-

ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު (ކޮންސޮލިޑޭޓެޑް)

(ކޮންސޮލިޑޭޓެޑް ނަންބަރު 2008-10)

(1ވަނަ، 2ވަނަ، 3ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން ގާއިމުކޮށްފައިވާ  "ޖުޑީށަލް ސަރވިސް ކޮމިށަން" މަސްއޫލިއްޔަތުތަކާއި، ބާރުތަކާއި، ކޮމިށަނުގެ މަސައްކަތުގެ ދާއިރާއާއި، ކޮމިށަނުގެ މެންބަރުންގެ ކިބައިގައި ހުންނަންވާނެ ށަރުތުތަކާއި، ސުލޫކީ މިންގަނޑުތައް ކަނޑައެޅުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ "ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - ޖުޑީށަލް ސަރވިސް ކޮމިށަނުގެ އޮފީސް ގާއިމްކުރުން

(ހ) މި ގާނޫނުގެ ދަށުން ޖުޑީށަލް ސަރވިސް ކޮމިށަނުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށްޓަކައި، މިގާނޫނަށް އަމަލުކުރަން ފަށާ ތާރީހްގައި "ޖުޑީށަލް ސަރވިސް ކޮމިށަން" ގެ ނަމުގައި އޮފީހެއް ގާއިމްކުރަންވާނެއެވެ.

(ށ) ޖުޑީށަލް ސަރވިސް ކޮމިށަނަކީ، އަމިއްލަ ނަމުގައި ދައްވާކުރުމާއި، ދައްވާ ލިބިގަތުމުގެ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުއާމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މިނިވަން ގާނޫނީ ށަހްސެކެވެ.

 

3 ވަނަ މާއްދާ - ކޮމިށަން އެކުލެވިގެންވާ ގޮތް

ޖުޑީށަލް ސަރވިސް ކޮމިށަން އެކުލެވިގެންވަނީ އަންނަނިވި މެންބަރުންގެ މައްޗަށެވެ.

  1. ރައްޔިތުންގެ މަޖިލީހުގެ ރައީސް؛
  2. ސުޕްރީމްކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިހާބުކުރާ އުއްތަމަފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކު؛
  3. ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިހާބުކުރާ ފަނޑިޔާރަކު؛
  4. ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުތަކުން އިންތިހާބުކުރާ ފަނޑިޔާރަކު؛
  5. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން، އެ މަޖިލީހުން ކަނޑައަޅާ މެންބަރަކު؛
  6. އާންމުންގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މީހަކު؛
  7. ސިވިލް ސަރވިސް ކޮމިށަނުގެ ރައީސް؛
  8. ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މީހަކު؛
  9. ބަންޑާރަނައިބު؛
  10. ދިވެހިރާއްޖޭގައި ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަލިބިފައިވާ ވަކީލުންގެ ތެރެއިން، އެބައިމީހުން އިންތިހާބުކުރާ ގާނޫނީ ވަކީލަކު.

 

4 ވަނަ މާއްދާ - އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން މީހަކު ކަނޑައެޅުން

(ހ) މި ގާނޫނުގެ 3 ވަނަ މާއްދާގެ 6 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން މީހަކު ކަނޑައަޅާނީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ހަމަޖެހިފައިވާ ގޮތެއްގެ މަތިންނެވެ.

(ށ) މި މާއްދާގެ (ހ)  ގައިވާ ގޮތުގެމަތިން، އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މީހަކީ، އާންމުކޮށް އިއްލާންކޮށްގެން އެކަމަށް އިޖާބަދޭ މީހުންގެ ތެރެއިން ކަނޑައަޅާ މީހަކު ކަމުގައި ވާންވާނެއެވެ.

 

5 ވަނަ މާއްދާ - މެންބަރުންގެ ހުރުން ލާޒިމުވާ ސިފަތައް (އިސްލާހު ކުރެވިފައި)

(ހ) މި ގާނޫނުގެ 3 ވަނަ މާއްދާގެ 6 ވަނަ ނަންބަރާއި، 8 ވަނަ ނަންބަރާއި، 10 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކޮމިށަނުގެ މެންބަރުން މެންބަރުކަމުގެ މަގާމުގައި ދެމިތިބޭއިރު ތިރީގައިމިވާ ސިފަތައް އެ މެންބަރުންގެ ކިބައިގައި ފުރިހަމަވާންވާނެއެވެ.

  1.  މުސްލިމަކު ކަމުގައިވުން؛
  2. ދިވެހި ރައްޔިތަކު ކަމުގައިވުން، އަދި ބޭރު ގައުމެއްގެ ރައްޔިތެއްކަމުގައި ނުވުން؛
  3.  އުމުރުން 30 (ތިރީސް) އަހަރު ވެފައިވުން؛
  4. އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
  5. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިޚާބު ކުރެވޭ ނުވަތަ އައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން؛
  6. ސިޔާސީ ޕާޓީއެއްގެ މެންބަރު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން؛
  7. ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން.

(ށ) މި ގާނޫނުގެ 3 ވަނަ މާއްދާގެ 10 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މެންބަރު ވާންވާނީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި ވަކާލާތުކުރުމުގެ ހުއްދަ ލިބިފައިވާ މީހަކަށެވެ.

(ނ) މި ގާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ މެންބަރުންގެ ތެރެއިން ބަންޑާރަނައިބު ފިޔަވައި، އެހެން އެއްވެސް ފަރާތެއް، ކޮމިށަނުގެ މެންބަރެއްގެ ގޮތުގައި ދެމިހުރިހާ ހިނދަކު، ގާނޫނީ ވަކީލެއްގެ ގޮތުގައި ނުވަތަ ދައުވާކުރާ ނުވަތަ ދައުވާލިބޭ ފަރާތެއްގެ ބަދަލުގައި ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކޮށްގެން ނުވާނެއެވެ.

 

6 ވަނަ މާއްދާ - މެންބަރުންގެ މުއްދަތު

ކޮމިށަނުގެ މެންބަރުކަމަށް އައްޔަންކުރެވޭ މީހަކު އެ މަގާމުގައި ހުންނާނީ ތިރީގައި ބަޔާންވެގެންވާ މުއްދަތަށެވެ.

(ހ) މި ގާނޫނުގެ 3 ވަނަ މާއްދާގެ 2 ވަނަ ނަންބަރާއި، 3 ވަނަ ނަންބަރާއި، 4 ވަނަ ނަންބަރާއި، 5 ވަނަ ނަންބަރާއި، 6 ވަނަ ނަންބަރާއި، 8 ވަނަ ނަންބަރާ އަދި 10 ވަނަ ނަންބަރުގެ ދަށުން އައްޔަންކުރެވޭ މީހަކު ނަމަ، ކޮމިށަނުގައި އޭނާއަށް ހުރެވޭނީ 5 (ފަހެއް)  އަހަރުގެ އެއް ދައުރަށެވެ. އަދި އެ ދައުރު ހަމަވުމުން، އެ މީހަކު އަލުން އެ ކޮމިށަނަކަށް އައްޔަނެއް ނުކުރެވޭނެއެވެ.

(ށ) މި ގާނޫނުގެ 3 ވަނަ މާއްދާގެ 1 ވަނަ ނަންބަރާއި، 7 ވަނަ ނަންބަރާ އަދި 9 ވަނަ ނަންބަރުގެ ދަށުން، ވަކި މަގާމެއްގެ ހައިސިއްޔަތުން ކޮމިށަނުގައި ހިމެނޭ މީހަކު ނަމަ، އޭނާއަށް ކޮމިށަނުގައި ހުރެވޭނީ   އެ މަގާމެއްގައި އޭނާ ދެމިހުރިހައި ދުވަހަކުއެވެ.

 

7 ވަނަ މާއްދާ - ކޮމިށަނުގެ ރައީސާއި ނައިބުރައީސް އައްޔަންކުރުން (އިސްލާހު ކުރެވިފައި)

(ހ) ކޮމިށަނުގެ ރައީސަކާއި، ނައިބުރައީސަކު އައްޔަންކުރާނީ ކޮމިށަނުގެ މެންބަރުންގެ ތެރެއިން، ކޮމިށަނުގެ މެންބަރުންނެވެ. އަދި މިގޮތުން ކޮމިށަނުގެ ރައީސަކާއި، ނައިބުރައީސަކަށް އައްޔަންކުރާ ބަޔަކު، އެ މަގާމަށް އައްޔަންކުރާތާ ގިނަވެގެން 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާއަށް ކޮމިށަނުން އަންގަންވާނެއެވެ.

(ށ) ކޮމިށަނުގެ ރައީސް ނުވަތަ ނައިބުރައީސް އެ މަގާމުން ވަކިވާނީ ކޮމިށަނުގެ ރައީސް ނުވަތަ ނައިބުރައީސް އެ މަގާމުން ވަކިކުރުމަށް ކޮމިށަނުގެ މެންބަރުންގެ ތެރެއިން 4 (ހަތަރެއް) މެންބަރަކު، ކޮމިށަނުގެ ޖަލްސާއަކަށް ހުށަހަޅައި، އެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވާ މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކުރުމުންނެވެ.

(ނ) ކޮމިށަނުގެ ރައީސްގެ އިތުބާރު ނެތްކަމަށް ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ، ކޮމިށަނުގެ ނައިބުރައީސެވެ. އަދި ކޮމިށަނުގެ ނައިބުރައީސްގެ އިތުބާރު ނެތްކަމަށް ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ ކޮމިށަނުގެ ރައީސްއެވެ. ކޮމިށަނުގެ ރައީސް އަދި ނައިބުރައީސަށް ރިޔާސަތު ބެލެހެއްޓެން ނެތް ހާލަތެއް މެދުވެރިވެއްޖެނަމަ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ، ކޮމިށަނުގެ މެންބަރުންގެ ތެރެއިން އެކަމަށް ކަނޑައެޅޭ މެންބަރެކެވެ.

(ރ) ކޮމިށަނުގެ ރައީސް ނުވަތަ ނައިބުރައީސްގެ އިތުބާރު ނެތްކަމަށް ހުށަހެޅިއްޖެނަމަ،  އެ ނިންމުމަށް ވޯޓަށް އަހައި ގޮތެއް ނިންމުމަށްފަހު މެނުވީ ކޮމިށަނުގެ އިތުރު މަސައްކަތެއް ތާވަލުކޮށްގެން ނުވާނެއެވެ. އަދި ކޮމިށަނުގެ ރައީސް ނުވަތަ ނައިބުރައީސްގެ އިތުބާރު ނެތްކަމަށް ހުށަހެޅި ފާސްވެއްޖެނަމަ، މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ކޮމިށަނުން އެ މަގާމަށް މީހަކު އައްޔަންކުރަންވާނެއެވެ.

(ބ) ކޮމިށަނުގެ ރައީސް ނުވަތަ ނައިބުރައީސްގެ އިތުބާރުނެތްކަމަށް ފާސްކުރާ ފާސްކުރުމާމެދު އެއްވެސް ކޯޓަކަށް މައްސަލައެއް ހުށައެއްނޭޅޭނެއެވެ.

 

8 ވަނަ މާއްދާ - ކޮމިށަނުގެ ރައީސްގެ މަސްއޫލިއްޔަތު

ކޮމިށަނުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާނީ ކޮމިށަނުގެ ރައީސެވެ. އަދި ކޮމިށަނުގެ އެކިއެކި މަސައްކަތްތައް ހިންގައި ބެލެހެއްޓުމަށް ކޮމިށަނުގެ މެންބަރުންނާ ހަވާލުކުރާނީވެސް ކޮމިށަނުގެ ރައީސެވެ.

 

9 ވަނަ މާއްދާ - ކޮމިށަނުގެ ނައިބުރައީސް

ކޮމިށަނުގެ ރައީސްގެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް އޭނާ ނުކުޅެދިއްޖެ ހާލަތެއްގައި، ނުވަތަ އުޒުރުވެރިވެއްޖެ ހާލަތެއްގައި، ނުވަތަ އެމަގާމު ހުސްވެއްޖެ ހާލަތެއްގައި، އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރާނީ ކޮމިށަނުގެ ނައިބުރައީސެވެ. މީގެ އިތުރުން، ކޮމިށަނުގެ ރައީސް ކޮމިށަނުގެ ނައިބުރައީސާ ހަވާލުކުރާ މަސްއޫލިއްޔަތުތައްވެސް އޭނާ އަދާކުރަންވާނެއެވެ.

 

10 ވަނަ މާއްދާ - މަގާމު ހުސްވުން

(ހ) ކޮމިށަނުގެ މެންބަރެއްގެ މަގާމު ހުސްވެއްޖެކަމަށް ބެލޭނީ އަންނަނިވި ހާލަތުތަކުގައެވެ.

  1. މެންބަރުކަމުގެ މުއްދަތު ހަމަވުމުން؛
  2. އިސްތިއުފާ ދިނުމުން؛
  3. މި ގާނޫނުގެ 14 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ކޮމިށަނުގެ މެންބަރުކަމުން ވަކިކުރުމުން؛
  4. މި ގާނޫނުގެ 3 ވަނަ މާއްދާގެ 6 ވަނަ ނަންބަރާއި، 8 ވަނަ ނަންބަރާއި  10 ވަނަ ނަންބަރުގެ ދަށުން އައްޔަންކުރެވޭ މެންބަރުން ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ ސިޔާސީ މަގާމަކަށް ކުރިމަތިލުމުން؛ (އިސްލާހު ކުރެވިފައި)
  5. މަރުވުމުން؛
  6. މި ގާނޫނުގެ 3 ވަނަ މާއްދާގެ 6 ވަނަ ނަންބަރާއި، 8 ވަނަ ނަންބަރާއި، 10 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކޮމިށަނުގެ މެންބަރުންގެ ކިބައިގައި ހުރުން މި ގާނޫނު ލާޒިމްކުރާ ސިފަތަކުގެ ތެރެއިން ސިފައެއް އެއިން މެންބަރެއްގެ ކިބައިން އުނިވުމުން.
  7. މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ނުކުޅެދޭފަދަ ދާއިމީ ހާލަތެއް ކުރިމަތިވުމުން (އިތުރު ކުރެވިފައި)

(ށ) ކޮމިށަނުގެ ރައީސްގެ މަގާމު ނުވަތަ ނައިބުރައީސްގެ މަގާމު ހުސްވެއްޖެކަމަށް ބެލޭނީ،ރައީސާއި ނައިބުރައީސްއާ ދެމީހުންކުރެ މީހަކު އެމީހެއްގެ މަގާމުން އިސްތިއުފާދިނުމުން ނުވަތަ މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކޮމިށަނުގެ ރައީސް ނުވަތަ ނައިބުރައީސްގެ އިތުބާރު ނެތްކަމަށް ފާސްކުރުމުންނެވެ. ނުވަތަ އެއިން ފަރާތެއްގެ މެންބަރުކަމުގެ މަގާމު ހުސްވެއްޖެކަމަށް ބެލެވޭ ހާލަތެއް ކުރިމަތިވުމުންނެވެ. (އިސްލާހު ކުރެވިފައި)

 

11 ވަނަ މާއްދާ - ހުސްވާ މަގާމަށް މީހުން އައްޔަންކުރުން

(ހ) މި ގާނޫނުގެ 3 ވަނަ މާއްދާގެ 2 ވަނަ ނަންބަރާއި، 3 ވަނަ ނަންބަރާއި، 4 ވަނަ ނަންބަރާއި، 5 ވަނަ ނަންބަރާއި، 6 ވަނަ ނަންބަރާއި، 8 ވަނަ ނަންބަރާއި، 10 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ކޮމިށަނަށް އައްޔަންކުރެވޭ މީހެއްގެ މަގާމު ހުސްވެއްޖެނަމަ، އެ މަގާމެއް ހުސްވާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ މީހަކު ކޮމިށަނަށް އައްޔަންކުރި ފަރާތުން އެ މަގާމަށް މީހަކު އަލުން އައްޔަންކުރަންވާނެއެވެ.

(ށ) މި ގާނޫނުގެ 3 ވަނަ މާއްދާގެ 1 ވަނަ ނަންބަރާއި، 7 ވަނަ ނަންބަރާއި 9 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، ވަކި މަގާމެއްގެ ހައިސިއްޔަތުން އައްޔަންކުރެވިފައިވާ މީހެއްގެ މަގާމު ހުސްވެއްޖެނަމަ، އެ މަގާމަށް މީހަކު އަލުން އައްޔަންކުރިކަމަށް ބެލެވޭނީ އެ މަގާމުގެ ހައިސިއްޔަތަށް އެހެން މީހަކު އައްޔަންކުރުމުންނެވެ.

 

12 ވަނަ މާއްދާ - މެންބަރުން އެމީހުންގެ ވާޖިބު އަދާކުރުން

ކޮމިށަނުގެ މެންބަރުންގެ މަސްއޫލިއްޔަތުތައް ތިރީގައި އެވަނީއެވެ.

(ހ) ކޮމިށަނުގެ ޖަލްސާތަކަށް ހާޒިރުވުން.

(ށ) ކޮމިށަނުން ހަވާލުކުރާ މަސްއޫލިއްޔަތުތައް އަދާކުރުން.

(ނ) ސިއްރުގެ ގޮތުގައި ކޮމިށަނުން ކަނޑައަޅާ މައްލޫމާތު ސިއްރުގެ ގޮތުގައި ހިފެހެއްޓުން.

 

13 ވަނަ މާއްދާ - މެންބަރުން މަގާމާ ހަވާލުވުން

ކޮމިށަނުގެ މެންބަރަކަށް އެމީހެއްގެ މަގާމާ ހަވާލުވެވޭނީ ފަނޑިޔާރެއްގެ ކުރިމަތީގައި އަންނަނިވި ހުވައިކޮށް، ހުވައިގެ އިގްރާރުގައި ސޮއި ކުރުމުންނެވެ.

 

"އަހުރެން ......... (މީހާގެ ނަން)  ......... އިސްލާމްދީނަށް ހުރްމަތްތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް ރައްކާތެރިވުމަށާއި، ދިވެހި ގައުމަށް އިހްލާސްތެރިވުމަށާއި، ޖުޑީށަލް ސަރވިސް ކޮމިށަނުގެ މެންބަރުކަމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ގާނޫނުގައިވާ ގޮތުގެމަތިން، ތެދުވެރިކަމާއި އަމާނާތްތެރި ކަމާއެކު، އަދާކުރުންމަތީ ދެމިހުރުމަށް މާތްﷲ ގަންދީ ހުވައިކުރަމެވެ."

 

14 ވަނަ މާއްދާ - މެންބަރުކަމުން ވަކިކުރުން

(ހ) މި ގާނޫނުގެ 3 ވަނަ މާއްދާގެ 2 ވަނަ ނަންބަރާއި، 3 ވަނަ ނަންބަރާއި، 4 ވަނަ ނަންބަރާއި، 5 ވަނަ ނަންބަރާއި، 6 ވަނަ ނަންބަރާއި، 8 ވަނަ ނަންބަރާއި، 10 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ކޮމިށަނަށް އައްޔަންކުރެވޭ މީހުން އެ މަގާމުން ވަކިކުރާނީ އެ މީހަކު ކޮމިށަނަށް އައްޔަންކުރި ފަރާތަކުންނެވެ.

(ށ) މި ގާނޫނުގެ 3 ވަނަ މާއްދާގެ 1 ވަނަ ނަންބަރާއި، 7 ވަނަ ނަންބަރާއި 9 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، ވަކި މަގާމެއްގެ ހައިސިއްޔަތުން އައްޔަންކުރެވިފައިވާ މީހުން ކޮމިށަނުގެ މެންބަރުކަމުން ވަކިވާނީ އެ މީހަކު އެ މަގާމަކުން ވަކިވުމުންނެވެ.

 

15 ވަނަ މާއްދާ - އިސްތިއުފާ ދިނުން

(ހ) ކޮމިށަނުގެ މެންބަރުކަމުން އިސްތިއުފާ ދެވޭނީ މި ގާނޫނުގެ 3 ވަނަ މާއްދާގެ 1 ވަނަ ނަންބަރާއި، 7 ވަނަ ނަންބަރާއި، 9 ވަނަ ނަންބަރުގައި ބުނެފައިވާ މަގާމުތަކުގައި ތިބޭ މީހުން ފިޔަވައި އެހެން މީހުންނަށެވެ.

(ށ) މި މާއްދާގެ (ހ) ގައި ކޮމިށަނުގެ މެންބަރުކަމުން އިސްތިއުފާ ދެވިދާނެކަމަށް ބުނެފައިވާ މެންބަރުންގެ ތެރެއިން މެންބަރަކު، މެންބަރުކަމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، ސިޓީއަކުން އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން އެ މެންބަރަކު މެންބަރުކަމުން ވަކިވީއެވެ.

(ނ) ކޮމިށަނުގެ ރައީސް ރައީސްކަމުގެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ ސިޓީއަކުން އެކަންބަޔާންކޮށް ކޮމިށަނަށް ހުށަހެޅުމުން، ކޮމިށަނުގެ ރައީސް، ރައީސްކަމުގެ މަގާމުން ވަކިވީއެވެ. ހަމައެފަދައިން، ކޮމިށަނުގެ ނައިބުރައީސް، ނައިބުރައީސްކަމުގެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ ސިޓީއަކުން އެކަން ބަޔާންކޮށް ކޮމިށަނުގެ ރައީސަށް ހުށަހަޅައި، އެސިޓީ ރައީސަށް ލިބުމުން، ކޮމިށަނުގެ ނައިބުރައީސް، ނައިބުރައީސްކަމުގެ މަގާމުން ވަކިވީއެވެ.

 

16 ވަނަ މާއްދާ - މުސާރައާއި އިނާޔަތްތައް

(ހ) ކޮމިށަނަށް އައްޔަންކުރެވޭ މީހުންގެ ތެރެއިން ވެރިކަން ހިންގާ ފަރާތުގެ ނުވަތަ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ނުވަތަ މުސްތަގިއްލު ކޮމިށަނެއްގެ މެންބަރުކަމުގެ މަގާމެއްގައި ނެތް ކޮންމެ މީހަކަށް، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މުސާރައާއި އިނާޔަތްތައް ދެވިދާނެއެވެ. މިގޮތުގެމަތިން މެންބަރުންނަށް ދެވޭ މުސާރައާއި އިނާޔަތްތައް އެމީހުންގެ މެންބަރުކަމުގެ މުއްދަތުގައި އުންޏެއް ނުކުރެވޭނެއެވެ.

(ށ) ކޮމިށަނުގެ މުވައްޒަފުންނަށް ދެވޭ މުސާރައާއި އިނާޔަތްތައް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ މަށްވަރާއާއެކު ކަނޑައަޅާނީ ކޮމިށަނުންނެވެ.

 

17 ވަނަ މާއްދާ - މެންބަރުންގެ ސުލޫކީ މިންގަނޑުތައް

(ހ) ކޮމިށަނުގެ މެންބަރުންގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައާއި ބާރުތައް ބޭނުންކުރުމުގައާއި، ކޮމިށަނުގެ މެންބަރުންގެ މެންބަރުކަމުގެ މުއްދަތުގައި، ކޮމިށަނުގެ ކޮންމެ މެންބަރަކުމެ އަންނަނިވި ގޮތަށް އަމަލުކުރަންވާނެއެވެ.

  1. ގާނޫނުއަސާސީއާއި ގާނޫނުގައިވާ ގޮތުގެމަތިން ކަންކަންކުރުން؛
  2. ގާނޫނުގެ ވެރިކަން ކުރިއަރުވައި، ރައްޔިތުންގެ ހައްގުތަކާއި މިނިވަންކަން ރައްކާތެރިކުރުން؛
  3. މެންބަރުކަމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައާއި ބާރުތައް ބޭނުންކުރުމުގައި ގައުމީ މަސްއޫލިއްޔަތާއި ރައްޔިތުންގެ ލާބައާއި މަންފާ އަބަދުމެ ކުރިއަށްނެރެ އިސްކަންދިނުން؛
  4. މެންބަރުކަމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައާއި ބާރުތައް ބޭނުންކުރުމުގައި އެއްވެސް ރައްޔިތެއްގެ ނަސްލަށް، ނުވަތަ އުފަންވީ ގައުމަށް، ނުވަތަ ކުލަޔަށް، ނުވަތަ ޖިންސަށް، ނުވަތަ އުމުރަށް، ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް، ނުވަތަ އެ މީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް، ނުވަތަ މާލީ ފުދުންތެރިކަމަށް، ނުވަތަ ނިސްބަތްވާ އާއިލާއަށް ނުވަތަ އުފަންރަށަށް، ނުވަތަ ވާހަކަ ދައްކާ ބަހަށާއި އިޖްތިމާއީ ދަރަޖަ ނުވަތަ މަގާމަށް ބަލައި ތަފާތުނުކުރުން؛
  5. މެންބަރުކަމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައާއި ބާރުތައް ބޭނުންކުރުމުގައި އެއްވެސް މީހަކު ނުވަތަ އެއްވެސް ފަރާތަކުން އަންގާ ގޮތަށް ކަންކަންކުރާ، އަދި އެއްވެސް މީހެއްގެ ނުވަތަ އެއްވެސް ފަރާތެއްގެ ނުފޫޒެއްގެ ދަށުގައިވާ މީހަކަށް ވެގެންނުވުން؛
  6. އެއްވެސް ފަރާތަކަށް ޖެހިލުންވުމެއްނެތި، ވަކި ފަރާތަކަށް މަންފާއެއް ހޯދައިދިނުމެއްނެތި، ތައައްޞުބުން އެއްކިބާވެހުރެ މުސްތަޤިއްލުކަމާއެކު، އަދުލު އިންސާފު ގާއިމުކުރުމުގެ ކަންތައްތައް ހިންގުމުގައްޔާއި ކޯޓުތަކާގުޅޭ އެހެނިހެން ކަންތައްތައްވެސް ގާނޫނުއަސާސީއާއި ގާނޫނާ އެއްގޮތަށް ކުރުމާއި ކަންކަން ނިންމުން (އިސްލާހު ކުރެވިފައި)
  7. ކޮމިށަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން މެންބަރަކު ކުރާކަމަކުން، ނުވަތަ ބައިވެރިވާ ބައިވެރިވުމަކުން، ނުވަތަ ދައްކާ ވާހަކައަކުން، ނުވަތަ ފާޅުކުރާ ޚިޔާލަކުން، ނުވަތަ އެނޫންވެސް އެހެން ގޮތަކުން، އެ މެންބަރެއްގެ އިންސާފުވެރިކަމާމެދު ސުވާލު އުފެދޭނެ އެއްވެސް ކަމެއް ނުކުރުން؛ (އިސްލާހު ކުރެވިފައި)
  8. މަގާމުގެ ހައިސިއްޔަތުން މެންބަރަކަށް ލިބިފައިވާ މައްލޫމާތެއްގެ ނުވަތަ އެ މެންބަރެއް އަދާކުރާ ވަޒީފާގެ ބޭނުން އަމިއްލައަށް ނާޖާއިޒް މަންފާއެއް ހާސިލުކުރުމަށް ނުވަތަ އެހެން މީހަކަށް އެފަދަ މަންފާއެއް ހޯދައިދިނުމަށް ބޭނުންނުކުރުން؛
  9. މަގާމުގެ ހައިސިއްޔަތުން މެންބަރަކަށް ލިބިފައިވާ މައްލޫމާތެއް މެންބަރުކަމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ފިޔަވައި، ތިންވަނަ ފަރާތަކަށް އެމައްލޫމާތެއް ހާމަނުކުރުން؛ 
  10. ކޮމިށަނުގެ ކޮންމެ މެންބަރަކުމެ، ހުރިހާ ވަގުތެއްގައިވެސް، ހުރިހާ އަމަލެއްގައިވެސް މުޖުތަމައު ގަބޫލުކުރާ ފެންވަރުގައި، އެމީހެއްގެ އަހްލާގާއި އަބުރުގެ ރައްކާތެރިކަން ދެމެހެއްޓުން.

(ށ) ކޮމިށަނުން ނިންމާ ނިންމުމެއްގައި ބައިވެރިވި މެންބަރެއް މި މާއްދާގެ (ހ) އާ ޚިލާފަށް ކަމެއްކޮށްފައިވާކަމަށް ކޮމިށަނުން ކަނޑައަޅައިފިނަމަ، އެ މެންބަރަކު ބައިވެރިވެގެން ކޮމިށަނުން ނިންމާފައިވާ އެކަމެއް އަލުން މުރާޖައާކުރުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ. (އިސްލާހު ކުރެވިފައި)

(ނ) (ނ) ކޮމިށަނުގެ މެންބަރެއް ގާނޫނާ ޚިލާފަށް ކަމެއް ކޮށްފައިވާ ކަމަށް ށަރުއީ ކޯޓަށް ސާބިތުވެއްޖެނަމަ، އެކަމެއްގައި ކޯޓުން ކަނޑައަޅާ ގޮތެއްގެމަތިން ކޮމިށަނުން ޒިންމާ އުފުލުމުގެ އިތުރަށް، ގާނޫނާ ޚިލާފުވި އެ މެންބަރަކާމެދު ގާނޫނުގައިވާ ގޮތުގެމަތިން ފިޔަވަޅު އެޅުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ. (އިސްލާހު ކުރެވިފައި)

(ރ) ކޮމިށަނުގެ ކޮންމެ މެންބަރަކުމެ، ކޮންމެ އަހަރަކު އެއްފަހަރު  އެ މެންބަރެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަސްލަހަތުތަކާއި އަރަންޏާއި ދަރަނި ހާމަކޮށް އޮޑިޓަރ ޖެނެރަލް ކަނޑައަޅާ ފޯރމެޓަކަށް ތައްޔާރުކުރާ ބަޔާނެއް އޮޑިޓަރ ޖެނެރަލަށް ހުށަހަޅާންވާނެއެވެ. އަދި ކޮމިށަނަށް އައްޔަންކުރެވޭ ކޮންމެ މެންބަރަކުމެ، އެމެންބަރެއްގެ މަގާމާ ހަވާލުވުމުގެ ކުރިން އެ މެންބަރެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަސްލަހަތުތަކާއި އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ ބަޔާނެއް އޮޑިޓަރ ޖެނެރަލަށް ހުށަހަޅާންވާނެއެވެ. މިގޮތުން އޮޑިޓަރ ޖެނެރަލަށް ހުށަހަޅާ ބަޔާނުގައި މައްސަލައެއްވާކަމަށް އޮޑިޓަރ ޖެނެރަލްއަށް ފެނިއްޖެ ހިނދެއްގައި އެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ އިހްތިޔާރު އޮޑިޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ.

 

18 ވަނަ މާއްދާ – ހިމާޔަތް

ކޮމިށަނުގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުންނާއި، ކޮމިށަނަށް ލިބިދޭ ބާރުތަކުގެ ދަށުން އަމަލުކުރުމުގެ ގޮތުން ގާނޫނުގައިވާ ގޮތުގެމަތިން،  ނުވަތަ ގާނޫނަކުން ލިބިދޭ ބާރެއްގެ ދާއިރާގެ ތެރޭގައި، ކޮމިށަނުގެ ރައީސް، ނުވަތަ ކޮމިށަނުގެ ނައިބުރައީސް، ނުވަތަ ކޮމިށަނުގެ މެންބަރަކު، ނުވަތަ ކޮމިށަނުގެ މުވައްޒަފަކު ރަސްމީ ހައިސިއްޔަތުން، ހެޔޮނިޔަތުގައި ކުރާ ކަމަކާމެދު، ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކާމެދު އެއްވެސް މަދަނީ ނުވަތަ ޖިނާއީ ދައްވާއެއް ނުއުފުލޭނެއެވެ.

 

19 ވަނަ މާއްދާ - ކޮމިށަނުގެ ޖަލްސާ (އިސްލާހު ކުރެވިފައި)

ކޮމިށަނުގެ ޖަލްސާތައް ބާއްވަންވާނީ މި މާއްދާގައިވާ ގޮތުގެމަތިންނެވެ.

(ހ) ކޮމިށަނުގެ ޖަލްސާއެއް މަދުވެގެން ކޮންމެ މަހަކު 1 (އެކެއް) ފަހަރު ބާއްވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޖަލްސާގެ އިތުރުން، ތިރީގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް ކޮމިށަނުގެ ޖަލްސާއެއް ބޭއްވިދާނެއެވެ.

  1. ކޮމިށަނުގެ ރައީސް ކޮމިށަނުގެ ޖަލްސާއަކަށް ގޮވާލުން؛
  2. ކޮމިށަނުގެ ޖަލްސާއެއް ބޭއްވުމަށް ކޮމިށަނުން ނިންމުން؛
  3. ކޮމިށަނުގެ މެންބަރުންގެ ތެރެއިން 4 (ހަތަރެއް) މެންބަރުން ޖަލްސާއެއް ބޭއްވުމަށް އެދުން؛
  4. ކުއްލި ޖަލްސާއެއް ބޭއްވުމަށް މި މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ނިންމުން.

(ނ) ކުއްލި ޖަލްސާއެއް ބާއްވަންޖެހިއްޖެ ހާލަތެއްގައި ފިޔަވައި، ކޮމިށަނުގެ ޖަލްސާއެއް ބާއްވަންވާނީ މަދުވެގެން 12 (ބާރަ) ގަޑިއިރުގެ ނޯޓިހެއް މެންބަރުންނަށް ދިނުމަށްފަހުގައެވެ.

(ރ) ކޮމިށަނުގެ ކުއްލި ޖަލްސާއެއް ބޭއްވޭނީ، ކޮމިށަނުގެ މެންބަރުންގެ ތެރެއިން މަދުވެގެން 3 (ތިނެއް) މެންބަރުން ކޮމިށަނުގެ ޖަލްސާއެއް ބޭއްވުމަށް އެދި ސަބަބު ބަޔާންކޮށް ހުށަހެޅުމުންނެވެ. އަދި އެ ހާލަތުގައި ކޮމިށަނުގެ ކުއްލި ޖަލްސާއެއް ބޭއްވޭނެ އިންތިޒާމު ކޮމިށަނުގެ ސެކްރެޓަރީ ޖެނެރަލް ވީއެންމެ އަވަހަކަށް ހަމަޖައްސަންވާނެއެވެ.

(ބ) ކޮމިށަނުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ކޮންމެ ކަމަކާމެދުވެސް ކުއްލި ޖަލްސާއެއް ބޭއްވުމަށް އެދެވިދާނެއެވެ. އެހެންނަމަވެސް ކުއްލި ޖަލްސާއެއްގައި ނިންމޭނީ، އެ ޖަލްސާ ބޭއްވުމަށް އެދި ހުށަހެޅި މައްސަލައަށް ނުވަތަ އެ މައްސަލައާ ގުޅުންހުރި ކަންކަމަށެވެ.

(ޅ) ކުއްލި ޖަލްސާއެއް ބޭއްވުމަށް އެދޭތާ ގިނަވެގެން 12 (ބާރަ) ގަޑިއިރުގެ ތެރޭގައި އެ ޖަލްސާއެއް ބާއްވަންވާނެއެވެ.

(ކ) އެއްވެސް ސަބަބެއް މެދުވެރިވެގެން ކުއްލި ޖަލްސާއަކަށް ހާޒިރުނުވެވުނުނަމަ، އެ ޖަލްސާއެއް ތާވަލުކުރެވުނު ވަގުތުން ފެށިގެން ލަސްވެގެން 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި އެ ޖަލްސާއަށް ހާޒިރުނުވެވުނު ސަބަބު ކޮމިށަނުގެ ރައީސަށް  އެ މެންބަރަކު ލިޔުމުން އަންގަންވާނެއެވެ.

 

20 ވަނަ މާއްދާ - ގާނޫނީ އަދަދާއި ވޯޓުދިނުން

(ހ) ކޮމިށަނުގެ ޖަލްސާއެއް ބޭއްވޭނީ ކޮމިށަނުގެ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުން ހާޒިރުވެ ތިބެގެންނެވެ.

(ށ) ކޮމިށަނުން އެއްވެސް ކަމެއް ނިންމޭނީ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގްލަބިއްޔަތު އެކަމަކަށް ލިބިގެންނެވެ.

(ނ) އެއްވެސް މެންބަރެއްގެ އަމިއްލަ މަސްލަހަތެއް ނުވަތަ ދައުރެއް ނުވަތަ މާލީ ފައިދާއެއް އޮތް މައްސަލައެއް ނިންމުމުގައި އެއްވެސް މިންވަރަކަށް އެ މެންބަރަކު ބައިވެރިވެގެން ނުވާނެއެވެ. އަދި މިފަދަ މައްސަލައެއްކަން އެނގޭހިނދު މިކަން ކޮމިށަނުގެ އެހެން މެންބަރުންނަށް އެންގުމާއެކު، އެ މައްސަލައަކާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުމެއް ނިންމުމުން އެއްކިބާވާންވާނެއެވެ.

(ރ) ކޮމިށަނުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާ މީހަކު، ކޮމިށަނުގެ އެ ޖަލްސާގައި ނިންމާ ނިންމުންތަކުގައި ވޯޓު ދީގެން ނުވާނެއެވެ. އެހެންނަމަވެސް، ކަމަކާމެދު ނަގާ ވޯޓުގެ ފެންނަ ނުފެންނަ އަދަދު ހަމަހަމަވެއްޖެ ހާލަތެއްގައި އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާ މީހަކު އޭނާއަށް ފެންނަ ކޮޅަކަށް ވޯޓު ދޭންވާނެއެވެ. (އިތުރު ކުރެވިފައި)

 

21 ވަނަ މާއްދާ - ކޮމިށަނުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް

ކޮމިށަނުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) އުއްތަމަފަނޑިޔާރާއި ސުޕްރީމްކޯޓުގެ ފަނޑިޔާރުން ފިޔަވައި އެހެން ފަނޑިޔާރުން އައްޔަންކުރުމާއި މަގާމުގެ ކުރިއެރުން ދިނުމާއި، ބަދަލުކުރުމާއި، އުއްތަމަފަނޑިޔާރާއި ސުޕްރީމްކޯޓުގެ ފަނޑިޔާރުން އައްޔަންކުރުމުގައި ރައީސުލްޖުމްހޫރިއްޔާއަށް މަށްވަރާ ދިނުން.

(ށ) އުއްތަމަފަނޑިޔާރާއި، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުންނާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުންގެ ގާބިލުކަމާއި މަސައްކަތުގެ ފެންވަރު ވަޒަންކުރުމާއި، ފަނޑިޔާރުންނާ ބެހޭގޮތުން އުފުލާ ށަކުވާތައް ބެލުމާއި، އެ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، މަގާމުން ވަކިކުރަންޖެހޭ މީހުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން. (އިސްލާހު ކުރެވިފައި)

(ނ) ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތަކާބެހޭ ގަވާއިދުތައް ހެދުން:

  1. ފަނޑިޔާރުން ހޯދުމާއި އައްޔަންކުރުމާ ގުޅޭ އެންމެހައި ކަންކަން؛
  2. ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު؛
  3. ކޮމިށަނުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ރަނގަޅަށް އަދާކުރުމަށްޓަކައި ހަމަޖައްސަންޖެހޭ ކަންތައްތައް؛
  4. ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތާއި އަމިއްލަ މަސްލަހަތާއި ތައާރުޒުވާ ފަދަ ކަންކަމުގައި އަމަލުކުރާނެ ގޮތް.
  5. ފަނޑިޔާރުންގެ ގާބިލުކަމާއި މަސައްކަތުގެ ފެންވަރު ވަޒަންކޮށް ކުރިއެރުން ދޭނެ ގޮތް؛ (އިތުރު ކުރެވިފައި)

  6. ފަނޑިޔާރުން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމުގައި އަމަލުކުރާނެ ގޮތް؛ (އިތުރު ކުރެވިފައި)

  7. ށަރުއީ ދާއިރާގެ ނުވަތަ ގާނޫނީ ދާއިރާގެ މަސައްކަތަކަށް ނުވަތަ ތަމްރީނަށް ނުވަތަ ބޭރު ގައުމެއްގައި ނުވަތަ ބައިނަލްއަގުވާމީ ޖަމްއިއްޔާއެއްގައި މަސައްކަތްކުރުމަށް ފަނޑިޔާރުން ވީއްލުމުގައި އަމަލުކުރާނެ ގޮތް؛  (އިތުރު ކުރެވިފައި)

    (8) ފަނޑިޔާރުންގެ ސުލޫކާއި ފެންވަރާމެދު ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ ގޮތް. (އިތުރު ކުރެވިފައި)

(ރ) އަދުލު އިންސާފު ގާއިމުކުރުމުގެ ކަންތައްތައް ހިންގުމުގައްޔާއި ކޯޓުތަކާގުޅޭ އެހެނިހެން ކަންތައްތަކުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ލަފާދިނުން.

(ބ) ދިވެހިރާއްޖޭގެ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ އާންމު އިދާރީ ކަންކަން ރާވައި ހިންގައި ބެލެހެއްޓުން. (އިސްލާހު ކުރެވިފައި)

(ޅ) ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަންގެ ލަފާގެމަތިން ފަނޑިޔާރުގެ ރުހުން ހޯދުމަށްފަހު، އެ ފަނޑިޔާރަކު މަސައްކަތްކުރަމުން އައި ކޯޓާ އެއް ދަރަޖައެއްގެ އެހެން ކޯޓެއްގައި ވަގުތީ ގޮތުން މަސައްކަތްކުރުމަށް ހަމަޖެއްސުން. (އިސްލާހު ކުރެވިފައި)

(ކ) ށަރުއީ ދާއިރާގެ ނުވަތަ ގާނޫނީ ދާއިރާގެ މަސައްކަތަކަށް ނުވަތަ ތަމްރީނަށް ނުވަތަ ބޭރު ގައުމެއްގައި ނުވަތަ ބައިނަލްއަގުވާމީ ޖަމްއިއްޔާއެއްގައި މަސައްކަތްކުރުމަށް ފަނޑިޔާރުން ވީއްލުން. (އިތުރު ކުރެވިފައި)

(އ) ފަނޑިޔާރަކު އެދިއްޖެނަމަ، އޭނާ މަސައްކަތްކުރާ ކޯޓާ އެއް ދަރަޖައެއްގެ އެހެން ކޯޓަކަށް ބަދަލުކުރުން. (އިތުރު ކުރެވިފައި)

(ވ) ހައިކޯޓާއި، ސުޕީރިއަރ ކޯޓުތަކުގެ އިސް ފަނޑިޔާރުންނާއި އިސް ގާޟީން އައްޔަންކުރުމާއި، ޖުޑީށަލް ދާއިރާތަކުގެ އިސް ގާޟީންނާއި، އިސް މެޖިސްޓްރޭޓުން އައްޔަންކުރުމާއި ބަދަލުކުރުމާއި ވަކިކުރުން. (އިތުރު ކުރެވިފައި)

(މ) ހައިކޯޓާއި، ސުޕީރިއަރ ކޯޓުތަކާއި މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރެއްގެ މަގާމު ހުސްވެއްޖެނަމަ ހުސްވާ މަގާމަށް ފަނޑިޔާރުން އައްޔަންކުރުން. (އިތުރު ކުރެވިފައި)

(ފ) ފަނޑިޔާރުންގެ މައުލޫމާތު ފައިލް ބަލަހައްޓައި، ފަނޑިޔާރުންގެ ރެކޯޑް ބެލެހެއްޓުން. (އިތުރު ކުރެވިފައި)

 

21-1 ވަނަ މާްއދާ - ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަން އުފެއްދުން (އިތުރު ކުރެވިފައި)

(ހ) ދިވެހިރާއްޖޭގެ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ އާންމު އިދާރީ ކަންކަން ރާވައި ހިންގައި ބެލެހެއްޓުމަށްޓަކައި، މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަންގެ ނަމުގައި އިދާރާއެއް އުފެދުނީއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ އިދާރާ އުފެދުމާއެކު، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހިނގަމުންއައި ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަން އުވި، އެ ޑިޕާޓްމަންޓްގެ ހުރިހާ މުވައްޒަފުންނާއި، މަސައްކަތްތަކާއި، އެ ޑިޕާޓްމަންޓްގެ ހުރިހާ ވަސީލަތްތަކާއި، އެންމެހައި މާލީ އަދި މަދަނީ ޒިންމާތަކާއި ހައްގުތައް، މި ގާނޫނުގެ ދަށުން އުފެދޭ ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް އެހިނދުން ފެށިގެން ބަދަލުވީއެވެ.

(ނ) މި ގާނޫނުގެ 21-3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޗީފް ޖުޑީށަލް އެޑްމިނިސްޓްރޭޓަރ އައްޔަންކުރުމާ ހަމައަށް، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަންގައި ހުރި ޖުޑީށަލް އެޑްމިނިސްޓްރޭޓަރ، މި ގާނޫނުގައި ބަޔާންކޮށްފައިވާ ޗީފް ޖުޑީށަލް އެޑްމިނިސްޓްރޭޓަރުގެ މަސްއޫލިއްޔަތުތައް އަދާކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން އުފެދޭ ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނިގެންވެއެވެ.

  1. ދިވެހިރާއްޖޭގެ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ދަށުގައި ހިމެނޭ އެންމެހައި ކޯޓުތަކުގެ އިދާރީ އޮނިގަނޑު އެކުލަވާލުމާއި، އިދާރީ މުވައްޒަފުންގެ ވަޒީފާއާބެހޭ ކަންކަން އެ ކޯޓެއްގެ ޗީފް އެޑްމިނިސްޓްރޭޓަރ ނުވަތަ އިދާރީ އެންމެ އިސް މުވައްޒަފުގެ މަޝްވަރާގެ މަތިން ހިންގައި ބެލެހެއްޓުން؛
  2. ކޯޓުތަކަށް އިދާރީ މުވައްޒަފުން އައްޔަންކުރުމާއި، މަގާމުގެ ކުރިއެރުންދިނުމާއި، އިދާރީ ފިޔަވަޅު އެޅުމާއި، ވަކިކުރުން؛
  3. ޖުޑީށަލް ސަރވިސް ކޮމިށަނުން ކަނޑައަޅާ އުސޫލަކުން ފަނޑިޔާރުންނަށާއި، ޖުޑީށަލް ސަރވިސް ކޮމިށަނުގެ މެންބަރުންނަށާއި، ކޮމިށަނުގެ މުވައްޒަފުންނަށާއި، ށަރުއީ ދާއިރާއަށް ބޭނުންވާ ތަމްރީން ޕްރޮގްރާމްތަކާއި ތާޒާކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން؛
  4. ފަނޑިޔާރުންގެ އިލްމީ ފެންވަރު މަތިކުރުމުގެ ގޮތުންނާއި ފަންނީ ހުނަރު އިތުރުކުރުމުގެ ގޮތުން ބާއްވަންޖެހޭ ބައްދަލުވުންތަކާއި، ސެމިނާރ އަދި ކޮންފަރެންސްތައް ޖުޑީށަލް ސަރވިސް ކޮމިށަނުން ކަނޑައަޅާ އުސޫލާ އެއްގޮތަށް ބޭއްވުން؛
  5. ގާނޫނުތަކަށާއި ގާނޫނީ ނިޒާމަށް އަންނަ ބަދަލުތަކާގުޅޭ މައުލޫމާތާއި ތަމްރީން ދިނުމާބެހޭ ކަންކަން ރާވައި ހިންގުން؛
  6. ކޯޓުތަކުގެ ނިންމުންތައް ފުރިހަމައަށް ރެކޯޑްކޮށް ބެލެހެއްޓުމާއި އެ ނިންމުންތައް އާންމުކޮށް ފަސޭހައިން ލިބެން ހުންނާނެ ނިޒާމެއް ގާއިމުކުރުން؛
  7. އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ކޮންސޮލިޑޭޓެޑް ބަޖެޓް ކޯޓުތަކުގެ މަޝްވަރާއާއެކު އެކުލަވާލުން؛
  8. ރަޖިސްޓްރާރއެއް ހުންނަންވާނެކަމަށް ގާނޫނުގައި ކަނޑައަޅާފައިވާ އެންމެހައި ކޯޓުތަކަށް ރަޖިސްޓްރާރއިން އައްޔަންކުރުމާއި ވަކިކުރުން؛
  9.  ކޯޓުތަކަށް ބޭނުންވާނެ އެކިއެކި ވަސީލަތްތައް ސަރުކާރާއި އެހެނިހެން އިދާރާތަކުން ހޯދައިދިނުން؛
  10. ކޯޓުތަކުގެ ފައިސާ ބެލެހެއްޓުމުގެ ކަންތައްތައް، ދައުލަތުގެ މާލިއްޔަތުގެ ގާނޫނު ( (ގާނޫނު ނަންބަރު 3/2006)) ގައިވާ ގޮތުގެމަތިން، ހިނގާތޯ ބެލުމަށްޓަކައި އިންޓަރނަލް އޮޑިޓްގެ ނިޒާމެއް ގާއިމުކޮށް ބެލެހެއްޓުން؛
  11. ކޮންމެ މީލާދީ އަހަރެއް ނިމުމުން، އެ ނިމުނު އަހަރު ށަރުއީ ދާއިރާ ހިނގި ގޮތުގެ ރިޕޯޓެއް ތައްޔާރުކޮށް އެ ރިޕޯޓު އުއްތަމަފަނޑިޔާރަށާއި، ރައްޔިތުންގެ މަޖިލީހަށާއި، ޖުޑީށަލް ސަރވިސް ކޮމިށަނަށް، ވިދިގެން އަންނަ އަހަރުގެ ފެބުރުވަރީ މަސް ނިމުމުގެ ކުރިން ފޮނުވައި، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަންގެ ވެބްސައިޓްގައި އެ ރިޕޯޓު ށާއިއުކުރުން.
  12. އެކިއެކި ޖުޑީށަލް ދާއިރާތަކުގެ މައްސަލަތައް ނުނިމި ލަސްވުމުގެ ސަބަބުން ނުވަތަ އެ ދާއިރާއެއްގައި މެޖިސްޓްރޭޓުން މަދުވުމުގެ ސަބަބުން މައްސަލަ ބެލުން ލަސްވަމުންދާނަމަ، ޖުޑީށަލް ސަރވިސް ކޮމިށަނުން ކަނޑައަޅާ އުސޫލަކުން ރަށްރަށަށް ފޮނުވަންޖެހޭ ށަރުއީ ވަފުދުތައް ފޮނުވުމުގެ އިދާރީ ކަންކަން ހަމަޖެއްސުން؛
  13. ދިވެހިރާއްޖޭގެ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ އެންމެހައި ކޯޓުތަކުގެ އިދާރީ މުވައްޒަފުންގެ ވަޒީފާއާބެހޭ ކަންކަން ޖުޑީށަލް ސަރވިސް ކޮމިށަނުން ކަނޑައަޅާ އުސޫލަކާ އެއްގޮތްވާ ގޮތުގެމަތިން، ހިންގައި ބެލެހެއްޓުން؛
  14. މެޖިސްޓްރޭޓް ކޯޓުތަކުގެ ހަރަދުތަކަށް ފޮނުވަންޖެހޭ ފައިސާ، ހަމަޖެހިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ފޮނުވައި، އެކަމުގެ ރެކޯޑް ބެލެހެއްޓުމާއި، ކޯޓުތަކުގެ ފައިސާގެ ހިސާބުތައް އޮޑިޓްކުރުން؛
  15. ދުވަސްވީ ށަރުއީ ލިޔުންތައް ގިނަ ދުވަހަށް ދެމިހުންނާނެ ގޮތަކަށް ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، އެ ލިޔުންތަކަކީ އާންމުކޮށް ލިބޭ ލިޔުންތަކެއްގެ ގޮތުގައި ހަމަޖައްސައި، އެ ލިޔުންތަކުގެ ކަރުދާސްކޮޕީ ލިބޭނެގޮތް ހަމަޖެއްސުން؛
  16. ށަރުއީ ދާއިރާގެ ބޭނުމަށްޓަކައި ހޯދަންޖެހޭ އިމާރާތްތައް ހޯދުމާއި އިމާރާތްކުރަންޖެހޭ ތަންތަން ކަނޑައަޅައި އިމާރާތްކުރުމާއި މަރާމާތުކުރަންޖެހޭ ތަންތަން މަރާމާތުކޮށް ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުން؛
  17. އަމަލުކުރެވެމުންދާ ގާނޫނާއި، ގަވާއިދުތަކާއި، އެ ގާނޫނުތަކާއި ގަވާއިދުތަކަށް އަންނަ އިސްލާހުތަކާއި، އުސޫލުތައް ކޯޓުތަކަށް ފަސޭހައިން ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖެއްސުން؛
  18. ކޯޓުތަކުގެ ތަފާސްހިސާބު އެއްކުރުމާއި، ރައްކާކުރުމާއި އާންމުކޮށް ށާއިއުކުރުން؛
  19. ކޯޓުތަކަށް ހޯދަންޖެހޭ އެންމެހައި ތަކެތި، ކޯޓުތަކުން އެދޭ ގޮތުގެމަތިން، ހޯދޭނެ އިންތިޒާމު ހަމަޖައްސައި، އެ ތަކެތީގެ އިންވެންޓްރީ ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުން؛
  20. ޖުޑީށަލް ސަރވިސް ކޮމިށަނުގެ ވާޖިބު އަދާކުރުމަށް ބޭނުންވާ އެހީތެރިކަން އެ ފަރާތަށް ފޯރުކޮށްދިނުން؛
  21. ޖުޑީށަލް ސަރވިސް ކޮމިށަނުގެ ލަފަޔާއެކު ދިވެހިރާއްޖޭގެ ސުޕްރީމްކޯޓާއި، ހައިކޯޓުގެ ފަނޑިޔާރުން ފިޔަވައި، އެހެން ކޯޓުތަކުގެ ފަނޑިޔާރުންގެ އަދަދު ކަނޑައެޅުން؛
  22. ފަނޑިޔާރުންނަށް ޗުއްޓީ ދިނުން؛
  23. ކޯޓު ހިންގުމާ ހަވާލުވެ ހުންނަ ފަނޑިޔާރު ޗުއްޓީއަށްދާނަމަ، ޖުޑީށަލް ސަރވިސް ކޮމިށަނުގެ ލަފާގެމަތިން އެ ކޯޓުގެ ހިންގުން އެ ކޯޓުގެ އެހެން ފަނޑިޔާރަކާ ހަވާލުކުރުން؛
  24. އާންމުންނަށްދޭ ޚިދުމަތުގެ ފީ ނަގާނެ އުސޫލެއް ކަނޑައެޅުން؛
  25. މިނޫނަސް ގާނޫނުއަސާސީއާއި އެހެން ގާނޫނުތަކުން ހަވާލުކުރެވޭ އެންމެހައި ކަންކަން ކުރުން.

 

21-2 ވަނަ މާޢްދާ - ޖުޑީށަލް އެކެޑަމީ (އިތުރު ކުރެވިފައި)

(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހިނގަމުންއައި ޖުޑީށަލް އެކެޑަމީ އުވި، އެ އެކެޑަމީގެ އިދާރީ މުވައްޒަފުންނާއި، މަސައްކަތްތަކާއި، އެ އެކެޑަމީގެ ހުރިހާ ވަސީލަތްތަކާއި، އެންމެހައި މާލީ އަދި މަދަނީ ޒިންމާތަކާއި ހައްގުތައް، މި ގާނޫނުގެ ދަށުން އުފެދޭ ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް އެހިނދުން ފެށިގެން ބަދަލުވީއެވެ.

(ށ) ޖުޑީށަލް އެކެޑަމީގެ އެންމެ އިސް ފަރާތަކީ ޗީފް ޖުޑީށަލް އެޑްމިނިސްޓްރޭޓަރއެވެ.

(ނ) ޖުޑީށަލް އެކަޑަމީ ހިންގުމަށް ބޭނުންވާ އޮނިގަނޑު އެކުލަވާލައި އެންމެހައި ވަސީލަތްތައް ހޯދައި ޖުޑީށަލް އެކަޑަމީއަށް ބޭނުންވާ މުވައްޒަފުން ހަމަޖައްސާނީ ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުންނެވެ.

 

21-3 ވަނަ މާއްދާ - ޗީފް ޖުޑީށަލް އެޑްމިނިސްޓްރޭޓަރ އައްޔަންކުރުން (އިތުރު ކުރެވިފައި)

(ހ) ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަންގެ އިދާރީ އެންމެ އިސްފަރާތަކީ ޗީފް ޖުޑީށަލް އެޑްމިނިސްޓްރޭޓަރެވެ. ޗީފް ޖުޑީށަލް އެޑްމިނިސްޓްރޭޓަރ އައްޔަންކޮށް ވަކިކުރާނީ ޖުޑީށަލް ސަރވިސް ކޮމިށަނުންނެވެ.

(ށ) ޗީފް ޖުޑީށަލް އެޑްމިނިސްޓްރޭޓަރ ކަމަށް އައްޔަންކުރާ މީހެއްގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

  1. މުސްލިމަކު ކަމުގައިވުން؛
  2. ދިވެހި ރައްޔިތަކު ކަމުގައިވުން؛
  3. އިދާރީ ހިންގުމުގެ ނުވަތަ ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން؛
  4. އިދާރީ ހިންގުމުގެ ނުވަތަ ގާނޫނީ ދާއިރާއިން މަދުވެގެން 10 (ދިހައެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛
  5. ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން.

(ނ) ޗީފް ޖުޑީށަލް އެޑްމިނިސްޓްރޭޓަރަކަށް ހުންނަ މީހަކު އޭނާގެ މަގާމުގެ އިތުރުން ސަރުކާރުގެ އެހެން މަގާމެއް ނުވަތަ މުސާރަ ލިބޭ އެނޫންވެސް މަގާމެއް ފުރައިގެން ނުވާނެއެވެ. އަދި ވިޔަފާރިއެއް ހިންގުމުގައި އަމަލީގޮތުން ބައިވެރިވެ، އާމްދަނީއެއް ހޯދުމަށް މަސައްކަތެއްގައި ށާމިލުވެ އެހެން އެއްވެސް ފަރާތެއްގެ ވަޒީފާ އަދާކޮށްގެން ނުވާނެއެވެ. އަދި އޭނާއަށް މަގާމުގެ ހައިސިއްޔަތުން ލިބޭ މައުލޫމާތު އަމިއްލަ ފައިދާއަށް ނުވަތަ އެހެން މީހެއްގެ ފައިދާއަށް ވިޔަސް ބޭނުންކޮށްގެން ނުވާނެއެވެ.

 

22 ވަނަ މާއްދާ - ހުށަހެޅޭ ށަކުވާތައް ނުވަތަ ތުހުމަތުތައް ތަހްގީގްކުރުމުގެ އިހްތިޔާރު

(ހ) ފަނޑިޔާރަކާ ބެހޭގޮތުން ހުށަހެޅޭ ށަކުވާއަކާ ނުވަތަ ތުހުމަތަކާ ގުޅިގެން އެ ފަނޑިޔާރަކާ ސުވާލުކުރުމާއި، އެ މައްސަލަ ތަހްގީގުކުރުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ. (އިސްލާހު ކުރެވިފައި)

(ށ) ފަނޑިޔާރަކާ ބެހޭގޮތުން، ކުރެވޭ ށަކުވާއެއް ނުވަތަ ތުހުމަތެއް ކޮމިށަނަށް ހުށަނޭޅުނު ކަމުގައިވީނަމަވެސް، ވަކި ފަނޑިޔާރެއްގެ ސުލޫކާ ބެހޭގޮތުން ސުވާލު އުފެދޭފަދަ ސަބަބުތަކެއް ހުރިކަމަށް ކޮމިށަނަށް ގަބޫލުކުރެވޭނަމަ، އެފަދަ ފަނޑިޔާރެއްގެ މައްސަލަ ތަހްގީގުކުރުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ. (އިސްލާހު ކުރެވިފައި)

(ނ) ކޮމިށަނަށް ހުށަހެޅިފައިވާ ށަކުވާއަކީ މަގްބޫލު ސަބަބަކާހުރެ ކޮށްފައިވާ ށަކުވާއެއްކަމަށް ނުވަތަ ހުށަހަޅާފައިވާ މައްސަލައަކީ ށަކުވާއެއް ކުރެވިދާނެފަދަ މައްސަލައެއް ކަމުގައި ކޮމިށަނަށް ނުފެންނަނަމަ އެފަދަ މައްސަލައެއް ނުބެލުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ނ)  ގައިވާ ފަދައިން އެއްވެސް މައްސަލައެއް ނުބެލުމަށް ކޮމިށަނުން ނިންމައިފިނަމަ، އެ މައްސަލައެއް ނުބެލުމަށް ނިންމި ސަބަބު ބަޔާންކޮށް އެކަން ށަކުވާކުރި ފަރާތަށާއި މައްސަލަ ރައްދުވާ ފަރާތަށް  ކޮމިށަނުން ލިޔުމުން އަންގަންވާނެއެވެ.

 

22-1 ވަނަ މާއްދާ - މައްސަލަ ހުށަހެޅުން (އިތުރު ކުރެވިފައި)

(ހ) ޖުޑީށަލް ސަރވިސް ކޮމިށަނަށް ށަކުވާ ހުށަހަޅާނީ، އެކަމަށްޓަކައި ކޮމިށަނުން ތައްޔާރުކުރާ ފޯމުން، ނުވަތަ ސިޓީއަކުން، ނުވަތަ އީމެއިލް މެދުވެރިކޮށެވެ. މައްސަލަ ހުށަހަޅާ ފަރާތަކީ ކާކުކަން ނޭނގޭ ގޮތަށްވެސް މައްސަލަ ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މައްސަލަ ހުށަހެޅޭނެ އިތުރު ގޮތްތައް ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގަވާއިދުގައި ބަޔާންކުރެވިދާނެއެވެ. މައްސަލަ ހުށަހެޅުމާ ގުޅޭގޮތުން އަސާސެއްކަމަށް ބަލަންވާނީ މައްސަލަ ހުށަހަޅާ ފަރާތްތަކަށް ފަސޭހައިން މައްސަލަ ހުށަހެޅޭނެ އިންތިޒާމު ހަމަޖެހިފައި އޮތުމުގެ މައްޗަށެވެ.

(ނ) ޖުޑީށަލް ސަރވިސް ކޮމިށަނަށް މައްސަލައެއް ހުށަހެޅުމުން، އެ މައްސަލައަކީ   އެ ކޮމިށަނުން ބަލާނެ މައްސަލައެއްތޯ ކަނޑައެޅުމަށްޓަކައި، މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީއަށް އެ މައްސަލައެއް ފޮނުވަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީއަކީ ޖުޑީށަލް ސަރވިސް ކޮމިށަނުގެ މެންބަރުންގެ ތެރެއިން 3 (ތިނެއް) މެންބަރުންގެ މައްޗަށް އެކުލެވޭ ދާއިމީ ކޮމިޓީއެކެވެ. އެ ކޮމިޓީ އެކަށައަޅާނީ ޖުޑީށަލް ސަރވިސް ކޮމިށަނުންނެވެ.

(ބ) ކޮމިށަނަށް ހުށަހެޅޭ މައްސަލައެއް ބެލުމަށް މި މާއްދާގެ (ނ) ގައި ބަޔާންކުރާ ކޮމިޓީން ނިންމައިފިނަމަ އެ މައްސަލައެއް ޖުޑީށަލް ސަރވިސް ކޮމިށަނުން ބަލަންވާނެއެވެ. އަދި އެއްވެސް މައްސަލައަކީ ކޮމިށަނުން ބަލަންނުޖެހޭ މައްސަލައެއްކަމަށް އެ ކޮމިޓީން ނިންމައިފިނަމަ، އެ ނިންމުން ކޮމިށަނުން މުރާޖައާކޮށް އެ ނިންމުމާމެދު ގޮތެއް ނިންމަންވާނެއެވެ.

(ޅ) ކޮމިށަނަށް ހުށަހެޅޭ މައްސަލައެއް ހުށަހެޅޭ ތާރީހުން ފެށިގެން ރަސްމީ ބަންދުދުވަސްތައް ނުހިމަނައި، 14 (ސާދަ) ދުވަހުގެ ތެރޭގައި، މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީން، އެ މައްސަލައެއް ބެލުމާމެދު ނިންމި ނިންމުން ކޮމިށަނަށް ފޮނުވަންވާނެއެވެ. (އިސްލާހު ކުރެވިފައި)

(ކ) ކޮމިޓީން ކަމެއް ނިންމަންވާނީ މަދުވެގެން 2 މެންބަރުން ހާޒިރުވެ ތިބެގެންނެވެ. މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީގެ ކޯރަމް ހަމަނުވެގެން ނުވަތަ އެނޫންވެސް ސަބަބެއް މެދުވެރިވެގެން އެ ކޮމިޓީގެ ނިންމުންތައް ނުނިންމޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އަލުން އެ ކޮމިޓީގެ މަސައްކަތް ފެށެންދެން، އެ މަސައްކަތް ހިންގާނެ ވަގުތީ ކޮމިޓީއެއް ކޮމިށަނުން އެކުލަވާލަންވާނެއެވެ.

(އ) މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީގެ މެންބަރުން ބަދަލުކުރުމަށް ކޮމިށަނަށް ފެނިއްޖެނަމަ، އެ ކޮމިޓީ ބަދަލުކުރުމުގެ އިހްތިޔާރުވެސް ކޮމިށަނަށް ލިބިގެންވެއެވެ.

 

23 ވަނަ މާއްދާ - ތަހްގީގްކުރާ ކޮމިޓީ (އިސްލާހު ކުރެވިފައި)

(ހ) ކޮމިށަނަށް ހުށަހެޅޭ މައްސަލައެއް ބެލުމަށް މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީން ނުވަތަ ކޮމިށަނުން ނިންމައިފިނަމަ، އެ މައްސަލައެއް ތަހްގީގުކުރާނެ ވަގުތީ ކޮމިޓީއެއް ކޮމިށަނުން އެކަށައަޅަންވާނެއެވެ. ނުވަތަ އެ މައްސަލައަކީ މުޅި ކޮމިށަނުން ބަލަންޖެހޭ މައްސަލައެއްކަމަށް ކޮމިށަނަށް ފެނިއްޖެނަމަ، އެ މައްސަލައެއްގައި ތަހްގީގު ކޮމިޓީގެ ދައުރު އަދާކުރާނީ ކޮމިށަނުންނެވެ. މުޅި ކޮމިށަނުން ތަހްގީގުކުރާ މައްސަލަތައް ބެލުމުގައި ތަހްގީގުކުރާ ކޮމިޓީން މި ގާނޫނުގެ ދަށުން ހިންގަންޖެހޭ އެންމެހައި އިޖުރާއަތުތަކަށް އަމަލުކުރަންވާނެއެވެ.

(ށ) ތަހްގީގުކުރާ ކޮމިޓީއަށް ކޮމިށަނުގެ މެންބަރުން ނޫން މީހުން އައްޔަންކުރުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

(ނ) ތަހްގީގުކުރާ ކޮމިޓީގެ މެންބަރުންގެ ގޮތުގައި އައްޔަންކުރެވޭ، ކޮމިށަނުގެ މެންބަރުން ނޫން މީހުންނަކީ މި ގާނޫނުގެ 3 ވަނަ މާއްދާގެ 6 ވަނަ ނަންބަރުގެ ދަށުން އައްޔަންކުރެވޭ މެންބަރުގެ ކިބައިގައި ހުރުން ލާޒިމުކުރާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކެއް ކަމުގައި ވާންވާނެއެވެ.

(ރ) ތަހްގީގުކުރާ ކޮމިޓީގެ މެންބަރުންގެ އަދަދު އޮނަހިރި އަދަދަކަށް ވާންވާނެއެވެ.

(ބ) ތަހްގީގުކުރާ ކޮމިޓީގެ މެންބަރުންގެ ތެރެއިން މެންބަރަކު އެ ކޮމިޓީގެ ރިޔާސަތު ބަލަހައްޓާނެ ފަރާތުގެ ގޮތުގައި ކޮމިޓީން އައްޔަންކުރަންވާނެއެވެ.

 

24 ވަނަ މާއްދާ - މައްސަލަތައް ބެލުމުގައި އިންސާފުވެރިވުން (އިސްލާހު ކުރެވިފައި)

ކޮމިށަނުން ނުވަތަ ތަހްގީގުކުރާ ކޮމިޓީން މައްސަލަތައް ބަލަންވާނީ އިންސާފުވެރިކަމާއެކު، ކޯޓުތަކާއި ފަނޑިޔާރުންނާމެދު އޮންނަންޖެހޭ އިތުބާރު ގާއިމުކޮށް ދެމެހެއްޓުމުގެ އަސާސްގެ މައްޗަށެވެ. 

 

25 ވަނަ މާއްދާ - ކޮމިށަނުގެ ނުވަތަ ތަހްގީގްކުރާ ކޮމިޓީގެ ބާރުތައް (އިސްލާހު ކުރެވިފައި)

ކޮމިށަނުން ނުވަތަ މައްސަލަ ތަހްގީގުކުރާ ކޮމިޓީން މައްސަލަތައް ބަލައި، ތަހްގީގުކުރުމުގައި އަމަލުކުރާނީ މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

(ހ) ތަހްގީގުކުރާ ކޮމިޓީއަށް މައްސަލަ ލިބުމުން، އެ މައްސަލަ ރައްދުވާ ފަނޑިޔާރު ހާޒިރުކުރުމަށް ނިންމައިފިނަމަ އެ މައްސަލައިގެ ތަހްގީގަށް ހާޒިރުވުމުގެ އަމުރު މައްސަލަ ރައްދުވާ ފަނޑިޔާރަށް ފޮނުވަންވާނީ، އެ މައްސަލައިގައި ކުރެވޭ ތުހުމަތާއި، ތަހްގީގަށް ހާޒިރުވާންޖެހޭ ތާރީޚާއި ވަގުތު އެނގޭގޮތަށް މަދުވެގެން  12 (ބާރަ) ގަޑިއިރުގެ ވަގުތުލިބޭ ގޮތަށެވެ.

(ށ) މައްސަލައިގެ ތަހްގީގުގައި ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް މައްސަލަ ރައްދުވާ ފަނޑިޔާރު އެދޭނަމަ، ގާނޫނީ ވަކީލަކު އައްޔަންކުރުމަށް މަދުވެގެން 24 (ސައުވީސް) ގަޑިއިރުގެ ފުރުސަތު ދޭންވާނެއެވެ.

(ނ) ތަހްގީގު ކޮމިޓީން ބަލަމުންދާ މައްސަލައާ ގުޅިގެން މައްސަލަ ރައްދުވާ ފަނޑިޔާރުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައާއި، އެ މައްސަލައިގެ ތަފްޒީލު އެ މައްސަލަ ރައްދުވާ ފަނޑިޔާރަށް ދިނުމުން، ބަލަމުންދާ މައްސަލައާ ގުޅޭގޮތުން ތަހްގީގު ކޮމިޓީން ކުރާ ސުވާލުތަކަށް ފަނޑިޔާރު ޖަވާބުދޭންވާނެއެވެ.

(ރ) ތަހްގީގު ކޮމިޓީން ކުރެވޭ ސުވާލުތަކަށް ޖަވާބު ދިނުމަށް އިތުރު ވަގުތު ބޭނުންވާކަމަށް މައްސަލަ ރައްދުވާ ފަނޑިޔާރު އެދިއްޖެނަމަ، އެކަމުގެ ބާވަތަށް ބަލައި ޖަވާބުދާރީވުމަށް އެކަށީގެންވާ ވަގުތު ދިނުމުގެ އިހްތިޔާރު ތަހްގީގު ކޮމިޓީއަށް ލިބިގެންވެއެވެ.

(ބ) ތަހްގީގު ކޮމިޓީން ކުރާ ސުވާލުތަކަށް ޖަވާބުދިނުމުގައި މައްސަލަ ރައްދުވާފަރާތުން އައްޔަންކޮށްފައިވާ ގާނޫނީ ވަކީލާ މަޝްވަރާކުރެވިދާނެއެވެ.

(ޅ) ތަހްގީގު ކޮމިޓީގެ ފަރާތުން ހިންގާ ތަހްގީގުގައި ދިފާއުގައި ހެކި ހުށަހެޅުމުގެ ފުރުސަތު މައްސަލަ ރައްދުވާ ފަނޑިޔާރަށް ލިބިގެންވެއެވެ. މިގޮތުން ހުށަހަޅާ ހެއްކެއް ބަލައިނުގަތުމަށް ކޮމިޓީން ނިންމާނަމަ، އެ ނިންމުން ބިނާކުރި ސަބަބުތައް ކޮމިޓީގެ ރިޕޯޓުގައި ހިމަނަންވާނެއެވެ.

(ކ) މައްސަލަ ރައްދުވާ ފަނޑިޔާރު ހުށަހަޅާ ހެކިން ހާޒިރުކުރުމަށް ތަހްގީގު ކޮމިޓީން ނިންމާނަމަ، އެ ހެކިން ހާޒިރުކުރުމަށް އެކަށީގެންވާ ވަގުތު މައްސަލަ ރައްދުވާ ފަނޑިޔާރަށް ދޭންވާނެއެވެ.

(އ) މައްސަލަ ތަހްގީގުކުރުމަށްފަހު، އެ މައްސަލައަކާ ގުޅިގެން ތަހްގީގުކުރާ ކޮމިޓީން ތަހްގީގު ރިޕޯޓެއް އެކުލަވާލައި އެ ރިޕޯޓު މައްސަލަ ރައްދުވާ ފަނޑިޔާރަށް ޖަވާބުދާރީވުމަށްޓަކައި ފޮނުވަންވާނެއެވެ.

(ވ) ތަހްގީގު ރިޕޯޓު ލިބޭތާ، ރަސްމީ ބަންދުދުވަސްތައް ނުހިމަނައި، 7 (ހަތެއް) ދުވަހުގެ ތެރޭގައި، ރިޕޯޓާ ގުޅޭގޮތުން ތަހްގީގުކުރާ ކޮމިޓީއަށް ހުށަހަޅަން ބޭނުންވާ ކަންތައްތަކާއި، އެ މައްސަލަ ނިންމުމުގައި ކޮމިޓީން ރިއާޔަތްކޮށްދިނުން އެދޭ ކަންކަން ބަޔާންކޮށް ލިޔުމުން ކޮމިޓީއަށް ހުށަހެޅުމުގެ އިހްތިޔާރު މައްސަލަ ރައްދުވާ ފަނޑިޔާރަށް ލިބިގެންވެއެވެ. (އިސްލާހު ކުރެވިފައި)

(މ) މި މާއްދާގެ (ވ) ގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވާ ތާރީހުން ފެށިގެން ރަސްމީ ބަންދުދުވަސްތައް ނުހިމަނައި، 7 (ހަތެއް) ދުވަހުގެ ތެރޭގައި ތަހްގީގު ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކާ ގުޅިގެން މުޅި މައްސަލައާމެދު ޖުމްލަ ގޮތެއްގައި ވާހަކަ ދެއްކުމަށް އަޑުއެހުމެއް ބާއްވަންވާނެއެވެ.  (އިސްލާހު ކުރެވިފައި)

(ފ) މި މާއްދާގެ (މ) ގައި ބަޔާންކޮށްފައިވާ އަޑުއެހުން ބޭއްވުމުން، މައްސަލައިގެ އަޑުއެހުންތައް ނިމުނީއެވެ.

(ދ) މައްސަލަ ރައްދުވާ ފަނޑިޔާރަށް ތަހްގީގަށް ހާޒިރުވުމުގެ އަމުރު ލިބި، މަގުބޫލު ސަބަބެއް ނެތި ތަހްގީގަށް ހާޒިރުނުވެއްޖެނަމަ، ހުށަހެޅިފައިވާ ހެކިތަކުގެ މައްޗަށް ރިއާޔަތްކޮށް މައްސަލަ ރައްދުވާ ފަނޑިޔާރުގެ ގައިރު ހާޒިރުގައި  އެ މައްސަލައަކާމެދު ގޮތެއް ނިންމުމުގެ އިހްތިޔާރު ކޮމިޓީއަށް ލިބިގެންވެއެވެ.

(ތ) ހުށަހެޅިފައިވާ މައްސަލައިގެ ބާވަތަށް ބަލާއިރު، އެ މައްސަލަ ރައްދުވާ ފަނޑިޔާރު ވަގުތީ ގޮތުން ފަނޑިޔާރުކަމުގެ މަސައްކަތުން ދުރުކުރަންޖެހޭކަމަށް ކޮމިޓީއަށް ފެނިއްޖެނަމަ، އެކަން ކޮމިށަނަށް ހުށަހަޅައި، ކޮމިށަނުގެ ޖަލްސާއަކުން އެކަމާމެދު ގޮތެއް ނިންމަންވާނެއެވެ.

(ލ) މައްސަލަ ރައްދުވާ ފަނޑިޔާރު މަގާމުގެ މަސައްކަތުން ވަގުތީ ގޮތުން ދުރުކުރުމަށް ނިންމަންވާނީ އެ މައްސަލައިގެ ބާވަތަށާއި، ހުށަހެޅިފައިވާ ހެއްކަށާއި، އެ ފަނޑިޔާރު މަސައްކަތުގައި ދެމިހުރެއްޖެނަމަ މައްސަލަ ތަހްގީގުކުރުމަށް އެޅިދާނެ ހުރަހަކަށާއި، ށަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް،  60 (ފަސްދޮޅަސް) ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށެވެ.

(ގ) މައްސަލަ ރައްދުވާ ފަނޑިޔާރު މަގާމުގެ މަސައްކަތުން ވަގުތީ ގޮތުން ދުރުކުރުމަށް ތަހްގީގު ކޮމިޓީން ނިންމައި ކޮމިށަނަށް ހުށަހަޅަންވާނީ އެ މައްސަލަ ރައްދުވާ ފަނޑިޔާރަށް އެކަމާގުޅޭ ގޮތުން ޖަވާބުދާރީވުމަށް ފުރުސަތު ދިނުމަށްފަހުއެވެ.

(ޏ) ޖިނާއީ ކުށެއްގެ ތުހުމަތެއްގައި ފަނޑިޔާރަކު ހައްޔަރުކޮށްފިނަމަ، ނުވަތަ ބަންދުކޮށްފިނަމަ ނުވަތަ ތަހްގީގު އިދާރާއަކުން ފަނޑިޔާރެއްގެ މައްސަލަ ތަހްގީގުކުރަން ފަށައިފިކަން ޖުޑީށަލް ސަރވިސް ކޮމިށަނަށް އެ އިދާރާއަކުން އަންގައިފިނަމަ ނުވަތަ އެފަދަ މައްސަލައެއް ށަރީއަތަށް ހުށަހެޅިއްޖެނަމަ، ނުވަތަ އެފަދަކަމެއް ކުރިކަން ށަރީއަތަށް ސާބިތުވެއްޖެނަމަ، އެ ފަނޑިޔާރެއް މަގާމުގެ މަސައްކަތުން ވަގުތީގޮތުން ދުރުކުރުމާމެދު އަމަލުކުރާނެ ގޮތެއް 48 (ސާޅީސް އަށެއް) ގަޑިއިރު ތެރޭގައި ކޮމިށަނުން ނިންމަންވާނެއެވެ. މި މާއްދާގެ ދަށުން ފަނޑިޔާރަކާމެދު ފިޔަވަޅު އެޅުމުގެކުރިން ފަނޑިޔާރުގެ ބަހެއް ހޯދުން ކޮމިށަނަށް ލާޒިމެއްނޫނެވެ.

 

26 ވަނަ މާއްދާ - ތަހްގީގާއި ގުޅިގެން ނޯޓިސް ދިނުން (އިސްލާހު ކުރެވިފައި)

ކޮމިށަނުން ބަލަމުންގެންދާ މައްސަލައަކާ ގުޅިގެން ތަހްގީޤެއް ކުރާނަމަ މައްސަލަ ރައްދުވާ ފަނޑިޔާރަށް އަންނަނިވި މައުލޫމާތާއި ފުރުސަތުތައް ދޭންވާނެއެވެ.

(ހ) ހުށަހެޅިފައިވާ މައްސަލައިގެ ތަފްޒީލާއި، މައްސަލައިގެ އަޑުއެހުން ތާވަލްކޮށްފައިވާ ތާރީޚާއި، ގަޑިއާއި ތަން.

(ށ) މައްސަލައިގެ އަޑުއެހުމުގައި، ށަހްސީ ގޮތުން ނުވަތަ ގާނޫނީ ވަކީލެއްގެ އެހީގައި ދިފާއު ހުށަހެޅުމާއި، ހެކިންނާއި ސުވާލުކުރުން، އަދި ހެކިން ހުށަހެޅުމުގެ ފުރުސަތު.

 

27 ވަނަ މާއްދާ - ތަހްގީގާއި ގުޅިގެން ގާނޫނީ ވަކީލަކު އައްޔަންކުރުން

(ހ) އެއްވެސް ފަނޑިޔާރެއްގެ މައްސަލަ ބަލާ ތަހްގީގްކުރުމަށްޓަކައި، ތަހްގީގްކުރާ ކޮމިޓީއެއް އައްޔަންކޮށްފިނަމަ، އެ މައްސަލައިގައި އިސްވެ ހަރަކާތްތެރިވުމަށް ގާނޫނީ ވަކީލެއް އައްޔަންކުރުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އައްޔަންކުރާ ގާނޫނީ ވަކީލެއްގެ ދައުރަކީ މައްސަލަ ކުރިއަށް ގެންދިޔުމަށްޓަކައި ތަހްގީގްކުރާ ކޮމިޓީއަށް ބޭނުންވާ އެންމެހައި ކަންތައްތައް ހަޖައްސައިދިނުމެވެ. މީގެ ތެރޭގައި މައްސަލައިގައި އަމަލުކުރެވޭނެ ގާނޫނާއި ގަވާއިދާއި ބެހޭ ގޮތުން ލަފާދިނުމާއި، މައްސަލަ ކުރިއަށް ގެންދިޔުމުގައި ސާފުކުރަން ބޭނުންވާކަންތައްތައް ސާފުކުރުމަށްޓަކައި ހުށަހަޅަންޖެހޭ ސުވާލުތައް ހުށަހެޅުން ހިމެނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ގާނޫނީ ވަކީލު، އޭނާގެ މަސްއޫލިއްޔަތު އަދާކުރަންވާނީ ވަކި ފަރާތަކަށް ބުރަނުވެ އާންމު މަސްލަހަތު ރައްކާތެރިކުރެވޭނެ ގޮތަކަށެވެ.

 

(ރ) މި މާއްދާގެ (ހ) ގެ ދަށުން ކޮމިށަނުން އައްޔަންކުރާ ގާނޫނީ ވަކީލަކީ ބަލަމުންދާ މައްސަލައަކާ ނުވަތަ މައްސަލައަކާ ގުޅޭ ފަނޑިޔާރާ އެއްވެސް ގުޅުމެއް، ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުންވިއަސް ހުރި މީހެއް ކަމުގައި ވެގެންނުވާނެއެވެ.

 

28 ވަނަ މާއްދާ - މައްސަލައިގެ އަޑުއެހުން

މި ގާނޫނުގެ ދަށުން ކޮމިށަނުން ނުވަތަ ތަހްގީގްކުރާ ކޮމިޓީން ހިންގާ ތަހްގީގެއްގެ ނުވަތަ މައްސަލައިގެ އަޑުއެހުމުގެ ބައެއް ނުވަތަ މުޅި އަޑުއެހުން އާންމުންނަށް ހުޅުވާލައިގެން ހިންގުމަށް ކަނޑައެޅުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

 

29 ވަނަ މާއްދާ - ތަހްގީގްކުރާ ކޮމިޓީގެ ރިޕޯޓު

(ހ) ތަހްގީގު ކޮމިޓީން ފަނޑިޔާރަކާމެދު އަޅާނެ ފިޔަވަޅެއް ނިންމަންވާނީ ތަހްގީގު ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް ޖަވާބުދާރީވުމަށް މައްސަލަ ރައްދުވާ ފަނޑިޔާރަށް ފުރުސަތު ދިނުމަށްފަހުގައެވެ. (އިސްލާހު ކުރެވިފައި)

(ށ) މައްސަލަ ތަހްގީގުކުރުމަށްފަހު، މައްސަލަ ރައްދުވާ ފަނޑިޔާރާމެދު އަމަލުކުރަން ކޮމިޓީއަށް ފެންނަ ގޮތް ކަނޑައަޅައި ކޮމިޓީގެ ނިންމުމާމެދު ގޮތެއް ނިންމުމަށް ކޮމިޓީގެ ރިޕޯޓު ކޮމިށަނަށް ފޮނުވަންވާނެއެވެ. (އިސްލާހު ކުރެވިފައި)

(ނ) ތަހްގީގުކުރާ ކޮމިޓީގެ ރިޕޯޓުގައިވާ އެއްޗެއް ރަނގަޅަށް ދޭހަނުވާނަމަ، ނުވަތަ ރިޕޯޓު ފުރިހަމަ ނޫންކަމަށް ކޮމިށަނަށް ފެނިއްޖެނަމަ، އަދި ރިޕޯޓުގައިވާ ވަކި ކަމެއްގެ ތަފްޒީލު ނުވަތަ މައްސަލައިގައި އިތުރު ތަހްގީގަކަށް ބޭނުންވާކަމަށް ކޮމިށަނަށް ފެނިއްޖެނަމަ، ރިޕޯޓުގައި ބަޔާންކޮށްފައިވާ ވަކިކަމަކާ ބެހޭގޮތުން ނުވަތަ މުޅި މައްސަލައިގައި ސާފުކުރަން ބޭނުންވާ ކަންތައްތައް ސުވާލުތަކެއްގެ ސިފައިގައި ތަހްގީގުކުރާ ކޮމިޓީއަށް ހުށަހަޅައި، އެ މަސައްކަތްތައް ނިންމާނެ މުއްދަތެއް ކަނޑައަޅައި، މައްސަލަ ކުރިއަށް ގެންދިޔުމަށް އެންގިދާނެއެވެ. (އިސްލާހު ކުރެވިފައި)

(1-ނ) މި މާއްދާގެ (ށ) ގެ ދަށުން ތަހްގީގު ކޮމިޓީން ކޮމިށަނަށް ފޮނުވާ ރިޕޯޓު، ނުވަތަ މި މާއްދާގެ (ނ) ގައި ބަޔާންކުރާ ހާލަތަށް ރިއާޔަތްކޮށް ތަހްގީގުކޮމިޓީން އެކުލަވާލައި ކޮމިށަނަށް ފޮނުވާ ރިޕޯޓު، މައްސަލަ ރައްދުވާ ފަނޑިޔާރަށް ކޮމިށަނުން ފޮނުވަންވާނެއެވެ. (އިތުރު ކުރެވިފައި)

(2-ނ) ތަހްގީގު ކޮމިޓީގެ ރިޕޯޓާމެދު ކޮމިށަނުން ގޮތެއް ނިންމަންވާނީ މި ގާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ތަހްގީގު ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް ޖަވާބުދާރީވުމަށް މައްސަލަ ރައްދުވާ ފަނޑިޔާރަށް ފުރުސަތު ދިނުމަށްފަހުގައެވެ. (އިތުރު ކުރެވިފައި)       

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ރިޕޯޓު ކޮމިށަނުން ފާސްކުރުމުން އެ ރިޕޯޓު މައްސަލަ ރައްދުވާ ފަނޑިޔާރަށް ދޭންވާނެއެވެ. އަދި މައްސަލައަކީ އާންމުންނަށް ހުޅުވާލައިގެން ހިންގާފައިވާ މައްސަލައެއްނަމަ، އެ މައްސަލައިގެ ރިޕޯޓު އާންމުކުރަންވާނެއެވެ. (އިސްލާހު ކުރެވިފައި)

(ބ) (އުނި ކުރެވިފައި)

 

30 ވަނަ މާއްދާ - ކޮމިޓީން ތަހްގީގްކުރާ މައްސަލައިގެ ރިޕޯޓަށް ފަނޑިޔާރު ޖަވާބު ދިނުން

(ހ) ތަހްގީގުކުރެވުނު މައްސަލައިގެ ރިޕޯޓު ލިބޭތާ ބަންދުދުވަސް ހިމެނޭގޮތަށް ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި، ރިޕޯޓާ ގުޅޭގޮތުން ކޮމިށަނަށް ހުށަހަޅަން ބޭނުންވާ ކަންތައްތަކާއި، އެ މައްސަލަ ނިންމުމުގައި ކޮމިށަނުން ރިއާޔަތްކޮށްދިނުން އެދޭ ކަންކަން ބަޔާންކޮށް ލިޔުމުން ކޮމިށަނަށް ހުށަހެޅުމުގެ ފުރުސަތު މައްސަލަ ރައްދުވާ ފަނޑިޔާރަށް ލިބިގެންވެއެވެ. (އިސްލާހު ކުރެވިފައި)

(ށ) މައްސަލަ ރައްދުވާ ފަނޑިޔާރުގެ ބާރުގެ ދަށުގައިވާ ކަމަކާނުލައި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުހުލަތުގެ ތެރޭގައި އެގޮތަށް އަމަލުކުރެވެން ނެތްނަމަ އިތުރު މުހުލަތަކަށް އެދި ކޮމިށަނަށް ހުށަހެޅުމުގެ ފުރުސަތު މި މާއްދާގެ ދަށުން އެފަދަ ފަނޑިޔާރަކަށް ލިބިގެންވެއެވެ. (އިސްލާހު ކުރެވިފައި) 

(ނ) މި މާއްދާގެ (ށ) ގެ ދަށުން އިތުރު މުހުލަތަކަށް އެދި ފަނޑިޔާރަކު ކޮމިށަނަށް ހުށަހަޅައިފިނަމަ، ހުށަހަޅާފައިވާ ހުށަހެޅުމަށް ބަލައި، އެއީ މަގްބޫލު ސަބަބަކާހުރެ ހުށަހަޅާފައިވާ ހުށަހެޅުމެއްކަމަށް ކޮމިށަނަށް ފެނިއްޖެނަމަ އެފަދަ ފަނޑިޔާރަކަށް އިތުރު މުހުލަތު ދޭންވާނެއެވެ.

 

31 ވަނަ މާއްދާ - (އުނި ކުރެވިފައި)

 

32 ވަނަ މާއްދާ -  (އުނި ކުރެވިފައި)

 

32-1 ވަނަ މާއްދާ - ފަނޑިޔާރުންނާމެދު އެޅޭނެ ފިޔަވަޅުތައް (އިތުރު ކުރެވިފައި)

(ހ) ފަނޑިޔާރެއްގެ މައްޗަށް ކަނޑައެޅޭނީ އެ ފަނޑިޔާރަކު ކުރި އަމަލެއްގެ ކުޑަބޮޑު މިނަށް ބަލައި ތިރީގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކެވެ.

  1. ނަސޭހަތްދިނުން ނުވަތަ ތަހްގީގުކުރެވުނު މައްސަލައިގެ ބާވަތަށް ބަލައި އިތުރު ތަމްރީން ބޭނުންވާކަމަށް ކޮމިށަނަށް ފެންނަ ހާލަތްތަކުގައި ކޮމިށަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރަން އެންގުން؛ (އިސްލާހު ކުރެވިފައި)
  2. ހުރި މަގާމަށްވުރެ ދަރަޖަ ދަށްކުރުން؛
  3. މުސާރައާއި އިނާޔަތްތައް ލިބޭ ގޮތަށް ނުވަތަ ނުލިބޭ ގޮތަށް ވަޒީފާގެ މަސައްކަތަށް ނުކުތުން ގިނަވެގެން 3 (ތިނެއް) މަސްދުވަހަށް މަނާކުރުން؛
  4. ފަނޑިޔާރުކަމުން ވަކިކުރުމަށް ހުށަހެޅުން.

(ށ) ފަނޑިޔާރެއްގެ މައްޗަށް އެޅޭ ފިޔަވަޅެއްގެ ގޮތުން، އޭނާ މަސައްކަތްކުރާ ކޯޓާ އެއް ދަރަޖައެއްގެ އެހެން ކޯޓަކަށް ބަދަލުކޮށްގެން ނުވާނެއެވެ.

 

33 ވަނަ މާއްދާ - ކޮމިށަނުގެ ރިޕޯޓު

(ހ) މައްސަލަ ތަހްގީގްކުރުމަށްފަހު ކޮމިށަނުން ނިންމި ނިންމުމުގެ ރިޕޯޓު ތަހްގީގް މަރުހަލާގެ ރިކޯޑްތަކާއިއެކު، ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ހުށަހަޅަންވާނެއެވެ. އަދި މިރިޕޯޓުގެ ނަކަލެއް މައްސަލަ ރައްދުވާ ފަނޑިޔާރަށް ދޭންވާނެއެވެ.

(ށ) ރިޕޯޓުގައި އަންނަނިވި ބައިތައް ފުރިހަމަ ވާންވާނެއެވެ.

  1. މައްސަލައާއި ގުޅިގެން ކޮމިށަނަށް ލިބުނު މައްލޫމާތު،
  2. މައްސަލައަކީ ށަކުވާއަކާ ގުޅިގެން ބެލުނު މައްސަލައެއްނަމަ، ށަކުވާ ބިނާވެފައިވަނީ އެއްވެސް އަސާސެއްގެ މައްޗަށްކަން ނުވަތަ ނޫންކަން؛ އަދި
  3. މައްސަލައާއި ގުޅިގެން ފަނޑިޔާރާމެދު އަޅަންޖެހޭ ފިޔަވަޅާބެހޭ ގޮތުން ކޮމިށަނުން އެއްވެސް ލަފައެއް ހުށަހަޅަން ބޭނުންވާނަމަ އެކަން. މީގެތެރޭގައި ފަނޑިޔާރު ވަޒީފައިން ވަކިކުރުމާމެދު ކޮމިށަނުގެ ލަފާ ހިމެނެއެވެ.

(ނ)  (އުނި ކުރެވިފައި)

(ރ) ފަނޑިޔާރެއްގެ މައްސަލަ ތަހްގީގުކުރުމަށްފަހު ކޮމިށަނުން އެ މައްސަލައާމެދު ނިންމި ނިންމުން އެ ފަނޑިޔާރެއްގެ ފައިލްގައި ރެކޯޑްކުރަންވާނެއެވެ. އަދި ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުން އެ މައްސަލައާމެދު ގޮތެއް ނިންމާފައިވާނަމަ، އެ މައުލޫމާތުވެސް ފަނޑިޔާރުގެ ފައިލްގައި ރެކޯޑްކުރަންވާނެއެވެ. (އިތުރު ކުރެވިފައި)

 

33-1 މައްސަލަ ސާބިތުކުރުމުގައި ބެލޭނެ މިންގަނޑު (އިތުރު ކުރެވިފައި)

ފަނޑިޔާރަކާމެދު ހުށަހެޅޭ ށަކުވާއެއްގައި ހުށަހެޅިފައިވާ ހެއްކާއި ގަރީނާ ނުވަތަ ކޮމިށަނުން އެ މައްސަލައާ ގުޅިގެން ހޯދާ ހެއްކާއި ގަރީނާއަށް ބަލާއިރު އެކަމެއް ހިނގާކަމަށް ނުވަތަ ހިނގާފައިވާކަމަށް ބުއްދީގެ ހަމަތަކުން ބުރަވެވޭނަމަ، އެ ށަކުވާއެއް އެ ފަނޑިޔާރަކާ ދެކޮޅަށް ސާބިތުވާކަމަށް ކޮމިށަނުން ނިންމަންވާނެއެވެ.

 

33-2 ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލިސް (އިތުރު ކުރެވިފައި)

(ހ) ފަނޑިޔާރަކާގުޅޭ ށަކުވާއެއް ބަލައި، ޖުޑީށަލް ސަރވިސް ކޮމިށަނުން ނިންމާ ނިންމުންތަކުގެ ތެރެއިން، ފަނޑިޔާރަކު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމާ ނިންމުންތައް ފިޔަވައި، އެނޫން ނިންމުންތައް އިސްތިއުނާފުކުރުމަށްޓަކައި، ކޮމިށަނުން އެ ނިންމުމެއް ނިންމާތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށް ހުށަހެޅިދާނެއެވެ. ފަނޑިޔާރަކު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ކޮމިށަނުން ނިންމާ ނިންމުމެއް އެއްވެސް ގޮތަކުން އިސްތިއުނާފެއް ނުކުރެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އިސްތިއުނާފުކުރެވޭ މައްސަލަތައް ބެލުމަށްޓަކައި، 3 (ތިނެއް) ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހެއް، ކޮންމެ ޖުޑީށަލް އަހަރަކަށް ކަނޑައަޅައި އެކަން ޗީފް ޖުޑީށަލް އެޑްމިނިސްޓްރޭޓަރ އިއުލާންކުރަންވާނެއެވެ.

(ނ) ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުގެ އިދާރީ އެންމެހައި އިންތިޒާމުތައް ހަމަޖައްސާނީ، ޗީފް ޖުޑީށަލް އެޑްމިނިސްޓްރޭޓަރެވެ.

(ރ) ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުގައި ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު ފިޔަވައި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރަކާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރަކާއި، ސުޕީރިއަރ ކޯޓެއްގެ ފަނޑިޔާރަކު ހިމަނަންވާނެއެވެ. އަދި ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުގައި ޖުޑީށަލް ސަރވިސް ކޮމިށަނުގެ މެންބަރުންގެ ތެރޭގައި ހިމެނޭ ފަނޑިޔާރަކު ހިމަނައިގެން ނުވާނެއެވެ.

(ބ) ޖުޑީށަލް ސަރވިސް ކޮމިށަނުން ބަލަމުންދާ މައްސަލައެއް ކުރިއަށްގެންދިޔުމުގައި، ވަގުތީ ގޮތުން އެ ކޮމިށަނުން އަޅާ ފިޔަވަޅުތަކާއި ނިންމާ ނިންމުންތައް މުރާޖައާކޮށްދިނުމަށް އެދި އެ ކޮމިށަނަށް ހުށަހެޅުމުގެ ހައްގު ށަކުވާ ރައްދުވާ ފަނޑިޔާރަށް ލިބިގެންވެއެވެ. ނަމަވެސް ވަގުތީ ގޮތުން އެ ކޮމިށަނުން އަޅާ ފިޔަވަޅުތަކާއި ނިންމާ ނިންމުންތައް އެ ކޮމިށަނުން އެކަމެއްގައި ނިހާއީ ނިންމުމެއް ނިންމުމުގެ ކުރިން ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުގައި ނުވަތަ އެނޫންވެސް ގޮތަކުން އިސްތިއުނާފެއް ނުކުރެވޭނެއެވެ.

(ޅ) ޖުޑީށަލް ސަރވިސް ކޮމިށަނުން ނިންމާފައިވާ ނިހާއީ ނިންމުމެއް އިސްތިއުނާފުކުރުމުގެ ގޮތުން ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށް ހުށަހެޅުމުން، އެ މަޖިލީހުން އެކަމެއްގައި ނިންމާ ނިންމުމަކީ އެއަށް ތައުނުނުކުރެވޭނެ އެންމެ ފަހުގެ ނިންމުމެވެ. އަދި އެ ނިންމުން އެއްވެސް ކޯޓެއްގައި ނުވަތަ އެނޫންވެސް ގޮތަކުން އިސްތިއުނާފެއް ނުވަތަ މުރާޖައާއެއްވެސް ނުކުރެވޭނެއެވެ.

(ކ) ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުން ބަލާ އިސްތިއުނާފީ މައްސަލަތަކުގައި އަޅާ ކޮންމެ ފިޔަވަޅަކާއި ނިންމާ ކޮންމެ ނިންމުމެއް ނިންމަންވާނީ ދާއިމީ ހައްލެއް ލިބިގެންދާނެ އަސާސްގެ މަތިންކަމަށްވީހިނދު، އެ މަޖިލީހުން ބަލާ މައްސަލައެއްގައި ވަގުތީ ފިޔަވަޅެއް ނުވަތަ ނިންމުމެއް ނިންމައިގެނެއް ނުވާނެއެވެ.

(އ) ޖުޑީށަލް ސަރވިސް ކޮމިށަނުން ބަލާފައިވާ މައްސަލަ މައުޟޫއީ ގޮތުން އަލުން ބެލުމާއި އެ ކޮމިށަނުން އަޅާފައިވާ ފިޔަވަޅު އެނޫން ގޮތަކަށް ބަދަލުކުރުމުގެ ބާރެއް ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަކަށް ލިބިގެނެއްނުވެއެވެ.

(ވ) ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލިސް ކަނޑައެޅުމާއި، އެ މަޖިލީހަށް އިދާރީ ގޮތުން ހަމަޖައްސަންޖެހޭ އެންމެހައި ކަމެއް ހަމަޖެއްސުމުގެ ގޮތުން އެކުލަވާލަންޖެހޭ ގަވާއިދު، މި ގާނޫނަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން އެކުލަވާލައި ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

34 ވަނަ މާއްދާ - ކޮމިށަނުގެ ސެކްރެޓަރީ ޖެނެރަލް އަދި މުވައްޒަފުން އައްޔަންކުރުން

(ހ) ކޮމިށަނުގެ އިދާރީ ހިންގުމަށްޓަކައި ކޮމިށަނުން ސެކްރެޓަރީ ޖެނެރަލެއް އައްޔަންކުރަންވާނެއެވެ. އަދި ކޮމިށަނުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ކޮމިށަނުގެ އިދާރާ ހިންގާނީ ސެކްރެޓަރީ ޖެނެރަލެވެ.

(ށ) ކޮމިށަނަށް ބޭނުންވާ މުވައްޒަފުންނަށް ވަޒީފާދީ، މުވައްޒަފުން ވަޒީފާއިން ވަކިކުރާނީ ކޮމިށަނުންނެވެ.

 

35 ވަނަ މާއްދާ - މާލީ ކަންކަން

(ހ) ކޮމިށަނުގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމަށް ބޭނުންވާ ފައިސާ، ކޮންމެ އަހަރަކުވެސް، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓެއްގެ ދަށުން ދައުލަތުގެ މާލިއްޔާއިން، ކޮމިށަނަށް ދޫކުރަންވާނެއެވެ. މިކަމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ މަށްވަރާގެ މަތިން ކޮމިށަނުން ކޮމިށަނުގެ ބަޖެޓް އެކުލަވާލައި ދައުލަތުގެ ބަޖެޓާއެކު ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.

(ށ) އެއްވެސް ބަޔަކު ނުވަތަ ޖަމާއަތަކުން ނުވަތަ ބޭރު ގައުމެއްގެ ސަރުކާރުން ކޮމިށަނަށްދޭ މާލީ އެހީއެއް، ކޮމިށަނުގެ މަގްސަދުގެ ތެރޭގައިވާ ކަންކަން ކުރުމަށް މެނުވީ ބޭނުންކޮށްގެން ނުވާނެއެވެ.

(ނ) ކޮމިށަނުގެ އާމްދަނީއާއި ހަރަދާއި މިލްކިއްޔާތާއި، މާލީ ޒިންމާތަކާބެހޭ ހިސާބު، އޮޑިޓަރ ޖެނެރަލްގެ މަށްވަރާއާއެކު، އޮޑިޓަރ ޖެނެރަލް ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ލިޔެ ބަލަހައްޓައި އޮޑިޓްކުރުމަށްފަހު، އެކުލަވާލެވޭ މާލީ ބަޔާނެއް، މި ގާނޫނުގެ 36 ވަނަ މާއްދާގައި ބުނެފައިވާ އަހަރީ ރިޕޯޓާއެކު، ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ފޮނުވަންވާނެއެވެ.

 

36 ވަނަ މާއްދާ - އަހަރީ ރިޕޯޓު

(ހ) ކޮމިށަނުގެ ހަރަކާތްތަކުގެ މައްޗަށް އެކުލަވާލެވޭ އަހަރީ ރިޕޯޓެއް، ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށް ކޮމިށަނުން ފޮނުވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ)  ގައި ބަޔާންކޮށްފައިވާ އަހަރީ ރިޕޯޓުގައި، އެ ރިޕޯޓުގެ މުއްދަތުގައި ހިނގާދިޔަ، އަންނަނިވި ކަންކަން ހިމަންވާނެއެވެ.

  1. ކޮމިށަނުން ކޮށްފައިވާ މަސައްކަތްތަކުގެ މައްލޫމާތު؛
  2. ކޮމިށަނަށް ހުށަހެޅުނު މައްސަލަތައް؛
  3. ކޮމިށަނުން ނިންމި މައްސަލަތަކާއި، އެ މައްސަލަތައް ނިންމިގޮތް؛
  4. ކޮމިށަނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން ބަލަމުންގެންދާ މައްސަލަތައް؛
  5. ކޮމިށަނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން ނުނިމިވާ މައްސަލަތައް.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރިޕޯޓު ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށް ފޮނުވާތާ 14 (ސާދަ)  ދުވަހުގެ ތެރޭގައި، ކޮމިށަނުން އެ ރިޕޯޓު އާންމުކޮށް ށާއިއުކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ދިމާވާ ހާއްސަ ހާލަތެއްގައި، ކޮމިށަނަށް ފެނިއްޖެ ހިނދެއްގައި، އެ ހާލަތަކާ ގުޅޭ ހާއްސަ ރިޕޯޓެއް ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

 

37 ވަނަ މާއްދާ - ކޮމިށަން އެކުލަވައިލުން

ގާނޫނުއަސާސީގެދަށުން އިންތިހާބުކުރެވޭ ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ޖުޑީށަލް ސަރވިސް ކޮމިށަނެއް އުފައްދައި، ކޮމިށަނުގެ މެންބަރުންނާއި ރައީސާއި ނައިބުރައީސް   މި ގާނޫނުގައިވާ ގޮތުގެމަތިން އައްޔަންކޮށް ނިންމަންވާނެއެވެ.

 

38 ވަނަ މާއްދާ - އިންތިގާލީ މަރުހަލާގައި އައްޔަންކުރާ ޖުޑީށަލް ސަރވިސް ކޮމިށަން

(ހ) ގާނޫނުއަސާސީގެ 281 ވަނަ މާއްދާގައިވާ ގޮތުގެމަތިން އައްޔަންކުރާ ޖުޑީށަލް ސަރވިސް ކޮމިށަނަށް މި ގާނޫނުގެ ދަށުން އައްޔަންކުރާ ކޮމިށަނުގެ އެންމެހާ މަސްއޫލިއްޔަތުތަކާއި ބާރުތައް ލިބިގެންވެއެވެ. އަދި ގާނޫނުއަސާސީގެ 281 ވަނަ މާއްދާގައިވާ ގޮތުގެމަތިން އުފައްދާ ޖުޑީށަލް ސަރވިސް ކޮމިށަނުގެ މައްޗަށް މި ގާނޫނަށް އަމަލުކުރަންފަށާ ދުވަހުން ފެށިގެން، މި ގާނޫނުގެ 3 ވަނަ މާއްދާއާއި، 4 ވަނަ މާއްދާއާއި، 6 ވަނަ މާއްދާ ފިޔަވައި މި ގާނޫނުގެ އެހެން މާއްދާތައް ހިނގާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އުފައްދާ ޖުޑީށަލް ސަރވިސް ކޮމިށަން ދެމިއޮންނާނީ، މި ގާނޫނުގެ 37 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން، ޖުޑީށަލް ސަރވިސް ކޮމިށަނެއް އުފެއްދުމާ ހަމައަށެވެ.

(ނ) މި ގާނޫނުގެ 37 ވަނަ މާއްދާގެ ދަށުން ޖުޑީށަލް ސަރވިސް ކޮމިށަނެއް އުފެއްދުމުން، މި މާއްދާގެ (ހ) ގެ ދަށުން އުފައްދާ ޖުޑީށަލް ސަރވިސް ކޮމިށަނުން ކުރަމުންއައި އެންމެހައި މަސައްކަތްތައް އެ ކޮމިށަނަށް ބަދަލުވާނެއެވެ.

 

39 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަންފަށާ ތާރީހް

މި ގާނޫނަށް އަމަލުކުރަންފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

40 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން (އިސްލާހު1 / އިސްލާހު2 ކުރެވިފައި)

މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދާނީ، ޖުޑީށަލް ސަރވިސް ކޮމިށަނުންނެވެ.

 

40-1 ވަނަ މާއްދާ - އުވާލެވޭ ގާނޫނުތަކުގެ މާއްދާތައް (އިތުރު ކުރެވިފައި)

(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު (ގާނޫނު ނަންބަރު 13/2010) ) ގެ އަންނަނިވި މާއްދާތައް އުވުނީއެވެ.

  1. ބުނެވިދިޔަ ގާނޫނުގެ ތިރީގައި ނަކަލުކޮށްފައިވާ، 16 ވަނަ މާއްދާގެ (ޅ)
    16. (ޅ) މި މާއްދާގެ (ނ) އެހެންއޮތްނަމަވެސް، ޖުޑީށަލް ސަރވިސް ކޮމިށަނުން ދަށު ކޯޓަކަށް ފަނޑިޔާރަކު އައްޔަންކުރާނީ، ޖުޑީށަލް ކައުންސިލްގެ ލަފާގެމަތިން، އުއްތަމަފަނޑިޔާރު، އެކަމަށް، ޖުޑީށަލް ސަރވިސް ކޮމިށަނުގައި އެދުމުންނެވެ.

  2. ބުނެވިދިޔަ ގާނޫނުގެ ތިރީގައި ނަކަލުކޮށްފައިވާ، 38 ވަނަ މާއްދާގެ (ށ)
    38. (ށ) ޖުޑީށަލް ސަރވިސް ކޮމިށަނުގައި ތައުދީބީ ކޮމިޓީއެއް އޮންނަންވާނެއެވެ.
  3. ބުނެވިދިޔަ ގާނޫނުގެ ތިރީގައި ނަކަލުކޮށްފައިވާ، 39 ވަނަ މާއްދާ.
    39. ފަނޑިޔާރަކާމެދު އެޅޭނެ ތައުދީބީ ފިޔަވަޅުތައް
    ފަނޑިޔާރެއްގެ މައްޗަށް ކަނޑައެޅޭނީ އެ ފަނޑިޔާރަކު ކުރި އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި، ތިރީގައިވާ ތައުދީބީ ފިޔަވަޅުތަކެވެ.
    (ހ) ނަސޭހަތްދިނުން؛
    (ށ) އިންޒާރުކުރުން؛
    (ނ) ހުރި މަގާމަށްވުރެ ދަރަޖަ ދަށްކުރުން؛
    (ރ) ފަނޑިޔާރު މަސައްކަތްކުރާ ކޯޓާ އެއްދަރަޖައިގެ އެހެން ކޯޓަކަށް ބަދަލުކުރުން؛(ބ) ވަޒީފާއިން ވަކިކުރުމަށް ހުށަހެޅުން.

  4. ބުނެވިދިޔަ ގާނޫނުގެ ތިރީގައި ނަކަލުކޮށްފައިވާ، 40 ވަނަ މާއްދާ.
    40. ތައުދީބީ މައްސަލަ ބެލުން
    (ހ) ފަނޑިޔާރެއްގެ ތައުދީބީ މައްސަލަތައް ބަލައި، ގޮތެއް ކަނޑައަޅާނީ ޖުޑީށަލް ސަރވިސް ކޮމިށަނުގެ ރަސްމީ ޖަލްސާއެއްގައި ހާޒިރު  ވެތިބި މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. މިގޮތުން، ގޮތެއް ކަނޑައަޅާއިރު އެ މައްސަލައަކާބެހޭ ގޮތުން އެކަށީގެންވާ މިންވަރުގެ ތަހްގީޤެއްކުރެވިފައި އޮންނަންވާނެއެވެ.
    (ށ) މި މާއްދާގެ (ހ) ގައިވާފަދަ މައްސަލައެއް ހުށަހަޅަންވާނީ، ކުރެވިފައިވާ ތުހުމަތަކާއި އެ ތުހުމަތަށް ތާއީދު ދެނިވި ހެކިތަކާއެކު، އެކަމަށް ކަނޑައެޅިފައިވާ ފޯމަކުން ޖުޑީށަލް ސަރވިސް ކޮމިށަނަށެވެ.
    (ނ) މި މާއްދާގެ (ހ) ގައިވާފަދަ މައްސަލައެއް ޖުޑީށަލް ސަރވިސް ކޮމިށަނަށް ހުށަހެޅުމާއެކު، އެ ކޮމިށަނަށް ފެނިއްޖެނަމަ، އެ ކޮމިށަނަށް އެ ފަނޑިޔާރަކު ހާޒިރުވުމުގެ އަމުރު ނެރެންވާނެއެވެ.
    (ރ) ޖުޑީށަލް ސަރވިސް ކޮމިށަނަށް ހުށަހެޅޭ ފަނޑިޔާރެއްގެ މައްސަލައެއް ތަހްގީގުކުރާއިރު، އެ ފަނޑިޔާރަކު މައްސަލައިގައި ބުނާ އެއްޗެއް ހޯދުމަށް އަޑުއެހުމެއް ބޭއްވުމަށްފަހު، މައްސަލައިގެ ބާވަތަށާއި، ފަނޑިޔާރު މައްސަލައިގައި ބުނާ އެއްޗަކަށް ރިއާޔަތްކޮށް އެ ފަނޑިޔާރަކު ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އެންގުމުގެ އިހްތިޔާރު އެ ކޮމިށަނަށް ލިބިގެންވެއެވެ. މިގޮތަށް ފަނޑިޔާރަކު ހުންނަ ހުރުމުގައިވެސް އެ ފަނޑިޔާރެއްގެ މުސާރައާއި އިނާޔަތްތަކުން މަހްރޫމެއް ނުކުރެވޭނެއެވެ.
    (ބ) ކޮމިށަނަށް ފެނިއްޖެ ކޮންމެ ވަގުތެއްގައި މި މާއްދާގެ (ރ) ގައިވާ ނިންމުމާމެދު އަލުން ނަޒަރުކޮށް ވަޒީފާއަށް ނުކުތުން މަނާކޮށްފައިވާ ފަނޑިޔާރަކު އަނބުރާ ވަޒީފާއަށް ނެރެވިދާނެއެވެ.
    (ޅ) ފަނޑިޔާރެއްގެ މައްސަލައެއް ތަހްގީގުކުރަމުން ދަނިކޮށް، ނުވަތަ މައްސަލައިގައި ވަކިގޮތެއް ކަނޑައެޅުމުގެ ކުރިން އެ ފަނޑިޔާރަކު މަގާމުން އިސްތިއުފާދީފިނަމަ، ތައުދީބީ މައްސަލަ އެހިސާބުން ބާތިލުވާނެއެވެ. ނަމަވެސް މީގެ ސަބަބުން އެފަދަ މައްސަލައެއްގައި ހިމެނޭ ކަމަކުން އުފެދުނު މަދަނީ ނުވަތަ ޖިނާއީ ދައުވާއަކަށް އަސަރެއް ނުކުރާނެއެވެ.
    (ކ) ޖުޑީށަލް ސަރވިސް ކޮމިށަނަށް ހުށަހެޅިފައިވާ މައްސަލައަކާބެހޭ ގޮތުން ކޮމިށަނަށް ކުރުން ލާޒިމްކަމަށް ފެންނަ ކޮންމެ ތަހްގީޤެއް ކުރެވިދާނެއެވެ. މިގޮތުން ކުރާ ތަހްގީޤެއް ކުރުމަށް ކޮމިށަނުން ކަނޑައަޅާ ކޮމިޓީއަކާ ނުވަތަ މެންބަރަކާ ހަވާލުކުރެވިދާނެއެވެ.
    (އ) ޖުޑީށަލް ސަރވިސް ކޮމިށަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން، ކޮމިށަނަށް ނުވަތަ ތަހްގީގު ކޮމިޓީއަށް ނުވަތަ ތަހްގީގުކުރުމާ ހަވާލުކުރެވިފައިވާ މެންބަރަކަށް، ހެކިން ހާޒިރުކޮށް، އަޑުއެހުން ބޭއްވުންފަދަ ކަންތަކުގައި ކޯޓަކަށް ލިބިދޭ އެންމެހައި އިހްތިޔާރުތައް ލިބިގެންވެއެވެ.
    (ވ) ފަނޑިޔާރަކާމެދު އެއްވެސް ތައުދީބީ ފިޔަވަޅެއް އަޅައިފިނަމަ، އެކަން އެ ފަނޑިޔާރެއްގެ މައުލޫމާތު ފައިލުގައި ހިމަނަންވާނެއެވެ. އަދި އެފަދަ ލިޔުމެއްގެ ކޮޕީ އެ ފަނޑިޔާރަކަށް ލިބެންވާނެއެވެ.
    (މ) ފަނޑިޔާރަކު މަގާމުން ވަކިކޮށްފި ހިނދެއްގައި، އޭނާއަށް ލިބިގެންވާ ޕެންށަނުގެ ހައްގު ފިޔަވައި، އެނޫން އެހެން އިނާޔަތެއް ލިބުމުން މަހްރޫމުކުރެވިގެންވެއެވެ.

  5. ބުނެވިދިޔަ ގާނޫނުގެ ތިރީގައި ނަކަލުކޮށްފައިވާ، 46 ވަނަ މާއްދާ.
    46. ފަނޑިޔާރުންގެ އަދަދު ކަނޑައެޅުން
    ދަށު ކޯޓުތަކުގެ ތެރެއިން ކޯޓެއްގައި ފަނޑިޔާރުން ތިބޭނެ އަދަދު ގާނޫނަކުން ކަނޑައަޅާފައި ނުވާހާހިނދަކު، ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ އަދަދު ކަނޑައަޅާނީ ޖުޑީށަލް ކައުންސިލުން ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް ޖުޑީށަލް ސަރވިސް ކޮމިށަނުންނެވެ.

  6. ބުނެވިދިޔަ ގާނޫނުގެ ތިރީގައި ނަކަލުކޮށްފައިވާ، 49 ވަނަ މާއްދާ.
    49. ފަނޑިޔާރަކު އެހެން ކޯޓަކަށް ބަދަލުކުރުން
    ފަނޑިޔާރަކު މަސައްކަތްކުރަމުންއައި ކޯޓު އުވިގެންދާ މަރުހަލާ ފިޔަވައި، އެހެން ހާލަތްތަކުގައި، އެއްވެސް ފަނޑިޔާރަކު އޭނާ އައްޔަންކުރެވޭ ކޯޓު ނޫން އެހެން ކޯޓަކަށް ބަދަލުކުރަންވާނީ، ޖުޑީށަލް ކައުންސިލްގެ ހުށަހެޅުމަކަށެވެ. މިގޮތުން ފަނޑިޔާރަކު އެހެން ކޯޓަކަށް ބަދަލުކުރާނަމަ، ބަދަލުކުރެވޭނީ އެ ފަނޑިޔާރަކު މަސައްކަތްކުރަމުން އައި ކޯޓާ އެއްފަދަ، އެއް ދަރަޖައެއްގެ ކޯޓަކަށެވެ.

  7. ބުނެވިދިޔަ ގާނޫނުގެ ތިރީގައި ނަކަލުކޮށްފައިވާ، 52 ވަނަ މާއްދާ.
    52. އެހެން ކޯޓެއްގައި ވަގުތީ ގޮތުން ށަރީއަތްކުރަން ހަވާލުކުރުމާމެދު ގޮތެއް ކަނޑައެޅުން
    ވަގުތީ ގޮތުން އެހެން ކޯޓެއްގެ ށަރީއަތް ހިންގުން ފަނޑިޔާރަކާ ހަވާލުކުރުމާ ބެހޭގޮތުން ގޮތެއް ކަނޑައަޅާނީ، ޖުޑީށަލް ކައުންސިލްގެ ލަފާގެމަތިން، ޖުޑީށަލް ސަރވިސް ކޮމިށަނުންނެވެ.

  8. ބުނެވިދިޔަ ގާނޫނުގެ ތިރީގައި ނަކަލުކޮށްފައިވާ، 54 ވަނަ މާއްދާ.
    54. ފަނޑިޔާރަކު ކޯޓުން ބޭރުގެ ކަމަކަށް ދޫކުރުން
    (ހ) ށަރުއީ ދާއިރާގެ ނުވަތަ ގާނޫނީ ދާއިރާގެ ކަމަކަށް ފިޔަވައި، ކޯޓުން ބޭރު އެއްވެސް ކަމަކަށް، ފަނޑިޔާރަކު ދުލެއް ނުކުރެވޭނެއެވެ.
    (ށ) މި މާއްދާގެ (ހ) ގެ ދަށުން ހުއްދަކުރެވޭ ހާލަތެއްގައި، ފަނޑިޔާރަކު ދޫކުރެވޭނީ ޖުޑީށަލް ސަރވިސް ކޮމިށަނުގެ ހުއްދައަކާއެކު، އެ ކޮމިށަނުން ކަނޑައަޅާ މުއްދަތަކަށެވެ. އެ މުއްދަތު، އެއްވެސް ހާލަތެއްގައި، 6 (ހައެއް) މަސްދުވަހަށްވުރެ ދިގުވެގެން ނުވާނެއެވެ.

  9. ބުނެވިދިޔަ ގާނޫނުގެ ތިރީގައި ނަކަލުކޮށްފައިވާ، 55 ވަނަ މާއްދާ.
    55. ފަނޑިޔާރަކު ބޭރު ގައުމަކަށް ފޮނުވާފައި ހުރުން
    ޖުޑީށަލް ސަރވިސް ކޮމިށަނުގެ ހުއްދައަކާއެކު، ބޭރު ގައުމެއްގައި ނުވަތަ ބައިނަލްއަގްވާމީ މުއައްސަސާއެއްގައި މަސައްކަތްކުރުމަށް ފަނޑިޔާރަކު ފޮނުވިދާނެއެވެ. މިގޮތަށް ފަނޑިޔާރަކު ފޮނުވާފައި ބެހެއްޓޭނީ މެދުނުކެނޑި ގިނަވެގެން 2 (ދޭއް) އަހަރު ވަންދެނެވެ. މި މުއްދަތު ޖުޑީށަލް ސަރވިސް ކޮމިށަނަށް އިތުރުކޮށްދެވިދާނެއެވެ.

  10. ބުނެވިދިޔަ ގާނޫނުގެ ތިރީގައި ނަކަލުކޮށްފައިވާ، 67 ވަނަ މާއްދާ.
    67. ޗުއްޓީ ދޭ ފަރާތް
    (ހ) އެއް ފަނޑިޔާރަކަށްވުރެ ގިނަ ފަނޑިޔާރުން ތިބޭ ކޯޓެއްގައިނަމަ، އެ ކޯޓުގެ ފަނޑިޔާރުންގެ ޗުއްޓީގެ ކަންތައްތައް ހަމަޖައްސާނީ އެ ކޯޓުގެ އިސް ފަނޑިޔާރެވެ. އަދި ކޯޓެއްގެ އިސް ފަނޑިޔާރުގެ ޗުއްޓީގެ ކަންތައްތައް ހަމަޖައްސާނީ އުއްތަމަފަނޑިޔާރެވެ. އެއް ފަނޑިޔާރަކު ހުންނަ ކޯޓެއްނަމަ، އެ ފަނޑިޔާރުގެ ޗުއްޓީގެ ކަންތައްތައް ހަމަޖައްސާނީ އެ ދާއިރާގެ އިސް ފަނޑިޔާރު ނުވަތަ އިސް ފަނޑިޔާރުގެ މަސްއޫލިއްޔަތު އަދާކުރާ ފަނޑިޔާރެވެ.
    (ށ) މި މާއްދާގެ (ހ) ގައި މިހެން އޮތްނަމަވެސް،  މި ގާނޫނުގެ 66 ވަނަ މާއްދާގައި ބުނެފައިވާ ޒިއްޙީ ސަބަބަށްޓަކައި ދޭ ދިގު މުއްދަތުގެ  ޗުއްޓީއާ ބެހޭގޮތުން ގޮތެއް ކަނޑައަޅާނީ ޖުޑީށަލް ކައުންސިލްގެ ލަފާގެމަތިން އެ ކޯޓެއްގެ އިސް ފަނޑިޔާރެވެ.

(ށ) މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު (ގާނޫނު ނަންބަރު 22/2010) ގެ އަންނަނިވި މާއްދާތައް އުވުނީއެވެ.

  1. ބުނެވިދިޔަ ގާނޫނުގެ ތިރީގައި ނަކަލުކޮށްފައިވާ، 23 ވަނަ މާއްދާގެ (ށ)
    23. (ށ) ސުޕްރީމްކޯޓުގެ ރަޖިސްޓްރާރ އައްޔަންކުރާނީ ސުޕްރީމްކޯޓުގެ އެހެން ފަނޑިޔާރުންގެ މަޝްވަރާއާއެކު އުއްތަމަފަނޑިޔާރެވެ.

  2. ބުނެވިދިޔަ ގާނޫނުގެ ތިރީގައި ނަކަލުކޮށްފައިވާ، 49 ވަނަ މާއްދާގެ (ށ)
    49. (ށ) ހައިކޯޓުގެ ރަޖިސްޓްރާރ އައްޔަންކުރާނީ ހައިކޯޓުގެ ފަނޑިޔާރުންގެ ލަފާގެމަތިން ހައިކޯޓުގެ އިސް ފަނޑިޔާރެވެ.

  3. ބުނެވިދިޔަ ގާނޫނުގެ ތިރީގައި ނަކަލުކޮށްފައިވާ، 59 ވަނަ މާއްދާގެ (ށ)
    59. (ށ) ސުޕީރިއަރ ކޯޓުތަކުގެ ރަޖިސްޓްރާރ އައްޔަންކުރާނީ އެ ކޯޓެއްގެ ގާޟީންގެ ލަފަޔާއެކު އެ ކޯޓުގެ އިސް ގާޟީއެވެ.

  4. ބުނެވިދިޔަ ގާނޫނުގެ ތިރީގައި ނަކަލުކޮށްފައިވާ، 93 ވަނަ މާއްދާ
    39. ކޯޓުތަކުގެ އިދާރީ މުވައްޒަފުން
    ކޯޓުތަކުގެ ރަޖިސްޓްރާރއިން ފިޔަވައި ކޯޓުތަކާއި، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަންގެ އެންމެހައި މުވައްޒަފުންނަށް ވަޒީފާދީ، ވަޒީފާއިން ވަކިކޮށް، މަގާމުގެ ކުރިއެރުންދީ މުވައްޒަފުންނާބެހޭ އެންމެހައި ކަންކަން މި ގާނޫނުގައިވާ ގޮތުގެމަތިން ބަލަހައްޓާނީ ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުންނެވެ.

 

41 ވަނަ މާއްދާ – މާނަކުރުން (އިސްލާހު ކުރެވިފައި)

(ހ) މި ގާނޫނުގައި އެހެންގޮތަކަށް ބުނެފައި ނުވާހާހިނދަކު؛

"އޮޑިޓަރ ޖެނެރަލް" ކަމަށް ބުނެފައި އެވަނީ، އޮޑިޓް ގާނޫނު (ގާނޫނު ނަންބަރު 2007-04) ގެ ދަށުން އިސްކޮށްފައިވާ އޮޑިޓަރ ޖެނެރަލަށެވެ.

"ކޮމިށަން" ކަމަށް ބުނެފައި އެވަނީ، ޖުޑީށަލް ސަރވިސް ކޮމިށަނަށެވެ.

(ށ) މި ގާނޫނުގައި އެހެންގޮތަކަށް ބުނެފައި ނުވާހާހިނދަކު، މި ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުތައް ގުނާނީ ބަންދުދުވަސްތައް ހިމެނޭ ގޮތަށެވެ.

 

މައި ގާނޫނު

ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު (ގާނޫނު ނަންބަރު 2008-10)

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދާއި އުސޫލު

  1. ޖުޑީށަލް ސަރވިސް ކޮމިށަނުގެ ވަޒީފާތަކަށް މީހުން ހޯދުމާއި، ވަޒީފާ ދިނުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު (އުސޫލު – 23 ފެބްރުއަރީ 2021)
  2. ޖުޑީށަލް އެކެޑަމީގެ އެޑްވައިޒަރީ ބޯޑުގެ ގަވާއިދު (ގަވާއިދު ނަންބަރު 2/2021)
  3. ފަނޑިޔާރުން އަމިއްލައަށް އެދިގެން މަސައްކަތް ކުރަމުންއައި ކޯޓާ އެއް ދަރަޖައެއްގެ އެހެން ކޯޓަކަށް ބަދަލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 117/2020)
  4. ކޯޓުތަކަށް އިސް ފަނޑިޔާރުން އައްޔަނު ކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 84/2020)
  5. ދާއިމީ ފަނޑިޔާރުން ހަމަޖެހިފައިނުވާ ކޯޓުތަކުގެ ހިންގުން ހަވާލުކުރުމުގައްޔާއި، ކޯޓު ހިންގުމާ ހަވާލުވެހުންނަ ފަނޑިޔާރު ޗުއްޓީއަށް ދާނަމަ އެ ކޯޓުގެ ހިންގުން އެހެން ފަނޑިޔާރަކާ ހަވާލުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު (އުސޫލު – 28 އޮކްޓޫބަރު 2019)
  6. ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 1069/2019)
  7. ފަނޑިޔާރުންގެ ހާޒިރީއާއި ޗުއްޓީ ހަމަޖެއްސުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު (އުސޫލު - 13 އޮކްޓޫބަރު 2019)
  8. ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުގެ ގަވާއިދު (ގަވާއިދު ނަންބަރު 1061/2019)
  9. ޖުޑިށަލް ސަރވިސް ކޮމިށަނަށް، ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިހާބުކުރާ ފަނޑިޔާރަކު ހޮވުމަށް ބާއްވާ އިންތިހާބުގެ އުސޫލު (23 ޖުލައި 2019)
  10. ޖުޑިށަލް ސަރވިސް ކޮމިށަނުގެ ގާނޫނީ ވަކީލަކު ހޮވުމަށް ބާއްވާ އިންތިހާބުގެ އުސޫލު (އުސޫލު - 8 ޖުލައި 2019)
  11. ޖުޑީށަލް ސަރވިސް ކޮމިށަނުގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމަށް މީހަކު އައްޔަން ކުރުމުގައި ޢަމަލުކުރާނެ އުސޫލު (އުސޫލު - 8 ޖުލައި 2019)
  12. މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 1030/2019)
  13. ސުޕީރިއަރ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 1009/2019)
  14. ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރާއި ގާބިލިއްޔަތު ވަޒަންކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 15/2014)
  15. ޖުޑިށަލް ސަރވިސް ކޮމިށަނުގެ ހިންގާ ގަވާއިދު - 2011

ކިޔުންތެރިންގެ ހިޔާލު