު ނުކުރާ ކުންފުންޏެއް ކަމުގައި ވުން؛ ނުވަތަ
  3. އެ ކުންފުންޏަކުން ކުރުމަށް ކަނޑައަޅައިފައިވާ ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ނުކުރާތާ 2 (ދޭއް) އަހަރުދުވަސް ފާއިތުވެފައިވާ ކުންފުންޏެއް ކަމުގައި ވުން؛ ނުވަތަ
  4. ގާނޫނު ނަންބަރު 10/1996 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ 69 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅައިފައިވާ ފަދައިން، ކުންފުންޏެއްގެ އަހަރީ އާންމު ޖަލްސާ ބާއްވާތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި އަހަރީ ހިސާބުތަކާއި ޑިރެކްޓަރުންގެ އަހަރީ ރިޕޯޓާއި އޮޑިޓަރުގެ ރިޕޯޓު، ރެޖިސްޓްރާރއަށް ހުށަނޭޅުމުގެ ސަބަބުން އެ މާއްދާގެ (ށ) ގެ ދަށުން ކުރެވޭ ޖޫރިމަނާގެ ފައިސާ، މި މާއްދާގެ (ށ) ގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި ދައްކައިފައިނުވާ، އަދި އެ މުއްދަތުގެ ތެރޭގައި އެ އަހަރީ ހިސާބުތަކާއި ރިޕޯޓުތައް ހުށަހަޅައިފައިނުވާ ކުންފުންޏެއް ކަމުގައި ވުން.

(ށ) މި މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގެ ބޭނުމަށް، އަހަރީ ހިސާބުތަކާއި ޑިރެކްޓަރުންގެ އަހަރީ ރިޕޯޓާއި އޮޑިޓަރުގެ ރިޕޯޓު ހުށަހެޅުމާއި، އެ ތަކެތި ހުށަނޭޅުމުގެ ސަބަބުން ކުރެވޭ ޖޫރިމަނާގެ ފައިސާ ދެއްކުމުގެ ސުންގަޑިއަކީ، ކޮންމެ އަހަރެއްގެ ޖޫންމަހުގެ 30 ވަނަ ދުވަހެވެ.

 

3 ވަނަ މާއްދާ - ކުންފުނި އުވައިލުމަށް ކަނޑައަޅައި އިއުލާ ނުކުރުން

މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުންފުންޏެއް އުވައި ލުމަށް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައަޅައިފި ނަމަ، އެ ކުންފުންޏެއްގެ މައްޗަށް އެއްވެސް ދަރަންޏެއް ނުވަތަ ދައުވާއެއް އޮތްތޯ ބެލުމަށް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް ދިވެހި ސަރުކާރުގެ ގެޒެޓުގައި އިއުލާނުކުރަންވާނެއެވެ. އަދި މިގޮތުން ކުރާ އިއުލާނުގައި، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

(ހ) ކުންފުނީގެ ރަޖިސްޓްރޭށަން ނަންބަރު؛

(ށ) ކުންފުނީގެ ނަން؛

(ނ) އުވައިލަން ކަނޑައަޅައިފައިވާ ސަބަބު؛

 

4 ވަނަ މާއްދާ - (ނޯޓް މި މާއްދާއަށް ސުރުހީއެއް ދެވިފައިނުވޭ)

މި ގަވާއިދުގެ 3 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އުވައިލުމަށް އިއުލާނުކުރާ ކުންފުންޏަކުން އެއްވެސް ފަރާތަކަށް ދައްކަންޖެހޭ ދަރަންޏެއް އޮތް ނަމަ، ނުވަތަ އެއްވެސް ފަރާތަކުން އެ ކުންފުނީގެ މައްޗައް ހުށަހަޅާ ދައުވާއެއް އޮތް ނަމަ، ކުންފުނި އުވައިލުމަށް ސަރުކާރުގެ ގެޒެޓުގައި އިއުލާނުކުރާތާ 14 (ސާދަ) ދުވަހުގެ ތެރޭގައިރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް އެންގުމަށް އެ އިއުލާނުގައި ކަނޑައަޅައިފައިވާ ގޮތަކަށް، އެ މައުލޫމާތު މިނިސްޓްރީއަށް ފޮނުވަންވާނެއެވެ.

 

5 ވަނަ މާއްދާ - ކުންފުނި ހިންގުމަށް ބޭނުންވާނަމަ އަމަލުކުރާނެ ގޮތް

ކުންފުނި އުވައިލުމަށް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައަޅައި އިއުލާނުކޮށްފައިވަނިކޮށް އެ ކުންފުނި ހިންގި ފަރާތުން އެ ކުންފުނި އަލުން ހިންގުމަށް ބޭނުންވެއްޖެ ނަމަ، އެ ކުންފުންޏަކުން ފުރިހަމަކުރަންޖެހޭ އެންމެހައި އިލްތިޒާމްތައް، މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބަޔާންކުރާ އިއުލާނުގައިވާ 14 (ސާދަ) ދުވަހުގެ ތެރޭގައި ފުރިހަމަކުރުމަށް ފަހު، އެކަން އަންގައިދޭ ލިޔެކިޔުންތަކާ އެކު، ކުންފުނި ހިންގަން ބޭނުންވާކަން އަންގައިދިނުމަށް، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ގަރާރެއް ފާސްކޮށް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. 

 

6 ވަނަ މާއްދާ - ދައުލަތަށް ދައްކަންޖެހޭ ފީއާއި ޖޫރިމަނާއާމެދު އަމަލުކުރާނެ ގޮތް

މި ގަވާއިދުގެ 3 ވަނަ މާއްދާގެ ދަށުން ކުރާ އިއުލާނުގައި ބަޔާންކޮށްފައިވާ ސުންގަޑި ހަމަވާއިރު، އިއުލާނުގައި ނަން އޮތް ކުންފުންޏަކާމެދު އެއްވެސް ފަރާތަކުން މައްސަލައެއް ހުށަހަޅައިފައި ނުވާ ނަމަ، އެ ކުންފުންޏެއް އުވައިލުމަށް ޓަކައި އެ ފަރާތަކުން ދައުލަތަށް ދައްކަންޖެހި ނުދައްކާ އޮތް ފީ ނުވަތަ ޖޫރިމަނާ މައާފުކޮށްދިނުމަށް އެދި، މިނިސްޓްރީ އޮފް ފިނޭންސަށް، ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް ހުށަހަޅަންވާނެއެވެ.

 

7 ވަނަ މާއްދާ - ދަރަންޏެއް ނުވަތަ ދައުވާއެއް އޮތްކަމަށް އަންގާ ކުންފުނިތަކާމެދު އަމަލުކުރާނެ ގޮތް 

މި ގަވާއިދުގެ 3 ވަނަ މާއްދާގެ ދަށުން ކުރާ އިއުލާނާ ގުޅިގެން، އެ ކުންފުންޏަކުން އެއްވެސް ފަރާތަކަށް ދައްކަންޖެހޭ ދަރަންޏެއް އޮތްކަމަށް ނުވަތަ އެ ކުންފުނީގެ މައްޗަށް ހުށަހަޅާ ދައުވާއެއް އޮތްކަމަށް އެއްވެސް ފަރާތަކުން ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް އަންގައިފި ނަމަ، އެ ކުންފުންޏެއް އުވައިލުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށްޓަކައި، ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަމާބެހޭ ކޯޓަށް ހުށަހަޅަންވާނެވެ.

 

8 ވަނަ މާއްދާ - ކުންފުނި އުވައިލުމަށްފަހު ހުށަހަޅާ މައްސަލަތަކާމެދު އަމަލުކުރާނެ ގޮތް

މި ގަވާއިދުގެ ދަށުން އުވައިލައިފައިވާ ކުންފުންޏަކާ ގުޅޭ މައްސަލައެއް އޮތް ނަމަ، އެ މައްސަލައެއް ހުށަހަޅަންޖެހޭނީ ކަމާބެހޭ ށަރުއީ ކޯޓަށެވެ. 

 

9 ވަނަ މާއްދާ - ކުންފުނީގެ ދަފުތަރުން ނަން އުނިކުރުން

މި ގަވައިދުގެ ދަށުން އުވައިލާ ކުންފުނިތަކުގެ ނަން، ކުންފުނިތަކުގެ ދަފުތަރުން އުނިކޮށް، އެކަން ފުރިހަމަކުރާތާ 7( ހަތެއް( ދުވަހުގެ ތެރޭގައި އިއުލާނު ކުރަންވާނެއެވެ. 

 

10 ވަނަ މާއްދާ - އިއުލާނުކުރުން

މި ގަވާއިދުގައި އިއުލާނު ކުރަން ޖެހޭކަމަށް ބަޔާންކޮށްފައިވާ ހާ ލަތުތަކުގައި އިއުލާނުކުރި ކަމުގައި ބެލޭނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި އެ އިއުލާނެއް ށާއިއުކޮށްފައިވާނަމަ އެވެ. 

 

11 ވަނަ މާއްދާ - އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ. 

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

މައި ގާނޫނު

ކުންފުންޏާބެހޭ ގާނޫނު (ގާނޫނު ނަންބަރު 10/1996)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު